
އަންވާރު (ސީސަން 01) ހަވަނަ ޕާޓް
އިޝާނަމާދު ކޮށްލައިގެން ޔަމީނާ ނުކުތީ ލޫތު ކިޔާވަރުން އޭނަޔާއެކު ބޭރަށް ދިއުމަށެވެ. ކޮޓަރިން ނިކުތްއިރު ނާދިރާ އާއި ރަޝީދު ތިބީ ކާމޭޒު ކައިރީ ރޭގަނޑު ކެއުމަށް އިންސާފުކުރާށެވެ. ޔަމީނާ ފެނުމުން އެދެމީހުން ދައްކަމުން އައި ވާހަކަ ހުއްޓާލާފައި ޔަމީނާ އަށް ސަމާލުކަން ދިނެވެ. ޔަމީނާ ލޫތުއާއެކު ބޭރަށްގޮސްލާފައި އެބައަންނަމޭ ބުނުމުން ރަޝީދު ބޯޖަހާލީ އެކަމަށް ހުއްދަ ދިނުމަށެވެ. ގެއިންނިކުތްއިރު ލޫތު އިނީ ސައިކަލުމަތީ ޔަމީނާގެ އިންތިޒާރުގައެވެ. ޔަމީނާ ފެނުމުން ހާދަލަހޭ ކިޔާފައި ޝަކުވާކޮށްލިއެވެ. ސައިކަލު ގޮސްހުއްޓީ ބީޗް ފަރާތުގައި ހުރި ރެސްޓޯރެންޓެއް ކުރިމަތީގައެވެ. ދެމީހުން އެ ރެސްޓޯރަންޓްގެ ހަތަރުމީހުންގެ މޭޒެއް ދޮށުގައި އިށީނދެ ދެ ކޮފީ ތައްޓަށް އޯޑަރުދިނެވެ.
ޔަމީނާ: ހޫން ދެން ތިދަށްކަންއުޅޭ ބޮޑުވާހަކަ ކިޔާބަލަ. މާގިނައިރު އިނދެވޭކަށްނެތޭ. މާދަމާ ޓިއުޝަންކުދިން އަންނަންވާއިރަށް މާކު ކުރަންވެފަހުރި ފޮތްތައްވެސް ހުރީ. އަދި ލިޔަންބޭނުންވާ ލިޔުންކޮޅެއްވެސް އެބަހުރި.
ލޫތު: ހޫން ދެން ތި ބިޒީ ޝެޑިޔުލްގެ ވާހަކަ ނުދައްކަބަލަ. އޭރުން ދައްކަން މިއުޅޭ ބޮޑު ވާހަކަވެސް ނުދެއްކިދާނެ. އަސްލު ބޭބީގާލްގެ ބައްޕަވެސް ގޮވައިން އައިނަމަ އެއްނުން. މިވާހަކަ ދައްކަންޖެހޭ ފަރާތަކީ އެއީ ވިއްޔަ.
ޔަމީނާއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް ލޫތުގެ ވާހަކަ ފެށިއެވެ.
ލޫތު: އަސްލު ލޫތު ބޭނުން ވަރަށް އަވަހަށް މެރީ ކުރަން. އެކަމާ ވަރަށް ވިސްނޭ އެބަ. ބައްޕަ ކައިރީ މިވާހަކަ ދައްކަންވީދޯ.
ލޫތު އެހެންބުނެ ފޯނުނަގާ ކޮންމެސް މީހަކަށް ގުޅާލުމަށްފަހު ކޮފީއަށް ދައުވަތު ދިނެވެ.
………………………..
އާޓިފިޝަލް ބީޗްގެ ހިތްގައިމު މާހައުލުގާ، މޫދުގެ ކުރިމަތީއިން ގޮނޑިއެއްގައި އިށީނދެލައިގެން އިންއިރު، ގޮނޑީގެ ފަހަތުގައި ދެއަތް ވިއްދާލައިގެން، ނަވާލު އިނީ ހަނދަށް ބަލަހައްޓައިގެން ހިޔާލުތަކެއްގެ ތެރެއަށް ގެއްލި ހުސްވެފައެވެ. އޭނާ އެ ވިސްނަނީ ޔަމީނާ އާއި މެދުއެވެ. ކައިވެންޏަށް އެދި ހުށައެޅިތާ މިހާރު ހަތަރުދުވަސް ވެއްޖެއެވެ. އަދިވެސް އެއްވެސް ޖަވާބެއް ނުލިބޭތީ ނަވާލު އެވަނީ މާޔޫސް ވެފައެވެ. ރަޝީދުވަނީ މާދަމާގެ ހަވީރު ސަޔަށް އެގެއަށް ދައުވަތު ދީފައެވެ. ނަވާލު އުންމީދު ކުރަނީ މާދަމާ އެގެއިން ޔަމީނާގެ ޖަވާބެއް ލިބޭނެކަމަށެވެ. ޔަމީނާ ބުނާނީ ކީކޭބާއެވެ؟ އޭނާ ނަވާލުއާއި ކައިވެނިކުރަން ޤަބޫލުވާނެބާއެވެ؟ ނަވާލަށް ޔަމީނާ ކަމުދާތާ މިހާރު ކިތަމެ ދުވަހެއް ވެއްޖެއެވެ. ކޮންމެދުވަހަކު ހެނދުނު ޔަމީނާ އޭނާގެ މަންމަ ގޮވައިގެން ބީޗަށްދާތަން ފެނިފެނިއެވެ. މޫނުބުރުގާގެ ނިވަލުގައި އެރީތިކަން ފޮރުވާފައި ވީނަމަވެސް އޭނާގެ ރިވެތި އަޚްލާޤުން ބައެއް އޭނާއަށްވަނީ އިހްސާސް ކުރެވިފައެވެ. ނަސިބު ދިމާކުރިގޮތުން ޔަމީނާގެ ބައްޕައާއި ނަވާލުގެ ބައްޕައަކީ ވެސް ދެ ރަހުމަތްތެރިންނެވެ. އެހާ ގާތްނޫންނަމަވެސް އެކަކު އަނެކަކަށް އެނގޭ ވަރަށެވެ. އެހެންކަމުން ޔަމީނާއާއި ކައިވެންޏަށްއެދި ހުށައެޅީ ނަވާލުގެ ބައްޕަ ކައިރިންވެސް އެއީ ކޮންކަހަލަ ކުއްޖެއްތޯ ސާފުކޮށްފައެވެ.
އެޚިޔާލުތަކަށް ގެއްލިފައި އިންދާ ފޯނު ރިންގުވާއަޑަށް ބަލާލިއިރު ގުޅަނީ ލޫތެވެ. ލޫތަކީ މީގެ ދެދުވަސް ކުރިން މިސްކިތުން ދެތިން ފަހަރަކު ދިމާވި މީހެކެވެ. ލޫތުގެ ވާހަކަ ގިނަކަމުންނާއި، ހުންނަ ސަކަ މިޖާޒުގެ ސަބަބުން ދެތިން ދުވަސްތެރޭގައިވެސް ވަރަށްގާތް ދެރަހުމަތް ތެރިންނަށްމިވަނީ ވެފައެވެ. ދެފަހަރެއްގެ މަތީން އޭނާޔާއެކު ކޮފީއަށްވެސް މިހާރު އެރިއްޖެއެވެ. އަނެއްކާވެސް އެ އެދުނީ ކޮފީއަކަށް އައުމަށެވެ. އޭނާ އިން ރެސްޓޯރަންޓްގެ ނަން ބުނުމުން މިދަނީޔޭކިޔާފައި ފޯނު ބާއްވާފައި އެދިމާލަށްދާން ހިނގައިގަތެވެ. ނަސީބަކުން ވަރަށްކައިރީ ހުރިތަނެކެވެ.
………….
ލޫތު ޔަމީނާ ނުދަންނަ މީހަކަށް ކޮފީއަށް ދައުވަތު ދިނުމުން ޔަމީނާ އިނީ ހިތްހަމަ ނުޖެހިފައެވެ. އޭނާ އެއްވެސް ވަރަކަށް ނުދަންނަ ފިރިހެނުންނާއެކު ކޮފީއަށްއަރާ ނުހަދާތީއެވެ. އެހެންމީހުން ކައިރީގައި ތިބިނަމަވެސް މެއެވެ.
ޔަމީނާ: ކާކަށްތިގުޅީ އަނެއްކާ. ލޫތުއަށް އެނގެއެއްނުން ޔަމީ މިތާއިންކަން. ޔަމީއާ ބޮޑުވާހަކައެއް ދައްކަންނޭ ކިޔާފަ ވާހަކަ ދައްކާވެސް ނުނިމެނީހެން އެހެންމީހަކު ތި ގެންނަނީ.
ލޫތު: ޑޯންޓް ވޮރީ. އެއީ ވަރަށްފަހުން ދިމާވި ރައްޓެއްސެއް. އެސޮރު ގެހުންނަނީ މިހިސާބުގަ. އެހެންވެ ހިތައްއެރީ މިތަނަށް އާދެވުނީމަ ގުޅާލަން. އެހެންނޫނަސް އޭނާ ވަރަށް ރަނގަޅުވާނެ. ނުދަންނަ އަންހެންކުދިންނަށް ލޯ އަޅާ ނުބަލާނެ.
ލޫތުގެ އަނގަޔަކުން ނާރާނެކަން އެނގޭތީ ޔަމީނާ އެއްޗެކޭ ނުބުނެ ދޮރާދިމާއަށް ބަލަހައްޓައިގެން އިންދާ އެތަނަށް ވަތް ނަވާލުފެނިފައި ޔަމީނާއަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.
ނަވާލުވެސް ވަދެ ލޫތު ހޯދަން އެއްލިކަޅިން ލޫތު ފެނުމާއެކު، ލޫތުކައިރީ މޫނުބުރުގާ އަޅައިން ކުއްޖާއަށް ބަލާލެވުނީ ޔަމީނާއާއި ވަށްތަރުކަމުންނެވެ. ނަވާލު ހުރިތާ ހުއްޓިހުރެވުނީ އެއީހަމަ ޔަމީނާއޭ ހިތައްއަރާވަރުން ފެންނަމުން މިދާ މަންޒަރު ގަބޫލުނުކުރެވިގެންނެވެ. ޔަމީނާއަށްވެސް ނަވާލުއާއި ދިމާއަށް ބަލަހައްޓައިގެން އިނދެވުނީ ނަވާލު މިގަޑީ މިތާ ކީއްކުރަނީ ބާއޭ ހިތައްއަރާވަރުންނެވެ. އަނެއްކާ ލޫތުއެގުޅީ ނަވާލުއަށްބާއޭވެސް ހިތައްއަރަނީ ހަމަ އެއްފަހަރާއެވެ. ލޫތުއަށް ދޮރާ ދިމާއަށް ބަލާލެވުންއިރު ނަވާލު އެމީހުންނާއި ދިމާއަށް ބަލަހައްޓައިގެން ދުރުގައި ކޮޅަށްހުރުމުން ނަވާލުއަށް ގޮވާފައި އައުމަށް ބުންޏެވެ. ނަވާލުއަށް ލިބުނު ސިހުމާއެކު އިހްސާސްތައް ހިތުތެރޭގައި ފޮރުވަމުން މަޑު ހިނގުމެއްގައި އައިސް ލޫތުގެ ވާތްފަރާތުގައި އިންގޮނޑީގައި އިށީނީ ޔަމީނާއާއި ތަންކޮޅެއްދުރުގައި އިނީ އެ ގޮނޑިކަމުންނެވެ.
ލޫތު: މީ ޔަމީ އިނގޭ.. ޔަމީއާއި ބޮޑު ވާހަކައެއް ދައްކަންވެގެން އައިސް ނަވާލުމަތިން ހަނދާންވުމުން އަވަހަށް ގުޅާލީ.
ނަވާލު އިނީ ދައްކާނެ ވާހަކައެއް، ބުނާނެ އެއްޗެއް ނޭނގިފައެވެ. ޔަމީނާގެ ހާލުވެސް އެފަދައެވެ. ދެމީހުން ދެމީހުންގެ ނަޒަރު އެކަކު އަނެކަކަށް ސީދާވިޔަނުދިނުމަށް އެއްފަހަރު ފޯނަށް ބަލާލައި، އަނެއްފަހަރު ދުރަށް ބަލާލައި ހަދައެވެ. ޔަމީނާގެ މުޅިހަށިގަނޑު ފިނިވެފައިވާފަދަ އިހްސާސެއް ކުރެވޭއިރު ހިތްއެދި ރޮމުން އެދަނީ އަވަހަށް ގެއަށް ދިއުމަށެވެ.
ކޮންމެޔަކަސް ނަވާލު އޭނާގެ ސިކުނޑިއަށް ވިސްނައިދިނީ އޭނާގެ ހިތުގައިއެވާ ހުރިހާ ސުވާލެއްގެ ޖަވާބެއް މިވަގުތު ހޯދުން އެއީ ވަރަށް މުހިންމުކަމެއް ކަމެވެ. ލަސްވަމުން ދިޔަވަރަކަށް އޭނާގެ ސިކުނޑިއާއި ހިތަށް މިވާ އުނދަގޫތައް އިތުރު ވާނެކަމެވެ. އެހެންކަމުން ކިތަމެ ޖެހިލުންވެފައި ހުރިނަމަވެސް ނަވާލު ސުވާލުކުރަން ނިންމިއެވެ. ސުވާލުކުރުމަށް އަނގަހުޅުވާލިތަނާ އަނެއްކާވެސް ވާހަކަދެއްކީ ލޫތެވެ.
ލޫތު: ބޭބީގާލް. ދެން ނީނދެ ހިޔާލެއްދީބަލަ. އަހަރެން ވާހަކަ ދައްކަންވީތަ ބައްޕައާ؟ ކައިވެންޏާ ބެހޭގޮތުން؟
ނަވާލުގެ ހައިރާންކަން އަނެއްކާވެސް އިތުރުވެ އެ މޭތެރޭގައިވާ ހިތް ބާރުބާރަށް ތެޅެންފެށީ އެބަސްތަކުން އެހިތައް ހަންޒަރެއް ހަރާލިފަދައިންނެވެ. ނަމަވެސް ހިތްދިރުވާލާފައި އޭނާ ސުވާލުކުރިއެވެ.
ނަވާލު: ކައިވެންޏޭ؟ ލޫތު ކައިވެނިކުރަނީ؟ ކޮންއިރަކުން؟ ޔަމީއާތަ؟ ހިތުގައިވާ ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލީ އިންތިހާއަށް ޖަވާބު ބޭނުންވާތީއެވެ.
އެއާއެކު ޔަމީނާއާއި ލޫތު އެކަކު އަނެއްކަކަށް އެއްފަހަރާ ބަލާލެވުނީ އެންމެ ފަހުން އެކުރި ސުވާލުގެ ސަބަބުންނެވެ. އަދި ދެމީހުން އެކަކުއަނެކަކަށް ބަލާލުމަށްފަހު ދެމީހުންގެ ހިނިގަނޑުވެސް ފަޅައިގެންދިޔައެވެ. ނަވާލުއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އަދި ކުރަންނުވާނެ ކަހަލަ ސުވާލެއް ކުރެވިއްޖޭ ހީވިއެވެ. ލޫތު އަވަސްއަަވަހަށް ހިނިގަނޑު މައިތިރިކުރީ ނަވާލުގެ ސުވާލުތަކުން ފުރިފައިވިމޫނު ފެނި އިތުރަށް އޭނާ އެގޮތައް ނުބޭންދުމަށެވެ.
ޔަމީނާގެ ހިނުމުގެ އަޑުކެނޑުނު ނަމަވެސް އޭނާއަށް އަދިވެސް ހަމަ ހިނިއަންނަނީއެވެ. ކައިރީގައިތިބި ދެމީހުންނަށް އެކަން އިހްސާސް ނުވަނީ އޭނާގެ މޫނު ނުފެންނާތީއެވެ. ޔަމީނާގެ ހިތްބުނަމުންދަނީ އެ ސުވާލަށް އާއެކޭ ބުނެ ނަވާލުގެ ހިތް އިތުރަށް ތަޅުވާލާށެވެ. ނަމަވެސް ދޮގުހަދަން ބޭނުންނުވާތީ އެއްޗެކޭ ނުބުނީއެވެ.
ލޫތު: ޔަނީއަކީ މަގޭ އެއްބަފާ ކޮށްކޮ. އެންމެ ހަގުމީހާ. އެހެންވެ ބޭބީގާލް ކިޔަނީވެސް. އެހެންނޫނަސް ވަރަށް ބޭބީވާނެ އޭނަ.
ޔަމީނާއާއި ދިމާއަށް ލޯއަޅާލަމުން ލޫތު އެހެންބުނީ އޭނާ ރުޅިއަރުވާލާށެވެ. ކުޑައިިރުންސުރެ ޔަމީނާ ރުޅިއަރުވަން ލޫތު އެންމެގިނައިން ބޭނުންކުރާ އެއްބަހަކީ އެއީއެވެ. ނަވާލު ކުރިމަތީގައި އިނުމުން ޔަމީނާއެދަނީ އޭނާގެ އެތައް އިހްސާސެތަކެއް ކޮންޓްރޯލް ކުރަމުންނެވެ. ހިތައްވެސް ނާރާ ހުއްޓާ މިގޮތައް ނަވާލްއާއި ބައްދަލުވުމުން ޔަމީނާގެ ހިތް ނެގިނެގިފައި ޖެހެނީއެވެ. ވާންއުޅޭ ފިރިމީހާއާއި ފުރަތަމަ ފަހަރު ދިމާވުމުންވާ ގޮތްކަންނޭނގެއެވެ. އެއިޓަރު ދެކޮފީތަށި ގެނައުމުން އިތުރުކޮފީ ތައްޓަކަށް އޯޑަރު ދިނުމަށްފަހު ލޫތުއާއި ޔަމީނާ ކޮފީތަށި މަޑުމަޑުން ބޯންފެށީ ނަވާލުގެ ކޮފީތަށި އަންނަންދެން ނިންމާނުލާވޭތޯއެވެ.
ލޫތު: އަހަރެމެން މިދައްކަނީ މަގޭ ކައިވެނި ވާހަކަ. ނަވާލުކައިރީވެސް މިވާހަކަ ދެއްކީމެންނު ކުރީދުވަހު. ބޭބީގާލް މިގެނައީ އަސްލު އޭނަގެ ވަރަށްގިނަވާނެ ފުރެންޑުން. އެހެންވެ. ނެތްތަ ރަނގަޅު ކުއްޖެއް؟ ކައިވެނިކުރަން ބޭނުންވާ ކުއްޖެއް.
ލޫތު ޔަމީނާއާއި ދިމާއަށް ބަލާލާފައި އެ ސުވާލު ކޮށްލުމުން ޔަމީނާ ނެތޭ ބުނުމުގެ ގޮތުން ބޯހޫރާލީ އަޑުބޭރުކުރަންވެސް ބޭނުންނުވާތީ ކަންނޭނގެއެވެ. އަނެއްކޮޅުން ލޫތުވެސް ޔަމީނާއާއި ދިމާއަށް އިސްއުފުލާ ނުބަލަން ވެގެން ފޯނާކުޅެންއިނީ ހިލޭ އަންހެނުންނަށް ބެލުން އެއީ ރަނގަޅުކަމަކަށް ނުވާތީއެވެ. ޔަމީނާ އަދި މިކައިވެންޏަށް އާއެކޭވެސް ބުނެފަކާ ނުވާކަން އަމިއްލަ ހިތައް ވިސްނާދެމުންނެވެ. ކޮފީތަށި ގެނައުމުން ކޮފީބޮއެ ނިމިގެން އެމީހުންގެ ގެއަށްދާން ނިކުތެވެ. ލޫތުގެ ސައިކަލު ފަހަތުގައި އިން ޔަމީނާ ހިތައް އަރަމުން އެދަނީ ލޫތުއާއި ނަވާލު އެއީ ދެރަހުމަތްތެރިންނަށްވީ ކޮންއިރަކުބާއޭ އެވެ. އެސުވާލުކުރަން ބޭނުންވެފަތާ ކިތަމެ އިރެއްވީނަމަވެސް ފަހުން ކުރަން ބޭއްވީއެވެ. މިފަހަރުވެސް ހެދީ އެހެންނެވެ. ލޫތަށް ނަވާލު ޔަމީނާގެ ކައިވެންޏަށް އެދިފައިވާކަން އަދި ނޭނގެނީތާއެވެ. އެނގިއްޖާ އެއަނގަ ދިމާކުރުމުން ނުހުއްޓޭނޭ ހިތައްއެރުމުން އަޅާނުލާ ދޫކޮށްލީއެވެ.
……………………
ސަމާހް އިޝާނަމާދު ކޮށްގެން ރައްޓެއްސަކާއެކު ކޮފީއެއް ބޯލައިގެން އައިސް ގެއަށްވަންއިރު ސާދިޔާ އިނީ ކާށެވެ. ސަމާހުވަނުމުން ކާންގޮވިއެވެ. ދެމައިން އެކީގައި ކާންއިންއިރު ސަމާހު މާބޮޑުކަމަކާ ވިސްނަމުންދާހެން ސާދިޔާއަށްހީވެގެން ތިވިސްނަނީ ކޮންކަމަކާތޯ ސުވާލުކޮށްލިއެވެ. ބަދަލުގައި ސަމާހުވެސް ދީނާ ކޮބާހޭ ކިޔާފައި ކޮށްލީ ސުވާލެކެވެ. ދީނާ ދެންމެ ކައިނިމިގެން އެވަނީ ކޮޓަރިއަށްކަމަށް ސާދިޔާ ބުންޏެވެ. އެޔާއެކު ސަމާހު ވާތުން ފޯނު ހުޅުވާލާފައި ބަޤަރާތް ސޫރަތް ޕްލޭކޮށްލިއެވެ. އަދި މުޅިގޭތެރެއަށް އިވޭނޭހެން އަޑުބާރުކޮށްލިއެވެ. އެއަށްފަހު ގަޑިބަލާލިއެވެ.
ކައިނިމިގެން އަތްދޮވެގެން އައިސް އަނެއްކާވެސް މޭޒްކައިރީ އިށީނދެފައި މިހާރު ރަނގަޅުވެއްޖެހޭ އަހާލިއެވެ. ސާދިޔާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ. ސަމާހު އަނެއްކާވެސް ގަޑިބަލާލާފައި ތެދުވެގެންގޮސް ދީނާގެ ކޮޓަރީގައި ޓަކިޖަހާލާފައި ދެފަހަރަކު ގޮވާލިއެވެ. ނަމަވެސް އެތެރޭން އެއްވެސް ޖަވާބެއް ނައުމުން ތަޅުގައި ހިފާލިއިރު ހުރީ ތަޅުނުލާކަމުން ހުޅުވާލާފައި އެތެރެއަށް ބޯދިއްކޮށްލިއެވެ.
ކޮޓަރީގެ އެއްފަރާތުގައިވާ މޭޒުމަތީގައި ލެޕްޓޮޕް ހުޅުވާ ބަހައްޓާފައި ހުއްޓެވެ. ހީވަނީ ކޮންމެސް އެއްޗެއް ލިޔަންފަށަފައި ހުރިހެންނެވެ. އޭރު ދީނާހުރީ އިސްދަށަށް ޖަހައިގެން ދެއަތްދެއަތާ މޮޑެމުން ދެކޮޅަށް ހިނގާލަ ހިނގާލައެވެ. މޫނުމަތިން ރުޅިވެރިކަމާއި ކަންބޮޑުވުން ފެންނަން ހުރިހިނދު، ހީވަނީ ގޮތްހުސްވެފައިވާ މީހެއްހެންނެވެ. ސަމާހު އަނެއްކާވެސް ދެފަހަރަކު ދިނާއަށް ގޮވާލިއެވެ. ދީނާ! ދީނާ! ނަމަވެސް ދީނާއަށްއިވޭ ހެންނެއް ހިއެއްނުވެއެވެ. ސަމާހު ދެބުމަ ގޮށްޖަހާލައިފައި އެނބުރިގޮސް އޭނާގެ ކޮޓަރި ފާހާނާއަށްވަދެ ވުޟޫ ކޮށްލައިގެން އެނބުރިއައެވެ. އޭރުވެސް ދިނާހުރީ ހަމައެހެން ދެކޮޅަށް ހިނގާލަ ހިނގާލައެވެ.
ސަމާހު ކޮޓަރިއަށް ވަންނަންނެގި ފިޔަވަޅާއެކު ދީނާއަށްވެސް ހުއްޓުންއެރި ކަހަލައެވެ. އަދި ސަމާހު ދެފިޔަވަޅު ކުރިއަށް އަޅާލުމާއެކު ދީނާ ބިރެއްފެނުނު ފަދައިން ގޮސް ފާރުގައި ލައްވެ ދެއަތުން މޫނުފޮރުވާލިއެވެ. އެއަށްފަހު ރުޅިވެރިކަމުން ފުރިފައިވި އަޑަކުން މިތަނުން ދާންއުޅޭށޭ ކިޔާ ސަމާހުއާއި ދިމާއަށް ހަޅޭލަވައިގަތެވެ. އެއަޑަށް ސާދިޔާވެސް ދޮންނަންހުރި ތަށިތައް ބަހައްޓާފައި އައިސް ކޮޓަރި ދޮރުމަތީ ހުއްޓުނެވެ.
ސަމާހުވެސް ގޮތްދޫކުރަން ބޭނުންނުވާ ފަދައެވެ.
ސަމާހު: މިތަނުން ދާންވީ އަހަންނެއް ނޫން. ކަލޭ. މީ އަހަރެންގެ ގެ. ކަލޭއަކަށް މިތާ އުޅުމުގެ ހުއްދަދީފަކާ ނޯންނާނެ.
ދީނާއަށްވުރެ ބާރަށް ރުޅިވެރިކަމާއެކު އެހެންބުނިއިރު ސަމާހުއައިސް ދީނާއާއި އަރާ ހަމަކޮށްފިއެވެ. އަދި ސަމާހު މަޑުމަޑުން ދީނާއާއި ދިމާއަށްނެގި އަތް ދީނާގެ މޫނުމަތީއަޅާފައިވާ އަތުންޖަހާ ފޮޅުވާލީ އަތްނުލާށޭ ބުނާފަދައިންނެވެ. އަދި އެއަށްފަހު އަނެއްކާވެސް އޭނާގެ މޫނު ފޮރުވާލިއެވެ. އެހެންނަމަވެސް މިފަހަރު ސަމާހު މާ ހުޝިޔާރެވެ. ސަމާހުގެ އެއްއަތް ނެގިވަގުތު ދީނާ އަނެއްކާވެސް އެއަތް ފޮޅުވާލަން އަތް އުފުލިވަގުތު ސަމާހު އޭނާގެ އެއަތުގައި އެއްއަތުން ބާރަށް ހިފެހެއްޓިއެވެ. އެއަށްފަހު އަނެއްއަތުން ދީނާގެ ބޮލުގައި އަތް ބާއްވާލިއެވެ. އަދި އަޑުހަރުކޮށް ކުރުސި ކިޔަންފެށިއެވެ. އެއާއެކު ދިނާ ގިސްލާފައި ރޯންފެށިއެވެ. ނަމަވެސް ސަމާހު ހުއްޓުމެއްނެތި، އަވަސްކަމެއްނެތި، މަޑުމައިތިރިކަމާއެކު ކުރުސި ކިޔަވަމުން ދިޔައެވެ. އެއްފަހަރު ނިމުމުން އަނެއްކާވެސް އަލުންފެށިއެވެ. މެދާހަމައަށް ކިޔުންތަނާ ދީނާގެ ގައިގައި ހަރުކަމެއްނެތިގެން ވެއްޓިއްޖެއެވެ.
ދީނާ ވެއްޓުމުން ސަމާހު އޭނާގެ ދެއަތްދަނޑި މައްޗައް ދީނާ ލާން އުޅުންތަން ފެނުމުން ސާދިޔާވެސް އައިސް އެހީތެރިވިއެވެ. ސަމާހު ދީނާ ނަގައިގަނެގެންގޮސް އެނދުމަތީ މަޑުމަޑުން ބޭއްވުމަށްފަހު ބޯލާވީ ކޮޅުގައި ނަމާދުކުރާ ފަރާތަށް މޫނުވާގޮތައް އިށީނދެ ހަމަޖެހިލިއެވެ.
…………….
ޔަމީނާ އާއިއެކު ލޫތުވެސް އެގެއަށް ވަދެގެން އައިއިރު ލޫތުގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ހީވަނީ ބައްޕަމެންނާއި ދަށްކަންވާ ބޮޑުވާހަކަ އެއް އޮތްހެންނެވެ. އަދި ރަޝީދު ފެނުމާއެކު ލޫތުއަކަށް އިތުރަށް އެންމެ ހިނދުކޮޅަކުވެސް މަޑެއް ނުކުރެވުނެވެ. ޕްލޭން ކާމިޔާބުވެއްޖޭ ބުނީ މުޅިގެއަށް އަޑުއިވޭނެ ވަރަށެވެ. އެވަގުތު ހެދުން ބަދަލުކުރުމަށް ކޮޓަރިއާއި ދިމާއަށްދިޔަ ޔަމީނާއަށްވެސް ހުއްޓުންއެރީ އެބުނި އެއްޗެއް އަޑުއިވުމުންނެވެ. ލޫތުއަށް މިކުރެވުނު ކަންތައް ރޭކާލީ ދެނެވެ. ޔަމީނާ ސުވާލުގެ ނަޒަރުން ލޫތުއާއި ދިމާއަށް ބަލާލުމުން، ބޯކަހަމުން ނޭނގޭކަމަށް ހަދާފައިގޮސް ސޯފާގައި އިށީނދެލި ބުނެވުނުބަހުގެ މޮޔަ ހީވާވަރުންނެވެ. ޔަމީނާއަށް ކަމެއް ރޭކާލީ ރަޝީދާއި ނާދިރާގެ މޫނުމަތިންވެސް ނުފިލާ ހިނިތުންވުމެއް ފެނުމުންނެވެ.
………………
ބަރަކާ ލެޕްޓޮޕް ހުޅުވައިގެން އަންވާރު ސައިޓްގެ އަޕްޑޭޓްތަށް ކިޔަމުން ދިޔައިރު އޭނާގެ ހިތް މާޔޫސްވެފައިވަނީ މިދުވަސްކޮޅު އުޅެވޭލެއް ބުރަކަމުން ވާހަކައެއްވެސް އަދި އެހެން އެއްވެސް އެއްޗެއް ލިޔާނެ ވަގުތެއް ނުވާތީއެވެ. ނަމަވެސް އެހިނދުކޮޅުގައި ހިތައްއައި ހިޔާލަކުން ހިނިތުންވެލެވުނީ ބޭއިޙްތިޔާރުގައެވެ. އެއަށްފަހު “ހެޔޮބަސް” ގެ ނަމުގައި ކުރުކުރު ޖުމްލައެއް ސައިޓަށްލިއެވެ.
” ތިބާ މަރިޔަމް (އސ) ފަދަ ތޯހިރު ބިކުރުވެރި އަންބަކު ބޭނުންނަމަ، ޔޫސުފް (އސ) ފަދައިން ﷲއަށް ބިރުވެތިވާ، ތޯހިރު ފިރިހެނަކަށްވާށެވެ.”
ނުނިމޭ..
8 Comments!
Comments are closed.
Varah reethi❤❤❤❤
mi baives vrh furihama
vvvv reerthi
Masha Allah
Jaakum Allah khair. & sorry for the spelling mistakes. Dhen faharakun rangalhu kollaanan. In Shah Allah.
In shah Allah varah reethi❤❤
Konirakun next part????????
??
Jazaak Allah khair. In Shah Allah. Miadhu up vaane.