Skip to content
އެސްފިޔަ

މަންޝާ (ނަވާރަވަނަ ބައި)

ހަފްތާއެއް ފަހުން ޒިބާން ފެނުމުން މަންޝާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ކުރެވެމުން ދިޔައެވެ. ޒިބާން އަތް ހަނާ އަޅާލިއެވެ. މަންޝާއަށް އުފަލުން ތެޅިގަނެވުނެވެ. މަންޝާއަށް ކުރަމުން ދިޔައީ އާދަޔާޚިލާފް އިހްސާސްތަކެކެވެ. ކަންތައްވީ މަންޝާ ހީކުރިގޮތާ މުޅިން ޚިލާފަށެވެ. މަންޝާ ހީކުރީ ދެން ޒިބާން މަންޝާއާ ބައްދަލުކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ. މަންޝާވެސް އަތް ހަނާ އަޅަން އަތް އުފުލާލިއެވެ. ލަދުރަކި ހިނިތުންވުމަކާއި އެކީގައެވެ.

ނަމަވެސް ހަމައެވަގުތު މަންޝާއަށް ސިހުމެއް ލިބުނީ މަންޝާގެ ކޮނޑުގައި މީހަކު ހިފާލުމުންނެވެ. ސިހިފައި ފަހަތަށް ބަލާލެވުނީ އެއީ ކާކުބާއޭ ހިތަށް އެރުމުންނެވެ. ފަހަތުގައި ހުރީ އަޒީމެވެ. ދެލޯ ބޮޑުކޮށްގެން ހުރި މަންޝާގެ އަތަށް އަޒީމް ދޯނިން ނެގި ޓިކެޓް ދިއްކޮށްލިއެވެ. އެހިސާބުން އަޒީމް އައިކަން އެނގިގެން ކޮޓަރިއަށް ވަންނަން އުޅުނުމަތިން މަންޝާ ހަނދާންވިއެވެ. އެވީ ކުޑަ ވަގުތުކޮޅު ތެރޭގައި މަންޝާ ކުރަން އުޅުނު ކަންތައް ޒިބާން ފެނުމުން ހަނދާނުން ކައްސާލީހެއްޔެވެ. މަންޝާ ޓިކެޓްގައި ހިފިގޮތަށް އެކަމާ ވިސްނަން މަޑުކޮށްލެވުނެވެ.

އަޒީމް ބެލްކަނިން ބޭރަށް ބަލާލިއެވެ. ޖެހިލުންވެހުރެ މަންޝާވެސް ބޭރު ބަލާލިއެވެ. ޒިބާން ހުރި ދިމާލަށް ބަލާލީ މޭގައި އެއް އަތް އަޅައިގެން ހުރެއެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް މަންޝާ ދޫކޮށްލިއެވެ. ޒިބާން އެހިސާބުގައި ނެތުމުންނެވެ. އަޒީމް ބެލްކަންޏަށް ނުކުތް ތަން ފެނުމުން އޭނާ ދިޔައީއެވެ. އަޒީމްގެ އަތުގައި ހިފަމުން މަންޝާ ވާހަކަ ދެއްކިއެވެ. “ހެއި… އަހަރެން ބޭނުން ބާޒާރަށް ޖައްސާލަން… ފުރަން ވާއިރަށް ބައެއް ސާމާނު ގަނެލަން ބޭނުން… މަންމެންނަށް ހަދިޔާ ކޮޅެއްވެސް ގެންދަން ވާނެއްނު…”

މަންޝާގެ ބޮލުން ތިރިއަށް އަޒީމް ބަލާލީ އޭނާ ރީތިވެގެން ހުރިކަން ފާހަގަ ވުމުންނެވެ. “އެހެންވެދޯ ނަލަހެދިލައިގެން ތިހުރީ…. އާން މިހާރު ފިހާރަ ހުޅުވަން އުޅޭނީ… ހިނގާ ދަަމާ… ވަރަށް ދުވަސް ވެއްޖެއްނު ގާޑިޔާ ކައިރިއަށް ނުދެވޭތާ… ކުރުނބާއެއް ބޯލައިގެން ދޯ ދާނީ….” ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން އަޒީމް ނުކުތެވެ. މަންޝާ ހުރީ މަގުގެ ދެފަރާތަށް ބަލާލަ ބަލާލަ ބެލްކަނީގަައެވެ. އަދި އެއްފަހަރު ޒިބާން ފެންނާނެ ނަމައޭ ހިތް އެދެމުން ދިޔައެވެ.

އަޒީމް ފާޚާނާއިން ނުކުމެ އަލަމާރިން ގަމީހަކާއި ޖީންސެއް ނެގިއެވެ. އަދި ލައިގެން ހުރި ހެދުން ބަދަލުކުރުމަށްފަހު ރީތިވާ މޭޒުދޮށަށް ޖެހިލީ ބޮލުގައި ފުނާއަޅާ ރީތިވާށެވެ. ސެންޓު ފުޅިން ގަޔަށް ސެންޓުކޮޅެއް ބުރުވާލުމަށްފަހު ބެލްކަނިން ބޭރު ބަލަންހުރި މަންޝާއަށް ގޮވާލީ އަވަހަށް ދާން ނިކުތުމަށެވެ. ކޮޓަރިއަށް ވަދެ ލޯގަނޑުން ފަރި ބަލާލުމަށްފަހު އަޒީމްގެ ފަހަތުން މަންޝާ ނުކުތެވެ.

ސައިކަލާ ހަމަޔަށް ދިޔުމަށްފަހު އަޒީމް ވާހަކަ ދައްކަން ފެއްޓީ ޒޯނުން ސައިކަލު ނެރެމުންނެވެ. “އެއަރޕޯޓުގަ އުޅޭނޭ ވަރަށް ގާތް ފްރެންޑެއް… ރިޒްވީ ކިޔާނީ…. އޭނަ މިހާރު ހުޅުމާލޭގައި ގެސްޓްހައުސެއް ހެދުމުގެ ކަންތަކުގަ އެ އުޅެނީ… އޭނަ ބުނި މާދަމާ ހަވީރުން އެކޮޅަށް ދާން….. އިންޓީރިއާރ މަސައްކަތްތަކެއްގަޔޯ…”

“އެހެންތަ…. ސަޅިއެއްނު…. ހުޅުމާލޭގަ މިހާރު ވަރަށް ގެސްޓް ހައުސްތައް އޮވޭދޯ… ވަރަށް ދުވަސް ވެއްޖެ ހުޅުމާލެއަށް ނުދެވޭތާވެސް….” ސައިކަލު ފަހަތަށް އަރަމުން މަންޝާ ވާހަކަ ދެއްކިއެވެ.

“މާދަަން ހެނދުނު އަހަރެން ޑިއުޓީއަށް ދާއިރު މަސައްކަތް ކުރަން ސޯޓަކާ ޓިޝާޓަކާ ހިފައިގެން ދާނީ… މެންދުރު ފަހުން ޑިއުޓީ ނިންމާފަ ބަހުގަ ހުޅުލެއިން ހުޅުމާލެއަށް ދާނީ… ދެން މިކޮޅަށް އަންނާނީ މަސައްކަތް ނިންމާފަ….” ވާހަކަ މެދުކަނޑާލަމުން އަޒީމް ސައިކަލުގެ ބުރަކި ޖައްސާލިއެވެ. މަންޝާ ދެލޯ ބޮޑުކޮށްލަމުން ކުރިމައްޗަށް ބަލާލީ ކުއްލިއަކަށް ބުރަކި ޖެއްސުމުންނެވެ. ސައިކަލު ކުރިމައްޗަށް އެރީ ބުޅަލެކެވެ. ކެހިރި ބޯ މުށި ކުލައިގެ ބޮޑު ބުޅަލެކެވެ. އެ ސޮރު ސައިކަލު ދަށު ނުވީ ހަމަކިރިޔާއެވެ. ސައިކަލުގެ ކުރި ހުރަސްކޮށް ބުޅާ އެއްފަރާތަށް ދިޔުމުން އަޒީމް މަޑުމަޑުން ސައިކަލު ދުއްވާލިއެވެ.

“ކިރިޔާ އެ ބުޅާ މަރުނުވީ… އަޒީމް ތަންކޮޅެއް ބަލައިގެން ދުއްވަބަލަ…” މަންޝާ ހުރީ ވަަރަށް ބިރުންނެވެ.

“ނޭނގެ އައި ނައި ދިމާލެއް… ފެނުނީ ކުރިމަތީ ހުއްޓާ…” ކުއްލިއަކަށް ކުރިމަތިން ފެނުނު ބުޅާ އެތަަނަށް އައިގޮތް ނޭނގުމުން އަޒީމްވެސް އެކަމާ ވިސްނާލިއެވެ.

“ވެދާނެ ވާހަކައިގައި ހުރީމަ ބުޅާ ކުރިމައްޗަށް އައި ގޮތް ނޭނގުނީ ކަމަށް…” މަންޝާ ބުނި ވާހަކައަށް އަޒީމްވެސް އެއްބަސް ވިއެވެ.

ބޮޑުތަކުރުފާނު މަގަށް ސައިކަލުން ނުކުތީ އަޒީމްމެން އާންމުގޮތެއްގައި ދުއްވާލަން ނުކުމެ ކުރުނބާ ބޯން ދާ ގާޑިޔާ ކައިރިއަށެވެ. ގާޑިޔާ ކުރިމައްޗަށް ސައިކަލު މަޑުކޮށްލަމުން އަޒީމް ވާހަކަ ދެއްކީ ގާޑިޔާގެ ސޭޓު މީހާއާއެވެ. “މި އިހަލުން ދެކުރުނބާ ހަދައިދީބަލަ….”

*** *** *** *** *** ***

ފަތިސް ނަމާދުން ފައިބައިގެން ރިޔާޒް ދިޔައީ ހޮސްޕިޓަލަށެވެ. އައި.ސީ.ޔޫ ކައިރީ ހުރި ގޮނޑީބަރީގައި ނިދިގެން ލައްޖެހިފައިވާ ޟިރާރު ފެނުމުން ރިޔާޒް ގޮސް ގޮވާލިއެވެ. ދެލޯ ބޮޑުކޮށް ހުޅުވާލަމުން ޟިރާރު ތެޅިގަތީ ކަމެއް ގޯސްވެގެން ގޮވީ ކަމަށް ހީކޮށެވެ.

“ބައްޕާ… އެބޭ އަވަހަށް ނަމާދާށް… މަމިއައީ ފަތިސް ނަމާދަކޮށްގެން…” (ބައްޕާ… ދޭ އަވަހަށް ނަމާދަށް… އަހަރެން މި އައީ ފަތިސް ނަމާދުކޮށްގެން…) ނަމާދަށް ދިޔުމަށް ޟިރާރު ގާތު އެދުމުން ޟިރާރު އަވަސް ވެގަތީ ނަަމާދަށް ދިޔުމަށެވެ. ޟިރާރު ނަމާދުކުރަން ދިޔައީ ހޮސްޕިޓަލުގައި ހުންނަ މިސްކިތަށެވެ. އެހެންކަމުން މާ ގިނަ އިރެއްނުވެ ޟިރާރު ނަމާދުކޮށްގެން ރިޔާޒު ކައިރިއަށް އައެވެ.

“ބައްޕާ… ގެއު އެބޭއްވީނުން…. ސައި ބޯގެން އަރާމުކޮށްލާ…” (ބަައްޕާ…. ގެއަށް ދާންވީނުން… ސައިބޮއެގެން އަރާމުކޮށްލަން….) ރިޔާޒްގެ ބައްޕަ އުޅޭ ގޮތް ފެނުމުން ރިޔާޒަށް ވަރަށް އަސަރު ކުރެއެވެ. ޟިރާރު ދެއަަތަށް ބޯހޫރާލަމުން އެނާ ހޮސްޕިޓަލުގައި މަޑުކުރަން ބޭނުންވާ ކަމަށް ބުންޏެވެ.

“އެހެންވީމެއި ހިނގަ ސައި ބޯގެން އޭއް” (އެހެންވީ އިރު ހިނގާ ސައިބޮއެގެން އަަންނަން….) ރިޔާޒް ގެއަށް ދިޔުމުގެ ކުރިން ބައްޕައަށް ސައި ދީފަ ދާން ވިސްނިއެވެ.

“އެކަލަކިޔޯ… މިތެއި އެހެކާސް ނެތްމެއި ކަމިނިވޭހެއް…” (އޭރުންނޯ… މިތާ އެކަކުވެސް ނެތީމަ ކަމަކު ނުދާނެ….) ޟީރާރު ހުރީ ދާގޮތަކަށެއް ނޫނެވެ.

ރިޔާޒް އައި.ސީ.ޔޫ ކައިރިއަށް ގޮސް އެތާ ބޭރުގައިވާ ރަނގަބީލް ސްވިޗަށް ފިތާލިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އެތެރެއިން ނަރުސްކުއްޖެއް ނުކުތެވެ. ރިޔާޒް އޭނާގެ ފޯނު ނަންބަރ ނަރުސް ކުއްޖާއަށް ހަވާލުކުރަމުން މަންމަގެ އެހީތެރިޔާ ބޭނުންވެއްޖެ ހާލަތެއްގައި ރިޔާޒަށް ގުޅުމަށް އެދުނެވެ. އަދި މިވަގުތު ހޮސްޕިޓަލުގައި އެއްވެސް އެހީތެރިޔެއް ނެތްކަމާއި ގުޅާލުމުން ވަރަށް އަވަހަށް އައިސްދޭނޭ ކަމަށް ބުނުމުން ނަރުސް ކުއްޖާ އެކަަމަށް އެއްބަސްވިއެވެ.

“ބައްޕާ ހިނގަދެން އެބޭއް… ނަރުސް ކުދިން ކަމަކި ޖެހިގޭފެހެއި ގުޅާހެއް… އަފިރިން މާ ދުރަކަށް ނިއޭށުމޭ… މިތެއިި ހިންނަ ކެންޓީނަށް އޭނެއި…” (ބައްޕާ ދެން ހިނގާ ދާން… ނަރުސްކުދިން ކަމަކު ބޭނުން ވެއްޖިއްޔާ ގުޅާނެ… އަހަރެމެން މާ ދުރަކަށް ނުދާނަމޭ… މިތާ ކެންޓީނަށް ދާނި…) ރިޔާޒްގެ ވާހަކަ ހުރިި ގޮތުން ސައިނުބޮއި ސަލާމަތް ނުވެވޭނެކަން އެނގުމުން ޟިރާރު ސަޔަށް ދާން އެއްބަސްވިއެވެ.

*** *** *** *** *** ***

“މަންޝާ…. ތެދުވެބަލަ…. އަހަރެން މިއުޅެނީ މަސައްކަތް ކުރަންލާ ޝޯޓު ނުފެނިގެން…” ގަދައަށް ނިދާފަ އޮތް މަންޝާއަށް އުނދަގޫ ނުކުރަން އަޒީމް ހުރި ކަމުގައި ވީނަމަވެސް އަޒީމްގެ ޝޯޓު ބުރި ނުފެނުމުން މަންޝާއަށް ގޮވަން މަޖުބޫރު ވިއެވެ. ދެލޯ އުނގުޅަަމުން މަންޝާ ތެދުވެގެން އައިސް އަލަމާރި ހާވަން ފެށިއެވެ.

ޝޯޓުބުރި ދިއްކޮށްލުމުން އަޒީމް އަތުގައި އޮތް ދަަބަސް ތެރެއަށް އެ ޝޯޓުބުރި ލިއެވެ. “އަޒީމް… ކޮފީއެއް ހަދައިދެންތަ؟…” އަވަސް އަރުވާލާފަ ހުރި އަޒީމް ފެނުމުން މަންޝާ އަހާލިއެވެ.

“އާން.. އެކަމަކު ވަރަށް އަވަސް ކުރާތި އެހެން ނޫނީ އަހަރެން ގަޑި ޖެހޭނެ….” އަޒީމް ޔުނީފޯމް ލައިގެން ބެގީ ކުރަމުން ވާހަކަ ދެއްކިއެވެ. މަންޝާ އަަވަސް ވެގަތީ ބަދިގެއަށެވެ. އަޒީމަށް ބޮވޭ ވަރަށް ހޫނު ކޮފީތައްޓެއް ހަދައިދިނެވެ. ބޭރަށް ނުކުމެ ބޫޓަށް އެރުމަށްފަހު އަޒީމް ކޮފީތަށި އެއް ނޭވާއިން ދަމާލިއެވެ. އަދި ފެންކޯވަރެއް ބޯލުމަށްފަހު މަންޝާގެ ގައިގާ ބައްދާލުމަށްފަހު ނިތްކުރިއަށް ބޮސްދިނެވެ.

“ދަނީ އިނގޭ…. މިއަދު މެންދުރު ނާދެވޭނެ… ހުޅުމާލެއަށް ދާން ޖެހޭ…. އިނގޭ…” އަޒީމްގެ ޖުމްލަ ނިމުމުން މަންޝާ ބޯ ޖަހާލިއެވެ. އަޒީމް އަތަށް މޭޒުމަތީ އޮތް ސައިކަލު ތަޅުދަނޑި މަންޝާ ދިނެވެ. ދަބަސް ކޮނޑުގައި އަޅުވައިގެން އަޒީމް އަވަހަށް ގެއިން ނުކުމެގެން ދިޔައީ ތެޅެމުން ފޮޅެމުންނެވެ. އަޒީމް ދިޔުމުން މަންޝާ ދޮރު ތަޅުލުމަށްފަހު އެނދަށް އަރާ އޮށޯވެ ނިދީއެވެ.

*** *** *** *** *** ***

ޟިރާރަށް ސައި ދިނުމަށްފަހު ރިޔާޒް ގެއަށް ދާން ހޮސްޕިޓަލުން ނުކުތީ ހެނދުނު ދިހަ ގަޑި ބައި ވީފަހުންނެވެ. ރިޔާޒްއައިސް ގެއަށް ވަތްއިރު ގޭތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. ހުރިހާ ދޮރުތަކެއް ހުރީ ލައްޕާ ފައެވެ. ރިޔާޒް މަޑުމަޑުން ވަދެ ކޮޓަރި ދޮރު ހުޅުވާ އެތެރެއަށް ބޯ ދިއްކޮށްލިއެވެ. ރިޔާޒް ދިޔައީ ތަރި ބުރައިގެންނެވެ. އަދިވެސް މީރާ އޮތީ ނިދާފައެވެ. އެހެންޏާ ހެނދުނު ހެނދުނާ ހޭލާ މީރާ އަދިވެސް ނިދާފައި އޮތުމުން ރިޔާޒް ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ނަމަވެސް މީރާގެ މޫނުމަތިން ފެންނަމުން ދިޔަ މައުސޫމްކަން ފެނުމުން މީރާއަށް ނުގޮވާ ރިޔާޒް ބޭރަށް ނުކުތީ ބެލްކަންޏަށް ނުކުމެ ސިނގިރޭޓެއް ބޯށެވެ.

ރިޔާޒް ސިނގިރޭޓް ރޯ ކޮށްލުމަށްފަހު ބެލްކަނީގައިވާ ގޮނޑީގައި ހަމަޖެހިލައިގެން އިށީނެވެ. ސިނގިރޭޓުގެ ދުންތައް އެތެރެއަށް ދަމަމުން ދިޔަ އިރު ރިޔާޒް ވިސްނަަމުން ދިޔައީ އޭނާގެ މަންމައާ މެދުގައެވެ. ގަވާއިދުން އައި.ސީޔޫއަށް އަލިބެ ވައްދައިގެން ކިޔަވަމުން ދާތީ މަންމައަށް ކޮންމެވެސް ލުޔެއް ލިބެމުންދާކަން އެނގެއެވެ. މީހާރު އާމިނަ ވަނީ ހޭއަަރާފައެވެ. ނަަމަވެސް އޭނާ ވަނީ އަދިވެސް މެޝިންތަކާ ގުޅާފައެވެ.

ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިން ރިޔާޒަށް ސިހުމެއް ލިބުނީ ގޭތެރޭން އިވުނު އާދަޔާ ޚިލާފް އަޑަކުންނެވެ. ރިޔާޒް އެއަޑަށް ސަމާލުކަން ދީގެން އިރުކޮޅަކު މަޑުކޮށްލިއެވެ. އަނެއްކާވެސް އިވުނީ މީހަކު އޯކާ ދެމޭ ކަހަލަ އަޑެކެވެ. ބެލްކަނީގައި ހުރި އަޅިކެނޑީތެރެއަށް ސިނގިރޭޓް ބުރި ނިއްވާލުމަށްފަހު އަޒީމް އެތެރެއަަށް ވަނުމަށް ހިނގައިގަތެވެ. ކޮޓަރިއަށް ވައިން އިރު އެނދުމަތީގައި މީރާ ނެތުމުން ރިޔާޒްގެ ނަޒަރު ގޮސް ހުއްޓުނީ ފާޚާނާއަށެވެ.

ފާޚާނާ ދޮރު ހުރީ އެއްކޮށް ނުލެއްޕިކަަމުން ރިޔާޒް ގޮސް ދޮރު ހުޅުވާލިއެވެ. ފާޚާނާ ތަށިގަނޑު ތެރެއަށް ގުދުވެގެން މީރާ އޮތީ ހޮޑުލާށެވެ. ރިޔާޒް އަވަސްއަވަހަށް އެތެރެއަށް ވަދެ މީރާގެ ބުރަކަށީގައި ފިރުމާލިއެވެ. މީރާ އޯކާދެމިދެމި ހަންވިއިރު ހޮޑަށް އައީ މަދު ފެންފޮދެކެވެ. އެވެސް ހުރީ މަޑު ރީނދޫ ފާޑު ކުލައަކަށެވެ. މީރާ ކޮޅަށް ތެދުވަން މަސައްކަތް ކުރީ އޭނާގެ އުނަގަނޑުގައި އަތް ވިއްދައިގެން ހުރެއެވެ. މޫނު ދޮޮންނަ ތައްޓާ ކައިރިވެ އިސްކުރު ދޫކޮށްލުމަށްފަހު މީރާ އޭނާގެ މޫނު ދޮވެލިއެވެ. ލޯގަނޑުން މޫނަށް ބަލާލިއިރު އޭނާގެ ދެލޯވަނީ ވަރަށް ރަތްވެފައެވެ. މޫނުމަތިވެސް ވަަނީ ކޮންމެވެސް ވަރަކަށް ފޮއްސިވެލާފައެވެ. ކުޑަ ތުވާލިކޮޅަކުން މޫނު ހިއްކަމުން ފާޚާނާއިން ނުކުތްއިރު ރިޔާޒް ބޭރުގައި ހުރީ ކަންބޮޑު ވެފައެވެ. މީރާގެ މޫނާ ދިމާލަށް ރިޔާޒް ބަލަން ހުރުމަށްފަހު ވާހަކަ ދެއްކިއެވެ. “ކިހިނެއްވީ… މީރާ ބަލީތަ؟… އަހަރެން ހިތަށް އެރި މީރާ އެހާ ލަސްވަންދެން ނުހޭލާ އޮތީމަ ކޮންމެވެސް ގޯހެއް އެބަ އުޅޭޔޭ… ހިނގާ ޑޮކްޓަރަށް ދާން…”

މީރާ އައިސް ރިޔާޒްގެ މަގަތުގައި އިށީނެވެ. “އައްޗީޑި ރިޔާ… ތި އައީ ސިނގިރޭޓު ބޮއެގެންދޯ… އަޅެ ތިކަން ހުއްޓަން ވެއްޖެނުން…” މީރާ މޫނު ކުނިކޮށްގެން ހުރެ ރިޔާޒާ ވާހަކަ ދައްކަމުން ދިޔައީ ރިޔާޒްގެ ގައިން ދުވަމުން ދިޔަ ސިނގިރޭޓު ދުމުގެ ވަހާ ހެދި އުނދަގުވާތީއެވެ.

“ކޮބާތަ މައްސަލައަކީ… އަހަރެން މީރާއާ މެރީ ކުރިއިރުވެސް ސިނގިރޭޓް ބޮން… މިއަދުތަ އައްޗީޑިވީ…” ރިޔާޒް މީރާއާ ގާތްވަމުން އެހެންބުނެލީ ސަމާސާ ކުރާ ކަހަލަ ގޮތަކަށެވެ. “އައްޗީ… ދެން ނޫން…” މީރާއަށް އިތުރު އެއްޗެއް ބުނެވޭ ވަރެއް ނުވިއެވެ. އަނެއްކާ މޭނުބައިކޮށް ހޮޑުލަވާގޮތް ވިއެވެ. އެހެންކަަމުން އެނދުމަތިން ތެދުވެ ފާޚާނާއާ ދިމާލަށް ދުއްވައިގަތެވެ.

“މީރާ…. ހިނގާ ހޮސްޕިޓަލަށް ދާން… މިހާރު ކިތައް ފަހަރު ހޮޑުލައިފިންތަ؟…” މީރާ އަނެއްކާ ހޮޑުލާން ފާޚާނާއަށް ވަނުމުން ރިޔާޒް ވަރަށް ދެރަވިއެވެ. ރިޔާޒް ލައިގެން ހުރި ގަމީހުން ވަސް ބަލާލުމުން އޭގެން ކޮންމެވެސް ވަރަކަށް ސިނގިރޭޓް ވަސް ދުވިއެވެ. އެހެންކަމުން އެ ގަމީސް ބާލާ ދާ ވަށިގަނޑަށް ލިއެވެ. ފާޚާނާއިން މީރާ ނުކުތް އިރު އޭނާގެ ގައިގަ އެއްވެސް ވަރެއްނެތެވެ. މީރާގެ އަތުގައި ރިޔާޒް ހިފައިގެން ގޮސް އެނދުގައި ބެހެއްޓުމަށްފަހު ކޮޓަރިތެރެއަށް އެއަރފްރެޝްނާ ޖަހާލިއެވެ.

ބަދިގެ ތެރެއަށް ނުކުމެ ރިޔާޒް ޖޫސްތައްޓެއް ތައްޔާރުކޮށްލުމަށްފަހު މީރާއަށް ޖޫސް ގެނެސްދިނެވެ. “މީރާ… ތި ޖޫސް ބޯލައިގެން ހިނގާ ޑޮކްޓަރަށް ދައްކަންދާން…” ރިޔާޒް ހުރީ ކަންތައް ބޮޑުވެފައެވެ. “ޖޫސްތަށީގައި ހިފަމުން މީރާ ރިޔާޒް އަތަށް އެއްޗެއް ދިއްކޮށްލިއެވެ. “މި ކޯއްޗެއް؟….” ރިޔާޒް އެ ހުދުކުލައިގެ ދަނޑިކޮޅުގައި ހިފީ ސުވާލުން ފުރިފައިވާ ނަޒަރަކުން މީރާއާ ދިމާލަށް ބަލަމުންނެވެ.

މީރާ ލޮލުގެ އިޝާރާތުން އެއަށް ބެލުމަށް އިޝާރާތް ކުރިއެވެ. ރިޔާޒް އަތުގައި އޮތް ދަނޑިކޮޅަށް ބަލާލިއެވެ. އެއީ މާބަނޑުތޯ ޓެސްޓުކުރާ ކިޓެކެވެ. އޭގައިވަނީ ގަދަ ފިޔާތޮށި ކުލައިން ދެ ރޮނގު ކުރެހިފައެވެ. ރިޔާޒަށް މިލިބުނު އުފާވެރި ޚަބަރުން މީރާގެ ގައިގާ ބައްދާލަން ކައިރި ވެވުނެވެ. “ނޫން ރިޔާ… ރިޔާ ދޭ ފެންވަރަން… އަނެއްކާ މީރާއަށް ހޮޑު ލެވޭނީ… ތިވަހުން ބޯ އަނބުރާތީ މިއުޅެނީ…. ނިދާފަ އޮއްވާ މި ހޭލެވުނީ ތި ވަހެއް ދުވާތީ މޭ ނުބައި ކޮށްގެން….” މީރާ އަތުގެ އިޝާރާތުން އިތުރަށް ކައިރިއަށް ނާންނާށޭ ބުނަމުން މީރާއަށް ވީގޮތް ހާމަ ކުރިއެވެ.

“އޯ ސޮރީ.. އަހަރެން ދެން ސިނގިރޭޓެއް ނުބޯނަން… އަޅެ މީރާއަށް ކޮން އިރަކު އެނގުނީ…. ކީއްވެ އަހަރެން ކައިރީ ނުބުނީ…” ރިޔާޒް ފާޚާނާއަށް ފެންވަރަން ވަންނަން ދާން ތުވާލި ނަގަމުން އަހާލިއެވެ.

“އިއްޔެ އެނގުނީ…. އަދި ރިޔާޒް ކައިރީ ނުބުނެވިފަ މިހުރީ… ރިޔާޒް ހޮސްޕިޓަލުގަ އެދުވަހު މަޑު ކުރީމަ…. ހިތަށް އެރީ ފަހުން ރަނގަޅު ވަގުތެއް ހޯދާފައި ބުނާނީއްޔޭ….” މީރާ ވާހަކަ ދައްކަމުން ދިޔައީ މަޑުމަޑުން ޖޫސްތަށިން އެތިފޮދު ބޮމުންނެވެ.

ރިޔާޒް ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބޭނުންވީ އަވަހަށް ފެންވަރައިގެން އަންނާށެވެ. މީރާގެ ގައިގައި ލޯބިން ބައްދާލެވޭނީ ގައިން ދުވާ ސިނގިރޭޓު ވަސް ފިލުވައިގެންނެވެ. ރިޔާޒް ހިތާހިތުން މާތްﷲއަށް ހަމްދު ކުރިއެވެ. އެމީހުންނަށް ލިބެން އުޅޭ ދަރިފުޅާ ދޭތެރޭ ވިސްނާލެވުނެވެ. ކުއްލިއަކަށް މި ލިބުނު ޚަބަރުން ރިޔާޒަށް ޝޮކެއް ލިބުނު ކަމުގައިވީ ނަމަވެސް އެއީ މިވޭތުވެދިޔަ ދުވަސްތަކުން ލިބުނު ހިތާމަވެރި ޚަބަރުތަކާއި އަޅާ ބަލާއިރު ވަރަށް އުފާވެރި ޚަބަރެކެވެ. އެވަގުތު ރިޔާޒްގެ ހިތަށް ރޫހީގެ ހަނދާންތައް އުނދަގޫ ކުރަމުން ދިޔައެވެ. ރޫހީ ދުނިޔޭގައި ހުރިނަމައޭ ހިތަށް އެރިއެވެ. ރިޔާޒް ލޮލަށް ޖަމާވަމުން ދިޔަ ކަރުނަަތައް ފޮހެލުމަށްފަހު ފާޚާނާގައި ހުރި މޫނު ބަލާ ލޯގަނޑަށް ބަލަން ހުރެވުނެވެ.

*** *** *** *** *** ***

އޮފީހުގެ މަސައްކަތްތައް ނިންމާލުމަށްފަހު އަޒީމް ބޭރަށްނުކުމެ މިސްރާބުޖެހީ ހުޅުމާލެއަށް ދާ ބަސް ހުއްޓި ކައިރިއަށެވެ. އެތާ މަޑުކޮށްގެން ހުއްޓާ އަޒީމްގެ ފޯން ރިންގްވާން ފެށުމުން ފޯނަށް ބަލާލިއެވެ. އެ ގުޅަނީ ރިޒްވީއެވެ.

“ހަލޯ… ކޮބާ އަންނާކަށް ނުވޭތަ؟… ބަހަށް އަރާފަ އަހަރެންނަށް ގުޅާ… އޭރުން އެއަރޕޯޓް މެއިން ބަސް ސްޓޮޕަށް އަހަރެން ބަލާ ދާނަން…” އަޒީމްގެ ޚަބަރެއް ނުވެ ލަސްވުމުން ރިޒްވީ ގުޅީއެވެ. އަޒީމް މިހާރު ބަހަށް އަރަނީކަމަށް ބުނުމުން ރިޒްވީ ފޯނު ކަނޑާލިއެވެ. ބަހަށް އެރުމަށްފަހު ޓިކެޓަށް އަޒީމް ފައިސާ ދެއްކިއެވެ. އަދި އެ ބަހަށް އަރަން ތިބި އެންމެން އެރުމާއި އެކު ބަސް އޭގެ މަންޒިލަށް ދިޔުމަށް ދަތުރު ފެއްޓިއެވެ. ފަނަރަ މިނެޓަށްފަހު ބަސް އައިސް ރިޒްވީ މަޑުކޮށްގެންހުރި ބަސް ހުއްޓި ކައިރިއަށް މަޑުކޮށްލިއެވެ. އަޒީމް އަންނަންވާއިރަށް ރިޒްވީ ހުރީ ބަލާ އައިހެވެ.

ދެމީހުން އެކީ ފުރަތަމަ ދިޔައީ ރިޒްވީ ހަދަމުންދާ ގެސްޓް ހައުސަށެވެ. އެތަނުގެ ގިނަ މަސައްކަތްތައް ވަނީ ނިމިފައެވެ. ދެވަނަ ބުރީގައި ނިމިފައި ހުރި ކޮޓަރިތަކުން ކޮޓަރިއެއް އަޒީމަށް ދިނެވެ. އެ ކޮޓަރިވަނީ މުޅިން ނިމިފައެވެ. ފަރުނީޗަރާ ހުރިހާ ސާމާނެއް ވަނީ ތަނުގައި ލާފައި ހުރި ކުލައާ ގުޅުވާފައެވެ. އޮފީސް ޔުނީފޯމް ބޭލުމަށްފަހު އަލަމާރި ތެރޭގައި އަޅުވާލިއެވެ. އަދި ގެނައި ޝޯޓާއި ޓީޝާޓް ލައިގެން އަޒީމް ބޭރަށް ނުކުތީ ފޯނު ހިފައިގެންނެވެ.

“އޭ ވަރަށް ސަޅި މިތަން… އެފްލޯ އެހުރީ ނިމިފަދޯ….” ތިރިއަށް ފޭބިއިރު ކައުންޓަރު ކައިރީ ހުއްޓިގެން ހުރި ރިޒްވީ ފެނުމުން އަޒީމް އަހާލިއެވެ.

“އާން… އަސްލު އެއީ މިދޭތެރެއިން އަހަރެންގެ އަންހެނުންނާ ކުދިން މާލެ އައިމަ…. އެތަން އެހުރީ ދެން އަވަސް އަރުވާ ނިންމާލާފަ، ފަރުނީޗަރާ ސާމާނުވެސް ވެއްދީ ވަރަށް ފަހުން… މިހާރު އެމީހުން ލަންކާއަށް ފުރައިފި….” ރިޒްވީއަކީ މެދު އުމުރުގެ ފިރިހެނެކެވެ. އޭނާއަކީ މާލޭގެ މަޝްހޫރު މުއްސަނދި، ގަދަރުވެރި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އޭނާގެ އަންހެނުންނާ ކުދިން ދިރި އުޅެމުން އަންނަނީ ސްރީލަންކާގައެވެ. ލިބޭ ޗުއްޓީތަކުގައި ރާއްޖެ އައިސް މަޑުކުރަނީ ހުޅުމާލޭގައެވެ.

“ކޮބާ މަސައްކަތަކީ؟…. އަހަރެން ބޭނުމީ އަވަހަށް މަސައްކަތް ފަށަން…” އަޒީމް މިހެން ބުނުމުން ކައުންޓަރު މަތީ އޮތް ކުރެހުން އަޒީމަށް ދައްކާލިއެވެ.

“މީ މިތާ އިންޓީރިއާރ… މީ އަހަރެން ބޮޑު އަގު ދީފަ މީހަކު ލައްވާ ހެއްދީމަ ވާ ގޮތަކީ… މި ކައުޓަރު ބިއްދޮށާ، ގެސްޓުން އިށީންނަން މި ހުރި އޭރިޔާ އަަހަރެން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ… އަދި ޓެރަސް ބައިވެސް އަަހަރެން ހިތްހަމަޖެހޭ ގޮތަކަށް ނޫން އެހެރީ… އަހަރެން ބޭނުންވަނީ މިކަމަށް އަޒީމް ފާޑެއް ކިޔާލާފަ ގޮތެއް ހަދައިދޭން… އަޒީމަށް އަހަރެން ރަނގަޅު އަގެއްވެސް ދޭނަން… ވާނެތަ؟…” ކައުންޓަރު މަތީ ހުޅުވާފަ އޮތް ފައިލްގެ ގަނޑުތައް އުކަމުން ރިޒްވީ ވާހަކަ ދައްކަމުން ދިޔައެވެ.

ރަނގަޅަށް އެ ކުރެހުންތަކަށް ބަލަން ހުރުމަށްފަހު އަޒީމް ބޯ ޖަހާލިއެވެ. ” އާން މިކަން ވެދާނެ…. ކޮން އިރަކަށް މިތަން ހުޅުވަން ތި ގަސްތު ކުރަނީ…”

އަޒީމްގެ ކޮނޑުގައި ޖަހާލަމުން އަންނަ އަހަރުކަމަށް ރިޒްވީ ބުނަމުން އެ އިމާރާތުން ބޭރަށް ދެމީހުން އެކީގައި ނުކުތެވެ. އެ އިމާރާތަކީ ހުޅުމާލެ ބީޗް ސަރަހައްދާ ވީ ފަރާތުގައިވާ ބިމެއް ކަމުން އެ އިމާރާތުން ނުކުންނަަ އިރު ކުރިމައްޗަށް އޮންނަނީ ބީޗެވެ. އެކި އުމުރު ފުރައިގެ ކުދިންތައް އޭރު ބީޗްގައި ސަކަރާތްޖަހާ މޫދަށް އެރި އުޅުނެވެ.

“އަޒީމް…. އަހަރެން އެބަ އަންނަން ކާރު ހިފައިގެން…. މަޑުކޮށްލާ…. މި އަންނަނީ އިނގޭ…. ކައިގެންނު މަސައްކަތައިގެން އުޅެންވާނީ…” ރިޒްވީ ޖެހިގެން އޮތް ގޯޅިއަށް ލަންބާލުމުން ރިޔާޒްގެ ނަޒަރު ގޮސް ހުއްޓުނީ ބީޗާ ދިމާލަށެވެ. ކުރިއަށް ހިނގަމުން މަޑުމަޑުން ބީޗާ ދިމާލަށް ނުކުތެވެ. ތޮއް ޖެހިފައިވާ މާލޭގައި އުޅެއުޅެފައި ހުޅުމާލެއަށް އައުމުން ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

ކުއްލިއަކަށް ވައި ގަދަވެ ގަސްތައް ދެއަތަށް ހެލެން ފަށައިފިއެވެ. ޖެހެމުންދިޔަ ގަދަވއިގެ ތެރޭގައި އަޒީމަށް ލޯ ހުޅުވަން ދަތި ވިއެވެ. ވަޔާއި އެކީ އަންނަ ވެލީގެ ހަމަލާއިން ސަލާމަތްވާން މޫދާ ވީ ފަރާތަށް އަޒީމް ފުރަގަސް ދިނެވެ. އުޑު މައްޗަށް ނަޒަރު ހިންގާލެވުނީ އުޑުމަތި ބަނަވެ އަނދިރިވާހެން ހީވުމުންނެވެ. އޭރު ވިއްސާރަ ވިލާތަކުން އުޑުމަތިވަނީ ބައްދާފައެވެ. އަތިރިމަތީ ތިބި ގިނަ މީހުން އެއްގަމަށް އަރަމުން ދިޔައެވެ. ގިނައިރުތަކެއްނުވެ ވައި މަޑުވެއްޖެހެން ހީވުމުން އަޒީމް މޫދާ ދިމާލަށް ބަލާލިއެވެ.

މިހާރު އެހިސާބުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވަށައިގެން އެ ސަރަހައްދަށް ބަލާލެވުނީ ކުއްލިއަކަށް މީހުންތައް މަދުވުމުންނެވެ. އެވަގުތު އަޒީމްގެ ލޮލުގައި އަޅައިގަތީ ބީޗްގެ ދޮންވެލިގަނޑު މަތީގައި އިށީނދެގެން އިން އަންހެން ކުއްޖާ ފެނުމުންނެވެ.

އަސޭމިރުސް ފުއްތަކެއްހާ ބުޅި، ވަރުގަދަ އިސްތަށިގަނޑެކެވެ. އޭނާގެ އިސްތަށިގަނޑުގެ ތަންތަންކޮޅުންވަނީ ހައި ލައިޓްކޮށް ކުލަޖައްސާފައެވެ. ވަޔާއި އެކު އުނަގަނޑާ ހަމަޔަށް އޮތް އިސްތަށިގަނޑު ވިހުރެމުން ދިޔައިރު އެ އަންހެން ކުއްޖާގެ ފުރަގަހުން ހަށިގަނޑު ފެންނަަ އިރު އޭނާގެ ލޫޅާފަތިކަން ހާމަވެއެވެ. އެއަންހެން ކުއްޖާއަށް ބަލަން އަޒީމަށް ހުރެވުނީ އެހިސާބުން އިތުރު މީހަކު ފެންނަން ނެތުމުންނެވެ.

މަޑުމަޑުން އެ އަންހެން ކުއްޖާ ދޮންވެލިގަނޑު މަތިން ތެދުވެ ދެއަތް ފޮޅާލިއެވެ. ބުޑުމަތީ އަތް ހާކާލަމުން ޖިންސުގައި ހަރުލާފައިވާ ވެލިތައް ފޮޅާލިއެވެ. އަދި އިސްތަށިގަނޑު އެއްފަރާތަކަށް ގެންނަމުން އެއްގަމާ ވީ ފަރާތަށް އޭނާ އެނބުރުނެވެ. ހަމުގެ ކުލަ ދޮންކަަމުން ހީވަނީ ޔޫރަޕް ކުއްޖެއްހެންނެވެ. ކުޑަ ނިތްކުރިއެކެވެ. ބޮޑު ދެލޮލެވެ. އޭނާގެ ލޮލުގެ ކުލައިގެ ސަބަބުން އޭނާ އިތުރަށް ފުރިހަމަ ކޮށްދެއެވެ. އަޒީމަށް ހުރެވުނީ ކަޅި ޖަހާނުލާ އެ އަންހެން ކުއްޖާއާ ދިމާލަށް ބަލާށެވެ. އަޒީމާ އަރާހަމަކުރަމުން އެ އަންހެން ކުއްޖާ ހީލިއެވެ. އެއްކޮލުގައި އަޑިކޮޅެއް ވެސް އިނެވެ. އަޒީމް ހިތާ ހިތުން އެ އަންހެން ކުއްޖާއަށް ތަޢުރީފް ކުރިއެވެ.

އެ އަަންހެން ކުއްޖާގެ ރީތިކަން ފެނި އަޒީމަށް ހުރެވުނީ އާ ޝޯޚްވެފަައެވެ. އެވަރުގެ ރީތި އަންހެން ކުއްޖެއް މިއިން ދުވަހަކު އަޒީމް ނުދެކެއެވެ. އެ އަންހެން ކުއްޖާ ހިނިތުންވުމެއް ބަދަލުކޮށްލުމުން އަޒީމަށް ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ކުރިއެވެ. ސިހިފައި މަގުމައްޗަށް އަޒީމް ބަލާލީ ކާރެއްގެ ބަރުގޮނުގެ އަޑު އިވުމުންނެވެ.

“ހެއި އަަވަހަށް އާދޭ….” ރިޒްވީ ބިއްލޫރިގަނޑު ތިރިކޮށްލަަމުން ބުންޏެވެ. އަޒީމް އެރީ ރިޒްވީއާ ޖެހިގެން އިން ސީޓަށެވެ. ރިޒްވީ ކާރު ދުއްވާލީ ރަނގަޅު ރެސްޓޯރަންޓަކާ ދިމާލަށެވެ. ޖެހިގެން އޮތް ގޯޅިއަށް ކާރު ލަނބާލި އިރުވެސް ފަސް އެނބުރިފައި އެ އަންހެން ކުއްޖާއާ ދިމާލަށް އަޒީމް ބަލާލިއެވެ. އެ އަންހެން ކުއްޖާ ލޮލުކޮޅަށް ގެއްލުމުން ސީޓުގައި އަޒީމް ހަމަޖެހިލިއެވެ. ހަމައެވަގުތު ވާރޭ ކަނި ޖަހަން ފެށިއެވެ. ވާރޭގަ ނުޖެހި އަޒީމް ސަލާމަތްވީ ހަމަ ކިރިިޔާއެވެ.

*** *** *** *** *** ***

އިރު އޮއްސެން ކައިރިވަނީއެވެ. މަންޝާ ސައިބޮއެގެން ބެލްކަންޏަށް ނުކުތެވެ. ފޫހިވާތީ ޒުހާމެން ގެއަށް ދާން ހިތަށް އެރިއެވެ. ނަމަވެސް އުޑުމަތި ބަނަކޮށްފައި އޮތުމުން ބޭރަށް ދާން ބޭނުން ނުވީއެވެ. މަންޝާ ލައިގެން ހުރީ ކަކުލާ ހަމައަށް އަންނަ ކުރު ހެދުމެކެވެ. ބެލްކަނީގެ ދަގަނޑުގަނޑުގައި ލެނގިލައިގެން ފޯނުން ފޭސްބުކް ޕޭޖް ހާވާލަ ހާވާލަ ހުއްޓާ ފޯނުގެ ޑިސްޕްލޭއަށް ފެންތިއްކެއް ޖެހުނެވެ. ވަގުތުން މަންޝާ ބަލާލީ މައްޗަށެވެ.

ވާރޭކަނި ޖަހަން ފޭށީއެވެ. ދެ ލޯ މަރާލަމުން މަންޝާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އެވަގުތު މަންޝާގެ މޫނުމައްޗަށް ވެރިވީ އުފާ ވެރިކަމެވެ. ވާރޭވެހުމަކީ މަންޝާ ވަރަށް އުފާ ވާ ކަމެކެވެ. މީހަކު ތުނބުން ފުމެލި އަޑު އިވުމުން މަންޝާ ސިހިފައި ބޭރަށް ބަލާލިއެވެ. މަގުމެދުގައި ކަރު މައްޗަށް ޖަހައިގެން މަންޝާއާ ދިމާލަށް ބަަލަން މި ހުރީ ޒިބާނެވެ. ވާރޭ ބޯކުރަން ފެށިއެވެ. ޒިބާން މަޑުމަޑުން އަސްކަނި ކައިރިއަށް ޖެހިލިއެވެ. ޒިބާންގެ މޫނު މައްޗަށް ވެއްޓިފައި އިސްތަށިތަކުގައި އަތް ހާކާލަމުން މައްޗަށް ބަލާލިއެވެ. ޒިބާންގެ ބެލުމުގައި ހުރީ މައުނަވީ ގޮތެކެވެ.

ޒިބާން ވާރޭގަައި ހުރެ ތެމޭތަން ފެނުމުން މަންޝާ ވަރަށް ދެރަވިއެވެ. ކުރިއަށް ވުރެއް ވާރޭ ބޯ ކުރަމުން ދިޔައެވެ. ބެލްކަނީގައި ހުރުމުން މަންޝާވެސް ހުރީ  ތެމި ފޯވެފައެވެ. އުޑުމަތި ބަނަކޮށްފައި އޮތްގޮތުން އަވަހަށް ވާރޭ ނުހުއްޓާނެކަން ޔަގީނެވެ. މަންޝާ ގަސްތު ކުރީ ޒިބާން ގޭތެރެއަށް ވައްދާށެވެ. އެހެންކަަމުން މަންޝާ ބެލްކަނިން ބޭރަށް ލެނބިލަމުން ޒިބާނަށް ގޮވާލިއެވެ. އަދި އަތުގެ އިޝާރާތުން ގޭގެ ދޮރު ދައްކާލަމުން އެތެރެއަށް އައުމަަށް އެދުނެވެ.

އެގޭ މައި ދޮރާ ދިމާލަށް ޒިބާން ހިނގައިގަތީ މަގުމަތީގައި ހެދިފައިވާ ފެންގަނޑުތަކުން ރެކެން ދުރުދުރުގައި ފިޔަވަޅު އަޅަމުންނެވެ. ކޮޓަރިތެރެއަށް ވަދެ ރީތިވާ މޭޒުގެ ލޯގަނޑުން އަމިއްލަަ ނަފްސަށް މަންޝާ ބަލާލިއެވެ. އައްސާ ހުޅިޖާހާފައިވާ އިސްތަށިގަނޑު ނިއުޅުވާލަމުން އަތުން ބޮލުގެ އިސްތަށިގަނޑުގައި އަތް ހާކާލަމުން ރީތި ކޮށްލިއެވެ.

އެޕާރޓްމަންޓް ދޮރު ކައިރިއަށް މަންޝާ ދިޔައީ ތުވާއްޔެއް ހިފައިގެންނެވެ. އެހިސާބަށް ދެވުނު އިރު މަންޝާގެ ހިތުގެ ވިންދު ވަނީ އިންތިހާއަށް އަަވަސްވެފައެވެ. ޒިބާން އެތެރެއަށް ވަންނާނެ ބާއޭ އޭނާގެ ހިތަށް އެރިއެވެ. ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން މަންޝާ ދޮރާ ހަމައަށް ދިޔައެވެ. ހިންދިރުވާލަމުން މަންޝާ ދޮރު ހުޅުވާލީ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރި ކުރުވަމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (32)

  1. mary

    Oh no….. Kon Aa anhen kujjeh e dhakkaaleee…. N mansha eyna geyah vahdhaneetha…. Ooops…. Next episode kiyaahithun…. Keymadhuvefa

    1. Shax Lyn
      mary

      hehehe…. next episode ga e kujjaa ge baithakeh himeneyne…..

  2. shiff

    wooww… new charactr e dho miaee annekaaa…kuriya huri bai tha kiyaa hithun mihuree mihaaru..amazing story keeep it up..❤❤

    1. Shax Lyn
      shiff

      hmmm new character eh…. Thanks Shif

  3. no one

    Am just wondering who’s that beautiful girl…..

    1. Shax Lyn
      no one

      check out the next episode on Thursday… 🙂

  4. zibaan

    Hahaha… Finally she invited him to come in……

    1. Marsha
      zibaan

      Ohhh.. kihineh mivany.. e girl akyves jinni ehtha?? Zibaan ulheny dho azym man aa dhuru kuran.. so he brought a girl.. kihinehtha vaan miulheny.. man zibaan geyah vahdhaigen goaheh nuhingaane baa… n meera preg vmaves hithah arany konmes goahekey… vaahaka is vvvv nice.. anehbai kiyaa hithunnnnn.. waiting waiting..

  5. shahu

    very nice , exited to read next episode

    1. Shax Lyn
      shahu

      Thanks zibaan Marsha n shahu…. <3

  6. Mansha

    Mann loabivany azeem dheke ey. noolhen zibaan eky kameh kuraakah

    1. Shax Lyn
      Mansha

      ya dhw…. see what happens next…. 🙂

  7. iffa

    Erea mansha a gulhun hingifavany axeem a eku nun. Ei zibaan anehkkolhun mihaaru mansha preg xibaan ge dhariyaka e lhiraaru aky manshaage bappa ehenve xibaan ehaa faseahain manshaa hithuga alhaagathyy .. Mi iffa a a heevaagoth dhow shaxxx am i right. Mihaaru ingen beanunvany keevvehea xibaan lhiraaru family a alhaagen e ulhenyy why

    1. Shax Lyn
      iffa

      hey iffa…. vaahaka fahu kolhuga hurihaa secrets eh ingeyne…. just be patient… 🙂

    2. Shax Lyn
      iffa

      and Thank u so much for showing so much interest towards this story…. I hope u like it

  8. zibaan ge gurl?

    Waitting waitting..dhn waane gothakaamedhu wisnenii..romentic kohlahchey hehe

    1. Shax Lyn
      zibaan ge gurl?

      THanks <3

  9. rosy

    Vara reethi

    1. Shax Lyn
      rosy

      Thanks rosy

  10. ken?

    i doubt on meeraa…dnt knw y bt feeling fishy abt her behaviour since last few episodes….n tw who is dat beautiful gal dat azym got mesmerised after seeing her…i guess smthn might happen betwyn dem wen mansha leaves for her mom…? dn aneikkaa ehaa vissaara iruga zibaan n masha is alone..? aneikkaa kihineibaa vaan miulhenee…????

    1. Shax Lyn
      ken?

      hehehe u shud wait for the enxxt episode to knw whaat will happen next… Thanks for reading ken

  11. Shahi

    Mi anhenaa meeanehkaa nubaimeehehbaa

    1. Shax Lyn
      Shahi

      hehehehe….. nubaikameh rangalhu kameh ingeyneee dhen huri episode thakun

  12. rifa

    Shaxlyn ge vaahaka v reethi ekamaku mifaharuge vaahakaige baeh thankolhu kuh bas eba huri misaalakah meeraa endhu mathygau bahahtaafaey endhumathy baindhaany ehnnu dho dhen saikaluga dhemeehun vaahakaiga thibeyny saikal mathy hunnaany eh noon dho saxlyn thankyou v salhi ekam

    1. Shax Lyn
      rifa

      Thanks rifa…. ei miss vefa huri thankolheh… cox varah kuda vaguthu kkolheh ga liyuneema kamahves vedhaane… thanks ingey… ill correct it

  13. guess wot

    aa girl aky ves xibaan ge kameh hen heevany,,n meera thing ves..yaa n i guess mann is preg

    1. Shax Lyn
      guess wot

      hope u liked this episode too

  14. Riyaaa

    Aseymiruhakee bulhi ehcheh baaa??? Aseymirus fuhthakeh haa bulhi isthashigan’dekoa….
    Hahahhaaaaa…

    1. Shax Lyn
      Riyaaa

      aseymirus fuhthakeh haa kudhi bulhi eh kaamah sifaa koh dhinee…. kudhi bulhi ithurah sifa koh dheyn ehen bune ulhey….

  15. nazoo

    aseymirus fuhthakeh haa kudhi bulhi. stry v nice.

  16. shaai

    Shaax aneh episode up kurani kohirakuh

  17. Pinkish

    Wow… v loabi vaahaka eh… avahah aneh bai up kohdhehchey…. loved it☺

Comments are closed.