އެރޭ ނިދަން ތިއްބާ ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިން އަޑު އިވުނެވެ. އަހަރެން ބިރުންގޮސް ކޮއްކޮގެ ގައިގައި އޮޅުލައިގަތީމެވެ. ކޮއްކޮ އަހަރެންގާތު ހަމަޖެހެން ބުނެފައި ކާކުތޯ ބާރުބާރަށް އެހިއެވެ. އެއީ ޤާދިރުބެކަން އެނގުމުން ތެޅިތެޅި އޮތް ހިތް މައިތިރިވިއެވެ. އެކަމަކު ރޭގަނޑުގެ މިގަޑީގައި ޤާދިރުބެ އެއައީ ކީއްކުރަންބާއޭ ހިތަށްއެރިއެވެ. ނުހުޅުވަން ބުނެބުނެ އޮއްވާ ކޮއްކޮ ގޮސް ދޮރު ހުޅުވިއެވެ.

ޤާދިރުބެ ވަގެއްހެން އަވަހަށް އެތެރެއަށް ދެމިގަނެ ދޮރު ލެއްޕިއެވެ. ޤާދިރުބެ ފެނުމުން ހިތަށް ހަމަޖެހުމެއް ލިބުނުނަމަވެސް ޤާދިރުބެ އެހާ ސިއްރުން އެއުޅެނީ ކީއްވެތޯ ހިތުގައި ސުވާލު އުފެދުނެވެ. އަހަރެން ޤާދިރުބެ ގާތުގައި މަންމަ އަދާކުރި ވަޒީފާ އަހަރެންނަށް ދިނުމަށް އެދުނީމެވެ. ޤާދިރުބެ ބުނީ މިހާރު އެވަޒީފާ މީހަކަށް ދީފިން ކަމަށެވެ. އަހަރެން ވަރަށް އާދޭސްކުރުމުން މާދަމާ ސައި ހޮޓަލަށް ދިއުމަށް ޤާދިރުބެ ބުންޏެވެ. އަހަރެންނަށް ވަޒީފާ ލިބުމުން އުފަލުން ހިތް ފުރުނެވެ. ދެން ކޮއްކޮއާ އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެވޭނެތީއެވެ.

ޖެހިގެންއައި ދުވަހު އަހަރެން ޤާދިރުބެގެ ސައި ހޮޓަލަށް ދިޔައީމެވެ. ގައިގެ އެތަންމިތާގައި ރިއްސިޔަސް ކެތްކޮށްލައިގެން މަސައްކަތް ކުރެވޭތޯ ބެލީމެވެ. އަހަރެން ވަޒީފާއަށް ދަނީ ކޮއްކޮ ގެއިން ނުނުކުތުމަށް އަންގާފައެވެ. ކޮއްކޮ އެކަނި ގޭގައި ބަހައްޓާފައި ދާކަށްވެސް އަހަރެން ހިތްހަމައެއް ނުޖެހެއެވެ. ނަމަވެސް ކޮއްކޮއަށްޓަކައި މިނޫން ގޮތެއްވެސް ނެތެވެ.

އަހަރެންނާ ހަވާލުކުރީ ދޮވެ ތަންތަން ފޮޅާ ސާފުކުރުމެވެ. ސައި ހޮޓަލުގައި މަސައްކަތްކުރާ ޝާދިޔާއްތައާއި ޒުބޭދާއްތަ އަހަރެންނާ އަނގައިންވެސް ބުނެނުލައެވެ. ދުރުގައި ތިބެ އަހަރެންނަށް އަޑު އިވޭވަރަށް ފާޑުފާޑުގެ ބަސްތަކުން ޖަހައެވެ. މިކަމުން އަހަރެންގެ ހިތަށް ވަރަށް ދަތިކަން ލިބެއެވެ. ބައެއްފަހަރު ރޮވެއެވެ. އެމީހުން ބުނާގޮތުން އަހަރެން ހުރިހާ ފިރިހެނުން ލައްވާ އެމުޑުދާރު އަމަލު ހިންގުވީއެވެ. އެމީހުންނަށް އަހަރެންނަށް ލިބުނު އަނިޔާއެއް ނުފެނެއެވެ. މިހިތުގައި އަޅާ ވޭނެއް އިހުސާސެއް ނުކުރެވެއެވެ. ނުވަތަ ދެނަހުރިކަމަށް ނުހެދީއެވެ.

ވަޒީފާއަށް ދާންފެށިތާ މަހެއްހާ ދުވަސްވެއްޖެއެވެ. ހެނދުނު ދާގޮތަށް އަހަރެންނަށް ގެއަށް އާދެވެނީ ރޭގަނޑުއެވެ. މިކަމާ ކޮއްކޮ ވަރަށް ޝަކުވާކުރެއެވެ. ދުނިޔޭގައި ކައިބޮއިގެން އުޅެވޭނީ މިހެން އުޅެގެންކަން އަހަރެން ކޮއްކޮއަށް ވިސްނައިދިނީމެވެ. ކޮއްކޮ ބޭނުންވަނީ ކިޔަވާ މޮޅު މީހަކަށްވާށެވެ. އަހަރެން ޤާދިރުބެ ގާތު ކޮއްކޮއަށް ކިޔަވައިދޭން ބޭނުންކަމަށް ބުނީމެވެ. ގޮތެއް ވޭތޯ ބަލައިދޭނެކަމަށް ޤާދިރުބެ ބުންޏެވެ. އަހަރެންނަށް ނުކިޔެވުނަސް ކޮއްކޮއަށް ކިޔަވައިދޭން އަހަރެން ބޭނުންވެއެވެ. ނަމަވެސް އެހާ ލާރިއެއް އަހަރެމެންނަކަށް ނުލިބެއެވެ. ދުވާލުދާ ހަތަރުދަމު ސައި ހޮޓަލުގައި މަސައްކަތްކުރުމުން އަހަރެންނަށް ލިބެނީ ހަމައެކަނި ދެއިރުގެ ކޮއްތެވެ.

ހަފްތާއެއް ފާއިތުވެ ދިޔަތަނާ ޤާދިރުބެ އައިސް އޭނާގެ ރައްޓެއްސެއްގެ ރައްޓެއްސެއް ގޭގައި މަސައްކަތްކޮށްދޭނެ ކުއްޖަކު ބޭނުންވެގެން އުޅޭ ވާހަކަ ބުންޏެވެ. އަދި އެމީހުން ކިޔަވައިވެސް ދޭނެކަމަށް ބުނުމުން އަހަރެންނަށް އުފަލުން ކޮއްކޮގެ ގައިގައި ބައްދާލެވުނެވެ. ކޮއްކޮވެސް އުފަލުން ނަށާލިއެވެ. ދެތިން ދުވަސްވީއިރު ކޮއްކޮއަށް މާލެ ދެވޭގޮތް ވެއްޖެއެވެ. ކޮއްކޮ މާލެ ދިއުމުން އަހަރެންގެ ދިރިއުޅުމުން އެއްބައި މަދުވި ކަހަލައެވެ. ފޫހިކަމާއި ފަޅުކަން އިހުސާސްވާން ފެށިއެވެ. ދުވާލުދާ ހަތަރުދަމު މަސައްކަތްކޮށްފައި އައިސްވެސް ކާހިތެއް ނުވެއެވެ. ކޮއްކޮ މަތިން ހަނދާންވެ ހަމަ ރޮވެނީއެވެ. ދެތިން ދުވަސްވީއިރުވެސް ކޮއްކޮގެ ޚަބަރެއް ނުވުމުން ލިތަށް ލިބޭ އުނދަގޫ ބޮޑުވިއެވެ. ޤާދިރުބެގެ ރައްޓެހި މީހާ މާލޭގައި ނެތުމުން ނުގުޅެނީއެވެ.

ދެމަސްވީވެސް އެހާލުގައި ތެޅިތެޅި ހުއްޓައެވެ. ދުވަސްތައް މާޒީއާ އެކުވަމުންދަނީ ވަރަށްވެސް ބާރު މިނުގައެވެ. އެއްދުވަހަކު ޤާދިރުބެ ފޯނު ހިފައިގެން އައިސް ބުނީ ކޮއްކޮއާ ގުޅިފައި އޮތް ކަމަށެވެ. ލިބުނު އުފާވެރިކަމުގައި ވަގުތުން ރޮވުނެވެ. ކޮއްކޮ ވަރަށް އުފާވެފައި އެގޭ މީހުން ވަރަށް ރަނގަޅުކަމަށާއި މިހާރު ކޮއްކޮ ސްކޫލަށްވެސް ވައްދައިފިކަމަށް ބުންޏެވެ. އަދި މިހާރު ކޮއްކޮ އުޅެނީ ބުރުގާ އަޅައިގެންކަމަށްވެސް ބުންޏެވެ. ކޮއްކޮއާ ވާހަކަދައްކާލެވުމުން އަހަރެންގެ ހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބުނެވެ. އަދި ކޮއްކޮއަށް ނަސޭޙަތްދެމުން ފޯނު ބޭއްވީ ކޮއްކޮއަށް ހެޔޮދުޢާ ކުރަމުންނެވެ.

ވޭތުވެދިޔަ ދެމަސްދުވަހުގެ ތެރޭ އަހަރެންނަށް އިތުރު ވޭނަކާއި ކުރިމަތިލާން ޖެހުނެވެ. ގަދަ ވަސްތަކަށް ބޯއަނބުރާ ހޮޑުލެވެނީއެވެ. ހޮޓަލުގައި އުޅޭއިރުވެސް ކާއެއްޗެހީގެ ވަސް ޖެހުމުން އަހަރެންނަށް ހޮޑުލެވެއެވެ. މިކަން މިހެން ވާންފެށުމުން އަހަރެން ހައިރާންވިއެވެ. މިވަނީ ކީއްކަމެއް އަހަރެންނަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. އެއްދުވަހަކު ޒުބޭދާއްތަ ސިއްރުސިއްރުން ޝާދިޔާއްތަ ގާތު ކޮންމެވެސް އެއްޗެކޭ ކިޔެވެ. އަހަރެންނާ ބެހޭގޮތުންކަން އަހަރެންނަށް އެނގުނުނަމަވެސް ކީއެއްޗެއް އަހަރެންނަކަށް ނޭނގުނެވެ.

ދެތިން ދުވަސްވީއިރު އަހަރެންނަށް ތެދުވެ ނޫޅެވޭވަރުވިއެވެ. އެވަރަށް ހޮޑުލެވެއެވެ. އެއްދުވަހަކު ގޭކައިރީ އުޅޭ އަނީސާއްތަ، އަހަރެން ގާތު ބަނޑުބޮޑުތޯ އެހުމުން އަހަރެން ހައިރާންވިއެވެ. އަނީސާއްތަގެ މަންމައަކީ ފޫޅުމައެކެވެ. އޭނަ އެރޭ އައިސް ބަލާފައި ބުނީ އަހަރެން އިނީ ބަލިވެކަމަށެވެ. އެޚަބަރު ވެގެންދިޔައީ އަހަރެންނަށް ލިބުނު އެންމެ ހައިރާންކުރުވަނިވި އަދި އެންމެ ބިރުވެރި ޚަބަރަށެވެ. ބަލިވެ އިނުމަކީ ކޮބައިކަމެއްވެސް އޭރު އަހަރެންނަކަށް ނޭނގެއެވެ. އެދައްތަ ބުނީ އަހަރެންގެ ބަނޑުގައި ދަރިއަކު ވާކަމަށާއި އެއީ އެރޭގެ ކަމެއްކަމަށެވެ. އަހަރެންނަށް ހީވީ އަހަރެންގެ ވަށައިގެންވާ މާހައުލުވެސް އެނބުރެމުން ދިޔަހެންނެވެ. ހީވީ ހިތްވެސް ހުއްޓުނުހެންނެވެ. ނޭވާ ތާށިވެ ރޯންވެސް ނޭނގިފައި އެތައްއިރަކު އަހަރެންނަށް އިނދެވުނެވެ. އެންމެން ދިޔަފަހުން އަހަރެންނަށް އަޑުންއަޑުނަގާ ރޮއިގަނެވުނެވެ. އެވަގުތު ކޮއްކޮ ނެތްކަން ނަސީބޭ ހިތަށްއެރިއެވެ. އެހެންނޫންނަމަ އަހަރެން މިކަންތަކާއި ކުރިމަތިލާނީވެސް ކިހިނެއް ހެއްޔެވެ؟

ޒައިން އަހަރެންނަށް މިދިނީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ އަހަރެންގެ ބަނޑުގައި މިވަނީ ކާކުގެ ދަރިއެއްކަމެއްވެސް އެނގެނީއެއް ނޫނެވެ. ޒައިންގެ އަނިޔާވެރިކަން ހިތުން ނުފިލާފަދައިން ލޭގައިވެސް ފެވިގެން ދިޔައީއެވެ. އެނުލަފާ މިނިކާ ޖަނަވާރުގެ ފާފައިގެ ނިޝާން އަހަރެންގެ އެތެރެހަށީގައި އޮވެ ބޮޑުވަމުން ދިޔައެވެ. ރެޔާއި ދުވާލު ރުއިމާއި ވޭން ތަހައްމަލުކުރަމުން ދާންޖެހިފައިވާ ނިކަމެތި އަންހެންކުއްޖަކަށް މުޅި ދުނިޔެ މިވަނީ ނުރުހުން ދައްކާފައެވެ. އެހެންކަމުން އަހަރެންގެ ހިތާމައިގައި ބައިވެރިވާނެ މީހަކު ނުވާއިރު ހާލު ބަލާލާނެ މީހަކުވެސް ނުވެއެވެ. ހޮޑުލެވިލެވި ވަރުބަލިކަމާއި ބަނޑުހައިހޫނުކަމުގައި އޮންނަން ޖެހޭނީ ކިތައް ދުވަސް ވަންދެންބާއޭ ހިތަށްއެރިއެވެ. އަހަރެންގެ ހާލުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ދަނީ ހޭހުންނަ ފަހަރާއި ހޭނުހުންނަ ފަހަރެވެ. ހޭނެތިފައި އޮންނަނީ ކިހާ އިރަކުކަމެއް އަހަރެންނަކަށް ނޭނގެއެވެ.

އެއްރޭ ޤާދިރުބެ އައެވެ. އަހަރެން ހޮޓަލަށް ނުދާތާ ދެތިން ދުވަސްވުމުން ހާލު ބަލާލަން އައީކަމަށް ޤާދިރުބެ ބުންޏެވެ. އަދި އޭނާގެ އަތުގައިހުރި މޭވާ ކޮތަޅު އަހަރެންނަށް ދިއްކޮށްލިއެވެ. އަހަރެން ޤާދިރުބެގެ އަތުގައި ހިފާ ރޯންފެށީމެވެ. އަހަރެންނަށް އެހީވެދިނުމަށްއެދި އާދޭސްކުރީމެވެ. އަހަރެން ޑޮކްޓަރަށް ދައްކައިދީ މިލެވޭ ހޮޑު މަނާކުރެވޭނެ ގޮތެއް ހަދައިދިނުމަށް އެދުނީމެވެ. ޤާދިރުބެ އަހަރެންނަށް ކެތްކުރުމަށްބުނެ ނަސޭޙަތްދީ ހިތްވަރުދިނެވެ. އެރޭ ޤާދިރުބެ ދިޔައީ މާދަމާރޭ އަންނާނެކަމަށް ބުނެފައެވެ.

ޖެހިގެންއައި ރޭ ޤާދިރުބެ އައެވެ. އައިސްފައި އަހަރެންނަށް ދިނީ ބޭސްގުޅައެކެވެ. އަހަރެން އެބޭސްގުޅަ ކައިލީމެވެ. އަނެއްދުވަހު ހޭލިއިރު ހޮޑުލެވުމުގެ އިތުރުން ބަނޑުގައި އާދަޔާ ޚިލާފަށް ރިއްސައެވެ. އެއީ ކެތްކުރަންދަތި ވޭނެކެވެ. ހީވަނީ އެތެރެހަށީގެ ނާރުތައް ވަކިވަކިން ބުރިބުރިވާހެންނެވެ. އެހާލުގައި ތެޅިތެޅި އޮއްވާ އިރުއޮއްސިއްޖެއެވެ. ޤާދިރުބެ އެރޭވެސް ގެނެސްދިނީ ބޭސްގުޅައެކެވެ. އެބޭސްގުޅަވެސް ކައިލީމެވެ. އަދި ބަނޑަށް ތަދުވާ ވާހަކަ ބުނުމުން އެކަން ވަރަށް އަވަހަށް ރަނގަޅުވާނެކަމަށް ޤާދިރުބެ ބުންޏެވެ.

ބަނޑުގައި ރިއްސަރިއްސާފައި ދެން ފައިބަންފެށީ ލެޔެވެ. ދެދުވަސް ވަންދެން ލޭ ފޭބުމަށްފަހު އަހަރެންގެ ހޭނެތޭވަރަށް ރިއްސަންފެށިއެވެ. ލޭ ފައިބާވަރުން ހަށިގަނޑުގެ ހަކަތަ ހުސްވެ ތެދުވެ އުޅެން ދަތިވިއެވެ. ފާޚާނާއަށްވެސް ދެވެނީ ތަންތަނުގައި ހިފަހައްޓައިގެންނެވެ. އެގޮތުގައި ރިއްސަރިއްސާފައި ފާޚާނާއަށް ދާންޖެހިއްޖެއެވެ. ފާޚާނާ ހުންނަނީ ގެއާ ވަކިންނެވެ. ތަދުވާވަރުން ހިންނުދެމެވޭތީ ބަނޑުގައި އަތްއަޅައިގެން ގެއިން ނުކުތީމެވެ. ފާޚާނާއާ ހަމައަށް ނުދެވިގެން އުޅެނިކޮށް މޫނުމައްޗަށް އަނދިރިވާން ފެށިއެވެ. ދެން އަހަރެންނަކަށް ވީނުވީއެއް ނޭނގުނެވެ.

އަހަރެންނަށް ހޭވެރިކަންވީއިރު އޮތީ ހޮސްޕިޓަލުގައެވެ. އަހަރެން ހޮސްޕިޓަލަށް ގެންދިޔައީ އަނީސާއްތައެވެ. އަނީސާއްތަ ގެއަށްދިޔަ މަގުމަތީގައި އަހަރެމެންގެ ގެއާ ދިމާއަށް އެއްލުނު ކަޅިއަކުން އަހަރެން ވެއްޓިފައި އޮތްތަން ފެނުމުން އައިސް ބެލިއެވެ. އަދި އަހަރެން އޮތް ހާލު ފެނުމުން އަވަސްއަވަހަށް އެމްބިއުލާންސަށް ގުޅައިގެން ގެނެސް އަހަރެން ހޮސްޕިޓަލަށް ގެންދިޔައީއެވެ. އަހަރެން ހޭއެރިއިރު އަހަރެންގެ ބަނޑަށް އަރާފައިހުރި ގަދަ ރިހުންގަނޑު ނެތަސް ކުޑަކޮށް ރިހެއެވެ. ނަރުސްކުއްޖާ ބުނީ އަހަރެންގެ ބަނޑުގައިވާ ދަރިފުޅު ބައިގެން ދިޔައީ ކަމަށެވެ. އެކަމުން އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ޒައިން ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް އެދަރިފުޅުގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އެދަރިފުޅަށްޓަކައި އަހަރެންގެ ހިތުން ހެޔޮދުޢާ ކުރީމެވެ. ހޮސްޕިޓަލުގައި އެއްދުވަހު ބޭއްވުމަށްފަހު ގެއަށް ދޫކޮށްލިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އެއްއަހަރު ވީއެވެ. އަހަރެންގެވެސް އުންމީދުތައް އާލާވާގޮތްވިއެވެ. ރީތި ހުވަފެންތަކެއް ދެކެވެން ފެށިއެވެ. އެރީތި ހުވަފެންތަކުގައި ރީތި ރީތި ގަނޑުވަރެއް ބިނާކުރަމުން ދިޔައީމެވެ. އެރީތި ގަނޑުވަރު ބިނާކުރަން ލާރިވެސް ބޭނުންވާން ފެށިއެވެ. ހޮޓަލުގައި މަސައްކަތްކުރާ ހުރިހާ އެންމެންނަށް މުސާރަ ލިބޭއިރު އަހަރެންނަށް ނުލިބޭތީ ޤާދިރުބެ ގާތު އެވާހަކަ ބުނީމެވެ. ނަމަވެސް އެކަން ވާގޮތެއް ނުވިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ބަހާރު މޫސުން ނިމި ޚަރީފު މޫސުން ފެށިއްޖެއެވެ. ރަށުގައި ގިނަ ސައި ހޮޓާތައް ހުޅުވުމާއި ގުޅިގެން ޤާދިރުބެގެ ހޮޓަލަށް އަންނަ މީހުން މަދުވިއެވެ. މިކަމުގެ ސަބަބުން ޤާދިރުބެގެ ވިޔަފާރި ދަށްވެ މީހާ ދަރަނިވެރިވާ ހިސާބަށް ދިޔައެވެ. ދެ ވެއިޓަރުންގެ ތެރެއިން އެކަކު ވަޒީފާއިން ކަނޑާލިއެވެ. މިހާރު ޤާދިރުބެއަށް ހަމައެކަނި ފައިދާއެއް ލިބެނީ ފިހާރައިންނެވެ. ސައި ހޮޓަލުން ލިބޭ ލާރިން ނުވެގެން ފިހާރައިގެ ލާރި ލައިގެން މީހުންނަށް މުސާރަދޭ ހިސާބަށް ދިޔައެވެ.

ޤާދިރުބެ އަހަރެންނަށް މުސާރަ ނުދިނަސް އޭނަގެ ފިހާރައިން އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް ލިބެއެވެ. މިގޮތުގައި މިވޭތުވެދިޔަ ދެއަހަރު އަހަރެން އުޅުނީމެވެ. މިކަންތައް ރަށު މީހުންނަށް އެނގި މިވާހަކަ ދެކެވެން ފަށައިފިއެވެ. ކާޅު ގޮވާހެން އަހަރެންނާ ޤާދިރުބެއޭ ކިޔައިގެން ތަފާތު ވާހަކަތައް ދެކެވެން ފެށިއެވެ. މިވާހަކަތައް އަހަރެންގެ ކަންފަތާއި ހަމައަށް ފޯރުމުން އަހަރެން ވަރަށް ލަދުގަނެ އެހާމެ ދެރަވެސްވިއެވެ. ޤާދިރުބެއޭ ކިޔާފައި އެފަދަ ވިޔާނުދާ ވާހަކައެއް ދެކެވެން އަހަރެން ބޭނުންނުވާތީ ދެން ފިހާރައިން އެއްޗެހި ނަގަން ބޭނުންނުވާކަމަށް ޤާދިރުބެ ގާތުގައި ބުނީމެވެ. އޭގެ ބަދަލުގައި ކިތަންމެ ކުޑަނަމަވެސް ލާރިކޮޅެއް ދިނުމަށް އެދުނީމެވެ. މިވަގުތު އޭނާގެ އަތްމަތި ދަތިވެ ދަރަނިވެރިވެފައިވާ ކަމަށާއި އަހަރެން ބޭނުންނަމަ އެހެން ވަޒީފާއެއް ހޯދައިގެން ދިޔަޔަސް އެންމެ ރަނގަޅުކަމަށް ޤާދިރުބެ ބުންޏެވެ. އަހަރެން އެގޮތް ބޭނުންނުވާތީ މަޑުކުރަން ނިންމީމެވެ. އެހެނީ އަހަރެންނަށް އެހާ އެހީވީ މީހަކު ހާލުގައިޖެހޭ ދުވަހު ދޫކޮށްލާކަށް އަހަރެންގެ ހިތެއް އެއްބަހެއްނުވިއެވެ.

ދުވަސްތައް ދައުރުވަމުންގޮސް އަހަރެންގެ ހަމަހިމޭން ދުނިޔެއަށް ތޫފާނުގެ އަސަރު ވެރިވާން ފަށައިފިއެވެ. ތޫފާނުގެ ވައި ބާރުވާނީ ކިހާ ވަރަކަށްކަން ނޭނގި ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. އެއްދުވަހަކު ޤާދިރުބެ ބުނީ ވެއިޓަރ ބަލިވެ އުޅޭތީ ނާންނަ ކަމަށާއި މުސާރަދީފައި ވެއިޓަރެއް ގެންނަން ދަތިވާތީ އަހަރެން އެކަން ކޮށްދިނުމަށެވެ. އަހަރެން ދުވަހަކުވެސް ވެއިޓަރުކަން ނުކުރާތާ ގިނަ މީހުން ތެރެއަށް ނުކުންނަންވެސް ޖެހިލުންވެއެވެ. ނަމަވެސް ޤާދިރުބެ އާދޭހާއެކު އެކަން ކޮށްދިނުމަށް އެދުމުން އަހަރެން އެއްބަސްވީމެވެ.

އެދުވަހުގެ މަސައްކަތް ނިންމާފައި ނުކުންނަނިކޮށް ޤާދިރުބެ އައިސް ކޮތަޅެއް ދިއްކޮށްލިއެވެ. އެއީ އަހަރެން މާދަމާ އަންނައިރު ލާނެ ހެދުމަކާއި ރީތިވާ ސާމާނުކަމަށްވެސް ބުންޏެވެ. އަހަރެން ގެއަށް އައިސް ބެލިއިރު އޭގައި އޮތީ ދެހެދުމެވެ. އެދެ ހެދުމާއެކު ބާރު ދެ ހަރުވާޅު އޮތެވެ. ރީތިވާ ސާމާނުތައް ފެނިފައި އަހަރެން ހައިރާންވިއެވެ. ތުންފަތުގައި ޖައްސާ ކުލައާއި މޫނުގައި ޖަހާ ފުށާއި ސެންޓު ފުޅިއެއްވެސް އޮތެވެ. ދުވަހަކު އެއެއްޗެހި ބޭނުން ނުކުރާތާގައި އެއެއްޗެއްސަކީ ފެނުނު އެއްޗިއްސެއްވެސް ނޫނެވެ. އެހެންކަމުން އެއެއްޗެހި ބޭނުންކުރަން އަހަރެން ޖެހިލުންވިއެވެ.

އަނެއްދުވަހަށް އިރުއެރީ އާ ކަންތައްތަކެއް ތަޖުރިބާކުރަމުންނެވެ. ޤާދިރުބެ ދިން ހެދުންލައި ރީތިވެލުމަށްފަހު ލޯގަނޑުން ބަލާލީމެވެ. އެވަގުތު އަހަރެންގެ ސޫރަ ފެނިފައި ހައިރާންވިއެވެ. އެއީ ހަމަ އަހަރެންބާއޭވެސް ހިތަށްއެރިއެވެ. އަހަރެން މާބޮޑުވެފައި ރީތިހެން ހީވެއެވެ. ލޯގަނޑުން ފެންނަންހުރި އަހަރެންގެ ސޫރައަށް ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނެވެ. އެއާއެކު ފިރިހެނުންގެ ލޯތަކުގެ އަމާޒަކަށް އަހަރެން ވެދާނެތީ ބިރުވެސްގަތެވެ.

ސައި ހޮޓަލަށް ވަދެގެން ދިޔައިރު ފުދޭވަރަކަށް މީހުން ތިއްބެވެ. ޤާދިރުބެވެސް އޭނާގެ ރައްޓެއްސަކާއެކު ސައިބޯން އިނެވެ. އެންމެންގެ ލޯތައް އަހަރެންނަށް އަމާޒުވެފައިވާކަން އެނގުމުން ފައި އޮޅިގެން ނުވެއްޓުނީވެސް ކިރިޔާއެވެ. ހިތް ތެޅޭވަރުން މައިތިރިކުރާނެ ގޮތެއް ނޭނގިގެން މޭމަތީ އަތްއެޅީމެވެ. ފުރަތަމަ ދުވަސްވީ ވަރަށްވެސް އުނދަގޫ ދުވަހަކަށެވެ. ދެތިންފަހަރު ސައި ތަބައް ވެއްޓި ދެތިން ތަށިވެސް ތަޅައިގެން ދިޔައެވެ. ނަމަވެސް ހިތްވަރު ދެރަނުކޮށް ކުރިއަށް ދިޔައީމެވެ.

މަހެއްހާ ދުވަސްވީއިރު އަހަރެންނަށް މަސައްކަތް ދަސްވެ ހޮޓަލަށް އަންނަ މީހުންވެސް އިތުރުވިއެވެ. ކުރީގައި ދުވަހަކުވެސް ސައިބޯން ނާންނަ މީހުންވެސް މިހާރު އާދެއެވެ. ޤާދިރުބެ ބުނީ މިގޮތަށް މިކަން ވަމުންދާނަމަ އަހަރެންނަށް މުސާރައެއްވެސް ދޭނެކަމަށެވެ. މިޚަބަރު ވީ އަހަރެންނަށް ވަރަށް އުފާވެރި ޚަބަރަކަށެވެ.

ދުނިޔޭން ދުވަހެއް ހަޔާތުން ދުވަހެއް ފާއިތުވަމުންދެއެވެ. އަހަރެންގެ ހަޔާތުގައި ފާއިތުވި ކޮންމެ ދުވަހަކީ ހިތާމައިން ފުރިފައިވާ ދުވަހެކެވެ. އުފާވެރި ދުވަސްތަކަކަށް އިންތިޒާރު ކުރަމުންދާއިރު އެފަދަ ދުވަސްތަކެއް އަންނާނެބާއޭ ހިތަށްއަރައެވެ. ނޫނީ އަހަރެން ނިމިދާނީވެސް މި ހިތްދަތިކަމުގައިބާއެވެ.

ވެއިޓަރަކަށް ވަތްފަހުން ހަޔާތުން ވޭތުވެދާ ކޮންމެ ދުވަހަކު އެތައް ކަމަކާ ކުރިމަތިލާން ޖެހެއެވެ. މިތަނަށް އަންނަ ގިނަ މީހުން އަންނަނީ ސައިބޯންބާއޭ ހިތަށްއަރައެވެ. ނޫނީ އަހަރެން ދެކިލާ އަހަރެންގެ ގައިގައި ބީހިލާ ހިތުންބާއޭ ހިތަށްއަރައެވެ. ސައިބޯން އަންނަ ބައެއްމީހުން އަހަރެންނާ ވަރަށް ލަދުވެތި ބަސްތަކުން މުޚާތަބުކުރެއެވެ. އަދި އަތުގައި ހިފުމާއި އެނބުރި ދާއިރު ފޫކޮޅުގައި ޖަހާލުން ނޫނީ ގައިގެ ކޮންމެވެސް ތަނެއްގައި ހިފާލުން އާންމުވާންފެށިއެވެ. މިކަމުން އަހަރެންނަށް ވަރަށް އުނދަގޫވެއެވެ. އަހަރެން ޤާދިރުބެ ގާތުގައި އެވާހަކަތައް ދެއްކީމެވެ. އަދި އެގޮތަށް ކަންތައްތައް ހުންނާތީ ވަރަށް އުނދަގޫވާކަމަށްވެސް ބުނީމެވެ.

“އެމީހުން އެގޮތަށް އަތުގަ ހިފާލާ އެހަދަނީ މާހީ ރީތިވީމަ. އަދި އެގޮތަށް އަތުގަ ހިފާލާ ގައިގަ ޖެހިލާ ހަދާލުން އެއީ މައްސަލައެއްވެސް ނޫނެއްނު. އެކަމުން މާހީގެ ގައިން ތަނެއް ކަންފަތިވެގެނެއް ނުދާނެ. އެހެންނޫނަސް މާހީ ކަހަލަ ރީތި ޒުވާން އަންހެންކުއްޖަކާ ފިރިހެންކުދިން ސަމާސާކުރާނެ. ޤާދިރުބެއަށް ފެންނަނީ އެކަހަލަ ކަންތައްތަކާ މާބޮޑަށް އަޅާނުލާ އުޅުން. އޭރުން ރަނގަޅުވާނެ.” ޤާދިރުބެގެ ބަސްތަކުން އަހަރެންގެ ހިތަށް ބަޔާންކުރަން ނޭނގޭ ދިލަ ތަދެއްވިއެވެ. ތީ މިހާރު ޤާދިރުބެއަށްވެސް ހޮޓަލަށް ލިބޭ ލާރި ފެންނާތީ ވާގޮތޭ ބުނަން އަހަރެންގެ ހިތަށްއެރިއެވެ. ނަމަވެސް އެއްވެސް ބަހެއްނުބުނެ އަހަރެން އެކޮޓަރިން ނުކުމެގެން ދިޔައީއެވެ.

ހޮޓަލަށް ސައިބޯން އަންނަ ގިނަ ފިރިހެންކުދިން އެމީހުންނާއެކު ކޮފީއަށް ދިއުމަށް ދަޢުވަތުދެއެވެ. އަދި އެމީހުންނާއެކު ސައިކަލު ދުއްވާލަން ދާނީ ކިހާވަރެއް ދިނީމަތޯވެސް އަހައެވެ. އަހަރެންގެ އެމީހުންގެ އެވާހަކަތަކަށް ހިނިތުންވެލުން ނޫންކަމެއް ނުކުރަމެވެ. އަދި ބައެއްމީހުން ސައި ބޮއިގެން ދަމުން އަހަރެންނަށް އިތުރަށް ލާރިދެއެވެ. މިކަންވެސް އަހަރެންނަށްވީ ބޮޑު ކަމަކަށެވެ. އަހަރެން އެލާރީގައި ނުހިފުމުން އެމީހުން ދަނީ މޭޒުމަތީގައި ބާއްވާފައެވެ. އެހެން ލިބޭ ލާރިވެސް އަހަރެން ދެނީ ޤާދިރުބެ އަތަށެވެ. އެންމެފަހުން ޤާދިރުބެ އަހަރެންނަށް ފަސްސަތޭކަ ރުފިޔާގެ މުސާރައެއް ދިނެވެ. އެކަމާ އަހަރެން ވަރަށް އުފާވިއެވެ. އެލިބޭ ލާރިން އަހަރެންގެ ގެ ހަދަން ފޮރުވަން ފެށީމެވެ.

އެއްދުވަހަކު ޤާދިރުބެ އައިސް އަހަރެންނަށް ގޮވާލާފައި އޭނާ މާލެ ދާން އުޅޭކަމަކށާއި އަހަރެން ދާނަންތޯ އެހިއެވެ. ކޮއްކޮއާ ބައްދަލުވާނެތީ އަހަރެން ވަރަށް އުފާވިއެވެ. ޤާދިރުބެ ބުނީ ކޮއްކޮ ރަށަށް ނުގެނެވުނަސް މާލެ ގޮސް ކޮއްކޮއާ ބައްދަލުކުރެވޭނެ ކަމަށެވެ. އެރޭ އަހަރެން ނުނިދާ އިނދެ ކޮއްކޮއަށް ގެންދާނެ ހަދިޔާ ހެދީމެވެ. އެކި ވައްތަރުގެ ފޮނި ކާއެއްޗިއްސާއި ތެލުލި ރިހާކުރެވެ. މިހުރިހާ އެއްޗެއް ހަދާ ބަންދުކޮށް ނިމުނުއިރު ފަތިސްވާން ގާތްވެއްޖެއެވެ. ޤާދިރުބެ ބަލާ އައުމުން އަވަސްއަވަހަށް ތައްޔާރުވެލައިގެން ނުކުތީމެވެ.

އަހަރެން ފެނިފައި ޤާދިރުބެ ބުނީ ހޮޓަލަށް ދާހެން ތަންކޮޅެއް ރީތިވެލައިގެން ނުކުތުމަށެވެ. އަނެއްކާވެސް ވަދެ ތައްޔާރުވާން ޖެހުނީތީ އަހަރެން ފޫހިވިއެވެ. އެހާ ރީތިވެގެން މީހުން ކުރިމައްޗަށް ދާހިތެއް އަހަރެން ނުވެއެވެ. ނަމަވެސް މާލޭގައި އުޅޭ މީހުންނަކީ ވަރަށް ޝާހީ ބައެކޭ ބުނާތީ އަހަރެން އަޑުއަހަމެވެ. އަނެއްކޮޅުން ކޮއްކޮވެސް އުޅެނީ މާލެ ބައެއް ގާތުގައިކަމުން ދާންވާނީ ރީތިވެގެންތާއޭ ހިތާ އަނެއްކާވެސް ވަދެ ރީތިވެގެން ނުކުތީމެވެ. އޭރު ޤާދިރުބެ ހުރީ ފޯނެއްގައެވެ. އެއާރޕޯޓަށް ގޮސް ޗެކިން ނިމުމުން ޤާދިރުބެއާއެކު ގޮސް ފްލައިޓަށް އެރީމެވެ. އެއީ އަހަރެން ފްލައިޓަކަށް އެރި ފުރަތަމަ ފަހަރުކަމަށްވުމުން ބިރުން މަރުނުވީ ކިރިޔާއެވެ. ފްލައިޓް ޖައްސަންދެން އަހަރެން އިނީ ޤާދިރުބެގެ އަތުގައި ހިފާ ބާރުކޮށްލައިގެންނެވެ.

މާލެއަށް ދެވުމާއެކު އަހަރެން ބޭނުންވީ އަވަހަށް ކޮއްކޮ ގާތަށް ދިއުމަށެވެ. ކޮއްކޮ މާލެ އައިފަހުން އަދި އަހަރެންގެ ލޮލަކަށް ނުފެނެއެވެ. ވާހަކަވެސް ދެއްކެނީ ހާލަކުން ދުވަހަކުއެވެ. މަސް ދެމަސް ވާއިރުވެސް ގިނަ ފަހަރަށް ގުޅާނުލެވެއެވެ. މާލެ އައިތާ ތިންދުވަސް ވީއިރުވެސް ޤާދިރުބެ އުޅެންޖެހޭލެއް ބުރަކަމުން ކޮއްކޮއާ ބައްދަލުވާގޮތެއް ނުވިއެވެ. ހެނދުނު ދާގޮތަށް އެނބުރި ގެއަށް އަންނަނީ ރޭގަނޑުއެވެ.

އެއްރޭ ޤާދިރުބެ އައިސް ހެދުމެއްދީފައި ބުނީ އެލައިގެން ނުކުތުމަށެވެ. އަހަރެން ހައިރާންވެހުރެ އެއީ ކީއްކުރަންލާ ހެދުމެއްތޯ އެހީމެވެ. މާގިނަ ވާހަކަނުދައްކާ ހެދުން ލައިގެން އައުމަށް ޤާދިރުބެ ބުންޏެވެ. އެއީ ގަދަ ރަތްކުލައިގެ އަތްކެނޑި ހެދުމެކެވެ. އަތްކަނޑާފައި ހުރިއިރު އެހާ ކުރެވެ. އެހެދުން ލައިގެން ނުކުންނަން ނުކެރިފައި އަހަރެން ހުރީމެވެ. ޤާދިރުބެ ގޮވާވަރުން އަހަރެން ވަރަށް ލަދުންހުރެ ނުކުތީމެވެ. އެވަގުތު ޤާދިރުބެގެ ބެލުންތައް އަމާޒުވިގޮތުން ބިރުން ރޫރޫ އަޅައިގަތެވެ. އިރުކޮޅަކު ބަލަން ހުރެފައި ޤާދިރުބެ ގޮސް ކޮތަޅުން ޖެކެޓެއް ނަގާ ދިއްކޮށްލިއެވެ. ޤާދިރުބެގެ ދަހިވެތި ނަޒަރުން ސަލާމަތްވުމަށްޓަކައި އަހަރެން އަވަސްއަވަހަށް އެޖެކެޓް ލީމެވެ.

ދެން ޤާދިރުބެ އަހަރެން ގޮވައިގެން ދިޔައީ ރީތިވާ ތަނަކަށެވެ. އެމީހުން އަހަރެން ރީތިކޮށްދީ ފުނާ އަޅުވާ ނިންމާލާފައި ރަނގަޅުތޯ އެހިއެވެ. ލޯގަނޑުން ފެންނަންހުރި އަހަރެންގެ ސޫރައަށް އަހަރެން ބަލާލީމެވެ. މިއީ ހުވަފެނެއްބާއޭ އަހަރެންގެ ހިތަށްއެރިއެވެ. އެތާގައި ތިބި ހުރިހާ ކުދިންވެސް އަހަރެންގެ ރީތިކަމަށް ތަޢުރީފުކުރަމުން ދިޔައެވެ. މިއަދު އަހަރެން ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް އެއްގޮތަކަށްވެސް އަހަރެންނަކަށް ނުވިސްނުނެވެ. ނޭނގޭ ބިރުވެރިކަމެއް ހިތުގައިވިއެވެ.

އެތަނުން ނުކުމެ ޓެކްސީއަކަށް އެރުމުން އަހަރެން ސުވާލުކުރީމެވެ. ޤާދިރުބެ ބުނީ މި ދާތަނެއް އެތަނަށް ދެވުމުން އެނގޭނެކަމަށެވެ. އަހަރެން ހީކޮށްގެން އިނީ ކޮއްކޮ ގާތަށް ގެންދާނެކަމަށެވެ. ޓެކްސީ ގޮސް މަޑުކޮށްލުމުން ޤާދިރުބެ ލާރިދީފައި ފޭބުމުން އަހަރެންވެސް ފޭބީމެވެ. ކުރިމަތިން ފެންނަންހުރި ދޮރު ހުޅުވާލުމަށްފަހު ޤާދިރުބެ އެތެރެއަށް ވަނެވެ. އެއަށްފަހު އެތެރެއަށް ވަނުމަށް އިޝާރާތްކޮށްލިއެވެ. ޤާދިރުބެ ކުރަން މިއުޅެނީ ކޮންކަމެއްބާއޭ އަހަރެންގެ ހިތަށްއެރިއެވެ. އިރެއްއިރަކަށް ހިތުގައިވާ ބިރުވެރިކަންވީ އިތުރެވެ. ކުރިއަށް އަޅަމުންދާ ކޮންމެ ފިޔަވަޅެއްވެސް އަޅަމުން ދިޔައީ ވަރަށް ހިތްވަރުންނެވެ.

އެތެރެއަށް ވަދެގެންގޮސް ކައުންޓަރު ކައިރީގައި އިން ކުއްޖާ ގާތު ޤާދިރުބެ ވާހަކަތަކެއް ދެއްކިއެވެ. އަހަރެން ހުރީ ތަންކޮޅެއް ދުރުގައިކަމުން އެދެއްކީ ކޮން ވާހަކައެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. އިރުކޮޅަކުން ޤާދިރުބެ އައިއިރު އަތުގައި ތަޅުދަނޑިއެއް އޮތެވެ. އަހަރެން ގާތު ހިނގާށޭ ބުނެފައި ޤާދިރުބެ ހިނގައިގަތެވެ. ކުރިމަތިން ފެންނަންހުރި ސިޑިން މައްޗަށް އަރަމުން ދިޔައީމެވެ. އޭރު ހިތް ތެޅޭވަރުން ހީވަނީ އެތެރެހަށިން ފުންމާލަން އުޅޭހެންނެވެ. އަތްފައި ފިނިވެ ތުރުތުރުލަމުން ދިޔައެވެ. ވަރަށް މައްޗަށް އެރުމުން ހިނގާފައި ގޮސް ކޮޓަރިއެއް ހުޅުވާލާފައި ވަންނަން ބުންޏެވެ. މިވާން އުޅެނީ ކީއްބާއޭ ހިތާ ބިރުންހުރެ އެތެރެއަށް ބޯދިއްކޮށްލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަރެން އެތެރެއަށް ވަނުމުން ޤާދިރުބެވެސް އެތެރެއަށްވަދެ ދޮރު ލައްޕާ ތަޅުލިއެވެ.

(ނުނިމޭ)

16

18 Comments

 1. Kiyaa

  January 6, 2017 at 3:36 pm

  Me first yet yet ?
  Nice v v mi story ?

  • Saandy

   January 6, 2017 at 10:36 pm

   ޝުކުރިއްޔާ ކިޔާ

 2. Hawwoo....

  January 6, 2017 at 3:53 pm

  Pis pis dherakameh huwaa… Vvv nice ma sha allaah…. Bt maaheee dhw?????

  • Saandy

   January 6, 2017 at 10:37 pm

   ޝުކުރިއްޔާ ހައްވޫ

 3. Maree

  January 6, 2017 at 4:36 pm

  V reethi maahee vikkaalanee dho saandy thee thihen nahadhaa

  • Saandy

   January 6, 2017 at 10:37 pm

   ޝުކުރިއްޔާ މަރީ

 4. imagination

  January 6, 2017 at 6:14 pm

  wooww.. v reethi.

  • Saandy

   January 6, 2017 at 10:38 pm

   ޝުކުރިއްޔާ އިމޭޖިނޭޝަން

 5. Naadhee

  January 6, 2017 at 6:37 pm

  V reethi mi part ves kiyaa hithun indhaa e nimunee

  • Saandy

   January 6, 2017 at 10:38 pm

   ޝުކުރިއްޔާ ނާދީ

 6. Aish

  January 7, 2017 at 10:52 am

  Wow…vvv reethi mi vhk…bt abadhuvx maahee ah vany dhera goih dhw…heyo nuvaane ehnnu ehn hadhan…

  • Saandy

   January 8, 2017 at 12:53 am

   ޝުކުރިއްޔާ އައިޝް!! އަދި އިރާދަކުރެއްވިއްޔާ މާހީއަށްވެސް އުފާ ލިބޭނެ

 7. sunshein

  January 7, 2017 at 12:19 pm

  Vvvv rethi thankole avaha upload kohdhiba saandy

  • Saandy

   January 8, 2017 at 12:54 am

   ޝުކުރިއްޔާ ސަންޝައިން! މިހާރު އަޕްކޮށްލާފަ އިންނާނީ

 8. Mal

  January 7, 2017 at 1:55 pm

  Koba anehbaa avahah aneh baa genes dhee. Haadha dhera vey kiyaafa maahee ah othy huss hithaamatha

  • Saandy

   January 8, 2017 at 12:55 am

   ޝުކުރިއްޔާ މަލް! މިހާރު އަޕްކޮށްލާފަ އިންނާނީ

 9. Hawwoo....

  January 7, 2017 at 2:58 pm

  Ey saandy kobaa miadh ge part…

  • Saandy

   January 8, 2017 at 12:57 am

   ސޮރީ ހައްވޫ! ބިޒީވީމަ ދުވާލު އަޕްކޮށްނުދެވުނީ… މިހާރު އިންނާނެ އަޕްކޮށްލާފަ… އިރާދަކުރެއްވިއްޔާ މިއަދު އަދި އެއްބައި ގެނެސްދޭނަން

Comments are closed.