މިފަދަ ޚިޔާލުތަކެއްގައި އިންދާ ކުއްލިއަކަށް ދޮރު ހުޅުވާލި އަޑު އިވުމުން ސިހިފައި އަވަސްއަވަހަށް ދެލޯ ފޮހެލިއެވެ. ފަޔާޒް ފެނުމާއެކު އޭނާގެ ހިތް ތެޅިގަތް ގޮތުން ހީވީ މޭ ފަޅާލާފައި ނުކުމެދާނެހެންނެވެ. ދޮރު ތަޅުލާފައި ފަޔާޒް އޭނާއާއި ކައިރިއަށް އަންނަން ފެށުމުން އޭނާގެ ހާސްކަން އިތުރުވިއެވެ.

ފަޔާޒް ރިޔާޝާއާއި ދިމާއަށް އައިސް އައިސްފައި އަލަމާރިއާއި ދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ. އަދި ގޮސް އޭނާ ލައިގެންހުރި ގަމީހާއި ފަޓުލޫނު ބާލައި ކޮނޑުގައި އަޅުވާލިއެވެ. ސޯޓެއް ލައިގެން އައިސް އެނދުމަތީގައި ހުރި ފިނިފެންމާ ފިޔަތައް ފޮޅާލާފައި އެނދުގައި އޮށޯވެލިއެވެ. އޭރުވެސް ރިޔާޝާ އެއްވެސް ހަރަކާތެއްކޮށްނުލާ އިނުމުން ފަޔާޒަކަށް މަޑަކުން ނޯވެވުނެވެ. “ރިޔާ!” ފަޔާޒްގެ އަޑަށް ރިޔާޝާ އެނބުރި ބަލާލިއެވެ. “ނިދާކަށް ނުވޭތަ؟” ރިޔާޝާ ބޯ ހޫރާލާފައިވެސް ނޯށޯވެ އިނުމުން ފަޔާޒަށް ވިސްނުނެވެ. “އަހަރެންނަށް އިނގޭ ރިޔާއަށް ވަރަށް އުނދަގޫވާނެކަން އަހަރެންނާ އެއް އެނދެއްގައި ނިދަން. އެހެންވީމަ ރިޔާ އޮވޭ އެނދުގައި. އަހަރެން އޮންނާނަން ސޯފާގައި.” ފަޔާޒް އެހެން ބުނެފައި ބާލީސް ހިފައިގެން ގޮސް ސޯފާގައި އޮށޯތެވެ.

ފަޔާޒް ގޮސް ސޯފާގައި އޮށޯތުމުން ރިޔާޝާ ވަރަށް ދެރަވިއެވެ. ފަޔާޒްގެ އަމިއްލަ ގޭގައި އަމިއްލަ ކޮޓަރީގައި އޭނާ އެއޮތީ އަރާމު އެނދު ދޫކޮށްލާފައި ގޮސް ސޯފާގައެވެ. އެކަން އެހެން އެދިމާވީ ރިޔާޝާގެ ސަބަބުންނޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ. ފަޔާޒަށް ގޮވަން ކިތަންމެ ބޭނުންވި ނަމަވެސް އެހިތްވަރެއް ރިޔާޝާއަކަށް ނުލިބުނެވެ. އޭނާ ޖެހިލުންވެ ހުރެވެސް އެނދުގައި އޮށޯތީ ވަރުބަލިވެފައިވާލެއް ބޮޑުކަމުންނެވެ. އޭނާ އޮށޯވެލުމާއެކު އެވީ އަރާމަކުން އޭނާގެ ލޮލަށް ނިދި ޖަމާވީ ހިނދުކޮޅެއްގެ ތެރޭގައެވެ.

ގަޑިން ދޭއް ޖަހާ ބޮޑުވީއިރުވެސް ފަޔާޒަށް އޮތީ ނުނިދިފައެވެ. މިރޭ މީ ޙަޤީޤަތުގައި އޭނާ ވަރަށް އުފާވާން ޖެހޭނެ ރެއެކެވެ. އޭނާ ކުރި ދިގު އިންތިޒާރެއްގެ ނިމުން މިރޭ އައިއިރު އޭނާއަށް ލޯބިވާ އަނބިމީހާގެ ގައިގައި ބީހިލެވޭކަށްވެސް ނެތެވެ. އޭނާ ކިތަންމެ ބޭނުންވިޔަސް ރިޔާޝާގެ ނުރުހުމުގައި ރިޔާޝާގެ ގައިގައި އިނގިލިކުރި ޖައްސާލާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ލޯބިވީ ހަމައެކަނި ރިޔާޝާގެ ހަށިގަނޑު ދެކެއެއް ނޫނެވެ. އެހެންކަމުން އޭނާ ރިޔާޝާގެ އިހުސާސްތަކަށް އިޙްތިރާމްކުރެއެވެ. ރިޔާޝާއަށް އަދި ވަގުތު ބޭނުންވާނެކަން އޭނާއަށް ވިސްނެއެވެ. އޭނާ ރިޔާޝާގެ ރުހުން ލިބޭނެ ދުވަހަކަށް ކެތްތެރިކަމާއެކު އިންތިޒާރު ކުރާނެއެވެ. އަދި ކޮންމެވެސް ދުވަހަކުން ރިޔާޝާވެސް އޭނާދެކެ ލޯބިވާނެކަމަށް އޭނާ ޤަބޫލުކުރެއެވެ.

ރިޔާޝާއަށް ހޭލެވުނީ ގަޑިން ނުވައެއް ޖަހަނިކޮށެވެ. ރޭގައި ފަތިސް ނަމާދަށްވެސް ނުހޭލެވުނީތީ އޭނާ ނުހަނު ދެރަވިއެވެ. އޭނާ ސޯފާ ބަލާލީ ފަޔާޒް ކޮބައިތޯއެވެ. ފަޔާޒް ސޯފާގައި ނެތުމުން ރިޔާޝާއަށް ލަދުވެތިކަމެއް އިހުސާސްކުރެވުނެވެ. އޭނާ އަވަސްއަވަހަށް ފާޚާނާއަށް ވަދެ ތާޒާވެލައިގެން ނުކުތްތަނާ ފަޔާޒް އައިސް ކޮޓަރިއަށް ވަނެވެ. “ފަޔާޒް ކީއްވެ އަހަރެންނަށް ނުގޮވީ؟” ރިޔާޝާ ހިތްހަމަނުޖެހުނު ނަމަވެސް އޭނާ އާދައިގެ ގޮތަކަށް އަހާލިއެވެ. “އަހަރެން ހީކުރީ ރިޔާއަށް ރޭގައި ރަނގަޅަށް ނުނިދޭނެކަމަށް. އެހެންވެ ނުގޮވީ.” ފަޔާޒް ހިނިތުންވެލަމުން ބުނެލިއެވެ. “ރޭގައި ނުނިދޭނަމަ މިހާއިރު ނިދަން އޮވެވުނީސްތަ؟” ރިޔާޝާގެ އަޑުން މިފަހަރު އޭނާ ނުރުހިފައި ހުރިކަން ފަޔާޒަށް ފާހަގަކުރެވުނެވެ.

ރިޔާޝާއަށް ވާހަކަދެއްކުނީ ރަނގަޅަށް ނޫންކަން އެނގުމުން އޭނާވެސް ދެރަވިއެވެ. އަދި “ސޮރީ” އޭ ބުނެލިއެވެ. “ރޭގައި ކަންތައް ވީގޮތުން އަހަރެން ވަރަށް ދެރަވި. މީ ފަޔާގެ ގެ. އެހެންވީމަ އަސްލު ފަޔާ ސޯފާގައި އޮވެގެން ނުވާނެ. ވަރަށް ބޮޑަށް ސޮރީ.” ރިޔާޝާ ދެރަވެލާފައި ވާހަކަދެއްކިއެވެ. “އަހަރެންނަށް އިނގޭ ފަޔާ ރެއަށް ވަރަށް އުންމީދުކުރާނެކަން. އެކަމަކު އަހަރެން…” “އަހަރެންނަށް އިނގޭ. ރިޔާއަށް އަދި ވަގުތު ބޭނުންވާނެކަން އަހަރެންނަށް އިނގޭ. އެހެންވެ އަހަރެން އެގޮތަށް ކަންތައް ކުރީ. އެއީ އަހަރެން ރިޔާއަށް ވީ ވަޢުދެއް. އަހަރެން ދުވަހަކުވެސް ރިޔާގެ ނުރުހުމުގައި ރިޔާގެ ގަޔަކު އަތެއް ނުލާނަން. ރިޔާ ބޭނުންވި ދުވަހަކުން އަހަރެން ކައިރިއަށް އާދޭ. އަހަރެން އެދުވަހަކަށް އިންތިޒާރު ކުރާނަން.” ފަޔާޒް ރިޔާޝާގެ ވާހަކަ މެދުކަނޑާލަމުން ވާހަކަދެއްކިއެވެ. ފަޔާޒްގެ ވާހަކަތަކުން ރިޔާޝާއަށް ރޮވުނެވެ.

“ނުރޮއި. އަހަރެންނަށް އިތުބާރުކުރޭ. އަހަރެން ރިޔާ ބޭނުންވާ ގޮތަށް ކަންތައް ކޮށްދޭނަން.” ލޯތްބާއެކު ރިޔާޝާގެ ދެލޮލުން ފޭބި ކަރުނަތައް ފޮހެލައިދެމުން ފަޔާޒް ބުނެލިއެވެ. ރިޔާޝާގެ ލޮލުން އެންމެ ކަރުން ތިއްކެއް ވެއްޓޭތަން ދުށުމަކީވެސް ފަޔާޒަށް ކުޅަދާނަ ކަމަކަށް ނުވިއެވެ. “އެކަމަކު އަހަރެން އެދޭކަމެއް އެބައޮތް.” ފަޔާޒް އެހެން ބުނެލުމުން ރިޔާޝާ އިސްއުފުލާ ބަލާލީ އެއީ ކޮންކަމެއްހޭ އަހާލާފަދަ ގޮތަކަށެވެ. “އަހަރެން ވަރަށް ބޮޑަށް އެދެން ބައްޕަގެ ކުރިމަތީގައި އަހަރެމެން ދެމީހުންގެ ދޭތެރޭގައި މިއޮތް ދުރުކަން ނައްތާލަން. އެހެންނޫނީ ބައްޕަ ވަރަށް ދެރަވާނެ. އަހަރެން ވަރަށް ކިޔައިގެން ބައްޕަ މިކަން ކޮށްދިނީވެސް. އަހަރެން ބޭނުންވީ އަހަރެންވެސް އަދި ރިޔާވެސް އުފަލުގައި ހުންނަން.” ރިޔާޝާ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

“ތިމޫނު ދޮވެލާ ހަދައިގެން ހިނގާ ސައިބޯން. ބައްޕަވެސް އެބައިން ސިޓިންގރޫމްގައި.” ފަޔާޒް ރިޔާޝާއަށް ހިނިތުންވެލަމުން އެހެން ބުނެފައި ބޭރަށް ނުކުތެވެ. ކުޑަކޮށް ރީތިވެލައިގެން ރިޔާޝާ ކޮޓަރިން ނުކުތް ގޮތަށް ބަދިގެއަށް މިސްރާބުޖެހިއެވެ. ބަދިގެއަށް ވަތް ވަގުތު ފެނުނު މަންޒަރަކުން އޭނާ ވަރަށް ހައިރާންވެ އެހާމެ ލަދުގަތެވެ. އިމާދުއާއި ފަޔާޒް ބަދިގެ ތެރޭގައި ސައި ހެދުމުގައި އުޅޭތަން ފެނި އޭނާ އަވަސްއަވަހަށް ބަދިގެއަށް ވަނެވެ. “މިއޮއް އައީނު.” ރިޔާޝާ ބަދިގެއަށް ވަތްތަން ފެނުމުން ފަޔާޒް ބުނެލިއެވެ. “ފަޔާޒް އެކިޔަނީ ފުރަތަމަ ދުވަހު ދަރިފުޅަށް އޭނަ ކައްކާ އެއްޗެހީގެ ރަހަ ދައްކާލަން ބޭނުމޯ. އެހެން ކިޔާފަ ނުވެސް ގޮވާ އެއުޅެނީ.” އިމާދު ހިތްހެޔޮކަމާއެކު ބުނެލިއެވެ. ރިޔާޝާއަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. “އިށީނދެބަލަ.” ފަޔާޒް އެހެން ބުނެލުމުން ދެފަރާތަށް ބޯ ހޫރުވާލަމުން ރިޔާޝާ ގޮނޑިއެއްގައި އިށީނެވެ.

“މި މަސްހުނި ވަރަށް މީރުވާނެ އިނގޭ. އަދި އަހަރެން ހެދީމަ ވަކިން މީރުވާނެ.” ފަޔާޒް އޭނާ ހެދި މަސްހުނި ތަށި ގެނެސް ބަހައްޓަމުން ބުނެލިއެވެ. އަދި ފިހެފައި ހުރި ރޮށިތަށިވެސް ގެނެސްދިނެވެ. ރިޔާޝާ ހައިރާންވެފައި ބަލަހައްޓައިގެން އިނީ ރޮށިތައްވެސް ދަމާލާފައި ހުރިލެއް ވަށްކަމުންނެވެ. ފިހެލާފައި ހުރިލެއް ރީތިކަމުން ހީވަނީ ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ ކައްކާއެއް ފިހެފައިހުރި ރޮށިތަކެއް ހެންނެވެ. “މީ ހަމަ ފަޔާތަ ހަދާފަ؟ ރޮށި ފިހެފަވެސް ހަމަ ފަޔާތަ؟” މަސްހުނިކޮޅެއް ރަހަ ބަލާލަމުން ރިޔާޝާ ބުނެލިއެވެ. “ހޫމް. ކިހިނެއްވީ؟ ކަމުނުދަނީތަ؟” ފަޔާޒް އަހާލިއެވެ. “ނޫނޭ. ވަރަށް މީރު. އަހަރެން އަދި ދުވަހަކުވެސް މިހާ މީރު މަސްހުންޏެއް ނުކަން. މިހިރަ ރޮށިތަކެއްވެސް. ހާދަ ރީއްޗޭ ފިހެލާ ހަދާފަ ހުރިލެއް.” ރިޔާޝާ އެހެން ބުނެލުމުން ފަޔާޒް ވަރަށް އުފާވިއެވެ.

“ފަޔާޒް ވަރަށް މީރުކޮށް ކައްކާނެ. އޭނަ ބޭރުގައި ކިޔަވަން ހުރިއިރު އޭނަ މަންމައަށްވުރެ ގިނައިން އޭނަ ކައްކާނީވެސް. އޭނަ މަންމަ ވަރަށް ހިތްހަމަވެސް ނުޖެހޭނެ. ދޯ ދަރިފުޅާ؟” އިމާދު ފަޔާޒަށް ދޯ ދިނެވެ. “އާނ. އެއީ ވަރަށް މަޖާކަމެއް. މަންމަ ހުންނާނެ ދޯ އަނގަ ތަޅުވާލަ ތަޅުވާލާ. ބުނާނެ ފަޔާޒް ދާށޭ ރެސްޓޯރެންޓަކަށް ކައްކާއެއްގެ ވަޒީފާއަށް. އެހެން ވަޒީފާއެއް ހޯދަން އުޅޭނެކަމެއްވެސް ނެތޭ. އެކަމު އަހަރެން ބިޒިނަސްއަށް ޝަޢުޤުވެރިވަނީ. އެހެންވެ ދެން. އެކަމު ވަރަށް ކައްކާ ހިތްވެސްވޭ.” ފަޔާޒްގެ ވާހަކައިން ރިޔާޝާއަށް ހެވުނެވެ. ފަޔާޒްގެ އެ ސަކަ މިޒާޖުގެ ސަބަބުން ރިޔާޝާ އަނެއްކާވެސް ހަނދާންވީ އަޔާޒްގެ މަތިންނެވެ. މިދެމީހުންގެ ސިފައާއި އެއްވަރަށް މިޒާޖުވެސް އެއްގޮތޭ ރިޔާޝާގެ ހިތަށް އެރިއެވެ.

ސައި ބޮއިގެން ނުކުތް ގޮތަށް ފަޔާޒް ނުކުތީ ބޭރަށެވެ. ރިޔާޝާ ތަށިތައް ދޮވެ މޭޒުމަތި ރީތިކޮށްލާފައި ނުކުތްއިރު ފަޔާޒް ފެންނާކަށް ނެތެވެ. އެހެންކަމުން އޭނާ ސޯފާގައި އިށީނދެލީ ފޫހިވެގެންނެވެ. ޓީވީ ހުޅުވާލީ ކަމުދާ އެއްޗެއް އާދޭތޯއެވެ. ފަހަރަކު ޗެނަލްއެއް ބަދަލުކުރަމުން ދިޔައީ ކަމުދާ ޕްރޮގްރާމެއް ނާންނާތީއެވެ. ޓީވީއެމްއަށް ލީއިރު ހުރީ ދިވެހި ލަވަ ޕްރޮގްރާމެއް އައިސްފައެވެ. ނަމަވެސް އެޕްރޮގްރާމްވެސް ބަލާ ހިތެއް ނުވިއެވެ. އެހެންކަމުން ޓީވީ ނިއްވާލާފައި ގޮސް އޭނާ ގެންގުޅޭ ވާހަކަފޮތެއް ހިފައިގެން އައިސް ކިޔަން ފެށިއެވެ. ނަމަވެސް އޭނާގެ ޝަޢުޤުވެރިކަން އެފޮތަށްވެސް ދެވޭ ގޮތެއް ނުވިއެވެ. އޭނާ ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. އެހެން އޮއްވާ އޭނާއަށް ނިދުނީއެވެ.

“ރިޔާ! ރިޔާ!” ފަޔާޒް ރިޔާޝާގެ ފައިގައި ކޮއްޓާޅާފައި ދެފަހަރަކު ގޮވާލުމުން ރިޔާޝާއަށް ހޭލެވުނެވެ. އަވަސްއަވަހަށް ތެދުވެ އިށީނދެލީ ބިރެއް ފެނިގެން އުޅޭހެންނެވެ. “ގަޑިން ކިހާއިރެއް؟” ރިޔާޝާ ކުއްލިއަކަށް އެހިއެވެ. “ބާރަ ޖަހަނީ.” ފަޔާޒް އެހެން ބުނުމާއެކު ރިޔާޝާ ކުއްލިއަކަށް ތެދުވިއެވެ. “ރިޔާ ބަލީތަ؟” ރިޔާޝާ މިއަދު މާވަރަކަށް ނިދާތީ ފަޔާޒް އަހާލިއެވެ. “ނޫން. ބައްޔެއް ނޫން. ކިހިނެއްވީ؟” ރިޔާޝާ ހައިރާންވެފައި އަހާލިއެވެ. “މިއަދު މާވަރަކަށް ނިދާތީ. ބައްޕަ ބުނި ރިޔާމެން ގެއަށް ގޮސް އުޅޭއިރުވެސް އަބަދުވެސް ކޮންމެވެސް މަސައްކަތެއް ކުރަން އުޅެނިކޮށޭ ފެންނާނީ. އެހެންވެ މިހެން މިއެހީ.” ފަޔާޒް ވީގޮތް އޮޅުންފިލުވައިދިނެވެ. “ނޭނގެ. މިއަދު ހަމަ ނިދި އަންނަނީ. އެކަމު ރޭގައި އެންމެ ގިނައިރުވެސް ނިދުނީ. ދެން ނޭނގެ މިއަދު މިހާ ނިދި އަންނަނީ ކީއްވެކަމެއް.” ރިޔާޝާވެސް ބުންޏެވެ.

“ކޮން އެއްޗެއް މެންދުރަށް ކައްކާނީ؟” ރިޔާޝާ އަހާލިއެވެ. “މިއަދު މެންދުރަށް ކައްކާނެކަމެއް ނެތް. އަހަރެން މިއުޅެނީ ކައްކާފައި.” ފަޔާޒް އެހެން ބުނުމުން ރިޔާޝާއަށް ދެއުކުޅުގައި އަތް ވިއްދާލެވުނެވެ. މީ އަޖައިބެއް ކަހަލަ ފިރިހެނެކެވެ. އަހަރެން މަސައްކަތެއް ކޮށްފާނެތީ ކަންބޮޑުވަނީ ހެއްޔެވެ؟ ނޫނީ މީނާ މިއުޅެނީ އަހަރެންވަރުގެ ނުބައި މީހަކު ނެތްކަމަށް ހަދަންވެގެން ހެއްޔެވެ؟ “ދެން އެކަމަކު ފަޔާޒް. އަހަރެން ހިތްހަމައެއް ނުޖެހޭ ފަޔާޒް ކައްކާކަށް. އަހަރެންނަށް ވަރަށް އެހެން ކަހަލަ ގޮތަކަށް ހީވަނީ ފަޔާޒް ކެއްކީމަ. އަހަރެންނަށް ހީވަނީ އަހަރެންނަށް ނުވާނެއޭ ބުނަން އުޅޭހެން.” ރިޔާޝާ ހިތްހަމަނުޖެހުނުވަރުން ނުބުނަން އުޅުނު އެއްޗެހިވެސް ބުނެވިއްޖެއެވެ.

“ސޮރީ! ރިޔާ ބުނެފިއްޔާ ދެން އަހަރެން ކައްކާކަށް ނުވަންނާނަން. އެންމެ ރަނގަޅެއްނު. އެކަމު އަހަރެން ކައްކާލަން ވަނީ އެއްވެސް މީހެއް ލައްވާ ރިޔާއަށް ދެރަ ބަހެއް ބުނުވާކަށް ނޫން. އަދި ރިޔާއަށް ނުވާނެތީއެއްވެސް ނޫން. ރިޔާ މާ ވަރުބަލިހެން ހީވާތީ ފަސޭހައަކަށް ކައްކާލަދިނީ. އެހެންނޫނަސް ފިރިމީހާ އަނބިމީހާއަށް ބައެއްފަހަރު ކައްކާލަދިނުން އެއީ މައްސަލައެއް ނޫނެއްނު.” ފަޔާޒް ދެރަވެލާފައި ބުނެލިއެވެ. “ދެން އެންމެ ރަނގަޅޭ. އެކަން އެނިމުނީނު.” ފަޔާޒް ދެރަވެފައި ހުރުމުން ރިޔާޝާ ހިނިތުންވެލަމުން ބުނެލިއެވެ. “އަދިވެސް ހިތްހަމަނުޖެހިފަތަ؟” ފަޔާޒް އެހެން ބުނެލުމުން ރިޔާޝާ އަވަހަށް ނޫނެކޭ ބުނެލިއެވެ.

**********

“ދަރިފުޅާ! ދަރިފުޅާ ޝިފާން! ކަލީމް އެބަހުރި ހޯދަން އައިސް.” ޚާލިދާ ޝިފާންގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން ގޮވާލިއެވެ. “އޯއި މަންމާ. ކަލީމް ކައިރީ ބުނޭ ވަދެ އިށީންނާށޭ. އަހަރެން އެބަ އާދެޔޭ.” ޝިފާން ކޮޓަރި ތެރެއިން ގޮވާލި އަޑު އިވުނެވެ. “ކޮބާ މަންމަމެން ގަދަތަ؟” ޚާލިދާ އައިސް ސޯފާގައި އިށީންނަމުން އަހާލިއެވެ. “އާނ. އިރާދަކުރެއްވީތީ ވަރަށް ބަރާބަރު.” ކަލީމް ހިނިތުންވެލަމުން ޖަވާބުދިނެވެ. “ކޮބާ އަންހެނުން؟” “އަންހެނުންވީ އޭނަ މަންމަ ބަލިވެގެން އެރަށުގައި.” ކަލީމްވެސް އިނީ ޚާލިދާއާއި ދިމާނުވާތާ ގިނަ ދުވަސްވުމުން ވާހަކަދައްކާލާ ހިތްވެފައެވެ.

“އަދިވެސް ނާންނަނީތަ؟ ކިހިނެކޯ މަންމައަށް ވަނީ؟” ޚާލިދާ ވަރަށް ކަންބޮޑުވެފައި އަހާލިއެވެ. “ނޭނގެ ވާގޮތެއް. ހަމަ ބޯ އަނބުރާފައި ހޮޑު ލެވެނީ. އެކޮޅުން ޑޮކްޓަރަށް ދައްކައިފި ކިތަންމެ ވަރަކަށްވެސް. އެކަމު ހަމަ ނޭނގެ ވާގޮތެއް. އެހެންވެ މިކޮޅަށް އަންނާށޭވެސް ބުނެފިން ކިތަންމެ ފަހަރަކު. އެކަމު ހަމަ އަންނަ ޚިޔާލެއް ނުކުރި. ރަށް ދޫކޮށްލާފައި ނާންނަންވެގެން. ދައްތާ ބުނާކަށް ވަރެއްގެ މައިދައިތައެއް އެއީ.” ކަލީމް ބުނެލި ގޮތުން ޚާލިދާ ގާތަށްވެސް ހިނިއައެވެ. “ކީއްކުރާނީ ދޯ. ތަފާތު މީހުން އުޅޭނެ ވިއްޔަ ދޯ؟ އެކަމަކު ބަލިވީމަ ދެން ކޮންމެވެސް ވަރަކަށް ގޮތްދޫކުރަން ވާނެތާ ދޯ؟” ޚާލިދާ އެހެން ބުނެލި ވަގުތު ޝިފާން ކޮޓަރިން ނުކުމެގެން އަންނަތަން ފެނުނެވެ. އެހެންކަމުން ޚާލިދާ މިސްރާބުޖެހީ ބަދިގެއާއި ދިމާއަށެވެ.

“ސާބަސް! އަންހެނަކު ތަނަކަށް ދާން ތައްޔާރުވުމަށްވުރެ ކަލޭގެ ކަންތައް ބޮޑޭ ދޯ؟ މިހާރު ކޮންއިރެއް މަ އައިސް އިންނަތާ؟” ކަލީމް ދިމާކޮށްލިއެވެ. ހިނިގަނޑެއް ޖަހާލާފައި ޝިފާން ބޭރަށް ނިކުންނަން ހިނގައިގަތުމުން ކަލީމްވެސް ހިނގައިގަތެވެ. “މަ ވަރަށް ހާޑްވެގެން ފާޚާނާއަށް ވަންނަނިކޮށޭ ކަލޭ ތިއައީ.” ޝިފާން ބުނެލިއެވެ. “އެހެންވީމައޭ މަމިބުނަނީ އަވަހަށް މީހަކާ އިންނާށޭ. އޭރަކުން ތިހާ ވަރަށް ހާޑްވެގެން އުޅޭކަށް ނުޖެހޭނެޔޭ.” ކަލީމް އެހެން ބުނުމުން ޝިފާން ކަލީމްގެ ކޮނޑުގައި ބޮނޑިއެއް އަޅާލިއެވެ. “ސާބަހޭ. އެކަހަލަ ކަމެއް ނޫން. މީނަ ނުނަގާނެ ދުވަހަކުވެސް ރަނގަޅު ގޮތަކަށް މާނައެއް.” ޝިފާން އެހެން ބުނުމުން ކަލީމް ހިނިގަނޑެއް ޖަހާލިއެވެ.

“އޭތް ތިއެއްނޫނޭ. އެވީ ވަގުތުކޮޅު ތެރޭ މަންމަ ވާހަކަ އަޅުވާލީ ދޯ؟” ޝިފާން މަޢުޟޫ ބަދަލުކޮށްލިއެވެ. “އާނ. ދެން އިނގެއެއްނު އެމީހުންގެ ގޮތް. ބީބީސީއަށް އެންމެ ތަންފުކެއްވެސް ދުލެއް ނުކުރާނެ. ހެހެހެ.” ކަލީމްގެ ހުނުމުގައި ޝިފާންވެސް ބައިވެރިވިއެވެ. “ދެން ވަރަށް ދުވަސްވެސް ވެއްޖެތާ ނާދެވޭތާވެސް. އެހެންވީމަ ވާގޮތް. މައިދައިތަގެ ވާހަކަ ވަރަށް އެހި. ދެން އަންހެނުންގެ ވާހަކަވެސް.” ކަލީމް ބުނެލިއެވެ. “އާނ. ތިހެން ބުނީމައޭ މި ހަނދާންވީ. އޭނަ އަތުގައި ވާނެޔޯ ރީމާގެ ކޮންމެވެސް ވާހަކަ ފޮތެއް. އޭނަ އެފޮތް ހޯދަދީބަލާށޭ އެބަ ބުނޭ.” ޝިފާން ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ. “އާނ. އެނދުގެ ހެޑްބޯޑް މަތީ އެބައޮތް ކޮންމެވެސް ލޯތްބެކޭ ކިޔާ ފޮތެއް. ކޮންމެވެސް އިރަކުން ހިނގާ އިނގޭ.” ކަލީމް ސައިކަލަށް އަރަމުން ބުނެލިއެވެ.

**********

އިމާދު ތައްޔާރުވަމުން ދިޔައީ ފަޔާޒާއި ރިޔާޝާގެ ހަނީމޫން ކަންތައް ހަމަޖެއްސުމަށެވެ. ފަޔާޒް ނިންމާފައިވަނީ ހަނީމޫން ދަތުރު ނިންމާފައި ރާއްޖެ ނައިސް އިންޑިޔާއަށް ދިއުމަށެވެ. އޭނާގެ ދިރިއުޅުން ހަމަޖެއްސިފައިވަނީ އިންޑިޔާގައެވެ. އޭނާ ރާއްޖެ އައިސް އެހުރީ ޗުއްޓީއެއް ނަގައިގެން ހަމައެކަނި ކައިވެންޏަށެވެ. އޭނާ ކައިވެންޏަށް ރާއްޖެ އައިއިރުވެސް އޭނާގެ މަންމަ އަންނާކަށް އެއްބަހެއްނުވިއެވެ. އޭނާގެ މަންމަ ރަތީބާއަށް ރާއްޖެއަކީ މާ ފޫހި ތަނަކީއެވެ. އޭނާއަށް ކަމުދަނީ އިންޑިޔާގެ ސަޤާފަތެވެ. އޭނާ އުޅެނީވެސް އާންމުކޮށް ދިވެހިން އުޅޭ ސަރަހައްދެއްގައެއްވެސް ނޫނެވެ. ހެދުން އަޅަނީވެސް އިންޑިޔާ މީހުން އަޅާ ގޮތަށެވެ.

ހަފްތާއެއް ވީތަނާ ރިޔާޝާ ގޮވައިގެން ފަޔާޒް ހަނީމޫނަށް ފުރީ އެމެރިކާއަށެވެ. ހަނީމޫންގައި ދެހަފްތާ ހޭދަކުރިއިރު ދެމީހުންގެ ގުޅުން ކުރިއަށްވުރެ ރަނގަޅުވެފައިވެއެވެ. އަނބިފިރިކަމުގެ ގުޅުމެއް ނެތަސް މިހާރު އެއީ ދެއެކުވެރިންނެވެ. ދެމީހުން ވާހަކަދައްކާ ސަމާސާކޮށް ހަދައެވެ. ހަނީމޫން ދަތުރު ނިންމާފައި އެމީހުން އިންޑިޔާއަށް ދިޔައީ ރަތީބާ ގާތުގައި ނުވެސް ބުނެއެވެ. ބެލް ޖަހާލިއިރަށް ދޮރު ހުޅުވާލީ މަސައްކަތު މީހެކެވެ. ކާކުކަން ނުބުނެ މަންމައަށް ގޮވާލަދޭން ބުނުމުން އެމީހާވެސް ދެބަހެއްނެތި ފަޔާޒް އެދުނު ފަދައިން ކަންތައް ކޮށްދިނެވެ. ރަތީބާ އައިއިރު ފަޔާޒްމެން ތިބީ ދޮރުގެ ފާރާއި ނިވާވެގެންނެވެ. “ކޮބައިތަ ތިބުނާ މީހަކު؟ ނެތެއްނު. މީ އަޖައިބެއް ކަހަލަ ބައެއް. ނުފެނުނަސް ފެނުނުކަމަށް ހަދާނެ.” ރަތީބާ ކުދިކިޔަމުން އައިސް ދޮރާއި ހަމަވިތަނާ ފަޔާޒް އޭނާ ސިއްސުވާލިއެވެ.

“ދަރިފުޅު ދޯ؟ މަންމަ ކިރިޔާއޭ ބިރުން ހަލާކުނުވީ. ދެންވެސް ތިކަހަލަ ކަންތައް ނުކުރާތި.” މޭގައި އަތް އަޅާލައިގެން ހުރެ ރަތީބާ ބުނެލިއެވެ. “ހެހެހެ. މަގޭ ލޯބި މަންމާ! މަގޭ ސަޕްރައިޒް ކިހިނެއް؟” ރަތީބާގެ ގައިގައި ބައްދާލަމުން ފަޔާޒް އަހާލިއެވެ. “ވަރަށް ކަމުދޭ. ވަރަށް ރަނގަޅު. އެކަމަކު ކިރިޔާއެއްނު ހިތް ނުހުއްޓުނީ.” ރަތީބާ އޭނާގެ ލޯބިވާ ދަރިފުޅުގެ އަތުގައި ޖަހާލަމުން ބުނެލިއެވެ. “ކޮބައިތަ މަގޭ ފުރަތަމަ ޅީދަރި؟” ރަތީބާއަކަށް އޭރަކު އަދި ފަޔާޒްގެ ފަހަތުގައި ހުރި ރިޔާޝާއެއް ނުފެނެއެވެ. ފަޔާޒް މަޑުމަޑުން އެއްފަރާތްވެލިއެވެ.

“ސުބްޙާނަﷲ!” ރަތީބާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. “އާދޭ އެތެރެއަށް.” އެހެން ބުނެފައި ރިޔާޝާގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ. “ކޮން ނަމެއްތަ ކިޔަނީ؟” ނަން އެނގި ހުރެވެސް ރަތީބާ އަހާލިއެވެ. ފަޔާޒް ވަނީ އޭނާއަށް ހުރިހާ އެއްޗެއްވެސް ކިޔައިދީފައެވެ. އެހުރިހާ ކަމެއް ކުރިއިރުވެސް ފޮޓޯއެއް ނުދެއްކިއެވެ. “ރިޔާޝާ!” ރިޔާޝާ މަޑުމަޑުން ބުނެލިއެވެ. “މާޝާﷲ! ސިފަޔާއި އެއްވަރަށް ނަންވެސް އެހާ ރީތި. އަހަރެން އަބަދުވެސް ބޭނުންވީ ތިކަހަލަ ސާދާ އަންހެންކުއްޖެއް. މާތް ﷲގެ އިރާދަފުޅުން އަހަރެންނަށް އެދުވަސް ދައްކަވައިފި.” ރަތީބާ ހިތްހެޔޮކަމާއެކު ވާހަކަދެއްކިއެވެ.

**********

ޝިފާން ކަލީމްއާއެކު އެއާޕޯޓަށް ދިޔައީ ކަލީމްގެ އަންހެނުން މުޢީނާ އޭނާގެ މަންމަ ގޮވައިގެން އަންނާތީއެވެ. “ކަލީމް! އަހަރެން އެބަ އަންނަން ފެންފުޅިއެއް ގަނެގެން. ވަރަށް ފެންބޮވާ އެބަ.” ޝިފާން އެހެން ބުނުމުން ކަލީމް އެންމެ ރަނގަޅޭ ބުނެލިއެވެ. އަދި އަވަހަށް އައުމަށްވެސް އެދުނެވެ. ޝިފާން ދިޔަތާ އިރުކޮޅެއްވެސް އަންނަ މީހުންގެ ގޭޓުން މީހުންތައް ނުކުންނަން ފަށައިފިއެވެ. ކަލީމް ހުރީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. މުޢީނާ ފްލައިޓް ޖެއްސުމުން އޭނާއަށް ގުޅާނެކަމަށް ބުނެފައި އޮތުމުންނެވެ. ކަލީމް ފޯނަށް ގެއްލިފައި ހުއްޓާ ޝިފާން އައިސް އޭނާގެ ކޮނޑުގައި ޖަހާލުމުން ސިހުނު ވަގުތު ފޯނު އަތުން ދޫވިއެވެ.

ފޯނު ވެއްޓުނު ގޮތުން ޖެހިގައި ފޯނުގެ މަތިގަނޑާއި ބެޓެރި ފޯނާއި ވަކިވިއެވެ. “ކިހިނެއް ތިހެދީ؟ ހާދަ ވަރަކަށޭ ތި ސިހުނީ؟” ކަލީމް ގުދުވެ މަތިގަނޑާއި ބެޓެރި ނަގާ ފޯނު ރާވާލިއެވެ. އަދި އަވަސްއަވަހަށް ފޯނު ހުޅުވާލިއެވެ. “ކޮބާ އަދިވެސް ނުގުޅާތަ؟” ޝިފާން އަހާލިއެވެ. “ހޫމް. އަދި ނުގުޅާ.” ކަލީމް އާދައިގެ ގޮތަކަށް ބުނެލިއެވެ. “ހިނގާބަލަ ކުޑަކޮށް އެތެރެއަށް ވަދެލަން. ވެދާނެ ގުޅަން ހަނދާން ނެތުނީކަމަށްވެސް.” ޝިފާން އެހެން ބުނުމުން ކަލީމްވެސް އެކަމާ އެއްބަސްވަމުން އެތެރެއަށް ހިނގައިގަތެވެ. ދޮރާއި ހަމައަށް ދެވުނުތަނާ ޝިފާން ލައިގަތީ އެތެރެއިން ނުކުތް މީހެއްގެ ގައިގައެވެ. ޝިފާންއަށް އަވަސްއަވަހަށް އެމީހާއަށް ބަލާލެވުނެވެ.

(ނުނިމޭ)

17

28 Comments

  1. Appy

    November 4, 2016 at 9:16 am

    Nice

    • Saandy

      November 4, 2016 at 8:27 pm

      ޝުކުރިއްޔާ

  2. aisha

    November 4, 2016 at 9:39 am

    varah reethi. kon irakun 17 vana bai post kurany.

    • Saandy

      November 4, 2016 at 8:28 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 17ވަނަ ބައި ގެނެސްދޭނަން

  3. Navya

    November 4, 2016 at 9:49 am

    V reethi

    • Saandy

      November 4, 2016 at 8:29 pm

      ޝުކުރިއްޔާ

  4. raf

    November 4, 2016 at 10:52 am

    Wow …v salhi…mihaaru kiyaahi veje…ameenaa ge kibain riyaa salaamy veema….i think den mithanun kaneyge ayaa yaa riyaa dimaavaanii…ingidaane thaa vaagothe…koniraken 17th vana bai up kodeyni….

    • Saandy

      November 4, 2016 at 8:30 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 17ވަނަ ބައި ގެނެސްދޭނަން

  5. Qeen

    November 4, 2016 at 10:56 am

    vv reethi

    • Saandy

      November 4, 2016 at 8:30 pm

      ޝުކުރިއްޔާ

  6. raf

    November 4, 2016 at 11:03 am

    If u guys dnt read mi site ga in mansha vaahaka plex read…and kandhufen vaahaka too…v reethi 2 vaahaka eii..i really like manska vaahaka…

    • Saandy

      November 4, 2016 at 8:32 pm

      އާނ… ވަރަށް ރީތި ދެވާހަކަ އެއީ

  7. ?

    November 4, 2016 at 11:40 am

    V reethi vaahakaeh dhenkonirakuntha mivaahaka up kuranee

    • Saandy

      November 4, 2016 at 8:31 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 17ވަނަ ބައި ގެނެސްދޭނަން

  8. ?

    November 4, 2016 at 11:42 am

    V kiyaahithunmihiree

    • Saandy

      November 4, 2016 at 8:31 pm

      ޝުކުރިއްޔާ

  9. Aishu

    November 4, 2016 at 1:52 pm

    Alhey konirakun next part. Thankolheh dhigu kon genesdhechry next part. Vaahaka v reethi

    • Saandy

      November 4, 2016 at 8:32 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 17ވަނަ ބައި ގެނެސްދޭނަން

  10. Eyna

    November 4, 2016 at 2:10 pm

    V furihama… next part othy on irakun…<3

    • Saandy

      November 4, 2016 at 8:33 pm

      ޝުކުރިއްޔާ

    • Saandy

      November 4, 2016 at 8:36 pm

      އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު 17ވަނަ ބައި ގެނެސްދޭނަން

  11. Eyna

    November 4, 2016 at 2:11 pm

    *Kn

  12. ??

    November 4, 2016 at 3:10 pm

    konirakuntha 17 vanbai genesdhenee vv reethi

    • Saandy

      November 4, 2016 at 8:34 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 17ވަނަ ބައި ގެނެސްދޭނަން

  13. Zaany

    November 4, 2016 at 7:49 pm

    Alhey haadha reehchey mivaahaka. Kon irakuntha 17th part up kolladheyny? I’m waiting

    • Saandy

      November 4, 2016 at 8:35 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 17ވަނަ ބައި ގެނެސްދޭނަން

  14. leen

    November 4, 2016 at 8:31 pm

    Saandy leenah Kameh kohdhenya buneba 17 vana bai up kuraane ireh please! Mihaaru ves ebai kiyaahithun miiny.

    • Saandy

      November 4, 2016 at 8:35 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު 17ވަނަ ބައި ގެނެސްދޭނަން

Comments are closed.