” ދޮންބެ ތިދައްކާ ވާހަކައެއް އަހަންނަށް އެއްގޮތަކަށްވެސް ނުވިސްނޭ.. ތިބުނާ ފަދަ ގުޅުމެއް އަހަރުން ދެމީހުންގެ ދެމެދު ނޯންނާނެ” އަމިއްލަ ކުށެއް ނެތް ކަން ސާބިތުކުރަން މަސައްކަތް ކުރަމުން އާރާވް ބުންޏެވެ.
” އާރާވް ޕްލީޒް.. އަހަރެން މިދެލޮލުންނޭ ދުށީ އަހަރެން ކައިވެނި ކުރި ރޭ އާރާވް އަރުޝީ ކައިރީގައި ކުރި އާދޭސް.. ސޯ ޕްލީޒް… އާރާވް މިތަނުން ދޭ..” ޒިވާންގެ ޖުމްލައިން އާރާވްއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެރޭގެ އެމަންޒަރުން ޒިވާން މާނަ އެނެގީ މުޅިން ގޯސްކޮށެވެ. އަރުޝީގެ އެއްވެސް ކުށެއް ނެތެވެ. ކުރި ކުށެއް ކުރެވުނީ އާރާވް އަށެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތުމުން މަޑުން މަޑުން އެކޮޓަރިން ނިކުމެ ދޮރުލައްޕާލިއެވެ. އެވަގުތު ޒިވާންގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ.
ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރި އާރާވްގެ ހިތުގައި ވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ. މިރޭ ޒިވާން ދެއްކި ވާހަކަތަކަށް ފަހު ޒިވާންއާއި ކުރިމަތިލާނެހާ ހިތްވަރެއް އާރާވްގެ ކިބައަކު ނެތެވެ. އާރާވް އެސިއްރެއް ފޮރުވަން ވެގެން އެހާ މަސައްކަތް ކުރި ސިއްރުވަނީ މާކުރިއްސުރެ ޒިވާންއަށް އެނގި ފާޅުވެފައެވެ. ނަމަވެސް ޒިވާންގެ ބުނި އެއްޖުމްލައަށް އާރާވް ވިސްނަ ވިސްނާވެސް ޖަވާބުލިބޭގޮތެއް ނުވިއެވެ.
” އަރުޝީ އަހަރެންނާ އޮތް ގުޅުން ހީނަރުވެގެން ދިއުމުގަ އާރާވްގެ އިހުމާލްވެސް ވޭ.” ޒިވާން މިހެން ބުނީ ކީއްވެ ހެއްޔެވެ. އެރެއަށްފަހު އާރާވް އަރުޝީއާއި ވާހަކަދައްކާފައެއް ނޯންނާނެއެވެ. ވީއިރު އެގުޅުން ހީނަރު ވުމުގައި އާރާވްގެ އިހުމާލު އޮންނަންވީ ކީއްވެހެއްޔެވެ.
” އަނެއްކާ އަރުޝީ އަހަރެން ދެކެ” އަމިއްލައަށް ބުނެވުނު ޖުމްލަ އާރާވްއަށް ފުރިހަމައެއް ނުކުރެވުނެވެ. ނޫނީ ފުރިހަމަކުރަން ބޭނުންނުވީ ކަންނޭނގެއެވެ. ކުށްހީއަކަށް ވެދާނެތީއެވެ. ނުބައި ހިޔެއްކޮށްގެން ހިތަށް އިތުރު އަނިޔާއެއް ދޭން ބޭނުން ނުވާތީއެެވެ. ކުޑަ ދޮރު ލައްޕާލާފައި އެނދަށް އަރަން އުޅުނު ވަގުތު ދޮރުގައި ޓަކި ޖަހާލި އަޑުއިވުމުން ގޮސް ދޮރުހުޅުވިއެވެ. ދޮރުމަތީގައި ހުރި މީހާ ފެނުމާއެކު އާރާވްއަށް ހައިރާން ކަމެއް ލިބުނީ މިކަހަލަ ވަގުތަކު ރޮމުން އައިމައެވެ.
ހެނދުނުގެ ސަިއހެދުމަށްފަހު ރައިހާނާ މޭޒު ކައިރީގައި މަޑުކޮށްލައިގެން އިނީ ދެދަރިން ސައިބޯން އަންނަންދެން އިންތިޒާރުގައެވެ. އޮފީސް ދަބަސް ހިފައިގެން ގަމީހުގެ އަތްކުރި އޮޅަމުން އައިސް ޒިވާން މޭޒު ކައިރީ އިށީނީ ރައިހާނާ އެހެން އިންދައެވެ. ޒިވާން އަށް ތަށިތައް ކައިރިކޮށްދޭން އުޅުނު ރައިހާނާ ސިޑިއާއި ދިމާއަށް ބަލާލި ވަގުތު ފެނުނު މަންޒަރުން ހައިރާންވެ ގޮސް އަނގަހުޅުވުނެވެ. ރަތްކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ޖިންސެއްގައި ޒަމާނީ ގޮތަކަށް ބެގީ ކޮށްލައިގެން ކޮނޑުގައި ސައިޑް ބޭގެއް އަޅުވައިގެން ފައިބާ އާރާވް ފެނުމުން ރައިހާނާ ހުރީ އެހެންދިމާލާކަށް ބަލާލަން ނޭނގިފައެވެ. އާރާވްގެ ތުންފަތްމަތީގައި ހިނިތުންވުމެއް ބޮލުގައި އަތްފުނާއަޅާއަޅަމުން ތިިރިއަށް ފޭބީ ވަރަށް އަވަސް އަރުވާލާފައެވެ. ރައިހާނާއަށް ވެފައި ހުރިގޮތް ފެނި ޒިވާންވެސް ރައިހާނާ ބަލަހައްޓައިގެން ހުރި ދިމާއަށް ބަލާލުމާއެކު ޒިވާންއަށްވެސް ރައިހާނާއަށް ވީވަރެވެ.
” ދަރިފުޅާ ތިޔޯ..” ހައިރާންވެ އިނދެ މޭޒުގެ އަނެއް ފަރާތުގައި އިށިން އާރާވްއަށް ބަލާލުމުން ރައިހާނާއަށް ބުނެވުނެވެ.
” މަންމާ އަޅުގަނޑު މިއަދުން ފެށިގެން ނިންމައިފިން އޮފީސް ޖޮއިން ކުރަން.. އޭރުން ދޮންބެއަށްެވެސް ފަސޭހަވާނެއްނު.. ދޯ ދޮންބޭ” ޒިވާން އަށް ދޯ ދެމުން އާރާވް ބުނުމުން ޒިވާންއަށް ބުނާނެ ވަކި އެއްޗެއް ނޭނގުނެވެ. އެހެނީ އާރާވް އޮފީހަށް ދިއުމަކީ ޒިވާން އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫނެވެ. އެތާނގެ އެއްވެސް އެއްޗެއްގެ ނޫނީ ތަނެއްގެ ވެރިޔަކަށް އާރާވް ވުމަކީ ޒިވާން އެއްގޮތަކަށްވެސް ބޭނުންވާކަމެއް ނޫނެވެ. އާރާވް ޒިވާންގެ މުދަލަކަށް ވައިއެޅެންވެސް ޒިވާން ބޭނުންނުވާ ކަހަލައެވެ.
” ދޮންބެ ހިތްހަމަނުޖެހުނީތަ” ޒިވާން އިންގޮތުން އާރާވް އަހާލިއެވެ. ރައިހާނާވެސް ޒިވާންއަށް ބަލާލީ އެއީ ތެދެއްހޭ އަހާލާ ފަދަ ގޮތަކަށެވެ.
” ނޫނޭ… ދޮންބެ ވަރަށް އުފާވެއްޖެ އާރާވް ތިގޮތަށް ވިސްނީމަ.. އެކަމަކު ފުރަތަމަ ފަށައިގަންނަން ޖެހޭނީ ދަށް މަގާމަކުން.. މިހެން މިބުނީ އަހަރެންވެސް ފުރަތަމަ ޖޮއިން ކުރީ ދަށް މަގާމަކަށޭ… ތިމާގެ ހުރި ގާބިލު ކަމާއެކީގައޭ މަތީމަގާމުތައް ހޯދަން ޖެހޭނީ..” މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލަމުން ޒިވާން ބުންޏެވެ.
” ފުރަތަމަ ވަރަށް ބުރަކޮށް އުޅެން ޖެހޭނީ.. މަސައްކަތްތައް އެހާ ފަސޭހައެއް ނުވާނެ.. މާގިނައިން މައްސަލަތައް ދިމާވެގެން ނުވާނެ” ޒިވާން އެއިންގޮތަށް އިނދެ ކިޔާލިއެވެ.
” ޑޯންޓް ވޮރީ ބްރޯ.. އައިލް ޓްރައި މައި ބެސްޓް” އާރާވް ޒިވާންގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ. ޒިވާންވެސް އެންމެ ރަނގަޅޭ ބުނުމަށްފަހު ސައިބޮއެގެން ދިއުމުން އާރާވް ވެސް ކުޑަގޮތެއް ހަދާލައިގެން އާރާވްގެ ފަހަތުން ދިޔައެވެ.
މުސައްލަމަތީގައި އިން އަރުޝީ އިނީ އިންތަނުން ތެދުވާހިތް ނުވެފައެވެ. ލޯބޭނުން ނުވިޔަސް އެލޯ ރޮމުން ދަނީ ހިތުގެ ވެރިޔާ ދެކިލުމަށެވެ. ނަމަވެސް އެލޯ ދުށުމަށް އެދޭ އިންސާނާ ވަނީ މުދިނިޔެއާއި ވަކިވެގެން ގޮސްފައެވެ. ދިރިއުޅުމަށް އައިސްފައިމިވަނީ ކޮންކަހަލަ ބަދަލެއް ހެއްޔެވެ. ރޭގަނޑުގެ ނިދިވެސް އަރުޝީއާއި ރުޅިވެފައިވާއިރު ދުވާލުގެ އެރީތިކުލަވެސް ވެއްޓިފައިވާކަހަލައެެވެ. އަރުޝީގެ ހަޔާތަށް މިއައި ލޮޅުމުގައި ކެތްތެރިކަން ދެއްވުން އެދި ދުއާކުރުން ނޫން ގޮތެއް ނެތެވެ. މީހުންގެ ހިލަ ހިތްތަކާ ހެދި ދުނިޔެވެސް ހިލަވެފައި ވާކަހަލައެވެ. ޒިވާން އާއި ހެދި އަރުޝީ މީހުންނަށް ކުރާ އިތުބާރު ގެއްލިއްޖެއެވެ. ދެން އެހެންމީހަކަށް ދުވަހަކުވެސް އިތުބާރުކުރެވޭނެ ކަމެއް ނޭނގެއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު މުސައްލަމަތިން ތެދުވެ އޮޅާލުމަށްފަހު ތިން އިންޗިގެ ކުޑަ އެނދުގެ އެއްކައިރިއެއްގައި ބާއްވާލިއެވެ.
” އަރުޝީ ދައްތަ ހޯދަން އައިސް އެބަހުރި” ނަދީމާގެ އަންހެން ދަރިފުޅު ޖީނާ އަރުޝީގެ ގޮޅިއެއްވަރުގެ ކޮޓަރިއަށް ބޯދިއްކޮަލަމުން ބުނެލިއެވެ.
” ކާކު” ގަބޫލުނުކުރެވިގެން އަހާލާ ފަދަ ގޮތަކަށް އަރުޝީއަށް އަހާލެވުނެވެ. އެހެނީ މިހާރު މިދުނިޔޭގައި އަރުޝީ ހޯދަން އަންނާނެ މީހަކު ނުހުންނާނެއެވެ. އަނެއްކާ ޒިވާން ބާވައެވެ. އެކަމަކު ޒިވާން އަރުޝީ ހޯދަން އައުމުގެ ބޭނުމެއް ނޯންނާނެއެވެ. މިކަހަލަ ވިސްނުމެއްގައި ހުރެ ސިޓިންގ ރޫމަށް ނިކުތްއިރު ނަދީމާ ކައިރީގައި ވާހަކަދައްކަން އިންމީހާ ފެނި އަރުޝީގެ ހިތަށް ފިނިވެގެން ދިޔައެވެ. ކުޑަ ވަގުތު ކޮޅަކަށްވިޔަސް އެހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވެގެން ދިޔައެވެ. ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވުނީ ބޭއިޙްތިޔާރުގައެވެ.
” އާރާވް…” ވައި އަޑަކުން މިހެން ބުނެވުމާއެކު އާރާވްއަށް އަރުޝީއާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު އެހިތަށް ލިބިގެން ދިޔަ ހިތްހަމަޖެހުމަކީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ހިނިތުންވެލަންވެސް ނޭނގިފައި އަރުޝީއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ނަމަވެސް އޭރު ދުށް އަރުޝީއާއި މިހާރު ފެންނަން ހުރި އަރުޝީި ހާސްތަފާތެވެ. މިހާރު ފެންނަން ހުރި އަރުޝީ ވަނީ ހިކި އަނަރޫފަ ވެފައެވެ. ލޯކައިރި ވަޅުވަދެފައިވާއިރު މޫނުމަތި ހުދުކަފަކޮޅެއްހާ ހުދެވެ. ތުންފަތްވެސް ފަޅައިގެން ގޮސްފައިވާއިރު އެތަންކޮޅުވަނީ ނޫފައިގަނެފައެވެ.
އާރާވްގެ ބެލުމުން އަރުޝީއަށް އުނދަގޫވެ އިސްޖަހާލެވުނެވެ. އާރާވްއަށް އެކަން އިހްސާސްވީ ގޮނޑީގައި އިން ނަދީމާ ކަރުކެހިލުމުންނެވެ.
” ކިހިނެއް އެނގުނީ އަހަރެން މިގޭގަ ކަމެއް” އެންމެ ފުރަތަމވެސް އަރުޝީއަށް ކޮށްލެވުނީ ސުވާލެކެވެ.
” ރިހާނީގެ ފަރާތުން.. އަހަރެން އަރުޝީ ހޯދަން އުޅޭކަން ކައިލްގެ ފަރާތުން ރިހާނީއަށް އެނގުމުން ރިހާނީ އަހަރެން ކައިރީގަ ބުނީ އެއްރޭ ވާރެއާ ތެމިގެން ދަނިކޮށް ފެނިގެން މިގެއަށް ގެނެސްދިން ވާހަކަ” ކުރުގޮތަކަށް އާރާވް ކިޔައިދިނެވެ.
” އަރުޝީގެ ކުޑަ ވަގުތުކޮޅެއް އަހަރެން ދީފާނަންތަ.. ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން މިއައީ.. ” އާރާވް އެހުރިގޮތަށް ހުރެ ބުނެލިއެވެ.
” މިހާރު ދެން ކޮންވާހަކައެއް ދައްކާނީ.. އާރާވްއަށް ނޭނގިއެއް ނުހުންނާނެ ކަންނޭނގެ ޒިވާން އަހަރެން ވަރިކުރި ކަމެއް.. ތިއާއިލާ އާއި އިތުރަށް ގުޅޭކަށް އަހަންނެއް ނެތިން ” ރުންކުރު ގޮތަކަށް ބުނުމަށްފަހު އަރުޝީ ދާން އަނެއްފަރާތަށް އެނބުރުނު ވަގުތު އާރާވް ބުނި ޖުމްލައިން އަރުޝީއަށް ހުއްޓެން މަޖުބޫރު ވިއެވެ.
” އަހަރެން މިއައީ އަރުޝީ ކައިރިން ވަރަށް ބޮޑު އެހީއަކަށް އެދެން ވެގެން.. ޕްލީޒް އަރުޝީ ހެލްޕް” އާދޭހުގެ ރާގެއްގައި އާރާވް ބުނުމުން އަރުޝީއަށް އެތަނުން ދާކަށް ނުކެރުނުވެ. އާރާވް އަށް ދިމާއަށް އެނބުރި ހަށަން ބަދެލަމުން އަރުޝީ ކޮށްދެންވީ ކަމެއް އަހާލިއެވެ. ހަމައެވަގުތު ނަދީމާ އެތަނުން ދާން އުޅުމުން އާރާވް އެކަން ހުއްޓުވިއެވެ.
” ނަދީމައްތަ އަކީ އަރުޝީގެ މައެއް ކަހަލަ މީހެއް.. މިވާހަކަތައް ދައްކަން ބޭނުންވަނީ ނަދީމައްތަވެސް ހުރެގެން” އާރާވް ބުންޏެވެ. އެއަށް ފަހު އަރުޝީ އާރާވް އިށީންނަން ތަންދެއްކަމުން އަރުޝީވެސް އެތަނުން ސޯފާއެއްގައި އިށީނެވެ.
” އަރުޝީ.. ފުރަތަމަ އަހަރެން ކޮށްލަން ބޭނުންވަނީ ސުވާލެއް.. ހީކުރަން އަރުޝީ ތެދުތެދަށް ޖަވާބުދޭނެކަމަށް” އާރާވް ހަމަޖެހިލަމުން ބުންޏެވެ.
” އަހަންނަކީ އެއްއިރެއްގައިވެސް ދޮގު ހަދާ އުޅޭ މީހެއްނޫން.. މާތްﷲގެ އަޒާބަށް އަހަރެން ބިރުވެތިވަން” އަރުޝީވެސް ބުނެލީ ސުވާލުގެ ޖަވާބަށް ތައްޔާރުވެގެންހުރި ފަދަ ގޮތަކަށެވެ.
” އެންމެ ރަނގަޅު.. އަހަރެންގެ ދޮންބެ.. މިބުނީ ޒިވާން އަރުޝީއަށް އަނިޔާކުރިތަ” އާރާވްގެ ސުވާލުން އަރުޝީއަށް ލިބުނީ ސިހުމެކެވެ. އާރާވްގެ މޫނަށް ބަލަހައްޓައިގެން އިނީ ޖަވާބުދޭން ޖެހިލުންވާ ފަދަ ގޮތަކަށެވެ. ނަމަވެސް ސުވާލުކޮށްލުމުން އަރުޝީއަށް ވީގޮތާއި އަރުޝީގެ މޫނު ފެނުމުން އާރާވްއަށް ޖަވާބުލިބުނު ކަހަަލައެވެ.
” އަރުޝީ ނުބުންޏަސް އަހަންނަށް ޖަވާބުލިބިއްޖެ…އަރުޝީގެ ފަޅައިގެން ގޮސްފައިތިވާ ތުންފަތުންވެސް އެކަން އެނގިއްޖެ..މިހާރު އެނގިއްޖެ ތާރާ ދެއްކީ މުޅިންވެސް ތެދުވާހަކަތަކެއް ކަން..” އާރާވް ފަހު ޖުމްލަ ބުނެލިއިރު އެލޮލުން އައިސްފައިވާ ރުޅި ފާޅުވޭވެ ހުއްޓެވެ. އަރުޝީއަށްވެސް ތުންފަތުގައި އަތްޖައްސާލެވުނީ ބޭއިހްތިޔާރުގައެވެ. އަދި ތާރާ ހުރިހާ ވާހަކައެއް އާރާވް ކައިރީގައި ދެއްކި ކަންވެސް އެނގިގެން ދިޔައެވެ.
” ރޭގައި އަހަރެން ނިދާން އުޅެނިކޮށް ތާރާ އަހަރެން ކޮޓަރިއަށް އައީ ރޮމުން.. ޒިވާން އަރުޝީއާއި މެދު ކަންތައް ކުރިގޮތް ތާރާ އަހަންނަށް ކިޔައިދިން.. އަދި އަރުޝީ ކުރި ހިތާމައާއި ރުއި ރުއިންވެސް ބުނެދިން.. ބުނީ އަރުޝީ މިގެއިން ދިއުމުގައި ވަނީ ޒިވާންގެ އަތެއްކަމަށް.. އަހަރެން ބޭނުންވީ އެކަން ޔަގީންކުރަން… އެހާމެ އަވަހަށް ޔަގީންވެސް ވެއްޖެ.. އަހަރެން ބޭނުން އަރުޝީއަށް އިންސާފު ހޯދައިދޭން.. އަރުޝީ ބޭނުމިއްޔާ މިހާރުވެސް ފުލުހުންނަށް ރިޕޯޓް ކުރެވިދާނެ” އާރާވް އަރުޝީއަށް ޔަގީންކަން ދޭ ފަދަ ގޮތަކަށް ބުންޏެވެ.
” ނޫން.. ނޫން އާރާވް… އަހަރެން ބޭނުންވީ އޭނ ކައިރިން މިންޖުވާން.. އަހަންނަށް އެކަން ވެވިއްޖެ. ދެން އިތުރަށް އެހެން ކަމެއް ބޭނުމެއް ނޫން” އަވަސް އަރުވާލާފައި އަރުޝީ ބުނިގޮތުންނާއި އަރުޝީގެ މޫނުމަތިން ފެންނަމުން ދިޔަ ބިރުވެރިކަމުން ކޮންމެވެސް އެހެން ކަމެއް އުޅޭކަމަަށް އާރާވްއަށް ޝައްކު ކުރެވުނެވެ.
” ޔަގީންތަ.. އެހެންނޫނީ ޒިވާން އަރުޝީއަށް ބިރުދައްކަނީތަ އެއްވެސް ކަމަކަށް.. އަންހެނުނަށް އަނިޔާކުރާ ފިރިހެނެއް ފަހުން އެހާ ދަށު ދަރަޖައަކަށްވެސް ވެއްޓިދާނެ.. އަރުޝީ ބިރުނުގަނެ އަހަރެން ކައިރީ ބުނޭ.. ” ޝައްކެއްެގެ މަތީގައި އިނދެ އާާރަވް ބުންޏެވެ.
” އާރާވް.. ޕްލީޒް… ތިހުރިހާ ސުވާލުތަކަށް ޖަވާބުދޭކަށް އަހަންނެއް ބޭނުމެއްނޫން.. ދެން ރަނގަޅުވާނީ މިތަނުން ދިޔައިއްޔާ.. ޕްލީޒްދޭ މިތަނުން” އަރުޝީ ކުއްލިއަކަށް ތެދުވެގެން ގޮސް ގޭގެ ދޮރުހުޅުވާލަމުން ބުންޏެވެ. އެހެންކަމުން އާރާވްއަށްވެސް އިތުރު ސުވާލެއް ކުރަން ނުކެރި އެގެއިން މަޑުމަޑުން އެގެއިން ނިކުންނަށް ދިޔައެވެ.
” އަރުޝީ އަހަރެން……” އަނެއްކާވެސް އާރާވް ބުނަން އުޅުނެވެ. އެހެނަސް އަރުޝީ އަތުގެ އިޝާރާތުން ހުއްޓުމަށް ބުނުމުން އާރާވް ދެފަރާތަކަށް ބޯހޫރާލުމަށްފަހު އެގެއިން ނިކުމެގެން ދިޔައެވެ.
އާާރާވް ދިއުމާއެކު އަރުޝީ ދޮރުލައްޕާލުމަށްފަހު ދޮރުލެގިލާ ދެލޯ މަރާލަމުން ފުން ނޭވައެއް ދޫކޮށްލިއެެވެ. އެވަގުތު އެސްފިޔަތައް ފޫއަޅުވާލާފައި ނިކުތް ކަރުނަ ތިކި ރޮނގެއްހެން ކޯތާފަތް ހުރަސްކޮށް ތިރިއަށް ވެއްޓުނެވެ. ނަދީމާއައިސް ހިތްވަރުކުރާށޭ ބުނާފަދަ ގޮތަކަށް އަރުޝީގެ ކޮނޑުގައި އަތްބާއްވާލިއެވެ.
އާރާވް އާއި ކައިލް ވާހަކަ ދައްކަން ތިބީ ބްލޫ ބޭ ކެފޭގެ މޭޒެއްގެ ކައިރީގައެވެ. ދެމީހުން އަތުގައި ހޫނު ދެކޮފީތަށި ވާއިރު އޭގެ ހޫނުއާވިން އަރާ މީރުވަހުން އެހިސާބު ވަސްހިފާލާފައި ވެއެވެ. އާރާވް ކައިލް ކައިރީގައި ތާރާ ދެއްކި ވާހަކަ ކިޔައިދިނުމުގެ އިތުރުން އަރުޝީއާއި ދެކެވުނު ވާހަކަތައްވެސް ކިޔައިދިނެވެ. ޒިވާން އެކަހަލަ ކޮށްފާނެކަމަށް ކައިލްވެސް އިނީ ޔަގީން ނުކުރެވިފައެވެ. ކައިލް އަށް މިހާތަނަށް ހީވި ގޮތުގައި ޒިވާން އަކީ ދީނަށް ލޯބިކުރާ އަންހެނުނަށް އިހްތިރާމް ކުރާ މީހަކެވެ. އޭގެ ސަބަބުން ކައިލްގެ ހިތުގައިވެސް ޒިވާން އަށްޓަކާ އިއްޒަތާ ގަދަރުދެވިފައިވެއެވެ. ނަމަވެސް އާރާވް ދެއްކި ވާހަކަތަކަށް ފަހު އެގަދަރު ވެއްޔާ މޮޑެވި ހިނގައްޖެއެވެ. ޒިވާން އަކީ ފިނޑި ފިރިހެނެއް ކަމުގައި ދެކެވެން ފަށައިފިއެވެ.
” އާރާވް ތިބުނާހެން ޒިވާން އަރުޝީ ބްލެކްމެއިލްވެސް ކޮށްފާނެ.. އެކަހަލަ ފިރިހެނުން ފަހެއް ނުޖެހޭނެ މީހަކު މަރާލާކަށްވެސް ” ކޮފީތަށިން ކޯވަރެއް ބޯލަމުން ކައިލް ބުންޏެވެ.
” އެކަމަކު ކޮންކަމަކާބާ މި ބްލެކްމެއިލް ކުރަނީ” ހިތުގައިވާ ސުވާލު އާރާވް ފާޅުކޮށްލިއެވެ.
” އާއްމުކޮށް އެކަހަލަ މީހުން އަންހެންކުދިންނަށް ބިރުދައްކާނީ ކޮންމެވެސް ވީޑިއޯއެއް އެހެން ނޫނީ ފޮޓޯތަކެއް ލީކުކޮށްލާނަމޭ އެހެން އެއްޗެކޭ ކިޔާފަ” ކައިލް އޭނާގެ ހިޔާލު ފާޅުކޮށްލިއެވެ.
” އެކަމަކު އަހަންނަަކަށް ހިޔެއް ނުވޭ އަރުޝީގެ ތިބުނާ ފަދަ ވީޑިއޯއެއް ހުރެދާނެއެކޭ.. އެއީ އެޔަށް ވުރެ ސާފު ޠާހިރު އަންހެނެއް” އާރާވް ބުންޏެވެ.
” ޑަފަރ… ” ކައިލް އާރާވްގެ ބޮލުގައި ފުއްޓައްކެއް ޖަހާލަމުން ބުންޏެވެ. އާރާވް ބޮލުގައި ފިރުމާލަމުން ކިިހިނެއްވީތޯ ސުވާލުކުރިއެވެ.
” ބަަލަ ޒިވާން އަކީ އަރުޝީގެ ފިރިމީހާ.. އޭނައަށް ނެގިދާނެދޯ ކޮންމެ ފޮޓޯއެއްވެސް ނޫނީ ވީޑިއޯއެއްވެސް.. މިބުނާ އެއްޗެއް ނަގައިގަނެވޭތަ ތި ޅަސިކުނޑިއަށް…” ކައިލް ހީލާފައި ބުނުމުން އާރާވް އެކަމާއި ފުންކޮށް ވިސްނާލިއެވެ.
“ހްމްްމް.. އެހެންވީމަ ފުރަތަމަ ޖެހޭނީ ތިބުނާ ފޮޓޮއެއް އެހެންނޫނީ ވީޑިއޯއެއް ހޯދަން.. ޒިވާން އަށް އޭނަކުރި ކުށުގެ ސަޒާ ލިބެންޖެހޭނެ.. އަރުޝީއަށް އިންސާފު ލިބެންޖެހޭނެ.. އިންޝާﷲ އަހަރެން އަރުޝީއަށް އިންސާފު ހޯދަ ދޭނަން.. ޝީ ޑިޒަރވްސް އިޓް” އެއްދިމާލަކަށް ބަލަން އިނދެ އާރާވް ކިޔާލިއެވެ.
” އަމް ޕްރައުޑް އޮފް ޔޫ ބްރޯ.. އާރަވް ތިކަހަލަ ވިސްނުމެއް ގެންގުޅޭތީ އަހަރެން އުފާކުރަން.. އަހަރެން އުފާކުރަން އާރާވް ޒިވާން ކަހަަލަ ދަށު ދަރަޖައިގެ މީހަކަށް ނުވި ކަމަށްޓަކާ… ” އާރާވްގެ ކޮނޑުގައި ޖަހާލަމުން ކައިލް ބުންޏެވެ.
14 Comments
Comments are closed.
Yayy. Me frst dww.?? V rythi mi part vx. ?
Yippppy……Varah reethi mi part ves…..waiting 4 d nxt part
Nice??❤
V reethi v keimadhu vefa mihiree pls next part avas kohladhee
Reethi ekam dhen haadha kurey miyah wure dhigu kohlihyaa liyaa meehaa ah kameh wanytha
Liumaky v bura masahkatheh.. Kiyaa meehunnakah ihusaaseh nuvaane
Wow pls thanking avahah up kohdheebala
Ohhh wow masha allah?? mihaaru stries thah haadhahaachaaley ?? whn nxt prt keiymadhuvaahaa loabi stries thah mihaaru gud nyt ly????❤❤???
Wow varah rythi ekam thankolheh kuru. Dhen aaraav eythi hoadhan ulhenikoh zivaan eyna bappa maraalaa video fennaany dhw? When next part?
Reethi when next part
Vaahaka thankolheh dhigukon
Waiting for next part.story is awsome
Konirakun nex prt
Pls next part up kohdheeba haadha kiyaa hithunney mihiree