Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 19 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 14, 2016 11 Mins Read
2 Comments

ދެން ތިބި މީހުން މޫދަށް އެރިގެން އައިސް ބޮށްކުރައަށް އެރުމުން މޫސަބޭ ބޮއްކުރާ ދުއްވާލީ އަދިވެސް އެއްފަހަރު އެރަށަށް ބަލައިލާފަ އެވެ. އަޒުމީލު ގަސްތުގައި އަނގައިން ނުބުނެ ހުރީ އެވެ. ފަހުން އެމީހުން ބަލާ އާދެވި ދާނެކަން އަޒުމީލަށް އެނގޭތީ އެވެ.

“ކޮބާ ޒާން؟” ބޮއްކުރާ ހިސާބަކަށް ދިޔަ ފަހުން އަޒުމާ އިނދެފައި އަހާލި އެވެ.

“ޑިނގީގަ ހިގައްޖެ ކަންނޭގެ.” ނޫންކަމަށް ހަދާލައިގެން އިނދެފައި އަޒުމީލު ބުނެލި އެވެ. އަޒުމާ އެކަން ގަބޫލު ކޮށްލި އެވެ. ނަދުވާ ވެސް އޭގައި ދިޔަކަން ކަށަވަރު ވެފައި ވާތީ އެވެ.

ހިބާ އަވަސް ކޮށްލައިގެން ގަސްތަކު ތެރެއިން ނުކުމެވުނީ ފައުޒާންގެ ކުރިމައްޗަށެވެ.

“ކީއްކުރަންތަ ތި އައީ މިތަނަށް؟” ހިބާ ބުމަ ގޮށްޖަހާލަމުން އެހި އެވެ.

“ހިބާ މިކޮޅަށް އައިތަން ފެނިގެން މި އައީ.” ފައުޒާން ބުންޏެވެ.

ދެމީހުން އެއްކޮން އަތިރިއަށް ނުކުތް އިރު ބޮއްކުރާ މާދުރަށް ހިގައްޖެ އެވެ. ހިބާއާއި ފައުޒާން ހަޅޭއްލަވާ ލަވާ ވެސް އެއަށް އަޑު އިވޭނީ ކިހިނެތް ހެއްޔެވެ. މާދުރަށް އެގޮސް ނިމިއްޖެ އެވެ.

“ފައުޒާން އާ ހެދި ވީ ގޮތެއް މީ،” އިރުކޮޅެއް ފަހުން ހިބާ ހުރެފައި ބުންޏެވެ. ފައުޒާން ހިބާއަށް ބަލައިލި އެވެ. ހައިރާންވެފައި ހުރެ އެވެ. “ފައުޒާންއަށް ހިބާ ދާތަން ފެނުނީމަ ހިބާ ފަހަތުން ނުގޮސް އެމީހުން ކައިރީ މަޑުކޮށްގެން ހުރިނަމަ. ބުނެވިދާނެނު ހިބާ މިދިމާލަށް ގޮސް ވެއްޖެޔޭ. ގައިމު އެމީހުން މަޑުކޮށްގެން ތިބީހެއްނު.” ހިބާގެ މޫނުމަތިން ފެންނަން ހުރީ ނުތަނަވަސް ކަމެވެ. ހިތްހަމަ ނުޖެހުމެވެ.

“އަޖައިބު. ޒާންއަށް ކިހިނެއްތަ އެނގޭނީ އެމީހުން ދާނެ ކަމެއް.” ފައުޒާން ބުންޏެވެ.

“ހަމަ ފައުޒާން އާ ހެދި. ހިބާ ފަހަތުން އަންނަންޏާ ވާނީ އެހެން.” ހިބާ ކައިރިއަށް ރުޅި އައެވެ.

“ހިބާ ވެސް ހަމަ އެންމެން ފުރާ ގަޑިއަށް ވަލުތެރެއަށް ވަދެގެން ހިގައްޖެ ވިއްޔަ. ޒާން ދިޔައީ ހިބާ އެގަޑީގަ ދިޔައިމަ ހިބާ ބަލައޭ.” ފައުޒާން ބުންޏެވެ.

“ހެޔޮ ދޯ ހިބާ ފާހާނާއަކަށް ދާން ޖެހިގެން ދިޔަސް. ބަލާ އަންނާތި ފަހަތުން.” ރުޅިއައިސްފައި ހުރެ ހިބާ ހަށަން ބަދެލަމުން ބުންޏެވެ.

ދެން ހަދާނީ ވެސް ކިހިނެއް ހެއްޔެވެ. މިހާރު ދުނިޔެ މައްޗަށް އެއަންނަނީ އަނދިރި ވަމުންނެވެ. އެގޮތަށް ފަޅު ރަށެއްގައި އަނދިރީގައި ހުރުމަކީ ހިބާ ނުހަނު ބިރުގަންނަ ކަމެކެވެ. ހިބާ އައިސް ރުއްބުޑު މަތީ އިށީނެވެ.

ފައުޒާން ހިބާއަށް ބަލަން ހުރެފައި ތަންކޮޅެއް ދުރުގައި މޫސަބޭ ޖަހާފައި ދިޔަ އަލިފާން ގަޑަށް އެދުވަހު އެއްކުރި ދަރުތަކުން ދަރު އަޅަން ފެށި އެވެ. އަލިފާންގަނޑު ގިނައިރު ބެހެއްޓުމަށެވެ. ހިބާ ފައުޒާން ކުރާ ކަންތަކަށް ބަލަން އިނެވެ. އަދި އައިސްފައިވާ ރުޅި މަޑުމަޑުން ފިލައިގެން ދާން ފެށި އެވެ.

އެދުވަހު އެމީހުން ހަދާފައިވާ އަށި ހުރީ އަލިފާންގަނޑު ކައިރީ ކަމުން ފައުޒާން އެތާ އިށީނެވެ. އަދި އަލިފާން ގަނޑު ތެރޭ ހުރި ދަރުތައް އެތެރެއަށް ޖައްސާލި އެވެ.

ދުނިޔެ މައްޗަށް އަނދިރިވަމުން އާދެ އެވެ. ހިބާއަށް ފުރަގަސް ދީގެން އިން ފައުޒާން އިރުކޮޅަކާ ފަހަތަށް އެނބުރި ހިބާއަށް ބަލައިލަ އެވެ. ހިބާއަކަށް މާގިނައިރަކު ދުރުގައި އިންނާކަށް ނުކެރުނެވެ. އެތަނުން ތެދުވެގެން އައިސް ފައުޒާން ކައިރީ ހުއްޓުނެވެ.

“ފައުޒާން، ހިބާ ވަރަށް ބިރުގަނޭ.” ފައުޒާން ކައިރީ އިށީންނަމުން ހިބާ ބުންޏެވެ. ހިބާ ހުރީ ވަރަށް ބިރުންނެވެ. އަނދިރި ވަމުން އަންނާތީ އެވެ.

ފައުޒާން ހިބާއަށް ބަލައިލި އެވެ. ހިބާ އިނީ ވަރަށް ބިރުންކަން ފައުޒާންއަށް ވެސް އެނގުނެވެ. އަލިފާނުގެ އަލިކަމުން ހިބާގެ މޫނު ފެންނަލެއް ވަރަށް ވެސް ރީއްޗެވެ. އަވީގައި މޫދުގައި އުޅުމުގެ ސަބަބުން އަނދާފައިވާ ހިބާގެ މޫނުން އޮފްއަރާލަ އަރާލަ ހުރިއިރު ލޮލުގެ އެސްފިޔަތަކުން ލޯކައިރިއަށް ވަނީ ހިޔަނި އެޅިފަ އެވެ. ފިޔާތޮށި ކުލައިގެ ތުންފަތުގެ ކުލަވެސް ވަނީ ރަތްކުލައަކަށް ބަދަލު ވެފަ އެވެ. އެހާ ފުރިހަމަ ރީތި ކުއްޖެއް ފައުޒާންއަށް ފެނިފައި ނުވާ ކަހަލަ އެވެ. އެހެން ދިމާލަކަށް ބަލާކަށް ފައުޒާން ބޭނުމެއް ނޫނެވެ.

ފައުޒާން ބަލަން އިން ގޮތުން ހިބާގެ ހިތް ބާރަށް ތެޅެން ފެށި އެވެ. އަނެއްކާ ފައުޒާންގެ ނިޔަތް ރަގަޅުބާ އެވެ. އެކަހަލަ ގޮތަކަށް އެ ބަލަނީ ކީއްވެ ހެއްޔެވެ. އެއީ ލޯބި ހެއްޔެވެ. ނޫނީ އެ ހިތުގައި އެވަނީ ކޮންފަދަ ހިޔާލެއް ބާއެވެ. ފައުޒާން ބަލަން އިންގޮތާ މެދު ހިތަށް ނުތަނަވަސްކަން ވެރިވެފައި އިން ހިބާއަށް ފައުޒާންގެ ލޮލުގައި އަޅައި ގަތެވެ. ރީތި ލޮލެކެވެ. އެންމެ ފުރަތަމަ ފައުޒާން ފެނުނު ދުވަހުވެސް ހިބާއަށް އެންމެ ކަމުދިޔައީ ފައުޒާންގެ ލޮލެވެ. އެއީ ކޮންފަދަ ޖާދޫއެއްވާ ލޮލެއް ހެއްޔެވެ. ގަދަ މުށިކުލައަކަށް ދާ އެލޮލުގައި ވާ ތޫނުކަމަކުން ހިބާގެ ހިތަށް އަރަމުން ދިޔަ އެއްޗިހި މުޅިން އިދިކޮޅަށް ޖަހައިފި އެވެ.

ގޭތެރޭ އެންމެން ފެންވަރާ އެކި ކަންތަކުގައި އުޅެމުން ދިޔަ އެވެ. އަޒުމީލު އަދިވެސް ފެން ނުވަރާ ހުރީ އެވެ. އެކަކަށްވެސް އަދިވެސް ހިބާއާއި ފައުޒާން ނެތްކަމުގެ އިހުސާސް ނުވާތީ އަޒުމީލު ހުރީ ޖެހިލުން ވެފަ އެވެ. ހިސާބަކަށް ހިތް ބިރުގަންނަ ގޮތްވެސް ވެފަ އެވެ.

“ކޮބާ ޒާން؟” ފެންވަރައިގެން ބޯވެސް ނުހިއްކަ އައި ނަދުވާ އަހާލި އެވެ. އޭރު ސޯފާގައި ތިބި އަލީއާއި ހަފީޒާ ނަދުވާއަށް ބަލައިލި އެވެ. “މިއޮތީ ޒާންގެ ފޯނު ވެސް. އޭނަ އައީ ފަހުން އައި އެތީގަނު.”

“އާން. އޭގަ އޭނަ އަންނާނީ. ފެންވަރަން ވަނީ ކަންނޭގެ.” ހަފީޒާ ބުންޏެވެ. އޭރު ތަންކޮޅެއް ދުރުގައި ހުރި ރިފާއަށް އަޑު އިވިގެން ހައިރާން ވެފައި އައިސް އެތަނަށް ހުއްޓުނެވެ. އަޒުމީލުގެ ހިތަށް ކޮންމެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔަ އެވެ. އެންމެ ފަހުން ކޮންމެސް މީހަކަށް އެކަމުގެ އިހުސާސް ވީމަ އެވެ.

“އަހަރުމެން އައީ ފަހުން އައި އެތީގަ. ފައުޒާންއެއް ނާދޭ އެޔަކު،” ރިފާ ހާސްވެފައި ބުންޏެވެ. “އަހަރުމެން ހީކުރީ ކުރިން އައި އެތީގަ ކަމަށް ފައުޒާން އައީ. ނަދޫ އޭގަ އައިމަ.”

“ނަދޫ ޑިންގީއަށް ލައިދިނީ ބައްޕަ. އޭރުވެސް ފައުޒާން އަތިރިމަތީ އުޅެނީ މޫސަބެޔާ އެއްކޮން އަލިފާން ގަޑަށް ކުނި އެއްކުރަން.” ނަދުވާ ބުންޏެވެ.

“ދެން، ތިބުނީ ފައުޒާން އެރަށުގަ އޭތަ؟” ހަފީޒާއަށް ތެދުވެ ވުނެވެ. އަލީވެސް ތެދުވި އެވެ.

“އަޅެ ރަގަޅަށް ބަލާބަލަ. ދެން އެކަކުވެސް ބަހަށްޓާފަ އެއް ނާންނާނެނު.” އަލީ ބުންޏެވެ.

“ކޮބައިތަ ހިބާ؟ އަދިވެސް ހިބާއަށް ފެން ނުވެރެނީތަ؟” ކޮޓަރިން ނުކުތް މޫމިނާ ބުނިއަޑު އިވުނެވެ.

“ހިބާއެއް ނުދެކެން،” ރިފާ ބުންޏެވެ. “ހިބާވެސް އައީ ކުރިން އައި އެތީގަ ނޫންތަ؟” ރިފާގެ ހިތަށް ބިރުވެރިކަމެއް ވަނެވެ.

“އަހަރުމެން އައި އެތީގަ ނާދޭ ހިބާއެއް. މޫދަށް ދާން ވެގެން އަހަރެން އަތަށް ފޯނު ދިންގޮތަށް އަހަރެން އަތުގަ ފޯނު މިއޮތީ. އޭނައަށް ގުޅަންވެސް ހަދާނީ ކިހިނެއްތަ؟” މޫމިނާ ބުންޏެވެ. މޫމިނާ ކަންބޮޑު ވިއެވެ.

“ދެން އެހެން މީހުން ކޮބައިތޯ ބަލާބަލަ.” އަލީ ކަންބޮޑުވެފައި ބުންޏެވެ. “ފައުޒާންވެސް ނުފެނިގެން މި އުޅެނީ.”

“ޒާން އައީ ފުރަތަމަ އެތީގަ. އަހަރުމެން އެއްޗަކަށް ނާރާ،” ކޮޓަރިން ނިކުތް ފައްވާޒް ބުންޏެވެ. “ހިބާވެސް ފަހުން އައި އެއްޗަކަށް ނާރާ.”

“އަހައްމަދާ، ދޭބަލަ މޫސަބޭ ގޮވައިގެން އަންނަން،” ކޮޓަރި ދޮރުމަތީ ހުރި ޒެކްއާއި ދިމާއަށް މޫމިނާ ބުންޏެވެ. “އެންމެން ގޭތެރެ ހޯދަބަލަ އެކުދިން ކޮބައިތޯ.”

އެންމެން ހާސްވެގެން ފައުޒާންއާއި ހިބާ ފެނޭތޯ ހޯދަން ފެށިއެވެ. އަތިރިމަތި ބަލާ ހެދި އެވެ. އަޒުމީލު އަދިވެސް ނުބުނެ އެވެ. ކޮންމެ ގޮތެއް ވިއަސް އެރަށަށް އަދި ދާނެ ކަން އަޒުމީލުއަށް ކަށަވަރު ވިއެވެ. އެހެންކަމުން ފެންވެސް ނުވަރާ މަޑުކޮށްލައިގެން އަޒުމީލު ހުރީ އެވެ. އަޒުމީލު ހިބާއާއި ފައުޒާން ހޯދާކަމަށް ހަދާލަ ހަދާލަ ގޭތެރޭ ހުރީ އެވެ.

“ރަށު ކައުންސިލަށް އަންގަން ވީނު.” ހަފީޒާ ހާސްވެފައި ހުރިވަރުން ބުންޏެވެ.

“ނޫނޭ، އެކޮއެ އަދި ތިހާ ހާސްވާ އެއްޗެއް ނޫން. އެކުދިން ވީ އެފަޅު ރަށުގައި ކަމަށް މޫސަބޭގެ ހިތް ބުނަނީ. އެކުދިން ބަލާދާން މޫސަބޭއަށް ފެންނަނީ.” މޫސަބޭ ބުންޏެވެ. އެއީ އެންމެ ރަގަޅު ގޮތް ކަމުގައި އެންމެނަށްވެސް ގަބޫލު ކުރެވުނެވެ.

ބިރުން ހިބާގެ ހިތް ބާރަށް ތެޅެމުން ދަނީ އެވެ. ދުރުން ފެންނަން އޮތް އަނދިރި ގަނޑާ ދިމާއަށް ބަލައިލާފައި ހިބާއަށް ފައުޒާންގެ މުލައްދަނޑީގައި ހިފާލެވުނެވެ. އަދި ފައުޒާންއާއި ގާތަށް ޖެހިލެވުނެވެ. ފައުޒާންގެ ހިތްވެސް މިހާރު ކޮންޓްރޯލް ނުވާވަރަށް ތެޅެމުން ދެއެވެ. ނަމަވެސް އެއީ ބިރަކުން ނޫނެވެ. ފައުޒާން މިހާރު އެންމެ ލޯބިވާ ކުއްޖާ އެހާ ކައިރީގައި އިނުމުންނެވެ. ފައުޒާންގެ ހިއްސުތަކަށް ބާރު ނުފޯރުވޭވަރު ވެއްޖެ އެވެ. ފައުޒާން ހިބާއަށް ބަލަން އިނެވެ. ހިބާ އިސް އުފުލާ ފައުޒާންއަށް ބަލައިލި އެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ބޭއިހުތިޔާރުގައި ފައުޒާންގެ މޫނު ހިބާއާއި ކައިރިކޮށްލެވުނެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކެއްގެ މޫނަށް އެޅެމުން ދިޔަ އެވެ. އަދި ފައުޒާންއަށް ހިބާގެ އެރަތް ތުންފަތުގައި ބޮސް ދެވުނެވެ. ފައުޒާންއަށް އިތުރު ހިތްވަރެއް ލިބުނީ ހިބާ އެކަން ބަލައިގަނެ އިޖާބަ ދިނުމުންނެވެ. ހިބާއަށް ލޯމަރާލެ ވުނެވެ. ހިބާއަށް އެއީ މުޅިން އާ ތަޖުރިބާ އެކެވެ. މީގެ ކުރިން ދުވަހަކު ވެސް އެކަހަލަ މީރުކަމެއްގެ އިހުސާސްއެއް ހިބާއަކަށް ކޮށްފައެއް ނުވެ އެވެ. ފައުޒާން ހިބާ ގެނެސް ގަޔާލާ ބޮންޑިކޮށްލި އެވެ. ފައުޒާންގެ އަތުތެރޭ ހިބާ އުމުރު ދުވަހު އޮންނަން ބޭނުންވި އެވެ. ހިބާއާއި ފައުޒާންއާއި ދެމެދުގައި ލަފުޒުތަކެއް ބަދަލު ނުކުރި ނަމަވެސް ދެ ހަށިގަނޑަށް ބަސްމޮށުންތެރިކަން ލިބިފައި ވާ ކަހަލަ އެވެ. ފައުޒާން ހިބާގެ ކަނދުރާގައި ބޮސްދިނެވެ. ފައުޒާންގެ ޖަޒުބާތުތަށް ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރި އެވެ. ހިބާއަށް ވެސް ވަމުންދާ ގޮތް އެއީ ވެގެން ނުވާނެ ގޮތެއް ކަމުގެ އިހުސާސް ކުރެވުނެވެ. ނަމަވެސް ދެމީހުން ކުރެ އެކަކަށްވެސް ދުރަކަށް ނުދެވުނެވެ. ހިިބާ ފައުޒާންގެ މޭގައި ބޯއަޅާލި އެވެ. ފައުޒާން ހިބާގެ ގައިގައި ފިރުމާލި އެވެ.

ޑިންގީއަށް އަރައިގެން ދިޔައީ އަލީއާއި ޒެކްއާއި އަޒުމީލުއާއި މޫސަބޭ އެވެ. އަތިރި މަތީ ދެންތިބި މީހުން ކަންތައް ބޮޑުވެފައި ތިއްބެވެ. ނަދުވާގެ ރުޅިގަނޑު ފަޅައިގެން ދާން ކައިރިވެފައި ހުއްޓެވެ. ހިބާއާއި ފައުޒާންއާއި އެރަށުން ފެނިއްޖެއްޔާ ނަދުވާ ހިބާ ނޮޅާލާނެ އެވެ. ހިބާ ގަސްތުގައި ފައުޒާން އާއި އެކު ކަންތައް ގަޑެއް ހިންގަން ކޮށްގެން އުޅޭ ކަމެއްކަން ނަދުވާއަށް ގަބޫލު ކުރެވުނެވެ.

ފައުޒާން ހިބާ ގެނެސް އަދިވެސް ބޮޑަށް ގާތް ކޮށްލި އެވެ. އޭރު ހިބާއަށް ވަނީ ފައުޒާންގެ އަތުތެރޭ އެކަންދުރާގައި މޫނު ފޮރުވާލައިގެން އިނދެ ނިދިފަ އެވެ. ފައުޒާން ހިޔާލަކަށް ގެއްލިފައި އިރުކޮޅަކު އިނުމަށްފަހު މަދުމަޑުން ހިބާ އޭނާއާއި ދުރަށް ޖައްސާލި އެވެ. އަދި ފުން ނަޒަރަކުން އެމޫނަށް ބަލައިލި އެވެ. ހިތްގައިމު ކަމުން ފުރިގެންވީ ގޮތަކަށް ނިންޖާއެކު ހިބާގެ ދެލޯ މެރިފައި އޮތެވެ. ފެންނައިރު އެހާ މައުސޫމް ޅަގޮތް އަދިވެސް މޫނުމަތިން ފާޅުވެ އެވެ. ފައުޒާން ހިބާގެ ނިތްކުރިއަށް ބޮސް ދިނެވެ. އަދި ހިބާ ގެނެސް ފައުޒާންގެ މޭގައި ލަށްކޮށްލި އެވެ.

އިންޖީނުގެ އަޑު އިވޭތީ ފައުޒާން ބަލައިލި އެވެ. ބައްތިއެއްގެ އަލި ފެންނަން ހުއްޓެވެ.

“ހިބާ! އޭތް، ހިބާ!” ފައުޒާން ހިބާއަށް ގޮވަން ފެށި އެވެ. “ހިބާ، ތެދުވެ ބަލަ.” ފައުޒާން ދެފަހަރަކު ކޮލުގައި މަޑުމަޑުން ޖަހާލާފައި ގޮވާލުމުން ހިބާ ލޯ ހުޅުވާލި އެވެ. ދެމީހުން ކޮޅަށް ތެދުވި އެވެ. އެމީހުން ބަލައި އައީ ކަމުގައި ފައުޒާން ހިބާ ކައިރީ ބުންޏެވެ. ފައުޒާން ހިބާއަށް ބަލައިލި އެވެ. ދެންމެ ހިގާދިޔަ ކަންތަކަށް ނިމުން މިއައީ ހެއްޔެވެ. މިރަށުން ދިއުމަށް ފަހު ދެން ދެމީހުން ވެގެން ދާނީ ދެ ބީރައްޓެހިންނަށެވެ. އެކަން ފައުޒާންއަށް އެނގެ އެވެ. ފައުޒާން އަދިވެސް  ބޭނުންވަނީ އެތުންފަތުގެ މީރުކަން އެއްފަހަރު އިހުސާސް ކޮށްލާށެވެ.

ފައުޒާން ހިބާއާއި ކައިރި ވެލި އެވެ. އަދި ހިބާގެ އުނަގަނޑުގައި ހިފާ ކައރިއަށް ދަމާލި އެވެ. އަދި ތުންފަތަށް ބޮސްދިނެވެ. ހިބާއަށް ލޯމަރާލެވުނެވެ. އެ ފޮނި ފޮނި ވަގުތު ކޮޅު ނިމޭކަށް ހިބާ ބޭނުމެއް ނޫނެވެ. ފައުޒާންގެ ކަރުގައި ދެއަތުން ވަށާލެވުނެވެ. އެވަގުތު އެދިމާލަށް ޓޯޗުން އަލިވެގެން ދިޔަ އެވެ. ދެމީހުން ސިހިފައި ދުރު ވި އެވެ.

“އާދޭ ދާން. ދެން ތިކުރާކަމެއް ކުރާނީ މާލެ ގޮއްސަ.” އަޒުމީލު އެމީހުން ކައިރިއަށް އަންނަމުން ބުންޏެވެ.

ހިބާ ލަދުން އިސް ޖަހާލި އެވެ. މޫނު އެއްކޮން ރަތްވެގެން ދިޔަ އެވެ. ފައުޒާންއަށް ހިބާއަށް ބަލައިލައިފައި އަޒުމީލުއަށް ބަލައިލި އެވެ. އަޒުމީލު ހިގައިގަތުމުން އަޒުމީލު ފަހަތުން ޑިންގީއަށް އެރުމަށް މޫދާދިމާއަށް ފައުޒާންވެސް ދިޔަ އެވެ. ފައުޒާން ހުރީ ޖެހިލުން ވެފަ އެވެ. އަޒުމީލުއަށް ފެނުނީ ކިހާ ވަރަކަށް ކަން ނޭގޭތީ އެވެ. ދެމީހުން މޫދަށް އެރިފައި ފަހަތް ބަލައިލި އިރު އެއްގަމުގައި ހިބާ ހުއްޓިގެން ހުއްޓެވެ. ފައުޒާން އާއި އަޒުމީލު ހިބާ ކައިރިއަށް އައިސް ހުއްޓިގެން ސުވާލުން ފުރިގެން ވީ ބެލުމަކުން ހިބާއަށް ބަލަން ތިއްބެވެ.

“ރޭގަނޑު މޫދަށް އެރެން ހިބާ ބިރުގަނޭ.” އެންގަމުގައި ބީއްސަމުން ދާ ރާޅުތަކާއެކު ލައްގާފައިވާ ރިހިކުލައިގެ ރެދަންފަށް ދައްކާލަމުން ހިބާ މަޑުމަޑުން ބުންޏެވެ.

“ޒާން، އޭނަ އުރައިގެން އާދޭ.” އަމުރު ވެރި ރާގަކަށް އަޒުމީލު ބުންޏެވެ. ފައުޒާން އަޒުމީލުއަށް ބަލައިލާފައި އައިސް ހިބާ ކައިރިއަށް ހުއްޓުނެވެ. ހިބާ ލަދުން އިސް ޖަހާލި އެވެ.

ފައުޒާން ބަލާކަށް ނުހުރެ ހިބާ ނަގާ އަތް ދަނޑި މައްޗަށް ލިޔެވެ. ހިބާ ފައުޒާންގެ ކަނދުރާގައި ދެއަތުން ވަށާލި އެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލު ވި އެވެ. އަޒުމީލު އެދިމާއަށް ބަލައިލާފައި ހިނިތުން ވެލި އެވެ. އަޒުމީލުގެ ޝައްކު ޔަގީން ވީމަ އެވެ.

“ތިދެމީހުން ސްޓަކް ވީ ކިހިނެއް؟” އެނގި ހުރެ އަޒުމީލު އަހާލި އެވެ.

“ޒާން ފަހާނާއަކަށް ދިޔައީ. ދެން ނިމިގެން މިތަނަށް އައި އިރު ތިމީހުން ނައްޓާލައިފި. އޭގެ އިރުކޮޅެއް ފަހުން ހިބާ އައީ. ހިބާވެސް ހީސް ލަވައި ގަތީޔޯ ހިބާ ބުނީ.” ފައުޒާން ހިބާގެ މޫނަށް ބަލަން ހުރެ ކުރިއަށް ދަމުން އަޒުމީލުއަށް އެވާހަކަތައް ކިޔައި ދެމުން ދިޔަ އެވެ.

ހުސް ދޮގު. އަޒުމީލު ހިތަށް އަރަމުން ދިޔަ އެވެ. އަދި ލާނެތް ހިނިތުން ވުމެއް ތުންފަތަށް ވެރިވެގެން ދިޔަ އެވެ.

“ދެންމެވެސް ވީގޮތް މަށަކަށް ނުފެނެ. އެކަމާ ތިމީހުން ހާސް ނުވާތި.” އަޒުމީލު ބުންޏެވެ. ހިބާ ފައުޒާންއަށް ބަލަން އޮތީ ލޯ ބޮޑުކޮށްލައިގެނެވެ.

“ކޯޗެއް ފެނުނީ؟” ފައުޒާން އެހި އެވެ. ފައުޒާންގެ ހިތް ބާރަށް ތެޅެ އެވެ.

“ނުފެނެ! ކިސް ކުރި ތަނެއްވެސް ނުފެނެ. ނުފެނެ ހަގް ކޮށްލައިގެން ތިބި ތަނެއްވެސް.” އަޒުމީލު ހިނިއައިސްގެން ކުރިއަށް ދަމުން ބުންޏެވެ.

ހިބާ ލަދުން ލޯ މަރާލި އެވެ. ފައުޒާންގެ ހިތް ނުތަނަވަސް ވިއެވެ.

“ދެން މަށެއް ނުބުނާނަމޭ. ހާސް ނުވެބަލަ.” އަޒުމީލު ބުންޏެވެ. “އައި ޕްރޮމިސް.” އަޒުމީލު ފަހަތަށް އެނބުރިލަމުން އެމީހުން ކުޑައިރު ވަޢުދު ކުރާއިރު ހަދާ ގޮތަށް މުއްކަވާފަ އެއްއަތް މައްޗަށް އަނެއް އަތް ލި އެވެ.

ޑިންގީއަށް ހިބާ އަރުވާފައި އަޒުމީލުއާއި ފައުޒާން ވެސް ޑިންގީއަށް އެރުމާއި އެކު ރަށާ ދިމާއަށް ނައްޓާލި އެވެ.

“ކީއްވެ ލައްވާނުލާ ރަށުގަ ހަރުލީ؟” ޒެކް ހިބާއާއި ސުވާލު ކުރިއެވެ. އަޒުމީލުއަށް ފައުޒާން ކިޔައިދިން ގޮތަށް ހިބާ ޒެކްއަށް ކިޔައިދިނެވެ. މޫސަބެއާއި އަލީވެސް އެވާހަކަ ގަބޫލު ކުރި އެވެ.

ހިބާގެ ހިޔާލަށް އަންނަމުން ދިޔައީ ދެންމެ ރަށުގައި ހިބާއާއި ފައުޒާންއާއި ދެމެދު ހިގި ފޮނި ފޮނި އުފާވެރި ވަގުތު ކޮޅެވެ. އެވަގުތު ކޮޅު ނިމޭކަށް ހިބާ ބޭނުމެއް ނޫނެވެ. ނަމަވެސް އެ ނިމުނީ ކަންނޭގެ އެވެ. ފައުޒާންގެ ބައިވެރިއަކު ހުރެ އެވެ. އެކަން ހިބާ ހަދާން ނައްތާލައިގެން ނުވާނެ ނޫން ހެއްޔެވެ.

ޑިންގީ އައިސް ގޮނޑުދޮށަށް ބީއްސަލުމާއި އެކު ހިބާ އެއްގަމަށް ފުންމާލި އެވެ. މޫމިނާ އައިސް ހިބާ ގައިގައި އޮޅުލައި ގަތެވެ. އަދިވީ ގޮތް އެހި އެވެ. ހަފީޒާވެސް ހިބާ ކައިރިއަށް ޖެހިލި އެވެ. އަޒްކާއާއި އަޒްމާ ވެސް ހިބާއާއި ކައިރި ވެލި އެވެ. އެންމެނަށް ހިބާ ކިޔައި ދިނީ ފައުޒާން އަޒުމީލުއަށް ކަން ހިގިގޮތް ކިޔައި ދީފައި ވާ ގޮތަށެވެ. ފައުޒާން ފޭބުމުން ހަފީޒާ ފައުޒާން ކައިރިއަށް ޖެހިލި އެވެ. ފައުޒާން ވެސް ހަމަ އެގޮތަށް ކިޔައިދިނީ އެއްވެސް އުނި އިރުތެއް ނުގެނެހެވެ. ހިބާގެ ކޮޑަށް އަތް އެއްލައިގެން މޫމިނާ ހިގައިގަތީ ގެއާއި ދިމާލަށެވެ. އެހެން އެންމެން ވެސް ގެއާއި ދިމާލަށް މިސްރާބު ޖެހި އެވެ. ދުރުގައި ނަދުވާ ހުރީ ދެއަތް މުއްކަވާލައިގެން ރުޅިއައިސްފަ އެވެ. ފައުޒާން އައިސް ނަދުވާއާއި ދިމާއަށް ބަލައިލި އިރު ނަދުވާގެ މޫނުމަތިން ފެންނަން ހުރި ކަންތައް ތަކުން ނަދުވާ އައިސްފައި ވާ ރުޅި ވަރަށް ރަގަޅަށް ފައުޒާން އަށް ނަގައި ގަނެވުނެވެ.

“ނަދޫ، ޒާން ސަލާމަތުން އައިމަ ވެސް ނަދޫ އުފަލެއް ނުވޭތަ.” ފައުޒާން ނަދުވާގެ އަތުގައި ހިފާލަމުން ބުންޏެވެ. އަދި ގެއާއި ދިމާއަށް ދިއުމަށް ހިގައި ގަތެވެ. އަނގައިންވެސް ނުބުނެ ފައުޒާންއާއި އެކު ގެއަށް ދިއުމަށް  ނަދުވާ ވެސް ހިގައި ގަތެވެ.

“ހިބާއާއި ޒާން އާއި އެ ފަޅު ރަށުގައި ކީއް ކުރީ؟” ގޭގެ ދޮރު ކައިރިއަށް ހުއްޓެމުން ނަދުވާ އަހާލި އެވެ. ފައުޒާން ނަދުވާގެ ލޮލަށް ބަލައިލި އެވެ. ނަދުވާ ހުރީ ވަރަށް ރުޅި އައިސްފަ ކަން މޫނުމަތިން އަދިވެސް އެނގެ އެވެ. ބުމަ ހުރީ ކައިރިކޮށްލާފަ އެވެ. ދަތްޕިލަ ޖައްސާ ފިއްތާލައިގެން ހުރިއިރު އިންތިޒާރު ކުރަމުން ދިޔައީ ފައުޒާންގެ ޖަވާބަކަށެވެ. އެސުވާލަށް ޖަވާބުދޭން ފައުޒާންއަށް އުނދަގޫ ވިއެވެ. ނަދުވާ ވިސްނާފައި އެވަނީ ކިހިނެއް ހެއްޔެވެ. އެމީހުން އެގޮތަށް އުޅެދާނެ ކަމަށް އެހެން މީހަކު ނުވިސްނާނެކަން ކަށަވަރެވެ. ނަމަވެސް ނަދުވާއަށް ފައުޒާން އޭނައަށް ބޭވަފާތެރި ވެދާނެ ކަމަށް އިހުސާސް ވަނީ ކަންނޭގެ އެވެ.

“ޒާންމެން ކަމެއް ނުކުރަން. ހަމަ އެތާ އިށީދެގެން ތިބީ ބަލައި އަންނަން ދެން.” ފައުޒާން ބުންޏެވެ. “ނަދޫ ހަމަ ތި ޝައްކު ކުރަނީ އެއްވެސް ކަމަކާ ނުލާ.” ފައުޒާން ނަދުވާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ގޭތެރެއަށް ވަދެގެން ދިޔަ އެވެ.

“ހިބާ އަކީ ނަދުވާއެއް ނޫނޭ.” އެދެމީހުން ދެއްކި ވާހަކަ އަޑު އަހަން ފަހަތުގައި ހުރި އަޒުމީލު އައިސް ގެއަށް ވަންނަމުން ބުނެލި އެވެ. ނަދުވާ އައިސްފައި ހުރި ރުޅިގަނޑު އިތުރު ވެގެން ދިޔަ އެވެ. އަދި ގެއަށް ވަދެ ވަދެ ހުރި އަޒުމީލުގެ ޓީޝާރޓް ގައި ހިފާ ދަމާ ބޭރަށް ނެރުނެވެ. އަޒުމީލު އަވަސް އަވަހަށް އެހިސާބުގައި މީހަކު ހުރިތޯ ބަލައިލި އެވެ. ނަސީބަކުން އެކަކުވެސް ނެތެވެ. އެންމެން ގޭތެރެއަށް ވަދެ ނިމިއްޖެ އެވެ. އެހިސާބުގައި ވެސް އެރަށު މީހަކުވެސް ފެންނާކަށް ނެތެވެ.

“ކީކޭ ކިޔާނަމޭ ހިތާތަ ތި އުޅެނީ؟” ނަދުވާ ރުޅި އައިސް ފައި އަޒުމީލުއާއި ދިމާއަށް ލޯ އަޅާލަމުން ދަތްކުނޑި ވިކާލި އެވެ.

“ގޯސް އެއްޗެއް ނޫން މިކިޔަނީ. މިބުނީ ނަދުވާއެއް ނޫނޭ ހިބާ އަކީ ފިރިހެނަކު ފެންނަ އިރަށް ގޮސް ދުނިޔޭގަ ލެއްވިހާ ހުރިހާ ނުބައި ކަމެއް ކުރާކަށް.” އަޒުމީލު ބުންޏެވެ. އަޒުމީލު ވެސް ބޭނުންވީ ލިބުނު ފުރުސަތުގައި އަޒުމީލުގެ ހިތުގައި ހިފަހައްޓައިގެން ހުރި ހުރިހާ އެއްޗެއް ނަދުވާއަށް ކިޔާލާށެވެ.

“ތި ހީކުރަނީ އަހަރެންގެ ވާހަކަ ފައުޒާންއަށް ބަސްޓު ކޮށްލަން ދޯ. އޭނަ ގަބޫލެއް ނުކުރާނެ.” ނަދުވާ ޖެހިލުން ވެފައި ހުރެ ވެސް ބުންޏެވެ.

“އަހަންނަށް ބޭނުމިއްޔާ ތިކަންވެސް ކުރެވިދާނެ. އަދި އަހަރެން ދައްކާ ވާހަކަ ޒާން ގަބޫލުވެސް ކުރާނެ.” އަޒުމީލު ވަރަށް ކެރިހުރެ ނަދުވާއާއި ދިމާއަށް ބުންޏެވެ. ނަދުވާ ހުރީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. އަޒުމީލު ބުނެފިއްޔާ ޒާން ގަބޫލު ކުރާނެކަން ނަދުވާއަށް ވެސް އެނގެ އެވެ. އޭނަ އެންމެ ބިރު ގަންނަނީ ވެސް އެކަމާ އެވެ.

“ބުނަންތަ. ހިބާއަށް ނަދޫ ގޮތެއް ހަދައިފިއްޔާ އަހަރެން ޒާން ކައިރީ ހުރިހާ ވާހަކަ އެއް ކިޔައިދޭނަން. މިހާރު އަހަރެން ބިރެއް ނުގަނެ އަހަރުމެން ދެމީހުންގެ އޭރު އޮތް ގުޅުމުގެ ވާހަކަ ވެސް ޒާންއަށް ކިޔައިދޭކަށް ވެސް.”

“ހިބާއާއި ދިމާއަށް އެއްޗެއް ބުނާއަޑު އިވުނަސް ނިމުނީ.” އަޒުމީލު ގެއަށް ވަންނަން ހިގައި ގަނެފައި އަދި އެއްފަހަރު ފަހަތަށް އެނބުރި ނަދުވާއާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުންޏެވެ. ނަދުވާ ހުރީ ޖެހިލުން ވެފަ އެވެ. އައިސްފައި ހުރި ރުޅި މުޅިން ފިލާގޮސް އޭނާގެ ހިތަށް ވަނީ ބިރުވެރިކަން ވަދެފަ އެވެ.

“އަޅޭ ހާދަ ދިގޭ. ހިބާ ދީބަލަ އަޒްކޮ ފުނާ އަޅައި ދޭނަން.” ފެންވަރައިގެން ހިބާ ނުކުމެ ބޯހިއްކަން އުޅެނިކޮން ކޮޓަރިއަށް ވަން އަޒްކާ ބުންޏެވެ.

“ހިކުނީމަ ފުނާ އެޅޭނީ.” ހިބާ ބުންޏެވެ. އަޒްކާ އައިސް ހިބާގެ އިސްތަށި ގަނޑުގައި އަތް ކާތާލި އެވެ.

“ހިބާ، އާދޭ ސައިބޯން.” ކޮޓަރިއަށް އެވަގުތު ބޯދިއްކޮށްލި ހަފީޒާ ގޮވާލި އެވެ. ހިބާ އާންއެކޭ ބުނަމުން ބޮލުގައި ހުޅިއެއް ޖަހާލި އެވެ.

“ދެން ތިހެން ހެދީމަ ނުއެއް ހިކޭނެނު.” އަޒްކާ ބުންޏެވެ.

“ހިބާ ވަރަށް ބަނޑުހައިވެފަ މިހިރީ. ސައި ބޮއެގެން އައިސް ނިއުޅާލާނީ.” ހިބާ ގަޑިއަށް ބަލައިލަމުން ބުންޏެވެ. އޭރު އަށެއް ޖަހަން އުޅެނީ އެވެ.

ހިބާ ގޮސް ބަދިގެއަށް ވަންއިރު މޭޒު ކައިރީ ފައުޒާން ސައިބޯން އިނެވެ. ހިބާއަށް މަޑު ޖެހެލެ ވުނެވެ. ފައުޒާން ހިބާއަށް ބަލައިލި އެވެ.

“އާދޭ އަވަހަށް.” ހަފީޒާ ޖޯޑަކަށް ސައި އަޅަމުން ބުންޏެވެ. ހިބާ އައިސް ފައުޒާންގެ ކުރިމަތީ އިން ގޮނޑީގައި އިށީނެވެ. ފައުޒާން އަނގައިންވެސް ނުބުނެ އިނދެ ކުޅިކާޖާ ހަފަމުން ގެންދިޔަ އެވެ. ހިބާ އައިސް ބިސްކޯދެއް ނަގައިގެން ސައިތަށީގައި ޖަހައިގެން ކާން ފެށި އެވެ. ހަފީޒާ ބަދިގެއިން ނުކުމެގެން ހިގައްޖެ އެވެ.

“ހިބާ،” ފައުޒާން މަޑުމަޑުން ގޮވާލި އެވެ. އެ ގޮވާލުމުގައި ވަނީ ކޮންކަހަލަ ޖަޒުބާތެއް ކަމެއް ނޭގެ އެވެ.

“ހޫމް.” ހިބާވެސް މަޑުމަޑުން އިނދެފައި ބުނެލި އެވެ. ހިބާގެ ހިތް އަވަސް ވަމުން ދަނީ ފައުޒާން ބުނާނެ އެއްޗަކާ މެދު އެވެ.

“ޒާންއަށް ޓައިމް ކޮޅެއް ދީ.” ފައުޒާން ބުންޏެވެ. އެބުނި އެއްޗެއްގެ މާނައެއް ހިބާއަކަށް ނުވިސްނުނެވެ. ހިބާ ފައުޒާންއަށް ބަލައިލި އެވެ.

“ޒާން މި ބުނީ އަދި ހިބާއާއި ގުޅެވޭކަށް ޒާންއަކަށް ނެތޭ. ޒާންއަށް ކުޑަ ދުވަސްކޮޅެއްގެ ޓައިމް ކޮޅެއް ދޭށޭ.” ފައުޒާން ހިބާއަށް ނުވިސްނުނު ހެން ހީވުމުން ބުނެލި އެވެ. “އައި ވިލް ޑިސައިޑް.”

ފައުޒާން ކުއްލިއަކަށް ތެދުވި އެވެ. ހިބާ އެއްޗެއް ނުބުނެ އިނީ އެވެ. ކޮންކަމަކަށް ވަގުތު ބޭނުން ވާ ވާހަކަ ހެއްޔެވެ. ހިބާ ދެކެ ފައުޒާން ލޯބި ވަންޏާ ބޭނުންވާނީ ކޮން ވަގުތެއް ހެއްޔެވެ. މިވަނީ ކިހިނެއް ހެއްޔެވެ. ލޯބި ވަންޏާ ލޯބިވާ ވާހަކަ ނުބުނެވޭ ހެއްޔެވެ. ފައުޒާން ހިބާ ދެކެ ލޯބިވާކަން ހިބާއަށް ގަބޫލު ކުރެވުނެވެ. ނަމަވެސް ނުބުނެ ވިގެން އެއުޅެނީ ކީއްވެ ހެއްޔެވެ. ނަދުވާއާއި ހެދި ހެއްޔެވެ. ވަގުތު ބޭނުން ވަނީ ނަދުވާއާއި ރުޅިވާން ވިސްނާތީ ހެއްޔެވެ. އިރުކޮޅަކު ހިބާ އެތާ ވިސްނާލަން އިނެވެ. ފައުޒާން ބުނި ވަރަކަށް ވަގުތު ދެވި ދާނެ އެވެ. މުޅި އުމުރު ދުވަހަށް ވިއަސް ހެވެވެ. މިހާރު ފައުޒާން ނޫން މީހަކު ހިބާގެ ހަޔާތަށް ގެންނާކަށް ހިބާ ބޭނުމެއް ނުވެ އެވެ.

“މަންމާ، ކަތްދަ ގޯތި ޖިހާދުބޭ އައިސްސަ އެދިޔައީ ކީއްކުރަން؟” އެގެއިން ނުކުތް ޖިހާދު ފެނުމުން ސޯފާގައި އިން މޫމިނާ ކައިރީ ބަދިގެއިން ނުކުތް ހިބާއަހާލި އެވެ.

” ޖިހާދުގެ ޒޭބާ އަންނަ އަހަރު ނަރުސް ކޯސް ހަދަން މާލެ ބަދަލު ކުރަން ވެގެން ބަހައްޓާނެ ތަނެއް ނެތިގެން. އޭނަ އެއައީ ސައީދުއާ ނަދީމާއާއި ވާހަކަ ދައްކާލަން ވެގެން.” މޫމިނާ ބުންޏެވެ.

“ދެން، ތުއްތައްތަ މެން އޯކޭ ދިނީތަ؟” ފޫހިވެފައި ހުރި ގޮތަކަށް ހުރެ ހިބާ ބުންޏެވެ. އެގެއަށް ޒޭބާ ބަދަލު ވެއްޖެއްޔާ ހިބާއަށް އުދަގޫ ކުރާނެ ވަރު ހިބާގެ ހިތަށް އެރި އެވެ.

“އަދި ވަކި އެއްޗެއް ނުބުނެ.” މޫމިނާ ބުންޏެވެ.

ފަތިހު ހިބާ ކުނިކަހަން އޮއްވާ އަލީއާއި ފައްވާޒް އައިސް ޖޯލީގައި ޖައްސާލި އެވެ. އެވަގުތު ގޭތެރެއިން އެމީހުނަށް މޫމިނާ ގޮވާލީ ކޮފީބޯން އައުމަށެވެ. އެމީހުން އެތެރެއަށް ވަދެގެން ދިޔަ އެވެ. އަޒްކާ ރޭގައި ހިބާގެ އިސްތަށި ގަނޑު ގަތާފައި އޮތުމުން އެ އޮތް ގޮތަށް ހިބާގެ އިސްތަށިގަނޑު ބޭއްވީ އެވެ. ކުނިކަހަން ގުދުވެގެން އުޅޭއިރު އިސްތަށި ގަނޑުގެ ކޮޅު ވެސް ގޮސް ބިންމަތީ ހޭކެ އެވެ.

“ހާދަ އަވަހަކަށް ކުނި ކެހޭނެޔޭދޯ. އިސްތަށި ގަނޑުންވެސް އެބަ ކަހާ ވިއްޔަ.” ހިބާ ބަލައިލި އިރު ފައުޒާން އައިސް ޖީންސް ޖީބަށް އަތް ޖަހާލައިގެން ދާދި ކައިރީ ހުއްޓި ލައިގެން ހުއްޓެވެ. ހިބާ ތެދުވެ އިސްތަށި ގަނޑުގެ ކޮޅު ފޮޅާލި އެވެ. ފައުޒާން ދެކޮޅު ބަލައި ލާފައި ހިބާގެ އުނަގަނޑުގައި ކޮށްޓާލި އެވެ. ހިބާ ހީލި އަރައި ގަތުމުން ފައުޒާން އަވަސް އަވަހަށް ގޭތެރެއަށް ވަދެގެން ދިޔަ އެވެ. ހިބާ ފައުޒާން ދިޔަ ދިމާއަށް ބަލަން ހުއްޓެވެ. ހިބާގެ ތުންފަތަށް ވަނީ މަޑު ހިނިތުން ވުމެއް ވެރި ވެފަ އެވެ. ފައުޒާން ކުރާ އެކަހަލަ ކުދި ސަމާސާ ތަކުން މިހާރު ހިބާއަށް އުނދަގޫ ވުމުގެ ބަދަލުގައި ލިބެނީ އުފަލެކެވެ.

އެންމެން މާލެ ފުރަން ހަމަ ޖެހިފައި އޮތީ މެންދުރު ފަހު އެވެ. މޫމިނާއާއި މޫސަބޭ ހަދިޔާ ބަދިޔާ އެއްކޮށް ފޮށިފޮށި ގަނޑަށް އަޅާ ބަންދު ކުރަމުން ދިޔަ އެވެ. އެދުވަހު އެމީހުން އެންމެނަށް ކާން ދައުވަތު ދީފައި އޮތީ ޖިހާދު މެންގޭން ނެވެ. ހިބާ އެގެއަށް ދާކަށް ބޭނުމެއް ނޫނެވެ. ޖިހާދުގެ ޒޭބާއަކީ އެރަށުގައި އުޅޭ ހިބާގެ އެންމެ ބޮޑު ދުޝްމަނެވެ. ހިބާ އެންމެ ފޫހިވާ މީހާ އެވެ.

ހިބާ އެދުވަހު ކެއީ ހަލީމަދައިތަ މެންގޭންނެވެ. އެގެއިން ކައިނިމިގެން އައީ އެގޭ ގަހުގައި ހުރިއްޔާ ހުރި ކުންނާރެއް ބިންދެގެންނެވެ.

ހިބާގެއަށް އައި އިރު އެންމެން ދަބަސްތަކާ އެއްޗިހި ހިފައިގެން ބޭރަށް ނިކުންނަނީ އެވެ. ހިބާ ކުންނާރު ކޮތަޅު ގެނެސް ދިނީ ފިޒާ އަތަށެވެ. ފިޒާ ވަރަށް އުފަލުން އޭގައި ހިފި އެވެ. ނަދުވާ ދުރުގައި ހުރެގެން ހިބާއަށް ލޯއަޅާ ހަދަމުން ދިޔަސް ހިބާއާއި ދިމާއަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރެ އެވެ.

ލޯންޗަށް އަރާ އެންމެން އިށީނެވެ. އިއްތިފާގުން ނަދުވާއަށް އިށީދެވުނީ ހިބާ ކައިރީ އެވެ. އެކަން އިހުސާސް ވެގެން ފުންމައިގެން ތެދުވެ ބަލައިލި އިރު ދެން ހުސްކޮން ހުރި ގޮނޑިތައް ހުރީ ކުރީގަ އެވެ. ހުރިހާ ގޭގެ ބޮޑެތި މީހުން ތިބީ ކުރީގަ އެވެ. ހިބާކައިރީ އިނުމަށް ވުރެން ރަގަޅު ވާނޭ ހިތާ އެތަނުން ތެދުވެގެން ގޮސް ނަދުވާ އިށީނީ ނަދީމާއާއި ސައީދުގެ ކުރިމަތީ އިން ނަވާ ކައިރީ އެވެ. ހިބާ ކުރިމަތީ ތިބީ އަޒްކާއާއި ފިޒާ އެވެ. ފިޒާ ހޮޑުލަވާތީ ކުރިއަށް ދިޔައީ ހަފީޒާ ކުރީގައި އިނީމަ އެވެ. މާޒް އައިސް އަޒްކާ ކައިރީ ޖައްސާލި އެވެ. ދެމީހުން ވާހަކަ ދައްކަން ފެށި އެވެ. ކުރިމަތީ އިން ހިބާއަށް ބަލައިލުމެއް ނެތި އެމީހުންގެ އަމިއްލަ ދުނިޔެއަކަށް ގެއްލިފައި އެދެމީހުން ތިއްބެވެ.

ލޯންޗް ދުއްވާލި އެވެ. އަޒުމީލު ކައިރީ ކޮޅަށް ހުރި ފައުޒާން އައިސް ހިބާކައިރީ އިށީނެވެ. އަދި ނަދުވާ ކޮބައިތޯ ކުރިއަށް ބަލައިލި އެވެ. ނަދުވާ އިނީ އެމީހުނަށް ފުރަގަސް ދީގެން އިން ގޮޑިއެއްގަ އެވެ. އެހެންކަމުން ފައުޒާން ގޮނޑީގައި ހަމަޖެހިލި އެވެ. ކަނާއަތް ގެންގޮސް ހިބާގެ ބޮލާ ދިމާލުން ގޮޑީގައި ބާއްވާ ލެގިލި އެވެ. ކުރިމަތީ ތިބި އަޒްކާއާއި މާޒް ހިބާއާއި ފައުޒާންއަކަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ.

“އޯކޭތަ ޒާން މިތާ އިނަސް.” ފައުޒާން ފޯނު ނަގާ މެސެޖެއް ކޮށްލި އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

މަންޝާ (އަށްވަނަ ބައި)

Next

ހާދަހާވޭ ކުރާހިތް ސަމާސާ 20 ވަނަ ބައި

Next
April 14, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 20 ވަނަ ބައި

Previews
April 14, 2016

މަންޝާ (އަށްވަނަ ބައި)

2 Comments!

  1. Aimsithu says:
    April 14, 2016 at 2:58 pm

    Alhey zaan and hibaa haaadha haaa majaa ey dhen

  2. Faxoo says:
    April 26, 2016 at 11:34 am

    varah reethi mibai ves.. mitha comment madhy dhivehi vaahaka site ga vaahakaiige full parts huryma dhw 🙂

Comments are closed.

Next Episodeހާދަހާވޭ ކުރާހިތް ސަމާސާ 20 ވަނަ ބައި←


All Right Reserved!