ވީމޭ އިންތިޒާރުގައި 3 ވަނަ ބައި
މިހާރު ހަފްތާ ނިމެނީ އެވެ. ދެން އޮތީ ތިން ހަފްތާގެ ބޮޑު ޗުއްޓީ އެކެވެ. އެކަމަށް ބާޒާރު ކޮށް ހެދުން ކޮންމެ ދުވަހަކު ކުރިއަށް ދެއެވެ. ނޫރާ ވެސް އެމީހުން ފަހަތުން އުޅެއެވެ. އެމީހުން އެންމެން މަޖާނަގަމުން ތަންތަނުން ކައި އުޅޭތީ އެވެ.
އެގޮތުން މިއަދު ބާޒާރު ކުރުމަށް ދިޔައީ ‘ޓައިމް ސްކުއަރ’ ކިޔާ ބޮޑު މޯލް އަކަށެވެ. އެއީ ބުރިބުރިއަށް ނަގާފައިވާ ވަރަށް ބޮޑު އިމާރާތެކެވެ. ކޮންމެ ފަންގިފިލާއެއްގައިވެސް ރެސްޓޯރެންޓް ތަކާ ފިހާރަތަކާ އެކި ކަހަލަ ގޭމް ކުޅޭ ތަންތަނާ އަދި ސިނަމާތަށް ހިމެނެއެވެ. އަދި މެލޭޝިޔާގެ ކޮންމެ މޯލް އެއްގައިވެސް ނަމާދު ކުރަން ޙާއްސަ ތަނެއް ހުރެއެވެ. އަދި ކޮންމެ މޯލް އެއްގައިވެސް އަރާފޭބުމަށް ހުންނަނީ ދުވާސިޑިއެވެ. މިއަދު މިތާ ވަރަށް މީހުން ވެސް ގިނައެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ކޮންމެ ދުވަހަކުވެސް އެހާމީހުން އާދެއެވެ.
މި ގުރޫޕުގެ އެކި މީހުން ތިބީ ބައި ބަޔަށް ބެހިލާފައެވެ. އެމީހަކު ގަނަން ބޭނުންވާ އެއްޗެއް ހޯދުމުގައެވެ.
“މީތި ވަރަށް ރީތި! ފާތުގެ ތުއްތަ އަށް ނަގަން ވީނު. މީގެ ޝޯލް ވަރަށް ނުހުރޭނު. ” ޒީނާ ޝޯލް އެއް ފާތު އަށް ދައްކަމުން ބުންޏެވެ. ޒީނާ އާއި ފާތު އުޅެނީ ބުރުގާ ވިއްކާ ފިހާރައެއް ތެރޭއެވެ.
އެވަގުތު ލައި އުޅެނީ ފައިވާން ވިއްކާ ތަނެއްގެ ތެރޭގައެވެ. ފައިވާނެއް ހެޔޮވަރު ކުރާށެވެ. ފަހަރަކު އެއްޗަކަށް އަރަމުން ލޯގަނޑުން ގޮތް ގޮތަށް ބަލައިލާފަ ކަމުނުގޮސްގެން ބާލައެވެ.
މޫސަ އާއި ނާއިފް އުޅެނީ ޓީ_ޝާރޓް ތަކެއް ބަލާށެވެ. ދެމީހުން ދެމީހުނަށް ޓީ-ޝާރޓް ނަގާ ހެޔޮވަރު ކޮށްކޮށްފަ އުޅެއެވެ. މޫސަ އަށް އަބަދުވެސް ކަމުދަނީ އަތްދިގު އެއްޗިއްސެވެ.
ނޫރާ ހުރީ ބޭރުގައެވެ. ހުރިހާއެންމެން ފެންނަ ތަނެއްގައެވެ. އެތާ ހުރި މީހަކު އަތުގަ އަޅާ ކެވެލި ތަކެއް ވިއްކާތީވެ އެ ކެވެލި ތައް ބަލާށެވެ.
“ޕޮއް!” އާޔަން ނޫރާގެ ފުރަގަހުން އައިސް އޭނާ ސިއްސުވާލިއެވެ. “އަތުގަ އަޅާއެއްޗެއް ގަންނަންތަ ތި އުޅެނީ؟” އާޔަން އަހާލިއެވެ.
“ދެންބަލައިލަނީ. ވަކި ގަންނާކަށްނޫން.” ނޫރާ ބޯހޫރާލިއެވެ. އެވަގުތު ނޫރާގެ ހިތް ތެޅެން ފެށިއެވެ. އާޔަންއާއި ނޫރާ ދުވަހަކުވެސް އެކަނިވެރިކޮން އަދި ދިމައެއްނުވެއެވެ. މުޅިންވެސް ދިމާވަނީ ގުރޫޕުއެއްކޮނެވެ. ނޫރާ އާޔަން އަށް ބަލައިލިއެވެ. އާޔަން އެއްޗެއް ބުނަން އުޅޭހެން ނޫރާއަށް ހީވިއެވެ.
އާޔަން ހުރީ މިކަހަލަ ދަނޑިވަޅަކަށް ބަލަބަލައެވެ. އާޔަން ބޭނުންވަނީ ނޫރާއަށް ހުރިހާ ވާހަކައެއް ކިޔާދޭށެވެ. އެއީ ނޫރާ އަށް އޮޅުވާލައިގެން އުޅެން އާޔަން ބޭނުން ނުވާތީ އެވެ. އާޔަން ވިސްނަންހުރީ ވާހަކަ ފަށާނެގޮތަކާމެދުއެވެ.
“ތީ ސިލޯނުގެ ބީ.ޖީ.އެސް ގަ އުޅުނު ނޫރާ ތަ؟ ” އާޔަން އެސުވާލު ކުރީ ނޭގިގެންނެއް ނޫނެވެ. ގަސްތުގައެވެ. އެވާހަކަ ފަށްޓަން ވެގެންނެވެ.
ނޫރާ އާޔަންއަށް ބަލައިލިއެވެ. ހައިރާންވިއެވެ. އަދި ކުޑަކޮން ޖެހިލުންވިއެވެ. ބިރުގަންނަކަހަލަ ގޮތެއްވެސް ވިއެވެ. އާޔަން އެސުވާލު އެކުރީ ގައިމު އޭނަ ނޫރާ ދަންނާތީތާއެވެ. އެއީ އެއާޔަން އެވެ. އެހެންނޫނީ އެހެން އަހަންވީ ކީއްވެ ހެއްޔެވެ.
“ކީއްވެ ތިހެން ތި އެހީ؟” ނޫރާ ޖެހިލުންވެހުރެ އަހައިލިއެވެ.
އެސުވާލަށް ޖަވާބުދޭން ތައްޔާރަށް ހުރި އާޔަން ބުންޏެވެ. “އާޔަން ވެސް އެ ސްކޫލްގައި އުޅުނީމޭ!”
ނޫރާގެ މުޅިގައިން ހީބިހިނަގައިގެން ދިޔައެވެ. މީހާ ފިނިވެއްޖެއެވެ. ނޫރާ އަށް ވާހަކަ ވެސް ނުދެއްކުނުވެ. އަރުތެރެ ބެދިއްޖެއެވެ. ނޫރާއަށް މިހާރު އެއީ ހަމަ އެއާޔަންކަން ކިތަންމެ ޔަގީންވިއަސް ޤަބޫލު ކުރާކަށް ބޭނުމެއްނޫނެވެ.
“ތީ ….އާޔަންތަ؟ ހަމަ… ހަމަ… އެ އާޔަން ތަ؟” ވަރަށް އުނދަގުލުން ނޫރާއަށް އަހާލެވުނެވެ.
“އާނ…..! މީ އާޔަން ލަންކާގެ ބީ. ޖީ . އެސް އިންޓަނެޝަނަލް ސްކޫލް ގަ އުޅުނު ބިގް ބުލީ! އާޔަން އެދުވަހު ކުރި ކަންތައް ނޫރާއަށް ފެނުނުކަންވެސް އާޔަންއަށް އިނގޭ!” ހުރިހާ ވާހަކަ އެއް ކިޔައިދޭން ބޭނުންވެފައި ހުރި އާޔަން ބުންޏެވެ.
ނޫރާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. މިގަންނަނީ ބިރު ބާވައެވެ. ނޫނީ ގަބޫލު ނުކުރެވެނީ ބާއެވެ. ނޫރާ ބޭނުން ވަނީ އެވަގުތު އެތަނުން ޤައިބު ވާށެވެ. އާޔަން އަށް ނުފެންނަ ހިސާބަކަށް ދާށެވެ. ނޫރާ ވަށައިގެން ބަލައިލި އެވެ. އެވަގުތު ފާތު އާއި ޒީނާ ލައި ކައިރިއަށް އަންނަނީ އެވެ. މޫސަ އާއި ނާއިފް އަދިވެސް އުޅެނީ ޓީ-ޝާރޓް ނުގަނެވިގެން ނެވެ. ހަމަ އެކަނި އެތާ ތިބީ އާޔަން އާއި ނޫރާއެވެ. މިހާރު މިހިރަ އާޔަން ނޫރާއަށް ކަމެއް ނުކުރާނެކަން ނޫރާއަށް ޔަގީންވާއިރުވެސް ބިރުގަންނަނީ ކީއްވެ ހެއްޔެވެ.
“ބިރުންތަ ތިހިރީ؟” އާޔަން ބުންޏެވެ. “ބިރު ގަންނާކަށް ނުޖެހޭނެ! އާޔަން ނޫޅެމޭ ނޫރާއަށް ކަމެއް ކުރާކަށް! އެހެންނޫނަސް މީ މިހާރު އޭރުގެ އާޔަން އެއް ނޫން. އޭރު އާޔަންއަށް އުޅެވިފަ ހުރީ ކިހާ ގޯސްކޮން…” އާޔަން ނޫރާއަށް ބަލައިލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އެދުވަހު ކުރެވުނު ކަންތަކާ މެދު މިހާރު ވަރަށް ދެރަވޭ! ނޫރާ އަށް އިޙްސާސް ވެސް ނުކުރެވޭނެ އާޔަން މިހާރު ވާ ދެރައެއް. އޭރު އެގޮތަށް އުޅެވުނީތީ އާޔަން މިހާރު ވަރަށް ބޮޑަށް ދެރަވޭ!” އާޔަން ގެ އަޑު ބެދިއްޖެ އެވެ. ލޯ ހުރީ ފެންކަޅިވެފަ އެވެ. އެތާ ކައިރީ ހުރި ބެންޗެއްގައި އާޔަން އިށީނެވެ. އެހެން އިންދެފައި ގަމީސް ތެރެއަށް ބޯ ކޮއްޕައިގެން ރޯންފެށިވެ.
ނޫރާ އަށް އާޔަން އަށް ބަލަން ހުރެވުނީއެވެ. ބޮޑު ފިރިހެނެއް ކުރިމަތީ އިންދެ ރޯތީ އަސަރު ނުކުރާނެ ހެއްޔެވެ. ނޫރާގެ ހިތް ވެސްރޮނީ އެވެ. އާޔަންކައިރީ ނުރޯށޭ ބުނާހާ ހިތްވަރެއްވެސް ނޫރާގެ ނެތެވެ. އާޔަންއާއި އެކު ނޫރާއަށްވެސް ރޮވެނީއެވެ. އާޔަންއާއި ދޭތެރޭ ނޫރާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.
ގަމީހުން ކަރުނަތަށް ފޮހެލަމުން އާޔަން ނޫރާ އަށް ބަލައިލިއެވެ. ދެލޯވަނީ ރަތްވެފައެވެ.
“ޝައިލާ ވީ ތަނެއްވެސް ނޭގެ! އާޔަން މާލެ ދިޔައިން ޝައިލާ ހޯދަންވެސް. އާޔަން ބޭނުން ވަނީ އޭނަ ކައިރިން މާފަށް އެދެން. އަދި އޭނަ ބުނާ ކޮންމެކަމެއްވެސް ކުރަން. ޝައިލާ އާޔަން އާ މެރީ ކުރަން އެދިއްޖެ ނަމަ ވެސް އެކަން ވެސް ކުރާގޮތަށް އާޔަން މިހިރީ.” އާޔަން ބުންޏެވެ.
“ޝައިލާ އެއީ ރާއްޖޭ ކުއްޖެއްތަ؟” ފެންކަޅި ވެފައި ހުރި ނޫރާ އައިސް އާޔަން ކައިރީ އިށީންނަމުން އެހިއެވެ. އަދި ނޫރާގެ ދަބަހުން ޓިޝޫ ޕެކެޓް އެއް ނަގާ އެތަނުން އެއްޓިޝޫ ނެގުމަށްފަހު ޓިޝޫ ޕެކެޓު އާޔަން އަށް ދިނެވެ. ޝައިލާ އެއީ ރާއްޖޭ ކުއްޖެއްކަމެއް ކުޑަކޮންވެސް ނޫރާ އަށް އެގިފައެއް ނެތެވެ. ޝައިލާ ދުވަހަކުވެސް ދިވެހިން ވާހަކައެއް ނުދައްކައެވެ. އަދި ޝައިލާ ލާހެދުންވެސް ހުންނަނީ ދިވެހިން ލާއުޅޭ ހެދުމާތަފާތުކޮންނެވެ. ނޫރާ ހީކުރީ ޝައިލާއަކީ ލަންކާ ކުއްޖެއް ކަމަށެވެ.
“އާނ! ނޫރާއަކަށް ނޭގޭތަ؟ އެއީ މާލެ ކުއްޖެއް! އޭނަ ބައްޕަ ވެސް މަންމަވެސް މާލެ.”އާޔަން ޓިޝޫއެއް ނަގާ ލޯ ފޮހެލަމުން ބުންޏެވެ.
“ނޫރާ އަކަށް ނޭގެ! ނޫރާ ހީކުރީ އެއީ ލަންކާ ކުއްޖެއްކަމަށް. އޭނަ ދުވަހަކުވެސް ދިވެހިން ވާހަކައެއް ނުދައްކާވިއްޔަ.” ނޫރާ ޓިޝޫއިން ލޯ ފޮހެލަމުން ބުންޏެވެ. “އަނެއްކާ ލާހެދުންތަށްވެސް ހުންނަނީ ރާއްޖޭކުދިން ލާހެދުމާ އެއްގޮތަކަށްނޫން ވިއްޔަ.”
“އާނ އެއީ އޭނަގެ ސްޓައިލްއަކީ ދޯ. ގިނަފަހަރަށް ބޮޑުބައި ނިވާވެސްނުވާނެ” އާޔަން އެހެންބުނެފައި މަޑުކޮށްލިއެވެ. “ނޫރާ! ނޫރާ ހިތަށްއަރާދޯ ހާދަ މުޑުދާރު މީހެކޭ އާޔަންއަކީ!” އާޔަން ނޫރާއަށް ބަލައިލިއެވެ.
“އާނ! އޭރުގަ އާޔަން ކަންތައްކުރީ ރަގަޅަކަށްނޫން. އުޅެމުން އައީވެސް ރަގަޅަކަށްނޫން. އެކަމު މިހާރު… މިހާރަށް އަބަދުވެސް ބަލަން ޖެހޭނީ. ވެދިޔަ ކަންތަކާމެދު ވިސްނިއަސް ވާނެ ފައިދައެއް ނޯންނާނެނު. ކުށެއް ނުކުރެވޭ މީހަކު މަދުވާނެ. ނޫރާމެން އެންމެންނަކީ އިންސާނުން. ވީއިރު ގޯސްކޮން ކަންތައްތަށްވެސް ކުރެވޭނެތާ! ފަހުން އެކަންވިސްނި ތައުބާވުމުން އެކަން އެނިމުނީނު. ނޫރާގެ ހިތުގައި މިހާރަކު އާޔަންއާއި ދެތެރޭ އެއްވެސް ގޯސް ގޮތަކަށް ނުދެކެން.” ނޫރާ އާޔަންގެ ހިތްހަމަ ޖައްސާދިނުމަށް ބުންޏެވެ.
އާޔަން އިރުކޮޅަކު ވިސްނަން އިނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. “އާޔަން މިއުޅެނީ އެވާހަކަ އެންމެނަށް ކިޔައިދޭން! އާޔަންއަކީ ކުރީގަ ކޮންކަހަލަ މީހެއްކަން އާޔަންގެ ހުރިހާ ރައްޓެހިންނަށް އެގެންޖެހޭނެ.” މޫސަމެންނާ ދިމާއަށް ބަލައިލަމުން އާޔަން ބުންޏެވެ.
“ދެން އެވާހަކަ ދެއްކުމުގެ ބެނުމެއް ނެތެއްނު. ނޫރާ އަށް އެހައި ފެންނަކަމެއްނޫން ތީކީ. ފަހަރެއްގައި އެމީހުން ރުޅި އައިސް އާޔަން އާ މެދު ހިތްހަމަ ނުޖެހިދާނެ.” އެހެން ކުދިން ތިބި ދިމާއަށް ބަލައިލަމުން ނޫރާ ބުންޏެވެ. އޭރު އެންމެން އެދިމާއަށް އަންނަތަން ފެނެއެވެ.
“ނޫރާ ވެސް ރުޅިއެއް ނާންނަމެއްނު. އަންޑަސްޓޭންޑް ވިއެއްނު! އެމީހުންވެސް އަންޑަރސްޓޭންޑް ވާނެ! އާޔަންގެ ހަގީގަތް އާޔަންގެ ފްރެންޑްސުންނަށް އިނގެން ޖެހޭނެނު. އިފް ދޭ އާރ މައި ފްރެންޑްސް ދޭ ވިލް އަންޑަސްޓޭންޑް!” އާޔަން ޔަގީންކަމާ އެކު ބުންޏެވެ.
ނޫރާއަށް ވިސްނުނަސް އެމީހުންނަށް ވިސްނޭނެބާއެވެ. ނޫރާގެ ހިތުގައި އާޔަން އަށް ދެވިފައިވާ މަޤާމް އާޔަންއަށް އެނގޭނެނަމައެވެ. އެވާހަކަ އެގުމުން އެމީހުން އާޔަންއާއި މެދު ދެކޭގޮތް ތަފާތުވެދާނެތީ ނޫރާ ދެރަވެއެވެ. ނޫރާ ހިތަށް އަރަމުން ދިޔައެވެ.
އެވަގުތު އެންމެން އެތަނަށް އައިސްފި އެވެ. އެންމެން ތިބީ ވަރަށް ބަނޑުހައި ވެފައެވެ. އެންމެން ވެސް ބޭނުންވީ އަވަހަށް ކާށެވެ. ޖެހިގެން ހުރި ކޭ. އެފް. ސީ ތަނަކަށް ވަނެވެ.
އާޔަން އެވާހަކަ އެވަގުތު ބުނާކަށް ގަސްތެއް ނުކުރިއެވެ. އެންމެންވެސް ތިބީ އަވަސް އަރުވާލާފައެވެ. އަދި އިތުރަށް ބާޒާރު ކުރަން ޖެހޭތީއެވެ.
އެންމެން ކާއެއްޗިހި ހިފައިގެން ހުސް މޭޒަކަށް ދިޔައެވެ. ހައިވެފައި ތިބިވަރުން އެންމެން ބެލީ އަވަހަށް ކެވޭތޯއެވެ. އެތަނުން ކައިނިމިގެން ނަމާދުކުރާމީހުން ނަމާދުކޮށްގެން އަނެއްކާވެސް ބާޒާރު ކުރަން ފެށިއެވެ.
ބާޒާރު ނިމުނު އިރު ރޭގަނޑު އަށެއްޖަހަނީއެވެ. އާޔަން އެންމެން ގޮވައިގެން ބޮޑު ޗައިނީސް ރެސްޓޯރެންޓް އަކަށް ވަނެވެ. އާޔަންގެ ހަރަދުގައި އެންމެނަށް ކާންދޭށެވެ. މުޅި ތަނުގައިވަނީ ހަމަ ހިމޭން މިއުޒިކެއްގެ އަޑު އަޅުވާފައެވެ. ވަރަށް މަދު މީހުން ތިބި އެ ރެސްޓޯ ރެންޓްގެ ކޮންމެ މޭޒެއްމަތީ ވަނީ ހުދު ފޮތި ގަނޑެއް އަޅާފައެވެ. އަދި ރީތި ގޮތަކަށް މޭޒުމަތީ ތުން ފުހޭ ފޮތިތަށް ބަހައްޓާ ޒީނަތްތެރި ކޮށްފައިވެއެވެ. މުޅި ތަން ވަނީ ދިއްލާފައެވެ. އެއީ ވަރަށް ފެންވަރު ރަގަޅު ތަނެކެވެ. މީ ވަރަށް މުއްސަނދި މީހުންގެ ތަނެއްކަން މެނޫ ބަލައިލުމުން ވެސް އެގެއެވެ. އާދައިގެ ޑްރިންކެއްވެސް އެހާ އަގު ބޮޑެވެ. އެންމެން ތިބީ ނަގާނެ އެއްޗެއް ނޭގިފައެވެ. އަގުބޮޑުވީމައެވެ.
” ޔޫ ގައިސް.. އޯޑަރ ކުރަންވީ ހަމަ އިންގޭ. ބިލް ދައްކާނީ އާޔަން! މީ ދެން އެންމެން ހޮލިޑޭސް އަށް ދާތީވެ އާޔަންގެ ފަރާތުން ދޭ ޓްރީޓެއް!” އާޔަން ބުންޏެވެ.
“އެކަމު ތަންކޮޅެއް އަގު ބޮޑީ!” މޫސަ ބުންޏެވެ.
“މިތަން އަދި އަގު ހެވޭ. އާޔަން ހިތަށް އަރުވައިގެން ހުރީ ‘ މިނާރާ ކޭ.އެލް. ޓަވަރު ‘ މައްޗަށް ގެންދަން. މިރޭ މާލަސްވީމަ އެތަނަށް ނުދިޔައީ. އެކަމު އެހެން ފަހަރަކުން އިރާދަކުރެއްވިއްޔާ ގެންދާނަން އިނގޭ.” އާޔަން ބުންޏެވެ.
މިނާރާ ކޭ އެލް ޓަވަރ މަތީގައި ހުންނަ ‘ސެރި އަންގކާސާ ރިވޮލްވިން ރެސްޓޯރެންޓަކީ ރައީސް ފެންވަރުގެ މުއްސަދި މަހުޖަނު މީހުންނަށް ޙާއްސަ ތަނެކެވެ. އެތަނުން މުޅި މެލޭޝިޔާގެ ކޭ. އެލް. ސަރަހައްދު އެއްކޮން ފެންނާނެއެވެ. އަދި އިގުން ނުވާހާ މަޑުން އެނބުރެމުން ދާއިރު މަންޒަރުތައް ދާނީ ބަދަލުވަމުންނެވެ.
“ވާވް. އެދުވަސް ކުރީބައިގަ އަންގާލައްޗޭ! ވަރަށް ރީތި ވާންޖެހޭނެ! އާހެދުމަކާއެއްޗިހި ހޯދަން ޖެހޭނެ.” ފާތު ބުންޏެވެ.
“އަސްލުވެސް! މިގޮތަށް ހަޑިކޮން ތިބެގެން އެތަނަށް ދާކަށް ނުކެރޭނެ!” ލައި ބުންޏެވެ.
“ޔާ. އެއީ ވަރަށް ސްޕެޝަލް ދުވަހަކަށް ވާނެ ހަދަން އިންގޭ.” މެނޫ ނަގަމުން އާޔަން ބުންޏެވެ. “އޯކޭ ދެން އަވަހަށް އޯޑަރ ދީ!”
އެންމެން ވެސް ބެލީ އެންމެ މީރު އެތި ނެގޭ ތޯއެވެ. އަގަށް ނުބަލާށޭ އާޔަން ބުނެފައި އޮތުމުން އެންމެން ވެސް ބެލީ ފޮޓޯ އަށެވެ. ފޮޓޯއިން އެންމެ މީރު ގޮތަށް އޮތް އެއްޗަކަށް އޯޑަރު ދީފިއެވެ.
“އެއްޗިހި އަންނަން ނަގާނެ އިރުކޮޅެއް!” އާޔަން ބުންޏެވެ. “އާޔަން އެބައޮތް އެންމެންނަށް ވާހަކައެއް ކިޔާދޭން ވެފަ! އެކަމު ކެއުމުގެ ފަހުން ކިޔައިދިނީމަ ކަންނޭގެ ރަގަޅު ވާނީ.” އާޔަން ބުންޏެވެ.
“ދެން މިހާރު ބުނޭ! އެހެންނޫނީ ރަގަޅަކަށް ނުވެސް ކެވޭނެ!” ފާތު ބުންޏެވެ.
“އެވާހަކައިގެ ގޮތުން ބުނެފިއަޔާވެސް ރަގަޅަށް ނުކެވި ހިގައިދާނެ!” ކުރިމަތީ އިން ނޫރާ އަށް އާޔަން ބަލައި ލަމުން ބުންޏެވެ.
“ދެން ކިޔާބަލަ. ކޮންމެ ވާހަކައެއް ދެއްކިއަސް މިތަނުން ކެވޭނެ.” މޫސަ ބުންޏެވެ.
“ކާކުގެ ވާހަކައެއްތަ؟ ފަކުރު ވާހަކައެއްތަ؟” ޒީނާ އަހައިލިއެވެ.
“ނޫނޭ! ފަކުރު ވަހަކައަކަށް ނުވާނެ.” އާޔަން ބުންޏެވެ. “ކައި ނިމުނީމަ އެވާހަކަ ބުނެވޭނީ.”
“އިނގޭތަ! ލައި މިއަދު ފައިވާނެއް ގަންނަންވެގެން އުޅެއުޅެ ދިމައެއްނުވެ ސަޅި ފައިވާނަކާ!” ލައިޝާ އެހެން ވާހަކައެއް ދައްކަން ފެށިއެވެ.
“ދެން ލައި ބެލީވެސް އެންމެ ކަޑަތަން ވިއްޔަ! އެކޮޅުގަ ހުއްޓޭ ސަޅި ތަނެއް!” ދިމާލަކަށް އިޝާރާތް ކޮށްލަމުން ފާތު ބުންޏެވެ.
އެކަކު އަނެކަކާ އަމިއްލަ ވާހަކަތަކެއް ދައްކަން ތިއްބާ ކާއެއްޗެހި ގެނެސްފިއެވެ. ވަރަށް މީރު ވައްތަރު ޖަހައެވެ. އެންމެން ކާން ފެށިއެވެ. އަސްލުވެސް ވަރަށް މީރެވެ. އެކަކު ގެނައި ތަށިން އަނެކަކު ރަހަ ބަލަމުން މީރު ކަމުން އެވާހަކަ ދައްކަމުން ކަމުން ގެންދެއެވެ. އެންމެން ވެސް ފޯރީގައި ކައި ނިމުނު އިރު ތިބީ ބަނޑު ފުރިފައެވެ.
“ތޭންކްސް ޓު އާޔަން! ބަނޑު ފުރިއްޖެ.” މޫސަ ބުންޏެވެ.
“އަޖައިބެއް! ތޭންކްސް ޓު ﷲ އޭ ނޫންތަ ބުނަން ޖެހޭނީ.” އާޔަން ޖެހިގެން އިން މޫސަގެ ބޮލުގަ ޖަހަމުން ބުންޏެވެ.
“ހޫން! ދެން އާޔަންގެ ވާހަކަ ކިޔާދީ..” ނާއިފް ފޮތިކޮޅުން އަނގަމަތި ފޮހެމުން ބުންޏެވެ.
އާޔަން އެންމެންގެ މޫނަށް ވަކި ވަކިން ބަލައިލިއެވެ. އެންމެން ވެސް ތިބީ ވަރަށް ތައްޔާރުވެގެންނެވެ. އެހެން ނަމަވެސް ނޫރާ އިނީ އިސްޖަހައިގެންނެވެ. ނޫރާ އިނީ ހިތްހަމަނުޖެހިފަ ކަން އާޔަން އަށް އެގެއެވެ.
“އާނ އަޑުއަހާ! މީއާޔަންގެ ވާހަކަ އިނގޭ! އާޔަން ކުރީގަ އުޅުނު ގޮތުގެ ވާހަކަ މި އުޅެނީ ކިޔައިދޭން! ތިއެންމެންނަށްވެސް އެގެންޖެހޭނެހެން އާޔަންއަށް ހީވަނީ އާޔަންގެ މަޒީ.” އާޔަން ގޮޑީގައި ހަމަޖެހިލިއެވެ.
“އެހާ މުހިންމެއްނޫން އިނގޭކަށް. އެކަމަކު ކިޔައިދޭން ބޭނުމިއްޔާ އަޑުއަހަން މިތިބީ.” މޫސަ ވެސް ހަމަޖެހިލަމުން ބުންޏެވެ.
“މާޒީ އެއީ ވެނިމިފަ އޮތްކަމެއްނު. މާޒީ އިން ލިބޭ އިބްރަތުގަ ހިފައިގެން ކުރިއަށް ދާންވާނީ. ދެން ކިޔާބަލަ.” ލައި އެންމެންގެ މޫނަށް ބަލައިލަމުން ބުންޏެވެ.
“އާޔަންގެ ޑެޑްއާއި މަންމަ ޑިވޯރސްވީ އާޔަން ވަރަށް ކުޑައިރު. އޭރު އާޔަންއަށް ވާނީ އިލަވަން އަހަރު. އޭގެ ފަހުން ކަންނޭގެ އާޔަންއަށް ގޯސްކޮން އުޅެން ފެށުނީ. އެއީ އާޔަންއަށް އާޔަންގެ ޑެޑް ނުފެންނަންފެށީމަ ޑެޑްގެ އެޓޭންޝަން ހޯދަންވެގެން މޮޅެތި ކަންތަށް ކުރަން ފެށީ. ޑެޑް އަންނާނެ ކޮންމެތާކު ހުރެފަވެސް އާޔަންއަށް އަނިޔާއެއް ލިބިއްޖެއްޔާ. އެހެންވެ އާޔަން ކޮންމެ ކަމެއްގައި އުޅުނަސް އުޅެނީ އަނިޔާ ވާކަހަލަ ގޮތްގޮތައް. އެހެން އުޅެނިކޮން އެކްސިޑެންޓް ވެގެން ބޯފަޅައިގެންގޮސް މަންމަ ޑެޑްއަށް ގުޅީ. އެފަހަރު ޔޫރަޕްގަ ޑެޑް ހުރެފަ މުހިންމު މީޓީން އެއް ކެންސަލް ކޮށްލާފަ އާޔަން ކައިރިއަށް އައީ.” އާޔަން އެންމެންގެ މޫނަށް ބަލައިލިއެވެ. “އެކަހަލަ ގޮތަކަށް އާޔަން އުޅެމުން އައީ! އެހެންމީހުނަށް އުނދަގޫވާނެހާ ގޮތްގޮތަށް!”
“އާޔަންގެ ޑެޑް އަކީ ކޮންކަހަލަ ބިޒްނަސްއެއް ހިންގާ މީހެއް؟ ” ފާތު އަހައިލިއެވެ.
“އާޔަންގެ ޑެޑްއަކީ ކޮރެއާގެ ވަރަށް ބޮޑު ކޮމްޕެނީއެއްގެ އޯނަރ. އެލް .އައި .ގްރޫޕް ކިޔާނީ އެކޮމްޕެނީއަށް. އެއީ ވަރުތަވަމުން އަންނަ ފެމިލީ ބިޒްނަސްއެއް. ކާފަގެ ކާފައިން ފެށިގެން އައިސްފައިވާ ބިޒްނަސްއެއް އެއީ. ފެމިލީ ކޮމްޕެނީގެ ދަށުން އެކިއެކި ފެކްޓްރީސްތައް އެކިގައުމުތަކުގަ ހުންނާނެ. އަޑެއް ނާހަންތަ؟ އެލް. އައި. ކާރު ފެކްޓަރީ ހުންނާނެ ޔޫރަޕްގަ. ދެން ސިންގަޕޯރގަ ހުންނާނެ ޓޯއީސް ފެކްޓްރީ. ކޮރެއާގަ ހުންނަނީ ހުރިހާތަނެއްގެ މައި ކޮމްޕެނީ. ކޮރެއާގަ ވަރަށް މަޝްހޫރު ވާނެ އެތަންތަން. މެލޭގެ އެކި ހިސާބުގަވެސް ހުންނާނެ ރެސްޓޯރެންޓްތަކާ ހޮޓެލްތަކާ ރިސޯރޓްތައް.” އާޔަންގެ އާއިލާގެ ބިޒްނަސް ވާހަކަ ދެއްކުމަކީ އާޔަން އެހާކުރާހިތްވާ ކަމެއްނޫނެވެ. އެއީ ފޮނިކެޑުން ކަމުގަ އާޔަންއަށް ހީވާތީއެވެ. ނަމަވެސް މިއަދު އާޔަން ހުރީ ހުރިހާވާހަކައެއްވެސް އެންމެނާ ހިއްސާކުރާށެވެ.
“އާޔަން އާ އާޔަން މަންމަ ލަންކާއަށް ބަދަލުވީ އާޔަންއަށް އެގާރަަ އަހަރުގަ. އެއީ އާޔަންގެ ބައްޕަފަރާތު މާމައާއި މަންމައާއި އަބަދު މައްސަލަ ޖެހޭތީ. އާޔަންގެމާމަ އަށް އާޔަން ކިޔަނީ ހަލްމޮނީ. ކޮރެއާ ބަހުން މާމަ އަށް ކިޔަނީ ހަލްމޮނީ. ހަލްމޮނީ ބުނެގެން ބައްޕަ މެރީކުރީ ކޮރެއާ މީހަކާ. އަސްލު ބައްޕައާއި މަންމަ ޑިވޯރސްވީވެސް ހަލްމޮނީ ކަންތައްކުރި ގޮތުން ކަމަށްވަނީ.”
“އެގާރަ އަހަރުން ފެށިގެން އާޔަން އުޅުނީ ލަންކާގަ. އާޔަން ކިޔަވަން އުޅުނީ ލަންކާގެ ބީ.ޖީ.އެސް އިންޓަނޭޝަނަލް ސްކޫލްގަ. އޭރު އާޔަންގެ އޮންނާނެ ގްރޫޕެއް އެއީ ސްކޫލް ގެ އެންމެ ބޭޑްގްރޫޕް. އޭރު ހިތުން ވަރަށް މޮޅެތި ކަންތައް ކޮށްލަން!” ދެން ވާހަކަ ކުރިއަށް ގެންދާނެ ގޮތަކާ މެދު ވިސްނަމުން އާޔަން އިސްޖަހާލިއެވެ.
“އިނގޭތަ! ނާއިފް އެއީ ފަނަރަ އަހަރުގަ ޑްރަގްސް ނެގި ކުއްޖެއް! ބަލާލަ މިހާރު! ހުރިހާ ވަގުތަކު ނަމާދުކުރޭ! ކިހާރަގަޅު މިހާރު! ކުރިން ކޮންމެ މީހަކަށް ވެސް ހުރެދާނެ އެކަހަލަ ކަމެއް ކުރެވިފަ. ދޯ!” ފާތު އެންމެނަށް ދޯލަމުން އާޔަންއަށް ހިތްވަރު ދެމުން ބުންޏެވެ.
އާޔަން ނޫރާއަށް ބަލައިލިއެވެ. އާޔަންއަށް ވާހަކަ ކުރިއަށް ގެންދިއުމަށް ހިތްވަރެއް ލިބެނީ ނޫރާއަށް ބަލައިލުމުން ނެވެ. އާޔަން ބަލައިލާ ކޮންމެ ފަހަރަކު ނޫރާވެސް އިންނަނީ އާޔަން އަށް ބަލާށެވެ.
“އާޔަން ކުއްޖަކު ރޭޕް ކުރީ!” އާޔަން ޖެހިލުމެއް ނެތި ކުއްލިއަކަށް ބުނެލިއެވެ. “އަދި އެވެސް ރާއްޖޭ ކުއްޖެއް. ނަމަކީ ޝައިލާ!” އާޔަން އެންމެންގެ މޫނަށް ބަލައިލިއެވެ. އެކަކުގެ މޫނަކުންވެސް ހިތްހަމަ ނުޖެހޭކަމެއް ފެންނާކަށް ނެތެވެ. އެންމެން ތިބީ އަދިވެސް އާޔަން އިތުރަށްކިޔާ ދެން ދެނެވެ.
“އާޔަން އެކަންތައް ޕްލޭންކުރީ!” އާޔަން އިތުރަށް ކިޔާދޭން ފެށިއެވެ. “އަސްލު ޝައިލާ އަކީ ދެން ވަރަށް އޯވަރ ކޮންފިޑެންޓް ވެގެން އުޅޭ ކުއްޖެއް! އާޔަން ވަރަށް ފޫހިވާ ކުއްޖެއް އެއީ! އޭނަ ދެކޭގޮތުގަ މުޅި ކޮލެޖުން ވެސް އެންމެ މޮޅު އަދި އެންމެ ރީތި ކުއްޖާ އޭނައަކީ. އޭނަ ލައިއުޅޭނީވެސް ވަރަށް ނިވާކަންކުޑަ ހެދުން. އޭނަ ދެކޭގޮތުގަ އޭނައަކީ ވަރަށް މޮޑަންކުއްޖެއް. ހަގީގަތުގަ އޭނަ އަކީ ރީތި ކުއްޖެއް. އިސްތަށިގަނޑު ދިގުވާނެ . ދެން ބަލާބެލުމަށް ހަމަ ވަރަށް ސަޅި ވާނެ. އެކަމު އޭނަގެ އެޓިޓިއުޑް ވަރަށް ފީކަޅާ ވާނެ. އޭނައަށް ވުރެން ދަށު ދަރަޖައިގެ ކުދިންނަށް އަބަދު ޖައްސާލައިގެން އުޅޭނީ. ވަރަށް ބޮޑާވާނެ!”
“އެގޮތުން އާޔަން ވަރަށް ރެސްޕެކްޓް ކުރާ ވަރަށް ލައިކްވާ ކުއްޖަކާ އަބަދު ޖޭ ވެގެން ޝައިލާ އުޅޭނީ އަބަދު އެކުއްޖާއާ ދިމާކޮށްލައިގެން. އާޔަން ލައިކްވިއަސް އެކުއްޖާ އާޔަންއާއި ލައިކްއެއް ނުވޭ. ނުވާނެތާ. އާޔަންއަކީ މުޅިސްކޫލްގައިވެސް އެންމެ ރައުޑީ އެންމެ ބިގް ބުލީ. އެކުއްޖާ އާޔަންއާއިމެދު ނުވެސް ވިސްނާނެކަން ޔަގީން.” އެހިސާބަށް ބުނެފަ އާޔަން އަށް ނޫރާއާއި ދިމާއަށް ބަލައިލެވުނެވެ. އެވަގުތު ނޫރާވެސް އިނީ އާޔަން އާއިދިމާއަށް ބަލާށެވެ. އާޔަންގެ ހިތް އަވަސްވެގެން ދިޔައެވެ.
އާޔަން އަނެއްކާ އެދަށްކަނީ ކޮންކުއްޖެގެ ވަހަކަ ބާއެވެ. އާޔަންއަށް މާ މަޤްބޫލު ކުއްޖަކީ ކާކުބާއެވެ. ނޫރާ ނޫނަސް ކިތަންމެ ކުދިންނަކަށް ޝައިލާގެ އުނދަގޫ ޖެހުނުތާއެވެ. ނޫރާ ހިތަށް އެރިއެވެ.
އާޔަން އަނެއްކާވެސް ވާހަކަ ކިޔަން ފަށައިފިއެވެ. “ޝައިލާ އަށް ކޮންމެސް ގޮތަކުން އާޔަން އެކުއްޖާޔާ ލައިކް ވާކަން އެގިއްޖެ. އެނގިގެން އާޔަން ކައިރިއަށް އައިސް ބުނަނީ އޭނައަށް ވުރެން ތިމަންނަ މާރީތިވާނެޔޯ! އޭނަގެ އެއްވެސް ލޯބީގެ އެކްސްޕީރިއަންސް އެއްވެސް ނުހުންނާނެޔޯ! އާޔަން ތިމަންނަޔާ ރައްޓެހި ވެއްޖެއްޔާ އާޔަން ބުނާ ކޮންމެކަމެއް ވެސް ކުރަން ރެޑީގަޔޯ މިހިރީ! އަދި އާޔަން ކްލާހުގައި އެކަނި ހުއްޓާ އައިސް އަމިއްލައަށް ނޭކަޑްވެގެންވެސް އާޔަންގެ ކުރިމަތީ އުޅުން. ޑޫ ޔޫ ބިލީވް އިޓް”
“އެހެންވީމަ އޯކޭނު އެހެން ހެދިޔަސް. އަމިއްލައަށް ހަށިގަނޑު ދީގެންނު ހުރީ.” ޒީނާ ބުނެލިއެވެ.
“މަޑުކޮށްބަލަ ވާހަކަ ނިމެންދެން.” ފާތު ބުންޏެވެ.
“އަސްލު ޝައިލާ ބޭނުންވީ އާޔަން ޝައިލާއާއި އެއްކޮން އުޅޭތަން އެކުއްޖާއަށް ދައްކަން. އާޔަންދެކެ ލޯބިވާތީއެއް ނޫންހެން އާޔަންއަށް ހީވަނީ! ދެން އާޔަން ޝައިލާ އާއި ރަށްޓިއްސެއް ނުވާނަމޭ ބުނީމަ އޭނަ ވަރަށް ރުޅިއައި. ދެން ޝައިލާ ބުނީ އާޔަން ލައިކް ވެގެން އުޅޭ ކުއްޖާ މިސްކޫލްގައި ނޫޅެވިގެން ވަކިވެގެން ދާވަރަށް ތިމަންނަ އެކުއްޖާއަށް އުނދަގޫ ކުރާނަމޭ. …… އެއީ އެންމެ ރުޅި އައި ކަމަކީ އެއީ އެކަންތަށް ޕްލޭން ކުރެވުނު ސަބަބަކީ. އެއީ އާޔަންގެ ސަބަބުން އާޔަން އެންމެ ލޯބިވާ ކުއްޖާގެ ކިޔެވުމަށް ބުރޫ އަރާކަށް އާޔަން ބޭނުމެއް ނުވޭ….”
“އާޔަން ލައިކްވާ ކުއްޖާއަށް ކިޔަނީ ކޮން ނަމެއް؟” އާޔަންގެ ވަހަކަ މެދުކަނޑާލަމުން ނާއިފް އަހާލިއެވެ.
އެވަގުތު އާޔަން އަށް ސީދާ ބަލައިލެވުނީ ނޫރާއަށެވެ. އެއީ ނޫރާއެވެ. ނަމަވެސް އާޔަންއަށް އެހެނެއް ނުބުނެވުނެވެ. ބުނަން ބޭނުމެއްވެސް ނޫނެވެ. ނޫރާ އާޔަން އަށް ބަލަން އިންގޮތުން އާޔަން ފިނިވިއެވެ. ނޫރާއަށް ޝައްކުވެދާނެތީއެވެ. ނޫރާވެސް އިނީ އެސުވާލުގެ ޖަވާބު ވަރަށް ބޮޑަށް އިނގެން ބޭނުން ވެފައެވެ.
“ދެން ވަގުތު އައިމަ އެކުއްޖެއްގެ ނަން ވެސް ބުނާނަން.” އާޔަން އިރުކޮޅަކު އިނުމަށްފަހު ބުންޏެވެ. “އަދި އެންމެ އަޖައިބު ވީ ކަމަކީ ޝައިލާ އަށް އެހެން ހެދުމުންވެސް އޭނަ ދެރަވިހެނެއް ހިއެއްނުވެޔޭ! އެރޭ ދަންވަރު އާޔަން އަށް ގުޅާލާފަ ބުނަނީ ބޭޒާރު ކޮށްލަން ވީހޯ؟ އެހެންނޫނީ އޭނަޔާ ރައްޓެހި ވާނީ ހޯ؟ އާޔަން ބުނީ ބޭޒާރު ކޮށްލިއަސް އާޔަން ޝައިލާއާއި ރައްޓިއްސެއް ނުވާނަމޭ.”
“ގުޑް! ގުޑް….! ދެން” ޒީނާ އަވަހަށް ބުންޏެވެ. އާޔަން ކަންތައްކުރިގޮތް ރަގަޅުކަމަށް ޒީނާއަށް ފެނުނެވެ.
“ދެން އަނެއްދުވަހު ސްކޫލަށް ދިޔައިރު ކުދިންތައް އޮތީ އެއްވެފަ ޕޮލިސް ވެސް އައިސްސަ. ވަރަށް ކަންތައް ހުރި!” އާޔަން ބުންޏެވެ.
“ވަޓް ވޯސް ދަ ޕަނިޝްމެންޓް؟” ލައިޝާ އެހިއެވެ.
“އެއިޓީން އިއަރސް ނުވާތީ ޖޫރިމަނާ ކުރީ! ދެން ނަސޭހަތް ދީފަ ކައުނސެލިން ދީފަ ދޫކޮށްލައިފި. ދެންސްކޫލުން ވަކިދުވަހެއް ވަންދެން ސަސްޕެންޑް ކުރީ! ޝައިލާ އަށް ނުވެސް ކެރުނު ސްކޫލަށް އަންނާކަށް. އެހެންވެ އޭނަ ދިޔައީ ފުރައިގެން. ދެން އާޔަންގެ ޑެޑް އައިސް އާޔަންމެން ކޮރެއާއަށް ޝިފްޓް ކޮށްލީ. މަންމަ އަށް މައިލްޑް ހާރޓްއެޓޭކެއް ވެސް ޖެހުނު. އާޔަން އެންމެ ދެރަވީ އެހެންވެ. ކުރެވުނު ކަންތަކުގެ އިޙްސާސް ވެސް ކުރެވުނީ ދެން. ކުރެވުނީ ކިހާވަރެއްގެ ކަމެއްކަންވެސް އިނގުނީ އެދުވަހު. މަންމަ އެދުވަހު ރުއިވަރުން އާޔަންގެ ހިތަށް ވަރަށް އަސަރުކުރި. މުޅިދުނިޔޭންވެސް އާޔަން އެންމެ ލޯބިވަނީ އާޔަން މަންމަ ދެކެ. އެދުވަހު އެހާ ދަށު ދަރަޖައަކަށް އާޔަން ވެއްޓިގެން ދިއުމުން އެމަންމަ އަށް ލިބުނު ހިތްދަތިކަން ފިލުވާލަން އާޔަން އެދުވަހު އަޒުމް ކަނޑައެޅީ. އާޔަން އޭރު އުޅުން ގޮތްތައް އެއްކޮން ބަދަލުކޮށްލީ. މިހާރު އަމިއްލަ ނަފްސާމެދުވެސް ފަހުރުވެރިވެވޭ.” އާޔަން އެވާހަކަ ނިމުނު އިރު އިނީ ދެރަވެ ފެންކަޅި ވެފައެވެ.
ނޫރާ ވެސް އިނީ ދެރަވެ ގެން އިސްޖަހައިގެން ނެވެ. ޒީނާއާއި ނާއިފް އާ ދެމީހުން ދެމީހުންނަށް ހިތާމަވެރި ގޮތަކަށް ބަލައިލިއެވެ. ފާތު ވެސް ލައި އަށް ބަލައިލާފަ މޫސައަށް ބަލައިލިއެވެ. އެންމެންވެސް ތިބީ ބުނާނެއެއްޗެއް ނޭގިފަ ހަމަހިމޭން ވެފައެވެ.
“ދެޓްސް އޯކޭ… ޗިއަރ އަޕް!” ހަމަހިމޭންކަން ފޫދުއްވާލީ މޫސައެވެ. “އެހެންވެސް ވާނެޔޭ! އެއީ މާކުރިއެއްނު! މިހާރު ތީ އެހެން އާޔަންއެއްނު! ޖަސްޓް ފޮގެޓް އިޓް!”
“އަސްލުވެސް އެކަމާ ދެން އަޅާނުލާ އަހަރުމެންގެ ހިތުގަ އާޔަން އަށް ދެވިފަ އޮތް ޤަދަރު ކުޑަތަންފުކެއްވެސް ދަށަކަށް ނުދޭ… އޭގެ ބަދަލުގަ ވީ ރެސްޕެކްޓްޔޫ އިވަން މޯރ.” ފާތު ބުންޏެވެ.
“އަސްލުތަ؟ އެކަކުވެސް…. މިބުނީ އެއްވެސް އެއްޗެއް ހިތަކަށް….” އާޔަންގެ ލޯ ދެއަތުން ފޮހެލަމުން ބުނަން އުޅުނު ޖުމްލަ ވެސް ނުބުނެވުނެވެ.
“ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެނު… އެކަމުން ދުރުވެ ތައުބާވުމުން އެކަންތަށް ނިމުނީނު.” ނާއިފް ބުންޏެވެ. “ނާއިފް ވެސް ވަރަށް ބޭޑް ވާނެ ކުރިން …. ޑްރަގްސް އާ މީހުން އަތުން ލާރި އަތުލުމާ…!” ނާއިފް އަމިއްލަ ބޮލުގަ އަތް އަޅާލިއެވެ. “ޝިޓް! ނުވެސް އުޅެން އެވާހަކަ ދައްކާކަށްވެސް.”
“ވީ އާރ ޓްރޫ ފްރެނޑްސް އާޔަން! މިތާގަ ނެތޭ ކުޑައިރު ރަގަޅަށް އުޅުނު އެކަކުވެސް. ޒީނާ ވެސް ވަރަށް ވަށްކަން ކުރާނެ ކުޑައިރު!” މޫސަ ސަމާސާ ރާގަކަށް ބުންޏެވެ.
” ވަޓް! ވަރަށް! އެނގޭތަ ދޮންބެ މިހާރުވެސް ވަށްކަން ކުރޭ.” ޒީނާ މޫސައަށް އިޝާރާތްކޮށް ބުންޏެވެ.
އެވަގުތު ބިލް ހިފައިގެން އެތަނަށް ވެއިޓަރެއް އައެވެ. “ކިހާވަރެއް؟ ކިހާވަރެއް؟” އެންމެން އެއްފަހަރާ އަޑުގަދަ ކޮށްލައިފިއެވެ.
އާޔަން އަވަހަށް އެންމެނަށް ނުފެންނަނީސް ބިލް އަތުލައިފިއެވެ. އަދި ހިފައިގެން ދިޔައީ ކައުންޓަރަށެވެ. ކާޑުން ލާރިދައްކާށެވެ.
ނޫރާ އިނީ ވަރަށް ހިތްހަމަ ޖެހިފައެވެ. މިހާރަގަޅު އެކުވެރިން ތަކެއް ނުލިބޭނެޔޭ ނޫރާ ހިތަށްއަރަމުން ދިޔައެވެ. ކިހާ ހިތްހެޔޮ ވިސްނޭ ބައެއްހެއްޔެވެ. ނޫރާ ހިނިތުން ވެލިއެވެ. މިދުވަސް ވެސް ނޫރާގެ ހިތުން ފިލައިގެން ނުދާނެ އެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



make it fast 4th vana bai