އެތަނުން އާޔަން ގެ ފޮޓޯ ފެނުމުން ނޫރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެދުވަހު އާޔަން އަށް ނޫރާ ބަލަން ހުރިތަން ރަގަޅަށް ވެސް ފެނުނެއެވެ. ޝައިލާގެ ގައިގާ އޭރު ހިފަހައްޓައިގެން ތިބީ ޑޭވިޑް އާއި، ޖަގަން އާއި ނާއިލް އެވެ. ހުރިހާކަމެއް ކުރީ އާޔަން އެވެ. ނޫރާއަށްއެމަންޒަރު ވަނީ ފެނިފައެވެ. މިހާރުވެސް އެ މަންޒަރުތައް ސިފަވަމުން ދެއެވެ. ނަމަވެސް އެކަން ގަބޫލު ނުކުރެވެނީ އެވެ. އާޔަން އަކީ ނޫރާއަށް ވަރަށް ކަމުދާ ރީތި ކުއްޖެކެވެ. ލޯކުޑަ ދަރިކޮޅުގެ ކުއްޖެކެވެ. ކިތަންމެ އަޙުލާގު ރަގަޅުނޫން ކަމުގައި ވިއަސް ނޫރާއަށް އަބަދުވެސް އާޔަންއާއި ދޭތެރޭ ވިސްނެއެވެ. މާރަގަޅަކަށް އާޔަން ގެ މަޢުލޫމާތެއް ނޫރާއަކަށް ނޭގެއެވެ. އެހެންނަމަވެސް އާޔަން އަކީ މުޅި ސްކޫލް ގައި މަޝްހޫރު ކުއްޖެކެވެ. ޙާއްސަކޮން އަންހެން ކުދިންގެ ތެރޭގައި އާޔަން އަކީ ރީތިކަމަށް އެންމެ މަޝްހޫރު ކުއްޖާއެވެ. އަދި އެއީ ވިޔާނުދާ ގިނަ ކަންތައްތައް ކުރާ ގުރޫޕުގެ އެންމެ އިސް ލީޑަރެވެ. ސްކޫލްގައި ސިގިރޭޓް ބުއިމާއި އަންހެން ކުދިންނާއެކު ޕާޓީ ކުރުމަކީ އެގުރޫޕު ކުދިންގެ އާދައެވެ. އެގްރޫޕުގައި އުޅޭ ނާއިލް އަކީ ރާއްޖޭ ކުއްޖެކެވެ.
ނޫރާ އަށް ނާއިލް ކޮންމެވެސް ވަރަކަށް އެގެއެވެ. އެއީ ނާއިލްގެ މަންމަ ނޫރާ މަންމައާ ކުޑަކޮން ރައްޓެހި ވީމައެވެ. ނާއިލް އަށް ވެސް ނޫރާ އެނގޭނެއެވެ. ނާއިލް އަކީ މާލޭގެ ބޮޑު ވިޔަފާރި ވެރިއެއްގެ ދަރިއެކެވެ.
ޑޭވިޑް އަކީ ޔޫރަޕް ކުއްޖެކެވެ. އަދި ޖަގަން އަކީ ލަންކާ ކުއްޖެކެވެ. އާޔަން އަކީ މެލޭޝިޔާ، ތައިވަން ނޫނީ ކޮރެއާ ކުއްޖެއް ކަންނޭގެ އެވެ. ނޫރާއަށް މާރަގަޅަކަށް ނޭގެއެވެ.
އެސެމްބްލީ ފެށިއްޖެއެވެ. ސްކޫލްގެ ޕްރިންސިޕަލް އާއި އެންމެ އިސް ޓީޗަރުން ވާހަކަ ދެއްކި އެވެ. އެންމެން ވެސް ދެއްކީ ހިނގާފައިވާ ހާދިސާގެ ވާހަކައާއި ސްކޫލް ބަދުނާމު ވަމުން ދާވާހަކަ އެވެ. އަދި އެކަހަލަ ކަންތައް ނުކުރުމަށް ނަސޭހަތްތެރިވިއެވެ. އެދުވަހު އެސެމްބްލީ އަށް ފަހު ހުރިހާކުދިން ގެއަށް ފޮނުވާލީއެވެ.
އޭގެ ހަފްތާއެއް ވީއިރުވެސް ޝައިލާ ސްކޫލަކަށް ނާދެއެވެ. ނާއިލްގެ ބައްޕަ ނާއިލް އަވަހަށް ގެންދިޔައީ ސިނގަޕޯރ އަށެވެ. ކުދިންގެ ވާހަކައިން ނޫރާއަށް އެގުނުގޮތުގައި އާޔަން ގެ މަންމަ އަށް ހާރޓް އެޓޭކެއް ޖެހިގެން އާޔަން މެން ވެސް ކޮންމެސް ތާކަށް ދިޔައީއެވެ.
” އާޔަން ވެސް ދިޔައީތަ؟ ” ޔަގީން ކޮށްލުމުގެ ގޮތުން ނަދާ ކައިރީ ނޫރާ އެހިއެވެ.
” އާނ! ނޭގޭތަ؟ އާޔަން އަކީ ކޮރެއާގެ ބޮޑު މިލިއަނަރެއްގެ ދަރިއެކޯ. އޭނަ އެކުރި މުޑުދާރު ކަންތަކާހެދި ދެރަވެގެން އޭނަ މަންމަ ހާރޓް އެޓޭކް ޖެހުނީޔޯ. އާޔަން ބައްޕަ އައިސް އޭނަ ރަށަށް ގެންދިޔައީޔޯ.” ނަދާ ކިޔައިދިނެވެ.
ޑޭވިޑް އާއި ޖަގަން ވެސް ސްކޫލަށް އައީ މަހެއް ފަހުންނެވެ. ސްކޫލުން އެމީހުން ސަސްޕެންޑް ކުރީމައެވެ. އެދެމީހުން ނަށް ބަދަލެއް އައި ހެނެއް ހިޔެއް ނުވެއެވެ. ކޮންމެ މީހަކުވެސް އެތައްބައިވަރު ލާރި ދައްކަން ޖެހުނެވެ. އަށާރަ އަހަރު ނުވާތީ ކުޑަކުދިން ކަމަށް ބަލާ ޖޫރިމަނާކޮށް ނަސޭހަތްދީފަ ދޫކޮށްލީއެވެ.
ދެންއައި ދުވަސްތަކުގައިވެސް ނޫރާއަށް އާޔަންގެ ހިޔާލުކުރެވެމުން ދިޔައެވެ. އެތައް ބައިވަރު ފިރިހެން ކުދިންނެއް ނޫރާއަށް ޓަކައި ޤުރުބާންވާން ތައްޔާރަށް ތިއްބެވެ. ނަމަވެސް ނޫރާގެ ހިތުގައި ޖަހަމުން ދަނީ އެހެން ވިންދެކެވެ. އާޔަންއާއި މެދު ހިޔާލު ކުރެވެނީ ކީއްވެކަމެއް ނޫރާއަށްވެސް ނޭގެއެވެ. އާޔަންއަކީ ރަގަޅު މީހެއްނޫންކަން ގަބޫލު ކުރެވޭއިރުވެސް ތާއަބަދު ދެކެވެނީ އާޔަންގެ ހުވަފެނެވެ. ނޯޓިސްބޯޑުގައި އިން އާޔަންގެ ފޮޓޯވެސް މިހާރު އެއޮތީ ނޫރާއަތުގައެވެ. އެފޮޓޯ ނަދާއަތުން ނޫރާ އަތުލުމުން ނަދާއަށްވެސް ނޫރާގެ ހިތުގެ ހާލަތު ހިސާބަކަށް އެނގުނެވެ. ނަދާ ހުރީ އެކަމާ ވަރަށް ފޫހިވެފައެވެ. ހިތްހަމަ ނުޖެހިފައެވެ.
އޭގެ އަހަރެއް ފަހުން ނޫރާ އޭލެވެލް ހެދިއެވެ. އަދި ނޫރާގެ މަންމަ އާއި އެކު މެލޭޝިޔާއަށް ބަދަލުވީ އިތުރަށް ކިޔެވުމަށް ޔުނިވާރސިޓީއަށް ދާށެވެ. މެލޭޝިޔާގެ ކަސަ ސުބާން ފްލެޓްގެ ތިން ކޮޓަރީގެ އެޕާރޓްމެންޓެއް ހިފައިގެން ދެމައިން އުޅެނީ އާދައިގެ ދިރިއުޅުމެކެވެ. މެލޭޝިޔާގެ ޓޭލާރސް ޔުނިވާރސިޓީ ގައި ކިޔަވާ ޑިޕްލޮމާ ހެދުމަށްފަހު ޑިގްރީ ހެދުމަށް ނޫރާ ބަދަލުވީ ޝެގީ ޔުނިވަރސިޓީ ކޮލެޖް އަށެވެ. އެއީ ނޫރާމެންގެ ފްލެޓް އާ ވަރަށް ކައިރީގަ ހުންނަ ޔުނިވަރސިޓީ އެކެވެ.
ޝެގީ ޔުނީގައި ވަރަށް ގިނަ ދިވެހިކުދިން އުޅެއެވެ. ނޫރާ ޔުނީ އަށް ދިޔަ ފުރަތަމަ ދުވަހު ދިވެހި ކުދިން ކޮޅަކާއި ނޫރާ ރައްޓެހިވިއެވެ. ހުރިހާކުދިން ވެސް ހަދަނީ ބިޒްނަސް ސްޓަޑީޒް އެވެ. އެކުދިން ނަކީ ފާތުމަތު އަހުމަދު(ފާތު)، މަރިޔަމް ލައިޝާ ނައީމް (ލައި)، އަދި ޒީނާ އަބްދުއް ސަމަދް (ޒީނާ) އެވެ. އަދި އެގުރޫޕްގައި ފާތުގެ ތިމާގެ ކުއްޖެއް ކަމަށް ވާ ނާއިފް މުހަންމަދު އާއި ޒީނާގެ ބޭބެ މޫސާ އަބްދުއް ސަމަދް ހިމެނެއެވެ. އަދި މިކުދިން ބުނާ ގޮތުން އެއްކުއްޖަކު އަދި ޗުއްޓީގަ ދިޔަގޮތަށް ނާދެ އެވެ. އެއީ އާޔަން އޭ އެކުދިން ބުންޏެވެ.
ހަފްތާއެއް ވީއިރު ހުރިހާކުދިން ވެސް ވަރަށް އެކުވެރި ވެއްޖެއެވެ. އެކަކު އަނެކަކަށް ސަމާސަކޮށް އުޅެން ފެށިއެވެ. އެކުގަ ބާޒާރަށް ދިއުމާއި ބޯލިން ކުޅެން ދިއުމާއި ތަންތަން ބަލަން ގޮސް ހަދައެވެ. އެންމެ މަޑުން ހުންނަ ނޫރާވެސް މިކުދިންނާ ޖެހުމުން މަޖާނަގަން ފަށައިފިއެވެ. ކޮންމެ ދުވަހަކުވެސް ކޮލެޖް ނިމިގެން ކައިރީގައި ހުންނަ ބޮޑު މޯލް އެއް ކަމަށްވާ ސަމިޓް ގައި ހުންނަ “މިޑް ސަމަރ ރެސްޓޯރެންޓް” ކިޔާ ތާކަށް މި އެންމެން ކާން ދެއެވެ. މިޑް ސަމަރ އޭ ކިޔާ އެ ރެސްޓޯރެންޓަކީ މިމީހުންގެ ރައްޓެހި އާޔަންގެ ބައްޕަގެ ހިއްސާ އޮންނަ ތަނެއް ކަމުން އާޔަންގެ ރައްޓެހި ކުދިންނަށް އެތަނުން ވަރަށް ބޮޑު ޑިސްކައުންޓެއް ލިބެއެވެ. އެހެންކަމުން އެތަނަށް ކޮންމެހެނަކުންވެސް ކާން ނޫނީ އެއްޗެއް ބޯލަން ވިޔަސް ދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވަނީ ވެފައެވެ.
އެގޮތުން އެދުވަހު ވެސް އެންމެން ކާން ދިޔައީ މިޑް ސަމަރ އަށެވެ. އެއީ ވަރަށް ބޮޑު އަދި ސަމިޓް ގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ތަނެކެވެ. އެތަނުގައި ތައި ފުޑް އާއި ޗައިނީސް ޑިޝް ވެސް ލިބެން ހުރެއެވެ. މިއެންމެން ނަށް ހާއްސަ ކޮށްފައިވާ ވަށް މޭޒެއްވެސް އެ ރެސްޓޯރެންޓްގެ އެއް ކަނެއްގައި ބަހަށްޓާފައި ހުރެއެވެ. އެމޭޒުގައި އަބަދުވެސް ރިޒާރވް ބޯޑު ބައިންދާފައި ހުރެއެވެ. އެތަނުގައި އެހެން ބަޔަކަށް ނީށީނދެވޭނެއެވެ. ޖާގަ ފުރިފައި އޮތަސް މިގްރޫޕްގެ މޭޒު ހުސްކޮން ހުރެއެވެ.
އެންމެން ކެއުމަށް އޯޑަރުދީފައި އެބައެއްގެ އަމިއްލަ ވަހަކައިގައި އެބަޔަކު މަސްހޫލު ވެއްޖެއެވެ. ފާތު އަބަދުވެސް އިންނަނީ ނޫރާ އާއި ޒީނާގެ މެދުގަ އެވެ. ޒީނާ އާއި ޖެހިގެން އެދުވަހު އިނީ ލައިޝާ އެވެ. ދެން އިނީ މޫސަ އެވެ. ދެން ނާއިފް އެވެ.
“ބަލާ! ރީތި ދޯ!” ފާތު އޭނަގެ އަތުގެ ނިޔަފަތި ތަކުގައި ޖައްސާފަ ހުރި ކުލަ ނޫރާއަށް ދައްކާލިއެވެ.
“އާނ! ސަޅި!” ފާތު ހިތްހަމަ ޖައްސާދިނުމުގެ ގޮތުން ނޫރާބުނެލިއެވެ. ނިޔަފަތި ދިގުކޮށް ކުލަޖައްސާ ހެދުމަކީ ނޫރާ އެހާކުރާހިތްވާ ކަމެއް ނޫނެވެ.
“އޭތް! ތިކުލަ ވަރަށް ސަޅި. ކޮންތާކުން؟” ބުރުގާ އަޅައިގެން އިން ޒީނާ ފާތުގެ އިނގިލި ތަކުގައި އަތްލަމުން ބުންޏެވެ. ލައިޝާވެސް ފާތުގެ އަތަށް ބަލައިލިއެވެ.
“ވާވް! ވަރަށް ލޯބި! ލައި އަތުގަވެސް ނެތް ތި ޕާރޕަލް އެއް.” ލައިޝާ ބުންޏެވެ.
“ހޭ ގައިސް! ” މީހަކު އެހެން ބުނުމުން އެންމެން އެއްފަހަރާ އެދިމާއަށް ބަލައިލިއެވެ.
“ހޭ އާޔަން! ” އެންމެން އެއް އަޑަކުން ހަޅޭއް ލަވައި ގަތެވެ. ކުއްލިއަކަށް އަންގާވެސްނުލާ އާޔަން އައިމަ އެންމެން ތިބީ ވަރަށް ހައިރާންވެފައެވެ.
ނޫރާ އަށް އާޔަން އާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ހާސް ވެފައެވެ. މިއާޔަން ކުރިން ނޫރާ ދަންނަ އާޔަން އާއި ވައްތަރު ވީމައެވެ. އެކަމަކު މިއާޔަންގެ ބޮޑީ މާ ފިރިހެން ވަންތައެވެ. އަދި އާޔަން ލައިގެން ހުރި ބާރު ހުދުކުލައިގެ ޓީ-ޝާރޓުން ވެސް އެކަން އިނގެއެވެ. ވަރަށް ކަސްރަތީ ހަށި ގަނޑެކެވެ. ފަން އިސްތަށިގަނޑެކެވެ. ކުޑަ އެހެނަސް އަސަރުގަދަ ލޮލެކެވެ. ބާރުގަދަ މުލައްދަނޑި އެކެވެ. ކުލަ އަލި އެވެ. މީ އަނެއްކާ އެކަކުބާއެވެ. އެހެނެއްނުވާނެ އެވެ. ލޯކުޑަ މީހުން ތިބެނީ އެއްސިފައެއްގައެވެ. ނޫރާ ވިސްނަމުން ދިއައެވެ.
“ކޮންއިރަކު އައީ؟” މޫސަ ދިވެހިން އާޔަން އާ ވާހަކަ ދައްކަން ފެށުމުން ނޫރާ އިނީ ހައިރާން ވެފައެވެ. އާޔަން ދިވެއްސަކާ އެއްގޮތަކަށްވެސް ވައްތަރެއް ނޫނެވެ. މިމީހުން ކައިރީ އުޅެއުޅެ ދިވެހި ދަސްވީ ކަންނޭގެއެވެ. ނޫރާ ހިތަށްއެރިއެވެ.
“އެއަރޕޯޓުން ސީދާ މިތަނަށް މިއައީ!” އާޔަން ދިވެހިން އެހާފަރިތަކަމާއެކު ވަހަކަދައްކަން ފެށުމުން ނޫރާ އިތުރަށް ހައިރާން ވިއެވެ.
އާޔަންއަށް އެތަނުން ވެއިޓަރަކު ގޮނޑިއެއް ގެނެސް ދިނެވެ. ނޫރާ އާއި ނާއިފް އާ ދޭތެރޭ މެދަށް ގޮޑި ފައްތާލާފަ އިށީނދެއްޖެއެވެ. ” ގްރޫޕްގަ ކުދިން ގިނަހެން ހީވަނީ ” އާޔަން އިށީންނަމުން ބުންޏެވެ.
“އާނ އާއްކުއްޖެއް ގުރޫޕަށް ވައްދައިފިން.” ޒީނާ ބުންޏެވެ.
“ލައި….! ތީނީ ތިތާ؟” ކުއްލިއަކަށް ޒީނާކައިރީ އިން ލައިޝާ އަށް އިޝާރާތް ކޮށް އާޔަން ބުންޏެވެ.” ބޯ ކޮށާލީމަ ނުވެސް އެގުނޭ. މިއޮއް ހުރިހާއިރު އާޔަން ހީކުރީ މީ…..” ނޫރާ އާއި ދިމާއަށް އެނބުރުން ވަގުތު ނޫރާވެސް އާޔަން އާއި ދިމާ އަށް މޫނު އަނބުރާލިއެވެ.
އެވަގުތު އާޔަން ގެ އަޑު ބެދިއްޖެ އެވެ. ދުނިޔެ ހުއްޓުނު ހެންވެސް އާޔަންއަށް ހީވިއެވެ. ހަމަ އެސޫރަ އާއި އެ ދިގު އިސްތަށި ގަނޑެވެ. އެ އަސަރުގަދަ ދެލޮލެވެ. އެރީތި ތުނފަތެވެ. ކުޑަ ބަދަލެއް ވެސް އައިސްފަ ނެތެވެ. އާޔަން އަށް ވީގޮތް ސިއްރެއް ނުވިއެވެ. ނޫރާއަށް ބަލަން ހުރެވުނީއެވެ.
“ހޫން ހޫން ! އާޔަނޫ! ކަރުބެދުނީތަ؟” ފާތު ސަމާސާ ރާގަކަށް ބުންޏެވެ.
“އާޔަން ހީކުރީ މީ ކަމަށް ލައި!” އަވަހަށް ލައިޝާއަށް ބަލައިލަމުން އާޔަން ބުންޏެވެ.
“ލައި އަށް ހީވަނީ އެކަމު އާޔަން އަށް ނޫރާ މާރީތިވީ ހެން!” އާޔަންއާ ދިމާ ކޮއްލަން އެހެން ލައިޝާ ބުނުމުން އާޔަންގެ މުޅި މޫނު ރަތްވެގެން ދިޔައެވެ.
“ނައޮ ލެޓްސް އިންޓްރޮޑިއުސް.” ޒީނާ ބުންޏެވެ. “މީ އާޔަން! ހީ އިޒް ހާލފް ކޮރެއާ. ހާލފް މޯލްޑިވްސް.” ޒީނާ އަތުން އާޔަން ދައްކާލަމުން ބުންޏެވެ. “މަންމަ މާލެ. ބައްޕަ ކޮރެއާ ދޯ؟ އެންޑް ހިއަރ އިޒް ނޫރާ، ފްރޮމް މޯލްޑިވްސް.” ޒީނާ ބުންޏެވެ.
ނޫރާ އަދިވެސް އިނީ ސުވާލުމާރކުތަކެއްގެ ތެރޭގައެވެ. ލަންކާގަ އުޅުން އާޔަން އަކީ އަނެއްކާ ރާއްޖެ ކުއްޖެއް ނޫންބާއެވެ. އެއީވެސް ކޮރެއާ ކުއްޖެކެވެ.
“ލެޓްސް ބީ ފްރެންޑްސް.” ނޫރާ އާއި ދިމާއަށް ސަލާމް ކުރުމަށް އަތް ދިއްކޮށް ލަމުން އާޔަން ބުންޏެވެ.
ނޫރާ އާޔަން އާ ސަލާމް ކޮށްލިއެވެ. އެއީ ފިނިއަތެކެވެ. ފިރިހެން ވަންތަ އަތެކެވެ. ނޫރާ އަދިވެސް އިނީ ގަބޫލުކުރަން ދަތިވެފައެވެ.
އެދުވަހުގެ ފަހުން އާޔަން ވެސް އެހެން ކުދިން ނެކޭ އެއްގޮތަށް ނޫރާ އާއި ވާހަކަދައްކާ ސަމާސަ ކުރެއެވެ. ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. ނަމަވެސް ނޫރާގެ ހިތުގަ އޮތް ޝައްކަކަށް ބަދަލެއް ނާދެއެވެ. ބައެއް ފަހަރު އެއީ ހަމަ އާޔަން އޭ ހިތަށް އަރައެވެ. އަނެއްބައި ފަހަރު އޭނަ އާޔަން އަށް ވާންވީ ކީއްވެބާއޭ ހިތަށް އަރައެވެ. ވާނީ ވެސް އެހެން ނެވެ. މިއާޔަން އަކީ އަޙްލާޤް ރަގަޅު މީހުންނަށް ހެޔޮ މަޑުމައިތިރި ދީންވެރި ކުއްޖެކެވެ. އެޔާޙިލާފަށް ކުރީގެ އާޔަން އަކީ މީހުނަށް އުދަގޫކުރާ ތާއަބަދު ސަމާސާގައި އެޅޭ ކުއްޖެކެވެ. ނޫރާއަށް އެދެމީހުން ކިތަންމެ ވައްތަރަސް އެއީ އެކަކު ކަމުގައި ޤަބޫލެއް ނުކުރެވޭނެ އެވެ.
މިހާރަކަށް އައިސް ނާއިފް މާވަރަކަށް ޒީނާ އަށް އޯގާތެރިވާން ފަށައިފިއެވެ. ޒީނާ ކައިރީ ނޫނިއްޔާ ނާއިފް އަކަށް ނީނދެ ވެއެވެ. ނާއިފް މިހާރު ގެއަށް ވެސް ދަނީ ފާތު އެކަނި ކޮށްލާފައެވެ. ފާތުއަށް އެކަން މާބޮޑު މައްސަލަ އަކަށް ނުވަނީ ފާތު އާ ލައި އުޅެނީ އެއް ފްލެޓް އެއްގެ ދެ އެޕާރޓްމެންޓެއްގައެވެ. އެހެންކަމުން ފާތުދަނީ ލައިއާ އެއްކޮން ލައިގެ ކާރުގައެވެ. ނާއިފްދަނީ މޫސައާއި އެކު މޫސަކާރުގައެވެ. މޫސައާއި ޒީނާ އުޅެނީ ނާއިފް މެންއުޅޭ ފްލެޓް ކައިރީ ހުންނަ މުޅިން އެހެން ކޮންޑޯއެއްގައެވެ. ނަމަވެސް ޒީނާއާއި އެއްކޮން ގެއަށް ދެވޭތީ އެގޮތް ނާއިފްއަށް އުނދަގުލެއްވެސް ނޫނެވެ. ނާއިފް މިގޮތަށް އުޅެން ފެށުމުން އެންމެން ނަށް ވެސް އެކަން ފާހަގަ ކުރެވެން ފެށިއެވެ. އެކަމު ޒީނާއަށް އެކަމެއް ފާހަގައެއް ނުކުރެވޭކަމަށް ޒީނާ ބުނެއެވެ.
ފާތު އާއި ޒީނާ އަދި ނޫރާ ލެކްޗަރ ހޯލުން ނުކުމެގެން ކޮރިޑޯ ތެރެއިން ލައި ނުފެނިގެން ބާރު ހިނގުމެއްގައި ބޮޑު ވާހަކައެއް ދައްކަމުން ދެއެވެ. ކޮންމެ ކުއްޖަކުވެސް ހުރީ ދަބަހެއް އަޅުވައިގެންނެވެ. އަދި ކޮންމެ ކުއްޖެގެ އަތުގައި ދެތިން ފޮތް އޮތެވެ. އެކުދިން ގޮސް ލޯކަރ ހޯލް އަށް ވަންއިރު ލައި ހުރީ އޭނަގެ ލޮކަރ ކައިރީއެވެ. ލޮކަރ ހޯލްގައި ވަރަށް ކުދިން ތަށް ގިނައެވެ. ޖެހިގެން އޮތްގަޑި އަށް ތައްޔާރުވަނީ އެވެ.
“ޒީނާ…! މިހާރު ކުދިން ކުދިން ހާދަ ކެއަރިންގ އޭ ދޯ.” ލައި އައިސް ޒީނާއާ ދިމާކޮށްލިއެވެ.
“ކޮން ކުދިންނެއް؟ ނޭގެ ޒީނާއަކަށް.” ޒީނާ ލޮކަރު ހުޅުވާފަ އޭނައަތުގަ ހުރި ފޮތްތަށް އެއަށް ލަމުން ބުންޏެވެ. އޭރު ޒީނާގެ މޫނަށް ވަނީ ރަތްކުލައަރާފައެވެ. ރަކި ހިނިތުން ވުމެއް ފެންނަން ހުއްޓެވެ.
“ޒީނާ ހަމަ ތިހެން ބުނަނީ ތި. އަސްލު އެނގޭނެ.” ފާތު ލައިގައިގައި ކޮށްޓާލަމުން ބުންޏެވެ.
“އަސްލު މީނަ ވެސް ލައިކްވެޔޭ. ” ލައި ބުމަ ހިއްލާލަމުން ހީލިއެވެ.
“ދެން ހަމަ ދޯ! ނާއިފް ނުބުނާހާ ހިނދަކު ގަބޫލެއް ނުކުރާނަން!” އެންމެންވެގެން ދިމާކުރަން ފެށުމުން އެންމެ ފަހުން ޒީނާ ބުންޏެވެ.
“ކޮބާ!” އެންމެން އެއްފަހަރާބުންޏެވެ. “ނޫރާ މެން ބުނަންތަ ނާއިފް ކައިރީ ސަމްވަން އިޒް ވެއިޓިން ނޭ.” ނޫރާ ޒީނާގެ އަތުގައި ހިފާލަމުން ބުންޏެވެ.
“ނޯ! ނޯ! ޑޯންޓް!” ޒީނާ ނޫރާގެ އަތަށް ފިތާލަމުން ބާރަށް ބުނެލިއެވެ. އެއާއެކު ބެލްޖެހި އަޑު އިވުނެވެ. އެކުދިން އަވަސް ކޮށްލައިގެން ކްލާހަށް ދިޔައެވެ.
އެދުވަހު ކާން ގޮސް ތިބެ އޮތީ އެއްވާހަކައެކެވެ. އެދެމީހުން އެއްބަސް ކުރުވުމެވެ. އެކި ކުދިން އެކި އެއްޗިހި ކިޔާ އެގޮތް މިގޮތުން ނާއިފް އަށް ބުނެވިއްޖެއެވެ.
“ޔެސް އައި ލައިކް ޒީނާ! ދެން އެއީ އެހާވަރެއްގެ ކަމެއްތަ؟” ނާއިފް ރަކި ހިނިތުންވުމަކާއެކު އެހެން ބުނުމުން އެންމެން އެއްފަހަރާ ހަޅޭއްލަވައި ގަތެވެ. ޒީނާ ލަދުން އިސްޖަހައިގެން ހެވިފަ އިނީ އެވެ.
“ދެން އޮތީ ޒީނާގެ ބަހެއް!” އާޔަން ބުންޏެވެ.
“ޒީނާ ވެސް ލައިކް ވެޔޭ ދޯ؟” ޒީނާ އާއި ޖެހިގެން އިން ފާތުން ޒީނާގެ ކޮނޑުގައި ކޮނޑުން ޖަހައިލަމުން އެހިއެވެ. އެވަގުތު ޒީނާ ލަދުންއިނދެ ބޯ ޖަހައިލިވެ.
“ދެން ސެލިބްރޭޓް ކުރާނީ މި ކަންތަށް” ލައިޝާ ބުންޏެވެ.
“އަދި މަޑުކުރޭ ލައި ގެ އާ މޫސަ ގެ ކަންތަށް ވެސް މިއާއެކު ނިންމާލަން ވާނެނު” ފާތު އެބުނި އެއްޗަކުން އެންމެން ތިބީ ޝޮކެއްޖެހިފަ އެވެ.
“ތީ އަދި ނޭގި އޮތްކަމެއް!”އާޔަން އެއްލޯ މަރާލަމުން މޫސައާއި ދިމާއަށް ބުންޏެވެ.
“އެއީ ހުސް ދޮގު. އެކަހަލަ ކަމެއް ނެތް! ދޯ މޫސާ!” ލައި އަވަހަށް ބުންޏެވެ. އެވަގުތު މޫސަ ވެސް ބުމަ އަރުވާލަމުން އެއްބަސް ވިއެވެ.
“އާން އެއްވެސް މީހަކު އަޅުވައި ކިޔައިގެން ނުވާނެ އިނގޭ ޔަގީން ނުވަންޏާ… އެއީ އާޔަން ވަރަށް ފޫހިވާކަމެއް.” އާޔަން ބުންޏެވެ.
“މަ ވެސް ތިކަމާ ތާއީދު އޭރުން ފްރެންޑްޝިޕް އަށް ބުރޫ ނާރާނީ” މޫސަ ބުންޏެވެ. މޫސަ އެހެން ބުނުމުން އެކަކުވެސް އެކަމާ އިތުރަށް އެއްޗެއް ނުބުނެއެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ޔުނީގެ ނޯޓިސް ބޯރޑުގައި އޮތީ ސެމިސްޓަރ ބްރޭކް އަންނަ ވާހަކަ އެވެ. އެހެންވެ އެންމެން ވެސް މިއަދު ދައްކަނީ އެވާހަކަ އެވެ.
“ލައި ދަނީ ސިންގަޕޯރ އަށް، ލައި ފެމިލީ މާލޭން ސިންގަޕޯރ އަށް ދަނީ އެހެންވެ ލައި މިކޮޅުން ދަނީ” އެދުވަހު ކާން ގޮސް ތިބެ ލައިގެ ޕްލޭން ލައި ހާމަ ކޮއްލިއެވެ.
“އަހަންނާ ފާތު އާ ދަނީ މާލެ.” ނާއިފް ބުންޏެވެ. “ޒީ މެން ކިހިނެއް ހަދަނީ؟” ނާއިފް ޒީނާ ކުރެން އަހާލިއެވެ.
“އަހަރުމެން ވެސް މާލެ ކަންނޭގެ ދަނީ” މޫސަ އިނދެފަ ބުންޏެވެ. “އަދި ޔަގީނެއްނޫން.”
“ނޫރާގެ ޕްލޭން އޮތީ ކިހިނެއް؟” އާޔަން އަހާލިއެވެ.
“ނޫރާ ނުދަން މިފަހަރު! ނޫރާގެ އާންޓް އާ ފެމިލީ މިކޮޅަށް އަންނަނީ އްހެންވެ މަޑުކުރަނީ.” ނޫރާ ބުންޏެވެ.
“އާޔަން ވެސް މިފަހަރު ނުދަން!” އާޔަން ބުންޏެވެ. ލައި އާ މާލެދާ އެންމެންވެސް މަޖާކޮށްލާތި އިންގޭ! އެންމެނަށް ހެޕީހޮލިޑޭ!” އާޔަން ބުންޏެވެ.
“އޭތް އަދި މިއަދެއް ނޫން އިނގޭ ފުރަނީ. އަދި އަހަރުމެން ޝޮޕިން ވެސް ކުރަން ޖެހޭނެނު.” ފާތު ބުންޏެވެ.
“އާނ އެއީ ތެދެއް!” އެންމެން އެއްފަހަރާކަހަލަ ގޮތަކަށް ބުންޏެވެ.

43

3 Comments

 1. 1 burun

  October 14, 2013 at 4:17 pm

  beautiful story

 2. lai

  October 14, 2013 at 4:18 pm

  beautiful story

 3. gbbbbbbbb

  October 14, 2013 at 4:19 pm

  mi vahakaigai ekujege name in kiaty fooohi

Comments are closed.