ޗެކިިން ނިމުމާއެކު، ބޯޑިންގް ވުމުގެ އިންތިޒާރުގައި މެހެކް އާއި ސާދުނާ މަޑުކޮއްލައިގެން ތިއްބެވެ.
ހުރިހާ ކަމެއްގައިވެސް މެހެކް އަށް ސާދުނާގެ ފުރިހަމަ އެހީތެރިކަން ލިބުނެވެ. އޭނާއަކީ އާއްމުކޮށް ބޭރުގަުމުތަކަށް ދަތުރުކޮއް ހަދާ ކުއްޖަކަށް ވުން އެއީ ނަސީބެކެވެ. ހުރިހާ ކަމެއްވެސް އޭނާއަށް ނުލާހިކު ފަސޭހައެވެ. ސާދުނާގެ ހިތްހެޔޮ ކަމުގެ ސަބަބުން މެހެކްގެ ނުތަނަސް ވެފައިވާ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.
މެހެކް ކިޔަވަން ދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބެންގަލޫރަށެވެ. ރާއްޖެއިން ސީދާ ބެންގަލޫރަކަށް ފްލައިޓް ދަތުރުތަކެއް ނޯވެއެވެ. އެހެން ވުމުން އެމީހުން ބެންގަލޫރަށް ދިއުމަަށް ހަމަޖެހުނީ ސްރީލަންކާ މަގުންނެވެ.
ފްލައިޓަށް އެރުމަށް ގޮވާލެވުމާއެކު މެހެކް ފިނިވެގެން ދިޔައެވެ. އޭނާ ފޯން ނަގާފައި މަންމަ އަދި އާހިލް އަށް މެސެޖެއް ފޮނުވާލިއެވެ.
” ފްލައިޓަށް މިއަރަނީ. ވަރަށް ލޯބިވޭ. ވަރަށް ހަނދާންވާނެ.”. އޭނާ މެސެޖްގައި ލިޔެލިއެވެ. ދެން ހިގައިގަތެވެ.
ފްލައިޓް ގައިިތިބި ކެބިން ކުރޫންގެ ހިތްހެޔޮ ހިނިތުންވުން ތަކަށް، ހިނިތުންވުމުން ރައްދު ދެމުން އެންމެން ފްލައިޓަށް އަރަންފެށިއެވެ. ފްލައިޓަށް އެރުމަށް ފަހު މެހެކް މަސައްކަތް ކުރަމުން ދިޔައީ އޭނާއަށް ހަމަޖެހިފައިވާ ސީޓް ހޯދުމަށެވެ. ފުރަތަމަ ފަހަރަށް ފްލައިޓަކަށް އެރުމުން ކުރެވެން ފެށީ އާދަޔާ ޙިލާފު އުނދަގޫ އިހްސާސެކެވެ. އޭނާ ހިތް ބިރުގަންނަން ފެށިއެވެ. ސީޓް ފެނުމާއެކު އޭނާ ސީޓް ކައިރީގައި ކޮޅަށް ހުރެ ދިމަ ދިމާއަށް ނަޒަރު ހިންގަން ފެށިއެވެ. ސާދުނާ ފެނޭތޯއެވެ. އިރުކޮޅަކު އެހެން ހުއްޓާ ސާދުނާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ސާދުނާވެސް ދެކޮޅު ހޯދަނީއެވެ. ޔަގީނުންވެސް މެހެކް ފެނޭތޯއެވެ. މެހެކް އަތުން ކުޑަކޮށް ހަނާއަޅާލިއެވެ. ސާދުނާ އަށް މެހެކް ފެނުމާއެކު އޭނާގެ މޫނުމަތިން ފުޅާ ހިނިތުންވުމެއް ފާޅުވިއެވެ. އަދި އިންތަނުން ތެދުވެގެން މެހެކް އާއި ދިމާއަށް އަންނަން ފެށިއެވެ. ” އެކްސްކިއުޒްމީ” މެހެކް ގެ ކައިރީގައި ޖެހިގެން އިން ޒުވާން އަންހެން މީހާއަށް ސާދުނާ އޯގާތެރިކަމާއެކު ގޮވާލިއެވެ. އަޅުގަނޑަށް ތި ސީޓް ދީފާނަންތޯ. ކައިރީގައި ތިއިނީ އަޅުގަނޑުގެ ވަރަށް ގާތް ފްރެންޑެއް، އެހެންވެ، ޕްލީޒް” ސާދުނާ އާދޭހާއި އެކު އެދުނެވެ.
އެމީހާ ހިނިތުންވަމުން ތެދުވިއެވެ. އަދި ޝަކުވާއަކާނުލާ ސާދުނާ ގެ ސީޓް ގައި އޭނާ ގޮސް އިށީއިނދެލިއެވެ.
ސާދުނާ ހެމުން ހެމުން ސީޓް ގައި ހަމަޖެހިލިއެވެ. “ތިހެންވެސް ހެދޭތަ؟” މެހެކް އަށް މަޖާވިއެވެ. “މިހެދީނު”. ސާދުނާ ފޮނިވެލާފައި ބުނެލިއެވެ.
ފްލައިޓް ނައްޓާލާ ގަޑި ޖެހުމާއެކު ކެބިންކުރޫ “ސޭފްޓީ އިންސްޓްރަކްޝަން” ދޭންފެށިއެވެ. މެހެކް ޝައުގުވެރިކަމާއެކު ބަލަން އިނެވެ.
“އެމީހުން ދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހަން ޖެހޭނެ، އަދި ހާއްސަކޮއް ނިއު ކުދިން”. ސާދުނާ ބުނެލިއެވެ.
ފްލައިޓް ނައްޓާލުމާެކު ސާދުނާ އަނގަ ތަޅަން ފެށިއެވެ. މެހެކް ހީކުރީ ގޮތާ ޙިލާފަށް ސާދުނާވީ އަނގަ ގަދަ މަޖާ ކުއްޖަކަށެވެ. “ކޮން އެއްޗެއް ކިޔަވަން ތިދަނީ؟” ސާދުނާ ހިނިތުން ވަމުން ސުވާލު ކޮއްލިއެވެ. ” ޑޮކްޓަރުކަން ކިޔަވަން.”
“ސާދުނާ ކޮންއެޗެއް ކިޔަވަން؟” މެހެކް ވެސް ޝައުގުވެރިކަމާކު އަހާލިއެވެ. “އަހަންނަށް ސަދޫ ކިޔާބަލަ އިނގޭ، ހުރިހާ ފްރެންޑުން ވެސް ކިޔާނީ އެހެން. ސާދުނާ ކީމަ ކުޑަކޮށް އުނދަގޫވޭ.” ސާދުނާ އެދުނެވެ.
“އޯކޭ، ސަދޫ ކޮން އެއްޗެއް ކިޔަވަން ތިދަނީ.؟” މެހެކް ކުޑަކޮށް ހީލާފައި އަހާލިއެވެ.” ބެޗްލާރ އޮފް ލޯ”. ސާދުނާ ޖަވާބު ދިނެވެ. “އަސްލު އަހަރެން ނުވޭ މަންމަ އާ ވަކިން އެއްވެސް ތާކަށް ދާ ހިތެއް. އަހަރެންގެ ފެމެލީގައި މަންމަ އާއި ބައްޕަގެ އިތުރުން ތިބޭނީ ދޮންބެ އާއި ދޮންތަ، ދެން އަހަރެން. ދޮންބެ ކިޔަވަނީ މެލޭޝިއާގައި، ދޮންތަ ބެންގަލޫރުގައި ނާސިންގް ހަދަނީ، އެހެންވެ އަހަންނަށް، އަހަރު ދެކޮޅުހެން ރާއްޖެއިން ބޭރަށް ދެވޭ.. އެމީހުން ކައިރިއަށް މަންމަމެން ދާއިރު އަހަރެން ގެންދާނެ. މިހާރު އަހަރެން ބެންގަލޫރަށް އެފޮނުވަނީ ދޮންތަ ކައިރީގައި ބަހައްޓަން. އަހަރެން ނުރުއި ނަމަވެސްް މަންމަ އާއި ވަކިވާން ވީމަ ހާދަ ދެރައެއް އެބަ ވެޔޭ..” އަނގަ ހުއްޓާ ނުލާ ސާދުނާ ދައްކަމުން ދިޔަ ވާހަކަ ފޫހިކަމެއް ނެތި މެހެކް އަޑު އަހަން އިނެވެ.
” އެކޮޅަށް ގޮސް ކޮންތާކު ހުންނަނީ” ސާދުނާ އަހާލިއެވެ. “ގެއަކު ހުންނަނީ،
ބޮޑުބޭބެ ބުނި އަހަރެން ހުންނަން ހަމަޖެހުނު ގޭ މީހުން ބަލާ އަންނާނެ ވާހަކަ” ”
“އަހަންނަށް ގުޅައްޗޭ، ދިމާވާން ވާނެއެއްނު.” ސާދުނާ މަޖާވެލާފައި ބުނެލިއެވެ.” ކިހިނެއް ގުޅާނީ.”
މެހެކް އެހެން އަހާލުމާއެކު ސާދުނާ ކުޑަކޮށް ވިސްނާލިއެވެ. ” ވައިބާރ ގެންގުޅެންތަ؟”
“އުހުން.” މެހެކް ބޯ ހަލުވާލިއެވެ. އެހެންވީމަ ވައިބާރ އަޅާ ތިފޯނަށް”
ސާދުނާ މެހެކްގެ ފޯނަށް ވައިބާރ އެޅިއެވެ. އަދި ދެމީހުންވެސް، ދެމީހުންގެ ނަންބަރ ނޯޓް ކުރިއެވެ.
“ފްލައިޓަށް އެރީމަ ކަންފަތަށް ތަދުވާން ފަށައިފި.” ސާދުނާ ކަންފަތުގައި އަތް ޖައްސާލަމުން ބުނެލިއެވެ. އަދި ލޯ މަރާލަމުން އޭނާ ސީޓް ގައި ބޯ ޖައްސާލިއެވެ.
ނަސީބަކުން މެހެކްއަކަށް އެކަހަލަ އެއްވެސް އުނދަގުލެއް ނުވެއެވެ. އޭނާ ފުންނޭވާއެއް ބޭރުކޮއްލީ މަންމަ އާއި އާހިލް މަތިން ހަނދާން ވުމުންނެވެ. އިރުކޮޅަކު އިނދެލުމަށްފަހު، ފޯނަށް އާހިލް އަޅައިދީފައިވާ ފޮޓޯތައް މެހެކް ބަލަން ފެށިއެވެ. އެކި ގޮތް ގޮތައް ނަގާފައިވާ ރީތި ސެލްފީ ތަކެވެ. އެކި ފޮޓޯގައި އެކި ގޮތްގޮތަށް ސްޓައިލްކޮށް ފައި ހުރި އާހިލްގެ ރީތި ފަން އިސްތަޑިގަނޑެވެ. މަޝްހޫރު މޮޑެލް އަކަށް އޭނާ ދޫ ނުކުރާނެކަން ޔަގީނެވެ. އެރީތި ކަމާއި މެދު ހިތާ ހިތުން މެހެކްއަށް ތަޢުރީފް ކޮއްލެވުނެވެ. އާހިލް އަނގައަށް މަޖާ ގޮތެއް ހަދާލައިގެން ހުރި ފޮޓޮއެއް ފެނި ބޭއިޙްތިޔާރުގައި މެހެކްއަށް ހީލެވުނެވެ.
ކުއްލިއަކަށް ސާދުނާ ލޯ ހުޅުވާލިއެވެ. “މީކާކު” ލާނެއްގޮތަކަށް ސާދުނާ އަހާލިއެވެ. “މީ ދޯ…މީ…”
“ބޯއީފްރެންޑް ދޯ…” ސާދުނާ ދިމާކޮއްލަމުން ބުނެލިއެވެ.. “ހުމްމް.. އެކަމް އަދި އެކަކު ގާތުވެސް ނުބުނަން.”
“ކިތައް އަހަރުތަ މެހެކްއަށް؟” ސާދުނާ ދެބޮމަ ކައިރިކޮއްލަމުން، ކުރި ސުވާލުން މެހެކް އަށް ހެވުނެވެ.
” 18 ޕްލަސް” އެހެން ބުނެލުމަށްފަހު މެހެކް އިނީ ސާދުނާ ބުނާނެ މަޖާ އެއްޗަކަށް ޖަވާބުދޭން ވިސްނައިގެންނެވެ.
“ތިއޮއް ޅަ އުމުރުގަ ބޯއީ ފްރެންޑެއް؟” ސާދުނާ ދެލޯ ބޮޑުކޮއްލަމުން އަހާލިއެވެ. “އަހަރެން ވެސް ބޯއީ ފްރެންޑެއް ނެގީމޭ، އެކަމް މަންމަ ހަމަ ދެންމެ އަހަރެން ބުނިގޮތައް ދެލޯ ބޮޑު ކޮއްލާފައި ބުނީ ތިއޮއް ޅަ އުމުރުގައި ބޯއީ ފްރެންޑެއްހޯ” ސާދުނާ ހަރަކާތާއި އެއްކޮއް ދެއްކިލެއް މަޖާކަމުން މެހެކް އަށް ވެސް ހޭން ފެށުނެވެ.
“އަހަރެން ގެ މަންމަ ގާތު މިވާހަކަ އަދި ނުބުނަން. މަންމަ އަދި ގަބޫލެއް ނުވާނެ…އެކަމް.. ލޯބި ވެވުނީމަ ކީއްކުރާނީ..” މެހެކް އިސް ޖަހާލަމުން ބުނެލިއެވެ.
ރަންވޭ ގައި ފްލައިޓް ޖައްސަން އުޅޭކަން އިޢުލާން ކުރުމާއެކު ދެމީހުން ވާހަކަ ހުއްޓާލިއެވެ. ވާހަކައިގައި ޖެހުނު ވަރުން އެހިސާބަށް އާދެވުނު އިރުވެސް އެމީހުންނަށް ނޭނގުނެވެ. ގަޑިއެއްހާއިރުގެ ދިގު ދަތުރު ހީވީ ވަރަށް ކުރުހެންނެވެ.
ދެމީހުން ސްރީލަންކާގެ އެއާރޕޯޓަށް ފޭބިއެވެ. އިރުގަނޑަކު އެތާ ހޭދަކުރަން ޖެހުނެވެ. ޑިއުޓީ ފްރީ ސޮޕްތައް ބަލަން ފޫހިކަމެއް ނެތި ތިއްބާ އަނެއްކާވެސް ގަޑި ދިޔަގޮތެއް ނޭނގުނެވެ.
ބެންގަލޫރަށް ފުރާ ފްލައިޓަށް އެރި އިރު ދެމީހުންނަށް ވެސް ވަނީ ބަނޑުހައި ހޫނުކަމާއި ވަރުބަލިކަން އިހްސާސްވެފައެވެ. ހިތަށް ވެފައި ހުންނަ އުނދަގުލެއްގެ ސަބަބުން މެހެކް ހުންނަނީ ހިސާބަކަށް މޭ ބޮޑު ވެފައެވެ. އެއްވެސް އެއްޗެއް އޭނާ ކާހިތް ނުވީ އެހެންވެގެންނެވެ. ހިތާ ހިތުން ދުޢާ ކުރެވެނީ އަވަހަށް މަންޒިލަށް ދެވޭނެ ވަގުތަކަށެވެ. ނަސީބަކުން ފްލައިޓް ފުރަން ހަމަޖެހިފައި އޮތް ގަޑިއަށް ނައްޓާލިއެވެ.
ބެންގަލޫރުގެ ކެމްޕެގޮއުޑާ އިންޓަރނޭޝަނަލް އެއާޕޯޓުން ހުރިހާ ކަމެއް ނިމިގެން މެހެކް އާއި ސާދުނާއަށް ނުކުމެވުނު އިރު އިރުއޮއްސެން ގާތް ވެއްޖެއެވެ.
ބޭރަށް ނުކުމެ ދެމީހުންވެސް ދެކޮޅަށް ނަޒަރު ހިންގާލިއެވެ. އެމީހުންގެ އިންތިޒާރުގައި ތިބި މީހުން ފެނޭތޯއެވެ. އިރުކޮޅަކުން ސާދުނާ ދޮންތާއޭ ގޮވާލިއަޑަށް މެހެކް އަށް އެދިމާއަށް ބަލާލެވުނެވެ.
އޭރު ސާދުނާ އުޅެނީ އޭނާގެ ދޮންތަ ގައިގައި ބައްދައިގަނެގެންނެވެ. “ކިހާ ދުވަހެއްފަހުން މި ފެނުނީ” ސާދުނާ ހެމުން ހެމުން ބުނެލިއެވެ. އެމަންޒަރު ބަލަން މެހެކް އަށް އުނދަގޫވިއެވެ. އޭނާ ފެންކަޅިވިއެވެ. އެކަހަލަ ދޮންތައެއް އޭނާގެ ވެސް ހުރި ނަމައޭ ހިތަށް އެރިއެވެ. ނަމަވެސް ނަސީބާއި މެދު ޝަކުވާ ކުރުން އެއީ އޭނާ ދުވަހަކުވެސް ކުރިކަމެއް ނޫނެވެ. އެސްފިޔަތައް ޖަހާލަމުން އޭނާ ކަރުނަތައް ހިންދާލިއެވެ.އަދި ދެކޮޅު ބަލަމުން ދިޔައީ އޭނާގެ އިންތިޒާރުގައި ތިބި މީހުން ފެނޭތޯއެވެ. ” މަރްޔަމް މެހެކް އަރީފް.” މެހެކް އަށް މަޑުމަޑުން ކިޔާލެވުނީ މުސްކުޅިފުރައިގެ ދެމަފިރިއަކު ހިފައިގެން ތިބި ބޯޑެއްގައި ލިޔެލާފައިވާ ނަމެވެ. އެއީ ބޮޑުބޭބެ ބުނި ދެމަފިރިންކަން މެހެކްއަށް ޔަގީންވިއެވެ.
” މެހެކް ބަލާއައި މީހުން ކޮބާ؟” ސާދުނާ ދޮންތަގެ އަތުގައި ހިފައިގެން ހުރެ އަހާލިއެވެ. ” އެތިބީ ހެން ހީވަނީ” މެހެކް އަތުގެ އިޝާރާތުން ދައްކާލިއެވެ. “މީ އަހަރެންގެ ދޮންތަ ޝިޔާދާ ” ދޮންތާ މީ މެހެކް. ބައްޕަގެ ފްރެންޑެއްގެ ކޮއްކޮއެއް.” އާ، ދޮންތަ ގާތު ބައްޕަ ބުނި އެހެން ކުއްޖެއްވެސް ސަދޫ އާ އެކު އަންނަ ވާހަކަ، ޝިޔާދާ ހިތްހެޔޮ ކަމާއެކު ވާހަކަދެއްކިއެވެ.” އޯކޭ ދެން ދަނީ، ގުޅާނަން އިނގޭ ” ސާދުނާ ދަމުން ބުނެލިއެވެ. އެމީހުން ހިނގައިގަތުމާއެކު މެހެކް ވެސް ޓްރޯލީ ދުއްވަމުން، އޭނާގެ ނަން ޖަހާފައިވާ ބޯޑް ހިފައިގެން ތިބި މީހުންގެ ގާތަށް ގޮސް ހުއްޓުނެވެ.
“މަރްޔަމް މެހެކް އަރީފް” ހިނިތުންވަމުން މެހެކް ބުނެލުމާއެކު ދެކޮޅު ހޯދާލަ ހޯދާލަ ތިބި ދެމީހުން މެހެކް އާއި ދިމާއަށް ބަލާލިއެވެ. “އެހެންތަ؟ ” ހިނިތުންވަމުން އަންހެން މީހާ އަހާލިއެވެ. “މަރްޔަމް މެހެކް އާރިފް ތަ؟ ޝަރީފްގެ ކޮއްކޮތަ؟ ފިރިހެންމީހާ ޔަގީން ކުރަން ބޭނުންވިއެވެ. ” ލައްބަ”
މެހެކް އަށް އެމީހުންނާއި ދިމާއަށް ރަނގަޅައް ބަލާލެވުނެވެ. ފިރިހެން މީހާގެ ނުރަވެފައިވާ އިސްތަށިގަނޑާއި ތުނބުޅިއެވެ. އަތް ކުރު ގަމީހާއި ފަޓްލޫނުގައި ބެގީ ކޮއްލާފައި ހުރި އިރު ފެންނަލެއް ވަރަށް ސްމާޓެވެ. ދޫ ހައުސްކޯޓާއި ކުލައަލި ބުރުގަލެއްގައި ހުރިއިރު އަންހެން މީހާގެ ދޮން މޫނު ފެންނަލެއް މާ އަލިހެން ހީވެއެވެ.
“ހިނގާ އަވަހަށް ގެއަށް ދަމާ..ދޯ.” ފިރިހެންމީހާ ހިނިތުން ވެލަމުން ބުނެލިއެވެ. އެންމެން އެކީ ހިނގައިގަތީ ކާރެއް ހޯދާށެވެ. އެމީހުން އެތަނަށާއި، އެތަނުގެ ބަހަށް ވެސް ފަރިތައެވެ. މެހެކް ހުރީ ހައިރާންވެފައެވެ. ކާރަށް ބޭނުންވެފައި ތިބި މީހުން ތަނުގައި ގިނަ ނަމަވެސް ފަސޭހަ ކަމާއެކު ކާރެއް ހަމަޖެހުނެވެ.
ތިން މީހުން ކާރަށް އަރާ ހަމަ ޖެހިލިއެވެ. ފިރިހެންމީހާ ކުރީ ސީޓަށް އެރި އިރު މެހެކް އާއި އަންހެން މީހާ އެރީ ފަހަތު ސީޓަށެވެ. ދާނެތަން ބުނެލުމާއެކު ޑްރައިވަރ މަންޒިލަށް ދިއުމަށްޓަކައި މިސްރާބު ޖެހިއެވެ.
“މީ ޝިޔާމާ، ޝިޔާމައްތަ އިނގޭ، ދެން އެއިނީ ނަސީރު، ނަސީރުބޭ”. ޝިޔާމައްތަ ކާރު ދުއްވާލުމާއެކު ތަޢާރަފް ވެލިއެވެ. މެހެކް ހިނިތުންވަމުން ބޯ ޖަލާލިއެވެ.
އިންޑިއާއަށް އާދެވުނު ފުރަތަމަ ދުވަސް ކަމުން މެހެކްއަށް ހައިރާންވެފައި ބޭރު ބަލަން އިނދެވުނީއެވެ. ކާރުގެ ކަހާލެވިފައިވާ ބިއްލޫރިގަނޑުގެ ބޭރުން ޖެހެމުން އަންނަ ފިނި ވައިރޯޅިތައް މެހެކްގެ ގައިގައި ބީހެން ފެށުމުން އޭނާ ހީކަރުވަން ފެށިއެވެ. ނަމަވެސް އޭނާގެ ޝައުގުވެރިކަން ދަމައިގަތީ ބޭރުން ފެންނަމުން ދިޔަ މަންޒަރުތަކެވެ.
އިންޑިއާ އާއި ރާއްޖެއާއި އަޅާކިޔާލެވުނެވެ. މާލެ ވިއްޔާ މުޅީންވެސް ފެންނަނީ އެއްކަހަލަ އާދައިގެ އިމާރާތް ތަކެވެ. ނަމަވެސް އިންޑިއާ މުޅިން ތަފާތެވެ. ބައެއް މަގުތަކުގައި އަޑިގުޑަން ގިނައެވެ. ނަމަވެސް އަނެއްބައި މަގުތަކުގައި ފަސޭހަކަމާއެކު ދުއްވާލެވެއެވެ. ބޭރުގައި ބޮޑުގޭޓްތައް ލާފައިވާ ބޮޑެތި އިމާރާތް ތަކެވެ. ފިހާރަ ތައްވެސް އެހާމެ ތަފާތެވެ. މެހެކް އެންމެ އަޖާއިބު ވީ އެތަނުގެ މޭވާ ވިއްކާ ތަންތަނުގެ ހިތްގައިމުކަން ފެނިފައެވެ. އޭނާ ޙިޔާލަށް އައީ ފިލްމުތަކުން ފެންނަ މަންޒަރުތަކެވެ.
ރީތި ތަ މިތަން؟ ޝައުގުވެރިކަމާ އެކު ބޭރުބަލަން އިން މެހެކް ސިހުނީ ޝިއާމައްތަގެ އަޑަށެވެ. ” ލައްބަ، ބައެއް މަންޒަރުތައް ވަރަށް ހިތްގައިމު”. މެހެކް ލަދުރަކިކަމާއެކު، ހިނިތުންވެލަމުން ޖަވާބު ދިނެވެ.
ފަނަރަވަރަކަށް މިނެޓްގެ ދަތުރަކަށް ފަހު ބޮޑު އިމާރާތެއްގެ ކައިރިއަށް ކާރު މަޑުކޮއްލިއެވެ. ” މީ އަހަރުމެން ދިރިއުޅޭ އިމާރާތް”. ކާރުން ފައިބަމުން ނަސީރުބޭ އެހެން ބުނެލުމާއެކު މެހެކް އެއިމާރާތައް ނަޒަރު ހިންގާލިއެވެ. ދިހަ ވަރަކަށް ބުރިއަށް ނަގާފައިވާ އެއިމާރާތް ބޭރުން ފެންނައިރު އެހާ ރިއްޗެއްނޫނެވެ. ގިނަދުވަސް ވެފައި ވުމުން ރީތިކަން ގެއްލިފައި ހުރީ ކަންނޭނގެއެވެ.
ފޮށިތައް ހިފައިގެން އެތެރެއަށް ވަދެ އެންމެން އެރީ ލިފްޓަށެވެ. ދެން ފަހަކަށް ފިތާލިއެވެ. ފަސްވަނަ ބަޔަށް ގޮސް ހަނި ގޯޅިއަކުން ވަދެ ފުރަތަމައަށް ޖެހުނު ދޮރު ނަސީރުބޭ ހުޅުވާލިއެވެ.
ގޭތެރެއަށް ވަނުމާއެކު މެހެކްއަށް ލިބުނީ ހައިރާން ކަމެކެވެ. މުޅިތަނަށް އޭނާއަށް ނަޒަރު ހިންގާލެވުނެވެ. އެއީ ދެކޮޓަރީގެ ރީތި ހިތްގައިމު ތަނެކެވެ. ސާފުތާހިރު ވެފައި ތަރުތީބެވެ. ގޭގައި ލާފައިވާ މަޑު ދަނބު ކުލައާއި ސޯފާތަކުގެ މަތީގައި ހިތްޕާލެވިގައިވާ ރީތި ފްރޭމްތަކެވެ. ފެންވަރުގެ ސޯފާ ސެޓެކެވެ. ރީތި ކުޑަ ކައްކާ ތަންކޮޅުވެސް ހުރީ ސިޓިންގްރޫމް އާއި ގުޅިފައެވެ. ގޭތެރޭގައި ދުވަމުން ދިޔަ ހިތްގައިމު ވަހުން ހިތަށް ތާޒާކަން ގެނެސްދެއެވެ. ބަލާބެލުމަށް ދެމަފިރިން އުޅެނީ މުއްސަނދި ދިރިއުޅުމެއްކަން މެހެކް އަށް ދެނެގަނެވުނެވެ. އިތުރު މީހަކު ފެންނަން ނެތް ނަމަވެސް ގޭތެރެއަށް ބަލަން އޭނާއަށް ހުރެވުނެވެ. އެމީހުންގެ ދަރިން ތިބޭނެކަން އޭނާއަށް ޔަގީނެވެ. ނަމަވެސް ކޮންތާކުބާއެވެ؟
“މެހެކް، މީ މެހެކް ގެ ކޮޓަރި..”. ޝިޔާމައްތަ މެހެކްގެ ކުރިމައްޗަށް ހުރި ކޮޓަރީގެ ދޮރު ހުޅުވާލަމުން ބުނެލިއެވެ.
” އިހަށް އާދޭ އިށީ އިނދެލަން “. މެހެކްއަށް ސޯފާ ދައްކާލަމުން، ހެވިފައި އިނދެ ނަސީރުބޭ ބުނެލިއެވެ.
މެހެކް އިށީއިނދެލުމާއެކު ނަސީރުބޭ ދިއްކޮއްލީ ސިމެކެވެ. “އަވަހަށް ގޮސް ޝަރީފްބޭ އަށް ގުޅާލާ، އަދި ވައިފައި ވެސް މިތަނަށް ލިބޭނެ، ބޭނުންކުރަންވީ ހަމަ އިނގޭ” ނަސީރުބޭ ވައިފައި ޕާސްވާރޑް މެހެކް އަށް ދިނެވެ.
” ކޮންމެވެސް އެއްޗެއް ކާލައިގެން ދާނީ”. ކާން ތައްޔާރު ކުރަމުން ޝިޔާމައްތަ ބުނިއަޑު އިވުނެވެ.
“ނޫން އަޅުގަނޑު އަންނާނަން ބޮޑުބޭބެ އަށާއި މަންމަ އަށް ގުޅާލާފަ، ދެން ފެންވަރާ، ނަމާދު ކޮއްލާ ހަދާލައިގެން އެއްޗެއް ކާން ބޭނުމީ”. މެހެކް މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ.
ކޮޓަރިއަށް އޭނާ ނަޒަރު ހިންގާލިއެވެ. އޭނާއަށް އެންމެ މަގްބޫލް ވައްތަރުގެ އެނދަކާއި ކުޑަ އަލަމާރިއެއްގެ އިތުރުން ކިޔަވާމޭޒެއް ހުއްޓެވެ. ބަލާބެލުމަށް އެއީ ކިޔަވާ ކުއްޖަކަށް ހާއްސަ ކޮޓަރިއެއްކަން އެނގުނެވެ.
ވަގުތުގެ ގޮތުން ކުޑަކޮށް ހަމަޖެހިފައި ހުރި ނަމަވެސް ކޮޓަރިިއަށް ވަދެވުމާއެކު އޭނާއަށް ރޮވެން ފެށުނެވެ.
އެކަނިވެރިކަން އިހްސާސްވެ މަންމަ މަތިން މާ ބޮޑަށް ހަނދާންވާން ފެށިއެވެ. އޭނާ މިހާރު އެހުރީ އެންމެންނާއި އެތައް މޭލެއް ދުރަށް އާދެވިފައި ކަން އިހްސާސްވާން ފެށިއެވެ.
ކަރުނަ ފޮހެލަމުން އަވަސް އަވަހަށް އޭނާ، ފޯނަށް ސިމް ލައްވާލިއެވެ. އަދި މަންމަ ގެ ނަންބަރަށް ގުޅަންފެށިއެވެ. އިރުކޮޅެއްނުވެ ލައިން ބިޒީ ކޮއްލުމަށް ފަހު ބޮޑުބޭބެ ގެ ނަންބަރުން ގުޅިއެވެ. “މެހެކް ދޯ”. އެކޮޅުން ވާހަކަ ދެއްކީ ބޮޑުބޭބެއެވެ. މެހެކް އަށް ހިނިތުންވެވުނެވެ. ބޮޑުބޭބެގެ އަޑު އިވުމުން އޭނާއަށް އުފާވެރިކަން އިޙްސާސްވިއެވެ. “ހުމްމް، ބޮޑުބޭބެ ކިހިނެއް؟” މެހެކް އަހާލިއެވެ. “އިރާދަކުރެއްވީތީ ރަނގަޅު، ދަރިފުޅު ރަނގަޅު ދޯ؟، ކޮބާ އެމީހުން؟ “އަލްހަމްދްﷲ، އެމީހުން ވަރަށް ރަނގަޅު، ގަޑިއަށް ބަލާވެސް އާތް”
އެހެންތަ، ވަރަށް ސަލާމް އިނގޭ މަންމަ އަތަށް މިދެނީ”. ބޮޑުބޭބެ ގެ ވާހަކަ ކުރުކޮށްްލީ މަންމަ އަށާއި މެހެކް އަށް އަވަހަށް ވަގުތު ދިނުމައްޓަކައެވެ. “ދަރިފުޅު ކިހިނެތް؟” މަންމަގެ ބެދެމުން ދިޔަ އަޑުން އަހާލިއެވެ. “އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅު، އެންމެ ކަމަކާ ދެރަވަނީ”… ” ކޮން ކަމެއް؟” ސިހިފައި މަންމަ އަހާލިއެވެ. “އެއީ މަންމަ..އަހަރެން ކައިރީގައި ނެތީމަ.” މެހެކް އެހެން ބުނެލުމާއެކު މަންމަ އަށް ރޮވުނެވެ. “ދަރިފުޅު ހިތްވަރު ކުރާތި، މޮޅު ކުއްޖަކަށް ވެގެން އަވަހަށް އާދޭ.”
ދެމައިން ކުޑައިރުކޮޅަކު ވާހަކަ ދައްކަން ތިބެ ފޯން ބޭއްވިއިރު މެހެކް ގެ ހިތަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮއްފައެވެ. ވާނީވެސް އެހެންތާއެވެ. އެދަތުރަކީ އޭނާ ޙަޔާތުގައި ވެސް މަންމަ އާއި ދުރަށް އައި ފުރަތަމަ ފަހަރެވެ.
ފޯން ބޭއްވުމަށް ފަހު އިރުކޮޅަކު އިނދެލާފައި އޭނާ އާހިލް އަށް ގުޅާލިއެވެ. ފޯން ރިންގްވާން ފެށުމާއެކު ހިތުގެ ވިންދް އަވަސް ވާން ފެށިއެވެ. އާހިލް ވެސް ލައިން ބިޒީ ކޮށްލާފައި ގުޅަންފެށިއެވެ. “ހެލޯ، މެހެކް” އާހިލް ވައި އަޑަކުން ބުނެލިއެވެ. ” ކިހިނެއް އިނގުނީ އަހަރެން ކަން” މެހެކް އެނދުގައި އޮށޯއޮވެލިއެވެ. “މަގޭ ލޯބި ނޫން ދެން ކާކު އިންޑިއާ ނަންބާރ އަކުން ގުޅާނީ؟” އާާހިލް ކުޑަކޮއް ހީލިއެވެ.
“މެހެކް ގުޅާނެ އިރެއްގެ އިންތިޒާރުގައި، ތި ރީތި މޫނަށް ބަލާ ބަލާ އަހަރެން މި އިންނަނީ، ހާދަ ރީތި މޫނެކޭ ތީ، އާހްހްހް… އާހިލް ހަދާލި ގޮތުން މެހެކް އަށް ހެވުނެވެ.
ފޯން ކެނޑެން ދެން، ދެމީހުން ލޯބިން ވާހަކަ ދައްކަން ތިއްބެވެ. ފޯން ކެނޑުމާއެކު އާހިލްގެ ފޯނުން ލާރި ހުސްވީ ކަމަށް މެހެކް ނިންމިއެވެ. ބޭއިޙްތިޔާރުގައި އޭނާ ހިނިތުންވެލިއެވެ. އަދި މުޅި އުމުރު އާހިލް އާއި އެކު ވުމަށް އެދި ދުޢާ ކޮށްލެވުނެވެ.
ފެންވަރާލައި، ނަމާދުކޮށް ހަދާލައިގެން އޭނާ ބޭރަށް ނުކުން އިރު ޝިއާމައްތަ އާއި ނަސީރުބޭ ސިޓިންގް ރޫމް ގައި ކޮންމެވެސް ވާހަކައެއް ދައްކަން ތިއްބެވެ. މެހެކް ފެނުމާއެކު އެމީހުން ވާހަކަ ހުއްޓާލާފައި، އިށީއިނުމަށް އެދުނެވެ. “ނަސީރުބޭ ކޮލެޖް އަށް ގޮސްލަން ބޭނުން އަޅުގަނޑު، ބައެއް މަޢުލޫމާތު ސާފުކޮއްލުމުގެ އިތުރުން އެތަން ބަލާލަން.” މެހެކް އެދުނެވެ. އާ، ހިނގާ މާދަމާ ދަމާ” ނަސީރުބޭ ހިނިތުންވަމުން ބުނެލިއެވެ.
ނަސީރުބޭ މެންނާއި ކޮލެޖާއި ބެހޭ ވާހަކަ ދައްކާލަން އިނދެލުމަށް ފަހު، މެހެކް ކައިގެން ގޮސް ނިދަން އޮށޯއޮވެލިއެވެ. އެދެމަފިރިންގެ ހިތް ހެޔޮކަމުން އޭނާ ވަރަށް އުފާވިއެވެ. ނަމަވެސް ހިތުގައި ސުވާލު އުފެދެނީ އެދެމަފިރިން އެކަނި ދިރިއުޅޭތީއެވެ. އެމީހުންގެ ދަރިން ފެންނަން ނެތީމައެވެ. އެމީހުންނާއި ދިމާވި ފުރަތަމަ ދުވަސް ކަމުން އެކަހަލަ އެއްވެސް ސުވާލެއް ކުރަން އޭނާ އަށް ނުކެރުނީއެވެ.
އެކަމާއި ދޭތެރޭ ވިސްނަން އޮއްވައި ކުއްލިއަކަށް އޭނާ ސާދުނާ މަތިން ހަނދާންވިއެވެ. ފޯން ނަގާފައި އޭނާ ވައިބާރ އަށް ވަދެލިއެވެ. “ވެލްކަމް ޓު ވައިބަރ”. މެހެކް އަށް މަޑުމަޑުން ކިޔާލެވުނެވެ. ވައިބާރ އޮތީ އިންސްޓޯލް ކުރި ގޮތަށެވެ. ވައިބާރ ގައި އޭނާގެ އިންޑިއާ ނަންބަރ ޖަހާލިއެވެ. ވައިބާރ އަށް ވަދެވުމާކު، ސާދުނާގެ ބަޔަށް ވަދެލިއިރު ނަސީބަކުން އޭނާ އިނީ އޮންލައިން ގައެވެ. “ހައި ސަދޫ، އިޓްސް މީ މެހެކް” މެސެޖެއްގައި ލިޔެލާފައި މެހެކް ފޮނުވާލިއެވެ. “ހައި މެހެކް” އިރުކޮޅެއް ނުވެ ހިނިތުންވެފައިވާ މޫނުގަނޑަކާއެކު ސާދުނާ ފޮނުވާލިއެވެ. “ކޮންތާކު ތިހުރީ” ދެން ވެސް އައީ ސާދުނާގެ މެސެޖެކެވެ. ” އެޑްރެސް އަދި ނޭނގޭ، މާދަމާ ފޮނުވާނަން، ހަނދާން ނެތުނީ އަހާލަން” ދެރަވެފައިވާ މޫނުގަނޑަކާއެކު މެހެކް ޖަވާބު ފޮނުވިއެވެ. “އޯކޭ މާދަމާ ފޮނުވައްޗޭ، ގުޑްނައިޓް” ސާދުނާގެ ފަހު މެސެޖް ފޮނުވާލިއެވެ. މެެހެކްވެސް ސާދުނާއަށް ގުޑްނައިޓް މެސެޖެއް ފޮނުވާލިއެވެ. އަދި ނިދޭތޯ ލޯ މަރާލިއެވެ.
މެހެކް އަށް ހޭލެވުނީ ފަތިހު އޭނާގެ ފޯން އެލާރމް ވާ އަޑަށެވެ. ވަގުތުން އޭނާ ނިދި ކެނޑުނެވެ. އޭނާ އަލަށް އެކަނި ތަނެއްގައި އޮވެ ނިދުނުކަން އިޙްސާސްވުމުން ކަންނޭނގެއެވެ. ހީވީ މަންމަ އައިސް ގޮވާލިހެންނެވެ.
ފަތިސް ނަމާދުކޮއްލައިގެން މެހެކް ސިޓިންރޫމަށް ނުކުމެލިއެވެ. އޭރު ނަސީރުބެ އާއި ޝިއާމައްތަ ތިބީ ސައިބޯށެވެ. ” އަހާ މެހެކް، އަވަހަށް އާދޭ ސައިބޯން، ހޭލާ ދޯ ތިއުޅެނީ؟” ޝިޔާމައްތަ ހިނިތުންވަމުން އަހާލިއެވެ. “ލައްބަ އަޅުގަނޑު ނަމާދު ކޮއްލައިގެން ހަމަ ނުކުމެލީ” މެހެކް އެހެން ބުނެލުމާއެކު ނަސީރުބޭ ހީލިއެވެ. ” ހާދަ ރަނގަޅު ކުއްޖެކޭ، ހެނދުނު ނާޝްތާ ނިންމާލައިގެން ކޮލެޖަށް ދާން ތައްޔާރުވާތި އިނގޭ.”
“ލައްބަ، މިގޭ އެޑްރެސް އަޅުގަނޑުގެ ފްރެންޑަކަށް ދިނަސް އެންމެ ރަނގަޅު ތޯ…” މެހެކް ލަދުން އިނދެ އަހާލުމާއެކު ނަސީރުބޭ ހުއްދަ ދެމުން ގޭގެ އެޑްރެސް ކިޔާލިއެވެ. މެހެކް ވަގުތުން އެޑްރެސް ސާދުނާ އަށް ވައިބާރ ކޮއްލިއެވެ. އަދި ނަސީރުބެ އަށް ޝުކުރު އަދާ ކުރިއެވެ.
ހެނދުނު ނާޝްތާ ނިމުމާއެކު ކޮލެޖަށް ދާން މެހެކް ތައްޔާރު ވެލިއެވެ. ކޮޓަރިން އޭނާ ނުކުންނަން ހިނގައިގަން ވަގުތު ފޯން ރިންގަވާން ފެށިއެވެ. “ހެލޯ މީ ސަދޫ އޭ، މެހެކް ފޮނުވި އެޑްރެސް ކައިރީގަ މިތިބީ، ދޮންތަ އާއި އެކު” ސާދުނާ ގެ ކޯލެކެވެ. އޯކޭ އަހަރުމެން ވެސް މިފައިބަނީ ކޮލެޖަށް ދާން ތިރިއަށް.” މެހެކް އެހެން ބުނެލަމުން ފޯން ކަނޑާލިއެވެ
ތިން މީހުން އެކީ ތިރިއަށް ފޭބިއިރު ސާދުނާ އާއި ޝިޔާދާ މަޑުކޮއްލައިގެން ތިއްބެވެ. މެހެކް ފެނުމާއެކު ސާދުނާ ހެމުން ހެމުން އައިސް މެހެކް ގެ އަތުގައި ހިފާލިއެވެ. “މެހެކް އަށް އެނގޭތަ، ވަރަށް މަޖާ ގޮތެކޭ ވީ، މިތާ ކައިރީ ޖެހިފަ އަހަރުމެން އުޅޭ އިމާރާތް ވެސް މިހުރީ، އެކަމް ނޭނގިގެން އޯޓޯ އަކަށް އެރީ، ދެ މިނެޓް ނުވަނިސް އޮތީ މިތާ ކައިރީގަ” މަޖާވެލާފައި ސާދުނާ ބުނެލިއެވެ. އަދި އަތުގެ އިޝާރާތުން ކުޑަ ތަންކޮޅެއް ދުރުގައި ހުރި ފަސް ވަރަކަށް ބުރީގެ އިމާރާތެއް ދައްކާލިއެވެ. ” އެހުރީ އަހަރުމެން ދިރިއުޅޭ އިމާރާތަކީ”
އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށް ފަހު އެންމެން މިސްރާބު ޖެހީ މެހެކްގެ ކޮލެޖާ ދިމާލަށެވެ. “ހިނގާލާފަ ދެވޭނެ، ވަރަށް ކައިރި އެއީ، އޮޓޯ އަކަށް ވެސް އަރާނެ ކަމެއް ނެތް” ނަސީރުބޭ ހެވިލާފައި ބުނެލިއެވެ. ” އަޅޭ، މެހެކް ހާދަ ލަކީ އޭ”. ސާދުނާ ތުން ދަމާލަމުން ބުނެލިއެވެ. ” ސަދޫ ގެ ކޮލެޖާ ހަމައަށް ދެވޭނީ މިތާ ކައިރިއަށް އަންނަ ބަހަށް އަރައިގެން، އެއީ ތިރީހަކަށް މިނެޓް ގެ ދިގު ދަތުރަކަށް ވާނެ” ޝިޔާދާ އަންދާޒާ ކޮއްލަމުން ބުނެލިއެވެ.
ދިހަ ވަރަކަށް މިނެޓް ހިނގިފަހުން ބޮޑު ކޮލެޖެއް ފެންނަން ފެށިއެވެ. ” ބެންގަލޫރު މެޑިކަލް ކޮލެޖް އެންޑް ރިސާރޗް އިންސްޓިޓިއުޓް” މެހެކް މަޑުމަޑުން ކިޔާލީ ހިނިތުންވަމުންނެވެ. ބޮޑު ނަމަވެސް ދުވަސްވެފައިވާ އިމާރާތެކެވެ. ކޮލެޖް ފެނުމާއެކު އޭނާގެ ހިތުގައި އޮތް އުންމީދު އާލާވެގެން ދިޔައެވެ. ކިޔެވުމަށް ހިތުގައި އޮތް އަޒުމް ވަރުގަދަ ވިއެވެ.
“އަހަރުމެން ދެން މި ދަނީ، ސަދޫގެ ކޮލެޖާ ދިމާއަށް ދާން” ޝިޔާދާ ގެ އަޑަށް މެހެކް އަށް ބަލާލެވުނެވެ. އެތާ ކައިރީ ހުރި ބަސް މަޑުކުރާ ދިމާލަށް އެމީހުން މިސްރާބު ޖެހުމާއެކު މެހެކް މެން ވެސް ވަނީ ކޮލެޖް ތެރެއަށެވެ.
ސާފް ކުރަންޖެހޭ މަޢުލޫމާތެއް ވިއްޔާ ކޮލެޖުންނާއި ވެބްސައިޓް މެދުވެރިކޮށް އެދުވަހު އޭނާ ހޯދިއެވެ. އެގޮތުގައި ހޭދަކުރަން ޖެހުމުން ދުވަސް ވެގެން ދިޔައީ ވަރަށް ބުރަ ނަމަވެސް ކާމިޔާބު ދުވަހަކަށެވެ. އޭނާ ކޮލެޖަށް ދާން ހަމަޖެހުނީ އަންނަން އޮތް ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެވެ. ނަސީބު ވަރަށް ރަނގަޅެވެ. ސާދުނާ ވެސް ކޮލެޖަށް ދާން ހަމަޖެހުނީ ހަމަ ހޯމަ ދުވަހުގެ ހެނދުނުއެވެ. މެހެކް ދާން ޖެހޭ ގަޑިއަށް ވުރެ އެއްގަޑިއިރު ފަހުންނެވެ.
“އެހެންވީމާ ދެމީހުންނަށް އެކީގައި ދެވޭނެއެއްނު، އަހަރެން ބަސް މަޑުކުރާ ތަނަށް ދާއިރު މެހެކް އަށް އަހަންނާއި އެކު ކޮލެޖަށް ދެވޭނެއެއްނު” ސާދުނާ އުފަލުން ފޮޅިފައި ހުރެ ވާހަކަ ދެއްކިއެވެ. އެއީ ތެދެކެވެ. ސާދުނާ އާއި އެކު ދާ ނަމަ ކޮންމެ ފަހަރަކު ނަސީރުބެ މެން މެހެކް އާއި އެކު އަންނާކަށް ނުޖެހޭނެއެވެ. އަނެއްކޮޅުން މާ ދުރެއްވެސް ނޫނެވެ. ހިތާ ހިތުން އެހެން ބުނެލަމުން މެހެކްވެސް ހިނިތުންވެލިއެވެ.
ޖެހިގެން އައި ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެވެ. މެހެކް ކޮލެޖަށް ދާން ނުކުތެވެ. ލައިގެން ހުރި ކަކުލާއި ހަމައަށް އަރާ ނޫކުލައިގެ ގަމީސް މަތިކޮޅާއި ކަޅު ސްކިނީ ޖިންސް ގައި އޭނާ ފެންނަލެއް ވަރަށް ފުރިހަމައެވެ. “އަޅުގަނޑު ދަނީ އިނގޭ” ނަސީރުބޭ ބޯ ޖަހާލުމާއެކު އޭނާ ގެއިން ނުކުންނަން ހިނގައިގަތެވެ. ދެން މަންމަ، ބޮޑުބޭބެ އަދި އާހިލް އަށް މެސެޖެއް ފޮނުވާލިއެވެ. ކިތަންމެ ބުރަކޮށް ދުވަސް ދިޔަ ނަމަވެސް އޭނާ މަންމަ އާއި އާހިލް މަތިން ހަނދާން ނުނެތެއެވެ. ކޮންމެ ދުވަހަކުވެސް އޭނާ އެމީހުންނަށް ވަގުތު ދެއެވެ.
ބޭރަށް ނުކުން އިރު ސާދުނާ އިންތިޒާރުގައި ހުއްޓެވެ. ‘ހާދަ އިރެކޭ” ސާދުނާ ޝަކުވާ ކުރިއެވެ. “ސޮރީ” ހެމުން ހެމުން މެހެކް ބުނެލިއެވެ.
ދެމީހުން ހިނގައިގަންތާ އިރުކޮޅެއް ނުވެ ވައި ގަދަ ވާން ފެށިއެވެ. އުޑާ ދިމާއަށް ދެމީހުންނަށް ބަލާލެވުނެވެ. އޭރު ކުޑަ ވިލާކޮޅެއް އެމީހުންގެ ބޯ މަތީގައި އޮތެވެ. ދުނިޔެއަކީ މީ އަޖާއިބެއް ފަދަ ތަނެކެވެ. ކިތަންމެ ރީތިކޮށް އަވި ދޭ ދުވަހަކު ކުއްލިއަކަށް ބޯކޮއް ވާރޭ ވެހެން ފަށާފާނެއެވެ. އަދި ކިތަންމެ ބޯކޮށް ވާރޭ ވެހޭ ދުވަހަކު ކުއްލިއަކަށް ގަދައަށް އަވި ވެސް ދީފާނެއެވެ.
ވާރޭ ކަނި ޖަހަން ފެށުމާއެކު ދެމީހުން ހާސް ވާން ފެށިއެވެ. އަދި އޮޓޯއަކަށް ގޮވަމުން ހަނާ އަޅަމުން ދަނިކޮއް ވާރޭ ބޯކޮއްލިއެވެ. ކިތަންމެ ވާރެ އާއި ތެމޭހިތް ވީ ނަމަވެސް މިއަދު ވާރެއަށް ފިލާނެ ތަނެއް ހޯދަން މެހެކްއަށް މަޖްބޫރެވެ. ނޫން ނަމަ ކޮލެޖްގެ ފުރަތަމަ ދުވަހު އޭނާ ކުލާހަށް ދާން ޖެހޭނީ ތެމި ފޯވެފައިވާ ހާލުގައެވެ.
ދެމީހުން ވާރެއާއި ހިޔާވާން ދުއްވައިގަތެވެ. އެވަގުތު ލޮލުގައި އަޅައިގަތީ ހިޔާކޮއްފައިވާ ބޮޑު ގޭޓެގެވެ. އެތަނަށް ވަން އިރު ހިސާބަކަށް ދެމީހުން ތެމިއްޖެއެވެ. މޫނުމަތިން ފާޅުވަނީ ކަންބޮޑުވުމުގެ އިތުރުން ހާސް ކަމެވެ. ގަޑިއަށް ކޮލެޖަށް ނުދެވިދާނެތީ އެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭގައި މަގު ތަކުގައި ކޯރު ބޮޑުވާން ފެށިއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމަކަށް ފަރުވާލެއް ނެތި މެހެކް އާއި ސާދުނާ ބަލަމުން ދިޔައީ ކޮލެޖް ހުންނަ ދިމާއަށެވެ. އެތައް އިރަކު އޮޓޯ އެއް ލިބޭތޯ ކުރި މަސައްކަތް ވެސް ވީ ބޭކާރެވެ.
އެގޮތުގައި ހާސްވެ ކަންބޮޑުވެފައިވާ ހާލުގައި މެހެކް ހުއްޓާ ކުއްލިއަކަށް އޭނާގެ މޫނަށް ފެންތިކިތަކެއް ބުރަން ފެށިއެވެ. ގޭޓުގެ ތަންކޮޅެއް އެތެރެއިން، މެހެކް އާއި ދާދިގާތުންނެވެ މެހެކް އަށް އަވަސް އަވަހަށް ބަލާލެވުނެވެ.
ޒުވާން ފިރިހެނަކު ތަންކޮޅެއް ފަހަތުގައި ހުރެ އޭނާ ގެ ތެމިފައިވާ އިސްތަށިގަނޑު ގައި ދެކޮޅަށް އަތް ހިންގަމުން ދެއެވެ. އެހިނދު އެ ފެންތިކިތައް މެހެކް ގެ މޫނަށް އައީއެވެ. އޭނާ އެތަނަށް ވަދެ މެހެކް އާއި އެހާ ގާތުގައި ހުރުމުން މެހެކް، ހިސާބަކަށް ހިތް ހަމަ ނުޖެހުނެވެ.
* ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.



V reethi but Haadha lahun up kuraa story eh
v bodah maafah edhen.. v busykoh ulhunu dhuwaskolheh mi dhiyaee, las v ma dhigukoh up kohlaafa ves eyndhy.. Thank you Azuna 🙂
V salhi waiting for the next part
Varah salhi.
Thank u maashy & 6th ?
Vv reethi ma sha allaah.bt knme dhuvahak vs up kohla dhevey thw try kurahche… Ma sha allaah…..☺☺☺☺
thank you Hawwoo… miadhu in sha Allah 6 vana bai up kohladheynan.. 🙂
V V Reethi mi part Ves.. Avahah Up Kohladheythin.. Love you Shafu
Vahaka V Reethi.. Kobaa Miadhu Up Kuraanamey Buni.. Adhives Up Kuraane ireh bala balaa mi ihnany… .. V kiyaahiyvey eba