އަހަރެންގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. “ކީއްވެ މިތަނަށް ތި މަޑުކުރީ” އަހަރެން އިންމައާއި ސުވާލު ކުރީމެވެ. ” އޯކަމޯން ނަޔާ……… ނަޔާއަށް ހަމަރަނގަޅަށް އެނގޭނެ ކީއްވެގެންކަން އަހަރެން މިތަނަށް މި މަޑުކުރީ.އެނގޭ ނަޔާއަށް ވަރަށް ލަސްވެއްޖެކަންވެސް…………. އެކަމަކު އަހަރެންގެ އެއްމެ ސުވާލަކަށް ތަފްސީލު ކޮށް ޖަވާބުދީ” އިންމަ އަހަރެންނާއި ދިމާއަށް ބުންޏެވެ. އޭނާ ހުރީ ހިތްހަމަ ނުޖެހިފައިކަން އަހަރެންނަށް އެނގެއެވެ. އަހަރެން ބޯޖަހާލިމެވެ. އެއްބަސްވުމުގެ ގޮތުންނެވެ. އިތުރުގޮތެއް ނެތީމައެވެ.

” ނަޔާ ކޮބައިތަ މައްސަލައަކީ؟ ތިހާލޯބިން އުޅުނު ދެމީހުންގެ ދެމެދުގައި ތި ޖެހުނު މައްސަލަ އެނގެން އަހަރެން ބޭނުން. އަހަރެންނަށް ހަމަ ޔަގީން ފަސޭހައިން ހައްލުކުރެވޭ ވަރަށްވުރެ ބޮޑު މައްސަލައެއް، ތި ދެމެދުގައި ޖެހިއްޖެކަން. ނަޔާ ……. ޝާލް އަކީ އަހަރެންގެ އެންމެ ގާތްއެކުވެރިޔާ. އޭނައަށް ދެރައެއް ލިބޭކަށް އަހަރެން ދުވަހަކުވެސް ނޭދެން. އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ ހުރިހާގޮތަކުންވެސް އަހަރެންނަށް ވެވުނުމިންވަރަކުން އޭނައަށް އެހީތެރިވުމަށް.އެގޮތުން މިފަހަރު ވެސް………..” އިންމަ ވާހަކަދެއްކުން ހުއްޓާލިއެވެ. އަދި ބުރުމަތީގައި އިށީނިއެވެ. އެވާހަކަތައް ކިޔައިނުދެނީސް ނުދާނަމޭ ބުނާކަހަލަ އެވެ. އަހަރެންވެސް އިށީނީމެވެ. އިތުރުގޮތެއް ނެތިގެންނެވެ. އަހަރެންނަކީ އެއްއިރެއްގައިވެސް އަހަރެންގެ ދިރިއުޅުމުގެ ވާހަކަތައް މާގިނަ މީހުންނާއި ޝެއާރ ކުރަން ބޭނުންވާ މީހެއްނޫނެވެ. އެހެން ނަމަވެސް ޝާލްއަށްޓަކައި އަހަރެން މިވާހަކަތައް އިންމައަށް ކިޔައިދޭނަމެވެ. ޢޭރުން އަހަރެންގެ ހަނދާންތަކާއި ދުރަށް ދިއުމަށް އިންމަގެ ފުރިހަމަ އެހީތެރިކަން ޝާލްއަށް ލިބޭނެއެވެ.

” އިންމަ………. އަހަރެންނަކަށް ނޭގެ އަހަރެންގެ ވާހަކަތައް އަޑުއެހުމަށްފަހު އިންމަ އަހަރެންނާއި ދޭތެރޭގައި ދެކޭނީ ކިހިނެއްކަމެއްވެސް… އެކަމަކުވެސް….. އަހަރެން އުއްމީދުކުރަނީ އިންމަގެ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ޝާލްއަށް ލިބޭނެކަމަށް” އަހަރެން ބުނީމެވެ. އެއަށްފަހު އަހަރެން އިންމައަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އަހަރެންގެ ވާހަކަތައް ކަނުލާ އަޑުއަހަން އިންމަ އަހަރެންގެ ގާތުގައި އިނެވެ. އަހަރެންގެ ވާހަކަތައް ނިމުނުއިރު އިންމަވެސް އިނީ ފެންކަޅިވެފައެވެ. ” ނަޔާ، ނަޔާގެ ތިޔަ ނިންމުމަށް އަހަރެން އެއްވެސް އެއްޗެއް ބުނާކަށްނެތިން. މައިންބަފައިންނަކީ ކިހާ މުހިންމު ބައެއްކަން އަހަރެންނަށް އިހުސާސް ކުރެވޭ. އަހަރެން ޝާލް އަށް ވިސްނަދެވޭތޯ މަސައްކަތް ކުރާނަން. ހިނގާ ގެއަށް ދާން” އިންމަގެ ފަހަތުން އަހަރެންވެސް ތެދުވީމެވެ.

ގެއަށް އާދެވުނުއިރު ބަރަގަޑި ބައިވަނީއެވެ. ދައްތަ ހުރީއަހަރެން ނައިސްގެން ވަރަށް ކަންތައްބޮޑުވެފައެވެ.އެހާ ލަސްވީތީ އަހަރެން ދައްތަގެ ކިބައިން މައާފަށް އެދުނީމެވެ. އަދި ވީ ހުރިހާކަމެއް ދައްތައަށް ކިޔައިދިނީމެވެ. ސަބަބަކީ ދައްތަ އަހަރެންނާއި ދޭތެރޭގައި ކުއްހީއެއްކޮށްފާނެތީއެވެ. ” ނަޔާ! ނަޔާއާއިމެދު ދައްތަ މިއަދު ފަހުރުވެރިވަން. މައިންބަފައިންނަށްޓަކައި މިފަދަ ތަހުޒީބީ ޒަމާނެއްގައި ތިޔަފަދަ ގުރުބާނީއެއްވާނީ ވަރަށް މަދު ކުއްޖެއް. ނަޔާ ތިއީ އޭގެތެރެއިން ނަމޫނާއެއް. މާތް ﷲ ތިޔަކަމުގައި ނަޔާއަށް ކެއްތެރިކަން ދެއްވާށި. ޢާމީން” ދައްތަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

އަހަރެން ނިދޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް ނިދި އަހަރެންނާއި މުޅިން އަލްވަދާއު ކީކަހަލައެވެ. މުޅި އެރޭ އަހަރެންނަށް ހޭދަކޮށްލެވުނީ ޝާލްގެ ހަނދާންތަކުގައި ރުއިމާއި ފިކުރުކުރުމުގައެވެ. ފަތިސް ނަމާދަށް ބަންގިގޮވީވެސް އަހަރެން އެހާލެއްގައި އުޅެނިކޮށެވެ. ބަންގިގޮވުމުން އަހަރެން ފާހަނާއަށްވަދެ ވުޟޫކޮށްލައިގެން ނިކުމެ ނަމާދަށް އެރީމެވެ. އަދި ﷲގެ ހެޔޮރަހްމަތްފުޅަށް އެދި ދުއާކުރީމެވެ. މިކަމުގައި އަހަރެންނަށް ކެއްތެރިކަން ދެއްވުމަށް އެދިއެވެ.

އެއަށްފަހު އަހަރެން ކޮފީތައްޓެއް ހަދައިގެން ބެލްކަންނަށް ނުކުތީމެވެ.ފަތިހުގެ ފިނިފިނި ރޯޅިތަކުން ހިތައް ހަމަޖެހުމެއް ހޯދުމަށްޓަކައެވެ. އެއީ އަހަރެންގެ ކޮންމެ ދުވަހެއްގެވެސް ފެށުމެވެ. އެހެންނަމަވެސް ކުޑަ ތަފާތަކާއިއެކު އަހަރެންނަށް މިއަދު މިވަނީ  ދުވަސް ފަށަން މަޖުބޫރުވެފައެވެ. އެހެންދުވަސްތަކުގައި އެގަޑީގައި އަހަރެން ނިކުމެ ޝާލްއަށް މިސްޑްކޯލެއްދެމެވެ. އަހަރެންގެ ކޯލް ބިޒީކޮށްލުމަށްފަހު ޝާލް އަހަރެންނަށް ގުޅާނެއެވެ. އެތަކެއް ލޯބީގެ ވައުދުތަކަކާއި އަހުދުތަކެއް އަހަރެމެން ވަމެވެ. ތަފާތު އެތަކެއް ސަމާސާތަކެއްކޮށް އެތައް އިރެއްވަންދެން ހީހަދަމެވެ. އަހަރެންނަށް ބެލްކަޏްޏަށް ނުކުމެވުނުއިރު ކޮންމެވެސް ވަރަކަށް އަލިވެއްޖެއެވެ. މަގުމަތީގައި ހިނގާބިނގާވާ މީހުންވެސް ކޮންމެވެސް ވަރަކަށް ވަކިކުރަން އެނގެއެވެ. ބެލްކަންޏަށް ނުކުމެ ފުރަތަމަ ބޯލި ކޮފީ ކޯވަރާއިއެކު އަހަރެން ދިޔައީ ސިއްސައިގެންގެންނެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. ގަބޫލުކުރަންދަތިގޮތަކަށް އަހަރެން ދެވަނަފަހަރަށް މަގުގެ އަނެއްފަރާތުގައި އަހަރެމެންގެ ބެލްކަންނާއި ދިމާވާގޮތަށް ޖަހާފައި ހުރި ހޮޅި ދަނޑިއަށް ބަލައިލީމެވެ.

ގަބޫލުކުރެވުނަސް ނުކުރެވުނަސް އެއީ ދެވަނަ އެހެން އިންސާނެއް ނޫނެކެވެ. އެއީ އަހަރެންގެ ޝާލްއެވެ. ހޮޅިދަނޑީގައި ލެގިލައިގެން އަހަރެންނާއި ދިމާލަށް އޭނާ ހުރީ ބަލާށެވެ. ކުއްލިއަކަށް ޝާލް އޭނާގެ އަތުގައިއޮތްފޯނާއި ކުޅެންފެށިއެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި ކޮޓަރިއާއި ދިމާއަށް ދުއްވައިގަނެވުނެވެ. ޝާލްއަށް ނުގުޅާންވެގެން ހިތާއި ދެކޮޅަށް އަހަރެން ބެލްކަންޏަށް ނިކުތީ ފޯނު ބާއްވާފައެވެ. އަހަރެންގެ ހިތް އެކަމަށް އެދި ރޮއިރޮއި އޮތް ހާލުގައެވެ. ކޮޓާރިއަށް ވަތްއިރު އެނދުމަތީގައި އޮތް އަހަރެންގެ ފޯނު ވައިބްރޭޓް ވަނީއެވެ. ފޯނު ނަގަން އަތްދިއްކޮށްލިވަގުތު ފޯނު ކެނޑުނީއެވެ. އަހަރެން ފޯނަށް ބަލައިލީމެވެ. ބާރަ މިސްކޯލް އޮތެވެ.  އިތުރަކަށް އަހަރެންނަކަށް ކެތެއް ނުވިއެވެ. ދުވެފައި ކަހަލަގޮތަކަށް ސިޑިން ފައިބައިގެން މަގުމައްޗަށް ނިކުތީމެވެ. އޭރުވެސް ޝާލް ހުރީ ބެލްކަޏްޏަށް ބަލާށެވެ. އަހަރެން ފެނޭތޯބަލަންކަން ހަމަ ޔަގީނެވެ.

“ޝާލް” އަހަރެން ގޮވައިލީމެވެ. އަހަރެންގެ އަޑަށް ޝާލް ބަލައިލިއެވެ. އަހަރެން އައުމަށް އަތުން އިޝާރާތް ކުރީމެވެ.  ޝާލް ދުވެފައި އަހަރެންގެ ގާތަށް އައެވެ. އެއާއި އެކު އަހަރެންގެ ގައި ބައްދާލިއެވެ.” ނަޔާ……… ނަޔާ………. އަހަރެންނަކަށް ނަޔާއައި ވަކީންނެއް ނޫޅެވޭނެ. އަހަރެމެން ދެމީހުންގެ ލޯބީގެ އާދަތަކާއި ކިހިނެއް އަހަރެން ވަކިވާނީ…. ނަޔާއަށް ކެތްވިޔަސް އަހަރެންގެ މި ހިތަކަށް ކެތެއްނުވެއޭ……… ކީއްވެ އަހަރެންނަށް މިގަޑީގައި ގުޅާނުލީ…. ކީއްވެ؟ ކީއްވެ؟ ބުނެބަލަ ކީއްވެތަ؟ ” ޝާލް އަހަރެންގެ ގައިގައި ހިފާ ތަޅުވައި ގަންނަމުން ރޮވިފައިހުރެގެން އަހަރެންނާއި ޝަކުވާކުރިއެވެ.  ” އަހަރެން މިގޮތައް މިކަންތައް ކުރަނީ އަހަރެންގެ ހިތައް ކެއްވާތީއެއް ނޫން. ހިތާއި ދެކޮޅަށް. މާދަމާއަށްޓަކައި. ޝާލްއާއި ނުލައި ދިރިއުޅެން ދަސްކުރުމަށްޓަކައި. އަހަރެމެން ދެމީހުންގެ އުފަލަށްޓަކައި” މިހެން ބުނަމުން އަހަރެންނަށް ކެއްނުކުރެވިގެން އަހަރެންނަށް ޝާލްގެ މޭގައި ބޯއަޅާލެވުނެވެ. ޝާލްގެ ކުރިމަތީގައި ކަރުނަ ނޭޅުމަށްޓަކައެވެ. އެވަގުތު ޝާލްގެ ދެއަތުގެ ހިމާޔަތް އަހަރެންނަށް ލިބުނެވެ. އެއަށްފަހު އަހަރެންގެ ލޮލަށްޖަމާވެފައިވާ ހުރިހާ ކަރުނަތައް އަހަރެން ޝާލްލައިގެން ހުރި ހުދުކުލައިގެ ޓީޝާޓާއި ހަވާލުކުރީމެވެ. ހަމަ ޔަގީނުންވެސް  ހިއްސުތަކެއްވާނަމަ އަހަރެން ޝާލްދެކެ ވާ ލޯތްބަށް އެޓީޝާޓް ހެކިވާނެކަން ޔަގީނެވެ. އަހަރެމެން ދެމީހުންނަށް ދެމީހުންގެ އަތުގެ ހިމާޔަތުގެތެރޭގައި ހަމަހިމޭން ކަމާއިއެކު ދިހަވަރަކަށް މިނެޓް ތިބެވުނެވެ. މިހެންތިއްބައި ސިއްސައިގެން ދެވުނީ ޖެހިގެން އޮތް ގޯޅިތެރެއިން ކޮންމެވެސް ދުއްވާ އެއްޗެއް ބަރުގޮނުއަޅައިގަތް އަޑަށްށެވެ. އަހަރެން ޝާލްއާއި ދުރަށްދިޔައީމެވެ. ” ޝާލް ދެން އަވަހަށްދޭ ގެއަށް.” އަހަރެން ބުނީމެވެ. ޝާލް އަހަރެންގެ އަތުގައި ހިފާލަމުން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ދެއަތަށް ހޫރާލިއެވެ. ” ޝާލް………. ޕްލީޒް. ދައްތައަށް އަހަރެން މިގަޑީގައި މިތާ ހުއްޓާ ފެނިއްޖެނަމަ އެހާ ރަނގަޅެއް ނުވާނެ” އަހަރެން ޝާލްއަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ. ” ނަޔާ އަހަރެން ދިއުމުގެ ކުރިން ނަޔާ ގާތުން ވަރަށް ބޮޑު ކަމަކު ކިޔަން ބޭނުން…… ހަވީރު ފަސްގަޑިބައިގައި އިއްޔެގަ އަހަރެމެން ބައްދަލުކުރި ތަނުގައި އަހަރެން ނަޔާއަށް އިންތިޒާރު ކުރާނަން. އަހަރެން އުއްމީދު ކުރަނީ ކުރިއަށް މިއޮތް ދެދުވަސްތެރޭގައި ނަޔާ އަހަރެން އެކަހެރިކޮށް ނުލާނެކަމަށް. ނަޔާ އަހަރެންދެކެ ލޯބިވާކަން އަހަރެން ގަބޫލުކުރަން……. އެކަމަކުވެސް” ޝާލް އޭނާގެ ޖުމްލަ ފުރިހަމަނުކޮށް ފެންކަޅިވެފައިވާ ހާލު ދިއުމަށްޓަކައި ހިނގައިގަތެވެ.އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތިއެވެ. އަހަރެން އޭނާ ހުއްޓުވާކަށް މަސައްކަތެއް ނުކުރަމެވެ. އަހަރެން ވިސްނާލީމެވެ. ޝާލް އެބުނީ ރަނގަޅުވާހަކައެކެވެ. އަހަރެން ދެން މާލޭގައި މަޑުކުރާނީ އިތުރަށް އެއްމެ ދުވަހެއްގައެވެ. އޭގެ ފަހުން އަހަރެން ދާނީ ރަށަށްށެވެ. އެތާގައި ޝާލްއެއް ނުހުންނާނެއެވެ.

ގަޑިން ހެނދުނު ދިހަގަޑި ބައިވަނީއެވެ. ދައްތައާއިއެކު ބަދިގޭގެ މަސައްކަތްތައް ނިންމާލުމަށްފަހު އަހަރެން އެނދުގައި ޖައްސާލީމެވެ. އެގޮތަށް އޮވެ ވިސްނުމަށްފަހު އަހަރެން ނިންމީ ޝާލްއާއި ބައްދަލުކުރަން ހަވީރުން ދާށެވެ. ކީއްވެ ކަމެއްނޭގެއެވެ. ދުރުވާން މަސައްކަތް ކުރާވަރަކަށް އަހަރެންނަށް ހައްތާ ބޮޑަށް ޝާލްދެކެ ލޯބިވެވި ޝާލްއާއި ބައްދަލު ކުރަން ހިތް އެދެވެނީއެވެ. އެހިޔާލުތަކާއި ފިކުރުތަކުގައި އޮތްވައި އަހަރެން ސިއްސައިގެން ދިޔައީ ކޮޓަރީގައި ހުރި މޭޒުމަތީގައި އޮތް އަހަރެންގެ ފޯނު ރިންގު ވާން ފެށުމުންނެވެ.

އަވަސް އަވަހަށް ގޮސް ފޯނަށް ބަލައިލިމަށްފަހު ފޯނު ނެގީމެވެ. “ހަލޯ، ދަރިފުޅާ……….. ނަޔާ.  މިއުޅެނީ ފަތިހު މަންމަ ވަޅުދޮށަށް ވެއްޓިގެން…. މަންމައަކަށް ރަނގަޅަކަށް ނުވެސް ހިނގޭ.މިދުވަސްކޮޅު މަންމައަށް ދަރިފުޅުގެ އެހީތެރިކަން ވަރަށް ބޭނުންވާނެ. އެހެންވީމައި ދަރިފުޅު ތިކޮޅުން ނިމިފައި ހުރިއްޔާ، މިއަދު ދެގަޑި ބައިގައި ރަށަށް އަންނަން ފުރާނެ ދޮންއަލިބެ ދޯނި، އޭގެން ރަށަށް އަންނަންވީނު. ބައްޕަ މިހެން މިބުނީ ބައްޕަގެ ބަލިހާލަތު ހުރިގޮތުން މިވަގުތު މަންމަގެ ކަންތައްތައް ބައްޕައަށް ކޮށްދޭން ވަރަށް ދަތިވާނެތީ..”ބައްޕަ ހުރިހާ ވާހަކައެއް އެއްފަހަރާ ދެއްކިއެވެ. ހާސްކަމާއިއެކުއެވެ. އާނއެކޭ ބުނުމަށްފަހު އަހަރެން ފޯނު ބޭއްވީމެވެ. އެއަށްފަހު ދޮންއަލިބެއަށް ގުޅައިގެން ރަށަށްދެވޭނެގޮތް ހަމަޖެއްސީމެވެ.

ދޯންޏަށް އަހަރެން އެރިއިރު ދޭއްޖަހަން ދިހަވަރަކަށް މިނެޓް ހުއްޓެވެ. “ޝާލް އަހަރެންގެ މަންމަ ކުއްލިއަކަށް ބަލިވެގެން ރަށަށް ދާން ބައްޕަ އަންގައިގެން އަހަރެން މިހާރު މިދަނީ ރަށަށް ދާން. ޝާލް އެދުނު ކަންތައް ކޮށް ނުދެވުނީތީވެ އަހަރެން ޝާލްގެ ކިބައިން އިންތިހާއަށް މައާފަށް އެދެން. އަހަރެން އުއްމީދު ކުރަނީ ޝާލް ހެޔޮހިތުން އަހަރެންނަށް މައާފް ކުރާނޭ ކަމަށް.” ފޯނުގައި އެ މެސެޖް ލިއެލުމަށްފަހު އަހަރެން ޝާލް އަށް ފޮނުވައިލީމެވެ. ދެ މިނެޓެއް ހާއިރު ފަހުން ޝާލް އަހަރެންނަށް ގުޅިއެވެ. އަހަރެން ފޯނު ކަނޑާލީއެވެ. އަދި ދޯނިމަތީގައި އަޑުގަދަ ކަމުން ވާހަކަ ނުދެއްކޭނެވާހަކައާއި ރަށަށް ދެވުނީމައި ގުޅާނެ ވާހަކަ ލިޔެ މެސެޖް ކުރީމެވެ.

އަހަރެމެންނަށް ރަށަށް ލެފުނީ އެރޭ ދިހައެއް ޖަހަން އުޅެނިކޮށެވެ. އަހަރެން ލަފާތަނަށް ބައްޕަ އައިސް ހުއްޓެވެ. ބައްޕައާއި އެކު އަހަރެން ގެއަށް ދިޔައިރު މަންމަ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އަހަރެން އިރުކޮޅަކު މަންމަގެ ކައިރީގައި މަޑުކޮށްލުމަށްފަހު ދެން ދިޔައީ ފެންވަރާލައިގެން ތާޒާ ވެލުމަށްށެވެ. އެއަށް ފަހު އަހަރެން ޝާލްއަށް ގުޅާލީމެވެ. އަހަރެންގެ ފުރަތަމަ ރިންގާއިއެކު ޝާލް ފޯނު ބިޒީކޮށްލިއެވެ. އެއަށްފަހު އަހަރެންނަށް ގުޅިއެވެ. ” ހަލޯ ނަޔާ ކިހިނެއްތަ؟ ކިހާއިރަކު ރަށަށް ދެވުނީ. ކިހިނެއްވީ މަންމައަށް. މިހާރު މަންމައަށް ކިހިނެއްތަ ވަނީ”ޝާލް އެއްނޭވައިން ހުރިހާ ސުވާލެއް އަހަރެންނަށް އަމާޒުކުރިއެވެ. މަންމަ އަށް ވީގޮތް އަހަރެން ޝާލް އަށް އޮޅުން ފިލުވައިދިނީމެވެ. އަހަރެމެން ދެމީހުންގެ ގުޅުމާއި ބެހޭގޮތުން އިތުރު ވާހަކައެއް ދައްކަން ޝާލްއަށްފުރުސަތުދޭކަށް އަހަރެން ބޭނުމެއް ނޫނެކެވެ. އެއީ އޭގެ ސަބަބުން އަހަރެންގެ މަގްސަދު ހާސިލް ކުރުމަށް ހުރަސް އެޅޭނެތީއެވެ. ކުރިޔަށް އޮތްތަނުގައި އެގޮތަށް އަމަލުތައް ބެހެއްޓުމަށް އަހަރެން އަޒުމް ކަނޑައެޅީމެވެ. ” ޝާލް މަންމަ އެނބަ ގޮވާ . ދެން މިވަގުތު ބާއްވަނީ.” އެހެން ބުނުމަށްފަހު އަވަސް އަވަހަށް އަހަރެން ފޯނު ކަނޑާލީމެވެ.

ދުވަސްތައް މަޑުމަޑުން ފާއިތުވަމުންދެއެވެ. އަހަރެން ރަށަށްއައިފަހުން ދެމަސް ވެއްޖެއެވެ.އަހަރެން ވަޒީފާއަށްވެސް ނިކުންނަން ފަށައިފީމެވެ. ޝާލް ކޮންމެ ދުވަހަކު އެތައް ފަހަރަކު އަހަރެންނަށް ގުޅައެވެ. އަހަރެންގެ ހާލު ބަލައެވެ. ނަމަވެސް ގިނަވާހަކަތައް ދައްކަން އަހަރެން އޭނާއަކަށް ފުރުސަތެއް ނުދެމެވެ. ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު ފޯނު ބާއްވަނީއެވެ. ގިނަފަހަރަށް ހަގީގަތުގައިވެސް އަހަރެން ބިޒީ ވަނީއެވެ. ގޭތެރޭގެ ހުރިހާ ޒިންމާއެއް ނަގައިގެން ކަންކަން ބަލަހައްޓަމުން ވަޒީފާއަށްދާން ފެށުމާއި ގުޅިގެން ގިނަދުވަސްދުވަހު އޮންނަނީ ހުސްވަގުތެއް ނުލިބިފައެވެ. އަހަރެން ވަޒީފާއަދާ ކުރާ  މާހައުލުގައި އަހަރެންނާއިއެކު މަސައްކަތްކުރާ އެއްމެންގެ ފަރާތުން އަހަރެންނަށް އެހީތެރިކަމާއި އެއްބާރުލުން ލިބެއެވެ. އަދި އެއްމެންގެ މެދުގައި އޮންނަ އެކުވެރިކަމާއި ސަކަމިޒާޖުގެ ސަބަބުން އެމާހައުލުގައި އުޅޭއިރު އިތުރު ކަމަކާއި ވިސްނާލަން އޮންނަނީ ފުރުސަތު ނުލިބިފައެވެ.  ވުމާއިއެކު ޝާލްގެ ހަނދާންތަކާއި މަޑުމަޑުން ދުރުވެވެން ފެށުނު ހެން އަހަރެންނަށް ހީވާންފެށިއެވެ.

އެއްދުވަހެއްގެ ހަވީރުވަގުތެވެ. ސުކޫލްގެ ގަޑި ނިންމާލުމަށްފަހު އަހަރެން ގެއަށް އައީ ވަރަށް ވަރުބަލިވެގެންނެވެ. ކައިގެން ވަރުބަލި ފިލުވާލުމަށް ބަދިގޭގެ ދޮރޮމަތީގައި ހައްދާފައިވާ ބޮޑު ކުންނާރުގަހުގައި އެލުވާފައިވާ ޖޯލީގައި އަހަރެން ޖައްސާލީމެވެ. މަންމަވެސް އެތާކައިރީގައި ބަހައްޓާފައިހުރި ފަތްޖެހި އެނދެއްގައި އޮށޯވެލައިގެން އޮތެވެ. ކުއްލިއަކަށް އަހަރެންގެ ފޯނު ވައިބްރޭޓް ވާންފެށިއެވެ. އަވަސްއަވަހަށް އަހަރެން ޖީބުން ފޯނުނެގީމެވެ. ޝާލް ކަމަށް ހީކޮށެވެ. ނަމަވެސް އެއީ ޝާލްއެއް ނޫނެވެ. އެއީ އަހަރެން ދައްނަ ނަމްބަރެއްވެސް ނޫނެކެވެ. އަހަރެން ފޯނު ނެގީމެވެ. ސުކޫލަށް ވަތްފަހުން ނުދައްނަ ނަމްބަރަކުން ގުޅިއަސް އަހަރެން ފޯނު ނަގަމެވެ. ސަބަބަކީ ފަހަރެއްގައި ދަރިވަރެއްގެ ބެލެނިވެރިއެއް ވެސް ކަމެއް އޮޅުން ފިލުވަން ގުޅާފާނެތީއެވެ.  އަހަރެން ކިޔަވައިދެނީ ގުރޭޑް އެކެއްގެ ދަރިވަރުންނަށް ކަމަށްވާތީ އެކުދިން ދައްކާ ވާހަކަ ބައެއްފަހަރު ބެލެނިވެރިންނަށް ގަބޫލުނުކުރެވިގެން ވަރަށް ގިނައިން އަހަރެންނަށް ގުޅައެވެ.

” ހަލޯ ނަޔާތަ؟” އެކޮޅުން ވާހަކަދެއްކީ ފިރިހެނެކެވެ. ” ވާހަކަދައްކަނީ ނަޔާ، ތިއީ ކޮންބޭފުޅެއްތޯ؟” އަހަރެން އަހާލީމެވެ. “އަހަރެންނަށް ކިޔަނީ ޝާހީން. އަހަރެން މަސައްކަތް ކުރަނީ “ޝައިން ބީޗް ރިސޯޓްގައި”. އަހަރެން ވަރަށް ގިނައިން ތިރަށަށް ދަން. އަދި ވަރަށް ގިނައިން ނަޔާ ދެކެން. އަހަރެންނަށް ހީވަނީ ނަޔާއަށް ވެސް ހުންނާނީ އަހަރެން ފެނިފައި ހެން. އެއްދުވަހެއްގައި ނަޔާމެން ދަޅުބޯން ފިހާރަކައިރިއަށް ދިޔައީ މެންނު. އެދުވަހު ނިހާދު ނަޔާ އާއި ވާހަކަދެއްކިއިރު،އެތާކައިރީގައި ހުރި ޖޯލީގައި އޮތެއްނު މީހެއް. އެއީ އަހަރެން” ޝާހީން ކިޔައިދިނެވެ.

އަހަރެން ހަނދާންވިއެވެ.އެދުވަހު ސުކޫލް ނިންމާލުމަށްފަހު އަހަރެމެންނާއި އެކު މަސައްކަތް ކުރާ އަކުރަމްގެ އުފަންދުވަހަށް ވާތީވެ އަހަރެމެންގެ ގުރޫޕް ދިޔައީ އަކުރަމް އަތުން ދަޅު ބޯށެވެ.އޭނާގޮވައިގެން ފިހާރައަށްށެވެ. ފިހާރައަށް އަހަރެމެން ވަތްއިރު އެތާގައި ވަރަށް މީހުން ގިނައެވެ. ރަނގަޅަށް ބަލާލިއިރު އެއީ އަހަރެމެން ރަށް ކައިރީގައި އޮންނަ ރިސޯޓެއް ކަމުގައިވާ “ޝައިން ބީޗް” ރިސޯޓް ގައި ވަޒީފާ އަދާކުރާ މުވައްޒަފުންތަކެކެވެ. ވުމާއިއެކު ފިހާރައަށް ވަނުމުގެ ބަދަލުގައި އަހަރެންނާއި އަރޫޝާ އަދި ފާތުން ފިހާރައިގެ ދޮރުމަތީގައި އިށީނުމަށް ހަދާފައިވާ އަށިގައި އިށީންނީމެވެ. އެއްޗެހި ގަންނަން ވަނީ އަކްރަމްއެވެ. އެވަގުތު އެގުރޫޕުގައި ހިމެނޭ ތިން މީހަކު ބޭރަށް ނިކުތެވެ. އަދި އަހަރެމެންގެ ކުރިމަތީގައި މަގު މެދުގައި ހައްދާފައިވާ ބޮޑު ހިތިގަހުގައި އެލުވާފައިވާ ޖޯލިތަކުގައި އިށީނިއެވެ. އެމީހުންގެ ތެރޭގައި އަހަރެމެން ރަށު ކުއްޖަކު ކަމުގައިވާ ނިހާދު ވެސް ހިމެނެއެވެ.. ނިހާދުމެންގެ ގޭ ހުންނަނީ އަހަރެމެންގެ ގޭގެ ކުރިމަތީގައެވެ.

“ނަޔާ ކިހިނެއްތަ؟…..ހާދަ ނުފެނެއޭ.” ނިހާދު ހީލަމުން އަހަރެން ކައިރީގައި އެހިއެވެ. ” އެކަމަކު އަހަރެން ދެކެން ވަރަށް ގިނައިން ނިހާދު. ގޭ ދޮރޮމަތީގައި ފޯނުގައި ހުންނަތަން”އަހަރެން ވެސް ހިނިތުން ވެލަމުން ނިހާދު އަށް ބުނީމެވެ. އަހަރެންނާއި ނިހާދުއަކީ ކުޑައިރުގެ ދެ ރަހްމަތްތެރިންނެވެ. ވުމާއިއެކު އަބަދުވެސް އެކަކު އަނެކަކާއި ދިމާކުރަމެވެ. އޭރު ނިހާދު އޮތް ޖޯއްޔާއި ޖެހިގެން އޮތް ޖޯލީގައި އޮތް ޒުވާނާ އޮތީ އަހަރެމްންނާއި ދިމާލަށް ބަލާށެވެ. އޭނާ އަޅައިފައިވާ އަވިއަނުގެ ސަބަބުން އޭނާގެ ކަޅި އަމާޒުވެފައިވަނީ އަހަރެމެންގެ ތެރެއިން ކޮންކުއްޖަކަށް ކަމެއް ނޭގެއެވެ. އަހަރެމެންނަށް އެކަން ފާހަގަވީ ފާތުން ސިއްރު ސިއްރުން އެ ގަޑީގައި އަހަރެމެންގެ ފޯނަށް މެސެޖް ކުރުމުންނެވެ.

” ހުމްމްމްމްމް އެދުވަސްމަތިން ހަނދާންވެއްޖެ، އެކަމަކު ޝާހީން  އެހާ ބޮޑެއްކޮށް ސިފައެއް ނުކުރެވެ. ކިހިނެއްވީ ކަމަކުތަ؟” އަހަރެން އަހާލީމެވެ. “ނަޔާ،… އަހަރެން މިގުޅާލީ ވަރަށް ބޮޑުކަމެއްގައި، އެއީ ނަޔާ ކައިރީގައި ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން، އަހަރެންނަކީ އެއްވެސް އިރެއްގައި ކަމެއް ހާސިލް ކުރަން ބޭނުންވެއްޖެނަމަ މާދުރުދުރުން އުޅޭ މީހެއްނޫން. އަހަރެން ބޭނުންވާ ވާހަކައެއް ސީދާ އަހަރެން ބުނާނަށް ބުނަންޖެހޭ މިހެއްކައިރީގައި.” ޝާހީން ބުންޏެވެ. އަނެއްކާ ޝާހީން ދައްކަން އެއުޅެނީ ކޮންފަދަ ވާހަކައެއް ހެއްޔެވެ؟ އަހަރެންގެ ހިތުގައި ބިރުވެރި ކަމެއް އުފެދުނެވެ. ” އެންމެ ރަނގަޅު ދެން ބުނަންވީނު. އޭރުން އަހަރެންނަށްވެސް އެނގޭނީ” އަހަރެން ބުނީމެވެ. “ނަޔާ،….. އަހަރެންނަށް ނަޔާ ވަރަށް ރީތި، ވަރަށް ކަމުދޭ، އަހަރެން ބޭނުމީ ލޯބީގެ ގޮތުން ނަޔާއާއި ގުޅެން، ނަޔާ ބުނަނީ ކީކޭ.” ޝާހީން ވަރަށް ކެރި ހުރެ އަހަރެންގެ ގާތުން އެހިއެވެ. “ޝާހީން،…. ޝާހީންގެ ތިޔަ ވާހަކަތަކަށް އަހަރެން އިހްތިރާމް ކުރަން، ހަމައެކަނި އަހަރެން ބުނަން ބޭނުންވަނީ ވަރަށް ބޮޑަށް ސޮރީއޭ. ތިޔަކަހަލަ ގުޅުމެއް އެއްވެސް މީހަކާއި ބާއްވާކަށް އަދި އަހަރެން ބޭނުމެއް ނޫން” އަހަރެން ވަރަށް ކުރުގޮތަކަށް ޝާހީންގެ ހުށައެޅުމަށް އިންކާރު ކުރީމެވެ. “ނަޔާ، .. ނަޔާ އަހަރެންގެ ލޯބި ގަބޫލު ނުކުރިޔަސް އަހަރެން ނަޔާ ބޭނުން، އަދި އަހަރެން ނަޔާ ހޯދުމަށް ހިތްވަރާއިއެކު ހުއްޓާނުލާ މަސައްކަތް ކުރާނަން. އަހަރެންނަށް ހަމަ ޔަގީން ވަރަށް އަވަހަށް އަހަރެންގެ މީހަކަށް ނަޔާ ވާނެކަން، އެދުވަހަކުން އަހަރެންގެ ލޯބިން ނަޔާގެ ހިތްފުރިގެން ބަންޑުންވާ ވަރަށް އަހަރެން ލޯބިދޭނަން” ޝާހީން ބުންޏެވެ. ” ދެން ބާއްވަނީ. އަހަރެން އުއްމީދުކުރަން. އިތުރަށް ޝާހީން އަހަރެންނަށް ނުގުޅާނެކަމަށް” އެހެން ބުނަމުން އަހަރެން ފޯނު ކަނޑާލީމެވެ. މަންމަ އޮތީ އަހަރެން ދެއްކިވާހަކަތައް އަޑުއަހާށެވެ. ނަމަވެސް އެއްވެސް ސުވާލެއް އަހަރެންނަކާއި ނުކުރެއެވެ.

އެދުވަހުގެ ފަހުން ޝާހީންގެ އުނދަގޫތަކާއި އަހަރެންނަށް ކުރިމަތިލާންޖެހުނެވެ. ޝާހީން އަހަރީ ޗުއްޓީ ނަގައިގެން އައިސް ހުރީ އަހަރެމެންގެ ރަށުގައެވެ. ނިހާދުމެންގެ ގޭގައެވެ. ކޮންމެ ދުވަހަކު ފަތިހު ނަމާދުކޮށްލައިގެން ބަދިގޭގެ ކަންތައްތައް ހަމަޔަކަށް އަޅުވާލުމަށްފަހު އަހަރެން ނިކުންނަނީ ކުނިކަހާށެވެ. އޭރު ހުންނާނީ ގަޑިން ގާތްގަނޑަކަށް ހައެއް ޖަހަން ކައިރިވެފައެވެ. ކޮންމެދުވަހަކުވެސް އެގަޑީގައި ޝާހީން އަހަރެންގެ އިންތިޒާރުގައި ނިހާދުމެންގެ ގޭގެ  ފާރުބުރިމަތީގައި އިށީންދެލައިގެން އިނދެއެވެ. އަހަރެންނަށް ބަލާށެވެ. ” ނަޔާ …. ނަޔާއަށް އެނގޭތަ ނަޔާގެ ތިޔަފަރިފަރި ހަރަކާތްތައް ބަލާ އަހަރެން ދުވަހަކުވެސް ފޫއްސެއް ނުވާނެ، ނަޔާދެކެ އަހަރެން ވަރަށް ލޯބިވޭ ޕްލީޒް އަހަރެންގެ ލޯބި ގަބޫލުކުރޭ” ގޭތެރޭގެ މަސައްކަތްތައް ނިންމާލުމަށްފަހު ކޮޓަރިއަށް ވަދެ އަހަރެން ފޯނު ބަލާލާއިރު ޝާހީން އަހަރެންގެ ފޯނަށް އެ އިބާރާތްކޮޅު ލިޔެ މެސެޖްކޮށްފައި އޮވެއެވެ. އަހަރެން ސުކޫލަށްދާއިރު ސުކޫލު ދޮރުމަތިގައި ހުންނަ ފިހާރައެއްގެ ކައިރީގައި ބަހައްޓާފައި ހުންނަ ޖޯލިފައްޗެއްގައި އޮވެއެވެ. އަދި އަހަރެން ނިމޭގަޑިގައިވެސް ހަމަ އެތަނުގައި އޮވެއެވެ. އެއިން ކޮންމެ ފަހަރަކުވެސް އަހަރެންދެކެ ލޯބިވާ ވާހަކަ ބުނެ އަހަރެންގެ ފޯނަށް މެސެޖު ކުރެއެވެ. އެގޮތައް އެކަން ނުކުރުމަށް އަހަރެން ޝާހީންގެ ކިބައިން އެތައްފަހަރަކު އެދުނީމެވެ. ނަމަވެސް އޭނާ އެކަން ހުއްޓާ ނުލުމުން އަހަރެން ފަހުން އެއްވެސް ވަރަކަށް އަޅައެއް ނުލަމެވެ. އޭނާ ފެންނަ ކަމަށްވެސް ނުހަދަމެވެ.

ނުނިމޭ

4

5 Comments

 1. Sabeeha

  August 29, 2016 at 9:05 pm

  vv reethi..??

 2. cham

  August 29, 2016 at 9:19 pm

  Nice

 3. sinaa

  August 29, 2016 at 10:06 pm

  Wow waiting 4the nextpart?????????????????????????????????????

 4. Maain

  August 29, 2016 at 10:38 pm

  Nice…?❤?

 5. Daisy

  August 29, 2016 at 10:45 pm

  Hahaha?Hama maazee handhaanvanyy..bt v reethi story genesdhyfa huri goih..??keep goin??

Comments are closed.