
ވީމޭ އިންތިޒާރުގައި 29 ވަނަ ބައި
އަތޫފްގެ ހޫނުނޭވާ އަރީނާގެ މޫނަށް އެޅެމުން ދިޔައެވެ. އަރީނާއަށް ލޯމަރާލެވުނީ ބޭއިހުތިޔާރުގައެވެ. އަތޫފްއަށް އަރީނާގެ މޫނާ ކައިރިވެވެމުން ދިޔައީވެސް ބޭ އިހުތިޔާރުގައެވެ.
ކުއްލިއަކަށް ދޮރުހުޅުވާލުމުން އަރީނާއާއި އަތޫފް ދިޔައީ ސިހިގެންނެވެ. ދެމީހުނަށް ދުރަށްޖެހިލެވުނެވެ. އަދި ދޮރާދިމާއަށް ބަލައިލިއިރު އާޔަން ބަލަހައްޓައިގެން ހުއްޓެވެ.
އާޔަންއަށް ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އަންނަންވީ ރުޅިކަމެއްވެސް އާޔަންއަކަށް ނޭގުނެވެ. އާޔަންއަށް ފެނުނު މަންޒަރަކީ އާޔަން ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ.
“އަރީނާ!” އާޔަންއަށް ގޮވާލެވުނީ ނުހަކު ބާރަށެވެ. އަރީނާއާއި އަތޫފް ދިޔައީ ސިއްސައިގެނެވެ. އަދި ދެމީހުން ލަދުން އިސްޖަހާލިއެވެ. އާޔަން ދެތިން ބޮކި ދިއްލާލުމުން މުޅި ތަނަށް އަލިވެގެން ދިޔައެވެ. އޭރުވެސް ތުނިކޮން ވާރޭ ވެހެމުންދާ އަޑު އިވެއެވެ.
“އާދޭ މިތާ އިށީންނަން.” އާޔަން އައިސް ސޯފާގައި އިށީންނަމުން ބުންޏެވެ. އަރީނާ މަޑުމަޑުން އައިސް ސޯފާގައި އިށީނެވެ. އަތޫފް އަދިވެސް ހުރިތާ ހުރީއެވެ. އަތޫފް ހުރީ ބިރުންނެވެ.
“އަތޫފްވެސް އާދޭ.” އާޔަންގެ އަޑު އަދިވެސް ހުރީ ހަރުކަށި ގޮތަކަށެވެ. އަތޫފް އައިސް އަރީނާއިން ސޯފާގެ ކުޑަތަންކޮޅެއް ދުރުގައި އިށީނެވެ.
“އަރީ. ޑެޑީ އަރީއަށް ވަރަށް އިތުބާރު ކުރަން. އަރީއަށް އިނގޭނު އިއްފަތްތެރިކަމަކީ ކޮބާކަން. ޑެޑީ ކިޔައިދިނީމެއްނު. އެހެންވެ ޑެޑީ ހީކުރަން އަރީ މެރީ ކުރަންދެންވެސް އެކަމުގައި ސާބިތުވެ ހުންނާނެކަމަށް.” އާޔަން އަރީނާއަށް ބަލަން އިނދެ އެހެން ބުނުމަށްފަހު އަތޫފްއާއި ދިމާއަށް އާޔަން އެނބުރުނެވެ. “އަތޫފް. އަރީނާދެކެ ވަރަށް ލޯބިވޭތަ؟” އާޔަން ވިސްނާލަން އިނދެފައި އަހާލިއެވެ.
” އާން. އާތު އަރީދެކެ ވަރަށް ލޯބިވޭ. އައި އޭމް ސޮރީ. އަރީގެ ޑެޑީ ރުޅި އައިމަ އާތު ވަރަށް ދެރަވެއްޖެ.” އަތޫފް އިސްޖަހައިގެން އިނދެ ބުންޏެވެ.
“އަތޫފް. އަރީގެ ޑެޑީ އަތޫފް ދެކެ ރުޅިއެއް ނާދޭ. އެކަހަލަ ކަންތައްތައް ލޯބިވެގެން، ރައްޓަހިވެގެން އުޅޭ ކުދިންގެ މެދުގައި ހިގާނެކަންވެސް އިނގޭ. އެހެންނަމަވެސް ބުނެލަން ބޭނުންވަނީ އެކަންތައްތައް ވަކި އިމެއްގެ ތެރޭ ބާއްވާށޭ. އައި ވޯންޓް މައި ޗައިލްޑް ޓު ބީ ޕިޔޯ ފޮރ ދަ ޑޭ އޮފް ހަރ މެރޭޖް.” އާޔަން އަތޫފް ކޮނޑުގައި ކުޑަކޮން ޖަހާލަމުން ބުންޏެވެ.
“އާތުއަށްވެސް އިނގޭ އަންހެން ކުދިންގެ އިއްފަތްތެރިކަމަކީ ކިހާވަރެއްގެ އެއްޗެއްކަން. އާތު އެއްގޮތަކަށްވެސް އެގޮތަކަށް ނުވިސްނަން. ޔޫ ކެން ޓަރަސްޓް މީ. އާތު އަރީ ދެކެ ހަގީގީ ލޯބިވަނީ. އަރީއަށް ދެރަގޮތެއް ހަދާކަށް އާތުއަކަށް ނުވެސް ކެރޭނެ. ޝީ ވިލް ބީ ޕިޔޯ. އައި ޕްރޮމިސް.” އަތޫފް ވަރަށް އިތުބާރާއެކު ބުނެލިއެވެ.
“ވަރަށް އުފާ ވެއްޖެ. ވަރަށް އުފާވެއްޖެ.” އާޔަން ހެވިލާފައި ބުނެލިއެވެ. އަދި ސޯފާއިން ތެދުވެ ހިންދެމިލިއެވެ.
“އާތުވެސް ގެއަށްދާން އުޅެންވީދެން. މިހާރު ވާރޭވެސް ހުއްޓާލައިފި ކަންނޭގެ.” އާޔަން ބެލްކަންޏާ ދިމާލުން ބޭރު ބަލައިލަމުން ބުންޏެވެ. އަތޫފްވެސް މަދުކުރުމެއްނެތި އަވަހަށް ތެދުވެ އާޔަންއާއި ސަލާމް ކޮށްލުމަށްފަހު ނުކުމެގެން ހިގައްޖެއެވެ.
* * * * * * *
އާޔަންއާއި އެކު އަރީނާ ބާޒާރަށް ދިޔައީ އަރީނާގެ އުފަންދުވަހަށް ބޭނުންވާނެ ތަކެތި ގަންނާށެވެ. އަރީނާއަށް ފައިވާން ގަނެގެން ނިކުތްވަގުތު އަލީފް އައިސް އެފިހާރައާއި އަރާ ހަމަވަނީއެވެ. އަލީފްއަށް އަރީނާ ފެނުމުން ހީލަމުން ކައިރިއަށް އައި ވަގުތު އަރީނާ ކައިރީ ހުރި އާޔަން ފެނުމުން ކުޑަކޮން މަޑުކޮށްލެވުނެވެ. އަރީނާގެ ރައްޓެހި ކުއްޖެކޭ ހިތާ އަނެއްކާވެސް ކުރިއަށް އެޅި ފިޔަވަޅު މަޑު ޖެހިލީ އަރީނާ އާޔަންގެ އަތުގެ މުލައްދަނޑީގައި ހިފާލައިގެން ހުރިތަން ފެނުމުންނެވެ. ކުއްލިއަކަށް ފުރަގަސްދެމުން ހިގާލާފައިގޮސް ޕާރކު ކޮށްފައި ހުރި ސައިކަލަށް އަރައިގެން ހިނގައްޖެއެވެ. ހައިރާންވެފައި އަރީނާ ބަލަން ހުއްޓެވެ.
“އެއީ ދަންނަ ކުއްޖެއްތަ؟” އަރީނާ އަލީފް އާއި ދިމާއަށް ބަލަން ހުރިގޮތުން އަރީނާ ކައިރީ އާޔަން އަހާލިއެވެ.
“އެއީ އަތޫފްގެ ދޮންބެ އަލީފް. އެކަމަކު އަރީއާ ދިމާއަށް އައިސްއައިސް ހުރެފަ ކުއްލިއަކަށް އެވީ ކިހިނެއްކަމެއްނޭގެ ފަހަތައް އެނބުރި ސައިކަލަށްއަރައިގެން އެދިޔައީ ކީއްވެކަމެއް އަރީ އަކަށް ނޭގެ.” އަރީނާ ބުންޏެވެ.
“އެއީ ޑެޑީ ކަހަލަ ހެންސަމް ކުއްޖަކާ އެއްކޮން ހުރީމަ އަންނަން ނުކެރުނީނު.” އާޔަން ލާނެތްގޮތަކަށް ހީލަމުން ބުންޏެވެ.
“ޑެޑީ. ޔޫ އާރ ރައިޓް. ބައެއްފަހަރު އަރީގެ ފްރެންޑުން ހީކުރަނީ ޑެޑީ އަކީ އަރީގެ ބޯއި ފްރެންޑް ކަމަށް. ސޯ ފަނީ.” އަރީނާ ހެމުން ހެމުން ބުންޏެވެ.
އާޔަންއާއި އަރީނާ ހެދުން ވިއްކާ ފިހާރައެއްގެ ތެރޭގައި އުޅެނިކޮން އަތޫފް އަރީނާއަށް ގުޅިއެވެ.
“ކީކޭ. އަރީ މިއުޅެނީ ޝޮޕިންގަނު. އާތު ކައިރީ ބުނީމެއްނު.” އަރީނާ ބުނާއަޑު އާޔަންއަށް އިވުނެވެ.
“ޑެޑީ އާ އެއްކޮނެއްނު. ކިހިނެއްވީތަ؟” އަރީނާ އަހާލިއެވެ. އާޔަން އައިސް އަރީނާ ކައިރީ ހުއްޓިލައިގެން ހުއްޓެވެ. އަދި ބޮލުން ކިހިނެއްވީތޯ އަހާލިއެވެ.
އަރީނާ ހޭން ފެށިއެވެ. ފޯނުން ވާހަކަ ދައްކަން ހުރެފަ ހޭންފެށި މީހާ ފޯނު ކަނޑާލާފަވެސް ހެނީއެވެ. އާޔަން ހުރީ އަރީނާއަށް ވެގެން އުޅޭގޮތެއް ނޭގިފައެވެ.
“ޑެޑީ… ހަހަހަހހަ… ޑެޑީ ޑެޑީއަށް އިނގޭތަ؟” އަރީނާ އުޅެނީ ވާހަކަ ނުދެއްކިގެންނެވެ. ހަމަ ހެވެނީއެވެ.
“ޑެޑީ …. އާތުގެ ދޮންބެ އާތު ކައިރީ ބުންޏޯ އަރީ ކޮންމެސް ބިޓަކާ އެއްކޮން މަގުމަތީ އުޅެނިކޮން ފެނުނީއޭ. ހަހަހަހަ. ” އަރީނާ އަނެއްކާވެސް ހޭން ފެށިއެވެ.
” އާތު ކައިރީ ބުންޏޯ އަރީގެ ރަށު ކުއްޖަކާ އެއްކޮންނޭ އުޅެނީ. ހަހަހަހަ އާތުއަށް ނަސީބަކުން އިނގިއްޖެޔޯ އެއީ ޑެޑީއާ އެއްކޮންކަން. ދެން އާތު ދޮންބެ ކައިރީ އެއީ އަރީގެ ޑެޑީއޭ ބުނީމަވެސް ގަބޫލެއް ނުކުރިޔޯ. ހެހެހެހެހެ.” އަރީނާއަށް އަދިވެސް ހެވެނީއެވެ. އާޔަން ކައިރިއަށްވެސް ހިނިއައެވެ.
ހުކުރުދުވަހު ހެދިގޮނޑުދޮށު ސަރަހައްދުގައި ވަރަށް މީހުން ގިނައެވެ. ކުޑަކުދިން ގޮވައިގެން އައިސް އުޅޭ މީހުން ބައިވަރެވެ. ބައްޕައިން ނާއި މަންމައިން އެމީހުންގެ ދަރިން އުފާކޮށްލަދޭން އައިސް އެކި ކުޅިވަރުތަކުގައި މަޝްއޫލުވެގެން އުޅެއެވެ.
އަރީނާއާއި އަތޫފް ހެދިގޮނޑުދޮށުގައި އިންނަ ޑައިނަމޯރ ރެސޓޯރެނޓުގައި ސަބްމެރިންއެއް ކާން ތިއްބެވެ. ފެންފުޅިއެއް ބަލާ ކައުންޓަރަށް އަތޫފް ދަނިކޮން މީހެއްގައިގައި އަޅައި ގަތުމުން އަތޫފް ބަލައިލިއެވެ.
“އޭ އާތޫ! ހާދަ ދުވަހަކަށްފަހު މިފެނުނީ.” އެމީހާ ހައިރާންވެގެން ބަލައިލަމުން ބުންޏެވެ.
” ނޫއްތާ! ނޫއްތަ އަދިވެސް ހަމަ ތިހިންނު ތިހިރީ. ނޯ ޗޭންޖް. ބިއުޓީ ކުއީންއެއް ހަމަ.” އާތު ބުނެލިއެވެ.
“އާތު އަބަދުވެސް ބުނާ އެތި ބުނެލީދޯ. ކިހިނެއް ކިހިނެއް ކަންތައް؟” އެމީހާ އެހިއެވެ.
“ވަރަށް ބަރާބަރު. ނޫއްތައަށް ކުއްޖަކު ދައްކާލަން ވެފަ އެބައޮތް. ޓައިމް އެބައޮތްތަ؟” އަތޫފް އަހާލިއެވެ.
“އާން. އެކަމަކު މަޑުކުރޭ. އަންނާނަން ޒައުމެން ގެއަށް ފޮނުވާލާފަ. އެތާ އެބަތިބި ޒައުއާ ޒަކްވާންއާ ދެކުދިން.” ނޫއްތަ ބުންޏެވެ.
“ޒައު ކިހިނެއްތަ؟” އަތޫފް ޖެހިލުންވެ ހުރެ އަހާލިއެވެ.
“އަދިވެސް ޒައުއާ މެދު ވިސްނަންތަ؟ ޒައު މިހާރު އާތުގެ ފަހުން އެހެން ކުއްޖަކާ ރައްޓެހިވެގެން އުޅެނީ. މިހާރު ވަރަށް ސީރިއަސް އޯ ބުނަނީ. ނޫއްތައަށް އެއްގޮތަކަށްވެސް ޒައު އުޅޭ ގޮތެއްކަމަކު ނުދޭ. އެކަމު ދެން ކީއްކުރާނީދޯ.” ނޫއްތަ ބުންޏެވެ.
“އަންނާނަން އިނގޭ. ކޮންމެ ހެނަކުންވެސް އަތޫފްގެ ފްރެންޑާ މީޓް ކޮށްފަ ދެން ދެވޭނީ.” ނޫއްތަ ދަމުން ބުންޏެވެ.
“އަރީ އެބައާދެ ކުއްޖެއް އަރީއާ މީޓް ކޮށްލަން. ޝީ އިޒް ލައިކް މައި އޯން ސިސްޓަރ. ލަންކާގަ އުޅުންއިރު ވަރަށް ގިނަ އެއްޗިހި ދަސްވީ އެ ސިސްޓަރގެ ކައިރިން. ހަގީގަތަށް ބުނަންޏާ ނަމާދު ބަރާބަރަށް ކުރަން އާދަވެފައި މިވަނީ ހަމަ އޭނަގެ ސަބަބުންނޭ ބުނެވޭނީ. ޝީ އިޒް ރިއަލީ ނައިސް އެންޑް ކައިންޑް.” އަތޫފް އަރީނާ ކައިރީ ބުނަމުން ދިޔައެވެ.
އިރުކޮޅެއްފަހުން އަތޫފްއާއި އަރީނާމެން ތިބި މޭޒު ކައިރީ ހުރި ގޮނޑީގައި އައިސް އިށީނީ މުށި ކުލައިގެ އަބާޔާއަކާއި މުށިފާޑު ކުލައަކުން ޑިޒައިންކޮށްފައިވާ ކުކުޅުބިސް ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އަންހެނެކެެވެ. އެމީހާ އައުމުން މުޅިތަނަށް މަޑުމަޑު މީރުވަހެއް ހިފާލިއެވެ. އަރީނާއަށް އެ އަންހެން މީހާއާއި ދިމާއަށް ބަލަން އިނދެވުނީ ބަސްހުއްޓިފައެވެ.
” މީ ނޫއްތަ. ނޫއްތާ މީ އަރީ. މައި ގާރލް ފްރެންޑް” އަތޫފް ވަރަށް ފަހުރު ވެރިވެލާފައި ދެމީހުން ދެމީހުނަށް ތަޢާރަފް ކޮށްލަ ދިނެވެ.
“އަރީ؟ އަރީތަތީ.. އަރީދޯ ތީ؟” ނޫރާއަށް އަރީނާގެ މޫނު ފެނުމުން ބުނެވުނެވެ. އެއީ އާޔަންގެ ލޮލެވެ. ނޫރާއަށް އެލޮލުން އެއީ އަރީނާކަން އިނގިގެން ދިޔައެވެ.
“ނޫރާ؟ ތީ ހަމަ ނޫރާތަ؟” އަރީނާއަށް މަޑުމަޑުން ބުނެލެވުނެވެ. ނޫރާއަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. އަރީނާގެ އަތުގައި ހުރި ފޮޓޯތަކާ އެއްވެސް ތަފާތުކަމެއް ނެތެވެ. އެޒުވާން ކަމެވެ. އެރީތިކަމެވެ. ހަމައެކަނި އައިސްފައިވާ ބަދަލަކީ ހެދުން އަޅާގޮތެވެ. ކައިރީގައި އިން އަތޫފް އިނީ ހައިރާން ވެފައެވެ. އެދެމީހުން ދެމީހުނަށް އިނގޭތީއެވެ. އަނެއްކާއެއީ އަރީނާގެ ދޮންމަންމަ ނޫންބާއެވެ. އަތޫފް ހިތަށްއަރަމުން ދިޔައެވެ.
ނޫރާވެސް އިނީ ހައިރާންވެފައެވެ. އަރީނާއަށް ނޫރާ އިނގުނީމައެވެ. އަރީނާއަށް ނޫރާ ފެނިފައިވާނީ ވަރަށްވެސް ކުރީގައެވެ. އަރީނާއަށް އެހާފަސޭހައިން ނޫރާ އިނގުމުން ނޫރާ އަޖައިބުވިއެވެ.
“ނޫރާ. ވީ ނީޑް ޓު ޓޯލކް.” އަރީނާ ފުންމައިގެން ގޮނޑިން ތެދުވިއެވެ. މިއަދު ކޮންމެ ހެނަކުންވެސް ނޫރާ ހިފަހައްޓަން ވާނެއެވެ. މިއަދު ނޫރާ ދިއަކަ ނުދޭނަމެވެ. ޑެޑީއާ ހަމައަށް ނޫރާ ގެންދަން ވާނެއެވެ. އަރީނާ ވިސްނަމުން ދިޔައެވެ.
އަރީނާއާއި އެކު ނޫރާގޮސް އިށީނީ ހެދިގޮނޑުދޮށުގައި ހުރި ބެންޗުތަކުން ބެންޗެއްގައެވެ. އެދެމީހުނަށް ވަގުތުދީފައި އަތޫފް ތަންކޮޅެއް ދުރުގައި ހުރި ކުޑަ ދަށުގައި އިށީނެވެ. މާހައުލަށްވަނީ އަނދިރިކަން ވެރިވާން ފަށާފައެވެ. މީހުންވެސް ވަނީ މިހާރު ކޮންމެވެސް ވަރަކަށް މަދުވެފައެވެ.
“އަރީ. އަރީއަށް އިނގޭތަ. މިތަންމީ އަރީއާ ނޫރާ އެންމެ ފުރަތަމަ ދިމާވިތަން. ނޫރާ ހަދާން ހުރޭ. ބޯޅައަކުން ނޫރާގައިގަ ޖެހުމުން ނޫރާ ބަލައިލިއިރު ހުރީ ކުޑަކުޑަ އަރީއެއް ނޫރާއާއި ދިމާއަށް އަތްދިއްކޮށްގެން. އަރީ އޭރުވެސް ހުރިގޮތަށް މިހާރުވެސް ތިހިރީ. އޭރުގަ އިން ޗަބީ ކޯ މިހާރު ނެތީ.” ނޫރާ އަރީގެ ކޮލުގައި ކޮށްޓާލަމުން ބުންޏެވެ. ނޫރާ ހީލިއެވެ. “އެދުވަހުވެސް ނޫރާއަށް ޝައްކުވި އަރީއާ ދޭތެރޭ. އެހެންވެ އަރީ ދާދިމަ ނޫރާ ބަލަން ހުރީ. އަރީގެ މަންމަ ކައިރިއަށް އަރީ ދިއުމުން ޔަގީންވި އަރީއަކީ އާޔަންގެ ކުއްޖެއްކަމަށް.” ނޫރާ ހީލިއެވެ.
“އެދުވަހު ނޫރާ ޑެޑީ ކައިރީ ނުބުނިނަމަ އަރީއަށް މި ލައިފްއެއް ނުލިބުނީސް. އަދި އަރީގެ ޑެޑީވެސް އަރީއަކަށް ނޭގޭނެ. ތެންކްޔޫ ނޫރާ.” އަރީނާގެ ލޮލުން ކަރުނަ ނިރާލިއެވެ. ހަމަހިމޭން ވަގުތުކޮޅެއް ވެރިވެފައި ވިއެވެ.
“ނޫރާ. ޔޫ ހޭވް ޓު ކަމް ބެކް.” އަރީނާ ކުއްލިއަކަށް ބުންޏެވެ. “ނޫރާއަށް ހަގީގަތް އިނގޭނަމަ ޑެޑީއާ ދުރަށް ނޫރާއެއް ނުދާނެ. އަރީއަށް އެކަން އިނގޭ. އެންމެނަށްވެސް އެކަން އިނގޭ.” އަރީނާ ބުންޏެވެ.
އަރީނާ ބުނިއެއްޗެއް ނޭގިފައި އިންކަހަލަ ގޮތަކަށް ނޫރާ އިނެވެ. “ހަގީގަތޭ؟” ނޫރާ މަޑުމަޑުން ބުނެލިއެވެ.
” އާން ނޫރާ. ޑެޑީ އަސްލު މަންމި ދެކެ އެއްވެސް ވަރަކަށް ލޯތްބެއްނުވޭ. އިންސާނިއްޔަތުކަމޭ އެކިޔާ ސިފަ ޑެޑީ ގައިގައި ތަންކޮޅެއް ބޮޑަށް ހުންނަނީކަންނޭގެ.” އަރީނާ ލޯ ފޮހެލިއެވެ.
” ޑެޑީ އަބަދުވެސް ނޫރާދެކެ ލޯބިވަނީ. މިހާރުވެސް. އެކަން މިހާރު އެންމެބޮޑަށް އިނގޭނީ އަރީއަށް. ޑެޑީ ނޫރާއާއި މެދު ވިސްނާވަރު އަރީއަށް އިނގޭ. ނޫރާ މިސްވެގެން އުޅޭތަން އަރީއަށް ފެނޭ. ކަމް ބެކް ނޫރާ. ހީ ނީޑްސް ޔޫ.” އަރީނާއަށް އަނެއްކާވެސް ރޮވެން ފެށިއެވެ. ނޫރާއަށް އަނގައިން ނުބުނެވިފައި އިނީއެވެ.
“ނޫރާއަށް އިނގޭތަ. ޑެޑީ މަންމިއާ އެހާބޮޑަށް ކެއަރ ކުރީ ކީއްވެކަން. އެއީ މަންމިދެކެ ލޯބިވާތީއެއް ނޫނޭ. މަންމިއަށް އޭރު ހުރީ އެއިޑްސް ޖެހިފަ. ފަރުވާއެއްނެތް ބައްޔެއް…. ” އަރީނާގެ ވާހަކަ ނޫރާއަށް މެދު ކަނޑާލެވުނެވެ.
” ކީކޭ؟ އެއި ކީއްވެ؟” ނޫރާއަށް އިނީ ގަބޫލުކުރަން ދަތިވެފައެވެ. އެއީ ނޫރާ ހިތައްވެސް އެރުވި ކަމެއްނޫނެވެ. ޝައިލާއަށް އެފަދަ ބޮޑު ބައްޔެއް ޖެހިގެން އުޅޭވަހަކަ އާޔަން ދުވަހަކުވެސް ނޫރާކައިރީ ނުބުނެއެވެ.
“އާން. ” އަރިނާ ބޯޖަހާލަމުން ވާހަކަ ކުރިއަށް ގެންދަންފެށިއެވެ. “އަރީގެ މަންމިއަށް އޭރުހުރީ އެއިޑްސް ޖެހިފަ. ޑެޑީ މަންމިއަށް ވަރަށް ކެއަރ ކުރި. އަރީގެ މަންމި ދުނިޔެގައި އުޅެފައިވާ ހަޑި ހުތުރު ގޮތުން މަންމިއަށް ދުނިޔެމަތީގަވެސް އަޒާބު ދެއްކެވީ. މަންމި ތަޢުބާވެ ނަމާދުކުރަންފެށިތާ މާގިނަދުވަހެއްނުވެ މަންމިއަށް އެއިޑްސް ޖެހިފަވާކަން އިނގުނީ. މަންމި ވަރަށް ދެރަވެފަހުރީ. އަރީއަށް ހުރިހާ ވާހަކައެއްވެސް ކިޔައިދިނީ މާމަ. ނޫރާގެ ހުރިހާ ވާހަކައެއްވެސް މާމަ ކިޔައިދިނީ. އަރީއަށް ނޭގޭ އެއްވެސް ވާހަކައެއް ނޯންނާނެ. އަރީއަށް އިނގޭ އަރީ ލިބެން މެދުވެރިވި ހާދިސާވެސް. އެވާހަކަ އެއްވެސް މީހަކު ސީދާއަރީއަކަށް ކިޔައެއްނުދޭ. އެކަމަކު އަރީއަށް އަޑުއިވުނީ މަންމި މާމަ ކައިރީ އެވާހަކަ ދައްކަނިކޮން. ޑެޑީ އަކަށް ނޭގޭނެ އަރީއަށް އެ ހުރިހާ އެއްޗެއް އިނގޭކަމެއް. އަރީ ޑެޑީއަށާ މަންމިއަށް މާފްދީގެން މިހުންނަނީ މާކުރިން.” އަރީނާ ކަރުނުން ފުރިފައިވާ ލޮލުން ނޫރާއަށް ބަލައިލިއެވެ.
“ކޮބާ މިހާރު އަރީ މަންމި؟” ތެޅިތެޅި އޮތް ހިތަކާއެކު ނޫރާއަށް އަހާލެވުނެވެ.
“ނޫރާ ޑެޑީ ކައިރިން ދުރަށް ދިޔަތާ މާގިނަ ދުވަސްތަކެއްނުވެ މަންމިވެސް ދުނިޔެދޫކޮށް ދިޔައީ. ޑެޑީ ވަރަށް އެކަނިވެރިވި ނޫރާ ދިޔައިމަ. ނޫރާ ޕްލީސް ކަމް ބެކް.” އަރިނާ އަނެއްކާވެސް ނޫރާގެ އަތުގައި ހިފާލަމުން ބުންޏެވެ. އޭރުވެސް އަރީނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަރީނާގެ ދޮން ކޯތާފަތް މައްޗަށް އެޅެމުން ދެއެވެ.
ނޫރާއަށް ލޯމަރާލެވުނެވެ. ހިފަހައްޓައިގެން ހުރި ކަރުތައް ބޭރަށް ނިކުންނާކަށް މާގިނަ އިރެއް ނުނެގިއެވެ. އަވަހަށް ކަރުތައް ފޮހެލިއެވެ. އަދި އަރީނާއާއި ދިމާއަށް ބަލައިލީ އަސަރުން ފުރިފައިވާ ބެލުމަކުންނެވެ.
“ނޫރާ. އަރީ ދާންވެއްޖެ. މިހާރު ނަމާދު ވަގުތު ޖެހެނީ. ޑެޑީ ލަސްވެފަ ހުންނާނީ. ނޫރާކައިރީ އަދިވެސް އަރީ ބުނާނީ އަރީމެން ފެމިލީއަށް އަނބުރާ އަންނާށޭ. ޕްލީސް.” އަރީނާ ތެދުވެފައިވެސް ނޫރާގެ އަތުގައި ހިފާލަމުން ބުނީ އެހެންނެވެ.
އެރޭ އަރީނާ ގެއަށް ދިޔައީ މާޔޫސްވެފައިވާ މޫނަކާއެކުއެވެ. އާޔަންއަށް އަރީނާ ފެނުމުން އެތައްސުވާލެއް ކުރުމުންވެސް އޭގެ ޖަވާބެއް ނުލިބުނެވެ. މާބޮޑު ކަމެއް ނުވާކަމަށް ބުނެލިއެވެ. މީގެކުރިން ދުވަހަކުވެސް އާޔަންއަށް ކަންކަން ސިއްރުނުކުރާކަމަށް ހީވި ހީވުން ބަދަލުވެގެން ހިގައްޖެއެވެ. އާޔަންއަށް އަރީނާއާއި މެދު ވިސްނެން ފެށިއެވެ. އަނެއްކާ އަތޫފް އާ މައްސަލައެއް ޖެހުނީ ނޫންބާވައެވެ. ކޮންމެކަމެއްވިއަސް އަރީނާ އާޔަންއަށް ކިޔައިދެއެވެ. އަނެއްކާ ކިހިނެއްވީބާވައެވެ.
އަރީނާއަށް އެރޭ ނިދަން އުޅެއުޅެ ނިދޭ ގޮތެއް ނުވިއެވެ. އަތޫފް ބާރަ ޖެހިއިރު އަރީނާއަށް ގުޅާ އުފަންދުވަހުގެ ތަހުނިޔާ ކިޔާލިއެވެ. އޭގެފަހުން އިރުކޮޅަކާ އަރިނާގެ ފޯނަށް މެސެޖު އަންނަމުން ދާންފެށިއެވެ. އެ އަންނަ މެސެޖުތަކަށް ޖަވާބު ފޮނުވަމުން އަރީނާ ދެއެވެ. މުޅިންވެސް އުފަންދުވަހުގެ ތަހުނިޔާ މެސެޖެވެ. ޒޫނާވެސް އެރޭ އަރީނާއަށް ބާރަގަޑި ބައިވިއިރު ގުޅިއެވެ. އަދި އިސްމާޙްއާއި އަމީނާވެސް އަރީނާއަށް ގުޅިއެވެ. ހަނާއާއި ޝައްމޫއާއި ނައްމޫވެސް ނޫރާއަށް ގުޅީ ވަރަށް ލަސްވެފައި ހުއްޓައެވެ. ފަތިސް ވީއިރުވެސް އަރީނާގެ ލޮލަށް ނިއްޖެއް ނާދެއެވެ. ފަތިހު ނަމާދުކޮށްލައިގެން އަނެއްކާވެސް އެނދަށްއަރާއޮތެވެ. ހެދުނު ހެދުނާ އާޔަން އަރީނާއަށް ގޮވަން އައިއިރު އަރީނާއަށް އޮތީ ނިދިފައެވެ. އަރާމުގޮތަކަށް ނިދާލާފަ އޮތުމުން އަރީނާ ގައިމަތީ އޮތް ރަޖާ ރީތިކޮށްލާފައި އާޔަން ނިކުތީ ބޭރަށެވެ.
އެދުވަހު އަރީނާގެ އުފަންދުވަހުގެ ކަންތައް ތައްޔާރުކުރަން އާޔަންވަނީ ގުރޫޕަކާ ހަވާލުކޮށްފައެވެ. އަދި ކޭޓަރިންގެ ކަންތައް ކުރުމަށްވެސް އާޔަންވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އާޔަންގެ އޮފީހުގެ މުއައްޒިފުންނާއި މޫސައާއި ނާއިފްއާއި ލައިގެ އާއިލާމީހުނަށްވެސް އާޔަންވަނީ ދައުވަތު ދީފައެވެ. ފާތުއަށްވެސް ދައުވަތު ދިނީ ކޮންމެހެން ފާތު އަންނާނެކަމަކަށް ނޫނެވެ. ފާތު އެކަހަލަ ޕާރޓީތަކަށް ނުދާކަން އާޔަންއަށް އިނގިފައި އޮތަސް އާޔަން ދައުވަތު ދިނީއެވެ. އަތޫފްގެ އާއިލާއަށްވެސް އާޔަން ދައުވަތު ދިނެވެ.
އަރީނާއަށް ހޭލެވުނީ މެންދުރުވީ ފަހުންނެވެ. އަވަހަށް ތެދުވެ ފެންވަރައިލައިގެން ނަމާދުކޮށްލައިގެން ކޮޓަރިން ނިކުތްއިރު ހުރީ ވަރަށް ބަނޑުހައިވެސް ވެފައެވެ. މީހުންތައް ގޭތެރޭ ހަރަކާތްތެރިވަމުން ދެއެވެ. އަރީނާ އެމީހުނަށް ނުބަލާގޮސް ބަދިގެއަށްވަދެ ސައިހަދާލައިގެން ސައިބޯން އިނެވެ. އަރީނާ އިނީ ވަރަށް ހަމަޖެހިލާފައެވެ. ނަމަވެސް ހިތުގައި އަދިވެސް ކޮންމެސް ކަހަލަ ބަރެއް ވާހެން އިހުސާސް ކުރެވެއެވެ.
“އަރީ… އަރީ ” އާޔަން އަރިނާއަށް ގޮވަމުން ދިޔައެވެ. އަރީނާ ބަދިގެއިން ބޯދިއްކޮށްލިއެވެ. އޭރު އާޔަން ކައިރީ ހުރީ ކޮންމެސް ސެލޫނަކުން އައިސްތިބި ބައެއްކަން އިނގުނެވެ.
“ޑެޑީ ވެއިޓް ކޮށްބަލަ އަރީ ސައިބޮއެގެން މިދަނީއޭ.” އަރިނާ އެހެން ބުނެލާފައި އަނެއްކާވެސް ބަދިގެއަށް ވަނެވެ.
އެދުވަހު ހުރިހާކަމެއްވެސް އާޔަން ރޭވިގޮތަށް ކުރިއަށް ގޮސްފައި ވެއެވެ. ރޭގަނޑު އަށްގަޑި ބައިގައި ފެށެން ހަމަޖެހިފައި އޮތް ޕާރޓީއަށް ޒީނާއާއި ނާއިފްއާއި ލައިއާއި މޫސަ އެމީހުންގެ ދަރިންކޮޅު ގޮވައިގެން އައީ މާކުރިންނެވެ. އޭރުއަދި އަރީނާ ތައްޔާރުވެގެން ނުނިކުމެއެވެ. އަރީނާ ތައްޔާރުކުރަނީ ސެލޫންއަކުން ގެނެސްގެން އުޅޭ ގުރޫޕެކެވެ.
އަށްގަޑި ބައިވިއިރު ލައިމެންގެ އާއިލާއާއި މޫސަގެ މަންމައާއި ބައްޕަވެސް އައިސްފިއެވެ. އަދި އަތޫފްގެ އާއިލާވެސް އައީ އެވަގުތުއެވެ. ދައުވަތުދިން އެންމެންހެން މިހާރު ވަނީ އައިސްފައެވެ. އަދިވެސް އަރީނާއަކަށް ނުނިކުމެވުނެވެ. އަތޫފްގެ އާއިލާ ގޮވައިގެން އައިސް އާޔަންއަށް ތަޢާރަފް ކޮށްދިން ގަޑީގައި އަލީފް ހުރީ ލަދުންކަން އާޔަންއަށް ފާހަގަ ވިއެވެ. އަލީފްގެ ކޮނޑުގައި އެކުވެރި ގޮތަކަށް އާޔަން ޖަހާލިއެވެ. އަދި އިށީނުމަށް ބުނެލީ ހިތްހެޔޮ ކަމާއެކުއެވެ.
އިރުކޮޅަކު އެތާއުޅެފައި އަތޫފް ނިކުތީ ބޭރަށެވެ. އަތޫފް ދިޔައީ ކޮންތާކަށްކަމެއް އެކަކަށްވެސް ނޭގެއެވެ.
އަރީނާ ކޮޓަރިން ނުކުތުމުން އެންމެން އެދިމާއަށް ބަލައިލިއެވެ. ވަރަށްވެސް ރީއްޗެވެ. ތުނި މޭކަޕެއް ކޮށްލާފައިވާއިރު އެމޫނާ ވަރަށް ގުޅެއެވެ. އެންމެންގެ ލޯތަށް އަރީނާއަށް އަމާޒުވެގެން ދިޔައެވެ. އެންމެންވެސް ހިތާހިތުން އަރީނާގެ ރީތިކަމަށް ތަޢުރީފު ކުރަމުން ދިޔައެވެ. އަރީނާ ނުކުމެ އެންމެ ކުރިންވެސް ސަލާން ކުރެވޭތޯ ބެލީ އަތޫފްގެ މަންމައާއެވެ. އަތޫފްގެ މަންމަ ހެޔޮދުޢާ ކުރިއެވެ. އޭގެފަހުން ފަހަރަކު މީހެއް އަރީނާއާއި ސަލާން ކުރިއެވެ. އެންމެން ސަލާންކޮށް ނިމުނު އިރުވެސް އަތޫފްއެއް ނެތެވެ. އަތޫފް ކޮބައިތޯ އަލީފް ކައިރީވެސް އަރީނާއަށް އަހާލެވުނެވެ. އަތޫފް ވީތަނެއް ނޭގޭކަމަށް ބުނަމުން އަލީފްވެސް ދިމަދިމާ ހޯދާލިއެވެ.
“ޑެޑީ. ކޮބާ އަތޫފް؟” އަރީނާ ގޮސް އާޔަން ކައިރީ އަހާލިއެވެ. އާޔަންއަށްވެސް އަތޫފް ވީތަނެއް ނޭގެއެވެ. އަރީނާ ދެފަހަރަކަށް އަތޫފްގެ ފޯނަށްވެސް ގުޅިއެވެ. ނަމަވެސް ފޯނެއްވެސް ނުނަގައެވެ.
އޭރު އަތޫފް ގޮސް ގެއެއްގެ ދޮރުގައި ބެލް ޖަހަނީއެވެ. ކުއްލިއަކަށް ދޮރުހުޅުވުނެވެ. ކުރިމަތީ ހުރީ ޒައުޝާންއެވެ. އަތޫފް ފެންނައިރަށް ޒައުޝާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އަދި މޫނުމަތިން ނުރުހުމުގެ ކުލަ ދައްކަމުން ދޮރު ލައްޕަން އުޅުނެވެ.
“ޒައު ވެއިޓް.” އަތޫފް ހުށިޔާރުކަމާއެކު ދޮރުދޭތެރެއަށް އަތްލައްވާލަމުން އެތެރެއަށް ދެމިގަތެވެ.
“ޒައު. ނޫއްތައަށް ގޮވާލަދީބަލަ. ޕްލީސް.” އަތޫފް އެތެރެއަށް ވަދެ ބުންޏެވެ.
“ކީއްކުރަންތަ؟ އަދިވެސް ޒައުއާ އަޅައިގަނެގެން ޒައު ފަހަތުން ނުނެއްޓިގެން ދޯ ތިއުޅެނީ؟ ނޫއްތަ މެދުވެރިކޮށްގެންވެސް ޒައު ހާސިލް ކުރާނަމޭ ހިތާތަ ތިއުޅެނީ؟” ޒައުޝަން ހުރީ ރުޅިއައިސްފައެވެ.
“ޒައު.. ޒައު ތި ހީކުރަނީ ރަގަޅަކަށްނޫން. ޒައު ފަހަތުން އަޅައި ގަނެގެން އުޅެނީއެއްވެސް ނޫން. ޒައު ޕްލީސް ނޫއްތައަށް ގޮވާލަދީބަލަ.” އަތޫފް އަނެއްކާވެސް އާދޭހުގެ ރާގަކަށް ބުންޏޭވެ.
“ކާކު.. ޒައު ކާކުތަ ބެލް ޖެހީ؟” ނޫރާގެ އަޑު އައީ އެތެރޭންނެވެ. ނައީމާވެސް އެވަގުތު އެތަނަށް ނިކުތީ ޒަކްވާންވެސް ގޮވައިގެނެވެ. ނޫރާވެސް ނައީމާ ފަހަތުން ނިކުތެވެ.
“ނޫއްތާ. ބަލާލަ އާތު….” ޒައުޝާންގެ ވާހަކަމެދުކަނޑާލީ އަތޫފްއެވެ.
“ނޫއްތާ. އިޓްސް އާރޖެންޓް.” އަތޫފް ނޫރާއާއި ދިމާއަށް ދަމުން ބުންޏެވެ. “އާތުއާ އެއްކޮން ހިނގާބަލަނޫއްތާ. ދާ މަގުމަތީ އާތު ކިޔައިދޭނަމޭ.” އަތޫފް ނޫރާގެ އަތުގައި ހިފާލަމުން ބުންޏެވެ.
“އާތު ކިހިނެއްތަވީ؟” ނޫރާ ހުރީ ހާސްވެފައެވެ. “އަންނާނަން ތައްޔާރުވެލައިގެން.” އަތޫފްގެ ޖަވާބަކަށްވެސް ބަލައިނުލައި ނޫރާ އަވަހަށް އެތެރެއަށްވަނީ ހާސްވެފައި ހުރެއެވެ.
“އާތޫ. ކިހިނެއްވީތަ؟” ނައީމާ އަހާލީ ނޫރާ އެތެރެއަށް ވަނީމައެވެ.
“އަރީ އިނގޭތަ؟” އަތޫފް ނައީމާ ކައިރީ އަހާލިއެވެ. ނައީމާ ބޯ ޖަހާލިއެވެ. “މިއަދުމީ އަރީގެ ބާރތްޑޭ. އަރީ އާތުކައިރީ ބުނެފަ އޮތީ އަރީ އެންމެ ބޭނުންވަނީ ނޫއްތަ އެގެއަށް އައުމޭ. އެހެންވެ ކޮންމެހެނަކުންވެސް ނޫއްތަ އެގެއަށް ގެންދަންވެގެން މިއުޅެނީ. ނޫއްތަ ފަހަރެއްގައި ނުދާން އުޅެދާނެނު އަރީކައިރިއަށޭ ބުނެފިއްޔާ. އެހެންވެ.” އަތޫފް ބުންޏެވެ.
ރޭގައި ނޫރާވަނީ އަރީނާއާއި ދިމާވިވާހަކަ ނައީމާ ކައިރީ ދައްކާފައެވެ. އަދި ޝައިލާ ނިމިދިޔަގޮތްވެސް ވަނީ ކިޔައިދީފައެވެ. ނައީމާ ރޭގައި ނޫރާ ކައިރީވަނީ އާޔަންއާއި ގުޅެން އަލުން ދިއުމަށް އެތައްފަހަރަކު ބުނެފައެވެ. ނަމަވެސް އަނގައިން ނުބުނެ ނޫރާ ކޮޓަރިއަށްވަނީއެވެ.
“ތީ ވަރަށް ރަގަޅު ކަމެއް. ޒައު މަންމަ ތިކަމާ ވަރަށް ގަބޫލު.” ނައީމާ އުފަލުން ބުންޏެވެ. ޒައުޝާން ހުރީ ވާނުވާ ނޭގިފައެވެ. ހައިރާންވެފައެވެ.
“އެކަމަކު އާތު ކިހިނެއް އަރީނާ ދަންނަނީ؟” ނައީމާ އަހާލިއެވެ.
“މިހާރު އާތުގެ ގާރލް ފްރެންޑަކީ އަރީ.” އަތޫފް ޒައުޝަންއަށް ބަލައިލަމުން ބުނެލީ ފަހުރުވެރި ވެލާފައެވެ.
“އެހެންތަ. އަރީގެ ބައްޕައަކީ ވަރަށް ރަގަޅު މީހެއް. ތި ގުޅުން ކުރިއަށް ގެންދެވިއްޖެއްޔާ އާތުގެ މުސްތަގުބަލް ވަރަށް އުޖާލާ ވާނެ. ރަގަޅު ފެމިލީއެއްގެ ތެރެއަށް ތި ވަދެވެނީ. އަދި މިއަދު އާތުގެ ސަބަބުން މިކަންވެސް ވެއްޖެއްޔާ ކިހާރަގަޅުވާނެ.” ނައީމާ ބުންޏެވެ.
ނޫރާ އަވަސް އަރުވާލައިގެން އައީ ކޮންތާކަށް ދާންކަމެއްވެސް ނޭގިހުރެއެވެ. ނޫރާ ނުކުތުމުން ޓެކްސީއެއް ހޯދައިގެން ޓެކްސީއަކަށް އަރައިފިއެވެ.
“ކޮންތާކަށް ދާންވީ؟” ޓެކްސީ ޑްރައިވަރު އެހިއެވެ.
“ޒީނާ މަންޒިލްއަށް.” އަތޫފް ބުންޏޭވެ. ނޫރާ އަތޫފްއާއި ދިމާއަށް ބަލައިލިއެވެ. ހައިރާންވެފައި އިނދެއެވެ.
“އެއީ މޫސަމެންގެނު. ޒީނާ މެންގެ ގެނު؟ އެގެއަށް ކީއްކުރަން؟” ނޫރާ އަހާލިއެވެ. އަތޫފް ހީލިއެވެ. އަދި ޖަވާބެއްނުދީ އިނެވެ.
* * * * * * *
“ޑެޑީ އަދިވެސް އާތުއެއް ނާދޭނު. ދެންމެ މެސެޖު ކޮށްފަ އިނީ ޕްރެސެންޓް ހިފައިގެން އަންނަމޭ ކިޔާފަ.” ނޫރާ ފޫހިވެފައިވާ ގޮތަކަށް އާޔަން ކައިރީ ޝަކުވާކޮށްލިއެވެ. އެވަގުތު ދޮރުހުޅުވުނެވެ. އެންމެންވެސް އޭރު އިންތިޒާރު ކުރަމުން އައީ އަތޫފްއަށެވެ. އެހެންކަމުން އެންމެން އެއްފަހަރާ ދޮރާދިމާއަށް ބަލައިލިއެވެ.
އޭރު ދޮރުން ވަދެގެން އަންނަނީ ކަޅު ހެދުންލައިގެން މޫނު ބުރުގާ އަޅައިގެން ކުޑަ ކުއްޖަކު އުރާލައިގެން ހުރި މީހެކެވެ. އެމީހާ ކައިރީގައި ސިޑީބަރިއެއްހެން ތިންކުދިން އަތުގުޅާލަިގެން ފައްޗަކަށް ވަދެގެން އާދެއެވެ.
“ފާތޫ.” ދުރުގަ ހުރި ޒީނާ ދުވެލާފައި އެމީހާ ކައިރިއަށް އައެވެ. “ފާތު އަންނާނެ ކަމަކަށް ހިތަކަށްވެސް ނާރާ.” ޒީނާ އުފަލުން ފާތުގައިގައި އޮޅުލައިގަންނަމުން ބުނެލިއެވެ.
“ފާތުވެސް އަސްލު އަންނާކަށް ނޫނޭ ހުރީ. މިތާކައިރި ގެއަކަށް އައިސްފަ ދަމުން ހިތައްއެރީ ހަމަ ވަދެލާފައޭ ދާނީ. ކުދިންގެ ބައްޕަ އެހާ ހިތްހަމައެއް ނުޖެހޭނެ ޕާރޓީތަކަށް އަންނާކަށް.” ފާތު ބުންޏެވެ.
5 Comments!
Comments are closed.
alhey aneh part avahah up kohlabaa… i cant wait.. varah nice mi part ves.. keep it up 😉
v v v v salhi part eh
avahah upload kohba anehbai
cant wait to read t further
އިންތިޒާރުކުރާ ކުދިންނަށް ބުނެލަން އޮތީ araamagu.com ގައި މިވާހަކަ އެއްކޮން އބައޮތޭ. .
ދެން އޮންނާނީ އެންމެ ފަހު ބައި…
އިންތިޒާރު ކުރާ ކުދިންނަށް ބުނި އެއްޗެއް މިއީ…
= ނަޝާ=
އެހެންތަ…! އެހަހެންވީމަ އަހަރެން މިވާހަކަ ކިޔާނީ އެއްކޮށް ނިމުނީމަ… މި ސްޓޯރީ ވަރަށް އިންޓުރެސްޓްތަ…؟ އަހަރެން ވާހަކަތައް ކިޔަނީ އެއްކޮށް ނިމުނީމަ………… އޭރުން އިންތިޒާރު ކުރާކަށް ނުޖެހޭނެއެއްނުދޯ….؟ waiting for the last part