
ހާދަހާވޭ ކުރާހިތް ސަމާސާ 7 ވަނަ ބައި
ފައުޒާން އަށް ހީވީ ފައުޒާންގެ މޭގަނޑު އަނގައަށް އައި ހެނެވެ. ވަރަށް ބާރަށް ފައުޒާން ގެއާ ދިމާ އަށް ދުއްވައި ގަތެވެ. ފައުޒާން ލިފްޓުން މައްޗަށް އަރާ ގެއަށް ވަނީ ކުއްލި އަކަށެވެ. އަދި ވަރަށް ބާރަށް ދުވެފައި ގޮސް މައްޗަށް އަރަން ހުރި ސިޑިން ވެސް އެހާ ބާރަށް އެރިއެވެ. ސޯފާގައި އޭރު ތިބި ހަފީޒާ އާއި އަލީ އަށް ވެސް ތެދުވެ ވުނީ ފައުޒާން އެހާ ބާރަށް ސިޑިން އެރީމަ އެވެ. އަލީ އާއި ހަފީޒާ ވެސް ފައުޒާން ފަހަތުން މައްޗަށް އެރީ ހާސްވެފައި ތިބެ އެވެ.
ފައުޒާން މައްޗަށް އެރި އިރު ހިބާ ފާރުމަތިން ފައިބަނީ އެވެ.
“ހިބާ! ….. ހިބާތީ މޮޔައެއްތަ؟” ފައުޒާން ވަރަށް ބާރަށް ހަޅޭއްލަވައި ގަތެވެ. ހިބާ ދިޔައީ ސިއްސައިގެނެވެ.
“ހިބާ ހީކުރީ މީ ޖޭމު ގަހެއް ކަމަށްތަ؟ ހިބާތީ ނުވިސްނޭވަރުގެ ކުޑަ ކުއްޖެއްތަ؟ މިތަނުން ތިރި އަށް ވެއްޓިއްޖެއްޔާ ސީދާ މަރުވާނެ ކަމެއް ހިބާ އަކަށް ނޭގޭތަ؟ މީ މީހުން އަރާ ކަހަލަ ތަން ތަންތަ؟ މީހުން ވާލަ ހިބާއޭ ކިޔާތީ ހީކުރީތަ ތިމާ މީހާ އަކީ އުދުހެވޭ ވާލެކޭ.” ފައުޒާން ހާސްވެ ރުޅި އައިސްފައި ހުރި ވަރުން ހިބާ އާއި ދިމާ އަށް ހަޅޭއްލަވަމުން ދަނީ ވަރަށް ވެސް ބާރަށެވެ. އެހާ ބާރަށް ފައުޒާން ހަޅޭއް ލަވާތީ ހިބާ ބިރުން ގޮސް ހުރީ ރޮވިފަ އެވެ. އޭރު ހަފީޒާ އާއި އަލީ ވެސް އެތަނަށް އަ އެވެ. އެކަކަށް ވެސް ވީ ކީއް ކަމެއް ނޭގެ އެވެ.
“ކިހިނެއްވީތަ. ޒާން؟ ހަމަޖެހި ބަލަ.” ހަފީޒާ އާއި އަލީ އަށް އެ ވަރަށް ފައުޒާން ރުޅި އައިސްފައި ހުއްޓާ މީން ޒަމާނަކު ނުފެނެ އެވެ. ވަރަށް ވެސް ބޮޑު ކަމެއް ދިމާވީ ކަން އެ މީހުނަށް އެންގެ އެވެ.
“މަންމާ. ހިބާ ހުރީ މިތާ ފާރުބުރި މައްޗަށް އަރާ. މަންމަ ބުނެ ބަލަ. އަޅެ މޮޔައެއް ނޫނީ އެ ކަހަލަ ކަމެއް ކުރާނެތަ؟ މިތަނުން ވެއްޓިއްޖެއްޔާ މަރުވާނެ ކަމެއް ވެސް އޭނަ އަކަށް ނޭގޭނެތަ؟ އެހާ ކުޑަތަ؟ އެ ކަހަލަ ދެރަ ކަމެއް ދިމާވެއްޖެއްޔާ އެ ކަމުގެ ޒިންމާ ނަގަން ޖެހޭނީ މިގޭ މީހުނަކަށް ނޫންތަ؟” ހިސާބަކަށް ފައުޒާންގެ އަޑަށް މަޑު ކަމެއް އައިސްފައި ވެ އެވެ. އޭރު ވެސް ހިބާ ރޮނީ އެވެ.
“ޒާން އަކަށް ނޭގެ ހިބާ މިތަނަށް އަރަން ޖެހުނު ސަބަބެއް؟” ފައުޒާން ފާރު ބުރި މަތީ އަތް އަޅުވާލަމުން ބުނެލި އެވެ.
“ހިބާ؟ ހިބާ ކީއްކުރަން އެތަނަށް އެރީ؟ ކިހާ ނުރައްކާ ކަމެއް އެއީ؟ ވެއްޓުނު ނަމަޔޯ!” ހަފީޒާގެ އަޑުން ވެސް ހިތް ހަމަ ނުޖެހިފައި ހުރިކަން އެނގެ އެވެ.
“ހިބާ…. ހިބާ…،” ހިބާ އަށް ގިސްލެވޭތީ ވާހަކަ ވެސް ނުދެއްކެ އެވެ. ފައުޒާން ހިބާ އަށް ބަލައިލުމުން ފައުޒާންގެ ހިތް މަޑު ކަފަ ކޮޅަކަށް ވެގެން ހިގައްޖެ އެވެ. އެހާ ބާރަށް އެއްޗިހި ކިޔުނީމަ އަމިއްލަ ނަފްސު ދެކެ ރުޅި އާދެ ވުނެވެ.
“ހިބާ. ކީއްވެތަ ފާރު މައްޗަށް އެރީ؟” ހަފީޒާ އަނެއްކާ ވެސް އެހި އެވެ.
“ހިބާ…. އެތަނަށް…. ހިބާ…” ހިބާ އަށް އެއް ގޮތަކަށް ވެސް ވާހަކަ ދެއްކޭ ގޮތެއް ނުވި އެވެ. މާ ބޮޑަށް ގިސް ލެވެނީ އެވެ.
“އޯކޭ ދެން ފަހުން ކިޔައި ދީ. މަންމާ ދެން މިހާރު އޭނަ އަށް ވިސްނޭނެނު. ދެން މަންމަ ވެސް ތިކުރާ ކަމެއް ކުރަން ދޭ. އޭނަ ފަހުން އެ ވާހަކަ ކިޔައި ދޭނެ. ޒާންގެ ވެސް ގަޑި ޖެހޭތީ މި ދަނީ.” ފައުޒާން އަށް އައި ކުއްލި ބަދަލަކުން ހަފީޒާ ހުރީ ހައިރާން ވެފަ އެވެ. ދާދި ދެންމެ ރުޅި އައިސް ގެން ފުޑު ފުޑު ވެދާނެ ހެން ހީވި މީހާ އެހާ އަވަހަށް މަޑުމައިތިރި ވެފައި ވާތަން ފެނުމުން ބުނާނެ އެއްޗެއްވެސް ނޭގި ފައި އަލީ އާއި ހަފީޒާ ތިއްބެވެ.
ފައުޒާން އަވަހަށް ތިރި އަށް ފައިބައިގެން ދިޔައީ އެވެ. ފައުޒާން ފަހަތުން އަލީ ވެސް ފޭބި އެވެ. ހަފީޒާ ހިބާ ކައިރި އަށް އައިސް ބުރަކަށީގައި ފިރުމާލި އެވެ.
“ދެން ތިވަރަށް ނުރޮއެ. ޒާން ކަންބޮޑުވި ވަރުން އެހާ ބާރަށް އެ އެއްޗިހި ކީ. އެހެންޏާ ޒާން އަކީ އެ ގޮތަށް އެހާ ބާރަށް ހަޅޭއްލަވާ މީހެއް ނޫން. އެކަން އަމިއްލަ އަށް އިހުސާސް ވެފަ ކަންނޭގެ ފަހުން ހުރީ ޒާން ދިޔައިރު.” ހިބާ ގެނެސް އުނދޯލީ ގައި ބައިން ދަމުން ހަފީޒާ ބުންޏެވެ. އޭރު ވެސް ހިބާ ގިސް ލަމުން ރޮނީ އެވެ. އެ ގޮތަށް ހިބާ ނުރޯތާ ކިތަންމެ ޒަމާނެއް ވެއްޖެ އެވެ. އެގޮތަށް ހިތުގަ ޖެހިގެން ހިބާ އަށް ރޮވޭތީ ހުދު ހިބާ ވެސް ހައިރާން ވިއެވެ.
ފައުޒާން އޮފީހުގައި އިން އިރު ވެސް ހިބާއާ ދޭތެރޭ ވިސްނެނީ އެވެ. އެއީ ކޮން ކަހަލަ ކުއްޖެއް ހެއްޔެވެ. ބައެއް ފަހަރު އުޅޭ ގޮތުން ވަރަށް ހިތްވަރު ގަދަ ވިސްނޭ ކުއްޖެއްހެން ހީވެ އެވެ. އަނެއް ބައިފަހަރު ހީވަނީ ފިނޑ،ި ނުވިސްނޭ ކުޑަ ކުއްޖެއް ހެނެވެ. އުޅޭ ގޮތްވެސް ހާދަ ތަފާތެވެ.
“ޒާން، ކިހިނެއް ވެފަ ތިއިންނަނީ؟ މިހާރު އެ ރިޕޯޓް ތައް ތައްޔާރު ކުރީތަ؟ މިއަދު ފޮނުވަން ޖެހޭ އެއްޗިއްސެއްނު އެއީ.” މަރީ ބުންޏެވެ. މަރީއަކީ ފައުޒާންއާ އެއްކޮން މަސައްކަތް ކުރާ ކުއްޖެކެވެ.
“ކީކޭ.” ފައުޒާން ސިހި ފައި އަހާލި އެވެ. ފައުޒާން އަށް މަރީ ކީ އެއްޗެއް ނުވެސް އިނގުނެވެ.
“މިއަދު ކިހިނެއް ވެފަ ތި އިންނަނީ؟ ބިޓާ މައްސަލަ ޖެހުނީތަ؟” މަރީ އަހާލީ ސަމާސާ ރާގަކަށެވެ.
“ނޫނޭ. ކީކޭތަ މަރީ ތިބުނީ؟” ފައުޒާން ހީލަމުން އަހާލި އެވެ.
އެރޭ ފައުޒާން ގެއަށް އައިސް އެންމެ ކުރިން ވެސް ހޯދާލީ ހިބާ ކޮބައިތޯ އެވެ. ނަމަވެސް ހިބާ ފެންނަ ހިސާބަކު ނެތެވެ. އެންމެން ރޭގަނޑުގެ ކެއުމަށް ތައްޔާރު ވެގެން ތިބީ އަލީގެ އިންތިޒާރުގަ އެވެ. ފައްވާޒް އަށް ހަފީޒާ ހިބާގެ ވާހަކަ ކިޔައި ދިނުމުން ފައްވާޒް އަށް ވެސް އެކަމުގެ ނުރައްކާ ތެރި ކަން އިހުސާސްވެ އެކަމާ ހިތް ހަމަ ނުޖެހުނެވެ.
ހިބާ އައިސް ބަދިގެ އަށް ވަން އިރު ފައުޒާން އާއި ފައްވާޒް ތިބީ ކޮންމެސް ވާހަކައެއްގަ އެވެ. ހިބާ ވަނުމުން ފައުޒާން ހިބާ އަށް ބަލައިލި އެވެ. ރޮއެފަ ހުރީ ވަރަށް ގިނައިރު ކަން ހިބާގެ މޫނަށް ބަލައި ލުމުން އެނގެ އެވެ. އަލީ އައުމާއި އެކު ކެއުމުގެ ކަން ތައް ފެށުނެވެ. ފައުޒާން އަށް އިރުކޮޅަކާ ކުރިމަތީ އިން ހިބާ އަށް ބަލައިލެވެ އެވެ. ހިބާގެ ބަސްމަދު ވެފައި މަޑުން އިންނާތީ ފައުޒާން އަށް މަޑަކުން ނީދެވުނެވެ.
“މަންމާ. މިއަދު މި ގޭގަ އުޅޭ ގުރާ ނުގޮވާ ދުވަހެއްތަ؟ ހާދަ އަޑުމަޑޭ. އެހެންޏާ ކާން ތިބޭއިރު މިތާ ހަދާފަ މިހިރަ ހުރިހާ އެއްޗެއްގެ ރަހަޔާ އެއަށް އަޅާފަ ހުންނަ އެއްޗިއްސައް ދަންދެން ކިޔާދޭ ވިއްޔަ.” ފައުޒާން އެހެން ބުނުމުން އެންމެނަށް އެއް ފަހަރާ ހިބާ އާއި ދިމާ އަށް ބަލައިލެ ވުނެވެ.
“އަދިވެސް ހިބާ އޭނީ ޒާން އެއްޗިހި ކީމަ އެކަމާ ދެރަވެފަ ކަންނޭގެ،” އަލީ ބުންޏެވެ. “ބައްޕަވެސް ހުރީ ހައިރާން ވެފަ އެގޮތަށް އަންހެން ކުއްޖަކާ ދިމާ އަށް ޒާން އެއްޗިހި ކީމަ.”
“ޒާން ހުރީ ވަރަށް ކަންތައް ބޮޑު ވެފައޭ އެ ގަޑީގަ. އަސްލު ބުނެ ބަލަ ވެއްޓުންނަމަ ބައްޕަ ކިހިނެއް ހަދާނީ.” ފައުޒާން ބުންޏެވެ. އަދި ހިބާ އާއި ދިމާ އަށް ބަލައިލި އެވެ. ހިބާގެ މޫނު ފެނުމުން ފައުޒާން އަށް ގޮތް ތަކެއް ވަނީ ކީއްވެ ހެއްޔެވެ. ބުނަން ނޭނގޭ ފަދަ ޖަޒުބާތެއް ހިތު ގައި އުފެދިފައި ވެއެވެ. އެއީ ކޮން ކަހަލަ ޖަޒުބާތެއް ކަމެއް އެއް ގޮތަކަށް ވެސް ފައުޒާން އަކަށް ނޭގެ އެވެ.
“ދެން އަޅާނުލާ. އެ ވާހަކަ ދައްކާނެ ކަމެއްނެތް.” ފައުޒާން އެންމެ ފަހުން ބުންޏެވެ.
ކައި ނިމިގެން މައްޗައް އަރާ ފައުޒާން އުނދޯލީ ގައި އިނީ އަދި ވެސް ހިބާ އާއި މެދު ވިސްނާށެވެ. އެ ވަގުތު ހިބާ މައްޗަށް އައިތަން ފެނުމުން ފައުޒާން ތެދުވި އެވެ.
“ހިބާ! ހިބާ އަސްލު ކީއްކުރަން އެތަނަށް އެރީ؟” ފައުޒާން އަހާލި އެވެ.
“ހިބާ އެއްޗިހި ހިއްކަން އަޅަން ބަލައިލި އިރު އެ ރޯނު އޮތީ ކެނޑިފަ. މޮހޮރު ލުހިގެން އައިސްފަ އޮތީ. އެހެންވެ މޮހޮރު ޖަހަން އެރީ.” ހިބާ ބުންޏެވެ.
“އެކަމު ހިބާ އަތުގަ މަރުތެޔޮ އެއް ފާޑު އެއްޗެއް ވެސް ނެތް މޮހޮރު ޖަހަން އަރާ ހުރި އިރު.” ފައުޒާން ހިބާ އާއި ދިމާ އަށް ފުންކޮން ބަލައިލަމުން ބުންޏެވެ.
“ހިބާ..، ހިބާ އެރި އިރު އެރުނީ އެކަހަލަ އެއްޗެއް ނުލަޔޭ. ދެން ޖީބުގަ އޮތީ ހިބާގެ ފޯނު. އޭގެން މޮހޮރު ޖަހާލީ.” ހިބާ ހަމަޖެހިލަމުން ބުންޏެވެ.
“ވަޓް؟” ފައުޒާން ހައިރާން ވި އެވެ. ގަބޫލު ނުކުރެވިގެން ހިބާއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އެއީ ކޮން ކަހަލަ މޮޔަ ކުއްޖެއް ޖެއްޔެވެ. “ފޯނުން މޮހޮރު ޖެހުނު؟ އެކަމު ފޯނުން މޮހޮރު ޖަހާތަ؟” ފައުޒާން ޝަހާދަތް އިނގިލި ކުރި ހިބާގެ ނިތްކުރީގައި ޖައްސާ އޮއްބާލަމުން ބުނެލިއެވެ.
“އާން. މީ ހުރިހާ ކަމެއް ކުރެވޭ ފޯނެކޭ. އެންމެ މޮޅު ބައްތި ނޮކިޔާ އެއް.” ހިބާ ޖީބުން ފޯނު ނަގާ ދައްކާ ލަމުން ބުނެލި އެވެ.
ފައުޒާން ބޯ ހޫރާލި އެވެ. އާން އެކެވެ. ހަމަ މޮޔަ ކުއްޖަކީ އެވެ.
“ހިބާ. ފޯނު ހަލާކެއް ނުވޭތަ؟” ފައުޒާން އަހާލި އެވެ.
“ހަލާކު ވެފަ މިއޮތީ. އެކަމު އަދި ފޯނު ކުރެވޭ. ބޭރު ކަވަރު ކުޑަކޮން ރެނދު ލާފަ މިއޮތީ.” ހިބާ ފޯނު ދައްކާލަމުން ބުންޏެވެ.
ފައުޒާން ހިބާގެ ފޯނު އަތުލާފައި ރަގަޅަށް ބަލައިލި އެވެ. ތެދެކެވެ. ފޯނުގެ ކަވަރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ފޯނުގެ އިސްކިރީނު ގައި ވެސް ބޮޑު ރެދެއް ލާފައި ހުއްޓެވެ. ފައުޒާން އަނގައިން ޕިސް ޕިސް ލައްވަމުން ބޯ ހޫރާލި އެވެ.
“ހިބާ ލައިފް ސްކިލް ކޯހެއް ހަދަން ވީނު. ލައިފް ސްޓައިލްގެ ކަންތައް ދަސްކުރަންވެފަ ހިބާ ތިހިރީ.” ފައުޒާން ހިބާގެ ފޯނު އަނބުރާ ހިބާ އަތަށް ދެމުން ބުންޏެވެ.
“ހިބާ އަދި ލައިފް ސްކިލް ކޯހެއް ނަހަދަން. އެކަމު ލައިފް ސްކިލް ސެމިނާރެއްގަ ބައިވެރިވީން. އެއީ އެގޭ ދައްތަ ބުނެގެން. ލައިފް ސްކިލް ކޯހެއްގަ ބައިވެރިކުރަން އެގޭ ދައްތަ އުޅުން.” ހިބާ ބުންޏެވެ.
“ލައިފް ސްކިލް ސެމިނާރަށް ގޮސް ދަސްވީ ކޯޗެއް؟” ފައުޒާން އަހާލި އެވެ.
“ވަރަށް ފޫހި. އެމީހުން ކިޔާ އެއްޗަކަށް ހިބާ އަކަށް ސަމާލެއް ނުވެ ވުނު އެ ފަހަރު. ހިބާ އަށް ލިބިފަ އިން ޕާޓުނަރުގެ ސަބަބުން.” ހިބާ ބުންޏެެވެ.
“އެއީ ކީއްވެ؟ އަނެއްކާ ހިބާ އަށް ވުރެ ވެސް އަނގަ ގަދަ މީހެއްތަ ލިބުނީ؟” ފައުޒާން ހީލަމުން އަހާލި އެވެ.
“ނޫނޭ.” ހިބާ އަތުގަ އޮތް އަނގޮޓިއާ ކުޅެލި އެވެ. “އިއްޒަތުއާ ދިމާވީ އެ ސެމިނާރުން. ހިބަގެ ޕާރޓްނަރަކަށް އޭރުވީ އިއްޒަތު. ދެން އަބަދު އިއްޒަތުގެ ހިޔާލުގަ އޭރު އިނދެ ވެނީ.” ހިބާ އަނގޮޓި އަށް ބަލަން ހުރެ ބުންޏެވެ.
“އިއްޒަތު ދެކެ ވަރަށް ލޯބިވޭތަ؟” ފައުޒާން އަހާލި އެވެ.
“ހިބާ އިއްޒަތު ދެކެ ވަރަށް ލޯބިވީން. އެކަމަކު އެއީ ހަގީގީ ލޯތްބެއް ނޫން ކަންނޭގެ. ހިބާ ބުންޏެވެ.
“އެހެންތަ. އެހެންވެ ދޯ އިއްޒަތު ދިން އަނގޮޓި އަޅައިގެން އަދިވެސް ތިއުޅެނީ؟” ފައުޒާން ހިބާ އިނގިލީގައި އަޅާފައި އަނގޮޓި އަށް ބަލައި ލަމުން ބުންޏެވެ.
“ދެން މިހާރު ވަކި އޭނަ ދިން އެއްޗެއް ވީމަ އަޅައިގެން އުޅެނީ އެއް ނޫން މި. މީ އެއްލާ ލަން ވެފަ އޮތް އަނގޮޓި އެއް.” ހިބާ އަނގޮއްޓިއާ ކުޅެމުން ބުންޏެވެ.
ފައުޒާން ކުއްލި އަކަށް ހިބާގެ އަތުގައި ހިފާ ހިބާގެ އިނގިލިން އަގޮއްޓި ނެގި އެވެ.
“އޭ، ތި އަގޮއްޓި އެއްލާ ނުލައްޗޭ. އަދި ހިބާ ބޭނުމޭ ތީތި.” ހިބާ އަވަހަށް ފައުޒާން އަތުން އަގޮޓި އަތުލަން އުޅެމުން ބުންޏެވެ.
“އާންހާ. އެބަ އިނގޭ އިއްޒަތުދެކެ ލޯވި ވާވަރު މިހާރު، ފައުޒާން ހެމުން ބުންޏެވެ. “ދުލުން ބުނެވިދާނެ ކޮންމެ އެއްޗެއް ވެސް. އެކަމު ހިތުން ފިލައިގެން ދާން ދުވަސް ނަގާނެ.” ފައުޒާން އެ އަނގޮޓި ހިބާ އަތައް ދެމުން ބުންޏެވެ.
“ހިބާ ލޯބި ނުވި އަސް މި އަނގޮޓި ހަދާނަ ކަށް ބާއްވަން ބޭނުމޭ.” ހިބާ މަޑު މަޑުން ބުންޏެވެ.
ފައުޒާން އާއި ހިބާއާއި ދެމީހުން އެގޮތަށް އެކި ވާހަކަ ދައްކަން އެތަކެއް އިރު ޓެރެސް މަތީ ކޮޅަށް ތިއްބެވެ. ދެ މީހުނަށް ނިދަން ދެވުން އިރު ހުރީ ބާރަ ޖަހަން ކައިރި ވެފަ އެވެ.
* * * * * * * * * * * * *
ފައްވާޒް އާއި ރިފާގެ ކައިވެނި ކުރަން ހަމަޖެހިފައި އޮތީ ހުކުރު ވިލޭރޭ އެވެ. އެހެންކަމުން ކައިވެނީގެ ހަފުލާވެސް ބާއްވަން ހަމަޖެއްސީ ހަމަ އެރެ އެވެ. ހިފަން ހަމަޖެހިފައިވާ ރެސްޓޯރެންޓުގައި އެވެ.
އެކި މީހުން ކައިވެންޏަށް ތައްޔާރު ވަމުން ގެންދެ އެވެ. ރިފާއާއި ފައްވާޒް ތައްޔާރުވާން ދިޔައީ ސެލޫން އަކަށެވެ. ނަދުވާ ކިޔާ ވަރުން ފައުޒާން ވެސް ނަދުވާ އާއި އެކު ދިޔައީ ސެލޫން އަކަށެވެ. އަޒްކާ އާއި އެއް ކްލާހު ގައި އުޅުން ރާނިޔާ އަކީ ބިއުޓީ ޕާރލާރ އެއްގައި މަސައްކަތް ކުރާ ކުއްޖެއް ކަމުން އަޒްކާ އެރޭ ރާނިޔާ ގެއަށް ގެނަ އެވެ. ރާނިޔާ އައި ހަބަރު ލިބިގެން ހިބާވެސް އަވަހަށް އަޒްކާ ކައިރިއަށް ރީތިވާން ދިޔަ އެވެ.
ފައްވާޒް އާއި ރިފާ އެރޭ ފެންނަލެއް ވަރަށްވެސް ފުރިހަމަ އެވެ. މެހެމާނުން ތައް މަދު މަދުން އަންނަން ފަށައިފި އެވެ. ފައުޒާން ވެސް ނަދުވާ އާއި އެކު އައިސް ވަނެވެ. އަތް ދިގު ގަމީހެއްގައި ފައުޒާން ފެންނަލެއް ވަރަށް ވެސް ރީއްޗެވެ. ހަމަ އެފަދައިން ނަދުވާގެ ފަން ކޮށްފައިވާ ބޮލާ ކޮށްފައިވާ މޭކަޕުން ނަދުވާ ވެސް މިރޭ ފާހަގަ ކޮށްލެވޭހާ ރީއްޗެވެ. ގަޔައް ބާރު މެކްސީއެއް ގައި ހުންނަ އިރު ނަދުވާގެ އަންހެން ވަންތަކަން ވެސް އިތުރު ކޮށްދީފައި ވެ އެވެ.
ފައުޒާން އެހެން އުޅޭ އިރު އިރު ކޮޅަކާ ދިމަ ދިމާ ހޯދާލަ އެވެ. ހިތުގައި ވަނީ އަދި ވެސް ހިބާ އެއް ނާދެ އެވެ. އެހެނެވެ. ހިބާއަށް އިންތިޒާރު ކުރެވެނީ ކީއްވެ ކަމެއް ހުދު ފައުޒާން އަށް ވެސް ނޭގެ އެވެ. އަޒްމީލު ވަދެގެން އައިތަން ފެނުމުން އަޒްކާ ވެސް އައިސްދާނެ ކަމުގައި ހީވެގެން ގޮސް ޝަކީލާ ގާތު އަޒްކާ ކޮބައިތޯ އަހާލި އެވެ.
“އަޒްކާ އުޅެނީ އޭނަގެ ރައްޓެހި މޭކަޕު ކުރާ ކުއްޖެއް ގެނެސްގެން އެކުއްޖާ ލައްވާ މެކަޕު ކުރަން. މި ޕާރޓީ ނިމޭއިރު ވެސް ނޭގެ އެ ދެ މީހުނަށް އާދެވޭނެ ކަމެއް.” ޝަކީލާ ބުނެލިއެވެ. “ތިގޭގަ އުޅޭ އެ މަންޖެ ވެސް އެ ކޮޓަރީގަ ފަރިވާން އެބަ އުޅޭ ދޮންބެ ދައްތަ އިއިރު.” ޝަކީލާ ހުރީ ނިކަން ހަމަޖެހިލާފައެވެ.
އެވަގުތު އެތަނަށް ނަދުވާ އަ އެވެ. ނަދުވާ އައިސް ޝަކީލާ އާއި ސަލާން ކޮށްލި އެވެ.
“ދޮންބެ ދައްތަ ނުފެންނަތާ ހާދަ ދުވަހެއް ވެއްޖެޔޭ. ކޮންތާކުތަ ތިއުޅެނީ؟” ނަދުވާ އަހާލި އެވެ.
“ރަގަޅެއްނު. އަހަރުމެން ބަޔަށް ވަދެލަނީ އެއްވެސް ނޫން ވިއްޔަ. މި ނަދުވާއާ ހިތާވި ފަހުން ފައުޒާން ވެސް އަހަރުމެން ބަޔަށް ވަދެ އެއް ނޫޅޭ ވިއްޔަ.” ސަމާސާ ރާގަކަށް ޝަކީލާ ބުންޏެވެ. “ތި ދެކުދިން އިންނަނީ ކޮން އިރަކުތަ؟ މިހާރު އިންތިޒާރު މިކުރެވެނީ ތި މީހުންގެ ހަފްލާ އަކަށްނު.” ޝަކީލާ ބުންޏެވެ.
“ދޮންބެ ދައްތާ. ނަދޫ ގަބޫލު ނުވެގެން މި މަޑު ކުރަނީ. މިހާރު ވެސް ނަދޫ ހިގާށޭ އިންނަން ބުނެފިއްޔާ ހަމަ އިންނަން ތައްޔާރަށް މިހިރީ.” ފައުޒާން ބުންޏެވެ. ނަދުވާ ފައުޒާން އަށް ލޯ އަޅާލި އެވެ. އެ ވަގުތު އެމަޢުލޫ ނެގުމުން ނަދުވާ ހިތް ހަމައެއް ނުޖެހުނެވެ. އެތާ ނުހުންނަން ވެގެން ހިގައި ގަތެވެ. ފައުޒާން ވެސް ނަދުވާ ފަހަތުން ހިގައި ގަތެވެ.
“ކީއްތަވީ؟ ރުޅި އައީތަ؟” ފައުޒާން ނަދުވާގެ އަތުގައި ހިފާލަމުން އަހާލި އެވެ.
“ދެން މި ވަގުތު ތި ވާހަކަ ދައްކަން ޖެހޭތަ؟” ނަދުވާ ހުރީ ހިތް ހަމަ ނުޖެހިފައި ކަން ފައުޒާން އަށް ޔަގީން ވި އެވެ.
“ނަދޫ. ޒާންއަށް އެ ވާހަކަ އަބަދު ދެއްކޭނެނު. ޒާން މިހާރު ނުވެގެން މިއުޅެނީ އެކަންތައް ވިއްޔަ. އަޅެ ބުނެބަލަ މެރީ ކުރަން ބޭނުން ނުވާ ސަބަބަކީ ކޮބައިތަ؟ ގަބޫލު ކުރެވޭ ރީޒަން އެއް ދައްކަ ބަލަ.” ފައުޒާން ބުންޏެވެ.
“އަހަރެން ހަމަ ބޭނުން ނުވަނީ މެރީ ކުރަން. ދެޓްސް އޯލް. އަހަރެން ހިތަކަށް ނާރަ މީން ދުވަހަކު އަހަރެން މެރީ ކުރާނަމެކޭ.” ނަދުވާ ބުންޏެވެ.
“ޒާން އަށް ވެސް ކެތް ކުރެވޭނީ ވަކި ވަރަކަށްނު. މާގިނަ ދުވަސް ވަންޏާ ޒާން އެހެން ކުއްޖަކާ މެރީ ކުރާނީ.” ފައުޒާން އެހެން ބުނީ ގަސްތުގައި ނަދުވާ ރުޅި އަރުވާލާށެވެ. ފައުޒާން ވެސް ހިތް ހަމަ ނުޖެހިފައި ހުރުމާއި އެކު އެވެ.
“ތިހެންވިއްޔާ ދެން މަށާ ވާހަކަ ވެސް ދައްކައިގެން ނުވާނެ. އިޓްސް އޯވަރ. އައިޑޯންޓް ކެއަރ.” ނަދުވާ ބާރަށް އެހެން ބުނި އިރު އޭނާގެ ލޮލުން ކަރުނަ ނިރާލާފައި ވެ އެވެ. އެތާ ތިބި އެންމެން އެދިމާ އަށް ސަމާލުވެލި އެވެ. އެތާ ތިބީ ހުސް ތިމާގެ މީހުން ކަމުން ފައުޒާން މާ ބޮޑަކަށް އެކަމަކާ ސަމާލެއް ނުވެ އެވެ. އަވަހަށް އެތަނުން ދުރަށް ގޮސް ފައްވާޒް އާއި ރިފާ ތިބި ދިމާލުގައި ވާ ގޮނޑި ތަކުން ގޮނޑިއެއްގައި އިށީނެވެ.
“އަޒްކޯ… މަންމަ ބުނީ އަދިވެސް ރެޑީ އެއް ނުވެވޭހޯ.” އަޒްމީލު ފޯނުން އަޒްކާ އަށް ގުޅާފައި އަހާލި އެވެ. އޭރު ގަޑިން ދިހަ އެއްވެސް ޖަހައިފި އެވެ.
“އަޅެ ދޮންބޭ. ކާރެއް ނުލިބިގެން މިތިބީ މިހާރު. އިތުރު ސައިކެއް ހޯދައިގެން އަންނަން ވީނު އަޒްކޮއާ ހިބާއާ ބަލާ.” އަޒްކާ ބުންޏެވެ.
“މާޒް އެބައިން. ދާނަން މާޒް ގޮވައިގެން.” އަޒްމީލް ދިމަދިމާ ބަލައިލިއިރު މާޒް އާއި ފައުޒާން ގޮނޑީގައި ތިބީ އޮލަ ވާހަކައެއް ދައްކާށެވެ.
“މާޒް. ހިގާބަލަ ސައިކުގަ އަޒްކޮއާ ހިބާ ބަލާ. އެމީހުން ކާރެއް ނުލިބިގެން ނާދެވިފަ އެބަތިބި.” އަޒްމީލް އެހެން ބުނިއިރު ފައުޒާން އާއި އަޒްމީލުގެ ހަތަރު ކަޅި ބައްދަލުވި އެވެ. ނަމަވެސް ދެމީހުންވެސް އަވަހަށް އެހެން ފަރާތަކަށް މޫނު އަންބުރާލި އެވެ.
“އަޅޭ. މާޒް މިއައީ ހިގާފަ. މާޒް ސައިކު ހަދަން ގަރާޖަށް ލާފަވީ. ފައުޒާން ދާންވީނު އަޒްމީލްއާ އެއްކޮން.” މާޒް ފައުޒާން އަށް ބަލައިލަމުން ބުންޏެވެ. ފައުޒާން ބޯ ޖަހާލަމުން ތެދުވި އެވެ. އަޒްމީލް ވެސް ބަހެއް ނުބުނެ ހިގައި ގަތެވެ.
އަޒްމީލު ގޮސް ގޭ ދޮރު މައްޗަށް ހުއްޓުމާއެކު ހިބާ ފެނުމުން އަޒްމީލަށް އިނދެވުނީ ހިބާއާއި ދިމާ އަށް ބަލަހައްޓައި ގެނެވެ. ފައުޒާން އަށް ވެސް ވީ ހަމަ އެފަދަ ގޮތެކެވެ. ހިބާ ހުރީ ކުރީމް ކުލައިގެ މެކްސީ އެއް ލައި ގެނެވެ. މޭމަތީ ޖަހާލާފައިވާ ނޫ ކުލައިގެ މާ ވެޔޮގަނޑު އައިސް ނިމިފައިވަނީ ބަނޑާ ހިސާބަށެވެ. ހިބާގެ ދިގު އިސްތަށިގަނޑު ވަނީ ނިއުޅާލާފަ އެވެ. ނޫ ކުލައިގެ މާ ތަކަުން ހަދާފައި ވާ ދައްޗެއް ބޮލުގެ ކަނާތް ފަރާތައް ޖަހާލާފައި ވެ އެވެ. މޫނު ގައިވަނީ ފަނޑު މޭކަޕެއް ކުރެވިފަ އެވެ. ހިބާގެ ރީތި ކަން އިތުރު ކޮށްދީފައި ވަނީ އެ ބޮޑު ދެ ލޮލުގައި އަޅާފައިވާ އަނދުނުންނެވެ. އަޒްމީލު ގެއްލިފައި އިންދާ އަޒްކާ އައިސް އަޒްމީލުގެ ސައިކަލު ފަހަތަށް އެރި އެވެ. ހިބާ ގޮސް އެރީ ފައުޒާންގެ ފަހަތަށެވެ. ހިބާ ލައިގެން ހުރި ފިއްތި މެކްސީގެ ސަބަބުން އަރަން ޖެހުނީ އެއްއަރި އަށެވެ.
“ހީވަނީ ފިލާ ފޮށްޗެއްގަ ފޮތި އޮޅާފަ ހުރިހެން. ފިރިހެނަކު ތި ހެދުން ލިއަސް ތިގޮތަށް ހުންނާނީ.” ހިބާ ސައިކަލަށް އަރާ ހަމަޖެހިލުމުން ފައުޒާން ހިބާ އަށް ތައުރީފް ކުރުމުގެ ބަދަލު ގައި ދިމާ ކޮށްލި އެވެ. ހިބާ އަށް ފައުޒާން އެބުނި އެއްޗެއް ވަރަށް ރަގަޅަށް ވެސް އިނގުނެވެ. އެހެންކަމުން ކުޑަކޮން ލަދު ގަތަސް އެއާ ވިއްދާ އެއްޗެއް ނުބުނެ އެއް ނީދެވުނެވެ.
“ހިބާއަކީ އަދި ކުޑަ ކުއްޖެކޭ. ފައުޒާން އެއް ނޫންތަބުނީ ހިބާ ހީވަނީ ކުޑަ ކުއްޖެއް ހެނޭ.” ހިބާ އަޑަށް ބާރުލާފައި ބުނެލި އެވެ.
“ކުޑަ ކުއްޖެކޭ ނުބުނަން. ވާލެކޭ ބުނީ. ހިބާ އަމިއްލަ އަށް ކުޑަ ކުއްޖަކަށް ވެގެން ތި އުޅެނީ. ކުޑަ ކުއްޖެއް ކަމަށް އަމިއްލަ އަށް ދެކެންޏާ ކުޑަ ކުދިން ޕާޓީތަކަށް ދާން ލާކަހަލަ ފުއްޕި ހެދުމެއް ލީނަމަ.” ފައުޒާން އިނީ ހިބާއާއި ސަމާސާ ކުރާ ހިތުންނެވެ. ހިބާ ތުން އަނބުރާލަމުން ދެން އިތުރު އެއްޗެއް ނުބުނެ އިނީ ފައުޒާންގެ އަނގައިން މިރޭ ނާރާނެ ކަން އެނގޭތީ އެވެ.
އަޒްކާ އާއި ހިބާ ވަދެގެން އައިއިރު އެތާތިބި އެންމެނަށް އެދިމާ އަށް ކަޅި ހިންގާނުލާ ނުތިބެ ވުނެވެ. ހިބާ އާއި އަޒްކާ ލައިގެން ތިބީ ރީތި ހެދުން ތަކެކެވެ. އަޒްކާ ހުރީ ފިޔާތޮށި ކުލައިގެ ހެދުމެއް ލައިގެނެވެ. ރާނިޔާގެ ކުޅަދާނަ މޭކަޕުން އަޒްކާގެ ރީތިކަން މިރޭ ފެންނަން ހުއްޓެވެ. ހިބާ އައިސް ވަނުމުން ހީވީ ތަރިތަކެއްގެ މެދަށް ހަނދު ފާޅުވީ ހެނެވެ. ތަރިތަކުގެ ކުލަ ފަނޑުވެގެން ހިގައްޖެ އެވެ. ދުރުގައި ހުރި ނަދުވާ އަށް ހިބާ ފެނުމުން ހަސަދަ ވެރި ކަމުގެ އޮއިވަރެއް ހިތުގައި ދެމެން ފެށި އެވެ.
އަޒްކާ އާއި ހިބާ ގޮސް ފައްވާޒް އާއި ރިފާ އަށް މުބާރިކް ބާދީ އަދާކުރި އެވެ.
ހިބާގެ ރީތި ކަމަށް ތައުރީފު ނުކޮށް އެތާ އެކަކުވެސް ނެތެވެ. ހިތާ ހިތުން އެއްބަޔަކު ތައުރީފު ކުރަމުން ދާއިރު އަނެއް ބަޔަކު ފާޅުގައި ހިބާއަށް ތަޢުރީފު ކުރެ އެވެ. ބައެއް ކުދިންގެ ހިތުގައި ހަސަދަ ވެރިކަން ވެސް ހިގަން ފަށާފައި ވެ އެވެ.
ސަލާން ކުރުމަށް ފަހު ހިބާ އެތެރެ އަށް ވަންނާ ކަށް ގަސްތެއް ނުކުރި އެވެ. އަޒްކާ ކިޔާ ކިޔާ ވެސް އެތެރެ އަށް ނުވަނުމުން އަޒްކާ އެތެރެ އަށް ވަދެގެން ދިޔައީ އެވެ.
“ކީއްވެތަ އެތެރެ އަށް ނުވަނީ؟” ހިބާ ކައިރީ ހުރި ފައުޒާން އަހާލި އެވެ.
“މާ މީހުން ގިނަ ވީމަ. ހިބާ ހާސްވޭ މީހުން ގިނަ ތަންތާ ހުންނަން. އެހެން ވެގެން.” ހިބާ ފައުޒާން އަށް ބަލައިލަމުން ވަރަށް ސީރިއަސް ވެފައި ހުރެ ބުންޏެވެ. ފައުޒާން އަށް ވެސް އެކަން އޮތީ މާކުރިން އެނގިފަ އެވެ. އެހެން ކަމުން އެކަމާ އިތުރު އެއްޗެއް ނުބުނެ ފައުޒާން ވެސް ހިބާ ކައިރީ މަޑު ކޮށްލައިގެން ހުރީ އެވެ.
“ދަރިފުޅާ. ކާކަށް ނުވޭތަ؟ ނަދުވާ މިހާރު އެއޮށް ކައިނިމުނީ؟ ކީއްވެފައި ތަ މިތާ ތިހުރީ؟” ހަފީޒާ އަށް ފައުޒާން ފެނުމުން އެތަނަށް އައިސް ބުންޏެވެ.
“އާން. އަދި ކާންބޭނުން ނުވާތީ މިހިރީ. ދޮންބެމެން ކާއިރު ކާނީ. ހިބާ ވެސް ކާނީ ފަހުން ނޯބުނީ. ދެން މި ހުންނަނީ އެންމެނާ އެއްކޮން ކާން.” ފައުޒާން ބުންޏެވެ.
“ހިބާ. ހިބާ ކަމެއް ނުވެސް އެނގުނޭ ކުޑައްތަ އަކަށް. ހިބާ ހާދަ ރީއްޗޭ މިރޭ. ހިބާގެ ތިހާދިގު އިސްތަށި ގަނޑެއް އޮންނަ ކަމެއްވެސް ނޭގެ ކުރި އަކުން. ހާދަ ރީއްޗޭ!” ހަފީޒާ ހިތުގެ އަޑިން ހިބާއަށް ތައުރީފު ކުރި އެވެ. ފައުޒާން އާއި ހިބާ އާ ކިހާ ގުޅޭ ހެއްޔެވެ. ނަދުވާ އަށް ވުރެން ހިބާ މާ ރީއްޗެވެ. އުޅުން ވެސް ކަމުދަނީ ހިބާގެ އެވެ. ފައުޒާން ނަދުވާދެކެ ލޯބި ނުވާނަމަ ހިބާ އާއި ގުޅުމަށް މިއަދު ހަފީޒާ ފައުޒާން ކައިރީ ބުނާނެ އެވެ.
“ނަދުވާއާ އެއްކޮން ނުކެއީ ކީއްވެތަ؟ ދެމީހުން މައްސަލަ ޖެހިގެންތަ ތި އުޅެނީ؟” ހަފީޒާ ނަދުވާ ކާން އިން ދިމާ އަށް ބަލައިލާފައި ފައުޒާން ކައިރީ އަހާލި އެވެ.
“ނޫނޭ. ވަކި އެހެނެއް ނޫން. ހަމަ ބަނޑުހައި ނުވާތީ ޒާން ވެއިޓް ކޮށްލީ.” ފައުޒާން އެހެން ބުނުމުން ހަފީޒާ ވެސް އިތުރު ވާހަކަ އެއް ނުދައްކާ މަޑު ކޮށްލައިގެން ހުއްޓެވެ. އިރު ކޮޅަކުން ހިބާއާއި ފައުޒާން އެކަނި ބައިތިއްބާފައި ހަފީޒާ ދިޔައީ ބައްދަލު ނުވާތާ ދުވަސްވީ ތިމާގެ ބަޔަކު ފެނިގެން އެމީހުނާ ބައްދަލު ކޮށްލާށެވެ.
“އަންނާނަން ޖޫސް ތައްޓެއް ހިފައިގެން ވަރަށް ތާރސްޓީ ވެއްޖެނު.” ފައުޒާން ވެސް ހިގައި ގަންނަމުން ބުނެލި އެވެ. ފައުޒާން ދިއުމުން ހިބާ އެކަނި ވި އެވެ. ހިބާ ހުރީ ކުޑަ ކޮން ޖެހިލުން ވެފަ އެވެ.
“ވާއު. ބިއުޓިފުލް.” އަޒްމީލު އެހެން ބުނުމުން ހިބާ ބަލައިލި އެވެ. އަޒްމީލު ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ދިގު އިސްތަށި ގަނޑުވަނީ ތަތްކޮށްލާފަ އެވެ. ކަންފަތުގައި އަތުގަ އަޅާފައިވާ އެއްޗިހި ތައް މިރޭ މާ ގިނަ ހެންވެސް ހިބާ އަށް ހީވި އެވެ.
“ތޭންކްސް.” ހިބާ ހިނިތުން ވެލަމުން ބުނެލިއެވެ. ހިބާ ހުރީ ހިތް ނުތަނަވަސް ވެފަ އެވެ. އަޒްމީލު ކައިރީ ހުންނާކަށް ހިބާ އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ.
“ހިބާ! މުޅި މި ޕާރޓީން ވެސް ތިހާ ރީތި ކުއްޖެއް މިރެއަކު ނުފެންނާނެ. ހިބާގެ އިސްތަށިގަނޑު ވެސް ހާދަދިގޭ. އަދި އެންމެ ރީތީ ހިބާގެ ލޯ.” އަޒްމީލު އަށް ހިބާގެ މޫނުން ނަޒަރު ވަކިކޮށް ނުލެވެ އެވެ. ހިބާ ހުރީ އެތަނުން ދުރަށް ދާން ބޭނުން ވެފަ އެވެ. އަޒްމީލު ދެކެ ހިބާ ފޫހިވަނީ އެވެ. ހުންނަ ވައްތަރުންނެވެ. އަދި މިހާރު އެގޮތަށް ހިބާއަށް ތައުރީފުކުރާތީ ނޭގޭ ބިރުވެރި ކަމެއްވެސް ހިތަށް ވަންނަމުން ދަނީ އެވެ.
މާގިނަ އިރެއްނުވެ ފައުޒާން ދެ ޖޫސްތަށި ހިފައިގެން އައިސް އެއް ތަށި ހިބާ އަށް ދިއްކޮށްލި އެވެ.
“ތޭންކްސް.” ތަށީގައި ހިފަމުން ހިބާ ބުނެލި އެވެ. އަޒުމީލު ފައުޒާން އަށް ބަލައިލާފައި އަވަހަށް އެތަނުން ދުރަށް ދިޔަ އެވެ.
“އަޒުމީލަށް ރީތި ވަނީ ތިކަހަލަ ފިލާފޮތި ކަންނޭގެ. ދުރުގަ ހުރެގެން ވެސް ހިބާއާ ދިމާއަށް ވިއްޔަ އެބަލަނީ.” ފައުޒާން ހިބާއާ ދިމާކުރުމެއް އަދިވެސް ނުހުއްޓަ އެވެ. ހިބާ ދުރުގަ ހުރި އަޒުމީލަށް ބަލައިލި އެވެ. ތެދެކެވެ. އަޒުމީލު ވަރަކަށް ހިބާ އަށް އެބަ ބަލަ އެވެ.
އެވަގުތު އެތަނަށް ނަދުވާ އަ އެވެ. ހިބާ އަށް ނަދުވާ އާއި ދިމާ އަށް ބަލައިލެވުނެވެ. ތެދެކެވެ. ނަދުވާއާ ބަލާފަ ހިބާއަކީ ބައްޓަމެއްނެތް ފިލާ ގަނޑެކެވެ. ނަދުވާގެ ބުރުސޫރަ ކިހާރީތި ހެއްޔެވެ. ފުރާފުރިހަމަވެފައިވާ ރީތި އަންހެންވަންތަ ހަށިގަނޑެކެވެ. ހިބާ ނަދުވާގެ މޭމައްޗަށް ބަލައިލި އެވެ. އަދިހިބާ އަމިއްލަ ހަށިގަނޑު ހުރިގޮތާމެދު ދެރަވި އެވެ. ފައުޒާންއަށް ރަގަޅީ އެގޮތަށް ބޮޑެތިކޮން ތިބޭކުދިންތާއޭ ހިބާ ހިތައް އެރި އެވެ.
“ހިބާ، ކާކު ހިބާ ރީތިކޮށް ދިނީ. ތި މޭކަޕެއް އެހާ ރީއްޗެއް ވެސް ނޫނެއްނު.” ނަދުވާ އައިސް ފައުޒާންފަޓުލޫނު ޖީބަށް ލާފައިވާ އަތުގެ މުލައްދަނޑީގައި ހިފާލަމުން ބުންޏެވެ.
“ދެން ސެލޫންއަށް ގޮސް މޭކަޕް ކޮށްފަ ހުރުމާ ތަފާތު ވާނެނު.” ހިބާ ބުންޏެވެ.
“ތީތަ އެދުވަހު ގަތް ހެދުން. ތިހެދުންވެސް އެހާ ނަލައެއް ނޫން.” ނަދުވާ ބުންޏެވެ. “ތިކަހަލަ މެކްސީ ގުޅޭނީ ތަނކޮޅެއް ބައްޓަން ރީތިކޮންތިބޭ ކުދިންނަށް. ހިބާއަށް ރަގަޅުވާނީ ފުއްޕި ހެދުން. ހިބާ އޭގެ ހެދުން ލީމަ ހީވާނީ ޑޯލްއެއް ހެން ވިއްޔަ.”
ހިބާ ފައުޒާންއަށް ބަލައިލި އެވެ. ފައުޒާން ހިނި އައިސްފައި ހިބާއަށް ބަލަން ހުއްޓެވެ. ދެމީހުން ވެގެން ހިބާއާއި ދިމާކޮށްލައިގެން އެބައުޅެ އެވެ. އެގޮތަށް ދިމާ ކުރުމުން ލިބެނީ ކޮން އުފަލެއްބާ އެވެ. ހިބާ އެދެމީހުނަށް ލޯ އަޅާލި އެވެ.
“ނަދޫ ކައިގެން ތިއައީދޯ. ޒާންއަށް ގޮވާ ވެސް ނުލަމެއްނު.” ފައުޒާން ބުންޏެވެ.
“ޒާން ރުޅި އައިސްފަ ހުރީމަނު ނުގޮވީ.” ނަދުވާ ބުންޏެވެ.
“ޒާންތަ ރުޅިއައީ؟ ޒާންއެއް ނޫނެއްނު ބުނީ އިޓްސް އޯވަރއޭ.” ފައުޒާން ހުރީ ކުޑަކޮން ހިތް ހަމަ ނުޖެހޭގޮތް ވެފަ އެވެ.
“ދެން އޭރު އެހެން ބުނެވުނީއޭ. ދެން ދާންވީނު ކާން.” ނަދުވާ ބުންޏެވެ.
“ޒާން ކާތާގަ ނަދޫ އިންނަންޏާ ހަމަ ދާންވީ ކާން.” ފައުޒާން ބުންޏެވެ.
“ދެން ނަދޫ ކައިފީމޭ. އަނެއްފަހަރު އެތާގޮސް އިނދެވޭތަ.” ނަދުވާ ފޫހި ގޮތަކަށް ބުންޏެވެ.
ފައުޒާން ނަދުވާގެ އަތް ފައުޒާންގެ އަތުން ދުރުކޮށްލި އެވެ. އަދި ނަދުވާ އަށް ބަލައިވެސް ނުލާގޮސް ފައުޒާންގެ މަންމަ އާއި ބައްޕަ އިށީދެގެން ތިބި މޭޒާ ދިމާ އަށް ދިޔަ އެވެ.
ހިބާ އެތާ އެކަނި ވެފައި ހުއްޓެވެ. ނަދުވާ ވެސް އެތަނުން ދުރަށް ދިޔައީ ރައްޓހި ކުދިންތަކެއް ފެނުމުންނެވެ.
“މަންމާ. މިހާރު ވަރަށް މީހުން މަދުވެއްޖެނު. ހިނގާ ދޮންބެމެންނާ އެއްކޮން އެންމެން ކާން. ވަރަށް ބަނޑުހައި ވެއްޖެ.” ފައުޒާން ހަފީޒާ ކައިރި އަށް ގުދު ވެލަމުން ބުންޏެވެ. ހަފީޒާ ވެސް އެކަމާ އެއްބަސް ވެލަމުން ތެދުވިއެވެ. ހިނދުކޮޅެއް ތެރޭ ދެމޭޒު ކައިރި ކޮށްލި އެވެ. އަދި ފައްވާޒްއާއި ރިފާ ގެނެސް މޭޒު ދޮށުގައި ބޭތިއްބި އެވެ. ފައުޒާން ވެސް ގޮސް ހިބާ ގޮވައިގެން އައިސް ކާއެއްޗިހި އަޅައިގެން މޭޒު ކައިރީ އިށީނެވެ. އޭރު ވަރަށް މީހުން މަދެވެ. ތިބީ ހަމައެކަނި ގޭމީހުންނެވެ.
“ބަލާލަ. ފެމިލީ ކާންފެށީ އަދި ކިރިޔާނު. ނަދުވާ މިހާރު ބޭރު ކޮށްލީތަ އެތަނުން؟” ޝަކީލާ އަށް އެންމެން ކާން ތިބިތަން ފެނުމުން ނުހުރެވިގެން ނަދުވާއާ ދިމާ އަށް ބުނެލި އެވެ.
14 Comments!
Comments are closed.
wow wow wow haadha ey reethee.. whn next part.. avahaa up koh ninmaalabia mi stry
Avhah shey?40 parts innaaane story ga ..but v salhi vaaane hama
Mi story inna site ingeytha?
Alhey salhi.
V salhi hurihaa kudhin ves thihaa avahah vaahaka up kohdheynama thigothuga vaahaka kuri ah gendhahche v nice best of luck… v kiyaahithun kiyaa nihmaa levey avahah next part up kohdhehce
Thanks Aasi
Mi story inna site ingeytha?
Thanks Aasi vaahaka vsalhi
Thanks Aasi vaahaka vsalhi
Avahah up kohdhee
Wow v salhi mi part vx. Next part vx avahah up kohla dhehcheyy. Plx
Avahah aneh baii up kohlla dhybala.. haadha haa ey vaa reethi mi vaahaka. . Vaala hibaa .. filaa fothi hibaa
mi part vx v rythi… thankolheh dhigukoh liyebaa plx…
V salhi anehbaa up kohdhyba plz plx plx
varah reethi mi part ves 🙂