
ހާދަހާވޭ ކުރާހިތް ސަމާސާ 20 ވަނަ ބައި
ފައުޒާން ގޮނޑީގައި ހަމަޖެހިލި އެވެ. ކަނާއަތް ގެންގޮސް ހިބާގެ ބޮލާ ދިމާލުން ގޮޑީގައި ބާއްވާ ލެގިލި އެވެ. ކުރިމަތީ ތިބި އަޒްކާއާއި މާޒް ހިބާއާއި ފައުޒާންއަކަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ.
“އޯކޭތަ، ޒާން މިތާ އިނަސް.” ފައުޒާން ވައަތުން ފޯނު ނަގާ މެސެޖެއް ކޮށްލި އެވެ.
ހިބާ އަތުގައި އޮތް ފޯނަށް މެސެޖެއް އައިސް ގެން ބަލައިލި އެވެ.
“އާން. މާ ބޮޑަށްވެސް އޯކޭ.” ހިބާ މެސެޖު ކޮށްލި އެވެ. ފައުޒާން ހިބާއާއި ކައިރި ވެލި އެވެ. އެހެން މީހުނަށް ނޭގޭ ގޮތަށެވެ. ދެމީހުން ފޯނުން މެސެޖު ކުރަމުން ދިޔަ އެވެ. އަނގައިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ހަމަ އެކަނި މޫނުމަތިން ހިނިތުން ވުމެއް ފިޔަވާ އިތުރު ވާހަކައެއް ބޭރަކަށް ނޭގެ އެވެ.
“ބަލާބަލަ ކުރިމަތީ މިތިބަ ދެމީހުން. އެމީހުނަށް ހެޔޮ ދޯ މީހުން ތިއްބަސް.” ޒާން މެސެޖު ކުރި އެވެ.
“ހިބާ އެމީހުނަކަށް ނުބަލަން.” ހިބާ ވައްކަޅިން މާޒްގެ އަތުތެރޭ ބޮންޑިވެލައިގެން އޮތް އަޒްކާއަށް ބަލައި ލަމުން މެސެޖު ކޮށްލި އެވެ.
“ހިބާއަށް އޯކޭތަ އެގޮތަށް ހިބާ ގައިގަ ޒާން ހަގް ކޮށްލި އަސް؟” ފައުޒާން މެސެޖު ކޮށްލި އެވެ.
“ފައުޒާންއަށް ކެރޭނެތަ؟” ހިބާ މެސެޖު ކޮށްލަމުން ފައުޒާންއާއި ދިމާއަށް އެއްބުމަ އަރުވާލި އެވެ.
“ކެރިދާނެ އެކަމު ހިބާ ލަދު ގަންނާނީ.” ފައުޒާން މެސެޖު ކުރި އެވެ.
ދެމީހުން މެސެޖު ކޮށްލަ ކޮށްލަ ތިބެފައި ބަލައިލި އިރު ކުރިމަތީ ތިބި އަޒްކާއާއި މާޒްއަށް ތިބީ ނިދިފަ އެވެ. ފައުޒާން ހިބާގެ ކޮނޑުގައި އަތް އަޅުވާލާފައި ހިބާ ކައިރި ކޮށްލި އެވެ. ހިބާ ތެޅި ގަނެފައި ދުރަށް ދިޔަ އެވެ. “އޯކޭ ޒާންއަށް ކެރޭ. އެކަމު ދެން ނުހަދާތި.” ހިބާ މެސެޖު ކޮށްލި އެވެ.
ފައުޒާން އެހެން އިނދެ މީހުންގެ ލޯމައްޗަށް ބަލައިލާފައި ހިބާއަށް ކުދި ގޯނާ ކުރަމުން ދިޔަ އެވެ. ހިބާ ބައެއް ފަހަރު ބިރުން ގޮސް ހަލާކު ނުވަނީ ކިރިޔާ އެވެ. އެހެން އިނދެފައި ކުއްލިއަކަށް ކޮލަށް ދޮނެއް ދީފާނެ އެވެ. ހިބާގެ އުނަގަނޑުގައި ކޮށްޓާލާނެ އެވެ. އެހެން އުޅެނިކޮން މާލެ އާދެ ވުނުލެއް ވެސް އަވަސް ވެފައި ތިބީ އެދެމީހުނަށެވެ.
އެރޭ އެއްގޮތަކަށް ވެސް ނަދުވާ މެންގެއަށް ފިޒާ ދާ ހިޔާލެއް ނުކުރި އެވެ. ފިޒާ ނިދަން ބޭނުން ވަނީ ގޭގައި ކަމުގައި ބުނަމުން ދިޔަ އެވެ. އެންމެ ފަހުން އަލީ ފައުޒާން ކޮޓަރިއަށް ގޮސް ފިޒާ ނިދަން ހަމަ ޖެއްސީ ހަފީޒާ ކައިރީ އެވެ. ހޮޑު ލައި ލައި ފިޒާ އޮތީ މުޅިން ބަލި ވެފަ އެވެ.
ޖެހިގެން އައި ދުވަހު ހެދުނު ހެދުނާ އެންމެން ހޭލައިފި އެވެ. ހަފީޒާއާއި ފައުޒާން ވެސް ޑިއުޓީ އޮތީ ހެދުނު އެވެ. އަލީ ވެސް ފުރަން ހަމަ ޖެހިފައި އޮތީ ހެދުނު އެވެ. އެހެން ކަމުން ހިބާއާއި ރިފާ އަތްމަތި އަވަސް ކޮށްލާފައި ތިބީ އެންމެނަށް ސައި ހަދައި ދިނުމަށެވެ. އެންމެން އެއްކޮން ނާސްތާކޮށް ނިމިގެން އޮފީހަށް ދާ މީހުން ނިކުތުމުން ހިބާ ވެސް ކޮޓަރިއަށް ވަނީ ކުޑަކޮން ފިލާވަޅު ބަލައިލާ ހަދާލާށެވެ. ފިޒާ ފޫހިވެގެން ގޭތެރޭ އެނބުރެނީ އެވެ. ނަދުވާ ކައިރިއަށް ދާހިތެއް ފިޒާ ނުވެ އެވެ. ނަދުވާ ދައްކާފައި ހުރި ދެކޮޅު ނުޖެހޭ ވާހަކައިން ފިޒާ ނަދުވާ ދެކެ ފޫހިވީ އެވެ.
ހިބާ ފިލާވަޅު ދަސް ކޮށް ކޮށް ފޫހިވެގެން ނުކުމެ އެއްޗިހި ދޮންނަން އަޅާލި އެވެ. ދެން ތިރިއަށް ފޭބި އިރު ފިޒާ އިނީ ޓީވީ ބަލާށެވެ. ހިބާ އައިސް ފިޒާ ކައިރީ އިށީނެވެ.
“ކޯޗެއް ބަލަނީ؟ ކުންނާރު ކޮޅު ހުސްވީތަ؟” ހިބާ އެހެން ބުނުމުން ކުންނާރު މަތިން ފިޒާ ހަދާން ވި އެވެ. އަވަހަށް ދުވެފައި ކޮޓަރިއަށް ވަދެ ކުންނާރު ކޮތަޅު ހިފައިގެން ނުކުތެވެ.
“ތޭންކްސް ހިބާ. މިހުރީ ހަދާން ނެތިފައޭ މީގެ މަތިން.” ފިޒާ ކުންނާރު ކޮތަޅު ހިބާއަށް ދިއްކޮށްލީ ހިބާ ކުންނާރެއް ބޭނުން ވެދާނެ ކަމަށެވެ. ނަމަވެސް ހިބާ ބޯ ހޫރާލި އެވެ.
“ކީއްވެ ނަދޫ ކައިރިއަށް ނުގޮސް ތި އިންނަނީ؟ ދެމީހުން ރުޅި ހަދާލީތަ؟” ހިބާ އަހާލި އެވެ.
“ނަދުއްތަ ދައްކާފަ ހުރި ވާހަކަތައް ދިމާ ނުވާތީ ނަދުއްތަ ދެކެ ފޫހިވެފަ މި އިންނަނީ.” ފިޒާ ބުންޏެވެ.
“އާން! ބުނީމެއްނު ހިބާގެ ކޮންމެސް ވާހަކައެއް ނަދޫ ދެއްކިޔޭ.” ހިބާ ހަދާން ވެގެން އަހާލި އެވެ.
“އާން، ނަދުއްތަ ބުނީ ހިބާ ވަރަށް ބަޑި ވާނެޔޯ. ކުރިން އަޒުމީލުބެޔާ ރައްޓެހި ވެސް ވިޔޯ. ދެމީހުން ނުކުރާކަށް ކަމެއް ވެސް ނެތޯ. މިހާރު އުޅެނީ ޒާންބޭގެ ފޫބުޑުން ނުނެއްޓިގެނޯ. އަބަދު ފިރިހެން ކުދިން ކައިރީއޯ ހިބާ އުޅޭނީ.” ފިޒާ ކިޔައިދެމުން ދިޔަ އެވެ. ހިބާ ހައިރާންވެ ދެލޯ ބޮޑުވި އެވެ. ނަދުވާ އެގޮތަށް ހިބާއޭ ކިޔައިގެން ވާހަކަ ދައްކާނެ ކަމަކަށް ހިބާ ހިތަށް ވެސް ނާރަ އެވެ.
“އަސްލު އެންމެ ކުރިން ފިޒް ގަބޫލު ކުރިން ނަދުއްތަ ދައްކާ ވާހަކަ. އެކަމަކު ރަށަށް ގޮސް ހިބާއާއި އެކު އުޅެން ފެށީމަ އެގިއްޖެ ހިބާގެ ގޮތް.” ފިޒާ ހިބާގެ އަތުގައި ހިފާލި އެވެ. “އަދި އެގޭތަ. ފިޒްއަށް އަޒުމީލުބެގެ އެވާހަކަ އަޑު އިވުނީމަ ދެން އެންމެ ގޮތަކަށް ވެސް ނަދުއްތައާއި ވާހަކަ ވެސް ދައްކާ ހިތް ނުވެފަ މިހުންނަނީ.” ފިޒާ ބުންޏެވެ.
“އަޒުމީލުގެ ކޮން ވާހަކައެއް؟” ހިބާ ހައިރާން ވެފައި އިނދެ އަހާލިއެވެ.
“އެރޭ ޒާންބެއާ ހިބާއާ އެރަށުގަ ބަހައްޓާފަ އައި ރޭ އެންމެން ގެއަށް ގޮސް ވަނީމެއްނު. ފިޒާ ވަދެފަ ނަދުއްތަ ނާންނާތީ ބޭރަށް ނުކުންނަނިކޮން ޒާންބެ އައިސްވަނީ. ދެން ފިޒް ނަދުއްތަގެ ވާހަކަ އެހީމަ ބުނީ ދޮރުކައިރީ އެބަ ހުއްޓޭ. އެހެންވެ ދޮރުކައިރިއަށް ދަނިކޮން އަޒުމީލުބެއާއި ނަދުއްތަ ދެއްކި ވާހަކަ ފިޒްއަށް އަޑު އިވުނީ.” ފިޒާ ބުންޏެވެ. އަދި އަޒުމީލުއާއި ނަދުވާ އެރޭ ދެއްކި ވާހަކަ ހިބާއަށް ކިޔައި ދިނެވެ. ހިބާ އިނީ އެކަމާ ދެން ބުނާނެ އެއްޗެއް ނޭގިފަ އެވެ.
“އެހެން ވީމަ ނަދުއްތަ އަމިއްލައަށް އުޅޭގޮތް މި އުޅެނީ ހިބާގެ މަތި އަޅުވައިލައިގެން. އައި ޑޯންޓް ނޯ ވަޓް ޝީ އިޒް.” ފިޒާ ކައިރިއަށް އިނީ ރުޅި އައިސްފަ އެވެ. ނަދުވާއަށް އެއްޗެކޭ ބުނަން ނުކެރިގެން އެއުޅެނީ ކީއްވެކަން ހިބާ އަށް އެނގުނެވެ.
“މިހާރު ފިޒް ހިތަށް އަރާ ނަދުއްތަ އާއި ޒާންބެއާ ރުޅި ވާނެ ނަމައޭ. ޒާންބެއަށް އެއްވެސް އުފަލެއް ނުލިބޭނެ ނަދުއްތައާއި މެރީ ކޮށްގެނެއް. އެހާ ކަންނެތް ވެސް ވާނެ.” ފިޒާ ކުންނާރެއް ކޮލަށް ލަމުން ބުންޏެވެ.
“ދެން އެކަމާ ތިހާ ވަރަށް ނުވިސްނާ. ފަހަރެއްގާ ފަހުން ނަދުވާ ރަގަޅު ވެސް ވެދާނެނު.” ހިބާ ބުންޏެވެ.
“ނުވާނެ ރަގަޅެއް. ހިބާއަށް ނޭގެނީ ނަދުއްތަގެ ގޮތް.” ފިޒާ ރުޅިގަދަ ވެފައި ބުންޏެވެ. “އެއީ ގޮތްދޫކުރާ އަންހެނެއް ވެސް ނޫން.” ފިޒާ ބުންޏެވެ.
އެދުވަހު ހިބާއާއި އެކު މުޅި ދުވަސް ފިޒާ ހޭދަ ކޮށްލި އެވެ. ހިބާ އާއި ފިޒާގެ ގުޅުން ބަދަހިވެގެން ދިޔަ އެވެ. ހިބާއާއި އެކު އުޅުނު ވަރަކަށް ފިޒާއަށް ދަސްވަނީ ރަގަޅު ކަންތައް ތަކެވެ. އަދި ހިބާ ދައްކާ ބައެއް ވާހަކަ އެހާ މަޖަލެވެ. ހިބާއާއި އެކު އުޅޭ މީހަކު ފޫއްސެއް ނުވާނެ އެވެ. އެންމެ އިރުކޮޅަކު ވެސް އަނގަ ހުއްޓާލައިގެން ނީދެ އެވެ. ފިޒާ ފިލްމެއް ބަލަން އުޅެ އުޅެ އެވެސް ބެލޭގޮތެއް ނުވި އެވެ. ހިބާ އަނގަ އާއި ހެދި އެވެ. ފިލްމުގަ ވަމުން ދާގޮތް ކިޔައިދޭތީ އެވެ.
“ހިބާ، ފިޒްއަށް އެގެޔޭ ވާގޮތް ކިޔައި ނުދިނަސް.” ބައެއް ފަހަރު ފިޒާ ހިތްހަމަ ނުޖެހިގެން ބުނެލަ އެވެ. އެދެމީހުން އެހާ ގުޅިގެން އެދުވަހު އުޅުނީމަ ރިފާވެސް ހުރީ ވަރަށް ހިތްހަމަ ޖެހިފަ އެވެ. އޮފީސް ނިންމާފައި އެކިމީހުން އައީ އެކި ގަޑިގަޑީގަ އެވެ. ހަފީޒާ އައިސް ފައްވާޒް އާއި އެއްކޮން ކާން އިންދާ ފައުޒާން އައިސް ވަނެވެ.
“ޒާން، ދޮންބެ އަށް ކޯސް ލިބިއްޖެ.” ފައުޒާން އައިސް ވަނުމުން ފައްވާޒް ބުންޏެވެ. “ޓޫ މަންތް ތެރޭ ފުރަން ޖެހޭނެ.” ފައްވާޒް އިނީ ވަރަށް އުފާ ވެފަ އެވެ.
“އެހެންތަ. ކޮންގްރާ!” ފައުޒާން އައިސް ފައްވާޒް ކައިރީ ހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ. “ހާދަ ދުވަހެއް ފަހުންނޭ ތި ކޯސް ތި ލިބުނީ. ” ފައްވާޒް އެކޯހަށް އެދިގެން އުޅޭތާ އަހަރެއް ވެދާނެ އެވެ. އެންމެ ފަހުން އެކޯސް ލިބުމުން ފައްވާޒް އިނީ ވަރަށް ހިތްހަމަ ޖެހިފަ އެވެ.
“ދޮންބަތު ގޮވައިގެން ތަ ދަނީ؟” ފައުޒާން އަހާލި އެވެ.
“އާން. މަންމަ ބުނެފި ރިފާ ގޮވައިގެނޯ ދާން ޖެހޭނީ. މަންމަ ވެސް ބަޖެޓް ހެލްޕް ވާނަމޯ.” ފައްވާޒް ބުންޏެވެ.
“ލަކީ ޔޫ.” ފައުޒާން ބުންޏެވެ.
“ޒާން މެނަށް ވެސް ހީވަނީ ޓްރޭނިން ކޯހެއް ވަރަށް އަވަހަށް ފަށާނެ ހެން. އެކަމަކު އެއީ ދެ މަހުގެ އެއްޗެއް.” ފައުޒާން ބުންޏެވެ.
އެވަގުތު ބަދިގެ ތެރެއަށް ނަދުވާ ވަނެވެ. އެންމެން ނަދުވާއަށް ސަމާލުކަން ދިނެވެ. އާދައިގެ މަތިން ހުރީ މަޑު މޭކަޕެއް ކޮށްލާފަ އެވެ. ކުރު އިސްތަށި ކޮޅު ވަނީ އައްސާލާފަ އެވެ. ލައިގެން ހުރި އެއްޗިހިން ހީވަނީ ކޮންމެސް ތާކަށް ދާން ތައްޔާރު ވެލައިގެން ހުރި ހެނެވެ.
“ޒާން، ނަދޫ ތާކަށް ލައިދޭން ދެވޭނެތަ؟” ފައުޒާން ކައިރީ ހުއްޓެމުން ނަދުވާ ބުންޏެވެ.
“ކައިގެން ދިޔައިމަ ލަސްވާނެތަ؟” ފައުޒާން އަހާލި އެވެ. އޭރު ފައުޒާން ތައްޓަށް ބަތް އަޅަނީ އެވެ.
“އޭރުން ލަސް ވާނެ. ނަދޫ ލާފަ އައިސް ވެސް ކެވިދާނެނު.” ނަދުވާ ބުންޏެވެ. ފައުޒާން ހަފީޒާގެ މޫނަށް ބަލައިލި އެވެ. ހަފީޒާ އިނީ މާ ހިތްހަމަ ޖެހިފައެއް ނޫނެވެ. ނަމަވެސް ނަދުވާ އެބުނި ތާކަށް ލައިދޭން ދާން ފައުޒާން ތެދުވެގެން ދިޔައީ އެވެ.
ހިބާ ކްލާސް ނިންމާފައި ގެއަށް އައި އިރު އަޒުމާއާއި ގުރޫޕު އެއްކޮން ސޯފާގައި ތިބެގެން ކޮންމެސް އެއްޗެއް ކުޅެމުން ދެއެވެ.
“ހިބާ، ދޮންތަ ފުރާތީ ހިބާ ކީއްކޮށްދޭނީ؟” އަޒުމާއަށް ހިބާ ފެނުމުން އަހާލި އެވެ.
“މާދަމާތަ ފުރަނީ؟” ހިބާއަށް އަޒުމާ ފުރަން އުޅޭކަމެއް ނޭގެ އެވެ. އަޒުމާ ބޯ ޖަހާލި އެވެ.
“އާން! މާދަމާ ރޭ ފުރަނީ.” އަޒުމާ ބުންޏެވެ.
“ހިބާ ކޮންކަމެއް ކޮށްދޭންވީ؟” ހިބާ ބުންޏެވެ.
“ހިބާ ދޮންތަގެ އެއްޗިހި އިސްތިރި ކޮށްދޭންވީނު. އަޒްކާ ބުނީ ދޮންތަގެ އެއްޗިހި އަޒްކާ ދޮވެ ދޭނަމޭ. ފައުޒާން ދެނީ ފުރާދުވަހު ލާނެ ހެދުމެކޯ. ނަދޫ ބުނީ ނަދޫ ދޭނަމޯ ފައިވާނެއް. އެންޑް ވާޒް ދޮންބެއާ ދޮންބަތު ބުނީ އެކޮޅަށް ގޮއްސަ ކުރާ ދަތުރުގެ ހަރަދަށް ސަތޭކަ ޑޮލަރ ދޭނަމޯ. ދެން ހުރީ އަޒުމީލު. އޭނަ އަތުން އެދުވަހު ކާނީ. ހެހެހެހެ.” އަޒުމާ ހިނިގަޑެއް ޖަހާލި އެވެ.
“ދޮންތަ ވަރަށް މޮޅު.” ހިބާ ބުނެލި އެވެ.
“އެހެންވީމަޔޭ ދޮންތަ ކިޔަނީ.” އަޒުމާ ފޮނިވެލާފައި ބުންޏެވެ.
“ދެން ފިޒް ކީއްކޮށްދެނީ؟” އަޒުމީލު އެހި އެވެ.
“ފިޒް ދެން އޯކޭ ކަމެއް ނުކޮށްދިނަސް.” އަޒުމާ ބުންޏެވެ. “އެއީ ފެމިލީގެ އެންމެ ކުޑަ އަންހެނާނު.”
“މިރޭ ކަމެއް ރާވަން ވީނު.” ފައުޒާން ބުނެލި އެވެ. ބުނުމައި އެކު ކޮންމެސް ކަމެއް ކުރުމަށް އެންމެން އެންމެނަށް ވާހަކަ ދައްކަން ފެށި އެވެ.
އެރޭ އެންމެފަހުން ރޭވީ އެންމެން ވެގެން އެގޭގައި އެރޭ ކައްކައިގެން ކާށެވެ. އެހެން ކަމުން ބަދިގެއަށް ރިފާއާއި އަޒުމާއާއި ހިބާއާއި އަޒުކާ ވަދެ މީރު ޕާސްތާ ގަޑެއް ހަދާލި އެވެ. އަދި އެންމެން ބަދިގެއިން ނުކުތް އިރު އެހެން އެންމެން ވާހަކައިގައި ތިއްބެވެ. އޭރު ނަދުވާ ވެސް އައިސް ފައުޒާންގެ ކައިރީ ތަތްވެގެން އިނެވެ. ޒެކް ވެސް އައިސް އެކަކަށް އިށީދެވޭ ސޯފާގައި އިށީދެލައިގެން އިނެވެ.
ހިބާ ފައުޒާންއަށް ބަލައިލި އެވެ. ފައުޒާންއަށް ވެސް ހިބާއަށް ބަލައިލާފައި ފާޑެއްގެ ގޮތެއް ވިއެވެ. ނަދުވާ އެހާ ކައިރީގައި އިނުމުން އުނދަގޫވީ އެވެ. އެންމެން ކާން ދާން ތެދުވި އެވެ. ފައުޒާން ވެސް ތެދުވި އެވެ. އެންމެން ބަދިގެއަށް ވަނުމުން ފައުޒާން ހިބާ އަތުގައި ހިފާދަމައި ގަތެވެ.
“އެއްޗެއް ހިތަށް ނާރުވައްޗޭ އެކަހަލަ ސީންތައް ފެނުނަސް.” ފައުޒާން ސިއްރުން ހިބާ ކައިރީ ބުނެޏެވެ. ހިބާ ފައުޒާންއަށް ލޯ އަޅާލި އެވެ. ހިބާއަށް އެއްޗެއް ނުބުނެވެނީސް ފައުޒާން ބަދިގެއަށް ވެދެއްޖެ އެވެ. ހިބާގެ ހިތަށް އެއްޗެއް ނާރަ ހުންނާނެ ހެއްޔެވެ. ފައުޒާން އެހެން ބުނެލާއިރު ހީވަނީ އެއީ މާ ފަސޭހަ ކަމެއް ހެނެވެ.
“ހިބާ!” އަޒުމާ ބަދިގެއިން ގޮވާ އަޑު އިވުނެވެ. ހިބާ ބަދިގެއަށް ވަން އިރު އެންމެން އުޅެނީ ކާން ފައްޓައި ގެނެވެ.
“އާދޭ ކާން!” އަޒްކާ ހިބާއަށް ބުންޏެވެ. އެވަގުތު ހަފީޒާ ވެސް އައިސް ބަދިގެއަށް ވަނެވެ.
“މަންމާ އާދޭ ކާން، ވަރަށް މީރު.” ފިޒާ ބުންޏެވެ. ހަފީޒާވެސް ތައްޓަކަށް ޕާސްތާ އަޅައިގެން ގޮނޑިއެއް ހިފައިގެން އައިސް މޭޒު ކައިރީ ޖައްސާލި އެވެ.
“ކާކު ކެއްކީ؟” ހަފީޒާ އަށް މީރުވެގެން އަހާލެ ވުނެވެ.
“ކެއްކީ އަހަރެން. އެކަމަކު އެއަށް އެއްޗިހި އެޅީ ދޮންބަތު.” އަޒުމާ ބުންޏެވެ.
“އާން، އެއީ ތެދެއް. އެއްޗިހި ތައްޔާރުކޮށްދީފަ ހުރީ ހިބާއާއި އަޒްކާ. އެހެންވީމަ އެންމެން ވެގެން ކެއްކި ކަމަށް ވާނީ.” ރިފާ ބުންޏެވެ.
“ކޮންމެ މީހަކު ކެއްކިއަސް މިރޭ މި ވަރަށް މީރު.” ޒެކް ބުންޏެވެ.
“އެއީ ތެދެއް. ރަހަތައް ވެސް ވަރަށް ހެޔޮ ވަރު.” ފައްވާޒް ބުންޏެވެ. އަޒުމީލު ވެސް ބޯ ޖަހާލަމުން އެއީ ތެދެކޭ ބުންޏެވެ. ފައުޒާންއާއި ނަދުވާ ވެސް ކާން ފެށި އެވެ. އެ މީހުނަށް ވެސް މީރު ވި އެވެ.
އެރޭ އެންމެން ދިއުމާއި އެކު ހިބާ އައިސް ކޮޓަރިއަށް ވަދެ ތަޅުލި އެވެ. ނިދި ނައިކަމުގައި ވިއަސް ކޮޓަރިއަށް ވަނީ ފައުޒާންއާއި ކުރިމަތިލާން ނުކެރޭނެ ތީ އެވެ.
ޖެހިގެން އައި ދުވަހު އަޒުމާ ފުރާތީ ހިބާ ދިޔައީ އަޒުމާގެ އެއްޗިހި އިސްތިރިކޮށްދޭށެވެ. އަޒުމާ ކޮޓަރީގައި އަޒްކާވެސް އުޅެ އެވެ. ހިބާ އިސްތިރިކޮށްގެން ގެންނަނީ ފަތްވެސް ޖަހާލައިގެނެވެ. އަޒްކާ އެއްޗިހި ފޮށްޓަށް އަޅައި ދެމުން ދިޔަ އެވެ. އަޒުމީލު އެކޮޓަރިއަށް ބޯ ދިއްކޮއްލި އެވެ. ހިބާ ފެނުމުން އައިސް އެނދުމަތީ އިށީނެވެ.
“ހިބާ، ކިހިނެއް ކަންތައްތައް ދަނީ؟” މާނަވީ ރާގަކަށް އަޒުމީލު އަހާލި އެވެ. ހިބާ އަޒުމީލުއަށް ބަލައިލީ ސުވާލުން ފުރިގެންވަ ނަޒަރަކުން ނެވެ. އަޒުމީލު އެ ބުނަނީ ކޮން ކަންތަކެއްގެ ވާހަކަ ހެއްޔެވެ.
“ކޮން ކަންތަކެއް؟” ހިބާއަށް އެހެން އަހާ ނުލެވިގެން އުޅެނިކޮން އަޒްކާ އަހާލި އެވެ.
“ނޮޓް ޔުއަރ ބިޒްނަސް.” އަޒުމީލު ބުނެލި އެވެ. އަޒްކާ ތުން އަނބުރާލި އެވެ.
“ކޮބާ މަންމަ؟” އަޒުމީލު އަޒްކާއަށް ބުންޏެވެ.
“ނޭގެ. މަންމަގެ ލޯބިވާ ޕާރޓީގެ ޖަގަހައަށް ގޮސް ވީ.” އަޒްކާ ފޫހި ގޮތަކަށް ބުންޏެވެ.
“ދޮންތަ ވެއްޖެނު މަންމަ ގޮވައިގެން ދާން. އަބަދު އެއުޅެނީ އެކަމުގަ. ބައްޕަ އެހުންނަނީ އެކަމާ ބޯ ގޮވާވަރު ވެފަ. ހުރިހާ މުޒާހަރާ އަކަށް ދާނެ. ޖަލްސާ ތަކަށް ދާނެ. ނުވިތާކަށް ތާކު ހަމަނުޖެހުމެއް ހިގަންޏާ މަންމަ ގޮސް ހުންނާނެ އެތާކު.” ހިތްހަމަ ނުޖެހިފައި އިން އަޒުމީލު އެނދުމަތީ ފޮށްޓަށް އެއްޗިހި އަޅަން އިން އަޒުމާ ކައިރީ ބުންޏެވެ.
“އަހަރެން ކީއްތަ ކުރާނީ. މަންމަ ދާހިތް ވާތީ ނު އެދަނީ. ބަހައްޓަބަލަ. ތާކަށް ނުގޮސް ގޭގަ ހުންނަ ދުވަހެއް ވެއްޖެއްޔާ އެންމެނަށް ރޯޅި ބާލައެއްނު.” އަޒުމާ ބުންޏެވެ.
“ދޮންތާ، އަޒްކޮ ވަރަށް ބިރުގަނޭ. މަންމައަށް އެހެން އުޅެނިކޮން ލަޑެއް ލިބިއްޖެއްޔާޔޯ.” އަޒްކާ ކަންބޮޑު ވެފައި ބުންޏެވެ.
“އޭރުން ވިސްނޭނެނު. ދެން ނުދާނެނު.” އަޒުމާ އިނީ ހަމަޖެހިލާފަ އެވެ.
އެދުވަހު އެއްކޮންވެސް ފައުޒާންއާއި ހިބާއާއި ދިމައެއް ނުވެ އެވެ. ފައުޒާން އޮފީހުން އާދެވުނީ ވަރަށް ލަހުންނެވެ. އޭރު ހިބާ ކޮލެޖަށް ހިގައްޖެ އެވެ. އަޒުމާ ފުރުވަން ގޮއްސަ އައިއިރު ހިބާ އުނދޯލީގައި އިށީދެލައިގެން ފޯނާ ކުޅެން އިނެވެ. ފައުޒާން އައިސް ހިބާކައިރީ އިށީނެވެ.
“ކީއްކުރަނީ؟” ފައުޒާން ފޯނު ޖަހައި ގަންނަމުން އެހި އެވެ.
“ދެން. ހަމަ ގޭމެއް ކުޅެލަން އިނީ.” ހިބާ ފައުޒާންއަށް ބަލައިލަމުން ބުންޏެވެ.
ފައުޒާން ހިބާގެ ފޯނާ ކުޅެލާފައި ހިބާއަތަށް ފޯނު ދިނެވެ. އަދި ހިބާގެ ކޮނޑުގައި ފަހަތުން އަތްއަޅުވާލާފައި ފައުޒާންއާއި ކައިރި ކޮށްލި އެވެ.
“ދޮންބަތޫ؟” ހިބާ ތަންކޮޅެއް ބާރަށް ބުނުމުން ފައުޒާން އަވަހަށް ހިބާގެ ކޮނޑުން އަތްނަގާ ބަލައިލި އެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. ހިބާ ހިނި ފަޅައިގެން ގޮސް ހެމުން ހެމުން އުނދޯލިން ތެދުވެގެން އަވަހަށް ކޮޓަރިއަށް ދިއުމަށް ހިގައި ގަތެވެ. ފައިޒާން ހިބާގެ އަތުގައި ކުއްލިއަކަށް ހިފާ ދަމައިގަތެވެ. އަދި އުނަގަނޑުގައި ހިފާ ފައުޒާންއާއި ކައިރިއަށް ދަމާލި އެވެ. ހިބާގެ ހިތް އަވަސް ވަމުން ދިޔައެވެ.
“ހިބާ، ފަޅު ރަށުގައި ….. އެއީ ހިބާގެ އެންމެ ފުރަތަމަ ކިސްތަ؟” ހިބާގެ މޫނާ ނުހަނު މޫނު ކައިރި ކޮށްލާފައި ފައުޒާން އަހާލި އެވެ. ހިބާ ލަދުން މޫނު ރަތްވެގެން ދިޔަ އެވެ. އަނގައިން ނުބުނެވިފައި ފައުޒާންގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނީ އެވެ.
“ހަމަ ތެދެއްތަ؟” ހިބާއަށް ވީގޮތުން ފައުޒާންއަށް ޖަވާބު ލިބުނު ކަހަލަ އެވެ. ފައުޒާން ހީލި އެވެ. “ކުރިން ރައްޓެހި ވެގެން އުޅުން ކުއްޖާއަށް ކިސްއެއް ނުކުރަންތަ؟” ފައުޒާން އަހާލި އެވެ.
“ހިބާ،.. ހިބާ..” ހިބާ ލަދުން ވާހަކަ ނުދެއްކިގެން އުޅެނިކޮން ފައުޒާންގެ ތުންފަތް ގޮސް ހިބާގެ ތުންފަގައި ޖެހިއްޖެ އެވެ. ހިބާއަށް ލޯ މަރާ ލެވުނެވެ. ބޭ އިހުތިޔާރުގައި ފައުޒާންގެ ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތްކޮށްޕާލެވުނެވެ. ފައުޒާންވެސް އަދިވެސް ބޮޑަށް ހިބާ ކައިރި ކޮށްލި އެވެ. ފައުޒާން ހިބާގެ ބުރަކަށީގައި ފިރުމަން ފެށި އެވެ. އެވަގުތު ކޮޅު ދިގު ދެމިގެން ދާން ފެށުމުން ހިބާ ބިރު ގަންނަގޮތް ވިއެވެ. ނުބައެއް ހިގާފާނެތީ ކުއްލިއަކަށް ދުރަށް ދިޔަ އެވެ.
“ކިހިނެއްވީ؟” ފައުޒާން ހައިރާން ވެފައި އަހާލި އެވެ.
“ހިބާ….” ހިބާ ލަދުން މޫނު ހުރީ ރަތް ވެފަ އެވެ. ލިބުނު އަރަމާއި ފޮނިކަމުންހިބާގެ ތުންފަތަށް ވަނީ ރަތްކުލަ އަރާލާފަ އެވެ. “ހިބާ ބޭނުމެއް ނޫން މާ މައްޗަށް މިކަން ގެންދާކަށް….. މިބުނީ ގޯސްގޮތަކަށް ދާކަށް ހިބާ ބޭނުމެއް ނޫނޭ.” ހިބާ ލަދުން ހުރެ މަޑުމަޑުން ބުންޏެވެ.
“ޔާ. އައި ނޯ.” ފައުޒާން ހިބާގެ އަތުގައި ހިފާލާ ހިބާއާއި ކައިރި ވެލި އެވެ. “ޒާން ވެސް ބޭނުމެއް ނޫނޭ ލިމިޓުން ބޭރު ވާކަށް.” ފައުޒާން ހިބާގެ އަތަށް ފިތާލަމުން ހިބާގެ ލޮލަށް ބަލައިލި އެވެ. “ހިބާ، ޒާން ހިބާގެ އިއްފަތް ރައްކާތެރި ކޮށްދޭނަން. އައި ޕްރޮމިސް!” ހިބާ ގެނެސް ފައުޒާންގެ މޭގައި ޖައްސާލަމުން ފައުޒާން ބުންޏެވެ. “ޒާން ބޭނުން ވަނީ ވެސް އެގޮތް.”
އަނެއް ދުވަހަކީ ހުކުރު ދުވަހެވެ. ފަތިހުން ފެށިގެން ވާރޭ ވެހެން ފެށި ގޮތަށް އަދިވެސް ކެރި ކަނޑައިގެން ނުދެ އެވެ. ހަފީޒާ އެދުވަހު ޑިއުޓީ އޮވެގެން އަވަސް އަވަސް ކޮށްލައިގެން ކާރެއްގައި ހިގައްޖެ އެވެ. ފައުޒާން ބަދިގެއަށް ކޮފީއެއް ބޯލަން ވަން އިރު، ރިފާ ރޮށީ ފިހަން ބަދިގޭގައި އެކަނިމާ އެކަނި އުޅެ އެވެ.
“ކޮބާ ހިބާ؟” ފައުޒާން އަހާލި އެވެ. އެހެންޏާ ހިބާވެސް ރިފާއާއި އެކު ބަދިގޭގައި އުޅެ އެވެ.
“ބަދިގެއަށް އައިމަ ދޮންބަތު އޭނަ ފޮނުވާލައިފިން،” ރިފާ ރޮށިދަމަމުން ބުނެލި އެވެ. “ޓެސްޓް ފެށިގެން އުޅޭއިރު ވެސް އަބަދު ކޮންމެސް ކަމެއް ކުރަން އުޅެނީ އެހެންވެ. މެންދުރަށް ކައްކަން އަންނާށޭ ބުނީމަ ހިގައްޖެ.”
ފައުޒާން އައިސް މޭޒުމަތީ ހުރި ކުޑަ ކޮފީ ޖަގުން ޖޯޑަކަށް ކޮފީ އެޅި އެވެ. އަދި އެ ހިފައިގެން ގޮސް ސޯފާގައި ޖައްސާލި އެވެ.
އެތަށް އިރަކު ފިލާވަޅު ދަސްކުރަން ހިބާ އޮތެވެ. އެންމެ ފަހުން ހައިވެގެން ތެދުވެގެން ބޭރަށް ނިކުތް އިރު އަދިވެސް ތުނިކޮން ވާރޭ ވެހެމުން ދިޔަ އެވެ. ހިބާ ތިރިއަށް ފޭބި އިރު ފައުޒާންއާއި ފައްވާޒް ސޯފާގައި ތިއްބެވެ.
“ހިބާ، މިއަދު ސައިގެ ކަންތައް ވަރަށް ލަސްވެއްޖެ،” ފައްވާޒްއަށް ހިބާ ފެނުމުން ބުންޏެވެ. “ހިބާ ތިރިއަށް ނާންނާތީ ސައިފޮދެއް ވެސް ނުލިބިފަ އަހަރުމެން މިތިބީ.”
ހިބާ އެދެމީހުނަށް ބަލައިލި އެވެ. އަދި އެއްޗެއް ނުބުނެ ގޮސް ބަދިގެއަށް ވަނެވެ. އޭރު ރިފާ އެކަނިމާ އެކަނި ސައިހަދަން އުޅެ އެވެ. ހިބާ އައިސް އަވަސް އަވަހަށް ރިފާއަށް އެހީވާން ފެށި އެވެ. އިސާހިތަކު ސައި ތައްޔާރު ވެއްޖެ އެވެ.
ފައުޒާންއާއި ފައްވާޒް އައިސް މޭޒުކައިރީ އިށީދެފައި ހިބާއާއި ރިފާއަށް ވެސް ބައިވެރިވާން އައުމަށް އެދުނެވެ. ހިބާ އައިސް ފައުޒާންއާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ. ފައުޒާން އަނގައިން ވެސް ނުބުނެ ކާން އިނެވެ.
“ދޮންބަތުއާ ހެދި އަސްލު ހިބާ މައްޗަށް ދިޔައީ،” ހިބާ ރޮށްޓެއް ނަގަމުން ބުންޏެވެ. “ހީވަނީ ހިބާގެ މަންމަހެން. ފިލާވަޅު ދަސްކުރަން ދާށޭ ބުނާ އިރު.”
“ކީއްތަވީ، މަންމަނެތްތާ ހަމަ ރަގަޅެއްނު.” ފައްވާޒް ބުންޏެވެ. އެވަގުތު ބަދިގެއަށް ފިޒާ އައިސް ވަނެވެ. ފިޒާއަށް ހޭލެވުނީ ދާދި ދެންމެގައި ކަން މޫނުމަތިން ފެންނަން ހުއްޓެވެ.
“ފިޒް، އާދޭ ސައިބޯން.” ރިފާ ފިޒާއަށް ގޮވާލި އެވެ. ފިޒާ އައިސް ފައުޒާން ކުރިމަތީ އިން ފައްވާޒް ކައިރީ އިށީނެވެ.
“ފިޒް، ޒާންބެއަށް އެންމެ ކުންނާރެއް ވެސް ނުދީ ހުސްކޮށްލައިގެން ތިނީ ދޯ.” ފައުޒާން ފިޒާއަށް ބުންޏެވެ.
“ދެން ފިޒް ކުންނާރު ކޭ ގަޑީގަ ޒާންބެ ނެތް ވިއްޔަ.” ފިޒާ ޅަ ގޮތަކަށް ބުންޏެވެ. ފައުޒާން އެކަމަކާ އިތުރަކަށް ވާހަކަ އެއް ނުދައްކަ އެވެ. ފައުޒާން ހިބާއަށް ބަލައިލި އެވެ. އަދި މަޑުމަޑުން ވަ އަތުން ހިބާގެ އުނަގަނޑުގައި ކޮށްޓާލި އެވެ. ހިބާ ދިޔައީ ސިއްސައިގެނެވެ. އެވަގުތު ކައިރީގައި އިން ސައިތަށީގައި ޖެހި މޭޒުމައްޗަށް ސައިތަށި ބަންޑުން ވި އެވެ.
“އަންހަ، ހިބާ ކިހިނެއް ތި ހެދީ؟” ފައްވާޒް ހައިރާން ވެފައި ބުންޏެވެ. ރިފާވެސް ބަލަން އިނީ ވީގޮތެއް ނޭގިފަ އެވެ.
“އެއީ ފައުޒާން ކަންތައް.” ހިބާ ފައުޒާންއަށް ލޯ އަޅާލަމުން ބުންޏެވެ. އަދި މޭޒު ސާފުކުރުމަށް ތެދުވި އެވެ. ފިޒާ ކައިރިއަށް ލާނެތް ހިންޏެއް އައިސްފައި އިނެވެ. ފިޒާއަށް ވީގޮތް އެނގޭތީ އެވެ.
“ކީއްވެ ޒާންއާ ހެދި؟ ޒާން ކީއްތަ ކުރީ؟” ފައުޒާން އިނގޭ ކަމަށް ވެސް ނަހަދާ އިނދެފައި ބުންޏެވެ. ހިބާއަށް ފައުޒާން ކުރީ ކީއްކަން ބުނާކަށް ނުކެރުނެވެ. ފައުޒާންއަށް ލޯ އަޅައިލައިގެން ބަލަން ހުރީ އެވެ. ފިޒާ ހިނި އައިސްފައި އިނެވެ.
ރިފާއާއި ހިބާ ވެގެން މެންދުރަށް ކެއްކުމުގެ ހުރިހާ ކަމެއް ހުކުރަށް ނުގޮވަނީސް ނިންމާލައިފި އެވެ. ފިޒާ ސޯފާގައި އަރާމުގައި ފޯނާ ކުޅެލަ ކުޅެލާ އިނެވެ. ހިބާ މައްޗަށް އެރިވަގުތު ފައުޒާން ހުރީ ފަހާނާ ދޮރު ހުޅުވައިގެން ތުނބުޅި ބާލާށެވެ. ހިބާ އެރިތަން ފެނިގެން ފައުޒާން ހިބާއަށް ގޮވާލި އެވެ.
“ހިބާ، ޒާން ލާނެ އެއްޗެއް އިސްތިރި ކޮށްލަދީ ބަލަ.” ހިބާ ހުއްޓިފައި ބަލައިލުމުން ތުވާލި އަނދެގެން ހުރި ފައުޒާން ބުންޏެވެ.
“ކޯޗެއް ކުރަންވީ؟” ހިބާ އަހާލި އެވެ.
“ހިބާއަށް ރީތި އެއްޗެއް.” ފައުޒާން ބުންޏެވެ. ހިބާ ފައުޒާންގެ ކޮޓަރިއާއި ދިމާއަށް ހިގައި ގަތެވެ. އަދި އަލަމާރިން ހިބާއަށް ކަމުދާ ޓީޝާޓަކާއި ޖީންސެއް ނެގި އެވެ. ހިބާ އެ އިސްތިރި ކޮށްގެން ގެންގޮސް ފައުޒާން ކޮޓަރިއަށް ލާފައި ނުކުންނަށް އައި ވަގުތު ތަންކޮޅެއް ކުރީ ދުވަހަކު ހިބާ ބެލި އަލްބަމް އަދިވެސް އެ މޭޒުމަތީ އޮތެވެ. ހިބާ އެ ނަގާ ގަނޑުތަށް އުކަން ފެށި އެވެ. ނަދުވާއާއި ފައުޒާން ގައިގޯޅިކޮން ނަގާފައިވާ ފޮޓޯތައް ފެނުމުން ހިބާގެ ހިތަށް ވަރަށް ތަދުވެ އެވެ. ގިނަ ފޮޓޯގައި ނަދުވާ ވަނީ ނިވާކަންކުޑަ ހެދުމެއް ލައިގެނެވެ. ހީވަނީ އެއީ ކޮންމެސް ރިސޯޓެއް ގައި ނަގާފައިވާ ފޮޓޯ ތަކެއް ހެނެވެ. އެއަށް ބަލަން ގެއްލިފައި ހިބާ ހުއްޓާ ފައުޒާން ކޮޓަރިއަށް ވަދެގެން އައިސް ފުރަގަހަތުން ހިބާގެ ބަނޑުގައި ބައްދާލި އެވެ. ހިބާ ސިހިފައި އަލްބަމް މޭޒުމަތީ ބޭއްވި އެވެ.
“ހިބާ،” ފައުޒާން ހިބާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން ބުންޏެވެ. “ވަރަށް އަވަހަށް ޒާން ނަދޫއާ ރުޅިވާނަން. ޖަސްޓް ގިވް މީ ސަމް ޓައިމް.”
“ޒާން،” ހިބާ ފައުޒާންއާއި ދިމާއަށް އެނބުރިލި އެވެ. ފައުޒާންގެ އަތުން ހިބާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުއްޓެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލު ވެގެން ދިޔަ ވަގުތު ދެމީހުންގެ ހިތުގައި އެތަކެއް ލޯތްބަކާ ޖަޒުބާތެއް އުތުރި އަރައި ގަތެވެ. “ނަދުވާއާއި ޒާންއާ ވަރަށް ކްލޯސްކޮންތަ އުޅުނީ؟…. މިބުނީ… އަނެއް..” ހިބާ ބުނަން އުޅޭ އެއްޗެއް ފައުޒާންއަށް އިނގުނެވެ. ފައުޒާން އަލްބަމަށް ބަލައިލި އެވެ. އަދި ހިބާއަށް ކޮށްފައިވާ އަސަރުތައް ދެނެގަންނާކަށް މާގިނަ އިރެއް ނުނެގި އެވެ.
“ހިބާ، ޒާން ނަދޫއާ އެއްކޮން ވަރަށް ކްލޯސްކޮން އުޅުނިން،” ހިބާއަށް ބަލަން ހުރެ ފައުޒާން ބުނަމުން ދިޔައެވެ. “ޒާން ބޭނުމެއްނޫން ހިބާއަށް އެއްވެސް ކަމެއް ސިއްރުކުރާކަށް. މި އަލްބަމްގަ އެހެރީ ޒާންއާއި ނަދޫއާ ރިސޯޓަކަށް އޯވަރ ނައިޓަކަށް ގޮސް ނަގާފަ ހުރި ފޮޓޯ.” ފައުޒާން ހުރިހާ ވާހަކައެއް ހިބާއަށް ކިޔައިދިނެވެ. ނަދުވާއާއި އެކު ވަގުތު ހޭދަކުރި ގޮތުގެ ހުރިހާ ތަފްސީލެއް ކިޔައި ދިނެވެ. އަދި އެކަމާ މިހާރު ފައުޒާން ދެރަވާ ވާހަކަވެސް ހިބާގާތު ފައުޒާން ބުންޏެވެ. ހިބާ ހުރީ ފެންކަޅި ވެފަ އެވެ. ހިތަށް ކުރި އަސަރުންނެވެ. ފައުޒާން ހިބާ ގެނެސް ބޮޑިކޮށްލި އެވެ. އަދި ވަރަށް ލޯބިން ހިބާގެ ލޮލަށް ގިނަވެފައިވާ ކަރުނަތައް ފޮހެލަ ދިނެވެ. ހިބާގެ ތުންފަތަށް ބޮސް ދިނުމަށްފަހު ހިބާއާއި ދުރުވެލި އެވެ. އަދި އެނދުމަތީ އިސްތިރި ކޮށްފައިވާ ޖީންސް ނެގި އެވެ. ހިބާ ވެސް ކޮޓަރިން ނުކުމެގެން ދިޔައީ ފައުޒާން ތައްޔާރުވާން ދޫކޮށްލާފަ އެވެ.
ހިބާ ފޮތް ހިފައިގެން އޮތް އިރުވެސް ވިސްނަމުން ދިޔައީ ނަދުވާއާއި ފައުޒާންއާއި ދޭތެރޭ އެވެ. އެހާ ކްލޯސް ކޮން އުޅެފައި އެދެމީހުނަށް ދުރުވެވި ދާނެ ހެއްޔެވެ. ފައުޒާންއަށް ނަދުވާ މަތިން ހަދާން ނައްތާލެވި ދާނެ ހެއްޔެވެ.
އިއްޒަތު މަތިން ހަދާން ނައްތާލަން ހިބާއަށް އެހާ ފަސޭހަވީ ގައިގޯޅިކޮން އުޅެވިފައި ނެތީމަ ކަންނޭގެ އެވެ. އިއްޒަތުގެ އަތުގައި ހިފާލުން ފިޔަވާ އެއަށްވުރެ ބޮޑަކަށް ހިބާ އިއްޒަތުއާއި ކައިރިވެފައެއް ނުވެ އެވެ. ދެން ހަދާން ނައްތާލާކަށް މާބޮޑު ކަމަކަށް ނުވާނެ ނޫން ހެއްޔެވެ. އެކަމަކު ފައުޒާންއާއި ނަދުވާ އެހާ ގާތްކޮން އުޅުމަށް ފަހު އެކަން ހަދާން ނައްތާލަން ފައުޒާންއަށް ފަސޭހަ ވާނެ ހެއްޔެވެ. މިހާރު ވެސް ފައުޒާންއާއި ދުރުގައި ހުންނާކަށް ހިބާ ބޭނުމެއް ނޫނެވެ. ދެން ފައުޒާން މަތިން ހަދާން ނައްތާލުމަކީ ވާނޭކަމެއް ނޫނެވެ. ހިބާއަށް ވިސްނަން އޮވެ ވުނީ ކިހާ އިރަކު ކަމެއް ވެސް ނޭގެ އެވެ. ރިފާ އައިސް ދޮރު ގައި ޓަކި ޖެހާ ހުޅުވި އިރު ހިބާ އޮތީ ފޮތާ ދިމާއަށް ބަލަހައްޓައި ގެނެވެ.
“ހިބާ، ދެން އާދޭ ކާން. އަނެއްބައި ދަސްކުރާނީ ކައިގެން އައިސް.” ރިފާ ކޮޓަރިއަށް ވަންނަމުން ހިބާ ކައިރީ ބުންޏެވެ. ހިބާ ވެސް އެނދުން ފައިބައިގެން ބޮލަށް ހަރާފައިއިން ދަނޑިކޮޅު ނަގާ އަނެއްކާ ވެސް އިސްތަޑިގަނޑަށް ހުޅިއެއް ޖަހާލަމުން ކޮޓަރިން ނުކުތެވެ.
އެރޭ އަޒުމީލުއާއި މާޒް ތިބީ ފައްވާޒްއާއި އެކު ސޯފާގައި ފުޓުބޯޅަ މެޗެއް ބަލާށެވެ. ރިފާ އެމީހުނަށް ކާން ހަދަން ބަދިގޭގައި އުޅެ އެވެ. ފިޒާއާއި ފައުޒާން އޮތީ ހަފީޒާ ކޮޓަރި އެނދުގައި ބަންޑުން ފިޒާގެ ލެޕްޓޮޕުން އެނިމޭޝަން ކާޓޫނެއް ބަލާށެވެ.
“ޒާންބޭ، ވާހަކައެއް އަހަންތަ؟” ފިޒާ އެނދުމަތީ ބަނޑުޖަހައިގެން އޮވެފައި ޖެހިގެން އޮތް ފައުޒާން ކައިރީ އަހާލި އެވެ.
“ހޫމް.” ފައުޒާން އެ އޮތް ގޮތަށް އޮވެފައި ބުންޏެވެ.
“ޒާންބެ ނަދުއްތައާ މެރީ އެއް ނުކުރާނަން ދޯ.” ފިޒާ އަހާލި އެވެ. ފައުޒާން ފިޒާއަށް ބަލައިލި އެވެ.
“ކީއްވެ ތިހެން ތިބުނީ؟” ފައުޒާން އަދިވެސް އޮތްގޮތަށް އޮވެ އަހާލި އެވެ.
“ނަދުއްތަ އެއީ ޒާންބެ މެރީކުރަން ކަމުދާ ކުއްޖެއް ނޫން. ޕްލީސް ޒާންބޭ މެރީ ނުކުރައްޗޭ ނަދުއްތައާ.” ފިޒާ ތެދުވެ އެނދުގައި އިށީންނަމުން ބުންޏެވެ.
“ފިޒް،” ފައުޒާން ވެސް ތެދުވެ އެނދުގައި އިށީނެވެ. “އެކަމަކު ފިޒް ވަރަށް ނަދޫއާ އެއްކޮންނު އުޅެނީ. ފިޒްއަށް ނަދޫ ވަރަށް ކަމުދާ ކަމަށް ޒާންބެ ހީކުރީ.” ފައުޒާން ހައިރާން ވެފައި ބުންޏެވެ.
“ނަދުއްތަ އަކީ ހަމަ ހުރިގޮތަށް ހުރި ކޫޑި އެއް. އައި ހޭޓް ހަރ.” ފިޒާ އިނީ ހިތްހަމަ ނުޖެހިފަ އެވެ.
“ފިޒް، ކީއްވެ ތިހެން ތިބުނީ؟ ކުރިން ނަދޫ އަކީ ތިހިން އުޅުން ކުއްޖެއްކަން އެނގެޔޭ ޒާންބެއަށް. އެކަމަކު މިހާރު ތިހިން ބުނާކަށް ނުވާނެ.” ފައުޒާން ފިޒާ ކައިރީ ބުންޏެވެ.
“ޒާންބެއަށް ނޭގެނީ ޔޭ. އަޒްމީލުބެއަށް ހުރިހާ އެއްޗެއް އެނގޭ. އަޒުމީލުބެއާވެސް ނަދުއްތަ ގުޅުން ހިންގި.” ފިޒާ ބުންޏެވެ.
“ވަޓް؟” ފިޒާ ބުނި އެއްޗަކުން ފައުޒާންއަށް ހީވީ މީހަކު ފައުޒާންގެ ބޮލުގައި ޖެހި ހެންނެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔަ އެވެ. ފިޒާ އެބުނީ ކީކޭ ހެއްޔެވެ. އަޒުމީލުއާ ނަދުވާއާ ހެއްޔެވެ.
“އާން، ޒާންބޭ. ފިޒް މިބުނީ ތެދެއް. ޝީ އިޒް އަ ސިންފުލް ޑެވިލް.” ފިޒާ ކައިރިއަށް ރުޅި އަންނަގޮތް ވި އެވެ.
“ހައު؟ ފިޒްއަށް ކިހިނެއް އެނގުނީ؟ އައި ކާންޓް ބިލީވް ދިސް.” ފައުޒާން ހައިރާންވެފައި އިނީ ގަބޫލު ކުރަން އުނދަގޫ ވެފަ އެވެ.
“ފިޒްއަށް އެނގުނީ….” އަޒުމީލުއާއި ނަދުވާގެ ދޭތެރޭ އެދުވަހު ދެކެވުނު ވާހަކަ ފިޒާ ފައުޒާންއަށް ކިޔައި ދިނެވެ. އެވާހަކަ ކިޔައި ދިނުމުން ފައުޒާންއަށް ހީވީ ދުނިޔެ ބާރަށް އެނބުރި ގަތް ހެނެވެ. އަދި އަޒުމީލު އެހާ ދުވަހު ވާހަކަ ނުދައްކާ އެހުރި ސަބަބު ކޮންމެސް ވަރަކަށް ފައުޒާންއަށް އޮޅުން ފިލައިގެން ދިޔަ އެވެ. އިތުރަށް އޮޅުން ފިލުވަން ފައުޒާން ބޭނުން ވިއެވެ. އެހެން ކަމުން ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު އެންމެން ބަދިގޭގައި ކާން އުޅެ އެވެ.
“އަޒުމީލް،” ފައުޒާން އައިސް އަޒްމީލް ކުރިމަތީ ހުއްޓިލަމުން ބުންޏެވެ. ފައުޒާން ބަލަން ހުރި ގޮތުން އަޒުމީލުގެ ހިތް ހިސާބަކަށް އަވަސް ވެގެން ދިޔަ އެވެ. “ކައި ނިމިގެން ހިގާބަލަ ޒާންއާއި އެކު ތާކަށް ޖައްސާލަން.” ފައުޒާން ފައްވާޒްގެ މޫނަށް ބަލައިލަމުން އަޒުމީލު ކުރިމަތީ މޭޒު ދޮށުގައި އީށީންނަމުން ބުންޏެވެ. އަޒުމީލު އިނީ ޖެހިލުން ވެފަ އެވެ. ނަމަވެސް ހަމަ ޖެހޭ ގޮތް ދައްކާލަމުން އާން އެކޭ ބުނެ އެއްބަސް ވެލި އެވެ. ފައުޒާން ވެސް އަނގައިން ނުބުނެ އިނދެ ކާން ފެށި އެވެ.
ހިބާ ގެއަށް އައި ވަގުތު ފައުޒާންއާއި އަޒުމީލު ބޭރަށް ނިކުމެގެން ދަނީ އެވެ. އަޒުމީލު ފާޑަކަށް ހިބާއަށް ބަލައިލާފައި ދިޔައީ ފޯނު ބެލުމަށް އަތުން އިށާރާތް ކޮށްލާފަ އެވެ.
“ހިބާ ފޯނު ބަލައިލި އިރު ފޯނުގައި މެސެޖެއް އިނެވެ. “ހިބާ. ހީވަނީ ޒާންއަށް ކޮންމެސް އެއްޗެއް އެގިއްޖެ ހެން. މިދަނީ ޒާން އާ އެއްކޮން ކޮންމެސް ތާކަށް. ނޭގެ ޒާން ކުރަން އެއުޅެނީ ކީއްކަމެއް. ވަރަށް ބިރުން މިހިރީ.” މެސެޖުގައި އަޒުމީލު ލިޔެފައި އޮތެވެ.
“ހިބާއަށް ފެންނަނީ ފައުޒާންއަށް ދެން ސިއްރު ނުކޮށް ހުރިހާ ވާހަކައެއް ތެދަށް ކިޔައިދޭން. ޕްލީސް. ކޮންމެ ގޮތެއް ވިއަސް ފައުޒާން އަކީ ގޯސް މީހެއް ނޫން. އަޒުމީލު ދެކެ ރުޅިއެއް ނާންނާނެ. ހިބާއަށް ޔަގީން.” ހިބާ މެސެޖެއް އަޒުމީލުއަށް ފޮނުވާލި އެވެ.
ފައުޒާން އަޒުމީލުއާއި އެއްކޮން ގޮސް ވަނީ ސީ ހައުސް ރެސްޓޯރެންޓަށެވެ. ކޮފީއަކަށް އޯޑަރު ދެމުން ޖައްސާލީ މޫދާދިމާލަށް ހުރި މޭޒުތަކުން ކަނުގައި ހުރި މޭޒު ކައިރީ އެވެ.
“އަޒުމީލް.” ފުންކޮން އަޒްމީލަށް ބަލައިލަމުން ފައުޒާން ބުންޏެވެ. “ޓެލް މީ އެވްރިތިން.”
12 Comments!
Comments are closed.
Mi vaahaka liyuntheriya ah hama saabas dhevey varuvey. Goodwork n keep it up. Konme dhuvahaku update kuraathy kiya hithun kiya levey..
V habeys
Wow thanks up kohdhey thee avahah. Varah reethi vaahaka eh
Varah reethi…avaha up koahlahche..v habeys thi gendhaa goi
Alhey zaan Kahala kujjeh libeyne nama dhw..anyways nice story.. Awahah up kohdhechchey..
Kon irakun tha next part…dying to read next part…
heskiyaafa salhi. avahah up kohdhehche.. lobi vey aasi dheke.. 🙂 🙂
Alheh avahaha up kohdhy … hiba yaa zaan aa avahah gulhu vadhy … adhi family vx eh gulhumah ruhey kamah angaa… nadhuvaa kuhveriyakah hadhaan plx plx waiting for the nxt part … keep it up hama bst
Waow waow. . Thanx aasi
Wow v nice
Mirey vara foohi update nuvaathi.ekam mi story vara salhi.v ginain update koba plsssss its my hobby reading dhivehi story.but my first favorite is moosa said
WOw mibai ves varah reeeeeeeeeethi ingey Aasi 😀 😀 😀