ވީރާނާ (9 ވަނަ ބައި)
“މަންޖެ ކޮންތާކަށް ގޮއްސަ ތިޔަ އައީ؟.. މިހާރު ބޮޑު ނުވަނީސް ފިޔަފެޅީތަ މަށަށް ވަގަށް ތަންތަނަށް ދާން” އެހެންދުވަސްދުވަހާ ހިލާފަށް މިއަދު އަލީނާ ގެއަށް ދިޔައިރު ޝެހެނާ އުޅެނީ ހޭލައެވެ. އަލީނާ ގެއަށް ވަނުމާއެކު ކުޑަކުޑަ ރިފުޝާން ނުނިދައިގެން ސިޓިން ރޫމު ސޯފާގާއި ދެކޮޅަށް ހިނގަމުން ދިޔަ ޝެހެނާގެ ރަންއަނޑުން އަލީނާ އާ ދިމާއަށް ޕައްރާސް ޖަހާގަތްއިރު އަލީނާގެ ލޮލުން ބިރުވެރިކަމާއި ސިހުން ފެންނަންހުއްޓެވެ. އަލީނާ އޭނާގެ މަންމައަށް ދޭނެ ޖަވާބެއްވެސް ނޭނގި ޝެހެނާއާ ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އެ ކުޑަމޫނުކޮޅުގައި އިން ބޮޑުދެލޯ ކުރިއަށްވުރެ ބޮޑުހެންވެސް ހީވެއެވެ.
“އޭ.. މަމި ވާހަކަ ދައްކަނީ މިތާހުރި ހަތަރު ފަރާތުގެ ބިތަކާއެއް ނޫނޭ..މަންޖާއޭ.. ކޮންތާކުންހޭ ތި އައީ؟” އަލީނާ ޖަވާބެއް ނުދީ ހުރުމުން ޝެހެނާގެ ރުޅިގަނޑަށް ޕެޓްރޯލްއެޅިކަހަލައެވެ. އަދި ރިފްޝާން އުރައިގެން ހުރި އަތް ނޫން އަނެއްއަތުން އަލީނާގެ ބޮލުގައި ލުއްކެއް ޖަހާފިއެވެ. އަލީނާއަށް ރޯންފެށުނެވެ. އަދި މަންމަގެ އިތުރުހަމަލާއެއް އަންނަންވާއިރަށް ބިރުން، އަވަސްއަވަހަށް ތުއްތު ތުއްތު އަޑަކުން ތިމަންނަމިއައީ ފޫހިފިލުވާލަން އަތިރިމައްޗަށް ގޮސްފަކަމަށް ބުނެލާފިއެވެ.
“ފޫހިފިލުވަންށޭ.. ފޫހިވާން މަންޖެ ކުރާނެ ކަންތައްތައް ނެތީތަ؟؟ ފޫހިވަންޏާ މަށަށް ކަމެއް ކޮށްލައިދޭން ގޭގަ ހުރިމާ ނިމުނީނު.. ހަނދާންކުރާތި މީގެފަހުން މިގަޑީގައި އެކަނި އަތިރިމައްޗަށް ގޮސްގެން ނުވާނެ.” ޝެހެނާ އަލީނާއަށް އިންޒާރު ދިނުމަށްފަހު، ސިޓިން ރޫމު އެއްކަނެއްގައި ބަހައްޓާފައި ހުރި އިލޮށިފައްޗެއް ނަގައި، އަލީނާގެ ފައިދޮށަށް ހޫރާލިއެވެ. އަލީނާގެ ޅަ ސިކުނޑިއަށް އޭނާގެ މަންމަ އެބުނީ ކީކޭކަން އިނގުނެވެ. އަދި ރޮބަޓެއްހެން އަވަސްއަވަހަށް ފައިދޮށުގައި އޮތް އިލޮށިފަތި ނަގައިގެން ގޮސް ބޭރު ޖޭމު ގަސްދޮށްކުނިކަހަން ފެށިއެވެ. އަލީނާގެ އުމުރުން މިވީ އެންމެ ފަސްއަހަރު ނަމަވެސް ޝެހެނާ އަލީނާ ލައްވާ ވަރަށް ބޮޑެތި މަސައްކަތް ކުރަން ޖައްސައެވެ. ބައެއް ދުވަސްވަހު ދެތިން ހަތަރު ތެލި ބަރިޖަހައިގެން އުފުލާލައިގެން ދާއިރު އެފަކީރަށް ބަރުވެގެން ކުނިބަތްތަކާ އެއްކޮށް ތެލިތައް މަގުމައްޗަށް ބަންޑުންވެސް ވެފައި ވެއެވެ. މިކަހަލަ މަންޒަރުތައް ފެންނަ އެ ރަށު މީހުން ޝެހެނާއަށް ވަރަށް ފާޑުކިޔާ ހަދައެވެ. ނަމަވެސް ޝެހެނާގެ ކަންފަތާހިސާބަށް މީހަކު އެއްޗެކޭ ބުނާ އަޑުއިވޭއިރަށް “މަގޭ ދަރިން ގެންގުޅޭ ގޮތް އިނގޭނީ މަށަށޭ” ކިޔާ އެ މީހަކު ކުޑަކޮށްލައެވެ. މިހާރު މިހަބަރު ކަމަނަގެ ކަންފަތާ ހިސާބަށްވެސް ވަނީ ފޯރާފައެވެ.
ދުވަހަކީ އިރުވައި މޫސުމުގެ ހޫނު ގަދަ ދުވަހަކުން ދުވަހެކެވެ. ގޯތިތެރޭގައި ހުރި ޖޭމު ގަސްދޮށުގައި އެލުވާފައި ހުރި ޖޯއްޔެއްގައި ޝެހެނާ ރިފްޝާން އުނގައްލައިގެން އިން އިރު އޭނައަށް ވިސްނެމުންދަނީ އޭނާގެ ވީރާނާވެފައިވާ ހަޔާތާމެދުގައެވެ. މުޅި ރަށުގައިވެސް އޭނާއަށް ހެޔޮހިތުން އަގައިންބުނެލާނެ މީހަކުވެސް މިހާރު ނެތް ކަހަލައެވެ. އޭނާއާމެދު ކިރިޔާވެސް ހަމްދަރުދީވާ މީހަކަށް ހުރި މީހާ، އަނީސާ ވެސް ޝެހެނާގެ މައްސަލައިގާ ރާހިލްއާ ދެކޮޅަށް އެއްޗެހިކިޔުމުން ރާހިލްވަނީ އަނީސާ އާ ރަހިމުގެ ގުޅުން ކަނޑާލާފައެވެ. އެހެންކަމުން އަނީސާވެސް މިހާރު އެގެއަކަށް ނާދެއެވެ. ޝެހެނާ މުޅިން އެކަނިވެރިވެއްޖެއެވެ. އޭނާ ދަރިންކޮޅު ގޮވައިގެން މި ބޮޑު ޖަލެއްފަދަ ގޭގައި އެކަނިމާއެކަނި އުޅެމުން އެދާ ހާލު، އެ ރަށު މީހުންނަށް އެނގޭނަމަ އޭނާއޭ ކިޔައިގެން ރަށުތެރޭގައި ފާޑުފާޑުގެ ވާހަކަ ނުދައްކާނެކަން ގައިމެވެ. އެމީހެއްގެ ހާލު އިނގޭނީ އެމީހެއްގެ ފައިވާނަށް އަރާ ހިނގާލީމައޭ އެ ބުނަނީ އެހެންވެގެންތާއެވެ. މީގެ އަހަރުތަކެއްގެ ކުރީގެ ޝެހެނާއާ މިހާރުގެ ޝެހެނާއާ ހާސްބައި ތަފާތެވެ. ކީއްވެގެންބާއެވެ.؟ އެކަމާ ވިސްނާލާ އޭނާއާމެދު ހަމްދަރުދީވާނެ މީހަކު މި ދުނިޔޭގައި އެބައުޅޭބާއެވެ. ޝެހެނާ ހަގީގަތުގައި އޭނާގެ ހުރިހާ ދަރިންދެކެވެސް ލޯބިވެއެވެ. ނަމަވެސް އޭނާއަށް ލޯބި މާނަކުރާކަށް މިހާރަކު ނޭނގެއެވެ. ކެހިވެރިކަމުގައާއި އަނިޔާވެރިކަމުގެ ހިޔަލުގައި އުޅެމުން އަންނަތާ ތިން އަހަރަށްވުރެ ގިނަދުވަސްވީއިރު އޭނާގެ ނިކަމެތިކަން އޭނާއަށް އިޙްސާސްކުރެވިފައިވަނީ މާ ބޮޑަށެވެ. ހަގީގަތުގައި އަންހެނުންނަކީ ހާދަ ނިކަމެތި ބައެކެވެ. ފިރިހެންވެރިންނަށް އަންހެނުންގެ ބޭނުން ހިފުނީމާ ހަދާލާ ގޮތް ޝެހެނާގެ ދިރިއުޅުމުން ޝެހެނާއަށް މިވަނީ ފެނިފައެވެ. އެންމެ ފުރަތަމަ ރާޝިދުވެސް އޭނާއަށް ކެހިދިނީއެވެ. ދެން ރާހިލްއެވެ. މިހެން ކަންތައްތައް ވީއިރު އޭނާ ކޮންމެހެން މާ މާތްވެގެން އުޅުމުގެ ބޭނުމެއް ނެތްތާއެވެ. ޝެހެނާގެ ހިޔާލީފޮލާ އެކި ދިމަދިމާއަށް ދަތުރުކުރަމުންދާއިރު އޭނާގެ މޫނު މައްޗަށް އެކިކުލަކުލަ ވެރިވެގެންދާތަން ފެނެއެވެ.
އިނގުރައިދޫ ބޮޑު މަގު އުތުރުފަރާތު އަތިރިމަތީގެ ހޭޅުފަށުގައި ހެދިފައިހުރި ބޯށި ގަސްތަކެއްގެ ދަށުގައި އުޑުފައިން އިށީނދެލައިގެން އަލީނާ އިންއިރު އޭނާ ކުރިމަތީގައި، ދެލިން ފޫކަޅުވެފައި އޮތް ތެއްޔެއް ބަންޑުން ޖަހާލާފައި އޮތެވެ. އަދި ތެތްވެލި ގެނެސްގެން އެ ތެލީގެ ފޫ ހުދުކުރުމުގައި އަވަދި ނެތި އޭނާ އެޅެމުން ދިޔައެވެ. އަލީނާ ކިތަންމެ ކުޑަޔަސް ކަންކަން ވިސްނެއެވެ. އަލީނާގެ ކުރިމަތީގައި އޭނާގެ މަންމަ އުޅޭ ނިކަމެތި ހާލު ފެންނާތީ އޭނާ އެއްވެސް ޝަކުވާއެއް ނުކޮށް އޭނާގެ މަންމަ ބުނި ކޮންމެ ކަމެއް ކޮށްދެނީ، މަންމައަށް އެހީވެދޭނެ އެހެން މީހަކު ނެތްކަން އިނގޭތީއެވެ. އަލީނާ ތެލި ދޮންނަން އިންއިރު އެ ލޮލުން ކަރުނަ ފައިބަމުން ދެއެވެ. ކަރުނަތަކުގެ ތެރެއިން އޭނާއަށް ސިފަވަމުން ދަނީ އެކިދުވަހުގެ މަތިން ރާހިލް އޭނާގެ މަންމައަށް އަނިޔާ ކުރަމުންދާ މަންޒަރުތަކެވެ. އެއްދުވަހެއްގެ ހެނދުނުގަޑީގައި ރިފޫ ކޮއްކޮ ރޯއަޑަށް، ރާހިލްއަށް ނުނިދިގެން ރުޅިއައައިސް ކުނިކަހާ ފިހިގަނޑު މަންމައާ ދިމާއަށް ހުރާލައެވެ. އެހެންދުވަހެއްގައި ރާހިލް އަންނަގޮތަށް އައިސް މަންމަގެ އުނަގަނޑުގައި ގޮށްމުށުން ތަޅަމުންދާތަން ބަލަން ކެތްނުވެގެން އަލީނާ ރާހިލްގެ ކައިރިއަށްގޮސް މަންމައަށް ތިޔަހެން ނުހެދުމަށް އާދޭސްކޮށް ރޯންފެށުމުން ރާހިލް އަލީނާއާ ދިމާއަށް އަތްމަޅާއިގެން އަލީނާ ފަހާދުއްވާގަނެއެވެ. ބައެއް ދުވަސްދުވަހު ރާހިލް ޝެހެނާދެކެ އަންނަ ރުޅި އަލީނާ އަށް ބޭލުމުގެގޮތުން އަލީނާ ރޮއިރޮއި ހުއްޓާ އުރާލައިގެން ގިފިއްޔަށް ގޮސް ވަޅަށްލައެވެ. އަލީނާއަށް ލޯމަރާލެވުނެވެ. ދެން އިތުރަށް އެއްވެސް މަންޒަރެއް ބަލަން ބޭނުން ނުވާފަދައެވެ. މިހުރިހާ މަންޒަރެއް އެ ކުޑަކުޑަ ހިތުގައި ބިންވަޅުނެގި، އިއްޔެ މެންދުރުވީކަމެއްހެން މުޅި އުމުރަށް އެ ޅަ ސިކުނޑީގައި ހަރުލާފައި ހުންނާނެކަން ޔަގީނެވެ.
އެއްދުވަހެއްގެ ހަވީރެވެ. ރިފުޝާން ނިދާފައި އޮތްގަޑިއެއްކަމުން އަލީނާ ކައިރީ ކޮއްކޮ ބަލާލެދޭށޭ ކިޔާފައި ޝެހެނާ އެއްޗެއް ގަންނަންވެގެން ފިހާރައަށް ދިޔުމަށް ގެއިން ނިކުތެވެ. ރެޔާންވެސް ޝެހެނާގެ ފަހަތުން ދާން ރޯވަރުން ޝެހެނާ ދިޔައީ ރެޔާން ގޮވައިގެންނެވެ. ރާހިލް އޭރު އިނީ ކާގޭގައި ސައި ބޯށެވެ. ޝެހެނާ ދިޔުމާއެކު އަލީނާ އޭނާގެ ކޮއްކޮ ނިދާފައި އޮތް ކޮޓަރި ދޮރު ކުޑަކޮށް ހުޅުވާލުމަށްފަހު، ބޭރު ސިޓިން ރޫމުގައި ހުރި ސަރަންފީތަކުން ސަރަންފީއެއްގައި ޖައްސާލިއެވެ. ކާގޭގެ ލުއްވަގަނޑުގެ ތެރެއިން ރާހިލްއަށް ސިޓިން ރޫމުގައި އިން އަލީނާ ފެނުމުން އައި މޮޅު ހިޔާލަކުން، ވަގުވަގަށް ތެދުވެ ބޭރު ބޮޑު ދޮރާށްޓާ ދިމާއަށް ބޯދިއްކޮށްލުމަށްފަހު ޝެހެނާއަށް ބޭރަށް ދެވިއްޖެތޯ ޔަގީންކޮށްލިއެވެ. އަދި އެތާ ކަބަޑު ކައިރީ ހުރި ފާރުގައި އެލުވާފައި ހުރި ސާމާނުތަކުގެ ތެރެއިން ތޫނު ބޮޑު ވަޅިއެއް ނެގިއެވެ. އޭރު އޭނާގެ ލޮލުން ނުރައްކާތެރި ދަރަޖައެއްގެ ނުލަފާ ވިދުވަރެއް ވިދާލަ ވިދާލަ ހުއްޓެވެ.
ބޮޑުވަޅިއެއް ހިފައިގެން ކާގެއިން ނިކުމެގެން އައި ރާހިލް ފެނުމާއެކު އަލީނާއަށް ސިއްސައިގެން ގޮސް ސަރަންފީއިން ތެދުވެވުނެވެ. އޭރު އެ ކުޑަކުޑަ ކުއްޖާގެ ހިތް ނެގިނެގިފާ ޖެހެމުންދިޔައިރު މުޅި މީހާވަނީ ހާސްވެފައެވެ. އެހާއަވަހަށް މުޅިމީހާ ދާހިތްލާލާފައި ވާއިރު ދެފައިކޮޅު ތުރުތުރު އަޅާހެންވެސް ހީވެއެވެ. ރާހިލް ވިހަ ހިނިތުންވުމަކާއެކު ވަޅި ދިއްކޮށްގެން ހުރެގެން މަޑުމަޑުން އަލީނާ އާ ދިމާއަށް ހިނގަމުން އަންނަންފެށިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


މި ބައި ތަންކޮޅެއް ކުރުކޮށް ގެނެސްދެވެނުމާ ހުރިހާ ކުދިންގެ ގާތުން މާފަށް އެދެން. ޑޯލީ ކުޑަވަރެއްގެ އޮޕަރޭޝާނެއް ކުރަންޖެހިގެން އެޑްމިޓްކޮށްގެން އުޅޭތީ ވާހަކަ ނުލިޔެވިގެން މިއުޅޭނީ. އެކަމަކު ލިޔެވުނު ހިސާބު މި އަޕްކޮށްދިނީ. އިރާދަ ކުރެއްވިއްޔާ ދެން އަންނަ ބައި ދިގުކޮށް އަޕްކޮށްދެވޭތޯ ބަލާނަން. ހުރިހާ ކުދިންވެސް ޝައުގުވެރިކަމާއެކު ކިޔާލާނެކަމަށް އުއްމީދުކުރަން 🙂
Aww! Poor poor alena! Beatiful indeed! Waiting patiently for the next part! Get well soon dolly.. take care
vrh reathi mi bai ves
dolly thibuni hen maa kuri
heekuran vrh avaha next bai ves up kodheyne kamah
dhen dolly ah ves vrh soon recovery akah edhen
dolly ragalhu v mathaa story aigen kuri ah ves dheveni dhw
so get well soon and hope to next part soon 🙂
Varah reethi story