ބޭސް އުނގުޅަމުން ދިޔައިރު އާޝިޔާގެ ނޭވާ އަވަސްވަމުން ދިޔައެވެ. އެބޭހުގެ ދިލައަށްވުރެ އޭނާގެ ހިތުން ނަގާ ދިލަ ހޫނު މާބޮޑެވެ. އިޒްޔާންގެ އިނގިލިތައް އެއަތުގައި ބީހެމުންދާއިރު އެލިބެމުންދާ އަރާމަކުން އާޝިޔާގެ ދެލޯ މެރިގެންދިޔައެވެ. ކުއްލިއަކަށް އިޒްޔާން ކޮށްލި ކަމަކުން އާޝިޔާ ސިހިފައި ލޯހުޅުވާލިއެވެ.
“އާޝިޔާ! މިރީތި އަތުގަ އަހަރެން އަބަދަށް ފިރުމަން ބޭނުމޭ ބުނެފިއްޔާ އާޝިޔާ ދޭނީ ކޮން ޖަވާބެއް؟” އިޒްޔާން އާޝިޔާގެ އަތުގައި ބޮސްދިނުމުން އާޝިޔާއަށް ހީވީ އޭނާގެ ހިތް ހުއްޓުނުހެންނެވެ. ކުއްލިއަކަށް އިޒްޔާން އެދައްކަން ފެށި ވާހަކައަކުން އޭނާއަށް ބިރުން ތެޅިގަނެވުނެވެ. އަދި އަތް ދަމައިގަނެވުނީ ބިޗުލެއް ކަށި ޖެހުމުން ދަމައިގަންނަ ފަދައިންނެވެ.
“ނޫން ނޫން އިޒް. ތިކަމެއް ނުވާނެ. އަހަރެންނަކީ ކާކުކަން އެނގޭނަމަ އިޒްގެ ދުލުން ތިބަސްތަކެއް ބޭރެއްނުވީސް. އޭގެ ބަދަލުގަ އަހަރެން ކޮއްޕާ މިގެއިން ބޭރުކުރީސް.” އާޝިޔާގެ ހިތަށްއަރާ ފައިބަމުންދިޔަ ޚިޔާލުތަކަކުން ފުންމައިގެން ތެދުވެވުނެވެ.
“އަސްލު އަހަރެންނަށް އާޝިޔާ ވަރަށް ކަމުދޭ. އާޝިޔާ އަހަރެންގެ އަނތްބަކަށް ހަދަން އަހަރެން ބޭނުން. ޕްލީޒް!” އިޒްޔާން އޭނާގެ ހިތުގައިވާ ޖަޒުބާތުތައް ބޭރުކޮށްލިއެވެ. އެއްވެސް ބަހެއް ނުބުނެ އާޝިޔާ ދުވެފައިގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. އާޝިޔާ މިގޮތަށް ކަންތައް ކުރުމުން އިޒްޔާން ވަރަށް މާޔޫސްވިއެވެ. ލޯބީގައި އޭނާގެ ހިތް ދެވަނަ ފަހަރަށްވެސް ކުދިކުދިވީއެވެ. އިޒްޔާން ހިމޭންވެފައި އެއިންގޮތަށް ގޮނޑީގައި އިނެވެ. އޭނާގެ ނަސީބުގައި ލޯބި ލިބެން ނެތީބާއޭ އިޒްޔާންގެ ހިތަށްއެރިއެވެ.
އިޒްޔާން ޖެހި ބުދެއްހެން އިންއިރު އޭނާގެ ޚިޔާލުތައް ގުޅިފައިވަނީ މަލަކާއާއެވެ. އެހަނދާންތަކުން އޭނާގެ ހިތް ކުދިކުދިވި ހިތި މާޒީގެ ޞަފުހާތައް އުކެމުންދަނީއެވެ. މަލަކާގެ ހަނދާންތައް ފޮރުވާލަމުން އާ ހަޔާތަކަށް އިޒްޔާން އުންމީދުކުރިއެވެ. އެލޯބި ނުލިބުނަސް އާޝިޔާގެ ލޯބިން އެހަނދާންތައް ފޮހެލެވިދާނެކަމަށް އޭނާ ހީކުރެވުނެވެ. އާޝިޔާއާއެކު އުފާވެރި ދިރިއުޅުމެއް އުޅެވިދާނެކަމަށް އުންމީދުކުރިއެވެ. ނަމަވެސް މިއަދު އާޝިޔާވެސް އޭނާގެ ލޯބީގައި ޖެހީ ކޮޅުފައިންނެވެ. މަލަކާ ފަދައިން އާޝިޔާވެސް އޭނާގެ ހިތާ ކުޅެލީ ކުޅޭކުޅޭ އެއްޗެއްހެންނެވެ. ބޭނުންވީމަ ކުޅެލާފަ އެއްލާލީއެވެ.
“ޔާން! ދަރިފުޅު ކޮންއިރަކު އައީ؟” ބަދިގެއަށް ވަދެގެން އައި އަޒްފާއަށް އިޒްޔާން ފެނުމުން ސުވާލުކުރިއެވެ. ފަހަތުން މަންމަގެ އަޑުއިވިފައި އިޒްޔާންއަށް ހަމަބިމަށް އާދެވުނެވެ. އަވަސްއަވަހަށް ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލިއެވެ.
“ހަމަ ދެންމެ މިއައީ.” ހިތްދަތިވެފައި ހުރުމުގެ ސަބަބުން އިޒްޔާންގެ އަޑު ހުރީ ކުރެހިފައެވެ. އެއަޑުގައި ވޭނީ ރިހުމެއް ހުއްޓެވެ. އިޒްޔާން ކިތަންމެ ސިއްރުކުރަން އުޅުނަސް އޭނާގެ މަންމައަކަށް އެކަމެއް ސިއްރެއް ނުކުރެވުނެވެ. އިޒްޔާންގެ މިޒާޖަށް ކިތަންމެ ކުޑަކުޑަ ބަދަލެއް އަޔަސް އަޒްފާ އެކަން ދެނެގަންނަނީ އެހާ ފަސޭހައިންނެވެ. އިޒްޔާން އިންގޮތް ފެނިފައި ކަމެއް ވެއްޖެހެން އިޒްޔާންއަށް ހީވިއެވެ. އެހެންކަމުން އިޒްޔާން އިށީނދެ އިން ގޮނޑިއާއި ޖެހިގެންހުރި ގޮނޑީގައި އަޒްފާ އިށީނެވެ.
“ޔާން! ކިހިނެއްވީ؟ އަނެއްކާ މީހަކު އެއްޗެއް ބުނީތަ؟ ކިހިނެއްތަވީ؟” އަޒްފާ ހާސްވެފައި އަހާލިއެވެ.
“ނޫން މޯމް. ކަމެއްނުވޭ. މިދުވަސްކޮޅު އެހާ ބުރަކޮށް އުޅޭތީ ކުޑަކޮށް ބޮލުގަ ރިއްސަނީ.” އިޒްޔާން ބެލީ އަޒްފާއަށް އޮޅުވާލެވޭތޯއެވެ.
“ދެން ކީއްވެ ލޮލުން ފެން އައިސްފަ. ޔާން މަންމައަށް ކަމެއް ސިއްރުކުރަނީ ދޯ؟ މަންމައަށް އެނގޭ ޔާން ކަމެއް ސިއްރުކުރާކަން. މިހާރު ތީ ކުރީގެ ޔާންއެއް ނޫން. ކުރީގަ ކަމެއް ވާއިރަށް ޔާން އެންމެ ފުރަތަމަވެސް އަންނާނީ މަންމަ ގާތަށް. އެކަމަކު މިހާރު… އޭރު ކުޑަކަމުން ދޯ؟ މިހާރު ޔާން ބޮޑުވެއްޖެ.” އަޒްފާގެ ވާހަކަތަކުން އިޒްޔާންގެ ހިތް އިތުރަށް ރޮއްވާލިއެވެ. ލޮލުން އޮހިގަންނަން ތައްޔާރުވި ކަރުނަތައް ހިންދާލެވޭތޯ އޭނާ މަސައްކަތްކުރިއެވެ. އިޒްޔާންއާ ފުރަތަމަ ފަހަރަށް އަޒްފާ މިފަދަ ގޮތަކަށް ވާހަކަދެއްކުމުން މަންމަ ދެރަވެފައި ހުރިވަރު އޭނާއަށް އިހުސާސްކުރެވުނެވެ. މަންމަގެ ވާހަކަތަކުން އަސަރުކުރިނަމަވެސް އާޝިޔާގެ ވާހަކަ މަންމަ ގާތުގައި ބުނާކަށް އިޒްޔާންއަކަށް ނުކެރުނެވެ.
“ނޫނެކޭ މޯމް. ތީ މޯމްއަށް ހީވާ ގޮތް. ތިކަހަލަ އެއްވެސް ކަމެއް ނުވެއޭ. ކަމެއް ވިއްޔާ މޯމް ގާތު އިޒް ބުނާނެއެއްނު.” އިޒްޔާން ބެލީ އަޒްފާ ހިތްހަމަޖައްސައިދެވޭތޯއެވެ.
“ކަމެއްވިޔަސް މިހާރަކު ނުބުނޭ. އެންމެފަހުން ރަށަށް ގޮސް އުޅެނިކޮށްވެސް، ކޮންމެވެސް ކަމެއް ވީމައެއްނު ޔާންއަށް އެވަރު އެވީ. އެކަމަކު އަދިވެސް ދަރިފުޅު އެވާހަކައެއް މަންމަ ގާތަކު ނުބުނޭ. މަންމައަށް އެނގޭ އެވަރުވީ ރައުދާގެ ކަންތަކާ އެކަންޏެއް ނޫންކަން. ހަމައެކަނި ރައުދާގެ ކަންތަކާ ދަރިފުޅަކަށް އެވަރެއް ނުވާނެ. މަންމަ މިއޮއްހާ ދުވަހު މި މަޑުކުރީވެސް ދަރިފުޅު އަމިއްލައަށް އައިސް މަންމައަށް އެވާހަކަ ކިޔައިދޭތޯ. ރައުދާ ބުނީމަ މަންމަމެންނަށް އެނގުނީވެސް، ދަރިފުޅާ ރައުދާއާ ދެމެދު ވީ ކަންތައްވެސް. އެކަމަކު މިހާރު މަންމައަށް އެނގިއްޖެ މަންމަގެ ދަރިފުޅު ބޮޑުވެއްޖެކަން.” އަޒްފާ އިނީ އިޒްޔާންގެ އަތުގައި ހިފާލައިގެންނެވެ.
އަޒްފާ އަބަދުވެސް އިޒްޔާންގެ ކަންތައްތަކަށް ވަރަށް ފަރުވާތެރިވެއެވެ. އެފަހަރު ރަށަށް ދިޔަފަހުން އިޒްޔާންއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. ކުރިން ކޮންމެ ރެއަކު މަންމަގެ އުނގުގައި އޮވެގެން ދުވާލު ހަތަރުދަމު އޭނާ ކުރި ކަންތައްތަކާއި އުޅުނު ތަންތަނުގެ ވާހަކަ ކިޔައިދޭނެއެވެ. އަދި އަންހެންކުދިންގެ ކަންކަމުގައިވެސް މަޝްވަރާކޮށް ހަދާނެއެވެ. ނަމަވެސް މިހާރު އިޒްޔާންގެ ދިރިއުޅުން ވަރަށް ބަދަލުވެއްޖެއެވެ. އިޒްޔާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާއާއި ރައުދާގެ ކައިވެނީގެ ވާހަކަ ފަހުން މަންމައާއި ބައްޕަ ނުދެއްކީ ކީއްވެގެންކަން އޭނާއަށް މިއެނގުނީ އަދި ކިރިޔާއެވެ. އިޒްޔާންގެ ދެލޯ ކަރުނުން ފުރުނެވެ. އޭނާގެ ލޯބިވާ މަންމައާއި އޭނާ ދުރުވެފައިވާވަރު އޭނާއަށް އިހުސާސް ނުކުރެވުނީތީއެވެ. މަންމަގެ އަތުގައި ހިފާލަމުން އެއަތުގައި އެތައް ފަހަރަކު އިޒްޔާންއަށް ބޮސްދެވުނެވެ.
“މޯމް! އިޒްއަށް މާފްކުރޭ. އެވަގުތުގެ ސަބަބުން އެހެންވީ. އަސްލު އޭރު ރައުއާ ކައިވެނިކުރަން ބޭނުންނުވެފަ ހުރީ. އޭގެ އިތުރުން އިޒްއަށް ކުއްޖަކުދެކެ ލޯބިވެވުނީ. އެކަމަކު އޭނަ އަހަރެން ހީކުރި ކަހަލަ ކުއްޖަކަށްނުވި. އޭނަ އަހަރެންގެ ލޯބި ބޭނުމެއްނުވި. އެކަމުގެ ސަބަބުން އިޒްގެ ބޯގޮވީ. އެއީ އެކަންވީ ގޮތަކީ. އެއީ ނިމިފަ އޮތްކަމެއްވީމަ މޯމް ގާތު ނުބުނީ. މޯމް ހާސްވެދާނެތީ. އިޒް ދުވަހަކުވެސް މޯމްއަށް ބޮޑެއްނުވާނެ. ތީ އަބަދުވެސް އިޒްގެ ބެސްޓް ފްރެންޑަކީ. އައި ލަވް ޔޫ މޯމް.” މިހާ ހިސާބަށް ބުނެވުނުއިރު އިޒްޔާންގެ އަޑު ކަރުތެރޭ ތާށިވެއްޖެއެވެ.
އިޒްޔާންއަށް އިތުރަށް އެންމެ ލަފުޒެއްވެސް ބޭރުކޮށްނުލެވުނެވެ. މިއޮއްހާ ދުވަހު އެމަންމަގެ ހިތުގައިވި ޝަކުވާޓަކެއް އިޒްޔާންއަކަށް ނޭނގެއެވެ. މަލަކާގެ ހަނދާންތަކާއި ދުރުވެ އާ ހަޔާތެއް ފަށަން މަސައްކަތްކުރި ކުރުމުގައި މަންމައަށް ދޭންވާ އަޅާލުމާއި ގާތްކަން ނުދެވުނީއެވެ. މިއަދު އޭނާގެ މަންމައަށް އެވަރަށްވެސް އެއުޅެވެނީ އާޝިޔާގެ އޯގާތެރިކަމާއި އަޅާލުމުގެ ސަބަބުންނެވެ. އެކަމަށް އިޒްޔާން އަބަދުވެސް އާޝިޔާއަށް ޝުކުރުވެރިވާނެއެވެ. އިޒްޔާންގެ ލޮލުން އޮހިގަތް ކަރުނަތައް ފޮހެލިއެވެ. އަޒްފާވެސް އޭނާގެ ލޯފޮހެލަމުން ހިނިތުންވެލިއެވެ. މިއަދު އަޒްފާއާއި އިޒްޔާންއަށް ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެވެ.
“މިހާރު މަންމަ ވަރަށް އުފާވެއްޖެ. ދަރިފުޅަށް އެނގޭތަ؟ ދަރިފުޅުގެ ބައްޕަ މިހާރު ނިންމައިގެން ހުރީ ދަރިފުޅު ބޭނުން ކުއްޖަކާ ދަރިފުޅުގެ ކައިވެނި ކޮށްދޭން. އަދި ބުނަން. މަންމަ މިއުޅެނީ އީނާއާއި ރީނާގެ އުފަންދުވަހުގެ ޕާޓީ ނިންމާފަ މެލޭޝިއާއަށް މަންމަގެ ޓެސްޓްތައް ހައްދާލަން ދާން.” އާޝިޔާ ވަރަށް ހިތްހަމަޖެހިފައި އިނދެ ވާހަކަދެއްކިއެވެ.
“އަސްލުވެސްތަ؟ ޑޭޑް ހަމަ އެހެން ބުނިތަ؟ މިހާރު އިޒް ވަރަށް ހިތްހަމަޖެހިއްޖެ. މަންމަ އެކޮޅުގަ ކިހާ ދުވަހެއް ވާނެތަ؟” އިޒްޔާން އުފާވެފައި އަހާލިއެވެ.
“ފަނަރަ ވަރަކަށް ދުވަސްވާނެ.” އަޒްފާއާ އިޒްޔާން ވާހަކައިގައި ތިއްބާ ފަޔާޒް އައިސް ވަތްތަން ފެނުނެވެ. އޭނާގެ އަތުގައި ކާޑުތަކެއް ހުއްޓެވެ. އެއީ އީނާއާއި ރީނާގެ އުފަންދުވަހުގެ ޕާޓީގެ ދަޢުވަތު ކާޑުތަކެވެ. އެއްހަފްތާ ފަހުން އޮންނަ ޕާޓީއަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތް ކުރަންޖެހެއެވެ.
ޕާޓީއަށް ތައްޔާރުކުރުމުގައި މިލީގެވެސް އެހީތެރިކަން ލިބެމުންދިޔައެވެ. އިޒްޔާންވެސް އޮފީހުން އަންނަގޮތަށް އެކި ކަންކަމުގައި ބައިވެރިވެއެވެ. ތަން ރީތިކުރުމުގައި އުޅުނީ އިޒްޔާންއާއި ލޫތުގެ ބައެއް ރައްޓެހިންނެވެ. މިހެން އުޅޭ އުޅުމުގައި އިޒްޔާން ބަލަމުންދިޔައީ ވީހާވެސް ބޮޑަށް އާޝިޔާއާ ގާތްކަން އުފެއްދޭތޯއެވެ. އާޝިޔާގެ ގާތުގައި އިށީނުމާއި ނޭނގޭ ކަމަށް ހަދާފައި އާޝިޔާގެ އަތުގައި ހިފާލުން ކަހަލަ ކަންތައްތައް އިޒްޔާން ކުރަމުންދިޔައެވެ. މިކަމުން އާޝިޔާއަށް ވަރަށް އުނދަގޫވެއެވެ. އިޒްޔާން އޭނާގެ ގާތު އިށީނދެއްޖެނަމަ އޭނާ ބަލަނީ އަވަހަށް އެތަނަކުން ދެވޭތޯއެވެ. އޭނާއަށް ވާނަމަ މިދުވަސްކޮޅު ކޮޓަރިން ނުވެސް ނުކުތީހެވެ. އިޒްޔާންއާއި އާޝިޔާއާ ދެމީހުން އުޅޭގޮތް އެންމެ ގާތުން ބަލަމުންދަނީ އަޒްފާއެވެ. އަޒްފާ ހުރީ ފެންނަމުންދާ މަންޒަރުތަކުން ވަރަށް އުފާވެފައެވެ. އެހެނީ އާޝިޔާއާއި އިޒްޔާން ގުޅުމަކީ އޭނާގެ ހިތަށް ފިނިކަން ލިއްބައިދޭނެ ކަމެކެވެ އަޒްފާ ނިންމީ މެލޭޝިއާއަށް ގޮސްފައި އައިސް އިޒްޔާންއާ އެވާހަކަ ދައްކާށެވެ.
އިރު އޭގެ ވާޖިބު އަދާކުރުމަށް ފެނުން ތޮޅެލާފައި އެރިއިރު އިޒްޔާން އިނީ އެމަންޒަރަށް ގެއްލިފައެވެ. މިހާރަކަށް އައިސް އިޒްޔާންގެ ވިސްނުމާއި ޚިޔާލުތަކުގައިވަނީ އާޝިޔާއެވެ. މިހާވަރުން އިޒްޔާން އުޅޭއިރުވެސް އާޝިޔާގެ ފަރާތަކުން ކުޑަވެސް އިޝާރާތެއް ނުލިބެއެވެ. މިކަމުގެ ސަބަބުން އިޒްޔާން ހުންނަނީ ހަދާނެގޮތް ހުސްވެފައެވެ. އިޒްޔާން ނިންމީ އާޝިޔާގެ ޖަވާބަކީ ނޫނެކޭކަން އެނގޭއިރުވެސް އަދިވެސް އާޝިޔާ ގާތު އަހާށެވެ. އިރުގެ ދިލަ ހޫނުން މޫނު ފިއްސަން ފެށުމުން އިޒްޔާން ތޮށިގަނޑުމަތިން ފައިބައިގެން އައިސް ސައިކަލަށް އަރާ ގެއާ ދިމާއަށް މިސްރާބުޖެހިއެވެ.
މިއަދު އިޒްޔާންގެ ގެ އޮތީ ޒީނަތްތެރިކޮށްފައެވެ. މާދުރުންވެސް ގޭގެ ޒީނަތްތެރިކަން ފާޅުވޭވޭހުއްޓެވެ. މިއަދަކީ އީނާއާއި ރީނާގެ އުފަންދުވަހުގެ ޕާޓީ އޮންނަ ދުވަހެވެ. ހަވީރުވެގެން އައިއިރު އެންމެންވެސް އުޅެނީ ތައްޔާރުވާށެވެ. އީނާއާއި ރީނާ ތައްޔާރުކުރަން ސެލޫންއިން މީހުންވެސް ގެނެވުނެވެ. މިލީވެސް ތައްޔާރުކޮށްދިނީ ސެލޫންއިން އައި މީހުންނެވެ. ނަމަވެސް އާޝިޔާ ތައްޔާރުވާކަށް ބޭނުމެއްނުވިއެވެ. މިއަދު ލާން އާޝިޔާއަށް އަޒްފާ ދިނީ ވަރަށް ރީތިކޮށް ޑިޒައިންކޮށްފައިވާ އަބާޔާއެކެވެ. އެންމެން ތައްޔާރުވެގެން ނުކުތްއިރު ސިޓިންގރޫމުގައި އިން އިޒްޔާންގެ ލޯ ހޯދަމުން ދިޔައީ އާޝިޔާއެވެ. އާޝިޔާ މިއަދު ލާނީ އޭނާ ގެނެސްދިން ހެދުމެއްކަމެއް އާޝިޔާއަކަށް ނޭނގޭނެއެވެ. ކޮޓަރިން ނުކުމެގެން އައި އާޝިޔާ ފެނިފައި އިޒްޔާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. މިއަދު އާޝިޔާ ފެންނަނީ އެހެން ދުވަސްދުވަހާ ވަރަށް ތަފާތުކޮށެވެ. އެއަބާޔާގެ ނިވަލުގައި އެވަނީ ކޮންފަދަ ރީތި ޕަރީއެއްބާއޭ އިޒްޔާންގެ ހިތަށްއެރިއެވެ.
“ސަޕްރައިޒް!!” ކުއްލިއަކަށް ފަހަތުން އިވުނު އަޑަށް އެންމެން ސިހިފައި ބަލާލިއެވެ. ދޮރުމަތީ ހުރި ދާއިން ފެނިފައި އެންމެންގެ މޫނުމަތިން އުފާވެރި ހިނިތުންވުމެއް ފެނިގެންދިޔައެވެ. އިޒްޔާން އެދިޔަގޮތަށް ގޮސް ދާއިންގެ ގައިގައި ބައްދާލިއެވެ. އެތައް ދުވަހަކަށްފަހު ދާއިން ފެނުމުން އިޒްޔާންއަށް ލިބިގެންދިޔައީ ބަޔާންކުރަން ދަތި އުފަލެކެވެ. އަޒްފާގެ ގައިގައި ކުޑަކޮށް ބައްދާލަމުން މަންމައަށް ޚާއްސަ ސަޕްރައިޒެއް އެބައޮތްކަމަށް ދާއިން ބުންޏެވެ. އެހެން ބުނެފައި ދާއިން ނުކުތީ ބޭރަށެވެ. އެއީ ކޮން ސަޕްރައިޒެއްތޯ ބަލާލާ ހިތުން އެންމެންވެސް ތިބީ ކެތްމަދުވެފައެވެ. ދާއިން އެތެރެއަށް ވަދެގެން އައިއިރު އޭނާގެ ފަހަތުގައި އަންހެންކުއްޖަކު ހުއްޓެވެ. އެއީ ކާކުބާއޭ ހިތަށްއަރާފައި އެންމެން ތިއްބާ ދާއިން އެކުއްޖާގެ އަތުގައި ހިފާ އެންމެންގެ ކުރިމައްޗަށް ނެރުނެވެ. އެވަގުތު އެންމެންގެ ލޯ ބޮޑުވިއެވެ. މިފެންނަނީ ހުވަފެނެއްބާއޭ އަޒްފާގެ ހިތަށްއެރިއެވެ. އިޒްޔާންއަށް ބުނާނެ އެއްޗެއް ނޭނގިގެން އިސްއޮބާލެވުނެވެ. މުޅި ތަނަށް ވެރިވެގެން ދިޔައީ މަރުފަދަ ހިމޭންކަމެކެވެ.
ކުރިމަތިން ފެންނަންހުރި އަންހެންކުއްޖާއާ ގާތްވެލަމުން އަޒްފާ ހިނިތުންވެލިއެވެ. އަޒްފާގެ މޫނުމަތިން ފެންނަންހުރި ހިނިތުންވުމުން އޭނާ އުފާވެފައި ހުރިވަރު ހާމަވެގެންދެއެވެ.
“ހަމަ އަސްލުވެސް ސަޕްރައިޒެއް ތިދިނީ. ރައު! ކިހިނެއްތަ ހާލު؟ ކޮބާ މަންމަމެން؟ އެންމެން ރަނގަޅުތަ؟” އަޒްފާ އެއްފަހަރާ ހުރިހާ ސުވާލެއް ކޮއްލިއެވެ.
“ލައްބަ. އެންމެންވެސް ރަނގަޅު. މަންމަ ވަރަށް ސަލާމްބުނި.” ރައުދާ ހުރީ ހަމަ ރަނގަޅަށްވެސް ފިނިވެފައެވެ. އެތައް ދުވަހަކަށްފަހު އިޒްޔާން ފެނުމުންވެސް އޭނާގެ ހިތަށް އެކުރާ އަސަރުތައް ކުރަނީ ކީއްވެކަމެއް ނޭނގެއެވެ. އިޒްޔާންއާ ދިމާއަށް ބަލާލަންވެސް ނުކެރިފައި އޭނާއަށް ހުރެވުނެވެ. މާޒީގައި ހިނގާދިޔަ ހާދިސާއިން އެދެމެދުގައި ވަނީ ބޯ ފާރެއް ލެވިފައެވެ.
“ރަނގަޅު ގަޑިއަކަށް ތިއައީ. މިހާރު ޕާޓީ ފެށެންވަނީ. އަވަހަށްދޭ ރީތިވެލައިގެން އަންނަން. އާޝިޔާ ދޭބަލަ ރައު ގޮވައިގެން ކޮޓަރިއަށް.” އަޒްފާ އެހެން ބުނެލުމުން ރައުދާ ބަލާލިއެވެ. ކުރިމަތީގައި ކަޅު ބޮޑު ހެދުމުން ނިވާވެގެންހުރި އަންހެންކުއްޖާ ފެނުމުން ބުނަން ނޭނގޭ ގޮތެއް ރައުދާއަށްވިއެވެ. ޖެހިލުންވެހުރެ ހިނގައިގަތީ އިތުރު ގޮތެއް ނެތުމުންނެވެ. ރީތިވެގެން ކޮޓަރިން ނުކުތްއިރުވެސް އާޝިޔާއާއި ރައުދާއާ ދެމެދު އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އެދެމެދުގައިވަނީ ހަމަހިމޭންކަމެވެ.
ޕާޓީ ފެށި މީހުންތައް އަންނަން ފެށުމުން ދެކުދިން ގޮވައިގެން އާޝިޔާ ގޮސް ދޮރު ކައިރީ، ދެކުދިން ތިބެން ޚާއްސަކުރެވިފައިވާ މަޤާމުގައި މަޑުކޮށްލިއެވެ. އިސާހިތަކު މީހުންނާއި ކުދިން އައިސް ގޭ ހޯލުތެރެ ފުރިގެންދިޔައެވެ. ރައުދާއާއި މިލީގެ އިތުރުން އިޒްޔާންގެ ރައްޓެހިންނާއި އޮފީސް ކުދިން އަތް ގާތްކޮށްދީ މަސައްކަތުގައި ދެކޮޅަށް ދުވެލަދުވެލާ ތިއްބެވެ. އިޒްޔާން ހުރީ އާޝިޔާއާއި ދެކުދިންގެ އަނެއް ފަރާތުގައެވެ. އެހެން ހުރިއިރު އާޝިޔާގެ ރީތިކަމަށް އިޒްޔާންއަށް އެތައް ފަހަރަކު ހިތާހިތާ ތަޢުރީފުކޮށްލެވުނެވެ. މިހުރިހާއިރު ވީއިރުވެސް އިޒްޔާން އެތާ ހުރުމުން އާޝިޔާ އެއްވެސް ވަރަކަށް ވާހަކަ ނުދައްކާކަން އޭނާއަށް ފާހަގަވިއެވެ. އެހެންކަމުން އިޒްޔާން އެނބުރި ދުރުގައި ތިބި އޭނާގެ މަންމައާއި ކޮއްކޮގެ ގާތަށް ދިޔައެވެ.
“ޔާން! އަޑުއަހާބަލަ ދާއިން މިއޮއް ކިޔާ އެއްޗެއް.” އިޒްޔާން އައިސް ހުއްޓުމާއެކު އަޒްފާ ބުނެލިއެވެ.
“ކިހިނެއްވީއޭ؟” ދާއިން ގާތުގައި އިޒްޔާން އަހާލިއެވެ.
“މި މޯމް ޤަބޫލުނުކުރަންވެގެން އެއުޅެނީ. މަމިބުނީ ރައު އެއީ މޯމްގެ ވާންއުޅޭ ޅީދަރިއެކޭ. މަށާ ރައުއާ މިއުޅެނީ މެރީކުރާށޭ.” ދާއިން އޮޅުންފިލުވައިދިނެވެ.
“ކީކޭ!!؟ ރައުއާ ދާއިންއާ!!؟” އިޒްޔާންގެ ދެލޯ ބޮޑުވިއެވެ. ދާއިން ރައުދާއާ ގުޅުން އެއީ އެކަކަށްވެސް ޤަބޫލުކުރެވޭވަރުގެ ވާހަކައަކަށް ނުވިއެވެ. ރައުދާ އިޒްޔާންދެކެ ވާލޯބި ދެއާއިލާގެ އެންމެންނަށްވެސް އެނގެއެވެ. އެހެންވީއިރު ރައުދާ ދާއިންއާ ގުޅުނު ވާހަކަ ޤަބޫލުކުރެވޭނީވެސް ކިހިނެއް ހެއްޔެވެ؟ ޕާޓީ ނިމި އެންމެން ދިއުމުން އާޝިޔާ ދެކުދިން ގޮވައިގެން ދިޔައީ ކޮޓަރިއަށެވެ. ލިބުނު ޕާރުސަލްތައް ކެނޑުމަށް ދެކުދިންނާއެކު އާޝިޔާވެސް އުޅުނެވެ.
ރޭގަނޑުގެ އަނދިރިކަން ދުނިޔެ ވަށާލާފައިވާއިރު މާޅޭގެ މަގުތަކުން ފެންނަނީ ހަލަބޮލިކަމެވެ. ގޭގެ ޓެރަސްމަތީގައި ހުރި ރައުދާ ހުރީ މަގުމަތީގެ ހަލަބޮލިކަމަށް ގެއްލިފައެވެ. ކުއްލިއަކަށް މީހެއްގެ ހިލަންވެގެން ފަސްއެނބުރި ބަލާލިއިރު ކުރިމަތިން ފެންނަންހުރި އިޒްޔާން ފެނިފައި ރައުދާގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އިޒްޔާން ފެނުމުން އެހިތުގެ ތެޅުން އަވަސްވެ އަތްފައި ފިނިވަނީ ކީއްވެ ހެއްޔެވެ؟ އަދިވެސް އެހިތުން އިޒްޔާންގެ ލޯބި ފޮހެވިގެން ނުދަނީ ހެއްޔެވެ؟ އަވަސްއަވަހަށް އެނބުރި ރެއިލިންގެ ދަގަނޑުތަކުގައި ބާރަށް ހިފަހައްޓާލެވުނެވެ. މިހާރު އިޒްޔާން އެއައީ ކީއްކުރަންބާއޭ އޭނާގެ ހިތަށްއެރިއެވެ.
“ރައު! ކިހިނެއްތަ؟ އަސްލު އަހަރެންނަށް އެނގޭ އަހަރެންނަށް ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން.” އިޒްޔާން ޖެހިލުންވެހުރެ ވާހަކަދައްކަން ފެށިއެވެ. އޭނާއަށް ރައުދާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން އެކަމާ ދެރަވެ ހިތާމަކުރިއެވެ. އަންހެންކުއްޖެއްގެ އިހުސާސްތަކާ އޭނާއަށް ކުޅެވުނީތީ ލަދުގަނެ އެކަމާ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އެންމެ ފުރަތަމަ ދުވަހު އެކަމާ އިންކާރު ކުރެވުނުނަމަ އެހެން ނުވީސްކަން އޭނާއަށްވެސް އެނގެއެވެ. ކޮންމެ ގޮތެއްވިޔަސް ރައުދާގެ ކިބައިން މާފަށް އެދެން ޖެހޭނެކަމަށް އިޒްޔާން ޤަބޫލުކުރެއެވެ. އެހެންނޫނީ އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެހެންކަމުން އޭނާ ހުރީ ރައުދާ އެކަނިވާނެ ފުރުސަތަކަށް ބަލަބަލައެވެ. ރައުދާ ޓެރަސްއަށް އައިތަން ބަލަން ހުރިއިރު ދާއިން ގޮސް މަންމަގެ ކޮޓަރިއަށް ވަތްތަން އޭނާއަށް ފެނުނެވެ. މިއީ އެންމެ ރަނގަޅު ވަގުތުކަމަށް ބަލާފައި އިޒްޔާން ޓެރަސްއަށް އައީ ރައުދާގެ ކިބައިން މާފަށް އެދޭށެވެ. އިޒްޔާންގެ ވާހަކައަށް އެއްވެސް ޖަވާބެއްނުދީ ރައުދާ ހަމަ ހުރީއެވެ. އަދިވެސް އިޒްޔާންގެ އެހިތްގައިމު އަޑުގައިވާ ޖާދޫ އޭނާގެ ހިއްސުތަކަށް ބާރު ފޯރުވަނީއެވެ. އެހިތުން އިޒްޔާން ނެރެލަން ކުރެވުނު ހުރިހާ މަސައްކަތެއްވީ ބޭކާރެވެ.
“އަސްލު އިޒް މިއައީ ރައުގެ ކިބައިން މާފަށް އެދެން. އެނގޭ މިހާރު މާ ލަސްވެއްޖެކަންވެސް. އެކަމަކުވެސް ރައު އަހަރެންނަށް މާފުކޮށްފިއްޔާ އަހަރެން ވަރަށް އުފާވާނެ. އޭރުން މިހިތުގައިވާ ވަރަށް ބޮޑު ބުރައެއް ލުއިވެގެންދާނެ.” އިޒްޔާން ބުނެލިއެވެ.
“އަހަރެންގެ ހިތުގައި އިޒްއާއެދު އެއްވެސް ބުރަކަމެއް ނެތް. އަހަރެން އިޒްއަށް މާފުކުރިތާ ކޮން ދުވަހެއް؟ އިޒްއަށް އިޒްގެ ލޯބި ލިބުން އެއީ އަހަރެންގެ އަބަދުވެސް އެދޭގޮތް. ލޯތްބާނުލާ އުޅުމަކީ ވަރަށް ހިތްދަތި ވޭނެއް ލިބޭ ކަމެއް. އަހަރެންނަށްވެސް އެނގޭ އިޒް އަހަރެންދެކެ ލޯބިނުވާކަން. ލޯބިނުވާ މީހަކާއެކު ނޫޅެވޭނެކަންވެސް އެނގޭ.” ނެތް ހިތްވަރުލާފައި ރައުދާ ބެލީ އިޒްޔާންއާ ވާހަކަދެއްކޭތޯއެވެ. އޭރުވެސް ރައުދާ ހުރީ އިޒްޔާންއަށް ފުރަގަސްދީގެންނެވެ. އެހެންނޫންނަމަ އޭނާގެ މޫނުމަތީގައިވާ އަސަރުތަކުން އިޒްޔާންއަށް ހުރިހާ ކަމެއް އެނގުނީސްކަން ޔަޤީނެވެ.
“ތޭންކްސް. އަހަރެން ވަރަށް އުފާވެއްޖެ ރައު އަހަރެންނަށް މާފުކުރީމަ. ރައުއާމެދު އަހަރެން އަބަދުވެސް ދެކުނީ ވަރަށް ގާތް ކުއްޖެއްގެ ގޮތުގަ. އެކަމަކު ލޯބިނުވާތީ… އަސްލު ރައުއަށް ދެރައެއް ދޭން ބޭނުންނުވީ. ހިއެއްނުކުރަން ދެވަނަ ފަހަރަށް ރައުއާ ދިމާވާނެ ކަމަކަށްވެސް. އެކަމަކު ވަރަށް އުފާވެއްޖެ ދިމާވީމަ. އަދި އެންމެ އުފާވީ ރައު ދާއިންއާ ގުޅުނީމަ. އެހެންވީމަ އަހަރެން އުންމީދުކުރަން ކުރިންވެސް އޮތް ރަހުމަތްތެރިކަން އޮންނާނެކަމަށް.” އިޒްޔާންގެ ވާހަކަތަކަށް ރައުދާ “ހޫމް”އެކޭ ބުނެލިއެވެ. އިޒްޔާން ދަނީކަމަށް ބުނެ ހިނގައިގަތެވެ. ރައުދާ މާފުކުރުމުނ މިރޭ އިޒްޔާންގެ ހިތުގައިވާ ވަރަށް ބޮޑު ބުރައެއް ލުއިވެއްޖެއެވެ.
އިޒްޔާން ދިއުމުން ރައުދާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އޭނާގެ ހިތުން އިޒްޔާންއަށް ދެވިފައިވާ މަޤާމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ރައުދާގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. ރައުދާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ކޮންމެ ގޮތެއްވިޔަސް އިޒްޔާންގެ ޚިޔާލުތައް އޭނާގެ ހިތާ ސިކުނޑިން ނެރެލަން ޖެހޭނެއެވެ. އެހެންނޫނީ ދާއިންއަށް އޭނާގެ ހިތުން ޖާގައެއް ދެވުމަކީ ވާނެކަމެއް ނޫނެވެ.
“ކޮން ޚިޔާލެއްގަ؟” ދާއިން އައިސް ރައުދާގެ ފުރަގަހުގައި ހުއްޓިލަމުން އަހާލިއެވެ. ދާއިންގެ އަޑު އިވުމުން ރައުދާ މޫނުމަތި ރީތިކޮށްލަމުން އެނބުރި ދާއިންއަށް ބަލާލިއެވެ.
“ޚިޔާލެއްގައެއް ނޫން. ހަމަ ހުރީ.” ހަމަޖެހޭގޮތް ދައްކަމުން ރައުދާ ބުނެލިއެވެ.
“ދޮންބެ ކީކޯ ކިޔާފަ އެދިޔައީ؟” ދާއިން ހީލަމުން ރެއިލިންގެ ދަގަނޑުގައި ލެނގިލިއެވެ.
“މާފަށް އެދޭށޯ މިއައީ. އަހަރެން ބުނިން މާފުކޮށްފީމޭ. އެހެންނޫނަސް އަހަރެން ބޭނުމެއްނުވޭ މާޒީގެ ސަބަބުން އަހަރެންގެ މުސްތަޤުބަލަށް ހިޔަނި އެޅޭކަށް.” ރައުދާ އެހެން ބުނެލުމުން ދާއިން ރައުދާގެ އަތުގައި ހިފާލިއެވެ. ދާއިންގެ އޯގާތެރިކަމާއި އަޅާލުމުން އިޒްޔާން މަތިން ހަނދާން ނައްތާލެވިދާނެކަމަށް ރައުދާ ޤަބޫލުކުރެއެވެ.
“މޯމްއާ ވާހަކަދައްކާފަ މިއައީ. މާދަމާ މޯމްމެން ފުރާނެ. މޯމް ބުނީ އައިސްފަ ކައިވެނީގެ ކަންތަކާ އުޅެންވީޔޯ. އުފަލެއް ނުވޭތަ؟” ދާއިން ބުނެލިއެވެ.
“އުފާވޭ. ދާއިން ކަހަލަ ރަނގަޅު އޯގާތެރިއެއް ލިބުނީމަ ކާކު އުފާނުވާނީ؟” ރައުދާ ހީލަމުން އަހާލިއެވެ.
“އެކަމަކު ހިއެއްނުވޭ ރައު އުފާވާހެނެއް.” ދާއިން އެހެން ބުނުމުން ރައުދާއަށް ތެޅިގަނެވުނެވެ. ދާއިން ލޯ ބޮޑުކޮށްލަމުން އެހެން ބުނެލިގޮތުން ހީވީ އޭނާއަށް ރައުދާގެ ހިތުގައިވާ އެއްޗެއް އެނގިގެން ބުނިހެންނެވެ.
“ކީއްވެ ތިހެން ތިބުނީ؟” ދާއިންއަށް ރައުދާ ހާސްވިވަރު ފެނިފައި ހިނިގަނޑެއް ޖަހާލިއެވެ.
“ހާދަ ވަރަކަށް ތި ހާސްވީ؟ އެއީ އަހަރެން މަޖަލަކަށް ބުނި އެއްޗެކޭ.” ދާއިންގެ މިކަހަލަ ސަމާސާ ރައުދާއަކަށް އެއްގޮތަކަށްވެސް ކަމަކުނުދެއެވެ. ނަމަވެސް ބައެއްފަހަރު ދާއިން ކޮށްލާ ސަމާސާތަކުން ހިތަށް އުފާވެރިކަން ގެނެސްދެއެވެ. ދާއިން އެހެން ބުނުމުން ރައުދާ މުށްކަވާލާފައި މަޑުމަޑުން ދާއިންގެ މޭގައި ޖަހާލިއެވެ.
“އާހް. ސޮރީއޭ. ހިނގާބަލަ ބުރެއް ޖަހާލަން.” ދާއިން ބުނެލިއެވެ.
“މިގަޑީ؟” ރައުދާ އަހާލިއެވެ.
“ހޫމް. މިގަޑީ.” ދާއިން އަކުރުތަކަށް ބާރުލާފައި އެހެން ބުނެލުމުން ރައުދާ ހީލިއެވެ. ދެމީހުން ސިޑިން ފައިބައިގެން އައިއިރު އެމަންޒަރު ބަލަން ސޯފާގައި އިން އަޒްފާގެ ތުންފަތްމަތީ އުފާވެރިކަމުގެ ހިނިތުންވުމެއް ދުވެލަދުވެލާ ހުއްޓެވެ.
ފަތިހުގެ ފިނިފިނި ރޯޅިން ހިތްތަކަށް ފިނިކަމާއި އަރާމު ގެނުވައިދެއެވެ. ފަތިސް ނަމާދުކޮށްލައިގެން ހިނގާލަން ދިއުމަކީ މިހާރު އިޒްޔާންގެ އާދައެކެވެ. ސިކުނޑިއަށް ލިބެމުންދާ ވަރުބަލިކަމުން ދުރުވެވޭތޯ ކުރަމުންދާ ހުރިހާ މަސައްކަތެއް ވަނީ ބޭކާރުވެފައެވެ. ހިނގާލަން ގޮސްފައި އިޒްޔާން ތަންކޮޅެއް ކުރިން ގެއަށް އައެވެ. އެއީ މަންމަމެން ފުރުވަން ދާން ޖެހޭތީއެވެ. އިޒްޔާން ތައްޔާރުވެގެން ނުކުތްއިރު ފަޔާޒް އިނީ ކޮފީ ބޯށެވެ.
“ކޮބާ ދާއިން؟” ފަޔާޒް އަހާލިއެވެ.
“މިހުރީ. ކޮބާ ދާންވީނު.” ދާއިން އެއައިގޮތަށް އައިސް އިޒްޔާންގެ ކޮނޑަށް އަތް ވައްޓާލިއެވެ.
“އާޝިޔާ! ދެކުދިން ރަނގަޅަށް ބަލާތި. ރައުއާ ގުޅިގެން އުޅޭތި. އެއްވެސް ކަމަކަށް ނޫނީ އެއްޗަކަށް ދަތިވެ ބޭނުންވެއްޖެނަމަ ޔާން ގާތު ބުނާތި. އޭރުން އެކަމެއް ކޮށްދޭނެ. އަދިވެސް ހަމަ ބުނެވޭނީ ދެކުދިންނަށް ރަނގަޅަށް ބަލައްޗޭ.” އަޒްފާ ބުނެލިއެވެ.
“ދައްތަ ތިހުރިހާ ކަމަކާމެދު ނުވިސްނަބަލަ. އަހަރެން ދައްތަ އަންނަންދެން ހުރިހާ ކަމެއް ބަލަހައްޓަދޭނަން. ދެން އަވަހަށް ގޮއްސަ އަވަހަށް އާދޭ. ދައްތަ ނެތީމަ ގޭތެރެ ވަރަށް ފަޅުވާނެ.” އާޝިޔާ ބުނެލިއެވެ.
“ދައްތައަށް އެނގޭ އާޝިޔާ ހުރިހާ ކަމެއް ރަނގަޅަށް ބަލާނެކަންވެސް. އެކަމަކުވެސް ބުނެވެނީ. އާޝިޔާގެ ތި އިހުސާންތެރިކަން ދައްތަ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.” އަޒްފާ އާޝިޔާގެ އަތުގައި ހިފަހައްޓާލައިގެންހުރެ ވާހަކަދައްކަމުން ދިޔައެވެ.
“މިހާރު ތި ދައްކަންފެށީ ކޮން ވާހަކައެއް؟ އަސްލު އަހަރެން މިގޭގަ ބަހައްޓައިދިންކަން އެއީ ދައްތަމެންގެ އިހުސާންތެރިކަން. އަހަރެން ދުވަހަކުވެސް ދައްތަމެންގެ ތި ހެޔޮކަން ހަނދާން ނައްތައެއް ނުލާނަން.” އާޝިޔާއާ އަޒްފާ ވާހަކަދައްކަމުން ދިޔައިރު ހީވީ ދެމައިން ވާހަކަދައްކަމުން ދިޔަހެންނެވެ. ބަލާލާ މީހަކަށް އެހެން ހީވާހާ އެދެމެދުގައިވާ ގުޅުން ބޮޑެވެ.
ފަޔާޒް ގޮވާލުމުން އަޒްފާ އާޝިޔާގެ ބޮލުގައި ފިރުމާލާފައި ދާން ހިނގައިގަތެވެ. އެންމެން ދާ މަންޒަރު ބަލަން އާޝިޔާ ހުއްޓެވެ. ދޮރާއި ހަމައަށް ގޮސްފައި އިޒްޔާން ފަސްއެނބުރި ބަލާލިގޮތުން އާޝިޔާއަށް ތެޅިގަނެވުނެވެ. އެތޫނު ނަޒަރުން އެހިތަށް އެތައް ތީރެއް ހެރިގެންދެއެވެ. އެނަޒަރުން ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނުހެންވެސް އާޝިޔާއަށް ހީވިއެވެ.އެންމެން ދިއުމުން އާޝިޔާ ގޮސް ސޯފާގައި އިށީނދެ ވިސްނަންފެށިއެވެ. މިބޮޑު ގޭގައި އޭނާއާއި އިޒްޔާން އެކަނި އުޅޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ އިޒްޔާންއާ ދުރަށްދާން މަސައްކަތް ކުރާވަރަކަށް ކޮންމެވެސް ގޮތަކުން އިޒްޔާންއާ ގާތްވާން މަޖުބޫރުވެއެވެ.
(ނުނިމޭ)
18 Comments
Comments are closed.
am i first???
ޔެސް ޕާޕްލް ހަންޑި
Aashiya ulheny moonu burugaa alhaigeneh noontha?? Dhen kihineh eynaage reethikan fennany?? Nufenunas reethikamah thaureef kuran engeytha??
hey aashiyaa reethi hedhumeh laafa huriyyaa thaureef kureveyne ennun dho????
ޝުކުރިއްޔާ ޒާގެ ޚިޔާލަށް!! އޭނަ އަޅާފަ ހުރި ހެދުމުން އޭނަގެ ރީތި ވާހަކަ އެބުނީ
ހޫމް ދޯ ޗުމް ހަންޑި
woww! I love this……..
ޝުކުރިއްޔާ ޗުމް ހަންޑި
Aashiya ge dhe kudhin ge bday party tha eyi?
އައިޝޫ! އާޝިޔާ އެބަލަނީ ޔާނާގެ ދެކުދިންނެއްނު
Nice
ޝުކުރިއްޔާ އެސް
woww vaahaka haadha reechey.. waiting for another part
ޝުކުރިއްޔާ އެނޮނީމަސް!! މިހާރު އަޕްކޮށްފަ އިންނާނީ
Aashiya azfa aa vaahaka dhehkki iruves izyan akah neyngeytha …?? Eii malaka kameh?? Ehuriha kameh kuraa iruves aashiya hunnanee angain nubunetha????
އައިޝާ! އިޒްޔާންއާ ފަޔާޒް ތިބީ ބަދިގޭގައެއްނު… އާޝިޔާއާ އަޒްފާ ތިބީ ގޭތެރޭގަ… އިޒްޔާން ހުންނަ ތަންތާ އާޝިޔާ ވާހަކަނުދައްކާ ހުންނަނީ ބަސްޓްވެދާނެތީ ބިރުން
Varah kamudhey… Perfect??
Thank You Athy 🙂