
ޤުރުބާން ވުމީ މިހިތުގެ އުފާ 3 ވަނަ ބައި
“އަބީ، ޔޫ ވިލް ނެވަރ ޗޭންޖް.” ޖަންނަތު ތުން އަނބުރާލި އެވެ.
“ބައި ދަ ވޭ، ޖަންނަ މިތާ ތިޔޮތީ ކިހިނެއްވެފަ؟” އަބްޔާން ބޯދަށަށް އަތް ލަމުން ހަމަޖެހިލި އެވެ.
“އަބީ މަންމަ ބުނެގެން އަބީގެ އެއްޗިހި އިސްތިރި ކޮށްލައިދޭން އައީ، ދެން އެކަން ނިމިގެން މިހާރު މިއޮތީ ސާރާ މެނާ އެއްކޮން މޫދަށް ދާން ވެގެން.”
އެވަގުތު ދުރުން ގްރޫޕެއް އަންނަތަން ފެނުނެވެ.
“އަނހާ އެޔޮށް އަންނަނީ އެމީހުން.” ޖޯލީގައި އޮވެފައި ކުޑަކޮން ބޯހިއްލާލަމުން ޖަންނަތު ބުންޏެވެ. އަބްޔާން ވެސް އޮށޯވެ އޮވެފައި ކުޑަކޮން ތެދުވެ ރަގަޅަށް އެ ދިމާލަށް ބަލައިލި އެވެ.
“ތިގޭ ދޮށު ކުދިންކޮޅެއް ދޯ އެއީ؟ ތިގޭ ދޮށުގަ ނޫޅެ ދޯ ސަޅި ބިޓެއް.” ޖަންނަތުއާއި ދިމާއަށް ބަލައިލަމުން އަބްޔާން ބުނެލި އެވެ. އަބްޔާން އާއި ދިމާއަށް ތުން އަނބުރާލަމުން ޖޯލިން ޖަންނަތު ތެދުވި އެވެ. އަދި ގަސް ދޮށުގައި ޖަންނަތު މަޑުކޮށްލައިގެން ހުރީ އެ މީހުން ޖަންނަތުއާއި ހިސާބަށް އަންނަންދެނެވެ.
“އެކޮއެ، އަބީ!” އެހިސާބާއި އަރާ ހަމަ ވުމުން ޒައީމާ އަބްޔާންއަށް ގޮވާލި އެވެ. އަބްޔާން ބަލަހައްޓައިގެން އޮތެވެ. “ދައްތައަށް ކަމެއްކޮށްދީބަލަ.” ޒައީމާ ބުންޏެވެ. ލޮލުގައި އަޅާފައިއޮތް އަވިއައިނު ރަގަޅުކޮށްލަމުން ޒައީމާގެ ފަހަތުގައި ތިބި ޒުވާން ދެ އަންހެން ކުދިންނާއި މެދު އަބްޔާން ވިސްނާލި އެވެ.
“ސާރާ، އެއީ އަހަރެން ޓައިޕް އެއްނޫން. ސާރާ ކައިރީ އެހެރަ ޒިޔާދާ މަށާ ވަރަށް ގުޅޭ. އެކަމު އެހާ ރީއްޗެއްނޫން.” އަބްޔާން ޖޯލިން މަޑުމަޑުން ތެދުވެގެން ޖަންނަތު ކައިރީ މަޑުކޮށްލި އެވެ.
“ކޯޗެއް ފެނިފަ. ސާރާ އާއި ކައިރިވެސް ނުވާތި. އެއީ އަބީއަށް ކަމުދާނެ މީހެއްނޫން.” އަބްޔާން އަނގައިން ނުބުނެ ބަލަން ހުރުމުން އަބްޔާން ކައިރީ ހުރި ޖަންނަތު އަބްޔާންގެ ބޮލުގައި ޖަހާލި އެވެ. ޒައީމާއްތަ ގޮވާ އިރުވެސް އަންހެންކުދިން ފެނިފަ ހޭބުއްދި ފިލާފަ ދޯ ތިހުންނަނީ؟” ޖަންނަތު އަބްޔާންއަށް ބުނެލި އެވެ.
“ބުނެފީމެއްނު އަދި މިރަށަކު ނެތޭ މަށަށް ކަމުދާ އަންހެން ކުއްޖެއް.” އެހެން ބުނަމުން އަބްޔާން ޒައީމާ ކައިރިއަށް އައެވެ. “ދޭބަލަ މޫސަ ފިހާރައަށް ގޮސް ދެ ފެންޓާ ބޮޑުފުޅި ގަނެދޭން. ހިސާބަކަށް އައި ފަހުންނޭ ހަދާންވީ.” ޒައީމާ އަތުގައި އޮތް ފައިސާ ދިއްކޮށްލަމުން ބުންޏެވެ. އަބްޔާން އެއްޗެއް ނުބުނެ ލާރި ހިފައިގެން ގޭދޮށުގައި ހުރި ސައިކަލަށް އެރި އެވެ.
“އަބީ! ތުނޑީކޮޅަށް ގެނެސްދީ އިނގޭ.” ޒައީމާ އަނެއްކާ ގޮވާލި އެވެ. އަބްޔާން އަތުން ޖަވާބު ދިނީ ސައިކަލު ދުއްވާލަމުންނެވެ.
އަބިޔާން ތުނޑިއަށް ދިޔައިރު އެއްބަޔަކު މޫދުގައި އުޅޭއިރު އަނެއް ބަޔަކު ވެލިގަނޑުގައި ކުޅެން އުޅެ އެވެ. މަޖާކާން ވެސް ދެތިން މީހަކު ތިއްބެވެ. މަޖާތަށި ކައިރީ އިން ޒައީމާ ކައިރީ އަބްޔާން އައިސް ފުޅިތައް ބެހެއްޓިއެވެ. އެވަގުތު މޫދުގައި ތިބި ޒުވާން އަންހެން ކުދިންނަށް އަބްޔާން ފެނުނެވެ.
“އެއީ ވަރަށް އަމިއްލަ އެދުން ބޮޑުމީހެއް.” ޒިޔާދާއާއި އައިޝާ އަބްޔާންއަށް ބަލަން ފެށުމުން ފިރުޝާ ބުންޏެވެ. ސާރާއާއި ޖަންނަތު ތިބީ ތަންކޮޅެއް ދުރުގަ އެވެ. ނަމަވެސް އެމީހުން ދައްކާ ވާހަކަ އަޑުއިވޭ ހަމައިގަ އެވެ.
“ފިރުޝާއާ ރުޅިވީ ދޯ. ކީއްވެތަ ރުޅިވީ؟” ޒިޔާދާ އަހާލި އެވެ.
“ރައްޓެހި ވިނަމަނު ރުޅިވާނީ. ވަރަށް ދެއްކުން ތެރި މީހެއް އެއީ. މަ ވަރަށް ފޫހިވެއްޖެ އޭނަ ދެކެ.” ފިރުޝާ ބުނެލި އެވެ. ޒިޔާދާއާއި އައިޝާ ހައިރާން ވެފައި ފިރުޝާއަށް ބަލައިލި އެވެ. ޖަންނަތު އާއި ސާރާ ވެސް އެކަކު އަނެކަކަށް ބަލައިލި އެވެ. އަދި އެމީހުނާ ކައިރި ވެލީ އެމީހުން ދައްކާ ވާހަކަ ރީތިކޮން އަޑުއަހަން ބޭނުން ވެގެން ނެވެ.
“އޭނަ އަހަރެން ކައިރީ ރައްޓެހިވާން އަހާތޯ އަހަރެން ހުރެ ހުރެ އަވަދި ވެއްޖެ.” ފިރުޝާ ބުންޏެވެ.
“އެކަމު އަހަރުމެނަށް ފެނޭ ތި ދެމީހުން ލީކްސް ރެސްޓޯރެންޓުން ނިކުންނަ ތަނާ، ސައިކަލުގަ ބުރުޖަހަން ދާތަން.” ޒިޔާދާ ބުންޏެވެ.
“އޭނަ އަހަރުމެން ގެޔަށް އައިސް ބުނާނެ ހިނގާށޭ ކާލަން ދާން. ދެން ކާން ގޮއްސަ ދެން ބުނާނެ ބުރެއް ޖަހާލާފަ ދޯއޭ ގެއަށް ދާނީ. އެއީ އޭނަ އުޅޭގޮތަކީ. މިހާރު ދެރެއެއް ވެއްޖެ ނާންނަތާ. ގުޅީމަ ބުނަނީ ބިޒީޔޯ.” ފިރުޝާ ބުންޏެވެ.
“އޭނައަށް ކަމުދާ ކުއްޖެއް ހޯދަނީ ކަންނޭގެ.” ޒިޔާދާ ބުނެލި އެވެ.
“ކޮންތާކު އެއީ ހަމަ އޭނަގެ ވައްތަރު. އަންހެނުންނާ ހެދި މޮޔަވެފަ ހުންނަމީހެއް އެއީ.”
“މަ ހިތައް އަރާ އަބީ އާ ހެދި އެވަރަކުން މިރަށު އަންހެން ކުދިންތައް އުޅެނީ ކީއްވެ ބާއޭ، ރީތި މީހެއް ނަމަވެސް ރަގަޅު، މަށަށް މޮޔައީ މިރަށު އަންހެން ކުދިން. ހަމަ ތާކުން މީހަކު ފެންނައިރަށް ތިބޭނީ ހޭނެތޭ ވަރުވެފަ.” ޖަންނަތުއަށް އެއްޗެއް ނުބުނެ ނޯވެވިގެން ސާރާއާއި ދިމާލަށް ބަަލަން އޮވެފައި ބުނެލި އެވެ..
“އެއީ ހަމަ ތާކުން ފެންނަ މީހެއް ނޫނޭ. ޖަންނަތުއަށް ރީތި މީހުން ވަކިކުރަން ނޭގެނީނު، އަހަރުމެންގޭ ވަސްމާ ވެސް ހުންނަނީ އޭނަޔަށް އަރާ ހިކިފަ.” އައިޝާ ބުންޏެވެ.
“އެހެންނު ވާނީ އެހާރީތިވީމަ. ލޮލުގައިވާ ތޫނު ނަޒަރުން ވެސް މީހެއްގެ ހިތް ކަތިލާނެ. އެހާރީތި ހަށިގަނޑެއް. ގައިމުވެސް އޭނަގެ ބޭބެ ޔާންއަށް ވުރެ އެ ހަށިގަނޑު ވަރުގަދަ ވާނެ. އަނެއްކާ އެހެރަ ސްޓައިލްއެއް ދެކިލަ ބަލަ. ކަންފަތާއި ހަމައަށް ދިގުކޮށްލާފަ އެހެރަ ފަން އިސްތަށި ގަނޑާ ތުނިކޮން ބަހައްޓާފަ އެހުންނަ ތުނބުޅި އާއި ހެދުން އެޅުމުގަ އެ ގެންގުޅޭ ސްޓައިލް، ވާއޮ، އަދި އެންމެ އަންހެން ކުދިން ގަޔާވާ ކަމަކީ ހިނިތުން ވެލުމުން އެ ފެންނަ ޑިމްޕަލް.” ސައިކަލު އިސްޓާޓުކޮށްލި އަބްޔާންއަށް ބަލަހައްޓައިގެން އޮވެ ހިޔާލީ ދުނިޔެއެއްގައި މީހަކު ވާހަކަ ދައްކާ ފަދަ ގޮތަކަށް ޒިޔާދާ ވާހަކަ ދައްކަމުން ދިޔަ އެވެ. “އަނެއްކާ ވާހަކަ ދައްކާއިރު އެހެރަ އަޑެއް. ހާއްސަކޮން އޭނަ ގަޔާވާ އަންހެން ކުދިންނާ ވާހަކަ ދައްކާއިރު އެހުންނަ މަޑުމައިތިރި ސިފަ އެއް.”
“ކޮން މަޑުމައިތިރި ސިފައެއް. އޭނައަށް އިނގޭނީ މީހުނަށް ޖެއްސުންކުރަން.” ޖަންނަތު ކައިރިއަށް ކުއްލިއަކަށް ރުޅި އައެވެ. ޒިޔާދާ އެދެއްކި އެއްވެސް ވާހަކައެއް ޖަންނަތު ގަބޫލެއް ނުކުރެ އެވެ. ޖަންނަތު ކައިރިއަށް ރުޅި އައުމުން ހުދު ޖަންނަތު ވެސް ހުރީ ހައިރާން ވެފަ އެވެ. އަބީގެ ރީތި ވާހަކައާއި އެހެން ވާހަކަ ދެއްކިޔަސް ޖަންނަތުއަށް ކޮން ކަމެއް ހެއްޔެވެ. ޖަންނަތު ހިތާހިތާ ސުވާލުކޮށްލަމުން އެއްގަމާ ދިމާލަށް ޖަންނަތު ފަތައި ގަތެވެ.
“އާލިޔާ! އާލިޔާ!” ހިދާޔާ އާލިޔާ ކޮޓަރީގައި ޓަކި ޖަހަމުން ގޮވަނީ އެވެ. “އަޅެ މީހަކު އަންތަރީހެއް ނުވާނެތަ. ނިދާލަން ކެރޭ އަންހެނެއް މިނޫނިއްޔާ މަށެއް ނުދެކެން.” އަނެއްކާވެސް ހިދާޔާ ދޮރުގައި ތަޅައި ގަތެވެ. އެވަގުތު އަބްޔާން އައިސް ގެއަށް ވަނެވެ.
“މިހިރީ އަނެކަކު، މިމީހުނަށް ރީތި އުޅުމެއް ވާ ދަސްވެފަ މިހިރީ.” ހިދާޔާ އައިސްފައި ހުރި ރުޅިގަނޑު އަބްޔާންއަށް ބާލަން ފެށި އެވެ.
“އަހަރެން ކިހިނެއް އުޅުނީތަ؟” ލޮލުގައި އަޅާފައި އޮތް އަވިއައިނު ނަގަމުން އަބްޔާން އަހާލި އެވެ. “އާލިޔާހެން މާގިނައެއްކޮން އަހަންނެއް ނުނިދަން. ހެދުނު ހޭލައިގެން ކުޅެންދަން. ހެދުނު ހޭލާ ގޮތަށް އަހަރެން ނުނިދަ މިއުޅެނީ ރޭނގަނޑު ވަންދެން.”
“އަބްޔާން ނިދާ ވާހަކަ އެއް ނޫން މިދައްކަނީ. އަބްޔާންއަށް އަހަރެން ބުނި ކަމެއް އަޅެ ކުރެވުންތަ؟ އެފަރާތުގަ އެހެރަ ޓިނުތަކާ އެޅިގާތަށް ފާރޫގު މެންގެއަށް ގެންދަން ބުނީމެއްނު. އެވަރު ކަމެއްވެސް ނުވާނެ، ފިރިހެން ދަރިން ބޮޑުވެފަ ތިއްބަސް ވާ ފައިދާއެއް ނެތެއްނު، މަ މި ޖެހެނީ ބޭރު ތެރެއިން ކޮންމެސް މީހަކު ލައްވާ އެކަންތައް ކުރަން،” ހިދާޔާ ރުޅިއައިސްފައި ހުރެގެން ގޮސް ސޯފާގައި އިށީނެވެ. “އަހްޔާން ފިޔަވާ ހަރުދަނާ ދަރިއެއް ނެތް މަށަށް ލިބިފައެއް. އެއްކޮން ނިމެންދެން ކިޔަވަންވެސް ކެރުނީ އޭނައަށް. މިކޮޅުގަ ހުންނައިރު ގޭގަ ކުރަން ޖެހޭ ކަންތައް ވެސް ފެންނާނީ އޭނައަށް.” ހިދާޔާ ބުންޏެވެ. އަބްޔާން ގޮސް ހިދާޔާ ކުރިމަތީ ސޯފާގައި އިށީނެވެ.
“މަންމާ، އަހަރެން ހަދާނެއް ވެސް ނެތް، ހަދާން ވި ނަމަ ތިކަންތައް ވެސް ކުރީމުސް.” އަބްޔާން އެހެން ބުނުމުން ހިދާޔާ އިތުރަށް ރުޅި އައުމުން އެތަނުން އަވަހަށް ތެދުވެގެން ގޮސް އަބްޔާންގެ ކޮޓަރިއަށް އަބްޔާން ވަނެވެ. ހިދާޔާ އަނެއްކާ ވެސް ތެދުވެގެން ގޮސް އާލިޔާ ކޮޓަރީގައި ތަޅަން ފެށިއެވެ.
އާލިޔާ އޮތީ ހޭލަ އެވެ. ހިދާޔާ އެވަރަށް ދޮރުގައި ތަޅާ އިރުވެސް ކަންފަތަށް ހެޑްފޯން ޖަހައިގެން އާލިޔާ އޮތީ ފޯނުން މީހަކާ ޗެޓް ކުރާށެވެ. އޭނަ މަންމަ އޭނައަށް ގޮވާ އަޑު ނީވެނީއެއް ވެސް ނޫނެވެ. އާލިޔާ އެހެން އޮވެފައި ތެދުވި އެވެ. ރީތި ދޮންކަމެއް ލިބިފައިވާ އާލިޔާ އަކީ މުޅި އެރަށުގައި ވެސް ތިބި އެންމެ ރީތި އަންހެން ކުދިންގެ ތެރޭ ހިމެނޭނެ ކުއްޖެ ކެވެ. ފަން އިސްތަށި ގަނޑުގައި ގަދަރަތް ކުލައެއް ޖައްސާފައި ވުމުން އޭނާގެ ހަމުގެ ކުލައާއި ވަރަށް ގުޅެ އެވެ. އާލިޔާ ތެދުވެގެން ވެސް ދޮރު ހުޅުވާކަށް ގަސްތެއް ނުކުރި އެވެ. އެންމެ ކުރިން ވެސް ގޮސް ވަނީ ފާހާނާ އަށެވެ. އޭނާ ލޯގަނޑުން މޫނު ބަލައިލި އެވެ. ހީވަނީ ނިދާ ހޭލީ ދާދި ދެންމެ ހެނެވެ. ލޯ ކައިރި ހުރީ ކުޑަކޮން ފުއްޕާފަ އެވެ. އާލިޔާ މޫނު ދޮވެލި އެވެ. އަދި ދަތް ވެސް އުނގުޅާލުމަށް ފަހު ފާހާނާއިން ނުކުތެވެ. އެއްޗިހި ބަދަލު ކޮށްލުމަށް ހިތުލައިގެން އައިސް އަލަމާރި ހުޅުވާލި އެވެ. ލާނެ ރަގަޅު ހެދުމެއް ނެތެވެ. ހުރިހާ ހެދުން ހުރީ ދާވެފައި ކަން އާލިޔާއަށް އިނގެ އެވެ. ފުން ނޭވާއެއް ލަމުން އަލަމާރި ދޮރުފަތް ލައްޕާލި އެވެ. ދެން އައީ ދާވަށި ގަނޑު ހުރި ދިމާލަށެވެ. ވަށިގަނޑު ފުރިގެން މުޅި ހިސާބު ގަނޑުގައި އަންނައުނުތައް ފުނި ޖެހިފައި ހުއްޓެވެ. އާލިޔާ އެ ތަނުން ކަޅުކުލައިގެ ލެގިންއެއް ދަމައި ގަތެވެ. “މީތި އޯކޭ ވާނެ.” އޭގެން ވަސް ބަލައި ލަމުން އާލިޔާ މަޑުމަޑުން ބުނެލި އެވެ. “މިރޭ އެކަނި ލާނީ މާދަމާ އެއްޗިހިތައް ދޮވެލާނީ.” އާލިޔާ އަނެއްކާވެސް އެތަނުން ނޫ ކުލައިގެ ޓޮޕެއް ނެގި އެވެ. އޭގެން ވެސް ވަސް ބަލައިލި އެވެ. އެ ހިފައިގެން ގޮސް ރީތިވާ މޭޒުކައިރީ ހުރެގެން އެއަށް ސެންޓު ބުރުވާލި އެވެ. އެއަށް ފަހު އެއްޗިހި ރީތިކޮން އިސްތިރި ކޮށްލާފައި އެނދުމަތީ ބާއްވާލި އެވެ. އެއަށްފަހު ރީތިވާ މޭޒު ކައިރީ އިށީދެލުމަށް ފަހު ވަތްގަނޑު ހުޅުވާލި އެވެ. އޭގެން ނޫ ކުލައިގެ ކިއުޓެކްސް ފުޅިއެއް ނަގާ އިނގިލި ތަކުގައި ވަރަށް މަޑުމަޑުން ޖަންސަން ފެށިއެވެ. އެކަން ނިމިގެން އައިސް އާލިޔާ އެއްޗިހި ބަދަލުކޮށްލި އެވެ. ދެން އެނދުމަތީ ދެފައި ވައްކޮށްލައިގެން އިށީނީ ލޯގަނޑު ފެންނަ ގޮތަށެވެ. ކައިރީގައި އޮތް ބޯ ފަންކުރާ އަޔަން ނަގާ ކަރަންޓަށް ޖަހާލި އެވެ. އެއަށް ފަހު ފަހަރަކު އިސްތަށިކޮޅެއް ފަން ކުރަން ފެށި އެވެ. އެކަން ނިމިގެން ތެދުވެ ލޯގަނޑު ކައިރީ ހުރެ މޫނުމަތި ސާފު ކޮށްލުމަށްފަހު އާދައިގެ ފައުންޑޭޝަންއެއް މޫނުގައި ހާކާލި އެވެ. އަދި ލުއި މޭކަޕެއް ކޮށްލި އެވެ. އަދި ވެސް އެއްފަހަރު ލޯގަނޑަށް ބަލައިލުމަށްފަހު މޭޒުމަތިން ސެންޓު ފުޅިއެއް ނަގާ މުޅި ގަޔަށް ޖަހާލި އެވެ. ނިކުންނަން ދަމުން އެނދުމަތީ އޮތް ފޯނު ނެގި އެވެ. އަދި ދޮރު ކައިރީ ހުރި ކުލަ ކުލައިގެ ދަބަސް ތަކުން ކަޅުކުލައިގެ ދަބަސް ހުޅުވާލާފައި އޭގެން ވޮލެޓް ނެގުމަށްފަހު ކަޅު ދަބަސް ބިންމައްޗަށް އެއްލާލި އެވެ. ދެން ވޮލެޓްގައި ހުރި ލާރިކޮޅު ގުނާލި އެވެ. ފުން ނޭވާއެއް ލުމަށް ފަހު އެތަނުން ނޫކުލައިގެ ދަބަސް ނެގި އެވެ. އެ ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު އޭގެ ތެރެއަށް ވޮލެޓް ވައްޓާލި އެވެ. ދެން ކޮޓަރި ދޮރު މަޑުމަޑުން ހުޅުވާލައިފައި ސިއްރު ސިއްރުން ބޭރު ބަލައިލި އެވެ. މީހަކު ފެންނާކަށް ނެތެވެ. ގޭތެރޭ ދިއްލާފައި ހުރި ހޮޅިބުރި ކައިރީ ޕަރުވާނާތައް ބުރުޖަހަ ޖަހަ ތިއްބެވެ. ފެންޑާއިން ހިދާޔާ ޤުރުއާން ކިޔަވާ އަޑު އިވެމުން ދިޔަ އެވެ. ހިދާޔާއަށް އަޑު އިވިދާނެތީ އާލިޔާ ނިކުމެ ދޮރު ލެއްޕީ ވަރަށް މަޑުންނެވެ. އަދި ކޮޓަރި ބޭރުގައި ހުރި ފައިވާން ހަރުގަނޑުން ހެދުމާ އެންމެ ގުޅޭހެން ހީވާ ފައިވާން ހިފައިގެން ފައިގެ އިނގިލިތައް ޖައްސައިގެން އަޑެއް ނީވޭހާ މަޑުން މިސްރާބު ޖެހީ ބަދިގެ ފަރާތަށެވެ. އަވަހަށް ބަދިގެއިން ލައިގެން ބޭރަށް ނިކުމެވެން ހުރި ދޮރުން ނުކުމެގެން އާލިޔާ ހިގައްޖެ އެވެ.
ޤުރުއާން ކިޔަވައި ނިމިގެން ހިދާޔާ ކޮޓަރިއަށް ދަމުން އަނެއްކާވެސް އާލިޔާ ކޮޓަރީގައި ޖަހާލި އެވެ. ޖަހާލުމާއި އެކު ކޮޓަރި ހުޅުވުނެވެ. ހިދާޔާ ހައިރާން ވެފައި ކޮޓަރި ހުޅުވާލި އެވެ. މުޅި ކޮޓަރިން ދުވަނީ ސެންޓު ވަހެވެ.
ހިދާޔާ ކޮޓަރި ދިއްލާލި އެވެ. އެނދުގައި އަޅާފައި އޮތް ބެޑްޝީޓް އޮތީ އެއްބައި ނެއްޓިގެން ބިންމަތީގަ އެވެ. އެނދުމަތީ ލެޕްޓޮޕާއި ދަބަހަކާ އޮތެވެ. ލައިގެން ހުރި ހެދުން އެނދު ކައިރީ ބިން މަތީ އޮތެވެ. ދާ ވަށިގަނޑު ފެނިފައި ހިދާޔާ އަނބުރައި ނުގަތީ ކިރިޔާ އެވެ. އާލިޔާއަށް ރީތި އުޅުމެއް ދަސްކޮށް ނުދެވުނީތީ ހިދާޔާ އަމިއްލަ ޒަމީރު ކުއްވެރި ކުރި އެވެ. އެކޮޓަރިން ހިދާޔާ ނުކުތީ ފިކުރެއްގައި ހުރެ އެވެ.
ލީކްސް ރެސްޓޯރެންޓް ގައި އެހެން ރޭރެއަށް ވުރެން މީހުން ގިނަކަމަށް ދައްކަ އެވެ. ހުކުރު ވިލޭރޭ ވީމަ ކަންނޭގެ އެވެ. އަބްޔާން އާއި ނޫރު ވެސް ތިބީ ކޮފީއެއް ބޯލަން އެތަނަށް ވަދެ އެވެ. އޭރު ގަޑިން އަށެއްވެސް ނުޖަހަ އެވެ. އެމީހުން ކައިރީ އިން މުޒައްފަރު ސިނގިރެޓަކަށް ފަހު ސިނގިރެޓެއް ބޮމުން ގެންދެ އެވެ. މުޒައްފަރަކީ ޖަންނަތުގެ ބޮޑުބޭބެ އަލި މަނިކުގެ އެންމެ ދޮށީ ދަރި އެވެ.
“މުޒޭ، ތީ އެންމެ ފަހު އެތި އިނގޭ.” ނޫރު ބުންޏެވެ. އަބްޔާންއާއި ނޫރު ވެސް މުޒައްފަރު ސިނގިރޭޓުން ދުރު ކުރަން މަސައްކަތް ކުރެ އެވެ. ހުދު މުޒައްފަރު ވެސް ސިނގިރޭޓް ބުއިން ވަނީ މަދު ކޮށްފަ އެވެ.
“ތެދެއް މުޒޭ، ދެން މިރެއަށް ވާވަރު ތިވީ.” މޭޒުމަތީ އޮތް ސިނގިރޭޓު ފޮށްޓާއި ލައިޓަރު ނަގާ އަބްޔާން ލައިގެން އިން ސޯޓުގެ ޖީބަށް ލިޔެވެ. “ދެން މިރޭ ފޮށްޓެއް ގަނެގެން ނުވާނެ.”
އެވަގުތު އެ ރެސްޓޯރެންޓަށް ބަޔަކު އައިސް ވަނެވެ. އެއީ ރިޒްވާން އާއި އަހުމަދު އެވެ. އެއީ އެރަށުގައި އެންމެ ވިޔާނުދާ ކަންކަން ކުރުމަށް މަޝްހޫރު ދެމީހުނެވެ. މުޒައްފަރު ވެސް އެއްދުވަސް ކޮޅެއްގައި އެމީހުނާއި އެކު އުޅުނެވެ. ނަމަވެސް އަބްޔާން ރާއްޖޭން ބޭރުގައި ކިޔަވަން ހުރެފައި އައި ފަހުން މުޒައްފަރު އުޅެނީ އަބްޔާންއާއި އެކު އެވެ.
“އޭ މުޒޭ، ކައޭ މިހާރު ހާދަ ފަންޏޭ.” ރިޒްވާން މުޒައްފަރު ފެނިގެން ގޮވާލި އެވެ. “އާދެބަލަ މި މޭޒަށް.” އެތެރޭ އެންމެ ކަނުގައި ހުރި މޭދުކައިރީ އެދެމީހުން އިށީނެވެ. މުޒައްފަރު ތެދުވަން އުޅުނެވެ. އެމީހުން ކައިރިއަށް ގޮސްލުމަށެވެ. ނަމަވެސް އަބްޔާން މުޒައްފަރުގެ އަތުގައި ހިފެހެއްޓި އެވެ.
“ދާނެކަމެއްނެތް. އިށީނދޭ.” އަބްޔާން އެހެން ބުނުމުން މުޒައްފަރު އިށީނެވެ. “އެމީހުނާ ގުޅުން ބާއްވަންޏާ ދުވަހަކު ތިކަމުން ސަލާމަތެއް ނުވާނެ.”
“އެއީ ތެދެއް.” ނޫރު ވެސް އެއްބަސް ވެލި އެވެ. “އަހަރުމެން ވެސް މީ މާ ރަގަޅަށް އުޅޭ ބައެއްނޫން. އެކަމަކު އެމީހުން އުޅޭ ފެންވަރަށް ވެއްޓޭކަށް ބޭނުމެއްނޫން.”
“އޭ އައްމަޑޭ!” މާ ބާރަކަށް އެ ރެސްޓޯރެންޓް ދޮރުމަތިން އަންހެނަކު ގޮވާލުމުން އެންމެން އެދިމާލަށް ބަލައިލި އެވެ. އެއީ އާލިޔާ އެވެ. އަބްޔާންގެ ކޮއްކޮ އެވެ. އަބްޔާން އަނގަ ހުޅުވިފައި ހައިރާން ވެފައި ބަލަން އިނެވެ.
“އޭ އައްމަޑޭ، ކައޭމެން އަންގާވެސް ނުލާ ތި އައީ.” އާލިޔާ އައިސް އަހުމަދާއި ރިޒްވާން މެން ތިބި މޭޒު ކައިރީ އިށީނެވެ. “ޒިޔާދާ ނާދޭތަ؟”
“ކޮބާ ޒީނަތު؟” ރިޒްވާން އަހާލި އެވެ. އަބްޔާން އިނީ އެމީހުން ދައްކާ ވާހަކަ އަށް ސަމާލުކަން ދީގެނެވެ.
“ޒީ ވަރަށް ބިޒީ މިހާރު. އެގޮލާ އުޅެނީ ފާޑެއްގެ ފިހާރަ ގަނޑަކަށް ވަދެގެން އޮބިނާރައިގެން. މިރޭ އެގާރައިގެ ފަހުން ފްރީ ވާނެ.” އާލިޔާ ބުންޏެވެ.”އޭ އައްމަޑޭ، އަހަރުމެން އަތިރި މަތީ ބައިތިއްބާފަ ކައޭ ރޭގަ ފިލީ ދޯ. އާލިޔާ، އަހުމަދާއި ދިމާއަށް ބަލައިލަމުން ބުންޏެވެ.
“އާލިޔާ އެމީހުނާ އެއްކޮން އުޅެން ފެށީ ކޮން އިރަކު؟” ހައިރާން ވެފައި އިން ނޫރު އަބްޔާންއަށް ބަލައިލަމުން އެހި އެވެ. އަބްޔާން އިނީ ބުނާނެ އެއްޗެއް ވެސް ނޭގިފަ އެވެ. ރަށުގައި އެންމެ ވިޔާނުދާކޮން އުޅެމުންދާ މީހުނާއި މާ ގާތްކޮން އާލިޔާ ފެނުމުން އަބްޔާން އިނީ ހިތްހަމަ ނުޖެހިފަ އެވެ. އަދި އަމުދުން އާލިޔާ އެފަދަ ގޮތަކަށް ވާހަކަ ދައްކާ އަޑެއް ދުވަހަކު ވެސް އަބްޔާން ނާހަ އެވެ.
“ބައްޕަ ރަށަށް އައިމަ އޭނަ ސައިޒަށް އަންނާނީ. މަންމަ ކައިރީ ބުނެގެން އޭނަގެ ހިތަށް އެކައްޗެއް ވެސް ނާރާނެ.” އަބްޔާން އެހެން ބުނެފައި ތެދުވި އެވެ. އަދި އާލިޔާމެން ތިބި މޭޒު ކައިރިއަށް ދިޔަ އެވެ.
“އާލިޔާ!” އަބްޔާން އެ މޭޒު ކައިރިއަށް ހުއްޓިފައި ގޮވާލުމުން ޖެހިލުން ވެފައި އާލިޔާއަށް ކޮޅަށް ތެދުވެ ވުނެވެ. “އާދޭ މަށާއެކީ.” ހަރުކަށި ރާގަކަށް އަބްޔާން ބުންޏެވެ. އަހުމަދު އާއި ރިޒްވާނު އަބްޔާން އަށް ބަލަހައްޓައިގެން ތިއްބެވެ. އަބްޔާން ވެސް އެދެމީހުނަށް ބަލައިލީ ނިކަން ރުޅިއައިސް ފައި ހުރެ އެވެ. އާލިޔާ އަވަހަށް ދަބަސް އަޅުވާލަމުން މަޑު މަޑުން ހިގައި ގަތެވެ. އާލިޔާ ފަހަތުން އަބްޔާން ވެސް ހިގައި ގަތެވެ.
“ބޭރަށް ގޮސް އުޅެން އާލިޔާއަށް އެނޫން ބަޔަކު ނުފެނުންތަ؟” އެ ރެސްޓޯރެންޓުން ނުކުމެ ވުމާއި އެކު އަބްޔާން ބުންޏެވެ. އަބްޔާން ހުރީ ވަރަށް ހިތްހަމަ ނުޖެހިފަ އެވެ.
“އަބީބޭ، އެމީހުން އެއީ ތި ހީކުރާ ހާ ގޯސް ބަޔެއްނޫނޭ.” އާލިޔާ ބުންޏެވެ.
“އާލިޔާ ތިހެން ބުނާ އިރުވެސް އިނގޭނެ އެއީ ކޮން ކަހަލަ ބަޔެއްކަން. މިރަށުގަ ގޯސް ބަޔަކު ދެން ނޫޅޭނެ އެމީހުން ރަގަޅިއްޔާ.” އަބްޔާން ކައިރިއަށް ރުޅި އައެވެ. “ދޭ ގެޔަށް. ދެން މަށަށް އެމީހުނާ އެއްކޮން އާލިޔާ ފެނިއްޖެއްޔާ ބައްޕަ ކައިރީ ބުނާނަން.” އަބްޔާން އަމުރު ވެރި ރާގަކަށް ބުންޏެވެ. އެހެން ބުނުމުން އާިލޔާ ވެސް ދެކޮޅު ހެދުމެއް ނެތި މަޑުމަޑުން ގެޔާ ވީ ދިމާލަށް ހިގައި ގަތެވެ. އާލިޔާ ގޮސް ގޯޅި އަޅަންދެން އަބްޔާން ބަލަން ހުއްޓެވެ. އާލިޔާ ގޯޅި އަޅައިގެން ގޮސް ދިޔައީ ގެއަކަށް ނޫނެވެ. އާލިޔާ ގޮސް ވަނީ މޫސަ ފިހާރަ އަށެވެ. އޭރު ފިހާރައިގައި ޒީނަތު ފިޔަވައި އިތުރު މީހަކު ނެތެވެ.
“ހާދަ ރުޅިއެއް އައިއްސަ ތިހިރީ.” ފިހާރައަށް ވަދެގެން އައި ގޮތުން ޒީނަތުއަށް އަހާލެ ވުނެވެ.
“ޒީނަތު ވިޔަސް ކަޓާނެ، އަބީއާ ހެދި ރެސްޓޯރެންޓުގަ ނީދެ ވިގެން މި އައީ.” އަބީ އެއީ ވަކި ރަގަޅަށް އުޅޭ މީހެއްތަ؟ ހީވަނީ މާ ބުރެއްހެން އެއް މަލުން އަނެއްމަލުން ފޮނިބޮމުން ދާ އިރު. މަ ވަރަށް ފޫހިވޭ.” އާލިޔާ ރުޅިއައިސް ފައި ހުރި ވަރު ޒީނަތުއަށް އިނގުނެވެ.
“އާލިޔާ ތަންކޮޅެއް ދަން ކޮށްލާފަ ނުކުންނަ ނަމަ. އަބީ ވެސް ބިޓު ކައިރިއަށް ދާ ގަޑީގަ. އޭރުން ތިކަހަލަ ކަންތައް ތަކެއް ނުޖެހޭނެ.” ޒީނަތު ލަފާ ދިނެވެ.
“ޒީ ތީ ނަސީބު ގަދަ މީހެއް. ޒީގެ ފަހަތުން ހޯދަމުން އަންނާނެ މީހަކު ނުހުންނާނެ. ޒީއަށް ބޭނުން ގޮތަކަށް އުޅެވޭނެ. ކިހާ ކޫލް ލައިފް އެއް ޒީ ތި އުޅެނީ. އައި އޭމް ރިއަލީ ޖެލަސް.” އާލިޔާ ބުނެލި އެވެ.
“ތީ އާލިޔާއަށް ހީވާ ގޮތް. މީ އެއްވެސް ކޫލް ލައިފް އެއްނޫން. އާލިޔާ މާކޫލް ލައިފް އެއް ތި އުޅެނީ. އެއްވެސް ކަމެއް ނުކޮށް ވެސް އާލިޔާއަށް ލާރި ލިބޭ. ވަޒީފާއަކަށް ދާކަށް ނުޖެހޭ. ގޭގަ މަސައްކަތެއް ކުރާކަށް ނުޖެހޭ. މަށަށް ތިގޮތް މާ ކޫލް.” ޒީނަތު ބުންޏެވެ. “މައިން ބަފައިން ނެތުމަކީ އެންމެ ދެރަވާ ކަންތައް. ކުރީގަ އަހަރެން ވެސް ބައެއް ފަހަރު މަންމަމެންނާ ހެދި ރުޅި އާދޭ. އެކަމު މަންމަމެން ނެތުމުން އަހަރެން މާ ދެރަވޭ.” އެވަގުތު ފިހާރައަށް މީހަކު ވަނެވެ. ޒީނަތު އެމީހާއަށް ހިދުމަތް ދެންދެން އާލިޔާ މަޑުކޮށްލައިގެން އިނެވެ.
އަލި މަނިކާއި ފަރުޒާނާ ތިބީ އަށެއްގެ ހަބަރު ބަލާށެވެ. އެވަގުތު މީހަކު އައިސް ވަނުމުން ދެމީހުން އެއްކޮން ދޮރާއި ދިމާއަށް ބަލައިލި އެވެ. އޭރު މުޒައްފަރު އައިސް އަވަހަށް އޭނަގެ ކޮޓަރިއާއި ދިމާއަށް ދާން ފެށި އެވެ.
“މުޒައްފަރު، ދަރިފުޅާ،” އަލި މަނިކު ގޮވާލުމުން މުޒައްފަރު ހުއްޓުނެވެ. “އާދެބަލަ، ބައްޕަ އެބައޮތޭ ވާހަކައެއް ދައްކަން ވެފަ.” އަލި މަނިކު ވާހަކަ ދެއްކީ ނިކަން ލޯބިންނެވެ. މުޒައްފަރު އައިސް އެކަކަށް އިނދެވޭ ސޯފާގައި އިށީނެވެ.
“ދަރިފުޅާ، ބައްޕަ ވަރަށް ދެރަވޭ ދަރިފުޅު ތިހެން އުޅޭތީ. ތަންކޮޅެއް ހަރުދަނާކޮން އުޅެ ބަލަ.” އަލި މަނިކު ހިތްހެޔޮ ކަމާ އެކު ވާހަކަ ދައްކަން ފެށި އެވެ.
“އޭނައަށް އިނގޭނެތަ އަލި މަނިކު ތިޔަ ބުނާ ގޮތަކަށް އުޅެން. މިހާރު ވެސް މީނައޭ ކިޔައިގެން ރަށުތެރޭ ދައްކާ ވާހަކައިން މަށަށް ނުކެރެ ބޭރަށް ނިކުންނަން ވެސް.” އެ ދެބަފައިންގެ ވާހަކަ ތެރެއަށް ފަރުޒާނާއަށް ނުވަދެ ނީދެ ވުނެވެ.
“ފަރުޒާނާ އެހަށް މަޑުކޮށްބަލަ، މަ އެސޮރާ ވާހަކަ ދައްކަން ދެން.” އަލި މަނިކު ފަރުޒާނާ އަށް ބުންޏެވެ. މުޒައްފަރު ކައިރިއަށް ރުޅި އައި ނަމަވެސް އަތް މުއްކަވާލައިގެން އިނީ އަލި މަނިކު މަޑުމައިތިރި ކޮން ވާހަކަ ދައްކާތީ އެވެ.
“ދަރިފުޅާ، ބައްޕަ ބުނަން މި އުޅޭ ވާހަކަ އަކީ، ދަރިފުޅު ވެސް މިހާރު ތިހިރީ ބޮޑުވެފަ، ދެން ދަރިފުޅު ވެސް ކޮންމެސް ވަޒީފާއެއް ހޯދަން ވީ…” އަލި މަނިކުއަށް ބުނެވުނީ އެހިސާބަށެވެ.
“ކާކު އޭނައަށް ވަޒީފާއެއް ދޭނީ؟ މިހާރު ވެސް މިރަށުގަ އެކިޔަނީ މީނަ ވެސް އެ އުޅޭ ރިޒުވާނު މެނާ އެއްކޮން މަސްތުވާ ތަކެތި ބޭނުން ކުރާ ވާހަކަ. ބޮލާ ތަންތަން ދިގުކޮށްފަ މީހާގެ ސިފައަށް ބަލައިލި އަސް އިނގޭނެ އެންމެނަށް ވެސް މީނަމީ އެކަހަލަ މީހެއްކަން.” ފަރުޒާނާ އެއްޗިހި ކިޔަން ފެށި އެވެ.
“ފަރުޒާނާ،” އަލި މަނިކު ބޯ ހޫރާލި އެވެ.
“މަންމައަށް އެންމެ މޮޅަށް ތި އިނގެނީ.” މުޒައްފަރު އަށް މާ ގިނައިރަކު ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ. “އަހަރެން ދުވަހަކުވެސް މަސްތުވާ އެއްޗެއް ބޭނުމެއް ނުކުރަން.” މުޒައްފަރު ތެދު ވިއެވެ. “ބުނެ އެއްނު މައިންބަފައިން ކައްވަޅުގައި ވާ ހިނދު ސޯލިހު ދަރިން ތިބިއްޔާ މަންމަ މެނަށް ދުއާ ކޮށްދޭނެޔޭ، އެކަމަކު އެފަދަ ދަރިއަކަށް އަހަންނެއް ނުވާނަން، ޙަރާމް ކަންތަކުން ދުރު ވިއަސް އެފަދަ ސޯލިޙު ދަރިއަކަށް ވާކަށް އަހަރެން ބޭނުމެއްވެސް ނޫން.” މުޒައްފަރުގެ މޫނުމައްޗަށް ވިހަ ހިނިތުން ވުމެއް ވެރިވެގެން ދިޔަ އެވެ. ނަމަވެސް އެ ހިނިތުން ވުމުގެ ފަހަތުގައި ވޭނާއި ކެކުޅުން ވާތަން އެދެލޮލުން ހެކިވެ އެވެ.
“ފަރުޒާނާ ކައިރީ އަހަރެން ބުނެފީމެއްނު އަހަރެން މުޒައްފަރާ ވާހަކަ ދައްކަން ބޭނުމޭ، މަށަށް މަގޭ ދަރިފުޅާ ވާހަކަ ދައްކާނެ ފުރުސަތު ދީބަލަ.” އަލިމަނިކު ހުރީ ވަރަށް ނުރުހިފަ އެވެ.
“އަލިމަނިކު ތި ކިޔަން އުޅޭ އެއްޗެއް އޭނަ ގަބޫލެއް ނުކުރާނެ. އެހެރީ ދެންމެ ވެސް އެ ބުނި އެތި ލަދެއް ހަޔާތެއް ވެސް ނެތޭ މީނަގެ.” ފަރުޒާނާ އަދިވެސް ހުއްޓާކަށް ނޫޅެ އެވެ. “އަލިމަނިކާ އެކު ވިޔަފާރީގަ އުޅެން ވެސް މީނަ ކައިރީ ކިތައް ފަހަރު ބުނެވިއްޖެ މިހާރު.”
“އެއީ ބައްޕަގެ ވިޔަފާރި އެއް ނޫން. ބައްޕައަށް އެ ވިޔަފާރި ކޮށްގެން ލިބޭ ލާރި ހަލާލެއް ވެސް ނުވާނެ. ޔަތީމު މިސްކީން ކުދިން ކޮޅެއްގެ މުދާ ފޭރިގަނެގެން….” މުޒައްފަރުއަށް ބުނެވުނީ އެހިސާބަށެވެ. މުޒައްފަރުގެ ކަންކަށިމަތީ އަލިމަނިކު ޖެހި އެވެ. ނިކަން ބާރަށެވެ. އަލިމަނިކު ކުއްލިއަކަށް ރުޅި އައީ އެވެ.
“ބައްޕަ ކިތަންމެ ރުޅި އަޔަސް މަމިބުނީ ދޮގަކަށް ނުވާނެ. އެމީހުން ކިހާ ހާލެއްގަ އެ އުޅެނީ، ޒީ ދައްތަ މަށާ ވާހަކަ ނުދައްކާތާނގަ ޖަންނަ ފެނުނީމަ މަށަށް ނުކެރެ އިސް އުފުލާ ބަލާލަންވެސް،” މުޒައްފަރުގެ ލޮލުގައި ކަރުނަ ގިނަވާން ފެށި އެވެ. “ކުޑައިރު ކިހާ އެއްކޮން އުޅުން ބައެއްތަ މީ، މަންމައަކަށް ވުރެ ޒާހިރާތަ ހެޔޮ. ކުޑަބެ ވެސް އެހާ ރަގަޅަށް ބައްޕައާއި ދޭތެރޭ އޭރު ކަންތައްކުރީ، ބައްޕަ ލަދެއްވެސް ނުގަނޭތަ؟” މުޒައްފަރުއަށް ރޮވުނެވެ.
“ހުން.” ފަރުޒާނާ ތުން އަނބުރާލާފައި އެތަނުން ހިގައްޖެ އެވެ. އަލި މަނިކު ސޯފާއަށް ތިރިވި އެވެ. މުޒައްފަރު އެހެން އިރުކޮޅަކު ހުރެފައި އަނެއްކާވެސް ދިޔައީ ބޭރަށެވެ.
ދަންވަރު އެކެއްޖަހާ ބޮޑުވެއްޖެ އެވެ. އަބްޔާން ގޭތެރޭ ސޯފާގައި ޖައްސާލައިގެން އިނެވެ. ގޭތެރޭ ވަރަށް އަޑު މަޑެވެ. ފަންކާގެ އަޑު ފިޔަވާ އިތުރު އަޑެއް ނީވެ އެވެ. އަބްޔާން ގެއަށް އައީ ދާދި ދެންމެ އެވެ. ފޯނާ ކުޅެން އަބްޔާން އިންދާ ކުއްލިއަކަށް އަޑެއް އިވުނެވެ. ބަދިގެ ފަރާތުންނެވެ. އަބްޔާން ތެދުވެގެން ނިކަން މަޑުމަޑުން ބަދިގެ ފަރާތައް ދިޔައެވެ. ހުރިހާ ބޮކިތަކެއް ނިވާލާފައި ހުރުމުން ބަދިގެ ވަރަށް ވެސް އަނދިރި އެވެ. ކުއްލިއަކަށް ބަދިގޭގެ ކުޑަދޮރު މަޑުމަޑުން ހުޅުވޭތަން އަބްޔާންއަށް ފެނުނެވެ. އަބްޔާން އަވަހަށް އައިސް އަލަމާރިއާއި ނިވާވެލި އެވެ. އަދި މަޑުމަޑުން ގޮސް އައިސް އަލަމާރި ބިއްދޮށުގައި ހުރި ފިހިގަނޑު ނެގި އެވެ. ކުޑަދޮރު ހުޅުވާފައި އެމީހަކު ކުޑަދޮރުން އެތެރެއަށް ފުންމާލި ކަމެއްނޭގެ އަބްޔާން ގޮސް ފިހިގަޑުން އެމީހާގެ ބޮލުގައި ޖެހި އެވެ.
8 Comments!
Comments are closed.
reethi
Thanks
Hahaa! ejehee Aliya boluga. ehen vaanee egothah ulhenya. Nice story 🙂
Thanks
Thivaani Aliyaa ah ehen ulhenyaa vanee akahala goii
Thanks
Mi vashakaige aneh bai up kuraany kn irakun thr….? V inthixaaru eba kuran aneh bayah…
Thanks