
ވީރާނާ (ތިން ވަނަ ބައި)
“ޝްޝްޝް.. އަހަރެން ޝެހެ އަކަށް އެއްވެސްކަމެއް ނުކުރާނަން. އަހަންނާ އިންނަން އެއްބަސްވޭ. އޭރުން މިތަނުން ސަލާމަތްވާނީ..” ލޮތްބާއެކު ރާޝިދު ބުނެލިގޮތުން ޝެހެނާގެ ގައިން ހީބިހި ނަގައިގަތެވެ. މިއީ ވަފިއްޔާ އާއި ރާޝިދުގެ ރޭވުމެއްކަން ޝެހެނާއަށް ރޭކާލީ ދެނެވެ. ކޮންމެ ހާލެއްގައި ވިޔަސް އާން ބަސް ނުބުނާހާ ހިނދަކު ވަފިއްޔާ ގިފިލި ދޮރުނުހުޅުވާނެކަމަށް ރާޝިދު ބުނެލިގޮތުން ޝެހެނާގެ ގޮތް ހުސްވިކަހަލައެވެ. ކައިވެންޏަކީ ކިހާވަރެއްގެ ބޮޑު ކަމެއްކަން އޭނާގެ ޅަ ސިކުނޑިއަކަށް އަދި ނުވިސްނެއެވެ. މިކަމުގައި އޭނާ ވަކި ބުނާނީވެސް ކީކޭހެއްޔެވެ. ރާޝިދު ޝެހެނާގެ އަނގަމަތިން އަތް ނެގިއެވެ. އެހެން ނަމަވެސް އޭނާ މޫނު ވަނީ ޝެހެނާގެ ކަނދުރާއަށް ނޭވާ އެޅޭހާ ކައިރީގައެވެ. ޝެހެނާ ހާސްވެފައިހުރެ އިސްޖަހާލައިގެން އިނގިލިތަކާ ކުޅެންފަށައިފިއެވެ. ރާޝިދުގެ އަނގަ ޝެހެނާގެ ކަންފަތުގައި ޖައްސާލައިގެން ހުރެ ޝެހެނާގެ ގާތުގައި ސިއްރުން ވަރަށް ބައިވަރު ވާހަކަތައް ދެއްކި ނަމަވެސް އޭނާ ހާސްވެފައިހުރިވަރުންނާއި ކަންފަތް ހީލިކަރުވާ ވަރުން ރާޝިދު ދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެވުނެވެ. ރާޝިދު މަޑުމަޑުން ޝެހެނާގެ އޭނައާއި ވީ ފަރާތަށް އަނބުރާލިއެވެ. އޭރުވެސް ޝެހެނާހުރީ އިސްދަށަށް ޖަހައިގެންނެވެ. ރާޝިދު މަޑުމަޑުން ޝެހެނާގެ ދަތްދޮޅީގައި ހިފައި މަތިކޮށްލުމަށްފަހު އެރީތި ހަނދެއްފަދަ މޫނަށް ބަލައިލިއެވެ. ގިފިލިތެރޭގައި ދިއްލާފައިހުރި ފަނޑު ރީދޫކުލައިގެ ބޮކިއަލީގައިވެސް އެ ދޮންމޫނުގެ ރިތިކަން ފަނޑުކޮށެއް ނުލައެވެ. ޝެހެނާއަށް ރާޝިދުގެ މޫނަށް ބަލަން އުނދަގޫވެގެން ލޯމަރާލިއެވެ. އެއީ ފެހި ސިގްނަލެއްކަމަށް ރާޝިދުގެ ހިތްގޮވަމުންދިޔައިރު އެ މަލަށް ކުޑަކޮށް ލޯބިކޮށްލުމަށް ހިތްއެދެމުން ދިޔައެވެ. ނަމަވެސް ރާޝިދު އޭނާގެ ހިތަށް ވިސްނައިދީ އޭނަގެ ބަހުގައި ހިފެހެއްޓިއެވެ. އޭނާ އެ މަލުން ފޮނިކަން އިޙްސާސްކުރަން ބޭނުންވަނީ ހަލާލުގޮތުގައެވެ.
“ކޮބާ ޖަވާބަކީ؟؟” ރާޝިދުގެ ޖަޒްބާތުތައް ކޮންޓްރޯލްކުރަމުން އެހެން އަހާލިއިރު އޭނަގެ އަޑުވެސް ވަނީ ކޮންމެސް ވަރަކަށް ކުރަކިވެފަހެން އޭނާއަށް ހީވިއެވެ.
“މަންމަ ކައިރީ އަހާ!!.. މަންމަ ރުހުން ލިބިއްޖެއްޔާ އިންނާނަން.” ޝެހެނާއަށް އެހެން ބުނާން ހިތްވަރު ލިބުނުގޮތެއްވެސް ނޭނގެއެވެ. އޭނަގެ ދޫ އޮޅުނީ ނޫންކަމެއްވެސް ނޭނގެއެވެ. އޭނާ ރާޝިދުއާއެކި އިނދެގެން އުޅެވޭނެބާއެވެ. މިއީ ކާކުކަމެއްވެސް އޭނާއަކަށް އަދި ނޭނގެއެވެ. އެކަމަކު ކުރާނެކަމެއްނެތެވެ. އޭނަ އެތަނުން ސަލާމަތްވާން ބޭނުންވަންޏާ އެއްބަސްވުން ނޫންގޮތެއްވެސް އޭނައަކަށް ނެތެވެ. އަނެއްކޮޅުން އޭނާގެ މަންމަ ރުހޭނެ ހެނެއް އޭނާއަކަށް ހިޔެއްނުވެއެވެ. އަހަންނަށް ބިރު ދައްކައިގެން އެއްބަސް ކުރުވިޔަސް މަންމައަކަށް ބިރެއް ނުދެއްކޭނެއެވެ. އެހެންވީއިރު މަންމަގެ ރުހުން ނުލިބިގެން މި މީހާގަނޑު މާޔޫސްވެގެން ގޮސްދާނެކަންނޭނގެއެވެ. ޝެހެނާ ހިތާހިތުން ކިޔަމުން ދިޔައެވެ. އެވަގުތު ވަފިއްޔާވެސް ހެމުން ހެމުން ދޮރު ހުޅުވާލާފިއެވެ.
“ތިޔަ ކަންތައް ތިވީ ނު.. ތިވަރު ކަމެކޭ.. މި ޝެހެ ވަރަށް ބިރުން އުޅޭނީ.. އެކަމަކު ރާޝިދުހާ ރަނގަޅު މީހަކު ޝެހޭއަކަށް ނުލިބޭނެ..މަށަށް ހަމަ ޔަގީން.. ކަމަނަދައިތަވެސް ގަބޫލުވާނެ ޔަގީން” ވަފިއްޔާ ދަތްކޮޅު އަތަށްލައިގެން ވާހަކަދައްކަމުން ދިޔައެވެ. ޝެހެނާ ލަދުން ވަފިއްޔާ ގައިގާ ވިކައިގަތެވެ. އޭނާއަށް ނޭނގިނަމަވެސް ރާޝިދުއަށް އާންބަސް ބުނެވުމުން ހިތަށް އުފާވެރިކަމެއް ލިބުނުހެންވެސް ބައެއްފަހަރަށް ހީވެއެވެ. ނަމަވެސް އެކަން އޭނަގެ ސިކުނޑިން ގަބޫލުކުރާކަށް ބޭނުމެއް ނުވަނީ ކީއްވެކަމެއް ނޭނގެއެވެ.
އުނގޫފާރުގެ ބޮޑުމަގުގައި ހުރިގެއެއްގެ ވަށާފާރުތެރެއިން މަގުމައްޗަށް ހިޔާއެޅިފައިވާ ހިތިގަސްދޮށުގައި އެލުވާލާފައިވާ ޖޯލީގައި ޝެހެނާ އޮށޯވެލައިގެން އޮތްއިރު އޭނާގެ ހިޔާލީ ފޮލާގެ އޮއިވަރު ގުޅިފައިވަނީ އޭނާގެ އަލަތު ކާވެންޏާމެދުގައެވެ. އޭނާ އާއި ރާޝިދު އިންތާ މިއަދަށް ތިން ހަފްތާއަށް ވީއިރު އޭނާގެ ތުންފަތުގައި ވަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އޭނާއަށް ރާޝިދުގެ ފަރާތުން ލިބެމުންދާ ނިމުމެއް ނެތް ލޯބި އިޙްސާސްކުރެވުމުގެ އިތުރަށް އޭނާގެ ހަޔާތަށް ރާޝިދު އައުމާއެކު އޭނާއަށް ގެއްލިފައިވާ މަންމަގެ ލޯބިވެސް ވަނީ ލިބިފައެވެ. އުމުރުގައި އަލަށް ޝެހެނާގެ މަންމަ ރުހުމުގެ ލޮލަކުން ޝެހެނާއަށް ބަލާލިދުވަހަކީ ޝެހެނާގެ އެދުމުގެ މަތިން ޝެހެނާ އާއި ކައިވެނުކުރުމަށް އެދިގެން ރާޝިދު ޝެހެނާގެ މަންމަ ކައިރީ ހުއްދަ ހޯދަން ދިޔަދުވަހެވެ. އެދުވަހުން ފެށިގެން ޝެހެނާގެ ހިތުގައި ރާޝިދުއާ މެދު އުފެދިފައިވާ ނަފްރަތުގެ ކަނި ނިވި އެ ޅަހިތުގައި ރާޝިދުއަށްޓަކައި އާވިންދެއް ޖަހަންފަށާފިއެވެ. ރާޝިދުއަކީ ކާކުކަން ނޭނގުނު ނަމަވެސް ވަފިއްޔާ ބުނިފަދައިން ރާޝިދު ފަދަ ޒުވާނަކަށް ނޫނީ އޭނަގެ ހަޔާތް ބާއްޖަވެރިނުކޮށްދެވޭނެކަން އޭނާ ޔަގީންކުރިއެވެ. ކައިވެނިކުރުމަށްފަހު ޝެހެނާގެ ދިރިއުޅުން ރާޝިދުގެ ރަށަށް ބަދަލުކުރީއެވެ. ޝެހެނާފަދަ ރަނގަޅު ގެވެހި ރީތި އަންހެން ކުއްޖެއް ރާޝިދުގެ އާއިލާއަށް ލިބުމުން، ނަސީބަކުން އެ އާއިލާގެ އެންމެންވެސް އުފަލާއެކު ޝެހެނާއަށް މަރުހަބާކިޔެވެ. ޝެހެނާގެ އުމުރުން މިވީ ސޯޅައަހަރުތެރޭ ހޯދުމަށް ބޭނުންވާ ލޮތްބާއި ކުލުނު އޭގެ އެންމެ ފުރިހަމައަށް އޭނާއަށް މިއަދު މިވަނީ ލިބިފައެވެ. މިދުނިޔޭގައި އޭނާއަށްވުރެ އުފާވެރި މީހަކު ނުހުންނާނެކަން ގައިމެވެ. ޝެހެނާއަށް ސިއްސައިގެން ގޮސް ހަމަ ދުނިޔެއަށް އާދެވުނީ ރާޝިދުގެ މަންމަ އައިސާމަނިކެ ދުންގަނޑެއް ހިފައިގެން ޝެހެނާކައިރީ އިން ޖޯލީގައި ޖައްސާލަމުން ކެއްސާގަތް އަޑަށެވެ.
“ދަރިފުޅާ!! ޝެހެނާ!! ކޮންހިޔާލަށް ގޮސް ގެއްލިފަ ތީނީ!!” ވޭތުވެދިޔަ ތިން ހަފްތާތެރޭ ޝެހެނާ އާއި އައިސާމަނިކެގެ ގުޅުން ބަދަހިވެ އާސާމަނިކެއަށް މިހާރު ވަނީ ޝެހެނާއަކީ އަމިއްލަ ދަރިއެއްކަމަށް ބަލައިގަނެވިފައެވެ. ޅަ އުމުރުގައި ކައިވެނިކުރުމުގެ ސަބަބުން ޝެހެނާއަކީ ދިރިއުޅުމުގެ ކަންތައްތައް ވަރަށް އައު ކުއްޖަކަށްވެފައި، ދިރިއުޅުމެއް ފަށާއިރު ޝެހެނާއަށް އޮޅުންފިލަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ވަނީ ނޭނގިފައެވެ. ނަމަވެސް ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އައިސާމަނިކެގެ ފަރާތުން ޝެހެނާވަނީ ވަރަށް ގިނަ ކަންތައްތައް ދަސްކޮށްފައެވެ. ޝެހެނާގެ މައުސޫމުކަމާއި ރަނގަޅުކަމުން އައިސާމަނިކެ ޝެހެނާދެކެ ލޯބިން މަރުވާވަރުވެއެވެ. ޙުދު ޝެހެނާއަށްވެސް އޭނަގެ އަމިއްލަ މަންމައަށް ވުރެ އައިސާ މަނިކެ ގެ ރަނގަޅުކަން ފާހަގަކުރެވި އެކަމާ ހިތުގެ އަޑިން ހެއްދެވި ފަރާތަށް ޝުކުރުވެރިވެއެވެ.
ޝެހެނާ އައިސާމަނިކެގެ ސުވާލަށް ޖަވާބުނުދީ ހިނިތުންވެލުމަކުން ފުއްދާލިއެވެ. އައިސާމަނިކެގެ ދުރުވިސްނޭ ސިކުނޑިއަށް ޝެހެނާގެ އެ މައުނަވީ ހިނިތުންވުމުގެ މާނަ ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އިސާހިތަކު އެ ރޫގިނަ މޫނަށްވެސް އުޖާލާކަންވެރިވެއްޖެއެވެ. އިރުކޮޅަކުން ހަތްއަހަރަށް ދާވަރުގެ ކުޑަކުޑަ ފިރިހެން ކުއްޖަކާއި ފަސްއަހަރުގެ ކުޑަކުޑަ އަންހެންކުއްޖަކު ދުވެލާފައި އެގެއާ ދިމާއަށް އަންނަތަން ޝެހެނާއަށް ފެނުނެވެ. އެތަނުން ކުޑަ ކުއްޖާ މާމާ އޭ ގޮވަމުން އައިސް އައިސާމަނިކެގެ އުނގުތެރެއަށް ވަދެއްޖެއެވެ. އަދި ބޮޑުކޮށް ހުރި ފިރިހެންކުއްޖާ ޝެހެނާއާ ދިމާއަށް ބީރައްޓެހިގޮތަކަށް ބަލަމުންދިޔައެވެ. ޝެހެނާވެސް މައުނަވީ ގޮތަކަށް އެކުދިންނާ ދިމާއަށް ބަލާލުމަށްފަހު ހިނިތުންވުމެއް ރައްދުކޮއްލިއެވެ. އަދި މިއީ ކޮން ދެކުދިންނެއްތޯ އައިސާމަނިކެ ގާތު އަހާލިއެވެ.
އެވަގުތު އައިސާމަނިކެގެ މޫނަށް ހައިރާންކަމުގެ ކުލަވަރު ވެރިވެގެން ދިޔައެވެ.
“ޝެހެނާއަކަށް ނޭނގޭތަ؟.. ރާޝިދު ނުބުނޭތަ މިކުދިންގެ ވާހަކައެއް؟؟” އައިސާމަނިކެގެ އެ އާދަޔާ ހިލާފު ޖަވާބުން ޝެހެނާގެ މޫނަށް ނުތަނަވަސްކަމާ ހައިރާންކަން ވެރިވެގެންފިއެވެ.
“މާމާ!! އަޅުގަނޑުގެ ބައްޕަ ގެނެސްގެން އުޅޭދައްތައަކީ މިއީތަ؟ މަންމަ ބުނި ލޯބި ލޯބި ދައްތަ އެއް މިގޭގައި އުޅޭވާހަކަ؟؟” އެވަގުތު އެތަނުގައި ހުރި ކުޑަ ފިރިހެންކުއްޖާގެ ޅަ އަޑުން ބުނެލި ޖުމުލަ އަޑުއިވިފައި ޝެހެނާއަށް އައިސާމަނިކެއާ ދިމާއަށް އަނެއްކާވެސް ހައިރާންކަމާއެކު ބަލާލެވުނެވެ. “ލައްބަ ދަރިފުޅާ!! އެއީ ދަރިފުޅުމެންގެ ދޮންމަންމަ..” އެއާއެކު އައިސާމަނިކެގެ ޖަވާބު އަޑުއިވިފައި ޝެހެނާގެ ކަންފަތަށް ހޮނުގުގުރިއެއް އެޅިފަދައެވެ. އަނެއްކާ އޭނާ އަށް ނޭނގި އޭނާގެ އުމުރުން އެންމެ ސޯޅަ އަހަރުގައި އޭނާ ދޮންމަންމައަކަށްވީ ބާވައެވެ.؟ އެއީ ކިހިނެތްވާނެ ކަމެއްހެއްޔެވެ.؟ ރާޝިދު ކުރިން އެހެން ކައިވެންޏެއްކުރިނަމަ ޝެހެނާ ކައިރީ ނުބުނީ ކީއްވެ ހެއްޔެވެ؟ ރާޝިދުގެ ކުރީގެ އަންހެނުން ކޮބާ ބާވައެވެ؟ ރާޝިދުގެ އަނތްބަކު ހުއްޓާ އެހާވަރުން ޝެހެނާ އާ އިނީ ކީއްވެ ބާއެވެ؟ ކޮންމެ ގޮތެއްވިޔަސް ރާޝިދުގެ ކުދިން ތިބިކަމަށްވާނަމަ ޝެހެނާގެ ގާތުގައި ބުނުމަކީ މުހިއްމުކަމެއް ނޫންހެއްޔެވެ؟ ވޭތުވެދިޔަ ތިން ހަފްތާތެރޭ އެކުދިން ނުފެނުނީ ކީއްވެ ބާއެވެ؟؟ ޝެހެނާގެ ހިތުގައި އެތައްބައިވަރު ސުވާލުތަކެއް އެއްފަހަރާ ވެރިވެގެން ދިޔުމުން ބޮލުގައިވެސް ރިއްސަންފެށިއެވެ. އެވަގުތު އެތަނުގައި އައިސާމަނިކެ އެކުދިންނާ ވާހަކަދައްކަމުންދިޔަ ނަމަވެސް ޝެހެނާއަށް އެތަނުގައި ވާނުވާ އެނގޭހެންނެއް ހިޔެއް ނުވެއެވެ. އެއަށްވުރެ އޭނާގެ ސިކުނޑީގައި އުފެދިފައިވާ ހައިޖާނު މާބޮޑެވެ.
ޝެހެނާ މަޑުމަޑުން ޖޯލިން ތެދުވެ ކޮޓަރިއާ ދިމާއަށް ހިނގާގަނެވުނީ އެވަގުތު އެކަނިވެލަން ބޭނުންވެފަވާލެއް ބޮޑުކަމުންނެވެ. އޭރު އައިސާމަނިކެވެސް ހާސްވެފައި ޝެހެނާ ތެދުވެގެން ދާތަން ބަލަން ހުއްޓެވެ. ރާޝިދު ޝެހެނާއަށް ކަންތައްތަކެއް ސިއްރުކޮށްފައިވާކަން އައިސާމަނިކެ ދެނެގަތެވެ. ރާޝިދުގެ ދެކުދިން ކަމުގައިވާ އަހުޔާން އާއި އާލިޔާ އެއައީ އެކުދިންގެ މަންމަ އާއެކު ޗުއްޓި ހޭދަކޮށްލުމަށް ތިން ހަފްތާ ވަންދެން ށ. ފުނަދޫގައި ތިބެތިބެފައެވެ. އެކުދިންގެ ވާހަކަ ޝެހެނާގާތު ކުރިން އައިސާމަނިކެއަށްވެސް ނުދެއްކި އެވަނީ އެހެންވެއެވެ.
ރ. އަތޮޅުގެ ރަށްރަށުންނާއި އަތޮޅުގެ ބޭރު ރަށްރަށުން ޚިދުމަތް ހޯދަން އައިސް ތިބިމީހުން ގިނަކަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްތެރެ އޮތީ ތޮއްޖެހިފައެވެ. ހިދުމަތް ހޯދަން އައިސްތިބި މީހުންނަށް އަވަސް ޚިދުމަތެއް ދިނުމަށްޓަކައި ހޮސްޕިޓަލުގެ މުވައްޒަފުން ކޮޅުކޮޅު މައްޗަށް ދުވަމުންދެއެވެ. ހޮސްޕިޓަލު ތެރޭގައި ހުރި ދެކޮޅަށް ހުޅުވޭ ބޮޑު ދޮރުން އިރުކޯކޮޅަކާ ކޮންމެސް ބަޔަކު ހުރަސްކުރަމުންދިޔުމުގެ ސަބަބުން އެ ދޮރުންގޮވާ އަޑާއި މީހުންގެ ވާހަކަދައްކާ އަޑު އެއްއަޑަކަށްވެ މާހައުލުގައި ބޮލަށް އުނދަގޫވާކަހަލަ މިޔުޒިކެއްގެފަދައިން އަޑު އެކުލެވިފާވެއެވެ. ހޮސްޕިޓަލުގެ ވަރަށް އެތެރޭގައި ހުރި ބޮޑު ކޮޓަރިއެއްގެ ދޮރު ހުޅުވާލުމަށްފަހު ރާޝިދު ނިކުމެ ކައުންޓަރ ދޮށުގައި ހުރި އޭނަގެ އެސިސްޓެންޓް ކަމަށްވާ ޒާހިޔާ ކާރިއަށް ގޮއްސަ އޭނާ މިވަގުތު ބްރޭކް އަށް ގެއަށް ދާވާހަކަ ބުނެލުމަށްފަހު ހޮސްޕިޓަލުގެ ނިކުންނަ ދޮރާދިމާއަށް ހިނގާގެންފިއެވެ. ރާޝިދު ލޯމަތިން ގޮސް ގެއްލެންދެން ޒާހިޔާ ރާޝިދު އާ ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ހިތް އެރީތި ފިރިހެނާއަށްޓަކައި ފިދާވާވަރު އެލޮލުން ފާހަގަވާންހުއްޓެވެ. ޒާހިޔާއަކީ ގައިގެ ކުލަ ކަޅު ނަމަވެސް ބަލައިލަން ހުތުރު ކުއްޖެއް ނޫނެވެ. ނަމަވެސް އޭނާއަށް ރާޝިދުގެ ހިތް ފަތަހަ ނުކުރެވިގެން މި އުޅޭނީ ކީއްވެކަމެއް ނޭނގެއެވެ. ރާޝިދު ޝެހެނާއާއި އިނުމުގެ ކުރިންވެސް އޭނާ ރާޝިދުގެ ސަމާލުކަން ހޯދުމަށް ވަރަށް މަސައްކަތްކޮށްފައިވެއެވެ. އެގޮތުން އޭނާވަނީ މިހާރު ރާޝިދު ކައިރިއަށް ދިޔުމުގެ ނިޔަތުގައި ރާޝިދުގެ ކޮއްކޮ އިރުޝާދު އާވެސް ރައްޓެހިވެފައެވެ. އެކަމަކު އަދި މިވީހާތަނަށް ރާޝިދު ޒާހިޔާއާ ދޭތެރޭ ދެކެނީ ގާތް ރަހްމަތްތެރިއެއް ގޮތަށެވެ. ކޮންމެ ގޮތެއްވިޔަސް ރާޝިދު ހާޞިލުކުރުމަށް އޭނާ ކުރަމުންދާ މަސައްކަތެއް ހުއްޓާލާކަށް އޭނާ ގަޞްދެއްނުކުރެއެވެ. ކޮންމެސްދުވަހަކުން ރާޝިދަކީ ހަމައެކަނީ އޭނާގެ މީހަކަށް ވާނެކަމަށް އޭނާ އުއްމީދުކުރެއެވެ.
ކޮޓަރި ދޮރުގެ ތަޅުގައި މީހަކު ހިފާލިއަޑަށް އަވަސްއަވަހަށް ޝެހެނާގެ ލޮލުގައިހުރި ކަރުނަތައް ފުހެލިއެވެ. ރާޝިދުގެ ދެލޮލުގެ ކޮއިފަދަ އަންހެނުން ފެނުމުން އެހިތަށް ފިނިކަމެއް ލިބިގެންދިޔައެވެ. އަދި މަޑުމަޑުން އައިސް ޝެހެނާގެ ފުރަގަހުން ބައްދާލިއެވެ. އެވަގުތު ޝެހެނާގެ ގައިން ހީބި ނަގައިގަތެވެ. ރާޝިދު ގާތްވާ ކޮންމެ ފަހަރަކު އޭނާގެ އަމިއްލަ ނަފްސް އިޙްތިޔާރުން ބޭރުވާކަހަލައެވެ. ރާޝިދު މަޑުމަޑުން ޝެހެނާ މަގަތަށް އަނބުރާލިއިރު، ޝެހެނާގެ ބޮޑު ރީތި ދެލޮލަށް ހިޔާއެޅިފައިވާ ދިގު އެސްފިޔަތަކުގެ ތެރޭގައިވާ ކަރުނަ ތިކިތައް ރާޝިދުއަކަށް ސިއްރެއް ނުވިއެވެ.
“ރޮނީތަ؟ ކީއްވެ ތި ރޮނި؟؟” ޝެހެނާގެ ލޮލުން ކަރުނަ ފޮހެދިން އިރު، އެ މައުސޫމު ކުޑަކުއްޖާގެ ލޮލުން އެންމެ ކަރުނަ އެއްވެސް ވެއްޓޭކަށް ރާޝިދު ބޭނުން ނުވާކަހަލައެވެ. ޝެހެނާއަށް ބާރަށް ރޮގަނެވި ރާޝިދުގެ ގައިގާ އޮޅުލާގަނެވުނެވެ. އޭނާގެ އެ އުފާވެރި ދިރިއުޅުން ކުޑަކުޑަ ސިކުންތުކޮޅެއްގައި ވިއްސިވިހާލިވެގެންދާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް ހަގީގަތާ ކުރިމަތިނުލައި ފިނޑިވާކަށްވެސް ޝެހެނާ ބޭނުންމެއް ނުވިއެވެ.
“ރާޝިދު.. އަހަންނަށް ދޮގު ނަހަދާ ތެދަށް ކިޔާދީބަލަ.. ރާޝިދުގެ އަހަރެން ނުލާ އިތުރު އަންބަކު ހުރޭތަ.. ރާޝިދުގެ ކިތައް ކުދިން ތިބޭތަ..” ޝެހެނާ އަސަރުން ފުރިފައިވާގޮތަކަށް ރޮމުން ސުވާލުތައް ކުރަމުން ދިޔައެވެ. ރާޝިދުއަށް ޝެހެނާއަށް ރޮނީ ކިއްވެކަން އެނގުމުން އަމިއްލަ ނަފްސް ކުއްވެރިކުރެވުނެވެ. އެ އަންހެންކުއްޖާ ދެކެ ވާލޯބިން އެ ކުއްޖާ ބީވެގެން ދާނެކަމުގެ ބިރުން އޭނާ ވަނީ ޝެހެނާއަށް އޭނާގެ މާޒީ ސިއްރުކޮށްފައެވެ.
“ޝެހެ.. އަހަންނަށް މާފުކުރޭ.. އަހަރެން ޝެހެ ގެއްލިދާނެތީ އަހަރެންގެ މާޒީ ހިއްސާނުކޮށް ސިއްރުކުރީ. އެކަމަކު އެ ވާހަތައް ކިޔަދޭންކަމަށް ގަސްދުކޮށްގެން ހުއްޓާ ތި އެހީ. އަހަރެންގެ ދެކުދިން ތިބޭނެ. އަހަރެންގެ ފުރަތަމަ އަނބި މީހާ ވަރިކުރިތާ 2 އަހަރު ފަހުން އަހަރެން ޝެހެއާ މި އިނީ.. އެކަމަކު އޭނާ ވަރިކުރި ސަބަބު އަހަންނަށް ކިޔާދެވޭކަށް ނެތް. އަހަރެންގެ ދެކުދިން މިއަދު އައީތަ؟.” ރާޝިދު ލޮތްބާއެކު ޝެހެނާއަށް ކިޔައިދެމުން ދިޔައިރު ރާޝިދުގެ ދެކުދިންނާ އެހާބޮޑަށް ރާޝިދު އަޅާނުލާހެން ޝެހެނާއަށް ހީވިއެވެ. ޖަވާބުގައި ޝެހެނާ ބޯ ޖަހާލިއެވެ. ރާޝިދުގެ ޖަވާބުން ޝެހެނާގެ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބުނު ނަމަވެސް އުފަލެއް ނުވެއެވެ. އެގޮތަށް ރާޝިދުގެ ފަރާތުން ޝެހެނާއަށް ނޭނގޭ ކިތައް ކަންތައް ކުރިއަށް އޮތްތަނުގައި ފެންނާނެބާއޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ.
ދުވަސްތައް ފާއިތުވަމުންދެއެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ، ޝެހެނާއާއި އަހްޔާން އާއި އާލިޔާ ގެ ގުޅުންބަދަހިވެފައިވަނީ ހީވެސްނުކުރާހާ ބޮޑަށެވެ. އެ ދެކުދިންނަކީ ޝެހެނާ ހީކުރިވަރަށްވުރެ ބަސްއަހާ ދެކުދިންނެވެ. އެ ދެކުދިންގެ މަންމަ ނައީމާގާތުގައިވެސް ޝެހެނާގެ ރަނގަޅުވާހަކަ އެދެކުދިން ދައްކަމުން ދިޔަކަމީ އެ ދެކުދިން ޝެހެނާދެކެ ވާ ލޯބި ރަމްޒްކޮށްދޭ ހެއްކެކެވެ. ޝެހެނާވެސް އެކުދިން ބަލަމުން އައީ އަމިއްލަ ދަރިއަކު ފަދައިންނެވެ. މިހާރު ޝެހެނާގެ ބަނޑަށް ތިންމަސްވެފައިވާތީ އޭނާ ހުންނަނީ އޭނަގެ އަމިއްލަ ދަރިއަކު ދުނިޔެއަށް އުފަންވާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އޭރުން އަހްޔާން އާއި އާލިޔާ ފަދައިން ބަސްއަހާ ކުއްޖެއް އޭނާއަށްވެސް ލިބޭނެތާއެވެ. ޝެހެނާ ބަލިވެ އިންފަހުން ރާޝިދުވެސް މާރަނގަޅުހެން ހީވެއެވެ. އޭނާ އޮފީހަށް ދާއިރު ޝެހެނާ ގޮވައިގެން އޮފީހަށް ގޮސް އޭނާގެ ކުރިމަތީގައި ޝެހެނާ ބައިންދާގެން ނޫނީ މަސައްކަތްވެސް ކުރެވޭކަމަށް ނުވެއެވެ. ޝެހެނާ މިގޮތަށް ހޮސްޕިޓަލަށް ދާ ދުވަސްދުވަހު ރާޝިދުގެ އެސިސްޓެންޓް ޒާހިޔާވެސް ޝެހެނާއަށް ވަރަށް ކަމޭހިތައި ހެޔޮކޮށްހިތައެވެ. އަދި ވިހާނީ ކޮންދުވަހަކުންތޯ އަހައި އޮޅުންވެސް ފިލުވަމުންދެއެވެ.
ނަމަވެސް ޝެހެނާއަށް ނޭނގެނީ ޒާހިޔާގެ އެ ހިތްހެޔޮކަމުގެ ނިވަލުގައި އޭނަ ކުޅެމުންދާ ކުޅިގަނޑެވެ. އޭނާ ރާޝިދުއަށް އިންތިޒާރުކޮއްކޮށް ހުއްޓައި ޝެހެނާ ބަލިވެ އިންކަން އެނގުމުން އޭނާގެ ނަފްސް ކޮންޓްރޯލުން ނެއްޓިއެވެ. އަދި އެ ރުޅިގަނޑުގައި އޭނާވަނީ އެ ދެމަފިރިން ދުރުކުރުވަން ފަންޑިތަ ހަދަންފަށާފައެވެ. އޭނާ އެހާވަރަކުން ޝެހެނާ ވިހާދުވަސް އެ އޮޅުން ފިލުވަނީ އޭނާ ފަންޑިތަ ހަދުވާ ބެއްޔާ ބުނެފައިވާގޮތުން އޭނާ އަށް ރާޝިދު ހާޞިލުކުރެވޭނީ ޝެހެނާ ވިހެއުމަށް ފަހުގައެވެ. އަދި ޝެހެނާ ވިހަންވަންދެން ރާޝިދުއަށް ކޮންމެސް ފޮނިއެއްޗެއް ކާންދޭންޖެހޭނެއެވެ. އެއީ އޭނާއަށް މިހާރު މަސައްކަތްކުރަމުންދާ ވަޒީފާގެ ގޮތުން މާ އުނދަގޫ ކަމެއް ނޫނެވެ.
“ހާދަ ލަހުން ގެއަށް އައި ރެއެއް” ރާޝިދު ކޮޓަރިއަށް ވަތް އަޑަށް ޝެހެނާއަށް ހޭލެވުމާއެކު ގަޑިއަށް ބަލާލާފައި ބުނެލިއެވެ. އޭރު ގަޑިން މެންދަމުން އަލިވެ ދޭއް ޖެހީއެވެ. މިހާރު ޝެހެނާގެ ބަނޑު ބޮޑުކަމުން ހެލިފެލިވެ އުޅެވެނީ ވަރަށް އުނދަގުލުންނެވެ. ރާޝިދު ވަކި ޖަވާބެއް ނުދީ ނިދަން ޖައްސާލިގޮތަށް ނިދައިފިއެވެ. އެއީ މިހާރަކަށް އައިސް އޭނާގެ އާދައެވެ. ރާޝިދު ގެއަށް އަންނަ ގަޑިތަކަށްވުރެ ގެއިން ބޭރުގައި އުޅޭ ގަޑިތައް ގިނަވާން ފަށާފިއެވެ. ރާޝިދުގެ އަނބިމީހާގެ ހާލު އަހުވާލު ބެލުމަކީވެސް މިހާރު މާ މުހިއްމުކަމެއްހެން ހީނުވާކަހަލައެވެ. ޝެހެނާ އަށް މިކަމާމެދު ފިކުރުކުރެވި ރޮވޭގޮތް ނަމަވެސް ލިބެން އުޅޭ ދަރިފުޅުގެ ސިއްހަތާމެދު ވިސްނާލުމަށްފަހު ހިތާމަނުކުރުމަށް އަޒުމުކަނޑައަޅައި ޝައްކާ ވަހުމާއި ދުރުކޮށްލުމަށްފަހު ހިތްހަމަޖައްސާލައިގެން ހުންނަނީއެވެ.
މެންދުރުގެ ވަގުތެވެ. އައިސާމަނިކެމެންގޭގެ ބޮޑު ބަދީގޭގައި އާއިލާތެރޭ ގިނަ އަންހެންވެރިން އަވަދި ނެތި ކެއްކުމުގައި މައްސޫލުވެގެން އުޅެއެވެ. މިއަދަކީ ރާޝިދު އާއި ޝެހެނާގެ ދަރިފުޅަށް ހަތްދުވަސްވެގެން ނަން ކިޔާ ދުވަހެވެ. އާއިލާތެރޭ ފިރިހެންވެރިން ގޯތިތެރޭގައި ހުރި ހުސްޖާގައިގާ ރިޔާ ދަމައި ކާން ތައްޔާރުކުމަށް އުޅެމުންދެއެވެ. ޝެހެނާވެސް ދަރިފުޅު ނިންދަވާފައި ކެއްކުމުގައި ބައިވެރިވުމަށް ބަދިގެއާ ދިމާއަށް ދިޔައެވެ. އެވަގުތު އޭނާގެ ކަންފަތަށް އިވުނު ވާހަކަތަކަކުން އޭނާގެ ހިތްފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ފައިން ވާގި ދޫވާހެން ހީވެގެން ކައިރީގައި ހުރި ފާރުގައި ހިފަހައްޓާލެވުނެވެ. އެއީ އޭނާ ދުވަހެއްގައިވެސް އަޑުއަހަން ބޭނުންވި ވާހަކަތަކެއް ނޫނެވެ. އަދި އެއީ ތެދު ވާހަކަތަކެއް ކަމަށް ގަބޫލުކުރުމަށް އޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ. އެހެންވާނީ ކިހިނެތް ހެއްޔެވެ؟
(ނުނިމޭ)
5 Comments!
Comments are closed.
މި ވާހަކައަކީ ބައެއްގެ ދިރިއުޅުމުގައި ދިމާވެފައިވާ ހަގީގީ ކަންތައްތަކެއްގެ މައްޗަށް ލިޔާ ހިޔާލީ ވާހަކައެއްކަމުންނާއި މިއީ އެ ފަރާތްތަކުގެ ވާހަކަތަކުގެ މައްޗަށް ލިޔާ ވާހަކައެއްކަމުން ގިނަފަހަރަށް ކަންކަން ސިފަކޮށްދެވިފައިވާނީ އެ މީހުންގެ އިޙްސާސުތަކުގެ ތެރެއިންނެވެ. އަދި މިވާހަކައިގެ ގެނެވިފައިވާ ރަށްތަކަކީ ހިޔާލީ ރަށްތަކެކެވެ. ހުރިހާ ކިޔުންތެރިނެވެސް ޝައުގުވެރިކަމާއެކު ކިޔާނެކަމަށް އުއްމީދުކުރަން. 🙂
???nice story! hywany asluhen. is this a real story
Thanks Shana. Yeah..This story ge content binaavefa mivanee varah kurin medhu raaje thereyga hingaafa oi real strory eh ge mahchah . Shana ah mi story reethi V ma Dolly Vvvv ufaavehje Thanks dear <3.
reethi ingey 🙂
Rangalhu