ކުށަކާނުލާ.. (12 ވަނަ ބައި)
އެރޭގެ ވަގުތެކެވެ. ބެލް އެޅިއަޑަށް އަހަރެން ދޮރު ހުޅުވީ ވިޝާމްކަމަށް ހީކޮށެވެ. “އަޔާން؟” ވިޝާމްއާއެކު ދޮރުމަތީ ހުރި އަޔާން ފެނުމުން އަހަރެން ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އެކަން ފާޅުނުކުރީ ވިޝާމަށް އަންގަން ބޭނުން ނުވާތީއެވެ. “ކާންދާއިރު އަޔާންވެސް ގެންދަން ކަމަށް މި ގެނައީ. ރެޑީ ވީތަ؟” އެތެރެއަށް ދެމިގަންނަމުން ވިޝާމް ބުނެލިއެވެ.
“ހޫމް.. ދީބާވެސް ނިމުނީދޯ ތި؟” ދީބާ ކައިރިއަށް ޖެހިލަމުން އަހަރެން އަހާލީމެވެ. “އާން. ތިމީހުން ނިކުމޭ. މަމިދަނީ” އަޔާންއާއި ވިޝާމް ނިކުންނަން ހިނގައިގަތެވެ. އަހަންނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. “ނުދަނީތަ؟” އަހަރެންގެ ކޮނޑުގައި ކޮއްޓާލަމުން ދީބާ އަހާލިއެވެ. ބޯހޫރާލުމަށްފަހު އަހަރެން ހިނގައިގަތީމެވެ. “އަޔާން އެއީ ވަރަށް ކްލޯސް ފްރެންޑެއްތަ؟” ނޫން ކަމަށް ހަދާފައި އަހަރެން ދީބާ ކުރެން އަހާލީމެވެ. “ލަންކާގަ އުޅުންއިރު އެންމެ ކްލޯސް އެކަކު އެއީ. ކިހިނެތްވީ؟” ޖަވާބު ދިނުމަށްފަހު ދީބާވެސް ކޮށްލީ ސުވާލެކެވެ. “ކަމެއް ނުވޭ. ހަމަ އަހާލީ. ފެންނަން ވާއިރަށް އަހަރުންގެ ގެޓްތުގެދަރ ކެއުމަށް ގެންދާތީ. މިހެން ދާރޭރޭ މީގެ ކުރިން އިތުރު މީހެއް ނުގެންދޭވިއްޔަ” ވިޝާމްއާއި އަރާ ހަމަވުމުން އަހަރެން ވަހަކަ މެދުކަނޑާލީމެވެ. “އަހަރެން ފެނުނީމަތަ އަވަހަށް އަނގަ ބަންދުވީ؟ ޔަގީނޭ އަހަރެންގެ މަސް ކަނީކަން. ހެހެ” އަހަރެންގެ އަތުގައި ހިފާލަމުން ވިޝާމް ބުނެލިއެވެ. އަހަރެން ވިޝާމްއަށް ހިނިތުންވެލީމެވެ. އަދި ވިޝާމްގެ އަތުގައި ހިފާ ބާރުކޮއްލަމުން ލޯ އަޅާލީމެވެ. އަޔާން ހުރީ އޭރު އަހަރެމެންގެ ދެމީހުންނަށް ބަލަހައްޓައިގެންނެވެ. މޫނުމަތި މިލާފައިވާ ކަހަލައެވެ. އަޔާންއަށް ބެލުމެއްނެތި އަހަރެން ވިޝާމާއެކު ކުރިއަށް ހިނގައިގަތީމެވެ. “ލޯބިދޯ އެދެމީހުން އުޅޭލޭ؟ އެއީ އަހަރެމެން ކޮލެޖުގެ ރޯމިއޯ އެންޑް ޖޫލިއެޓް.ހެހެ” އަޔާން ކައިރީ ދީބާ ބުނެލި އަޑުއިވުނެވެ. ދެން ވާހަކަ ދައްކަން ފެށީ އަޔާނެވެ. އަޔާން ވާހަކަ ދެއްކީ ފުދޭވަރަކަށް މަޑުންނެވެ. ކިޔާ އެއްޗެއް ސާފެއްވެސް ނުވިއެވެ. އަހަރެންވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ.
ދުރުނޫން ހިސާބެއްގައި ހުރި ރެސްޓޯރެންޓަކަށް އަހަރެމެން ވަނީމެވެ. ވެއިޓަރު އައުމުން އެންމެނަށް އޯޑަރު ދިނީ ވިޝާމެވެ. “ނީ ކީއްވެ އެހާ މަޑުން ތި އިންނަނީ؟ ޔާނު ހުއްޓަސް އޯކޭވާނޭ.” އަޔާންއާ ދިމާއަށް ބަލާލަމުން ވިޝާމް ބުނެލިއެވެ. އަހަރެން އެއްޗެކޭ ނުބުނެ މަޑުން އިނީއެވެ. ވިޝާމްއާއި އަޔާން ސަކަރާތް ޖަހާލަ ޖަހާލަ ހުއްޓެވެ. “އެބަ އަންނަން” އަޔާންގެ ކައިރީ މާ ގިނަ ވަގުތު ހޭދަކުރަން ޖެހުމުން އަހަރެންގެ ބޮލުގަ ރިހެން ފެށިއެވެ. ވޮޝް ރޫމަށް ދިޔައީވެސް ކުޑައިރުކޮޅަކަށް ނަމަވެސް އަޔާންގެ ކުރިމަތިން ދުރަށް ދިޔުމަށެވެ.އަހަރެންގެ ހަރަކާތްތަކަށް އަޔާން ބަލަން ހުރިކަމެއް އަހަންނަކަށް ކުޑަކޮންވެސް ނޭގެއެވެ. އަހަރެން ތެދުވެގެން ހިނގައިގަތުމާއެކު އަޔާންއަށް ފޯނެއް އައެވެ. އަޔާންވެސް ފޯނަށް ޖަވާބު ދެމުން ތެދުވިއެވެ.
ވޮޝްރޫމުން ނިކުތް ވަގުތު އަހަރެން ޖެހުނީ އަޔާންގެ ކުރިމައްޗަށެވެ. އަހަރެންނަށް ހުއްޓެވުނެވެ. ފަސްޖެހިލެވުނެވެ. ނޭގޭ ބިރުވެރިކަމެއް ހިތުތެރޭ އުފެދިގެން ދިޔައެވެ. “ނީ.. ނީ ފެނުން ފަހުން މިކަހަލަ ދަނޑިވަޅެއް ލިބޭތޯ ބަލާތާ ކިތަންމެ އިރެއް. އަހަރެން ބުނަން ބޭނުން ވަރަށް ބޮޑު ވާހަކައެއް އެބައޮތް.” އަޔާން އަހަންނާ ކައިރިވާން ފެށިއެވެ. އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ދުއްވައިގަންނަން ބޭނުންވިއެވެ. އެކަމަކު ދުއްވައެއްނުގަނެވުނެވެ. ގަނޑުވެފައި ހުރެވުނީއެވެ. “ނީ.. އައިމް ސޮރީ. ޕްލީސް ކަމް ބެކް. ނީ ދޫކޮއްލާފަ އަހަރެން ދިޔުން އެއީ އަހަންނަށް ހެދުނު ގޯހެއް.. ނީ.. އައި ނީޑް ޔޫ” އަޔާން ދެއްކި ވާހަކައިން އަހަރެން ރުޅި އަންނަ ގޮތްވިއެވެ. “ސޮރީއޭ. ވަރަށް ފަސޭހަދޯ ބުނެލަން. އެއީ ގޯހެއްވެސް ނޫން. ކުށެއް. އަޔާން ކުރީ ކުށެއް. އަޔާން ކުރީ ފާފައެއް. އިނގިއްޖެތަ! އަޔާން އަހަރެން ބޭނުން ކޮއްލީ. ބޭވަފާތެރިވީ. އޮޅުވާލީ. މަކަރުހެދީ. މާފަށް އެދުނީމަ އަޔާންގެ ސަބަބުން އަހަރެން އުފުލި ވޭނާ ހިތްދަތިކަން ފިލައިގެނެއް ނުދާނެޔޭ. އަހަރެން އެންމެ އިތުބާރު ކުރީ އަޔާނަށް. އެކަމަކު އަޔާން އަހަރެންގެ އިތުބާރު ނަގާލީ. އަހަރެންގެ ކޮން ކުށެއް އޮވެގެން އަހަންނަށް އެހާ ބޮޑު ލަނޑެއް ދިނީ. އަޔާން ދެކެ އިންތިހާއަށް ލޯބިވީމަތަ؟ އަޔާން ބުނާ ކޮންމެ ކަމެއް ލޯމަރައިގެން ކޮށްދޭތީތަ؟ ބުނަން. މީގެ ފަހުން އަހަރެންނާ ވާހަކަ ދައްކަން ނޫޅޭތި.ތީ ވިޝާމްގެ ބެސްޓް ފްރެންޑެއް ނޫން ނަމަ އަހަރެން އަޔާން ފެންނަ ހިސާބަށްވެސް ނައިމުސް.” އަޔާން ފޮޅުވާލުމަށްފަހު އަހަރެން އެތަނުން ދުރަށް ދިޔައިމެވެ.
“ހާދަ ލަސްވީ. ވޮޝްރޫމްގަ ތާށިވީތަ؟ މި އަޔާންވެސް ފޯނެއް އައި ގޮތަށް އަނބުރައެއް ނައި.” އަހަރެން އައުމާއެކު ވިޝާމް ބުނެލިއެވެ. “ޝާމް އަހަރެން ބޭނުމީ ގެއަށް ދާން. ބޮލުގަ ރިއްސާތީ މިއުޅެނީ.” އަހަރެން ބޭނުންވީ އަޔާން ދެވަނަ ފަހަރަށް އަޔާން ނުފެންނަނީސް ދާށެވެ. “ކީއްވެ ކުރިން ނުބުނީ. ހިނގާ އަވަހަށް ދާން. ދީބާ އަޔާން އާއެކު މަޑުކޮއްލާ. އަހަރެން ދަނީ.” ވިޝާމް އަހަރެންގެ އުނަގަނޑުގައި ހިފާލަމުން ބުނެލިއެވެ. ” ޝާމް އަހަރެން ލާފަ އަޔަސް އޯކޭ އޭ. އަހަރެން ބޭނުމީ ނިދާލަން.” އަހަރެން ވިޝާމްއާއެކު ހިނގައިގަތީމެވެ.
“ބޭސް ކާންވާނެ އިނގޭ. ބޭސް ކައިގެން އޮންނާނީ.” ކޮޓަރީގެ ދޮރުމައްޗަށް އެރުމާއެކު ވިޝާމް ބުނެލިއެވެ. އާއެންކޭ ބުނުމުގެ ގޮތުން އަހަރެން ބޯޖަހާލީމެވެ. ވިޝާމް ދިޔުމުން އަހަރެން އެނދުމަތީ އޮށޯވެލީމެވެ. ލޯމަރާލާއިރަށް އަޔާންގެ ސޫރަ އުނދަގޫ ކުރަން ފެށިއެވެ. އަޔާންއާއެކު ހޭދަކުރި ދުވަސްތައް ދެންމެ ވީކަމެއްހެން ސިފަ ވާން ފެށިއެވެ. ގަޑި އިރެއް ޥިއިރުވެސް އަހަންނަކަށް ނުނިދުނެވެ. އެންމެފަހުން ތެދުވެ އޮންލައިން ވެލީމެވެ. އޭރު ރިޝާ އިނީ އޮންލައިންގައެވެ. “އިޝް. އަޔާން ފެނިއްޖެ. އޭނަ މާފަށްވެސް އެދުނު” އަހަރެން ރިޝާއާ ޗެޓް ކުރަން ފެށީމެވެ. “ވަޓް؟؟ ދެން ނީ ގަބޫލް ކޮއްލީތަ؟ ހަނދާން ނެތުނީތަ އޭނަ ކަންތައް ކުރި ގޮތް؟” ރިޝާ ރުޅިވެރި މޫނަކާއެކު ޖަވާބު ފޮނުވާލިއެވެ. “ނޫން. އަހަރެން މިހާރު ލޯބިވަނީ ވިޝާމް ދެކެ. އަދި އަމުދުން އަޔާން ކަހަލަ މީހަކަށް ވިޝާމް ދުލެއް ނުކުރާނަން. އަހަރެން އޭނައަކަށް މާފެއްވެސް ނުކުރާނަން. ރިޝް މާލޭގަތަ މިހާރު؟” އަހަރެން އިތުރަށް ވާހަކަ ދައްކަމުން ދިޔައިމެވެ. “އާން. އިއްޔެ އައީ. ނީ ކޮން އިރަކުން އަންނަނީ. ވިޝާމްވެސް ގެންނަންވާނެ އިނގޭ.” ” މާދަންރޭ ފުރާ ގޮތަށް. ވިޝާމްވެސް ދާނެ. އަހަރެމެން މިއުޅެނީ މެރީ ކުރަން ކަމަށް. ކޮބާތަ ރިޝްގެ ޕާޓްނާ.؟”
އެރޭ އަހަންނަށް ނިދުނީ ޗެޓް ކުރަން އޮއްވައެވެ. ހެނދުނު ހޭލި އިރުވެސް ދީބާއެއް ފެންނާކަށް ނެތެވެ. އަހަރެން ގަޑި ބަލައިލީމެވެ. އޭރު ނުވައެއް ޖަހަނީއެވެ. ތައްޔާރުވެލައިގެން ސައިބުއިމަށްފަހު އަހަރެން ފޮށި ޕެކް ކުރަން ފެށީމެވެ. އެމަސައްކަތުގައި އަވަދި ނެތި އުޅެނިކޮން ދީބާ އައިސް ވަދެއްޖެއެވެ. “މިހާ ހެނދުނާ ކޮންތާކަށް ގޮސް؟” ދީބާ އައުމާއެކު އަހަރެން އަހާލީމެވެ. އަޔާންއާއެކު ދުވެލަން ދިޔައީ. އަޔާން ބުނީ އަހަރެން މިހާރު ފަލަ ވެއްޖެޔޯ ވިއްޔަ. ދޯ އަޔާން” ދީބާ އަޔާންއަށް ދޯދިނުމުން އަހަރެން ފަހަތަށް އެނބުރިލީމެވެ. އޭރު އަޔާން އައިސް ވަންނަނީއެވެ. އަޔާން ފެނުމާއެކު އަހަރެން މޫނު އަނެއް ފަރާތަށް ލީމެވެ. “ދީބާ ކިއްކުރަންތަ އަޔާން މިތަނަށް ވެއްދީ” ހިތާ ހިތާ އަހަންނަށް ބުނެލެވުނެވެ. “ޔާނޫ. އެބަ އަންނަން ފެންވާރާލައިގެން. މަ އަންނަން ދެން ނީއާ އަނގަ ތަޅާލާ.” ދީބާ އެހެން ބުނުމުން އަހަންނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
ދީބާ ފާހަނައަށް ވަނުމާއެކު އަޔާން ގޮނޑިން ތެދުވިއެވެ. އަދި އަހަރެންނާ ދިމާއަށް މިސްރާބު ޖަހާލިއެވެ. “އަޔާން ބުނަން! އަހަންނާ ކައިރި ނުވާތި!” އަހަރެން ރުޅިވެރިގޮތަކަށް ބުނެލީމެވެ. “ނީ.. އައި ޖަސްޓް ވޮންޓް ޓު ޓޯކް. މަށަށް އިނގޭ ނީ އަދިވެސް ލޯބި ވަނީ އަހަރެން ދެކެކަން. ވިޝާމް ކައިރީ ބުނަނިކޮން އޭނަ އަންޑަސްޓޭންޑް ވާނެޔޭ. ޕްލީސް ކަމް ބެކް ނީ. އަހަރެން ނީ ވަރަށް އުފަލުގަ ގެންގުޅޭނަން. އައި ޕްރޮމިސް. ” އަޔާން އަހަންނާ ކައިރިވާން ފެށުމުން އަހަންނަށް ފަހަތަށް ޖެހެވެން ފެށިއެވެ. “އަޔާން ސްޓޮޕް. އިތުރަށް ކައިރި ނުވާތި!” އަހަރެން ބުނި އެއްޗެއް އަޔާންއަށް އަޑު ނީވޭ ކަހަލައެވެ. އަޔާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް ނައެވެ. “އަހަރެން ނީއަކަށް ކަމެއް ނުކުރާނަމޭ. އަހަރެން މިހިރީ ނީއަށް ކޮންމެ ކަމެއްވެސް ކޮއްދެން ތައްޔާރަށް. އެންމެ ފަހަރަކުވެސް އެނބުރި އާދެބަލަ. އައި ވިލް ޕްރޫވް އިޓް. އައި ރީލީ ލަވް ޔޫ” އަޔާން އަހަރެންގެ ކޮނޑުގައި ހިފާ ގަޔާ ދިމާއަށް ކައިރި ކޮއްލިއެވެ. “އައި ލަވް ޔޫ އަ ލޮޓް.” އެވަގުތު ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އަހަރެންނަށް އަޔާންގެ އަތް ފޮޅުވާލާ ފަހަތަށް ޖެހެވުނެވެ. “ޝާމް..” ވިޝާމް ހުރީ އަހަރެމެންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަހަރެން ވިޝާމްއާ ދިމާއަށް ދުއްވައިގަތީމެވެ. ވިޝާމް ދޮރު ލައްޕާ ލުމަށްފަހު ހިނގައިގަތެވެ. “ޝާމް މަޑުކޮއްބަލަ” އަހަރެން ގޮވާލުމާއެކު ވިޝާމްގެ ހިނގުން އަވަސްވެގެން ދިޔައެވެ.
One Comment
Comments are closed.
vvvvvvvvvvvvvvvvvvvvvvvv salhi story eh