
އެންމެން ދިއުމުން އާޝިޔާ ގޮސް ސޯފާގައި އިށީނދެ ވިސްނަންފެށިއެވެ. މިބޮޑު ގޭގައި އޭނާއާއި އިޒްޔާން އެކަނި އުޅޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ އިޒްޔާންއާ ދުރަށްދާން މަސައްކަތް ކުރާވަރަކަށް ކޮންމެވެސް ގޮތަކުން އިޒްޔާންއާ ގާތްވާން މަޖުބޫރުވެއެވެ.
އިޒްޔާންއާއި ދާއިން ދިޔަ ގޮތަކަށް އަދިވެސް ނާދެއެވެ. ރައުދާ ފޫހިވެގެން ގޭތެރޭ އެނބުރި އެނބުރި ހުއްޓެވެ. އަދިވެސް އާޝިޔާއާ ވާހަކަދައްކަން ރައުދާ ޖެހިލުންވެއެވެ. ރައުދާ ގޮސް ޓެރަސްގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެލިއެވެ. ކުރިން ރައުދާއަކީ އަނގަގަދަ ކުއްޖެއްނަމަވެސް މިހާރު އެއީ ކުރީގެ ރައުދާއެއް ނޫނެވެ. މީހުންނާ ވާހަކަދައްކާ މަޖާކޮށް ހެދުމަކީ މިހާރު އޭނާ އެންމެ ފޫހިވާ ކަންތަކެވެ.
ދާއިންއާއި ރައުދާ ދިމާވީ ހޮސްޕިޓަލުންނެވެ. ޑޮކްޓަރުކަން ކިޔަވާ ނިންމާލާފައި ޓްރެއިނިންގއަށް ރަށަށް ގޮސް އުޅުނު ދުވަސްވަރުއެވެ. އޭރު ރައުދާވެސް މަސައްކަތްކުރަމުން ދިޔައީ ހޮސްޕިޓަލުގެ އެޑްމިންއެއްގެ ގޮތުގައެވެ. ފުރަތަމަ ދާއިން ވާހަކަދެއްކުމުންވެސް ރައުދާ އެހާ ގަޔާވާގޮތެއް ނުވިއެވެ. އޭނާ ޤަބޫލުކުރި ގޮތުގައި ދާއިންވެސް އޭރު އޭނަ ދަންނަނީ އިޒްޔާންގެ ކޮއްކޮ ވީމައެވެ. އެކުގައި މަސައްކަތްކުރާތާ ދުވަސްކޮޅެއްވީއިރު ރައުދާއަށް ދާއިންގެ މިޒާޖު ދަސްވަމުން ދިޔައެވެ. ދާއިންގެ ބެލުންތަކުގައި ޚާއްސަ ގޮތެއް ހުންނަކަން ފާހަގަކުރެވެން ފެށިއެވެ.
ދާއިންގެ އޯގާތެރިކަމާއި އޭނާދެކެ ލޯބިވާވަރު އިހުސާސްވީ އޭނާއަށް ޑެންގީ ހުން ޖެހިގެން އެނދުމަތިކުރެވި ތިން ހަފްތާވަންދެން ހޮސްޕިޓަލުގައި ހޭދަކުރަން ޖެހުމުންނެވެ. ދާއިން ފުރަތަމަ ފަހަރަށް އެހިތުގައިވާ ޖަޒުބާތުތައް ބަންޑުންކޮށްލީ ރައުދާ ނިދާފައި އޮތްކަމަށް ހީކޮށްފައެވެ. ރޭގަނޑު ޑިއުޓީގައި އިން ރެއެއްގައެވެ. ރައުދާދެކެ އޭނާ މާކުރިންވެސް ލޯބިވާކަމަށް ބުނެލި ވަގުތު ރައުދާއަށް ލިބުނީ ހައިރާންކަމެކެވެ. ރައުދާ ގެއަށް ދޫކޮށްލެވުނު ފަހުން އެއްރޭ ދާއިން އައިސް އެދުނީ އޭނާއާއެކު ކެއުމަކަށް ދާށެވެ. އެރޭ ދާއިން އޭނާއަށް ލޯބިހުށަހެޅުމުން ރައުދާ އެހާ ހައިރާންނުވީ އޭނާއަށް މިކަން ކުރިން އެނގިފައިވާތީއެވެ. ދާއިން ކަހަލަ އޯގާތެރިއަކާއެކު ހަޔާތުގެ ދުވަސްތައް ހޭދަކޮށްލެވިދާނެކަމަށް ނިންމާ ދާއިންގެ ލޯބި ޤަބޫލުކުރީއެވެ. އިޒްޔާންގެ ހަނދާންތައް އެހިތުން ނުފިލިޔަސް ދާއިންގެ ލޯބިން އޭނާގެ ހިތުގައި އިޒްޔާންއަށްޓަކައިވާ ލޯބި ފޮހެވިދާނެކަމުގެ އުންމީދުގައެވެ.
ދާއިންގެ ލާނެތް ސަމާސާތަކުން ރައުދާއަށް ލޯބީގައި އާ މީރުކަމެއް އިހުސާސްކުރެވެމުން ދިޔައެވެ. ދާއިން ކަހަލަ ބައިވެރިއަކު ލިބުނީތީ މިއަދު އޭނާ އުފާކުރެއެވެ. މުސްކުޅިން ބުނެ އުޅެއެއް ނޫން ހެއްޔެވެ؟ އެމީހަކު އިންނަންވާނީ އެމީހަކުދެކެ ލޯބިވާ މީހަކާއެވެ. އެހެންކަމުން ރައުދާވެސް މިފަހަރު އިޚްތިޔާރުކުރީ އޭނާދެކެ އިންތިހާއަށް ލޯބިވާ ބައިވެރިއެކެވެ.
އިޒްޔާން މަންމަމެން ފުރުވާލާފައި ދިޔައީ އޮފީހަށެވެ. ދާއިން ރައްޓެހިންނާއެކު ކޮފީއެއްގައި އިނދެފައި ގެއަށް އައިއިރު މެންދުރު ވެއްޖެއެވެ. ދާއިން އައިސް ވަތްތަން ފެނުމުން އީނާއާއި ރީނާ އެދުނީ އެކުދިންނާއެކު ކުޅެން އައުމަށެވެ. ރައުދާ ކޮބައިތޯ އެހުމުން ނޭނގޭކަމަށް އެކުދިން ބުންޏެވެ. ދާއިން އަވަސްއަވަހަށް ގުޅާލިއެވެ.
“ރައު ކޮންތާކު؟” ރައުދާ ފޯނު ނެގުމާއެކު ހާސްވެފައިހުރެ ދާއިން އަހާލިއެވެ.
“މިހުރީ ހުޅުމާލޭގަ. ރައްޓެއްސެއްގެ ގޭގަ. ދާއިން ގޭގަ ނޫޅޭތީ މިކޮޅަށް މިއައީ.” ރައުދާ ބުނެލިއެވެ.
“ކޮންއިރަކު އަންނަނީ؟” ދާއިން އަހާލީ އާދައިގެ ގޮތަކަށެވެ.
“ދާންވީތަ؟” ރައުދާވެސް ކޮށްލީ ސުވާލެކެވެ.
“އުހުނ. ރައުދާ ރައުދާ ބޭނުން އިރަކު އައީމަ ރަނގަޅުވާނެ. އަހަރެން އިންތިޒާރުކުރާނަން.” އެހެން ބުނެފައި ފޯނު ބޭއްވިއިރު ދާއިންގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވާން ހުއްޓެވެ. އާޝިޔާ އެކަނިމާއެކަނި އުޅެނިކޮށް ރައުދާ އެގޮތަށް ދިއުމުން ދާއިންއަށް އެކަން ބަލައިގަންނަން ވަރަށް އުނދަގޫވިއެވެ. ނަމަވެސް އޭނާއަށް ބުނެވޭ އެއްޗަކުން ރައުދާ ހިތްހަމަނުޖެހިދާނެތީ އެކަމާ އެއްޗެއް ނުބުނީއެވެ. އޭނާ ރައުދާދެކެ ލޯބިވާވަރު ރައުދާއަށް އިހުސާސެއް ނުވެއޭވެސް ބައެއްފަހަރު އޭނާގެ ހިތަށްއަރައެވެ. ކުއްލިއަކަށް ދާއިންގެ ޠަބީއަތު ގޯސްވެއްޖެއެވެ. ކުޅޭހިތް ކެނޑުމުން ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. އެނދުމައްޗަށް ބަންޑުން ވެއްޓިގަނެގެން ވިސްނަން އޮއްވާ ދާއިންއަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. އިރުއޮއްސި އަނދިރިވީއިރުވެސް ދާއިންއަކަށް ހެއެއް ނުލެވުނެވެ.
ރޭގަނޑުގެ ކާގަޑި ޖެހިގެން ދިޔައިރުވެސް ދާއިންއެއް ނުނުކުމެއެވެ. އާޝިޔާއަކަށް ގޮވާލާކަށްވެސް ނުކެރުނެވެ. އަދިވެސް ރައުދާއެއް ނާދެއެވެ. ކުއްލިއަކަށް ދޮރު ހުޅުވުމުން އާޝިޔާ އަވަސްއަވަހަށް ބަލާލީ ރައުދާކަމަށް ހީކޮށެވެ. ނަމަވެސް އައީ ރައުދާއެއް ނޫނެވެ. އިޒްޔާންއެވެ. އިޒްޔާން އައިސް ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒުމަތީ ލެޕްޓޮޕް ދަބަސް ބާއްވާލާފައި ޓައީ ދޫކޮށްލަމުން ސޯފާއަށް ވެއްޓިގަތެވެ. އަދި ދެލޯ މަރާލި މަންޒަރު ފެނުމުން އާޝިޔާ ހާސްވިއެވެ. ނަމަވެސް އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ.
ދެލޯ މަރާލައިގެން ގުޑުމެއްވެސް އަރުވާނުލާ އިޒްޔާން އޮތްއިރު އެމޫނުމައްޗަށް އެތައް ކުލައެއް އަރާ ފައިބަމުންދެއެވެ. އިޒްޔާންއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އާޝިޔާއަށް ޔަޤީންވިއެވެ. ކަންބޮޑުވެ ހާސްވިވަރުން އާޝިޔާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ހަދާނެ ގޮތެއް ނޭނގިފައިހުރި އާޝިޔާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ސިޑިން ފައިބަމުން އައި ދާއިން ފެނިފައެވެ. ދާއިންއަށް ހޭލެވުމާއެކު ގަޑި ބަލާލިއެވެ. އޭރު ނުވައެއް ޖަހަނީއެވެ. އަވަހަށް ތައްޔާރުވެލައިގެން ނުކުތީ ބަނޑުހައިވެފައި ހުރިވަރުންނެވެ. ސިޑިން ފޭބި ވަގުތު ސޯފާއަށް ޖެހިފައި އޮތް އިޒްޔާން ފެނި ދާއިން ހާސްވިއެވެ.
“ދޮންބޭ! ކިހިނެއްވީ؟” ދާއިން އައިސް އިޒްޔާން ގާތު އިށީނދެ އެއަތުގައި ހިފާ ޗެކްކޮށްލިއެވެ. ދާއިންގެ އަޑަށް އިޒްޔާން ލޯ ހުޅުވާލުމާއެކު އެއަށްވުރެ އަވަހަށް ލޯމަރާލިއެވެ.
“ޑޮކްޓަރަށް ދަންކަން ދާންވީނު.” ދާއިން ބުނެލިއެވެ.
“އުހުނ. ނިދާލަނިކޮށް ރަނގަޅުވެދާނެ.” އިޒްޔާން ބަލި އަޑަކުން އެހެން ބުނިއިރުވެސް އޮތީ ދެލޯ މަރާލައިގެންނެވެ. އިޒްޔާންގެ ހާލު ފެނިފައި ވަގުތުން އާޝިޔާގެ ދެލޯ ފެންކަޅިވިއެވެ.
“ބޭސް ކައިފިންތަ؟ އަދި ނުވެސް ކައި ދޯ ތިއުޅެނީ؟ ހިނގާ ފުރަތަމަ ކާއެއްޗެއް ކާން. އާޝިޔާ! ކާން ހަދައިފިންތަ؟” ސޯފާގެ އަނެއް ފަރާތުގައިހުރި އާޝިޔާއަށް ގޮވާލަމުން ދާއިން އަހާލިއެވެ. އާޝިޔާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. އިޒްޔާންއަށް ކާންދާން ފަސޭހަ ނުވާނެތީ ދާއިން ތަށްޓަކަށް ކާއެއްޗެހި އަޅައިގެން އައިސް ކާންދޭން އުޅުމުން އިޒްޔާން އެކަމާ އިންކާރުކުރިއެވެ.
“ކޮއްކޯ ޕްލީޒް! ދޮންބެ ކޮޓަރިއަށް ގެންގޮސްދީ. މިވަގުތު ދޮންބެ ބޭނުންވަނީ ޖައްސާލަން.” އިޒްޔާން ބުންޏެވެ.
“އެކަމަކު ބޭސްނުކައިފިއްޔާ ވާނެގޮތް އެނގެއެއްނު. ޕްލީޒް! ކުޑަ އެތިކޮޅެއް ނަމަވެސް ކާލައިގެން ބޭސް ކައިގެން ނިދާލީމަ ރަނގަޅުވާނީ.” ދާއިން ކުރުނުކޮށް ކިޔަންފެށުމުން އިޒްޔާން ގަދަކަމުން ލޯހުޅުވާލިއެވެ. ތެދުވެ އިށީނދެގެން އިންނަން އުނދަގޫވިނަމަވެސް ދެތިން ފަހަރަކު ކާލެވޭތޯ ބެލިއެވެ. އިޒްޔާން އެވަރުވެސް ކުރީ ދާއިން މަންމައަށް ގުޅަން އުޅުމުންނެވެ. މަންމައަށް އޭނާ ބަލިކަން އެނގިއްޖެނަމަ ހާސްވާނެވަރު އޭނާއަށް އެނގެއެވެ. އިޒްޔާން ކޮޓަރިއަށް ގެންގޮސް ބޭސްދީފައި ދާއިން އެނބުރި އައިއިރުވެސް އާޝިޔާ އެހުރިތަނުގައި ހުއްޓެވެ. އިޒްޔާން ކުއްލިއަކަށް އެހާ ބަލިވީ ކީއްވެބާއޭ އާޝިޔާގެ ހިތަށްއެރިއެވެ. ދާއިން ކާން އިށީނުމުން އާޝިޔާ ގޮސް މޭޒު ކައިރީގައި ހުއްޓުނެވެ.
“އިޒްއަށް ކިހިނެއްވީ؟” އާޝިޔާ ޖެހިލުންވެހުރެ އަހާލިއެވެ. އޭރު އޭނާގެ އަޑުގައި މަޑުމަޑު ތުރުތުރަކާއެކު ވޭނީ ރިހުމެއްވެއެވެ.
“މާބޮޑު ކަމެއްނުވޭ. ނިދާލުމުން އެކަން ރަނގަޅުވެދާނެ.” ދާއިން ބުނެލިއެވެ.
“ޕްލީޒް ދާއިން! އަހަރެން ބޭނުން އިޒްގެ ބައްޔަކީ ކޮބައިކަން އެނގެން. ޕްލީޒް ބުނެދީބަލަ.” ދާއިން ހައިރާންވިއެވެ. އާޝިޔާގެ އަޑުން އޭނާ ރޮނީކަން ދާއިންއަށް އެނގުނެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ އާޝިޔާއާއި ދޮންބެއާ ގުޅުމެއް އޮތީ ހެއްޔެވެ؟ އާޝިޔާގެ ވާހަކަތަކުން ދާއިންގެ ހިތުގައި ސުވާލުތަކެއް އުފެދިގެންދިޔައެވެ.
“ދޮންބެއަށް މާބޮޑު ކަމެއްނުވޭ. އެއީ ދޮންބެގެ މައިގްރޭން ހުންނާތީ ވާގޮތެއް.” ދާއިން ބުންޏެވެ.
“މައިގްރޭންއޭ!! އެއީ ކޮންކަހަލަ ބައްޔެއް؟” އިޒްޔާންގެ ބަލީގެ ނަން ބުނުމުން ހާސްވެގެން ގޮސް އާޝިޔާއަށް އަވަސް ނޭވާތަކެއް ލެވެންފެށިއެވެ.
“އެއީވެސް ވައްތަރެއްގެ ބައްޔެއް. މާބޮޑަށް ކަންތައްތަކާ ވިސްނާ ހިތްދަތިވެ ހިތާމަކުރަންޏާ މައިގްރޭންގެ ކަންތައް މައްޗަށް ދާންފަށާނެ. އެކަހަލަ މީހުން ޖެހޭނީ އަބަދުވެސް އުފަލުގަ އުޅެން މަސައްކަތްކުރަން. ހިތްދަތިވެ ހިތާމަކުރަން ޖެހޭ ކަންތައްތަކާ ދުރުވެގެން އުޅެން. ދޮންބެގެ މައިގްރޭން ހުންނާނީ މޯމްއާ ޑޭޑްވެސް ވަރަށް ބަލާނެ ދޮންބެއަށް.” ދާއިން އޮޅުންފިލުވައިދިނެވެ.
“ދެން އެކަން ރަނގަޅުކުރެވޭނީ ކިހިނެއް ހެދީމަ؟” އާޝިޔާ ބޭނުންވީ އިޒްޔާން ރަނގަޅުވާނެ ގޮތެއް އޮތްތޯ ބަލާށެވެ.
“ދޮންބެއަށް ބޭނުންވަނީ އަޅާލުމާއި ލޯބި. ދޮންބެ ހިތްދަތިވެ ހިތާމަކުރާ ކަންކަން ހައްލުވަނިކޮށް އެކަންވެސް ރަނގަޅުވާނެ. އެކަމަކު މިފަހަރު ނޭނގެ ދޮންބެއަށް ވެގެންއުޅޭ ގޮތެއްވެސް. އަހަރެންނަށް ހީވަނީ ދޮންބެ މިހާރު ކޮފީވެސް ބޮނީ މާގިނައިންހެން.” ދާއިން ނިތްމަތީ އަތް އުނގުޅާލިއެވެ. ދޮރުން އެތެރެއަށް މީހަކު ވަތްހެން ހީވެގެން އާޝިޔާ ބަލާލިއެވެ. ދޮރުމަތީ ހުއްޓިގެންހުރި ރައުދާ ފެނިފައި އާޝިޔާއަށް ފަހަތަށް ޖެހިލެވުނެވެ. އާޝިޔާ ފަހަތަށް ޖެހިލުމުން ދާއިންއަށް ބަލާލެވުނެވެ. އާޝިޔާ ދޮރާއި ދިމާއަށް ބަލާތީ ދާއިންވެސް ބަލާލިއެވެ.
“ރައު!” ރައުދާ ފެނުމުން ދާއިން ގޮވާލިއެވެ.
“ހޫމް. ހާދަ އޮލަ ވާހަކައެއްގަ. އަނެއްކާ އަހަރެންނަށް މިއާދެވުނީ ރަނގަޅު ވަގުތަކުބާ؟” އާޝިޔާއާއި ދާއިން އެހާ ގާތްކޮށް ވާހަކަދައްކަން ތިބިތަން ފެނުމުން ރައުދާ ވަރަށް ހިތްހަމަނުޖެހުނެވެ. އާޝިޔާއާމެދު އޭނާގެ ހިތުގައި ޝައްކުގެ ރާޅެއް ދުވެލިއެވެ. މިހާރުގެ އަންހެންކުދިންނަށް އިތުބާރުކުރާނީވެސް ކިހިނެއް ހެއްޔެވެ؟ އިވޭ އަޑުތަކާއި މީހުން ކިޔައިދީފައި ހުންނަ ވާހަކަތަކުގެ ސަބަބުން ރައުދާއަށް އާޝިޔާއާމެދު ޝައްކު އުފެދެނީއެވެ.
“ކީކޭ؟ ރައުއަށް ތިއާދެވުނީ ހަމަ އެންމެ ރަނގަޅު ވަގުތުގަ. އާދޭ ކާން.” ދާއިންއަށް ރައުދާގެ ވާހަކަ ދިޔަ ދިމާ އެނގިހުރެ ނޭނގޭ ކަމަށް ހެދީ، ރައުދާއާއި އޭނާއާ ދެމެދުގައިވާ ގުޅުން އެއްވެސް ކަމަކަށް ނުވާ ކަމެއްގައި ހަލާކުކޮށްލަން ބޭނުންނުވާތީއެވެ.
“އަހަރެން މިއައީ ކައިގެން. ނިދަން މިދަނީ. ގުޑް ނައިޓް!” ރައުފާ ފޫހި ގޮތަކަށް އެހެން ބުނެފައި ހިނގައިގަތެވެ. ރައުދާ ދާތަން ބަލަން ހުރެފައި ދާއިން ކާންފެށިއެވެ. ކާހިތް ނެތްނަމަވެސް ބަނޑުހައިވެފައި ހުރުމުން ކެވޭތޯ ބެލިއެވެ. ދާއިން ކައިގެން ކޮޓަރިއަށް ގޮސް ބެލިއިރު އިޒްޔާން އޮތީ ނިދާފައެވެ. އެހެންކަމުން އޭނާ ޓެރަސްއަށް ދިޔައެވެ.
“ހެލޯ! އާދެބަލަ ޓެރަސްއަށް.” ދާއިން އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. އިރުކޮޅެއް ވީތަނާ ރައުދާ އައިސް ދާއިން ގާތުގައި މަޑުކޮށްލިއެވެ. ރައުދާ ހިތްހަމަނުޖެހިފައި ހުރިކަން އެނގުމުން ދާއިން ރައުދާއާ ގާތްވެލިއެވެ.
“ރައު! އަނެއްކާވެސް ދޮންބެ ބަލިވެއްޖެ. މާދަން އެކޮޅަށް ދާންވެސް އަންގައިފި. އަހަރެންނަކަށް ނޭނގެ ދެން ހަދާނެ ގޮތެއް. މަންމައަށް ގުޅަންވީއޭވެސް އެބަ ހިތަށްއަރާ.” ދާއިން ރެއިލިންގައި ލެނގިލައިގެންހުރެ ވާހަކަދައްކަމުން ދިޔައެވެ. ރައުދާއަށް ހުރިހާ ކަމެއް ކިޔައިދިނުމުން ރައުދާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުމުގެ ކުލަތައް ފެނުނެވެ. ނަމަވެސް އާޝިޔާއާ އެހާ ގާތްކޮށް ވާހަކަދައްކާ ނޫޅުމަށް ރައުދާ ބުނެލީ ދާއިންގެ އަތުގައި ހިފާލަމުންނެވެ.
“ރައު! އާޝިޔާއަކީ ވަރަށް ރަނގަޅު ކުއްޖެއް. މިގޭގަ އުޅޭތާ ތިން އަހަރުވެއްޖެ. ދުވަހަކުވެސް އަހަރެން ނުދެކެން އޭނަގެ ކިބައިން އެއްވެސް ވިޔާނުދާ ސިފައެއް. މިރޭވެސް އޭނަ އެވާހަކަދެއްކީ ދޮންބެ ބަލިވީމަ އެކަމާ. އެހެންނޫނަސް އަހަރެންގެ މިހިތަކީ ހަމައެކަނި ރައުގެ މިލްކެއް. މިއޮއްހާ ދުވަސްވީއިރުވެސް މިހިތުން އެހެން ކުއްޖަކަށް ޖާގައެއް ނުދެވުނު. މިހާރު އަދި އަމުދުން ދެވޭނެތަ؟ އަހަރެން ރައުދެކެ ހާދަ ލޯތްބެއްވެޔޭ.” ދާއިން އަސަރުން ފުރިގެންވާ ގޮތަކަށް ބުނެލިއިރު ރައުދާ އޭބާގެ ގަޔާއި ގާތްކޮށްލިއެވެ. މިލޯބިލޯބި އަންހެންކުއްޖާއަށް އޭނާގެ ހިތުގައިވާ އިހުސާސްތައް އެނގޭނެނަމައޭ ދާއިންގެ ހިތަށް އަރަމުންދިޔައެވެ.
ހެނދުނުގެ ފިނިފިނި ރޯޅިތައް ގައިގައި ބީހިލާފައިދާ ކޮންމެ ހިނދެއްގައި ހަށިގަނޑަށް ފިނިކަމާއި އަރާމު ގެނުވައިދެއެވެ. ވިއްސާރައިގެ ސަބަބުން މުޅި ޖައްވުވެސް އޮތީ ފިނީގެ ސާލެއް އޮޅާލައިގެންނެވެ. މި ފިނިފިނި ހެނދުނުވެސް މާލޭގެ މަގުމަތިން ފެންނަނީ ހަލަބޮލިކަމެވެ. އެކި ކޮޅުކޮޅަށް ދުއްވާ އުޅަނދުތަކެވެ. ފެންބޮޑުވެފައިވާ މަގުތަކުގައި ދެކޮޅަށް ހިނގަހިނގާވާ މީހުން އަވަސް ފިޔަވަޅުތަކެއްގައި އެމީހުންގެ މަންޒިލަށް ދާން މަސައްކަތްކުރަނީއެވެ. އެމަންޒަރުތަކަށް ބަލަމުންދިޔަ އާޝިޔާގެ ޚިޔާލުތައް ގުޅިފައިވަނީ އިޒްޔާންއާއެވެ. އޭނާއަށް އޭނާގެ މަންޒިލް ލިބޭނީ ކޮން ދުވަހަކުންބާއޭ އާޝިޔާގެ ހިތަށް އަރަމުންދިޔައެވެ ރެއިން ފެށިގެން އާޝިޔާއަށް އިޒްޔާންގެ އެއްވެސް ޚަބަރެއް ނުވާތީ އެހިތަށް ލިބެމުންދާ ވޭން ވަނީ އިތުރުވެފައެވެ. އެހިތަށް ތަފާތު އެކިއެކި ޚިޔާލުތައް ވަންނަމުން ދިޔައެވެ. އެންމެފަހުން ޓެރަސްގައި ނުހުރެ ތިރިއަށް ދިޔައެވެ. އޭރު ޑޮކްޓަރ އައިސް އިޒްޔާންގެ ޗެކަޕް ހަދާފައި ނުކުމެ ދާއިންއާ ވާހަކަދައްކަން ހުއްޓެވެ. އާޝިޔާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދާއިންމެން ތިބިތާ ކައިރީގައި މަޑުކޮށްލިއެވެ.
“އޯކޭ! ކަމެއް ގޯސްވަންޏާ ލަސްނުކޮށް ގުޅާތި. އަދި ހަނދާންކޮށް ކެފޭން ހުންނަ އެއްޗެހި ނުދޭތި.” ޑޮކްޓަރ ބުނުއްވިއެވެ.
“ތޭންކްސް ޑޮކްޓަރ.” ދާއިން ހިނިތުންވެލަމުން ބުނެލިއެވެ. ޑޮކްޓަރ ނުކުމެގެން ދިއުމުން އާޝިޔާ ކެތްމަދުވެފައިވާ ހާލު އިޒްޔާންގެ ހާލު އަހާލިއެވެ.
“މިހާރު ކުޑަކޮށް ރަނގަޅު.” އެހެން ބުނެފައި ދާއިން ބަލާލީ ރައުދާއަށެވެ.
“ދާއިން! ތިހާ ކަންބޮޑުނުވެބަލަ. އަހަރެން މަޑުކޮށްފާނަން އިޒް ރަނގަޅުވަންދެން.” ދާއިން ގާތު އިށީންނަމުން ރައުދާ ބުނެލިއެވެ. ދާއިން އެއްޗެކޭ ނުބުނެ އިރުކޮޅަކު އިނދެފައި ވާހަކަދައްކަން ފެށިއެވެ.
“ރައުވެސް ޖެހެއެއްނު ދާން. ރިޝްމާ މެރީކުރަން ޗުއްޓީ ލިބޭނީ ރައު ދިޔައިމަ. ރައު މިއަދު އެކޮޅަށް ނުގޮއްސިއްޔާ އޭނައަކަށް ޗުއްޓިއެއް ނުލިބޭނެ. ކޮންމެހެންވެސް ދެމީހުން އެބަ ދާންޖެހޭ. ދޮންބެ އެހާލަށް ދޫކޮށްލާފައި ދެވޭކަށްވެސް ނެތް. މޯމް ހުރިނަމަ މިހުރިހާ ވިސްނުމެއް ވިސްނާކަށް ނުޖެހުނީސް.” ދާއިން ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.
“ދާއިން ތިކަމާ ނުވިސްނާ. ދައްތަ އަންނަންދެން އަހަރެން އިޒްޔާންގެ ހުރިހާ ކަމެއް ބަރާބަރަށް ބަލަހައްޓާނަން.” އާޝިޔާ ޖެހިލުންވެހުރެ މަޑުމަޑުން ބުނެލިއެވެ. އެވަގުތު ރައުދާ އެއްޗެއް ބުނަން އުޅެފައިވެސް ހިމޭންވީ ދާއިން ބަލާލުމުންނެވެ.
“އާޝިޔާއަށް ވާނެތަ؟ ދޮންބެ މިހާރު ކުޑަކޮށް ރަނގަޅު. އެކަމް ދޮންބެ އެކަނި ވަގުތުތައް ހޭދަކުރަން ވެއްޖެއްޔާ އަނެއްކާވެސް ގޯސްވެދާނެތީ ބިރުގަނޭ. އާޝިޔާ ޖެހޭނީ އަބަދުވެސް ދޮންބެ ގާތުގަ ހުންނަން. ގިނަގިނައިން ވާހަކަދައްކާ ހަދަން. އޭރުން ދޮންބެއަށް އެޚިޔާލުތަކާ ދުރުވެވޭނީ.” ދާއިންގެ ވާހަކަތަކުން އާޝިޔާ ހާސްވާގޮތްވިއެވެ. އިޒްޔާންއާއެކު ވަގުތުތައް ހޭދަކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް އިޒްޔާންއާ ވާހަކަދައްކާ ގާތް ގުޅުމެއް ބޭއްވިދާނެ ހެއްޔެވެ؟ އިޒްޔާންގެ އެބަލީގެ އަސްލަކީ އޭނާކަމުގައިވާއިރު އިތުރަށް ގާތްވެ ހަދަން ފެށުމުން އިޒްޔާންގެ ބައްޔަށް ލިބޭނީ ފަރުވާއެއް ނޫނެވެ. އަނެއްކާ އެކަމުގެ ސަބަބުން އެބަލި ވާނީ ބޮޑުބާއެވެ.
“އާޝިޔާ! ކީއްވެ ޖަވާބެއްނުދީ ތިހުރީ؟” އާޝިޔާގެ ހިމޭންކަން ފެނިފައި ދާއިން ސުވާލުކުރިއެވެ.
“ކަމެއްނުވޭ. އަހަރެންނަށް ކުރެވޭނެ. އަހަރެން ކުރާނަން. އިޒްއަށްޓަކާ ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާނަން.” އާޝިޔާ ދެލޯ މަރާލަމުން ހިތުގެ ގޮވުމާ އެއްބަސްވިއެވެ. ކޮންމެ ގޮތެއްވިޔަސް އިޒްޔާންއަށް އަޅާލާ އެބަލިން އިޒްޔާންއަށް ޝިފާއެއް ހޯދައިދޭން އޭނާ ނިންމިއެވެ.
“އާޝިޔާ ތިވަރަށް އިޒްއާ ދޭތެރޭ ވިސްނަންފެށީ ކޮންއިރަކު؟ އަނެއްކާ ކާންދޭ އަތުގަ ދަތްއަޅަން ވިސްނަނީތަ؟” އާޝިޔާގެ ވާހަކަތަކާމެދު ހިތްހަމަނުޖެހިފައިހުރި ރައުދާއަކަށް ހިމޭނަކުން ނުހުރެވުނެވެ. އޭނާ ފިޔަވައި އެހެން އަންހެންކުއްޖަކު އިޒްޔާންއާ ގާތްވާކަށް އޭނާގެ ހިތެއް ނޭދެއެވެ. އެކަން އޭނާގެ މޫނުމައްޗަށް އަރައިގެންދިޔަ ކުލަވަރުން އެނގުނެވެ. ކަންތައް ކުރަންވީ ހުރިހާ ގޮތެއް ދާއިން އާޝިޔާއަށް ކިޔައިދިނެވެ. އަދި އެއްވެސް ކަމެއް ގޯސްވެއްޖެނަމަ ވަގުތުން ގުޅަން ބުނެ އޭނާގެ ނަންބަރު ދިނެވެ. އެދުވަހު ހަވީރު ދާއިންއާއި ރައުދާ ފުރިއެވެ. އާޝިޔާއަށް އިތުބާރުކޮށް އިޒްޔާން ހަވާލުކޮށްފައެވެ.
ރޭގަނޑުގެ ވަގުތެވެ. އާޝިޔާއަށް ދެކުދިން ނިންދަވާފައި ނުކުމެވުނުއިރު ނުވައެއް ޖަހައިފިއެވެ. އިޒްޔާންގެ ޚަބަރެއް ބަލަން ހަދާނެ ގޮތެއް ނުވިސްނިފައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ކޮންމެ ގޮތެއްވިޔަސް އިޒްޔާންއަށް ބޭސްދޭން ޖެހޭނެއެވެ. އޭގެ ކުރިން ކާންވެސް ދޭން ޖެހޭނެއެވެ. އެންމެފަހުން ތަށްޓަށް ކާއެއްޗެހި އަޅައިގެން މަޑުމަޑުން ސިޑިން އެރިއިރު އާޝިޔާގެ ހިތް ތެޅެމުން ދިޔައީ ރޯމަހެއް މަރަށް ތެޅޭހެންނެވެ. ދޮރު ކައިރީގައި ހުރެ ނޭވާ ހަމައަކަށް އަޅުވާލުމަށްޓަކައި ފުންކޮށް ދެތިން ނޭވާ ބޭރުކޮށްލިއެވެ. އެއަށްފަހު ދޮރު ހުޅުވާލިއެވެ. ޓަކިވެސް ނުދީ ދޮރު ހުޅުވާލިއިރު އިޒްޔާން ފެންނަން ނެތުމުން އާޝިޔާ ހައިރާންވިއެވެ.
“އަނެއްކާ އިޒް ބޭރަށް ދިޔައީބާ؟” އާޝިޔާ ހިތާހިތާ ކިޔާލިއެވެ. އާޝިޔާ ވިސްނާލުމަށްފަހު ކާއެއްޗެހި އަޅައިގެން ގެނައި ތަށި މޭޒުމަތީ ބެހެއްޓި ވަގުތު ފާޚާނާއިން ނުކުތް އިޒްޔާން ފެނިފައި އޭނާގެ އަތްފައި ފިނިވެ ނޭވާ އަވަސްވިއެވެ. އިޒްޔާން ނުކުތްގޮތަށް ދެއަތުން ބޮލުން ފެން ފޮޅަމުންގޮސް އަލަމާރި ދޮރު ހުޅުވާލިއެވެ. އިޒްޔާން ހުރިގޮތް ފެނި އާޝިޔާއަށް ނޭވާލާންވެސް ހަނދާން ނެތުނު ކަހަލައެވެ. ފެންވަރައިގެން ނުކުތް އިޒްޔާން ހުރީ ތުވާލި އޮޅާލައިގެންނެވެ. އެފިރިހެންވަންތަ ހަށިގަނޑު ފެނިފައި އާޝިޔާގެ ހަށިގަނޑުގައި ހިނގަހިނގާ ހުރި ލޭގެ ހިނގުން އަވަސްވިއެވެ.
އިޒްޔާން ޖީންސެއް ނަގާ ލާން އުޅެފައި މީހަކު ހުރިހެން ހީވެގެން ބަލާލިއެވެ. އެވަގުތު އާޝިޔާ އެކޮޓަރީގައި ހުރިތަން ފެނިފައި ހައިރާންވިއެވެ. އާޝިޔާއެއް މިކޮޓަރިއަކަށް ނާންނާނެއެވެ. އެއީ އަބަދު އާޝިޔާއާމެދު ޚިޔާލުކުރެވޭތީ ހީވިގޮތެއްކަމަށް ނިންމާ އިޒްޔާން ޖީންސް ލުމަށްޓަކައި އޮޅާލައިގެންހުރި ތުވާލި މޮހެލިއެވެ. މިމަންޒަރު ފެނުމުން އާޝިޔާއަށް ކުއްލިއަކަށް ފަސްއެނބުރެވުނެވެ.
އިޒްޔާން ތުވާލި އެނދުމައްޗަށް އެއްލާލުމަށްފަހު ޖީންސްލައި ރީތިވާން ފެށިއެވެ. ހީވާގޮތުން އިޒްޔާން އެއުޅެނީ ބޭރަށްދާށެވެ. ތައްޔާރުވެގެން ދާން ހިނގައިގަތް އިޒްޔާޏްއަށް އަނެއްކާވެސް ބަލާލެވުނީ ކުރިމަތިން ފެންނަންހުރި އާޝިޔާއަށެވެ. މިފަހަރު އިޒްޔާން ލައިޓް ދިއްލާލީ އެއީ ހީވާ ހީވުމެއްތޯ ޔަޤީންކުރާށެވެ. މިއޮއް ހުރިހާއިރު އިޒްޔާޏް ލައިޓް ނުދިއްލާ ނިދާ ބޮކި ދިއްލައިގެން ހުރީ ބޮލުގެ ރިހުން އެއްކޮށް ނުފިލާތީއެވެ. އާޝިޔާއަށް ސިހިފައި ބަލާލެވުނެވެ. ލައިޓް ދިއްލާލުމާއެކު މުޅި ކޮޓަރި އަލިވެގެން ދިޔައިރު އިޒްޔާން ދެލޯ ބޮޑުކޮށްގެން ބަލަންހުރީ ފެންނަ މަންޒަރު ޤަބޫލުނުކުރެވިފައެވެ.
“އާޝިޔާ މިތާ!! ކަމަކުތަ؟” އިޒްޔާންއަށް ލިބުނު ހައިރާންކަމަކުން ވާހަކަދައްކަންވެސް އުނދަގޫވިއެވެ. މިއޮއްހާ ދުވަހު އާޝިޔާ މިގޭގައި އުޅުނުއިރުވެސް މިނޫނީ މިކޮޓަރިއަކަށް ނުވަދެއެވެ. އެހެންކަމުން މިއަދު ކުއްލިއަކަށް އާޝިޔާ އެއައީ ކީއްވެބާއޭ އިޒްޔާންގެ ހިތަށްއެރިއެވެ.
“އަނެއްކާ ކޮއްކޮމެންނަށް ގޮތެއްވީތަ؟” އާޝިޔާ އެއްޗެކޭ ނުބުނެ ހިމޭނުން ހުރުމުން އިޒްޔާން އެހިއެވެ. އާޝިޔާ އޭނާއާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައްކުރިނަމަވެސް އޭނާ އާޝިޔާއަށް އެއްވެސް ބަރު ބަހެއް ބުނާކަށް ބޭނުމެއްނުވެއެވެ. އިޒްޔާން ދެކުނު ގޮތުގައި އޭނާގެ ނަސީބުގައި ލޯބި ލިބެން ނެތްއިރު އެހެންމީހުން ކުށްވެރިކުރުމުގެ ބޭނުމެއްނެތެވެ.
“ކީއްވެތަ އަނގައިން ނުބުނެ ތިހުންނަނީ؟ ޕްލީޒް! ވީގޮތެއް ބުނެބަލަ.” އާޝިޔާގެ ހިމޭންކަމުން އިޒްޔާން އިތުރަށް ހާސްވާގޮތްވިއެވެ. އާޝިޔާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބަށް އިޒްޔާން އައިސް ހުއްޓުނެވެ.
“ވެގެންއުޅޭ ގޮތެއް ދުލުން ނުބުނެވެންޏާ ލިޔެފަ ދެވިދާނެތަ؟ އަހަރެންނަކަށް އެއްގޮތަކަށްވެސް ނުވިސްނޭ އާޝިޔާ ވާހަކަނުދައްކަނީ ކީއްވެކަމެއް. މިގޭ އެހެން އެންމެންނާ ވާހަކަދައްކާއިރު އަހަރެންނާ ވާހަކަނުދައްކަނީ އަހަރެންނަށް ކޮންކަމެއް ކުރެވިގެންކަމެއް.” އިޒްޔާންގެ ދެލޮލަށް ބަލަހައްޓައިގެން ހުރިއިރު އާޝިޔާއަށް ކުރަމުންދާ އަސަރު ބަޔާންކުރާނެ ގޮތެއް އާޝިޔާއަކަށް ނޭނގެއެވެ. އިޒްޔާންގެ ދެލޮލުން އަދިވެސް ފެންނަމުންދަނީ އޭނާއަށްޓަކައިވާ އިންތިހާ ދަރަޖައިގެ ލޯތްބެވެ. އާޝިޔާވެސް އިޒްޔާންއަށްޓަކައި އެހިތް ބޭޤަރާރުވާވަރު ބަޔާންކޮށްދޭން ބޭނުންވެއެވެ. އޭނާ އިޒްޔާންއާ ވާހަކަދައްކަން ޖެހިލުންވާ ސަބަބު ބުނެދޭން ބޭނުންވެއެވެ.
އިޒްޔާން ރީތިވެލައިގެން ހުރިއިރު އެރީތިކަމަށް ފިދާވާނެ ކިތަންމެ އަންހެންކުދިންނެއް ވާނެއެވެ. އެހާވެސް އިޒްޔާން ރީއްޗެވެ. އެހަށިގަނޑުން ދުވަމުންދިޔަ މީރުވަހުން އާޝިޔާގެ ހިތްފުރި ބަންޑުންވަނީއެވެ. އާޝިޔާގެ ހިތުގައި ހިނގަމުންދާ ޖަޒުބާތުގެ އޮއިވަރާއި އިޒްޔާންގެ އެގާތްކަމާއި އެބެލުމުގައި އެވާ މަސްތީ އަސަރުން އޭނާގެ ހިތް އިތުރަށް ބޭޤަރާރު ކުރުވަމުންދެއެވެ. އެހާ ގާތުގައި އިޒްޔާން އެހާ ގާތުގައިވުމަށް ހިތް އެދިއެދި ވަނިކޮށް މިފަދަ ފުރުސަތެއް ލިބުމުން، ފުރުސަތުގެ ބޭނުން ހިފުމަށް ހިތްއެދި ގޮވަމުންދެއެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވާ މިހިމޭންކަން އާޝިޔާ މޮޔަކުރުވަމުންދާއިރު އިޒްޔާންއަށް އޭގެ ޚަބަރެއްވެސް ނުވެއެވެ. އެއްވެސް ބަހެއްނުބުނެ ބަހައްޓާފައިހުރި ހިލައިގެ ބުދެއްހެންހުރި އާޝިޔާގެ ދެކޮނޑުގައި ހިފާ އިޒްޔާން ތަޅުވައިގަތުމުން އާޝިޔާއަށް ތެޅިގަނެވުނެވެ.
“އިޒް!” އާޝިޔާގެ އަޑު ނުކުތީ ކޮންތާކުންކަމެއް ނޭނގެއެވެ. އިޒްޔާން އާޝިޔާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތްލެއް ބާރުކަމުން ބޭއިޚްތިޔާރުގައި އިޒްޔާންއަށް ގޮވާލެވުނީއެވެ. އެވަގުތު އިޒްޔާން ހުއްޓުން އަރާފައި އެހުރިގޮތަށް އާޝިޔާގެ ދެކޮނޑުގައި ހިފަހައްޓައިގެން ހުއްޓެވެ.
“އަދި އެއްފަހަރު އިޒްގެ ނަމުން ގޮވާލަބަލަ. ޕްލީޒް! އެއްފަހަރު… އަދި އެއްފަހަރު ގޮވާލަދީ.” އިޒްޔާންއަށް ވެފައިހުރި ގޮތް ފެނުމުން ކުރެވުނު ކަންތަކާމެދު އާޝިޔާ ކަންބޮޑުވިއެވެ.
އިޒްޔާންގެ ހިތް ތެޅިތެޅިވާ ހާލު ދެވަނަ ފަހަރަށްވެސް އެއަޑު އަހާލަން ބޭނުންވިއެވެ. އާޝިޔާގެ އަޑުން އޭނާއަށް ގޮވާލާ އަޑު އަހާލަން އެކަންފަތް ބޭޤަރާރުކަމާއެކު އިންތިޒާރުކުރަމުން ދިޔައެވެ.
“އިޒް! އަހަރެންނަށް ތަދުވެއޭ.” އާޝިޔާ ދެލޯ މަރާ ފިއްތާލައިގެންހުރެ ބުނެވުނީވެސް ވޭނީ އަޑަކުންނެވެ. އޭރު އޭނާގެ ލޮލުން ހުރީ ކަރުނަ ނީރާލާފައެވެ. އިޒްޔާން ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން އޭނާގެ ދެކޮނޑު ވަކިވާން އުޅޭހެން ހީވިއެވެ.
“އޯހ ސޮރީ.” އިޒްޔާން އަވަސްއަވަހަށް އާޝިޔާގެ ގައިން ދޫކޮށްލިއެވެ.
“އާޝިޔާ އަބަދުވެސް ތިގޮތަށް އަހަރެންނާ ވާހަކަދައްކާނަމަ. އާޝިޔާ އަހަރެންގެ ލޯބި ޤަބޫލުނުކުރިއަސް ފްރެންޑެއްގެ ގޮތުގަ އުޅެވިދާނެއެއްނު. ފްރެންޑްސް.” އިޒްޔާން އަތް ދިއްކޮށްލިއެވެ. އާޝިޔާގެ ލޯބި ނުލިބުނުތާނގައި އާޝިޔާގެ ރަހުމަތްތެރިކަން ނަމަވެސް ލިބުމަށް އިޒްޔާން އެދެއެވެ. އާޝިޔާ ހައިރާންވީ އިޒްޔާންއަށް އޭނާގެ އަޑުން ނޭނގުނީތީއެވެ. އިޒްޔާން ހަމަ ރަނގަޅަށްވެސް އޭނަ މަތިން ހަނދާންނައްތާލީ ހެއްޔެވެ؟ އާނއެކެވެ. އިޒްޔާން އޭނަ މަތިން ހަނދާން ނައްތާލައިފިއެވެ. އެހެންނޫންނަމަ އޭނާގެ އަޑުން އެއީ މަލަކާކަން އިޒްޔާންއަށް އެނގުނީހެވެ.
އާޝިޔާ އެއްވެސް ބަހެއްނުބުނެ ބަލަން ހުރުމުން އިޒްޔާން މާޔޫސްވާގޮތްވިއެވެ. މިރޭ އޭނާއަށް އޭނާގެ މަންޒިލަށް ދެވޭނެ އަލި މަގެއް ފެނިފައި ގެއްލެނީބާއޭ ހިތާ އަމިއްލަ ނަފްސާ ޝަކުވާކޮށްލެވުނެވެ. އިރުކޮޅަކު އާޝިޔާއަށް ބަލަން ހުރެފައި އިޒްޔާން ބޭރަށްދާން ހިނގައިގަތެވެ. އާޝިޔާ އިޒްޔާން ހުއްޓުވަން އުޅުނެވެ. އޭނާގެ ހިތް ކިތަންމެ ވަރަކަށް އެކަމަށްއެދި ގޮވިނަމަވެސް އޭނާގެ އަނގައިން އަޑެއް ބޭރެއްނުވިއެވެ. އިޒްޔާން ކޮޓަރިން ނުކުމެ ދޮރު ލެއްޕިއިރުވެސް ބުދެއްހެން ހަރަކާތް ހުއްޓިފައި އާޝިޔާއަށް ހުރެވުނެވެ. އަދި މަޑުމަޑުން ދެކޮނޑުގައި ފިރުމާލެވުނެވެ.
ދެންމެ ހިނގާދިޔަ ހާދިސާ އޭނާގެ ކުރިމަތިން ސިފަވެގެން ދިޔައެވެ. އިޒްޔާންގެ ދެލޮލުން ފެނުނު އަސަރުތަކުން އެތައް މާނައެއް ދޭހަވީއިރު އޭނާގެ އަމަލުތަކުން އެއްވެސް ކަމެއް ނޭނގުނީތީ އާޝިޔާގެ ހިތުގައި ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އިޒްޔާންއަށް އެނގިހުރެ ނޭނގޭކަމަށް ހަދަނީބާއޭ އާޝިޔާގެ ހިތަށްއެރިއެވެ. ވިސްނުމާއި ފިކުރުގައި އެތައްއިރެއް އެކޮޓަރީގައި ހޭދަކުރިއިރުވެސް އިޒްޔާންގެ ޚަބަރެއްނުވިއެވެ. ކާން ގެނައި އެއްޗެހި ކޮޓަރިން ނެރެ ޑަސްބިނަށް އަޅާލީ ބާރަގަޑި ބައިވީއިރުވެސް އިޒްޔާން ގެއަށް ނައުމުންނެވެ. އާޝިޔާ އިންތިޒާރުގެ ވަގުތުތައް ގުނަގުނާ އިނދެ ވަރުބަލިވީއިރުވެސް އިޒްޔާންއެއް ނައެވެ. ބޭސްނުކައި އިޒްޔާން ދިއުމުން އާޝިޔާ ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އާޝިޔާ ވަރުބަލިވެގެން ސޯފާގައި ޖައްސާލިއެވެ. ގިނައިރެއްނުވެ އޭނާއަށް ނިދިއްޖެއެވެ.
އިޒްޔާން ބޭސްނުކައި ހުރުމުން ބޮލުގެ ރިހުންވެސް ވަނީ ކުރިއަށްވުރެ ގަދަވެފައެވެ. ވިއްސާރަ ނޫނަސް ރެއަކީ ފިނި ރެއެކެވެ. މިއޮއް ހުރިހާއިރު ލޮނު ޒިޔާރަތްކޮޅު ތޮށިގަނޑުމަތީ އިނުމުގެ ސަބަބުން ފިނިވެގެންގޮސް އިޒްޔާން ތުރުތުރުއަޅައެވެ. އެހެން އިނދެ ވިސްނާވިސްނާ ވަރުބަލިވެގެން ގެއަށް އައިއިރުވެސް އޭނާގެ ހިތުގައިވާ އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބުނެވެ. އިޒްޔާން ގެއަށް އައިއިރު ފަތިސްވާން ގާތްވެއްޖެއެވެ. ގޭ ދޮރުލައްޕާ ތަޅުލުމަށްފަހު ދާން ހިނގައިގަތް ވަގުތު ސޯފާގައި އަޅައިގެންފައި ވެއްޓި ޖެހުނުގޮތުން ފައިގެ ކުޑަހުޅަށް ތަދުވިއެވެ.
“އާހް…” އިޒްޔާންގެ އަޑަށް ސޯފާގައި ނިދިފައި އޮތް އާޝިޔާއަށް ފުންމައިގެން ތެދުވެވުނެވެ.
“އިޒް! ކިހިނެއްވީ؟” އާޝިޔާ އަވަސްއަވަހަށް ތެދުވެ އިޒްޔާންގެ ގާތަށް ޖެހިލަމުން ސުވާލުކުރިއެވެ. ފިނިވެ ތުރުތުރުއަޅާ ހާލު ބޮލާއިހެދި އެވޭން އިތުރުވެފައިވާތީ އިޒްޔާން ބޭނުންވީ އަވަހަށް ކޮޓަރިއަށްދާށެވެ. ތެދުވަން ހިފާލި ވަގުތު އަނެއްކާވެސް އިޒްޔާން ވެއްޓުނެވެ. މިމަންޒަރު ފެނި އާޝިޔާ ހާސްވިއެވެ. އާޝިޔާ ކުރިއަށް ޖެހިލާ އަތް ދިއްކޮށްލިއެވެ. އެއަތަށް އިޒްޔާން ބަލާލިއެވެ. ނަމަވެސް އެއަތުގައި ހިފުމުގެ ބަދަލުގައި އޭނާ ހިފީ ސޯފާގައެވެ. ސޯފާގައި ހިފާ ވަރަށް މަސައްކަތުން ތެދުވެ ސޯފާގައި އިށީނެވެ.
“އާހް… ނެތްތަ ކިއުބެއް؟” އިޒްޔާން އެހެން ބުނުމުން އާޝިޔާ އަވަހަށް ގޮސް ތަށްޓަކަށް ކިއުބް އަޅައިގެން ފޮތިގަނޑެއް ހިފައިގެން އައެވެ. އާޝިޔާ އިޒްޔާންގެ ފައި ކައިރީ ކޮޅުކަކުލަށް އިށީނދެ ބޮނޑިތާން ކޮށްދޭން އުޅުނު ވަގުތު އިޒްޔާން އެކަމުން މަނާވެގަތެވެ.
“އުހުނ. ގެނޭ މަގޭ އަތަށް. އަމިއްލައަށް ކޮށްލަފާނަން. އެހެންނޫނީ އާޝިޔާއާ ދުރަށްދާން އިތުރަށް އުނދަގޫވެދާނެ. ކުދިކުދި ކަންތައްތައްވެސް އާޝިޔާއާނުލާ ނުކުރެވެން ފަށާފާނެ. އޭރަކުން ރަނގަޅެއް ނުވާނެއެއްނު ދޯ؟” އިޒްޔާންގެ ކޮންމެ ޖުމްލައަކުން އިޒްޔާންގެ ހިތަށް އެތައް ތީރެއް އެއްފަހަރާ ހަރާލި ކަހަލައެވެ. އިޒްޔާން އަމިއްލައަށް ބޮނޑިތާންކޮށް ނިންމާލާފައި ބޭސްފުޅި ގެނެސްދޭން އެދުނެވެ.
“މިހާރު ކީއްކުރަން ތިބުނަނީ؟ ތިކަންވެސް އަމިއްލައަށް ކުރަންވީނު. އޭރުން އިތުރަށް ދުރަށް ދެވޭނެ.” އާޝިޔާ ހިތާހިތާ ކިޔާލިއެވެ. އަދި މަޑުމަޑުން ތެދުވެގެންގޮސް ބޭސްފުޅިއާއި ބެންޑޭޖް ހިފައިގެން އައެވެ. އިޒްޔާން އަމިއްލައަށް ބޭސް އުނގުޅާލާފައި ބެންޑޭޖް އޮޅާލިއެވެ. އެއަށްފަހު މަޑުމަޑުން ތެދުވެ ކޮރުޖަހަމުން ސިޑިން އަރައިގެންގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. އިޒްޔާން ބޭސްނުކައި ހުރިކަން ކުއްލިއަކަށް އާޝިޔާ ހަނދާންވިއެވެ. އަވަސްއަވަހަށް ގޮސް އިޒްޔާންގެ ކޮޓަރި ދޮރުގައި ޓަކިދިނެވެ. ދެތިން ފަހަރު ޓަކިދިން ފަހުން އިޒްޔާން ރުންކުރު ގޮތަކަށް ވީކީއްތޯ އަހާލިއެވެ.
“މީ… އިޒް ބޭސްނުކައި އޮތީމަ.” އާޝިޔާ ޖެހިލުންވެފައިހުރެ ބުނެލިއެވެ.
“އާޝިޔާ ތިހުރިހާ ކަމަކާ ނުވިސްނިއްޔާ ރަނގަޅުވާނީ.” އިޒްޔާން އެހެން ބުނި ރާގުންވެސް އޭނާ ހިތްހަމަނުޖެހިފައި ހުރިކަން އެނގުނެވެ. އާޝިޔާ އިތުރަށް އެއްޗެއް ނުބުނިނަމަވެސް އޭނާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. އިޒްޔާން ބޭސްނުކައި އޮއްވާ ގޮތެއް ވެދާނެތީއެވެ. އާޝިޔާ ގޮސް އޮށޯވެ މާގިނައިރެއްނުވެ ބަންޤީގެ މޫރިތި އަޑު އިވިއްޖެއެވެ. އިތުރަށް ނިދަން ނޯވެ އާޝިޔާ ތެދުވީ ނަމާދަށްފަހު ކުރަންހުރި މަސައްކަތްތައް ގިނަކަމުންނެވެ.
“އާޝިޔާ! އާޝިޔާ! އާޝިޔާ!” އިޒްޔާންގެ އަޑަށް އާޝިޔާ ދިޔައީ ސިއްސައިގެންނެވެ. އެހާ ބާރަށް އިޒްޔާން ގޮވާނީ ކޮންމެވެސް ބޮޑުކަމެއް ވެގެންކަން އާޝިޔާއަށް އެނގުނެވެ. އޭރު އާޝިޔާ އިނީ އީނާއާއި ރީނާ ރީތިކުރާށެވެ. އިޒްޔާން ގޮވާލުމުން އަވަހަށް ދާންވެގެން ކޮޓަރިން ނުކުންނަން އުޅެވުނީ ބުރުގާވެސް ނާޅައެވެ. އީނާ ބުރުގާ ނެތް ވާހަކަ ބުނުމުން އަވަސްއަވަހަށް އައިސް ބުރުގާ އަޅައިގެން ނުކުތެވެ. އޭރުވެސް އިޒްޔާން ގޮވަމުންދެއެވެ.
“އިޒް! ކިހިނެއްވީ؟” އާޝިޔާ ދުވެފައި އައިސް އިޒްޔާން ގާތުގައި އިށީނދެ ސުވާލުކުރިއެވެ. އޭރު އޭނާގެ އަތްވެސް ތުރުތުރުލައެވެ. އިޒްޔާންއަށް ކަމެއްވީކަމަށް ހީކޮށެވެ.
“އާޝިޔާ ހާދަ ވަރަކަށް ތި ހާސްވީ؟ ތިވަރަށް ލޯބިވާއިރުވެސް ނޫނެކޭ ތިބުނަނީ ކީއްވެތަ؟” ދެންމެގައި އެއީ އިޒްޔާން ކޮށްލި ލާނެތް ސަމާސާއެކެވެ. އިޒްޔާން އިނީ ސީދާ އާޝިޔާގެ ދެލޮލަށް ބަލާށެވެ. އެދެލޮލުން ފެންނަންހުރި އަސަރުން އިޒްޔާންދެކެ އޭނާ ލޯބިވާވަރު ރަނގަޅަށް އެނގިގެންދެއެވެ. އިޒްޔާންގެ ސުވާލަށް ދޭނެ ޖަވާބެއް ނުވިސްނިފައި އާޝިޔާ އިނެވެ. އެވަގުތު އެދެމެދުގައިވީ ހިމޭންކަންވެސް އެދެހިތުގެ ހާލު އަންގައިދެމުން ދަނީއެވެ.
“ކީއްވެ އަނގައިން ނުބުނީ؟ އާޝިޔާ ބޭނުންވަނީ އިތުރަށް މިހިތް ތަޅުވަންތަ؟ މިހިތަށް ލިބޭ ވޭން އާޝިޔާއަށް އިހުސާސްވާނަމަ…” އިޒްޔާންއަށް ބޭއިޚްތިޔާރުގައި އާޝިޔާގެ އަތުގައި ހިފާލެވުނެވެ. އާޝިޔާއަށް ލޯމަރާލެވުނެވެ. އޭނާގެ ހިތުގެ ހިނގުން އަވަސްވެ ނޭވާ ކުރުވީ ސިކުންތުކޮޅެއްގެ ތެރޭގައެވެ.
“ސޮރީ! ކީއްކުރާނީ؟ އަހަރެން މިހިތަށް ވިސްނައިދީދީ ވަރުބަލިވެއްޖެ. ދެފަހަރުވެސް މިހިތް ދެވުނީ ޙައްޤު ނޫން ފަރާތަކަށް. އަހަރެންގެ ނަސީބުގަ ނެތްކަމެއް އަހަރެން ކިތަންމެ ވަރަކަށް އުޅުނަސް ނުވާނެއެއްނު.” އިޒްޔާން އާޝިޔާގެ އަތުން ދޫކޮށްލުމަށްފަހު ދެލޯ މަރާލިއެވެ. އިތުރަށް މިގޮތުގައި އުޅެންވެއްޖެނަމަ އޭނާ މޮޔަވެދާނެއެވެ. އިޒްޔާންގެ ހާލާމެދު ވިސްނާލުމުން އާޝިޔާގެ ދެލޯ ކަރުނުން ފުރުނެވެ. އެހިތް އިޒްޔާންއަށް އެދޭވަރު އިޒްޔާންއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އެހިތުގެ ޖަޒުބާތުތައް އުތުރި އަރަމުންދާއިރު އެއަޑު ނީވޭކަމަށް ހަދައިގެން އުޅެން އޭނާއަށްވެސް ވަކި ފަސޭހަވާނެ ހެއްޔެވެ؟ އާޝިޔާ ތެދުވެގެން ދާން ހިނގައިގަތެވެ.
“ކިއުބްކޮޅެއް ގެނެސްދީބަލަ.” އިޒްޔާން ލޯހުޅުވާލީ އާޝިޔާ ދާހެން ހީވެގެންނެވެ. އިޒްޔާންގެ ވޭނަށްވުރެ އެހިތުގައި އަޅާ ވޭން މާބޮޑެވެ. އާޝިޔާ ތައްޓެއް ހިފައިގެން އައިސް އެނދު ކައިރީ މުށިތަކުމަތީގައި ބެހެއްޓިއެވެ. އަދި އިޒްޔާންގެ ފައިގައި ހިފާ މަޑުމަޑުން ތިރިކުރަމުން ދިޔައެވެ.
“އާޝިޔާ ތި ބަހައްޓާ. އަހަރެން އަމިއްލައަށް ކޮށްލަފާނަން.” އިޒްޔާން ކިތަންމެ ބޭނުންވެފައި ހުރިނަމަވެސް އެހެންބުނީ އޭނާގެ ފަރާތުން އާޝިޔާއަށް އުނދަގޫކުރަން ބޭނުންނުވާތީއެވެ. އާޝިޔާ އެއްވެސް އެއްޗެކޭ ނުބުނެ އިޒްޔާންގެ ފައިގައި އޮޅާފައިވާ ބެންޑޭޖްގަނޑު ނައްޓާލިއެވެ. އެއަށްފަހު އިޒްޔާންގެ ފައި އުފުލާލާފައި އޭނާ ގެނައި ތަށީ ތެރެއަށްލިއެވެ.
“އާހް… ތީ ކޮން…؟ އަހަރެން ބުނީ ކިއުބް ގެނެސްދޭށޭއެއްނު. ދެން ތި…” އިޒްޔާން ސިހިފައި ފައި ދަމައިގަތްގޮތުން އާޝިޔާ ވެއްޓުނެވެ.
“އިޒް! އިޒް ބުނީ ކިއުބް ގެންނަންކަން އަހަރެންނަށް އެނގޭ. އެކަމު އަހަރެން މިހަދާ ގޮތުން މާފަސޭހައިން ތަދު ކެނޑުވޭނެތީ. އެހެންވެ.” އާޝިޔާ ކުށްވެރިއެއް ފަދައިން އިސްޖަހައިގެން އިނދެ ބުނެލިއެވެ.
“ތީ ކޮންތާކުން ދަސްކުރި ކަމެއް؟” އާޝިޔާ ދެރަވީކަން އެނގުމުން އިޒްޔާން ވާހަކަދެއްކީ މަޑުންނެވެ. ފައި ތާފަނާ ފެނަށް ލައިގެން އެނދުގައި ހަމަޖެހިލީ އާޝިޔާ ކުރާކަމެއް ބަލަން ބޭނުންވިލެއް ބޮޑުކަމުންނެވެ.
“މީ ބޮޑުބެ ގޭގަ އުޅުނުއިރު ދަސްވި ކަމެއް. ބޮޑުބެގެ އަންހެނުން ވަރަށް ގިނަ ދިވެހި ބޭސް ދަންނާނެ.” އާޝިޔާގެ ވާހަކައަށް އިޒްޔާންގެ ސަމާލުކަން ހުއްޓުނެވެ.
“އިޒް ސުވާލެއް ކޮށްލަންތަ؟ ކޮބާ އާޝިޔާގެ މައިންބަފައިން؟ އެހެން މިއެހީ މިއޮއްހާ ދުވަސްވީއިރުވެސް އާޝިޔާ އެއިން އެކަކުވެސް ހޯދަން ނޫޅޭތީ.” އިޒްޔާންގެ ހިތުގައި އެތައް ދުވަހެއް ވަންދެން ފުނިޖެހިފައިވާ ސުވާލުތަކުގެ ތެރެއިން ސުވާލެއް ކޮށްލިއެވެ. ނަމަވެސް އޭގެ ޖަވާބު އާޝިޔާ ދޭނެކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ.
“މަންމައެއް ބައްޕައެއް ނެތް. އަހަރެންނަކީ އަޅާލާނެ އެއްވެސް މީހަކު ނެތް ނިކަމެއްޗެއް. އެކަނިވެރިއެއް.” އާޝިޔާ ރިހުން އެކުލެވިފައިވާ އަޑަކުން އެހެން ބުނެލުމުން އިޒްޔާންއަށް ތެޅިގަނެވުނެވެ.
“ނޫން. ތިހެން ނުބުނޭ. އާޝިޔާއަކީ އެކަނިވެރިއެއް ނޫން. އިޒް ދުނިޔޭގަ ހުރިހާ ހިނދަކު އާޝިޔާ އެކަނިވެރިއެއް ނުވާނެ. ދެންވެސް ތިހެން ނުބުނާތި އިނގޭ.” އިޒްޔާން އަމުރުވެރި ރާގަކަށް ބުނެލިއެވެ. އިތުރަށް ސުވާލުކުރަން ބޭނުންވިނަމަވެސް އިޒްޔާން ހިމޭންވިއެވެ.
“އަހަރެންނަކީ އިޒް ކަހަލަ އިއްޒަތްތެރި އާއިލާއެއްގެ ކުއްޖަކަށް ވީނަމަ ކިހާ ރަނގަޅު. އޭރުން އަހަރެންނަށް އިޒްގެ ލޯބިވެސް ލިބުނީސް. އަހަރެން އެއްގޮތަކަށްވެސް ހިއެއްނުކުރަން ދެވަނަ ފަހަރަށް އިޒްއާ ދިމާވެދާނެ ކަމަކަށް. އިޒް! އަހަރެންނަށް މާފްކުރޭ. އަހަރެންނަށް މިއަދު މިނޫން ގޮތެއް ނެތް. ކިތަންމެ ލޯބިވިޔަސް އިޒް އަހަރެންނަށް ލިބޭކަށް ނެތް. ހަޤީޤަތަކީ މިގޭ ނޯކަރަކަށް އުޅުނަސް އަހަރެންގެ އެއްވެސް ހައިސިއްޔަތެއް ނެތްކަން. އެކަމަކު އިޒްގެ މޯމްގެ ރަނގަޅުކަމުން މިފަދަ އިއްޒަތުގަ އަހަރެން ގެންގުޅެނީ. މިހާރު އަހަރެން ބޭނުންވަނީ އިޒްއަށް ޚިދުމަތްކުރުމުގަ މުޅި އުމުރު ހުސްކޮށްލަން.” އިޒްޔާންގެ ފައި ބޮނޑިތާން ކޮށްދެމުން ދިޔައިރު ހިތަށް އަރަމުންދިޔަ އެއްޗެހިން އާޝިޔާގެ ހިތް ރޮއްވަމުން ދިޔައެވެ. ބޮނޑިތާން ކޮށް ނިންމާފައި ބޭސް އުނގުޅައިދީ ބެންޑޭޖް ކޮށްދިނެވެ.
“ތޭންކްސް. ތިގޮތަށް އަބަދުވެސް އަހަރެންނަށް ޚިދުމަތް ކޮށްދޭނެނަމަ.” އިޒްޔާން އޭނާގެ ހިތުގެ އެދުން ހާމަކޮށްލިއެވެ.
“އިޒް ބޭނުމިއްޔާ އަބަދުވެސް މިގޮތަށް ޚިދުމަތްކޮށްދޭނަން. އެކަމަކު އެއީ ހަމައެކަނި މިގާގަ ގެންގުޅޭ ކުއްޖެއްގެ ހައިސިއްޔަތުން. އަހަރެންނަށް މިގެއިން ލިބުނު ލޯތްބާއި އަޅާލުމާއި ރައްކާތެރިކަމުގެ ބަދަލުގަ މުޅި އުމުރު ހުސްކޮށްލިއަސް އޭގެ ބަދަލެއް ނުދެވޭނެ.” އިތުރަށް މަޑުވެސްކޮށްނުލާ އާޝިޔާ ނުކުމެގެން ދިޔައެވެ.
އިރުއޮއްސި އަނދިރިވެއްޖެއެވެ. މުޅި ކާއިނާތަށް އަލިކޮށްދޭ ހަނދު މިރޭވެސް އުޑުމަތިން ފެންނަން ހުއްޓެވެ. އެހަނދުގެ ހަނދުވަރުގައި އާޝިޔާއާއެކު ހިނގާލަން އިޒްޔާން ބޭނުންވެއެވެ. މިހާރު އިޒްޔާންއަށް ރަނގަޅަށް ހިނގާބިނގާވެ އުޅެވެއެވެ. ހަފްތާއެއްވީއިރު އިޒްޔާންއަށް އާޝިޔާގެ ގާތްކަމާއި އޯގާތެރިކަން ވަނީ ފެނިފައެވެ. އިޒްޔާންގެ ފައި ރަނގަޅުނުވެގެން އާޝިޔާ އަމިއްލައަށް ބޭހެއް ހަދާ ކަފަގަނޑު ހިއްޕާ ތެޔޮ އުނގުޅާ ހެދިއެވެ. އެއީ ހައްތާވެސް އޭނާގެ ބޮޑުބެ ގެއިން ދަސްކުރި ކަންކަންކަމުގައި އާޝިޔާ ބުނެފައިވެއެވެ. މިހާރު އާޝިޔާއާއި އިޒްޔާންއާ ދެމެދު ކުރިން އޮތް ބީރައްޓެހިކަމެއް ނެތެވެ. ނަމަވެސް އެހާ ގާތްކަމެއްވެސް ނުއުފެދެއެވެ. އިޒްޔާންއަށް އާޝިޔާވެސް އޭނާދެކެ ލޯބިވާވަރު އިހުސާސްކުރެވުނެވެ.
“އިޒް!” އާޝިޔާގެ އަޑަށް އިޒްޔާންއަށް ޚިޔާލީ ދުނިޔެއިން ބޭރަށް ނުކުމެވުނެވެ. ފަސްއެނބުރި ބަލާލިއިރު އާޝިޔާ އެހާ ގާތުން ފެނުމުން ހިތުގެ ހިނގުން އަވަސްވިއެވެ. މިހާރު އިޒްޔާންގެ ހާލަކީ އެއީއެވެ. އާޝިޔާ ފެނުމާއެކު އޭނާގެ ހިތުގެ ހިނގުން އަވަސްވެ ނޭވާވެސް ތާށިވަނީއެވެ.
“ކައިގެންތަ ތިއައީ؟” އާޝިޔާ އަހާލިއެވެ.
“ނުކަން. ކޮން އެއްޗެއް ކާން ހުރީ؟” އިޒްޔާން މިހާރު ގެއަށް އަންނަނީ ނުކައެވެ. އާޝިޔާ ކައްކާ އެއްޗެހި މީރުވެފައި އާޝިޔާއާއެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވާތީއެވެ.
“މިރޭ ހުންނާނީ ކިރު ހަކުރާ ބަތާ ފިހުނުމަހާ.” އާޝިޔާ އެހެން ބުނެލުމުން އިޒްޔާންއަށް އިތުރަށް ބަނޑުހައިވިކަމުގެ އިހުސާސްކުރެވުނެވެ. އެހެންކަމުން އަވަހަށް ބަދިގެއަށް ދާން ހިނގައިގަތެވެ. އެވަގުތު ފޯނު ރިންގުވިއެވެ. އިޒްޔާން ޖީބުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އިޒްޔާންގެ ވާހަކަތަކުން އެކޮޅުން ވާހަކަދެއްކީ އަޒްފާކަން އާޝިޔާއަށް އެނގުނެވެ. އިރުކޮޅަކު ވާހަކަދައްކާލާފައި އިޒްޔާން ފޯނު ބޭއްވިއެވެ.
“މޯމް ބުނީ މާދަމާ އަންނަމޯ. އާޝިޔާއަށް ވަރަށް ގިނައިން ސަލާމްބުނި. އަދި ބުނި ބުނާށޯ މޯމްއާއެކު ބޮއްތަމެން އަންނަ ވާހަކަ.” އިޒްޔާން ވަރަށް ހަމަޖެހިލާފައި އަޒްފާ ދެއްކި ވާހަކަތައް ކިޔައިދިނެވެ. އިޒްޔާންގެ ވާހަކައަށް ޖަވާބެއްނުދީ ހުރެފައި ކުއްލިއަކަށް އާޝިޔާ އިޒްޔާންގެ ފޯނުގައި ހިފާ ދަމައިގަތެވެ.
(ނުނިމޭ)
40 Comments!
Comments are closed.
Me first tha… story is awesome. … avahah iz ah e ee malakaa kn igeyne nama… waiting waiting. …
ޔެސް ލޯބި! ތީ ފަސްޓް… ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 16ވަނަ ބައި ގެނެސްދޭނަން
Wow lovely story
ޝުކުރިއްޔާ މައި
nice i love it
ޝުކުރިއްޔާ ސަނީމް
good story heeeeheee
ޝުކުރިއްޔާ ޑަބަލް ވައި
Story v reethi..love it…Plss adhi eh part Miadhu up kohdhyba plsssss Plssss…
ޝުކުރިއްޔާ ޒީޝާ! ސޮރީ އިނގޭ… މިރޭ ސާންޑީ ވަރަށް ވަރަށް ބިޒީވާނެ… އެހެންވީމަ މިރޭ އިތުރު ބައެއް ގެނެސްދެވޭކަށް ނެތް… އެކަމް މާދަމާ 16ވަނަ ބައި ގެނެސްދޭނަން
Wow masha allah v rythi mi stry v kiyaa hithun indha enimuny v inthizaaru kurevey mi stry ah n miadhuge vaguthegga adhi 1 part up kolladhybala pls pls
ޝުކުރިއްޔާ ޚައްޖަ! މިރޭ ސާންޑީ ވަރަށް ބިޒީވީމަ އާ ބައެއް ގެނެސްދެވެން ނެތް ވާހަކަ ވަރަށް ހިތާމަޔާއެކު ދަންނަވަން… އެކަމް އިރާދަކުރެއްވިއްޔާ މާދަމާ އާ ބައި ގެނެސްދޭނަން
Ashiya and izz ge gulhun rangalhu kuryma dhen aslu reethivaany adhi milee ah ves ingen jeheyne dhw ashiya is milee ge dhonthakan
ޝުކުރިއްޔާ ތާތި! އެނގިދާނެތާ ވާގޮތެއް
Izz ah aashiya fenna goyy ve bala haadha beynumey edhemihun loabin ulhey than vess balan
ޝުކުރިއްޔާ އިނޫ! ބަލަމާ ވާގޮތެއް
Moonu buruga alhaafa hunna kujjaku hiley firihenegge gaiga atheh nulaane. Adhi hiley firihenaku eyna gaiga aiyliyaves nudheyne.
ޝުކުރިއްޔާ އާޝޫގެ ޚިޔާލަށް
V nice story
ޝުކުރިއްޔާ ސަރޭ
Nice
ޝުކުރިއްޔާ ނާދީ
Mi part varah habeys…miadhu adhi 1 part up kohba…plxx plxxx plxxxx
ޝުކުރިއްޔާ ޝާ! ސޮރީ! މިރޭ ސާންޑީ ވަރަށް ވަރަށް ބިޒީވާނެ… ފްރީނަމަ ޔަގީނުންވެސް އަޕްކޮށްދޭނަން
woow salhi!!!!__ mirey adhi 1 part up kohdheynan dhw¿ ??
ޝުކުރިއްޔާ ހައިނީ! ސޮރީ! މިރޭ ސާންޑީ ވަރަށް ބިޒީވީމަ ނުވާނެ… ފްރީނަމަ ޔަގީނުންވެސް ކޮށްދޭނަން
Heii saandy cher ge suvaal eh eboiy..thy grl eh tha nuunii boy eh tha???¥
ފިރިހެނެއް
V vvvv salhi
ޝުކުރިއްޔާ އައިޝް
aslu iz ah engey dho e ee malaka kan.
ކުރިއަށް ހުރި ބައިތައް ކިޔާލީމަ އެނގިދާނެތާ ހަޤީޤަތް.. އިޒްއަށް އެނގިހުރެ ނޭނގޭ ކަމަށް ހަދަނީތޯ ނޫނީ ހަމަ ހަޤީޤަތުގަވެސް ނޭނގުނީތޯ
ey sandyy kobaa tha storyyy… avas kohbaaaa… plxxxxx
ޕާޕްލް ހަންޑި! އިރާދަކުރެއްވިއްޔާ މިރޭ 9ގެ ކުރިން އަޕްކޮށްދޭނަން
Story vv salhi waiting …..
ޝުކުރިއްޔާ އަނާ! މިހާރު އަޕްކޮށްލާފަ އިންނާނީ
izzyaan. Minamuge maana varah beynun. Aharen ge baby ah kiyan plx
ޖުވޭ! ސާންޑީވެސް ޖެހޭނީ ބަލާލަން
Meaning of izyan: intelligent, wise , one who possesses wisdom
ޝުކުރިއްޔާ ސަނާ