އާދައިގެ ވަރަކަށް ވައިޖެހޭ އުޑުމަތި ސާފް، އަވިގަދަ ދުވަހެކެވެ. ދާއިން އިނީ ތުޑީކޮޅާ ދިމާލު އަތިރިމަތީގައެވެ. އެހިސާބުގެ މާހައުލު ވަރަށް ހިތްފަސޭހައެވެ. ވައި ގަސް ރުކުގައި އަޅައިގަތުމުންނާއި، ގޮޑުދޮށަށް ބީއްސާލާ ކުދި ކުދި ރާޅު ތަކުގެ އަޑުން މުޅި އެހިސާބުގައި ހިތްގައިމު މިއުޒިކީ އަޑެއް ގުގުމަމުން ދެއެވެ. ހަލާކުވެ ފުޑުފުޑު ވެފައިވާ ހިތަކަށް ވެސް ހިތްހަމަ ޖެހުން ލިބޭނެކަން ޔަގީނެވެ. އެމާހައުލުގެ އުފާ ހާސިލް ކުރާނެ ކިތަށް މީހުން އުޅޭނެ ހެއްޔެވެ؟. ދާއިންވެސް އެފާ ހާސިލް ކުރަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ދާއިންއަށް އެއުފާ ހާސިލް ކުރެވޭހާ ހިތްވަރެއް ނުލިބުނެވެ. ހިތަށް އަރަނީ އޭނާގެ އެކަނި ވެރިކަމެވެ. ބަދުނަސީބު ވެރިކަމެވެ. މިއަދު ނާޖީ ހުރިނަމަ ކިތަށްމެ ރަނގަޅަކަށް ވެސް އެއުފާ  ހާސިލް ކުރެވޭނެއެވެ. އެމާހައުލު އެމީހުންގެ އަމިއްލަ ތަނަކަށް ވީހެވެ. މިކަހަލަ ކިތައްމެ ތަނެއް އެދެމީ ހުން ނަށްޓަކާ މަރުހަބާ ކިޔާލަ ކިޔާލާ ހުރީހެވެ. އެކަމަކު އެތަން ދެކޭކަށް، އެއުފާ ހާސިލް ކުރާކަށް ނާޖީއެއް ނެތެވެ. އޭނާ ވަނީ މިދުނިޔެ ދޫކޮށްފައެވެ. ގަހުގާ މާއެޅުމުގެ ކުރިން ގަސް މަރުވީއެވެ. ނާޖީ ދުނިޔެ ދޫކޮށް ދިޔައީ ދާއިން މިއިންސާފެއްނެތް ދުނިޔެއަށް އެކަނިކޮށްފައެވެ. އެހާދިސާ ހިގައި ދިޔައީ ދާއިންގެ ލޯމަތީގައެވެ. އެ ހިތްދަތި ވަގުތު ހަނދާންވާ ކޮންމެފަހަރަކު ދާއިންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަނެއެވެ. ހިތަށްތަދުވެއެވެ. ހަލާކުވެފައިވާ ހިތަށް އިތުރު ވޭންތަކެއް ލިބެއެވެ.

އެއީ މީގެ ހަތަރުއަހަރު އަހަރު ކުރިއެވެ. ދާއިން ރަށު ސްކޫލު ގުރޭޑް އަށަކުން ނިމިގެން ކިޔަވަން މާލެ ބަދަލުވިއެވެ. އަދި ދާއިން އޯލެވެލް ނިއްމާލުމަށްފަހު، އޭ ލެވެލް ވެސް ކިޔަވާ ނިމިގެން ރަށަށް އައިތާ ދުވަސް ކޮޅެއް ވެސް ވިއެވެ. ދާއިންއަކީ ޒުވާން ފިރިހެން ކުދިންގެ ލިސްޓްގެ އެއްމެކުރީގައިވާ ޒުވާނާއެވެ. އިސްކޮޅުންދިގު ރަތްދޮނެކެވެ. އިސްތަށިގަނޑު ފަނެވެ. ހެޔޮވަރު ވަރެއްގެ ހަށިގަނޑެކެވެ. އެސްފިޔަތައް ދިގު ޖާދޫއެއްފަދަ ދެލޮލެވެ. އެއްޗަކާ ދިމާލަށް ބަލާލައިފިނަމަ އެއެއްޗެއް އުފަލުން މަރުހަބާ ކިޔާކަހަލައެވެ. ހަމަ އެފަދައިން އަންހެން ކުއްޖަކާ ދިމާލަށް ބަލާލައިފިނަމަ އެކުއްޖަކު އުފަލުން ނަށާނެކަން ޔަގީނެވެ. ކޮންމެ މީހަކު ވެސް ދާއިން ބަލައި ގަންނަނީ މަޑުމައިތިރި، ހިތްހެޔޮ މީހެއްގެ ގޮތުގައެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ދާއިން ގެއިން ނުކުތީ ހިންގާލާށެވެ. ވަކިތަނެއް ކަނޑައަޅައިގެނެއް ނޫނެވެ. ހަމަ ހިތް އުފާކޮއް ރަހުމަތް ތެރިންނާއި ގުޅުން ބަދަހި ކޮއްލާށެވެ. ދާއިންނަކީ ސަކަމިޒާޖެއް ގެންގުޅޭ މީހެއްކަމުން މަގުމަތިން ފެންނަ ކޮންމެ މީހަކަށްވެސް ގޮވާލާ ވާހަކަދައްކާލާ ހަދައެވެ. އެހެންވެ އެމީހުންވެސް ދާއިންއަށް ގޮވާލާ ސަމާސާކޮއް ހަދައެވެ. ދާއިން ހިނގަމުން ގެންދިޔައީ ރަށުގެ ބޮޑުމަގުންނެވެ. އާދައިގެ މަޑު ހިނގުމެއްގައެވެ. ދެއަތް ޖީބަށް ޖަހައިލައިގެން ހިނގަމުންދިޔަ ދާއިން އަށް އިސްއުފުލާ ބަލާލެވުނެވެ. ހަމައެއާއެކު ދާއިން އަށް މަޑުޖެހި ވެސް ލެވުނެވެ. ހީވީ މީހަކު ފަހަތުން ހިފެހެއްޓިހެންނެވެ. ދާއިން އަށް މަންޒިލެއް ފެނިއްޖެއެވެ. ހީވަނީ ދާއިން އަންނަންދެން ހުރިހެންނެވެ. ދާއިން އަދި ދުވަހަކުވެސް މިކަހަލަ ރީތި އަންހެން ކުއްޖަކު ނުދެކެއެވެ. އެހެން ނަމަވެސް އެކުއްޖާގެ މޫނަށް ބަލާލުމުން ކޮންމެވެސް ވަރަކަށް ދަންނަ މޫނަކާ ވައްތަރު ވިއެވެ. ނަމަވެސް މީހާ އަސަރުގަދަ ކުއްޖެއް މިފެނުނީ އަލަށެވެ. އެންމެ ފުރަތަމަ ނަޒަރުން ލޯތްބޭ ބުނާއަޑު ދާއިންވަނީ އަހާފައެވެ. އެކަމަކު ކުރިން އެކަން ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް މިހާރު ގަބޫލުކުރެވިއްޖެއެވެ. ކުރިމަތިން ފެންނަން މިހުރި ޕަރީއަށް ހިތް ހިބަކުރެވިއްޖެއެވެ. ހެދިހުރި ހަށިގަނޑަކާ އެއްވަރުގެ އިސްކޮޅެކެވެ. ފަން ދިގު އިސްތަށިގަނޑެކެވެ. ލަދުރަކި ހިނިތުން ވުމެއް އެކުލެވިގެންވާ މޫނެކެވެ. ކުރަނގި ދެލޮލެވެ. ކުރާނެކަމެއް ދާއިން އަކަށް ނޭގުނެވެ. މިވީ ކުޑަވަގުތު ކޮޅުގެ ތެރޭގައި ދާއިންގެ ހިތުގައި ކާކުކަން ނޭންގޭ އަންހެންކުއްޖާގެ ސޫރަ ބިންވަޅު ނެގުނެވެ. އުދުހިލާފައިވެސް ދާންބޭނުންވިއެވެ. ފެންފޮދެއް ނުލިބިފައިވާ މީހަކަށް ފެންބޭނުންވާ ފަދައިންނެވެ. ” އޭ…. ދާއިން!! ތީ ކޮންކަމެއް….! އަނެއްކާ ކަމެއްތަ؟ ” ދާއިން އަށް ތެޅިގަނެވުނެވެ. މަގުމަތިން ދިޔަ ދާއިންގެ ރަހްމަތްތެރިއެއް އެހެންބުނުމުން ދާއިން އެއްވެސް އެއްޗެކޭ ނުބުނެ ބޯކަހާލާފައި ކުރިޔަށް ހިނގައިގަތެވެ. ދާއިންގެ ހިތުގެ ރާނީއާ ކުޑަނަމަވެސް ވާހަކައެއް ދާއްކާލެވޭތޯއެވެ. ނަމަވެސް ކަންވީ އެހެން ގޮތަކަށެވެ. ދާއިން ވަރަށް ކައިރިއަށް ދިޔަތަނާ، އެއަންހެންކުއްޖާ މަގުމަތީ ވާހަކަ ދައްކަން ހުރި އަންހެން ކުއްޖާގެ ގާތުގައި ކޮންމެ ވެސް އެއްޗެއް ބުނެލުމަށްފަހު ކުރިޔަށް ހިނގައިގަތެވެ. ދާއިންވެސް ފަހަތުން ހިންގައިގަތެވެ. ގޯޅިތަކުން ހިގަމުންގޮސް އެކުއްޖާގެ މިސްރާބް ބަދަލު ކޮށްލީ މީހުން އުޅޭ ހިސާބާ ތަންކޮޅެއް ދުރުގައި ފަނުން ހަދާފައި ހުރި ގެއަކާ ދިމާލަށެވެ. އެއަންހެން ކުއްޖާ އެދިޔަގޮތަށް ގޮސް އެފަންގެއަށް ވަނެވެ. ފަސްއެނބުރި ބަލާވެސް ނުލައެވެ. އެ ކުއްޖާ އެގެއަށް ވަނުމުން ދާއިން ވަށައިގެން އެހިސާބު ގަނޑަށް ބަލާލިއެވެ. ބަލާބެލުމަށް އެހިސާބުގަނޑަށް މީހުން އަންނަލެއް ވަރަށް މަދުހެން ހީވެއެވެ. ދާއިންގިނައިރު މަޑުކުރަން ނުހަދާ ގެއާދިމާލަށް ދިޔުމަށް މިސްރާބް ޖެހިއެވެ. އިރުއޮށްސެން ކުޑަތަން ވެފަވުމާ އެކުއެވެ. ތަންކޮޅަކަށް ހިނގާލުމަށްފަހު ދާއިން ފަސްއެނބުރި އެ ގެއާ ދިމާއަށް ބަލާލިއެވެ. އެވަގުތު ދާއިންއަށް ފެނުނީ އެގޭގެ އަތިއާވީ ފަރާތުން ބޭރުގައި އެއަންހެން ކުއްޖާ ބަލަން ހުއްޓައެވެ. ދާއިންއަށް ލިބުނީ ހައިރާން ކަމެކެވެ. އެކުއްޖާ ހުރީފާޑަކަށް ހެވިފައެވެ. އިރުކޮޅެއް ވަންދެން އެކުއްޖާ ބަލަން ހުރުމަށްފަހު އަނެއްކާ ވެސް ގޮސް ގޭތެރެއަށް ވަނެވެ. އެކުއްޖާ ދިޔުމުން ދާއިން ބޮލުގެ ފުއްކިބައިގައި އަތްހާލުމަށްފަހު ޖީބަށް އަތްޖަހާލައިގެން ހިގައިގަތެވެ.

ގަޑިން މެންދަމު 12 ޖަހައިފިއެވެ. ދާއިންގެ ލޮލަކަށް ނިންޖެއް ނައެވެ. އެނދުގައި ފުރޮޅި ފުރޮޅި އޮތީއެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު އެނދުންތެދުވެ ކޮޓަރި ތެރޭގައި ދެކޮޅަށް ދާއިން ހިގަންފެށިއެވެ. އެގޮތްނޭންގޭ ކުއްޖާގެ ސަބަބުން ދާއިންގެ ލޮލާ ނިދި ބިރައްޓެހި ވެއްޖެއެވެ. އެކުއްޖާ ފެނޭތޯ ދާހިތްވަނީއެވެ. ކިތަންމެ ފަހަރަކު ނިކުމެގެން ދާންވެސް ދާއިންގެ ހިތަށް އެރިއެވެ. ނަމަވެސް ދަންވަރުކަމުން މީހަކަށް ފެނި އަރުވާފާނެ އަޑަކަށް ވިސްނާފާ ނިކުންނަން ނުކެރުނީއެވެ. ކޮޓަރިތެރޭގާ ދާއިން ހިނގާތާ ވަރަށް ގިނައިރު ވެއްޖެއެވެ. ކީއްކުރާނީ ހެއްޔެވެ؟ ނިދަންއުޅި ހަމައެއްގޮތަކަށްވެސް ނުނިދުނެވެ. އެއަންހެންކުއްޖާގެ އެވަނީ ކޮންފަދަ ޖާދޫއެއް ބާއޭ ދާއިންގެ ހިތަށް އަރަންފެށިއެވެ. އެނދުގެ އެއްކަނުގައި އިށީދެގެން އިން ދާއިންއަށް ކުއްލިއަކަށް ފެނުނީ ޑްރެސިންގް ޓޭބަލް މަތީއޮތް ވާހަކަ ފޮތެވެ. އަވަސް އަވަހަށް ފޮތް ހިފައިގެން އައިސް އެނދުމައްޗަށް ޖެހިގަތެވެ. އަދި ބަންޑުން އޮށޯވެ އޮވެގެން ވާހަކަ ފޮތް ކިޔަންފެށިއެވެ. ފޮތުން ދެ ގަނޑު ކިޔުނުކަން އެނގުނެވެ. ދެންވީގޮތެއް ނޭންގުނެވެ. ނިދީގެ އަރާމު ފިރުމުން ތަކުން އަރާމުދީ ދާއިން ނިއްދަވާލިއެވެ.

” ދަރިފުޅާ ދާއިން ” ދެތިންފަހަރު ޒަރީނާ ގޮވާލިއެވެ. ޚަބަރެއް ނުވިއެވެ. އަނެއްކާވެސް ޒަރީނާ ގޮވާލިއެވެ. އިރުކޮޅެއްފަހުން ދާއިން ދޮރުހުޅުވާލިއެވެ. ” ކިހިނެއްވީތަ މަންމާ… ” ލޯއުނގުޅާމުން ދާއިން އަހާލިއެވެ. ” ކިހިނެއްވީހޭ. އެނގޭތަ ގަޑިންވީ އިރެއް. މިހާރު އެހެރަ 10 ޖެހީ. ނިދިޔަސް ތީދެން ބޮޑުވަރެއްހެން މަންމައަށް ހީވަނީ ” ޒަރީނާ ބުންޏެވެ. ” ކީކޭ…!! 10 ޖެހީއޭ…. އޯޝިޓް… ” މިހެން ބުނެ ދާއިން އަތުން ނިއްކުރީގައި ޖެހިއެވެ. ” މަންމަ ކީއްވެތަ އަހަރެންނަށް ނުގޮވީ ” ޒަރީނާ ނުގޮވީކަމަށް ހީކޮށް ދާއިން ބުނެލިއެވެ. ” ކިހާވަރަކަށް ގޮވީމަތަ ގޮވާކަމަށް ވަނީ. މާވާހަކަ ގިނަ ނުކޮށް އަވަސްކޮށްގެން ސައިބޯން އާދޭ ” ޒަރީނާ ހިގައި ގަންނަމުން ބުނެލިއެވެ. ޒަރީނާ ދިޔުމުން ދާއިން ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ޔަގީންކޮށްލުމަށް ފޯނުގެ ގަޑިއަށް ދާއިން ބަލާވެސް ލިއެވެ. ތެދެކެވެ. 10 ޖަހައިފިއެވެ. ރޭ ދާއިންއަށް ނިދުނުއިރުވެސް ނޭންގެއެވެ. ލަސްވަންދެން ނިދަން އޮތުމަކީ ދާއިން އެއްގޮތަކަށް ވެސް ކުރާހިތްވާ ކަމެއްނޫނެވެ. އެހާއިރު ވަންދެން ނިދަން އޮތުމުގެ ސަބަބުން ވެފަހުރި ފޫހިކަމާއެކު ދާއިން ގޮސްވަނީ ފާހާނާ އަށެވެ.

ދާއިން ސައިބޮއިގެން އައިސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. ނިއްކުރިމަތީ އަތްބާއްވާ ރަނގަޅަށް ހަމަޖެހިލަމުން ދެލޯމަރާލިއެވެ. ކުއްލިއަކަށް ދާއިން ތެދުވިއެވެ. ލޯމަރާލި ވަގުތު ފެނުނު މަންޒަރަކުންނެވެ. ދާއިން އެނދުން ފައިބައިގެން ގޮސް ލޯގަނޑު ކައިރިއަށް ތިރިވެ ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީއޮތް ފޯނު ޖީބަށްލައިގެން ކޮޓަރިން ބޭރަށް ނިކުތެވެ. އޭރު ޒަރީނާ ޓީވީ ބަލަން ސިޓިންގް ރޫމްގައިނެވެ. ދާއިންގެ ހަރަކާތް ހުރިގޮތުން ކޮންމެވެސް ތަނަކަށް ދަނީކަން ޒަރީނާއަށް އެގުނެވެ. އަވަސް ހިނގުމެއްގައި ދާއިން ގެއިން ބޭރަށް ނިކުމެ އެ ފަންގެ ހުރި ދިމާލަށް ހިގަންފެށިއެވެ. އަތިރިއާވީ ފަރާތުންނެވެ. ދާއިންގެ ހިނގުން އަވަސް ކަމުން އެހިސާބަށް ދިޔުމަށް ނެގީ ކުޑަ ވަގުތުކޮޅެކެވެ. ގެއާ ފުދޭވަރަކަށް ދުރުހުރެ އެހިސާބަށް ދާއިން ނަޒަރު ހިންގާލިއެވެ. ގޯތިތެރެ ކުނިކަހަން މެދު އުމުރުގެ އަންހެނަކު އޮތެވެ. އެހެން މީހަކު ދާއިން އަކަށް ނުފެނުނެވެ. ފަނަރަ މިނެއްޓެއްހާއި އިރު ދާއިން އެތާމަޑުކުރިއެވެ. ނަމަވެސް ހޯދަންވެގެން އުޅުން ކުއްޖާއެއް ނުފެނުނެވެ. ދާއިން މާޔޫސްވެ ފާޑަކަށް ފޫހިވިއެވެ. ގެއަށް ދިޔުމުގެ ބަދަލުގައި ދާއިންގެ މިސްރާބު ބެހެއްޓީ ތުޑީކޮޅާ ދިމާލަށެވެ. އެދިމާ ވަރަށް ހިތްފަސޭހައެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިތަކުން ދާއިންގެ ހިތަށް ހަމަޖެހުން ލިބެމުން ދިޔައެވެ. މާޔޫސް ކަމާ، ފޫހިކަން ފިލާދާންފެށިއެވެ. އަދި ގެއަށް ނުގޮސް އެތާ ކުޑައިރު ކޮޅަކު މަޑުކުރަން ދާއިން ބޭނުންވިއެވެ. މަޑު ހިގުމެއްގައި ދާއިން ހިނގަމުން ގޮސް ދެފަރާތުގައި ހެދިފައިވާ ގަސްތައް ފަސްދީ އަތިމައްޗަށް ނިކުތެވެ. އަދި ދެކޮޅުބަލާލިއެވެ. އެވަގުތު ދާއިންއަށް ފެނުނީ ހޯދަންވެގެން އުޅުން އަންހެން ކުއްޖާއެވެ. ގަހެއްގެ ހިޔަލުގާ އިށީދެލައިގެން އިންދައެވެ. ދާއިންއަށް ފަހަތަށް ޖެހެވުނެވެ. އެނބުރި އައިކޮޅަށް ދިޔުމަށެވެ. ނަމަވެސް ދެން މިފަދަ ފުރުސަތެއް ނުލިބިދާނެހެން ހީވުމުން ފަހަތަށް ޖެހިލި ޖެހިލުން ކުރިއަށް ޖެހިލިއެވެ. އަދި ފަހަތުގާ ހުރި ރުކުގައި ލެގިލިއެވެ. އިރުކޮޅަކު ދާއިން  ބަލަން ހުރުމަށްފަހު އެއަންހެން ކުއްޖާ ގާތަށް ބޭއިހްތިޔާރުގައި ހިނގައި ގަނެވުނެވެ. އެހިސާބުގެ މަޑު ދޮންވެލިގަނޑު މަތީ ހިނގަމުން ގޮސް އެކުއްޖާ އާއި ވަރަށް ގާތަށް ދެވުނުތަނާ ސިހިފައި ބަލާލިއެވެ. ހަމަ އެހިދުން އެކުއްޖާ ކޮޅަށްވެސް ތެދުވިއެވެ. ” އަހަރެންނަށް ކިޔަނީ އަހްމަދު ދާއިން. ރައްޓެހިން ކިޔަނީ ދާއިން… ވަޓް އަބައުޓް ޔޫ… ” ދާއިން އަމިއްލައަށް ތައާރަފް ވެލިއެވެ. އަދި އެކުއްޖާގެ ތައާރަފަކަށް އެދުނެވެ. ” އަހަރެންނަށް ކިޔަނީ ނާޖީ ” ލަދުރަކި ގޮތަކަށް ބުނެލިއެވެ. ދާއިން ދެކޮޑު އަރުވާލާފަ ވަރަށް ރީތި ނަމެކޭ ބުނެލިއެވެ. ” ތީ އޭރުގަ އަހަރެންނާއެކު ސްކޫލުގައި އުޅުން ނާޖީތަ؟ ” ދާއިން ވިސްނާލުމަށްފަހު އަހާލިއެވެ. ” އާނ…! ކީއްވީ. މާލޭގަ އުޅުނީމަ ހަނދާންވެސް ނެތުނީތަ؟ ” ނާޖީ ދިމާކުރާފާޑަކަށް ސުވާލުކޮށްލިއެވެ. ” ނޫނޭ. ހަނދާން ނެތުނީއެއްނޫން. އެކަމަކު ނާޖީ ވަރަށް ބަދަލު ވެއްޖެދޯ ” ދާއިން ނާޖީއަށް ރަގަނޅަށް ބަލާލުމަށްފަހު ބުނެލިއެވެ. ” އަބަދު އެއްގޮތަކަށް ނުހުންނާނެ. ދުވަސްތައް ފާއިތުވަމުން ދަންޏާ މީހުންނަށް ވެސް ބަދަލު އަންނާނެ. ދާއިންއަށް ވެސް އައިސްފަ ތިވާ ބަދަލުތައް އަމިއްލައަށް ވެސް ފާހަގަ ކުރެވޭނެ ” ނާޖީ ބުންޏެވެ. ” އާނ.. ދޯ…!!! ކީއްވެތަ މިތާ ތިހުރީ ” ދާއިން ސުވާލު ކޮށްލިއެވެ. ” މިހެން މިބުނީ ނާޖީގެ ގެ ހުންނަނީ މިހިސާބާ ވަރަށް ދުރުގަވީމަ… ” ނާޖީ ދާއިންއާ ދިމާލަށް ބަލާލުމުން ދާއިން ބުނެލިއެވެ. ” އަހަރެންގެ ބެސްޓްފުރެންޑް ވަނީ މިތާކައިރީ ހުރި އޭނާގެ ދައްތަ އެއްގެ ގޭގަ. އަހަރެން ފޫހިވެގެން ހިނގަމުން މިތަނަށް އައީ. އެހެން ނޫނަސް އަހަރެންގެ ގެ ކިތަންމެ ދުރު ހުއްޓަސް މިރަށުގަ އަހަރެންނަށް ދިޔުން މަނާ ތަނެއް ނޯވެއޭ… ” އެހެން ނާޖީ ބުނުމުން ދާއިން އަނގައިން ވައްތަރު ތަކެއް ޖައްސާލުމަށްފަހު ޖީބަށް އަތްޖަހާލިއެވެ. ” ދާއިން މިތަނަށް ތިއައީ ކީއްކުރަންތަ؟ ” ނާޖީ ދާއިން ކުރެން އަހާލިއެވެ. ” އަހަރެން ފުހިވެގެން ހިނގަމުން ހިނގަމުން މިތަނަށް އައީ ” ދާއިން ދޮގެއް ހަދާލިއެވެ. ” ދޮގު….!! އަސްލު ދާއިން އުޅުނީ އަހަރެން ހޯދަންވެގެން. ގޭދޮށަށް އައުމުން ވެސް އަހަރެން ނުފެނުމުން އެކަމާ މާޔޫސް ވެގެންނު މިތަނަށް ތިއައީ. އަހަރެންނަށް ހުރިހާ އެއްޗެއްވެސް އެނގޭ ” ދާއިން ހުރީ ބުނާނެ އެއްޗެއް ނޭންގި އާގަމަ ވެފައެވެ. ” އަހަރެން މިބުނީ ދޮގެއްތަ؟ ” ނާޖީ ސުވާލުކޮށްލިއެވެ. ” އަހަރެން ދިޔައީ ނާޖީ ހޯދާކަށް ނޫން. އަދި މިތަނަށް މިއައީ ވެސް ކަމަކާ މާޔޫސް ވެގެނެއް ނޫން ” ދާއިން އިތުރަށް ދޮގު ހަދަމުން ދިޔައެވެ. ތެދު ތެދަށް ބުނަން މިހާ އަވަހަށް ނުކެރިގެންނެވެ. ” އޯކޭ. އަހަރެންނަށް ތާދޯ ގޯސްކޮށް މިބުނެވުނީ. އަހަރެން ތިކަމާ ބަހުސް ކުރާކަށް ނެތިން ” ނާޖީ ބުނެލިއެވެ. ހަމައެވަގުތު ދާއިންގެ ފޯނު ރިންގުވާން ފެށިއެވެ. ދާއިން ޖީބުން ފޯނުނަގާ ނާޖީއާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ފަސްވަރަކަށް މިނިޓް ވަންދެން ދާއިން  ފޯނުން ވާހަކަ ދައްކަން ހުރުމަށް ފަހު ފޯނު ބޭންވިއެވެ. ” ދާއިން…. ދެން އަހަރެން ދަނީ. މިހާރު ވަރަށް ލަސްވެއްޖެ ” ނާޖީ ބުނެލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ދާއިން ބޯޖަހާލިއެވެ. ނާޖީ ދިޔުމުންނާއި، ނާޖީ ކައިރީ ދޮގު ހެދުނީތީ ދާއިން ވަރަށް ދެރަވިއެވެ.

މެންދުރު ބަންގި ގޮވާ ނިމުނުފަހުން އެތަނުން ގެއަށް ދިޔުމަށް ދާއިން ހިގައިގަތެވެ. ދާއިންގެ ހިޔާލުގާ ނާޖީ ނޫން މީހަކު ނެތެވެ. ނާޖީ ދެއްކި ވާހަކަ ތަކެވެ. ދާއިން ގާތުގައި ނާޖީ ހުއްޓިލައިގެން ހުރި ގޮތެވެ. ނާޖީ އަކީ ކިހާ މަޑުމައިތިރި ކުއްޖެއް ހެއްޔެވެ؟ ވާހަކަ ދެއްކުމުގާ ވެސް ކިޔަމަންތެރި ގޮތެއް ހުރެއެވެ. ގެއާހަމައަށް އާދެވުނުކަން ވެސް ނޭންގުނެވެ. ނާޖީއާއި ދުރަށް ދާން ބޭނުން ނުވަނީއެވެ. އަބަދުވެސް ނާޖީ ގާތުގައި ވުމަށް ހިތްއެދެނީއެވެ.

ވަގުތު ދާގޮތްވެސް ދާއިންއަށް ނޭންގެއެވެ. އިރު އޮއްސިއްޖެނަމަ އަވަހަށް އިރު އަރާނެ ނަމައޭ ދާއިންގެ ހިތަށް އަރައެވެ. ނާޖީއާއި ނުލައި ދާއިންއަށް ހަމަނޭވާވެސް ލާން އުދަގޫވާ ކަހަލައެވެ. ނާޖީގެ އަތުގެ ފިރުމުންތަކަށް ދާއިންގެ ހިތް އެދި ގޮވަނީއެވެ. ދާއިން އޮތީ އެނދުގައި އޮށޯވެގެންނެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. ކަމެއްކުރަން ފެށިއަސް ފޫހިވަނީއެވެ. ކުއްލިޔަކަށް އައިސް ވަނީ ފުޓްބޯޅަ ކުޅެންދާ ކުދިންތަކެވެ. ” އޭ ދާއިން!! ހިނގާ ކުޅެންދާން ” އޭގެތެރެން އެއްކުއްޖަކު ބުނެލިއެވެ. ” އަހަރެން މިއަދު ކުޅެންދާ ހިތެއްނެތް. އެއްވެސް ކަމެއް ކުރާހިތެއްނެތް. ކަލޭމެން މިއަދު ކުޅެންދޭ. އަހަރެން ނުދާނަން ” ދާއިން ބުންޏެވެ. ” ދާއިން މިއަދު ކުޅޭކަށް ނުދާނެ. އެހެންނުން ވާނީ ދޮންދުނބުރިމާގޭ ހައްވަގެ ނާޖީއާއެކު ތުނޑިމައްޗަށް ކުޅެންދިޔައީ ” އާރިފް މިހެން ބުނުމާއެކު ހުރިހާކުދިން އެއްފަހަރާ ހޭން ފެށިއެވެ. އެވަގުތު ދާއިންގެ ބޯދަށުއޮތް ބާލިސް އާރިފްއާއި ދިމާލަށް ހޫރާލިއެވެ. އާރިފް ބާލިހުގައި ހިފިއެވެ. އަދި ދާއިންގެ އެނދުމަތީގައި އިށީނެވެ. އެވަގުތު ހުރިހާކުދިން ވެގެން ދާއިން އެނދުމަތީ ނަގާ ބޭއްދިއެވެ. އެވަރުން ވެސް ދާއިން އޮށޯތީއެވެ. ހަމައެއްގޮތަކަށް ވެސް ކުޅެންދާން އެއްބަހެއް ނުވިއެވެ. އެއްމެފަހުން ދާއިން ބާއްވާފަ އެއްމެން ދިޔައީ އެވެ. އެކުދިން ދިޔުމުން ދާއިން ފޯނުގެ ގަޑިއަށް ބަލާލިއެވެ. އޭރު ހަވީރު ހަތަރެއް ޖަހާ ބޮޑުވީއެވެ. އެކުދިންގެ ވާހަކަތަކަށް އިހުތިރާމް ކޮށްލުމެއްނެތި ދާއިން އެކުދިން ފޮނުވާލިއެވެ. ފަހުން ދާއިން ވަރަށް ދެރަވިއެވެ. ރަހުމަތްތެރިންދެކެ ދާއިން ވަރަށް ލޯބި ވެއެވެ. އަދި އިހްތިރާމް ވެސް ކުރޭމެއެވެ. އެހެންވެ ރަހުމަތްތެރިން ވެސް ހަމަ އެފަދައެވެ.

ފަސްގަޑި ބައިވެ ބޮޑުވިފަހުން ދާއިން ފެންވަރާލައިގެން  ނިކުމެ ދޮރާށިކުރިމަތީ މަޑުކޮށްލިއެވެ. އިރުކޮޅަކު މިހެން ހުރުމަށްފަހު ދާއިން ހިގައިގަތީ ނާޖީގެ ގެއާދިމާއަށެވެ. މާގިނަ އިރުތަކެއް ނުވަނީސް ނާޖީގެ ގެއާހަމައަށް ދާއިންއަށް އާދެވިއްޖެއެވެ. އަދި އެގެ ހުރި ހިސާބަށް ނަޒަރު ހިންގާލިއެވެ. ނާޖީ ފެންނަން ހުރިތޯބަލާލުމަށެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނާޖީ ފެނިދާނެ ކަމުގެ އުންމީދުގައި އެގެއާ ދިމާލު އަތިރީގައި ހުރި ރުކެއްގަ ދާއިން ލެގިލިއެވެ. ހުރެ ހުރެ ދެފައި ވާޅުވީ އިރުވެސް ނާޖީ ފެންނަގޮތެއް ނުވުމުން ދާއިން ގެއަށް ދިޔުމަށް ހިގައިގަތެވެ. ދާއިންއަށް ގެއާހަމައަށް އާދެވުނު އިރު ހައެއް ޖަހާ ބޮޑުވެއްޖެއެވެ. އޭރުވަނީ ކުޑަކޮށް އަނދިރިވާން ފަށާފައެވެ. ނަމަވެސް މީހުންގެ ސިފަ އެގޭވަރު ވެއެވެ. ގޭތެރެއަށް ވަދެ ފެންތައްޓެއް ބޯލައިގެން ނިކުމެ ގޭ ކުރިމަތި ހުރި ގޭގެ ތިރި ފާރުބުރިމަތީ ދާއިން އިށީދެލިއެވެ. ” ޒުހާނު ދޯ…. ކޮންތާކަށް ތިދަނީ ” ދާއިން ދުރަށް ބަލަހައްޓައިގެން އިންދާ ޒުހާނު އައިސް ދާއިންގެ ފައިމަތީ ޖެހުމުން ސިއްސައިގެން ގޮސް ދާއިން ބަލާލާފަ އަހާލިއެވެ. ” ކުޅެގެން ގެއަށް ގޮސް ފެންވަރާލައިގެން ހަމަ ދާއިންގެ ކައިރިއަށް މިއައީ. ފޯނަށް ވަރަށް ގުޅިން ” އެހެން ޒުހާނު ބުނުމުން ދާއިން ޖީބުގާ އަތްހާކާލިއެވެ. ” އެވާނީ ފޯނު ކޮޓަރީގައި ބޭއްވުނީކަމަށް. ކީއްކުރަންތަ ތިއައީ ” ދާއިން އަހާލިއެވެ. ” ކަމެއްކުރާކަށް ނޫން. ދާއިން މިއަދު ކުޅެން ނުދާތީ ވީގޮތެއްބަލާލަން ވެގެން ” ޒުހާން ބުންޏެވެ. ” ނޭންގެ ހަމަ ކުޅެންދާ ހިތް ނުވީ ” އަދިވެސް ދާއިންގެ މޫނުމަތިން ފޫހިކަމާއި، ނުތަނަވަސްކަން ފެންމުންދިޔައެވެ. ” ދާއިން ދޮގު ނަހަދާ. އަހަރެންނަށް އެނގޭ ކޮންމެވެސް ކަމެއް ވެއްޖެކަން. ކަމެއް ސިއްރު ކުރާކަން ” ދާއިން ހިމޭންވިއެވެ. ބަސްހުއްޓުނެވެ. ” އަހަރެން ކުރިން ވެސް ދާއިންގެ ގާތުގައި ބުނެފަ އޮށްނާނީ އަހަރެންނަށް ކަމެއް ސިއްރު ނުކުރަން. ކިޔާދިނީމަދޯ ހިތްހަމަ ޖެހުމެއް ލިބޭނީ ” ޒުހާނު ވިސްނާދޭ ރާގަކަށް ވާހަކަ ދައްކަމުން ދިޔައެވެ. ދާއިން ކަންވީގޮތް ފޮރުވުމެއްނެތި ކިޔާދިނެވެ. ” ދާއިން ދެން އަޅާނުލާ. އެކަމާ އެހާވަރަށް ނުވިސްނާ. އިރާދުކުރެއްވިޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ކަމެއް ދިމާވިޔަސް އަހަރެން ކައިރީ ނުބުނެ ނުހުންނާތި ” ޒުހާނު ވަރަށް ނަސޭހަތް ދިނުމަށްފަހު ގެއަށްދިޔުމަށް ހިގައިގަތެވެ. ” ޒުހާނު މަޑުކޮށްބަލަ ” ދާއިން ގޮވާލިއެވެ. ” ކިހިނެއްވީ ” ޒުހާނު ބުނެލިއެވެ. ” އަހަރެން ބޭނުން ކުޅެންދިޔަ ކުދިންނާ މީޓް ކޮށްލަން ” ދާއިން ބުންޏެވެ. ” ދާއިން ކުޅެން ނުދިޔުމުން އެމީހުން ތިބީ ފާޑަކަން ކަޓާފަ. ހިނގާ އެމީހުންގެ ކައިރިއަށްދާން ” ދެމީހުން އެކުގައި ހިގައިގަތެވެ.

ދާއިން އާއި ޒުހާނުއަށް އެމީހުންނާ ހަމައަށް ދެވުން އިރު އެމީހުން އުޅެނީ ކުޅެން އުޅުން އިރު ދިމާވި މަޖާ ކަންތަކުގެ ވާހަކަ ދައްކައެވެ. ދާއިންމެން ފެނުމުން އެމީހުން ދައްކަމުން ދިޔަ ވާހަކަތައް ހުއްޓާލިއެވެ. ދާއިން އައިސް އެމީހުންގެ ކުރިމަތީ ހުއްޓުނެވެ. ” އަހަރެންނަށް މާފްކުރޭ…. އަހަރެންނަށް މިއަދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އެއަށް ވުރެއް ރަނގަޅަށް ކަންތައް ކުރެވެން އޮތް. އެކަމަކު….. ! ދާއިން އިސްޖަހާލިއެވެ. އެވަގުތު ހުރިހާ ކުދިން އައިސް ދާއިން ވަށާލިއެވެ. ” ނޫނޭ ދާއިން. އެއީ އެހާވަރުގެ ކަމެއްނޫނޭ. އަހަރެންގެ ހިތުގާ އެއްވެސް ނަފުރަތެއް، ރުޅިވެރި ކަމެއްނެތް ” އާރިފް ދާއިންގެ ކޮނޑުގާ އަތްއަޅާލުމަށްފަހު ބުނެލިއެވެ. ” އާރިފްގެ ހިތުގާ ނަފްރަތާއި، ރުޅިވެރިކަން ނެތަސް އެއްމެންނަކީ އާރިފް ކަހަލަ މީހުންނަށް ނުވެދާނެ ” ދާއިން ދެރަވެލާފަ ބުންޏެވެ. ” އަހަރެންމެގެ ހިތުގާ ރުޅިވެރިކަން އުފެދިފައިވާނަމަ  އަހަރެމެން މިތާންގާ ދާއިން އަކަށް އިންތިޒާރެއް ނުކުރާނެދޯ ” އާރިފްގެ މިޖުމްލައާއެކު ދާއިން ސިހުނެވެ. ” ކިކޭ…. އިންތިޒާރޭ!!! ” ދާއިންއަށް ބުނެލެވުނެވެ. ” އާނ… ދާއިން. އަހަރެމެންނަށް އެނގޭ ޒުހާން ދިޔުމުން ދާއިން އަންނާނެކަން ” ސާމީ މިހެން ބުނުމުން ދާއިން ޒުހާންގެ މޫނަށް ބަލާލިއެވެ. އެވަގުތު ޒުހާން ދެކޮޑު އަރުވާލާފަ ހީލިއެވެ. ” ދާއިން އެކަމާ ދެން އަޅާނުލާ…..!!!  އަހަރެމެން އެއްމެން އަބަދުވެސް ވާނީ ދާއިން އާއި އެކުގަ. ” ކުޅޭން ދިޔަ ހުރިހާ ކުދިން ދާއިންއަށް ހިތް ބަރު ނުކުރާކަން އެނގުމުން ވަރަށް ހިތްހަމަޖެހުނެވެ. އަދި އެހާމެ އުފާވެސް ވިއެވެ.

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ދާއިން އަދިވެސް ނުނިދައެވެ. ލޮލަށް ނިދި ނާންނަނީ އެވެ. ނިދަންވެގެން ކިތަންމެ ފަހަރަކު އޮށޯތެވެ. ނަމަވެސް ދާއިންގެ ލޮލާ ނިދި ވަނީ ދުރުވެފައެވެ. ނާޖީގެ މަތިން ހަނދާންވަނީއެވެ. ދެކިލާ ހިތްވަނީއެވެ. ” އަހަރެންނަށް ނުނިދިގެން މިއުޅެނީ ކީއްވެގެންތަ؟ ކީއްވެތަ އަހަރެންނަށް ބުނަން ނޭންގޭ ގޮތްތަކެއް މިވަނީ….!!! ދާއިން އެހާ ކައިރިން ފެނުނު ފަހުން އަހަރެންގެ ހިތް ބާރުބާރަށް ތެޅެނީ ކީއްވެތަ؟ ހިތް ނުތަނަސްވެ، ހިތުގެ ވިންދު އަވަސް ވާހެން އަހަރެންނަށް މި ހީވަނީ ކީއްވެތަ؟ މީ މީގެ ކުރިން ދުވަހަކު ވެސް ވީ ގޮތެއްނޫން ” ނާޖީ ބާލީހުގައި ބައްދާލައިގެން އޮވެ ކިޔަމުން ދިޔައެވެ. ދާއިން ނުނިދިގެން ކޮޓަރިތެރޭގައި ދެކޮޅަށް ހިގަންފެށިއެވެ. ނާޖީ ވެސް ހަމަ މިހާލެވެ. ދެމީހުން ދެގެއެއްގައި ތިއްބަސް ހީވަނީ އެއްނޭވާއެއް ހެންނެވެ. އެއްފުރާނައެއް ހެންނެވެ. އެއްހަށިގަނޑެއް ހެނެވެ. ނޭންގި ނަމަވެސް ދެހިތުގައި ޖަހަމުން ދިޔައީ އެއްވިންދެކެވެ.

އަނެއްދުވަހަށް އިރު ފެނުން ތޮޅެލިއެވެ. ފަތިހުގެ ތެއްފިނިކަން މަގުތައްމަތިން ފެންނަން ހުއްޓެވެ. ” ނާޖީ… ނާޖީ…. ދެންތެދުވެބަލަ. މިހާރު ގަޑިން އެހެރަ ހައެއް ޖަހާބޮޑުވީ. މަންމަ މިދަނީ ބަނދިގެއަށް. ދަރިފުޅު އަވަސްކޮށްލައިގެން ނިކުމެ ގޯތިތެރެ ކުނިކަހާލާ ” މިހެން ހައްވަ ބުނެފަ ބަދިގެއަށް ދިޔުމަށް ހިގައިގަތެވެ. ނާޖީ ލެލޯ އުނގުޅަމުން ތެދުވެ އެނދުގައި އިށީދެލިއެވެ. އަދި ކަންނެތް ގޮތަކަށް އިސްތަށިގަޑުގެ ތެރެއަށް އަތްލާ ހާވާލިއެވެ.

ނާޖީ އޮތީ ގޯތިތެރެ ކުނިކަހާ ނިއްމާލުމަށްފަހު އަތިރިއާ ވީފަރާތުން މަގުމަތި ކުނިކަހަން ގުދުވެގެންނެވެ. އޭނާގެ ހިތުގާ ކުނިކެހުން ފިޔަވާ އެހެންހިޔާލެއް ނެތްކަހަލައެވެ. ކުއްލިއަކަށް މީހަކު އައިސް ނާޖީގެ ކުރިމައްޗަށް ހުއްޓުނެވެ. ނާޖީ އެމީހާގެ ފަޔަށް ބަލާލިއެވެ. އެއަށްފަހު އިސްއުފުލާ އެމީހާގެ މޫނަށް ބަލާލިއެވެ. ނާޖީއަށް ލިބުނީ ހައިރާން ކަމެކެވެ. ” ދާއިން ” ނާޖީއަށް ބުނެވުނެވެ. ދާއިން ހުރީ ހެވިފައެވެ. އޭނާގެ އެސްފިޔަތައް ދިގު ދެލޯ އަމާޒުވެފައި ވަނީ ނާޖީގެ މޫނަށެވެ. ނާޖީ ލަދުން އިސްޖަހާލިއެވެ. އިރުކޮޅަކު ބަލަން ހުރުމަށް ފަހު ދާއިން ހިނގައިގަތެވެ. ދިގު ފިޔަވަޅު ތަކެއް އަޅަމުންނެވެ. އަވަސް ހިނގުމެއްގައެވެ. ނާޖީގެ ލޯމަތިން ދާއިން ގެއްލެންދެން ބަލަން ހުއްޓެވެ. ދާއިން ފަސްއެނބުރި ބަލާވެސް ނުލާ ޖީބަށް އަތްޖަހާލައިގެން ދިޔައީއެވެ. ނާޖީގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. ނާޖީ އިލޮށިފަތި މޭގަ ޖައްސާ ބާރުކޮށްލިއެވެ. ” ދާއިން ހާދަ ސަޅިއޭ. އޭނާއަށް އެވަނީ އެހެން ޒުވާނުންނަށް ނުލިބޭފަދަ ރީތިކަމެއް ލިބިފަ. ރިވެތި މާތް އަހުލާގެއް…  އަހަރެންގެ ހިތް އެދި ގޮވަނީ މިފަދަ ޒުވާނަކަށް. އިރާދުކުރެއްވިޔާ ދާއިން އަކީ އަހަރެންގެ ހައްގެއް ” ހިތާހިތުން ނާޖީއަށް ބުނެލެވުނެވެ. އަދި ފަޒާތެރެއަށް ފުންނޭވާއެއް ދޫކޮށްލިއެވެ.

ގަޑިން މެންދުރު ބާރަޖަހަން ވަނީއެވެ. ހައްވަ އިނީ ފޯއްތަބަށް ހިފައިގެން ގެ ކައިރީ ހުރި ޖޯލިފަތީގައި ދުފާލަން އިށީދެގެންނެވެ. ދުފުންގަނޑު ވަރުނުވާތީ އިތުރަށް ހައެއްކަ ފޮތި ފޯކާ، ބިލެއްގަނޑެއްގެ އެއް އަރި އަނގަޔަށްލިއެވެ. ނާޖީ ގިފިލިން ނުކުމެގެން އައސް ގޭ ދޮރުމަތީ އަޅުވާލާފައި އޮތް ތުވާލިން މޫނު ފޮހެލިއެވެ. ” މަންމާ…!!! ދޮންބެ އަންނަނީ ކޮންއިރަކުންތަ؟ ” މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ރީތިކޮށްލަމުން ނާޖީ އަހާލިއެވެ. ” ދޮންބެ ބުނީ މަސް ނިމުނީމަޔޭ އާދެވޭނީ…. ” ހައްވަ ބުނެލިއެވެ. ” އަހަރެން އަންނާނަން ޝައުނާ މެންގެ ގެއަށް ގޮސްލާފަ ” އިސްތަށިގަނޑުގަ ފުނާ އަޅަން ހުރެފަ ނާޖީ ބުންޏެވެ. ” މާލަސް ނުކޮށް އަންނާތި ” ޖާވާބުގާ އާއެކޭ ބުނެލުމަށްފަހު އިސްތަށިގަނޑު އައްސާލައިގެން ނާޖީ ގެއިން ނިކުމެގެން ދިޔައެވެ.

” އައްސަލާމް ޢަލައިކުމް ” ނާޖީ ގޮސް ޝައުނާގެ ގޭ ދޮރުމައްޗަށް އަރާ ސަލާމް ގޮވާލިއެވެ. ގޭތެރެއިން ޖަވާބެއް ނުލިބުމުން ނާޖީ ހިނގައިގަތީ ބަނދިގެއާ ދިމާލަށެވެ. ބަނދިގެއިން ދުންއަރާތީ ކޮންމެވެސް މީހަކު ބަނދިގެގައި އުޅެކަން އެނގުނެވެ. ބަނދިގޭ ދޮރުމައްޗަށް އެރި އިރު ޒަހީރާ ބަނދިގޭ ދޮރުމައްޗަށް އޮވެ ނިކުންނަނީއެވެ. ” ޒަހީރައްތާ…!!! ކޮބާ ޝައުނާ… ” ޒަހީރާ ކުރެން ނާޖީ ސުވާލުކޮށްލިއެވެ. ” މިދިމާ އަތިރިމައްޗަށް ދިޔައީ ފިނިކޮށްލާށޭ ކިޔާފަ ” ޒަހީރާ މިހެން ބުނުމުން ނާޖީ ހިނގައިގަތް ވަގުތު ޒަހީރާ ގޮވާލިއެވެ. ނާޖީ ބަލާލުމުން ބަނދިގެއާ ތަންކޮޅެއް ދުރުގައި އޮތް ދަރުބޮޑިއަށް އިޝާރާތްކޮށް އެގެނެސް ދިނުމަށް ޒަހީރާ އެދުނެވެ.

ނާޖީ ދިޔައިރު ޝައުނާ އިނީ މޫދާ ދިމާއަށް ބަލަހައްޓައިގެންނެވެ. ވަކި ވަރަކަށް ނާޖީ ޝައުނާއާ ކައިރި ވުމަށްފަހު ވަރަށް ސިއްރުން މަޑު ފިޔަވަޅު ތަކެއް އަޅަމުން ގޮސް ޝައުނާގެ ފުރަގަހުގާ ހުއްޓިފަހުރެ ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. ސިއްސައިގެން ގޮސް އެއަށް ވުރެއްބާރަށް ޝައުނާ ހަޅޭލަވައިގަތެވެ. ” ސާބަހޭ…!! މަށޭ… ” ނާޖީ ހެމުން ބުނެލިއެވެ. ” ނޭންގޭނެއްނު. ދުވަހަކު ވެސް ނާޖީ ތިހެން އަހަރެން ސިއްސުވާނުލާ ވިޔާ. ކިރިޔާ ބިރުން ހަލާކުނުވީ ” ޝައުނާ ބުންޏެވެ. ” އަހަރެން ބޭނުންވާ ގޮތް ތިވީ… ” ނާޖީ ދޮންވެލިގަނޑުމަތީ އިށީންނަމުން ބުންޏެވެ. ” ނާޖީ… އަހަރެން ވާހަކައެއް އަހާލަންތަ؟. ދޮގުނުހަދާ ބުނަންވާނެ ” ޝައުނާ ނާޖީގެ މޫނަށް ވަރަށް ރަނގަޅަށް ބަލާލުމަށްފަހު ބުނެލިއެވެ. ” އާނ… ބުނާނަމޭ…!!! އަހާބަލަ ” ނާޖީ ރަނގަޅަށް ހަމަޖެހިލަމުން ބުންޏެވެ. ” އަހަރެންނަށް ހީވަނީ……!!! އެއީ ދޮގެއް!!!!!! އަހަރެންނަށް ޔަގީންވަނީ ނާޖީއަށް ކޮންމެވެސް އުފާވެރި ކަމެއް ދިމާވެގެން އުޅޭހެން ” ޝައުނާ ބުންޏެވެ. ” ކިއްވެތަ ތިހެން ތިބުނީ ” ހައިރާންކަމާއެކު ނާޖީ ސުވާލު ކޮށްލިއެވެ. ” އެއީ ނާޖީގެ މޫނު މަތިންނާ، އަމަލުތަކުން އެކަމަށް ހެކިދޭތީ ” ޝައުނާ ބުންޏެވެ. ” އަހަރެންގެ މޫނުގަ ތިޔަހެން ލިޔެފަ އެބައޮތްތަ؟ ” ދިމާކުރާ ފާޑަށް ނާޖީ ޝައުނާ އާއި ސުވާލުކޮށްލިއެވެ. ” އެހެން ލިޔެފަ ނެތަސް އަހަރެންނަށް އެކަން އެނބަ އެނގެޔޭ… ދެން ބުނެބަލަ ” ޝައުނާ ބުންޏެވެ. ” މިހާރު ގަބޫލްކުރަން އަހަރެންގެ އަމަލުތަކުން ވެސް ޝައުނާއަށް ކަމެއް ސިއްރުނުކުރެވޭނެކަން. އަސްލު އަހަރެން މިއަދު މިހުރީ ވަރަށް އުފަލުން ” ނާޖީގެ އެއުފާވެރިކަން ޝައުނާއަށް ފެނުމުން ވަރަށް ހިތްހަމަ ޖެހުނެވެ. ދުވަސްވީ ރަހުމަތްތެރިޔާ އުފަލުގާވުން އެއީ ޝައުނާގެ އަބަދުގެވެސް ދުޢާ އެކެވެ. ކަންތައް ދިމާވެގެން އުޅޭގޮތް ނާޖީ ވަރަށް ރަނގަޅަށް ޝައުނާއަށް ކިޔާދިނެވެ.

މެންދުރުގެ ހޫނުގަދަ ވަގުތެވެ. ދާއިން އިނީ ގެއާ ދިމާލު އަތިރިމަތީ ހުރި ރުއްބުޑެއްގެ މަތީ އިށީދެގެންނެވެ. ދާއިން އެހެން އިންއިރު މޫނުމަތިން ނުތަނަވަސް ކަން ހާމަވަމުން ދިޔައެވެ. ދާއިންގެ ހިޔާލާ ފިކުރު ވަނީ އަތްނުފޯރާ ފަށަށް ގޮސްފައެވެ. ހިޔާލާ، ފިކުރު ތަކުގެ ކޮޅު ހޯދަން ނޭންގިފާ ދާއިން އިންދާ އެތަނަށް ޒުހާން އައެވެ. ދާއިން އިންގޮތުން ޒުހާން ދުރުގައި އިރުކޮޅަކު މަޑުވެސް ކޮށްލިއެވެ. ނަމަވެސް ދާއިންގެ ހަރަކާތަށް ބަދަލެއް ނާދެއެވެ. ޖެހި ބުދެއްހެން އިނީއެވެ. ” ދާއިން ” ދާއިންގެ ކޮޑުމަތީ އަތް އަޅާލުމަށްފަހު ޒުހާން ބުނެލިއެވެ. ” އާ… އާނ… ކީކޭ!!! ” ޒުހާންގެ އަޑަށް ދާއިން ފާޑަކަށް ތެޅިގަތެވެ. ” ހާދަ ބޮޑު ފިކުރެއްގަ އިންހެން ހީވެއޭ. އަނެއްކާ ނާޖީ އާއި ދޭތެރޭތަ؟ ” ދާއިން ތެޅިގަތް ގޮތުން ޒުހާން ސުވާލުކޮށްލިއެވެ. ” އަހަރެން ބުނިމެއްނު އަބަދު ތިކަމާ ނުވިސްނާށޭ. ކަމަކާ މަސްވަރާ ކުރަން ބޭނުންނަމަ އަހަރެން މިހުރީނު. އަހަރެންމީ ސްކޫލް ދުވަސް ވަރުން ފެށިގެން ވެސް ދާއިންގެ ފުރެންޑެއް. ކުރީގަ ކަމެއްވާއިރަށް އަހަރެންނަށް ކިޔާދޭނެ. މާލޭގަ އުޅުންއިރުވެސް ގުޅާފަ ކަތައްތައް ޝެއާރ ކުރާނެ. އެކަމަކު މިހާރު އެކަން ބަދަލު ވީ ކީއްވެ ކަމެއް ނޭންގެ. އަހަރެންގެ އެއްވެސް ބޭނުމެއްނެތީތަ؟ ” ޒުހާން ސުވާލު ކުރިއެވެ. ނޫން ޒުހާން… ތިހެން ނުބުނޭ. އަހަރެން އެއްވެސް ކަމެއް ޒުހާންއަށް ސިއްރެއް ނުކުރަން. އަހަރެންގެ މަންމަގެ ދަރިއަކަށް ހުރީ އަހަރެން އެކަނި. ކޮއްކޮއެއް، ބޭބެއެއް، ދައްތައެއް ނެތް. އެހެންވީމާ އަހަރެން ދެކެނީ ރައްޓެއްސެއްގެ ގޮތަށް ވުރެއް ބޮޑަށް، ތީ އަހަރެންގެ ކޮއްކޮއެއްގެ ގޮތުގާ. އެގޮތަށް އަހަރެން މިހުރިހާ ދުވަހު ދެކިގެން ހުރިއިރު އަހަރެން ޒުހާންއަށް އަހަރެންގެ އެއްވެސް ކަމެއް ސިއްރު ކުރަން ބޭނުންވާނެތަ؟ ” ދާއިން ބުންޏެވެ. ” ދެންކީއްވެ ނުބުނަން ތިއުޅެނީ ” ޒުހާން ސުވާލުކޮށްލިއެވެ. ” އަހަރެންނަށް ނާޖީ އާއި ނުލާ ދިރިއެއްނޫޅެވޭނެ. އޭނާގެ ހަންހާރައިގަ އަހަރެން ދިވާނާ ވެއްޖެ. އަހަރެން އަހަރެންގެ ހިތުގެ އަޑު ނާޖީއަށް އިއްވަން ބޭނުން. އަދި ނާޖީ އަހަރެންގެ މީހަކަށް ހަދަންވެސް ބޭނުން. އެކަމަކު…….. !!! ” މިހާ ހިސާބަށް ދިޔަތަނާ ދާއިން ވާހަކަ ދެއްކުން ހުއްޓާލިއެވެ. ” އެކަމަކު ކިހިނެއްވީތަ؟ ” ޒުހާން  ހައިރާންކަމާއެކު އަހާލިއެވެ. ” ނާޖީ އަހަރެންގެ މި ހުށައެޅުމަށް ފުރަގަސް ދީފާނެހެން އަހަރެންނަށް ހަމަ ހީވަނީ. އެކަނީވާ ކޮންމެ ވަގުތަކު އަހަރެންގެ ސިކުޑީގައި އެނބުރެނީ އެ ހިޔާލުތައް. އެހެންވެ އެކަމާ ވަރަށް އުދަގޫވޭ. ރޭގަނޑު ހަމަ ނިދިވެސް ނުލިބޭ. ޒުހާން ބުނެބަލަ ދެން އަހަރެން ހަދަންވީ ކިހިނެއް ” ދާއިންގެ ލޮލުން ކަރުނަ ހިލުނެވެ. ” ކިހިނެއް ވެގެންތަ ދާއިންއަށް ތިހެން ހީވެގެން ތިއުޅެނީ. ކާކު ކޮން ވާހަކައެއް ދައްކައިގެން ” އެހެން މީހަކު އެއްޗެއް ކިޔައިފިހެން ހީވެގެން ޒުހާން ދާއިން ކުރެން ސުވާލުކޮށްލިއެވެ. ” ނާޖީ އުޅެނީ އެއުޅޭ ސާމާއި ރައްޓެހިވެގެންނޭ ކިޔާފަ މީހަކު އަހަރެން ކައިރީ ބުނީ ” ދާއިން އިސްޖަހައިގެން އިދެ ބުންޏެވެ. ” ތަނަކުން މީހަކު ދައްކާހާ ވާހައެއް ގަބޫލް ނުކުރުމަށް އަހަރެން ކުރިންވެސް ވާނީ ދާއިންގެ ގާތުގަ ބުނެފަ. އެކަމަކު އަހަރެން އެހެން ބުނި ހަނދާނެއް ދާއިން ނެތެއްނުދޯ. ކަމަކުގެ ހަގީގަތް ނުބަލާ ވާހަކައެއް ގަބޫލް ކުރުމަށްވުރެއް ރަގަނޅުވާނީ ނުކުރިއްޔާ. މީ ވާހަކަ ވިހާ ޒަމާން. ދެމީހަކު އެއްގޮތަކަށް ވާހަކައެއް ނުވެސް ދައްކާނެ. އެކަކަށް ވުރެއް އަނެކަކު ގޮތް ބޮޑުކޮށް ވާހަކަ ދައްކާނީ. ނާޖީ އަކީ ދާއިންގެ މީހެއް. ސްކޫލް ދުވަސްވަރު ދާއިން އާއެކު އުޅުން ނާޖީ އެއީ. އެހެންވީމާ މީހަކު އެއްޗެއް ބުނާއިރަށް ގަބޫލްކުރާކަށް ނުޖެހޭނެ ” ޒުހާން ރުޅިވެރި ރާގަކަށް ވާހަކަ ދެއްކިއެވެ.

” ދެން އަހަރެން ކިހިނެއް ހަދަންވީ. މިއަދު އަހަރެންނަށް ޒުހާންގެ އެހީ ވަރަށް ބޭނުން ” ދާއިން ދެރަވެލާފަ ބުނެލިއެވެ. ” އެހެންވީމާ ދާއިން ބޭނުންވާ ގޮތަށް ދާއިން ނާޖީ ގާތުގައި ބުނޭ ދާއިން ނާޖީ ދެކެ ލޯބިވާ ވާހަކަ. އޭރުންވެސް ވާނެގޮތެއް އެނގިދާނެއްނު. ދެން ނާޖީ ދިމާވުމުން ކެރިގެން ނާޖީ އާއި ކުރިމަތިލާ. ނުކެރިގެން ކަމަކު ނުދާނެ ” ޒުހާން މިހެން ބުނެ އިރުކޮޅެއްކޮށްލާފަ ގެއަށް ދަނީއޭބުނުމަށްފަހު ހިގައިގަތެވެ. އެހެން ނަމަވެސް ދާއިން ގެއަށްދާ ހިޔާލެއް ނުކުރިއެވެ. ދާއިން ވިސްނަމުން ދިޔައީ ނާޖީގެ ގާތުގައި ދާއިން ނާޖީ ބޭނުންވާ ވާހަކަ ބުނާނެ ރަގަނޅު ގޮތަކާމެދުއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ދާއިން ވަށައިގެންވާ ހަމަހިމޭން މާހައުލަށް ފުންނޭވާއެއްލިއެވެ. އެއަށްފަހު އިށީދެ އިންތަނުން ތެދުވެގެން ގެއާ ދިމާއަށް ހިގައިގަތެވެ. ދާއިންގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ. ހިތް ވަނީ އުންމީދުން ފުރިފައެވެ. ގެއަށް ވަނުމާއެކު ދާއިންއަށް ހުއްޓުން އެރިއެވެ. ” ދަރިފުޅާ ދާއިން އައިސްބަލަ…. މަންމަ ކައިރި މިތާ އިށީދެބަލަ ” ދާއިން ފެނުމުން ލޯތްބާއި، އޯގާތެރިކަމާއެކު ޒަރީނާ ގޮވާލިއެވެ. ” ކީއްވިތަ މަންމާ!!! ” ކިޔަމަންތެރިކަމާއެކު ދާއިން އައިސް ޒަރީނާގެ ގާތުގައި ސޯފާގައި އިށީދެލިއެވެ. ” ދަރިފުޅު ވަޒީފާއަކަށް ދާނީ ކޮންދުވަހަކުންތަ؟ ” ދާއިން އައިސް އިށީނުމުން ޒަރީނާ ސުވާލުކޮށްލިއެވެ. ” ފާއިތުވެ ދިޔަ ހުރިހާ ދުވަހު އަހަރެން މަސައްކަތް ކޮށްގެން މަންމަގެ އުންމީދުތައް މި ފުރިހަމަ ކުރީ. އެހެންވީމާ އަހަރެން ބޭނުންވަނީ އަދި ރައްޓެހިންނާއެކު މަޖާކޮށްލާފަ ވަޒީފާއަކަށްދާން ” ޖީބުން ސުޕާރީ ޕަކެޓެއް ނަގައި އެކަޑާލުމަށްފަހު އަނގައަށް އަޅާލަމުން ދާއިން ބުނެލިއެވެ. ” އެކަމަކު ދަރިފުޅާ ތިހެން ގިނަދުވަހު ހުންނާކަށް ނުވާނެ ” ޒަރީނާ އަނެއްކާވެސް ބުނެލިއެވެ. ” އަހަރެން މިހެން ހުރީމަ މަންމައަށް އުދަނގޫ ވަނީތަ؟ ” ދާއިން ސުވާލުކޮށްލިއެވެ. ” ނޫން. މަންމައަށް އުދަނގޫ ވެގެނެއްނޫން މިހެން މިބުނީ. މާދަމާ ނޫންކަމެއްނޭންގެ ދަރިފުޅު މީހަކާ އިންނާނީ ” ޒަރީނާގެ އެޖުމްލައިން ދާއިން ސިހިގެން ދިޔައެވެ. އަދި ޒަރީނާއަށް ބަލާލާފަ ހީލިއެވެ. ” އަހަރެން ނޫޅެން އަދި މީހަކާ އިންނާކަށް ” ދާއިން ހެމުން ބުނެލިއެވެ. ދާއިން ޒަރީނާއަށް ބަލާލި ފުރަތަމަ ވަގުތުން ފެށިގެން ޒަރީނާގެ ނަޒަރުވަނީ ދާއިންގެ މޫނަށް ހުއްޓިފައެވެ. “ދަރިފުޅު އޮޅުވާލަން އުނަސް މަންމައަށް އެގޭނެ. މިހާރަކަށް އައިސް ދަރިފުޅުގެ މޫނުމަތިން ތިޔަފެންނަ އުފާވެރިކަމުގެ ފަހަތުގާ ފޮރުވިފަވާ ސިއްރުތަކެއްވޭ!!! ” ޒަރީން ޔަގީންކަމާއެކު ބުނެލިއެވެ. ” ދެން މަންމަ ތިބުނަނީ އަހަރެން އުފަލުން ނުހުންނާށޭތަ؟ ” ދާއިން ކޮށްލީ ސުވާލެކެވެ. ” މަންމަ އެހެން ނުބުނަމެއްނު. މަންމަގެ ދުޢާ އަކީ ދަރިފުޅު އަބަދުވެސް އުފަލުގާވުން ” މިހެންބުނެ ޒަރީނާ ދާއިންގެ ބޮލުގައި ލޯބިން ފިރުމާލިއެވެ. ” މަންމަ މިދަނީ ތަންކޮޅެއް ދުރުގަހުރި ގެއަކަށް ދާންވެގެން. ދަރިފުޅު ގެއަށް އަންނަންދެން މަޑުކޮށްލީ. ބަނޑުހައި ވެއްޖެނަމަ ނުކައި ނުހުންނާތި. މަންމަ ހުންނާނެ މޭޒުމައްޗަށް ކާއެއްޗެހި ނަގާފަ ” ދާއިން ތެދުވެގެން ކޮޓަރިއާ ދިމާލަށް ދާންފެށުމުން ޒަރީނާ ބުނެލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ދާއިން ބޯޖަހާލިއެވެ.

ދާއިން ކޮޓަރިއަސް ވަދެ ދޮރުލައްޕާލުމަށްފަހު  އެނދުމަތީ ޖައްސާލިއެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ޖީބުގައޮތް ފޯނު ނެގިއެވެ. ފޯނުގެ ސްކުރީން ދިލުނު ވަގުތު ދާއިން ފުއްމައިގެން ތެދުވިއެވެ. އަދި އަވަސް އަވަހަށް ގައިގަހުރި އެއްޗެހި ބަލާ، އެނދުމައްޗަށް އުކާލުމަށްފަހު ތުވާލި ހިފައިގެން ފާހާނާއަށް ވަނެވެ. ފަސްވަރަކަށް މިނިޓް ފަހުން ދާއިން ފާހާނާއިން ނިކުމެ ތައްޔާރު ވެލިއެވެ. ސެންޓް ފުޅިނަގާ ފައިން ފެށިގެން ބޮލާހަމައަށް ސެންޓް ޖަހާލިއެވެ. އެނދުމައްޗަށް ވެއްޓިގަނެފަ ފޯނު ހިފައިގެން ދުވަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނިކުންނަން ދިޔަ ދާއިންގެ ހަރަކާތަށް މަޑުޖެހުމެއް އައީ ކުއްލިއަކަށް ހިތަށް އެރި އެއްޗަކުންނެވެ. އުފާވެރިކަމުގެ ކުލަވަރު ފެންނަމުން ދިޔަ ދާއިންގެ މޫނުމަތި މިލާ މޯޅިވިއެވެ. ” އަނެއްކާ ނާޖީ ތުޑިއަށް ދާނެބާ!!!! ” ދާއިން ބުނެލެވުނެވެ. ދާއިންއަށް ނާޖީ ގާތުގައި ތުޑިއަށް ދިޔުމަށް ބުނެވިފައެއް ނެތެވެ. އެކަމަކުވެސް ދާއިންގެ ހިތް ބުނަނީ ނާޖީ ތުޑިއަށް ދާނެ ކަމަށެވެ. އެ އުންމީދުގާ ދާއިން ގެއިން ނިކުތެވެ.

 

ކިޔުންތެރިންގެ ހިޔާލަކީ ލިޔުންތެރިންގެ ކުރިއެރުން…..

 

 

 

 

 

6

23 Comments

  1. It's me

    August 12, 2017 at 7:43 pm

    Varah nice story eh❤love it?

    • Xiroo Thihthi

      August 12, 2017 at 8:59 pm

      Thanx….

  2. ushaali

    August 12, 2017 at 9:05 pm

    varah reethi feshumeh… ekamu kudhi kudhi mistakes faahagavi. space dheyn nuvaa thanthanuga space dhevifa hury… ekanthah rangalhu kollaa dear…. aneh bayah inthizaaru kuran 🙂

    • Xiroo Thihthi

      August 12, 2017 at 9:17 pm

      ragalhu kohlaanan. aneh bai varah avahah up kohlaanan. aharen ge vaahaka ah thi kuraa inthizaarashaa, dhehvi hiyaalah shukuriya.

  3. nux

    August 12, 2017 at 9:36 pm

    wow v reethi story feshun v furihama hama sperb xirooge ebahuri telent hama kuriah dhaan v keep it up dear n all the best ???????

    • Xiroo thihthi

      August 13, 2017 at 9:48 pm

      thifadha hiyaathakuge sababun liyuntherikamun ithurah kuriyah dhiyumuge ummeedhu aavejje… kuriahhuri baithah adhi maa furihama vaane kamuge yageen kan dhen. dhehvi hiyaalahshukuriyaa NUX

  4. annoying reader

    August 12, 2017 at 10:16 pm

    i remember reading this story before too. the same names the same thing going on. did u publish it before ?

    • Xiroo Thihthi

      August 13, 2017 at 9:59 pm

      kurin ves up kohfaivaane… bt loging ah dhimaavi mahsala eh ge sababun up kurun huhtaalan jehuny… ekamaku anehkaaves up kuran mifeshy ba eh kiyuntherin hadhaan ves nethifa huredhaanethy… ummeedhu kurany mee hiyhama jeheynefadha feshumehkamah…

  5. yaina

    August 12, 2017 at 10:20 pm

    Wow.. waiting 4 nxt part …

    • Xiroo Thihthi

      August 13, 2017 at 10:01 pm

      varah avahah 2 EP up kurevigen dhaane…. thikuraa inthizaarah nihaayathah shukuruverivan

  6. Xxxx

    August 12, 2017 at 11:20 pm

    V.nice dear??.. waiting 4 next part. Dhigukoh genesdhinee thee v.happy?

    • Xiroo Thihthi

      August 13, 2017 at 10:04 pm

      އަހަރެންގެ ވާހަކަތައް އަބަދު ވެސް ގެނެސްދެނީ ކިޔުންތެރިން ހިތްހަމަ ޖެހޭނެފަދަ ގޮތަކަށް. ކުރުކޮށް ގެނެސްދީފިނަމަ ކިޔުންތެރިޔާ ހިތްހަމަ ނުޖެހިދާނެހެން ހީވާތީ ދިގުކޮށްލީވެސް…. އެއީ ވާހަކައިގެ ވާނުވާ ބޮޑަށް ކިޔުންތެރިޔާއަށް އެނގޭނެފަދަ ގޮތަކަށް ވިސްނާފަ. ދެއްވި ހިޔާލަށް ޝުކުރިއްޔާ XXXX

  7. ROMAN REGINS

    August 13, 2017 at 3:42 am

    Wow nice when nxt part and love it

    • Xiroo Thihthi

      August 13, 2017 at 10:06 pm

      maalasthakeh nuve 2 Ep kiyaalan fennaane…

  8. Rizmaavy

    August 13, 2017 at 10:14 am

    Vr reethi

    • Xiroo Thihthi

      August 13, 2017 at 10:08 pm

      Thanx

  9. Poohbear

    August 13, 2017 at 12:56 pm

    Mee kurin publish kohfa oi vaahaka eh.hama names ves same
    Did you published it before you copied it??

    • Xiroo Thihthi

      August 13, 2017 at 10:17 pm

      kurin ves up kohfaivaane… bt loging ah dhimaavi mahsala eh ge sababun up kurun huhtaalan jehuny… ekamaku anehkaaves up kuran mifeshy ba eh kiyuntherin hadhaan ves nethifa huredhaanethy… ummeedhu kurany mee hiyhama jeheynefadha feshumehkamah…

  10. khajja

    August 13, 2017 at 1:11 pm

    Ohhh wow masha allah v rythi v furihama v interesting stry eh??? when nxt prt avahah up kolladhybala n dhigukon genesdhinyma v v v thanks?? gud luck keep it up??❤❤❤??????

    • Xiroo Thihthi

      August 13, 2017 at 10:18 pm

      Thi inthizaaru thakah nimun annaane.
      Thanx Khajja

  11. Naa

    August 13, 2017 at 2:23 pm

    “Bandhige” eh nukiyaane. “Badhige” kiyaany .kiyamun dhiya iru varah undhagoo vi ehen hureema.and be lil realistic.kulhen nudhiya ekey kiyaafa rulhi eh naannaanedho ?boys ey.girls eh nama ves okay.and dhaain boy akah ve hure maa findi vany.abadhu visnaa.mivaahaka akun nufene dhaain dherave visnan jehey kameh.boys kuraane dho komme kameh.rattehi vaan ahan nukerigen ulhey iru heevany anhen kujjeh hen.be SOMEWHAT REALISTIC

    • Xiroo Thihthi

      August 13, 2017 at 10:39 pm

      ލިޔުމުގައި ކުށެއް ހުރެދާނެ. ދެންފަހަރަކުން އެކަމަށް ސަމާލުކަންދޭނަން.ވާހަކައިގައި ” ކުޅެން ނުގޮސްގެން ބަޔަކު ރުޅިގަދަވެގެން ނޫޅޭނެ. އެއީ ދާއިންގެ ރައްޓެހިން. އެމީހުން ދާއިންއަށް ކުރީ ޖެއްސުން….ކުރީސަމާސާ… އެހެންވީމާ ބަޔަކު ރުޅިގަދަވެގެން އެތާގަ ނޫޅޭ. ދެން އޮތީ ވިސްނުން. ހުރިހާ މީހުންނަކީ ވެސް ކަންތައްތަކުގަ ވިސްނާ މީހުން. ކަމެއް ކުރަން ފެށުމުގެ ކުރިން އެކަމެއްގެ ދެކޮޅު ހޯދާބަލާނެ. ވިސްނާފަ ކުރާކަމެއް ކުރާނީ. އެހެންވީމާ އެއިސޫލުން އެކަންތައް ގެނެސްފަ ހުންނާނީ. ކުއްޖެއްގެ ގާތުގައި ރައްޓެހިވާން އަހާއިރު ވެސް ވިސްނާފަ އަހާނީ. އަންހެން ކުއްޖާ ނޫނެކޭ ބުނެފި ނަމަ، ގަދަކަމުން ހާސިލް ކުރާ އުސޫލަކީ އެއްގޮތަކަށް ވެސް ރަގަޅު ގޮތްކަމެއް ކަމެއް އަހަރެންގެ ހިޔާލަށް ނާދޭ. ދެން ވާހަކައިގެ ފުރަތަމަ އެޕިސޯޑުން ދާއިން ދެރަވެ ވިސްނަން ޖެހޭނެ ކަމެއް އަދި ނޭންގޭނެ.. ދާއިން ދެރަވާނެތޯ ، ވިސްނާނެތޯ، ކަންކަމ،ުގައި ކެރޭނެތޯ އެނގޭނީ ވާހަކައިގެ ކުރިއަށް ހުރި ބައިތައްވެސް ކިޔާލީމަ ކަންނޭންގެ. ޔަގީނުންވެސް ދާއިން އަކީ މަޑުމައިތިރި، ސަމާސާ މިޒާޖެއްގެ މީހެއް….. ދެއްވި ހިޔާލަށް ނާ އަށް ޝުކުރިއްޔާ…

  12. Abo

    August 19, 2017 at 4:06 pm

    When the next episode update

Comments are closed.