
ހާދަހާވޭ ކުރާހިތް ސަމާސާ 21 ވަނަ ބައި
ފައުޒާން އަޒުމީލުއާއި އެއްކޮން ގޮސް ވަނީ ސީ ހައުސް ރެސްޓޯރެންޓަށެވެ. ކޮފީއަކަށް އޯޑަރު ދެމުން ޖައްސާލީ މޫދާދިމާލަށް ހުރި މޭޒުތަކުން ކަނުގައި ހުރި މޭޒު ކައިރީ އެވެ.
“އަޒުމީލް.” ފުންކޮން އަޒްމީލަށް ބަލައިލަމުން ފައުޒާން ބުންޏެވެ. “ޓެލް މީ އެވްރިތިން.” އަޒުމީލު ބުދެއް ހެން ފައުޒާންއަށް ބަލަހައްޓައިގެން އިނެވެ. ވިސްނަމުން ދިޔައީ ކިޔައި ދިނުމުން ވާނެ ގޮތަކާއި މެދު އެވެ.
“އަޒުމީލް. ހުރިހާ ޑީޓެއިލެއް ޒާން ބޭނުމޭ. ކިޔައިދީބަލަ.” އަޒުމިލު އަނގައިން ނުބުނެ އިނުމުން ފައުޒާން އަނެއްކާވެސް ބުންޏެވެ.
“ޒާން، އަހަރެން މިވާހަކަ ދައްކައިގެން އަނެއްކާ ޒާންއަށް އަހަންނާ ވަހަކަ ދެއްކުން ހުއްޓާލައިފިއްޔާޔޯ. ނޫނީ އަހަރެން ދެކެ ޒާން ރުޅި ވެސް އައިސްދާނެ.” އަޒުމީލު ވަރަށް ޖެހިލުން ވެފައި އިނދެ ބުންޏެވެ.
“ޒާން މިވަގުތު މާ ރުޅި އަންނާނެ އަޒުމީލު ތި ވާހަކަތައް ކިޔައި ނުދީފިއްޔާ. ޖަސްޓް ޓެލް މީ.” ފައުޒާން ބުންޏެވެ.
“އަހަރެން ޒާންއަށް ވުރެން ކުރިން ނަދޫއާ ރައްޓެހިވީން.” އަޒުމީލު އެހެން ބުނެ ހުއްޓާލައިގެން އިނީ ފައުޒާންގެ މޫނަށް އަރާ ކުލަވަރު ބަލާށެވެ. އެމޫނުން އެއްވެސް ނުރުހުމުގެ އިހުސާސްއެއް ފާޅެއް ނުވި އެވެ. ފައުޒާން އަށް އެހާވަރު ވަނީ ފިޒާ ކިޔައި ދީފަ އެވެ. އަޒުމީލުއަށް ވާހަކަ ކުރިއަށް ގެންދިއުމަށް ހިތްވަރު ލިބިގެން ދިޔަ އެވެ. އަޒުމީލު ނަދުވާ އާއި ގުޅުނު ހިސާބުން ފެށިގެން ހުރިހާ ވާހަކައެއް ފައުޒާންއަށް އަޒުމީލު ކިޔައި ދިނެވެ. އަޒުމީލުގެ ވާހަކަ ނިންމާލީ ނަދުވާއާއި ފިރިހެން ކުއްޖަކާ ސިޑިމަތީ ތިއްބާ އަޒުމީލުއަށް ފެނުނު ހިސާބުންނެވެ.
“އަޒުމީލުއަށް ބަސްޓް ވީމަ ޒާން ކައިރީ ކީއްވެތަ ނުބުނީ؟” ރުންކުރު ގޮތަކަށް ފައުޒާން އަހާލި އެވެ.
“އޭރު އަހަރެން ޒާންއާ ވާހަކަ އެއް ނުދައްކަމޭ.” އަޒުމީލު ބުންޏެވެ. “އަހަރެން ޒާންއާ ވާހަކަ ދައްކަން ފެށި ފަހުން އަދި އެކަހަލަ މަންޒަރެއް ނުދެކެން.” އަޒުމީލު ބުންޏެވެ.
ދެން އައީ ހަމަހިމޭން ވަގުތު ކޮޅެކެވެ. ދެމީހުން ވެސް އަނގައިން ނުބުނެ ތިބެ މަޑުމަޑުން ކޮފީ ބޮމުން ދިޔަ އެވެ.
“ޒާން!” އިރުކޮޅެއް ފަހުން އަޒުމީލު ގޮވާލި އެވެ. ފައުޒާން އަޒުމީލުއަށް ބަލައިލަމުން ގޮނޑީގައި ލެގިލާ ހަމަޖެހިލި އެވެ. “އަހަރެން ދެކެ ރުޅި އައިސްފަތަ؟” އަޒުމީލުގެ މޫނުމަތިން ދެރަވެ ކަންބޮޑު ވެފައި އިންކަން ފާޅުވެ އެވެ.
“ކޮންމެސް ވަރަކަށް.” ފައުޒާން އަޒުމީލުއަށް ބަލަން އިނދެ ބުންޏެވެ. “އެކަމަކު އެއީ އަޒުމީލު ކުރި ކަންތަކަކުން ނޫން. ޒާންއަށް އެކަންތައް ސިއްރު ކުރީމަ.” ފައުޒާން ކޮފީ ފޮދެއް ބޯލި އެވެ. “އެންމެ ކުރިންވެސް ނަދޫއާ ރައްޓެހިވެފަ ޒާންމެނަށް އެވާހަކަ އެންގި ނަމަ ޒާން ނަދޫއާ ރައްޓިއްސެއް ނުވާނެނު. މިކަމުގެ އެންމެ ބޮޑު މިސްޓޭކަކީ އަޒުމީލު ސިއްރު ކުރީމަ.” ފައުޒާން އަޒުމީލަށް ބަލައިލީ ނުރުހިފަ އެވެ.
“އަހަރެން ވެސް މިހާރު ހިތަށް އަރާ ޒާންއާއި މާޒްއަށް ހުރިހާ ވާހަކައެއް ކިޔައި ދެވުން ނަމައޭ.” އަޒުމީލުގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. “އައި އޭމް ސޮރީ. އައި ރިއަލީ އޭމް.”
ފައުޒާންއަށް ފުރަތަމަ ފަހަރަށް އަޒުމީލުގެ ހިތަށް އަރާނެ އެއްޗަކާމެދު ވިސްނާލެވުނެވެ. އަދި އަޒުމީލުއަށް ބޯ ޖަހާލި އެވެ. ފަހަރެއްގައި އަޒުމީލު އެހުރި ތާ މިއަދު ފައުޒާން ހުރިނަމަ ވެސް އެގޮތަށް ކަންތަށް ކުރެވި ދާނެ އެވެ. ކޮންމެ ގޮތެއް ވިއަސް އަޒުމީލު ދެކެ ރުޅިއައިސްގެން ފައުޒާންއަކަށް ނުހުރެ ވޭނެ އެވެ.
“އަސްލު މައްސަލައަކަށް ބޮޑަށް މިވަނީ ނަދޫއަކީ ފެމިލީ ކުއްޖަކަށް ވީމަ.” ފައުޒާން މިފަހަރު ބުނި ޖުމްލައިން ކޮންމެސް ވަރެއްގެ ހަމަޖެހުމެއް އަޒުމީލުއަށް ގެނެސް ދިނެވެ. ފައުޒާން ބުނި ރާގުން ވެސް ފައުޒާން ރުޅިނާންނަކަން އެގިގެން ދިޔަ އެވެ. “އެހެން ނޫންނަމަ އަޒުމީލުއާއި ޒާންއަށް ވެސް މިކަމުން ސަލާމަތް ވާކަށް މާ ބޮޑު އިޝޫއަކަށް ނުވާނެ.” ފައުޒާން ބުންޏެވެ. އެވަގުތު ހުސްޖޯޑު ގެންދަން ވެއިޓަރެއް އައެވެ.
“ބްރިންގް ނަޓްސް އެންޑް ބިލް.” އަޒުމީލު ބުންޏެވެ. “ޒާން!” އަޒުމީލު ފައުޒާންއަށް ގޮވާލި އެވެ.
“ހޫމް؟” ފައުޒާން އަޒުމީލުއަށް ބަލައިލަމުން ބުންޏެވެ.
“ވަޓް އަބައުޓް ހިބާ؟” އަޒުމީލު މޭޒުގައި އަތް އަޅުވާލާފައި ކައިރި ވެލި އެވެ. ފައުޒާން އަޒުމީލުއަށް ބަލަން އިނެވެ. އަދި ހިނިތުން ވެލި އެވެ.
“ހިބާއާއި ދުރުވާކަށް ނެތިން.” ފައުޒާން ކުޑަކޮން ހިނިތުން ވެލަމުން ބުންޏެވެ.
“ޔެސް!” އަޒުމީލު ހެވިލާފައި މޭޒުގައި ޖަހާލި އެވެ. “އަހަންނަށް ހިބާ ފުރަތަމަ ފެނުނު ދުވަހު މަގޭ ހިތް ބުނި ޒާން ހިބާގެ ހިތް އަތުލާނެޔޭ.”
“ހެހެހެ. ޔޫ ނޯ މީ ބެޓަރ.” ފައުޒާން ހިނިގަޑެއް ޖަހާލަމުން ބުންޏެވެ. އަދި ބިލަށް ލާރިލާފައި ތެދުވި އެވެ. “ހިންގާ ދާން.” ފައުޒާން ބުންޏެވެ. އަޒުމީލު ތެދުވީ ވަރަށް ހިތްހަމަ ޖެހިފައި ހުރެ އެވެ.
ފައުޒާންއާއި އަޒުމީލުގެ ދޭތެރޭ އޮތް ބީރައްޓެހި ކަމާއި ހިތް ނުތަނަވަސް ކަން އެއްކޮން ފިލައި ހިގައްޖެ އެވެ. ދެން ދުވަހަކު ވެސް ފައުޒާންއަށް އެއްވެސް ވާހަކައެއް ސިއްރެއް ނުކުރާނަމޭ އަޒުމީލު ހިތަށް އެރި އެވެ. ނަމަވެސް ހިބާދެކެ އަޒުމީލު ލޯބިވާ ވާހަކައެއް އެކަކު ކައިރީ ވެސް އަޒުމީލު ނުބުނާނެ އެވެ. އެއީ ހަމަ އެކަނި އަޒުމީލުގެ ހިތުގައި އޮންނާނެ އެއްޗެކެވެ. ހިބާ އުފަލުގައި އުޅެންޏާ އަޒުމީލުއަށް އެ ނިމުނީ އެވެ.
* * * * * * * * * * * * *
އެދުވަހު ފައުޒާން އަޒުމީލުގެ ބައްދަލު ވުމަށް ފަހު އެއްގޮތަކަށް ވެސް ފައުޒާން ނަދުވާމެން ގެއަށް ނުވަދެ އެވެ. ނުވިތާކަށް ނަދުވާ ގުޅުމުން ފޯނަށް ޖަވާބެއްވެސް ނުދެ އެވެ. މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދެ އެވެ. އެގޮތުގައި ތިން ދުވަސް ފާއިތު ވެގެން ދިޔައީ ފައުޒާންއާއި ހިބަގެ ގުޅުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެމުންނެވެ. ކޮންމެ ރެއަކު ހިބާ ކްލާހުން އައިސް ދެމީހުން ވާހަކަ ދައްކާ ސަމާސަ ކުރަން އެގާރަ ޖަހަން ދެން ތިބެ އެވެ. އަބަދުވެސް ތިބެނީ އުނދޯލީގަ އެވެ. މައްޗަށް އެކަކުވެސް އެގަޑީގައި ނާރާތީ ދެމީހުނަށް ވަރަށް މިނިވަން ކަމާއެކު އެތާ ތިބެވެ އެވެ. ފައުޒާންގެ ކޮނޑުގައި ބޯ އަޅާލައިގެން ހިބާ އިނެވެ.
“ހިބާއަށް ހަމަ އެއިޓީން ވާ އިރަށް މެރީ ކުރަން ހިބާ ބޭނުން.” ހިބާ ބުންޏެވެ.
“އެކަމަކު ހިބާ އަދި ވަރަށް ކުޑައެއްނު.” ފައުޒާން އެހެން ބުނުމުން ހިބާ ފައުޒާންގެ ކޮނޑުން ބޯ ނެގި އެވެ. “އަދި ފެމިލީ މީހުން ކައިރީ ވެސް ޒާންއަށް މި އުޅެނީ މިވާހަކަ ނުބުނެ ވިގެން.”
“ދެން ބުނަން ވީނު. ނަދޫ ކައިރީވެސް ބުނަން ވީނު.” ހިބާ ބުންޏެވެ.
“ހިބާ،” ފައުޒާން ހިބާ ގެނެސް މޭގައި ޖައްސާލި އެވެ. “ޒާން ވެސް ބޭނުމޭ އެންމެން ކައިރީ ބުނަން. ބަޓް ދެޓްސް ނޮޓް އީޒީ.” ފައުޒާން ބުންޏެވެ. އަދި ހިބާގެ ބޮލަށް ބޮސް ދިނެވެ.
ޖެހިގެން އައި ދުވަހު ހެދުނު ސައިބޯން ފިޒާ އިނެވެ. އޭރު ގަޑިން ދިހައެއް ޖަހާ ބޮޑު ވެއްޖެ އެވެ. ފައުޒާން އައިސް ބަދިގެއަށް ވަނެވެ. އެދުވަހު ފައުޒާންއަށް އޯފް ދުވަހެކެވެ.
“ޒާންބޭ، ފިޒް ފުރަން އުޅޭއިރު ވެސް ޒާންބެ ތި ހުންނަނީ ހަމަ ޖެހިލާފަ.” ފިޒާ ސައިބޯން އިނދެފައި ބުންޏެވެ.
“ދެން ޒާންބެ ކީއްތަ ކޮށްދޭންވީ؟” ފައުޒާން މޭޒުކައިރި ގޮނޑިއެއްގައި އިށީންނަމުން ބުންޏެވެ. “ކޮބާ ހިބާއާ ދޮންބަތުއާ ދެމީހުން؟”
“ދެމީހުން ރީތި ވެލައިގެން ފިހާރައަށް ހިގައްޖެ. މިއަދު ފިޒްއަށް މީރު އެއްޗެއް ހަދައިދޭން ވެގެން ހިބާއާ ދޮންބަތުއާ އެއުޅެނީ.” ފިޒާ އެހެން ބުނަމުން ތެދުވެގެން ގޮސް ތަރުމޯޒުން ޖޯޑަކަށް ސައި އަޅައިގެން އައިސް ފައުޒާން ކައިރީ ބެހެއްޓި އެވެ.
“ފިޒް ވަރަށް ހެޕީ ވެފަ މިހިރީ. ފިޒްއަށް ލިބިފައި ތިބީ ފިޒްދެކެ ވަރަށް ލޯބިވާ ދެ ފަހަރިން.” ފިޒާ ފައުޒާންއަށް ބަލައިލަމުން ގޮނޑީގައި އިށީނެވެ. ފައުޒާން ފިޒާއަށް ބަލައިލި އެވެ.
“ކީކޭ؟ ކޮން ދެ ފަހަރިންނެއް؟” ފައުޒާން އަހާލި އެވެ. ފިޒާ އެބުނަނީ ނަދުވާގެ ވާހަކަ ހެއްޔެވެ. އެކަމަކު ކުރީދުވަހު ނަދުވާ ކަމު ނުދާ ވާހަކަ ވެސް ދެއްކީ ފިޒާ އެވެ.
“ދޮންބަތުއާ ހިބާ އާ އެއްނު.” ފައުޒާން ތުބުގައި ޖަހައިގެން އިން ސައިތަށި ބަންޑުން ނުވީ ކިރިޔާ އެވެ. ފައުޒާން ކޮށިއަރައި ގަތެވެ. “ޒާންބޭ އާރ ޔޫ އޯލް ރައިޓް؟” ފިޒާ ފައުޒާންއަށް ބަލަން އިނދެފައި އަހާލި އެވެ.
“އާން. އައި އޭމް ފައިން.” ފައުޒާން ކަރު ކެހިލަމުން ބުންޏެވެ. “އެކަމަކު ހިބާ؟”
“ކޮންމެހެން ނޭގޭ ކަމަށް ހަދާނެ ކަމެއް ނެތް. އައިކެން ސީ އެވްރިތިން.” ފިޒާ ބުންޏެވެ. “ދޮންބަތުއަށް ވެސް ދޮންބެއަށް ވެސް ހުރިހާ ކަމެއް އެނގޭ. މަންމަ އެކަނި މިގޭގަ ބްލައިޑް ވެގެން އެ އުޅެނީ.” ފިޒާ ބުންޏެވެ. ފައުޒާން އިނީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. އެންމެނަށް ސިއްރުން އުޅުނަސް އެންމެނަށް ސިއްރެއް ނުވި ނޫން ހެއްޔެވެ. އިނގުނީ ކިހިނެއް ކަމެއްވެސް ފައުޒާންއަކަށް ނޭގެ އެވެ.
“ކިހިނެއް ފިޒްއަށް އެނގުނީ؟” ފައުޒާން އިނދެފައި އަހާލި އެވެ.
“އެނގޭނެނު. ޒާންބެ ހިބާއަށް ބަލަން ހުންނަނީ ނުލާހިކު ލޯބިން. ސަމާސާ ކޮށްލުމުން ހިބާ ރަކި ވެގެން ބަލައިލަނީ ވެސް އެހާލޯބި ގޮތަކަށް،” ފިޒާ ހީލަމުން ބުންޏެވެ. “ތި ދެމީހުން އުޅޭ ގޮތް ބަލަން ކުޑަ އިރުކޮޅަކު ވެސް މަޑުކޮށްލައިގެން ހުރީ ވިއްޔާ އިނގޭނެ.”
“ފިޒް، މިކަންތައް އަދި ސިއްރެއްގެ ގޮތުގަ ބާއްވަދޭން ވީނު.” ފައުޒާން ރަކި ގޮތަކަށް އިނދެފައި ބުންޏެވެ. މަންމައާއި ތުއްތައްތައަށް އެގިއްޖެއްޔާ ވާނެ ގޮތެއް ނޭގޭތީ ފައުޒާން ބިރު ގަތެވެ.
“އޯކޭ، އެކަމަކު ގޮތެއްގެ މަތިން.” ފިޒާ ބުންޏެވެ. ފައުޒާން ސުވާލުން ފުރިގެން ވާ ގޮތަކަށް ފިޒާއަށް ބަލައިލި އެވެ. “ފިޒްގެ ފޮރިން ފްރެންޑްސް ކޮޅަށް ގެންދާނެ ހަދިޔާ ކޮޅެއް ޒާންބެ ޖެހޭނެ ގަނެދޭން. އޭރުން ފިޒްގެ އަނގަ ހަމަ ޒިޕްޑް.” ފިޒާ ބުންޏެވެ. ފައުޒާން ހިނި އައެވެ. އަދި އެއްބަސް ވުމުގެ ގޮތުން ބޯޖަހާލި އެވެ.
” މިރޭ ތި ގަންނަން ދާން ހިންގާ.” ފައުޒާން ބުންޏެވެ. ފިޒާ އަވަހަށް އެއްބަސް ވެލި އެވެ.
“ހިބާ ގޮވައިގެން ދާނީ.” ފިޒާ ބުންޏެވެ. އެވަގުތު ހިބާއާއި ރިފާ ކޮތަޅު ތަކެއް ހިފައިގެން އައިސް ވަނެވެ.
“ކީކޭ ހިބާއޭ ކިޔައިގެން ތި ކިޔަނީ؟” ހިބާ ހެވިފައި ހުރެ ބުންޏެވެ.
“މިރޭ ފިޒްއާ އެއްކޮން ބާޒާރަށް ދާން ވެގެން ފިޒް ބޭނުންވަނީ ހިބާވެސް ގޮވައިގެން ދާން.” ފައުޒާން ބުންޏެވެ. “ހިބާއަށް ދެވޭނެތަ؟”
“ހިބާ ކްލާސް ނިމޭނީ ނައިންގަ. ނިމިގެން ދެވިދާނެ.” ހިބާ ފިޒާއަށް ބަލައިލަމުން ބުންޏެވެ.
“އޯކޭ ފިޒްއާ ޒާންބެއާ ހިބާ ކްލާސް ނިމޭގަޑިއަށް ކޮލެޖް ކައިރިއަށް ދާނަން. އޭރުން އެތަނުން ދެން ފިހާރަތަކަށް ވަންނަމުން އަންނާނީ ގެއަށް.” ފިޒާ ހަމަޖައްސާލި އެވެ. ހިބާ ބޯޖަހާލަމުން ހީލި އެވެ.
އެދުވަހު ކެއްކުމުގެ ކަންތަކުގައި ރިފާއާއި ހިބާ އުޅެމުން ދިޔައިރު ފައުޒާން އިރުކޮޅަކާ ބަދިގެއަށް ވަދެ އެވެ. އައިސް ހިބާ ތަރުކާރީ ކޮށަން އުޅެނިކޮން އެ އަތުލާ ކޮށަން ފެށި އެވެ.
“މިއުޅެނީ އަވަސް ކޮށްދޭން ވެގެން.” ފައުޒާން ބުންޏެވެ. ރިފާ އެދެމީހުނަށް ބަލައިލާފައި ހިނިތުން ވެލައިގެން ހުރެ ރިފާ ކުރަމުން ދިޔަ ކަންތަކައިގެން ރިފާ އުޅެ އެވެ. ހިބާ ވެސް ފައުޒާން ކަންތައް ކޮށްދޭތީ ފަހަރަކު ކަމެއް ފައުޒާންއާއި ހަވާލުކޮށްލަ އެވެ. އިސާ ހިތަކު ކެއްކުމުގެ ކަންތައް ނިމިއްޖެ އެވެ.
“ދެން ހިބާ ސާފުކޮށްލާ. ދޮންބަތު މިދަނީ ދޮވެފަ ހުރި އެއްޗިހި ހިއްކަން އަޅަން މައްޗަށް.” ރިފާ ބަދިގެއިން ނުކުމެގެން ދަމުން ބުންޏެވެ. މޭޒުކައިރީ ފައުޒާން އިނދެފައި ރިފާ ދިއުމުން ތެދުވި އެވެ. އަދި ތަށިދޮންނަން ހުރި ހިބާގެ ފުރަގަހަތުން ބައްދާލި އެވެ.
“އޭ! ފައުޒާން،” ހިބާ ތެޅި ގަންނަމުން ބުންޏެވެ. “މީހަކު އައިސް ދާނެ.”
“އެންމެނަށް އެނގޭނު.” ފައުޒާން ހިބާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން ބުންޏެވެ.
“އެކަމަކު ވެސް.” ހިބާ ބުންޏެވެ. އަދި ތަށިދޮވުން ހުއްޓާލާފައި އެނބުރުނެވެ. ފަައުޒާން ހިބާގެ ލޮލަށް ބަލަން ހުއްޓެވެ.
“ހިބާ ދެކެ ލޯބި ވޭތަ؟” ހިބާ ފުރަތަމަ ފަހަރަށް ލޯބީގެ ވާހަކަ ދައްކަން ފެށި އެވެ.
“ނުބުންޏަސް އެނގޭނު.” ފައުޒާން ބުންޏެވެ.
“ތިހެން ވިއްޔާ ތިހިން ނޫޅޭ. ތަންކޮޅެއް ދުރުން އުޅޭ.” ހިބާ ބުންޏެވެ. ފައުޒާން ހިބާގެ އުނަގަނޑުގައި ހިފާ ކައިރި ކޮށްލި އެވެ. އަދި ހިބާގެ ތުންފަތަށް ބޮސް ދިނެވެ.
“ދެން ނޫޅޭނަން.” ފައުޒާން ހީލަމުން ބުނެލި އެވެ. އަދި ބަދިގެއިން ބޭރަށް ނުކުތެވެ.
އެރޭ ހިބާ އާއި އަޒްކާ ކިލާސް ނިމިގެން ނުކުތް އިރު ފިޒާއާއި ފައުޒާން ކޮލެޖް ކުރިމަތީ ހުއްޓިލައިގެން ހިބާގެ އިންތިޒާރުގައި ތިއްބެވެ. އޭރު މާޒް ސައިކަލު މަތީ އިނެވެ. އަޒްކާ މާޒްއަށް ގުޅައިގެން ގެނައީ ހިބާ ބާޒާރަށް ދާވާހަކަ ބުނުމުން ނެވެ.
“ހިބާ،” ފިޒާ އަށް ހިބާ ފެނުމުން ގޮވާލި އެވެ. އަޒްކާ އައިސް ސައިކަލަށް އެރުމުން ފައުޒާންއާއި ފިޒާ ކައިރިއަށް ހިބާ ހިގައި ގަތެވެ. ތިން މީހުން ގޮސް ވަނީ އަންހެން ކުދިންގެ ސާމާނު ވިއްކާ ބޮޑު ފިހާރައަކަށެވެ. ފިޒާގެ ރައްޓެހިންނަށް ކަމުދާނެ ހެން ހީވާ އެއްޗެހި ފިޒާ ނެގި އެވެ. ހިބާއަށް އެތަނުން ފެނުނީ ހިތްތަކެއް އެލުވާފައި ހުރި ވަރަށް ރީތި ކެވެލި ކޮޅެކެވެ. އެ އިނީ ސޯކޭސްއަކަށް ލާ ތަޅު ލާފަ އެވެ. ހިބާ އޭތި ރީތިވެގެން އަގު އަހާލި އިރު ވަރަށް އަގުބޮޑެވެ. ކީއްވެތޯ އަގުބޮޑީ އަހާލުމުން ފިހާރަ ސޭޓު ބުނީ އެއީ ހުދުރަނާ އަލިމަހުގެ އެއްޗެއް ކަމުގަ އެވެ. ހިބާ އަދިވެސް އެއަށް ބަލައިލި އެވެ.
ފައުޒާން ތަންކޮޅެއް ދުރުގައި ހުރެފައި އައިސް ފިހާރަ ސޭޓުކައިރީ ބުނެގެން އޭތި ބަލައިލަން ނެގި އެވެ. އަދި ހިބާގެ މޫނަށް ބަލައިލާފައި ބޯ ހޫރާލަމުން އަނެއްކާވެސް އެ ބޭންދި އެވެ.
“މާ އަގުބޮޑު ދޯ.” ހިބަ ބުނުމުން ފައުޒާން ބޯ ޖަހާލި އެވެ.
ބާޒާރުކޮށް ނިމިގެން ތިންމީހުން ވަނީ ކައިރީގައި ހުރި ރެސްޓޯރެންޓަކަށެވެ. ފިޒާ ބަނޑުހައި ވެގެން އުޅޭ ވާހަކަ ބުނުމުންނެވެ. އެންމެން އޯޑަރު ދިނުމަށްފަހު އެކިވާހަކަ ދައްކަން ތިއްބެވެ.
“އޭ ހިބް؟” ފިރިހެން އަޑަކުން މީހަކު ގޮވާލުމުން ބަލައިލި އިރު ހިނިއައިސްފައި ހުރީ ހިބާމެން ވަރުގެ ފިރިހެން ކުއްޖެކެވެ.
“ޔާން! ކޮން އިރަކު މާލެ އައީ؟” ހިބާ ހައިރާން ވެފައި އަހާލި އެވެ.
“ޓޫ ޑޭސް ވެއްޖެ. ޒެކް ނުބުނޭތަ؟” ގައިގެ ކުލަ ހިބާއާއި ދާދި އެއްގޮތް ފަން އިސްތަށިކޮޅެއް ލާފައިވާ އެ ޒުވާން ކުއްޖާ ބުންޏެވެ. ހިބާ ބޯޖަހާލި އެވެ.
“ޔާން، މީ ފައުޒާން އިނގޭ. ދެން މީނީ ފައުޒާން ކޮއްކޮ ފިޒާ.” ހިބާ ފައުޒާންއާއި ހިބާ ތަޢާރަޕް ކޮށްދިނެވެ. “މީ ލަޔާން، ހިބާގެ ކޮއްކޮ.”
“ލަޔާން އާދޭ ޖޮއިން ވެލަން.” ފައުޒާން ބުންޏެވެ.
“މިއުޅެނީ ފްރެންޑްސް ކޮޅަކާ އެއްކޮން. އަންނާނަން އެމީހުން ކައިރީ ބުނެލާފަ.” ލަޔާން އެހެން ބުނެ އެތަނުން ހިގައްޖެ އެވެ.
“އެއީތަ ހިބާ ދޮންމަންމަގެ ދަރިފުޅު؟” ފައުޒާން އަހާލި އެވެ. ހިބާ ބޯ ޖަހާލި އެވެ.
“އޭނައަކަށް އަދި ނޭގޭތަ ހިބާ ބައްޕަ އަކީ އޭނަގެ ބައްޕަ ނޫން ކަމެއް؟” ފައުޒާން ބުންޏެވެ.
“އާން. ތިވާހަކަ ނުދައްކައްޗޭ. އޭނަ ދެރަވާނެ.” ހިބާ ބުންޏެވެ. އިރުކޮޅަކުން ލަޔާން އައެވެ. އައިސް ފިޒާ ކައިރީ އިށީނެވެ.
“ކޯޗަކަށް އޯޑަރ ދިނީ؟” ލަޔާން އަހާލި އެވެ.
“ފްރައިޑް ރައިސްއަށް.” ފައުޒާން ބުންޏެވެ. “ލަޔާން އޯޑަރ ދޭން ވީނު.”
“އޯކޭ ވާނެ. ޝެއަރ ކުރާނީ. އެހެން ނޫނަސް ހިބްއަށް އެއްކޮނެއް ނުކެވޭނެ އެއްނު.” ލަޔާން ބުންޏެވެ. ހިބާ ލަޔާން އަށް ބަލައިލި އެވެ.
“ޔާން އަކަށް ނޭގޭނެ. ހިބާ މިހާރު ގިނައިން ކަމޭ.” ހިބާ ބުންޏެވެ. ލަޔާން އެހެން އިންނައިރު އިރުކޮޅަކާ ފިޒާއަށް ބަލައިލަ އެވެ.
“ކޮންމެސް ތާކުން ދެކޭ ކުއްޖެއްހެން ހީވަނީ.” ލަޔާން އެންމެ ފަހުން ފިޒާއަށް ބުންޏެވެ.
“ތިވާނީ އޮސްޓްރޭލިއާއިން ކަމަށް” ފައުޒާން ލާނެތް ގޮތަކަށް ބުންޏެވެ.
“އެގްޒެކްޓްލީ!” މޭޒުގައި ޖަހާލަމުން ލަޔާން ބުންޏެވެ. “ބްރިޓިޝް ޔުނީގަތަ އުޅެނީ؟”
“އާން.” ފިޒާ ބޯޖަހާލީ ހައިރާން ވެފައި އިނދެ އެވެ.
“މެޑިސިން ސްޓުޑެންޓެއް ދޯ.” ލަޔާން އަހާލި އެވެ. ފިޒާ އަދި އިތުރަށް ހައިރާން ވެފައި ބޯ ޖަހާލި އެވެ. “ޔާން ހަދަނީ ބިޒްނަސް. ޔާންގެ ފްރެންޑެކޭ ރެޖީން އަކީ. ރެޖީންގެ ފްރެންޑެއްނު ތީ.”
“ޔާ. އާރ ޔޫ އިން ސޭމް ޔުނީ؟” ފިޒާ އިނީ ގަބޫލު ނުކުރެވިފަ އެވެ. މީގެ ކުރިން ފިޒާއަށް ލަޔާން ފެނިފައެއް ނެތެވެ. ލަޔާން ބޯ ޖަހާލި އެވެ. ދެމީހުން ވާހަކަ ދައްކަން ފެށި އެވެ. ޔުނިވަރސިޓީގެ ވާހަކައާއި ކިޔަވާ މާއްދާ ތަކުގެ ވާހަކަ އެވެ. ރައްޓެހިންގެ ވާހަކަ އެވެ.
ފައުޒާން މަޑުމަޑުން ހިބާގެ އަތުގައި ހިފާލި އެވެ. ހިބާ ބަލައިލުމުން ނިތް އަރުވާލާފައި ހިބާއާއި ކައިރިއަށް ޖެހިލި އެވެ.
“މީ ރަގަޅު ކަމެއްނު.” ހިބާގެ ކަންފަތް ކައިރިއަށް އަރިވެލާފައި ފައުޒާން ބުންޏެވެ. ހިބާ ހިނިތުން ވެލި އެވެ. އެރޭ ކައިނިމިގެން ނުކުތް އިރު ލަޔާންގެ ފޯނު ނަންބަރާއި އެހެން އައިޑީތަށް ވެސް ވަނީ ފިޒާގެ ފޮނުގައި ނޯޓް ކުރެވިފަ އެވެ. ދެމީހުން ވަނީ މާކުރިން ފެނިފައި ވާ ދެ ރައްޓެހިންނަށްވެ ނިމިފަ އެވެ.
“ޔާން، ދޮންބެ މާލޭގަ އުޅޭތަ؟” ރެސްޓޯރެންޓްގެ ދޮރުކައިރީ ހުރެފައި ހިބާ އަހާލި އެވެ.
“ދޮންބެ ވީ ދުބާއީގަ. ބައްޕަ ވެސް ވީ ދުބާއީގަ. މިހާރު ގޭތެރެ ވަރަށް ފަޅު. ހިބް އަންނަން ވީނު ގެއަށް. ބައްޕަ އުޅެނީ ހިބްގެ މަންމަ ގެންނަން ވެގެން. ޒެކް ބުނީ ހިބްގެ މަންމަ ނާންނާނެޔޯ.” ލަޔާން ބުންޏެވެ.
“މަންމަ އަންނާނެ ހެން ހިބްއަށް ވެސް ހިޔެއް ނުވޭ. އެކަމަކު މަންމަ އައިސްސިއްޔާ ހިބް ގެންދާނެ ގެއަށް.” ހިބާ މާނަވީ ގޮތަކަށް ފައުޒާންއަށް ބަލައިލި އެވެ.
“ހިބް ދަނީ. ގުޅާނަން އިނގޭ.” ލަޔާންގެ ރައްޓެހިން ރެސްޓޯރެންޓުން ނުކުތްތަން ފެނުމުން ލަޔާން ބުންޏެވެ. އަދި ފިޒާއާއި ސަލާންކޮށްލުމަށް ފަހު ހީލާފައި ހިގައްޖެ އެވެ.
“ޒާންބެއާ ސަލާމެއް ނުކުރެ. ހަމަ ފިޒްއާ އެކަނި ސަލާން ކުރީ.” ފައުޒާން ފިޒާއަށް ބަލައިލާފައި ޅަ ގޮތަކަށް ދިމާކޮށްލި އެވެ. ފިޒާ ރަކިވެގެން ފައުޒާންގެ ކޮނޑުގައި ޖަހާލި އެވެ.
ފައުޒާން ލިފްޓުން ނުކުންނަމުން ބުނި އެއްޗަކުން އެންމެން ގެއަށް އައިސް ދޮރުން ވަނީ ހެމުން ހުމުންނެވެ. އޭރު ހަފީޒާ ސޯފާގައި އިށީދެގެން އިނެވެ. ހަފީޒާގެ މޫނުމަތިން ފެންނަން ހުރީ ވަރަށް ނުފެންނަ ސިފައެކެވެ. ހަފީޒާ އިނީ ކޮންމެސް ކަމަކާ ނުރުހިފައިކަން އެނގުނީ އެންމެން އައިތަން ފެނި ކުއްލިއަކަށް ތެދުވުމުން ނެވެ.
“ފައުޒާން! ފައުޒާން މިހާރު ތި އުޅެނީ ކޮން ވައްތަރަކަށްތަ؟ ހީކޮށްގެން ތި ހުންނަނީ އަހަންނަށް އެއްވެސް ކަމެއް ނޭގޭނެޔޭ ދޯ.” ހަފީޒާ ނުހަނު ބާރަށް އެހެން ބުނީ ވަރަށް ނުރުހިފައި ހުރެ އެވެ. ފައުޒާންއަށް ބަލައިލެވުނީ ހިބާއާއި ދިމާ އަށެވެ. އަނެއްކާ މަންމައަށް ހިބާއާއި ފައުޒާންގެ ގުޅުން އެނގުނީ ހެއްޔެވެ.
ހިބާ ވެސް ހުރީ ބިރުން ވިރިވިރި އެވެ. ދުވަހަކުވެސް ހަފީޒާ ރުޅިއައިސްފައި ހުއްޓާ ހިބާއެއް ނެދެކެ އެވެ. ފިޒާ ވެސް ހުރީ ހަދާނެ ގޮތެއް ނޭގި ކަންތައްބޮޑު ވެފަ އެވެ. ހަފީޒާ އެގޮތަށް އެއްޗެއް ބުނާނީ ވަރަށް ރުޅިއައިސްގެން ކަން ފިޒާއަށް އެނގެ އެވެ. ހިބާއާއި ޒާންބޭގެ ކަންތަކާ މަންމަ އަނެއްކާ ގަބޫލު ނުވަނީ ބާއޭ ފިޒާ ހިތަށް އަރަމުން ދިޔަ އެވެ.
“ފައުޒާން ތިގޮތަށް ކަންތައް ކުރާނެ ކަމަކަށް އަހަރެން އުއްމީދުވެސް ނުކުރަން.” ހަފީޒާ ބުނަމުން ދިޔަ އެވެ. އެވަގުތު ކޮޓަރިން ފައްވާޒްއާއި ރިފާވެސް ނުކުތީ ހަފީޒާ މާބާރަށް ހަޅޭއްލަވާ އަޑަށެވެ. އެދެމީހުންވެސް ތިބީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. ހަފީޒާ ރުޅިއައިސްފައި ހުއްޓާ ރިފާއަށް ވެސް ދުވަހަކު ނުފެނެ އެވެ. އެހެންކަމުން ރިފާވެސް ހުރީ ވަރަށް ހިތް ނުތަނަވަސް ވެފަ އެވެ. އެންމެން ވެސް ބަލަނީ ފައުޒާންއާއި ހިބާއަށެވެ. އެދެމީހުންގެ ވާހަކަ ހަފީޒާއަށް އެގިގެން ނުރުހުން ވީކަމުގައި އެންމެން ވެސް ހިތަށް އަރަމުން ދިޔަ އެވެ.
ހިބާ ހުރީ ވަރަށް ދެރަވެފަ އެވެ. އަދި އެހާމެ ބިރުވެސް ގަނެފަ އެވެ. ހިބާގެ ލޮލުން ވަނީ ކަރުނަ ނިރާލާފަ އެވެ. ދެން ހިބާއަށް އެގޭގައި ވެސް ނޫޅޭވޭނެހެން ހިބާއަށް ހީވި އެވެ.
14 Comments!
Comments are closed.
Vvvvvvvvvvvvvvv rythi.
Aadha kurey….but…thank u…vvvv nice mi part vs…next part vs v avaha inge up kohdheche…
Wow nice story
Is nadhuvaa preg?
Ehn meehehge dhari akah preg viyyaa salhi vaane..
Story v salhi.. waiting fr next part..
Finally mivaahaka ehkn kiyaalan libihje….v rythi vaahakaeh
Enme kiyahiyva story. Vvv reethi mi story.
Mivaahaka ehkoh kiyailaifin heylaa huregen v v v reethi
Nadhuwa fani hedhi dho. I hate you Nadhuwa
Avahah up kohdhyba plx vvvvvvvv reethi keep it up. . Alheh zaan ge manma hibaayaa ruhibala nadhuvaa beyvafa rheri vikan zaan enmehnah ahngaa bala plx avahah up kohdheh chey
.. .waiting for the nxt part
Oh nice avahah next part up koahlabaa mihaaru kiyaahitun nuhurevey thank aasi nice story eh genes deytey ???
Plx thankolheh avahah up khdhybala
Eikko kiyaalan libeyne konthaakun baa
……..
warah salhi mibai ves 😀 alhey whats happening?? Fauzan aa Hiba dhiru nukuracchey Aasi 🙂