“ކީއްވެތަ ރާހުލް؟ ކީއްވެތަ ރާހުލްއަށް އަންޖޫދާ ކަމުދިޔައީ؟ އަހަރެން ހުއްޓާ އަންޖޫދާގެ ފަރާތުންތަ ރާހުލް އުފާ ހޯދަނީ؟ އަހަރެންވެސް ރާހުލް ދެކެ ވަރަށް ލޯބިވެޔޭ…. ރާހުލް ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެން ރާހުލް ބޭނުންވި… އަންޖޫދާ ގޮތަށް ލޫޅާފަތި ނުވިޔަސް އަހަރެންވެސް ހަމަ ރާހުލްއަށް ލޯބި ދެވޭނެއޭ…” ރާހުލް ގެ ތަނަވަސް މޭމަތީގައި ބޮސްދެމުން ޒުލޭހާ ވާހަކަ ދައްކަމުން ދިޔައިރު ރާހުލްގެ މޭ ނުބައި ކުރާ ގޮތްވިއެވެ. ރާހުލް ލައިގެން ހުރި ޓީޝާޓުގެ އަޑިން އަތް ގެންދަމުން ޒުލޭހާ އެ ޓީޝާޓު ބާލަން އުޅުނެވެ. އެއާއެކު ރާހުލްއަށް ޒުލޭހާގެ ގައިގައި އަޅާ ކޮއްޕާލެވުނީ ކުއްލިއަކަށެވެ. ނުވިސްނާ ހުރި ޒުލޭހާ ގޮސް ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. ރާހުލް ކޮޅަށް ތެދުވެ ފުންނޭވާތަކެއް ލަމުން ޒުލޭހާއާ ދިމާއަށް ބަލަން ހުރީ އަލިފާނުގެ ނަޒަރަކުންނެވެ. ޒުލޭހާވެސް ރުޅިވެރިކަމާއެކު ރާހުލްއާ ދިމާއަށް ބަލަން ތަޅުންގަނޑު މަތީގައި އެއިން ގޮތަށް އިނެވެ.

“އަންޖޫދާއަށް ދެރައެއް ދިނީމަ ނޫނީ ކަލޭ މައިތިރި ނުވާނަން ދޯ؟” ރުޅިވެރިކަމާއެކު އެހެން ބުނެލަމުން ޒުލޭހާ ތެދުވެ ގައި ފޮޅާލިއެވެ.

“އަހަރެން ބޭނުންނެތީ ޒުލޭަހާ ދައްތަ އާ އެކީ މިކަހަލަ ގުޅުން ބާއްވަން… އަހަރެން ހަމައެކަނި ބޭނުމީ އަންޖޫ..” ރާހުލްގެ ބަސްތަކުން ޒުލޭހާ އިތުރަށް ރުޅިއަންނަ ގޮތް ވިއެވެ. އޭނާ އެއޮއް ވަރުން ރޭވި ރޭވުން ކާމިޔާބު ނުވީއެވެ. މި އަންޖޫދާ ރާހުލްއަށް ޖައްސާފައި މި ވަނީ ވަރުގަދަ ޖާދުލެއްތާއޭ އޭނާގެ ހިތަށް އެރިއެވެ. އެވަގުތު އައިސްފައިވާ ރުޅި އޭނާ ބާލަން ބޭނުންވީ އަންޖޫދާއަށެވެ. އަންޖޫދާގެ ދެފައި ބިންދާލަފާނަމޭ ޒުލޭހާގެ ހިތަށްއެރުމާއެކު އޭނާ ދަތްކުނޑި ވިކާލިއެވެ.

“އަންޖޫދާ މުޅި ރަށުގައި ބޭޒާރުކޮށްލާއިރު ކަލޭ ތިއްތިކޮށް ބަލަން ހުންނާތި އިނގޭ…” ދަތްކުނޑި ވިކައިގެން ހުރެ ޒުލޭހާ އެހެން ބުނެލަމުން ބާރުބާރަށް ދޮރުން ނިކުންނަން ދިއައެވެ. އެ ޓިނު ދޮރުފަތުގެ ތަޅުގައި ހިފާލިތަނާ ރާހުލް ވާހަކަ ދައްކަން ފެށުމުން ޒުލޭހާ މަޑުކުރިއެވެ.

“އަހަންނާ އަންޖޫދާ އާ ދުރު ނުކުރެވޭނެ… އެއްވެސް މީހަކަށް ނުކުރެވޭނެ… އެއަށްވުރެ މި ދެމެދުގައިވާ ލޯބި މާ ވަރުގަދަވާނެ…” ރާހުލް ސާބިތުކަމާއެކު އެހެން ބުނެލުމުން ޒުލޭހާ ބާރަކަށް ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނކުމެ ދޮރު ޖެހިއެވެ.

ޖޭމު ގަސް ދޮށުގައި ހުރި ޖޯލިފަތީގައި އިން އާޔާ އާ ފުރެމުން ދިޔަހިނދު އޭނާ އަނގަމަތީގައި އަތް އެޅިއެވެ. ނިދިއައިސްގެން ގޮސް އެ ދެލޯ ރަތް ވެފައިވީއިރު އޭނާ އިރުއިރުކޮޅާ ރާހުލް ދިރިއުޅޭ ގުދަންގަނޑާ ދިމާއަށް ބަލާލައެވެ. ކުއްލިއަކަށް އޭނާ ސިހުނީ އެތަން ތެރެއިން ނިކުތް ޒުލޭހާ ފެނިފައެވެ. ޒުލޭހާގެ މޫނުގައިވާ ރުޅިވެރިކަމުގެ ސަބަބުން އެތެރޭގައި ކަންތައްވީ ރަނގަޅަށް ނޫންކަން އާޔާއަށް އެނގުނެވެ. ކޮންމެވެސް ސަބަބަކާ ހެދި އޭނާގެ ހިތަށް އެވަގުތު ބުނެދެން ނޭނގޭ ކަހަލަ ހަމަޖެހުމެއް ލިބިގެންދިއައެވެ.

“ކިހިނެއްވީ؟” ޒުލޭހާ އައިސް އާޔާ އާ އަރާ ހަމަކުރުމުން އާޔާ އަހާލިއެވެ.

“ހިނގާ މިގެއިން ރައްކާވާން…” ދަތްކުނޑި ވިކައިގެން ހުރެ ޒުލޭހާ އެގެއިން ނިކުންނަން ދިއައީ ބާރަކަށް ހިނގާފައެވެ. ވާނުވާ ނޭނގޭ ހާލު އާޔާ ވެސް ދުވަމުން ކަހަލަ ގޮތަކަށް ގޮސް ޒުލޭހާގެ ފަހަތުން ނިކުތެވެ.

ޒުލޭހާ އެ ދިޔަ ގޮތަށް ވަނީ އޭނާގެ ގެއަށެވެ. ފަހަތުން އާޔާ ވެސް ވަނެވެ. ސިޓިންގރޫމް ސޯފާއަށް ވެއްޓިގަތުމަށްފަހު ޒުލޭހާ ފުންނޭވާތަކެއް ލާން ފެށިއިރު އޭނާ އެ ހުރީ ވަރަށް ވެސް ރުޅިއައިސްފައިކަން އާޔާއަށް އެނގުނެވެ. އިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު ޒުލޭހާ ބޯހިއްލާ އާޔާ އާ ދިމާއަށް ބަލާލިއެވެ.

“ކިހިނެއްތަ ވީ؟” އާޔާ އަނެއްކާ ވެސް އަހާލިއެވެ.

“ރާހުލް އެއީ ހާދަ ފާޑެއްގެ މީހެކޭ ދޯ؟ އަހަރެން މިހާ ރީތިވެގެން ދިއައީމަ ވެސް އޭނައަށް އެއްގޮތެއް ވެސް ނުވި…!” ކުރިމަތީގައި ހުރި މޭޒުމަތީގައި ބާރަކަށް ގޮށް މުށުން ޖަހަމުން ޒުލޭހާ ބުނެލިއެވެ. އޭނާ ‘މާ ރީތިވެގެން’ ނޭ ބުނުމުން އާޔާ ގާތަށް ހިނިއައެވެ. ހިނިގަނޑު ކޮންޓްރޯލް ކުރަން ވެގެން އޭނާ އަނގަމަތީގައި ދެއަތް އަޅާލިއެވެ.

“އެ އަންޖޫދާ ރާހުލްއަށް ޖައްސާފައި އެއޮތީ ވަރުގަދަ ޖާދުލެއް… އަންޖޫދާއަށް މިފަހަރު ރަނގަޅު ލަނޑެއް ދޭންވާނެ….” ދެލޯ ބޮޑުކޮށްގެން ދަތްކުނޑި ވިކައިގެން ހުރެ ޒުލޭހާ އެހެން ބުނެލިއިރު އާޔާގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވަދެގެން ދިއައެވެ.

***

އިރުގެ ދޯދިތައް ފަޒާގެ ތެރެއަށް ފެތުރިގެން ދިޔައިރު މަދުން ނަމަވެސް ކޮވެލި ގޮވާ އަޑު އިވެމުން ދިޔައެވެ. ގޭގެ މަގުމައްޗާ ވީފަރާތުން ދޮރާށީގައި އަރިއަކަށް ވާހެން ލެނގިލައިގެން ހުރި އާމިނާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. ކުރިމަތީގައި ހުރި ޒުލޭހާގެ ގެއާ ދިމާއަށް އޭނާ އިރުއިރުކޮޅާ ބަލަމުން ދިޔައީ ޒުލޭހާ ނުނިކުމެގެންނެވެ. އަންޖޫދާއޭ ކިޔައިގެން ޒުލޭހާ ވާހަކައެއް ފެތުރުމުގެ ކުރީގައި އޭނާ ޒުލޭހާ ހުއްޓުވަން ބޭނުންވެއެވެ.

އިރުކޮޅެއް ފަހުން ބޮޑު ފޯށް ފޮއްޗެއް އަނގައަށް ލަމުން އެގެއިން ޒުލޭހާ ނިކުތެވެ. އާމިނާ ފެނުމާއެކު އޭނާ އަނގަ ހަލުވަމުން އެ ދިމާއަށް ހިނގައިގަތީ މޫނުމަތީގައި ވިހަ ހިނިތުންވުމެއް ކުރަހާލަމުންނެވެ.

“އާމީ؟ ކިހިނެއްވެފާތަ ތިޔަ ހުރީ؟” ބޯ އަރިކޮށްލަމުން ޒުލޭހާ އެހެން އަހާލުމުން އާމިނާ ޒުލޭހާ އާ ދިމާއަށް ލޯއަޅާލިއެވެ.

“ޒުލޭ އޭރު ދެއްކީ ދޮގު ވާހަކައެއް…” އިރުކޮޅެއް ފަހުން އާމިނާ ބުނެލިއެވެ. އެއާއެކު ޒުލޭހާ ޖަހާލީ ވަރުގަދަ ހިނިގަނޑެކެވެ. އަނގާގައި ހުރި ފޯށްތަކާއެކު އޭނާ އެވަގުތު ކޮށިއެރިއެވެ. ރަނގަޅަށް ހަމަޖެހެލެވުނު އިރު އޭނާގެ ދެލޮލުން ފެންއައިސްފިއެވެ. އެއީ މާ ބޮޑު ކަމަކަށް ނުހަަދައި އޭނާ ލޮލުން އައި ފެންތައް ފުހެލަމުން ފުޅާކޮށް ހިނިތުންވެލިއެވެ.

“ތި ބުނީ ކޮން ވާހަކައެއްގެ ވާހަކަ؟” ޒުލޭހާ ނޭނގޭ ކަމަށް ހަދާފައި އަހާލިއެވެ.

“މި ބުނީ… މަގޭ އަންޖޫ އުޅެނީ އެ ރާހުލް އާ ގުޅިގެންނެއް ނޫނޭ… އެ ރާހުލް އަންޖޫދާއަށް ބިރު ދެއްކީ.. އެހެންވެ އޭނަ އެހެން އުޅުނީ… އަންޖޫ މަށަށް ހުރިހާ އެއްޗެއް ކިޔާ ދިނޭ..” ވަރަށް ޔަޤީންކަމާއެކު އާމިނާ އެހެން ބުނެލުމުން ޒުލޭހާ ގާތަށް އިތުރަށް ހިނިއައެވެ.

“ހޭނެ ކަމެއް ނެތް…! މީ ހަމަ ތެދު! އެހެންވީމަ ކަލޭ ނުވާނެ މަގޭ ދަރިޔޭ ކިޔައިގެން އެއްވެސް މީހެއް ގާތު އެއްވެސް އެއްޗެކޭ ކިޔައިގެނެއް!..” ޒުލޭހާ އާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އާމިނާ އެހެން ބުނެލީ އަޑަށް ބާރު ލާފައެވެ.

“ވާ ވާ ވާ…. މޮޅު އިނގޭ ވާހަކަ ހަދާލަންވެސް.!” ޒުލޭހާ އަތްތިލަ ބަޑި ޖަހަމުން އެހެން ބުނެލުމުން އާމިނާގެ ރުޅިގަދަވިއެވެ. ” އަޑު އަހަން ތިމާގެ ދަރި ތިމާއަށް ދޮންފުތު ވާނެ ވާހަކަ ވެސް…. އެކަމަކު ތީ ތަންކޮޅެއް ބޮޑު ވަރު…” ހިނިއައިސްފައި ހުރެ ޒުލޭހާ ބުނެލިއެވެ. ދެބުމަ ގޮށް ޖަހައިގެން ހުރެ އާމިނާ ޒުލޭހާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ގޮތުން އޭނާ އައިސްފައިވާ ރުޅި ހާމަވެއެވެ.

ޒުލޭހާ އޭނާ ލައިގެން ހުރި ހައުސްކޯޓުން ފޯނު ނެގުމަށްފަހު އާޔާގެ ނަމްބަރަށް މިސްކޯލެއް ދިނީ އާމިނާއަށް ނޭނގޭނެ ހެންނެވެ. އޭރުވެސް އެ މޫނުމަތީގައިވާ ނުލަފާ ހިނިތުންވުން ނުފޮހެވެއެވެ. ކުރަން ބޭނުންވި ކަންތައް ވުމުން އޭނާ އަނެއްކާވެސް ފޯނު ޖީބަށް ލައި ހަމަޖެހެލިތަނާ އޭނާގެ ލޮލުގައި އަޅައިގަތީ ކައިރި ގެއެއްގެ މީހެއް ކަމައްވާ އަމީނާ އޭނާގެ ގެއިން ނިކުތް ތަނެވެ. އިލޮށިފަތި ހިފައިގެން ހުރިއިރު އަމީނާ އެއުޅެނީ ކުނިކަހަންކަން ޒުލޭހާއަށް އެނގުނެވެ. ފަރިތަކަމާއެކު އަމީނާ ގޭދޮށް ކުނިކަހަން ފެށުމާއެކުހެން އެމަގުގެ އެހެން ގޭގޭގެ މީހުންވެސް މަޑުމަޑުން އިލޮށިފަތި ހިފައިގެން ނިކުންނަން ފެށިއެވެ. އެވަގުތު މި ލިބުނީ ރަނުގެ ފުރުސަތެއްތާއޭ ޒުލޭހާގެ ހިތަށް އެރިއެވެ.

“އޭތް!! އަމީނާ! ރަޝީދާ!!” ޒުލޭހާ ކުނިކަހަން ހުރި ދެމީހެއްގެ ނަމުން ގޮވާލުމާއެކު އެ ދެމީހުން ބޯ ހިއްލާލާ ބަލާލިއެވެ. ޒުލޭހާ އައިސްބަލާށޭ ބުނުމުން އެ ދެމީހުންވެސް އެތަނަށް އައިސް ހުއްޓުނެވެ. ކުނިކަހަން ހުރި އެހެން މީހުން ވެސް އެ ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ.

“އެންމެންނަށް ވެސް އެނގޭނެ މިހިރަ އާމިނާގެ ދަރި އަންޖޫދާ އެ ރާހުލް އާ އެއްކޮށް ހިނގަން ދާކަން… ނޫންތަ؟” ޒުލޭހާ އެ މީހުންނާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.

“ރާހުލްއޭ؟ އެއީ ކާކު؟ އެއީތަ މިގޭގަ ގެންގުޅޭ ބަންގާޅި މީހާއަށް ކިޔާ ނަަމަކީ؟ އެސޮރު ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ…” އާމިނާ އާ ދިމާއަށް ބަލާލަމުން އަމީނާ ބުނެލިއެވެ. ” މަ ވަރަށް ގިނައިން ދެކެން އެ އަންޖޫދާއާ އެ ބަންގާޅިއާ ދެމީހުން އަތު ގުޅުވައިގެން އަތިރިމައްޗަށް ދާ ތަން… މަ ބުނަން ވެސް އުޅެފީމޭ މި ވާހަކަ އާމިނާ ގާތު… އެކަމަކު އާމިނާ އަހަރެމެންނާ މެދު ނުބައި ގޮތަކަށް ހީކޮށްފާނެތީ ބުނަން ނުކެރުނީ..” އަމީނާ އެހެން ބުނުމުން އާމިނާއަށް ހިން ދިރުވާލެވުނެވެ. މިހާރުވެސް ރަށު މީހުންނަށް ކޮންމެވެސް ވަރަކަށް މިކަންތައް ފަޅާ އަރާފިކަން އޭނާއަށް ވިސްނުނެވެ.

“އެއީ ތެދެއް އާމިނާ… މަ ވެސް ދެކެން… އާމިނާ ވެއްޖެ އަންޖޫދާ އާ އެމީހަކާ ދުރުކުރަން…” ރަޝީދާ އާމިނާގެ ކޮނޑުގައި ހިފާލަމުން އެހެން ބުނެލިއެވެ. އޭރު އެމަގުގައި ކުނިކަހަން ތިބި ގިނަމީހުން އެކަންތައް ހުއްޓާލުމަށްފަހު އެ މީހުން ދައްކަމުން ދިޔަ ވާހަކަށް ސަމާލުކަން ދޭން ފަށާފިއެވެ.

“ދާނޭ ދާނޭ! އަތިރިމައްޗަށްވެސް އެހެން ތަންތަނަށް ވެސް ދާނެ! އެ ދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނޭ…!” ޒުލޭހާ ބާރަކަށް އެހެން ބުނެލުމުން މަގުމަތީގައި ތިބި މީހުން އެކަކު އަނެކަކު ކަންފަތް ދޮށުގައި އެކި އެއްޗެހި ކިޔަމުން ދިއައީ އާމިނާއަށް ބަލަމުންނެވެ. ލަދުގަތް ވަރުން އާމިނާއަށް ހިނދުކޮޅަކަށް އިސްޖަހާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ސާބިތުކަމާއެކީ އިސްއުފުލާލީ ކޮންމެ ގޮތެއް ހަދާފައިވެސް އޭނާގެ ދަރިފުޅު މިކަމުން ސަލާމަތްކުރުމުގެ ބޭނުމުގައެވެ.

“ކަލޭމެން ޒުލޭހާ ދައްކާ ވާހަކަ އަޑު އަހަނީތަ؟ މި ޒުލޭހާ އެ ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކައެއް!” މަގުގެ މެދަށް ޖެހެލަމުން އާމިނާ ވާހަކަ ދެއްކީ އެއެންމެންނަށް އަޑު އިވޭ ފަދައިންނެވެ. އޭރު ގޭގެއިން މީހުން ގޮވައިގެން އައިސް އެ މަންޒަރުތައް ބަލަން މީހުންތައް އެއްވަމުން ދިއައެވެ. އާމިނާ އާއި ޒުލޭހާ އަކީ މުޅި އެރަށުގައި ވެސް އުޅޭ އެންމެ ޒީލަދަގަ ދެމީހުން ކަމަށް ވުމާއެކު އެދެމެދުގައި މައްސަލައެއް ޖެހިއްޖެނަމަ އަރާ ފޯރި ގަދަވާނެކަން އެއެންމެނަށް ވެސް އެނގެއެވެ. ނިދާފައި ތިބި މީހުން ހޭލައްވައިގެންވެސް ބައެއް މީހުން އެތަނަށް ގެނައެވެ. ތަންގަނޑުގެ ގިނަ ޢަދަދެއްގެ މީހުން އެތަނަށް އެއްވަމުން ދިޔުމުން އާމިނާއަށް ހިންދިރުވާލެވުނެވެ. މިކަން އޭނާއަށް ވާނެބާއޭ އެހިތަށް އަރަމުން ދިއައެވެ.

“ނަޝްފާ! ނަޝްފާ! ބާރަަށް އާދެބަލަ… އެކޮޅުގައި ވަރަށް މީހުން އެއްވެފައި އެބައޮތް..” ތަޅުދަނޑި އަތުން ހިފައިގެން ފިހާރައާ ދިމާއަށް އައި ނަޝްފާ ބަލާލީ ޞާބިރާ ގޮވާލުމުންނެވެ. އޭރު ޞާބިރާ ހުރީ ޖެހިގެން ހުރި މަގުގެ ކަންމަތީގައެވެ.  ނަޝްފާ އަކީ އާންމުކޮށް އެގޮތަށް މީހުން އެއްވެ އުޅޭ ތަންތަނަށް ދާ މީހެއް ނޫން ނަމަވެސް ޞާބިރާ ގޮވާލި ގޮތުން އޭނާގެ ހިތުގައި އެތަނަށް ދިއުމުގެ ޝަޢުޤު އުފެދުނީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ. ފިހާރަވެސް ނުހުޅުވައި އޭނާ ގޮސް ޞާބިރާ އާ ހަމައިގައި ހުއްޓުމާއެކު މަގުގެ ކޮޅުގައި އެއްވެފައިވާ މީހުންތައް އޭނާގެ ލޮލުގައި އަޅައިގަތެވެ. މީހުންތައް އެއްވެފައި އޮތީ ރާހުލް އުޅޭ ގޭގެ ކައިރީގައި ކަން އެނގުމާއެކު ނަޝްފާގެ ހިތް ނުބައި ގޮތަކަށް ތެޅެލިއެވެ. ދުވަމުން ގޮސް އޭނާ އެތަނުގައި ތިބި މީހުންތަކުގެ ތެރެއަށް ފުރޭނިގެން ވަނެވެ. ޞާބިރާ ވެސް އޭނާގެ ފަހަތުން ބާރުބާރަށް ހިނގާފައި ދިޔައެވެ.

ނަޝްފާ އެތަނަށް ގޮސް ހުއްޓުމާއެކު އެ މަގުގެ މެދުގައި ހުއްޓިގެން ހުރި އާމިނާ އާއި ޒުލޭހާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ވެގެން މިއުޅެނީ ކީއްތޯ އެތަނުގައި ހުރި މީހެއް ގާތު އަހާލަން އުޅެފައިވެސް ނަޝްފާ ފަސްޖެހުނެވެ.

“ރާހުލްއާ އަންޖޫދާގެ ވާހަކައަކީ މުޅި މި ރަށު މީހުންނަށް އެނގޭ ހަގީގަތެއް! ކަލޭ ހަގީގަތް ފޮރުވަން ކޮންމެހެން ދޮގު ހަދަން ޖެހޭތަ؟ އޭނ!” ޒުލޭހާ ބާރަކަށް އެހެން ބުނެލުމުން މިވެގެން އުޅެނީ ކީއްކަން ނަޝްފާއަށް ކުޑަކޮށް ނަމަވެސް ސާފުވިއެވެ. ރާހުލް ކޮބައިބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

އެއްޗެހި ދޮންނަން ހުރި ރާހުލް ގޭ ދޮރާށި ހުޅުވާލުމަށްފަހު ބޭރަށް ބޯ ދިއްކޮށްލީ ބޭރުގައި އަޑުގަދަ ވުމުންނެވެ. މުޅި އެމަގުގައި މީހުން އެއްވެފައި އޮތުމުން ރާހުލް ދެލޯ ހަނިކޮށްލިއެވެ. މަގުގެ މެދުގައި ދެމީހުން ދެމީހުންނަށް ރުޅިވެރި ނަޒަރަކުން ބަލަހައްޓައިގެން ތިބި އާމިނާ އާއި ޒުލޭހާ ފެނުމުން ރާހުލްގެ ހިތް ނުބައި ގޮތަކަށް ތެޅެލިއެވެ. ރާހުލް ދޮރު ހުޅުވި އަޑު އިވިގެން ކަންނޭނގެއެވެ. ޒުލޭހާ ރާހުލް އާ ދިމާއަށް ބަލާލުމަށްފަހު ދަތްޕިލާ އެއްކޮށް ފެންނަވަރަށް ހީލިއެވެ. މަގުގައި ތިބި މީހުންގެ ނަޒަރުވެސް އޭނާއަށް އަމާޒުވަމުން ދިއައެވެ.

“ރާހުލް ރާހުލް ރާހުލް….” ތިން ފަހަރު އަތްތިލަބަޑި ޖަހަމުން ޒުލޭހާ އެހެން ބުނެލުމުން ރާހުލްއަށް ހިންދިރުވާލެވުނެވެ.

“ޒުލޭހާ!” އާމިނާ ބާރަކަށް ޒުލޭހާއަށް ގޮވާލިއެވެ.

“އާމިނާ މަޑުން ހުރެބަލަ… މަ ރާހުލް އާ ވާހަކަ ދައްކާށޭ މިއުޅެނީ… ރާހުލް އަޅެ ބުނެބަލަ! އަންޖޫދާ އަކީ ރާހުލްގެ ލޯބިވެރިޔާއެއް ނޫންތަ؟” ޒުލޭހާ ބުނެލި އެތިން ރާހުލް ހާސްވިއެވެ. މިފަދަ ގޮތަކަށް އޭނާއާ އަންޖޫދާގެ ވާހަކަ އެންމެންގެ ތެރޭގައި ޒުލޭހާ ކިޔައިފާނެ ކަމަކަށް ރާހުލް ހިޔެއް ނުކުރެއެވެ. ރޭގައި ޒުލޭހާ އެހެން ބުންޏަސް ޒުލޭހާ އަކީ މިވަރު މީހެއް ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.

“ކީއްވެ އެއްޗެކޭ ނުބުނީ؟ އެއްޗެކޭ ނުބުނުމުންވެސް އެނގޭ މީ ތެދެއްކަން! އެހެއްނު؟؟” ޒުލޭހާ އެއްވެފައި ތިބި މީހުންނާ ދިމާއަށް ބަލާލަމުން އަހާލިއެެވެ. ގިނަ މީހުން ޒުލޭހާގެ ބަހަށް އެއްބަސްވިއިރު ރާހުލްގެ ހިތް ބާރުބާރަށް ތެޅެމުން ދެއެވެ. ހަދާނެ ގޮތެއް ނޭނގިފައި އޭނާއަށް ހުރި ފިޔަވަޅު މަތީގައި ހުރެވުނެވެ.

އިރުކޮޅެއް ފަހުން ރާހުލް މަގުގެ މެދަށް ޖެހެލިއެވެ. އަދި އޭނާ ވާހަކަ ދައްކަން ފެށީ ދެލޯ މަރައިގެން ހުރެއެވެ.

“އާނ.. ޒުލޭހާ އެ ބުނީ ތެދެއް… އަހަރެން އަންޖޫދާ ދެކެ ވަރަށް ލޯބިވޭ… އަންޖޫދާ ވެސް އަހަރެން ދެކެ ވަރަށް ބޮޑަށް ލޯބިވޭ…” ރާހުލް އެހެން ބުނެލުމުން ޒުލޭހާއަށް ދެލޯ ހަނިކޮށްލެވުނެވެ. އެންމެންގެ ތެރޭގައި ރާހުލް އެވާހަކަ އެ ބުނީ ކީއްވެގެން ބާއޭ ޒުލޭހާގެ ހިތަށް އެރިއެވެ. އާމިނާ ރުޅިއައިސްގެން ތުރުތުރު އަޅައެވެ. އޭނާގެ ދަރިފުޅުގެ ގަދަރު ހިފެހެއްޓުމަށްޓަކާ ހެދި ހުރިހާ ދޮގެއް ބޭކާރުވެގެން ދިޔަހެން އޭނާއަށް ހީވިއެވެ.

“އެކަމަކު ލޯބިވުމަކީ މައްސަލައެއްތަ؟ ހަމަ ކޮންމެ މީހެއް ދެކެ ވެސް ލޯބިވެވިދާނެ… މީ ދޮގެއްތަ؟ ލޯތްބަކީ ވަކި މީހެއް ދެކެ ވާން އޮންނަ އެއްޗެއްތަ؟ ” އަދިވެސް ލޯ މަރައިގެން ހުރެ ރާހުލް އެހެން ބުނެލުމުން އެއްވެ ތިބި މީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ.

“އަހަރެންނާ އަންޖޫދާގެ ގުޅުމަށް އާމިނާ ދައްތަމެން ގަބޫލުނުވާކަން އެނގޭ… އެކަމަކު ކޮބާ ސަބަބަކީ؟ އަަހަރެންމީ ނިކަމެތި މީހަކަށް ވީމަތަ؟ އަހަރެން މުއްސަނދި ނޫން ވީމަތަ؟ އަހަރެން ހަޑި މަސައްކަތް ކުރާތީތަ؟ ނޫނީ އަހަރެން މީ ބަންގާޅިއަކަށް ވީމަތަ؟ ހަމަގައިމު ވެސް އަންޖޫދާއަށް އަހަރެން ދެރައެއް ނުދޭނަން… އާމިނާ ދައްތަ އަންޖޫދާގެ އުފަލަށް ހުރަސް އަޅަނީ ކީއްވެ؟ އަހަރެންވެސް މީ ހަމަ އިންސާނެއް… ހަމަ ފިރިހެނެއް… އަހަންނަށް ވެސް އަންޖޫދާ ދެކެ ވެވުނީ ލޯބި… ސާފު ތެދުވެރި ލޯބި…. އަންޖޫދާ ވެސް އަހަރެން ދެކެ ވަަރަށް ލޯބިވޭ…. ކީއްވެތަ އަންޖޫދާ ބޭނުންވާ ގޮތަށް ކަންތައް ނުކޮށްދޭން ތި އުޅެނީ؟” ރާހުލް ލޯމަރައިގެން ހުރެ ކިޔަމުން ދިޔަ ވާހަކަތައް މެދުކެނޑުނީ އަންޖޫދާ ބުނެލި ބަސްތަކާއެކީގައެވެ.

“ކީއްވެހޭ؟ ކީއްވެކަމެއް ނޭނގޭތަ؟ އެއީ އަހަރެން ބޭނުން ނުވާތީ!” އެއީ އަންޖޫދާގެ އަޑުކަން ރާހުލްއަށް ހަމަ ރަނގަޅަށް ވެސް އެނގުނެވެ. ލޯ ހުޅުވާލައި ބަލާލިއިރު އާމިނާގެ ކައިރީގައި އަންޖޫދާ ހުރީ ދެބުމަ ގޮށް ޖަހައިގެންނެވެ. ދެންމެ އެ ބަސްތައް އެ ބުނެލީ ހަމަ އަންޖޫދާ ބާއޭ ހިތަށް އެރުމާއެކު ރާހުލްއަށް ދެ ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ.

“ކީކޭ؟” މޭ ގައި އަތް އަޅާލަމުން ރާހުލް އެހެން އަހާލީ މަޑުމަޑުންނެވެ.

“ކީކޭހޭ އަދި އެބަ އަހައެއްނު؟ އަޑެއް ނީވޭތަ މި ބުނި އެއްޗެއް! އަހަރެން ރާހުލް އާ އެކީ އުޅުނީ ކީއްވެކަން ހަމަ ރަނގަޅަށް އެނގޭނީ ރާހުލްއަށް…. ކަލޭ މަށަށް ބިރު ދެއްކީމަ މަށަށް މަޖުބޫރުވީ ކަލެއާ އެކު އުޅެން….! އެއީ  ވީ ގޮތަކީ! އެނގެއްޖެތަ؟” ރުޅިއައިސްފައި ހުރެ އަންޖޫދާ ބުނަމުން ދިޔަ ކޮންމެ ބަހެއް ރާހުލްގެ މެއަށް ހެރެމުން ދިޔައީ ތޫނު ތީރެއްގެ ސިފައިގައެވެ. އިޚްތިޔާރަކާ ނުލާ އޭނާގެ ދެލޯ ފެންކަޅިވެގެން ދިއައެވެ. ނުކުރާ ކަމެއް އޭނާގެ ބޮލުގައި އެޅުވުމަކީ އޭނަ އެންމެ ދެރަވާ އެއްކަންތަކެވެ. ނަމަވެސް އެންމެ ލޯބިވާ މީހާގެ އަނގައިން އެކަހަލަ ބަސްތަކެއް ބޭރުވުމުން އެ ހިތަށް ވަރަށް ތަދުވެއްޖެއެވެ.

“އަންޖޫ…” ކުރެހިފައިވާ އަޑަކުން ރާހުލް އަންޖޫދާއަށް ގޮވާލިއެވެ. ނަމަވެސް އަންޖޫދާ މޫނު އަނެއްފަރާތައް އަނބުރާލިއެވެ.

“ކޮން އަންޖޫ އެކޭ ކިޔާކަށް އޭނ ކަލޭ! މަގޭ ދަރިއަށް ބިރުދައްކާފަ…” އާމިނާ މަލާމާތުގެ ރާގަކަށް އެހެން ބުނެލުމުން ރާހުލް އިތުރަށް ދެރަވިއެވެ. މޭގައި ހިފާ ފިތާލުމުން ވާކަހަލަ ތަދެއް އޭނާއަށް އިހުސާސް ކުރެވެމުން ދިޔައެވެ. ދެކަކޫ މައްޗަށް ތިރިވެ އޭނާ އިސްޖަހައިގެން އިނެވެ. އޭރު އެތަނަށް އެއްވެފައި ތިބި މީހުން އެކަކު އަނެކަކުގެ ކަންފަތް ދޮށުގައި އެކި އެއްޗެހި ކިޔަމުން ދިއައެވެ. ގިނަބައެއްގެ ރުޅިވެރި ނަޒަރު ރާހުލްއަށް އަމާޒުވާން ފެށިއެވެ.

ޒުލޭހާ ހުރީ އަނގަހުޅުވިފައެވެ. ކަންތައް މިވީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިއައެވެ. އޭނާ ރޭވިރޭވުން އެދިޔައީ ދިމާއިދިކޮޅަށް ވިއްޔާއެވެ. އޭނާ ބޭނުންވީ އެންމެންގެ ތެރޭ އަންޖޫދާ ލަދުގަންނަވާލާށެވެ. ނަމަވެސް އަންޖޫދާ މިކަމުން އެ ސަލާމަތްވީ ހާދަ މޮޅު ދޮގެއް ހަދައިގެންނޭ އޭނާގެ ހިތަށް އެރިއެވެ.

“މީ މި ބަންގާޅިން ގެނެސްގެން ކަންތައް ވާ ގޮތް ހަމަ! ދަރިޔަކާ ބެހޭނެ! ނޫނީ ބިރު ދައްކާނެ! މިމީހުންގެ ވައްތަރޭ މީ! ލަދެއް ހަޔާތެއް ނުހުންނަ ބައެއް މީ!” މީހުންތަކުގެ ތެރެއިން ކޮންމެވެސް މީހަކު ބުނެލި އަޑު ރާހުލްއަށް އިވިގެން ދިއައެވެ. އޭނާ އިސްއުފުލާ އަންޖޫދާ އާ ދިމާއަށް ބަލާލީ ވޭނީ ނަޒަރަކުންނެވެ. އެއީ ހަމަ އޭނާއަށް ލޯބިވެވުނު އެ ހިތުގެ މަލިކާ ބާއޭ ރާހުލްގެ ހިތަށް އެރިއެވެ. އެންމެންގެ ތެރޭ އޭނާގެ ބޮލުގައި މި ފަދަ ތުހުމަތެއް އަޅުވަން އަންޖޫދާއަށް ކެރުނީ ކިހިނަކުންބާއޭ ރާހުލް ހިތަށް އެރިއެވެ. ދެމީހުން ލޯބިން އުޅުނު ވަގުތުތައް އޭނާގެ ލޯ ކުރިމަތީގައި ސިފަވާން ފެށުމުން ރާހުލްއަށް ރޮވޭ ގޮތް ވިއެވެ. އެ ހިތަށް ވެސް ކެއް ވާނީ ވަކިވަރަކަށް ނޫން ހެއްޔެވެ؟ އޭނާ ހީކޮށްގެން ހުރީ އަންޖޫދާ އޭނާއާއެކު ކުރި ހުވާތަކާ އެއްގޮތަށް ދެމި ހުންނާނެ ކަމަށެވެ. ކޮންމެ ހާލަތެއްގައިވެސް އޭނާއާ އެކީ އަންޖޫދާ ވާނެކަމަށެވެ. ނަމަވެސް މިޔަދު އަންޖޫދާ އޭނާގެ ހިތާ މޭ ޗިސްޗިސް އެކޮއްލީ ކުޅޭ ކުޅޭ އެއްޗެއް ފަދައިންނެވެ.

“ނޫން!” ކުއްލިއަކަށް ނަޝްފާ ދުވަމުން އައިސް ރާހުލްގެ ކުރިމައްޗަށް އަރަމުން އެހެން ބުނެލި ވަގުތު ރާހުލް ނަޝްފާއަށް ބަލާލިއެވެ. ހަށިފާރަވެރިއެއް ފަދައިން ރާހުލްގެ ކުރިމަތީގައި ހުއްޓިގެން ހުރި އިރު ނަޝްފާގެ މޫނުމަތިން ފެންނަނީ ސާބިތުކަމެވެ.

“ރާހުލް އެހެނެއް ނަހަދާނެ! އަހަންނަށް ރާހުލް ވަރަށް ރަނގަޅަށް އެނގޭ! ރާހުލް އެކަހަލަ ކަމެއް ނުކުރާނެ! ” އެންެމެނަށް އަޑު އިވޭނެހެން ނަޝްފާ ބުނެލި ބަސްތަކުގެ ސަބަބުން މީހުން ތިބީ ހައިރާންވެފައެވެ. ޞާބިރާ ލަދުން ގޮސް އޭނާގެ މޫނު ފޮރުވާލީ އެންމެންގެ ތެރޭ ނަޝްފާ އެފަދަ ގޮތަކަށް ކަންތައް ކުރުމުންނެވެ.

#ނުނިމޭ#

9

11 Comments

 1. Liaa

  October 10, 2016 at 6:35 pm

  Hii all… heekuran mi part ves kamudhaane kamah…. 🙂
  Loves <3

 2. lai

  October 10, 2016 at 6:40 pm

  Vv reethi mee first dho

 3. Jannath

  October 10, 2016 at 8:53 pm

  Me 2nd………..vvvvvvvv nice……poor rahul……..next part when

 4. Ndmsjsnfn

  October 10, 2016 at 9:41 pm

  Awww haaadha reechey??? when next part?

 5. Meenaa

  October 10, 2016 at 9:49 pm

  Haadha salhiey……

 6. xprincess

  October 10, 2016 at 10:55 pm

  Noooooo? keevvve tha anjoo and raahul vaki kollii thi…..

 7. xprincess

  October 10, 2016 at 10:57 pm

  Raahul kihaa dhera vaane tha liaa…. 🙁
  Stry v v v v reeethi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 8. Same

  October 10, 2016 at 11:20 pm

  Wow. Nice…

 9. Tizzz

  October 11, 2016 at 10:29 pm

  Story is nice liaa

 10. Munchkin ?

  October 12, 2016 at 4:12 pm

  Ohh mi part ga mivy gothun vaahaka kiyaa hih uthurah bodu vehjje
  Waitting fr next part ?

 11. reema

  October 12, 2016 at 5:21 pm

  woww… varah salhi

Comments are closed.