ބަޑި ބުރާސްފަތީގައި އަޅުގަނޑު ( 1 ވަނަ ބައި)
މި ވާހަކައަކީ 3 ނޮވެމްބަރ 1988 ވީ ބުރާސްފަތި ދުވަހު ދިވެހިންގެ ޚާއިނުން ތަކަކާއި ލަންކާގެ ތަމަޅަ ޓައިގަރުންގެ ހަނގުރާމަ މަތީ ޓެރަރިސްޓް ޖަމާއަތެއް ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ދުވަހުގައި އަޅުގަނޑު ތަޖުރިބާ ކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ވާހަކަ ލިޔެފައިވާނީ އެދުވަހު އަޅުގަނޑުމެންގެ ރަށުގައި ކަން ހިނގާ ދިޔަގޮތާއި އަޅުގަނޑުގެ އަމިލއްލަ ތަޖުރިބާގެ މައްޗަށެވެ. ކަންހިނގާދިޔަގޮތް އޭގެ އަސްލާއި އެއްގޮތަށް ގެނެސް ދިނުމަށްޓަކައި ވާހަކައިގެ ޑައިލޮގްތައްވެސް އަޅުގަނޑު ގެނެސްދީފައިވާނީ ރަށު ބަހުރުވައިން ނެވެ. ކިއުންތެރިންނަށް ޑައިލޮގް ތަކުގައިވާ އެއްވެސް ބަހެއްގެ މާނަ ފަހުމް ނުވާނަމަ ކޮމެންޓް އަކުން ދެންނެވުމުން އޭގެ މާނަ ކިއުން ތެރިންނާއި ހަމައަށް ގެނެސްދޭނަމެވެ. ކިއުންތެރިން ޝަޢުޤުވެރިވާނެ ވާހަކައަކަށް އަދި އެ ޙާދިސާގެ ހަނދާންނެތް ފަރާތްތަކާއި ތަޖުރިބާކޮށްފައި ނުވާ ފަރާތްތަކަށް އެ ހާދިސާއާއި ބެހޭ މަޢުލޫމާތު ލިބިގެން ދާނެކަމުގައި އުއްމީދު ކުރަމެވެ.
3 ނޮވެމްބަރ 1988ވީ ބުރާސްފަތި ދުވަސް
އާދައިގެ މަތިން ފަތިސް ފަތިހާ އަޑު އިވޭ ރޭޑިއޯގެ އަޑު މިއަދަކު ނުއިވެއެވެ. ރެޑިއޯއިން ފަތިހާ ގޮވަމުން ދާ ދޫނިތަކާއި ކޮވެލީގެ އަޑާއި ރީތި އަޑުން ގޮވާލާ ހާލުގެ އަޑުތައް ނުއިވޭތީ ދުވަހުގެ ފެށުން ރަނގަޅެއް ނުވިއެވެ. އެއްމެ ބޮޑު ކަމަކީ ހަމަ ހިމޭން ކަމާއި އެކު ފަތިހާއި އަޑު އިވެމުންދާ ހުސައިރީގެ ރީތި ޤުރުވާނުގެ އަޑާއި މުޙައްމަދު ޖަމީލުގެ ޤުރާންގެ ތަރުޖަމާގެ އަޑު ނުއިވުމެވެ. ކޮންމެވެސް ބޮޑުކަމެއް މާލެއަށް ދިމާވެއްޖެކަން ޔަޤީނެވެ. ފަހަރުގައި ރޭޑިއޯ މޯލްޑިވެސް އިން ކަރަންޓް ދިޔައީކަމަށްވެސް ވެދާނެއެވެ. ކޮންމެ ގޮތެއްވެގެން ނަމަވެސް އަށެއް ނުވައެއް ޖެހި އިރުވެސް ރޭޑިއޯއިން މާލޭގެ ޚަބަރެއް ނުވިއެވެ. މަންމަ ރޭޑިއޯގެ ބޭންޑް އެގޮތް މިގޮތަށް އަނބުރާ އަނބުރައިވެސް އެއްވެސް ޚަބަރެއް ނުވިއެވެ.
“އަންމާ ދީބިލާ މާތަށް” މަންމަ އަތުގައި އޮތް ރެޑިއޯ ގައި ހިފަމުން އަހަރެން ބުނީމެވެ.
ދޮންބެ ގެމައްޗަށް ނަގާފައިވާ އެންޓަނާގައި އައްސާފައިވާ ނަރުފަށް ރޭޑިއޯގެ އެންޓަނާގައި އައްސާލުމަށްފަހު އަހަރެން ބޭންޑަށް އަނބުރަން ފެށީމެވެ. ފަރަންޖީ ބަހުން އަންނަ އެކި އެކި ވާހަކަތައް އެކި ހިސާބު ހިސާބުން އިވެއެވެ. އަދި ހިންދީ ބަހުން އަންނަ ކޮންމެވެސް ހާސަރު ތަކަކާއި ލަވަތަކެއްވެސް އަންނަމުން ދިޔައެވެ. ކޮންމެޔަކަށް އުޅެ އުޅެވެސް ރޭޑިއޯ މޯލްޑިވްސް ގެ އަޑެއް އުޅެ އުޅެވެސް ނައެވެ.
“އަން އައްމާ…މަކަށް ނުވި މިކަމެއް” އަހަރެންނަށް ރޭޑިއޯއިން އެއްވެސް ޚަބަރެއް ނުވުމުން ރޭޑިއޯ ގެންގޮސް މަންމަ ކައިރީގައި ބަހައްޓަމުން އަހަރެން ބުނީމެވެ.
އާދައިގެ މަތިން ހަފުތާގެ ކޮންމެ ބުރާސްފަތި ދުވަހަކީ ރަށުގެ އަންހެންވެރިން ރަށުތެރެ ކުނިކަހާ ސާފުކުރާ ދުވަހެވެ. ހެނދުނުގެ ސައިގެ ކަންތައް ނިންމާލުމަށްފަހު ގޭދަށުން ދުރަށް ނުދިއުމަށް ބުނުމަށްފަހު މަންމަވެސް ވަނީ އަންހެންވެރިން ކުނިކަހާތަނަށް ގޮހެއެވެ.
މިއަދަކީ ބައެއް ގްރޭޑްތަކަށް ސްކޫލުގެ ކިޔެވުން ބަންދު ދުވަހެއް ކަމުން އަހަރެން ގޭގައި މަޑު ކުރީ ކޮއްކޮ ނަޝީދާ އަށް ފިލާވަޅު ހަދާދޭށެވެ. އަވަށްޓެރި އެކުވެރިއެއް ކަމުގައިވާ މުނާޒުވެސް އަހަރުމެން ނާއި އެކު ފިލާވަޅު ހެދުމުގައި ބައިވެރި ވިއެވެ.
ކުޅިވަރާއި މަޖަލުގެ ތެރޭގައި ތިބެ، މުނާޒު އާއި ނަޝީދާ ކޮއްކޮ އަށް ކޮކާލެއް ކުރަހާދެމުން ދަނިކޮށް ސިއްސައިގެން ދިޔައީ މަންމަ އާއި ބައްޕަ ވަރަށް ހާސްކަންމަތީ ދުވަމުން ކަހަލަ ގޮތަކަށް އެއްފަހަރާ ގެއަށް ވަދެގެން އައުމުން ނެވެ. ކުނިކަހަން ގޮސްފިނަމަ މަންމަ މިހާ އަވަހަށް އެނޫނީ ގެއަކަށް ނާދެއެވެ.
“ކޮން ނިޔަތެއްތެ ކިޔާނޫ؟” މަންމަ ހާސް ކަމާއި އެކު ބައްޕަ ކުރެން ކޮންމެވެސް ނިޔަތެއްގެ ވާހަކަ އެހިއެވެ. އެއާއި އެކު ބައްޕަ ކޮންމެވެސް ދެރަކުއަތް ނަމާދެއްގެ ނިޔަތަކާއި އަދި ދުޢާއެއް މަންމަ އަށް ބުނެދިނެވެ.
ވެގެން އުޅެނީ ކީއްކަން ނޭންގިފައި ކުރަހަމުންދިޔަ ކުރެހުމުގެ މަސައްކަތް ހުއްޓާލުމަށްފަހު އަހަރެން ހައެރާން ކަމާއި އެކުގައި މަންމައާއި ބައްޕަގެ ހަރަކާތްތަކަށް ކަޅިވެސް ޖަހާ ނުލާ ބަލަންހައްޓައިގެން އިނީމެވެ. މަންމަ އާއި ބައްޕަ އަވަސް އަވަހަށް ގިފިއްޔަށް ވަދެ ވުޟޫކޮށްލައިގެން ނިކުތެވެ. އަހަރެންގެ ސަމާލުކަން އަދިވެސް ހުއްޓިފައި ވަނީ މަންމައާއި ބައްޕަ ގެ އެ ހާސްކަމުގެ ހަރަކާތްތަކަށެވެ.
“އެއްވެސް ކުއްދަކު ގޭން ނުނުކުންނާތި! އާޒިމް ކޮއްކެޔަމެން ކާރީ ގޭ އިނދޭ މަހުތާ!” މަންމަ އެހެން ބުނެ ނަސޭހަތް ދިނުމަށްފަހު ނަމާދަށް ގެންދާ މުޞައްލަ ހިފައިގެން އަވަސް އަވަހަށް ގެއިން ނިކުތެވެ. މަންމަ އެހެން ބުނި ނަމަވެސް ވެގެން އުޅޭ ގޮތެއް ނުބަލާ އަހަރެންނަކަށް މަޑެއް ނުކުރެވުނެވެ. އުމުރުން އެއްމެ ދިހަ އަހަރު ނަމަވެސް އަހަރެންނަކީ ނިކަން ކަންކަން ބަލާ ހިތްވާ ކުއްޖެކެވެ. އެނޫނަސް މަންމައާއި ބައްޕަ އެ އުޅެނީ އާދައިގެ ކަމައްވެގެން ނޫންކަން އަހަރެންނަށް އެނގުނެވެ. މިއީ މީގެ ކުރިން އަހަރެން މަންމަ އާއި ބައްޕަ އުޅެނިކޮށް ދުށް ކަމަކަށް ނުވާތީއެވެ.
ހަމަ އެއާއިއެކު އަހަރެން ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު ކޮއްކޮ އަކާއި ކޮއްކޮއެއް ކިޔާފައި އަޅާ އިތިކޮށް ދުވެފައި މަގުމައްޗަށް ބޭރަށް ނުކުތީމެވެ.
މަގުމައްޗަށް ނަޒަރު ހިންގާލުމުން އަހަރެންނަށް އިހުސާސްވީ ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމެވެ. އެހެނިހެން ދުވަސްތަކާއި ޚިލާފަށް ރަށުތެރެވަނީ ހަލަބޮލިވެ މީހުންގެ ހަރަކާތްތަށް އަވަސް ވެފައެވެ. ދުވާ މީހުނާއި ބާރު ބާރަށް ހިނގާ މީހުން ފެންނަމުން ދިޔައެވެ. ގިނަމީހުންގެ ފިޔަވަޅުތައް އަވަސް ވެފައިވަނީ މިސްކިތާއި ދިމާއަށެވެ. އޭރު އަދި މެންދުރު ނަމާދުގެ ވަގުތު ނުޖެހެއެވެ. މީގެ ކުރިން ހުކުރަށްވެސް ނުދާކަމަށް ފާހަގަ ކުރެވިފައިވާ މީހުންވެސް މިސްކިތާއި ދިމާއަށް ދާތަން ފެންނަމުން ދިޔައެވެ.
ބަލަން ނުހުރެ އަހަރެން ދުވެފައި އަތިރިއަށް އެރުނީމެވެ. އަތިރި މަތީޗަށް ވަނީ އާދަޔާ ޚިލާފަށް މީހުން އެއްވެފައެވެ. މާލެއިން ދޯންޏެއް އައިސްގެން ނޫނީ ކައިވެނި މައްޗަކަށް ދާން ނޫނީ މިގޮތަށް އަތިރިމައްޗަށް މީހުން އެއް ނުވެއެވެ. އަހަރެން އެއްވެފައިވާ މީހުން ތަކާއި ދިމާއަށް ހިނގަމުން ދުވަމުން ކަހަލަ ގޮތަކަށް ދިޔައީމެވެ.
“އަވަހަށް ގުރުވަ ދޯންޏާ ފުރާންވޫ، މަހަށް ގޮހޮވަން މީހުން ރަށަށް ގެނޭން”
“ކޮމެވެސް ބަޔަކު ގޮހޯ އެއްގަމުގޭ ބޭބެމެންގޭ އޮތް ކަޅަ ދިދަ ބަލާ” އަހަރެން އެމީހުނާއި އަރާ ހަމަވީތަނާއި ކޮންމެވެސް މީހަކު އެހެން ބުނި އަޑު އަހަރެންނަށް އިވުނެވެ. އެމީހަކު އެހެން ބުނުމާއިއެކު އެއްބަޔަކު އެއްގަމުގެއާއި ދިމާއަށް ދުއްވައިގަތެވެ. އެއްމެންވެސް ތިބީ ވަރަށް ޖޯޝާއި ފޯރީގައެވެ. އަހަރެންނަށް އެކަންކަން ވީ ކުޅިވަރަކަށެވެ. އެހެނީ ވެގެން މިއުޅޭ ގޮތަކާއި ކަމުގެ ސީރިޔަސް ކަމެއް އަހަރެންގެ ޅަ ސިކުނޑިއަކަށް ނުވިސްނެއެވެ.
އެއްގަމުގެއަކީ ރަށުގެ ކަމުވޮށިގެންވާ ބޭފުޅެއްކަމުގައިވާ އަދި ކުރީގެ ރަށުގެ ބޮޑު ކަތީބެއް ކަމުގައިވާ އަޙްމަދު ފުޅުގެ ގެއެވެ. އަޙްމަދު ފުޅަކީ ކަންކަމުގައި ހިކުމަތްތެރި ދުރުވިސްނޭ ރަށުގެ އެއްމެންވެސް އިޙްތިރާމް ކުރާ ބޭފުޅެކެވެ. އެހެން ކަމުން ރަށުގެ އެއްމެންވެސް އަޙުމަދު ފުޅަށް ކިޔާ އުޅެނީ އެއްގަމުގޭ ބޭބެއެވެ. އެގޭގައި އަޙްމަދުފުޅު ތައްޔާރުކޮށްފައި އޮންނަ ބޮޑު ކަޅު ދިދައަކީ ބޮޑެތި ނުރައްކާތެރި ކަންކަމާއިގުޅިގެން ނެގުމަށް އޭނާ ތައްޔާރުކޮށްފައި އޮންނަ ދިދަ އެކެވެ. ކުޑަ އިރުކޮޅެއްފަހުން ބޮޑު ކަޅު ދިދަ ހިފައިގެން ބަޔަކު އަތިރިއަށް މީހުން އެއްވެފައިވާ ރުއްގަނޑު ސަރަހައްދަށް އައެވެ.
“ހިނގާ އަވަހަށް އެރެމާ” އެހެން ބުނުމާއި އެކު ލަސްކުރުމެއް ނެތި ދިދަ ހިފައިގެން ގުރުވަ ދޯންޏާއި ދިމާއަށް ކުޑަ ބޮއްކުރައެއްގައި ހައެއްކަ މީހުން ކަނބައި ގަތެވެ.
ގުރުވަ ދޯންޏަކީ ޔަންމާ ޓޫޓީ އިންޖީނެއް އަޅާފައިވާ އޭރު ރަށުގައިވާ އެއްމެ ބާރަށް ދުވާކަމަށް އެއްމެންވެސް ޤަބޫލުކުރާ ދޯންޏެވެ. އެމީހުން އެދަނީ މިއަދު މަހައްގޮސްވާ ދޯނިތައް އަނބުރާ ރަށަށް ގެނައުމަށެވެ. ކަޅު ދިދަ ނަގައިގެން ދިއުމުގެ ބޭނުމަކީ ބިރުވެރި ނާމާން ކަމެއް ހިނގައިފިކަން ކަނޑުމަތީގައިވާ ފަރާތްތަކަށް އެންގުމެވެ. އަދިވެސް ވެގެން އުޅޭ ގޮތެއް އަހަރެންނަކަށް މާބޮޑަކަށް ސާފެއް ނުވެއެވެ. އެހެން ކަމާއި އެކު އެއްމެންވެސް ކިޔާއެއްޗެއް އަޑު އަހަމުން އެމީހުންގެ މޫނުތަކަށް ބަލަބަލާ ހުރީމެވެ.
ގުރުވަ ދޯނި ނައްޓާލުމާއިއެކު، ރުއްގަނޑުގައި ތިބި ގިނަ މީހުން އެއްގަމަށް ގޭގެއަށް ދިއުމަށް ހިނގައިގަތެވެ. އަހަރެންވެސް ދުވެފައި ގޭދޮށަށް އެރީމެވެ. ގެއަށް އައި މަގުމަތީގައި ހިނގައިގެން އުޅޭ ހާދިސާއާއި މެދު ތަފާތު އަޑުތައް އިވެމުން ދިޔައެވެ.
އަހަރެންގެ ކަންފަތުގައި އައިސް ޖެހުނު އެއް ވާހަކައަކީ މާލެ ދެބުރިއަށް ބިންދައިގެން ގޮސް އެއްބުރި އަޑިއަށް ދިޔަ ވާހަކައެވެ. އެ އަޑު އިވުމާއިއެކު ހިތުގައި ފާޑެއްގެ ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. އެހެނީ އަޑު އަހާފައި އޮންނަނީ މާލެ އަކީ ބޮޑު މުރަކަ ހަތައެއްގެ މަތީގައި އުފެދިފައިވާ ރަށެއްކަމެވެ. އެހެންވީމާ ފަހަރުގައި ބިންދައިގެންވެސް ހިނގައިދާނެ ތާއެވެ. ހައެއްރާން ކަމާއި ބިރުވެރި ކަމާއި އެކު ހިނގަމުން ދަނިކޮށް ދެން އަނެއްކާވެސް ކަންފަތުގައި އައިސް ޖެހުނު އަޑަކީ މާލެއަށް ކާފަރުންތަކެއް އަރައިގެން މާލެ ހިފައި، ރައީސުލް ޖުމްހޫރިއްޔާ އާއި ގިނަ ވަޒީރުން ހައްޔަރު ކުރި ވާހަކައެވެ. އަދި ގިނަ އަދަދެއްގެ އާއްމުން މަރާލައިފި ކަމުގައިވެސް އަޑު އިވިގެން ދިޔައެވެ. އަހަރެންގެ ހިތުގައިވާ ބިރުވެރިކަން ކުރިއަށްވުރެ އިތުރަށް ބޮޑުވެގެން ދިޔައެވެ. އެހެނީ ރަށުގެ ދޯންޏެއް މާލެގޮސް ވުމާއި އެދޯނިން އަހަރެންގެ ދޮންކާފަ އާއި އަދި އެނޫންވެސް ތިމާގެ މީހުންވެސް މާލެ ގޮސްވާތީއެވެ. އަދި އަހަރެންގެ އެއްމެ ބޮޑު ދޮންބޭބެ އަކީ މާލޭގައި ހުންނަ މީހެއްކަމުން އޭނަ އަނެއްކާ ކާފަރުން މަރާ ނުލާބާއޭ ހިތަށް އެރާ އެކަމާއި ވަރަށް ދެރަވިއެވެ.
ދުވެފައިގޮސް ގިފިއްޔަށްވަދެ ވުޟޫ ކޮށްލައިގެން އެއްޗެހި ބަދަލު ކޮށްލައިގެން އަހަރެންވެސް މިސްކިތައް ދިއުމަށް ގެއިން ނިކުމެ ދުއްވައިގަތީމެވެ.
މިސްކިތައް ދިޔައިރު މިސްކިތްވަނީ ފުރި ތޮއްޖެހިފައެވެ. އަހަރެންނަށްވެސް ޖެހުނީ ބޭރުގައި ކުނަލެއް އަޅައިގެން އިށީންނާށެވެ. އެއްމެންވެސް ތިބީ ދުޢާ ކުރުމާއި ޤުރުއާން ކިޔެވުމުގައެވެ. އިރުކޮޅަކުން ކޮންމެވެސް މީހަކު އައިސް އަހަރެންގެ އަތަށްވެސް ޚަތިމެއް ދިއްކޮށްލިއެވެ.
“ބޭބޭ ކީއްދޯ ވެގެން މި އޮޅެނޫ؟” އޭނާ ޚަތިމް ދިއްކޮށްލުމާއި އެކު އަހަރެން ވެގެން އުޅޭގޮތެއް އޮޅުން ފިލުވުމަށް ސުވާލު ކުރީމެވެ.
“ކޮއްކެޔާ….މާލެއަށް ކާފަރުންތެކެއް ބަޑި ހިފާގެން އަރާ މާލެ ހިފާގެން މި އޮޅެނޫ” އޭނާ އެހެން ބުނެފައި އޭނާގެ އަޅުކަމާއިގެން ދިޔައެވެ.
އަހަރެންގެ ކަންފަތުގައި ޖެހުނު އަޑު ޔަޤީންވީއެވެ. އެހިނދު އަހަރެންގެ ހިތްވަރަށް ބިރުގަތެވެ. ބިރުން ފުރިފައި އިނދެ ޤުރުޢާން ކިޔެވުމަށްޓަކައި ޚަތިމް ހުޅުވާލީމެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


THY KON RASHEGGE MEEHEH
LAAMU HEN HEEVEY
laamu kan yageen…rah neyngenoo…kon rashehthe inba
Kon rashesh tha me?.