
އިންތިހާއަށް އާދޭސް 13…
“ޝީރީން މާދަން ނޫންއަނެއް ދުވަހު މާލެ ފުރަން މިއުޅެނީ…. ރެޑީވާތި…. އަޔާނާ ގޮވައިގެން ޝީރީން މަންމަ ކައިރިއަށްވެސް ދާންޖެހޭނެ ފުރުމުގެ ކުރިން…. ” މަނިކު ކޮޓަރިއަށް ވަންގޮތަށް ޝީރީންއާއި ވާހަކަ ދެއްކިއެވެ. “އަހަރެން ނުދާނަން މާލެއެއް….. ކޮންމެހެން އަހަރެން މާލެ ގެންދަން އުޅޭނެ ކަމެއްނެއް…. ޔަގީން އެކުއްޖާ މަރުވާ ކަހަލަ ބައްޔެއްކަން ޖެހިގެން އުޅެނީ…. އޭނަ މަރުވިޔަ ދީބަލަ… ކޮންމެހެން އަހަރެން ގޮވައިގެން ދާނެކަމެއްނެތް…” ޝީރީން ދެބުމަ ގޮއްޖަހާލަމުން ވާހަކަދެއްކިއެވެ. “މިންމި…” މަނިކު އަނގަ ހުޅުވާލިތަނާ އިވުނީ ކުޑަ ކުޑަ އަޔާނާގެ އަޑެވެ. އެ މައުސޫމް މޫނަށް މަނިކު ބަލަން ހުރި އިރު ޝީރީންގެ ރުޅިވެރިމޫނު އެވަގުތު އަޔާނާއަށް ފެނުނީ ބިރުވެރި އެއްޗެއްގެ ސިފައިގައެވެ.
ޝީރީންއާއި ދިމާލަށް ބަލަން އިން އަޔާނާއަށް އިނދެވުނީ ޝީރީންކައިރިއަށް ދާންނުކެރިފައެވެ.
“ޔާޔާ” ޝީރީންއާއި ދިމާލަށް ބަލަން އިން އަޔާނާ އުރާލަމުން މަނިކު ގޮވާލީ ހީލަމުންނެވެ. “ބިއްބި” އަޔާނާ މަނިކުގެ ކޮނޑުގައި ދެއަށް ވަށާލަމުން ކޮނޑުގައި ބޯއަޅާލީ ޝީރީންއާއި ދިމާލަށް ބަލަމުންނެވެ. އެހެން ނަމަވެސް ކުޑަ ކުޑަ އަޔާނާ މަނިކުގެ ކޮނޑުގައި މޫނު ފޮރުވާލީ ޝީރީންގެ ރުޅިވެރިމޫނުން ގޮތެއް ހަދާލުމުންނެވެ.
“ދަރިފުޅު މާލެދާނަންތަ… ބައްޕިއާއި މާމަ އާއި ޔާޔާއާއި… ދާނަން؟” ލޯބިން ފުރިގެންވި ރާގަކަށް އަޔާނާއާއި ދިމާލަށް ބަލަމުން މަނިކު އަހާލީ ބޮޑު ފެންޑާގެ ޖޯލިގައި އިށިންނަމުންނެވެ. “މިންމި ނުދަނީ ކީއްވެ..” އަޔާނާއަށް ފަސްއެނބުރި ކޮޓަރިއާއި ދިމާލަށް ބަލާލެވުނީ ޝީރީންއާދޭތޯއެވެ. “މަންމި ބަލިވީމަ…. އެހެންވީމަ ބައްޕިމެން ޖެހޭނު އަވަސްކޮށް މަންމި ކައިރިއަށް އަންނަންދޯ….” މަނިކު އެހެން ބުނުމުން އަޔާނާ ބޯޖަހާލީ އާއެކޭ ބުނަމުންނެވެ.
…………………………
“ފަރިޔާލު ކޮބާ ކޮންކަމެއްގަ މާ ބުރަކޮށް ތިއުޅެނީ…..” ފިޔާތަކެއް ކޮށަން އިން ފަރިޔާލު ފެނި ޝިޔާމާ އަހާލީ އެގޭ ބަދިގެއަށް ވަންނަމުންނެވެ. “އާން މިގޭ ލައިލާ މާލެ ފޮނުވާލަން މިއުޅެނީ އޭނަގެ ދޮންބޭބެ ކައިރިއަށް… އަބަދު ގޭގަ އޮންނާތީ ލީނާވެސް މިހާރު އެކަމާ ޝަކުވާ ކޮއްފި… ކޮންމެވެސް ޕޭސްޓްރީއެކޯލަ…. އެކަހަލަ އެއްޗެއް ހަދަން އެދަނީ… އެހެންވެ އެދާބުރު ކުޅި ކާޖާ ކޮޅެއް ހަދާފަ ފޮނުވަން މިއުޅެނީ…” ފަރިޔާލު ހީލަމުން ބުންޏެވެ. “ލައިލާ މާލެ ދަނީތަ…. ކިހާ ދުވަހަކަށް އެމަންޖެ އެދަނީ…” ގޮނޑިއެއް ކައިރިކޮއްލަމުން ޝިޔާމާ އަހާލިއެވެ. “ހަމަހަށް….. އާން އަދި ހަނދާންނެތިފަ މީނީ…. އަޔާނާއަށް ކިހިނެއްވީ… ލައިލާ ބުނި އެމަންޖެ ގޮވައިގެން މާލެ ދާން އުޅޭވާހަކަ” ފަރިޔާލުއަށް އަޔާނާއާއި މެދު ކޮންބޮޑުވެވުނެވެ. “ކީކޭ ބުނާނީ ފަރިޔާލު… ވާގޮތެއް ނޭނގޭތީ މާލެ ދަނީވެސްމި…ފަރިޔާލު ލައިލާ ފޮނުވަންވީނު އަހަރެމެންނާ އެކު… އޭރަށް މަނިކުއަށްވެސް ފަސޭހަވާނެ ކަންނޭނގެ… އެކަމަކު ފަރިޔާލު އެއްބަހީޔާ އެނގޭ..” ފަރިޔާލުގެ އަތުގައި ހިފާލަމުން ޝިޔާމާ އަހާލީ އެހީއަކަށް ބޭނުންވާ މީހެއް ފަދައިންނެވެ. “ޝިޔާމާ ތީދެން އަހާކަހަލަ ވާހަކައެއްތަ… އަހަރެން ބުނާނަން ލައިލާ ކައިރީގަ…. އޭރުން ޝިޔާމާމެން ޑޮކްޓަރަށް ދައްކާ ނިމުނީމަ ލައިލާއަށް ދޮންބޭބެ ކައިރިއަށް ބަދަލު ވެވޭނު….. ޝިޔާމާ އެހާ ހާސްވާއެއްޗެއް ނޫން… އެކަމަކު ޝީރީން ނުދަނީތަ…” ފަރިޔާލު އެހެން ބުނުމުން ޝިޔާމާ އިސްދަށަށް ޖަހައިލިއެވެ. ” ދެން މިގެއަށް އާދެވުނީމަ މި މަސްކޮޅު ކޮށާދީފަ ދެވޭނީ…” ޝިޔާމާގެ މޫނުފެނި ފަރިޔާލު މައުލޫ ބަދަލު ކޮއްލީ ޝިޔާމާއަށް އުދަގޫވެފަ އިންހެން ހީވުމުންނެވެ.
…………………………….
“ދެން އަޔާނާ ދުރަށްދޭބަލަ…. ހަމަ ގައިގަ ނުބައްދައި ނޯވެވޭތަ…” އެނދުގައި އޮތް އަޔާނާ ޝީރީންގެ ބަނޑުގައި އަތްބާއްވާލުމުން ޝީރީން އެއަތް ފޮޅާލީ ނުރުހުންވެއެވެ. “މިންމި” ކުޑަ ކުޑަ އަޔާނާ ހިތުގައި ޖެހުނީ ޝީރީންގެ އަޅާލުން ކުޑަކަން ފެނިއެވެ. އެހެންނަމަވެސް ޝީރީންއާއި ތަންކޮޅެއް ދުރަށް ޖެހިލަމުން އޮށޯވެލީ ޝީރީންއާއި ދިމާލަށް ބަލަމުންނެވެ. “ކިހާ ދެރަކަމެއް…. ތިހެން ދެލޯ ދިއްކޮއްގެން ބަލަން އޮއްވަ ކަލޭގެ ބައްޕަ އައިސްފިއްޔާބުނާނެ މަ ކަލޭ ރޮއްވަނީއޭ…… ބޮޑު މުސީބާތެކޭ ޖެހުނު ތީ” ޝީރީންއާ ދިމާލަށް ބަލަން އޮތް އަޔާނާފެނި ޝީރީންގެ ރުޅިގަނޑު ގަދަވިއެވެ. ބައްދައިގެން އޮތް ބާލީސް އެނދުމައްޗަށް ޖެހުމަށްފަހު ޝީރީން ކޮޓަރިން ނިކުރީ އަޔާނާ އާއި ދިމާލަށް ކުދިކިޔަމުންނެވެ.
ޝީރިންގެ އެ ނުރުހުން ބަސްތަށް ދެނެގަންނަން ނޭނގުނަސް އަޔާނާއަށް ރޮވުނީ ޝީރީންގެ ރުޅިވެރި މޫނާ ފެނި އަދި އަޑުލުމުންނެވެ. ބާލީސް މަތީއޮށޯވެގެން އޮތް އަޔާނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތް އިރު އެ ކުޑަ އަޑު ދިޔައީ ބާރުވަމުންނެވެ.
“މަންމާ… މަންމާ” ބިސްކޯދު ހުސްކުރި މެދު ސައިޒު ފޮށިގަނޑެއް ހިފައިގެން ގެއަށް ވަތް މަނިކު ޝީޔާމާއަށް ގޮވާލީ ފެންނަން ނެތުމުންނެވެ. ޝިޔާމާއަށް ގޮވަމުން ފެނޑާގެ މެދާހަމައަށް އެރި މަނިކުގެ ދެފައި ހުއްޓުނީ އިވެންފެށި އަޑަކުންނެވެ. އަތުގައި އޮތް ފޮށިގަނޑު ބިންމައްޗަށް އެއްލާލަމުން މަނިކު ދުއްވައިގަތީ ކޮޓަރީއާ ދިމާލަށެވެ.
ކޮޓަރި ދޮރުހުޅުވާލި ވަގުތު ފެނުނު މަންޒަރުން މަނިކުގެ މެޔަށްދިޔައީ ފިނިވެގެންނެވެ. “ދަރިފުޅާ…” އެނދު މެދުގައި އިށީދެގެން ގިސްލާ ރޮމުން ދިޔަ އަޔާނާ އުރާލަމުން މަނިކު ދެކޮޅަށް ހިނގަން ފެށީ އަޔާނާ ހުއްޓުވުމަށެވެ. “ބައްޕިގެ ޕްރިންސެސްއަށް ތަދުވަނީތަ…” އަޔާނާގެ ގައިގެ އެތަން މިތަން ބަލަމުން މަނިކު އަހާލީ ކަންބޮޑުވެ ހުރެއެވެ. އޭރު އަޔާނާއަށް ވަނީ ރޮއި ރޮއި ދެލޯ ކައިރި ދުޅަވެ ރަތްވެފައެވެ. “ދަރިފުޅާ….. ބައްޕިގެ ޔާޔާ” އަޔާނާ އުނގުގައި ބައިދަމުން މަނިނު އަޔާނާގެ ކަރުނަ ފޮހެލަދިނީ އެ ދަރިފުޅުދެކެވާ ލޯބި ހާމަކުރަމުންނެވެ. ބަހެއް ނުބުނެ އަޔާނާ މަނިކުގެ މޭމަތީގައި ބޯއަޅާލުމުން މަނިކު އަޔާނާގެ ގައިގަ ބައްދާލީ ރައްކާތެރިކަން އިހްސާސްކޮއްދިނުމަށެވެ. މަނިކަށް އެކަން އަޔާނާއަށް ރަނގަޅަށްވެސް އަންގައިދެވުނުކަމުގެ ނިޝާނަކަށްވީ އެ އުނގުތެރޭގައި އޮވެ އަޔާނާ ހިނިތުންވެލަމުން ނިދާފައި އޮތްތަންފެނިއެވެ.
ބާލީސްމަތީ އަޔާނާ ބޭއްވުމަށްފަހު ދެފަރާތު ދެބާލީސް ކައިރިކޮއްލީ އަޔާނާއަށް ފަސޭހަވާނެހެންނެވެ. “މަގޭ ދަރިފުޅު” އަޔާނާގެ މޫނުމަތި ފޮހެލަ ދެމުން މަނިކު އެ ކުޑަ މަޑު ކޮލުގައި ބޮސްދިނެވެ. އަޔާނާ ރޯތާ ގިނައިރުވެއްޖެކަން މަނިކަށް އެނގުނީ އެލޮލު ކައިރީގައި ކަރުނައިގެ ރޮގުގެ ނިޝާން ރަތްކަމެއްގެ ސިފައިގެ ފެންނަން އިނުމުންނެވެ. އޭރުވެސް އަޔާނާއަށް ދިޔައީ ގިސްލެވެމުންނެވެ.
އެނދުން ތެދުވެ މަނިކު ދެއަށް މުއްކާވާލީ ދެބުމަ ގޮއްޖަހަމުންނެވެ. “ޝީރީން،……ޝީރީން….. މަންމާ….. މަންމާ…” ކޮޓަރިން ނިކުންނަމުން މަނިކު ދިޔައީ ފަހަރަކު ކޮޓަރިއެއް ބަލަމުންނެވެ. “ދަރިފުޅާ ކިހިނެއްވީ” ބޭރު ދޮރުން ވަދެގެން އައި ޝިޔާމާއަށް މަނިކުގެ މޫނުފެނި ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުނެވެ. “މަންމާ އަޔާނާ އެކަނި ގޭގައޮތީ…. ގޭގަ އެކަކުވެސް ނެތީތަ،….” މަނިކު ހިތްހަމަ ނުޖެހިފައި ހުއްޓަސް ވާހަކަ ދައްކަމުން ދިޔައީ މަޑުންނެވެ. “މަންމަ މިއައީ ފަރިޔާލު ކައިރިއަށް ވަދެލާފަ…. ޝީރިން އިނީމަ މަންމަ ދިޔައީ… ކޮބާ މިހާރު އެމަންޖެ….. ޝީރީން ނެތީތަ…” ޝިޔާމާއަށް އަޔާނާ ހޯދާލެވުނެވެ. “އަޅުގަނޑު އައި އިރު އެކަކުވެސްނެތް.. އަޔާނާ ރޮއި ރޮއި ވަރުބަލިވެފަ އޮތީ… ދެންމެ އެނިދީ…” މަނިކު ރުޅި އައިސްފައި ހުރިލެއް ބޮޑުކަމުން ޝީރީންގެ ނަންކިޔަންވެސް ފޫހިވިއެވެ.
…………………………
މެންދުރުގެ އެ ހޫނުވަގުތުގައި ރަށުގެ ގިނަބަޔަކު ބަނދަރަށް ޖަމާވެފައި ތިބީ އެބަޔެއްގެ އާއިލާ ނުވަތަ ރައްޓެހިން ފުރުވުމަށެވެ. މަނިކުވެސް އަޔާނާ އުރައިލައިގެން ހުރި އިރު އިނީ ސަމްސިއްޔައާއި ވާހަކަ ދައްކަންށެވެ. “ދަރިފުޅާ މަންމައަށް ގުޅައްޗޭ ވާނުވާ އަންގަން… މާމަގެ ކަނބުލޮއަށް ނުވާނެ ދެރަގޮތެއް އިރާދަކުރެއްވިއްޔާ…..” އަޔާނާގެ ކޮލަށް ބޮސްދެމުން ސަމްސިއްޔަ ސަލާމްކޮއްލިއެވެ. “ޝީރީންވެސް ބަލައިގެން އުޅޭތި…އެހާ ބޭރަށް ނުދައްޗޭ…. ދަރިފުޅުގެ ރައްޓެހިން ތިބޭނީ މިހާރުވެސް ލަސްވެފަ…” އަފީފްވެސް ޝީރިންގެ ބޮލުގައި ފިރުމާލަމުން ނަސޭހަތްތެރިވިއެވެ.
“ހިނގާ ދާން… މަންމާ ދަނީ…” ސަމްސިއްޔައާއި އަފީފްއަށް ބަލާލަމުން މަނިކު މިސްރާބުޖެހީ މާލެ ފުރަން ތައްޔާރަށް އޮތް ބޯޓަށް އެރުމަށެވެ. ގެނޭ އަހަރެން އަތަށް… ހިނގާ ދާން ޝީޔާމައްތާ…” މަނިކު އަތުގައި އިން އަޔާނާ އުރާލަމުން ލައިލާ ޝިޔާމާގެ އަތުގައި ހިފާލިއެވެ. ” މަނިކު ކީއްކުރަންތަ އެ ލައިލާއެއް އެދަނީ…. މަނިކު….. ހަމަ ވާހަކަ ނުދައްކަން ދޯ ތީނި… މަށައްހެޔޮ… މަންމަ ނުބުނި ނަމަ މަ މިދަތުރު ބައިވެރިވެސް ނުވީމުސް…. ހީވަނީ މަ ކުރާހިތުން ކުރާކަމެއްހެންމީ…” މަނިކުއާއި ދިމާލަށް ލޯއަޅާލަމުން ޝީރިން ހަމަޖެހިފައިވާ ސީޓަށްގޮސް އޮށޯވެލިއެވެ. މަނިކު ޝީރީންގެ އަމަލުތަކަށް ބަލަން ހުރި އިރު މަނިކު އެކަމާ އަޅާނުލާ ދޫކޮއްލީ މިކަހަލަ އަދި އެތައް ކަންތަކެއް ފެންނާނޭ ހިތާ ހިތާ ބުނަމުންނެވެ.
މާލޭ ފަޅަށް ވަތް ދޯނި ގާތް ކުރީ އެރޭ ދަންވަރުއެވެ. ބޯޓުން އެންމެން ފައިބައި ނިމި ހަމަވުމުން މަނިކު ޝިޔާމާމެން ކައިރި މަޑުކުރުމަށްފަހު ތަންކޮޅެއް ދުރަށްޖެހިލީ މީހަކަށް ގުޅަމުންނެވެ.
“ހިނގާ ދާން…. މި ޕިކަޕަށް އެއްޗެހި އަޅާނީ….” ނަދީމް ދުރުން ވާހަކަ ދައްކަމުން އައިސް ފޮށިތަށް ނަގަން ފެށިއެވެ. ދުރުގައި މަންޒަރު ބަލަން އިން ލައިލާގެ ހިތަށް އެވަގުތު ގޮތެއްވެގެން ދިޔައެވެ. ނަދީމް ނުފެންނަތާ މިހާރު ދެއަހަރަށް ވުރެއް ގިނަދުވަސް ވާނެއެވެ.
ނަދީމްގެ ތުނިކޮށް ކޮށާލެވިފައިވާ އިސްތަށި ގަނޑު އެ ކުރުކޮށް ކޮށާފައިވާ މަތިމަހާއި ތުނބުޅިއާއި ވަރަށްވެސް ގުޅެއެވެ. ކުރިއަށްވުރެއް ބޮޑަށް މީހާގެ ހަށިގަނޑިގެ މަސްތަށް ބާރުވެފައި ހުރިކަން އެނގެނީ ގަޔަށް ހެޔޮވަރު ކޮއްފައިވާ އަތްދިގު ޓީޝާޓުންނެވެ. ޓީޝާޓުގެ ދަށުން ލާފައިވާ ސޯޓުބުރިން މީހާގެ ރީތިކަން އެތަށް ގުނަ އިތުރުކޮއްދެއެވެ. ލައިލާއަށް އިނދެވުނީ ނަދީމްއާ ދިމާލަށް ބަލަންށެވެ.
“ލައީ ހިނގާދާން… މިރޭ ނުދާ ރެއެއްތަ…” ޝިޔާމާ އަތުގައި ނިދާފައި އޮތް އަޔާނާ އުރާލަމުން މަނިކު ލައިލާއާއި ސަމާސާ ކޮއްލިއެވެ. “ހެހެހ ނޫން….”ސިހުންކަން ލިބުނަސް ލައިލާ ބެލީ ހަމަޖެހޭތޯއެވެ. މަޑުހިނގުމެއްގައި މަނިކު ފަހަތުން ދިޔަ ލައިލާ ޕިކަޕަށް އެރި އިރުވެސް ނަދީމްއާއި ދިމާލަށް އިރު އިރުކޮޅާ ބަލާލެވެއެވެ. އެހެން ނަމަވެސް ނަދީމް އެއްފަހަރުވެސް ބަލާ ނުލުމުން ލައިލާގެ ހިތުގައި ޖެހުނެވެ.
ޕިކަޕްގޮސް މަޑުކޮއްލީ ތިން ބުރިއަށް ނަގާފައިވާ ރީތި ގެއެއްގެ ކުރިމައްޗަށެވެ. ލައިލާއާއި ޝީރީން އަދި ޝީޔާމާ ޕިކަޕުން ފައިބައި މަޑުކޮއްލީ ފޮށިތަށް ބާލަންދެންށެވެ.
“ކޮބާ ރަނގަޅުތަ… ދެކޮޓަރިއާ ސިޓިންރޫމްއެއް… އަސްލު މިހާ ކުޑަ ވަގުތުކޮޅަކުން ވީ މިވަރު…. ނަސީބެއް އަދިވެސް އަހަރެމެންގެ ރައްޓެހިން ތިބޭކަންދޯ މަނިކު….” ޝިޔާމާއާއި ވާހަކަ ދައްކަމުން ނަދީމް ހީލީ މަނިކަށް ދޯ ދެމުންނެވެ.
“ނޫނޭ ރަނގަޅޭ… މަންމާ ދޭބަލަ ތަންމަތި އަޅާދޭން… އަޔާނާ ބޭއްވޭނީ އޭރުން…” މަނިކު ނިދާފައި އޮތް އަޔާނާއަށް ބަލާލަމުން ބުނެލިއެވެ. “ނޫނޭ އަހަރެން އަންނާނަން… ” ލައިލާ ކައިރީގައި ބަނދެފައި އޮތް ތަންމަތި ބޮނޑި ހިފައިގެން އެތަނުން އެއްކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެ ދޮރުޖެހުމައްފަހު ލައިލާ ފުންނޭވާއެއްލިއެވެ. ބަނދަރުން ފަށައިގެން ގެއާ ހަމައަށްވެސް އެންމެ ފަހަރަކުވެސް ނަދީމް ލައިލާ އާއި ދިމާލަށް ބަލާނުލައެވެ. އަނެއްކާ ނަދީމް މީހަކާ އިނީތަ…. ނޫން ނުވާނެ.. މަނިކު ބުނީސް އޭނަ އިންނަމަ.. އަނެއްކާ ކުއްޖަކާ ރައްޓެހިވީބާ….. ލައިލާ އަމިއްލަ ހިތާ އެތަކެއް ސުވާލެއް ކުރަމުންދިޔައީ އެ ހިތަށް ފިނިކަމެއް ލިބޭތޯއެވެ. އެހެން ނަމަވެސް މޭމަތީގައި އަތް އަޅައިގެން އިން ލައިލާ ސިހުނީ ލައިލާއަށް ގޮވަމުން ކޮޓަރިއަށް ވަންމީހާ ފެނިއެވެ.
“ނުނިމޭ….”
5 Comments!
Comments are closed.
Hurihaa kudhinn. Miothy 13 vana bai. mibaives kamudhaanr kamah hykuran. ??
Reethi..?
Heiii…vrh riithi mi prt vx…whrn nxt prt lov
reethi ekam thankolhe lahee up kuraaleh
V rythi. ..nadheem tha evany???????