ވީމޭ އިންތިޒާރުގައި 15 ވަނަ ބައި
“މިއަދަކީ ވަރަށް އުފާވެރި ދުވަހެއް! މިއާއިލާގެ އުފާވެރިކަމުގައި އާއިލާގެ ގާތްތިމާގެ އެންމެންނާއި ހުރިހާ ރައްޓެހިންނާއި އަދި މަސައްކަތްކުރާ ހުރިހާ މުއައްޒަފުން ބައިވެރިވުމަކީ އަހަރުމެންގެ ވަރަށްބޮޑު އުފަލެއް! މިއަދަކީ އަހަރެންގެ ރައްޓެހި ފާރޫޤްގެ ހަމައެކަނި ދަރިފުޅު ނޫރާއާއި އަހަރެންގެ ފިރިހެން ދަރިފުޅު އާޔަންގެ އެންގޭޖު ކުރެވޭކުރެވޭ ދުވަސް!”
އެންމެން ފޯރީގައި އަތްޖަހަން ފެށިއެވެ. އާޔަންއަށް ވީގޮތެއްވެސް ނޭގުނެވެ. ނޫރާއާއި ދިމާއަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ. މަންމަމެން ރާވައިގެން އެއުޅުނީ މިކަންތައްކަން އާޔަންއަށް އެގިއްޖެއެވެ. އާޔަންގެ ހިތްއަވަސްވިއެވެ. އަދި އެހާމެ އުފާވެސްވިއެވެ. އެތާހުރެ ނަށައިގަންނަން އާޔަންހިތައް އެރިއެވެ.
ނޫރާހުރީ އަދިވެސް ވާނުވާ ނޭގިފައެވެ. އާޔަންގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުންދާ މަންޒަރު ނޫރާއަށް ފެނުނެވެ.
އިރުކޮޅަކުން އާޔަންގެ އަތަށް އާޔަންގެ މަންމަ އަގޮއްޓިއެއް ލައިދިނެވެ. އަދި ނޫރާގެ އެޅުވުމަށް ބުންޏެވެ. ނޫރާއަށް މިވަނީ ކީއްކަން އެގެންފެށީ އެހިސާބުންނެވެ. އާޔަންއައިސް ނޫރާގެ އަތުގައި ހިފާނޫރާގެ ކަށި އިނގިލީގައި ޖަވާހިރުގެ މުތީތަކުން ޖަރީކޮށްފައިވާ އަނގޮއްޓިއެއް އެޅުވިއެވެ. އެންމެން އަތްތިލަބަޑި ޖަހަންފެށިއެވެ. ނޫރާ ހީކޮށްގެން ހުރީ ނޫރާއަށްވެސް އާޔަންގެ އިނގިލީގައި އަނގޮޓި އަޅުވަން ޖެހޭނެކަމަށެވެ. ނަމަވެސް ނުޖެހުނެވެ. އެއީ އެތާ މުސްލިމުން އެންގޭޖު ކުރާގޮތެވެ. އަނގޮޓިއަޅުވަނީ ހަމައެކަނު އަންހެން ކުއްޖާގެއެވެ.
އިސްމާހު އަނެއްކާވެސް ކޮރެއާބަހުން ވާހަކަތަކެއް ދައްކަންފެށިއެވެ. ނޫރާ މިފަހަރު އާޔަންކައިރިއަށް ޖެހިލަމުން އެކިޔަނީ ކީކޭތޯ ސިއްރުން އަހައިލިއެވެ. ދެދުވަސް ފަހުން އާޔަންއާއި ނޫރާގެ ކައިވެނި ކުރެވިގެން ދާނީވެސް މިސްޓޭޖްމަތީގައި ކަމަށް ޑެޑް އިއުލާނު ކުރީކަމަށް އާޔަން ބުންޏެވެ. އާޔަން ނޫރާއާއި ދިމާއަށް އެނބުރުނެވެ. އަދި ވަރަށް ބޮޑަށް ހެވިފަހުރެގެން ނޫރާގެ އަތުގައި ހިފާލިއެވެ. ނޫރާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އެހާއަވަހަށް ނޫރާގެ ކައިވެނި ކުރެވޭނެއެކޭ ނޫރާ ހިތައްވެސް ނާރައެވެ. “އާޔަން މިހިރީ ވަރަށް އުފަލުން! އާޔަން އަސްލުހުރީ މިފަހަރު މަންމަމެން ކައިރީ ބުނަންވެގެން ނޫރާއާއި އާޔަން ކައިވެނި ކުރަން ބޭނުންވާހަކަ! މަންމަމެނަށް މިއޮތީ މާކުރިން އިނގިފަދޯ!” އާޔަން ބުންޏެވެ.
އެންގޭޖުކުރެވި އޭގެ ޙަފުލާ އޮތީ އެގޭ ބޮޑު ހޯލްގައެވެ. ބޮޑެތި މޭޒުތަކުގައި އެކިޒާތުގެ ކާއެއްޗިހި އަތުރާފައި އޮތެވެ. މެހެމަނުންތައް ކަމުންގެންދެއެވެ. ހައތަހާވެސް ފެންނަނީ ޝާހީ ގޮތްގޮތަށް ހެދުން ލައިގެންތިބި މީހުނެވެ. ވަރަށް މުއްސަނދި މަތީ މީހުންކަން ބަލައިލުމުންވެސް ނޫރާއަށް އެނގިގެން ދިޔައެވެ.
އެދުވަހު ހަފްލާގެ ކަންތައް ނިމުނީ ހަވީރުއެވެ. ނޫރާއަށް ގަޑިއަށް ބަލައިލެވުނެވެ. އޭރު ގަޑިން ހަތަރެއްޖަހާ ބޮޑުވެއްޖެއެވެ. ހަފްލާ ނިމިގެން މެހެމާނުންތައް ދިއުމުން އާއިލާއެންމެން ތިބީ އެގޭ ބޮޑު ފެންޑާގައި އިށީނދެގެންނެވެ. އަމީނާއާއި ޖެހިގެން ޝައްމޫ އައްމޫ ތިއްބެވެ. އިސްމާޙް އިނީ އެކަކަށް އިނދެވޭ ސޯފާއެއްގައެވެ. ޒޫނާ، ސައީދާ ތިބީ އެއްސޯފާގައެވެ. އެތާކައިރި ފާރޫޤް އޭނަގެ ފުރޮޅުލީ ގޮނޑީގައި އިނެވެ. ހަނާ، އާޔަން ނޫރާ ތިބީ އެއްސޯފާގައެވެ.
“އަހަރެން މިއިނީ ވަރަށް އުފަލުން މިއަދު! ދެން ކުރިއަށް އޮތީ އާޔަންގެ ކައިވެނި! ކަންތައްތައް ރާވާ ހަމަޖެހި ނިމިފަ މިހާރު މިއޮތީ!” އަމީނާ ވާހަކަދައްކަމުން ގެންދިޔައީ އިނގިރޭސިން ނެވެ. އެންމެނަށް އިނގޭނީ އޭރުންކަމަށް ވާތީއެވެ. “ދެން މިއަދު އިތުރު ކަމެއް ނެތް! މިއަދު އެންމެންވެސް ޖެހޭނީ އަރާމުކުރަން! މާދަމާ ހެދުނު ނާސްތާކޮށްގެން ކައިވެނީގެ ހެދުމާއި އެއްޗިހި ހެޔޮވަރު ކޮށްފަ އާޔަންއާއި ނޫރާ ޖެހޭނެ މިގެއަށް އަންނަން! މިގެއިން މެންދުރު ކާންވާނީ! ދެން ހަވީރު ގެއަށްދާނީ!” އަނެއްދުވަހު އޮންނާނީ ކައިވެންޏަށް ތައްޔާރުވުން!” އަމީނާ ކަންތައްތައް ރާވާފައި އޮތްގޮތް ކިޔައިދިނެވެ.
ހަނާ ނޫރާއަޅައިގެން އިންއުޅައަށް ބަލައިލިއެވެ. އަދި ނޫރާއަތުގައި ހިފާ އުޅަޔާ ކުޅެލިއެވެ. އެއީ އާޔަންމަންމަ ނޫރާއަށް ގަނެދިން އުޅައެކެވެ. ހަނާ ނޫރާކައިރީ އެއީ ކޮންތާކުން ގަތް އެއްޗެއްތޯ އެހިއެވެ. އެއީ މެލޭޝިއާއިން އާޔަންމަންމަ ގަނެދިން އެއްޗެއްކަމުގައި ނޫރާބުންޏެވެ. ހަނާ ހީލަމުން ވަރަށްރީތިކަމުގައި ބުންޏެވެ. އާޔަން ބުނި ފަދައިން ހަނާއަކީ ވަރަށް ހިތްހެޔޮ މީހެކެވެ. ހަނާގެ ދަރިންވެސް އެފަދައެވެ.
އެތަކެއްއިރު އެތާ ވާހަކަދައްކަން ތިބުމަށްފަހު އާޔަންމަންމަގެ ހެޕީ ޕެލެސްއަށް ނޫރާމެންނަށް ދެވުނީ އިރުއޮއްސުނުއިރުއެވެ. އެއީ ބޮޑު ހުސްބިމެއްގައި ހަދާފައިވާ އެކަހެރި ބޮޑުގެއެކެވެ. މިޒަމާނާއި އެއްގޮތަށް ހަދާފައިވާއެގެ ނޫރާއަށް ފެނުނީ ނޫރާގެ ހުވަފެނުގެ ގަނޑުވަރު ފަދައިންނެވެ. ނޫރާ ކުޑައިރު ކިޔާ ވާހަކަތަކުގައި ހުންނަފަދަ ރީތި ގަނޑުވަރެކެވެ. މިހާރު ނޫރާއަށް އެހެރީ އެގަނޑުވަރުގައި ދިރިއުޅޭ ރަސްދަރިކަލުންގެ އަނބަކަށް ވެވިފައެވެ. އެކަހަލަ މުއްސަނދި އުޅުމެއް ނޫރާއުޅޭނީ ކިހިނެއް ހެއްޔެވެ. ނޫރާ ކާރުން ފައިބައި އެގެއާއިދިމާއަށް ބަލަން ހުއްޓެވެ. އާޝޯޙްވެފައެވެ. އާޔަން ނޫރާކައިރީ ހުރިކަމެއްވެސް ނޫރާއަކަށް ނޭގެއެވެ.
“މީ އާޔަންގެ ޑެޑް އާޔަން މަންމައަށް ހަދާދީފަ ހުރި ލޯބީގެ ގަނޑުވަރެއް! މީ ހެޕީ ޕެލެސް. މީގެންވެސް އިނގޭނު މައި ޕޭރަންޓްސް ލަވް ފޮރ އީޗް އަދަރ.” އާޔަން ނޫރާ ކައިރިއަށް ޖެހިލަމުން ބުންޏެވެ. ނޫރާ އަށް އާޔަން ކައިރީގައި ހުރިކަންވެސް އިނގުނީދެނެވެ. “ރީތި ދޯ!” އާޔަން އެހާލިއެވެ. ނޫރާ ބޯޖަހާލިއެވެ. އާންއެކެވެ. އެއީވަރަށްރީތި ގަނޑުވަރެކެވެ. ނޫރާ ދުވަހަކުވެސް އެފަދަ ރީތި ބޮޑު ގަނޑުވަރެއް މީގެކުރިއަކުން ދެކިފައެއް ނުވެއެވެ.
އެވަގުތު އަނެއްކާރުން ފާރޫޤްބޭލިއެވެ. އަދި ފުރޮޅުލީ ގޮނޑީގައި ބޭންދުމުން ސައީދާ އެގޮނޑީދަމަމުން ކުރިއަށް ހިގައިގަތެވެ. ފަހަތުން ޒޫނާވެސް ހިނގައިގަތެވެ.
“އާޔަންގެ ޑެޑް ނާދޭތަ؟” ނޫރާ އާޔަން ކައިރީ އަހާލިއެވެ.
“ޑެޑް ނާންނާނެނު. ނޫރާއަށް އާޔަން ކިޔައިދިނީމެއްނު! ކޮރެއާގަ ޑެޑްއާ މަންމަ އަކީ ވަކިން އުޅޭ ދެމީހުން!” އާޔަން ބުންޏެވެ. ނޫރާވެސް ހަދާންވީ އާޔަން އެހެން ބުނީމައެވެ.
އެންމެން ގޭތެރެއަށް ވަނެވެ. އެންމެކުރިން ވަދެވުނީ ބޮޑު ހޯލަކަށެވެ. ސަންގުމަރުމަރު ހިލައިން ހަދާފައިވާ ފާރުތަކުގެ އޮމާންކަމުން މީހުންގެ ހިޔަނިތައް ރީތިކޮން ސިފަވާން ހުއްޓެވެ. ބިންމަތީ އަޅާފައިވަނީ މަޑުމަޑު ކާޕެޓެކެވެ. އެތެރެއަށް ވަދެގެންގޮސް އަދި މާއެތެރެއަށް ވަނުމުން އެގޭގެ ފެންޑާއަށް ވަދެވިއްޖެއެވެ. އެއީވެސް ތަނަވަސް ބޮޑު ހޯލެއްވަރުގެ ތަނެކެވެ. މެދުގައި ބޮޑު ކަޅުކުލައިގެ ސޯފާސެޓެއް ބަހަށްޓާފައި ހުއްޓެވެ. މުޅިތަނަށްވަނީ މެދުގައި އިން ބޮޑު ޗާންދަލިޔާގެ އަލިކަން ވެރިވެފައެވެ.
“އާޔަން! ދޭ ނޫރާއަށް ކޮޓަރި ދައްކަން!” ޒޫނާ އާޔަންއާއި ދިމައަށް ބުންޏެވެ. އެންމެންވެސް ތިބީ ވަރަށް ވަރުބަލިވެފައެވެ. އަދި ނޫރާއާއި އާޔަން ތިބޭނީ މާބޮޑަށް ވަރުބަލި ވެފައިކަން ޒޫނާއަށް އިނގެއެވެ.
“ދޭ އާޔަންއާއެއްކޮން! ގޮސް އަރާމުކޮށްލާ!” ޒޫނާ އޯގާތެރިކަމާއިއެކު ބުންޏެވެ.
ނޫރާ އައިސް ސައީދާއާއި ފާރޫޤް އާއި ސަލާމް ކުރުމަށްފަހު އާޔަންއާއި އެއްކޮން ސިޑިން މައްޗަށް އެރިއެވެ. މަތީގައިވެސް ވަނީ ބޮޑު ފެންޑާއެއްވަރުގެ ތަނެކެވެ. އެތާނގެ މެދުގައިވެސް ބޮޑު ރަތްކުލައިގެ ސޯފާސެޓެއް ބަހަށްޓާފައި ހުއްޓެވެ. އެހޯލް ވަށައިގެން އަށްވަރަކަށް ކޮޓަރި ހުއްޓެވެ. އެތަނުން އެންމެ ފުރަތަމަ ހުރި ކޮޓަރިއަށް އާޔަން އައިސް ނޫރާ ވެއްދިއެވެ. އެއީ ބޮޑު އަދި އެހާމެ ތަނަވަސް ހިތްފަސޭހަ ކޮޓަރިއެކެވެ. އެކޮޓަރީގެ މެދުގައި ބަހަށްޓާފައިވަނީ ވަރަށްވެސް ބޮޑު އެނދެކެވެ. އެކޮޓަރީގެ ދެފަރާތުގައި ބިއްލޫރިން ހަދާފައިވާ ކަހާ ދޮރުތަކެއް ލާފައި ހުއްޓެވެ. އާޔަން އެތަނުން އެއްފަރާތު ދޮރު ހުޅުވާލިއެވެ. އެތާހުރީ ހުސް އަންނައުނެވެ. ގުނާ އަދަދު ނުކުރެވޭހާ ގިނަ އަންނައުނެވެ. މުޅިންވެސް ނޫރާއަށް ހެޔޮވަރުގެ އެއްޗިއްސެވެ. އަދި އަނެއްދޮރު ހުޅުވާލިއެވެ. އޭގައިވަނީ ބޫޓާ ފައިވާނެވެ. ތަރުތީބުން އަތުރާލައިފައި ހުއްޓެވެ. އެއީވެސް ނޫރާގެ ސައިޒެވެ. ދެން ހުޅުވާލި ބަރީގައިވަނީ އެކި ކުލަކުލައިގެ އެކިވަރުވަރުގެ ދަބަހެވެ.
“މީކާކުގެ ކޮޓަރިއެއް؟” އަޖައިބުވެފައި ހުރެ ނޫރާ ބުންޏެވެ.
“ނޫރާގެ ކަންނޭގެ!” އާޔަންލާނެތް ފާޑަކަށް ބުންޏެވެ. އަދި ޖެހިގެން ހުރި ދޮރުފަތް ހުޅުވާލިއެވެ. އޭގައިވަނީ ހުސް ގަހަނާއެވެ. އަގުބޮޑު އުޅާތަކާ ފަށް ތަކެވެ. ރަނާ ޖަވާހިރުގެ އެއްޗިއްސެވެ.”ނޫރާއަށް ހާއްސަކޮށްފައިވާ ތަނެއްގަ ހުންނާނީ ނޫރާގެ ތަކެއްޗެއްނޫންތަ؟”
“އާޔަން އެބުނި އެއްޗަކުން ނޫރާ ހުރީ ހައިރާން ވެފައެވެ. ގަބޫލުކުރަން ދަތިވެފައެވެ. އެހާއަގުބޮޑު ޖަވާހިރުގެ ހާރުތަކާ އުޅާތަކެވެ. އުމުރުދުވަހު ލިޔަސް ހުސްނުވާވަރަށް ހެދުން އެބަހުއްޓެވެ. ފިހާރައެއްގައި ނެތްވަރަށް ފައިވާނާ ދަބަސް އެބަހުއްޓެވެ.
“އާޔަން މިހިރީ ވަރަށް ނިދިއައިސްފަ! މާދަމާ ނޭގެ ކޮންކަމެއް ކަމެއްވެސް އޮންނާނީކީ! ހަލްމޮނީ އަކީ ވަރަށް ކޮރެއާގެ ސަގާފަތަށް ލޯބިކުރާ މީހެއް. އާޔަންމެންގެ ކައިވެނި އެގޮތަށް ނުބާއްވައިފިއްޔާ ވާރަގަޅު!” އާޔަން ބުންޏެވެ.
“ކޮބާ ފާހާނާ؟” ނޫރާ ކޮޓަރީގެ ދިމަދިމާއަށް ބަލައިލިއެވެ.
“މީނީ މިކޮޅުގަ!” ވަންނަ ދޮރާދިމާއަށް އިޝާރާތް ކޮށްލަމުން އާޔަން ބުންޏެވެ.
ނޫރާ އެދިމާއަށް ބަލައިލިއެވެ. ތެދެކެވެ. ކޮޓަރިއަށް ވަންނަ ދޮރާ ޖެހިގެން އިތުރު ދޮރެއް ހުއްޓެވެ.
“އާޔަން! ނޫރާ ވަރަށް ނާރވަސްވެފަ މިހިރީ!” ނޫރާ އާޔަންއާއި ދިމާއަށް އެނބުރިލަމުން ބުންޏެވެ.
“އާޔަންއަށް އިނގޭ ނޫރާ ތިހުންނަނީ ވަރަށް ހާސްވެ ނާރވަސް ވެފަކަން! އާޔަންއަށްވެސް ތިކަހަލަ ގޮތްތަކެއްވޭ!” އާޔަން ނޫރާއާއި ކައިރިއަށް ޖެހިލިއެވެ. “ވަރަށް ވަރުބަލިވެފަ ދޯ ތިހުރީ؟” އާޔަން ނޫރާގެ ކޯތާފަތުގައި ފިރުމާލިއެވެ.
“ހޫމް! ނޫރާ ބޭނުންވަނީ ފެންވަރައިގެން ނިދާލަން!” ނޫރާ އާޔަންއާއި ދިމާއަށް ނަޒަރު ހުއްޓާލަމުން ބުންޏެވެ.
“އާން!” އާޔަން ނޫރާގެ ނިތްކުރިއަށް ބޮސްދިނެވެ. “އާޔަންވެސް މިދަނީ ނިދަން! އަރާމުގަ ނިދާލާތި! ގުޑް ނައިޓް!” އާޔަން ހިގައިގަންނަމުން ބުންޏެވެ.
އާޔަން ދިއުމުން ނޫރާ ތުވާލި ހިފައިގެން ވަނީ ފާހާނާއަށެވެ. ފާހާނާއަށް ވަދެފައި ނޫރާއަށް އެތަނުން ނުކުމެވުނީއެވެ. އެއީ ފާހާނާއެއްބާއޭ ނޫރާ ހިތައްއެރިއެވެ. އަނެއްކާވެސް ފާހާނާއަށް ވަނެވެ. އާނއެކެވެ. އެއީ ފާހާނާއެކެވެ. ބޮޑު ކޮޓަރިއެއްވަރުވާ ފާހާނާއެކެވެ. ބޮޑު ޖަކޫޒީއެއް ބަހަށްޓާފައިވާ ފާހާނާއެކެވެ. ނޫރާ ހައިރާންވެހުރެ ދިމަދިމާއަށް ނަޒަރު ހިންގަމުން ދިޔައެވެ. އެފަދަ ބޮޑު ފާހާނާއެއް ދުނިޔޭގައިވެސް ހުންނާނެކަމަކަށް ނޫރާ ހިތަކަށްވެސް ނާރައެވެ. ނޫރާ އަވަސް އަވަހަށް ފެންވަރައިލައިގެންއައިސް ނަމާދު ކޮށްލިއެވެ. ނޫރާގެ ދަބަހުން ނޫރާއަށް އެންމެ އަރާމު ނިދާ ހެދުން ނެގިއެވެ. އެއީ ކަކުލާހަމައަށް އަންނަ ތުނި ހެދުމެކެވެ. އަތުގެ ބަދަލުގައި ވަނީ ވާކޮޅެކެވެ. ނޫރާ ނިދާހެދުން ލައިގެން ދުވަހަކުވެސް މީހުން ކުރިމައްޗަށް ގޮހެއް ނޫޅެއެވެ. އެންމެ ކުޑަވެގެން ނޫރާމަންމައަށްވެސް ނޫރާ ނިދާހެދުން ލައިގެން އުޅެނިކޮން ނެފެންނާނެއެވެ.
ނޫރާއަށް އެރޭ ހަމަ އޮށޯތުމާއި އެކު ނިދިއްޖެއެވެ. ނޫރާއަށް ހޭލެވުނީ ކޮންމެސް މީހަކު ދޮރުގައި ޓަކިޖަހާލި އަޑަށެވެ. ނޫރާތެދުވީ ގައުން ލައިގެން އަވަހަށް ދޮރުހުޅުވާށެވެ. ނަމަވެސް ނޫރާއަށް އެނދުން ކިރިޔާ ފޭބުނުތަނާހެން އެމީހަކު ދޮރު ހުޅުވާލިއެވެ. ނޫރާއަށް ހުރިގޮތަށް ހުއްޓިފައި ހުރެވުނީއެވެ. އެއީ އާޔަންއެވެ. ރޭގައި އާޔަން ދިއުމުން ކޮޓަރި ތަޅުނުލެވޭކަން ނޫރާ ހަދާންވީއެވެ. އާޔަންއަށް ނޫރާފެނިފަ އާޔަންއަށްވެސް ހުއްޓިގެން ހުރެވުނީއެވެ. ނޫރާ ނިދާހެދުމުގައި ހުރިއިރު ނޫރާގެ ހަށިގަނޑުން ބޮޑު ބައެއް ވަނީ ފާޅުވެފައެވެ. އަތުގެ ބަދަލުގައި ވާކޮޅެއް ލާފައިވާ އެހެދުން ނޫރާގެ ކަކުލުން މައްޗަށް އަރައެވެ. އެހެދުމުގެ ތުނިކަމުންވެސް ނޫރާގެ އަންހެންވަންތަކަމުގެ ވަނާތައްް ފާޅުވާން ހުއްޓެވެ. ނޫރާ ކުއްލިއަކަށް އެނދުމަތީ އޮތް ކުއިލްޓު ނަގާ ގައިގައި އޮޅާލިއެވެ. އެމަންޒަރުން އާޔަންއަށް ހޭވެރިކަން ވެއްޖެއެވެ. އަދި އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. ނޫރާ ލަދުން ހަދާނެގޮތެއް ނޭގިފައި ހުރެވުނީއެވެ. މުޅިމީހާ ހުރީ ފިނިވެފައެވެ.
“މަންމަ ބުނެގެން މިއައީ. ނޫރާ ރޭގަ ނުކައިނިދީމަ މަންމަ ހުރީވަރަށް ކަންތައްބޮޑުވެފަ. އާޔަން މިދަނީ ތިރިއަށް ނޫރާއާދޭ އިނގޭ!” އާޔަން ވަހަކަ ދެއްކީ ފުރަގަހަށް އެނބުރި ހުރެއެވެ. އެއަށްފަހު އާޔަން ކޮޓަރިން ނިކުމެގެން ދިޔައީ ލާނެތް ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވަމުންނެވެ.
ނޫރާ އަވަހަށް ތައްޔާރުވެގެން ގަޑިބަލައިލިއިރު ހަގަޑި ބައިވާން އުޅެނީއެވެ. ނޫރާ އަވަހަށް ނަމާދު ކޮށްލައިގެން ތިރިއަށް ދިޔައިރު ޒޫނާއާއި ސައީދާ ތިރީގައި ތިއްބެވެ. ފާރޫޤްވެސް ފުރޮޅުލީ ގޮނޑީގައި އިނީ ސައީދާއާއި ޒޫނާގެ ވާހަކަ އަޑުއަހާށެވެ. ހުރިހާ ވާހަކައެއްވެސް ދައްކަމުން ދަނީ ސައީދާއެވެ. ނޫރާއައިތަން ފެނުމުން ޒޫނާއަވަހަށް ތެދުވިއެވެ. ނޫރާހުރީ ހުދު ޓީޝާޓް ކޮޅަކާއި ނޫމާޖެހި ހަރުވާޅެއް ލައިގެނެވެ. އެއީ ނޫރާ ގޭތެރޭ ލާންގެނައި ހެދުމެވެ.
“ރަގަޅަށް ނިދުނުތަ؟” ޒޫނާ އަހާލުމުން ނޫރާ ބޯޖަހާލިއެވެ. “އާޔަން އާދޭ ސައިބޯން މިއޮއްއައީ ނޫރާ!” ނޫރާއާއި ދިމާއަށް ޒޫނާ ހިނގައިގަންނަމުން އަހާލިއެވެ.
“އާން!” ބަދިގެ ހުރި ދިމާލުން އާޔަން ނުކުންނަމުން ޖަވާބުދިނެވެ.
ޒޫނާއައިސް ނޫރާގެ އަތުގައި ހިފިއެވެ. އަދި ވަރަށް ލޯބިން ނޫރާއަށް ބަލައިލަމުން ހިނިތުންވެލިއެވެ.
“ނޫރާއަށް އިނގޭތަ މަންމަ މިއަދު މިހުންނަނީ ވަރަށް އުފަލުން. އާޔަން މާކުރިން ފެށިގެން އަބަދު މަންމަކައިރީކިޔާނެ އާޔަންއަށް ނޫރާ ލިބޭދުވަހަކީ އާޔަން އެންމެ އުފާވާނެ ދުވަހޭ!” ޒޫނާ ބުންޏެވެ. “ނޫރާއަކީ އެންމެނާއި ގުޅޭ ކޮންމެކަމަކަށް އެޖަސްޓް ކޮށްލަން އެގޭނެ ކުއްޖެކޭ އާޔަން ބުނާނެ.”
ޒޫނާ ނޫރާގެ އަތުގައި ހިފައިގެން ގެނެސް ސައީދާއިން ސޯފާގައި ބޭންދިއެވެ. ފާރޫޤް އަސަރުން ފުރިފައިވާ ބެލުމަކުން އޭނާގެ ހަމައެކަނި ދަރިފުޅަށް ބަލައިލިއެވެ. އެވަގުތު އާޔަންވެސް އައިސް ނޫރާގެ ކުރިމަތިން ހުރި ސޯފާގައި އިށީނެވެ. އެވަގުތު ނޫރާއާއި އާޔަންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އާޔަންގެ އެނަޒަރުން ނޭގޭ ގޮތްތަކެއް މިފަހަރު ނޫރާއަށް ވެގެން ދިޔައެވެ. މުޅިގަޔަށް ކަރަންޓް އައިކަހަލައެވެ. ލަދުން އިސްޖަހާލައިގެން ނޫރާއިނެވެ.
“މިހާރު ނައީމާމެން އަންނާނެ! އަހަރެން އަންނާނަން އެއަރޕޯޓަށް ގޮސް އެމީހުން ގޮވައިގެން! އާޔަންދޭ ނޫރާއާއި އެއްކޮން ސައިބޯން!” ޒޫނާ އެހެން ބުނެފައި ބޭރަށް ނިކުމެގެން ހިގައްޖެއެވެ. އާޔަންވެސް ކާގެއާއި ދިމާއަށް ހިގައިގަތީ އިޝާރާތުން ނޫރާކައިރީ އަންނަން ބުނެފައެވެ. އާޔަންފަހަތުން ލަދުންހުރެ ނޫރާ ދިޔައެވެ.
“ޒޫނާ ކިހާރަގަޅު! އަހަރުމެން ކިހިނެއް އޭނަގެ ހެޔޮކަމުގެއަގު އަދާކުރާނީ؟” އާޔަންއާއި ނޫރާ ދާތަން ަލަން އިނދެފައި ފާރޫޤް ބުންޏެވެ. “ކިހާ ހަރަދެއް އަހަރުމެންނަށް ޓަކާ ޒޫނާއާއި އިސްމާޙް އެކުރަނީ! އޭގެ ބަދަލުގައި އަހަރުމެނަށް ކުރެވޭނެ ކަމެއްވެސް ނެތް! އަދި އަމުދުން މިހާރު އަހަންނަށް އެއްކަމެއްވެސް ނުކުރެވޭނެ!” ފާރޫޤްގެ އަމިއްލަ ހާލާއިމެދު ފިކުރުކޮށްލެވުމާއިއެކު ލޮލުން ކަރުނަ ނިރާލިއެވެ.
“ފާރޫޤް! ޒޫނާއަކީ ދުރުމީހެއްނޫނޭ! އެއީ އަހަރެންގެ މަންމައާއި ބައްޕަ ބަލާބޮޑުކުރި މީހެއް! އަހަރުމެންނަށް ލިބޭ ދެރައަކީ އެނައަށްވެސް ލިބޭ ދެރައެއް. ތިފަދަ ގޮތަކަށް ފާރޫޤް ވިސްނާކަން އެނގިއްޖެއްޔާ އޭނަ ވަރަށް ދެރަވާނެ. އެއީ ފާރޫޤްގެ ފަހަރިއެއްކަމަށް ހީކޮށްލާށޭ އަހަރެން ކުރިންވެސް ބުނީމެއްނު. ނައީމާއެކޭ ޒޫނާއެކޭ އަހަންނަކަށް ތަފާތެއްނެތް!” ސައީދާ ފާރޫޤްއާއި ދިމާއަށް ބުންޏެވެ.
“އެކަމަކު…..ފަހަރިއަކަށް ވިއަސް ހާދަ ހަރަދެކޭ…..” ފާރޫގަށް ބުނެވުނީ އެހިސަބަށެވެ.
“މިހާރު އެއީ ހަމައެކަނި ފާރޫޤުގެ ފަހަރިއެއްވެސް ނޫން. އަހަރުމެންގެ ނޫރާގެ މައިދައިތަވެސްމެ. ފާރޫޤް ތިގޮތަށް ވިަސްނަންޏާ ޒޫނާ ހިތައް އަރާނީ ކީކޭތަ.” ސައީދާ ފާރޫޤްގެ ވާހަކަ މެދުކަނޑާލިއެވެ.
ސައީދާ ކިތަންމެ ވަރަކަށް ފާރޫޤްއަށް ވިސްނައިދޭން މަސައްކަތް ކުރިއަސް ފާރޫޤްއަށް އަމިއްލަ ނުކުޅެދުންތެރިކަމާއިމެދު ކުރެވެމުން ދިޔަ ފިކުރުތައްވީ އިތުރެވެ. ފާރޫޤް އެމަޢުލޫއަށް އިތުރަށް ވާހަކަ ނުދެއްކިއަސް ސިކުނޑިތެރޭގައި އެކަމާ ފިކުރުކުރެވެމުން ދިޔައެވެ. އޭނާގެ ދަރިފުޅަކީ އޭނާގެ ހުރި ހަމައެކަނި ދަރިއެވެ. އެދަރިފުޅަށްޓަކައި މިހާރު އެބައްޕައަށް ކޮށްދެވޭނެ މާބޮޑުކަމެއް ނެތެވެ. ހެޔޮދުޢާ ފިޔަވާ ދެންކޮށްދެވޭނީ ކީއްހެޔެވެ.
އާޔަން ނޫރާއާއި އެއްކޮން އައިސް އިށީނީ ވަރަށްދިގު މޭޒެއްގެ ކޮޅުގައެވެ. އަދި ޖެހިގެން އިންގޮނޑި ދައްކާލަމުން އެތާ އިށީނުމަށް ނޫރާކައިރީ އާޔަން ބުންޏެވެ. ނޫރާ ނޫރާ އަދިވެސް ހުރީ ލަދުންނެވެ.
“ނޫރާ ހަގީގަތުގަވެސް ވަރަށްރީތި!” ނޫރާ ކައިރިއަށް އައިސް ގޮނޑީގައި އިށީދެ ހަމަނުޖެހިގެން އުޅެނިކޮން އާޔަން ބުންޏެވެ.
ނޫރާގެ މޫނުމަތި ލަދުން ރަތްވެގެން ދިޔައެވެ. އަދި އިސް ޖަހައިގެން އިންއިރުމޫނު މައްޗަށް ލަދުރަކި ހިނިތުންވުމެއް ވެރިވެފައި ވެއެވެ.
ދެމީހުންސައިބޮއެ ނިމުންތަނާހެން ކައިވެނީގެ ހެދުން ހިފައިގެން ބަޔަކުއައެވެ. އެމީހުން ނޫރާއާއި އާޔަންގެ ހެދުން ލައްވާ ހެޔޮވަރުތޯބަލާ ހެދިއެވެ. ނޫރާއަށް ނޫރާގެ ކައިވަނީގެ ހެދުން ކަމަކުނުދެއެވެ. ހުދުކުލައިގެ އެބޮޑުހެދުން ޖަރީކޮށްފައިވަނީ ހުސް ހުދު އަލިމަހުންނެވެ. އެހެދުމުގެ ދަޅައިން ލޯތަކަށް އުނދަގޫވާވަރުވެއެވެ. ޖަރީނުވާ އެއްވެސް ތަންކޮޅެއް ނެތެވެ. ނޫރާއަށް އެހެދުން މާކަންތައް ބޮޑެވެ. ނަމަވެސް އެއްޗެއްނުބުނެ ހުރީއެވެ.
“މާކަންތައްބޮޑު ހެދުމެއްދޯ ނޫރާ؟” އެހެދުމާއި ދޭތެރޭ އާޔަންވެސް ހިތްހަމައެއް ނުޖެހެއެވެ. “އެކަމު ކީއްކުރާނީ. ހަލްމޮނީގެ ކަންތައްތީ!” އާޔަން ބުންޏެވެ.
ނޫރާއަށްވެސް އެއީ ހަލްމޮނީގެ ކަމެއްކަން އިނގެއެވެ. ސައީދާވެސް ހުރީ އެހެދުމުގެ ޖަރީކަމާއިމެދެ ހިތްހަމަނުޖެހިފައެވެ.
ހެދުން ހެޔޮވަރުކޮށް ނިމިގެން އެއައި މީހުން ދިޔަތަނާ ނައީމާމެން އައިސްފިއެވެ. ޒައު އައިގޮތަށްއައިސް އާޔަންގައިގަ އޮޅުލައިގަތެވެ.
“އާޔަންބޭ! އާޔަންބެ މިހާރު އުޅެނީ ޕެލެސްއެއްގަދޯ؟ އާޔަންބެއަކީ ޕްރިންސްތަ؟” އާޔަން ޒައު އުރާލުމުން ޒައު ބުންޏެވެ.
“އާން! މިހާރު މިއުޅެނީ ނޫތަ ޕްރިންސެސްއަކަށް ހަދަންވެގެން!” ހީލަމުން އާޔަން ބުންޏެވެ.
“ޒައު ބޭނުމީ ޕްރިންސެސްއަކަށްވާން!” ޒައު ބުންޏެވެ.
“ޒައުތީ މާކުރިންވެސް ޕްރިންސެސްއެއްނު!” އާޔަން ބުންޏެވެ. ޒައު ހީލިއެވެ.
“ތުއްތަމިހިރީ ވަރަށް އުފަލުން! މިދުވަސް އަންނާނެކަމަށް ވަރަށް އުއްމީދުކޮށްގެން ތުއްތަ ހުރީ!” ނައީމާ ނޫރާ ގައިގާ ބައްދާލަމުން ބުންޏެއެވެ.
އެދުވަހު ޕޮންޑް ސައިޑް ޕްލެސްެއަށް ދިއުމަށް ނޫރާލީ ކްރީމްކުލައިގެ ހެދުމެކެވެ. އެހެދުމުގެ މާތަކުގެ ކަރުގަނޑުތައް ޖަރީކޮށްފައިވަނީ ހުދު ޖަވާހިރުންނެވެ. ހެދުމާ ގުޅޭގޮތަށް ފައިވާނަށްއަރާ ދަބަސްވެސް އަޅުވާލިއެވެ. އަދި ގަހަނާއަކަށް ބޭނުންކުރީ އާޔަން ނޫރާއަށް ދިން ހުދުރަނުގެ ތުނި ކެވެލިކޮޅެކެވެ. ނޫރާ ތައްޔާރުވެގެން އައިއިރު ހީވަނީ ގަނޑުވަރުތެރޭގައި ދިރިއުޅޭ ރަސްދަރިކަނބަލެއް ހެނެވެ. ނޫރާއަށް ބަލަން ހުރި ޒައުވެސް ހުރީ ނޫރާގެ ރީތިކަމާހެދި ހައިރާންވެފައެވެ.
“އާޔަންބެ މިހާރު ނޫތަ ޕްރިންސެސް އަކަށް ހެދީތަ؟” ނޫރާ ކައިރިއަށް ހުއްޓެމުން ޒައު ބުންޏެވެ. އާޔަންވެސް ބޯޖަހާލަމުން ޒައު އުރާލިއެވެ. އަދި ނޫރާގެ ރީތިކަމަށް ތަޢުރިފު ކޮށްލިއެވެ.
އެންމެން ތައްޔާރުވެގެން އަމީނާ ކައިރިއަށް ދެވުނުއިރު ހުރީ އެގާރަވެސްޖަހާ ބޮޑުވެފައެވެ. ނޫރާ ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ. އާޔަންއެބުނާ ޝާހީ ގޮތަކަށް އުޅެން ނޫރާއަށް ނޭގިދާނެތީއެވެ. އާޔަން ބުނިފަދައިން އެގޭގައި އެކަކު އަނެކަކަށް ސަލާމްކުރުމަށް ބޯގުދުކޮށްލައެވެ. އެއްފަހަރުފެނި އަނެއްފަހަރު ފެންނައިރަށްވެސް އެގޮތަށް އެކަން ކުރެއެވެ. އައްމު އާއި ޝައްމު އައިސް ނޫރާކައިރިން ދުރަކަށްނުދެއެވެ. އެކުދިން ނޫރާއާއި ރައްޓެހިވާކަށް މާގިނައިރެއް ނުނެގިއެވެ. ނޫރާއާއި ސަކަރާތްޖަހާ ނޫރާއަށް އެކުދިންގެ އެކިއެކި ވާހަކަ ކިޔައިދޭންފެށިއެވެ. އެކުދިން އުޅޭގޮތުން ކުޑަކޮން ނޫރާއަށް ހިތްހަމަޖެހުން ލިބުނެވެ. އެކުދިން ނޫރާއާއި ދޭތެރޭ އެހާޝާހީ ގޮތެއް ނުބަހަށްޓައެވެ. އާޔަންއެކަމާވަރަށް ހިތްހަމަ ޖެހުނެވެ. ނޫރާ ފޫހިފިލުވައިދޭނެ ގޮތެއް ފެނުނީމައެވެ.
އާޔަން އޭނަގެ މާމަކައިރީ ތަކުރާރުކޮން ކޮރެއާގެ ސަގާފީގޮތަށް ކައިވެނި ނުބޭއްވުމަށް ކިޔަމުން ދިޔައެވެ. ނަމަވެސް އާޔަންދައްކާއެއްވެސް ވަހަކައެއް އަމީނާއަށް އަޑުއިވޭކަމަކަށް ނަހަދައެވެ.
އެދުވަހު އެގޭގައި އޮތީ ރަންކިއުމުގެ ރަސްމިއްޔާތެވެ. އެގަޑިއަށް ނޫރާގެ އާއިލާވެސް އެގެއަށް އައެވެ. ޒޫނާ ތަކުރާރުކޮން އެތައްފަހަރަކު ނޫރާއަށް ވިސްނައިދިނީ ކުޑައަގަކަށް ރަން ނުކިއުމަށެވެ. ނަމަވެސް މާބޮޑުއެއްޗަކަށް ރަންކިއަން ނޫރާ ބޭނުމެއްނޫނެވެ. އެހެންކަމުން ނޫރާ ރަންކީ އެންމެކުރިން ތިންހާސް ޑޮލަރަށެވެ. އެވަރު ކުޑަކަމަށް އެންމެން ކިޔަންފެށިއެވެ. ނޫރާ ވިސްނަން އިނދެ ސައީދާއަށް ބަލައިލިއެވެ. އެހީއަކަށް އެދިއެވެ.
“ތިރީސްހާސް ޑޮލަރަށް ރަންކިޔާ!” ޒޫނާ އެހެން ބުނީ ދިވެހިންނެވެ. އެއީ އަމީނާއަށް ޒޫނާ ބުނިއެއްޗެއް ނާންގަން ވެގެންނެވެ. ނޫރާ އިނީ ކަންތައް ބޮޑުވެފައެވެ. އެހާބޮޑު އަގަކަށް ރަންކިޔަން ޖެހިލުންވެފައެވެ. އާޔަންނޫރާއަށް ބަލަންއިނެވެ. ނޫރާ ހަދާނެގޮތެއް ނޭގިގެން އުޅޭހެން ހީވުމުން އެންމެފަހުން އާޔަން ބުންޏެވެ.
“ނޫރާބުނީ ނޫރާ ރަންކިޔާނީ ފަންސާސްހާސް ފަސްސަތޭކަ ފަންސާސް އެއް ޑޮލަރަށޯ!” އާޔަން އިނގިރޭސިބަހުން ބާރަކަށް އެހެން ބުންޏެވެ. އެވަގުތު ނޫރާއަށްވެސް ދެކޮޅުހަދާކަށް ނުކެރުނެވެ. ނޫރާކައިރިން އެއީ ތެދެއްތޯއެހުމުން ނޫރާއަށް ބޯޖަހާލެވުނެވެ.
އެންމެން އަތްޖަހަން ފެށިއެވެ. ސައީދާއާއި ފާރޫޤްވެސް އެކަކު އަނެކަކަށް ބަލައިލެވުނީ އަޖައިބުވެ ހައިރާންވެގެންނެވެ. އެމީހުންގެ ހަމައެކަނި ދަރިފުޅު ރަންކީ އަދަދު ގަބޫލު ނުކުރެވިފައި ތިއްބެވެ. ނައީމާއާއި ޝަކީބްވެސް ތިބީ ހައިރާން ވެފައެވެ. އެހެން މީހުނަށް އެއީ މާބޮޑުކަމަކަށް ވީހެނެއް ހިއެއް ނުވެއެވެ.
އެދުވަހު ކެއުމުގެ ކަންތަކުގައި ނޫރާއަށް ކާންޖެހުނީ ދަނޑިކޮޅުންނެވެ. ނޫރާއަށް ދަނޑިކޮޅުން ކާން އާޔަންވަނީ ދަސްކޮށްދީފައެވެ. ކުޑަކޮން ނުފަރިތަކަމެއް ހުއްޓަސް ނޫރާ ކެއީ ވަރަށް ބަލައިގެނެވެ. ސައިދާމެން ކެއީ އުލާ ސަމުސަލުންނެވެ.
އެގޭގައި ވަގުތު ހޭދަކުރުމަށްފަހު އަނބުރާ ގެއަށްއައީ އިރުއޮއްސުނު ފަހުންނެވެ. އެރޭ އެންމެން ކައިނިމިގެން ފާރޫޤް ކައިރީ އާޔަން، ނޫރާ އާއި ޝަކީބް ތިއްބެވެ. ޒޫނާއާއިއެކު ނައީމާއާއި ސައީދާ ދިޔައީ ބޭރަށެވެ.
“ޝަކީބް! ދެން ބޭބެގެ ވިޔަފާރި ކުރިއަރުވަން ހުރީ ޝަކީބް. ޝަކީބްވާނެ ދޮންތައާއި ނޫރާ ބަލަން. ނޫރާބަލަން އާޔަންވެސް އެހެރީ އެކަމު ދޮންތަ ބަލައްޗޭ!” ފާރޫޤް ބުންޏެވެ. ޝަކީބް އިނީ ހައިރާންވެފައެވެ. މީގެކުރިން ފާރޫޤް ދުވަހަކުވެސް އެކަހަލަ ވާހަކައެއް ނުދައްކައެވެ.
“ބޭބޭ! ބޭބެ ތިދައްކަނީ ކޮންކަހަލަ ވަހަކައެއްތަ؟ އަހަރެން އަބަދުވެސް ދޮންތައާއި ނޫރާ ދެކެނީ އަހަރެންގެ އަމިއްލަ ބައެއްގެ ގޮތުގަކަން ބޭބެއަށް އިނގޭނެ. އެހެންނޫނަސް ބޭބެގެ ވިޔަފާރި އަދި ބޭބެއަށް ހިންގޭނެ! ބޭބެ އަދި ރަގަޅުވާނެ! ދުނިޔޭގައި ފައިޖަހައިގެން ކިތައްމީހުން އާދައިގެ ދިރިއުޅުމެއް އެއުޅެނީ! މިހާރު މާބޮޑަށް ބޭބެ ތިވިސްނަނީ!” ޝަކީބް އިނީ ފާރޫޤް ދެއްކިވާހަކައާއިމެދު ހިތްހަމަ ނުޖެހިފައެވެ.
“އާޔަން! ބައްޕައަށް އިނގޭ އާޔަން ނޫރާވަރަށް އުފަލުގައި ގެންގުޅޭނެކަން! ނޫރާގެ ކިޔެވުން ފުރިހަމަކުރަންދެން ނޫރާ މެލޭޝިއާގައި ބަހައްޓައްޗޭ! ނޫރާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ހުރި ކުއްޖަކަށްހަދަން ބައްޕަ ބޭނުންވަނީ! އެހެންމީހުންގެ އެހީއާއި ނުލާ އުޅެވޭވަރުގެ ހަރުދަނާ މީހަކަށް ހަދަން ބައްޕަ ބޭނުންވަނީ!” ފާރޫޤް އާޔަންއަށް ބުންޏެވެ.
“އިރާދަކުރެއްވިއްޔާ ބައްޕައަށް ތިމަންޒަރު ފެންނާނެ! ބައްޕަ ހާސްނުވޭ! އާޔަން ނޫރާއަށް ދެރަގޮތެއްވިޔަކަ ނުދޭނަން! އަބަދުވެސް ނޫރާ އުފަލުގައި ބަހަށްޓަން އާޔަން މަސައްކަތްކުރާނަން!” އާޔަން ބުންޏެވެ. ފާރޫޤް ދައްކާވާހަކަތައް އަޑުއަހަން އެންމެންތިބީ ހިތްހަމަ ޖެހިގެނެށްނޫނެވެ. ފާރޫޤް އެކަހަލަ ވާހަކަދައްކާތީ ނޫރާއިނީ ބިރުގަންނަގޮތްވެފައެވެ. ބައްޕަ އެކަހަލަވާހަކަ އެދައްކަނީ ކީއްވެބާއެވެ. ބައްޕައަށް އަނެއްކާ ގޮތެއްވަނީބާއެވެ.
ނޫރާއަށް ފަތިހު ހޭލެވުނީ ސިއްސައިގެން ގޮހެވެ. ކޮޓަރިތެރެ ފިނިކަމުގައި ވިއަސް ނޫރާއޮތީ ދަހިއްލާފޯވެފައެވެ. ނޫރާއަށް އާދަޔާޙިލާފު ހުވަފެނެއް ފެނުނީއެވެ. ނޫރާއެއޮތްގޮތަށް އެތައްއިރަކު އޮތުމަށްފަހު ތެދުވެ ފާހާނާކޮށްލައިގެންއައިސް ނަމާދަށްއެރިއެވެ. ނަމާދުކޮށް ނިމިގެން ނޫރާ ކޮޓަރިން ބޭރަށް ބޯދީ ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މުޅި ގެއަށްވަނީހަމަހިމޭންކަން ވެރިވެފައެވެ. އަދި އެކަކުވެސް ނުހޭލަނީކަން އެނގުމުން ނޫރާވެސް ވަދެ އެނދުގައި އޮށޯވެލީ ނިދާކަށް ނޫނެވެ. ނޫރާގެ ކައިވެނި ކުރަން ހަމަޖެހިފައިވަނީ އެދުވަހުގެ މެންދުރު ފަހުއެވެ. އެކަމާ ނޫރާ ވިސްނަމުން ދިޔައެވެ. އެދުވަހު އިރު އޮއްސޭއިރު ނޫރާ އިންނާނީ އާޔަންގެ އަންބެއްގެ ގޮތުގައެވެ. ނޫރާއަށް ހުރިހާ އުފަލެއް ލިބުނު ކަހަލައެވެ. މޫނުމައްޗަށް ވެރިކުރުވި ހިނިތުންވުމާއެކު ނިދުނީއެވެ.
އާޔަން ނޫރާ ކޮޓަރީ ދޮރުގަ ޖަހާލީ ޒޫނާ ބުނެގެން ސައިބޯން ދާންވެގެންނެވެ. ދޮރުނުހުޅުވުމުން މަޑުމަޑުން އާޔަން ދޮރު ހުޅުވާލިއެވެ. ނޫރާއޮތީ ނަމާދުކުރަން ލީހެދުން ލައިގެން ނިދާފައެވެ. އާޔަން އައިސް އެނދުކައިރީ ހުއްޓުނީ ނޫރާއަށް ގޮވުމުގެ ނިޔަތުގައެވެ. ނަމަވެސް ނޫރާނިދާލާފަ އޮތީ ވަރަށްއަރާމު ގޮތަކަށްކަމަށް ވާތީ ނޫރާއާއި ދިމާއަށް ބަލަން އާޔަންއަށް ހުރެވުނީއެވެ. ކިހާ މައުސޫމް ރީތި ކުއްޖެއްހެއްޔެވެ. ފިޔާތޮށިކުލަ އަރާފައިވާ ތުނި ތުންފަތެކެވެ. އެހާމެ ދޮން އަދި އޮމާން މޫނެކެވެ. މަރާލެވިފައިވާ ރީތިދެލޮލުގެ ދިގު އެސްފިޔަތަށް އިރުކޮޅަކުން ތެޅިލިއެވެ. ހޭލަންއުޅޭހެން ހީވެގެން އާޔަން އަވަހަށް އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. ނޫރާ ލޯހުޅުވާލުމާއިއެކު ފުންމައިގެން ތެދުވީ އާޔަން އެތާ ހުރިތަން ފެނުމުންނެވެ.
“ކިހިނެއްވީ؟” ނޫރާ ކޮޅަށް ތެދުވަމުން އެހިއެވެ.
“މަންމަ ބުނެގެން. ސައިބޯން ދާންވެގެން.” އާޔަން ނޫރާއާއި ދިމާއަށް އެނބުރިލަމުން ބުންޏެވެ.
“އާޔަންދޭ ނޫރާ މިދަނީ އެއްޗިހި ބަދަލުކޮށްލައިގެން.” ނޫރާ އަލަމާރިކައިރިއަށް ދަމުން ބުންޏެވެ.
“އާޔަން ހުއްޓާ ބަދަލުކޮށްލިއަސް އޯކޭވާނެ. ދެންތިހެން ދުރުގައެއް ނޫޅެވޭނެ.” އާޔަން އައިސް ނޫރާގެ ފުރަގަހަތުން ބަޑާދިމާލުން އަތްގެންގޮސް ނޫރާ ވަށާލިއެވެ.
ނޫރާ ތެޅިގަނެފައި އަވަހަށް ދުރަށް ޖެހިލިއެވެ. “އަދި މަޑުކުރޭ. އަދި ކެތްތެރިވޭ. އާޔަންގެ މީހަކަށްވީމަ ތިހެން އުޅޭނީ. އެހަށް ނިކުމޭ ބޭރަށް.” ނޫރާ އާޔަންގެ ބުރަކަށީގައި އަތްއަޅާ ކޮށްޕާލަމުން ބުންޏެވެ.
އެދުވަހު ނޫރާއަށް ރަގަޅަށް ސައިވެސް ނުބޮވުނެވެ. ނޫރާގެ ހިތް ހުންނަނީ އަވަސް ވެފައެވެ. އެއީ އުފަލުން ކަމެއް ނޫނީ ހާސްވެގެން ކަމެއް ނޭގެއެވެ. އާޔަންއަށްވެސް ހުންނަނީ އެފަދަ ގޮތެއްވެފައެވެ.
އެދުވަހު މެންދުރު ކާވެންޏަށް ތައްޔާރު ކޮށްދޭ މީހުން އެގެއަށް އައެވެ. ނޫރާއާއި އާޔަން ހެދުން ލައްވާ މޭކަޕްކޮށް ޒީނަތްތެރި ކުރަނީ އެމީހުނެވެ. ނޫރާގެ ކަރުގައި އަޅުވަން އަމީނާ ހޯދާފައިއޮތް ފަށްވަނީ ހުދުކުލައިގެ އަލިމަހުން ޖަރީވެފައެވެ. ނޫރާ އަރަން ތައްޔާރުކޮށްފައިވާ ފައިވާނުގައިވެސް ވަނީ އަލިމަހެވެ. އެއީ ހަމަ އެންމެ އަގުބޮޑު ޖަވާހިރެވެ. އޭގެ އެންމެ ޖަވާހިރަކުންވެސް އާދައިގެ މީހަކު މުއްސަނދިވާހާ ލާރި ލިބޭނެއެވެ.
ނޫރާ ތައްޔާރުކޮށްގެން ނެރުނުއިރު ހީވަނީ ހޫރު ޕަރީއެއްހެނެވެ. ހެދުމާއި ގަހަނާތަކުގެ ދަޅައިން މުޅިސަރަހައްދަށް ވަނީ ހުދުކުލައިގެ އަލި އެޅިލާފައެވެ. ޒޫނާއަށް ނޫރާފެނުމުން ނޫރާކައިރިއަށް ޖެހިލިއެވެ. އަދި ހިނިތުން ވެލަމުން ނޫރާގެ އަތުގައި ހިފާލިއެވެ.
“ހެދުން ކިތަންމެ ޖަރީވެފަ ކަންތަށްބޮޑަސް ނޫރާގެ ރީތިކަމާއަޅާ ކިޔާލެވޭކަށް ނެތް. މަގޭ ދަރިފުޅު ހާދަ ރީއްޗޭ!” ޒޫނާ ނޫރާގެ ދަތްދޮޅީގައި ހިފާ ނޫރާގެ އިސް އުފުލާލިއެވެ. “ނޫރާގެ މަންމައާއި ބައްޕަ އުފާވާނެ ދުވަހެއް މިއަދަކީ!”
އެވަގުތު ސައީދާ ފާރޫޤްގޮވައިގެން ނޫރާއާއި ހިސާބަށް އައެވެ. ފާރޫޤްގެ ލޮލުން ވަނީ އުފާވެރިކަމުގެ ކަރުނަނިރާލާފައެވެ. ސައީދާ ބޭނުންވީ ނޫރާގައިގަ ބައްދާލާށެވެ. ނަމަވެސް ނޫރާލައިގެން ހުރި ފުއްޕި ހެދުމުގެ ސަބަބުން ނޫރާއާއި ކައިރިވެސް ނުވެވެއެވެ. އެހެން ކަމުން ސައީދާއަށްވެސް ހިފާލެވުނީ ނޫރާގެ އަނެއްއަތުގައެވެ. ސައީދާގެލޮލަށްވެސް ވަނީއުފާވެރިކަމުގެ ކަރުނަ ގިނަވެފައެވެ. ސައީދާ ނޫރާގެ އަތުގައި ފިރުމާލިއެވެ. ވަރަށްލޯބިން ނޫރާއަށް ބަލައިލިއެވެ. މަންމައާއި ބައްޕަގެ އުފާވެރިކަން ފެނިފައި ނޫރާގެ ލޮލުން ކަރުނަ ހިލުނުތަން ޒޫނާއަށް ފެނުނެވެ. އަވަހަށް ޒޫނާގެ އަތްދަބަހުން ޓިޝޫއެއް ނެގުމަށްފަހު ނޫރާގެ މޭކަޕް ހަޑިވުމުގެ ކުރިން މަޑުމަޑުން ނޫރާގެ ލޯފޮހެލިއެވެ. އަދި ނުރޮއެ ހުރުމަށް ބުންޏެވެ.
“ވާއޮ! ނޫތަ ހީވަނީ ބާބީ ޕްރިންސަސް އެއްހެން!” ޒައު އެތަނަށް އައިސް ގޮވާލިއެވެ. ކުޑަކުޑަ ޒައުވެސް ހުރީ ނޫރާ ލައިގެން ހުރިކަހަލަ ކުޑަ ހެދުމެއްގައެވެ. ޒައުގެ ހެދުންވެސް ވަނީ ހަމަ އެގޮތަށް ޖަރީކޮށްފައެވެ. ނަމަވެސް ތަފާތަކީ ޒައުގެ ހެދުމުގައި ހުރީ އަލިމަހެއް ނޫނެވެ.
ނޫރާ އެވަގުތު ޒައު އުރާލަން ބޭނުންވިއެވެ. ނަމަވެސް އެކަމެއް ނޫރާއަކަށް ނުވިއެވެ. ނޫރާގެ ހެދުމާއި ހެދިއެވެ.
އާޔަން ސިޑިން ފައިބައިގެން އައިތަން ނޫރާހުރީބަލާށެވެ. އާޔަން ހުރީ ކަޅުކުލައިގެ ބެސްޕޯރކް ސޫޓެއް ލާފައެވެ. އާޔަން އެގޮތަށް ފެންނައިރު ވަރަށް ފިރިހެންވަންތަ ހައިބަތެއް ފާޅުވެއެވެ. އާޔަން ސިޑިން ވަކިހިސާބަކަށް އައިސް ބޭއިހްތިޔާރުގައި ހުއްޓެވުނީ ނޫރާފެނުމުންނެވެ. ނޫރާގެ ރީތިކަން މިއަދު އިތުރުވެފައިވެއެވެ. އާޔަންގެ ހިތް ތެޅެމުންދިޔައީ އާޔަންއަށް ކޮންޓްރޯލްވެސް ނުކުރެވޭހާ ބާރަށެވެ.
އާޔަން ނޫރާކައިރިއަށް އައިސް ހުއްޓުނެވެ. ނޫރާއާއި އެންމެ ކައިރިގައި ހުންނައިރުވެސް ހުރެވެނީ ދެފޫޓު ދުރުގައެވެ. އެކަމާއާޔަން ހުރީ ހިތްހަމަ ނުޖެހިފައެވެ.
“ހަލްމޮނީއަށް ނޭގުނު ދޯ މިހެދުން މިއަށްވުރެ ހިމަކުރާކަށް؟” އާޔަން ޒޫނާއާއި ދިމާއަށް ބަލައިލަމުން ބުންޏެވެ.
އެދުވަހު ޕޮންޑް ސައިޑް ޕްލެސްއަށް ނޫރާމެން ދިޔައީ ކާރުގައެވެ. ނޫރާކާރަށް އެރުނީވެސް އަދި ކާރުން ފޭބުނީވެސް ހާލަކުންނެވެ. އެންމެންވެގެން ހެދުން ކޮޅުކޮޅަށް އަނބުރައިގެންނެވެ. އަދި ކާރުގައި ނޫރާ އިންނަން ޖެހުނީވެސް ހާލެއްގައެވެ. ނޫރާހުރީ އެހެދުމާއި ހެދި ވަރަށް ފޫހިވެފައެވެ. ނަމަވެސް މޫނުމަތިން އެކަންތައް ދައްކާކަށް ނޫރާބޫނުމެއް ނުވެއެވެ. ނޫރާގެ މޫނުމަތިން ހިނިތުންވެލަމުން ކޮންމެ މީހަކާދިމާއަށް ގުދުވެލަމުން ސަލާމް ކުރަމުން ނޫރާގޮސް އިށީނީ ނޫރާއަށް ތައްޔާރުކޮށްފައިވާ ގޮނޑީގައެވެ. އާޔަންއަށް އިންނަން ޖެހުނީ ނޫރާގެ ކުރިމަތީ ތަންކޮޅެއް ދުރުގައެވެ. ނޫރާކައިރީ ނޫރާގެ އާއިލާ އިށީނދެގެން ތިބިއިރު އާޔަންގެ އާއިލާ އާޔަންކައިރީ އިށީނދެގެން ތިއްބެވެ. ކައިވެނީގެ ކަންތައް ފެށުނެވެ. ނޫރާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އާޔަންވެސް އިނީ ހާސްވެފައެވެ. ދެމީހުންގެވެސް ފުރަތަމަ ކައިވެނިކަމުން ދެމީހުންވެސް ތިބީ އެއްހާލެއްގައެވެ.
2 Comments!
Comments are closed.
wow………..nice story,,,,,,avaha up kodebala
. .keep it up… v v salhi mi story . . v ufavey eha avahah up kohdheythy