ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 46
ފާހާނާގެ ދޮރު ހުޅުވުނުއަޑަށް ދެމީހުންނަށްވެސް ސިހުން ލިބިގެން ދިޔައެވެ. ރީމްގެ މޫނު އަނދިރިވެގެން ދިޔައެވެ. އިޔާނާއާއި އީމަން ގާތުގައި ވާތަން ފެނި ހިތަށް އުނދަގޫވެގެން ދިޔައެވެ.
އީމަންއާ އިޔާނާއަށްވެސް ކުރެވިގެން ދިޔައީ ހަމަ މިކަހަލަ އިހުސާސެކެވެ. އަމިއްލަ ނަފްސަށް ކުރެވުނު މަލާމާތެއްގެ ބޮޑުކަމުން އިޔާނާ ބޭނުންވީ އެތަނުން ދިޔުމަށެވެ. ބޭރުގައި މިހުރީ ކަމުގައި ބުނެ އަވަސްއަވަހަށް އެކޮޓަރިން ނިކުމެގެން ދިޔައެވެ.
ހުމާމްއާއި ޖާހަތު ފުރުމުގެ ތައްޔާރީތައް ކުރަމުން ދިޔައެވެ.
“އަވަސްކުރޭ. ޗެކިން ފެށެން ބައިގަޑީރަށްވީ.” އެނދުމަތީގައި ހުރި ފޮށި ބަންދުކުރަމުން ދިޔަ ޖާހަތުއަށް ހުމާމު ބުނެލިއެވެ.
ޖާހަތު ފިނިގޮތަކަށް ބަލައިލިއެވެ. އަދި އެއްވެސް އެއްޗެކޭ ނުބުނެ ގޮސް ލޯގަނޑު ކުރިމަތީ ހުއްޓި އަޅައިގެން ހުރި ބުރުގާ ރަނގަޅުކޮށްލިއެވެ.
“ހުމާމު!” ޖާހަތު ވާހަކަ ދައްކަންފަށަމުން ހުމާމަށް ގޮވާލުމުން ހުމާމު ޖާހަތުއަށް ސަމާލުކަން ދިނެވެ.
“މަންމަމެން ކައިރީގައި އަހަރުމެން މިދަނީ ހަނީމޫން ވިސާގައޭ ބުންޏަސް އަހަރުމެންނަށް އެބަ އެނގޭ ހަޤީޤަތް. ދެމީހުންވެސް މިދަނީ ޓޫރިސްޓް ވިސާގައި. ބުނަން މިއުޅެނީ އެތަނުގައި އަހަރުމެންވާނީ ހަމަ ހިލޭ ދެމީހުނަށް. އެހެންވީމަ އަހަރެންގެ ޕާސްޕޯރޓާ ޓިކެޓް އަހަރެން އަތަށް ދީ.” ޖާހަތުގެ ވާހަކައަށް ހުމާމު ފުންކޮށް ވިސްނާލިއެވެ.
ކުޑައިރުކޮޅަކު އެގޮތުގައި އިނުމަށްފަހު ޖާހަތުއަތަށް ޕާސްޕޯރޓް ދިއްކޮށްލި އިރު އެމޫނު މަތިން ފެންނަމުން ދިޔައީ ޖެހިލުންވުމުގެ އަސަރެވެ. އެތެރެއަށް ނޭވާ ހިފަހައްޓާލައިގެން ހުރެ ޖާހަތު ޕާސްޕޯޓް ހޯދިއެވެ. އެއާއެކު ނޭވާ ދޫކޮށްލެވުނީ ހިތަށް ލިބުނު ފިނިކަމެއްގެ ސަބަބުންނެވެ.
ކޮޓަރީ ދޮރުގައި ޓަކި ދިންއަޑަށް ދެމީހުންނަށް އެދިމާއަށް ބަލައިލެވުނެވެ. އާއިޒު ހުރީ ޖާހަތުމެން ބަލައި އައިހެވެ. ސުވާލު އުފެދިފައިވާ ނަޒަރަކުން ޖާހަތުއަށް ބަލައިލިއެވެ. ހުމާމުގެ ފަހަތުގައި ހުރި ޖާހަތު އަތުގައިވާ ޕާސްޕޯރޓް އާއިޒަށް ދައްކައިލީ ފަޚްރުވެރިކަމާއެކީގައެވެ. އާއިޒުގެ މޫނުމައްޗަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ.
“ހިނގާ ދަމާ!” އާއިޒު ވާހަކަ ދައްކަން ފެށިއެވެ.
ދެމީހުން ދެފޮށި ހިފައިގެން ކޮޓަރިން ނިކުތެވެ. ޖާހަތު ފަހަތުގައި ހުރެގެން ނިކުތެވެ. ސައުދިއްޔާ ހުރީ ސިޓިން ރޫމުގައި ޖާހަތުގެ އިންތިޒާރުގައެވެ. އެމޫނުމަތި މިއަދުވަނީ މިލާފައެވެ. ދެލޯވަނީ ފެންކަޅިވެފައެވެ. ޖާހަތުދަނީ ކުޑަ ދުވަސްކޮޅަކަށޭ، ހިތަށް ވިސްނައިދޭން އުޅުނަސް އެހިތް ބާރުބާރަށް ތެޅެމުންދަނީ ކީއްވެގެންކަން ސައުދިއްޔާއަށްވެސް ޚުދު ނޭނގުނެވެ.
އަމިއްލަ އުފަން ދަރިޔަކަށް ނުވިނަމަވެސް ޖާހަތު ދެކެ ވާ ލޯބި އެންމެ ތަންފުކެއްވެސް ކުޑައެއް ނޫނެވެ.
ސައުދިއްޔާގެ ހާލަތު ޖާހަތުއަށް އިހުސާސްކުރެވުނު ހިނދު އެދެލޮލުން ކަރުނަ އޮހިގަތެވެ. ސައުދިއްޔާ ތާ އަބަދަށް ވަކިވެގެން ދާންވުމުން ހިތަށް ކޮށްފައިވާ އަސަރު ފޮރުވަން މަސައްކަތް ކުރި ނަމަވެސް ކެތް ނުކުރެވުނީއެވެ. ހަލުވިކަމާއެކީގޮސް ސައުދިއްޔާގެ ގައިގައި އޮޅުލައިގެން ކޮނޑުމަތީގައި ބޯއަޅާލުމާއެކު ރޮވުނެވެ. ސައުދިއްޔާ ޖާހަތުއަށް ހިތްވަރުދިނެވެ. އަދި ހަމަ އެހެންމެ ޝަކީބުވެސް އައިސް ޖާހަތުއާ ވާހަކަ ދައްކާ ހިތްވަރުދިނެވެ.
އެކަކު އަނެކަކާ ސަލާމްކޮށްލުމަށްފަހު ދެއަތް ދުރުވެގެން ދިޔައިރު އަލުން އަވަހަށް ބައްދަލުވުމުގެ އުންމީދުގައި ސައުދިއްޔާ ހުރި ނަމަވެސް ޖާހަތު ކުރީ ވަދާޢީ ސަލާމެކެވެ. މަންމައެއްގެ ލޯބިދިން އެ އަންހެންމީހާއާ ވަކިވެގެން ދާން މިޖެހެނީވެސް ބޮޑު އޮޅުވާލުމެއްގެ ތެރޭގައިކަން އިހުސާސްކުރެވުނު ހިނދު އަމިއްލަ ނަފްސުގެ އަގު ވެއްޓިގެން ދިޔަފަދައެވެ. އިތުރަށް ހަތަރުކަޅި ހަމަކުރަން ނުކެރުމުން އިސްޖަހާލައިގެން ނިކުމެ ކާރަށް އެރިއެވެ. އެއިރު އާއިޒުއާއި ހުމާމު ކާރަށް ދެފޮށިލާފައި މަޑުކޮށްލައިގެން ތިބިއެވެ. އާއިޒު އެރީ ކުރިއަށެވެ. ހުމާމު އިށީނީ ޖާހަތުކައިރީ ފަހަތުގައެވެ. ޓެކްސީ ދުއްވާލިއެވެ. ޖާހަތު ހަމައަކަށް އެޅޭތޯ ފުންނޭވާއެއް ބޭރުކޮށްލިއެވެ. އާއިޒުއާއި ޖާހަތުގެ ނަޒަރުވަނީ ކާރުގައި ހުރި ލޯގަނޑުން ސީދާވެފައެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް ކައިރީގައި ހުރި ހުމާމަށް ބަލާލަމުން އިސްޖަހާލިއެވެ. އަދި އެއަށްފަހު އަތްދަބަހުގައި އޮތް ފޯނުނަގައި އާއިޒަށް މެސްޖްކޮށްލިއެވެ.
‘ތެންކްސް!’ އާއިޒު ފޯނަށް އައި މެސެޖް ކިޔާލިއެވެ.
‘ކޮންކަމަކަށް’ ޖާހަތުގެ ފޯނަށް އައި އާއިޒުގެ މެސެޖްގައި ލިޔެފައިވެއެވެ.
‘ފޯ ހެލްޕިން މީ ޓު ސްޓާރޓް އަ ނިއު ލައިފް.’ ޖާހަތު ރިޕްލައިގައި ލިޔެ އާއިޒަށް ފޮނުވައިލިއެވެ.
‘ނޯ! ތެންކްސް ޓު ޔޫ. އައި ވޯޒް ފީލިން ރިއަލީ ގިލްޓީ ފޯ މޭކިން ޔޮއަރ ލައިފް އަ މިސަރަބްލް ވަން. ނައު އައި ކޭން ލުކް މައިސެލްފް ވިތް ރެސްޕެކް. ތެންކްސް ފޯ ގިވިން މީ އަ ޗާންސް ޓު ކަރެކްޓް މައި މިސްޓޭކް.” ޖާހަތުގެ ފޯނައަށް އައި އާއިޒުގެ މެސެޖް ކިޔާލުމަށްފަހު ޖާހަތު ހިނިތުންވެލަމުން އާއިޒުއަށް ބަލައިލިއެވެ. އާއިޒުވެސް ހުރީ ލޯގަނޑުން ޖާހަތުއަށް ބަލަހައްޓައިގެނެވެ. ޖާހަތު ޝުކުރުވެރިކަމާއެކީގައި ލޯ މަރާލަމުން ހިނިތުންވެލިތަންފެނި އާއިޒުގެ މޫނު މައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވިއެވެ.
‘ސޯ! ގޯ ވިތް ދަ ޕްލޭން. ވިލް މީޓް ޔޫ ސޫން.” އާއިޒު ޖާހަތުއަށް ފޮނުވި މެސެޖްގައި އޮތެވެ. ޖާހަތު މެސެޖް ކިޔާލަމުން ނިތްކުރިއަރުވާލީ އާނއެކޭ ބުނަމުންނެވެ. ޖާހަތު ސީޓުގައި ލެނގިލިއެވެ. އަދި އެއަށްފަހު ލޯމަރާލެވުނީ ރޭގައި އާއިޒުއާ ދެމީހުން ދެއްކި ވާހަކަ ތައް ހަނދާންވުމުންނެވެ. އަމިއްލަ ނަފްސާމެދު ލަދުގަނެފައިވާ އާއިޒު ޖާހަތުކައިރިއަށް އައިސް މަޢާފަށް އެދުނު ގޮތެވެ. ޖާހަތުއަށް ނޭނގި ހަޑިގޮތަކަށް ވަރިކުރެވުނީތީ އާ ހުމާމުގެ އުނދަގޫތަކުން ސަލާމަތް ނުކުރެވުނީތީއެވެ. އަދި އާއިޒުއާ ކައިވެނިކުރިއިރު ޖާހަތު ހުރި ހިސާބަށް ގެންގޮސްދޭނެކަމުގައި ވަޢުދުވިއެވެ. އެގޮތުން ޔާނާ ކައިރިއަށް މެލޭޝިޔާއަށް ގެންގޮސްދޭން ނިންމިއެވެ. އާއިޒު ޤަބޫލުކުރި ގޮތުގައި އެއީ އާއިޒުގެ ޒިންމާއެކެވެ. އަދި ޔާނާ ކައިރިއަށް ޖާހަތުގެންދާނީ ޚުދު އާއިޒުކަމާއި އަދި ޔާނާ ކައިރިން މަޢާފަށް އެދެންވެސް ބޭނުންވާ ވާހަކަ ބުންޏެވެ. ދެން މައްސަލައަކަށްވީ ހުމާމެވެ. އޭނާގެ ކިބައިން ސަލާމަތްވާނޭ ގޮތެކެވެ. ވަރަށް ވިސްނުމަށްފަހު ދެމީހުން އެކަމުންވެސް ސަލާމަތްވާނެ ގޮތެއް ނިންމިއެވެ.
ޖާހަތުއަށް ލޯ ހުޅުވާލެވުނީ ކާރުމަޑުކޮށްލިކަން އިހުސާސްވުމުންނެވެ. ފުރަން ތައްޔާރުވެފައި އޮތްފެރީއަށް ބަލަމުން ޖާހަތު ކާރުން ފޭބިއެވެ. ހުމާމު ދެފޮށި ފެރީއަށް އެރުވިއެވެ. އަދި ދޯންޏަށް އަރައި ޖާހަތުއަރުވަން އަތް ދިއްކޮށްލިއެވެ. ޖާހަތު އާއިޒާ ސަލާމްކޮށްލިއެވެ.
“ހިތްހެޔޮކުރާތި. ދެން ނޭނގެ އަވަހަށް ބައްދަލުވާނެކަމެއްވެސް.” ޖާހަތު ލާނެތް ރާގެއްގައި ބުނެލިއެވެ. މަޤްސަދަކަށްވީ ހުމާމަށް އަޑުއިއްވުމެވެ.
ފެރީއަށް އަރައި ހަމަ ޖެހިލުމާއެކު ފެރީ ދުއްވާލިއެވެ. ޖާހަތުގެ މޫނުމަތީގައި ހިނިތުންވުމެއް ހުއްޓެވެ. ހުރިހާކަމެއް ރޭވުމާ އެއްގޮތަށް ދާތީއެވެ. ދެން ޖެހިގެން އޮތްފެރީއިން އާއިޒު އަންނާނެއެވެ. ހުމާމު ޖާހަތު ގޮވައިގެން ދާން ބޭނުންވަނީ ލަންކާއަށެވެ. އެކަމަށް ނެގި ޓިކެޓް އޮތީ ހުމާމު އަތުގައެވެ. ޖާހަތުއާއި އާއިޒު ވަނީ މެލޭޝިޔާއަށް ފުރުމަށް ނިންމައިގެނެވެ. އެންމެ ދަތިކަމަކަށްވި، ޖާހަތުގެ ޕާސްޕޯޓް ހޯދުންވެސް ފަސޭހަކަމާއެކީ ކާމިޔާބު ވިއެވެ. ހުރިހާ ކަމެއް ފުރިހަމައަށް ދާތީ ހެއްދެވި ފަރާތަށް ޝުކުރު އަދާކުރިއެވެ.
ފެރީ މަޑުކޮށްލުމާއެކު ޖާހަތު އާއި ހުމާމުވެސް ފެރީއިން ފޭބިއެވެ. ހުމާމު ދެފޮށި ލާން ޓްރޮލީއެއް ގެނައުމުންވެސް ޖާހަތު އެކަމަށް އިންކާރުކުރީ ދެމީހުންވެސް ދާނީ ފޮށި ދަމާފައި ކަމުގައި ބުނަމުންނެވެ.
ލަންކާއަށް ފުރާ ފްލައިޓްގެ ޗެކިން ބަންދުވާން ވިއްސަކަށް މިނެޓަށްވަނީވެފައެވެ. ޖާހަތު ވިސްނަމުން ދިޔައީ ދެން ކަންތައް ކުރަންވީ ގޮތަކާ މެދުއެވެ. ހުމާމާއެކީ ގައި ޗެކިން ކުރަން ދާން އިންކާރު ކުރާނީ ކީކޭ ކިޔާފައި ހެއްޔެވެ؟
އައްޑުއަށް ފުރަން އޮތް ފްލައިޓްގެ ޗެކިން ފެށުމާއެކީ މީހުންގަނޑު ތޮއްޖެހެން ފެށިއެވެ. ކަންބޮޑުވެފައިވާ ޖާހަތުއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ ހުމާމު ފާހާނާއަށް ވަދެލާފައި އެބަ އަންނަން ކަމުގައި ބުނެ އެތަނުން ދިޔުމުންނެވެ. ކަންދިމާކުރިގޮތުން ހުމާމު ދިޔައީ ދެމީހުންގެ ޓިކެޓްވެސް ޖާހަތު އަތަށް ދީފައެވެ. އެންމެ ސިކުންތެއްވެސް ބޭކާރު ކުރުމެއްނެތި ޖާހަތު އަވަހަށް މަސައްކަތް ފެށިއެވެ.
ފޮށި ގެންގޮސް އެއްފަރާތެއްގައި ބެހެއްޓިއެވެ. އަދި އެއަށްފަހު ދެ ޓިކެޓް ހުޅުވާލުމަށްފަހު އޭގެ ތެރެއިން ޖާހަތުގެ ނަން އޮތް ޓިކެޓް ނަގައި އަތްދަބަހަށް ލިއެވެ. އަދި ފާހާނާތަކާ ދިމާއަށް ބަލައިލީ ހުމާމު ކޮބައިތޯ ބެލުމަށެވެ. އެވަގުތު ހުމާމު ފާހާނާއިން ނިކުމެގެން އަންނަނީއެވެ. ލަންކާ ފްލައިޓަށް ޗެކިން ކޮށްފައި އެނބުރި އައިސް އައިސް ތިބި ބައިގަނޑެއްގެ ފަހަތުގައި ޖާހަތު ހިނގައިގަތެވެ. ހީވަނީ އެމީހުންނާއެކީގައި ހުރި މީހެއް ހެނެވެ.
ހުމާމަށް ޖާހަތު ފެނުނެވެ. އެވަގުތު ޖާހަތުއަށް ގޮވާލިއެވެ. ޖާހަތަށް ލޯ މަރާލެވުމާއެކު ފުންނޭވާއެއް ލެވުއެވެ. އަދި އެއަށްފަހު ހިނިތުންވެލަމުން ހުމާމާ ދިމާއަށް އެނބުރިފައި އެދިމާއަށް ހިނގައިގަތެވެ.
“އަހަރެން އެބައޮތް ވާހަކަ އެއް ބުނަންވެފަ.” ހުމާމު ވާހަކަ ދައްކަންފެށިއެވެ.
ނަމަވެސް އެވަގުތުކޮޅަކީ ޗެކިން ބަންދުވާން އުޅޭކަމުގެ އެލާރޓްއައި ވަގުތުކަމުން ޖާހަތު ހުމާމު ހުއްޓުވިއެވެ.
“ފުރަތަމަ ޗެކިން ކޮށްގެން އައިސް ބަލަ. ޗެކިން ބަންދުވަނީއެއްނު؟” ޖާހަތު ޗެކިން ކައުންޓަރަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. ހުމާމުގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ.
“ތިހެން ތިބުނީ ކީއްވެ؟ ޖާހަތު ޗެކިން ކުރީތަ؟” ހައިރާންވެފައި ހުމާމަށް ސުވާލުކޮށްލެވުނެވެ.
“އާނ! އެ ވީގޮތަކީ ދެންމެ އެދިޔަ މީހުން ބަރުވީ. އެހެންވެ އަހަރެން ކައިރީ އެދުނީ އެއްކޮށް ޗެކިން ކުރަން. އެހެންވެ އަހަރެން ޗެކިން ކޮށްފިން.” ޖާހަތު ފަރިތަކަމާއެކީ ބުނެލިއެވެ.
ހުމާމު ކުޑަކޮށް ހުއްޓުން އަރާފައި ހުރުމަށްފަހު ބޯޑިން ޕާސް ކޮބައިތޯ ސުވާލުކުރިއެވެ. ޖާހަތު ހުރީ އެސުވާލަށްވެސް ތައްޔާރުވެގެންނެވެ.
“އެމީހުން އަތުގަ. އެހޯދަން އުޅެނިކޮށް ހުމާމު ތި ގޮވީ. އަހަރެން އެބަ އަންނަން އެ ހޯދައިގެން. އެއިރަށް ހުމާމު ޗެކިންކޮށްލާ. އަވަސްކުރޭ.” އިތުރަށް މަޑުކުރުމެއްނެތި ޖާހަތު އަވަސްއަވަހަށް ބޭރަށް ނިކުތެވެ. ފަހަތަށް ބަލާލުމެއްވެސް ނެތި އަވަސް އަވަހަށް ކުރިއަށް ހިނގައިގަތެވެ. އެއްވެސް މިސްރާބެއް ނެތަސް ހީވަނީ މީހަކަށް ފިލަނީ ހެނެވެ. ހިތާހިތުން ވާހަކަ ދައްކަމުން ޖާހަތު ކުރިއަށް ދިޔައެވެ. ‘ދެން އޮތް 45 މިނެޓްވަންދެން ހުމާމަށް ނުފެނުމުން އެއްވެސް މައްސަލައެއް ނުޖެހޭނެ.’
މީހުން ތަންކޮޅެއް ގިނަ ދިމާލެއްގައި މަޑުކޮށްލައިގެން ހުރިއިރު ޖާހަތުގެ ނަޒަރު ހުރީ އެއާރޕޯރޓް ދޮރަށެވެ. ހުމާމު އާދޭތޯ ބެލުމަށެވެ. ސިހިގެން ދިޔައީ ދަބަހުގައި އޮތްފޯނު ރިންގްވާން ފެށުމުންނެވެ. ޖާހަތު ހަމަ ހީކުރި ގޮތަށް އެ ކޯލް ވެގެން ދިޔައީ ހުމާމުގެ ކޯލަކަށެވެ. ޖާހަތު ފޯނުނަގާ ކަންފަތުގައި ޖައްސައިލިއެވެ.
“ބޯޑިން ފަށައިފި. ކޮބާ؟” ހުމާމު އެކޮޅުން ސުވާލުކޮށްލިއެވެ.
“މި ދަނީ. ވަރަށް ކައިރީގަ މިހުރީ.” ޖާހަތު ބުނެލިއެވެ.
“އެހެންވީމަ އަހަރެން މި އެތެރެއަށް ވަންނަނީ. ޖާތު އާދޭ އިނގޭ!” އެކޮޅުން ހުމާމު ބުނެލި ޖުމުލައިން ޖާހަތު އުފަލުން ފުރުނެވެ. އެއީ އޭނާ ބޭނުންވާ ގޮތެވެ. ހުމާމު އެތެރެއަށް ވަންނާށެވެ. ދެން އެހިސާބުން ހުމާމަށް އަނބުރާ ޖާހަތު ހޯދަން އާދެވޭކަށެއް ނޯންނާނެތީއެވެ. ޖާހަތު ފޯނު ބޭއްވިއެވެ.
ރީމްއާއި އިޔާނާ ތިބީ ހޮސްޕިޓަލުގައެވެ. ޑޮކްޓަރަށް ދެއްކުމުން އެއްވެސް މައްސަލައެއް ނެތްކަމަށް ބުންޏެވެ. އަދި އޭގެ އިތުރުން ޑޮކްޓަރު އެދުނީ ސްކޭންއެއް ހެއްދުމަށެވެ. އެހެންކަމުން ދެމީހުން ތިބީ ސްކޭން ކޮޓަރީގެ ބޭރުގައެވެ. އެދެމެދުގައި ވަނީ ހަމަ ހިމޭންކަމެވެ. އިޔާނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އީމަންގެ ހިޔާލުތަކެވެ. ހިތް ބުނަމުން ދިޔައީ އެންމެ ވާހަކައެކެވެ. އީމަންއަށްޓަކައި އެ ހިތުގައި ހާއްސަ މަޤާމެއް ވާކަން ޔަޤީނެވެ. އެހެންނޫންނަމަ މިކުރެވެނީ ކޮންކަހަލަ އިހްސާސްތަކެއް ހެއްޔެވެ؟ ކޮންމެ ގޮތެއްވި ނަމަވެސް އީމަންއާ މިވާހަކަ ދައްކާނަމެވެ. ކުރިން އެދެމެދުގައި އެއްވެސް ގުޅުމެއް އޮތްތޯ ބަލާނަމެވެ. އީމަން އެދުވަހު ދެއްކި ފޮޓޯ ތަކުގައި އެވަނީ ކޮން ބައެއްތޯ ސުވާލުކުރާނަމަވެ. ހިތް ބުނަމުން ދިޔައީ އެ ފޮޓޯގައި އެވަނީ ޚުދު އިޔާނާ ކަމުގައެވެ. އެކަމަކު އެކަން އެގޮތަށް ވާންވީ ކީއްވެ ހެއްޔެވެ؟
ސިކުނޑީގެ ވިސްނުމުގެ ބޮކި ދިއްލިގެން ދިޔަފަދަ އިހުސާސެއް ކުރެވުމާއެކު ރީމްއާ ދިމާއަށް ބަލާލެވުނެވެ. އެފޮޓޯ ތަކުގައި އެވާ އަންހެން ކުއްޖާ ހުރީ ބުރުގާ އަޅައިގެންނެވެ. އެއީ ރީމްއެއް ނޫނެވެ.
“ރީމް ކުރިން ބުރުގާ އެޅިންތަ؟” އިޔާނާ އެއްވެސް ޖެހިލުމެއް ނެތި ސުވާލުކޮށްލިއެވެ.
“ނޫން.” ރީމް ސުވާލު އުފެދިފައިވާ ނަޒަރަކުން އިޔާނާއަށް ބަލައިލަމުން ބުނެލިއެވެ. “ކިހިނެތްވީ؟”
“އެހެންވެއްޖެއްޔާ އެ ފޮޓޯ ތަކުގައި އެވަނީ ރީމް އެއް ނޫން ދޯ؟” އިޔާނާގެ ސުވާލުން ރީމްގެ ހިތް ތެޅިގަތެވެ. ‘މިއީ ހަމަ މާންގެ ސަބަބުން ދިމާވާ ކަންތަކެވެ.’
“އެއީ މާންގެ ދެވަނަ އަނބި. އެކަމަކު މިހާރު މި ދުނިޔެއަކު ނެތް.” ރީމް އިސްޖަހައިލައިގެން އިނދެ ބުނެލިއެވެ.
އިޔާނާއަށް ހައިރާންކަން ލިބިގެން ދިޔައެވެ. އެ ފޮޓޯގައި ވާ އަންހެން ކުއްޖާ އޭނާއާ އެހާ ވައްތަރީ ކީއްވެތޯ ސުވާލުކޮށްލަން ބޭނުންވި ނަމަވެސް ނުކެރުނެވެ. ރީމްއަށް މާނަ ގޯސް ގޮތަކަށް ނެގިދާނެ ކަމުގެ ބިރު ހީވީއެވެ.
“އެހެންވީމަ ރޭ ރީމް ހެދީ ހުސް ދޮގު ދޯ؟” އިޔާނާގެ ޖެހިލުން ކުޑަ ސުވާލުން ރީމްގެ ދެލޯ ބޮޑުވެގެން ދިޔައީ ހައިރާންކަން ލިބުނު ވަރުންނެވެ.
“ކިހިނެތްވީ؟” ރީމްއަށް ސުވާލުކޮށްލެވުނެވެ.
“ފުރަތަމަ ކަމަކީ އީމަން ދެވަނަ ކައިވެންޏެއް ކުރިކަން. ދެވަނަ ކަމަކީ ދެންމެ ތި ދެމެދުގަ ދެކެވުނު ވާހަކަ ތައް. ތިހާ ލޯބިވާ ނަމަ އެގޮތަކަށް ރީމް އާ ވާހަކަ އެއް ނުދައްކާނެއެއްނު؟” އިޔާނާގެ ސުވާލަށް ދޭނެ ޖަވާބެއް ރީމްއަކަށް ނޭނގުނެވެ. ހިތް ބިރުން ތެޅެން ފެށިއެވެ. އިޔާނާއަށް ހުރިހާކަމެއް މިދަނީ އެނގެމުންނެވެ.
3 Comments
Comments are closed.
Varah bodah sukuriyya ehaa avahah upload kodhineethee 🙂 varah reethi mibai 🙂 anehkaa kihineh vaan baa mi ulhenee? Humam ge kibain jaahath salaamai vaane baa? Anehbaives avahah upload kohdhehchey pls
obinoave, varah reethi 😀
nw story fake vejji