
އެލޯބި 5 ވަނަބައި
އަހަރެން ސުކޫލަށްދާއިރު ސުކޫލު ދޮރުމަތިގައި ހުންނަ ފިހާރައެއްގެ ކައިރީގައި ބަހައްޓާފައި ހުންނަ ޖޯލިފައްޗެއްގައި އޮވެއެވެ. އަދި އަހަރެން ނިމޭގަޑިގައިވެސް ހަމަ އެތަނުގައި އޮވެއެވެ. އެއިން ކޮންމެ ފަހަރަކުވެސް އަހަރެންދެކެ ލޯބިވާ ވާހަކަ ބުނެ އަހަރެންގެ ފޮނަށް މެސެޖު ކުރެއެވެ. އެގޮތައް އެކަން ނުކުރުމަށް އަހަރެން ޝާހީންގެ ކިބައިން އެތައްފަހަރަކު އެދުނީމެވެ. ނަމަވެސް އޭނާ އެކަން ހުއްޓާ ނުލުމުން އަހަރެން ފަހުން އެއްވެސް ވަރަކަށް އަޅައެއް ނުލަމެވެ. އޭނާ ފެންނަ ކަމަށްވެސް ނުހަދަމެވެ.
އެއްދުވަހެއްގައި ކިޔަވައިދިނުން ނިންމާލުމަށްފަހު އަހަރެމެން ތިބީ ސްޓާފް ރޫމްގައެވެ. އެމީހެއްގެ މަސައްކަތާއިގެން މަސްއޫލުވެގެންނެވެ. އޭރު ސެޝަން ނިމެން ފަނަރަ ވަރަކަށް މިނެޓު ހުއްޓެވެ. ” އޭ! ނަޔާ، ފާތުން، ތި ދެމީހުން ކައިރީގައި އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން. އަދި ތި ދެމީހުންގެ ހެލްޕްވެސް މިކަމުގަ ވަރަށް ބޭނުން.” އަރޫޝާ އަހަރެމެން ކައިރީގައި އިށީންނަމުން އެހެން މީހުންނަށް ނުއިވޭ ވަރަށް މަޑުމަޑުން ބުންޏެވެ. “ހުމްމްމްމްމް ހުމްމްމް ދައްކަބަލަ. ކިހާވަރެއްގެ ވާހަކައެއްތަ އަނެއްކާ. ކޮންމެވެސް ބިޓެއްގެ ވާހަކައެއް ދޯ” ފާތުން ހީގަންނަމުން ބުންޏެވެ. ” ސަކަރާތް ނުޖަހާ ދެން. އަހަރެން ވަރަށް ސީރިއަސް އިނގޭ. ކަލޭމެން ދެމީހުންނަކަށް ފާހަގައެއް ނުވޭތަ؟ ކޮންމެ ދުވަހަކު އަހަރެމެން ސުކޫލަށް އަންނަގަޑީގައާއި ނިމޭ ގަޑީގައި ދޮންއަލިބެ ފިހާރަ ކައިރީގައި ބަހައްޓަފައި ހުންނަ ޖޯލިފަތީގައި ވަރަށް ރީތި ފިރިހެނެއް އޮންނަ ކަމެއް. އޭނައަށް ކިޔަނީ ޝާހީން. އެއީ ބ ހިތާދޫ ކުއްޖެއް. ޝައިން ބީޗް ރިސޯޓްގަ ވޯރކް ކުރަނީ. އަހަރެންނަކަށް ނޭގެ ބުނާނެ އެއްޗެއްވެސް…… އަހަރެންނަށް އޭނަ ވަރަށް ރީތި، ފެނުނަސް ހިތައް ފާޑެއްގެ ގޮތެއްވަނީ، ނޭގެ ބުނެދޭކަށްވެސް ދޭތެރެއަކުން ބްރޭކެއް ނަގައިގެން ސްޕާރީގަންނަން ކަމަސް ހަދާފަ އަހަރެންނަށް ހަމަ ފިހާރައަށް ދެވެނީ…..އޭނަ ބަލާލާހިތުން….. ދެންވެސް ދީބަލަ އައިޑިއަރ އެއް ކިހިނެއް ދެން ހަދަނީ ” އަރޫޝާ އަހަރެމެން ގާތުން އެހިއެވެ.އަހަރެންނަށް އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ.
” ސާބަސް އަރޫ. މިހާރު ނާޒިމް އާއި ރުޅި ވީތަ؟ ފާތުން އަހާލިއެވެ. ” ނާޒިމް ދޯ! ހުމްމްމް އެއީ ބޮޑު ހެޑޭކެއް ރުޅިއެއް ނޫން. އެކަމު ޝާހީން ހާދަ ހޭންޑްސަމްއޭ…. އަހަރެން އޭނަ ވަރަށް ބޭނުން” އަރޫ ވަރަށް ވެފަ ހުރެ ވާހަކަދެއްކިއެވެ. “ހުހުމްމްމް….. އެހެންވީމަ…. ހިނގާ އޭނަގެ ނަމްބަރ ހޯދައިގެން އޭނައަށް ގުޅަން، ނިހާދުއަށް އެނގޭނެ އޭނަގެ ނަމްބަރ. ނަޔާއާއި ނިހާދުއައި ވަރަށް ފްރެންޑެއްނު، ނަޔާ ނިހާދުއަށް ގުޅައިގެން ނަމްބަރ ހޯދާ…. ދެން….މިރެއަށް ގަޑިކިޔާނީ. އޭރުން އަރޫ އޭނައާއި ބައްދަލުކޮށްފަ ލޯބި ހުށައަޅާނީ……. ފާރަވެރިއަކަށް އަހަރެން ދާނަން. ނިމުނީ އޯކޭ ޑަން.” ފާތުން އަހަރެމެންގެ މެދަށް އޭނާގެ އަތްތިލަ ދައްކާލަމުން ބުންނެވެ.” ޑަން” އަރޫ އުފަލުން ހުރެ ފާތުންގެ އަތްމަތީގައި އަރޫގެ އަތް ބާއްވާލަމުން ބުންޏެވެ. ” ނަޔާ.. ނަޔާ ކިހިނެއްވީ ކަމުނުދަނީތަ އަހަރެންގެ އައިޑިއަރ ” ފާތުން އަހަރެންގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ބުންނެވެ.” އޭނ! ނޫން ނޫން ވަރަށް ބެސްޓް. އޯކޭ ޑަން” އަހަރެން ކުޑަކޮށް ސިއްސައިގެން ގޮސްފައި އެމީހުން ދެއްކިވާހަކަ ނޭގޭ ހާލު އެމީހުންނާއި ބައިވެރިވީމެވެ.
” ހުމްމް އެހެންވީމަ ނަޔާ ގުޅާ ނިހާދުއަށް” ފާތުން އަހަރެންގެ ފޯނު ދިއްކޮށްލަމުން ބުންޏެވެ. އަހަރެން ނިހާދުއަށް ގުޅީމެވެ. ” ހަލޯ ނިހާދުތަ؟ މިއީ ނަޔާ އިނގޭ ކަމަކު މިގުޅީ. މަޑުކޮށްލައްޗޭ. ކީކޭތަ އަހަންވީ؟” އަހަރެން އަތުގެ އިޝާރާތުން ފާތުންކައިރީގައި އަހާލީމެވެ. އެވަގުތު އަރޫ އަހަރެންގެ އަތައް ގަނޑުކޮޅެއް ދިނެވެ. އަދި އޭގައިވާ ލިއުންކޮޅު ދައްކާލިއެވެ. ” މި….މި….. މި ޝާހީންގެ ނަމްބަރ ލިބިދާނެތަ؟ ” އަހަރެންނަށް ގަނޑުކޮޅުގައިވާ ލިޔުންކޮޅު ކިޔާލެވުނީ ތަންކޮޅެއް ބާރަށް އަދި އެހާމެ އުނދަގުލުންނެވެ. އެއީ އަރޫ އެކުލަވާލަފައި ލިއެފައި ހުރުމުންނެވެ. ނިހާދުއަށް އިވޭނެކަން އަހަރެންނަށް ހަމަ ޔަގީނެވެ. ބުނެވުނު އެއްޗަކާއި ދޭތެރޭގައި އަހަރެންނަށް ވިސްނާލެވުނީ އެވަގުތުއެވެ. އަހަރެން ވަގުތުން ފޯނު ކަނޑާލީމެވެ.
” ދެން ފާތުން ކުރާ ކަޑަކަންތައް ދޯ” ފާތުންގެ ކޮނޑުގައި އަހަރެން ބޮނޑިއެއް އެޅީމެވެ. ފާތުންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ނިހާދު އަހަރެންގެ ފޯނަށް ގުޅިއެވެ. ” ނަޔާ ފޯނުން ކުރެޑިޓް ހުސްވީދޯ. ޝާހީންގެ ނަމްބަރޭ. ކީއްކުރަންތަ އޭނަގެ ނަމްބަރ ތި ހޯދަނީ. އަނެއްކާ ނަޔާ….” ނިހާދު ދިމާކުރުމުގެ ރާގުގައި އަހާލިއެވެ. ” އެއީ….. މި….މި.. ފާތުން…. ނޫން…. މި…… އަރޫ ބޭނުންވެގެން. ” އަހަރެން ބުނީމެވެ.” އޯކޭ އޯކޭ އަހަރެންނަށް ހެވޭ ކޮންމެ މީހަކު ބުނެގެން ވިޔަސް މި މެސެޖު ކޮށްލަނީ އިނގޭ.” މިހެން ނިހާދުބުނުމުން އަހަރެން ފޯނު ކަނޑާލީމެވެ. ” ކޮބާ އެންމެ ފަހުން އަހަރެންނާއި އެއްނު މި މަތިވީ. ނިހާދު ހީކުރާނީ ކީކޭ ކަމެއްވެސް ނޭގެ” އަހަރެން ތުން އަނބުރާލަމުން އަރޫއަށް ބުނީމެވެ. ” އެއީ އެވަރުގެ ކަމެއްނޫނޭ، ބީ ކޫލް! ދެން މި ދެމީހުން މާތައް ފޮޅުވަންފެށީމަ އޭގެ ވަސް ހިނގައިދާނެ މުޅި ރަށުތެރެއަށް ފެތުރިގެން. އޭރުން އެއްމެންނަށް ވެސް އެނގޭނެ އެއީ ކޮން ދެމަލެއްގެ ވަސްކަން” ފާތުން ފަށުވި އިބާރާތްތަކަކުން ބުންޏެވެ. އަރޫ އިނީ ރަކިވެފައެވެ.” ދެންވެސް ގުޅާބަލަ މިއޮތީ އޭނަގެ ނަމްބަރ” އަހަރެން ނަމްބަރ ދައްކާލަމުން ބުނީމެވެ. އަރޫއަކަށް ގުޅާކަށް ނުކެރުނެވެ. ގުޅީ ފާތުންނެވެ.
” ހެލޯ. ޝާހީންތަ.” ފާތުން އަހާލިއެވެ. ” ވާހަކަދައްކަނީ ޝާހީން. ކިހިނެއްވީ ތީ ކޮންކުއްޖެއް” ޝާހީން އަހާލިއެވެ. ” އަހަރެން ޝާހީންއާއި ބައްދަލު ކޮށްލަން ބޭނުން. ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ބޭނުންވާތީވެ. މިރޭ އަށެއްޖަހާއިރު ބަނދަރުގެ ހުޅަނގުކޮޅު ކަންމަތީ އޮތް ރުއްގުޅި ކައިރީގައި އަހަރެން ޝާހީންއަށް އިންތިޒާރު ކުރާނަން.” ފާތުން އޭނާގެ ތުއިތުއި އަޑުން ވާހަކަދެއްކިއެވެ. “އެންމެ ރަނގަޅު އިރާދަ ކުރެއްވިއްޔާ އަހަރެން ދާނަން” ޝާހީން އެއްވެސް ފަސް ޖެހުމެއްނެތި ދައުވަތު ގަބޫލުކުރިއެވެ. އެއަށްފަހު އަހަރެމެން ތިންމީހުން އެކުގައި ގެއަށް ދިއުމަށްޓަކައި ހިނގައިގަތީމެވެ.” އެއޮތީ ޝާހީން….. ހިނގާބަލަ އަޅެ ފިހާރައަށް ވަދެލަން. ޕްލީޒް ޕްލީޒް” އަރޫ ގޭޓުން ނިކުމެވުމާއިއެކު ޝާހީން ފެންނަން އޮތުމުން ބުންޏެވެ.” ދަޅު ދެއްޏާ ދާނީ” ފާތުން ގަދަކޮށްލިއެވެ. ” އަހަރެންނެއް ނުދާނަން. ތިމީހުންދޭ. އަހަރެން މިދަނީ ގެއަށް މިހާރު މާބޮޑަށް ލަސްވެއްޖެ. މަންމަ އުޅެނީ ވަރަށް ބަލިވެ. ސޮރީ” ޝާހީން އެތާގައި އޮތުމުން އަހަރެން ނުދާންވެގެން ބަހަނާއެއް ދެއްކީމެވެ. އަހަރެން އައީ ގެއަށްށެވެ.
އެރޭ ހަތްގަޑި ބައިވިތަނާ އަހަރެން ބަދިގޭގައި ކާންހަދަން އުޅެނިކޮށް އަރޫ އަތުވެއްޖެއެވެ. ވަރުގެ ކޮޅަސް ނަލަ ހެދިލައިގެންނެވެ. ” ނަޔާ ޕްލީޒް ހިނގާ ބަލަ އަހަރެންނާއިއެކު، ފާތުންގެ ކޮއްކޮ ހޮޑުލައިގަނެގެން މަރުކަޒުގައި ބާއްވާފަ އޮތީމަ އޭނައަކަށް އަހަރެންނާއިއެކު ނާދެވުނު ދެން އަހަރެންނަށް…. އެކަނިން ދާކަށް ނުކެރޭނެ…އަޅެ ޕްލީޒް ޕްލީޒް ހިނގާބަލަ އަހަރެންނާއި އެކު” އަރޫޝާ އަހަރެންގެ ކައިރީގައި އާދޭސް ކުރިއެވެ.އޭނާ އާދޭސް ކުރިވަރުން އަހަރެންނަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. މީގެ ކުރިންވެސް އަރޫއާއިއެކު ނާޒިމްއާއި ބައްދަލުކުރަން އަހަރެން ގޮސްދެމެވެ. އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.
އަހަރެންނާއި އަރޫ އެތަނަށް ދިޔައިރު އަށެއް ޖަހަން ފަސްވަރަކަށް މިނެޓް ހުއްޓެވެ. އަހަރެމެން ތިބީ އެރުއްގުޅި މަތީ އިށީންދެލައިގެންނެވެ. އަހަރެމެން އިށީންދެލައިގެން ތިބިތާ ކައިރީގައި ޖަހާފައިވަ ހޮޅި ދަނޑި އަނދާފައިވުމުގެ ސަބަބުން ދުރުން އަންނަ މީހަކަށް އަހަރެމެން މީ ކޮންބައެއް ކަމެއް ނޭގޭނެއެވެ. މާގިނައިރަކު އަހަރެމެންނަކަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ޝާހީން އަތުވެއްޖެއެވެ. ” ނަޔާ،….. ނަޔާތަ އަހަރެންނަށް ގުޅީ؟” ޝާހީން އަހަރެންކަން އެނގުމުން އަވަސް އަވަހަށް އަހާލިއެވެ. ” ނޫން . އަރޫ ” އަހަރެން ކުރު ޖަވާބެއް ދިނުމަށްފަހު ހިނިތުންވެލީމެވެ. އަދި މަޑުމަޑުން ތެދުވެގެން އެތަނާއި ފަންސާހަކަށް ފޫޓު ދުރުގައި އޮތް ބޮޑުގަލެއްގެ މަތީގައި އިށީންނުމަށް ހިނގައިގަތީމެވެ. އެއީ އެދެމީހުންނަށް މިނިވަންކަމާއިއެކު ވާހަކަ ދައްކާލުމުގެ މަގު ފަހިކޮށް ދިނުމަށްޓަކައެވެ. ވިސްސަކަށް މިނެޓްވީ ފަހުން އަހަރެން އަރޫމެން ކޮބައިތޯ ބަލައިލީމެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ޝާހީންހުރީ އަހަރެންގެ ފަހަތުގައެވެ. ” ނަޔާ މިރޭ އަހަރެން ނަޔާއާ ބައްދަލުކޮށްލަން ބޭނުން” ހިތްހަމަ ނުޖެހޭ މޫޑެއްގައި ހުރެ މިހެން ބުނުމަށްފަހު އޭނާ ހިނގައިގަތެވެ. އަހަރެންގެ ޖަވާބަކަށް އިންތިޒާރުކުރުމެއްވެސްނެތިއެވެ.
އަހަރެން މަޑުމަޑުން ތެދުވެގެން އަރޫ ކައިރިއަށް ދިޔައީމެވެ. ” ކޮބާ ކީކޭތަ ޝާހީން ބުނީ؟ ” ޝާހީންދޭނީ ކޮންކަހަލަ ޖަވާބެއްކަން އެނގި ހުރެ އަހަރެން އަހާލީމެވެ. “އަހަރެން އެވާހަކަ ފެށުމުގެ ކުރިން އޭނާ އަހަރެން ކައިރީގައި ބުނި. އޭނަ ވަރަށް ލޯބިވާ ކުއްޖަކު މިރަށުގަ ހުންނަވާހަކަ. އިތުރު އެހެން ކުއްޖެއް އޭނަ ބޭނުންނޫން ވާހަކަވެސް ބުނި. އަހަރެންގެ އެހީތެރިކަމާއި އެކުވެރިކަން ވެސް ބޭނުންވާ ވާހަކަ ބުނި.” އެހެންވެ އިތުރަށް އަހަރެން އެވާހަކައެއް ނުދައްކަން” އަރޫ ވަރަށް ހަމަޖެހިލާފައި ވާހަކަދެއްކިއެވެ.” ދެން ހިނގާ ގެއަށްދާން އެކަހަލަ ސާޅީސް ޝާހީން ވެސް ލިބިދާނެ އަރޫއަށް” އަހަރެން އަރޫ ހެއްވާލުމުގެ ނިޔަތުގައި ބުނެލީމެވެ.
ދެމީހުން އެކުގައި ގެއާއި ދިމާއަށް ހިނގައިގަތީމެވެ. އަރޫ ގެއަށްވަނުމުން އަހަރެން ގެއަށް އައީ އެކަންޏެވެ. ގޭމަގަށް އެޅިއިރު އަހަރެމެންގެ ގޭ ދޮރުކައިރީ ފާރުގައި ލެގިލައިގެން ޝާހީން ހުރިތަން އަހަރެން ދުށީމެވެ. އޭނާ އަހަރެންގެ އިންތިޒާރުގައި ހުންނާނެއޭ އޭރުވެސް އަހަރެންގެ ހިތްބުންޏެވެ. ޝާހީންއާއި ކުރިމަތިލާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހަދާނެގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ. ނަސީބު އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެންނަށް ފޯނެއް އައެވެ.ގުޅީ ޝާލްއެވެ. އޭރު އަހަރެން ޝާހީންއާއި އަރާ ހަމަވަނީއެވެ. ” ހަލޯ، ޝާލް ކިހިނެއްތަ؟” އަހަރެން އަހައިލީމެވެ. ” ރަނގަޅު ނަޔާ ކިހިނެއްތަ؟ މަންމަމެން ކިހިނެއް؟” ޝާލް އަހައިލިއެވެ. އަހަރެން ދޮރުން ވަތް ވަގުތު ޝާހީން އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަހަރެން އަތްފޮޅުވާލުމަށްފަހު ފޯނުން ވާހަކަ ދައްކަމުން އެތެރެއަށް ވަދެގެން އައީއެވެ. ޝާހީންއަކަށް ސަމާލުކަމެއް ނުދެމެވެ.
ގަޑިން އެގާރަ ޖަހަނީއެވެ. އަހަރެން އުޅުނީ ބަދިގޭގައެވެ.ހެނދުނު ކެއްކި ގަރުދިޔަ ފޮދު ހޫނު ކުރާށެވެ. އަހަރެމެންގެ ބަދިގެ ހުންނަނީ ގެއާއި ވަކިން ގޭގެދޮރާއި ބަދިގޭ ދޮރާއި ދިމާވާ ގޮތަށްށެވެ. އެދެމެދުގައި ގާތްގަނޑަކަށް ދިހަވަރަކަށް ފޫޓު ހުންނާނެއެވެ. ގަރުދިޔަފޮދު ހޫނުކޮށްލުމަށްފަހު ބަދިގެ ތެރެ ތަރުތީބުކޮށް ބަދިގޭގެ ބޭރު ބޮކި ނިވާލީމެވެ. އަދި ދޮރޮލެއްޕުމަށްފަހު ގެއަށް ވަންނަން ހިނގައިގަތީމެވެ. އެވަގުތު އަހަރެން ސިއްސައިގެން ދިޔައެވެ. ބިރުން ދެލޯ ބޮޑުވިއެވެ. ހަޅޭލަވައިގަންނަން އަނގަ ހުޅުވޭތޯ މަސައްކަތް ކުރީމެވެ. ކާމިޔާބެއް ނުވިއެވެ.
އަހަރެންގެ ފުރަގަހުން މީހަކު އައިސް އަހަރެންގެ އަނގަމަތީގައި އަތް އެޅީއެވެ. އެމީހެއްގެ އަނެއްއަތުން ވަނީ ވަރަށް ބާރަށް އަހަރެންގެ އުނަގަނޑުގައި ވަށާލާފައެވެ. އަހަރެން ތެޅިގަނެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ.” މާ ބާރަށް ހަޅޭލަވަން މަސައްކަތް ނުކުރާތި؟ އޭރުން ބޭޒާރުވާނީ ނަޔާ. އަހަރެން ބުނާނަން ނަޔާ ބުނެގެންނޭ އަހަރެން މިގެއަށް އައީ. އޭރުން ދެން ވާނެގޮތް ނަޔާ އަށްވެސް އެނގޭނެއެއްނު. ދެންވެސް ރަނގަޅުވާނީ އަހަރެން ބުނާގޮތް ހެދިއްޔާ.” އެމީހާ އަހަރެންގެ ކަންފަތް ކައިރީގައި މަޑުމަޑުން ބުންޏެވެ.އެއީ ޝާހީންގެ އަޑެވެ.އެވަގުތު ޝާހީން އަހަރެން އޭނާއާއި ދިމާލަށް އަނބުރާލިއެވެ. އޭރުވެސް އޭނާ ހުރީ އަހަރެންގެ އަނގަމަތީގައި އަތް އަޅައިގެންނެވެ. ” އެއްބަސްތަ؟” އަހަރެން ކަންފަތް ކައިރީގައި ޝާހީން ވައި އަޑުން ބުންޏެވެ. އަހަރެން ބޯޖަހާލީމެވެ. ޝާހީން އަހަރެންގެ އުނަގަނޑުން ދޫކޮށްލުމަށްފަހު އަނގަމަތިން އަތް ވެސް ނެގިއެވެ. “ހިނގާ! އަހަރެންގެ އަތުގައި ހިފަމުން ޝާހީން ބުންޏެވެ. “ކޮންތާކަށް؟” އަހަރެން ހައިރާންވެފައި ހުރެ އެހީމެވެ. އިތުރު ވާހަކައެއް ނުދައްކާ ޝާހީން އަހަރެންގެ އަތުގައި ހިފައިގެން ބަދިގޭގެ ކަނާއި ދިމާއަށް ހިގައިގަތެވެ. އަހަރެން ގަދަ ހެދީމެވެ. ” ނަޔާ، ނަޔާ ތިޔަހީކުރާ ކަހަލަ ކަމެއް ކުރާކަށް އަހަރެންނެއް ނޫޅެން” ޝާހީން މަޑުމަޑުން އަހަރެންނާއި ދިމާއަށް ބުންޏެވެ.އެހެން ބުނަމުން އަހަރެންގެ އަތުގައި ހިފައިގެން އަނެއްކާވެސް ހިނގައިގަތެވެ. އަހަރެން ގަދައެއް ނަހަދަމެވެ.
އެތާ ބޮޑަށް އަނދިރިހެން ހީވާ ތަނުގައި ޝާހީން އަހަރެން ގޮވައިގެން މަޑުކޮށްލިއެވެ. ” ނަޔާ، ނަޔާ މޮޔަވެގެންތަ ތިޔައުޅެނީ؟ ކީއްވެގެންތަ ތިޔައުޅެނީ؟” ޝާހީން ހިތްހަމަ ނުޖެހިގެން ހުރެ އަހަރެންނާއި ސުވާލުކުރިއެވެ. ” ކީއްވީ؟ އަހަރެން ކީއްތަ ކުރީ؟ އަހަރެން ނޭގޭ ކަމަށް ހެދީމެވެ. ” ނޭގޭ ކަމަށް ހަދާނެ ކަމެއްނެތް، ނަޔާ ކީއްވެތަ އަހަރެން ނަޔާދެކެ މިވަރަށް ލޯބިވާކަން އެނގިހުރެ އަހަރެންނާއި އަރޫޝާ އާއި ގުޅުވަން ތި މަސައްކަތް ކުރަނީ؟.” ޝާހީން އަހަރެންނާއި އަނެއްކާވެސް ސުވާލުކުރިއެވެ.” އަހަރެންނެއް ނޫޅެން، ޝާހީންއާއި އަރޫ އާއި ގުޅުވާކަށް، އެއީ އަރޫ އަމިއްލައަށް ނިންމި ނިންމުމެއް، އަރޫ ޝާހީންދެކެ ލޯބިވޭ އެއީ މައްސަލައެއް ނޫނެއްނު،މީހަކު މީހަކު ދެކެ ލޯބިވުން އެއީ މައްސަލައެއް ނޫނޭ” އަހަރެން ވަރަށް ހަމަޖެހިލާފައި ބުނީމެވެ. އެވަގުތު ޝާހީން އަހަރެންގެ އަތުގައި ހިފާފައި އޭނާގެ ހަށިގަނޑާއި ކައިރިއަށް ދަމައިލިއެވެ. އަދި އޭނާގެ ދެއަތުން އަހަރެންގެ އުނަގަޑުގައި ހިފައި މޫނާއި މޫނު ޖެހޭ ހިސާބަށް ކައިރިކޮށްލިއެވެ. މިހާރު އަހަރެމެން ދެމީހުން ލާ ނޭވާތައް އެކަކު އަނެކަކުގެ މޫނުގައި ބީހެއެވެ. ޝާހީންގެ ހޫނު ނޭވާތަކުގެ އިހުސާސްތައް އަހަރެންނަށް ކުރެވެއެވެ. ” ނަޔާ،… ދެން ކީއްވެ…. ނަޔާ އަހަރެންގެ ލޯބި ގަބޫލުނުކުރަން ތިޔަ އުޅެނީ…. އަހަރެން ނަޔާދެކެ މިވާލޯބި………. ނަޔާއަށް އިހުސާސް ކުރެވޭނެނަމަ ނަޔާތިހެން ނަހަދާނެކަން ހަމަ ޔަގީން…..މިހިތް ތިލޯތްބައް އެދި ރޯރުއިން އަޑުއިވޭނެނަމަ…… ކިތައްމެ ދުވަހެއް ވިޔަސް އަހަރެން އިންތިޒާރުކުރާނަން” ޝާހީން ވަރަށް އަސަރާއި އެކު ވައިއަޑުން އަހަރެންގެ ކަންފަތް ދޮށުގައި ބުންޏެވެ. އޭރު އޭނާގެ ލޯފަނީ ފެންކަޅިވެފައެވެ. އަހަރެން ޝާހީންއާއި ހަތަރު ކަޅި ހަމަކޮށްލީމެވެ. އެލޮލުން އޭނާ އަހަރެންނަށް އެދޭ މިންވަރު އަހަރެންނަށް އިހުސާސްވިއެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ. އަހަރެން އިސްޖަހާލީމެވެ. ހަމަ ހިމޭންކަމާއި އެކުގައެވެ.
ކުއްލިއަކަށް ސިއްސައިގެންގޮސްފައި އަހަރެންނަށް ބިރުން ޝާހީންގެ ގައިގައި ބައްދައިގަނެވުނެވެ. އަހަރެމެންގެ ގޭތެރެއިން މޭޒެއްކަހަލަ އެއްޗެއް ވަރަށް ބާރަށް ވެއްޓުނުއަޑު އިވުމުންނެވެ. ފަސްވަރަކަސް ސިކުންތުވެސް ނުވެ ދެން އިވުނީ ބައްޕަ ދަރިފުޅާ ނަޔާ އޭ ގޮވާލަމުން އަޑުގެ ކޮޅަށް ރޮއިގަތް އަޑެވެ.އެއަށްފަހު ބައްޕަގެ އަޑު ކެނޑި ހަމަ ހިމޭންވިއެވެ.އަހަރެންނަށް ގެއާއި ދިމާލަށް ދުއްވައިގަނެވުނެވެ.
އަހަރެން ދުވެފައިގޮސް ބައްޕަމެންގެ ކޮޓަރީ ދޮރު ހުޅުވާލިއިރު ތަޅުންގަނޑުމަތީ މަންމަ އުޑުތިލަ މަތިންއެއްޓިފައި އޮތެވެ. މަންމަގެ ހަށިގަނޑަށް ފާޑެއްގެ ބާރުތަކެއް އަރަނީއެވެ. އަނގައިން ހުދުކުލައިގެ ފޮނުތަކެއްވެސް ނުކުމެފައި ހުއްޓެވެ. އޭރު ބައްޕަ ކައިރީގައި ބަންޑުން ވެއްޓިފައި އޮތެވެ. އަހަރެނަށް ރޮއިގަންނަމުން މަންމަ އާއި ދިމާއަށް ދުއްވައިގަނެވުނެވެ..އަދި މަންމަގެ ކައިރީގައި އިށީންދެ މަންމަ ހިފެހެއްޓޭތޯ މަސައްކަތް ކުރަން ފެށުނެވެ، އެވަގުތު ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް ނިހާދު އާއި ޝާހީން އައެވެ. ޝާހީން ބަލާކަށްނުހުރެ ބައްޕަ ނަގާ އެނދުގައި ބޭއްވިއެވެ. ނިހާދު ވަގުތުން މަންމަ ނަގައި ގަނެގެން ގޮސް މަންމަގެ އެނދުގައި ބޭއްވިއެވެ. ” ހެލޯ ޝުކޫރު. އަވަހަށް ހަސަން ބޭބެމެންގޭ ދޮށަށް އެމްބިއުލާންސް ފޮނުވާ. ވަރަށް ސަކަރާތް. ވަރަށް ….. ވަރަށް އަވަސް ކުރާތި. ވަގުތެއް ނެއް” ނިހާދު ހަމަ މަންމަ ބޭއްވުމާއިއެކު ޖީބުން ފޯނުނަގާފައި މަރުކަޒު ހިންގުމާއި ހަވާލުވެހުރި ޝުކޫރުއަށް ގުޅިއެވެ. ” ޝާހީން މަޑުކުރާނެކަމެއްނެތް، އަވަހަށް ހިނގާ މަރުކަޒަށް ގެންދެވޭތޯބަލަން” ނިހާދު މިހެން ބުނަމުން މަންމަ އަތްދަނޑިމައްޗަށް ނަގައިގަނެގެން ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނުކުންނަން ހިނގައި ގަތެވެ. ޝާހީންވެސް ބައްޕަ ނަގައިގަނެގެން އޭނާގެ ފަހަތުން ހަމަ އެހާ އަވަސް ހިނގުމެއްގައި ނިކުތެވެ. އަހަރެން ރޮމުން އެމީހުންގެ ފަހަތުން ދުވެފައި ނިކުތީމެވެ.
އޭރު އެމްބިއުލާންސް އޮތީ ގޭގެ ދޮރުމަތީގައި ތައްޔާރަށެވެ. އެމްބިއުލާސަށް އަހަރެމެން އެރުމާއިއެކު އޭގެ އެއްމެ ބާރުދުވެލީގައި ދުއްވާފައި ގޮސް މަރުކަޒުގެ ދޮރުމައްޗަށް މަޑުކުރިއެވެ. އޭރު ޑޮކްޓަރާއި ނަރުހުންގެ ދެކުދިން ތިބީ ތައްޔާރަށެވެ. ވަގުތުން ވޯޑަށް މަންމައާއި ބައްޕަ ވެއްދުމަށް ފަހު ފަރުވާދޭންފެށިއެވެ. އަހަރެން ހުރީ މަންމަގެ އެނދުގެ ކައިރީގައެވެ. ޑޮކްޓަރ އަތުން މަންމަގެ ހިތް ހިންގޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. ނަރުސް ކުދިންނާއި އެމަސައްކަތް ހަވާލުކުރުމަށްފަހު ބައްޕައަށް ފަރުވާދިނުމަށްޓަކައި ޑޮކްޓަރ އަވަސްވެގަތެވެ. ޑޮކްޓަރ އެތައް މަސައްކަތެއް ކުރުމަށްފަހު، ނަރުސް ކުދިންނަށް ބަލާލިއެވެ. އޭރު އެކުދިންވެސް ހުއްޓާ ނުލާ މަންމަގެ ހިތް ހިންގޭތޯ މަސައްކަތް ކުރަނީއެވެ. ” ސްޓޮޕް އިޓް.” ބޯހޫރާލަމުން ޑޮކްޓަރ ނަރުސް ދެކުދިންނާއި ދިމާއަށް ބުންޏެވެ. އެކުދިން އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. އަހަރެންނަށް އެކުދިންގެ މޫނަށް ބަލާލުމަށްފަހު ޑޮކްޓަރުގެ މޫނަށް ބަލައިލެވުނެވެ. ” އައި އޭމް ސޮރީ. ޝީ ޕާސްޑް އަވޭ” ޑޮކްޓަރ އަހަރެންގެ ކޮނޑުގައި އަތްބާއްވާލަމުން ބުންނެވެ. އަހަރެންނަށް ބާރަށް ރޮއިގަނެވުނެވެ. ” މަންމާ ކީއްވެ؟ ތިގޮތައް ކަންތައް ތިކުރީ. ކީއްވެ އަހަރެންނާއި ވަކިވީ މަންމާ” މަންމަގެ ގައިމައްޗަށް ވެއްޓި ގަންނަމުން އަހަރެން ރޮއިގަތީމެވެ. ނިހާދު އަހަރެން މަސަލަސް ކުރެވޭތޯ ބެލިއެވެ. ” ޑޮކްޓަރ ނަޔާގެ ބައްޕަ…….” ޝާހީން އެވަގުތު ޑޮކްޓަރ ކައިރިން އެހިއެވެ. ” ހީވަނި ކުއްލި ޝޮކެއް ލިބުމުގެ ސަބަބުން ހޭނެތިފައިހެން. ކުރިއަށް އޮތް ތިންގަޑިއިރުތެރޭގައި ހޭއަރާނެ. އޭގެ ފަހުން އެނގޭނީ އެއްޗެއް ބުނަން.” ޑޮކްޓަރ ބުނުއްވިއެވެ. އެވަގުތު އަހަރެންނަށް ތެދުވެ ބައްޕައާއި ދިމާއަށް ދުއްވައިގަނެވުނެވެ..”ބައްޕާ ނިކަން ލޯހުޅުވާލަބަލަ. މަންމައަށް ގޮވާލަބަލަ. މަންމަ އަހަރެމެން ދޫކޮށްލާފައި އަބަދުގެ އަބަދައް ހިނގައްޖެ. ބައްޕާ …” އަހަރެންނަށް ގިސްލަ ގިސްލާފައި ބާރަށް ރޯންފެށުނެވެ. ނަމަވެސް ބައްޕައަކަށް އަހަރެންގެ ގިސްލުމުގެ އަޑެއް ނުއިވުނެވެ. “ނަޔާ ….އެހަށް ހިނގާ ބޭރަށް” ނިހާދު އަހަރެންގެ ދެކޮނޑުގައި ހިފައި އަހަރެން ނަގަން މަސައްކަތް ކުރަމުން ބުންޏެނެވެ.
އަހަރެންގެ ގައިގައި އެއްވެސް ވަރެއް ނެތެވެ. ނިހާދު އޭނާގެ ގައިގައި އަހަރެން ލައްކޮށްލައިގެން ވޯޑުން ބޭރަށް ނެރުނެވެ.” ނަޔާ ހިތްވަރުކުރޭ. މިއީ ކޮންމެ މީހަކަށްވެސް ހަމަ އަންނާނެ ދުވަހެއް. ކެއްތެރިވާންވާނެ. ކެއްތެރިކަމާއި އެކު ބައްޕައަށް ރަނގަޅުގޮތެއްވުމަށް އެދި ދުއާކުރޭ.އިރާދަ ކުރެއްވީތީ ބައްޕަ އެނބަހުރިއެއްނު ނަޔާ ކައިރީގައި. ބައްޕަ އަށް ނަސޭހަތްދޭން ހުރި މީހަކީވެސް ތިޔައީއެއްނު. ދެންވެސް ރުއިމުގެ ބަދަލުގައި މަންމައަށް މިދުނިޔެ މަތިން ކޮށްދެވެން ހުރި އެންމެ ފަހުގެ ކަންތައްތައް ކޮށްދެވޭތޯ ބަލަމާ ހިނގާ” ނިހާދު އަހަރެންނަށް ނަސޭހަތް ދިނެވެ. ނިހާދުގެ ބަސް ގަބޫލުކުރުމުގެ ގޮތުން އަހަރެން ކަރުނަތައް ފުހެލަމުން ބޯޖަހާލީމެވެ.
” މަންމަގެ ކަށުކަމާކެމީގެ ހުރިހާ ކަމެއްގައިވެސް އެންމެ ބޮޑަށް އަހަރެންނަށް އެހީތެރިވެ ދިނީ ނިހާދުއާއި ޝާހީންއެވެ. ބައްޕަ ހޭއެރިއިރު އެހުރިހާ ކަމެއް ނިމިއްޖެއެވެ. ބައްޕަ ހޭއެރުމާއިއެކު މަންމަ ކޮބައިތޯ ސުވާލު ކުރިއެވެ.” ބައްޕާ…. ކެއްތެރިވާންވާނެ މިއީ ހަމަ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް. މަންމަ އަހަރެމެންނާއި އަބަދުގެ އަބަދަށް ވަކިވެއްޖެ.” އަހަރެން މިހެން ބުނުމާއިއެކު ބައްޕަ ރޯންފެށިއެވެ. އަދި މަންމަ ކައިރިއަށް ދާން ބޭނުމޭ ބުނެ ތެދުވަން މަސައްކަތް ކުރިއެވެ.
އެވަގުތު އަހަރެންނަށް ބާރަށް ރޮއިގަނެވުނެވެ. ހަމަ އެއާއިއެކު ޝާހީން ދުވެފައި ގޮސް ޑޮކްޓަރު ގޮވައިގެން އައެވެ. އަހަރެންނެކޭ އެއްގޮތަށް ޝާހީންވެސް ހުރީ ބަސް ހުއްޓި ބުނާނެއެއްޗެއް ނޭގިފައެވެ. ޑޮކްޓަރ ވަރަށް ރަނގަޅަށް ބައްޕަ ބެލިއެވެ. އަދި އެތަކެއްފަހަރަކު ބައްޕަގެ ދެފައި އުފުއްލާ ހަރަކާތް ކުރެވޭތޯ ބެލިއެވެ. އެއަށްފަހު ބޭރަށް ނިކުތެވެ. އަހަރެންވެސް ޑޮކްޓަރުގެ ފަހަތުން ނިކުތީމެވެ. އަހަރެންގެ ފަހަތުން ޝާހީންވެސް އައެވެ. ” ނަޔާ. ކެއްތެރިވާތި. ބައްޕަ ގޮވައިގެން ވީއެންމެ އަވަހަކަށް މާލެދެވޭތޯ ބަލާ. އަހަރެންނަށް ހީވާގޮތުން ބައްޕަގެ އުނަގަނޑުން ތިރި އެވަނީ ޕެރެލައިޒް ވެފަ. ކުރިންވެސް ވާނީ ބައްޕަގެ މައިބަދައިގެ މައްސަލައެއް ހުރުމުން އެއްވެސް ވަރަކަށް ގުދުވެ އުޅުން މަނާ ކޮށްފައި. ލަފާ ކޮށްލާފައި ބުނެވޭނީ އެގޮތައް ކުއްލިއަކަށް ގުދުވުމުގެ ސަބަބުން ސޮކެއްޖެހުނީކަމަށް. އޭގެ ސަބަބުން ދިމާވި ކަމެއްކަމަށް ބޮޑަށް ބެލެނީ. މިކަހަލަ ކަންކަމުގައި ފަރުވާކުޑަނުކޮށް ކުރީކޮޅުގައި ރަނގަޅު ފަރުވާ އަކާއި ހަމައަށް ދެވިއްޖެނަމަ. އިރާދަ ކުރެއްވިއްޔާ އެދެވޭ ނަތީޖާއެއް ފެންނާނެ. ” ޑޮކްޓަރ މިހެން ބުނުމަށްފަހު ހިނގައިގަތެވެ. އަހަރެންނަށް ރޮއިގަނެވުނެވެ. ހަދާނެގޮތެއް ނޭގޭތީއެވެ. އަހަރެން ގެ ވަށައިގެންވާ މާހައުލު އެނބުރޭހެން އަހަރެންނަށް ހީވިއެވެ. ދެއަތުން ބޮލުގައި ބާރަށް ހިފެހެއްޓީމެވެ. ” ނަޔާ ހަމަޖެހިބަލަ. ހެޔޮނުވާނެ. ނަޔާ ތިހެން އުޅުނީމަ ކިހިނެއް ވާނީ. ތިހެން ހެދީމަ އެއްކަމެއްވެސް ރަނގަޅަކަށް ނުކުރެވޭނެ. މިއަދު ހުރިހާވެސް އެއްޗަކީ ނަޔާގެ ހިތްވަރު، ކެއްތެރިކަން” ޝާހީން އަހަރެންނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.
ނުނިމޭ
7 Comments!
Comments are closed.
vv reethi..??
V v v v vvvvvvvvv reeeeeethiiiiii? Next part avahah up kohdhechey ????
Whrs shaal…. Plys bring shaal to the rescue…. N delt that shaaheen
Nice. Shaaheen aa nayaa aa gulhe yey
Nice?
Waiting plz upload next part
Kober hama balani mi story upload vey thooo