އަސަރު 5
“ކޮކީ… ދޮންތި އަންނާނަމޭ ވަރަށް އަވަހަށް އިނގޭ… މަންމަ ގެ ބަސްއަހައިގެން އުޅެއްޗޭ…” ޝިކާ ޝިނާން އުރައިލަމުން ބުނެލިއެވެ. އޭރު ޝިކާ ގެ ދެލޮލުން ވެސް ކަރުނަ ފައިބަމުން ދިއައެވެ. މިއީ އޭނާގެ މައިންބަފައިންނާ ދުރަށް ދިރިއުޅެންދާ ފުރަތަމަ ފަހަރެވެ.
“ދަރިފުޅާ ލޯންޗު އެއޮއް އައީ… އަވަހަށް އަރަން ދާން ހިނގާ…” ސަމީރު ޝިކާގެ ފޮށި ހިފައިގެން ލޯންޗާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.
ޝިކާ ޝިނާން ތިރީގައި ބެހެއްޓުމަށްފަހު އޭނާގެ ދެލޯ ފުހެލިއެވެ. އަދި ދެކޮޅު ހޯދާ ބަލާލީ އެއްޗެއް ނުފެނިގެން ހޯދާ ފަދަ ގޮތަކަށެވެ. ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ ކައިރީގައި ބައިސްކަލުގެ މަތީގައި އިން ތާމިން ޝިކާގެ ލޮލުގައި އަޅައިގަތުމުން ޝިކާ ގެ ހިތަށް ވެރިވީ ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެކެވެ. ނަމަވެސް ތާމިން އާ ދުރަށް ދާން ޖެހޭ ހިޔާލު ހިތަށް އައުމުން އަނެއްކާވެސް އެ ދެލޯ ފެންކަޅިވާން ފެށިއެވެ. ބައްޕަ ގޮވަން ފެށުމުން އަވަސް އަވަހަށް ދެލޯ ފުހެލުމަށް ފަހު ތާމިން އާ ދިމާއަށް އެންމެ ފަހު ފަހަރު ބަލާލުމަށްފަހު ކޮނޑުގައި އަޅުވާފައިވާ ހޭންޑްބޭގް ރަނގަޅު ކޮށްލަމުން ލޯންޗަށް އެރުމަށްޓަކާ ހިނގައިގަތެވެ.
ތާމިން ބަނދަރު ދޮށަށް އައީ ޝިކާ އެދުވަހު ފުރާކަން އެނގޭތީއެވެ. އެންމެ ފަހު ފަހަރަށްވެސް ޝިކާ ގެ ލޯބި މޫނު ދެކިލަން އެދޭތީއެވެ. ތާމިން ގެ ދޮން މޫނުމަތި ވަނީ މިލާފައެވެ. އެ ތޫނު ދެލޮލުގައި ރިހުމެއް އުފެދިފައިވެއެވެ. ޝިކާ ލޯންޗަށް އަރަން ހިނގައިގަތުމުން އޭނާ ބައިސްކަލުގައި އެނބުރި ގެއާ ދިމާއަށް ދާން ދުއްވާލީ އެ ދެލޯ ފެންކަޅިވަމުން ދާ ތަން ޝިކާއަށް ނުދެއްކުމަށްޓަކައެވެ.
**************************
ޝިކާ މެން މަނަދޫއަށް ލެފުމާއެކު ސަމީރު އަވަސްވެގަތީ ޝިކާގެ ފޮށިގަނޑުތަކާއި ފޮށި ބޭލުމަށެވެ. ނަމަވެސް ޝިކާ އޭނާ އިން ސީޓުން ތެދުވާކަށްވެސް ނޫޅޫނެވެ. އޭނާ ގެ ނަޒަރު ހުއްޓިފައިވަނީ މަނަދޫގެ ބަނދަރަށެވެ. އެ ރަށަކީ ކުރިން ދުވަހަކުވެސް ޝިކާ ގޮސްފައިވާ ރަށެއް ނޫނެވެ. އެ ދެކެފަރިތަ ނޫން ބަނދަރުގައި އަޅާފައިވާ ދޯނިތަށް އޭނާ ގުނަމުން ގެންދިއައީ ވެފައިވާ ފޫހި ފިލުވާލުމުގެ ގޮތުންނެވެ. ސަމީރު ގޮވާލި އަޑަށް ސިއްސައިގެން ގޮސް އޭނާ އެދިމާ ބަލާލިއެވެ. އަދި އަވަސް އަވަހަށް ލޯންޗުން ފޭބުމަށްޓަކާ ހިނގައިގަތެވެ. މަނަދޫއަށް ފޭބުމާއެކު އޭނާ ފުން ނޭވާއެއް ދޫކޮއްލިއެވެ. ކޮންމެ ގޮތެއް ވިޔަސް ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ހޯދުމަށް އޭނާ އެވަގުތު ކަނޑައެޅިއެވެ. މައިންބަފައިންނާ ދުރުގައި ހުރެގެން ކިޔަވައިގެން މޮޅެތި މީހުންނަށް ވަނީ ކިތައް މީހުން ހެއްޔެވެ؟ ޝިކާ އަށް ވެސް ހަމަ އެފަދަ މީހަކަށް ވެވިދާނެބާއޭ އޭނާ ހިތަށް އަރަމުން ދިއައެވެ.
“ދަރިފުޅާ އަވަހަށް އާދޭ….” ޝިކާއަށް އޭނާ ގެ ހިޔާލީ ދުނިއެއިން ނިކުމެވުނީ އަނެއްކާވެސް އޭނާގެ ބައްޕަގެ އަޑަށެވެ. އޭރު ސަމީރު ކާރެއް ހޯދައިގެން އެއަށް ފޮށިތައް އަރުވައިފިއެވެ. ޝިކާ ވެސް އަވަސް އަވަހަށް އޭނާގެ ބައްޕަގެ ފަހަތުން ކާރަށް އަރައި ހަމަޖެހެލިއެވެ. ކާރު ދުއްވަމުން ދިޔައިރު ޝިކާ އިނީ ކުޑަދޮރުން އެރަށުގައި މީހުން ހެލިފެލިވެ އުޅޭތަން ޝަޢުޤުވެރިކަމާއެކު ބަލާށެވެ. އޭނާ އަނެއްކާވެސް ސިއްސައިގެން ދިއައީ ކާރު ދުއްވަމުން ގޮސް ކުއްލިއަކަށް މަޑުކޮށްލުމުންނެވެ. ޝިކާ އެރަށުގައި ހުންނަން ހަމަޖެހިފައިވާ ގެއަށް އާދެވުނީއެވެ. ފުން ނޭވާ އެއް ދޫކޮއްލުމަށްފަހު އޭނާ ކާރުގެ ދޮރު ހުޅުވާލުމަށްފަހު ފޭބި ސަމީރުގެ ފަހަތުން ހިނގައިގަތީ ޖެހިލުންވެ ހުރެއެވެ. ޝިކާ ކުރިމަތީގައި ހުރި ބޮޑު ގެއަށް ނަޒަރު ހިންގާލިއެވެ. ގޭގެ ބޭރު ފާރުގައި ލާފައިވަނީ މަޑު ފެހިކުލައެކެވެ. ސަމީރު ފޮށިތައް ހިފައިގެން އެތެރެއަށް ހިނގައިގަތީ ޝިކާ ގާތު އަންނާށޭ ކިޔައިފައެވެ. ޝިކާ ވެސް މަޑު ހިނގުމެއްގައި އެގޭގެ ގޯތިތެރެއަށް ވަދެގެން އޭނާގެ ބައްޕަގެ ފަހަތުން ހިނގަމުން ގެންދިއައެވެ. އެ ބޮޑު ގޯތިތެރެ ފަޅުފިލުވާލާފައި ވަނީ ތަފާތު ބާވަތްތަކުގެ ގަސްގަހާގެހިންނެވެ. މެދުގައި ހިޔާ ބޮޑު ބިޔަ ހިތިގަހެއް އިންދާފައިވާއިރު އެއްފަރާތެއްގައި ވަނީ މިރުސް ގަހާއި ކޮޕީ ގަހާއި ފަޅޯ ގަހާއި އެކި ޒާތް ޒާތުގެ މާގަސް ހައްދާފައެވެ. ގަސްތަކަށް ބަލާލުމުން އެއީ މީހަކު ވަރަށް ލޯބިން ހައްދާފައި ހުރި ގަސްތަކެއްކަން އެނގެއެވެ. އެ ގޯތި ތެރޭގައި އެއިން ގަހަކުން އެންމެ ހިކި ފަތެއް ވެއްޓިފައި އޮތް ތަން ވެސް ޝިކާ އަށް ނުފެނުނެވެ.
ސަމީރުގެ ފަހަތުން ގޮސް ޝިކާ ހުއްޓުނީ ގޭތެރެއަށް ވަންނަ ދޮރު ކައިރީގައެވެ. ސަމީރު ފޮށިތަށް ތިރީގައި ބެހެއްޓުމަށްފަހު އެ ދޮރުގައި ދެތިން ފަހަރަކު ޓަކިޖަހާލިއެވެ. އިރުކޮޅަކުން މެދު އުމުރުގެ އަންހެނަކު އައިސް ދޮރު ހުޅުވައިފިއެވެ. އެމީހާއަށް ސަމީރު ފެނުމުން ހީލުމަށްފަހު އެތެރެއަށް ވަންނާށޭ ބުނެލިއެވެ. ޝިކާ ވެސް ސަމީރުގެ ފަހަތުން އެތެރެއަށް ވަނެވެ. އެމީހާ ސިޓިންގ ރޫމްގައި ހުރި ސޯފާތަކުގައި އިށީނުމަށް ބުނެފައި ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ.
“ދަރިފުޅާ… އެއީ މިގޭ ދައްތަ… ހަލީމާ ކިޔާނީ… ވަރަށް ހެޔޮވާނެ..” ސަމީރު އެމީހާ ދިއުމުން ޝިކާ ގާތު ބުންޏެވެ. އިރުކޮޅެއް ފަހުން ހަލީމާ ތަބަކަކަށް ދެ ޖޫސް ތައްޓާއި ބިސްކޯދު ދެތިން ޕެކެޓް ހިފައިގެން އައިސް އެމީހުންގެ ކުރިމަތީގައި ހުރި މޭޒުގައި ބެހެއްޓިއެވެ.
“މިއީ ދޯ ސަމީރުގެ ބޮޑު ކުއްޖާ…؟” އަނެއް ފަރާތުގައި ހުރި ސޯފާގައި އިށީންނަމުން ހަލީމާ އަހާލިއެވެ.
“އާނ… ވަރަށް ރަނގަޅަށް މިމަންޖެ ބަލާދޭންވާނެ..” ސަމީރު ޖޫސް ތަށި ބޯލަމުން ބުނެލިއެވެ.
“އާނ… ދެން މިގޭގައި ބަހައްޓައިފިއްޔާ ރަނގަޅަށް ބަލާނެއްނު… ސަމީރު ދައްކާ ވާހަކަ…” ހަލީމާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އޭރު ޝިކާ އިނީ ވަރަށް ޖެހިލުން ވެފައެވެ. ދެއަތް ދެއަތާ މޮޑެލަ މޮޑެލަ އިން އިރު ހީވަނީ ބިރެއް ފެނުނުހެނެވެ. އޭނާ އިނީ ކުރިމަތީގައި ހުރި ޖޫސްތަށީގައި އަތްލަންވެސް ނުކެރިފައެވެ. އެއީ އޭނާއަށް އަބަދުވެސް ވާގޮތެކެވެ. ނުދަންނަ މީހަކާ ކުރިމަތިލާން ޖެހުމުން ޖެހިލުންވާ ގޮތް ވަނީއެވެ. އޭނާ ގެ ނިއްކުރި މަތީގައި ދާތިކިތައް ވިދަން ފެށިއެވެ.
“ކޮން ނަމެއްތަ ކިޔަނީ؟؟” ހަލީމާ ޝިކާ ގާތު އަހާލިއެވެ.
“ޝި..ޝިކާ..” ޝިކާ އަށް ވާހަކަ ދެއްކުނީ އަޅައަޅައިގަނެގެނެވެ.
“ޝިކާ ޖޫސްތަށި ނުބޮނީ ކީއްވެ؟؟” ހަލީމާ އެހިއެވެ. އެހެން ބުނުމާއެކު ޝިކާ ހަލީމާއާ ދިމާއަށް ގަދަކަމުން ހީލާފައި ޖޫސްތަށި ނެގުމަށްފަހު އެތިކޮޅެއް ބޯލިއެވެ.
“މިގެ އަނެއްހެން ވަރަށް ފަސޭހަވާނެ އުޅެން… މިގޭގަ އުޅެނީ އަހަންނާ އަހަރެންގެ ފިރިމީހާ އާ ދެން ކިޔަވަން އައިސް އުޅޭ 5 ކުދިން… ފިރިހެން 3 ކުދިން އުޅޭނެ… ދެން އަންހެން ދެ ކުދިން… އެއީ ހޮޅުދޫ ދެކުދިން… ވަރަށް ރަނގަޅު ދައްތައަށް ހުރިހާ ކުދިންވެސް…. ވަރަށް މަޖާވެސް ކުދިން ކޮޅެއް އެއީ…” ހަލީމާ ހީލަމުން ބުނެލިއެވެ. އެވަގުތު އެގެއަށް އައިސް ވަނީ ފިރިހެން ކުއްޖެކެވެ. ބަލާބެލުމަށް ހީވަނީ 18 ،19 އަހަރުގެ ކުއްޖެއްހެނެވެ. ދިގު އިސްކޮޅެއް ލިބިފއިވާއިރު ހަށިގަނޑު ވަރަށް ހިކިކަމަށް ދައްކައެވެ. ބޮލުގެ އިސްތަށިގަނޑު ހުރީ ޖެލްލައި ހަރުކޮއްފައެވެ. މޫނުމަތި ހުރީ އަނދާފައެވެ. ހީވަނީ އެތައް އިރެއް އަވީގައި މަސައްކަތް ކުރަން އުޅޭ މީހެއް ހެނެވެ. އެ ކުއްޖާ ސިޓިންގރޫމުގައި ތިބި ޝިކާމެންނާ ދިމާއަށް ނަޒަރު ހިންގާލުމަށްފަހު ހަލީމާ އާ ދިމާއަށް “ދައްތާ” އޭ ގޮވާލުމަށްފަހު އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.
“އެއީ ލިވާން…. 12ގައި ކިޔަވަނީ އޭނާ…” ހަލީމާ ބުނެލިއެވެ. ” އަދި މި ގޭގަ އުޅޭ ރީނާ އާ ރަނާ ވަރަށް އެކުވެރިވާނެ… އެއީ މަ ބުނި ހޮޅުދޫ ދެކުދިން.. އެއްގޭ ދެކުދިން އެއީ… އެއް ކުއްޖަކު މިއަހަރު ދާނީ 11އަށް… އަނެއް ކުއްޖާ 8އަށް… ޝިކާ މިއަހަރު ދަނީ 10 އަކަށް ދޯ؟؟”
“ލައްބަ..” ޝިކާ ބުނެލިއެވެ.
“އަހާ… އެއޮއް ލޯންޗު ފުރާ ގަޑި ޖެހެނީ… ބައްޕަ ދާންވެއްޖެ ދަރިފުޅާ…” ސަމީރު އަތުގައި އޮތް ގަޑިއަށް ބަލާލަމުން ތެދުވިއެވެ.
ބައްޕަ ދާތީވެ ޝިކާ ދެރަވިއެވެ. ނަމަވެސް އޭނާ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޮއްބާލީ ހަލީމާ އަށް އޭނާ ރޯތަން ފެނިދާނެތީއެވެ. ޝިކާ އޭނާގެ ބައްޕައާ އެކު މަގުމައްޗާ ހަމައަށް ނިކުތެވެ. ސަމީރު ޝިކާއަށް ވަރަށް ގިނައިން ނަސޭހަތް ދިނެވެ. އަދި އެންމެ ފަހުން ސަމީރު ޝިކާއަށް ދިއްކޮށްލީ ޕާރުސަލް ކުރެވިފައިވާ ފޮށިގަނޑެކެވެ.
“މިއީ ރަނގަޅަށް ކިޔަވާ މަތިން ބައްޕަ ދޭ ހަދިޔާއެއް…” ސަމީރު ހީލުމަށްފަހު އެހެން ބުނެލިއެވެ. އަދި އެރަށުގެ ބަނދަރާ ވީ ދިމާއަށް ހިނގައިގަތެވެ. އޭނާ ގޮސް އެސީދާ މަގުން ލަނބާލަންދެން ޝިކާ އެދިމާ ބަލަން ހުއްޓެވެ. އަތުގައި އޮތް ޕާރުސަލާ ދިމާއަށް އޭނާ ބަލާލީ ސުވާލުން ފުރިގެން ވާ ނަޒަރަކުންނެވެ. ބައްޕަ އަކީ އޭނާ އަށް އެގޮތަށް ދުވަހަކުވެސް ހަދިޔާއެއް ދިން މީހެއް ނޫނީވިއްޔާއެވެ.
ޝިކާ ގޭތެރެއަށް ވަތް އިރު ހަލީމާ ގޭގައި މޮއްޕުލާން އުޅެއެވެ. ޝިކާ ވަނުމުން ހީލާފައި ޝިކާ އުޅެންޖެހޭ ކޮޓަރި ދައްކާލިއެވެ. ޝިކާ ވެސް ހަލީމާއަށް ހިނިތުންވުމެއް ރައްދު ކޮއްލުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ތެޅި ތެޅި އޮތް ހިތަކާއެކީގައެވެ.
ކޮޓަރި ދޮރު ހުޅުވާލާފައި ޝިކާ އެތެރެއަށް ވަދެ ނަޒަރު ހިންގާލިއެވެ. ބޮޑު ކޮޓަރިއެކެވެ. ތިން އެނދު ޖައްސަ ޖައްސައިގެން ބެހެއްޓިފައި ވާއިރު އެތަނުން އެއް އެނދުގައި ކުއްޖަކު ބަންޑުން އޮށޯވެލައިގެން އޮތެވެ. އެ ކުއްޖާގެ ކަންފަތަށް ހެޑްސެޓް ޖަހާފައިވާއިރު ބޯ މިޔުޒިކާ އެއްވަރަށް ހަލުވަމުން ގެންދެއެވެ. ޝިކާ ދޮރުލެއްޕި އަޑު އިވުމުން ކަމަށް ވެދާނެއެވެ. އެ ކުއްޖާ ހެޑްސެޓް ނައްޓާލުމަށްފަހު ޝިކާއާ ދިމާއަށް ބަލާލިއެވެ.
“ހާއި….. އައި އެމް ރަނާ…” އެ ކުއްޖާ ތެދުވެގެން އައިސް ސަލާން ކޮއްލުމަށް އަތް ދިއްކޮއްލިއެވެ. ޝިކާ އެއަތުގައި ހިފައި ސަލާންކޮއްލި ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ.
“ތީ ދޯ ނިއު ރޫމް މޭޓަކީ؟؟” ރަނާ ހީލަމުން ބުނެލިއެވެ. ޝިކާ ބޯޖަހާލިއެެވެ.
“ނޭމް؟؟؟” ރަނާ އެއްބުމަ އަރުވާލަމުން އަހާލިއެވެ.
“ޝިކާ….” ޝިކާ ވާހަކަދެއްކީ ވަރަށް މަޑުންނެވެ.
“ޓޯކް މޯ އިނގޭ…. ދެން މީ މިހާރު ފްރެންޑްސް ގޮތުގައޭ ޖެހޭނީ ބަލަން…” ޝިކާ މަޑުން ވާހަކަ ދެއްކުމުން ރަނާ ބުނެލިއެވެ. ޝިކާ ރައްދުގައި ހީލިއެވެ. ރަނާ އަކީ ވަރަށް ކުދިންނާ ގުޅޭ މިޒާޖެއްގެ ކުއްޖެއްކަން އެނގުމުން ޝިކާ ކުޑަކޮށް ހިތްހަމަ ޖެހުނެވެ. ރަނާ ޝިކާއަށް އޭނާ އޮންނަ އެނދާއި އޭނާގެ ދައްތަ، ރީނާ ގެ އެނދު ދެއްކިއެވެ. އަދި ޝިކާ ގެ އެނދާއި އަލަމާރިއާއި މޭޒު ދެއްކިއެވެ. ކޮޓަރިއާ މެދު ޝިކާ ވަރަށް ހިތްހަމަ ޖެހުނެވެ. ހާއްސަކޮށް ކޮންމެ ކުއްޖަކަށް އަލަމާރިއެއް ހުރުމުންނެވެ. ބައްޕަ ދިން ޕާރުސަލް އޭނާ ގެ އަލަމާރިއަށް ލުމައްފަހު ޝިކާ އަވަސްވެގަތީ ފެންވަރާ ތާޒާ ވެލުމަށެވެ. ނަމަވެސް ފޮށިތަށް ބައްޕަ ގޭތެރެއަށް ނުވައްދާކަން ހަނދާންވުމުން އަވަސް އަވަހަށް ބޭރަށް ނިކުތެވެ. ކުރިން ގޭތެރޭގައި މޮއްޕުލާން އުޅުނު ހަލީމާ އޭރު ގޭތެރޭގައި ފެންނާކަށް ނެތެވެ. ސިޓިންގރޫމް ތެރެއިންލާފަ ގޮސް ބޭރު ދޮރު ހުޅުވައިލި އިރު ފޮށިތައް ސަމީރު ބެހެއްޓި ތާންގައި ހުއްޓެވެ. ޝިކާ އޭނާގެ ސުއިޓްކޭސް ގައި ހިފާލީ ބަރުތޯ ބަލާލުމަށެވެ. ހީކުރިވަރަށް ވުރެ ބަރު ނަމަވެސް ޝިކާ އޭތި ދެއަތުން ހިފައިގެން ކޮޓަރިއަށް ގެންގޮސް ވެއްދިއެވެ. ބައްޕަވެސް މިފޮށިތައް ވައްދާދީފައި ދިޔައީކީ ނޫނީ ވިއްޔާއޭ އޭނާ ގެ ހިތަށް އަރަމުން ދިއައެވެ. ސުއިޓްކޭސް ވެއްދުމަށްފަހު އޭނާ އަނެއްކާވެސް ބޭރަށް ދިޔައީ ދެން ހުރި ފޮށިގަނޑުތައް ވެސް ވެއްދުމުގެ ބޭނުމުގައެވެ. ނަމަވެސް އެ ފޮށިގަނޑުތަކުގައި ގިނައިން ހުރީ އޭނާގެ ފޮތްތައްކަމުން ވަރަށް ބަރެވެ. ހިފަން އުޅެއުޅެ ވެސް އެ ފޮށިގަނޑުތައް ހިއްލާލެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން އޭނާ ފޮށިގަނޑެއް ހުޅުވާލުމަށްފަހު ވަކިން ފޮތްތައް ނަގައިގެން އެތެރެއަށް ވެއްދޭތޯ އުޅުނެވެ.
ޝިކާ ހިފައިގެން ހުރި ފޮތް ބަންޑެލި އުސްކަމުން އޭނާއަށް ކުރިމަތި ފެންނަނީވެސް ކިރިޔާއެވެ. އޭނާ އެފޮތްތައް ބެލެންސް ކުރަމުން މަޑުމަޑުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އެއާއެކު ވަރަށް ބާރަށް ގޭތެރެއިން ނިކުންނަން އައި މީހެއްގެ ގައިގައި އަޅައިގަނެފައި ޝިކާއަށް ފޮތްތައް ބެލެންސް ނުވެގެން ތިރިއަށް ވެއްޓުނެވެ. ފޮތްތައް ވެސް މުޅި ސިޓިންގރޫމް ތެރެއަށް ވިއްސަވިއްސައިގެން ދިއައެވެ. ޝިކާ މަތި ބަލައިލި ވަގުތު ފެނުނީ ގަދަ ރަތް ކުލައިގެ ގަމީހެކެވެ. ދެން ރުޅިވެރި ދެލޮލެވެ………….
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.







Hii.. Sorry for the late….
Hope u like this part tooo.. Feel free to leave ur comments 🙂
Vv reethi
Thanks rosy 🙂
Why do i think something bad is going to happen in that house.. any ways sorry is awesome…
I mean story
Thanks. next part ga vaa gotheh ves engidhaane thaa dhw 🙂
Wow… its nice
Thaanks aimisithu..
Wow!! nice… Eiy kaakubaa red gamees laigen…? Hehhe.. Waiting for the next pART… uPlord it sooon ingeyyy…
Thanks Harry… 😉 next part ga engeyney red gamees laigen eiy kaakukan…
Rangalhah viyyaa e gein shikaa aa kurimathi vaany varugadha kanthah gandakaaa….. Reethi mibai… Dhen oiy bayah inthixaar kurann
Aww..
U will find out what will heppan, yoyo
thanks
nice
Thanks MEESHA 🙂
Wow so nice story……………….
Thanks IRUSHAA.. 🙂
Liaa. Vvv reethi i hope you will up nxt prt ves varah avahah. Liaa vv molhu
Thanks pinky…. Mi week nimumuge kurin nxt part up kureveythw balaanan 🙂
Jehsun kohlaane myhaku v dhw hehe
“Boa muzikaa ehvarah”ehen bunyma jumla hadi, “muzikaa ehvarah boa haluvamun dhiya eve.” Mihen liyunu nama salhi vaane. Ekm story v salhi