“އާދެ….މެހެނާޒް.” ޝޯގެ ހޯސްޓް އެހެން ބުނެލުމާއެކު ޓީވީގެ ސްކްރީނަށް އެރީ ބުޅި އިސްތަށިގަނޑެއްގެ ވެރި އަންހެން ކުއްޖެކެވެ. އެކުއްޖާ ހިނިތުންވެލީ މަންޒަރު ފެނިފައި ވިސާމް އެސްފިޔަ ޖަހާލަން ވެސް ހަނދާން ނެތުނެވެ. އެއްވެސް އަންހެން ކުއްޖަކު ރީތި ނުވާވަރަށް އޭނައަށް އެކުއްޖާ ރީތިވީ ކީއްވެކަމެއް ނޭނގެއެވެ. އެ ވަށްމޫނާއި މަޑު ރަތް ކުލައެއް އަރަމުން ދިޔަ އެ އޮމާން ކޮތާފަތާއެކީ ފެންނަމުން ދިޔަ ޖާދުވީ ހިނިތުންވުން އޭނަ އާޝޯޚު ކުރުވިއެވެ. ހޯސްޓް ކުރަމުން ދިޔަ ސުވާލުތަކަށް މެހެނާޒް ދެމުން ދިޔަ ޖަވާބުތަކަށް ވެސް އެ ސޫރައިގެ ސަބަބުން ވިސާމަށް ސަމާލުކަން ދެވޭ ގޮތެއްނުވިއެވެ. ދޭތެރެ ދޭތެރެއިން މެހެނާޒްގެ ބަދަލުގައި އެކި ލަވަތައް ފެންނަމުން ދިޔައީތީވެވެސް ވިސާމްގެ ހިތުގައި ޝަކުވާ އުފެދުނެވެ. އެންމެ ފަހަކަށް މެހެނާޒް ގާތު ލަވަކިޔުންތެރިންނަށްވާން އެދޭ ފަރާތްތަކަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ އެހުމުން މެހެނާޒް ކެމެރާއާއި ދިމާލަށް ބަލާލިއެވެ. އެ ތޫނު ނަޒަރު ސީދާ އޭނައަށް އަމާޒުވުމުން ވިސާމްގެ ނޭވާ ހުއްޓުނެވެ.
“ބުނެލަން ބޭނުންވަނީ މި ދާއިރާއަކީ އަސްލު ވަރަށް ކުރިއަށް ދެވެން އޮތް ދާއިރާއެކޭ. މި ދާއިރާއަށް ވަންނަން ކުދިކުދި ދަތިތަކާ ކުރިމަތިވިޔަސް ވަދެވުމުން ރީގްރެޓްއެއްނުވާނެ. އެންމެ އުފާވާނީ ގިނަ ބައެއްގެ ސަޕޯޓާއި ލޯބި ލިބޭނެތީ. އެއީ މީގަ އެންމެ ސަޅި ތަންކޮޅަކީ. އެހެންވީމަ ބުނަން ބޭނުންވަނީ އެކަން ހަނދާންކޮށް ހިތްވަރާއެކީ މަސައްކަތް ކޮށްފިއްޔާ އަޅުގަނޑު މިހިރަ ހިސާބަށް ވަރަށް ފަސޭހައިން އާދެވޭނެއޭ. ހަމަ ދުވަހުން ދުވަހަށް ކުރިއަރަމުން ދާނެއޭ. ސޯ ޑޯންޓް ގިވް އަޕް އެންޑް ރީޗް ފޯ ދަ ސްކާއި!” މެހެނާޒް އެހެން ބުނެލުމާއެކު ވިސާމްގެ ހިތުގައި އާ ޖޯޝެއް އުތުރި އަރައިގަތެވެ. މެހެނާޒްގެ އެ ވާހަކައަށްފަހު މެހެނާޒް އަމިއްލަ ރާގަކަށް ހެދި ލަވައެއް އިވިގެން ދިޔުމުން ވިސާމަށް އިތުރު ހިތްވަރެއް ލިބުނެވެ. އޭނަ ވާނީ ލަވަ ކިޔުންތެރިއަކަށްކަން އޭނައަށް ނިންމުނީ އެވަގުތެވެ.
ވިސާމް ހަމަ އެދުވަހުން އެދުވަހަށް އެކަމަށްޓަކައި މަސައްކަތް ފެށިއެވެ. އަދި އޭނަގެ ގިޓާރއާއެކީ ގިނަ ވަގުތުތައް ހޭދަކުރަން ފެށިއެވެ. ރާގު ކުޅޭކަށް އޭނައަށް ވަކި ގަޑިއެއް ނޯވެއެވެ. ބަންގި ގޮވާ އިރަކަށް ދެ ނަމާދު ދޭތެރެއަކަށް އޭނަ ނުބަލައެވެ. ހުކުރު ދުވަހަކަށް ލައިލަތުލް ޤަދުރި ވިލޭރެއަކަށް އޭނަގެ ފަރުވާލެއްނެތެވެ. ރަމަޟާންމަހު ދުވާލު އޭނަ އެއްވެސް އެއްޗެއް ނުކައި ހުއްޓަސް އޭނަ އެއްވެސް ނަމާދެއް ނުކުރެއެވެ. އަދި އެހެން ހެޔޮ ކަމެއްވެސް ނުކުރެއެވެ. އޭނަ މުޅިންވެސް ނަކަލު ކުރަމުންދަނީ ޚާލިދުމެން ކަންތައް ކުރާ ގޮތެވެ. މިކަމާމެދު ރަޝީދާ އިންތިހާއަށް ކަންބޮޑުވިއެވެ. އޭނައަށް ރުޅި އިސްކުރެވެން ފެށީ ދެން ވިސާމަށް ލޯބިން ނަޞޭޙަތް ދީގެން ވާނެ ކަމެއް ނޯންނާނެހެން ހީވުމުންނެވެ.
“ވިސާމް! މި އޮތް މާތް މަހުވެސް އެންމެ ނަމާދަކަށް ދިޔައިއްޔާ ކީއްތަވާނީ؟ އަދި ތި އުޅެވެނީ ރަނގަޅަކަށްނޫން. އެއްފަހަރު ވެސް ތި އެތިގަނޑެއް ބާއްވާފަ ހެޔޮކަމެއް ކުރެވޭތޯ އުޅެބަލަ!” އެ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ރެއެއްގައި ރަޝީދާ ވިސާމްގެ ކޮޓަރިއަށްވަދެ ހަޅޭއްލެވިއެވެ.
“މަންމާ ޕްލީޒް ޗިލް! މަންމަ ލޭ މަތިވެދާނެ އަނެއްކާވެސް ތިހެން އުޅެނިކޮށް.” ވިސާމް މާ ބޮޑު އަޅާލުމެއްނެތި ކިޔަވާ މޭޒު ދޮށުގައި އިނދެ އޭނަގެ ގިޓާރ ކައިރީގައި ހުރި ފާރަށް ލައްޕަމުން ބުނެލިއެވެ.
“ކިހިނެއްތަވީ ސޭމް މާ އަޑުގަދަ މިވަނީ؟” ރަޝީދާ އެއްޗެކޭ ބުނަން އުޅުނު ވަގުތު ހަފްސާ އޭނަގެ އިސްތަށިގަނޑުގައި ގޮށެއްޖަހަމުން ކޮޓަރީގެ ދޮރުމައްޗަށް އެރިއެވެ. އަތްކުރު ބާރު ޓީޝާޓަކާއި ކަކުލާއި ހަމައަށް އޮތް ހަރުވާޅެއްގައި ހުރި ހަފްސާ ފެނިފައި ރަޝީދާގެ ދަތްކުނޑި ވިކުނެވެ.
“ކަލޭމެންނާ ހެދި މަގޭ ދަރިފުޅަށް މިހެންވީ! މަގޭ ދަރިފުޅުގެ އީމާންތެރިކަން ނެތިގެން ނެތިދިޔައީ ކަލޭމެންނާހެދި. ދުވަހަކުވެސް މަޢާފެއް ނުކުރާނަން ކަލޭމެންނަކަށް. މަށަށް ވީހާ އަވަހަކަށް މަ ދާނަން ވިސާމް ގޮވައިގެން އެހެން ތަނަކަށް.” ރަޝީދާއަށް އެންމެ ފަހު ޖުމްލަ ބުނެވުނީ ރޮވިފައިވާ އަޑަކުންނެވެ. އެ ޖުމްލަ ނިމުނުތަނާހެން ވިސާމަށް ކޮޅަށް ތެދުވެވުނެވެ.
“ސީރިއަސްލީ މަންމާ! އަހަރެން މިއީ އަދިވެސް ބުއްތަށި ބޮމުންދާ ކުޑަކުއްޖެއް ނޫނޭ މަންމަ އަހަރެންގެ އަތުގަ ހިފާ ދަމައިގެން އެއްގެއިން އަނެއް ގެއަށް ދާކަށް. މަ ނުދާނަން ޚާލިދުބެމެން ދޫކޮށްލާފަ. އެހީއެއްވެދިން މީހަކަށް ޝުކުރުވެރިވާން މަންމައަށާއި މަންސޫރަށް ނޭނގުނަސް އަހަންނަށް އެނގޭ.” ވިސާމް ރަޝީދާއަށް ބަލަންހުރެ ނުރުހުންތެރިކަމާއެކީ ބުނެލި ބަސްތައް ތޫނު ތީރުތަކެއްގެ ސިފައިގައި ގޮސް ރަޝީދާގެ ހިތަށް ގޮސް ހެރުނެވެ. އޭނަ ހުއްޓުން އަރާފައި ހުއްޓާ ވިސާމް އޭނައަށް ފަސްދީފައި ކޮޓަރިން ނިކުންނަން ދިޔައެވެ. ވިސާމް ދޮރު ލައްޕާލިތަނާހެން ރަޝީދާގެ ލޮލަށް ގިނަވެގަތް އެތައް ހާސް ކަރުނަތަކާއެކީ ރޮވެން ފެށިއެވެ. ވިސާމްގެ ނަޒަރުން އޭނަ މިއަދު މަންސޫރާއި އެއްވަރުވެއްޖެކަން އެނގުންވުމުން އޭނަގެ މޭގައި ބަރުދާސްތު ނުކުރެވޭވަރުގެ ރިހުމެއް އުފެދުނެވެ. އޭނަ ދެންމެ ދެއްކިހާ ވާހަކައެއް ދެއްކީ ވިސާމްދެކެ ލޯބިވާވަރުންކަން ވިސާމަށް އެނގޭނެ ނަމައެވެ. މަންސޫރު ކޮންމެ ގޮތަކަށް ކަންތައް ކޮށްފައިވިޔަސް އޭނަގެ މަންމަ އޭނައަށް ދެރައެއް ލިބެން ނޭދޭނެކަން ވިސާމަށް ނޭނގެނީ ހެއްޔެވެ؟ އޭނަ ވިސާމަށްޓަކައި ވިހާ ޤުރުބާނީއެއްގެ މަތިން ވިސާމް ހަނދާން ނެތުނީ ހެއްޔެވެ؟ ހިތަށް ވެރިވެގަތް ސުވާލުތަކުން ރަޝީދާއަށް ގިސްލަގިސްލާފައި ރޮމުން ބިމަށް ތިރިވެވުނެވެ. އަދި އޭނަގެ ދަރިފުޅަށް ހިދާޔަތް ދައްކަވައި ނަރަކައިގެ ޢަޒާބުން ސަލާމަތް ކޮށްދެއްވުމަށްއެދި އެތައްފަހަރަކު ދުޢާ ދެންނެވުނެވެ.
އެރޭ އެ ދުޢާއިން ސާބިތުކަމެއް ލިބުނެއްކަމަކު ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ފެންނަމުން ދިޔަ މަންޒަރުތަކުން ރަޝީދާގެ ހިތްވަރު އެލެމުން ދިޔައެވެ. ވިސާމް އޭނަ ލޯބިން ނަޞޭޙަތްތެރިވުމުން ވެސް އެހެން ވަޒީފާއަކަށް ނުގޮސް ފާޙިޝްކަން ޒީނަތްތެރިކުރާ ދާއިރާއަކަށް ވަދެގެން ދިޔަ ގޮތުން ރަޝީދާއަށް ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ. އޭނަ އެކި ގޮތްގޮތަށް ނަޞޭޙަތްތެރިވާން އުޅުމުން ވެސް ވިސާމަށް އަޑެއް އިވޭ ގޮތެއްނުވިއެވެ. އެ އިވޭ ކޮންމެ ނަޞޭޙަތެއް އޭނަ ހަދަމުން ދިޔަ ރާގުތަކުގެ ތެރެއަށް ގެއްލިގެންދާހެން ރަޝީދާއަށް ހީވަމުން ދިޔަދިޔަހެން އުއްމީދު ކަނޑާނުލަން ހުރެވެސް އޭނަގެ އުއްމީދު ގެއްލޭ ގޮތްވިއެވެ.
މަންމަ ތަޙައްމަލުކުރަމުން ދިޔަ އެއްވެސް ހިތާމައަކާމެދު ވިސާމަށް ރޭކާނުލައެވެ. ދޭތެރެދޭތެރެއިން އަންނަމުން ދިޔަ މަންމަގެ ނަޞޭޙަތްތައް އޭނައަށް ސިފަކުރެވެމުން ދިޔައީ ފަހާ ފަހާ ދުރުނުވާ މެއްސެއްގެ ގޮތުގައެވެ. ވިސާމްގެ ނަޒަރުން މިހާރު އެ ނަޞޭޙަތްތަކުގައި އެއްވެސް އަގެއްނެތެވެ. ނަމާދު ކުރުމަށް އެ ދޭ ނަޞޭޙަތްތަކުގެ ތެރެއިން މަންސޫރުގެ ނަން ހަނދާންވުމުން ވިސާމް އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އެހެނަސް އޭނަ އޭނަ ހަދަމުން ދިޔަ ރާގުތަކުގެ ތެރެއަށް އޭނަގެ އެ ރުޅި ހިންދާލައެވެ.
ވިސާމް އެންމެ ފުރަތަމަ ލަވައެއް ކިޔާފައި ޔޫޓިއުބަށް އަޕްލޯޑްކުރީ ޚާލިދާއި ހަފްސާގެ އެދުމުގެ މަތިންނެވެ. އެދެމަފިރިންގެ ބޮޑުވަމުން އައި ދެކުދިންނަކީ ވެސް ވިސާމްގެ ލޯބީގެ ލަވަތައް އަޑު އިވެމުން ބޮޑުވަމުން އައި ދެކުދިންނެވެ. މި ކަމާމެދު ކަންބޮޑުވާ މީހަކަށް އެގޭގައި ހުރީ ހަމައެކަނި ރަޝީދާއެވެ. އައިމަނާއި އަޒާން ކިރިޔާ ވެސް ނަމާދު ކުރަނީ އޭނަ އެދުމުންނެވެ. އެމީހުން ރަޝީދާގެ ބަސްއެހުމުން ގޭގައި ދެން ތިބި މީހުން މަންޒަރު ބަލާފައި ފުން ނޭވާތަކެއް ދޫކޮށް ބޯހޫރުވަމުން ދިޔައެވެ. ރަޝީދާ އެކުރަނީ މުޅިން ބޭކާރު ކަމެއްހެން އެމީހުންނަށް ހީވާ ފަދައެވެ. ވަކިން ޚާއްސަކޮށް ވިސާމަށެވެ. އައިމަނާއި އަޒާން އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެ އެމީހުންނަށް ވެސް މި ދީނުގެ “ޙަޤީޤަތް” ފެންނަ ދުވަހަކުން އޭނަ ގޮތަށް އެ ނަމާދެއްކުރުން ހުއްޓާލާނެކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ވިސާމްގެ މަޝްހޫރުކަން އިތުރުވަމުން ދިޔައެވެ. އޭނަގެ ޔޫޓިއުބް ވީޑިޔޯތަކަށް ލިބެމުން ދިޔަ ވިއުސްއާއި ލައިކްސް އިތުރުވަމުން ދިޔައެވެ. ޚާލިދާއި ހަފްސާ އޭނައަށް ދެމުން ދިޔަ ހިތްވަރާއެކީ އޭނަ އަމިއްލައަށް ވެސް ރާގުތަކާއި ޅެންތައް ހަދަން ފެށިއެވެ. އޭނަގެ މަޝްހޫރުކަމަށް ފުރަތަމަ އިންޤިލާބެއްއައީ އޭނަ އަމިއްލަ ރާގަކަށް ހަދާފައި އޮތް ލަވައެއް މެހެނާޒް އޭނަގެ ފޭސްބުކް ޕޭޖުގައި ޙިއްޞާކޮށް އެއަށް ތަޢުރީފު ކުރުމުންނެވެ. އެ ވާހަކަ އެކުވެރިއެއްގެ ފަރާތުން އިވިފައި ވިސާމް ވަގުތުން މެހެނާޒްގެ ފޭސްބުކް ޕޭޖަށް ދިޔައެވެ.
“ފްލޯލެސް އެންޑް ބިއުޓިފުލް ވޮއިސް!” އެ ވީޑިޔޯގެ މަތީގައި މެހެނާޒް އެހެން ލިޔެފައި އޮތްތަން ފެނިފައި ވިސާމްގެ ހުރިހާ ދަތްތައް ފެނިގެން ދިޔައެވެ. އޭނަ ވަގުތުން އޭގެ ދަށުގައި ތޭންކްސްއޭ ޖަހައި ކޮމެންޓެއް ކޮށްލިއެވެ. އަދި އޭނައަކީ މެހެނާޒްގެ ވަރަށް ބޮޑު “ފޭންއެއް” ކަމަށްވެސް ކޮމެންޓްގައި ލިޔެލީ މެހެނާޒްގެ ފަރާތުން ޖަވާބެއް ލިބޭނެކަމުގެ އުއްމީދުގައެވެ. ވިސާމަށް ހީކުރެވުނީ ރަނގަޅަށެވެ. ލަވަ ކިޔުމަށް އިތުރަށް ހިތްވަރު ލިބޭފަދަ ކޮމެންޓަކާއެކު މެހެނާޒްގެ ފަރާތުން އޭނައަށް ފްރެންޑް ރިކުއެސްޓެއް ވެސް ލިބުނެވެ. ވިސާމް އޭތި ޤަބޫލުކުރީ އުފަލާއެކީގައެވެ.
ފޭސްބުކްއިން މެހެނާޒާއި އެކުވެރިވިއެއްކަމަކު އެއަށްފަހު އެ ދެމެދުގައި މާ ބޮޑު ވާހަކައެއް ނުދެކެވެއެވެ. ފުރަތަމަ ދުވަހު އެދެމީހުން ޙިއްސާކުރާ ދާއިރާއާ ބެހޭ ގޮތުން ވާހަކަތައް ދެކެވުމަށްފަހު މެސެޖުތައް މެދުކެނޑުނެވެ. ވިސާމް މެހެނާޒްގެ ޙަޔާތާއި ބެހޭ ގޮތުން ސުވާލުކޮށް އިތުރު މެސެޖުތައް ފޮނުވަން ބޭނުންވިއެއްކަމަކު މެހެނާޒް ނުރުހުންވެދާނެތީ ޖެހިލުންވިއެވެ. އެހެންކަމުން އެ އަހަރުގެ ކުރީކޮޅު އޭނަ މެހެނާޒަށް ފޮނުވާފައިވާ އިމޯޓިކޯންއިން އެދެމީހުންގެ ގުޅުމުގައި ސިއްކަ ޖެހުނީކަމަށް އޭނަ ހީކުރިއެވެ.
މެހެނާޒާއި އޭނައާއި ދެމެދު ގުޅުން ބަދަހި ނުވުމުން ވިސާމް ހިތާމަ ކުރިއެއްކަމަކު އެ ހިތާމަވެރިކަން މާ ގިނަ ދުވަހަށް ދެމިގެނެއްނުދެއެވެ. މިޔުޒިކީ ދާއިރާގައި އުޅެމުންދާތާ މާ ގިނަ ދުވަހެއްނުވެ މަޝްހޫރު ޕްރޮޑިއުސަރަކު އޭނަގެ ފިލްމަކަށްޓަކައި ލަވަ ކިޔުމަށް ވިސާމްގާތު އެދުނެވެ. އޭނަގެ ފޭސްބުކް ޕޭޖަށް ލިބިފައި އޮތް އެ މެސެޖު ފެނިފައި ވީ އުފަލާއެކީ އޭނައަށް އެކަނި އިނދެވެސް ހެވުނެވެ. ވިސާމް އޭނަ މާލެދާން އުޅޭ ވާހަކަ ގޭގައި ތިބި އެންމެން ކައިރީގައި ބުނުމުން އެކަމަށް އިންކާރު ކުރީ ހަމައެކަނި ރަޝީދާއެވެ. ރަޝީދާއަށް އެދުވަހުވެސް ލިބިފައިވި ހިތާމައެއްގެ ބޮޑުކަމުން އިސްކުރެވުނީ ރުޅިއެވެ. ވިސާމް ޚާލިދުމެންގެ އެހީއާއެކީ މާލެއަށް ދާން ގެއިން ނިކުތީ އޭނަގެ މަންމަގެ ވާހަކަތަކަށް ބީރު ކަންފަތެއް ދެމުންނެވެ.
މާލޭގައި އެޅުނު ފުރަތަމަ ފިޔަވަޅާއެކީ ވިސާމްގެ ޙަޔާތުގައި ފެށިގެން ދިޔައީ އާ ބާބެކެވެ. ބާބު ފެށިގެން ދިޔައީ މުޅިން ވެސް ކާމިޔާބީތަކުން ފުރިގެންވި ޞަފްޙާތަކުންނެވެ. ފިލްމަކަށްޓަކައި ލަވަ ކިޔުމަށްފަހު އޭނަ ރަށަށް ދާން އުޅުނުތަނާހެން އަމިއްލަ އަލްބަމެއް ހެދުމުގެ ފުރުޞަތު އޭނައަށް ލިބުނެވެ. އެ ފުރުޞަތުން ލިބުނު ހިތްވަރާއެކީ ނުހަނު ކުރު މުއްދަތެއްގެ ތެރޭގައި ވިސާމް އޭނަގެ އަމިއްލަ ޅެންތަކާއި ރާގުތައް ހަދައި އެ ލަވަތައް ކިޔައި ރިލީޒް ކުރިއެވެ. އޭގެ ތެރެއިން ލަވައެއް ދުނިޔޭގެ ޗާޓަކަށް އެރި ފަހުން މަގުމަތިން އޭނައަށް ފެންނަ އަންހެން ކުދިން އޭނަ ފެނިފައި ހިނިތުންވާ ގޮތުން ވިސާމް ފަޚުރުވެރިވެއެވެ. އެގޮތަށް ކަންތައްވުމުން އޭނައަކީ މާ މަތީ ދަރަޖައެއްގެ މީހެއްހެން އޭނައަށް އިޙްޞާޞް ކުރެވެއެވެ. މަގުމަތިން ފެންނަ މީހުންގެ ތެރެއިން މިޔުޒިކަށް ލޯބިކުރާހެން ހީވާ މީހަކު އޭނަ ފެނިފައި އެއްވެސް ސަމާލުކަމެއް ނުދޭހެން ހީވާ ކޮންމެ ފަހަރަކު އޭނަ ނުތަނަވަސްވެއެވެ. އެ މީހުންގެ މެދުގައި އޭނަގެ “އަގު” ވެއްޓިދާނެތީ އޭނަ އިންތިހާއަށް ބިރުގަނެއެވެ. އޭނަގެ އެޕާޓްމެންޓުން ނިކުތުމުގެ މޫނުބަލާ ލޯގަނޑު ކުރިމަތީގައި އެތައް އިރެއްވަންދެން ހުރެވެނީ އެހެންވެއެވެ. އޭނަ ހުރީ ވަކިން ޚާއްޞަކޮށް ޒުވާން އަންހެން ކުދިންގެ ސަމާލުކަން ލިބޭފަދަ ގޮތަކަށްތޯ ބެލުމަށެވެ. އޭނަގެ މަޝްހޫރުކަން ދެމިހުންނާނީ އެފަދަ ގޮތަކަށްހެން އޭނައަށް ހީވާތީވެއެވެ.
ކޮންމެއަކަސް ބޭރުފުށުން މުޅި ދުނިޔެއަށް ވިސާމް ފެންނަމުން ދިޔައީ މުޅި މި ދުނިޔެމަތިން ވެސް އެންމެ އުފަލުގައި އުޅޭ މީހުންގެ ތެރެއިން އެކެއްގެ ގޮތުގައެވެ. އޭނަގެ ހިތުގައި ފޮރުވިފައިވި ނުތަނަވަސްކަމެއް އެކަކަށްވެސް ނުފެނެއެވެ. އެންމެނަށްވެސް ފެންނަނީ އޭނަ މައިކު ކުރިމަތީގައި ހުރެ ނުހަނު ލަވަ ކިޔާހިތުން ކިޔާ މަންޒަރެވެ. އެތައް އަންހެން ކުދިން އޭނަގެ އަތުގައި އަތްލެވޭތޯ އުޅޭ މަންޒަރެވެ. ދުނިޔޭގެ ވަށައިގެން އެތައް ބައެއްގެ ތަޢުރީފުތައް އޭނައަށްޓަކައި އޮހެމުން ދިޔަ މަންޒަރެވެ. އެހެނަސް އެ ހުރިހާ ކަމެއް އެކީގައިވެސް ވިސާމްގެ ހުސްކަމެއްވި ހިތް ފުރާލުމުގައި ނާކާމިޔާބުވާތަނެއް އެމީހުންނަކަށް ނުފެނެއެވެ.
މެހެނާޒް ވިސާމްގެ ޙަޔާތަށް އައީ އޭނަ އެފަދަ ގޮތަކަށް އުޅެމުން ދަނިކޮށެވެ. އޭނަ އާޝޯޚު ކުރުވި އެ ސޫރަ އޭނައަށް ހަމަ ލޮލަށް ފެނިގެން ދިޔައީ ލަވަ ކިޔުމުގެ ޝޯއެއްގެ ތެރެއިންނެވެ. އެ ޝޯގައި ލަވަ ކިޔުމަށްޓަކައި ކޮންމެ ފިރިހެން ލަވަ ކިޔުންތެރިއަކަށް އަންހެން ލަވަ ކިޔުންތެރިއަކު ކަނޑައަޅައި ޖޯޑު ކުރެވިގެން ދިޔައެވެ. ވިސާމް ލަވަ ކިޔަންޖެހެނީ މެހެނާޒާއި އެކީކަން އެނގުންވީ ވަގުތު ވިސާމްގެ ހިތުގައި ނުތެޅި އޮތް ބައެއް ތެޅެން ފެށިއެވެ. އޭނަ އޭނަގެ ކާމިޔާބީތަކުގެ ސަބަބުން މެހެނާޒް މަތިން ހަނދާން ނެތިފައިވަނިކޮށް ކުއްލިއަކަށް މެހެނާޒާއިއެކީ އޭނަ އެންމެ ކުރާ ހިތްވާކަން ކުރުމުގެ ފުރުޞަތު ލިބިގެން ދިޔުމުން ވިސާމަށް ހީވީ ދުނިޔޭގައި ވިހާ އުފަލެއް އޭނަގެ ފަސްބަޔަށް އެޅުނީ ހެންނެވެ. ޝޯ ޓީވީއިން ދެއްކުމުގެ ކުރިން ބޭއްވެން ފެށި ޕްރެކްޓިސް ސެޝަންތަކަށް ވިސާމް ދާންފެށީ ދާ ހިތުންނެވެ.
ފުރަތަމަ ޕްރެކްޓިސް ސެޝަންގެ ތެރެއިން މެހެނާޒް ސަލާމަށް ދިއްކޮށްލި އަތާއެކީ ވިސާމާއި މެހެނާޒްގެ ގުޅުން ބަދަހިވާން ފެށިއެވެ. ލަވަ ކިޔަމުން ދިޔައިރު ދެމީހުންނަށް ހެދެމުން ދިޔަ ކުށްތަކަށް ދެމީހުންނަށް ވެސް އެކީގައި ހެވެމުން ދިޔައެވެ. ސެޝަންތަކުގެ މެދުން ލިބެމުން ދިޔަ ބްރޭކް ގަޑިތަކަށް ދެމީހުން ދިޔައީ އެކީގައެވެ. ލަވަތަކާބެހޭ ވާހަކައެއް ފިޔަވައި އެހެން ވާހަކަތައް އެ ދެމެދުގައި ފެށިގެން ދިޔައީ އެ ގޮތަށް ދިޔަ ފުރަތަމަ ދުވަހުއެވެ.
“ސޭމްގެ ފެމިލީއިން ވަރަށް ވަރަށް ސަޕޯޓު ލިބޭދޯ ސޭމްގެ ކެރިއާރއަށް؟ އެހެންވެ މިހާ ހިސާބަށް ތި އާދެވުނީ؟” ރެސްޓޯރެންޓެއްގެ މޭޒުދޮށުގައި އިނދެ މެހެނާޒް ކުއްލިއަކަށް ދެއްކި ވާހަކައިން ވިސާމްގެ ހިނިތުންވުން ފަނޑުވެ ދެ ބުމަ ކައިރިވިއެވެ. އެ މަންޒަރު ފެނިފައި މެހެނާޒް ނުތަނަވަސްވީތަކަން އެނގުންވުމުން ވިސާމް އޭނަގެ ހިނިތުންވުން އަނބުރާ ގެނައެވެ.
“ވަކި ފެމިލީއިން ސަޕޯޓެއް އޮވެގެނެއްނޫންދޯ އިންސްޕަޔާރވާނީ؟ އަސްލު އިންސްޕަޔާރވީ ނާޒް ބުނި ބަސްތަކުން. ޑޯންޓް ގިވް އަޕް އެންޑް ރީޗް ފޯ ދަ ސްކާއި!” ވިސާމް މެހެނާޒްގެ ބަސްތައް އޭނައަށް ހަނދާންކޮށްދިނެވެ. އެ ބަސްތައް އިވިފައި މެހެނާޒް ހީލިއެވެ. ވިސާމަށް ވެސް ލުއި ގޮތަކަށް ހީލެވުނެވެ.
“އެއީ އަސްލު އަހަރެންގެ ބައްޕަ އަހަރެން ގާތު ބުނާ ވާހަކައެއް………އަސްލު އަހަރެން ފެމިލީއިން ވެސް މާ ބޮޑު ސަޕޯޓެއް ނުލިބޭ. އެކަމަކު ދެކޮޅެއް ނަހަދާ މަންމައާއި ބައްޕަ. އައި އެކްޗުއަލީ މިސް ދެމް. އެމީހުން އުޅެނީ ލަންކާގަ. ބައްޕަ މިދިޔަ އަހަރު އެކޮޅުގަ ބިޒްނަސްއެއް ސްޓާޓް ކުރީ.” މެހެނާޒް ކިޔައިދިނެވެ.
“އޮހް! ދެން ކީއްވެ ނާޒް މިކޮޅުގަ ތިހިރީ؟” ވިސާމް ޙައިރާންކަމާއެކީ އަހާލިއެވެ. އެއާއެކު މެހެނާޒްގެ މޫނުމައްޗަށް މާޔޫސްކަން ވެރިވެގެން ދިޔުމުން ވިސާމް އޭނަގެ ބަސްތައް އަނބުރާ ގެންނަން ބޭނުންވިއެވެ. ދެން ވެސް ގޯސްކޮށް އެއްޗެކޭ ބުނެވިދާނެތީ ވިސާމް ހިމޭންކަން ޚިޔާރު ކުރިއެވެ. އެ ހިމޭންކަން ނެތިދިޔައީ މެހެނާޒް ވާހަކަ ދެއްކުމުންނެވެ.
“އަސްލު މިކޮޅަށް އައީ މެރީކުރަންވެގެން. މިދިޔަ އަހަރު ލަންކާއަށް ގޮއްސަ ހުއްޓާ އޮންލައިންކޮށް ދިމާވި މީހަކާ މެރީ ކުރަން އުޅުނީ. އެކަމަކު….މިކޮޅަށް އައިއިރު އޭނަ އުޅެނީ އެހެން މީހަކާ ރައްޓެހިވެގެން. އަހަރެން އޭނައާ ވާހަކަ ދެއްކީމަވެސް ބުނީ……ތިއީ ލޯބިވެވޭނެ ވަރުގެ މީހެއްނޫނޭ. ބަލާބަލާށޭ ތިހިރަ މޮޔަ ވައްތަރު ކުރުވާ އިސްތަށިގަނޑެއް. ބަލާބަލާށޭ ތިހިރަ ކުރު ހަށިގަނޑެއް…….” މެހެނާޒް އެހެން ބުނެލިއިރު އޭނަގެ ދެލޯ ފެންކަޅިވެފައިވި ގޮތުން ވިސާމްގެ ހިތް ދެރަވިއެވެ. ހަމަ އެއާއެކު އެ ހިތަށް ރުޅިވެރިކަން ވެސް ވެރިވިއެވެ. މެހެނާޒް އެ ބުނާ ލޯބިވެރިޔަކަށްޓަކައެވެ. މެހެނާޒްގެ ލޮލުން ކަރުނަ ތިތްކެއް ފައިބައިގެން އައިތަން ފެނިފައި ވިސާމަށް ވާހަކަ ދެކެވުނެވެ.
“ހޭއި……ނާޒް، ޔޫ އާރ ބިއުޓިފުލް، ގޯޖަސް އެންޑް ސްޓަނިންގް. ނާޒް އެންމެ ފުރަތަމަ ޓީވީއިން ފެނުނުއިރު ހިތަށްއެރި ބަސްތައް މި ބުނެލީ. ތިބުނާ މީހަކަށް ނޭނގޭ ރީތިކަމަކީ ކޮބައިކަން. އައި ވުޑް މެރީ ޔޫ އެނީ ޑޭ.” ވިސާމަށް އެންމެ ފަހު ޖުމްލަ ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. ހަމަ އެއާއެކު ބުނެވުނު އެއްޗެއް އެނގުންވުމުން އޭނަގެ ދެލޯ ބޮޑުވިއެވެ. އެ މަންޒަރު ފެނިފައި މެހެނާޒް ފެންކަޅިވެފައިހުރި ދެލޮލާއެކީ ވެސް ބާރަށް ހޭންފެށިއެވެ. އެ ހުނުމުން ވިސާމްގެ ހިތަށް ވެރިވި ނުތަނަވަސްކަން ފިލައި އޭނައަށް ވެސް ހެވެން ފެށިއެވެ.
އެދުވަހަށްފަހު ހުރިހާ ޕްރެކްޓިސް ސެޝަންތައް ވެސް ކުރިއަށް ދިޔައީ ވިސާމާއި މެހެނާޒްގެ ހިތުގައި އުފަންވި އާ އިޙްޞާޞްތައް ވަރުގަދަ ކުރުވަމުންނެވެ. ދެމީހުން އެކީގައި ލޯބީގެ ލަވައެއް ކިޔަމުން ދިޔައީތީ ވެސް އެ ދެހިތުގައި އެއްކަހަލަ ޝުޢޫރުތަކެއް އުތުރި އަރަމުން ދިޔައެވެ. ވިސާމް ކޮންމެ ދުވަހަކު ގެއަށް ގޮސް މެހެނާޒްގެ ހުވަފެންތައް ދެކޭ ފަދައިން މެހެނާޒްވެސް އޭނަގެ ހުވަފެންތައް ދެކޭނެކަން ވިސާމަށް އެނގުންވިއެވެ. މެހެނާޒް އޭނައަށް ބަލާލާ ގޮތުންނާއި އޭނައާއި ދޭ ލަދުރަކި ހިނިތުންވުންތަކުން އޭނައަށް އެކަން ޔަޤީންކުރެވުނެވެ. އެ ލިބުނު ޔަޤީންކަމާއެކީ ވިސާމް މެހެނާޒަށް “ލޯބި” ހުށަހެޅިއެވެ. އޭނަ އުއްމީދު ކުރި ފަދައިން މެހެނާޒް ވަގުތުން އެ “ލޯބި” ޤަބޫލުކޮށް ވިސާމާއި ރައްޓެހިވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.







Assalam’alaikum. 🙂 mi bai anekkaaves kuruvefa lasvyma varah bodah maafah edhen. dhen oiy bayakun maazy nimmeytho balaanan In Sha Allah 🙂
Va’alaikum salaam… it’s fine Jana… mi v faahaga kohlevey story eh… mi story kiyumah fahu gina bayakah iburatheh haasil kureveyne kamah ummeedhu kuran.. In Shah Allah..
Jana ge ves ummeedhaky adhi dua aky ey In Sha Allah 😀 Alhamdhulillah! (All praise and thanks belong to Allah) 🙂
Varah reethi masha allah
Alhamdhulillah! 😀
Vvv salhi mi part ekm bodah interesting vany shafag ge parts thah
Shafaq ge parts more bodah interesting hen heevanya Alhamdhulillah! 🙂 mihaaru engijje jana beynun vaa gothah kan vaahaka mi genesdheveny 😀
W.salaam, varah salhi, ekam mirey hama kuru dho mi part, dhen hageegathah bunanyaa mirey ehaa Intresting eh noon, ehaa alhaiganna gotheh neh, ekam maigandu salhi, mibunee kureege part aa mi part aa gulhuvaafa otheema vaahakaige maigandu magsadhu hifehettifaey othee, ok dhen hurihaa kudhinnah baajjaveri reakah edhen!
hehe……hama ibratheh libenya dho Kudakamana hithah salhy? Ma Sha Allah 😀 Kudakamana ge focus varah baraabaru. Kudakamana ah engeytha? thigothah ibratheh haasil kuran beynunvaa meehunnah emme reethi vaany Quranuga hunna vaahaka thah. Aadhaige vaahaka eh ehaa reehcheh nuvaane. Ey komme ehchakun ves maana eh hoadhan masakkaiy kureveythy 🙂 Jana mi vaahaka mi liyany Quranuge vaahaka thakun inspire vegen. Vaahaka liyamun gossa stuck vejjeyya jana a adu eheyny Quranuga vaahaka thah hunna Surah thah. vakin haassakoh Suratul Qasas aai Surah Yusuf. Subhanallah hama ajaibuvey Allah swt e vaahaka thah vahee kuravvaafaivaa gothun. Eh manzarun aneh manzarah dhaa gothun heevaane loa kurimathin filmegge sifaiga fennany hen. Adhi e vaahaka thakuga hingaa komme kamakun ibratheh libey gothunves e vaahaka thah ehen hurihaa vaahaka thakah vure furihama vegen dhey. Jana kithamme masakkaiy kuriyas jana liyaa vaahaka egga hunnaane ibratheh nulibey beykaaru kanthahthah. ekamunves Allah ge kulhadhunvanthakan hithah araa. hehe….Jana ah ves kudakamana hen baivaru vaahaka thah dhekevey dho 😛 dhen nimmaalany. Salaam. 😀
Hey jana, al hamdh lillah,, n thank u admin, n jana, number libuneema miadhu v ufaavi! Hama evaahaka bunelaahithun mi anekkaaves coment kollee, ok v salaam
jana ves varah ufaavi Kudakamana aa bahdhaluveema 😀
varah reethi hama
Alhamdhulillah! 🙂
maasha allah mibaies varah reethi hama
Alhamdhulillah! 🙂
jana alhugandu ves admin kairi bunin jana ge num hoadhan. ekam nulibunu
kon dhuvahaku tha buny nnnn? Admin jana ah number fonuvamun dhaa varakah jana midhany e number thakah msg fonuvamun……
FB Post:
“I think everybody should get rich and famous and do everything they ever dreamed of so they can see that its not the answer” – Actor Jim Carrey
FB Post:
He who claimed to know how to be grateful, forgot how to be grateful to his own mother….
jana alhugandu ves admin kairi bunin jana ge num hoadhan. ekam nulibunu
alhey….Jana ah adhi numberu nulibey ingey? 🙁 admin busy kamun adhi nufonuveny kanneynge. Jana aa hama ah number thah libeyvarakah midhany msg fonuvamun. adhi libeyne In Sha Allah 🙂
Masha Allah …varah reethi janaa..thankiu so much..waiting 4 the next part..dhn vanii kihineh baa??
Kon irakun next part up kohdheny