ވީމޭ އިންތިޒާރުގައި 16 ވަނަ ބައި
ނޫރާކައިރީ ނޫރާގެ އާއިލާ އިށީނދެގެން ތިބިއިރު އާޔަންގެ އާއިލާ އާޔަންކައިރީ އިށީނދެގެން ތިއްބެވެ. ކައިވެނީގެ ކަންތައް ފެށުނެވެ. ނޫރާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އާޔަންވެސް އިނީ ހާސްވެފައެވެ. ދެމީހުންގެވެސް ފުރަތަމަ ކައިވެނިކަމުން ދެމީހުންވެސް ތިބީ އެއްހާލެއްގައެވެ. އާޔަން އަނބިގަބޫލުކަމުގައި ބުނުމުން އެންމެން އަތްޖަހަން ފެށިއެވެ.
ކައިވެނީގެ ކަންތައް ނިމި ހަފްލާއަށް ހާޒިރުވެ ތިބިމީހުން ނޫރާއާއި އާޔަންއަށް މަރުހަބާ ކިޔުމުގައި އެތައްވަގުތެއް ހޭދަވެގެން ހިގައްޖެއެވެ. ނޫރާ މިހާރުއިނީ ލައިގެން އިން ހެދުމާހެދި އުނދަގޫވެގެން ހަދާނެގޮތް ބޮޑުވެފައެވެ. ނަމަވެސް މީހުން ކުރިމަތީ ހިނިތުންވެލައިގެން އިންއިރު ހީވަނީ ރަސްދަރިކަނބަލެއް ހެނެވެ. މަޑުމަޑުން މީހުން މަދުވަމުންގޮސް ގާތްގަނޑަކަށް އެގެއަށް އައި ހުރިހާ މެހެމާނުން ހުސްވުމާއެކު ޒޫނާވެސް އަވަހަށް ބެލީ ނޫރާގޮވައިގެން ގެއަށް ދެވޭތޯއެވެ. ނޫރާއަށް އެހެދުމާއި އެކު އުޅެން ވާނެއުނދަގޫ ޒޫނާއަށް އިހުސާސް ކުރެވެއެވެ. ނޫރާ ގޮވައިގެން ޒޫނާއާއި ނައީމާގެ އާއިލާ އައީގެއަށެވެ. ސައީދާއާއި ފާރޫޤް ގޮވައިގެން އާޔަންއައީ އެހެންކާރެއްގައި ތަންކޮޅެއް ލަސްވިފަހުންނެވެ.
އެމީހުނަށް ގެއަށް އާދެވުނުއިރު ޒޫނާއިނީ ފެންވަރާހަދައިގެން އައިސް ސޯފާގައި އިށީނދެގެންނެވެ. އޭރު ނައީމާވެސް ކޮޓަރިން ޒައު ނިދާހެދުން ލައްވައިގެން ނުކުންނަނީއެވެ. އާޔަން ފެނުމުން ޒައު ދުވެފަ އާޔަން ކައިރިއަށް ދިޔައެވެ.
“މިއަދު ޒައު ނިދާނީ އާޔަންބެ ކައިރީ އާޔަންބެ ކޮޓަރީގަ!” ޒައު ބުންޏެވެ. ޒައު އެހެން ބުނިއަޑަށް ނައީމާ އެދިމާއަށް ބަލައިލިއެވެ. އާޔަން ހުރީ ބުނާނެއެއްޗެއް ނޭގިފައެވެ. އާޔަން ހުރިގޮތުން ނައީމާކައިރިއަށް ހިނިވެސް އައެވެ.
“ނޫނޭ ޒައު. މިރެއަކުނޫން. ޒައު އާޔަންބޭ ކޮޓަރީގަ ނިދާނީ އެހެން ރެއަކު!” ނައީމާ ބުންޏެވެ.
“ނޫން. ޕްލީޒް މަންމީ. އާޔަންބެ ކޮޓަރި ޒައުއަށް ވަރަށް ރީތި.” ޒައު ބުންޏެވެ. އެވަގުތު ނޫރާ ސިޑިން ފައިބައިގެން އަންނަތަން ފެނުނެވެ. ނޫރާ ހުރީ ނޫކުލައިގެ ޓީޝާރޓަކާއި ކަޅުކުލައިގެ ކަށިމައްޗާހަމައަށް އަންނަވަރުގެ ހަރުވާޅެއް ލައިގެންނެވެ. ނޫރާވެސް އެއަންނަނީ ދާދި ދެންމެއަކު ފެންވަރައިގެންކަން ނޫރާގެ އިސްތަށިގަނޑުން އިނގެއެވެ.
“ނޫތާ! ޒައު އާޔަންބެއާއި އެއްކޮން އާޔަންބެ ކޮޓަރީގަ މިރޭ ނިދާނީ!” ނޫރާ އައުމުން ޒައު ނޫރާކައިރިއަށް ގޮސް ބުންޏެވެ.
“އެހެންތަ!” ވިސްނާލުމެއްނެތި ނޫރާ ބުނެލިއެވެ. އާޔަންނޫރާއާއި ދިމާއަށް ބަލައިލިއެވެ. ނޫރާއާޔަންއަށް ބަލައިލަމުން ކޮނޑުއަރުވާލިއެވެ.
“އާޔަންބެ ކޮޓަރި ޒައުއަށް ވަރަށް ރީތި.” ޒައު ބުންޏެވެ.
“ދެންމެ ޒޫތަ އާޔަންމެންގެ ކޮޓަރި ޒައުއަށް ދެއްކީމަ އެއުޅެނީ އެތަން މާރީތިވެގެން.” ނައީމާ ބުންޏެވެ.
“ހިނގާ އާޔަންބެޔާއެއްކޮން.” އާޔަން ޒައު އުރާލަމުން ބުންޏެވެ. އާޔަންގޮސް އާޔަން ކޮޓަރިއަށް ވަނުމުން ޒައު ބޮޑާހާކަން ފެށިއެވެ.
“މިކޮޓަރިއެއްނޫން. އެކޮޅުގަ ހުރި ކޮޓަރި. ޒައުބޭނުމީ އެކޮޅުގަހުރި ބޮޑުކޮޓަރި.” ޒައު ރޮވޭގޮތް ދައްކާލިއެވެ.
“އެކަމު މީޔޭ އާޔަންބެގެ ކޮޓަރި.” އާޔަން ޒައުކައިރީ ބުންޏެވެ. އެވަގުތު ޒޫނާ އެތަނަށް ވަނެވެ.
“މަންމަމެން އާޔަންއާއި ނޫރާއަށް ހުންނާނީ އާކޮޓަރިއެއް ހަދާފަ. އެތަނަށް އާޔަންގެ އެއްޗިހިވެސް ގެންގޮސްފަ ހުންނާނީ. ދޭ އެކޮޓަރިއަށް. ޒައު ހިނގާ ޒޫތައާ އެއްކޮން އެހަށް ތިރިއަށް. އާޔަންބެ ފެންވަރައިގެން އައިމަ ޒައު އަންނާނީ.” ޒޫނާ އެހެން ބުނެ ޒައުގެ އަތުގައި ހިފާލުމުން ޒައު އިސްއުފުލާ އާޔަންއަށް ބަލައިލިއެވެ. އެއަށްފަހު ޒޫނާއަށް ބަލައިލިއެވެ. އަދި ވަރަށް ފަސޭހައިން ޒައު ޒޫނާ އަތުގައި ހިފައިގެން ނުކުތެވެ.
އާޔަންމެނަށް ތައްޔާރުކޮށްފައިވާ ކޮޓަރިއަށް އާޔަންއައިސް ވަންއިރު މުޅިކޮޓަރިވަނީ ރަތް ފިނިފެން މަލުގެ ފިޔައިން ޒީނަތްކުރެވިފައެވެ. ކޮޓަރީގެ މެދުގައި ބަހަށްޓާފައިވާ ބޮޑުއެނދުގައިވަނީ ހުސް ފިނިފެންމާ ފިޔައެވެ. އެނދުގެ މެދުގައި އަޅާފައިވާ ބޮޑު ހިތް ފުރާލާފައިވަނީ ރަތް ފިޔައިންނެވެ. ކޮޓަރިތެރެއަށް ވަނީ މަޑުމީރުވަހެއް ހިފާލާފައެވެ. އެއީ މުޅި އެ ގަނޑުވަރުގައިވެސް ހުރި އެންމެ ބޮޑު އަދި އެންމެ ފެންވަރުރަގަޅު ކޮޓަރިއެވެ.
ދޮރުން މީހަކު ވަންހެން ހީވެގެން އާޔަން ބަލައިލިއިރު ނޫރާ ހުއްޓެވެ. ނޫރާގެ މޫނުމަތި ހުރީ ރަތްކުލަ އަރާފައެވެ. ލަދުންގޮސް މީހާ ހަލާކުވާވަރުވަނީއެވެ. ހިތް ވަނީ އަވަސްވެފައެވެ. ނޫރާއަށް ކޮޓަރި ފެނުމުން ހައިރާން ވެފައި ހުރެވުނީއެވެ. އަވަސް ވެފައިވާ ހިތްވެސް މައިތިރިވެއްޖެއެވެ.
ކޮޓަރި ބޮނޑުކަމުން ނޫރާމެން ކުރިން އުޅުނު މުޅި އެޕާރޓްމެންޓް ވަރު ވާނެކަން ގައިމެވެ. ޗާންދަލިޔާގެ އަލިކަމުން މުޅި ކޮޓަރިއަށް އެޅިފައިވަނީ ވަރަށްވެސް ހިތްގައިމު އައްޔެކެވެ. ސަންގުމަރުމަރު ހިލައިން ވާ ފާރުތަކުގެ އޮފްކަމުން ދަޅައަޅަމުން ދެއެވެ. ކޮޓަރީގެ އެއްބިތުގައި އެއްކޮން ވަނީ ކަޅު ބިއްލޫރީގެ އަލަމާރިއެކެވެ. ކަހާ ދޮރެެއް ލާފައިވާ ފާހާނާގެ ދޮރުވަނީ ކަހާލެވިފައެވެ. ފާހާނާވެސް އެވަނީ ދިމާ ކުރިމަތިން ފެންނާށެވެ. ބޮޑު ފާހާނާއެކެވެ. ފާހާނާގައި ވާ ޖަކޫޒީވެސް އެހާމެ ބޮޑެވެ. ވަރަށްވެސް ޝާހީ ފާހާނާއެކެވެ.
އާޔަން އައިސް ނޫރާކައިރީ މަޑުކޮށްލައިގެން ހުރިއިރު ނޫރާއަށް ނުވެސް އިނގެއެވެ. ނޫރާހުރީ ވަރަށް ބޮޑަށްވެސް ހައިރާންވެފައެވެ. މިފަދަ ތަނެއް ދުވަހަކުވެސް ނޫރާގެ އުމުރުގަ ނުފެނޭ ވިއްޔާއެވެ.
“ނޫރާ!” އާޔަން އެތަށް އިރަކުހުރެފަ ނޫރާއަށް ގޮވާލިއެވެ. ނޫރާ ދިޔައީ ސިއްސައިގެނެވެ. އާޔަންކައިރިއަށް ހިނިއައެވެ. އަދި ނޫރާގެ އަތުގަ ހިފާ ކައިރިއަށް ގެނެސް ނޫރާގައިގައި ބައްދާލިއެވެ.
“މިއަދުމީ އާޔަންގެ ހަޔާތުގައި އައި އެންމެ އުފާވެރިދުވަސް. އާޔަންގެ މީހަކަށް ނޫރާވެއްޖެ. ދެން ނޫރާ އުފަލުގައި ބެހެއްޓުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމަކީ އާޔަންގެ ޒިންމާއެއް. އާޔަން ނޫރާދެކެ ވަރަށް ލޯބިވޭ. އިރާދަ ކުރެއްވިއްޔާ އާޔަން މިވާ ލޯބި ނޫރާދެކެ އުމުރަށް ވާނަން. ނޫރާ ހަދާން ބަހައްޓާތި.” ލޯބިން ފުރިގެންވާ ނަޒަރަކުން އާޔަން ނޫރާއަށް ބަލައިލިއެވެ. “އާޔަން އަންނާނަން ފްރެޝް ވެލައިގެން.” އަދި ނޫރާ ގަޔާ ދުރުކޮށްލުމަށްފު ބުންޏެވެ.
އާޔަން ފާހާނާއަށް ވަދެ ދޮރު އެއްކޮން ކަހާލިއެވެ. ފާހާނާގެ ދޮރު ކަހާލުމުން ފެންނަން ހުރީ ބޮޑު ލޯގަޑެކެވެ. ނޫރާ ލޯގަޑަށް ބަލައިލިއެވެ. މިހާރު އެތާ ދޮރެއް ވާހެންވެސް ހީނުވެއެވެ. ނޫރާ އަޖައިބުވެފަ ހުއްޓާ ކުއްލިއަކަށް ކޮޓަރި ދޮރުހުޅުވުނެވެ. އެތެރެއަށް ވަދެގެން އައީ ކުޑަކުޑަ ޒައު އެވެ.
“ނޫތާ! ކޮބާ އާޔަންބެ؟ ޒައު މިއައީ މިތާ ނިދަން. އާޔަންބެ ބުނީ ޒައުއަށް މިތާ ނިދޭނެޔޯ. ނޫތަވެސް އަންނަންވީނު ޒައުއާ އެއްކޮން މިތާ ނިދަން.” ޒައުގެ ޅަ އަޑުން ބުނެލިއެވެ. ނޫރާ ލޯބިން ފުރިގެންވާ ބެލުމަކުން ޒައުއަށް ބަލައިލިއެވެ. އަދި ގޮސް ޒައު އުރާލިއެވެ. ޒައުއަށް ލޯބިކޮށްލުމަށްފަހު ގެންގޮސް އެނދުމަތީ ބޭއްވިއެވެ. މަލުގެ ދާނުގައި ނިދާލާހިތުން އުޅޭ އެކުޑަކުޑަ ހިތައް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ހިނިއައިސްގެން ނޫރާއާއި ދިމާއަށް ބަލައިލިއެވެ. އަދި މަލުގެ ފިޔަތަކުން ވަސްބަލަން ފެށިއެވެ.
އާޔަން ފާހާނާއިިން ނިކުތީ ރޯބްއެއް ލައިގެނެވެ. އާޔަން ނިކުތުމާއިއެކު އެނދުމައްޗަށް ފުންމައިގެން ކޮޅަށް ޒައު ތެދުވިއެވެ.
“އާޔަންބޭ! ޒައު މިއައީ ނިދަން.” ޒައު އެނދުގައި ފުމެމުން ބުންޏެވެ.
“އެހެންތަ. އާން އެހެންވިއްޔާ އަވަހަށް އޮށޯވޭ މަޑުމަޑުން. އޭރުން ނިދޭނީ.” އާޔަން އަލަމާރި ކައިރިއަށް ހުއްޓެމުން ބުންޏެވެ.
އެވަގުތު ނޫރާގެ ފޯނަށް އައީ މެސެޖެކެވެ. ނޫރާ އަވަހަށް ޖީބުން ފޯނުނަގާ ބަލައިލިއިރު އާޔަން މަންމަ ކޮށްލާފައިވާ މެސެޖެކެވެ. ތިރިއަށް ކާން އައުމަށެވެ. އާޔަން ކައިރީ އެހެން ބުނެލަމުން ނޫރާ ކޮޓަރިން ނިކުތެވެ.
އެރޭ އެންމެފަހުން ޒައު ނިދީ އާޔަންކޮޓަރީގައެވެ. ޒައު ނިދުމުން އާޔަން ނަމާދުކޮށްލައިގެން ތިރިއަށް އައިއިރު އެންމެން ތިބީ ކާމޭޒުކައިރީ އެކިވާހަކަ ދައްކާށެވެ. އެންމެންވެސް ތިބީ އާޔަންގެ އިންތިޒާރުގައެވެ. އާޔަން އައުމުން އެންމެންވެސް ކާންފެށިއެވެ. ކައިނިމިގެން ޝަކީބް މައްޗަށްގޮސް އާޔަންކޮޓަރީ ނިދާފައޮތް ޒައު ކޮނޑަށް ލައިގެން ގެނެސް ޒައުގެ އެނދުގައި ބޭއްވިއެވެ. އެންމެންވެސް ތިބީ ވަރަށް ވަރުބަލިވެފައެވެ. އެހެންކަމުން މާގިނައިރެއްނުވެ އެކިމީހުން ކޮޓައިތަކަށް ވަދެ ނިމިއްޖެއެވެ.
އާޔަން ފަހަތުން ނޫރާކޮޓަރިއަށް ދިޔައިރު ނޫރާގެ ހިތް ބާރަށް ތެޅެމުން ދެއެވެ. ކޮޓަރިއަށް ވަދެވުމާއިއެކު ނޫރާއަވަހަށް ވަނީ ފާހާނާއަށެވެ. އެތައްއިރަކު ފާހާނާގައި ނޫރާ އުޅުނެވެ. ލަދުގަންނަނީއެވެ. ޖެހިލުންވަނީއެވެ. ނިކުންނަން ނުކެރިފައި އެތަކެއް އިރު ހުއްޓެވެ. ދެން އާޔަންގެ ހަރަކާތް ހުންނާނެގޮތަކާއިމެދު ފިކުރުކޮށްލެވުނެވެ. އިރުގަނޑެއް ވުމަށް ފަހު ނޫރާފާހާނާއިން ނިކުތެވެ. ނޫރާ އެކި ދިމަދިމާ ބަލައިލިއެވެ. ނޫރާބެލީ އާޔަން ކޮބައިތޯއެވެ. އޭރު އާޔަންކޮޓަރި ބެލްކަނީގައި އަތްއަޅުވައިލައިގެން ބޭރުބަލަން ކުޑަކޮން ގުދުވެލައިގެން އޮތެވެ. އާޔަން ހުރީ ނިދާ އެއްޗިހީގައެވެ. އާޔަން ލައިގެން ހުރި ކުރުތާގެ މަތީ ގޮށްތައް ނާޅުވަ ހުރުމުން އާޔަންގެ މޭމަތިން ބޮޑުބައެއް ވަނީ ހާމަވެފައެވެ. އެހެން ހުންްނައިރު އާޔަން ފެންނަނީ ވަރަށްވެސް ފިރިހެންވަންތަ ގޮތަކަށްވެ. ނޫރާ ފާހާނާއިން ނިކުތްކަން އާޔަންއަށް އިނގުމާއިއެކު ނޫރާއާ ދިމާއަށް ބަލައިލިއެވެ. ނޫރާ ލައިގެން ހުރި ހެދުން ފެނުމުން އާޔަން ހުރީ ހައިރާންވެފައެވެ.
“ނޫރާ! ނަމާދުކުރަންތަ ތިއުޅެނީ؟” އާޔަން އަހާލީ ނޫރާ ލައިގެން ހުރީ ނަމާދުކުރަން ނޫރާ އަބަދުވެސް ލާހެދުން ލައިގެން ހުރީމައެވެ. ނޫރާ ބޯހޫރާލިއެވެ. ނޫރާ މާކުރިން ނަމާދުކޮށްފިއެވެ. އެހެދުމުގައި ނޫރާހުރީ ނޫރާއަށް ނޫރާނިދަންލާން ގެންގުޅޭ ހެދުންތައް ލައިގެން އާޔަން ކުރިމައްޗަށް އަންނަން ނުކެރިގެންނެވެ.
“ދެން؟ ކީއްވެ ތިހެދުން ލައިގެން ތިހިރީ؟” އާޔަން ހުރީ ހައިރާންވެފައެވެ.
“ނޫރާ އަތުގަ ނެތޭ ނިދަންލާނެ ހެދުމެއް!” ނޫރާ އަށް ބުނެވުނީ އެހެންނެވެ.
އާޔަންއަށް ނޫރާއަށް ވެގެން އުޅޭގޮތް ވިސްނިއްޖެއެވެ. އެހެންކަމުން ނޫރާއާއި ގާތްވެލުމަށްފަހު އާޔަންގެ ދެއަތުން ނޫރާގެ އުނަގަނޑުގައި ހިފާއާޔަންއާއި ކައިރިކޮށްލިއެވެ. ނޫރާގެ ހިތް ބާރަށް ތެޅެންފެށިއެވެ. މުޅިގަޔަށް ކަރަންޓު އަންނަންފެށި ހެން ނޫރާއަށް އިހްސާސް ވެގެން ދިޔައެވެ.
“ދެން އެއްޗެއް ނުލާހުއްޓަސް އާޔަންއަށް އޯކޭ!” ނޫރާގެ ކަންފަތާއި ދިމާއަށް އާޔަންގެ މޫނުކައިރި ކޮށްލުމަށްފަހު ސަމާސާ ރާގަކަށް އާޔަން ބުންޏެވެ. ނޫރާ ލަދުން އާޔަން ކޮށްޕާލަން އުޅުނެވެ. ނަމަވެސް އެކަން ވާގޮތެއް ނުވިއެވެ. އާޔަން ނޫރާގައިގައި ހިފަހަށްޓާފައި ހުރީ މާބާރަށެވެ. އާޔަންގެ މޫނު ނޫރާގެ މޫނާކައިރިވަމުން ދިޔައެވެ. އާޔަންގެ ނޭވާނޫރާގެ މޫނަށް އެޅެމުންދިޔައެވެ. ނޫރާގެ ހިތް ކޮންޓްރޯލްނުވާވަރަށް ތެޅެމުންދިޔައެވެ. ބޭއިހްތިޔާރުގައި ނޫރާއަށް ލޯމަރާލެވުނެވެ. އެވަގުތު އާޔަންގެ ތުންފަތްއައިސް ނޫރާގެ ތުންފަތުގައި ބޮސްދިނެވެ. ދެމީހުންގެވިންދު އަވަސްވާންފެށިއެވެ. އާޔަންގެ އޯގާތެރި ބީހުންތަކުން ނޫރާގެ ހުރިހާވިންދަކާ ކުޅެލައިފިއެވެ. މިއީނޫރާގެ ފުރަތަމަ ފަހަރުކަމުން އާޔަން ބެލީ ވީހާވެސް ނިޔަނެތިކޮން ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ކޮންމެފިޔަވަޅެއްވެސް އާޔަންއަޅަނީ ނުހަނު އޯގާތެރި ކަމާއެކު ވަރަށް ބަލައިގެނެވެ. އާޔަގެ ޖަޒުބާތުތަށް ވަކި ކޮންޓްރޯލެއްގެ ދަށުގައި ބަހަށްޓައިގެން ލަސްލަހުން ފެށުމުން ދެމީހުނަށް ކުރަމުން ދިޔަ އިހްސާސްތައް މާވަރުގަދަވެފައި ވެއެވެ. އިސާހިތަކު ނޫރާގެލަދުވެތިކަން ފިލާހިގައްޖެ އެވެ. ދެމީހުންގެ އަންނައުނުތައްވަނީ ބިންމަތީ އެތަން މިތަނަށް އެޅިފައެވެ. އާޔަން ނޫރާ އުފުއްލާލިއެވެ. އަދި އެނދުގައި މަޑުމަޑުން ބޭއްވިއެވެ. އާޔަންގެ އަތާއި ތުންފަތް ބީހިލާ ކޮންމެ ހިސާބެއްގައި ކަރަންޓް ދަތުރުކޮށްލަނީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. ދެޖިސްމުގައި ހިފާފައިވާ އަލިފާންގަނޑުގައި ހުޅުހިފައިގެން ދިޔައެވެ. ހިތަށްވެސް ނުގެނެވޭފަދަ މަތިވެރި އުފާތަކެއްގައި އެރޭގެ ބޮޑުބައި ހޭދަވެގެން ދިޔައެވެ. ވެފައިވާ ވަރުބަލިކަމާއެކު އެކަކު އަނެކެއްގެ އަތުތެރޭއޮވެ ނިދޭގޮތް ވިއެވެ.
ނޫރާއަށް ފަތިހު ހޭލެވުނީ ނޫރާގެ ފޯނު އެލާމްވާއަޑަށެވެ. ނޫރާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ޖެހުމާއި އުފާވެރިކަމެވެ. މިހާރު ނޫރާއަކީ މީހެއްގެ އަންބެކެވެ. އަދި ރޭގައިނޫރާ އަންހެނަކަށްވެ ނިމިއްޖެއެވެ. ނޫރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ރޭގެ ހަދާންތައް ވުމުންނެވެ. ނޫރާތެދުވެ އެންމެކުރިންވެސް ބަލައިލީ އާޔަން ކޮބައިތޯއެވެ. އާޔަންއެއް ކޮޓަރިއަކު ނެތެވެ. ބިންމަތީގައިިވަނީ ނޫރާއާއި އާޔަންގެ އަންނައުނު ތަކެވެ. ނޫރާ ހުރިހާއެއްޗެއް ހޮވާލިއެވެ. ނޫރާފާހާނާއަށްވަދެ ފެންވަރާލިއެވެ. އެހާފަތިހާ ފެންވެރުމަކީ ނޫރާ ވަރަށް ފޫހިވާކަމެކެވެ. ފެންވަރާހިނައިގަތުމަށްފަހު ނުުކުމެ ތައްޔާރުވެލިއެވެ. އެއަށްފަހު ނަމާދުކޮށްލިއެވެ. އަދިވެސް އާޔަންއެއް ކޮޓަރިއަކަށް ނާދެއެވެ. އާޔަން ދިޔައީ ކޮންތާކަށްބާއޭ ނޫރާހިތަށް އަރަމުން ދިޔައެވެ. ބޭރަށް ނިކުންނަން ހިތައްއަރާފަވެސް ނޫރާ އައިސް އެނދުގައި އޮށޯތްކަމެއްނޭގެ އާޔަން އައިސް ވަނެވެ. އާޔަން ހުރީ ވަރަށް އަވަސް އަރުވާލާފައެވެ. އާޔަން ފާހާނާއަށް ވަންނަމުން ނޫރާކައިރީ ތައްޔާރުވުމަށް ބުންޏެވެ. ވެގެން އުޅޭގޮތެއް އެއްވެސްގޮތަކަށް ނޫރާއަކަށް ނޭގެއެވެ. އާޔަންގެ ހާސްކަން ފެނިފައި ކޮންމެސްކަމެއް ވެއްޖެކަން ނޫރާއަށް އިނގުނެވެ.
“ކިހިނެއްވީތަ؟” އާޔަން ފާހާނާއިން ފެންވަރައިގެން ނިކުތުމުން ނޫރާއަހާލީ ހިތްއަވަސްވެފައި ހުރެއެވެ.
“ނޫރާ މިވަގުތު އަވަހަށް ރީތިވޭ! އާޔަން ފަހުން ކިޔައިދޭނަން.” އާޔަން އަވަހަށް އެއްޗިހި ލައިގެން އެރީ ނަމާދަށެވެ.
“ކިހިނެތްތަވީ؟” އާޔަން ނަމާދުކޮށް ނިމުމާއިއެކު ނޫރާ އަނެއްކާވެސް ސުވާލު ކުރިއެވެ.
“ހިނގާދާން. ދާމަގުމަތީ ކިޔައިދޭނަން.” ނޫރާގެ އަތުގެ މުލައްދަނޑީގައި ހިފައިގެން އާޔަންނުކުތީ ކޮޓަރިން ބޭރަށޭވެ. ދެމީހުން ގޮސް ކާރަށް އެރިއެވެ.
“ނޫރާ! ބީ ބްރޭވް.” އާޔަން ކާރަށް އަރާ އެންމެ ފުރަތަމަވެސް ބުނީ އެހެނެވެ. ނޫރާގެ ހިތައް ނޭގޭ ބިރުވެރިކަމެއް ވަދެގެން ހިގައްޖެއެވެ. “ނޫރާ! ހިތްވަރު ކުރައްޗޭ!” ކާރު ދުއްވާލުމުން އާޔަން ނޫރާކައިރީ ބުންޏެވެ. “ނޫރާގެ ބައްޕަ ދެންމެ ކުއްލި ހާރޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލްއަށް ގެންގޮސްފި! އެންމެންވީ މިހާރު އެތާ! އާޔަންއަށްވެސް ހޭލެވުނީ މަންމަ އައިސް ދޮރުގައި ޓަކިޖަހާތީ! އާޔަން ތިރިއަށް ދިޔައިރު ނޫރާބައްޕަ އޮތީހޭނެތިފަ! އެމްބިއުލާންސްއަށް ލާފަ ފޮނުވާލާފަ އާޔަން އޭރު ކޮޓަރިއަށް ދިޔައީ!” އާޔަން ނޫރާގެ އަތުގަ ހިފާލިއެވެ. “އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަގަޅުވާނެ!” އާޔަން ބުންޏެވެ.
ނޫރާއަށް ރޮވެންފެށިއެވެ. ކުރިންދުވަހު ނޫރާގެ ބައްޕަ ދައްކާފައިވާ ވާހަކަތައް ނޫރާގެ ކަންފަތުގައި ގުގުމާލިއެވެ. ފަހަކަށްއައިސް ބައްޕަ އަބަދު އެކަހަލަވާހަކަ ދައްކައެވެ. ނޫރާގެލޮލަށް ކަރުނަތައް ގިނަވަމުން ދާންފެށިއެވެ. އާޔަން ހިތްވަރު ލައިދެމުން ގެންދެއެވެ.
ނޫރާއާއި އެކު އާޔަން ހޮސްޕިޓަލްއަށް ވަން އިރު އިމަޖެންސީ ކޮޓަރި ކައިރީ ޒޫނާއާއި ސައީދާ ކޮޅަށް ހުއްޓެވެ. ޝަކީބް އާއި ނައީމާ އިށީދެގެން ތިބިއިރު އެދެމީހުންގެ މެދުގައި ޒައު ޕެކެޓެއް ބޯން އިނެވެ. އާޔަން ފެނުމުން ޒޫނާއައިސް އާޔަންއަށް މިހާރުގެ ހާލަތު ކިޔައިދިނެވެ.
” ވަރަށް ސިވިއަރ އެޓޭކެއް ކަމަށް ޑޮކްޓަރ ބުނީ!” ޒޫނާ އާޔަން ކައިރީ ބުންޏެވެ. ކައިރީގައި ހުރި ނޫރާއަށް ރޮވެން ފެށިއެވެ. ނޫރާގެ ލޮލުން ކަރުނަ އަންނަތަން ފެނުމުން ދުރުގަހުރި ސައީދާއަށް ކެތެއް ނުކުރެވުނެވެ. ސައީދާއައިސް ނޫރާގައިގަ ބައްދާލުމަށްފަހު ދެމީހުން ދެމީހުނަށް ހިތްވަރު ލައިދިނެވެެ.
ވިއްސަކަށް މިނިޓްފަހުން ޑޮކްޓަރ ނިކުތީ މާޔޫސްކަން އެކުލެވިފައިވާ މޫނަކާއެކުއެވެ. ޑޮކްޓަރގެ މޫނުމަތިންވެސް ކަންތައް ރަގަޅު ނޫންކަން ފާޅުވެގެން ހިގައްޖެއެވެ. އާޔަން އައިސް ޑޮކްޓަރ ކައިރީ ކޮރެއާބަހުން ވާހަކަ ދައްކަން ފެށިއެވެ. ޑޮކްޓަރ ބޯހޫރާލިއެވެ. އަދި އާޔަންކައިރީ ވާހަކަ ތަކެއް ދެއްކުމަށްފަހު އާޔަންގެ ކޮނޑުގައި ޖަހާލަމުން ހިގައި ގަތެވެ. ޒޫނާއަށް ޑޮކްޓަރ ދެއްކިވާހަކަ އިގިގެން ޒޫނާއަށް ރޯންފެށުނެވެ. އާޔަން ނޫރާއަށް ބަލައިލީ ފެންކަޅިވެފައި ހުރެއެވެ. އެބަލައިލުމުންވެސް ނޫރާއަށް ގޯހުން ގޯހަށް ކަންތައް ގޮއްސިކަން ދެނެގަނެވިއްޖެއެވެ.
ސައީދާއަށްވެސް މިހާރު ވެގެން އުޅޭގޮތް އެގިއްޖެއެވެ. ނަމަވެސް ސައީދާ އެކަމެއް ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. ކުރިންދުވަހު އެހާ އުފަލުގައި ފާރޫގް ހުރެފައި ކުއްލިއަކަށް ވަކިވެގެން ދާނެކަމަކަށް ސައީދާ ގަބޫލެއް ނުކުރެއެވެ.
“ހުސް ދޮގު! ފާރޫޤް އަހަރުމެންނާ ވަކިވެގެން މިހާއަވަހަކަށް ނުދާނެ! ހުސްދޮގު!” ސައީދާ ހަޅޭއްލަވަން ފެށިއެވެ. މޮޔައަކު ފަދައިން އެކަކު ކައިރިން އަނެކަކު ކައިރިން ދުވަން ފެށިއެވެ. ޝަކީބްގޮސް ސައީދާ ހިފަޓާފައި ތަޅުވައިގަތުމުން ސައީދާ ރޯންފެށިއެވެ. ޒޫނާ ސައީދާކައިރިއަށް އައިސް ސައީދާގެ ކޮނޑުގައި އަތްބާވާލައިގެން ގޮނޑީގައި ބޭންދިއެވެ. ނޫރާގެ މަންމަގެ ހާލާމެދުވެސް ހިތާމަކުރަމުން ނޫރާއަށް ކެތެއްނުވިއެވެ. އާޔަންގެ މޭގައި މޫނު ޖައްސައިގެން ހުރެ ރޮވެންފެށިއެވެ. އާޔަން ލައިގެންހުރި ޓީޝާޓްގެ މޭމަތި އިސާހިތަކު ތެމިގެން ދިޔައެވެ. އާޔަން ނޫރާގެ ބުރަކަށީގައި ފިރުމަމުން ދިޔައީ ހިތްވަރުކުރުމަށް ބުނަމުންނެވެ.
އެވަގުތު އިސްމާޙް އާއި އަމީނާ ވެސް އެތަނަށް އައެވެ. އަދި ފަހަތުން ހަނާއާއި ހަނާގެ ދެކުދިންވެސް އެތަނަށް އައެވެ. އެއީ ހިތާމައިގެ ދުވަހެކެވެ. ކުރިންދުވަހު އުފަލުގައި ކައިވެނީގައި މުޅި އާއިލާއުޅެފައި މިއަދު ހިތާމައިގައި އެންމެންނަށް އުޅެންޖެހުނީއެވެ. އުސްގަނޑަކަށްފަހު އަޑިގަނޑެއް އަންނާނޭ ބުނާފަދައިން އުފާވެރިކަމަކަށްފަހު ހިތާމައެއް މިއޮތީ އައިސްފައެވެ.
* * * * * * * * * *
އޭގެ ފަސް ދުވަސް ފަހުން އާޔަން ނޫރާ ގޮވައިގެން އަނބުރާ މެލޭޝިޔާއަށް ދިޔައީ ނޫރާގެ ކިޔެވުން ފެށޭތީއެވެ. ނައީމާ ސައީދާ ކައިރީ މަޑުކުރީ ސައީދާ ހަމައަކަށް އެޅެންދެނެވެ. ޒޫނާ ހުރީ ސައީދާ ބެލުމަށް ތައްޔާރަށެވެ. ސައީދާއަކީ ޒޫނާގެ އެއްބަނޑު އެއްބަފާ މީހެއްކަމުގައި ޒޫނާ ދެކޭތީއެވެ.
ނޫރާގެ ބައްޕަގެ ކުއްލިމަރާ ގުޅިގެން އައި ސިހުން މިހާރު ވަނީ ކޮންމެވެސްވަރަކަށް ހަމައަކަށް އެޅިފައެވެ. އާޔަން އެތަކެއްގޮތްގޮތުން ނޫރާއަށް ވިސްނައިދިނެވެ. އާޔަންގެ ލޯބި އެހާފުރިހަމައަށް ލިބެމުން ދިއުމާއިއެކު ނޫރާގެ ހިތުގައިވާހިތްދަތިކަން ފިލައިގެން ދާކަށް މާގިނަދުވަހެއް ނުނެގިއެވެ.
މެލޭޝިޔާއަށް އައިދުވަސްނޫން އަނެއްދުވަހު ނޫރާގެ ކިޔެވުން ފެށިއްޖެއެވެ. މިހާރު ފާތުއާއި މޫސަވަނީ ނިމިފައެވެ. އެމީހުންގެ ގްރެޖުއޭޝަން އޮނަނަނީ ތިންމަސްފަހުން ކަމަށްވާތީ ފާތު މާލެނުދާނަމޭ ބުނެފަވެސް މާލެދިޔައީއެވެ. ކިޔެވުން ނެތީމަ ފޫހިވަނީއޭ ކިޔާފައެވެ. މޫސަގެ އާއިލާ ޒީނާ ނިމުނީމަދާން މަޑުކުރީއެވެ. އެހެންކަމުން މޫސަވެސް މަޑުކުރީއެވެ.
އެދުވަހު މެންދުރު މިޑްސަމަރއަށް ކާންދިޔައިރު މޫސައާއި އާޔަންވެސް އެތާތިއްބެވެ. އެދެމީހުންއައީ އާޔަން މެންގޭގައި ތިބެފައެވެ. ނޫރާ ބަލާ އާޔަން އައިއިރު މޫސަވެސް އައީއެވެ. މިހާރު މޫސަގެކާރު ދުއްވަނީ ޒީނާއެވެ. ނާއިފް އަންނަނީ ޒީނާއާއި އެކުއެވެ. ލައި އުޅެނީ ލައިގެ ކާރުގައެވެ. މޫސަ ފިޔަވާ އެހެން އެކަކަށްވެސް އަދި އާޔަންއާއި ނޫރާ ކައިވެނި ކުރިކަމެއް ނޭގެއެވެ. މޫސައަށްވެސް އިނގުނީ އާޔަންގެ ގެއަށްގޮސް އާޔަންގެ ލެޕްޓޮޕްގައި ހުރި ފޮޓޯތައް ފެނުމުންނެވެ. ކުރިން އެކަން މޫސައަށް ނޭންގުމުން މޫސަ ވަރަށް މައްސަލަ ޖެއްސިއެވެ.
“ޒީނާ އާއި ނާއިފް މިއުޅެނީ މެރީކުރަން! ދެން އެންމެ އަވަހަށް އަންނަ ސެމް ބްރޭކްގަ މާލެގޮއްސަ މެރީކޮށްގެން އަންނަނީ!” ނާއިފް ވާހަކައިގެ ތެރެއިން ބުންޏެވެ.
“އަސްލުތަ! ލައިމެންވެސް ދާންތާ ތިޖެހުނީ ސެމް ބްރޭކްގަ!” ލައި ބުންޏެވެ. އެވަގުތު އާޔަން ނޫރާއަށް ބަލައިލިއެވެ. ބުމަ އަރުވާލިއެވެ. ނޫރާ ބޯޖަހާލިއެވެ.
“ލޮލުންނާ ބޮލުންނާ ކޮންވާހަކައެއް މިދެމީހުން މިދައްކަނީ؟” ނޫރާ ކައިރީ އިން ޒީނާ ބުނެލިއެވެ.
“އާޔަންމެން އެބައޮތް ވާހަކައެއް ބުނަންވެފަ. އެކަމު އެވާހަކަ ބުނެވޭނީ ވަރަށް ހާއްސަ ތަނަކަށްގޮސް ހާއްސަ ކަމަކާއި އެކު!” އާޔަން ކުރިމަތީ އިން ނޫރާއަށް ބަލައިލަމުން ހީލިއެވެ.
“ތި ދެމީހުންވެސް މެރީކުރަންވީ ދޯ؟” ލައި މަޖާވެލާފައި ބުނެލިއެވެ.
“ފާތުވެސް ޖެހޭނެ މިއަންނަވީކެންޑްގަ މިކޮޅަށް ގެންނަން. އޭރުން އޭނައަށްވެސް ބައިވެރިވެވޭނީ!” އާޔަން ބުންޏެވެ. “އެންމެން ތައްޔާރުވޭ ޓަވަރަށްދާން. އާޔަން ބުނީމެއްނު އެންމެން ޓަވަރަށް ގެންދާނަމޭ!”
“ތީވަރަށް މުހިންމު ވާހަކައެއްތާދޯ! އަވަހަށް ޝޮޕިންއަށް ދާންވީ ރީތި ހެދުމަކާއެއްޗިހި ހޯދަންޖެހޭނެ!” ލައިބުންޏެވެ.
“ލާންވީ ހެދުންވެސް ޗޫސްކޮށްފަ އާޔަންކައިރީ ބުނޭ! އާޔަން ގަނެދޭނަން. އެންމެނަށްވެސް.” އާޔަން އިނީ ވަރަށް އުފާވެފައެވެ.
އެދުވަހު އާޔަން ނޫރާގޮވައިގެން ގެއަށްދިޔައީ އިރުއޮއްސެން ކައިރިވެފައި ހުއްޓައެވެ. ދެމީހުން ތާޒާވެލައިގެން ނިކުމެ ނަމާދުކޮށްހެދިއެވެ. ނޫރާ އިށީނީ ނޫރާގެ ފުނިޖެހިފައި އޮތް އެސައިންމެންޓްތަށް ހަދާށެވެ. ނޫރާގެ ބައްޕަ ނިޔާވިފަހުން މިއަދުމީ ހަތްވަނަ ދުވަހެވެ. އަދިވެސް ބައެއްފަހަރު ނޫރާ އެކަނިވާ ވަގުތު ލޮލުން ކަރުނަ ހިލިފައިވާތަން އާޔަންއަށް ފެނެއެވެ. މިހާރު ނޫރާވިސްނަމުން ދަނީ ނޫރާގެ މަންމައާއި ދޭތެރޭއެވެ. އެކަން އާޔަންއަށް އިނގެއެވެ. އާޔަން ނޫރާއަށް އެހާވަރަށް އެކަންތައްތަކާ ނުވިސްނުމަށް ނަސޭހަތްތެރި ވެއެވެ. އާޔަންމެންގެ ފެމިލީ އަބަދުވެސް ނޫރާމެންގެ ފެމިލީ ބަލާނެކަމުގެ ފުރިހަމަ ޔަގީންކަން ދިނެވެ.
ހަފްތާބަންދަށް އާޔަން ވަރަށްގިނަ ތައްޔާރީތަށް ވިއެވެ. ޓަވަރުގައި އިންނަ ރެސްޓޯރެންޓް އެއްކޮން އާޔަން ބުކްކުރިއެވެ. ފާތުވެސް އާޔަންގެ ހަރަދުގައި މެލޭއަށް އެދުވަހު ގެނައެވެ. ޓަވަރަށްދިއުމަށެވެ. މޫސަފިޔަވާ އެހެން އެކަކަށްވެސް އާޔަން ކުރަން އުޅޭކަމެއް ނޭގެއެވެ. އަމީންއަށްވެސް ދައުވަތުދިނެވެ. އަމީންއަކީ އަދިވެސް ނޫރާގެ އެކުވެރިއެއްކަމަށް އާޔަން ދެކެއެވެ.
އެދުވަހު އާޔަންއާއި ނޫރާ ތިބީ ކައިވެންޏަށް ތައްޔާރުވާފަދައިން ތައްޔާރުވެގެނެވެ. އެންމެން ޓަވަރަށް އައީ މޫސައާއި އެކުއެވެ. ރެސްޓޯރެންޓަށް ވަންއިރު އާޔަންއާއި ނޫރާ ތިބިގޮތް ފެނިފައި އެންމެނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ކައިވެނީގެ ހަފުލާއެއްކަން އިނގުނީވެސް ދެނެވެ. އަމީންއުފާވީ ނޫރާ އުފަލުގައި ހުރިތަން ފެނުމުންނެވެ. އަމީން ނޫރާދެކެ ލޯބިވެއެވެ. ނޫރާ އެހެން މީހަކާ އިނދެގެން އުޅުނަސް ނޫރާ އުފަލުގައި ހުރީވިއްޔާ އަމީންއަށް އެންމެރަގަޅެވެ. ފާތު އާއި ލައި ކުރިން ނުބުނީމަ ހިތްހަމަނުޖެހުންވެސް ފާޅުކުރިއެވެ. އެރޭ އާޔަންމެންގެ ކުއްލި ކައިވެނީގެ ވާހަކަ އެންމެނަށް ކިޔައިދިނެވެ.
“އާޔަންމެންނަށް ވެސް ލިބުނީ ކުއްލި ސަރޕްރައިސްއެއް! އެހެންވީމަ ކިހިނެއް އެންމެނަށް އަންގާނީވެސްދޯ!” އާޔަން ބުންޏެވެ.
އެރޭ ފަހުން އެންމެންވެސް ތިބީ ވަރަށް އުފާވެފައެވެ. އާޔަންއާއި ނޫރާއަށް ބާއްޖަވެރި ހަޔާތަކަށް އެދި އެންމެންވެސް ދުޢާކުރިއެވެ. ފާތު ދެދުވަހު މެލޭގައި ހުރެފައި އަނެއްކާވެސް ފުރައިގެން މާލެދިޔައީއެވެ.
އެދުވަހުގެ ފަހުން ދެން އައީ އަނެއްކާވެސް އެފާވެރިކާމާއިއެކު އެންމެން އުޅެންފެށި ދުވަސްކޮޅެކެވެ. އާޔަން މިހާރު ކޮންމެދުވަހަކު ހެދުނު ނޫރާ ޔުނީއަށް ލާފައި އާޔަން ބައްޕަގެ ހޮޓާތަކާއި ރެސްޓޯރެންޓްތަކަށް ދާން ފެށީ ފޫހިވެފައި ހުންނަން ޖެހޭތީއެވެ. ކޮންމެސް ދުވަހަކުން އެކަންތައްތައް ބަލަހައްޓަން ޖެހޭނީއާޔަންއަށް ކަން އާޔަންއަށް އިނގެއެވެ. އެކިދުވަހު އެކިދިމާލަށް އާޔަން ދެއެވެ. މޫސަ ހުސްކޮން ހުންނާތީ ކޮންމެތާކަށްވެސް ދަނީ މޫސަގޮވައިގެންނެވެ. ނޫރާމެން ޔުނީ ނިމޭއިރަށް މިޑްސަމަރއަށްކާން ވެސް ދެއެވެ. އެކަހަލަ ގޮތަކަށް އުޅެމުން ތިންމަސްވެސް ފާއިތުވެ ހިގައްޖެއެވެ.
ސައީދާ ގޮވައިގެން ޒޫނާވެސް ކޮރެއާއިން އައީ އާޔަންގެ ގްރެޖުއޭޝަންއަށް ކޮންމެހެން އަންނަން ވެގެންނެވެ. ނައީމާމެން މާކުރިން މާލެ ހިގައްޖެއެވެ. ސައީދާއައިސް އުޅެންފެށީ ޒޫނާކައިރީއެވެ. އާޔަންމެންގޭގައެވެ. އެންމެންވެސް އުޅެމުންއައީ ވަރަށް އުފާވެރިދިރިއުޅުމެކެވެ. ޒޫނާ ސައީދާއަށް ހުރިހާކަމެއް ކޮށްދެމުންއައީ ނުހަނު އޯގާތެރިކަމާއެކުއެވެ. އެއްބަޑުއެއްބަފާ މީހަކުވެސް އެހާހެޔޮ ނުވާނޭ ސައީދާ ބުނެއެވެ. ޒޫނާދާ ކޮންމެތާކަށް ސައީދާ ގެންދެއެވެ. ސައީދާ އެކަނިވިޔަ ނުދިނުމަށް ޒޫނާއަށް ކުރެވެން ހުރިކޮންމެ ކަމެއްވެސް ޒޫނާކުރެއެވެ. އިސްމާޙް އައިސްގެން އުޅޭ ދުވަސްކޮޅެއްވިޔަސް ސައީދާކައިރީ ގިނަވަގުތު ހޭދަކުރެވޭތޯ ޒޫނާ ބަލައެވެ. ސައީދާ އެކަނިވެރިވާނެވަރު ޒޫނާއަށް އެގޭތީއެވެ. އިސްމާޙްއަށްވެސް އެކަން އިހްސާސްކުރެވެއެވެ. އަދި ހުދު އިސްމާޙްވެސް ސައީދާ އުފާކޮށްދޭން ތަންތަނަށް ޒޫނާއާއިއެކު ސައީދާވެސް ގެންދެއެވެ. އިސްމާޙްވެސް ސައީދާ ދެކެނީ އަމިއްލަ އެއްބަޑުމީހެއްގޮތަށެވެ.
އިސްމާޙްގެ ލަފާގެމަތިން އާޔަންވެސް މިހާރު އިސްމާޙްގެ ވިޔަފާރީގެ ތެރެއަށް ވަދެއްޖެއެވެ. އެގޮތުން މެލޭޝިޔާގެ ހުރިހާރަށެއްގައި ހުރި ހޮޓާތަކާއި ރެސްޓޯރެންޓްތަށް ބަލަހަށްޓަން އާޔަންއާއި ރަސްމީކޮން ހަވާލުކުރިއެވެ. އެގޮތުން އާޔަންއަށް މިހާރު އަބަދު ދުރުރަށްރަށްވެސް ދާންޖެހެއެވެ. އެދުވަހު ގޮއްސަ އެދުވަހު ނާދެވިފަވެސް ހުންނަންޖެހޭ ފަހަރު އާދެއެވެ. އެކަހަލަ ދުވަސްދުވަހު ނޫރާ ގެއަށް އަންނަނި ލައިއާއި އެކުއެވެ.
އަބަދު އެގޮތަށް އުޅެން ދަތިވާތީ އާޔަން ނޫރާއަށް ކާރުދުއްވަން ދަސްކޮށްދިނެވެ. އަދި ނޫރާލައިސެންސް ނެގުމުން އެފަހަރު ނޫރާގެ އުފަން ދުވަހު އާޔަން ނޫރާއަށް ހަދިޔާއަކަށް ދިނީ އެންމެ އަގުބޮޑު ބީ.އެމް.ޑަބްލިއު އެމް 6 ގެ ރަތްކުލައިގެ ކާރެކެވެ.
އެތަށް ދުވަހަކަށްފަހު ނޫރާގެ ސެމިސްޓަރ ބަންދު އަތުވެއްޖެއެވެ. އެއީ އޮގަސްޓު މަހެއްގެ މެދުތެރެއެވެ. ނޫރާއާއި އާޔަން ތައްޔާރުވަމުންދަނީ މާލެ ދިއުމަށެވެ. ސައީދާއާއި ޒޫނާވެސް ތައްޔާރުވަމުން ދަނީ މާލެދާށެވެ. އާޔަން މާލެނުދާތާ އެތައް އަހަރަކަށްފަހު މިއަދު މާލެދާން މިއުޅެނީ ނޫރާއާއިއެކު ފުރަތަމަ ފަހަރަށެވެ. އާޔަންހުރީ ވަރަށް ހިތްހަމަޖެހިފައެވެ. މިއަދު މޫސަގެ އާއިލާއާއި ނާއިފް އަދި ލައި ވެސް މާލެދަނީ އާޔަންމެން ދާފްލައިޓުންނެވެ. އެދުވަހު ހަވީރު އެއަރޕޯރޓަށް ދާންޖެހެއެވެ. އެންމެންވެސް ފޮށި ބަންދުކުރުމުގައި އުޅެއެވެ. ސައީދާ އެހާދުވަހަށްފަހު މާލެދާން އުޅޭތީ ސައީދާގެ ތިމާގެ މީހުނާއި ފާރޫޤުގެ އާއިލާއަށް ޒޫނާގެ ހަރަދުގައި ހުރީ ހަދިޔާބަދިޔާ ގަނެ އެއްކޮށްފައެވެ. ސައީދާ އެކަމާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ފާރޫޤް ނިޔާވިފަހުން މާލެދާފުރަތަމަ ފަހަރު ފާރޫޤްގެ އާއިލާއަށް ކޮންމެސް އެއްޗެއް ދޭންސައީދާވެސް ހުރީ ނިންމައިގެންނެވެ.
އެންމެން ތައްޔާރުވެގެން ވަރަށް ކުރިން ގޭން ނިކުތެވެ. އެއީ އެއަރޕޯޓަށްގޮސް ކައިހަދާނެ ގަޑި އޭރުން އޮންނާނެތީއެވެ. އެންމެން އެއަރޕޯރޓުގައި ހުރި ރެސްޓޯރެންޓެއްގައި ކާންތިއްބާ ޒީނާއާއި ނާއިފްއެތަނަށް ވަންތަން ފެނިއްޖެއެވެ. އާޔަން ހަނާއަޅާލުމުން އެމީހުން އައިސް އެތަނަށް ގޮނޑިއެއް އިތުރު ކޮށްލާފައި އިށީނެވެ.
“ކޮބާ އެހެން މީހުން؟” އާޔަން އެހިއެވެ.
“އެމީހުންވެސް އެބައާދޭ! މޫސަޔާ ލައި އާ ކޮންމެސް މައްސަލަގަޑެއް ތެރޭ އުޅެނީ. ދެމީހުން ތިބީ ނައްޓާފަ.” ނާއިފް ބުންޏެވެ.
“އެޔޯ! އަނެއްކާ ކިހިނެއްވީ؟” އާޔަން މޭޒުމަތީ އޮތް ފޮތިކޮޅުން ތުންފުހެލަމުން އެހިއެވެ. “އާޔަން މިއަދު މޫސައާއި ވާހަކަ ދެއްކިއިރުވެސް ނުބުނެ ތިކަހަލަ ވާހަކައެއް.” އާޔަން އިނީ ކަންބޮޑުވެފައެވެ. އާޔަން ނޫރާއަށް ބަލައިލީ މާނަފުން ގޮތަކަށެވެ. “އެބަ އަންނަން މޫސަ ކައިރިއަށް ޖެހިލާފަ!” އާޔަން ތެދުވަމުން ނޫރާ ކައިރީ ބުންޏެވެ.
އާޔަނައަށް މޫސައާއި ހަމައަށް ދެވުނުއިރު މޫސަގެ މަންމައާއި ބައްޕަވެސް މޫސަކައިރީ ތިއްބެވެ. ލައި ތަންކޮޅެއްދުރުގައި ރޯން ހުއްޓެވެ. ކަންތަށް ވަރަށްގޯސް ވެފައިވާކަން އިގުނީ ލައި ރޯންހުރީމައެވެ. މޫސަކައިރިއަށް ދިޔަ އާޔަންއަށް ގޮސް ހުއްޓެވުނީ ރޯންހުރި ލައިކައިރީއެވެ. އާޔަން ހުއްޓުމުން ކަރުނުން ތެމިފައިވާ ދެލޮލުން ލައި އާޔަންއަށް ބަލައިލިއެވެ. އަދި އިތުރަށް ރޯންފެށުނީ އާޔަންފެނުނީމައެވެ. އާޔަންއަށް އެއްގޮތަކަށްވެސް ވެގެން އުޅޭގޮތެއް ނޭގެއެވެ.
“ކިހިނެއްވީ؟” ލައިގެ މުލަށްދަނޑީގައި ހިފާލަމުން އާޔަން އެހިއެވެ. “އާދެބަލަ މިތަނުން ތާކު އިށީންނަން!” ލައިގެ އަތުގައި ހިފައިގެން އާޔަން ގެންގޮސް ބެންޗެއްގައި ލައި ބޭންދިއެވެ. އަދި އާޔަންގެ ޖީބުން ރުމާނަގާ ލައިއަތަށް ދިނެވެ. “ކިޔާދީބަލަ ތިވެގެންއުޅޭ ގޮތެއް!” އާޔަންވެސް ލައިކައިރީ އިށީންނަމުން އަހާލިއެވެ.
“މޫސަ… މޫސަ ބުނީ ލައިއާ މޫސައާ….. ނިމުނީޔޯ! …… ހީ ސެޑް ވީހޭވްޓު ….. ބްރޭކް އަޕް!” ލައި ރޮމުން ގިސްލަމުން ވާހަކަދައްކަން ފެށިއެވެ.
“އެކަމު ކީއްވެ؟” އާޔަން ހައިރާންވެހުރެ ދުރުގައި ހުރި މޫސައަށް ބަލައިލިއެވެ. އޭރު މޫސަގެ ބައްޕަ މޫސައާއި ވާހަކަ ދައްކަނީއެވެ. މޫސަގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެފައިވާކަން އާޔަންއަށް ފާހަގަ ކުރެވުނެވެ. “ކޮބައިތަ މައްސަލައަކީ؟” އާޔަން ބޭނުންވީ ވީގޮތެއް އޮޅުންފިލުވާށެވެ. ކުއްލިއަކަށް ދެމީހުންގެ ގުޅުން ބަދަލުވެގެން ދާންވީ ސަބަބު އޮޅުންފިލުވާށެވެ.
“ލައިއަށް އަބަދުވެސް ފެނޭ މޫސަ ވަރަށް އަންހެންކުދިންނާ ދިމާއަށް ބަލާ ފްލާރޓްކޮށް ހަދާތަން. ނާއިފްވެސް ނޫޅެ އެގޮތަކަށް. ޒީނާއާއި އެއްކޮން އަބަދު އުޅެނީ! އާޔަންވެސް ނޫޅެ މޫސަ އުޅޭގޮތަކަށް! އާޔަންއަދި އަންހެން ކުއްޖަކާ ވާހަކަ ނުދައްކާތާ އޭގެން ކުއްޖަކަށް ބަލައިވެސް ނުލާ! މޫސަ އެހެން އުޅުނަސް އެކަންތައް މާބޮޑުކަމަކަށް ހަދާކަށްވެސް ލައި ބޭނުމެއްނޫން. އެކަމަކު މިހާރު މިއޮތީ ބޮޑުކަމަކަށްވެ ނިމިފަ!” ލައި ރޮމުން އާޔަންއަށް ކިޔައިދެމުން ދިޔައެވެ.
“ރޭގަ ލައިމެންގޭގަ މޫސަ އިނީ އެފް ބީ އިން ކޮންމެސް ކުއްޖަކާ ޗެޓްކުރަން. ލައި މޫސައަށް ކޮފީހަދައިގެން އައިސް މޫސަކައިރީ ޖައްސާލައިފިން. މޫސައަވަހަށް ޗެޓް ނިވާލައިފި. އެގޮތަށް ހެދުމުން ލައިވެސް މަޖަލަކަށް އަހާލީ ކޮންމެސް އަންހެން ކުއްޖަކާ ފްލާރޓް ކުރަނީޔޭ! ލައި އައީމަ އަވަހަށް ނިވާލީ އެހެންވެޔޭ! ބުނީމަ ހަމަ ވަރަށް ބާރަށް ލައިއާ ދިމާއަށް މޫސައަށް ޓްރަސްޓެއް ނުކުރެވޭހޭ ކިޔާފަ ހަޅޭއްލަވައި ގަނެފި. އޭގެ ކުރިން ދުވަހަކުވެސް މޫސަ އެހާ ބާރަށް ހަޅޭކެއްނުލަވަ. އަނެއްކާ ލައިދެކެ ދުވަހަކުވެސް ރުޅިއައީކީވެސް ނޫން. ދެން ލައިއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮން ނިކުމެގެން އެދިޔައީ! ގުޅާގުޅާ ފޯނެއް ނުނަގަ. މެސެޖު ކުރީމަ ރިޕްލައި އެއްނުކުރެ. މިއަދުވެސް އެތަށް ފަހަރަކު ގުޅިން އެކަމު ޖަވާބެއްނައި. އެންމެ ފަހުން ދެންމެ މިތަނަށް އައިސް ދިމާވެގެން ލައި ސޮރީއޭ ބުނީމަވެސް ލައިއާ ދިމާއަށް އެއްޗިހި ކިޔާލައިފި މޫސަގެ މަންމައާއި ބައްޕަގެ ކުރިމަތީގަ! އެހެންވެ ލައި ދެރަވެ ލަދުގަނެގެން މި ރޮނީ! ރޯންފެށީމަ އަދި އައިސްބުނެފި ބްރޭކްއަޕް ވާންވީޔޯ!” ލައި މާނޭވާއެއް ލަމުން ވާހަކަ ނިންމާލިއެވެ.
“މޫސަ އެކަމު ހާދަ ހީނުވެޔޭ ތިކަހަލަ ހެން!” އާޔަން އިނީ ލައި ދެއްކި ވާހަކަ ގަބޫލު ނުކުރެވިފައެވެ.
“ދެން އާޔަން މޫސަ ކައިރީ އަހާބަލަ ކީއްވެތޯ! އާޔަންއަށް ކިޔައިދީފާނެ ކަންނޭގެ އަސްލު ވެގެން އުޅޭގޮތެއް! ލައިއަށް ހީވަނީ ކޮންމެސް އެހެންކަމަކާ އައިސްގެން އުޅޭ ރުޅިގަނޑެއް ލައިއަށް ބާލަނީހެން! ލައި ދެން ނޫޅެން އޭނަޔާ ވާހަކަ ދައްކާކަށް. ސޮރީ ބުނީމަ ނޫނީ ލައިދެން އަގައަކުން ނުބުނާނަން!” ލައި އަނެއްކާވެސް އާޔަންދިން ރުމާލުން މޫނު ފޮހެލާ މޫނު ރީތިކޮށްލިއެވެ. “ލައިގެ ވާހަކަ އަޑު އެހީމަ އާޔަންއަށް ތޭންކްސް އިނގޭ! ހިތްހަމަ ޖެހިއްޖެ ކިޔައިދެވުނީމަ! ކޮބާ ނޫރާ؟” ލައި ތެދުވަމުން އާޔަން ކައިރީ އަހާލިއެވެ. އާޔަން އިށާރާތުން އެކޮޅުގައޭބުނުމުން ލައި އެދިމާއަށް ހިގައިގަތެވެ.
އާޔަން ދެޖީބަށް އަތްޖަހާލަމުން މޫސަހުރި ދިމާއަށް ހިގަން ފެށިއެވެ. މޫސައާއި ދިމާއަށް ބަލަން ހުރެގެން ހިގަމުންދާއިރު އާޔަންގެ ހިތަށް އެތައް އެއްޗެއް އަރާފައިބަމުން ދެއެވެ. މޫސަ އަބަދުވެސް ލައިދެކެ ލޯބިނުވާވާހަކަ އާޔަންކައިރީ ބުނެއެވެ. އެކަމަކު ލައިރަގަޅު ވީމަ ކޮންމެސް ދުވަހަކުން ލައިދެކެ ލޯބިވެވޭނެކަމަށް ރައްޓެހިވެގެން އުޅެނީކަމުގައި މޫސަ ބުނެއެވެ. އާޔަން އެތަށްފަހަރަކު މިދުވަސް އަތުވެދާނެކަމަށް މޫސައަށް ނަސޭހަތް ދީފައި ވާނެއެވެ. މޫސައަށް ކުއްޖެއްދެކެ ލޯބި ވެވުނީމަ ލައި މަތިން ފޫހިވާނެކަމާއި އެދުވަހަކުން ލައިވަރަށް ދެރަވާނެކަން އާޔަން މޫސަ ކައިރީ ވަނީ ބުނެފައެވެ. އަދި ލައި ދެރަވާގޮތެއް ނަހަދާނެކަމަށް މޫސަވަނީ ބުނެފައެވެ.
” އެކަމު ތިހެން އަންހެން ކުއްޖަކާ ދިމާއަށް ހަޅޭއްލަވާކަށް ނުވާނެނު. އެވެސް އަދި މިތާ އެންމެންގެ ކުރިމަތީ! އެމަންޖެ ކިހާ ލަދެއްވެސް ގަންނާނެތަ!” މޫސަގެ ބައްޕަ މޫސައާއި ދިމާއަށް ބުނާއަޑު އާޔަންއަށް އިވުނެވެ.
“ދެން ބައްޕާ! އެކަމާ ބައްޕަ އަޅާނުލާބަލަ. އެއީ މޫސައާ ލައިގެ މައްސަލައެއްނު!” މޫސަ ބުންޏެވެ.
“ހިނގާބަލަ އާޔަންއާ އެއްކޮން އެއްޗެއް ބޯލަން މީދަ ކެފޭއަށް! އަދި ވަގުތު އެބައޮތެއްނު!” މޫސަގެ ކޮނޑަށް އަތްވައްޓާލަމުން އާޔަން މޫސަ ގޮވައިގެން ހިގައިގަތެވެ. އާޔަން މޫސަގެ ބައްޕައަށް އެބަ އަންނަމޭ ބުނެލިއެވެ.
“އެހެންވީމަ ލައި ކިޔައިދިނީ ދޮގެއްނޫންތާ ދޯ!” އާޔަން ކޮފީއަށް އޯޑަރުދެމުން ބުންޏެވެ.
މޫސަ އަގައިން ނުބުނެ އިނީއެވެ. މޫސައަށް ވެގެން އުޅޭގޮތެއް އެއްގޮތަކަށްވެސް އާޔަންއަކަށް ނޭގެއެވެ. މޫސަގެ އަނގަަހުޅުވިއްޖެއްޔާ އާޔަންއަށް ހުރިހާކަމެއްވެސް އިނގޭނެކަން އާޔަންއަށް އިގެއެވެ. މޫސަގެ އަނގަ ހުޅުވޭނެ އުކުޅެއް ވިސްނާލަން އިރުކޮޅަކު އާޔަން އިނެވެ.
“އެހެންވީމަ ދެން ތިނިމުނީތަ؟” އާޔަން ގޮނޑީގައި ހަމަޖެހިލަމުން އަހާލިއެވެ.
“ކޮންކަމެއް؟” ހަށަން ބަދެގެން އިން މޫސަވެސް ގޮނޑީގައި ލެގިލިއެވެ.
“މޫސަ އާއި ލައިގެ ކަންތައް! ދެން ލައިއާ ވަހަކަވެސް ނުދައްކާނަންތަ؟” އާޔަން އަހާލީ މޫސަގެ ދުލުން އެއްޗެއް ބޭރުވާނެކަމުގެ އުންމީދުގައެވެ.
“ދެން ވާހަކަ ދެއްކިދާނެ! އެކަމު…” މޫސަ ބުނަން އުޅުން ވާހަކަ ކުރިއަށް ނުދިޔައީ އާޔަންއާއި ހަތަރުކަޅި ހަމަވުމުންނެވެ.
“ކިހިނެއްވީ؟ އިޒް ދެއަރ ސަމްވަން އެލްސް؟” އާޔަން މޫސަގެ މޫނަށް ބަލަން އިނދެ އަހާލިއެވެ.
“ކިހިނެއް ހީވަނީ؟ މޫސަ ކޮންމެހެން އާޔަންއަށް ކަމެއް ސިއްރުކުރާކަށް ނެތިން!” މޫސަ ބުންޏެވެ.
“ތިހެންވިއްޔާ ކިޔައިދީ ވެގެންތިއުޅޭ ގޮތް.” އެވަގުތު އޯޑަރު ދިން ކޮފީ އައިސްފިއެވެ.
“އެއްކަލަ ނާޒު އިނގޭތަ؟” މޫސަ ކޮފީތަށިން ކޯވަރެއް ދަމާލިއެވެ.
“ކޮން ނާޒުއެއް؟” އާޔަން މޫސައަށް ބަލައިލިއެވެ. “އާން އެގިއްޖެ. މޫސަގެ އެފްބީ ފްރެންޑް ދޯ! އޭނަ ކިހިނެއްވީ؟” އާޔަން މޫސައާއި ދިމާއަށް ބަލައިލަމުން އެހިއެވެ.
“ބުނަންތިއުޅެނީ…! އަނެއްކާ މޫސަ އޭނަޔާ….” މޫސަ އަގައިން ނުބުނެ ޒާތަކަށް ހެވިފައި އިނުމުން އާޔަންއަށް ހީވާއެއްޗެއް ބުނަމުން ދިޔައެވެ.
“ކިހިނެއްވީ؟ އެއީ ރަގަޅު ކުއްޖެކޭ! ޝީ ލައިކްސްމީ!” މޫސަ އެއިންގޮތަށް އިނދެ ބުންޏެވެ.
އާޔަން ހިތްހަމައެއް ނުޖެހުނެވެ. އެއީ އާޔަންއަށް މާކަމުދާ ކަމަކަށް ނުވިއެވެ.
“އެކަމަކު މޫސައާ އަދި ނާޒުއެއް ދިމައެއްވެސް ނުވޭނު. އެހެން ނޫނަސް ދެން ލައިއަށް ކިހިނެއް ހަދަނީ؟ ލައި ހާދަ ދެރަވާނެޔޭ! ލައި ހަމަ ރައްޓިއްސެއްގެ ގޮތުގަ އެންމެ ކުރިންވެސް ބެހެއްޓިނަމަ! އާޔަން އެންމެކުރިންވެސް ބުނީމެއްނު މޫސަކައިރީ! …….. މިހާރު ކިހިނެއް މިވީ! އާޔަން އަކަށް މޫސައެއް ނުހުއްޓުވޭނެ. އަދި ތިކަމާ މޫސަދެކެ ރުޅިއެއްވެސް ނާދެވޭނެ. އެކަމަކު ހުރިހާދެރައެއް ލައިއަށް މިލިބެނީ.” އާޔަން އިނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.
މިހާރު އެތެރެއަށްވަނުމަށް އަނގައިފިއެވެ. އާޔަންއާއި މޫސަ ތިބިތަނުން ތެދުވެގެން އެތެރެއަށް ވަނުމަށް އައިސް ދޮރުކައިރީ ހުއްޓުނުވަގުތު ލައިއާއި ނޫރާވެސް އެތަނަށް އައެވެ. ނޫރާއަށް އަވަސް ނަޒަރެއް ދެމުން އާޔަން ވާހަކަ ދައްކަންފެށީ ލައި އާއެވެ.
“އާރޔޫ އޯކޭ؟” އާޔަން ލައިއަށް ބަލައިލަމުން އަހާލިއެވެ. ލައި ބޯޖަހާލީ ހިނިތުންވެލަމުންނެވެ. ބޯޓުގައި އާޔަން އިނީ މޫސަ ކައިރީގައެވެ. ލައިކައިރީގަ ބޭންދީ ނޫރާއެވެ. އެއީ މޫސަގެ ފަރާތުން އިތުރު ވާހަކަތަކެއް ހޯދުމަށެވެ.
“މޫސާ، ދިސް އިޒް ނޮޓް ފެއަރ.” އާޔަން ސީޓުބެލްޓް އަޅުވަމުން ބުންޏެވެ. މޫސައާއި އާޔަންގެ ބަރީގައި ދެން ތިބީ ނާއިފްއާއި ޒީނާއެވެ. އެމީހުނަށް އިވިދާނެތީ އާޔަންއެއް ނޫޅެއެވެ. މޫސަ އިނީ ކުޑަކޮން ހިތްހަމަ ނުޖެހިފައެވެ. ފަހަތު ސީޓުގައި މޫސަގެ ބައްޕައާއި މަންމަ ތިބީމައެވެ.
“އާޔަން، ލައިއަށް އަންޑަރސްޓޭންޑް ވާނެޔޭ! މިވަގުތު އެހެން ދެރަވެގެން އުޅުނަސް ފަހުން ހަމަޖެހިދާނެ. އައި ލައިކް ނާޒް، ޝީ އިޒް މެޗުއަރ އެންޑް މޫސައާއި މާގުޅޭނެ.” މޫސަ އާޔަންއަށް ބަލައިލަމުން ވަރަށް މަޑުން ބުންޏެވެ. މޫސަ ބުނިގޮތުން މޫސަ އެކަންތައް ސިއްރުކުރަން ބޭނުންވާކަން އާޔަންއަށް ވިސްނުނެވެ.
“އެކަމަކު ތިގޮތަށް ޗެޓުން ވާހަކަ ދެއްކުމާ ފޭސްޓުފޭސް ވާހަކަ ދެއްކުމާ ވަރަށް ތަފާތުވާނެ! ދެން އެގިދާނެތާ! އާޔަންއަށް އަދިއެއް ނުފެނެ މޫސަ ލައިއާ ވަކިވާކަށްވެސް. އެއީ އަނބުރާ ލައިކައިރިއަށް ކަންނޭގެ އަންނަން ޖެހޭނީ!” އާޔަން ވެސް ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.
“އާޔަން ބުނެބަލަ! އާޔަންއަށް ނޫރާއަށްވުރެ ރަގަޅު ނޫރާއަށްވުރެ ބޮޑަށް ލޯބިވާ ކުއްޖެއް ފެނިއްޖެއްޔާ ކިހިނެއް ހަދާނީ؟” މޫސަ އާޔަންއާއި ސުވާލު ކޮށްލިއެވެ.
“އާޔަންއަކަށް ނޫރާ ދުލެއް ނުކޮށްލެވޭނެ. އަދި އަމުދުން ދެނެއް ނޫރާއާއި ވަތްކެއް ނުވެވޭނެ. ޝީ އިޒް މައި ލައިފް މޫސާ! މޫސައަކަށް ނޭގޭނެ އާޔަން ނޫރާދެކެ ލޯބިވާވަރެއް.” އާޔަން މޫސައަށް ބަލައިލިއެވެ. މޫސަ ކަމަކާ ވިސްނަން އިނެވެ.
“އާޔަންއަށް ތިވާގޮތްތަކެއް މޫސަ އަކަށް ނުވެޔޭ! އަދި މޫސަ ލޯބިވާ ކުއްޖާއާ ދިމާނުވަނީ ކަންނޭގެ.” މޫސަ ވިސްނަން އިދެފައި ބުންޏެވެ.
މާލޭ އެއަރޕޯރޓަށް ބޯޓު ޖެއްސުމާއިއެކު ނޫރާއަށް ހޭލެވިއްޖެއެވެ. ލައި އާއި ވާހަކަ ދައްކަން އިންދާ ނޫރާއަށް ނިދުނީއެވެ. ނޫރާ ހަމަޖެހިލަމުން ލައިއަށް ބަލައިލިއެވެ. އޭރު ލައިވެސް އިނީ ނިދާފައެވެ. ނޫރާ ލައިގައިގައި ކޮށްޓާލުމާއިއެކު ލައި ތެދުވިއެވެ. އަދި ހަމަޖެހިލަމުން ނޫރާއާއި ދިމާއަށް ހީލިއެވެ.
“ނޫރާ! ލައި އަކަށް ނޭގެ ލައިގެ ފެމިލީ މީހުނަށް ލައިދޭނެ ޖަވާބެއް! އެފް ބީ ތްރޫކޮށް އެންމެނަށްވެސް މޫސަ އިނގޭނެ! އެކަމު މޫސައާއި ފޭސްޓު ފޭސް ދިމާވާނެ ފުރަތަމަ ފަހަރުމީ! އެކަމު މިހާލަތުގައި ކިހިނެތް މޫސަ ދައްކާނީ އެމީހުނަށް؟ ކިހާފޮނި އުއްމީދެއްގަ އެންމެންވެސް އެއަރޕޯރޓަށް ބަލައިއައިސްތިބޭނީ!” ލައި ގޮނޑިދަށުން ލައިގެ ދަބަސް ނަގަމުން ތެދުވެއްޖެއެވެ. ނޫރާވެސް ބެލްޓް ނައްޓަމުން ތެދުވިއެވެ. ލައި ބުނި އެއްޗަކާއިމެދު ވިސްނަމުންނެވެ. އެކަމާ ނޫރާއަށް ކޮށްދެވޭނެ ކަމެއް ނެތެވެ. ކިތަންމެ ބޭނުންވިއަސް އެއީ މީހަކަށް އެހީވެވޭނެ ކަމެއް ނޫނެވެ.
“ހާދަ ދެރައޭ! ދެން ކިހިނެއް ހަދާނީ؟” ނޫރާ ލައިއާ ދޭތެރޭ ހަމްދަރުދީ ވިއެވެ.
“ދެން ލައި ބުނާނީ އެންމެން ކައިރި މިއުޅެނީ ކުނިކޮޅެއް ޖެހިގެނޭ! އޭރުން ދެން އަންޑަސްޓޭންޑް ވެދާނެ ކަންނޭގެ.” ލައި އަމިއްލައަށް ހަމަޖައްސާލިއެވެ.
ބޯޓުން ފައިބައިގެން ދާގީނާތަށް ހަމަކޮށްގެން ފަހަރަކު ގުރޫޕެއް ނިކުންނަން ފެށިއެވެ. މޫސަމެން ނުކުންނަން ދަމުން ދިޔައީ ނާއިފް ވެސް ގޮވައިގެނެވެ. އާޔަންމެން ނިކުތީ ލައި ގޮވައިގެނެވެ.
އެންމެންގެ އާއިލާގެ މީހުނާއި ރައްޓެހިންތައް ދޮރުމަތީ އެތުރިލައިގެން ތިއްބެވެ. އާޔަންމެން ނިކުތްއިރު ނައީމާއާއި ޝަކީބް ޒައު ގޮވައިގެން އައިސް ތިއްބެވެ. އަދި ފާރޫޤުގެ އާއިލާ މީހުންވެސް އައިސް ތިއްބެވެ. ތަންކޮޅެއް ދުރުގައި ފާތު އާއި ފާތުގެ އާއިލާވެސް ނާއިފް ބަލައި އައިސް ތިއްބެވެ. ނޫރާ އާއި އާޔަން ފެނުމުން ސަލާން ކުރުމުގެ ގޮތުން ފާތު ހަނާ އަޅާލިއެވެ. ލައިގެވެސް މަންމައާއި ދައްތަތަކާއި ލައިބަލާ އައިސް ތިއްބެވެ.
“ކޮބާ ބައްޕަ؟” ލައި ލައިގެ މަންމަ ގައިގަ ބައްދާލަމުން އެހިއެވެ.
“ބައްޕަ ނެތޭ ރަށަކު! ކައިރި ރިސޯޓަކަށް ކަމަކު ގޮސްވީ!” ލައިގެ މަންމަ ބުނާއަޑު ނޫރާއަށް އިވުނެވެ. ނޫރާ ވެސް އައިސް އަވަހަށް ޒައު އުރާލިއެވެ. ޒައު ބޭނުންވީ އާޔަންކައިރިއަށް ދާށެވެ.
“އެހެރީދޯ މޫސަ! ވަރަށް ފޮނިހެން ހީވަނީ!” ލައިގެ ދައްތަ ބުނާއަޑު އިވުނެވެ.
“އާން! ހިނގާދާން ވަރަށް ބަނޑުހައިވެއްޖެ!” ލައި އަވަހަށް ވާހަކަ އޮޅުވާލަމުން ބުނެލިއެވެ. އަދި ނޫރާއަށް ބަލައިލާފަ ކޮނޑުއަރުވާލިއެވެ.
ލައިއަށް ބުނަން ނުކެރުނީކަން ނޫރާއަށް އިގުނެވެ. އަދި ދެރަވެފައި ލައިއާއި ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.
One Comment
Comments are closed.
✋?