Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިމަޖާދީނީލޯބި

އަންވާރު (ސީސަން 01) ހަތްވަނަ ޕާޓް

Faathii Level 410 Stories100 Comments100 Login
May 23, 2017 5 Mins Read
7 Comments

ގޭގެ ބޮޑުދޮރު ތަޅުދަނޑިން ހުޅުވާލިއަޑަށް ބަރަކާ ބަލާލިއިރު އާޔަން މަސައްކަތްތަށް ނިންމާފައި އައިސް ގެއަށް ވަނީއެވެ. ބަރަކާ ލެޕްޓޮޕް ނިއްވާލާފައި އުފާވެރި ހިނިތުންވުމަކާއެކު އާޔަންއަށް މަރުހަބާކީ ލޯބިން ބައްދާލަމުންނެވެ. ނަމަވެސް އާޔަން ބަރަކާ ކުޑަކޮށް ދުރުކޮށްލާފައި މިހިރީ ހަޑިވެފައި ކަމަށް ބުންޏެވެ. ބަރަކާ ތިއައީ ކޮންމަސައްކަތެއްގަ އުޅެފަތާ އެހީ މޫނުމަތިން ވަރަށް ވަރުބަލިކަން ފެންނަމުންދާތީއެވެ. އާޔަން ގޮސް އެތާއިން ގޮނޑީގައި އިށީނދެ އަރައިގެންހުރި ބޫޓް ބާލަން އިނދެ ވާހަކަދެއްކިއެވެ.

އާޔަން: މިއައީ އަލަށްހެދި އިމާރާތެއްގަ ކަރަންޓް މަސައްކަތު އުޅެފަ. ބޮޑު ތަނަކަށްވެފައި ތިން ފްލޯރގެ ނަރުތައް ގުޅަންހުރީމަ ވަރަށްބުރަ. ވަރަށް ވަރުބަލިވެސްމެ. އެކަމު އަދިވެސް ނުނިމޭ. އަނެއްކާ މާދަން އެކަމާ އުޅެން ޖެހޭނެ. ކޮބާތަ ޔާއްކޮ؟ ކޮންއިރަކު ނިދީ؟

ބަރަކާ:މިރޭ ވަރަށް އަވަހަށް ނިދައިފި. ފިލާވަޅުތައް ގިނަކަމުން ކަންނޭގެ. އެއްކޮށް ނުވެސްނިމެނީހެން ނިދެންފަށައިފި. ދެން ފަތިހު ހަދުވަންވެގެން ރީތިކޮށްގެން އެނދުގައި ބޭއްވިތަނާ ނިދިއްޖެ. ދޭ ފެންވަރައިގެން ކާން އަންނަން.

އާޔަން ތެދުވެގެން ކޮޓަރިއަށް ވަންނަމުން ދެން މިރޭ ކާހިތެއްނެތްކަމަށް ބުންޏެވެ. ވަރުބަލިކަމުން ބޭނުންވަނީ އަވަހަށް ނިދާލަންކަމަށްބުނެ ތުވާލި ހިފައިން ފާހާނާއަށް ވަނެވެ. ބަރަކާ ދިޔައީ އެއްޗެހި ހޫނުުކުރާށެވެ.

އާޔަން މަސައްކަތްކުރަނީ ސަރުކާރު އޮފީހެއްގައި ނަމަވެސް މިހާރަކަށް އައިސް އޮފީސް ނިންމާފައިވެސް އިތުރު މަސައްކަތައްދަނީ ހައްޖުގެ އަޅުކަމަށްދާން ބޭނުންވާތީ އެކަމަށް ރުފިޔާ އެއްކުރުމުގެ ބޭނުމުގައެވެ. އޮޮފީހުންލިބޭ ރުފިޔާކޮޅުން ކުރަންޖެހޭ ޚަރަދުތައްކޮށް ނިންމާލެވެނީ ކިރިޔާއެވެ.

…………….

ދީނާ އެނދުމަތީ ބާއްވާފައި އޮތްއިރު ބަލާމީހަކަށް ހީވާނީ އޭނާ ހޭނެތިފައިވާ ހެންނެވެ. ނަމަވެސް ދީނާގެ ހޭއެބަހުއްޓެވެ. ކައިރީގައިވަމުންދާ ހުރިހާކަމެއްވެސް އިހްސާސް ކުރެވެއެވެ. ނަމަވެސް އޭނާގެ އަމިއްލަ އިޚްތިޔާރެއް ހަށިގަނޑުގެ އެއްވެސް ގުނަވަނަކަށް ނުފޯރުވެއެވެ. ތެދުވަން ކިތަމެ ބޭނުންކަމުގައި ވީނަމަވެސް މުޅިހަށިގަނޑު ވާވެފައިވާ ކަހަލައެވެ. އޭނާގެ ސިކުނޑިވެސް މަސައްކަތްކުރަނީ މިނަޓަކު އެންމެ ސުކުންތަކު ކަހަލައެވެ. އެ ސިކުންތުކޮޅުގައި ހިތުން ހެޔޮ އެއްޗެއް ކިޔަން ބޭނުންވިނަމަވެސް ހަމަ ދެވަނަ ސިކުންތުގައި ސިކުނޑިވެސް ވާވާކަހަލައެވެ. އިނގެރޭސިބަހުންނަމަ ބްލޭންކް ވަނީއެވެ. ސިކުނޑީގެ ހުސްކަމެއް އަންނަނީއެވެ.

ސަމާހު އަނެއްކާވެސް ދީނާގެ ބޮލުގައި އަތްއަޅާ ކުރުސި ކިޔަވަން ފެށިއެވެ. އެއާއެކު ދީނާ އަނެއްކާވެސް ރޮމުން ދެފަރާތައް އެނބުރެމުން އަށްދޯތް، އަށްދޯތް އޭކިޔަންފެށީ ވޭނުން ފުރިފައިވާ އަޑަކުންނެވެ. ސަމާހު ސާދިޔާ އަށް އިޝާރާތްކުރީ ކާމޭޒްމަތީގައި ބަޤަރާތް ސޫރަތް ޖަހާފައި އޮތް ފޯނު ގެނެސްދިނުމަށެވެ. ފޯނު ގެނައުމުން ދީނާގެ ކަންފަތްދޮށުގައި ބޭއްވީ ކުރިއަށްވުރެ އަޑުމަޑު ކޮށްފައެވެ. އަނެއްކާވެސް ދީނާގެ ގިސްލުމުގެ އަޑު ބާރުވިއެވެ. އެއްއަތުގެ މުލައްދަނޑިން ލޯމަތީ އަތްއަޅާފައިވާއިރު އަނެއްއަތުން ބައެއްފަހަރު މޭގައި އަތްއަޅަނީ މެއަށްވާ ތަދަކުންނެވެ. އަނެއްބައިފަހަރު ގޮތްނޭނގޭ ބާރަކުން އަތްގޮށްމުއްކަރުވާ ބާރުކޮށްލެވެއެވެ. ނުވަތަ އިނގިލިތަކާއެކު އަތްތިލަ ހަރުވެ ބާރުވެއެވެ.

އެހާލުގައި ދީނާ މާގިނައިރު ބާއްވަން ބޭނުންނުވާތީ ސަމާހު ފޯނުނަގާ ބަޤަރާތް ސޫރަތުގެ އޭރު ކިޔަވަމުންދިޔަ އާޔަތް ނިމުމުން އެ ސޫރަތް ނިއްވާލިއެވެ. އަދި އެއަށްފަހު ބަންގި ޖަހާ ތަންކޮޅެއް އަޑު ބާރުކޮށްލުމަށްފަހު ކަންފަތްދޮށުގައި ބޭއްވިއެވެ. އެއާއެކު މަޑުމަޑުން ދީނާގެ އަޑުކެނޑި ހަރަކާތްތައް ހުއްޓުނެވެ. ދެފަހަރު ބަންގިނިމި ތިންވަނަ ފަހަރު ބަންގި ގޮވަން ފެށުމުން ދީނާގެ ދެލޯ ހުޅުވުނެވެ. ތެދުވެ އެނދުމަތީގައި އިށީނދެ ލޮލުން ފައިބައިފައިހުރި ކަރުނަތަށް ދެއަތުން ފޮހެލިއެވެ.

ސާދިޔާވެސް އިތުރަށް ކޮޅަށްނުހުރެ ދަރިފުޅުގެ ފައިކައިރީގައި އިށީނދެލިއެވެ.

ދީނާ: ދޮންބެ ކީއްކުރަންތަ ބަޤަރާތް ސޫރަތް ތިޖެހީ؟ ދީ ކައިރީ ބުނެފަ ޖެހިނަމައެއްނުން. ކިރިޔާ ލެޕްޓޮޕް ސަލާމަތުން އެއިނީ. އެތައްފަހަރަކު ހިތައްއެރި ނަގާ ބިންމަށްޗައް ޖަހަން.

ދީނާ ޝަކުވާކޮށްލީ ކުޑަކުއްޖެއް ފަދައިންނެވެ. ދީނާގެ ބައްޕަ ދީނާ ވަރަށްކުޑައިރު މަރުވެފައިވުމުން އެމީހުންގެ ހުރިހާ ކަމެއްވެސް ބަލަނީ ސަމާހްއެވެ. ސަމާހްއަކީ ސާދިޔާގެ ދޮށީދަރިއެވެ. ދެދަރިންނާއެކު އެކުޑަކުޑަ އާއިލާ އުފާވެރިކަމާއެކު ހޭދަކުރި ދުވަސްތަކަށް ބައެއްގެ ހަސަދައިގެ އަސަރުކޮށް، ދީނާއެވަނީ ސިހުރުގެ ޝިކާރައަކަށް ވެފައެވެ.

ވޭތުވެދިޔަ އަހަރު އޯލެވެލް ނިންމާފައި ދީނާ ބޭނުންވީ މިއަހަރު ޤާރީ ކޯހެއްގައި ބައިވެރިވެ މޮޅު ޤާރީއަކަށް ވާށެވެ. ނަމަވެސް އޭނާގެ އެ ހުވަފެން ވެއްޔައްވެގެން ދިޔައީ ޖެނުއަރީމަހުގައި އޭނާއަށް ވާންފެށި އުނދަގޫތަކަކާއެކު، ރާޤީއެއް ގެނެސް ކައިރީ ކިޔެވުމުން ސިހުރެއްގެ އަސަރު ވަރަށްބޮޑަށް ހުރިކަން އެނގިގެންދިޔަ ހިސާބުންނެވެ. އޭރުން ފެށިގެން ރާޤީގެ އިރުޝާދުގެ މަތިން އަމިއްލަ އަށް އެދަނީ ސިހުރަށް ފަރުވާހޯދަމުންނެވެ. ނަމަވެސް އަދިވެސް ޤުރުއާން ކިޔަވާއަޑު އިވޭހިނދު އޭނާއަށް އެވާ އުނދަގޫތަކާހެދި ކޯހުގައި ބައިވެރިވެވެން ނެތީއެވެ.

ސަމާހުއަކީ ރާޤީއެއް ނޫނެވެ. (ރުޤްޔާކުރާ މީހެއްނޫނެވެ) ނަމަވެސް ރާޤީންވެސް ކިޔަވަނީ ހަމަ ޤުރުއާންތާއެވެ. އެމީހުންނަކީ މިކަމުގައި ތަޖުރިބާހުރެ، ޝައިޠޯނުންގެ ކަންކަން މޮޅަށް އެނގޭނެ ބަޔެކެވެ. އެހެންނަމަވެސް ސަމާހުއަށްވެސް ޤުރުއާން ކިޔަވަން އެނގެއެވެ. އަދި މިކަމަށް ހާއްސަ އާޔަތްތަކާއިބެހޭ މައުލޫމާތު ފޮތަކުން ހޯދިއެވެ. އެހެންކަމުން ދޭތެރެ ދޭތެރެއިން ދީނާއަށް އެކަމުން ސަލާމަތްވުމަށް އެއްވެސް ވަރަކަށް ކުރިލިބޭތޯ އިމްތިހާން ކޮށްލަނީއެވެ.

ސަމާހުއަށް ވިސްނޭގޮތުގައި މިހާރު އެދަނީ ރަނގަޅުވަމުންނެވެ. ފުރަތަމަ ދުވަސްކޮޅުގައި ދީނާއަށް ކުރާ އަސަރާއި ބަލާއިރު މިހާރު އެ ޖިންނި ސަމާހްދެކެވެސް ވަރަށް ބިރުގަންނަކަން އެބައެނގެއެވެ. ފުރަތަމަ ކޮޅުގައި ސަމާހް ކިޔަވަން ފަށާއިރަށް ސަމާހުގެ ކަރުގައި ހިފަން އަތްނަގާ ދުވަސްދުވަސްވެސް މަދެއް ނޫނެވެ. އެހެންކަމުން ﷲގެ އިރާދަފުޅާއެކު ވަރަށް އަވަހަށް ރަނގަޅުވާނެކަމަށް އޭނާ ޤަބޫލުކުރެއެވެ.

………………..

ނާދިރާއާއި ރަޝީދުގެ މޫނުމަތީގައިއެވާ ލާނެތް ހިނިތުންވުމުން ޔަމީނާ އަށް އެރޭކާލި ކަންތަށްތަކުން ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓުންއަރާފައި ހުރެވުނީ ޤަބޫލުވެސް ނުކުރެވޭތީއެވެ. އޭނާގެ މަންމަ އާއި ބައްޕަ އެފަދަ ކަމެއްކޮށްފާނެޔޭ ޤަބޫލުކުރަން ހަމަ އުނދަގުލިއްޔެވެ. ރަޝީދުއަށް ވިސްނުނީ ދެން ޔަމީނާއަށް އިތުރަށް އެއްވެސް ކަމެއް ސިއްރުކުރުމުގެ ބޭނުމެއް ނެތްކަމެވެ. އެހެންކަމުން ޔަމީނާއަށް ގޮވާފައި އެމީހުން ކައިރީއިން ސޯފާގައި އިށީންނަން ބުންޏެވެ. ޔަމީނާ މޫނުފޮތިކޮޅު ނަގާ ގޮނޑީގައި ހަމަޖެހިލީ ސުވާލުކުރަންވީވެސް ކޮންހިސާބަކުންކަން ނުވިސްނުނީތީއެވެ. އެމީހުންގެ އެބުނާ ޕްލޭނެއް ފެށުނީކޮން ހިސާބަކުންކަންވެސް އޭނާއަކަށް ފަހުމެއް ނުވިއެވެ. ރަޝީދު ހަމަޖެހިލާފައި އެމީހުންގެ ރޭވުންތައް ކިޔާދޭން ފެށުމުން ލޫތުވެސް ހިނިއައިސް ޔަމީނާގެ މޫނަށް ބަލައިލީ ޔަމީނާގެ މޫނަށް އަރާފައިބާ ކުލަވަރުންނެވެ.

ރަޝީދު: ދަރިފުޅާ! ބައްޕަމެން މާބޮޑުކަމެއް ނުކުރަން. ހަމައެކަނި ދަރިފުޅުގެ ސުވާލުތަކަށް ޖަވާބުހޯދޭތޯ މަސައްކަތް ކޮށްލީ. ބަރަކާ ކިޔައިދިން ދަރިފުޅުގެ ކަންބޮޑުވުން. ހަޤީޤަތުގައިވެސް އެއީ ހައްތަހާވެސް ވިސްނަންޖެހޭނެ ކަންތައްތައް. ބައްޕަމެން ވަރަށްއުފާވޭ ދަރިފުޅުވެސް ހެޔޮވިސްނޭ ބޮޑުކުއްޖަކަށް ވީތީ.

ޔަމީނާއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ބޭނުންވަނީ އޭނާގެ ވާހަކަ ދައްކާކަށްނޫނެވެ. ބައްޕަމެން އެކުރިކަމެއް އެނގެންށެވެ. އެހެންކަމުން އަނެއްކާވެސް ސުވާލުކުރިއެވެ.

ޔަމީނާ: ދެން ބައްޕާ! ބައްޕަމެން ކީއްތަކުރީ؟ މީ ހައްތަހާވެސް މިލޫތު ކަންތައްދޯ؟ ދެން ބުނެބަލަ. ކޮން ރޭވުމެއްތަ؟

ރަޝީދު އަނެއްކާވެސް ހިނިއައިސް ހުރެ ކިޔާދޭން ފެށިއެވެ. ބައްޕަ ލޫތު ކައިރީ ބުނީ މިވެގެން އުޅޭގޮތް. ދެން ލޫތު ބުނި ބައްޕަ ނުވިސްނާށޯ އެކަމާ. ތިމަންނަ ބަލާނަމޯ. ބައްޕަ ހިތައްއެރި ނަވާލުއަށްވެސް ލޫތުއެއީ ދަރިފުޅުގެ އެއްބަފާ ބޭބެއެއްކަމެއް ނޭނގޭނެތީ ލޫތުއަށް މިކަން ކުރެވިދާނެއޭ. ބައްޕަ ދެކުނިން އޭގެ އަނެއްދުވަހު ލޫތު މިސްކިތުން ފައިބައިގެން ނަވާލުއާ ވާހަކަ ދައްކަން ހުއްޓާ. ބައްޕަ ނުދަންނަކަމަށްހަދާފަ ދިޔައީ. ދެން ލޫތުއަށް ހަމަ އެންމެ ރަނގަޅަށް އެނގޭނީ މިކަން ދިޔަގޮތް.

އެހެން ބުނުމުން ޔަމީނާ ރުޅިވެރި ނަޒަރަކުން ލޫތުއާއި ދިމާއަށް ބަލާލީ މިހާރު ކިޔައިދޭންވިއްޔޭ ބުނެ އަމުރުކުރާ ގޮތަކަށެވެ. ލޫތު ބޯކަހާލަމުން ކިޔައިދޭންފެށިއެވެ.

ލޫތު: މިވީ ދެދުވަސް ތެރޭގައި އަހަރެން އެކިއެކި ވާހަކަ ދެއްކިން އޭނަޔާ. ކައިވެނީގެ ވާހަކައާއި، އަނބިންގެ ކިބައިން އުންމީދު ކުރަންޖެހޭނެ ކަންކަމުގެ ވާހަކައާއި އަދި މިޒަމާނުގައި ކުދިންއުޅޭ ގޮތްތަކުގެ ވާހަކަ. ކައިވެނީގެ ވާހަކަ ދެއްކިއިރު އަހަރެން ބެލިން އޭނާގެ ޚިޔާލު މިކަމުގައި ހުންނަގޮތް. އަހަންނަށް ވިސްނުނީ އޭނަގެ ވިސްނުންކަންކަމުގައި ވަރަށް ތޫނުކަން. އަދި އަންހެންކުއްޖާގެ އިހްސާސްތަކާމެދު ވަރަށް ވިސްނާކަން ފާހަގަކުރެވުން. އެހެންވީމާ އަންހެނުންނަށް އިޚްތިރާމްކުރެޔޭ ބުނަންޖެހޭނީ. އެކަމަކު އެއޮށްހުރިހާ ވާހަކައެއް އަހަރެން ދެއްކިއިރުވެސް އޭނަ ނުބުނި ތިމަންނަ ޔަމީނާ ކިޔާކުއްޖަކާ އިންނަން އުޅޭ ވާހަކައެއްވެސް.

ޔަމީނާ އަށް ލޯ އަޅާލަމުން ޝަކުވާގެ ރާގަކަށް ލޫތު އެހެންބުނުމުން ޔަމީނާ ކުޑަކޮށް ރަކިވާގޮތް ވިއެވެ.

ލޫތު: ނަވާލު ފާހަގަކުރެވެނީ މަޑުމައިތިރި އަޚްލާޤް ރަނގަޅު މީހެއްގެ ގޮތުގައި. ދެންމެ ހިނގާދިޔަ ކަންތައްތަކުންވެސް މިކަން ވަރަށް ރަނގަޅަށް އެނގޭ. އޭނައަށް އެ ހާލަތު ފެންނާނީ ޔަމީނާ ހިލޭ ފިރިހެނަކާއެކު ކޮފިގައި އިންތަން. ޔަމީނާކަން ޔަޤީންކުރުވަން ވެގެން އަހަރެންބުނިން މީ ޔަމީއޭވެސް. އަދި އަހަރެމެންދެމީހުންގެ ކައިވެނީގެ ވާހަކަ ދައްކަނީއްޔޭ ހީވާނެ ގޮތައް އަހަރެން ވާހަކަދެއްކީވެސް.

ޔަމީނާ އަށް ސިފަވެގެން ދިޔައީ އިރުކޮޅެއްކުރިން ކޮފީމޭޒްކައިރީ ހިނގި ކަންތައްތަކެވެ. އަދި އެހުރިހާ ކަމަކީވެސް ލޫތުގެ ރޭވުންކަން އެނގުމުން، ކުރިން އެއްވެސް ކަމެއް ނުބުނީމަ ހިތްހަމަނުޖެހުނެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ހައިރާންކަން ގެނުވީ ލޫތު އެހާ ސީރިއަސްކަމާއެކު ޝައްކެއްވެސް ނުވާގޮތައް އެހުރިހާ ކަމެއް ކުރިލެއް މޮޅުކަމުންނެވެ.

ލޫތު: އަސްލު އަހަރެންނަމަ ނޫނީ ރުޅިގަދަ މީހަކުނަމަ އެއީ ޔަމީކަން އެނގުމުން އެންމެ ހިނދުކޮޅަކުވެސް މަޑުނުކޮށް ނިކުމެގެން ދާނީ ކަންނޭގެ. ނުވަތަ ޔަމީއާއި ދިމާއަށް ބަހުން ނަމަވެސް ހިތްހަމަނުޖެހޭ އެއްޗެއް ބުނާނެ. އަދި ޝައްކުގިނަ މީހެއްނަމަވެސް ހަދާނީ އެހެން. މާލަހުން ވިސްނޭނީ ކަމުގެ ހަޤީޤަތް ހޯދަން. އަނެއްގޮތައް ނުދަންނަ ކުއްޖަކަށް އެހާބޮޑަށް އިތުބާރެއް ނުކުރާނެތާ. އެހެންނަމަވެސް ނަވާލު އޭނާގެ އިހްސާސްތަށް ކޮންޓްރޯލްކޮށް، ކަމުގެ ހަޤީޤަތް ހޯދުމަށް މަސައްކަތްކުރީ. ހަމަ ވަގުތުން. މީން އެނގޭ އޭނަ ޔަމީއާ ކައިވެނިކުރަން ބޭނުންވެފަ ހުރިވަރުވެސް.

އެވާހަކަތަކާއި ރަޝީދުވެސް އެއްބައިވެ ބައްޕައަށްވެސް ހީވަނީ ނަވާލުއެއީ ހަމަ ރަނގަޅުކުއްޖެއްހެނޭ ބުންޏެވެ. އަދި ޔަމީނާ ދެންދޭނެ ޖަވާބަކާއިމެދު ރަނގަޅަށް ވިސްނަންބުނެ މާދަމާ އަސުރުގެ ކުރިން ބައްޕައަށް ޖަވާބެއް ދޭންވާނެކަމަށް އެންގިއެވެ. ހަވީރު ސަޔަށް ނަވާލްއަށް ދައުވަތުދީފައި ވާތީއެވެ. އެވާހަކަތައް އަޑުއަހާފައި ޔަމީނާގެ ސިކުނޑި އެތައް ޚިޔާލަކުން ފުރިގެން ދިޔައެވެ.

………………..

ސާރާ ސްކޫލު ނިންމާފައި އިތުރު ދެއޮފީސްމޭޓުންނާއެކު ދިޔައީ މެންދުރުގެ ކެއުމަށް އިންސާފުކުރުމަށް އާޓިފިޝިއަލް ބީޗުގައި އިން ޑައިނަމޯއަށެވެ. އެންމެންވެސް ބޭނުންވީ ސަބްމެރީން ކާށެވެ. އެތަނަށް ވަދެވަދެ ހުއްޓާ ފޯނުރިންގުވާތީ ބެލިއިރު ގުޅަނީ ބޮޑުދައިތައެވެ. ފޯނުން ވާހަކަ ދައްކަމުން ރަހުމަތްތެރިންނަށް މިއަންނަނީކަމަށްބުނެ އޭނާ ފޯނުގައިހުރެ ހިނގަމުންދިޔައީ މޫދާވީ ފަރާތަށެވެ. ބޮޑުދައިތަ އިންޑިޔާއަށްދާ ވާހަކަ ދައްކަމުން އެދުނީ އެމީހުންގެ ޓިކެޓް ކަންތައް ހަމަޖައްސައިދިނުމަށެވެ. ސާރާގެ ރައްޓެއްސަކު މޯލްޑިވިއަންގައި އުޅޭތީއެވެ. އެހެންކަމުން ސާރާ އެ ރަހުމަތްތެރިޔާއަށް ބޮޑުދައިތަ ފޮނުވި މައުލޫމާތުތައް ފޯވާޑް ކޮށްލާފައި އޭނާއާއި ގުޅަން ފޯނު ކަންފަތުގައި ޖައްސާލިއެވެ. އޭރު ހިނގަމުންގޮސް އެތާގައި ހުރި ރުކެއް ކައިރިއަށް ހުއްޓެވިއްޖެއެވެ.

ފޯނުކަންފަތުގައި ޖަހާލައިގެން ކުރިމަތީގައިއޮތް މޫދަށާއި ވެލިގަނޑަށް ނަޒަރު ހިނންގާލެވުނީ ހިތްގައިމު މަޑުދުވަހެއްކަމުން ހިތަށް ހަމަޖެހުމެއް ލިބޭތީއެވެ. އެހިނދު އެއޮށް އަވިގަދަ ގަޑީގައިވެސް ވެލިގަނޑުގައި އިށީނދެލައިގެން މޫދައްބަލަން އިން ދެބައި އުމުރުގެ އަންހެނާ ފެނުމުން ސާރާއަށް ސިހުމެއް ލިބުނެވެ. މޫނުމަތިން އުދާހާއި، ހިތާމަ ފެންނަހިނދު ރޮއިރޮއި ދެލޯވަނީ ރަތްވެފައެވެ. އަދި އިރުއިރުކޮޅާ ލޮލުން ފައިބަމުންއެދާ ކަރުނަތައް އަތުން ފޮހެލަމުންދިޔައީ ކަރުނުތައް ނުހިފެއްޓިގެން އުޅޭފަދައަކުންނެވެ.

އަންވާރު ސައިޓްގެ މިއަދުގެ ހެޔޮބަސް

” އެކަމެއްކުރަން އުނދަގުލަކަށްވެގެން ހެޔޮކަމެއް ދޫ ނުކޮށްލާށެވެ. އެކަމުގެ އުނދަގޫ ނެތިދިޔަނަމަވެސް އެ ހެޔޮއަމަލު ދެމި ހުންނާނެއެވެ. އެކަމުން އެލިބޭ ވަގުތީ ހިތްހަމަޖެހުމާއި ވަގުތީ އުފަލަށްޓަކައި، ކުރަންފަސޭހަ ކަމަކަށްވިޔަސް ނުބައިކަމެއް ނުކުރާށެވެ. އެ ވަގުތީ ހިތްހަމަޖެހުމާއި ވަގުތީ އުފާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނެތިދެއެވެ. ނަމަވެސް އެ ނުބައި އަމަލު ދެމިހުންނާނެއެވެ”.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ހަށިގަނޑުގެ ތަނެއް ފިހިއްޖެނަމަ ކަންތައްކުރަންވީ ގޮތް

Next

ބަދުނާމް ( ޓްރެއިލާ )

Next
May 23, 2017

ބަދުނާމް ( ޓްރެއިލާ )

Previews
May 23, 2017

ހަށިގަނޑުގެ ތަނެއް ފިހިއްޖެނަމަ ކަންތައްކުރަންވީ ގޮތް

7 Comments!

  1. Maree says:
    May 23, 2017 at 8:16 pm

    vvv reethi

    1. Faathii says:
      May 23, 2017 at 9:00 pm

      Jazaak Allah khair. 🙂

  2. rim says:
    May 24, 2017 at 5:53 am

    V v v v ves furihama baskolheh

    1. Faathii says:
      May 24, 2017 at 6:04 am

      Jazaak Allah Khair

  3. luhan says:
    May 24, 2017 at 10:50 am

    V reeethi…Ekm haaadha kurey..V salhi hama…

    1. Faathii says:
      May 24, 2017 at 11:40 am

      Jazaak Allah Khair

    2. Faathii says:
      May 24, 2017 at 11:47 am

      Ehennaaves genna varu mee hama. Ekam next part thankolheh dhigukollaanan. In Shah Allah

Comments are closed.

Next Episodeއަންވާރު (ސީސަން 01) އަށްވަނަ ޕާޓް←


All Right Reserved!