“ނޫން!” ކުއްލިއަކަށް ނަޝްފާ ދުވަމުން އައިސް ރާހުލްގެ ކުރިމައްޗަށް އަރަމުން އެހެން ބުނެލި ވަގުތު ރާހުލް ނަޝްފާއަށް ބަލާލިއެވެ. ހަށިފާރަވެރިއެއް ފަދައިން ރާހުލްގެ ކުރިމަތީގައި ހުއްޓިގެން ހުރި އިރު ނަޝްފާގެ މޫނުމަތިން ފެންނަނީ ސާބިތުކަމެވެ.
“ރާހުލް އެހެނެއް ނަހަދާނެ! އަހަންނަށް ރާހުލް ވަރަށް ރަނގަޅަށް އެނގޭ! ރާހުލް އެކަހަލަ ކަމެއް ނުކުރާނެ! ” އެންެމެނަށް އަޑު އިވޭނެހެން ނަޝްފާ ބުނެލި ބަސްތަކުގެ ސަބަބުން މީހުން ތިބީ ހައިރާންވެފައެވެ. ޞާބިރާ ލަދުން ގޮސް އޭނާގެ މޫނު ފޮރުވާލީ ނަޝްފާ އެފަދަ ގޮތަކަށް ކަންތައް ކުރުމުންނެވެ.
ޒުލޭހާ އަތުގެ ނުފުށުން ނިއްކުރިމަތީގައި ޖަހާލިއެވެ. ވާން މިއުޅެނީ ކީއްކަމެއް އޭނާއަށް ނޭނގެއެވެ. އޭނާ ޖީބުން ފޯނު ނަގައި އަނެއްކާ ވެސް އާޔާގެ ނަންބަރަށް ގުޅާލީ ތަންކޮޅެއް ދުރަށް ޖެހިލުމަށްފަހުގައެވެ. ނިދި އަޑުން އާޔާ ހަލޯ އޭ ބުނެލުމުން ޒުލޭހާ ދަތްކުނޑި ވިކާފައި އަވަހަށް އަންނާށޭ ބުނެލުމަށްފަހު ފޯނު ބޭއްވިއެވެ.
“ނަޝްފާ….” ކުރެހިފައިވާ އަޑަކުން ރާހުލް ކުރިމަތީގައި ހުރި ނަޝްފާއަށް ގޮވާލިއެވެ. ނަޝްފާ ރާހުލްއަށް ބަލާލަމުން ހިތާމަވެރި ގޮތަކަށް ހީލިއެވެ. ރާހުލް އަންޖޫދާ ދެކެ ލޯބިވާވަރު އެނގުމުން ނަޝްފާގެ ހިތަށް ތަދުވިއެވެ.
“އެންމެ ފަހުން އެ ނަޝްފާ ވެސް އެ ބަންގާޅީގެ މަޅީގަ ޖެހުނީއޭ! މަ އޭރު ވެސް ބުނަމޭ މިރަށަށް ބަންގާޅިން އަރުވާނެ ކަމެއް ނެތޭ!” ކޮންމެވެސް މީހަކު ބާރަކަށް ބުނެލި އަޑު އިވުމުން ރާހުލް އިސްޖަހާލިއެވެ. ނަޝްފާ އޭނާ ދިފާޢުކުރާ ނަމަ އެ މީހުންގެ ރުޅިވެރި ބަސްތައް އަމާޒުވާނީ ނަޝްފާއަށްކަން އޭނާއަށް އެނގުނެވެ.
“ނަޝްފާ… މިތަނުން ދޭ..” އަމުރުވެރި ގޮތަކަށް ރާހުލް ނަޝްފާއާ ދިމާއަށް ބުނެލީ އިސްޖަހައިގެން ހުރެއެވެ.
“ނޫން ރާހުލް… އަހަރެން ބޭނުމޭ ރާހުލް ތީ ކުށްވެރިއެއް ނޫންކަން އެންމެނަށް ސާބިތުކޮށްދޭން… ޕްލީޒް..” ނަޝްފާ އާދެހުގެ ރާގެއްގައި ބުނެލިއެވެ.
“އެކަމަކު ކީއްވެ؟ ކީއްވެ ނަޝްފާ… ނަޝްފާއާ ދިމާއަށޭ މީހުން އެއްޗެހި ކިޔާނީ… ޕްލީޒް… މިތަނުން ދޭ…” ރާހުލް ބުނެލިއެވެ. އެއާއެކު ނަޝްފާ ރާހުލްގެ ގާތަށް ޖެހެލިއެވެ. އަދި އޭނާވެސް ރާހުލް އެކޭ އެއްގޮތަށް ދެކަކޫ ޖަހައިގެން މަގުމަތީގައި އިށީނެވެ.
“ކީއްވެހޭ؟ ކީއްވެހޭތަ ތި އަހަނީ؟ އެއީ….” އެ ހިސާބަށް ބުނެވުނުތަނާ ނަޝްފާއަށް ރޮވެން ފެށުނެވެ. ރާހުލް ދެރަ ގޮތަކަށް ނަޝްފާއަށް ބަލަހައްޓައިގެން ހުއްޓެވެ.
“އެއީ އަހަރެން ރާހުލް ދެކެ ލޯބިވާތީ…” ދެލޯ ފުހެލަމުން އުނދަގުލާއެކު ނަޝްފާ އެހެން ބުނެލީ ރާހުލްގެ އަތުގައި ހިފާލަމުންނެވެ. ނަޝްފާގެ އެ ބަސްތަކުން ރާހުލްއަށް ލިބުނީ ޝޮކެކެވެ. ކުއްލިއަކަށް ނަޝްފާގެ އަތް ތެރޭގައި އޮތް އޭނާގެ އަތް ދަމައިގަންނަމުން ރާހުލް ކޮޅަށް ތެދުވިއެވެ. ނަޝްފާ ވެސް އިސްޖަހައިގެން ހުރެ ކޮޅަށް ތެދުވިއެވެ. އޭރު އެއްވެފައި ތިބި މީހުން ނަޝްފާ އާ ދިމާއަށް އެއްޗެހި ގޮވަމުން ދިޔައެވެ.
ރާހުލް ދެކެ ނަޝްފާ ލޯބިވާކަން ޔަޤީންވުމުން ޞާބިރާއަށް ހުރެވުނީ ގަނޑުވެފައެވެ. ކުރިން ވެސް ނަޝްފާ ރާހުލް ދެކެ ލޯބިވާކަމަށް އޭނާއަށް ޝައްކުވިއެވެ. އޭނާގެ ދަރިފުޅުގެ ހިތުގެ ހާލަތު ނޭނގުނީތީ އޭނާ އަމިއްލަ ނަފްސު ކުއްވެރި ކުރިއެވެ.
“ޞާބިރާ ވެއްޖެއްނު ދޯ ނަޝްފާ ހިފަހައްޓަން… ބަންގާޅިއަކާ ހިތާވެގެން އެއޮށް އުޅޭ ވައްތަރެއް… ޗީ ޗީ ޗީ..” ކައިރީގައި ހުރި މީހަކު ޞާބިރާއާ ދިމާއަށް ބުނެލިއެވެ. ނަމަވެސް އިސްޖެހުމުގެ ބަދަލުގައި އޭނާ އެ މީހާއާ ދިމާއަށް ދެބުމަ ޖޮށް ޖަހާލަމުން ބަލާލިއެވެ.
“ދެން ކީއްތަ ވީ؟ އެއީ މަގޭ ދަރިއޭ… މަގޭ ދަރި ނުކުރެ ގޯސްކަމެެއް… ބަންގާޅިއެއް ދެކެ ލޯބިވުމަކުން އެއީ ކުރެވޭ ގޯސްކަމެއް ނޫން….” ޞާބިރާ ނަޝްފާ ދިފާޢުކޮށް ވާހަކަ ދެއްކިއެވެ. ނަޝްފާ އުޅޭ ހާލު އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށެވެ. ދުވަހަކުވެސް އުފަލެއް ލިބިފައި ނުވާ އެކުއްޖާއަށް ރާހުލްގެ ލޯބި ހޯދައިދިނުމަށް ޞާބިރާ އަޒުމްކަނޑައެޅިއެވެ.
ރާހުލް ނަޝްފާއަށް ބަލަން ހުރެ ދެތިން ފިޔަވަޅު ފަހަތައް ޖެހެލިއެވެ. އަދި ނަޝްފާގެ މޫނަށް ފުންކޮށް ބަލާލިއެވެ. އެއާއެކު އޭނާގެ ދެބުމަ ގޮށް ޖެހިގެން ދިއައެވެ.
“ކީއްވެތަ ނުބުނީ ނަޝްފާ؟” ރުޅިވެރިކަމާއެކު ރާހުލް އަހާލިއެވެ. އޭނާ ރުޅިއައީ ނަޝްފާ ދެކެ އެއް ނޫނެވެ. އޭނާގެ އަމިއްލަ ނަފްސު ދެކެއެވެ. ނަޝްފާ އޭނާ ދެކެ އެހާ ލޯބިވާއިރު ވެސް އޭނާއަށް އެކަން ފާހަގަ ނުވީތީއެވެ. އޭނާ އަންޖޫދާއާއެކު ނަޝްފާގެ ކުރިމަތީގައި އުޅުނުއިރު ނަޝްފާ ދެރަވާނެވަރު އޭނާއަށް އަންދާޒާކޮށްލެވުނެވެ.
“ސޮރީ..” ނަޝްފާ މަޑުމަޑުން ބުނެލިއެވެ. ރާހުލް ނަޝްފާއަށް ބަލާލުމަށްފަހު ދެން ބަލާލީ އާމިނާ ގާތު ހުރި އަންޖޫދާއަށެވެ. އަންޖޫދާގެ މޫނުމަތިން އޭނާ ހުރީ ދެރަވެފައިކަން ރީއްޗަށްވެސް ހާމަވެއެވެ. ނަމަވެސް އެވަގުތު ރާހުލް ހުރީ އަންޖޫދާގެ މޫނުމަތިން ފާޅުވަމުން ދިޔަ ކުލަވަރު ދެނެގަތުމަށްވުރެ ބޮޑަށް އަންޖޫދާ ދެކެ ރުޅިއައިސްފައެވެ.
“ނަޝްފާ ސޮރީ ބުނާވަރު ކަމެއް ނުކުރެ…” ރާހުލް ނަޝްފާގެ ދެއަތުގައި ހިފާލަމުން ބުނެލިއެވެ. ނަޝްފާ ސިހިފައި ރާހުލްއާ ދިމާއަށް ބަލާލިއެވެ. ރާހުލްއާ ހަތަރު ކަޅި ހަމަވެގެން ދިޔަ ވަގުތު އޭނާއަށް ތަފާތު އިހުސާސެއް ކުރެވިގެން ދިއައެވެ.
“ނަޝްފާ… އަހަންނާ ކައިވެނި ކުރާނަންތަ؟” ރާހުލް އެހެން އަހާލުމުން ޒުލޭހާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ރާހުލް ކުރަން މިއުޅެނީ ކީއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ރާހުލްގެ މި ކުއްލި ސުވާލުން ނަޝްފާ ހައިރާންވި ނަމަވެސް އެ ހިތުގައި އުފާވެރިކަމުގެ ރާގެއް ހިނގާލިއެވެ. އޭނާ ވަށައިގެންވާ މީހުންގެ ތެރެއަށް ނަޒަރު ހިންގާލީ ޞާބިރާ ފެނޭތޯއެވެ. ޞާބިރާ މި ގުޅުމަށް ނުރުހޭނެކަން އޭނާއަށް އެނގުނު ނަމަވެސް އޭނާ ބޭނުންވީ އޭނާގެ ނިންމުން ޞާބިރާއަށްވެސް އަންގާށެވެ. މީހުންތަކުގެ ތެރެއިން ތަންކޮޅެއް ކުރިއަށް ޖެހެލި ޞާބިރާ ފެނުމާއެކު ނަޝްފާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ޞާބިރާ މި ކައިވެއްޏަށް ނުރުހުކަމުގައި ވިޔަސް އޭނާ މި ކައިވެނި ކުރަން ބޭނުމެވެ. ނަމަވެސް އޭނާއަށް ހައިރާންކަމެއް ލިބުނީ ޞާބިރާ ހިނިތުންވެ ހުރެ ބޯ ޖަހާލުމުންނެވެ. ބަޔާން ކުރަން ދަތި އުފާވެރިކަމެއް ނަޝްފާއަށް ލިބިގެން ދިޔައެވެ.
“އާނ… ރާހުލް…. އަހަރެން ބޭނުން…” ނަޝްފާ ރާހުލްއަށް ބަލާލަމުން އެހެން ބުނެލި ގަޑީގައި އެ ދެލޮލުން ނިރާލީ އުފާވެރިކަމުގެ ކަރުނައެވެ. އެންމެ ފަހުން އޭނާއަށް އޭނާގެ ހަޤީޤީ ލޯބި ލިބުނީ ކަމުގައި އޭނާއަށް ހީކުރެވުނެވެ.
ރާހުލް އާ ނަޝްފާ ސިހުނީ އެދެމީހުންގެ ފައިބުޑަށް ޖެހުނު ދަބަސް ފެނިފައެވެ. ރާހުލް އަންޖޫދާގެ ގޭ ދޮރާއްޓާ ދިމާއަށް ބަލަހައްޓައިގެން ހުރި އިރު އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ސައްތާރު ފެނި ރާހުލް ޖެހިލުންވިއެވެ. ސައްތާރުގެ މޫނުމަތިން އޭނާ ހިތްހަމަނުޖެހިފައި ހުރި ވަރު ހާމަވެއެވެ.
“ކަލެއަށް ދެން މިގޭގައެއް ނުހުރެވޭނެ…. ކަލޭ ދާ ތާކަށް ދޭ…” ސައްތާރު އެހެން ބުނެލީ މަޑުން ނަމަވެސް އޭނާގެ އަޑުގައި ނުރުހުންވުން އެކުލެވިފައިވިއެވެ. ރާހުލްއަށް ކިތަންމެ ގޯސްކޮށް ކަމެއް ކުރެވުނަސް ސައްތާރަކީ ދުވަހަކުވެސް އޭނާއާ ދިމާއަށް ހިތްހަމަނުޖެހިގެން އެއްޗެއް ބުނި މީހެއް ނޫނެވެ. ނަމަވެސް މިޔަދު ސައްތާރު ވާހަކަ ދެއްކި ގޮތުން އޭނާ ދެރަވިއެވެ. ސައްތާރާ ދިމާއަށް ބަލަހައްޓައިގެން އޭނާ ހުއްޓެވެ.
“ކަލޭމެން މިގޭ ދޮަށަށް އެއްވެގެން ހަތަރު ދަމު ހުއްޓަސް ވާނެ ފައިދާއެއް ނެތް… އެހެންވީމަ އެންމެ ރަނގަޅުވާނީ އެމީހަކު އެމީހެއްގެ ގެއަށް ދިއައީޔާ…” ވަށައިގެން އެއްވެފައި ތިބި މީހުންނަށް ބަލަމުން ސައްތާރު އެހެން ބުނެލުމުން އެކި މީހުން އެކި ދިމަދިމާއަށް ހިނގައިގަތެވެ. ދަމުންވެސް އެކަކު އަނެކަކު ކަންފަތް ދޮށުގައި ފާޑުފާޑު ވާހަކަ ދައްކަމުން ދިޔައެވެ.
“އަދިވެސް ހުރީތަ ބަލަހައްޓައިގެން…. ތިއޮތީ ކަލޭގެ ދަބަސް… ދެން އަވަހަށް ދޭ… ދާތާކަށް ދޭ…” ސައްތާރު ރާހުލްއާ ދިމާއަށް އެހެން ބުނެލީ ތަންކޮޅެއް ބާރަށެވެ. އެހެން ބުނުމުން ރާހުލް ކުޑަކޮށް ސިހުންވެފައި ފައިބުޑުގައި އޮތް ދަބަސް ނަގައި ކޮނޑުގައި އަޅުވާލިއެވެ. ކައިރީގައި ހުރި ނަޝްފާ ރާހުލްގެ އަތަށް ފިތާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.
“ހިނގާ ދާން… ރާހުލްއަށް ހުރެވޭނެ އަހަރެމެން ގޭގަ….” ޞާބިރާ އައިސް ރާހުލް ގާތު ބުނެލުމުން ރާހުލް އެ މީހުންނާއެކު ހިނގައިގަތީ ނަޝްފާމެން ގެއާ ދިމާއަށެވެ. ދަމުން އޭނާ ފަހަތް ބަލާލީ އަންޖޫދާގެ މޫނު ފަހު ފަހަރު ދެކެލުމުގެ ބޭނުމުގައެވެ.
ލޯމައްޗަށް ރާހުލް ގެއްލުމާއެކު އަންޖޫދާ ދުވަމުން ގޮސް ގޭތެރެއަށް ވަނެވެ. ފަހަތުން ސައްތާރާ އާމިނާއާ ވަތް އިރު އެދެމީހުން ދެމެދުގައި ވަނީ ހިމޭންކަމެވެ. އާމިނާ ގެއަށް ވަތް އިރު އަންޖޫދާ ސިޓިންގރޫމުގައި ނެތުމުން އޭނާ މިސްރާބު ޖެހީ އަންޖޫދާގެ ކޮޓަރިއާ ދިމާއަށެވެ. ފަހަތުން ސައްތާރުވެސް ހިޔާލެއްގައި ހުރެ އާދެއެވެ.
ކޮޓަރި ދޮރު ހުޅުވާލަން ތަޅުގައި ހިފިއިރުވެސް އާމިނާއަށް އަންޖޫދާގެ ގިސްލުމުގެ އަޑުއިވެމުން ދިއައެވެ. އޭނާ ދޮރު ހުޅުވާލުމަށްފަހު އެނދުމަތީގައި ބަންޑުން އޮތް އަންޖޫދާ ގާތުގައި އިށީނެވެ. އަންޖޫދާގެ ގިސްލުމުގެ އަޑުގައިވާ ވޭން އާމިނާއަށް ރަނގަޅަށް ވެސް ފާހަގަވިއެވެ.
“ކީއްވެތަ މަންމާ؟ އަހަރެންގެ ހުރިހާ ވެސް އުފަލަކީ ރާހުލްއޭ… ދެން… ދެން މިހާރު މަންމައާ ބައްޕަ ބުނި ގޮތަށް ކަންތައް ކޮށްފިން… ދެން ރާހުލްއަށް ދެރައެއް ދީގެން ނުވާނެ..” ކުޑަކޮށް ބޯ ހިއްލާލަމުން އަންޖޫދާ އެހެން ބުނެލިއިރު އޭނާގެ ދެލޯ ރަތްވެފައިވިއެވެ. އާމިނާ އާ ސައްތާރު އެއްޗެކޭ ނުބުނެ ބޯ ޖަހާލިއެވެ.
ކުއްލިއަކަށް އަންޖޫދާ ތެދުވެ އާމިނާގެ ދެއަތުގައި ހިފާލިއެވެ.
“މަންމާ… ރާހުލް ހަމައަސްލުވެސް ނަޝްފާއާ އިންނާނެތަ؟” އަންޖޫދާ ރޮވިފައިވާ އަޑަކުން އަހާލިއެވެ. ރާހުލް ނަޝްފާ ގާތު އިންނަން އެހި އިރު އޭނާގެ ހިތް ކުދިކުދި ވެގެން ދިޔަ ފަދައެވެ.
“ނޭނގެ…” އާމިނާ ކުރު ޖަވާބެއް ދިނެވެ.
“ރާހުލް ނަޝްފާއާ އިންނަންޏާ އޭނާ އިނަދީ… މަންމާ ޕްލީސް ނަޝްފާއާ ރާހުލްގެ ދޭތެރެއަށް ނުވަންނާތި…” އަންޖޫދާ ވިސްނާލުމަށްފަހު ބުނެލިއެވެ. ނަޝްފާ ރާހުލްއަށް އަޅާލާ މިންވަރު އަންޖޫދާއަށް އެނގެއެވެ. އަދި ނަޝްފާ ދުވަހަކުވެސް ރާހުލްއަށް ދެރައެއް ނުދޭނެކަން ވެސް އޭނާއަށް އެނގެއެވެ. އޭނާ ކޮންެމެ ފަދަ ހާލެއްގައި އުޅުނު ނަމަވެސް ރާހުލް އުފަލުގައި ހުރުމަށް އޭނާ އެދެއެވެ. އާމިނާ ގޮސް ޞާބިރާގެ ގާތުގައި ރާހުލްގެ ގޯސް ވާހަކަ ދައްކައިފާނެ ކަމާމެދު އޭނާއަށް ޝައްކުވަނީއެވެ.
“މަށެއް ދެން ނޫޅެން އޭނަ އުޅޭ ގޮތެއް ބަލާކަށް.. މަށަށް ހެޔޮ އޭނަ ނަޝްފާއާ އެކީ ކޮންމެ ގޮތަކަށް އުޅުނަސް…” އާމިނާ ދެލޯ ހަނިކޮށްލަމުން ބުނެލިއެވެ. އެއާއެކު އަންޖޫދާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
***
ރާހުލް ނަޝްފާމެންގެ ގެއަށް ވަނީ ނަޝްފާގެ އަތުގައި ހިފައިގެންނެވެ. ކިތަންމެ ދުވަހަކު އޭނާ އެގޭ ފިހާރައަށް އައި ނަމަވެސް އެގޭތެރެއަށް ވަންނަ މިއީ ފުރަތަމަ ފަހަރެވެ. އޭނާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ސިޓިންގްރޫމް ތެރެ ތަރުތީބުކަމާއެކު އަތުރާލާފައިވީއިރު އެގޭ ތެރެ ރާހުލްއަށް މަރުހަބާ ކިޔާހެން އޭނާއަށް ހީވިއެވެ.
ނަޝްފާ ގޮސް ހުޅުވާލީ އޭނާގެ ކޮޓަރިއެވެ. އެގޭގައި ހުންނަނީ ދެކޮޓަރިކަމުން އޭނާ ޞާބިރާގެ ކޮޓަރިއަށް ބަދަލުވުމަށްފަހު ރާހުލްއަށް އޭނާގެ ކޮޓަރި ދިނެވެ.
“ދޭ ފެންވަރާ ހަދާލައިގެން އަންނަން…” ނަޝްފާ ރާހުލް ގާތު ބުނެލިއެވެ. ރާހުލް ބޯ ޖަހާލަމުން ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން އޭނާ ފާހާނާއަށް ވަދެ ފެންވަރަން ފެށިއެވެ. ފެން މާގަނޑު ދޮށުގައި ހުރިއިރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިއައީ އަންޖޫދާގެ ހިޔާލުތަކެވެ.
އަންޖޫދާ އެންމެންގެ ކުރިމަތީގައި އޭނާގެ ބޮލުގައި ދޮގު ތުހުމަރު އެޅުވީ ކީއްވެބާއޭ ރާހުލްގެ ހިތަށް އަރަމުން ދިއައެވެ. އެހެން ނުހަދާ ރީތިކޮށް އޭނާ ގާތު ލޯބިނުވެޔޭ ބުނިނަަމަވެސް މާރަނގަޅުވީހެވެ. ކުރީ ރޭ އާޔާ އޭނާ ގާތު އެ ދެއްކީ ތެދު ވާހަކައެއް ކަމަށް މިހާރު އޭނާއަށް ޤަބޫލުކުރެވިއްޖެއެވެ. އަންޖޫދާ އުޅުނީ އޭނާއަށް ލަނޑު ދޭށެވެ. ދެން ފަހުން އަންޖޫދާ އަނެއްކާވެސް އޭނާ ދެކެ ލޯބިވެޔޭ ކީ އޭނާގެ ހަށިގަނޑުން އުފާ ހޯދަން ކަމުގައި ރާހުލްއަށް ވިސްނުނެވެ. އެކަން ނިމުމުން އަންޖޫދާ ރަށު މީހުން ކުރިމަތީގައި އޭނާ ލަދުގަންނަވާ ދެރަކޮށްލީއެވެ. މިހެން ހިތަށް އެރުމާއެކު ރާހުލްގެ ދެއަތް މުއްކެވިގެން ދިއައެވެ.
ރާހުލްގެ ހިޔާލަށް ދެން އައީ ނަޝްފާއެވެ. ފެށުނީއްސުރެ ނަޝްފާގެ ޢަމަލުތަކާމެދު އޭނާއަށް ވިސްނާލެވުނެވެ. އެއާއެކު އޭނާއަށް ގޮށް މުށުން ބޮލުގައި ޖަހާލެވުނެވެ. އޭނާ ކިހާ މޮޔަ ހެއްޔެވެ؟ މިއޮއް ހުރިހާ ދުވަހަކުވެސް ނަޝްފާ އޭނާ ދެކެ ލޯބިވިކަން ނަޝްފާގެ ހުރިހާ ޢަމަލުތަކެއް ހެކިދެއެވެ. ކުރިން އޭނާއަށް މިކަން ޔަޤީންނުކުރެވުނީ ކީއްވެހެއްޔެވެ؟ މިޔަދުވެސް އެންމެންގެ ތެރޭގައި އޭނާ ދިފާޢުކޮށް ވާހަކަ އެ ދެއްކީ ނަޝްފާއެވެ. އޭނާ ދެކެ ތެދުވެރި ލޯބިވަނީ ނަޝްފާކަން މިހާރު އޭނާއަށް ވިސްނިއްޖެއެވެ. އަންޖޫދާއަކީ ބޮޑު މަކަރުވެރިއެކެވެ. ދޮގުވެރިއެކެވެ. އަންޖޫދާ އޭނާއަށް އޮޅުވާލީއެވެ. ނަމަވެސް ނަޝްފާ ދުވަހަކުވެސް އޭނާއަށް ދެރައެއް ނުދޭނެކަން އޭނާއަށް ޔަޤީންކުރެވެއެވެ. ވީހާވެސް އަވަހަކަށް އޭނާ ބޭނުމީ ނަޝްފާއާ ކައިވެނިކުރާށެވެ. އޭނާ ބޭނުންވަނީ ނަޝްފާއަށް ނިމުމެއް ނެތް އުފާ ދޭށެވެ. މިޔޮއް ހުރިހާ ދުވަހު އޭނާ ނަޝްފާއަށް ދިން ވޭނުގެ ބަދަލުގައެވެ.
ރާހުލް ކޮޓަރިން ނިކުމެގެން އައިއިރު ނަޝްފާއާ ޞާބިރާ ބަދިގޭގައި އުޅުނެވެ. ހީވާގޮތުން އެމީހުން މެންދުރަށް ކައްކަން ތައްޔާރު ކުރަނީއެވެ.
“ރާހުލް ސައިބޮއިފިންތަ؟” ނަޝްފާ އަހާލިއެވެ. ރާހުލް ދެފަރާތަށް ބޯ ހޫރާލީ ޞާބިރާ އަވަދިނެތި ކުރަމުން ދިޔަ މަސައްކަތަށް ނަޒަރު ހިންގާލަމުންނެވެ.
“ދައްތާ ގެނޭ އަހަރެން އަތަށް….” ރާހުލް ޞާބިރާ ގާތަށް ޖެހިލަމުން ބުނެލިއެވެ.
“ނޫނޭ ރާހުލް… މިހާރު މިގޭ މީހަކަށް ވާން އުޅޭ ކުއްޖެއްނު ތީ…” ޞާބިރާ ހިތްހެޔޮކަމާއެކު ހީލަމުން ބުނެލިއެވެ. ނަމަވެސް ރާހުލްއަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. އޭނާ ބޭނުންވީ ޞާބިރާމެންނަށް އެހީވެދޭށެވެ. ނަމަވެސް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ނަޝްފާ އޭނާގެ އަތުގައި ހިފައި ދަމަމުން ގޮސް ކާގޭ މޭޒު ކައިރީގައި ބައިންދައިފިއެވެ.
“ކޯއްޗެއް ކިޔާކައްތަ ރާހުލް؟ ތީ މިގެއަށް ގެނައި މަސައްކަތު މީހެއް ނޫނޭ… މިތާ އިނދެގެން ކައިބަލަ ބަސްއަހައިގެން…” ނަޝްފާ ރާހުލްގެ ކުރިމަތީގައި ބަހައްޓާފައި ހުރި ހުސް ތައްޓަށް ރިހަ އަޅައިދެމުން ބުނެލިއެވެ. އެވަގުތު ރާހުލްގެ ދެލޯ ފެންކަޅިވެގެން ދިއައީ ނަޝްފާގެ ހިތްހެޔޮކަން ހިތަށް އަރާފަައެވެ. ރާއްޖެ އައި ފަހުން އޭނާއަށް މިހާ އޯގާތެރިކޮށް އެއްވެސް މީހަކު ކަންތައް ކޮށްދީފައެއް ނުވެއެވެ.
***
މެންދުރުގެ ހޫނުގަދަ ވަގުތު ޒުލޭހާ އޭނާގެ ގޯތިތެރޭގައި ހުންނަ އުނދޯލީގައި އިށީންދެގެން އިނެވެ. އައިސްފައިވާ ރުޅިއާއެކު އޭނާ ބާރުބާރަށް އުނދޯލި ހެއްލަމުން ދިޔައިރު ހީވަނީ ދެންމެ ދެންމެ އޭގެ ވާތައް ކަނޑައިގެން ގޮސް ވެއްޓިދާނެހެންނެވެ. ސަލާމް ގޮވާލަމުން އެގޭ ދޮރުން ވަތް އާޔާ ފެނިފައި ޒުލޭހާއަށް ދަތްކުނޑި ވިކާލެވުނެވެ.
“ކަލޭ ކީއްކުރަން ދެން މިހާރު ތިއައީ؟؟ މިހާރު ވާނެކަމެއް ވެއްޖޭ!” އާޔާ އައިސް ޒުލޭހާ ގާތުގައި ހުއްޓުމާއެކު ޒުލޭހާ ބާރުބާރަށް ބުނެލިއެވެ.
“އަޅޭ… މަމީ އެހާ ފަތިހާ ހޭލާ މީހެއް ނޫނޭ… ޒުލޭހައްތަ ގުޅިއިރުވެސް މައޮތީ ނިދީގައޭ…” އާޔާ ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ.
“ނިދީގަ! ހެހެ… ކަލޭ ނިދީގަ އޮތް އިރު ވީކަމެއް ނޭނގޭތަ؟އޭނ!” ޒުލޭހާ ބުނެލިއެވެ. ރުޅިގަދަވުމާއެކު ކުރިއަށް ވުރެ ބާރަށް އޭނާ އުނދޯލި ހެއްލަން ފެށިއެވެ.
“މަަށަށް އެނގިއްޖެ ވީ ހުރިހާ ކަމެއްވެސް… މަ ބޭނުން ގޮތަކަށް ކަން ވެފަ އެއޮތީ… އަންޖޫ އާ ރާހުލް ދުރުވެއްޖެއްނު… ދެން މަށާ ބެހޭ ކަމެއް ނޫން ރާހުލް ނަޝްފާއާ އިންނަން އުޅުނަސް… ” އާޔާ ބުނެލިއެވެ.
“ދެން ތި ބުނީ މަގޭ ރޭވުމާ އެއްގޮތަށް ކަލޭ ކަންތައް ނުކުރާނަމޭތަ؟” ޒުލޭހާ ބާރަކަށް ހަޅޭއްލަވައިގަތެވެ. އާޔާގެ ބޭނުމް ފުރިހަމަ ވިޔަސް ޒުލޭހާގެ ބޭނުން އަދި އޮތް ގޮތަށް އޮތީވިއްޔާއެވެ.
“އާނ… މަ ކީއްކުރަން؟” ހަރަން ބަނދެލަމުން އާޔާ އެހެން އަހާލިއެވެ. އެއާއެކު ޒުލޭހާ ހެއްލަން އިން އުނދޯލި ކަނޑައިގެން ދިޔައެވެ. ބަން ލާފައި އުނދޯއްޔާއެކު ޒުލޭހާ ބިންމައްޗަށް ޖެހުނެވެ. އޭނާގެ އުނަގަނޑަށް ތަދެއް އެރުމުން ޒުލޭހާއަށް މަޑު އާހެއް ބޭރުކޮށްލެވުނެވެ. މަންޒަރު ބަލަން ހުރި އާޔާ ބާރަކަށް ހީގަތެވެ. ޒުލޭހާ ވެއްޓުނީ އެހާ ވެސް މަޖާ ގޮތަކަށެވެ.
“ދެން ވެސް ނޭރޭ ވަރުގެ ކުދި އުނދޯއްޔަށް އަރާތި… ހަައްހައް…” ހެމުން އަނގަމަތީގައި އަތް އަޅަމުން އާޔާ ބުނެލިއެވެ.
“އޭ … މީނަ ހަމައެކަނި އަރަނީ ނޭރޭވަރުގެ ކުދި އުނދޯއްޔަކަށ ނޫނޭ ދޯ… މީނަ ދާނެ މީނައަށް މާމަ ކިޔާ ފިރިހެން ކުދިން ކައިރިއަށް ވެސް…. ހައްހައް…” އާޔާ ފަހުން ބުނެލި އެތިން ޒުލޭހާ ރުޅިއައިސް ދެއަތް މުއްކަވާލިއެވެ.
“ދެން މަ ދަނީޔޭ އިނގޭ…” އެހެން ބުނެލަމުން އާޔާ އެގެއިން ނިކުތުމަށް ހިނގައިގަތެވެ. ނަަމަވެސް އޭނާގެ ހަރަކާތްތަކަށް ހުއްޓުން އެރީ ޒުލޭހާ ބުނެލި އެތިންނެވެ.
“ކަލޭ ތި ދޮރުން އެންމެ ފިޔަވަޅެއް އެޅިޔަސް ކަލެއަށް މަހަދާލާނެ ގޮތް އިނގޭނެ… ކަލެއަށް މިހާރު ވަރަށް ރަނގަޅަށް އިނގޭނެ މަށަށް ކުރެވޭނެ ކަންކަން…” ޒުލޭހާ އެހެން ބުނެލުމުން އާޔާގެ ހިނިތުންވުން ފަނޑުވިއެވެ. އެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިގެން ދިއައެވެ.
#ނުނިމޭ#
27
19 Comments
Comments are closed.
Hii all 🙂
Next part maadhamaa up kureveythw balaanan
Loves <3
v salhi…?
nice. loved the story when the mext part
mewnd dhw
sorry me 2nd dhw
Me third dho vv reethi
vv reethi
Hyhy varu Bali vejje zuleyhaa ah v gothun.. Hahaahaha… Story varah habbu
Liaa ves dhn mihaaru haadha slow vehjeye dhw…haadha lahunney mihaaru up thi kurany story…
V v v salhi.????????????
V v v salhi.????????????
V v v salhi.????????????
Wow liaa mi part vx v reethi love this story?
Thankyw all 🙂
And srry slow veema… Exam days annaatheeve bxy vanee… Bt tmrw nxt part up kureveythw balaanan iraadha kurevviyaa <3
vvvvv salhi
liaa baby story up nukurevunas exam ah rangalhah ready vaathi
V good story
Story is Nice liaa… and good luck for ur exam
Liaa vaahaka up vaaleh lahee. And Raahul ah harudhanaa vazeefaa eh hoa dhaa dheefa story than kolheh dhigu koh genes dhinun edhen. But story hama habeys ingey ????❤️
Kobaa aneh part? Anjoo aa Rahul dhuru vyma kiyaa hih kendihjje… But salhi