Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަމުބާރާތްދީނީ

ބޮއްސުންލި ޙަޔާތް

Kooji Level 210 Stories100 Comments
June 6, 2017 7 Mins Read
30 Comments

އަހަރެން އޮތީ އެނބުރެމުންދިޔަ ފަންކާއަށް ނަޒަރު ހުއްޓާލައިގެންނެވެ. ކައިރީގައި ހުރި އެނދުގައި އޮތް ހަތް އަހަރުގެ ދަރިފުޅަށް އިރުއިރުކޮޅާ ބަލާލެވެއެވެ. އެނދުގެ އެއްކައިރީގައި ހުރި ގޮނޑިއެއްގައި ހަފްސާ އިނެވެ. ސާރާގެ ބޮލުގައި އިރުއިރުކޮޅާ ފިރުމައިލައެވެ. އުތުރިއަރަމުން ދިޔައީ މައިވަންތަ ކަމުގެ ކުލުނެވެ. ހަފްސާގެ ލޮލުން ވެއްޓެން ދިޔަ ކަރުނަ ތިކި ފޮހެލިތަން އަހަންނަށް ހަމަ ރަނގަޅަށްވެސް ފެނުނެވެ. ކިތަންމެ ދެރަވިޔަސް ދަރިފުޅުކުރިމަތީގައި ފިނޑި މީހަކަށް ވާން އަހަރެން ބޭނުމެއް ނޫނެވެ. އަދިވެސް އެ ދަރިފުޅާއިމެދު ކުރެވެމުންދާ އުންމީދެއްގެ ބޮޑުކަމުންނެވެ. އެ ދަރިފުޅުގެ ގައިގައި އަޅަމުން އެދަނީ ކިހާބޮޑު ވޭނެއް ހެއްޔެވެ؟ އެންމެ ކަންބޮޑުވަނީ މިހާ ދުވަސްވީ އިރުވެސް އެ ބަލީގެ ހަގީގަތް ދެނެގަނެވިފައި ނެތުމުންނެވެ. ފަރުވާއެއް ކުރަން އިނގޭނީވެސް ބަލި ދެނެގަނެވިގެން ނޫންހެއްޔެވެ. ކިތަންމެ ޑޮކްޓަރަކަށް ދެއްކިއްޖެއެވެ. އެތަކެއް ބޭހެއް ކުރެވިއްޖެއެވެ. ވީފައިދާއެއް ނެތެވެ. އެންމެފަހުން ޑޮކްޓަރު ލަފާ ދިނީ ރާއްޖެއިން ބޭރަށް ދިއުމަށެވެ.
އަހަރެންގެ އާއިލާއަކީ އެހާ ފޯރުންތެރި އާއިލާއެއް ނޫނެވެ. ބައްޕަ ނިޔާވިއިރު ހިންގަމުންދިޔަ ކުޑަ ފިހާރައިން ލިބޭ އެއްޗަކުން ދެކޮޅު ޖެހެނީ ދަމާގެނެސް ޖެއްސީމައެވެ.

ސާރާ ބަލިވިފަހުން އަހަރެންނަށް ލިބޭ ހުރިހާ އެއްޗެއް ހޭދަ ކުރަނީ ބޭސްފަރުވާއަށެވެ. ރާއްޖެއިން ބޭރަށް ދާން އެންގުމުން އަހަރެންގެ ގޮތް ހުސްވިކަހަލައެވެ. ނަމަވެސް އެ ދަރިފުޅަށްޓަކައި ކޮންމެފަދަ ކަމެއް ކުރަންވެސް އަހަރެން ހުރީ ތައްޔާރަށެވެ. އެއީ އަހަރެމެން ދެމީހުންގެ ލޮލުގެ ފިނިކަމެވެ. ދިރިހުރުމުގެ އުންމީދެވެ. އެކިމީހުންކައިރީ އެހީއަށް އެދި އަހަރެމެން ސަލާންޖެހީމެވެ. ނަމަވެސް މާބޮޑުއެއްޗެއް ލިބޭގޮތެއް ނުވިއެވެ. އެންމެ ފަހުން އަހަންނަށް ޖެހުނީ ފިހާރަ ވިއްކަލާށެވެ. އެނޫން އިތުރު ގޮތެއް ނެތުނީއެވެ.
ސާރާ ގޮވައިގެން އިންޑިއާއަށް ދިޔައީ އަހަރެން އެކަންޏެވެ. ދެމީހުންދާނަމަ ކުރަންޖެހޭ ޚަރަދު ބޮޑުވާނެތީއެވެ. އިންޑިއާއަށް ދިޔަ ފަހުން ދެހޮސްޕިޓަލަކަށް ދެއްކީމެވެ. ލިބުނީ ކުރިންވެސް ލިބުނު ޖަވާބެވެ. އެ މާޔޫސް ކަމެވެ.

ސާރާ އެނދުމަތި ކޮއްފައި އޮތް ދުވަހެކެވެ. ހޮސްޕިޓަލުގައި ހުރެފައި އަހަރެން ނިކުތީ ސަރާއަށް ކާނެ އެއްޗެއް ހޯދާށެވެ. ނުކުންނަނިކޮށް ވިޖޭ އާއި ދިމާވިއެވެ. އަހަރެންގެ މި ދަތުރުގައި ވިޖޭގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ. ޑޮކްޓަރަށް ދެއްކުމާއި އެހެނިހެންވެސް ކުދިކުދި ކަންކަމުގައި ލަފާ ހޯދަނީ ވިޖޭގެ ކައިރިންނެވެ. ވިޖޭ އަކީ ދިވެއްސަށް ވަރަށް ފަރިތަ މީހެކެވެ. އަހަރެމެންގެ ގުޅުން ބަދަހިވީ އެ ސަބަބަށްޓަކައި ކަމަށްވެސް ވެދާނެއެވެ.

އެދުވަހު އަހަރެމެން ދިޔައީ ކުޑަކޮށް ބޯ ހަމަޖައްސާލަން ކައިރީގައި ހުރި ހޮޓަލަކަށެވެ. ހިސަބަކީ ވިޔަފާރި ކުރުމަށް ވަރަށް ގިނަ ބަޔަކު ގޮސްއުޅޭ ހިސާބެކެވެ. މުޅިހިސާބު އޮތީ ތޮއްޖެހިފައެވެ. ހިފާފައިހުރި ވަހުން ނޯއްދަމާލާކަށް ނުކެރެއެވެ. އެތާހުރި ކުޑަ ފިހާރައެއް ކަހަލަ ތަނަކަށް ވިޖޭ މަޑުކުރިއެވެ. އެއީ އަތްބަލާމިހުންގެ “ފައްޅި” އެކެވެ. އެތެރެއަށް ވަނުމަށް އިޝާރާތްކޮށް ވިޖޭ ހިނގައިގަތެވެ. އަހަރެން ދެކޮޅުހެދީމެވެ. އެއީ އަހަރެން ގަބޫލުކުރާ ކަމަކަށް ނުވާތީއެވެ. ނަމަވެސް އަޖުމަބަލައިލުމަކުން ގޯހެއް ނެތް ކަމާއި، ގަބޫލުކުރުމާއި ނުކުރުން އެއީ އަހަރެންގެ ކަމެއްކަމަށް ބުނެ އެންމެ ފަހުން ވިޖޭ އަހަރެން އެތަނަށް ވެއްދިއެވެ. އެއީ ކުޑަ ވަރެއްގެ “ގޮޅި” އެކެވެ. އެތަނަށް ފަހަރަކު ވަދެވޭނީ ދެމީހަކަށެވެ. އެހާވެސް އެތަން ކުޑައެވެ. ވަށައިގެން ހުރީ ކުލަވެއްޓިފައިވާ ފާރުތަކެވެ. ފާރުގައި އެކިކަހަލަ ކުރެހުންތަށް ހުއްޓެވެ. އެތާނގެ އެއް ކަނެއްގައި މުސްކުޅިފުރައިގެ މީހަކު އިނެވެ. އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. ވިޖޭ އެމިހާއާއި ކޮންމެވެސް ވާހަކަތަކެއް ހިއްސާކުރިއެވެ. އެއަށް ފަހު އަހަރެން ގާތު އެތާ ހުރި ގޮޑިއެއް ދައްކަފައި އިށީނުމަށް ބުންޏެވެ. އަހަރެން އިށީނުމުން އެމީހާ އަހަންނަށް ބަލާލިއެވެ. އެއަށް ފަހު އެދުނީ އަހަރެންގެ އަތް ދެއްކުމަށެވެ. އަހަރެން ވިޖޭއަށް ބަލާލީމެވެ. އޭނަ އާނއެކޭ ބުނާފަދަ ގޮތަކަށް ބޯޖަހާލިއެވެ. އަހަރެން ދެއަތްނަގާ މޭޒުމަތީގައި ބޭއްވީމެވެ. އެމީހާ އަހަރެންގެ އަތަށް އެކި ގޮތްގޮތަށް ބަލަންފެށިއެވެ.

ޚިދުމަތް ހޯދަން އަންނަމީހުންގެ ސަމާލުކަންހޯދަން އޭނާ ކިތަންމެހާވެސް ކުޅަދާނައެވެ. އަހަރެންގެ ކުރު ތަޢާރަފެއް އޭނާ ދިނީ އަހަންނަށްވެސް ނުދެވޭނެހައި ފުރިއަމައަށެވެ. ދެން ފެށި ވާހަކައަކުން އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭފަދަ އިހުސާސްތަކެއް ކުރުވިއެވެ.އޭނަގެ ފާލު ދައްކާގޮތުން ނަމަ އަހަރެން އިންޑިއާއިން ދާނީ ސާރާގެ ބަލި ފަސޭހަވުމަށްފަހުއެވެ. އަދި އަހަރެންގެ ދިރިއުޅުން މަޑުމަޑުން ހަމައަކަށް އެޅި އަތްމަތިވެސް ތަނަވަސް ވާނެއެވެ. ދެން އޭނާ ބުނީ އަހަރެން އުންމީދުކޮއްގެން ހުރި ކަހަލަ ވާހަކައެއް ނޫނެވެ. އެއީ އަހަރެން އިތުރުކައިވެންޏެއް ކުރާނެ ކަމެވެ. މިކަހަލަ ވަހަކަތަކެއް ދައްކަމުންގޮސް އެންމެފަހުން އެމީހާ ބުނި އެއްޗަކުން އަހަންނަށް ކުއްލިއަކަށް އަތްދަމައިގަނެވުނެވެ. އަދި އަވަސްއަވަހަށް އެތަނުން ނިކުތީމެވެ. އެނބުރި ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ވެސް އަދި ހޮސްޕިޓަލުގައިވެސް އަހަންނަށް ވިސްނުނީ އެމީހާ ދެއްކި ވާހަކަތަކާއި ދޭތެރޭއެވެ. އަހަރެން އެވާހަކަތަށް ގަބޫލުކުރަން ބޭނުންނުވިޔަސް ވެހެވެ. އަހަރެންގެ ހިތުގެ ކޮންމެވެސް ހިސާބަކުން އެވާހަކަތަށް ގަބޫލުކުރަން ބޭނުންވިކަހަލައެވެ. ސާރާގެ ބައްޔަށް ފަރުވައެއް ލިބިދާނެކަމަށް ކުރެވުނު އުންމީދުގެ ހުޅުކޮޅު އިތުރަށް ދިއްލުނުކަމުގެ އިހުސާސް ކުރެވުނީތީއެވެ.

އިންޑިޔާއަށް އައިތާ ދެވަނައަށް ވީހަފްތާގައި ސާރާގެ ބަލީގެ ހަގީގަތް ހޯދުނެވެ. އަދި ގިނަދުވަސްތަކެއް ނުވެ، ސާރާއަށް މުޅިންހެން ފަސޭހަވިއެވެ. އަހަރެން ހަފްސާއަށް އެ ޚަބަރުދިނީމެވެ. އަދި އޭގެ ދެދުވަސް ފަހުން އެނބުރި ރާއްޖެ ދިޔައީމެވެ.
ދިރިއުޅުމުގެ ކަންތައްތައް މަޑުމަޑުން ހަމައަކަށް އެޅެން ފެށިއެވެ. މާލެ ކައިރި ރިސޯޓަކުން އަހަންނަށް ވަޒީފާ ހަމަޖެހުނެވެ. އަހަރެމެންގެ ދިރިއުޅުން ކުރިޔަށްވުރެވެސް ފުރިހަމަ ވިކަހަލައެވެ. ދިރިއުޅުމަށް އަންނަ ކޮންމެ ބަދަލަކާއިއެކު އަހަރެންގެ ހަނދާނަށް އަންނަނީ އަތްބަލާ މީހާގެ ވާހަކަތަކެވެ. އޭރު ކޮންމެވެސް ވަރަކަށް އެވާހަކަތައް ގަބޫލުކުރެވެންވެސް ފަށައިފިއެވެ. ނަމަވެސް އަހަރެން އެއިން އެއްވެސް ވާހަކައެއް ހަފްސާއަކާއިވެސް އަދި އެހެން މީހަކާއިވެސް ހިއްސާއެއްނުކުރަމެވެ. އެކަމުގެ މާބޮޑު ބޭނުމެއް އޮތް ކަމަށް އަހަންނަށް ނުވިސްނުނީތީއެވެ.
ދުވަސްތަށް ދަތުރުކުރަނީ ހީވެސް ނުކުރާހާ ހަލުވިމިނެއްގައެވެ. އޭގެ ފަހުން މިހާރު ފަސްއަހަރު ވީއެވެ. ދާދި އިހައްދުވަހަކާއި ޖެހެންދެންވެސް އަހަރެންގެ ދިރިއުޅުމުގެ ހުރިހައިކަމެއްވެސް ހިނގަމުންދިޔައީ އެންމެ ފުރިހަމައަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެގޮތް ބަދަލުވީ އަހަންނާއި ނަޝާ އާއި ދިމާވިހިސާބުންނެވެ. ނަޝާއަކީ ރިސޯޓުގެ ވަޒީފާއާއި އަލަށް ގުޅުނު ކުއްޖެކެވެ. ޒުވާނެވެ. އެއާއި އެއްވަރަށް ރީތިވެސްމެއެވެ. ކޮންމެ ފިރިހެނެއްގެ ހިތްވެސް ކަތިލަހާވެއެވެ. ނަޝާގެ އެ ތޫނު ކަޅިރަވައިގެ އަމާޒަކަށް އަހަރެންވީ ކީއްވެބާވައޭ އަމިއްލަނަފްސާއި ސުވަލުކުރެވުނެވެ. ނަމަވެސް ރިސޯޓުގައި ތިބި އަހަންނަށް ވުރެ ޒުވާން ރީތި ފިރިހެނުންނަށް ކާމިޔަބު ނުވި ކަމެއް އަހަންނަށް އެއްވެސް މަސައްކަތަކާއި ނުލާ ކާމިޔާބުވުމުން ފަޚުރުވެރިވެވުނެވެ. އެ ފުރުސަތު ދޫކޮއްލަން ހިތެއް ބޭނުމެއްނުވިއެވެ. ލޯބިވާ އަނބި މީހާއާއި ދަރިފުޅު ކުޑަވަގުތުކޮޅަށް ނަމަވެސް އަހަރެންގެ ހިތުން ފިލަދިޔަކަހަލައެވެ.

އެންމެފަހުން ނަޝާ ދެކެ އަހަންނަށް ލޯބިވެވުނީއެވެ. އަހަރެން ބޭނުންވީ އަވަހަށް ކައިވެނި ކުރާށެވެ. އެވާހަކަ ބުނަން ހަފްސާއަށް ގުޅި ދުވަހު އޭނާ ފެށީ ރޯށެވެ. އޭނާއަށް އެކަން ބަލައެއް ނުގަނެވުނެވެ. ވަނީވެސް އެހެންތާއެވެ. އޭގައި ހަފްސާގެ އެއްވެސް ކުށެއް ނެތެވެ. ކުއްވެރިއަކީ އަހަރެންގެ ހިތެވެ. އެކަމަކީ އަހަރެން ކުރަންޖެހޭ ކަމެއްކަމަށް އަހަންނަށް ވިސްނައިދިނީ އަހަރެންގެ ހިތެވެ. ޖެހިގެންއައި ހަފްތާގައި އަހަރެމެން ކައިވެނި ކުރީމެވެ. ހަމަ އެދުވަހު އަހަންނަށް ކޯޓަށް ހާޒިރުވުމުގެ އަމުރު އައެވެ. ހަފްސާ ވަރިވާންއެދި ފޯމުލާފައި ވާތީއެވެ. އެދުވަހު ހަފްސާގެ މިލައިފައިވާ މޫނު ފެނި އަހަރެން ހިތުގައި ޖެހުނެވެ. ނަމަވެސް އެއީ ހަފްސާ ބޭނުންވާގޮތް ކަމުން އަހަރެން އޭނާ ވަރިކޮށްދިނީމެވެ.
ނަޝާ ބޭނުންވީ ވަޒީފާއިން ކެޑިގެން ގޭގައި އިންނާށެވެ. އަހަރެން އެގޮތަކާއި ދެކޮޅެއް ނަހަދެމެ. ބައެއް ދުވަސްދުވަހު އަހަރެން ސާރާ ގެއަށް ގެންނަމެވެ. ނަމަވެސް ކުރިން ހުންނަ ސަކަ މިޒާޖު މުޅިންހެން ފިލާގޮސްފައިވާ ކަހަލައެވެ. އެ މޫނުމަތިން ފެންނަނީ ނުތަވަސްކަމެވެ. ރުޅިވެރިކަމެވެ. ސާރާ ނަޝާއާއި ވާހަކައެއް ނުދައްކައެވެ. ހަގީގަތަށް ބުނާނަމަ ސާރާއަށް ރުޅިއައުން ހައްގެވެ. އެހިތުގައި ޖަވާބު ނުލިބިފައިވާ އެތައް ސުވާލުތަކެއް ވާނޭކަން އަހަންނަށް އެމޫނު ފެންނަ ކޮންމެ ފަހަރަކު ޔަގީންވެއެވެ. ނަމަވެސް ވަގުތު ޖެހުމުން އެ ސުވާލު ތަކަށް ޖަވާބުލިބޭނެއެވެ. އަހަރެން ހަފްސާއެއް ކުއްވެރިއެއް ނުކުރަމެވެ. ނަމަވެސް އަހަރެންގެ ނަފްސުވެސް ކުއްވެރިކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ.
އަހަރެންގެ ހަޔާތުގެ މިސާލަކީ އޮޔާއި ވަޔާއި އެކު ބެހެމުންދާ ކަނދު ފޮއްޗެއްގެ މިސާލެވެ. ވަކި މިސްރާބެއް ނެތެވެ. ދުނިޔެއަށް ހުއްޓުމެއްނާންނަހާ ހިނދަކު ދުވަސްތަށް ހިނގަހިނގާހުންނާނެއެވެ. މި ބީދައިން އަހަރެންގެ ހަޔާތުންވެސް ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދެއެވެ.

ދުވަހަކީ ރިސޯޓުގައި ފުދޭވަރަކަށް ބުރަކޮށް އުޅެން ޖެހުނު ދުވަހެކެވެ. އަހަރެން ޑިއުޓީ ނިންމާފައި ކޮޓަރިއަށް ދިޔައީ ކުޑަކޮށް ނިދާލުމުގެ ބޭނުމުގައެވެ. އެދުގައި އޮށޯވެލުމަށްފަހު ޚަބަރުތަށް ބަލާލުމުގެ ނިޔަތުގައި ފޯން ނެގީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ރަތްއަކުރުން ފަވާލެވިފައިވާ އަވަސް ޚަބަރުގެ ސުރުޚީ އަށެވެ. އިންޑިޔާގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު މަރުވިވާހަކަ އޮތުމުން ކުއްލިއަކަށް އަހަރެންގެ ހަނދާނުގެ ވާފަށް ގޮސް ގުޅުނީ މީގެ އެތަކެއް އަހަރު ކުރިއާއި އެވެ. ސާރާ ގޮވައިގެން އަހަރެން އިންޑިޔާއަށް ދިޔަ ދަތުރެވެ. އެދަތުރުގައި އަހަރެންގެ އަތް ބެލި މީހާ ބުނި ވާހަކައެވެ. އެކަމާއި ވިސްނަން އޮވެފައި އަހަންނަށް ނިދުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނު އިރު މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. އަހަންނަށް ހުވަފެނުގައި ފެނުނީ ހަމަ އެމީހާއެވެ. އޭނާ އަހަންނަށް އިންޒާރުދިނެވެ. އެދުވަހުވެސް ބުނި ހެންނެވެ. އޭނާ ބުނީ އަހަރެން ވިސްނައިން އުޅުމަށެވެ. އަހަރެން މަރުވާނީ އެކްސިޑެންޓެއްގައި ކަމަށް އޭނާ ތަކުރާރުކޮއް ބުނަނިކޮއް އަހަންނަށް ފެނުނެވެ. އަހަންނަށް އެމީހާދެއްކި ވާހަކަތަކާއި ދޭތެރޭ ވިސްނާލެވުނެވެ. އަހަރެންގެ ހަޔާތުގައި މިހާތަނަށް ހިނގައިދިޔަ ހުރިހާ ކަމެއްހެން ހިނގައި ދިޔައީ އެމީހާ ބުނިގޮތަށެވެ. ސާރާގެ ބަލި ފަސޭހަވުމެވެ. އަހަރެމެންގެ ދިރިއުޅުން ހީވެސް ނުކުރާހައި ހަލުވިމިނެއްގައި ތަނަވަސްވީގޮތެވެ. އަހަރެން ނަޝާ އާއި ކައިވެނި ކުރުމެވެ. މި ހުރިހާ ކަމަކީ އިއްތިފަގެއް ކަމަކަށް އަހަރެންގެ ޟަމީރު ގަބޫލެއް ނުކުރިއެވެ. ދެން ހިތަށްއެރި އެއްޗަކުން އަހަރެންގެ ހުރިހާ ލޯލިއެއް ކޮޅަށް ޖެހުނެވެ. އަހަރެން އެދުވަހުން އެދުވަހަށް ޗުއްޓީ ނަގައިގެން މާލެދިޔައީމެވެ. ނަމަވެސް ގެއަށް ދިޔުމުން އަހަންނަށް ލިބުނީ އިތުރު ހިތްދަތި ކަމެކެވެ. ނަޝާއަކީ ކިހާ ވިޔާނުދާ އަންހެނެއްކަން އަހަންނަށް އެނގުނީ އެދުވަހުއެވެ. ތަގުދީރު އަހަންނާއި މިކުރީ ކޮންފަދަ ސަމާސާއެއް ހެއްޔެވެ. އަހަރެން ވަގުތުން ނަޝާ ވަރިކުރީމެވެ.

އެދުވަހަށްފަހު އަހަރެންގެ އަމިއްލަ ގޭގައި އަހަރެން ގައިދުވި ކަހަލައެވެ. ވަޒީފާއިން ކެނޑުނީމެވެ. ގެއިން ނުކުތުން މުޅިންހެން ހުއްޓުމަކަށް އައެވެ. މަދުފަހަރަކު ފިހާރައަށް ދާން ނުކުތަސް އަހަރެން ހުންނަނީ ހިތް ނަގާ އަތަށް ލައިގެންނެވެ. ގޭ ކުރިމަތީ ހުންނަ ފިހާރަޔަށް ދާންވިޔަސް އަހަންނަށް މަގު ހުރަސްކުރެވެނީ އެތަށް އިރަކުންނެވެ. މަގުމަތީގައި ދުއްވާއެއްޗެއް ނެތަސް ކުއްލިއަކަށް އެއްޗެއް އައިސް އަހަރެންގައިގައި ޖެހިދާނެއޭ ހީވަނީއެވެ. ގޭގައި ތޫނުއެއްޗެއް އޮތިއްޔާ އެ އެއްޗެއް ފޮރުވީމެވެ. ކުޑަމިނުން ކަތުރެންހާ މިންވަރުވެސް ނުބާއްވަމެވެ. ވަންނަ ދޮރުމަތީގައާއި ފާޚާނާ ދޮތުމަތީ އޮތް ފައިފުހި ވެސް އެއްލާލީމެވެ. ކައްސާލައިން ވެއްޓިދާނޭ ހީވާތީއެވެ.

އަބަދު ގޭގައި އޮވެއޮވެ އަހަރެން މޮޔަވާން އުޅޭހެންވެސް ހީވާ ފަހަރު މަދެއްނޫނެވެ. އަހަރެންގެ ރައްޓެހިންވެސް ކިތައްމެ ވަރަކަށް ގުޅައެވެ. ނަމަވެސް އަހަރެން އެމީހުންނަކަށް ޖަވާބެއް ނުދެމެވެ. ގެއަށް އަޔަސް އަވަހަށް ފޮނުވާލަނީއެވެ. އެމީހުން ގަދަކަމުން އަހަރެން ބޭރަށް ގެންގޮސްދާނެތީ ބިރުންނެވެ. ނަމަވެސް އަހަންނަށް މަރަށް ފިލޭނީ ކިހާ ދުވަހަކު ހެއްޔެވެ. އަހަންނަށް ނުވިސްނުނު ކަމަކީ ކޮންމެ ތަނެއްގައި ހުއްޓަސް މަރުއައިސް ޖެހުނީމައި މަރުން ސަލާމަތްވުމުގެ ކުޅަދާނަކަން އެއްވެސް މީހަކަށް ލިބިގެން ނުވާކަމެވެ.

މުޅިދުވަސް ގޭގައި އޮންނަން ޖެހުމުން ނަފްސާނީގޮތުން އަހަންނަށް އަންނަމުންދިޔަ ބަދަލުތައް ބުނެދޭން ނޭނގުނަސް އަހަރެން ފެންނަ ކޮންމެމީހަކަށްވެސް އެކަން ވަރަށް ރަނގަޅަށް ފާހަނގަވީހެވެ. ނަމަވެސް އެހެންމީހަކާއި ދޭތެރޭ ވިސްނާނެވަގުތު ވަނީ ކާކަށް ހެއްޔެވެ؟ ދުވަސް ވީ ވީހެން އަހަރެންގެ ހާލުދިޔައީ ދަށް ވަމުންނެވެ. ޝައްކު ބަލީގެ ޝިކާރައަކަށް އަހަރެން ވިތާ ކިތަންމެ ދުވަހެކެވެ. ބާރުއަޑެއް އިވުނަސް އަހަރެން ހުންނަނީ ބިރުންނެވެ. މީހާ އެކީ އަނަރޫފަވެއްޖެއެވެ. އެއް އިރު ކެއިއްޔާ އަނެއް ތިން އިރު ހުންނަނީ ނުކައެވެ.

ގޭގައި ކާނެ އެއްޗެއް ނެތިގެން އަހަރެން ނުކުތީ ފިހާރައަށް ވަދެލުމަށް ގަސްތުކޮއްގެންނެވެ. އަތުގައި ހުރި ލާރިކޮޅު ހުސްވިތާވެސް މަހަކަށްވުރެ ގިނަދުވަސް ވެއްޖެއެވެ. ދަރަންޏަށް އެއްޗިހި ނަގައި ނަގައި އަހަރެން ދަރަނިވެރިވެސް ވީއެވެ. އެކަމަކު އެހެންގޮތެއް ނެތުމުން ގޮސް ފިހާރައިން ކަޕް ނޫޑްލީސް ތައްޓެއް ހިފައިން ނުކުތީމެވެ. އޭވަގުތުވީ މަދުރަސާ ނިންމާފައި ދަރިވަރުންތައް ގެއަށްދާން ނިކުތް ވަގުތަށެވެ. އެހެންކަމުން މަގުމަތީގެ ކާރޫބާރޫ ވަރަށް ބޮޑެވެ. އަހަރެން ދެތިން ފަހަރަކު މަގު ހުރަސްކުރަން އުޅެފައިވެސް އަތުގައި އޮތް ކޮތަޅު މެޔާލައި ބޮޑިކޮއްލައިގެން ހުރީ ހިނގައިގަންނަން ނުކެރިފައެވެ. އަހަރެން ފެނުނު ކޮންމެމީހަކުވެސް އަހަންނަށް މަލާމާތް ކުރާކަހަލައެވެ. ބައެއްފަހަރު މީހުން އަހަންނަށް ބަލަހައްޓައިން ހޭން ތިބޭ ހެންވެސް ހީވެއެވެ. ނަމަވެސް އެއީ ހައްތަހާވެސް ވަހުމެވެ.

އަހަރެން ސިހުނީ މީހަކު އަހަރެންގެ ނަމުން ގޮވާލުމުންނެވެ. އެއީ މުނީރު އެވެ. އަހަރެންގެ އިސްކޫލު ދައުރުގެ ރައްޓިއްސެކެވެ. ކިޔަވައި ނިމުނުފަހުން އަހަރެމެން ދިމާވީ އަހަންނާއި ހަފްސާގެ ކައިވެނި ޕާޓީ އިންނެވެ. އަހަރެން އޭނައަށް ބަލާލީމެވެ. އަދި ގަދަކަމުން ހީލީމެވެ. އޭނާ ހުރީ އަހަރެންގެ އަމަލުތަށް ހުރި ގޮތުން ކަންބޮޑުވެފައެވެ. އަހަރެން ބަލީތޯ ސުވާލުކުރުމުން ވެސް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ނަމަވެސް މުނީރު އަހަރެންގެ ވަހަކައަކަށް އެއްބަހެއް ނުވިއެވެ. އެއް އިރެއްގައި ވިޔަސް އަހަރެން ދަންނަ މީހަކު އެކަމާއި އެއްބަސް ނުވާނޭ ބީދައިންނެވެ. މުނީރު އެދުނީ ކުޑަކޮށް ވާހަކަ ދައްކާލައި ހަދާލަން ގެއަށް ދިޔުމަށެވެ. އަހަރެން އާނއެކޭ ބުނެ މަގުގެ ދެކޮޅު ހޯދަމުން ހިނގައިގަތީމެވެ. އިރުއިރުކޮޅާ ހުއްޓެމުންނެވެ. އެންމެފަހުން މުނީރަށް ޖެހުނީ ކުޑަކުއްޖަކުފަދައިން އަހަރެން އަތުގައި ހިފައިގެން މަގު ހުރަސް ކުރާށެވެ.

ގޭގައި އެހެން މީހަކު އިޅޭ ކަމުގެ ނިޝާނެއް ފެންނަން ނެތުމުން އޭނަ ފުރަތަމަވެސް އެހީ އަހަރެން އަންހެނުންގެ ވާހަކައެވެ. އަހަރެން ހަފްސާ ވަރިކުރި ވާހަކަ ބުނީމެވެ. ވަރަށް އާދައިގެ ގޮތަކަށެވެ. މުނީރު އިތުރަށް އެވާހަކައެއް ނުދައްކައެވެ. އެއަށްވުރެ ބޮޑަށް އަހަންނަށް ވެގެން އުޅޭގޮތް ބެލުމުގެ ޝައުގުވެރިކަން ހުރުމުންކަމަށްވެސް ވެދާނެއެވެ. ނޫނީ މިއީ އެވާހަކަދައްކަން ރަނގަޅު ވަގުތުކަމަށް ނުފެނުނީއެވެ. އޭނާ ބޭނުންވީ އަހަންނަށް ވެގެން އުޅޭގޮތް އޮޅުންފިލުވާށެވެ. އަހަރެން އެވާހަކަތައް ދައްކަން ޖެހިލުންވިއެވެ. ނަމަވެސް މުނީރުގެ ވާހަކަތަކުން އަހަންނަށް ކުޑަހިއްވަރެއް ލިބުނެވެ. އޭނާއަކީ ނަފްސާނީ ބަލިތަކަށް ޚާއްސަ ޑޮކްޓަރެކެވެ. އަހަރެންގެ ހާލު އެހާފަސޭހައިން ދެނެގަނެވުނީ އެހެންވެއެވެ. އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އިންޑިއާއަށް ދިޔައީއްސުރެ މިހާތަނަށް ހިނގައިދިޔަ ހުރިހާކަމެއްގެ ވާހަކައެވެ. އަހަންނަށް އެހީވާން ވައުދުވަމުން މުނީރު އެދުވަހު ދިޔައީ ވަރަށް ގިނަ ވާހަކަ ދައްކާފައެވެ. އަހަންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އިހުސާސް ކުރެވުނެވެ.
އޭގެ އަނެއްދުވަހު އޭނާ އަހަންނަށް ގުޅިއެވެ. އަދި އެދުވަހު ގެއަށް އަންނާނެވާހަކަ ބުންޏެވެ. އަހަރެން އެންމެރަނގަޅުކަމަށް ބުނެ ފޯނުބޭއްވީމެވެ. މުނީރު އައީ އިތުރު މީހަކުވެސް ގޮވައިގެންނެވެ. މެދުއުމުރުގެ މީހެކެވެ. ބޮލުގައި ފޮށާ އޮޅާފައި އޮތްއިރު ލައިގެންހުރީ އާދައިގެ ފަޓުލޫނަކާއި އަތްދިގު ގަމީހެކެވެ. ކޮންމެވެސް ވަރަކަށް ނުރަޖަހައިފަހުރި ތުބުޅިއާއިއެކު އެމޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. ވާހަކަދެއްކުމުގައި ހިތްހެޔޮކަން ފަޅުވާންހުރިއިރު އެބަހައްޓާ ގާތްކަން ފެނި ދުވަސްތަކަކަށްފަހު އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ އުފަވެރިކަމެއް އިހުސާސްވިއެވެ. އަހަރެންގެ ވާހަކަތައް އަޑުއެހުމަށްފަހު ޒަކީ އަހަންނާއި ކޮށްލީ ސުވާލެކެވެ. އަހަރެން ނަމާދުކުރަންތޯއެވެ. އަހަންނަށް ވިސްނަން މަޖުބޫރުވިއެވެ. އެންމެ ފަހުން ނަމާދުކުރި ދުވަހެއް އަހަރެން ހަނދާންވެސް ނެތެވެ. ކުރިން ކޮންމެވެސް ވަރަކަށް ނަމާދުކުރިޔަސް އެކަމަކީ އެންމެފަހުން ކުރަން އޮންނަ ކަމެކެވެ. އެހެން ކަންތަށް ކޮށްފައި ވަގުތު ވެއްޖެ ނަމައެވެ. ގިނަފަހަރަށް ހަނދާންވެސް ނުހުރެއެވެ. އަހަންނަށް ޖެހިފައިވާ ހާލުގެ އަސްލަކީ އެއީ ކަމުގައި ޒަކީ އަހަންނަށް ވިސްނައިދިނެވެ. އިސްލާމްދީނުގެ ރުކުންތަކަށް ފަރުވާކުޑަކުރެވުމެވެ. މާތްﷲ އާއި ތިބާއާއި ދޭތެރޭގައިވާ ގުޅުން ބަދަހި ނުކުރެވުމުގެ ނަތީޖާކަމެވެ. އީމާންތެރިކަމުގެ ކަންފުޅެއްވެސް ނެތުމުގެ ސަބަބުން ދިމާވިކަމެއް ކަމެވެ.

އަތްބަލާ މީހުންނަކީ އެމީހުންގެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ބައެއް ކަމެވެ. އެމީހުންނަކީ މަކަރާއި ހީލަތުން މީހުން ހައްލައިލާ ބައެއް ކަމެވެ. އެއީ ޝިރުކުގެ އަމަލުގެ ތެރެއިން ވާ ކަމެއް ކަމާއި އެފަދަ މީހުންގެ ވާހަކަތަކަށް އެއްވެސް މުސްލިމަކު ބަރޯސާ ވެގެން ނުވާނޭކަމެވެ. އެދުވަހު އިވުނު ވާހަކަތަކުން، އަހަރެންގެ ބޮއްސުންލާފައިވާ ޙަޔާތް އާބާދުކުރެވޭނެ ކަމުގެ އުންމީދު އާލާ ވިއެވެ. ޒަކީގެ އެހީއާއި އެކު އަހަރެން އަޅުކަމުގައި މަސްޢޫލުވާން ފެށީމެވެ. އަހަންނަށް ކުރެވުނު ފާފަޔަށް ތައުބާވީމެވެ. މާތް ﷲ އީ ގިނަގިނައިން ތައުބާ ގަބޫލުކުރައްވާ ކަލާނގެކަން ހިތުގެ އަޑިން ގަބޫލުކުރާޙާލުއެވެ.

ނަފްސާނީ ގޮތުން އަހަންނަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމުގައި މުނީރުގެ ފުރިހަމަ އެއްބާރުލުން ލިބުނެވެ. އޭނާގެ ލަފައާއިއެކު މަޑުމަޑުން ބޭރަށް ނުކުމެ އުޅެން ފެށީމެވެ. މާތް ﷲގެ ރަހްމަތުން މާގިނަދުވަސްތަކެއް ނުވެ އަހަންނަށް އާދައިގެ ދިރިއުޅުމަކަށް އެނބުރި އާދެވުނެވެ. އަހަރެން ހަފްސާގެ ކިބައިން މާފަށް އެދުނީމެވެ.އަހަރެންގެ ވާހަކަ ހަފްސާއަށް އެނގުމުން ހިތާމަކުރިއެވެ. އެވާހަކަ ކުރިން ނުބުނީތީ ޝަކުވާކުރިއެވެ. ނަމަވެސް ވީކަމެއް ނުވާކަމަކަށް ނެހެދޭނެއެވެ. އަހަރެން ގަބޫލުކުރީ ކޮންމެ ކަމެއްވެސް ވަނީ ރަނގަޅަށް ކަމުގައެވެ. އަހަރެމެންގެ ދިރިއުޅުން އާފެށުމަކުން ފެށީމެވެ.

އަތްބަލާމީހައަށް އަހަރެންގެ ހަޔާތުގައި ވާނޭ ކަންތައްތަށް އެނގުނީކަމަށް ހީކުރަނީ ހެއްޔެވެ؟ ނޫނެކެވެ. އެއީ ހެއްދެވިފަރާތަށް ނުނީ ނޭނގޭނެ ކަންތައްތަކެވެ. އަހަރެންގެ ހަޔާތުގެ ހުންގާނުއެގޮތަށް އަނބުރާލީ ޚުދު އަހަންނެވެ. އެވާހަކަތަކަށް ބަރޯސާވެވުނުލެއް ބޮޑުކަމުންނެވެ. މާތްﷲ އެކި އިންސާނުން އިމްތިޙާން ކުރައްވާނީ އެކި ގޮތަށެވެ. އެއީ އަހަންނަށް ކުރިމަތިވި އިމްތިޙާނެކެވެ. އެ އިމްތިޙާނުން އަހަރެން ފެއިލްވީއެވެ. ނަމަވެސް ދެން އިރާދަކުރެއްވިއްޔާ އެހެންވިޔަކަ ނުދޭނަމެވެ. ހަޔާތުގެ ކަނދުފޮތި ދަތުރުކުރަންވީ މިސްރާބު އެނގި ސާފުވެއްޖެއެވެ.
ނިމުނީ

Tags:

ވާހަކަ މުބާރާތް 1438

Share Article

Follow Me Written By

Kooji

Level 210 Stories100 Comments

Wish to do a lot of things in life, and writing is a part of it❤

Other Articles

Previous

ވޭނީ ލޯބި 2 ވަނަބައި

Next

ދުރުގައިވިޔަސް… 23 ވަނަ ބައި

Next
June 6, 2017

ދުރުގައިވިޔަސް… 23 ވަނަ ބައި

Previews
June 6, 2017

ވޭނީ ލޯބި 2 ވަނަބައި

30 Comments!

  1. Addu manje says:
    June 6, 2017 at 2:39 am

    Varah thafaathu hiyaaleh ge machah liyevifaa reethi vaahaka eh.. 🙂 ❤

    1. Kooji says:
      June 6, 2017 at 1:17 pm

      Thanks?

  2. Khajja says:
    June 6, 2017 at 2:59 am

    Masha allah ebunaahen aiybalan falhlhithakuga thibey faadhirynnaky emyhun hithun v molhubaeh haasakoh muslimun ge boakeveytho emyhunbalaane eves raajjeyge myhunge efadhamyhunnah samaaluvaathi

    1. Kooji says:
      June 28, 2018 at 2:35 pm

      yeah

  3. nonns says:
    June 6, 2017 at 5:08 am

    Varah reethi story eh.

  4. Rish says:
    June 6, 2017 at 5:33 am

    Masha allah.. V iburaiytheri adhi vaahaka genesfa ooy goiyvx v rythi.. I really like this story

    1. Kooji says:
      June 28, 2018 at 2:36 pm

      Thanks

  5. Look says:
    June 6, 2017 at 11:09 am

    Cool!!!

  6. Kooji says:
    June 6, 2017 at 1:19 pm

    Thanks all?❤

  7. princess says:
    June 6, 2017 at 2:34 pm

    V thafaatu reeti ibraiyteri vaahakaeh

  8. hi says:
    June 6, 2017 at 5:08 pm

    Masha Allah

  9. Flower princess says:
    June 6, 2017 at 5:41 pm

    Hiyaalu thafaathu vias varah reethi.

  10. Er says:
    June 6, 2017 at 10:00 pm

    Varah iburaihtheri mi vaahaka…..like it?❤

  11. Aisha says:
    June 6, 2017 at 10:39 pm

    Masha Allah varah reethi vaahaka

  12. Kooji says:
    June 6, 2017 at 11:48 pm

    ? shukuriyyaa!

  13. Mariyam says:
    June 7, 2017 at 12:08 am

    Maasha Allah! Varah varah reethi! ❤

    1. Kooji says:
      June 8, 2017 at 1:29 am

      ?

  14. Hau says:
    June 7, 2017 at 12:22 am

    Awsome…v reethi❤

    1. Kooji says:
      June 8, 2017 at 1:30 am

      ❤

  15. UhuhS says:
    June 7, 2017 at 1:45 am

    Ma sha allah
    Iburathun furigenvaa vaahaka eh…
    V reethi❤️?

    1. Kooji says:
      June 8, 2017 at 1:30 am

      ❤

  16. Shifa says:
    June 7, 2017 at 3:08 pm

    ماشاء الله

  17. Wadde says:
    June 7, 2017 at 3:44 pm

    Vvvv reethi

    1. Kooji says:
      June 8, 2017 at 1:31 am

      Thanks?

  18. Amin says:
    June 19, 2017 at 7:45 pm

    Salhi

    1. Kooji says:
      June 19, 2017 at 8:33 pm

      Thanks?

  19. Zed says:
    June 27, 2017 at 6:38 pm

    V salhi

    1. Kooji says:
      July 9, 2017 at 6:42 pm

      Thanks?

  20. **ME** says:
    July 19, 2017 at 12:43 pm

    SUPERB ????☺️

    1. Kooji says:
      June 28, 2018 at 2:36 pm

      Thanks

Comments are closed.


All Right Reserved!