……………………………………ރިހާ އެކިފަހަރު އެކި ކަބަޑް ހާވަމުން ފައިލްތަށް ބަލާތަން ބަލަން ހުރެފަ ޒީޝާން “ރިހާ” އޭ ކިޔާފަ ގޮވާލިއެވެ. ޒީޝާންގެ އަޑު އިވުމުން ހާސްވިވަރުން ރިހާގެ އަތުގަ އޮތްފައިލް ރިހާގެ އަތުން ދޫވެގެން ވެއްޓުނުއިރު ރިހާގެ ދެލޯ ބޮޑުވެގެން ދިޔައީ ރިހާ ކުރަން ހުރި ކަންތައް ޒީޝާންއަށް ފެނުމުންނެވެ. ޒީޝާންއާޢި ދިމާލަށް އެނބުރި އެއްފަހަރު ޒީޝާނަށް އަނެއްފަހަރު ޓައިލްސްތައްމަތީގައި ވެއްޓިފައިވާ ފައިލަށް ރިހާ ބަލަމުންދިޔައިރު ރިހާ ހުރީ ދެން ހަދާނެގޮތެއް ނޫނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

ރިހާއަށް ބަލަން ހުރެފަ އެ ކޮޓަރި ތެރެއަށް ވަނުމަށް ހިނގައިގަތް ޒީޝާން އައީ ސީދާ ރިހާ އާ ދިމާލަށެވެ. ރިހާއާއި ދާދިގާތުގައި ހުއްޓުމަށްފަހު ރިހާގެ ފައިބުޑުގައި އޮތް ފައިލް ނަގަން ޒީޝާން ގުދުވިއެވެ. ނަމަވެސް ޒީޝާނަށް ވުރެ ކުރިން ރިހާ އެ ފައިލް ނެގިއެވެ. ރިހާގެ އެ ހަރަކާތުން ރިހާ ކަމެއް ސިއްރު ކުރަން އުޅޭކަން ޒީޝާނަށް ވަރަށް ބޮޑަށް ޔަޤީންވިއެވެ. ދެއަތުން ފައިލްގައި ހިފާ ބާރުކޮށްލައި އިސްޖަހާލައިގެން ހުރި ރިހާއާއި ދިމާލަށް ޝައްކުގެ ނަޒަރަކުން ޒީޝާން ބަލާލުމަށް ފަހު ފަސްއެނބުރި ދިއުމަށް ހިނގައިގަތެވެ. ޒީޝާން އެގޮތަށް ކަންތައް ކުރީ ކޮންމެހެން އެއީ އޭނާ ބޭނުންވާގޮތަށް ވުމުންނެއް ނޫނެވެ. ޖަވާބު ބޭނުންވާ ކިތަންވެ ސުވާލެއް ހިތުތެރޭގައި އެނބުރެމުން ދިޔަ ނަމަވެސް ރިހާ މިވީހާތަނަށް އަމިއްލަ ސިއްރުތައް ކިޔައިދީފައިނުވާތީ މިއަދުވެސް ޖަވާބެއް ނުލިބޭނެކަން އެނގުމުން ޒީޝާން އެގޮތަށް ކަންތައް ކުރީއެވެ.

“އައި ކެން އެކްސްޕްލެއިން” ފުރަގަސްދީ ކޮޓަރިން ނިކުމެ ނިކުމެ ހުރި ޒީޝާންއަށް ރިހާ މަޑުމައިތިރިކަމާއެކު އެހެން ބުނެލި އަޑު އިވުމުން ހުއްޓުނެވެ. އަދި ރިހާދެން ބުނާނެ އެއްޗަކަށް ވިސްނައިގެން ހުރެ މަޑުމަޑުން ރިހާއާއި ދިމާލަށް އެނބުރުނެވެ. “ބަޓް ނޮޓް ނައު” ޒީޝާނާއި ހަތަރުކަޅި ހަމަކޮށްލަމުން ރިހާ ބުނެލިއެވެ. “މިއީ އެވާހަކަ ދައްކަން އެންމެ ރަގަޅު ތަނެއް ނޫން، އެންޑް އަހަރެން ބޭނުމެއްނޫން މި ގޭގެ ހަތަރުފާރުން އެތެރޭގަ އެވާހަކަ ދައްކާކަށްވެސް. އެންޑް އަންޓިލް ދެން ޕްލީޒް ޑޯންޓް ޓެލް އެނީވަން އެބައުޓް ދިސް، ޕްލީޒް” ޒީޝާން އެންމެ ރަގަޅޭ ބުނެލިއެވެ. އެއާއި އެކު ރިހާ އެހުރިގޮތަށް ހުއްޓަ ޒީޝާން ނަސީރުމެންގެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

ރިހާ އިނީ ރިހާގެ ކޮޓަރީގެ ސޯފާގައި އިށީންދެލައިނެވެ. އުނގުމަތީގައި ލެޕްޓޮޕް ބާއްވާލައިން އިން އިރު އެއްޗެއް ޓައިޕް ކުރަން އުޅޭ ފަދަ ގޮތަކަށް ދެއަށް ލެޕްޓޮޕްގެ ކީބޯޑް މަތީ އޮތެވެ. ނަމަވެސް ރިހާ އިނީ ވިސްނުމެއްގެ ތެރޭގައެވެ. ރިހާ ވިސްނަމުން ދިޔައީ ނަސީރުމެންގެ ކޮޓަރި ތެރެއިން ޒީޝާނަށް ރިހާ ފެނުމުން ދެން ހިނގާ ދިޔަ ކަންތައްކާއެވެ. ރިހާގެ ހިތުގައި ސުވާލު އުފެދެމުން ދިޔައީ ޒީޝާން ގާތު އެވާހަކަ ކިޔައިދޭނަމޭ ބުނެވުނު ސަބަބެއް ޙުދް ރިހާއަށްވެސް ނޭނގުމުންނެވެ. އެއީ ރިހާ އަދި އެއްވެސް މީހަކަށް އަންގަން ބޭނުންނުވާ ހަޤީޤަތެކެވެ. ބޭނުންނަމަ ރިހާއަށް އޮފީސް ބޭނުމަކު ފައިލެއް ހޯދަނީ ކަމަށްވެސް ބުނެވުނީހެވެ. ރިހާ ބުނަންއުޅުނީވެސް އެހެންނެވެ. ނަމަވެސް ބުނެވުނީ މުޅިން އެހެން ވާހަކައެކެވެ. ސަބަބު ބުނެވިދާނެކަމަށެވެ. ކީއްވެ ހެއްޔެވެ؟ މިއިން ދުވަހަކު ރިހާ ކުރާއެއްވެސް ކަމެއް އެހެންމީހުނަށް އޮޅުންފިލުވައިދީ “އެކްސްޕްލެއިން” ކުރުން އެއީ ރިހާ ކުރި ކަމެއް ނޫނެވެ. އެއީ ރިހާއަށް މުހިންމު ކަމެއްވެސް ނޫނެވެ. އެއީ ކޮންމެ މީހަކަށްވިއަސް ހެވެވެ. ދެން މިއަދު، ރިހާ އެހާވަރުން ސިއްރުން ކުރަން ބޭނުންވާ ކަންތައް. ޒީޝާނަށް އޮޅުން ފިލުވަދިނުން މުހިންމުވީ ވަކި ކީއްވެ ހެއްޔެވެ؟ ޒީޝާން އެއީ މާ ޙާއްޞަ، މާ މުހިންމު މީހަކީ ހެއްޔެވެ؟

ހައްތަހާވެސް ސުވާލެވެ. ނަމަވެސް ޖަވާބަކީ ކޮބައިކަމެއް ރިހާއަކަށް ނޭނގުނެވެ. ރިހާ ކުރިމަތީ ހުރި ކުޑަ ބިއްލޫރި މޭޒުމަތީގައި ލެޕްޓޮޕް ބަހައްޓާފައި ރިހާ ތެދުވިއެވެ. އަދި ދެކޮޅަށް ދެކޮޅަށް ހިނގަން ފެށިއެވެ. މިވަގުތު މީ ރިހާ އެކަމާއި ވިސްނަން ބޭނުން ވަގުތެއް ނޫނެވެ. އެއަށްވުރެ މާ ބޮޑު ކަމަކާއި ރިހާ މިވަތު ވިސްނަން ބޭނުން ބޭނުމެވެ. އެއީ ރިހާ ނަސީރުގެ ކޮޓަރިއަށް ވަތް ބޭނުމެވެ. އެދުވަހު ޒީޝާން އާއި ދެމީހުން ކެފޭގައި ތިއްބަ ރާޝިދު ގުޅާފަ ހަނާ ފެނުނު ކަމަށް ބުނިނަމަވެސް ފަހުން ރިހާ ގެއަށް އައިސް ހަވީރު ކޮޓަރީގައި އުޅެނިކޮށް އަލުން ރާޝިދުގެ ކޯލެއް އައެވެ. ރާޝިދުގެ ފަރާތުން ލިބުނީ ރިހާ މާޔޫސް ކުރުވި ޚަބަރެކެވެ. އެއީ ކުރިން ރާޝިދު ހަނާ ފެނިއްޖެ ކަމަށް ބުނި ނަމަވެސް ރާޝިދަށް ކުރެވުނީ ކުށްހީއެއް ކަމުގައެވެ. ހަނާ ނުފެންނަނީކީ ނޫނެވެ. ރާޝިދަށް ރިހާ ހޯދަން ބޭނުންވާ ހަނާ ފެނުނެވެ. އަދި ހަނާ ފަހަތުން ހަނާ އުޅޭ ގެއާހަމައަށްވެސް ދިޔައެވެ. ނަމަވެސް ހަނާ ފެނުނީ މާލެއިން ކަމަށް ވެފައި، މާލެ އެއީ ހަނާ އަސްލު ދިރިއުޅެމުން އަންނަ ރަށަށް ނުވެދާނެ ކަމަށް ރާޝިދު ވިސްނާނުލައި، ހަނާފެނުނު ކަމުގައި ބުނެވުނީއެވެ. ނަމަވެސް ފަހުން ރިހާ ބުނެގެން ހުރިހާ މަޢުލޫމާތެއް ހޯދި އިރު ހަނާ އުޅެނީ މާލޭގަ ނޫންކަމާއި، ހަނާ މާލެ އައިސް ހުރީ ބޭސްފަރުވާއަށްކަން އެނގިގެން ދިޔައެވެ. އަދި ހަނާ އުޅެމުންދަނީ ރާއްޖެތެރޭގެ ރަށެއްގަކަންވެސް އެނގިގެންދިޔައެވެ. ހަމައެހެންމެ ފަހުން ހަނާއާޢި ބައްދަލު ކުރުމަށް ހަނާ މާލޭގައި ހުރި ގެއަށް ދިޔައިރު ހަނާ އުޅޭ ރަށަށް ދިއުމަށް ފުރައިފި ކަމުގައި އެ ގެއިން ބުންޏެވެ. ނަމަވެސް ހަނާ އުޅޭ ރަށް އެހުމުން އެ ގެއިން ބައްދަލުވި ދެބައި އުމުރުގެ ފިރިހެން މީހާ ރާޝިދާއި ދިމާލަށް ޝައްކުގެ ނަޒަރަކުން ބަލާލުމަށް ފަހު ނުދަންނަ މީހަކަށް އެ މައުލޫމާތު ނުދެވޭނެ ކަމުގައި ބުނެ އެތެރެއަށް ވަދެގެން ދިޔައީއެވެ. މިހުރިހާ ވާހަކައެއް ރާޝިދު ކިޔައިދީ ނިމުނު އިރު ރިހާ ހުރީ މާޔޫސްވެފައެވެ. އެއޮށްވަރުން ހޯދަން އުޅޭ މީހާއާއި އެހާ ގާތަށް ދެވުމަށް ފަހުވެސް ގެއްލުނީއެވެ. ކާމިޔާބުގެ ފޮނިރަހަ އަރުތެރެއަށް ވާސިލުވުމުގެ ކުރިން އެ ފިނިކަންވެސް ފިލާ ގޮސް ނާކާމިޔާބުގެ ހިތިރަހައަށް ބަދަލުވެގެންދިޔައީއެވެ.

ރިހާ ބޭރަށް ނުކުންނަން ދިޔަ ވަގުތު ނަސީރުމެންގެ ކޮޓަރިން ހަނާއާއި ބެހޭ އިތުރު މައުލޫމާތެއް ލިބިދާނެ ކަމަށް ވިސްނުމާއިއެކު، އަދި ގޭގަވެސް އެވަގުތު އިތުރު މީހަކު ނެތުމުން ރިހާ ނަސީރުމެންގެ ކޮޓަރިއަށް ވަނީ އެ މައުލޫމާތު ހޯދުމަށެވެ. ކޮޓަރީގައި ހިނގާލަ ހިނގާލަ ހުރި ރިހާ މޭޒުމަތީގައި ހުރި ލެޕްޓޮޕް ކައިރި ކުޑަކަކޫ ޖަހަލައިން އިށިނދެލިއެވެ. އަދި ލެޕްޓޮޕްގެ ސްކްރީނަށް ބަލާލަމުން ސްކްރީންގައި ލޯބިން ފުރިގެންވީ އޯގާތެރި ގޮތަކަށް ފިރުމާލަމުން އަސަރުން ފުރިގެންވީ ރާގަކަށް ބުނެލިއެވެ. “އައި ވިލް ފައިންޑް ޔޫ.” ރިހާ ދުލުން އެ ޖުމްލަ ބޭރުވި އިރު ކަރުނަތައް ރިހާގެ ދެލޮލުގައި ވިދަމުން ދިޔައެވެ.

ސްކްރީނުން ފެންނަން ހުރީ ފޮޓޯއެކެވެ. ފެންނަ ފެނުމަށް ވަރަށް ދުވަސްވީ ފޮޓޯގަނޑެއް ވައްތަރު ޖަހައެވެ. އެ ފޮޓޯގައި ވަނީ ތުއްތު ދެ އަންހެންކުދިންނެވެ. އެއްވައްތަރުގެ ހެނދުން ލައްވާފައި ދެކުދިންވެސް ތިބި އިރު ބަލާބެލުމަށް އެއީ އެއްމާބަނޑު ދެކުދިންނެވެ. ރިހާއަށް އެ ފޮޓޯ ލިބުނީ މިއަދު ޒީޝާން ނަސީރުމެންގެ ކޮޓަރިން ދިޔަ ފަހުން ރިހާ ފައިލްތައް ރީތިކޮށް ތަރުތީބުކުރަން އުޅުމުގެ ތެރޭގައެވެ. ފައިލްތައް ތަރުތީބު ކުރަން އުޅުމުގެ ތެރޭގައި ރިހާއަށް އެތަނުން އެއްކަބަޑްގެ ވަރަށް އެތެރެއަށް ލައި ރައްކާކޮށްފަ ހުރި ކުޑަ ލަކުޑި ފޮއްޓެއް ފެނުނެވެ. އެ ލަކުޑި ފޮށި އެއީ ވަރަށް ދުވަސްވެފައި ހުރި ފޮއްޓެއް ވައްތަރު ޖަހައެވެ. އެއީ ކުރިން ނުދެކޭ ފޮއްޓަކަށް ވާތީ، ރިހާ އެއްވެސް މީހެއްގެ ހިލަމެއް ވޭތޯ ބަލާލާފައި އައިސް ކަބަޑް ކައިރީގައި އިށީނދެ އެ ފޮށި ހުޅުވާލާ އެތެރެ ބަލާލިއެވެ. ފުރަތަމަ ފޮށި ހުޅުވާލިއރު އޭގެ ތެރެއިން ފެނުނީ ކުޑަކުދިން އެންމެ ތުއްތު އިރު ލައްވަން ގެންގުޅޭ ކަހަލަ ފަހަތުން އައްސާލާގޮތަށް އިންނަ މަޑު ފެހި ކުލައިގެ ފަޅި ހެނދުމެކެވެ. ރިހާ އެ ހެދުން ނަގާ ބަލާލިއިރު ހެދުމުގެ ކުރިމަތީގަ ވާތްފަރާތަށް ވާ ގޮތަށް ތަނޑާއި އެކު ފަތެއް އިން މަލެއް ރޮނދިން ޖަހާފައިވެއެވެ. ރިހާ އެ ފަޅި ހެދުން އެއްކައިރީގައި ބޭއްވުމަށް ފަހު އަނެއްކާވެސް ފޮށިތެރެ ބަލާލިއެވެ. ކުދިކުދި ރަން ތަނޑި ތަކަކާއި އާންމުކޮށް ކުރިން ކުޑަކުދިން ފައިގަ އަޅުވަން ގެންގުޅޭ ގޮށްފަތިތަކެއް ފޮށިތެރޭގައި ހުއްޓެވެ. ރިހާވެސް އެކަހަލަ ރަން ތަނޑި ބަޔަކާއި ގޮށްފައްޗެއް އެޅި ހަނދާނެއްވީ ކުޑައިރުގެ ފޮޓޯތަކުން އެގޮތަށް ފެނިފަވާތީއެވެ. މާހީ އާއި މާޔާވެސް ހަމަ އެކަހަލަ ތަނޑި ބަޔަކާއި ގޮށްފައްޗެއް އެޅިއެވެ. ރިހާ ކުޑައިރުކޮޅަކު އެ އެއްޗެހި އަތަށްލައިން އިނދެފަ އެ އެއްޗެހިވެސް ކުޑަ ހެދުން މަތީ ބާއްވަމުން ފޮށީގައި ދެންއޮތީ ކޯޗެއްތޯ ބަލާލިއެވެ. ދެން އޮތީ ބަންޑުން އޮތް ފޮޓޯގަނޑެކެވެ. އެއީ ރިހާގެ ލެޕްޓޮޕްގައި މިހާރު އިން ފޮޓޯއެވެ. ތުއްތު ދެ އަންހެން ކުދިންގެ ފޮޓޯއެވެ. ރިހާއަށް އެ ފޮޓޯގަނޑުފެނުމުން ބުނަން ނޭނގޭފަދަ އިޙްސާސެއް ކުރެވުނެވެ. އެ ފޮޓޯ ފެނުމުން އުފާވި ވަރަށް ވުރެ ބޮޑަ ރިހާ ވީ ދެރައެވެ. ލޮލުން ފައިބައިގަތީ އުފާވެރި ކަމުގެ ކަރުނަ ކަމެއް ނޫނީ ހިތާމައިގެ ކަރުނަ ކަމެއް ނޭނގެއެވެ. ރިހާ އެގޮތަށް ހުރީ ކުޑައިރުކޮޅަކުއެވެ. ކޮންމެ ވަގުތަކުވެސް މީހަކު އައިސް ދާނެ ކަމަށް ވިސްނާ ފޯނުން އެ ފޮޓޯގެ ފޮޓޯއެއް ނެގިއެވެ. އަދި ކުރިން ހުރި ގޮތަށް އެއްޗެހިތައް އަޅާ ބަންދުކޮށްލުމަށް ފަހު ފޮށި ހުރިތަނުގަ ބެހެއްޓާފައި ރިހާ އެ ކޮޓަރިން ނުކުމެ ގޮސް އަމިއްލަ ކޮޓަރިއަށް ވަނެވެ.

“އައި ހެވަންޓް ސީން ޔޫ ބިފޯ. މިފެނުނީ މިއަދު އެކަނި. އެވެސް މާ ކުރީގެ ތަސްވީރަކުން. ބަޓް އައި ޕްރޮމިސް، އައި ޕްރޮމިސް އައިލް ފައިންޑް ޔޫ.” ރިހާ އަނެއްކާވެސް ލެޕްޓޮޕްގަ އިން ތަސްވީރާ ވާހަކަ ދައްކަމުން މަޑުމަޑުން ބުނެލިއެވެ. ރިހާގެ ހިތަށް އެރިއެވެ. ހޯދާނަމޭ ބުނިނަމަވެސް ހޯދާނީ ކިހިނެއް ހެއްޔެވެ؟ ވީތަނެއް ކީއްކުރަން ހުންނަ ސިފައެއްވެސް ރިހާއަށް އެނގެނީކީނޫނެވެ. ނަމަވެސް ރިހާގެ ހިތް ބުނަމުން ދިޔައެވެ. ފެނުމުން ގައިމުވެސް އެނގޭނެއެވެ. ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

===(ނުނިމޭ)===

25

4 Comments

 1. Raina

  October 21, 2013 at 12:18 pm

  Sorry for the delay in Updating

 2. Raina

  October 21, 2013 at 12:21 pm

  I know it’s short even after so many days, thats why i’ll try to update the next part sometime today or tomorrow. Thank You

  • naz

   October 21, 2013 at 2:33 pm

   nice story.. waiting for the next part

 3. faammmmmaa

  October 21, 2013 at 5:21 pm

  v nice. . .waiting for next part

Comments are closed.