އިޒްޔާން ހަމަޖެހިލައިގެން އެނދުގެ ފަޑީގައި ލެނގިލިއެވެ. އަދި ފޮތް ހުޅުވާލިއެވެ. ފޮތުގެ ބަނޑޭރި ގަނޑުގައި ލިޔެފައި އޮތް ނަން އިޒްޔާން ކިޔާލިއެވެ.

“މާހީ! އެއީ މަލަކާގެ އަސްލު ނަންބާ؟” އިޒްޔާން އަވަސްއަވަހަށް ގަނޑު އެއްލިއެވެ. ލިޔެފައިހުރި ލިޔުން އެހާ ރީތި ނޫނަސް ކިޔަން އެނގެއެވެ.

**********

—– މަލަކާގެ ޑައިރީ —–

އަހަރެން މިފޮތް ލިޔަންފެށީ ހިތަށް ހަމަޖެހުމެއް ހޯދާށެވެ. ހިތުގެ ޝަކުވާތައް ހިއްސާކުރާނެ މީހަކު ނެތުމުންނެވެ.

މިއަދަކީ އަހަރެންގެ އުމުރުން ފަނަރަ އަހަރުވީ ދުވަހެވެ. އެހެންކުދިންގެ އުފަންދުވަސް ފާހަގަކޮށްދޭނެ ރައްޓެހިން ތިއްބަސް އަހަރެންގެ ރައްޓެހިންނެއް ނުތިބެއެވެ. އަހަރެންގެ ހުންނަނީ ދިހަ އަހަރުގެ ކޮއްކޮއެއް އެކަންޏެވެ. އެކޮއްކޮވެސް އުޅެނީ މާލޭގައިކަމުން ކޮންމެ އަހަރެއް ފުރޭއިރުވެސް އަހަރެންނަށް އެކަނިވެރިކަން އިހުސާސްވާލެއް ވަކިން ބޮޑެވެ.

މި ވޭތުވެދިޔަ ދުވަސްތަކުގައި މިހިތަށް ތަފާތު އެތައް އަނިޔާއެއް ވަނީ ލިބިފައެވެ. ހަމައެކަނި ހިތަކަށް ނޫނެވެ. އަހަރެންގެ ޖިސްމަށް ލިބިފައިވާ އަނިޔާތައް ގުނާ އަދަދު ނުކުރެވޭނެއެވެ. މިހާރު ވީކަމެއްހެން އަދިވެސް އެދުވަސްތައް އަހަރެން ހަނދާން އެބަހުއްޓެވެ. އަހަރެންގެ ހަޔާތަށް އައި އެ ކަޅު ރޭތަކެވެ.

އަހަރެންގެ މަންމަ އަހަރެމެން ގެންގުޅުނީ ވަރަށް ނިކަމެތި ހާލެއްގައެވެ. ފަޤީރުކަމުގެ ސަބަބުން ބަނޑުފުރާނަ މުއްތިކޮށްލެވޭވަރަށް ކާއެއްޗެއް ނުލިބޭތާ ލާނެ އާ އަންނައުނު ފޮތިކޮޅެއްވެސް ނުލިބެއެވެ. އަހަރެމެން ލައި އުޅުނީ މީހުން ލައި ބާކޮށްފައި ހުންނަ އަންނައުނެވެ. ކަނީ ދުވާލުދާ ހަތަރުދަމު މަންމަ މަސައްކަތްކޮށްފައި ގެންނަ ކުޑަކުޑަ ކާއެތިކޮޅު ބަހާލައިގެންނެވެ. މަންމަ މަސައްކަތުގައި އުޅޭ ގަޑީގައި ކޮއްކޮ ބަލަނީ އަހަރެންނެވެ. ކިތަންމެ އުނދަގޫވި ނަމަވެސް މަންމަ ދަސްކޮށްދީފައި ހުންނަ ގޮތަށް ކަންތައްކުރަން މަސައްކަތްކުރަމެވެ. މަންމަ މަސައްކަތަށް ދަނީ ސާގު ފަނި ކައްކާފައެވެ. ބަނޑުހައިވިޔަސް އެއިން އެތިފޮދެއް ބޯލާކަށް ނުކެރެއެވެ. މަންމަ އަންނަންދެން ކޮއްކޮއަށް ދޭންޖެހޭނީ އެކަމަށް ވާތީއެވެ. އެއްރޭ އަހަރެން ބައްޕައާ ބެހޭގޮތުން މަންމައާ ސުވާލުކުރީމެވެ. އަހަރެންނަށްވެސް ކުދިން އެކުދިންގެ ބައްޕައާއެކު އުޅޭތަން ފެނެއެވެ. ބައްޕަ ކައިރީގައި ހުންނަނަމައޭ ކިތަންމެ ފަހަރަކު އަހަރެންގެ ހިތަށްވެސް އަރައެވެ.

“މާހީގެ ބައްޕަ ހުރިނަމަ ފެނުނީހެއްނު.” ކޮއްކޮ ނިންދަވަން އުނދޯލީގައި އޮވެފައި މަންމަ ބުނެލިއެވެ. އެއަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައިވެއެވެ. އޭރު އަހަރެންގެ އުމުރުން ހަތް އަހަރެވެ. އެހެންކަމުން މަންމަގެ ގިނަ ވާހަކަތަކެއް އަހަރެންނަކަށް ނުވިސްނެއެވެ. މަންމަ ބުނީ ބައްޕަ އަހަރެމެން ދޫކޮށްފައި ދިޔައީ ކަމަށެވެ. އަދި ދުވަހަކުވެސް އެނބުރި ނާންނާނެ ކަމަށެވެ. އެރޭ އަހަރެން ވަރަށް ދެރަވިއެވެ.

އެއްދުވަހު ހެނދުނު މަންމަ އަހަރެންނަށް ގޮވާފައި ބުނީ މިއަދު މަންމަ ބަލިވެ އުޅޭ ކަމަށެވެ. އަދި ސޭޓު ޤާދިރު ގާތަށް ގޮސް މަންމަ ބަލި ވާހަކަ ބުނުމަށެވެ. އެވާހަކަ ބުނެފައި މަޑުނުކޮށް އަވަހަށް ގެއަށް އައުމަށެވެ. އަހަރެން ކިތަންމެ އުމުރުން ކުޑަނަމަވެސް ހުންނަނީ އުމުރަށްވުރެ ބޮޑުކޮށެވެ. މަންމަ އަހަރެންނަށް އަންގާފައި އޮންނަނީ ކޮއްކޮ ގޮވައިގެންވެސް ގެއިން ބޭރަށް ނުނުކުތުމަށެވެ.

އަހަރެން އެގެއަށް ދިޔައިރު ސޭޓު ގެއަކު ނޫޅެއެވެ. ދެން އަހަރެން ދިޔައީ އޭނާގެ ސައި ހޮޓަލަށެވެ. އެއީ އަހަރެންގެ މަންމަ މަސައްކަތް ކުރާތަނެވެ. އެތާވެސް ނޫޅޭތީ ދެން އަހަރެން ދިޔައީ އޭނާގެ ފިހާރައަށެވެ. އޭނާ ފިހާރައިގައި އެބައުޅޭކަމަށް އެތަނުގައިހުރި މީހަކު ބުނުމުން މަންމަ ބުނި ވާހަކަ ސޭޓު ގާތު ބުނުމަށް އަހަރެން އެދުނީމެވެ. އެމީހާ ބުނީ އަހަރެން ގޮސް އެވާހަކަ ބުނުމަށެވެ. އަހަރެން ބިރުންހުރެ އެތެރެއަށް ވަނީމެވެ.

“އަނހާ މާހީ! ކިހިނެއްވީ؟ މަންމަ ހޯދަންތަ؟” ސޭޓު ވަރަށް އޯގާތެރިކަމާއެކު އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އެފިރުމުމުން އަހަރެންނަށް އުނދަގޫވިއެވެ. ބޮލުން ފެށިގެން ގޮސް ބުރަކަށިންލާފައި ހުސްކޮށްލިއެވެ. މިގޮތަށް ހައެއްކަ ފަހަރު ހަދާފައި ފިހާރައިން ދެޗޮކްލެޓްވެސް ދިނެވެ. އަހަރެން ހަނދާންވީ މަންމަ ބުނި ވާހަކައެވެ. މަންމަ ބަލި ވާހަކަ ބުނެފައި އަހަރެން ދުއްވައިގަތީ ގެއަށް ދާށެވެ. ޗޮކްލެޓްވެސް ނުލައެވެ. އޭރު އަހަރެންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.

“ޤާދިރު ގޮތެއް ހެދިތަ؟” އަހަރެން ނޫނެކޭ ބުނީމެވެ. އެރޭ ނިދަން އޮތްއިރުވެސް އަހަރެންގެ ސިކުނޑީގައި އުފެދިފައިވަނީ އެންމެ ސުވާލެކެވެ. އަހަރެން އައިސް ގެއަށް ވަތްއިރަށް މަންމަ އެހެން އެއެހީ ކީއްވެބާއެވެ. ދުވަހަކުވެސް މަންމަ ފިޔަވައި އިތުރު މީހެއްގެ ފިރުމުން ނުލިބޭތީ ސޭޓު ފިރުމާލުމުން އުނދަގޫވީއޭ ހިތަށް އެރިއެވެ. މަންމަ ކިޔައިދީފައިވެސް ނެތުމާއެކު، އަހަރެންގެ ޅަ ސިކުނޑިއަށް ވާނުވާ ދެނެގަންނަން އޭރު އުނދަގޫވިއެވެ.

މަންމަ ބަލިވެ އުޅޭތާ ދެތިން ދުވަސް ވެއްޖެއެވެ. މިވީ ދުވަސްތަކުގައި މަންމަ މަސައްކަތަށް ނުދާތީ ކާނެ އެއްޗެއް ނުލިބެއެވެ. ހެނދުނު ހޭލިއިރު ބަނޑުހައިވެފައި ހުރިވަރުން ބަދިގެއަށްވަދެ ކާއެއްޗެއް ހުރިތޯ ހާވާލީމެވެ. ކުއްލިއަކަށް ކޮއްކޮ ރޯންފެށި އަޑުއިވުމުން ބޭރަށް ނުކުތްއިރު ފެނުނު މަންޒަރުން އަހަރެންނަށްވެސް ރޯން ފެށުނެވެ. މަންމަ އޮތީ ގޭތެރެއަށް ވެއްޓިފައެވެ. އަހަރެން ދުވެފައި ގޮސް މަންމައަށް ގޮވަން ފެށީމެވެ. އެހާ ކުޑައިރު ހަދާނެ ގޮތެއް ނުވިސްނެއެވެ. އަހަރެންނަށްވެސް ރޮމުން މަންމައަށް ގޮވުން ނޫންކަމެއް ނުކުރެވުނެވެ. މަންމައަށް ގޮވަމުން ރޯއަޑަށް މީހަކު އައެވެ. އޭނާ މަންމަ ހޮސްޕިޓަލަށް ގެންގޮސްދިނެވެ. ކޮއްކޮ ގޮވައިގެން އަހަރެންވެސް ދިޔައީމެވެ. މަންމައަށް ވީކީއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. އިރުކޮޅަކުން މަންމަ ލޯހުޅުވާލިއެވެ. އަހަރެމެންނަށް އުފަލުން މަންމަ ގައިގައި ބައްދާލެވުނެވެ.

ހޮސްޕިޓަލުން މަންމަ ދޫކޮށްލި ދުވަހުގެ ރޭ މަންމަ އަހަރެން ގެނެސް އުނގުގައި ބައިންދައިގެން ވަރަށް ގިނަ ވާހަކަތައް ކިޔައިދިނެވެ. އޭގެ ތެރޭގައި ބައްޕަގެ ވާހަކަތައްވެސް ކިޔައިދިނެވެ. އެއިން ގިނަ ވާހަކަތައް ހަނދާނެއް ނެތެވެ. ނަމަވެސް އެއްވާހަކަ އަބަދުވެސް ހަނދާނުގައި ހަރުލާފައި ހުރެއެވެ. ކޮންމެފަދަ ހާލެއްގައިވެސް ކޮއްކޮ ރަނގަޅަށް ބެލެހެއްޓުމަށް މަންމަ ތަކުރާރުކޮށް ބުންޏެވެ.

ދުވަސްތަކަކަށްފަހު އަނެއްކާވެސް މަންމަ ބަލިވެއްޖެއެވެ. މިފަހަރު މަންމަ ހޮޑުލާތަންވެސް ފެނެއެވެ. ނުވެސް ތެދުވެވެއެވެ. އަހަރެންގެ އުމުރުން އޭރު ހަތް އަހަރެވެ. ބަނޑުހައިވެގެން ކޮއްކޮ ރޮނީއެވެ. މަންމަ ގާތުގައި ބަނޑުހައިވާ ވާހަކަ ބުނުމުން މަންމަ ރޯންފެށިއެވެ. އެތަން ފެނި ދެރަވިވަރުން އަހަރެންނަށްވެސް ރޮވުނެވެ. ކޮންމެ ގޮތަކުންވެސް ކައްކަން އަހަރެން ނިންމީމެވެ. އެތައްއިރަކު އުޅެގެން އުނދުން ރޯކުރެވުނެވެ. ތެއްޔަކަށް ސާގުކޮޅެއް އަޅާފައި ފެން އެޅީމެވެ. ދެން އުނދުންމައްޗަށް އުދާފައި ގޮސް ރޮއިރޮއި ހުރި ކޮއްކޮ ގޮވައިގެން އައިއިރު ތެލި އޮތީ އުނދުން ތެރެއަށް ބަންޑުންވެފައެވެ. އެހާ ބަނޑުހައިވެފައި ހުއްޓާ އެންމެފަހުން ހުރި ސާގުކޮޅުވެސް ބަންޑުންވުމުން ވަރަށް ރޮވުނެވެ. މަންމަ ގާތަށް ގޮސް ޝަކުވާކުރަން ފެށުމުން މަންމަ އެއްޗެއް ނުބުނެ އޮތެވެ. އަހަރެންނާ ކޮއްކޮ އެދުވަހު ތިބީ ބަނޑަށެވެ. ބަނޑުހައިވުމުން ފެންފޮދެއް ބޯލަނީއެވެ. ކޮއްކޮއަށް ރޮއިރޮއިފައި ވަރުބަލިވެގެން ނިދުނު ނަމަވެސް އހަރެންނަކަށް ނުނިދުނެވެ.

ޖެހިގެން އައި ދުވަހު މަންމައަށް ނޭނގި އަހަރެން ޤާދިރުބެ ގާތަށް ދިޔައީމެވެ. އޭނަ ގާތުން އެހީއަކަށް އެދުމުން، އޭނަ އަހަރެންގެ އަތުގައި ހިފައިގެން ގޮސްވަނީ ކޮޓަރިއަކަށެވެ. އަދި ވޮލެޓުން ފަސް ރުފިޔާގެ ގަނޑުތަކެއް ނަގާ ދައްކާލިއެވެ. އަހަރެންނަށް ހިންދިރުވާލެވުނެވެ. މަންމަ އޮތް ހާލުގެ އިތުރުން އަހަރެންނާއި ކޮއްކޮ ބަނޑަށް ތިބިކަން ހަނދާންވުމުން ލޮލުން ކަރުނަ އޮހިގަތެވެ. އަހަރެން ރޯތަން ފެނުމުން ޤާދިރުބެ އައިސް ކަރުނަ ފޮހެލާފައި ބުނީ ޅާރި ދެވޭނީ އޭނަ ބުނާ ކަމެއް ކޮށްދިނުމުން ކަމަށެވެ. އެވަގުތު ކޮންމެކަމެއް ކޮށްގެން ނަމަވެސް ލާރިކޮޅު ބޭނުންވެއެވެ.

ޤާދިރުބެ ބުނީ އޭނާގެ ފައިގައި ތެޔޮފޮދެއް އުނގުޅާލަދިނުމަށެވެ. އަހަރެން އޭނަ ބުނި ތަނުގައި ތެޔޮ އުނގުޅަން ފެށީމެވެ. އޭރުވެސް އޭނަގެ އަތުގައި ފައިސާގެ ގަނޑުތައް ހުއްޓެވެ. އަހަރެން ތެޔޮ އުނގުޅާވަރަށް އޭނަ އަހަރެންގެ ގައިގެ އެތަން މިތަނުގައި އަތް އުނގުޅަމުންދެއެވެ. ކިތަންމެ އުނދަގޫވިޔަސް ކެތްކޮށްލުން ނޫންގޮތެއް ނެތެވެ. އަހަރެންގެ އުމުރުގެ ހަގުކަމުން މިކުރެވޭ ކަމެއްގެ އަސްލު ދެނެގަނެވޭ ގޮތެއް ނުވިއެވެ. ފުދޭވަރަކަށް ގިނައިރު ވީފަހުން މީހަކު ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ޤާދިރުބެ އަވަސްއަވަހަށް މުންޑު ތިރިކޮށްލާފައި އަތް ފޮހެން ބުންޏެވެ. ދޮރުން އެތެރެއަށް ވަނީ ޤާދިރުބެގެ އަންހެނުންނެވެ. ޤާދިރުބެ އަހަރެން އަތަށް ލާރިކޮޅު ދިނުމުން އަހަރެން އަވަހަށް ދުއްވައިގަތީ ގެއަށް ދިއުމަށެވެ.

ފިހާރައިން ކާއެއްޗެހި ގަނެގެން ގެއަށް ދެވުނުއިރު ބަނޑުހައިވެގެން ކޮއްކޮ ރޮނީއެވެ. އަހަރެން ކޮއްކޮއަށް ކާންދީފައި ދިޔައީ މަންމަ ގާތަށެވެ. އަހަރެން ދިޔައިރު މަންމަ އޮތީ އެނދުގައި ދެލޯ މަރާލައިގެންނެވެ. އަހަރެން މަންމައަށް ގޮވާލީމެވެ. ދެތިން ފަހަރު ގޮވާލުމުންވެސް ޚަބަރެއް ނުވުމުން އަހަރެންނަށް ރޯން ފެށުނެވެ. މަންމަގެ ގައިމަތީ އޮވެގެން ރޮމުން ދިޔައިރުވެސް މަންމަ ލޮލެއް ނުހުޅުވިއެވެ. މަންމަ ލޯ ނުހުޅުވުމުން އަހަރެން ބޭރަށް ނުކުމެ ޖެހިގެންހުރި ގެއަށް ވަދެ މަންމަގެ ވާހަކަ ބުނީމެވެ.

އިރުކޮޅަކުން އެގޭ ބޭބެއާއި ދައްތަ އައެވެ. އެމީހުން އައިސް ބަލާފައި ބުނީ މަންމަ މިދުނިޔެއިން ވަކިވެއްޖެކަމަށެވެ. ދެން ދުވަހަކުވެސް މަންމަ ލޯ ނުހުޅުވާނެ ކަމަށެވެ. އަހަރެންނަށް މަންމަ މަރުވީކަން ޤަބޫލެއް ނުކުރެވުނެވެ. މަންމަ ނެތް ދުނިޔެއެއްގައި އަހަރެމެން ދެބޭން އުޅޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންނަށް އަނެއްކާވެސް ރޮވުނެވެ. ލޮލު ކަރުނަ ހިފޭނީ ކޮންދުވަހަކުންބާއޭ ހިތަށް އަރައެވެ. މަންމަ ވަޅުލީއިރު އަހަރެންނާ ކޮއްކޮއެއް ނުގެންދެއެވެ. އަހަރެމެން ގެންދިޔައީ އެހެން ގެއަކަށެވެ. އެއީ އަހަރެންގެ މަންމަ ފަރާތު ބޮޑުދައިތަގެ ގެއެވެ.

އެއީ ބޮޑުދައިތަކަން އެނގުމުން އަހަރެން އުފާވިއެވެ. މަންމަ ނެތަސް މަންމަފަދަ އަޅާލާ ދައްތައެއް ލިބުނީމައެވެ. ބޮޑުދައިތަ އަހަރެންނާ ކޮއްކޮ ނިދަން ހަމަޖެއްސީ ހަދަން ފަށާފައިވާ ކޮޓަރިއެކެވެ. ރާނާފައި ހުރިނަމަވެސް ސިމެންތި ނުޖަހާހުރި ތަނެކެވެ. ވަގުތީ ގޮތުން ދޮރެއްލައި ތަޅުލެވޭނެގޮތް ހެދިއެވެ. ނިދަންހުރީ ފިލާ އެނދެކެވެ.

ބޮޑުދައިތަ އަހަރެމެންނަށް ވަރަށް ހެވެވެ. ކާންދެއެވެ. ކޮއްކޮ ފެންވަރުވާ ރީތިކޮށްދެއެވެ. އަހަރެން އެންމެ އުފާވީ މީރު ކާއެއްޗެހި ލިބޭތީއެވެ. ނިދަން އުނދަގޫވީ ފިނިވާނެ ގޮތެއް ނެތީމައެވެ. ކުރިންވެސް އަހަރެމެން ނިދީ ފަންކާއިން ފިނި ލިބިގެންނެއް ނޫނެވެ. ނަމަވެސް މަންމަ އުނދޯލި ހެއްލައިގެން ފިނިކޮށްދެއެވެ. މަންމަ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންނަށް ވަރަށް ރޮވެއެވެ. ކޮއްކޮއަށް ނުނިދޭތީ ބޮޑުދައިތަ އަހަރެމެން ކޮޓަރީގައި ފަންކާއެއްލިއެވެ. އެހެންކަމުން ނިދަން ވަރަށް ވަރަށް ފަސޭހަވިއެވެ. އަލިކޮށްދޭނެ ފުޅިބައްތިއެއް ހުންނާތީ އަނދިރިވެގެން ބިރުގަންނާކަށް ނުޖެހެއެވެ.

ދުވަސްތަކަކަށްފަހު ކުލަވަރު ބަދަލުވިއެވެ. އަހަރެންގެ ކޮޓަރިއަށް ކޮންމެ ރެއަކު މީހަކު ވަންނަކަހަލަ އިހުސާސެއް ކުރެވެން ފެށިއެވެ. އަހަރެންނަށް ހޭލެވެނީ ކޮންމެވެސް މީހަކު އަހަރެންގެ ގައިގައި ބީހޭހެން ހީވެގެންނެވެ. ހޭލެވޭއިރު ލައިގެން އޮންނަ ހެދުން އޮންނަނީ މެޔާއި ހަމައަށް އަރާފައެވެ. މިކަން ތަކުރާރުވާން ފެށުމުން އަހަރެން ބޮޑުދައިތަ ގާތު ބުނީމެވެ. ބޮޑުދައިތަ ބުނީ އަހަރެންނާ ބެހޭނެ ފިރިހެނެއް މިގެއަކު ނުހުންނާނެ ކަމަށެވެ. އެއީ އަހަރެންނަށް ހީވާގޮތް ކަމަށާއި އެކަހަލަ ވާހަކަ ނުދެއްކުމަށެވެ. އެރޭ އަހަރެން ވަރަށް ދެރަވިއެވެ. މަންމަ މަތިން ވަރަށް ހަނދާންވިއެވެ. މަންމަ ހުރިނަމައޭވެސް ހިތަށްއެރިއެވެ. އެރޭ އެއްގޮތަކަށްވެސް އަހަރެންނަކަށް ނުނިދުނެވެ. ނަމަވެސް އެރޭ އެމީހެއްގެ އުނދަގުލެއް ނުވެއެވެ. އެހެންކަމުން އަހަރެންވެސް ނިންމީ އެއީ އަހަރެންނަށް ހީވިގޮތެއް ކަމަށެވެ.

**********

“ޔާން! ޔާން!” އަޒްފާ ދޮރުގައި ޓަކިޖަހަމުން އިޒްޔާންއަށް ގޮވަމުންދިޔައެވެ. ފޮތުގެ ތެރެއަށް ގެއްލިފައި އިން އިޒްޔާން ދިޔައީ ސިއްސައިގެންނެވެ. މި ހުޅުވަނީކަމުގައި ބުނިއިރު އެއަޑުގައި ކުރަކިކަމެއް ހުއްޓެވެ. ފޮތް ލައްޕާލުމަށްފަހު ބާލީސް ދަށަށްލިއެވެ. އެއަށްފަހު ލޮލުގައި ގިނަވެފައިހުރި ކަރުނަތައް ފޮހެލާ މޫނުމަތި ރީތިކޮށްލިއެވެ. ފޮތުގެ ޞަޕުހާތައް ކިޔަމުންދިޔައިރު ކިތަންމެ ފަހަރަކު ހުއްޓާލިއެވެ. ހިތަށް ލިބެމުންދަނީ ބަޔާންކުރަންދަތި ވޭނެކެވެ. ފަޤީރުކަމުގައި ހުރި ހިތްދަތިކަމެއް މީގެކުރިން އިޒްޔާންއަކަށް ނޭނގެއެވެ. އެނދުން ތެދުވެގެން ދޮރު ހުޅުވަން ދާން ހިނގައިގަތް ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ، ފޮށިގަނޑު ހޫރާލި ވަގުތު އެފޮށިގަނޑުން ވިއްސައިގެން ގޮސްފައިހުރި އެއްޗެހިތަކެވެ. އަވަސްއަވަހަށް އެއެއްޗެހިތައް ހޮވާ ފޮށިގަނޑަސް އަޅާލާފައި އަވަސްއަވަހަށް ގޮސް ދޮރު ހުޅުވިއެވެ.

“މިހުޅުވަނީއޭ ބުނެފަ ކީއްތަ ތިކުރީ؟” އަޒްފާ އެހެން އެހުމުން އިޒްޔާން ހާސްވާގޮތްވިއެވެ.

“ހޫމްް. ދެންވެސް ދެންވެސް އަވަސްކުރޭ ނަމާދުކޮށްގެން އެއާރޕޯޓަށް ދާން. ފަސްގަޑި ބައިގަ ޗެކިން ފެށޭނެ.” އަޒްފާ އެހެން ބުނެފައި ދިއުމުން އިޒްޔާން އަވަސްއަވަހަށް ފޮށިގަނޑުގައި ހުރި އެއްޗެހިތަކާއި ބާލީސް ދަށަށްލީ ފޮތް ނަގާ އޭނާގެ ފޮށްޓަށްލިއެވެ. އެއަށްފަހު ނަމާދުކޮށްލާ ތައްޔާރުވެލައިގެން ބޭރަށް ނުކުތެވެ.

މިހާރު އިޒްޔާންއަށް އެންމެ މިނެޓެއްވެސް ހީވަނީ ގަޑިއިރެއްހެންނެވެ. އެފޮތުގައި ދެން ލިޔެފައި އޮތީ ކޮން އެއްޗެއްތޯ ކިޔާލަން ބޭނުންވަނީއެވެ.

“މަލަކާއަށް އެގޯނާކުރީ ކާކުބާ؟ އެއީ މަލަކާއަށް ހީވި ގޮތެއްބާ؟ މަލަކާގެ ބައްޕަ ކޮބައިބާ؟” މިފަދަ އެތައް ސުވާލެއް އިޒްޔާންގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. މަލަކާ އެހާ ކުޑައިރު އުފުލާފައިވާ ބުރަ ހިތަށްއެރުމުން އިޒްޔާން ވަރަށް ދެރަވިއެވެ. ދަތުރު ދިގުވެގެންދާތީ އިޒްޔާން އިނީ ފޫހިވެފައެވެ. ފްލައިޓް ޑިލޭވުމާއި ގުޅިގެން އިޒްޔާންގެ ހިތް އިތުރަށް ނުތަނަވަސްވިއެވެ.

އިޒްޔާންއަށް މާލެ ދެވުނުއިރު މެންދުރުވުމާ ގާތްވެއްޖެއެވެ. ގެއަށް ވަދެވުމާއެކު އިޒްޔާން ބެލީ އަވަހަށް ކޮޓަރިއަށް ދެވޭތޯއެވެ. ކޮޓަރިއަށް ވަދެ ފޮށި ބެހެއްޓުމަށްފަހު ފޮތް ނަގައިގެން ގޮސް އެނދުގައި ޖައްސާލިއެވެ.

**********

ޖެހިގެން އައިރޭ އަހަރެންނަށް ނުނިދެނީސް ދޮރު ހުޅުވޭތަން ފެނުނެވެ. ބަލަން އޮއްވާ މީހަކު އެތެރެއަށް ވަނެވެ. ފިރިހެނެއްކަން އެނގުނުނަމަވެސް މޫނަށް އަނދިރި އެޅިފައި ހުރުމުން އެއީ ކާކުކަމެއް ނޭނގުނެވެ. އަހަރެން ކާކުހޭ އެހުމުންވެސް އެމީހަކު އަނގައަކުން ނުބުންޏެވެ. އެމީހަކު ގާތަށް އަންނަ ވަރަކަށް އަހަރެންނަށް ބިރުވެރިކަން އިހުސާސްވާން ފެށިއެވެ. އިރެއްއިރަކަށްވުރެ ގާތްވަމުން އައިސް އަހަރެން އޮތް އެނދުގެ ކައިރިއަށް ހުއްޓުނު މީހަކީ ދެވަނަ އެހެން މީހެއްނޫނެވެ. އެއީ ބޮޑުދައިތަގެ ފިރިމީހާއެވެ. އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. އަދި އަވަސް ނޭވާތަކެއް ލެވެން ފެށުނެވެ. އެވަގުތު އޭނާ އަހަރެންގެ އަނގައާއި ނޭފަތާއެކު ފއެއްޗެއްއަޅާ ނޭވާ ބަންދުކޮށްލިއެވެ. އަހަރެން ސަލާމަތްވާން ތެޅިފޮޅުނީމެވެ. އިރުކޮޅަކުން ދެލޯ މެރިއްޖެއެވެ. ދެން ވީގޮތެއް އަހަރެންނަކަށް ނޭނގެއެވެ.

އަހަރެންނަށް ހޭލެވުނީ ހެނދުނުއެވެ. މުޅި ހަށިގަނޑަށް އުނދަގޫ ގޮތެއްވެފައި ހުރިކަން އެނގުނެވެ. ގައިގެ އެތަންމިތާ ރިއްސައެވެ. ބޭބެ އަހަރެންނަށް ހެދީ ކިހިނެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ކިތަންމެ ރިއްސިއަސް ބޮޑުދައިތަ ގާތުގައި ބުނާކަށް ނުކެރުނެވެ. މިގޮތުގައި ރޭތައް ގުނަން ފެށުނެވެ. ކޮންމެ ރެއަކުވެސް އަހަރެންނަށް އެވޭނާއި ކުރިމަތިލާން ޖެހުނެވެ.

މިގޮތުގައި ހަފްތާއެއް ވީއިރު އަހަރެންނަށް ތަނެއްގައި އިށީންނަންވެސް ނުކެރެއެވެ. ހިނގާލަންވެސް އުނދަގުލެވެ. ކުޑަކަމުދާއިރު ތަދުވެފައި ދަށްބަނޑު ހުންނަނީ ދުޅަވެފައެވެ. އަހަރެން އުޅޭގޮތުން ސަލްމާއްތަ ސުވާލުކުރިއެވެ. އަހަރެން ސަލްމާއްތަ ގާތު އެވާހަކަ ބުނީމެވެ. ސަލްމާއްތައަކީ ބޮޑުދައިތަގެ ދޮށީ ފިރިހެންދަރީގެ އަނބިމީހާއެވެ. މިގޭގައި އުޅޭ ފަސް އަންހެނުންގެ ތެރެއިން އަހަރެންނަށް އެންމެ ހެޔޮ މީހަކީ ސަލްމާއްތައެވެ.

ޖެހިގެން އައިރޭ އަހަރެން ނިދަން އޮއްވާ ބޮޑުދައިތަ އައިސް އަހަރެންގެ އަތަށް ފިތާލަމުން ބުނި ބަސްތައް އަދި އަދަށް ދާންދެންވެސް އަހަރެންގެ ހިތަކުން ފިލައިގެނެއް ނުދެއެވެ. ބޮޑުދައިތަ ބުނީ ދެވަނަ ފަހަރަށް ބޭބެއޭ ކިޔައިގެން އެކަހަލަ ވާހަކައެއް ދައްކައިފިނަމަ ގެއިން ނެރެލާނެ ކަމަށެވެ. އަހަރެންގެ ހިތަށް ވަރަށް ތަދުވިއެވެ. ހިތްދަތިވިވަރުން އަހަރެންނަށް ރޮވިއްޖެއެވެ. އަހަރެން ރޯ ރުއިމަކަށް ނުބަލާ ބޮޑުދައިތަ ނުކުމެގެން ދިޔައީއެވެ. މިދުނިޔޭގައި އަހަރެމެންނަށް އުފަލެއް ނުވަނީބާއޭ ހިތަށްއެރިއެވެ. މަންމަ ދުނިޔޭގައި ނެތްއިރު ބައްޕަ ދުނިޔޭގައި ހުރިކަމެއްވެސް ނެތްކަމެއްވެސް ނޭނގެއެވެ. ޝަކުވާއިން މިހިތް ވަނީ ފުރިފައެވެ. އޯގާތެރި އަތެއްގެ އޯގާތެރިކަމަށް އިންތިހާއަށް ބޭނުންވެފައިވާއިރު، މިބޮޑު ދުނިޔޭގައި އަހަރެމެންނަށް އޯގާތެރިވާނެ ހަމަ އެކަކުވެސް ނެތެވެ.

ޖެހިގެން އައި ދުވަހު ސަލްމާއްތަ ހޫނު ފެނުން ބޮނޑިތާން ކޮށްދިނުމުން ހަށިގަނޑަށް ވަރަށް ފަސޭހަވިއެވެ. ހަށިގަނޑުގައި އަޅަމުންދާ ވޭން ވަރަށް ލުއިވިއެވެ. މިގޮތަށް ހައެއްކަ ދުވަހު ބޮނޑިތާން ކޮށްދިނެވެ. ސަލްމާއްތަގެ އެ އޯގާތެރިކަން ލިބުމުން ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބުނެވެ.

އަހަރެން ބޮޑުވަމުން ދާވަރަކަށް އަހަރެންގެ ހަށިގަނޑަށް ފިރިހެނުންގެ ނަޒަރު އަމާޒުވާކަން އަހަރެންނަށް އެނގެއެވެ. ބޭރު މީހުން އެކަންޏެއް ނޫނެވެ. ގޭގައި އުޅޭ ގިނަ ފިރިހެނުންގެ ނަޒަރުން އަހަރެންނަށް އުނދަގޫވެއެވެ. ގޭތެރޭ އުޅޭއިރު ކޮންމެވެސް ގޮތަކުން އެމީހުން އަހަރެން ގައިގައި ކޭއްތިލާނެއެވެ. އެއްޗެއް ގެނެސްދީފިނަމަ އަތުގައި ނުހިފައި އެއެއްޗެއްގައި ހިފޭ ކަމަކަށް ނުވެއެވެ. އެކިއެކި ކަންކަމު ކިޔައިގެން އަހަރެން އެމީހުންގެ ކޮޓަރިތަކަށްވެސް ގެންދަންފެށިއެވެ. މިހުރިހާ ކަމަކުން އަހަރެންނަށް އުނދަގޫވެއެވެ. އެހެންކަމުން ގިނައިން އަހަރެން އުޅެނީ ކޮޓަރީގައެވެ. ބޮޑުދައިތައާއި ގޭމީހުން ބުނާ ކަންތައް ކޮށްލަދީފައި އަވަހަށް އައިސް ކޮޓަރިއަށް ވަންނަނީއެވެ.

ކޮއްކޮގެ ހުރިހާ ކަމެއް ބޮޑުދައިތަ ކޮށްދޭތީ އަހަރެން އެކަމާމެދު ވިސްނާކަށް ނުޖެހެއެވެ. ބޮޑުދައިތަ ކޮއްކޮ ބަލައިދޭތީ އަހަރެން އަބަދުވެސް އެކަމާ ޝުކުރުވެރިވަމެވެ. އޭގެ އިތުރުން އެގޭ ހުރިހާ ކުދިންވެސް ވަރަށް ރަނގަޅެވެ. އެކުގައި ކުޅެންވެސް ކުޅެއެވެ. ނަމަވެސް މަސައްކަތާހެދި އަހަރެންނަށް އެކުދިންނާއެކު ކުޅެލަންވެސް ދެވެނީ މަދު ފަހަރަކުއެވެ.

ކޮންމެ ރެއަކު ނިދީގައި ސިއްސަ ސިއްސައިގެން ހޭލެވޭތީ އަހަރެންނަކަށް ހަމަ ނިންޖެއް ނުލިބެއެވެ. އަބަދުވެސް ކޮޓަރީގައި މީހަކު އުޅޭހެން ހީވެއެވެ. ނަމަވެސް ބޭބެ ރަށުގައި ނުހުންނަ ރޭރޭ އެއުނދަގުލެއް ނުވެއެވެ. އެހެންކަމުން އެފަދަ ރޭރޭ އަރާމުކޮށް ނިދާލެވެއެވެ. ބޭބެ ރަށަށް އައިސްފިނަމަ އަހަރެން ހުންނަނީ ބިރުން ސިހިސިހިއެވެ. ބޭބެ އެ ބަލާލާ ގޮތުންވެސް އަހަރެންގެ އަތްފައިގެ ލޯލިތައް ކޮޅަށް ޖެހިގެންދެއެވެ.

ބޭބެގެ އަނިޔާތައް ތަހައްމަލުކުރާތާ އަހަރުތަކެއް ވީއިރުވެސް މީހެއް ގާތުގައި އަހަރެން އެވާހަކައެއް ނުދައްކަމެވެ. އެވޭނާއި ކެކުޅުން އަހަރެންނަށް ލިބެމުންދަނީ ހޭހުންނަ ހާލުގައި ނޫންކަމުން ބޭބެ އަހަރެންނަށް ކުރަނީ ކޮންކަހަލަ ގޯނާއެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. ބޭބެގެ ފަރާތުން ލިބޭ އަނިޔާތައް ލިބެނީ ރޭގަނޑު އެންމެން ނިދީމައެވެ. ދުވާލު ބޭބެގެ ކިބައިން އެފަދަ އެއްވެސް އަމަލެއް ނުފެނެއެވެ. ކޮންމެ ރެއަކު އެވޭން ތަހައްމަލުކުރަން ޖެހޭތީ އަހަރެން ބޮޑުދައިތަގެ ގެއިން ނުކުންނަންވެސް ބޭނުމެވެ. ނަމަވެސް ކޮއްކޮގެ މުސްތަޤުބަލަށްޓަކައި މިގޮތުގައިވެސް ކެތްކުރަން މަޖުބޫރުވިއެވެ.

ބޮޑުވަމުން އަންނަ ވަރަކަށް އަހަރެންނަށްވެސް ވިސްނެންފެށިއެވެ. ގޭތެރޭގެ ކަންތައްތައް ދާގޮތްވެސް އެނގެންފެށިއެވެ. ބޮޑުދައިތައަށް ބޭބެ އަހަރެންނާ ބެހޭކަން އެނގެއެވެ. ނަމަވެސް ދުނިޔޭގެ ލަދާއިއެކު މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު ދަރިންނާއި ވަކިވާން ބޭނުންނުވާތީ އެއްޗެއް ނުބުނެ ހުންނަނީކަން އަހަރެންނަށް އެނގުނެވެ. އަހަރެންވެސް ބޮޑުދައިތަގެ އާއިލާ ރޫޅޭކަށް ނޭދެމެވެ. އެހެނެއްކަމަކު ތާއަބަދު މިވޭން ތަހައްމަލުކުރާހާ ހިތްވަރެއް އަހަރެންގެ ކިބައަކު ނެތެވެ.

އެއްދުވަހަކު އަހަރެން ކާގޭގައި ތަށި ދޮންނަން ހުއްޓާ މީހަކު އައިސް އަހަރެންގެ ފަހަތުން ބައްދާލިއެވެ. ސިހުނު ވަގުތު ބާރަކަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ދޮންނަންހުރި ތަށިވެސް ވެއްޓި ތަޅައިގެން ދިޔައެވެ. އެއަޑަށް ގޭތެރޭގައި އުޅުނު ސަލްމާއްތައާއި ނުޒުހާއްތަ އައެވެ. ރޯ މަހެއްހެން ތެޅެމުން ގޮސް ބިންމައްޗަށް ތިރިވެވުނެވެ.

“މާހީ! ހަމަޖެހިބަލަ! މީ ސަލްމާއްތައޭ.” ސަލްމާއްތަ އައިސް އަހަރެން އޭނަގެ ގަޔާލާ ބޮނޑިކޮށްލަމުން ބުނެލިއެވެ. އޭރުވެސް އަހަރެންގެ ހިތް ހީވަނީ ބޭރަށް ނުކުމެދާނެހެންނެވެ.

“އަސްލަމް! ކިހިނެއްވީތަ؟” ދެންމެ އަހަރެންގެ ގައިގައި ބައްދައިގަތް މީހަކީ އަސްލަމްބެކަން އަހަރެންނަށް އެނގުނީ ނުޒުހާއްތަ އެހެން އެހުމުންނެވެ. ކުރިންވެސް އަސްލަމްބެ އައީ އަހަރެންނަށް ކުދިކުދި ގޯނާ ކުރަމުންނެވެ. ނަމަވެސް ދުވާލުގެ ވަގުތު، މިފަދަ ހާމަ ތަނެއްގައި މިފަދަ ގޯނާއެއް ކުރި މީ ފުރަތަމަ ފަހަރެވެ.

“އެއީ… އެއީ ކުރަތްޕެއް ފެނިގެން.” އަސްލަމްބެ އެހާ ފަސޭހައިން ދޮގެއް ހަދާލުމުން އަހަރެން ހައިރާންވިއެވެ. ނުޒުހާއްތަވެސް އެވާހަކަ ޤަބޫލުކޮށްލައިގެން ދިޔައީއެވެ. އެވަގުތު އެއްޗެއް ބުނާކަށް އަހަރެންގެ ހާލަތު ތަނެއް ނުދިނެވެ. ސަލްމާއްތަ އަހަރެން ކޮޓަރިއަށް ގެންގޮސްދިނެވެ. އެރޭ އަހަރެންނަށް އެއްގޮތަކަށްވެސް ނުނިދުނެވެ. ހީވަނީ ހަމަ ދެންމެދެންމެ އަސްލަމްބެ ދޮރު ހުޅުވާލަފާނެހެންނެވެ. ނަސީބަކުން އެރޭ އެއްވެސް މީހެއްގެ އެއްވެސް ކަހަލަ އުނދަގުލެއް ނުފޯރައެވެ.

ތަފާތު އެތައް ގޯނާއަކާއެކު ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެންގެ އުމުރުން ދިހަ އަހަރު ވެއްޖެއެވެ. އަހަރެންގެ ފަން ދިގު އިސްތަށިގަނޑު ރީތިވެގެން އެކި އުމުރުގެ ފިރިހެންނާއި އަންހެނުންވެސް އުޅެއެވެ. ބައެއްފަހަރު އެމީހުން އެކުރާ ތަޢުރީފު އަޑު އިވުމުންވެސް އަހަރެން ފޫހިވެއެވެ. އަހަރެންނަށް ހީވަނީ އެއެންމެން އަހަރެންނަށް މަލާމާތް ކުރާހެންނެވެ. އުމުރަށްވުރެ ދޮށީކަމަށް ދައްކާތީ ގިނަ ބައެއް ޝައްކުގެ ނަޒަރުންވެސް އަހަރެންނަށް ބަލައެވެ. އަދި އަހަރެންނޭ ކިޔައިގެން ތަފާތު ވާހަކަތައް ދައްކައެވެ. ބައެއްމީހުން އަހަރެން ގާތުވެސް އެހެން އަހައެވެ. އަހަރެންގެ ޖަވާބަކީ ހަމައެކަނި “ނޫނެކޭ” އެވެ. މިހުރިހާ ކަމެއްގެ ތެރެއިންވެސް އަހަރެން އެންމެ ދެރަވީ ރީޝާ އަހަރެންނާ ވާހަކަނުދައްކާތީއެވެ. އޭނާގެ މަންމަ އަންގައިގެން އޭނާ އަހަރެންނާ ވާހަކަދެއްކުން ހުއްޓާލީއެވެ. ރީޝާ އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ނަމަވެސް އަހަރެންނަށް ލިބޭ އަނިޔާގެ ވާހަކަ އޭނާއަކަށްވެސް ކިޔައެއް ނުދެމެވެ.

މިއަދަކީ އަހަރުގެ ބޮޑު ޢީދު ދުވަހެވެ. ބޮޑުދައިތަ އަހަރެންނާ ކޮއްކޮއަށް އާހެދުން ހޯދައިދިނެވެ. ބޮޑުދައިތަ ގާތަށް އައިފަހުން ކޮންމެ އަހަރަކުވެސް ޢީދު ދުވަހަށް އާހެދުމެއް ހޯދައިދެއެވެ. މެންދުރު ސަލްމާއްތަ ގޮވާލާފައި އޭނާގެ ހެދުން އިސްތިރިކޮށްލައިދިނުމަށް ބުންޏެވެ. ހެދުން އިސްތިރިކޮށް ކޮނޑުގައި އަޅުވަން އުޅެނިކޮށް މީހަކު ދޮރު ލައްޕި އަޑަށް އެނބުރި ބަލާލެވުނެވެ.

(ނުނިމޭ)

16

26 Comments

  1. Thu

    January 3, 2017 at 3:47 pm

    v salhi

    • Saandy

      January 3, 2017 at 11:40 pm

      ޝުކުރިއްޔާ ތޫ

  2. Lucky

    January 3, 2017 at 3:49 pm

    Nice mi part vas.when next part

    • Saandy

      January 3, 2017 at 11:41 pm

      ޝުކުރިއްޔާ ލަކީ! އިރާދަކުރެއްވިއްޔާ މާދަމާ

  3. Naadhee

    January 3, 2017 at 5:17 pm

    Oh saandy mi story v reethi

    • Saandy

      January 3, 2017 at 11:42 pm

      ޝުކުރިއްޔާ ނާދީ

  4. Shabyyy

    January 3, 2017 at 5:17 pm

    Varah reethi

    • Saandy

      January 3, 2017 at 11:42 pm

      ޝުކުރިއްޔާ ޝަބީ

  5. Juvey

    January 3, 2017 at 5:55 pm

    Vvvvvvv reethi

    • Saandy

      January 3, 2017 at 11:43 pm

      ޝުކުރިއްޔާ ޖުވޭ

  6. maree

    January 3, 2017 at 6:08 pm

    V reethi

    • Saandy

      January 3, 2017 at 11:43 pm

      ޝުކުރިއްޔާ މަރީ

  7. xum

    January 3, 2017 at 11:09 pm

    Vv reethi next part avas

    • Saandy

      January 3, 2017 at 11:43 pm

      ޝުކުރިއްޔާ ޒުމް

  8. Sweetie

    January 4, 2017 at 12:38 am

    Wow. Varah reeth8

    • Saandy

      January 4, 2017 at 4:20 am

      ޝުކުރިއްޔާ ސްވިޓީ

  9. Hawwoo....

    January 4, 2017 at 10:39 am

    Vvv. Reethi

    • Saandy

      January 4, 2017 at 2:44 pm

      ޝުކުރިއްޔާ ހައްވޫ

  10. maree

    January 4, 2017 at 2:04 pm

    Saandy kobaa tha next part

    • Saandy

      January 4, 2017 at 2:45 pm

      ޝުކުރިއްޔާ މަރީ! އިރާދަކުރެއްވިއްޔާ މިރޭ 9ގެ ކުރިން ގެނެސްދޭނަން

  11. Mal

    January 4, 2017 at 4:21 pm

    Warah reethi mivaahaka ? avahah dhen next part genes dhee

    • Saandy

      January 4, 2017 at 5:08 pm

      ޝުކުރިއްޔާ މަލް! އިރާދަކުރެއްވިއްޔާ މިރޭ ގެނެސްދޭނަން

  12. Heena

    January 4, 2017 at 5:13 pm

    Shukurriya Saandy..hehe

    • Saandy

      January 4, 2017 at 5:33 pm

      މަރުހަބާ ހީނާ! ކޮންކަމަކަށްބާ ޝުކުރިއްޔާ ތިބުނީ؟؟ ހެހެހެ

  13. Heena

    January 4, 2017 at 6:02 pm

    Maa varakah Saandy shukuriyya kiyaafa othyma hama jehsumah..hehehe

    • Saandy

      January 4, 2017 at 6:22 pm

      ހެހެހެ

Comments are closed.