އަބަދުގެ އަބަދަށް ( ފަސްވަނަ ބައި)
” ކަލޭ؟ ކަލޭ މިތާ ކީކުރަނީ؟” ކަޅިއަޅާާލަމުން ރުޅިވެރި ރާގަކަށް ލީޝާ އެއްސެވެ. ” އަހަރެން މިއައީ ލީޝާއާ ވަރަށް ބޮޑު ވާހަކައެއް ދައްްކަން” ހަމަ އެރާރުގައި ކިޔާރާވެސް ބުނެލިއެވެ.
” ހުއް. ކަލޭ މަށާދައްކަން އޮންނާނީ ކޮންވާހަކައެއް؟” ފަރުވާކުޑަ ގޮތަކަށް ލީޝާ ބުނެލިއެވެ. ” އަހަރެން ނެތިން މާދުރު ދުރުން ވާހަކަ ފަށާކަށް. ސީދާ މައުޟޫއަށް ދާން ބޭނުމީ. ލީޝާ ކީކޭ ހިތަށް އަރާގެން ކިޔާން ގާތު ލީންއޭ ކިޔައިގެން އެހާ ބޮޑު ދޮގެއް ހެދީ؟” ކަޅި އަޅާލަމުން ކިޔާރާ ކުރި ސުވާލުން ލީޝާ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ” އޯ. އެވާހަކަ އަހަންތަ ކަލޭ ތިއައީ؟ މިހާރު ކޮންޒަމާނެއް އަހަރެން ކިޔާން ގާތު އެވާހަކަ ބުނިތާ. އަދިކިރިޔާދޯ ކަލޭމެންނާ ހަމައަށް އެވާހަކަ ފޯރީ؟ ” ނިތްއަރުވާލަމުން މަލާމާތުގެ ރާާގަކަށް ލީޝާ ބުނެލިއެވެ. ” ތީކީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން” ދަތްކުނޑި ވިކާލަމުން ކިޔާރާ ބުނެލިއެވެ. ” ހަޤީގަތުގަ އަހަރެން ނުޖެހޭނެ ކަލޭ ކުރާ ކޮންމެ ސުވާލަކަށް ޖަވާބުދޭކަށްވެސް. އެކަމުވެސް ކަލޭއަށް ތިހާވަރުވަންޏާ އަޑުއަހާ. އަހަރެންވެސް އޭރު ކިޔާންދެކެ ވަރަށް ލޯބިވިން. ކިޔާނަށްޓަކައި އަހަރެންވެސް ހާދަ ދިގު އިންތިޒާރެއް ކުރީމޭ. އެހެން ހުއްޓަ ކުއްލިއަކަށް އަހަރެންނަށް އެނގުނީ ކިޔާން ލޯބިވަނީ އައިލީން ދެކެކަން. ކިޔާނާ އައިލީން ވަރަށް އަވަހަށް ރަށްޓެހިވާން އުޅޭކަން. ކޮބާ އަހަރެން އެހުރިހާ ދުވަހު ކުރި ދިގު އިންތިޒާރު؟ އޭގެ ބަދަލުގަ އަހަރެންނަށް އެއްވެސް އެއްޗެއް ނުލިބުން. އެހެންވާން އަހަރެން ބޭނުންނުވީ. އަހަރެންގެ ޙައްޤަކަށްނުވެ ކިޔާން އެހެންމީހެއްގެ ހައްޤަކަށް ވާތަން ބަލަން ހުންނަން އަހަރެންނަކަށް ކެތެއްނުވި. އެހެންވެ ކިޔާން ގާތު އެހެންބުނީ. އެހެންނޫނަސް އައިލީނަކީ މުޅި ސްކޫލުންވެސް އަހަރެން އެންމެ ރުޅިއަންނަ ކުއްޖާ. އޭނާއާ ހެދި ދުވަހަކުވެސް އަހަރެންނަކަށް އެއްވެސް ކަމަކުން ކުރިއެރުމެއް ނުލިބުނު. ކިޔެވުމަކަސް، އެހެންކަމަކަސް އަބަދުވެސް އައިލީން އަހަރެންނަށްވުރެ ކުރި ހޯދަނީ. ދެން އަމުދުން އަހަރެން އެހާ ރުޅިއަންނަ މީހެއްގެ ހައްޤަކަށް އަހަރެންގެ ކިޔާން ވާތަންބަލަން ހުންނަން އަހަރެންނަށް ކެތްވާނެތަ؟” ތުއި ގޮތަކަށް ހީލަމުން ލީޝާ ކިޔާރާއަށް ބަލާާލިއެވެ. ” ކަލޭގެ ސުވާލުގެ ޖަވާބު ލިބިއްޖެތަ؟ ” ކިޔާރާ އެއްޗެކޭ ނުބުނުމުން އަނެއްކާވެސް ލީޝާ އަހާލިއެވެ.
” މީހެއްދެކެ ހަސަދަ ލިޔަސް ތީދެން ބޮޑުވަރު. އަހަރެންނަށް އެނގޭ ފެށުނީއްސުރެވެސް ލީޝާ ހުންނަނީ ލީނާ ޖައްސާލާފަކަން. އަދި އަހަރެންދެކެ ވެސް ތިހާ ރުޅި އަންނަނީ އަހަރެންނަކީ ލީންގެ އެންމެ ގާތް އެކުވެރިޔާއަށް ވީމަކަން. އެކަމަކު ލީންއޭ ކިޔާގެން ލީޝާ ތިފަދަ ބޮޑު ދޮގެއް ހަދާފާނެ ކަމަކަށް އަހަރެންގެ ހިތަށް ދުވަހަކުވެސް ނާރާ.” ދެފަރާާތަށް ބޯހޫރާލަމުން ކިޔާރާއަށް ބުނެވުނެވެ. ” ތީކީ އަހަރެން އަޑުއަހަން ބޭނުންވާ ވާހަކަތަކެއް ނޫން” ފޮނިގޮތަކަށް ލީޝާ ކިޔާރާއާ ދިމާއަށް ބަލާލިއެވެ.
“ބުނަން ލީޝާ. ތިގޮތަށް ދޮގުތަކެއް ހަދާގެން ލީޝާ އަށް ވާާނެ އެއްވެސް ފައިދާއެއް ނޯނާނެ. އެހެންވީމަ ކިޔާން ގާތު ތިހުރިހާ ވާހަކައެއް ތެދުތެދަށް ކިޔާދީ. ” ކިޔާރާގެ އަޑުގައި ހަރުކަށިކަމެއް އެކުލެވިގެން ދިޔައެވެ. ” ހުއް. ދައްކާ މޮޔަ ވާހަކަ. އަހަރެން މިއުޅެނީ ކިޔާންގެ ކުރިމަތީގައި ބޭޒާރުނުވެވިގެންތަ؟ އެހެން ނޫނަސް ކަލެއަށް ކިހިނެއް އެނގެނީ އެކަމުން މިހާރު އަހަރެންނަށް ފައިދާއެއް ނުކުރާކަމެއްވެސް. ” މަކަރުވެރި ގޮތަކަށް ހީލަމުން ލީޝާ ބުނެލިއެވެ. ” ތިބުނީ؟” ލީޝާ ބުނިއެއްޗެއް ކިޔާރާ އަކަށް ނުވިސްނުނެވެ. ” މިބުނީ އިރެއްގައި ކިޔާން އަހަރެންގެ ވާހަކަ ޤަބުލުނުކުރިޔަސް މިހާރު ކުރެއޭ. ރޭގަ ކިޔާން އަހަރެންނަށް ގުޅި. ބުނީ އޭރު އަހަރެންގެ ވާހަކަ ޤަބޫލު ނުކުރެވުނީމަ މިހާރު ދެރަވެޔޯ. އަދިކިރިޔާޔޯ އައިލީންގެ އަސްލު ސިފަ ފެނުނީ. ” ލީޝާ ބުނި އެއްޗަކުން ކިޔާރާ ހުރީ ޤަބޫލުނުކުރެވިފައެވެ. ” އަދި ބުނި އޭނައަށް މާފު ކޮށްފަ އޭނައާ ގުޅެން. ދެން އަހަރެން ކީކޭދޯ ބުނާނީ. އެހާ ދުވަހަށްފަހު ކިޔާން އެހާލޯބިން އެހީމަ ނުވާނު ނޫނެކޭ ބުނާކަށް. އެހެންވެ އަހަރެން ބުނީ އޯކޭ އޭ. ” ފަތަހައިގެ ހިނިތުންވުމަކާއެކު އިތުރަށް ލީޝާ ބުނެލިއެވެ. ” ތީކީ އަހަރެންނަށް މުހިންމު ވާހަކައެއްނޫން.” އައިގަދަ ރުޅީގައި އެހެން ބުނުމަށްފަހު ކިޔާރާ އެކޮޓަރިން ނުކުތުމަށް މިސްރާބު ޖެހިއެވެ. “އެކަމަކު މިހާރު ބުނަން މިއުޅެނީ ކަލެއަށްވެސް އަދި ކަލޭގެ އެ އެކުވެރިޔާއަށްވެސް ވަރަށް މުހިންމު ވާހަކައެކޭ. ” ލީޝާގެ ވާހަކައިން ކިޔާރާއަށް ހުއްޓުމެއް އައެވެ. ” ބުނަން. އައިލީން ގާތުބުނޭ ކިޔާނަށް އިންތިޒާރުކުރުން ދެން ހުއްޓާލާށޭ. ކިޔާން އެއީ ހަމައެކަނި އަހަރެންގެ ހައްގެއް. ދެން ދުވަހަކުވެސް އައަލީނަކަށް ކިޔާނެއް ނުލިބޭނެ. ” ނުލަފާާ ވައްތަރަކަށް ހެމުން ލީޝާ ބުނެލިއެވެ.
ކިޔާރާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ އެކޮޓަރިއަށް އައިސް ވަން ކިޔާން ފެނިފައި އޭނާގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. ކިޔާން ދެކެ އައި ރުޅިއާއި ވީފޫހިން އަނެއް ފަރާތަށް ކިޔާރާ މޫނު އަނބުރައިލިއެވެ.
ކިޔާނަށްވެސްވީ ހަމަ އެފަދަ ގޮތެކެވެ. މަލާމާތުގެ ފާޑަކަށް ކިޔާރާއަށް ބަލަހައްޓައިގެން ލީޝާ ހުއްޓެވެ. އޭނާގެ ރޭވުން ކާމިޔާބުވާތަންފެނި ހިނިއައިސްފައެވެ.
“ކިޔާރާ” އެއްވެސް އެއްޗެކޭ ނުބުނެ ކޮޓަރިން ނިކުންނަންދިޔަ ކިޔާރާ ހުއްޓުނީ ކިޔާންގެ އަޑަށެވެ. ފަސް އެނބުރި ކިޔާނަށް ބަލައިލީ ކިހިނެއްވީހޭ އަހާލާފަދަ ގޮތަކަށެވެ. ” އަން. ކިޔާރާ ދާއިރު މީތިވެސް ހިފާގެންދޭ. އައިލީނާ ތީތި ހަވާލުކޮށްދިނިއްޔާ ވަރަށް ރަނގަޅު. ތީ އޭނާގެ އެއްޗެއް. ރޭގަ ތީތި ދޭން އަހަރެން ހަނދާން ނުވީ.” ކިޔާރާާ ގެ އަތުތެރަށް އެއްޗެއްލައިދެމުން ފަރުވާކުޑަ ރާގަކަށް ކިޔާން ބުނެލިއެވެ.
ލީޝާ މެނިްގެއިން ނިކުތް ކިޔާރާވަނީ މާޔޫސްވެފައެވެ. މަޑު ހިނގުމެއްގައި އައިލީން މެންގެއަށް ދިއުމަށްޓަކައި ކިޔާރާާ ހިނގައިގަތެވެ. އިސްދަށަށް ޖަހައިގެން ހިނގަމުންދިޔަ ކިޔާރާާ އިރުއިރުކޮޅާ އޭނާގެ އަތަށް ކިޔާން ދިން އެއްޗާއި ދިމާއަށް ބަލާލަނީ ހިތްދަތި ގޮތަކަށެވެ. އޭތި ފެންނަވަގުތު އަިލީން އަށް ވާނެގޮތާއި މެދު އޭނާއަށް ވިސްނެނީއެވެ. އެއީ އައިލީން ކިހާ ލޯބިން ކިޔާނަށްދިން އެއްޗެއްކަން ކިޔާރާއަށް އެނގެއެވެ.
އައިލީން މެންގެއަށް ކިޔާރާ ވަތްވަގުތު ސިޓިންރޫމްގައި ބަހައްޓާފައިވާ ސޯފާ ގޮނޑިތަކުން ގޮނޑިއެއްގައި އިސްޖެހިފައި އިށީނދެއިން އައިލީންގެ މަންމަ، އާސިމާ ފެނުމުން ކިޔާރާ ހައިރާންވިއެވެ. އާސިމާ އިންގޮތުން އޭނާ ރޮނީކަން ކިޔާރާއަށް އެނގުނެވެ. އަވަސް އަވަހަށް ގޮސް އާސިމާ ގާތުގައި މަޑުކޮށްލީ ވެގެންއުޅޭ ގޮތެއް އޮޅުންފިލުވުމުގެ ބޭނުމުގައެވެ. ކިޔާރާ ފެނުމުން އާސިމާގެ މޫނުމަތިންވެސް ހިތްހަމަޖެހުން ފެނިގެން ދިޔައެވެ.
” ދައްތާ. ކިހިނެއްވެފަ މިތާ ތިއިނީ؟ ކޮބާ ލީން؟” މަޑުމައިތިރި ރާގަކަށް ކިޔާރާ އެއްސެވެ. ” ކިޔާރާ ތިއައީ އެންމެ ރަނގަޅު ވަގުތު. މިއުޅެނީ ލީން ކުޑަކޮށް ހުންވައްތަރު ވެގެން. އެކަމު އަހަރެން އާދޭސް ކޮށްކޮށްވެސް ކާއެތިކޮޅެއް އެކުއްޖާ ނުކޭ. ބޭސްވެސް ދެވޭނީ އެއްޗެއް ކޭމައެންނު. ދެން އަހަރެން ކިހިނެއް ހަދާނީ؟ އެކުއްޖާފުޅު އުޅޭގޮތުން ދައްތަ ހާދަދެރަވެޔޭ. މިހާާރު އަބަދު ހިތާމަކުރުން ނޫންހެން ކަމެއް ލީން ނުކުރޭ. ” ކަރުނަ ފުހެލަމުން ހިތާާމަވެރި ރާގަކަށް އާސިމާ ބުނެލިއެވެ. އާސިމާގެ ވާހަކަތައް އަޑުއިވުމުން ކިޔާރާ ވަރަށް ހިތުޖެހުނެވެ. އަދި އެހާމެ ހިތްހަމަވެސް ނުޖެހުނެވެ. މިހެންވާން މިޖެހުނީ އާސިމާމެންގެ އިހުމާލުންނެވެ. އެހެންނޫންނަމަ މިއަދު އައިލީން އެހިތާމައެއްކުރާކަށް ނުޖެހުނީހެވެ.
” މިއަދު ލީނަށް އެނޫންގޮތެއްނެތް ދައްތާ. ދައްތަމެން އެންމެ ފުރަތަމަވެސް ލީން ގާތުގައި ޙަޤީގަތް ހާމަކުރިނަމަ މިއަދު މިހެންވާކަށް ނުޖެހުނީސް. ލީން އެހާބޮޑު ހިތާމައެއް ކުރާކަށް ނުޖެހުނީސް. އެކަމަކު ވެދިޔަތަން ދެން ބަދަލެއްވެސް ނުކުރެވޭނެ. ލީނަށް މިއަދު ބޭނުންވަނީ އަހަރެމެންގެ ހިތްވަރު” ހިތްހަމަނުޖެހުނު ނަމަވެސް އާސިމާގެ ކޮނޑުގައި ފިރުމައިލަމުން ކިޔާރާ ބުނެލިއެވެ. އަދި އައިލީންގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ކިޔާރާގެ ވާހަކަތައް އަޑުއިވުމުން އާާސިމާގެ ހިތަށް ކުރި ފުންއަސަރުގެ ސަބަބުން ވަގުތުން ދެލޯފުރި ބަންޑުންވާންފެށިއެވެ. ކިޔާރާ އެބުނީ ކިހާބޮޑު ހަޤީގަތެއްހެއްޔެވެ؟ މިއަދު އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އެކުރާ ހިތާމައިގެ ފަހަތުގައި ވަނީ އާސިމާމެންނެވެ. އެދުވަސް ބަދަލުކުރެވޭނެ ނަމައެވެ. އައިލީން ގާތު ކުރީބައިގައި ހަޤީގަތް ހާމަކުރެވުނު ނަމައެވެ. ވެދިޔަތަން ބަދަލުކުރުމުގެ ކުޅަދާނަކަން އޭނާ ގައިގައި ހުރިނަމަ އޭނާ އެކަންވެސް ކުރީހެެވެ. އެހެނަސް…
އައިލީންގެ ކޮޓަރިއަށް ވަތް ކިޔާރާ ފެނުމުން އެނދުގައި އޮތް އައިލީން ފުންމައިގެން ތެދުވިއެވެ. ބޮލަށް އެނބުރުން އަރާހެން ހީވެ އައިލީނަށް ކުޑަކޮށް ބޮލުގައި ހިފަހައްޓާލެވުނެވެ.
“ލީން.” އޯގާތެރިގޮތަކަށް އައިލީނަށް ގޮވާލުމަށްފަހު ކިޔާރާ އައިލީން ގާތުގައި އެނދުގެ އެއްފަރާތުގައި އިނށީނެވެ. ” ދައްތަބުނި ލީން ހުރީ ކުޑަކޮށް ހުނަވައްތަރު ވެފައޭ. ލީން ކީއްވެ ބަލިވެއުޅޭއިރު ދައްތަގެ ބަސް ނާހަނީ؟ އަދި އެއްޗެއް ނުވެސްކަން ދޯ. ކާއެއްޗެއް ނުކަންޏާ ކިހިނެއް ގަޑިން ގަޑިޔަށް ބޭސް ކާނީ؟ ބޭސް ނުކައި މާގިނައިރު ވަންޏާ ލީން މާބޮޑަށް ބަލިވެދާނެ.” ކިޔާރާ އެއްފައްޗަކަށް އަމުނާލިއެވެ. ” އަހަރެން ކާހިތެއްނުވޭ، ކިޔާ. އެއްވެސްކަމެއް ކުރާހިތެއްނުވޭ. ކީއްވެ އަހަރެންނަށް މިހެންމިވީ ކިޔާ؟ ކީއްވެ؟” ކިޔާރާާގެ ގައިގައި ބައްދައިގަންނަމުން އައިލީން ރޯންފެށިއެވެ. އަދި އޭނާގެ ހާލާއިމެދު ޝަކުވާކުރަން ފެށިއެވެ. ” ލީން. ހިތްވަރުކުރޭ. މިދުނިޔޭގަ އެކިމީހުންނަށް ކުރިމަތިވާނީ އެކި އިމްތިހާން. އެކަންކަމަށް އަހަރެމެން ކެތްތެރިވާންވާނެ. މާތް ﷲ އެކަލާނގެ އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ބުރައެއްނުޖައްސަވާނެ. އަހަރެމެން ޖެހޭނެ އެކަލާނގެއަށް އިތުބާރުކުރަން. އަހަރެމެންނަށް ނޭނގުނަސް އެކަލާނގެ ކޮންމެ ކަމެއްވެސް މެދުވެރި ކުރައްވާނީ އެންމެ ރަނގަޅަކަށް.” ކިޔާރާގެ ބަސްތަކުން އައިލީނަށް އާހިތްވަރެއް ލިބުނެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލުމަށްފަހު ކިޔާރާ އަށް ބަލާލީ ފަނޑު ހިނިތުންވުމަކާ އެކީއެވެ.
” ކިޔާ ޔާން އާ ބައްދަލުކުރިންތަ؟” އިރުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު އައިލީން ކުރި ސުވާލުން ކިޔާރާާގެ އިސްދަށަށް ޖެހިގެންދިޔައެވެ. ވަރަށް ހިތަވަރުކޮށްފައި ލީޝާ މެންގޭގައި ކަންތައްހިނގާ ދިޔަގޮތް ކިޔާރާ އައިލީނަށް ކިޔާދިނެވެ. އެކުވެރިޔާއަށް އޮޅުވާލަން ބޭނުންނުވާތީއެވެ. އިވުނު ވާހަކަތަކުން އައިލީން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކިޔާން އެހާވަަރަށް ބަދަލުވެދާނެ ކަމަށް ޤަބޫލުނުކުރެވިފައެވެ.
” ލީން. ކިޔާން ލީން އަތަށްދޭށޭ ކިޔާފަ އަހަރެން އަތަށްދިން އެއްޗެއް.” މަޑުމަޑުން ކިޔާރާ ބުނެލިއެވެ. އައިލީން ކިޔާރާއަށް ބަލާލީ އެ އެއްޗެއް ބަލާލުމުގެ ޝައުޤުވެރިކަން އެހިތުގައި އުތުރިއަރައިގަތް ވަރުންނެވެ. ކުއްލިއަކަށް ކިޔާރާ ކަނައަތުގެ މުށް ހުޅުވާލައިފައި ދައްކާލި އެއްޗަކުން އައިލީންގެ ދެލޯބޮޑުވެގެން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އެބޮޑު ދެލޯ ކަރުނުން ފުރިގެންދިޔައީ އައިލީންގެ އިޚްތިޔާރުން ބޭރުގައެވެ.
4 Comments
Comments are closed.
v nice
Thank you faxee..☺
Assalaam alaikum.. Mi vaahakaage fasvana bai up kurun kudakoh lasveethee kiyuntheringe kibain maafah ehdhen.. ?
Vaahakaiga rangalhu kohlan jehey thaneh in nama buneladhinun edhen.. ☺
V salhi konerakun anehbaeothey …..