ދޮރާއި ހަމައަށް ދެވުނުތަނާ ޝިފާން ލައިގަތީ އެތެރެއިން ނުކުތް މީހެއްގެ ގައިގައެވެ. ޝިފާންއަށް އަވަސްއަވަހަށް އެމީހާއަށް ބަލާލެވުނެވެ.
ޝިފާންއަށް ބަލާލެވުނުއިރު އެމީހާ ހިފައިގެން ހުރި އަސާގަނޑު ނަގަން ގުދުވަނީއެވެ. ޝިފާން އަވަސްއަވަހަށް ގުދުވެ އަސާގަނޑު ނަގައިދިން ވަގުތު އެމީހާގެ މޫނު ފެނުމުން “އަޔާ” ބުނެލެވުނެވެ. “ޝިފާން!” އަޔާޒަށްވެސް ބުނެވުނެވެ. ލިބުނު އުފާވެރިކަމަކުން އަޔާޒަށް ޝިފާންގެ ގައިގައި ބައްދާލެވުނެވެ. ޝިފާން ހުރީ ހަރަކާތެއްވެސް ނުގެނެވިފައެވެ. ޝިފާންގެ އެ ދުރުކަމުން އަޔާޒްގެ ހިތަށް ތަދުވިއެވެ. ދުވަސްތަކެއް ވަންދެން ދުރުގައި އުޅުމަށްފަހު އައިއިރު ދެމީހުންގެ މެދުގައި ދުރުކަމެއް ވާކަން އަޔާޒަށް އިހުސާސްކުރެވުނެވެ. އެކަމުގެ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.
“ޝިފާން! ކިހިނެއްވެފައި ތިހުންނަނީ؟ މިހާ ދުވަސްވެފައި ފެނުނީމަވެސް އުފަލެއް ނުވޭތަ؟” އަޔާޒް ދެރަވެލާފައި ބުނެލިއެވެ. “އުހުނ. ވަރަށް އުފާވެއްޖެ އަޔާ ރަނގަޅުވެގެން އައިމަ. އަޔާ އެކަނިތަ އައީ؟” ޝިފާން ގަދަކަމުން ހިނިތުންވެލިއެވެ. “އާނ. އަހަރެން އެކަނި އައީ. ޝިފާން ކީއް ތިކުރަނީ މިތާ؟” “މީ ކަލީމްގެ އަންހެނުންނާ މައިދައިތަ އަންނާތީ އޭނައާއެކު އައިސް މިއުޅެނީ. އަހަރެން ފަހުން ގުޅާނަން އިނގޭ.” ޝިފާން އެހެން ބުނުމުން އެންމެ ރަނގަޅޭ ބުނެފައި އަޔާޒް ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ. ވަކި ހިސާބަކަށް ގޮސްފައި އޭނާއަށް ފޮށި ނުލާ އާދެވުނުކަން ހަނދާންވެގެން އެތެރެއަށް ހިނގައިގަތެވެ.
އަޔާޒް އަސާގަނޑު ޖައްސަމުން ހިނގާފައި ގޮސް ވަރަށް އުނދަގުލުން ފޮށި ހިފައިގެން ނުކުމެގެން ފެރީއާއި ދިމާއަށް މިސްރާބުޖެހިއެވެ. ފެރީގައި އުޅޭ ފަޅުވެރިއެއްގެ އެހީގައި ފޮށި އެރުވުމަށްފަހު އޭނާ ފެރީއަށް އަރާ ހަމަޖެހިލިއެވެ. ފެރީގައި އިންއިރު ޝިފާންއަށް އައިސްފައިވާ ބަދަލާއިމެދު އަޔާޒަށް ވިސްނާލެވުނެވެ. އެކަމުގެ ސަބަބަކީ ކޮބައިބާވައެވެ؟ އޭނާއަށް އެކޮޅުގައި އުޅުނުއިރު އެހާ ގިނައިން ޝިފާންއާއި ގުޅާ ވާހަކަނުދެއްކުނީމަ ހެއްޔެވެ؟ އެކަމުގެ ސަބަބު އޮޅުންފިލުވޭނީ ޝިފާންއާއި ތަންކޮޅެއް ހަމަޖެހިލައިގެން ވާހަކަ ދައްކާލެވިގެންނެވެ. އޭނާ ފަހުން ޝިފާންގެ ގާތުން އެކަން އޮޅުންފިލުވަން ނިންމިއެވެ. އަނެއްކޮޅުން ރިޔާޝާގެ ހަނދާންތައް ހިނދުކޮޅަކަށްވެސް އޭނާގެ ހިތަކުން ނުފިލައެވެ. އޭނާ ދެފައި މައްޗަށް ކޮޅަށް ހުންނަތަން ފެނުމުން ރިޔާޝާ ހާދަހާ އުފަލެއް ވާނެއެވެ.
**********
އަޔާޒް ދިޔަފަހުން ޝިފާންއަށް ހުރެވެނީ ފާޑަކަށެވެ. އަޔާޒްގެ ސަބަބުން ރިޔާޝާ އޭނާއާއި ގުޅުން ކަނޑާލީތީ އޭނާ އެހުރީ އަޔާޒްދެކެ ހިތްހަމަނުޖެހިފައެވެ. އެހާ ދުވަސްފަހުން އެކުވެރިޔާ ފެނުމުން އޭނާ އެހާ އުފާނުވި ސަބަބަކީވެސް އެއީއެވެ. ނަމަވެސް އޭނާއަށް އަޔާޒާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ވަރަށް ދެރަވެސްވިއެވެ. “ޝިފާން! ކިހިނެއްވެފަ؟” ކަލީމް ޝިފާންގެ ކޮނޑުގައި ޖަހާލުމުން ސިހިފައި ކީކޭހޭ އަހާލިއެވެ. “ސާބަސް! މަބުނީ ކިހިނެއްވެފަހޭ ތިހިރީ؟” ކަލީމް ބޯ ހޫރާލަމުން އަހާލިއެވެ. “ކަމެއްނުވޭ. ކޮބާ މުޢީ އަދިވެސް ނުގުޅާތަ؟” ޝިފާން އަވަހަށް މަޢުޟޫ ބަދަލުކޮށްލިއެވެ.
“ނޫނޭ. ދެންމެ ގުޅީ. އިރުކޮޅެއް ވާނެއެއްނު މިހާ ހިސާބަށް އަންނަން.” ކަލީމް ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ދެމަސް ފަހުން ލޯބިވާ އަނބިމީހާ ފެންނާތީ އޭނާ ހުރީ އިންތިހާއަށް އުފާވެފައެވެ. އެމީހުން އިންތިޒާރުގައި ތިބޭތާ އިރުކޮޅެއް ވީތަނާ ޓްރޮލީއަކަށް ލަގެޖްތައް ލައިގެން މުޢީނާގެ ބައްޕަ ވާފިރު އަންނަތަން ފެނުނެވެ. އޭނާގެ ފަހަތުން މުޢީނާއާއި އޭނާގެ މަންމަ ސޮފޫރާ އައެވެ. މުޢީނާ އައިސް ކަލީމް ގައިގައި ކުޑަ ގޮތަކަށް ބައްދާލިއެވެ. ހަތްމަހުގެ ބޮޑު ބަނޑާއެކު ފަލަވެލާފައި ހުރުމުން މުޢީނާގެ ރީތިކަން އިތުރުވެފައިވެއެވެ. ބަލިވެ އިންފަހުން އެދޮން މޫނު އިތުރަށް އޮމާންވެފައި ވަށްހެން ހީވެއެވެ.
“މަންމަމެން ކިހިނެއްތަ؟” ހިނިތުންވެލަމުން ކަލީމް އަހާލިއެވެ. “ރަނގަޅު ދެން.” ސޮފޫރާ ބުނެލިއެވެ. “ހިނގާ އަވަހަށް ދަމާ. މުޢީ އަކަށް އެހާ ގިނައިރަކު ނުހުރެވޭނެއެއްނު. އެހެންނޫނަސް މަންމަމެންވެސް ތިބޭނީ ވަރަށް ވަރުބަލިވެފައެއްނު.” ކަލީމް އަވަހަށް އެމީހުން ގޮވައިގެން މާލެ ދިއުމަށް އަވަސްވެގަތެވެ. ޝިފާންއާއި ދެމީހުންވެގެން ފޮށިތައް ފެރީއަށް އަރުވާފައި ގޮސް ހަމަޖެހިލިއެވެ. “މުޢީ ކިހިނެއްތަ؟” ކަލީމްގެ ގާތުގައި އިށީންނަމުން މުޢީނާ ގާތުގައި ޝިފާން އަހާލިއެވެ. “ވަރަށް ރަނގަޅު. ޝިފާން ކިހިނެއްތަ؟” “އަހަރެންވެސް ރަނގަޅު. މިހާރު ކިތައް މަސްތަ؟” ޝިފާން އަހާލިއެވެ. “ހަތްމަސް.” “ދެން ނެތް ދޯ މާގިނަ ދުވަހެއް.” ހިނިތުންވެލަމުން ޝިފާން އެހެން ބުނެލުމުން ކަލީމްއާއި މުޢީނާ އެކުގައި ކަހަލަ ގޮތަކަށް ހީލިއެވެ.
**********
ފެރީ ލެފުމާއެކު މީހުންތައް ފޭބުމަށް އަވަސްވެގަތެވެ. މީހުން މަދުވެލަންދެން އަޔާޒް މަޑުކޮށްލައިގެން އިނީ މިއަދު އޭނާގެ ހާލަތު ހުރިގޮތުން އޭނާއަށް އެހެން މީހުންހެން ހަލުވިކޮށް ނޫޅެވޭނެތީއެވެ. މީހުންތައް މަދުވުމާއެކު އޭނާ ފެރީއިން ފޭބި ވަގުތު އޭނާގެ ކަނާއަތު ފަޔަށް އެރި ތަދަކުން ބޮލަށްވެސް އެނބުރުން އަރައިގެން ދިޔައެވެ. ވީ ތަދެއްގެ ބޮޑުކަމުން އޭނާއަށް ހަޅޭއްވެސް ލަވައިގަނެވުނެވެ. އޭނާގެ އަޑަށް ކައިރީގައި ތިބި މީހުންތައް އޭނާއަށް ބަލާލިއެވެ. އޭރު އޭނާ ހުރީ ކަނާއަތު ފައިގެ ފަލަމަސްގަނޑާއި ހިސާބުގައި ހިފަހައްޓާލައިގެންނެވެ. ފަޅުވެރި ކުއްޖާ ފޮށި ހިފައިގެން އައިސް އޭނާގެ ކައިރީގައި ބަހައްޓައިދެމުން ކިހިނެއްވީތޯ އަހާލިއެވެ. ފައި އެޅުނު ގޮތަކުން ފަޔަށް ތަދުވީ ކަމުގައި އަޔާޒް ބުނެލިއެވެ.
ތަދު ކުޑަވެލުމުން އަޔާޒް ފޮށި ހިފައިގެން މަގަށް ނުކުމެ ކާރެއް ހުއްޓުވިއެވެ. ޑްރައިވަރގެ އެހީއާއެކު ފޮށި ޑިކީއަށް ލާފައި ކާރަށް އަރާ ހަމަޖެހިލިއެވެ. އަދި ދާންވީ އެޑްރެސް ބުނެލުމާއެކު ޑްރައިވަރ ކާރު ދުއްވާލިއެވެ. ފަނަރަ ވަރަކަށް މިނެޓްގެ ދަތުރަކަށްފަހު ކާރު މަޑުކޮށްލީ “މާވެލަސް” ކުރިމައްޗަށެވެ. ޑްރައިވަރ ކާރުން ފައިބައި އޭނާއަށް ފޮށި ގެނެސްދިނުމުން “ޝުކުރިއްޔާ” އޭ ބުނެލިއެވެ. ޑްރައިވަރ އަތަށް ލާރިދީފައި އޭނާ އެ ގަނޑުވަރެއްފަދަ ބޮޑު ގޭގެ ދޮރާށި ހުޅުވާލާ އެތެރެއަށް ވަދެގެން ދިޔައެވެ. ގޭތެރެއަށް ވަދެވުމާއެކު އޭނާއަށް ކިނބިހި އެޅެންފެށީ ގޭތެރެ ހިރަފުސްވެފައިވާ ވަރުންނެވެ. އެކި ހިސާބު ހިސާބުގައި މަކުނުވާ ހުރިއިރު މިއިން ޒަމާނަކުވެސް އެގޭގައި މީހުން އުޅެފައިވާހެނެއް ހިއެއްނުވެއެވެ. އެހާވެސް ބޮޑަށް ގޭތެރެ ވަނީ ހަޑިވެފައެވެ.
**********
ރިޔާޝާ ފެންވަރައިގެން ނުކުމެ ޑްރެސިންގ ޓޭބަލް ކައިރީގައި ހުރީ އޭނާގެ އިސްތަށިގަނޑުން ފެން ހިއްކާށެވެ. އޭރު ފަޔާޒް ވީ ފެންވަރަން ވަދެއެވެ. އިސްތަށިގަނޑު ހިއްކާލާފައި ފުނާ އަޅަން ފެށިތަނާ ފަޔާޒް ނުކުތެވެ. ފޫކޮޅަށްވުރެ ތިރިއަށް ފައިބާ ރިޔާޝާގެ ރޭގަނޑެއްފަދަ ފަން އިސްތަށިގަނޑަށް ބަލަހައްޓައިގެން ފަޔާޒް ހުއްޓެވެ. ރިޔާޝާއަށް ފަޔާޒް ބަލަހައްޓައިގެން ހުރިތަން ލޯގަނޑުން ފެނުމުން ލަދުގަންނަ ގޮތްވިއެވެ. ރިޔާޝާ އަވަސްއަވަހަށް އިސްތަށިގަނޑު ގަތާލަން އުޅެނިކޮށް ކުއްލިއަކަށް ފަޔާޒް އައިސް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. “އަހަރެންނަށް ރީތީ މި އިސްތަށިގަނޑު ނިއުޅާލާފަ އޮންނައިރު.” ފަޔާޒް އެހެން ބުނެލާފައި ގޮސް އަވަސްއަވަހަށް އެއްޗެހި ލައިގެން ރީތިވެލުމަށް ޑްރެސިންގ ޓޭބަލްއާއި ކައިރިވެލިއެވެ.
“ދަރިފުޅާ ފަޔާޒް. އަވަހަށް ރިޔާޝާ ގޮވައިގެން ކާން އާދޭ.” ރަތީބާ ބޭރުގައި ހުރެފައި ގޮވާލިއެވެ. “މިދަނީ މަންމާ.” ފަޔާޒް އަވަސްއަވަހަށް ރީތިވެލައިގެން ނުކުތެވެ. ރިޔާޝާވެސް ފަޔާޒާއި ދާދި އެކުގައި ގޮސް ނުކުތެވެ. ރިޔާޝާ އިސްތަށިގަނޑު ނިއުޅާލާފައި ހުއްޓާ ފެނުމުން ރަތީބާއަށް ހައިރާންވެފައި ބަލަން ހުރެވުނެވެ. އޭނާއަށް އަދި ދުވަހަކުވެސް ޤުދުރަތީ މިހާ ރީތި އިސްތަށިގަނޑެއް ހަމަ ލޮލަކަށް ނުފެނެއެވެ. ރަތީބާ އަނގަ ހުޅުވިފައި ބަލަން ހުރުމުން ފަޔާޒް ގާތަށް ހިނިއައެވެ. ރިޔާޝާގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައީ ބަސްބުނާހާ ހިނދުންނެވެ. “މަންމާ! ދެން ތިވަރަށް ނުބަލަބަލަ. ރިޔާ އެހެރީ ލަދުން މިހާރުވެސް.” ފަޔާޒަށް ނީނދެވިގެން ބުންޏެވެ. ރަތީބާވެސް އަވަހަށް މޭޒު ކައިރީގައި އިށީނެވެ.
ކެއުމުގެ ތެރޭގައި މާގިނަ ވާހަކަތަކެއް ނުދެކެވުނެއް ކަމަކު ރަތީބާ ދޭތެރެ ދޭތެރެއިން ރިޔާޝާގެ ދިރިއުޅުމާއި ބެހޭގޮތުން ސުވާލުކުރަމުން ދިޔައެވެ. އަމީނާގެ ވާހަކަދައްކަން ރިޔާޝާއަށް އުނދަގޫވި ނަމަވެސް އޭނާ ތެދުތެދަށް ޖަވާބުދެމުން ދިޔައެވެ. އޭނާ އެންމެ ކަމެއް ފިޔަވާ ހުރިހާ ކަމެއް ހާމަކުރިއެވެ. އަމީނާއާއި އިމާދުގެ ގުޅުން އޭނާ ސިއްރުކުރީ އެވާހަކަ ދައްކަން އޭނާ ލަދުގަތުމާއެކު މަސްލަޙަތަށް ވިސްނާފައެވެ. އަމީނާގެ ސަބަބުން ފަޔާޒްގެ އާއިލާގެ ތެރޭގައި މައްސަލަ ޖެހޭކަށް އޭނާ ބޭނުމެއްނުވެއެވެ. އަދި އޭނާއާއި ފަޔާޒްގެ ގުޅުން ރަނގަޅު ނޫންކަން އެހެން މީހަކަށް އެނގޭކަށްވެސް އޭނާ ބޭނުމެއްނޫނެވެ. އެހެންކަމުން އޭނާ ކޮޓަރިން ބޭރުގައި، ފަޔާޒްގެވެސް އެދުމުގެ މަތިން ފަޔާޒާއި ގާތް ގުޅުމެއް ބާއްވަނީއެވެ.
**********
“މަންމަމެން އައިއިރު ކީއްވެތަ އިޔާން ނުގެނައީ؟ އޭނަ އެކަނި ގޭގައި ބަހައްޓާފަތަ ތިއައީ؟” ކައިގެން ނުކުމެފައި ކަލީމް ވާފިރާއި ސޮފިއްޔާއާއި ވާހަކަދެއްކިއެވެ. “އިޔާން ބަދޫރާމެން ގެއަށް ލާފަ މިއައީ. އިޔާން ޓެސްޓް ދުވަސްކޮޅު ވީމަ ނުގެނެވޭނެއެއްނު. ވަރަށް ބޮޑާވެސް ހޭކި އަންނަންވެގެން.” ވާފިރު ބުނެލިއެވެ. “އެހެންތަ؟” “އާނ. ދެން އެހެން ވާނެ ދޯ އެވަރު ކުދިންނަށް. އިރުކޮޅަކާ އާދެވޭހާ ކައިރިއެއް ނޫންވިއްޔަ. މަސައްކަތް ހުންނަ ގޮތުން ނޯވޭ ބޭނުންހާ އިރަކު އާދެވޭކަށް. އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށް މި އާދެވެނީ.” ވާފިރު ދެއްކި ވާހަކައަށް ކަލީމްވެސް އެއްބަސްވިއެވެ. “އެހެންވީމަ ތިޖެހުނީ ހަމަ ކޮންމެހެން ހަދާފަވެސް މި ޗުއްޓީގައި އިޔާން މިކޮޅަށް ގެންނަން.” ކަލީމް ހީލާފައި ބުނެލިއެވެ.
“އިޔާން މިހާރު އެއުޅެނީ ފަހެއްގައި ދޯ؟” ކަލީމްގެ ބަހަށް ޖަވާބުދިނީ މުޢީނާއެވެ. “އާނ. އަންނަ އަހަރު ހަޔަކަށް ބަދަލުވާނެ އިރާދަކުރެއްވިއްޔާ.” “ކަލީމް! ދެން އަހަރެން އިހަށް ގޮސްލަނީއޭ. އަންނާނަން އަދި ފަހުން.” ޝިފާން އެހެން ބުނެފައި ހިނގައިގަތުމުން ކަލީމް އެންމެ ރަނގަޅޭ ބުނެލިއެވެ. “މަންމަމެންވެސް ދެން ދާންވީނު އަރާމުކޮށްލަން. މިހާރު ވަރަށް ވަރުބަލިވެފައެއްނު ތިބޭނީވެސް.” ކަލީމް އެހެން ބުނެލުމުން ވާފިރާއި ސޮފޫރާ ގޮސް އެމީހުންނަށް ހުރި ކޮޓަރިއަށް ވަނެވެ. އެމީހުން ވަތްކަން ޔަޤީންވުމުން ކަލީމް މުޢީނާގެ ގައިގައި ބައްދާލިއެވެ. “ކަލީމް! މިތާކު ނޫން. މަންމަމެން ފަހަރެއްގައި ނުކުމެދާނެ.” މުޢީނާ އެހެން ބުނެފައި ކަލީމްގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނެވެ.
ކޮޓަރިއަށް ވަނުމާއެކު ކަލީމްގެ ކެތްތެރިކަން ކޮޅުންލިއެވެ. މުޢީނާގެ ގައިގައި ބައްދާލާފައި ތުންފަތުގައި ބޮސްދިނެވެ. ކަލީމްގެ އެ ބޮސްދިނުންތަކާއި ބީހުންތަކަށް މުޢީނާއަކަށް ފުރަގަހެއް ނުދެވުނެވެ. އޭނާވެސް އެކަމަށް ބޭނުންވެފައިވާތާ ކިތަންމެ ދުވަހެކެވެ. ދެޖިސްމުގައި ހުޅު ރޯވީ ނިކަން އަވަހަށެވެ. ނަމަވެސް މުޢީނާގެ ބަނޑުގައި އެވާ އެދެމީހުން ލޯބީގެ ނިޝާނަށް ގެއްލުމެއް ލިބިދާނެތީ ކަލީމް އުޅުނީ ވަރަށް ބަލައިގެންނެވެ. ކަރުހިއްކުން ފިލިއިރު ދެމީހުންވެސް ތިބީ ދަލުން ފޯވެފައެވެ. ވެފައިވާ ވަރުބަލިކަމާއެކު ދެމީހުންނަށްވެސް ނިދުނީއެވެ.
**********
ގޭތެރެ ސާފުކޮށް ނިމުނުއިރު އިރުއޮއްސިއްޖެއެވެ. ދަތުރު ވަރުބަލިކަމާއެކު އެކަނިމާއެކަނި ގޭތެރެ ސާފުކުރަން ޖެހުމުން އަޔާޒް ހުރީ ވަރަށް ވަރުބަލިވެފައެވެ. ފެންވަރާލައިގެން ނުކުމެ އޮށޯތުމުގެ ބަދަލުގައި އޭނާ ނުކުތީ ބޭރަށެވެ. ބަދިގެއަށް ވަދެ ކޮފީ ތައްޓެއް ގިރާލައިގެން ސިޓިންގރޫމަށް ނުކުމެ އޭނާ ޝިފާންއަށް ގުޅާލިއެވެ. ދެފަހަރަކު ގުޅާލުމުން ޝިފާން ފޯނު ނެގިއެވެ. “ކީކޭ އަޔާ؟” އާދައިގެ ގޮތަކަށް ޝިފާން އަހާލިއެވެ. “މިގެއަށް އައިސްދެވިދާނެތަ މިހާރު؟” “މައްސަލައެއް ނެތް. އިރުކޮޅަކުން އެބަ ދަން.” ޝިފާން އެހެން ބުނެފައި ފޯނު ބޭއްވިއެވެ. އަދި ފުން ނޭވައެއް ދޫކޮށްލަމުން ގެއިން ނުކުމެ ސައިކަލަށް އަރައިގެން އަޔާޒްގެ ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ.
ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން އަޔާޒް ގޮސް ދޮރު ހުޅުވާލިއެވެ. ޝިފާން ހިނިތުންވެފައި ހުރިތަން ފެނުމުން އަޔާޒަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. “ކިހިނެއްވީއޭ؟” ސޯފާގައި އިށީނދެލަމުން ޝިފާން އަހާލިއެވެ. އަޔާޒް އެއްވެސް އެއްޗެކޭ ނުބުނެ އޭނާ ކޮފީ ބުއި ޖޯޑު ހިފައިގެން ބަދިގެއަށް ވަދެ އަނެއްކާވެސް ދެޖޯޑު ކޮފީ ހިފައިގެން ނުކުތެވެ. “އަހަރެން ކުޑަކޮށް ވާހަކަދައްކާލަންވެގެން.” “ހޫމް. އަޑުއަހަން މީނީ. ދެން ދައްކަބަލަ ތިދައްކާ ވާހަކައެއް.” ޝިފާންގެ އަޅާލުން ކުޑަކަން ފެނިފައި އަޔާޒް ވަރަށް ދެރަވިއެވެ. “ހާދަ ފާޑަކަށް ޝިފާން ތިއިންނަނީ. ކޮންކަމަކާ އަހަރެންދެކެ ހިތްހަމަނުޖެހިގެން ތިއުޅެނީ؟” އަޔާޒް ދެރަވެލާފައި އަހާލިއެވެ.
“އަހަރެން ހިތްހަމަނުޖެހިފައެއް ނޫން މީނީ. ތީ ހަމަ އަޔާއަށް ހީވާ އެއްޗެއް.” ޝިފާންއަށް ބުނާނެ އެއްޗެއް ނޭނގިގެން އެންމެފަހުން ބުނެލިއެވެ. “ނޫން. މީ އަހަރެންނަށް ހީވާ އެއްޗެއް ނޫން. ޔަޤީންވާ އެއްޗެއް. މިއަދު އެއާޕޯޓުން ފެނުނީމަވެސް އަހަރެންނަށް އެނގުނު އެކަން. އަހަރެން ފެނުނީމަ ޝިފާން އެހާ އުފާވިހެނެއް ހިއެއްނުވޭ.” އަޔާޒް ވާހަކަދެއްކި ގޮތުން ޝިފާންވެސް ވަރަށް ދެރަވިއެވެ. “ކޮންކަހަލަ ވާހަކައެއްތަ އަޔާ ތިދައްކަނީ؟ ކީއްވެތަ އަހަރެން އުފާ ނުވާނީ؟ އަހަރެންގެ ބެސްޓް ފްރެންޑް ޕްލަސް ކޮއްކޮ އައިމަ އަހަރެން އުފާނުވާނެ ކަމަށް ކީއްވެ ހީކުރީ؟” ޝިފާން އޭނާގެ ހިތުގައި އޮތްގޮތާއި ދެކޮޅަށް ވާހަކަދެއްކިއެވެ. ޙަޤީޤަތަށް ބުނަން ބޭނުންވިނަމަވެސް އަޔާޒް އެހާ ދެރަވެފައި އިންތަން ފެނުމުން ތެދަށް ބުނަން ޖެހިލުންވިއެވެ.
“އަހަރެންނަށް އިނގޭ ޝިފާން ތި ވާހަކަދައްކަނީ ހިތުގައި އޮތްގޮތަށް ނޫންކަން. އެހެންވެއެއްނު ދުރު ބަލަން އިނދެ ތި ވާހަކަދައްކަނީ.” އަޔާޒް އެހެން ބުނެލުމުން ޝިފާންއަކަށް މަޑަކުން ނީނދެވުނެވެ. “އާނ. އަހަރެން މިހިރީ އަޔާ އަހަންނާ ނުގުޅާ އުޅުނީމަ ވަރަށް ހިތްހަމަނުޖެހިފަ. އެންމެ ރަނގަޅެއްނު.” ޝިފާން އޭނާ ހިތްހަމަނުޖެހިފައި ހުރި އެއް ސަބަބު ހާމަކުރިއެވެ. “ވަރަށް ބޮޑަށް ސޮރީ. އަހަރެން ހަމަ އެކަކާވެސް ވާހަކަދައްކާ ހިތް ނެތީ އެދުވަސްކޮޅު. ދެނެއް އެހެނެއް ނުވާނެ.” އަޔާޒް ޝިފާންގެ ކޮނޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ. ދެމީހުން އެކިއެކި ވާހަކަ ދެއްކުމުގައި ވަގުތު ހޭދަކުރިއެވެ.
އަށެއް ޖެހުމުން އަޔާޒް ޝިފާން ލައްވާ ހޮޓަލުން ކާއެއްޗެހި ގެނުވިއެވެ. އަދި ދެމީހުންވެގެން ކެއުމައިގެން ކުރިއަށް ދިޔައެވެ. ކައި ނިމިގެން އަޔާޒް ރިޔާޝާއާއި ބެހޭގޮތުން ސުވާލުކުރިއެވެ. ވަގުތުން ޝިފާންގެ މޫނުގެ ކުލަ ފަނޑުވެ ހިނިތުންވުން ފިލައިގެން ދިޔައެވެ. “ކިހިނެއްވީ؟” ޝިފާންއަށް ވީގޮތް ފެނުމުން އަޔާޒް ކަންބޮޑުވެފައި އަހާލިއެވެ. “އަޔާ ކީއްކުރަން ރިޔާއަށް ވީގޮތް ބަލަނީ؟ އެހެން އެވީ އަޔާގެ ސަބަބުން.” ޝިފާން ދައްކަމުންދިޔަ ވާހަކައެއް އަޔާޒަކަށް ފަހުމެއް ނުވިއެވެ. “ޝިފާން! ކީކޭ ތި ކިޔަނީ؟ ތިކިޔާ އެއްޗެއް ސާފުކޮށް ކިޔާބަލަ. ރިޔާއަށް ކަމެއްވީތަ؟ ކީއްވެ އަހަރެންނާހެދި؟” އަޔާޒް ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލިއެވެ. “ރިޔާ މެރީކޮށްފި.”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
34 Comments!
Comments are closed.






vv reethi
ޝުކުރިއްޔާ
V vvv rythi ekam thankolheh kuru dhn faharakun dhigukohlaathi
waiting the next part
ޝުކުރިއްޔާ! އާނ މިބައި އެހެން ބައިތަކަށްވުރެ ކުރުކަން ސާންޑީއަށްވެސް އެނގޭ… އިރާދަކުރެއްވިއްޔާ ކުރިއަށްހުރި ބައިތައް ދިގުކޮށްލެވޭތޯ މަސައްކަތް ކުރާނަން… އިރާދަކުރެއްވިއްޔާ މާދަމާ 18ވަނަ ބައި ގެނެސްދޭނަން
Alhe haadhareechey kiyakiyaaindhaaviyyaathininmaalee v dhera ???
ޝުކުރިއްޔާ
Wow interesting stry v rythi ekam haadhakurey n waitin nxt prt
ޝުކުރިއްޔާ! ކުރިއަށްހުރި ބައިތައް ދިގުކޮށްލެވޭތޯ މަސައްކަތް ކުރާނަން… އިރާދަކުރެއްވިއްޔާ މާދަމާ 18ވަނަ ބައި ގެނެސްދޭނަން
vvv reethi
ޝުކުރިއްޔާ
Waiting for next part
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 18ވަނަ ބައި ގެނެސްދޭނަން
Nice
ޝުކުރިއްޔާ
V salhi
ޝުކުރިއްޔާ
Saandy kihineh thi hadhy kiyaahithun huhtai thi nihmaily ??
ޝުކުރިއްޔާ
Saandy dhen maadhamaatha up kuranee
އާނ… އިރާދަކުރެއްވިއްޔާ މާދަމާ 18ވަނަ ބައި ގެނެސްދޭނަން
Alhe haadhareethi vaahakaekey konirakutha mi Vaahakaige next part up kuranee
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 18ވަނަ ބައި ގެނެސްދޭނަން
Saandy mihaareethi koh vaahaka liyan duskury kihineh!!!??
ޝުކުރިއްޔާ! ހެހެހެ… ވާހަކަ ކިޔައިގެން… އަދިވެސް ދަސްކުރަނީ މި
Vvvvvv reetho
ޝުކުރިއްޔާ
varah interest hibaakah gossa thi nimmaalee.Ayaa ah hageegaih engumun dhen vaanee kihinehbaa.next part avaskolla dhevvaa.next part kiyaalan vaeah beynun.dhen vaahakaiga vaavgotheh balaalan beynun.Ayaa aa Fayaa akee twis ebbaa..egencee iru dhemeehun dhe aailaaga dhiriulhenee keevvebaa..saandy mi suvaalithakuge vaahaka next part inbengeyne kamah ummeedhu kuran.
Vedaan twis e kama ves…????
ޝުކުރިއްޔާ! ތިހުރިހާ ސުވާލެއްގެ ޖަވާބު ވާހަކަ ނިމުމުގެ ކުރިން އެނގޭނެ… 18ވަނަ ބައިން ހުރިހާ ކަމެއް ފަޅާއެރީމަ ކަމަކު ނުދާނެއެއްނު ދޯ؟ ހެހެހެ… އިރާދަކުރެއްވިއްޔާ މާދަމާ 18ވަނަ ބައި ގެނެސްދޭނަން
Ainai than neygi ayaa eii dhw…lol…aslu ayaa v deravaane…hope kuriah oy thanuga kanta daanii rangalha kan…i think dhen ok vaane kaneyge ayaa n aisha gulhuniima…next part avaha up kodeebaaa..
Masha allah mi v salhi vaahaka e..:)
ޝުކުރިއްޔާ! އާނ ދޯ ރަފް. އެއްވެސް އެނގުމަކާނުލާ ކުއްލިއަކަށް އަޔާ ވައްޓާލީ ދޯ އެ… އިރާދަކުރެއްވިއްޔާ މާދަމާ 18ވަނަ ބައި ގެނެސްދޭނަން
Vaahaka v v salhi . adhi emme hih hamajeheny vaahakaige liuntheriyaa kiuntherinnah javaabu dhaaree vaatheeve. Ey bodah vaahaka kiyaa hihvaa eh sababu. Thanks saandy.
ޝުކުރިއްޔާ