
ޤުރުރުބާން ވުމީ މިހިތުގެ އުފާ 4 ވަނަ ބައި
ކުއްލިއަކަށް ބަދިގޭގެ ކުޑަދޮރު މަޑުމަޑުން ހުޅުވޭތަން އަބްޔާންއަށް ފެނުނެވެ. އަބްޔާން އަވަހަށް އައިސް އަލަމާރިއާއި ނިވާވެލި އެވެ. އަދި މަޑުމަޑުން ގޮސް އައިސް އަލަމާރި ބިއްދޮށުގައި ހުރި ފިހިގަނޑު ނެގި އެވެ. ކުޑަދޮރު ހުޅުވާފައި އެމީހަކު ކުޑަދޮރުން އެތެރެއަށް ފުންމާލި ކަމެއްނޭގެ އަބްޔާން ގޮސް ފިހިގަޑުން އެމީހާގެ ބޮލުގައި ޖެހި އެވެ.
“އައްދޯތް.” އާލިޔާ ހަޅޭއް ލަވައި ގަތް އަޑު އިވުނެވެ. އަބްޔާން އަވަހަށް އައިސް ހޮޅިބުރި ދިއްލި އެވެ. އޭރު އާލިޔާ ހުރީ އެއް އަތުން ބޮލުގައި ހިފަހައްޓައިގެނެވެ. އަނެއް އަތުގައި އޮތީ އަރައިގެން އުޅުން ފައިވާނެވެ. “ކިހިނެއް ވެގެންތަ އަބީބެ ތި އުޅެނީ.”
“އާލިޔާ، މިގަޑީގަ؟” އަބްޔާން ހުރީ ހައިރާން ވެފަ އެވެ. “ބައްޕަ ކައިރީ ބުނާނަން. މިއަދުވެސް ބުނީމެއްނު ބުނާނަމޭ.” އަބްޔާން ހުރީ ރުޅި އައިސްފަ އެވެ. އޭނާގެ ކޮއްކޮ އަންހެން ކުއްޖަކަށް ވެފައި އެގޮތަށް އުޅޭކަށް އަބްޔާން ނޭދެ އެވެ.
“މަށަށް ހެޔޮ ބުންޏަސް.” އާލިޔާ އައިސްއަލަމާރިން ގަނޑުފެން ކޮތަޅެއް ނަގާ ބޮލުގަ އަޅަން ފެށި އެވެ. “ތަދު ވެއްޖެޔޭ.” އަބްޔާން އާލިޔާއަށް ބަލަން ހުރެފައި ބަދިގެއިން ނިކުމެގެން ހިގައްޖެ އެވެ.
ޖެހިގެން އައި ދުވަހު ހެދުނު ހެދުނާ ގްރީން ވިލާއަށް ޖަންނަތު ދިޔައީ ހިދާޔާ ބުނެގެންނެވެ. އެއީ ޖަންނަތުއަށް ލިބުނު އޮފް ދުވަހެވެ. ޖަންނަތު ގޮސް ގޭތެރެއަށް ވަދެގެން ދިޔައިރު އެކަކު ވެސް ފެންނާކަށް ނެތެވެ.
ބަދިގެ ފަރާތުން އަޑެއް އިވޭތީ ޖަންނަތު އެދިމާލަށް ދިޔަ އެވެ. ބަދިގޭގެ ކުޑަ ދޮރުގައި ތަޅެއް ހަރުކުރަން ވެގެން އަބްޔާން އުޅެ އެވެ. އޭނާ ހުރީ ސޯޓް ބުރި އެކަނި ލައިގެނެވެ. ވަރުގަދަ ރީތި ހަށިގަނޑު ދައްކާލައިގެނެވެ. އަބްޔާންގެ ހަށިގަނޑު ފެނުމުން ކުރިން ދުވަހު މޫދުގައި އޮވެ ޒިޔާދާ ދެއްކި ވާހަކަ ޖަންނަތު ހަދާން ވިއެވެ. އަބްޔާންގެ ހަށިގަނޑު ހަމަ އެހާވެސް ރީތީ އެވެ. ޖަންނަތު ހިތަށް އެރި އެވެ.
މީހަކު ހުރިހެން ހީވެގެން އަބްޔާން ފަހަތަށް ބަލައިލި އިރު ޖަންނަތު ގެއްލިފައި ހުއްޓެވެ.
“އޭ ހެލޯ!” އަބްޔާން ގޮވާލި އެވެ. “ކިހިނެއް ވެފަ ތިހިރީ؟”
“ހިދާ…. ހިދާ ދައްތަ ކޮބައިތަ؟” ސިހިފައި ޖަންނަތު އަވަހަށް ބުންޏެވެ.
“މަންމަ ހޯދަން އައިސް މިތާ ސިއްރުން ތި ބަލަނީ މަށާ ދިމާލަށް ދޯ.” ލާނެތް ގޮތަކަށް ހިނިއައިސް ފައި ހުރެ އަބްޔާން ބުނެލި އެވެ.
“އައްޗި، މާރީތި މީހެއްވިއްޔަ،” މޫނަށް ވައްތަރެއް ޖައްސާލުމުން ޖަންނަތު ބުންޏެވެ. “ކޮބައިތަ ހިދާ ދައްތަ؟”
“ފިހާރައަށް ގޮސްވީ. އިރުކޮޅަކުން އަންނާނެ.”
އެވަގުތު ހިދާޔާ އައިސް ގެއަށް ވަނެވެ. އަދި ޖަންނަތު ފެނުމުން ކައިރިއަށް އައެވެ.
“ޖަންނާ، އެވަރަކުން މިއަދު އަންނަން ބުނީ އެއްޗިހި ދޮވެލަ ދޭށޭ ބުނަން ވެގެން. އެކަމަކު އެއުޅޭ އާލިޔާ މާހެދުނަކާ ތެދުވެ އެއްޗިހި ދޮންނަން އަޅައިފި. ދެން ނޭގެ އޭނަ ނިމޭނެ އިރެއްވެސް.” ހިދާޔާ ބުންޏެވެ.
“އެހެންވިއްޔާ ދޮންނަންވީ އެއްޗިހި ހިފައިގެން އަހަރެން ގެއަށް ދަންތަ. ދޮވެ ހިއްކައިގެން ގެނެސްދޭނަން.” ޖަންނަތު އެހެން ބުނުމުން ހިދާޔާއަށް އެގޮތް މާ ކަމުގޮއްސި އެވެ.
ޖަންނަތު އަބްޔާން ކޮޓަރިއަށް ވަނީ ދާއެއްޗިހި ބަލަ އެވެ. އޭރު އަބްޔާން ކޮޓަރީގައި ނެތުމުން ޖަންނަތު ކޮޓަރި ތެރެއަށް ބަލައިލި އެވެ. ކޮޓަރި ވަރަށް ތަރުތީބެވެ. ނަމަވެސް އެނދު އޮތީ ތަންމަތި ނާޅަ އެވެ. ގައިގަ އަޅަން ގެންގުޅޭ ފޮތިގަނޑު ގުޅައަކަށް އޮތެވެ. ނިދާ ހޭލި ގޮތަށެވެ. ޖަންނަތު އެނދު ތަންމަތި އަޅަން ބާލީސް ނެގިތަނާ ބާލީސް ދަށުގައި އޮތް ފޮޓޯއެއް ފެނުނެވެ. އޭގައި ވަނީ އަބްޔާންއާއި އެކު އަންހެން ކުއްޖެކެވެ. އަބްޔާންގެ އިސްތަށިގަނޑު ކުރުކޮން ކޮށާލާފައި ހުރި އިރު ތުބުޅިއެއް ވެސް އެފޮޓޯގައި ނެތެވެ. ވަރަށް ރީތިކޮން ހިނިތުން ވެލައިގެން އަބްޔާން ހުރިއިރު އަބްޔާންގެ ކޮލުގައި ތުންފަތް ޖައްސާލައިގެން ހުރި އަންހެން ކުއްޖާ ހީވަނީ ބޭރު ކުއްޖެއް ހެނެވެ. މާރީތިކޮން މޫނު ފެންނާކަށް ނެތެވެ. ފޮޓޯގެ ނުފުށުގައި ލިޔުން ކޮޅެއް ލިޔެފައި އޮތުމުން ޖަންނަތު އެ ކިޔާލި އެވެ. އެވަގުތު މީހަކު އަންނަ އަޑު އިވުމުން ފޮޓޯ އަވަހަށް ބާލީސް ދަށަށް ލައިފައި އަވަހަށް ދާއެއްޗެހި ހިފައިގެން ނިކުންނަން އުޅެނިކޮން އަބްޔާން އައިސް ކޮޓަރިއަށް ވަނެވެ.
“މަޑުކުރޭ، އަދި މަގޭ ކުޅެންދާ އެއްޗިހި ފާހާނާގައި ހުންނާނެ.” އަބްޔާން ފާހާނާއަށް ވަންނަމުން ބުންޏެވެ. ޖަންނަތު ހުރީ އަބްޔާން އެ ހިފައިގެން އަންނަން ދެނެވެ. ފޮޓޯގައިވާ ލިޔުން ކޮޅުން ޖަންނަތުގެ ހިތް ކުދިކުދިވީ ކަހަލަ އެވެ. ޖަންނަތުއަށް ނޭގެނީ އެއީ ކާކު ލިޔެފައިވާ ލިޔުމެއް ކަމެވެ. ޖަންނަތު ވިސްނަން ހުރީ އެ ލިޔުންކޮޅާ ދޭތެރޭ އެވެ. އިރުކޮޅަކުން ޖަންނަތު މޫނުމަތީ އެޅުނީ އަބްޔާންގެ ކުޅެންދާ ޖާޒީ އެވެ. ދުވި ދާވަހުން ޖަންނަތު އަވަހަށް މޫނުން އެނަގައި އަބްޔާންއާއި ދިމާއަށް ހަޅޭއް ލަވައިގަތެވެ. އަދި ރުޅިއައިސްގެން ކޮޓަރިން ނިކުމެގެން ހިގައްޖެ އެވެ. އަބްޔާން ލާނެތްކޮން ހީލައިގެން ޖަންނަތު ދިޔަ ދިމާލަށް ބަލަން ހުއްޓެވެ.
ހަވީރުގެ ވަގުތެވެ. އެދުވަހު ދޮވުނު އެއްޗިހި ގްރީން ވިލާއަށް ލުމަށް ޓަކައި ޖަންނަތު ބާރަށް ހިގާފައި ދިޔައެވެ. ގްރީން ވިލާގެ ކުރިމަތީ ކަންމައްޗަށް ހުރި ގެއިން ޔަޒަންއާއި ޒައިދާން ނުކުތެވެ. ޔަޒަން ގޮވައިގެން ހިނގާލަން ދާން ނުކުތް ޒައިދާން ޖަންނަތުއަށް ބަލައިލަމުން ހީލި އެވެ. ޖަންނަތު ވެސް ޔަޒަންގެ ކޮލުގައި ކޮށްޓާލަމުން ކުރިއަށް ހިގައި ގަތެވެ.
ޖަންނަތު ގޮސް ހިދާޔާއާއި އެއްޗިހި ހަވާލުކޮށްލާފައި ޖަންނަތު ނުކުމެ ހަމަ ޖެހިލައިގެން އޮތީ ގްރީންވިލާ ކުރިމަތީ ހުރި ހިރުދު ގަސްތަކުގައި އެލުވާފައި ހުރި ޖޯލިން ޖޯއްޔެއްގަ އެވެ. އެވަގުތު އާޔަތް އާއި އަނާ އެދިމާ އަތިރި މަތީ ވޮލީ ކުޅެން އުޅެ އެވެ. އަނާއަކީ އާޔަތް ގެ އެންމެ ގާތް އެކުވެރިޔާ އެވެ. ޖަންނަތު އެދިމާލަށް ބަލަން އޮތްއިރު ތުންފަތަށް ލުއި ހިނިތުން ވުމެއް ގެނުވާފައި ވެއެވެ. ކުޑައިރު ޖަންނަތުމެން ކުޅެން އުޅުން ހަދާން ޖަންނަތު ވާންފެށި އެވެ.
“އާހް..” ޖަންނަތު ސިއްސައިގެން ދިޔައީ އަބްޔާން އައިސް ޖޯލި ތަޅުވައި ގަތީމަ އެވެ. އަބްޔާން ހޭން ފެށި އެވެ. ޖަންނަތު އަބްޔާން އަށް ލޯ އަޅާލި އެވެ. އަބްޔާން އައިސް އެތަނުން ޖޯއްޔެއްގައި އިށީދެފައި ކުޑަކޮން ހެއްލާލި އެވެ.
“ޖަންނާ އިނގޭތަ ޔާނު އަންނަން އުޅޭކަން؟” އަބްޔާން އަޅައިގެން އިން އަވިއައިނު ދަށުން ޖަންނަތުއަށް ބަލައިލި އެވެ.
“ނޭގެ.”
“ޖަންނައަށް ކޯޗެއް އިނގެނީ؟”
ޖަންނަތު އަނގައިން ނުބުނެ އޮތެވެ. އަބްޔާން ވެސް އިރުކޮޅަކު އާޔަތުއާއި އަނާ ކުޅެން އުޅޭތަން ބަލަން އޮތެވެ.
އަހްޔާން އަކީ އަންހެން ކުދިންނާ މާދޯޅު މީހެއްނޫނެވެ. އަހްޔާންގެ ގޮތް އެންމެ ރަގަޅަށް އިނގޭ މީހަކަށް ހުންނާނީ އަބްޔާން އެވެ. ޖަންނަތުގެ އުޅުމާއި ހީވާގިކަން ފެނުމުން އަހްޔާންއާއި އެންމެ ގުޅޭނެ މިޒާޖެއް އެރަށުގައި ހުރި އަންހެން ކުއްޖަކީ ޖަންނަތުކަން އަބްޔާންއަށް ހީވި އެވެ. އެހެން ކަމުން އަހްޔާންއާއި ޖަންނަތު ކޮންމެވެސް ގޮތަކުން ގުޅުވަން އަބްޔާން ބޭނުންވެ އެވެ. ނަމަވެސް ޖަންނަތު ވެސް އަދި އަހްޔާން ވެސް އެކަކު އަނެކަކާ މާ ގަޔާވާހެނެއް އަބްޔާންއަކަށް ހިޔެއް ނުވެ އެވެ. އަބްޔާން ކިތަންމެ ވަރަކަށް އަހްޔާންގެ ވާހަކަ ޖަންނަތު ކައިރީ ދެއްކިޔަސް ޖަންނަތު މާ ގަޔާވެގެން އަޑު އަހާކަށް ނޫޅެއެވެ.
“އަބީ، ވާހަކައެއް އަހާލަންތަ؟” ހަމަހިމޭންކަން ފޫ ދުއްވާލީ ޖަންނަތު އެވެ.
“ހޫމް..”
“އަހަންނަށް އިނގޭ އަބީ ސިނގިރޭޓް ނުބޯކަން، އެކަމަކު އަހަންނަކަށް ނޭގެ އަބީގެ ޖީބުގަ ސިނގިރޭޓް ފޮށްޓާ ލައިޓަރާއި އޮންނަންވީ ސަބަބެއް.”
“އާން، އެއީ ރޭގަ މުޒޭ މާގިނައިން ބޯތީވެ އަހަރެން އެ ޖީބަށްލީ.”
“މުޒޭބެ މިހާރު ނިކަން ސިނގިރޭޓު ބޮއޭ ދޯ…. އޭނަ އެއީ ކުރިން އެހެން އުޅުން މީހެއް ނޫނޭ… އަހަންނަކަށް ނޭގެ މުޒޭބެ އެގޮތަށް އެއުޅެނީ ކީއްވެ ކަމެއް.”
” އަހަރުމެންގެ މަސައްކަތުން މިހާރު ސްމޯރކް ކުރުން ވަރަށް ބޮޑަށް މަދުކޮށްލައިފި… ޖަންނަމެނާއި މެދު އޭނަ ވަރަށް ވިސްނާ، މަށަށް ހީވަނީ އޭނަ ބައްޕަ ޖަންނަމެނާއި ދޭތެރޭ ކަންތައް ކުރި ގޮތުން މާބޮޑަށް ދެރަވެގެން އޭނައަށް ފެއްޓުން ކަމެއްހެން އެއީ. އޭނަގެ ވާހަކަ ތަކުން އެހެން ގެޓް ވަނީ.”
“ތިހެން ވެދާނެ… މިހާރު އަހަރެން ފެނުނީމަ އިސްޖަހާނީ… އަހަރެމެނާ ވާހަކަ ދައްކަން ނުކެރެނީ ކަންނޭގެ.”
“ނުކެރޭނެނު އެހެން ވީމައެއް،” އަބްޔާން ފުން ނޭވާއެއް ލަމުން ބުންޏެވެ. “އަޅެ ޖަންނަ މުޒޭއާ ވާހަކަ ދައްކަބަލަ. ދެއްކީމަ ދައްކާނެ ކަންނޭގެ.”
ޖަންނަތު ބޯޖަހާލި އެވެ. ޖަންނަތުއަށް އެދުވަހު ފެނުނު ފޮޓޯ ގަނޑާ ބެހޭގޮތުން ވެސް އަބްޔާންއާއި ވާހަކަ ދައްކަން ޖަންނަތު ބޭނުން ވިއެވެ. ނަމަވެސް އަހާލާކަށް ނުކެރުނެވެ. އަބްޔާން ހިއްސާކުރަން ބޭނުންވާ ވާހަކަތައް މިހާރުވެސް ޖަންނަތުއާއި ހިއްސާކުރޭ ވިއްޔާ އެވެ.
ޖަންނަތުއާއި އަބްޔާން ވާހަކަ ދައްކާތަން ބަލަން ގްރީން ވިލާ ދޮރުކައިރީ ހުރި ހިދާޔާގެ ހިތަށް އަރަމުން ދަނީ ކީކޭ ކަމެއް ނޭގެ އެވެ. ނިތްކުރިއަށް ރޫ އަރުވާލައިފައި ފުން ވިސްނުމެއްގައި ހުރި މީހަކު ފަދައިން ހިދާޔާ ބަލަން ހުއްޓެވެ. އިރުކޮޅަކުން ތުން އަނބުރާލައިފައި ގޭތެރެއަށް ވަނެވެ.
ފަތިހު ފަސްގަޑި ބައިވަނީ އެވެ. ބޭރުން ވާރޭ ވެހޭއަޑު އިވެމުން ދިޔަ އެވެ. ކޮޓަރި ތެރޭ ފިނިކަން އުފައްދާލާފައި ވަނީ އެހެންވެ އެވެ. ނަމާދުން ފައިބާފައި އަދިވެސް އިރުކޮޅަކު ނިދާލަން ޖަންނަތު ބޭނުންވި އެވެ. ނަމަވެސް ކުރަން ޖެހޭ ކަންތައްތައް ހިތަށް ވަނުމުން އަވަހަށް ކޮޓަރިން ނިކުމެގެން އައިސް ބަދިގެއަށް ވަނެވެ.
ބަދިގެ ކަންތައް ނިންމާލުމަށްފަހު އަތިރިއަށް ތެލިދޮންނަން ތެމިގެން ދާހިތެއް ޖަންނަތު ނުވި އެވެ. ކޮންމެވެސް މީހަކަށް ފައިސާދީގެން ތެލިދޮންނަ ތަނެއް ހަދަން ޖަންނަތު ހިތަށްއަރައިގެން އުޅޭތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. މަގުމަތި ކުނިކަހަން ހިތަށް އަރުވާލި އެވެ. ނަމަވެސް މަގުމަތި ކުނިކެހޭކަށް ވެސް ނެތެވެ. އެހެން ކަމުން ބަދިގެ ދޮރުމަތީ ހުރި ކުޑަ ގޮނޑިއެއްގައި ޖަންނަތު އިށީނީ އެދުވަހު މެންދުރަށް ކައްކަންވީ އަލުވިކޮޅު ނޮޅާށެވެ. ކުޑަ ހިފައިގެން ގޭތެރެއަށް ވަދެގެން އައި ސާރާ ފެނުމުން ޖަންނަތު ބަލަން އިނެވެ.
“ޖަންނައަށް ރޭގަވެސް މަ ގުޅިން، ފޯނު ނުނަގާތީ މިއައީ.” ސާރާ ހިޔަލަށް ވަންނަމުން ކުޑަ ލައްޕާލި އެވެ.
“ކަމަކުތަ؟” ޖަންނަތު ކައިރީގައި ހުރި ފެންއެއްޗަށް އަތްކޮއްޕާލަމުން އަތްދޮވެލި އެވެ.
“މިރަށުގައި މިހާރު ދައްކާ ވާހަކައެއް ތެދެއްތޯ އަހާލަން ވެގެން. ޖަންނަގެ އެންމެ ގާތް އެކުވެރިއަކީ އަހަރެން ކަމަށް ޖަންނަ ބުނަނީ، އެކަމަކު އަހަންނަށްވެސް ނޭގޭ ކަމެއް ޖަންނަ ކުރަނީ ދޯ؟” ސާރާ ދައްކާ ވާހަކަ ނަގައި ނުގަނެވިފައި ޖަންނަތު އިނެވެ.
“ސާރާ ތި ކިޔާ އެއްޗެއް ނޭގެ، ތަންކޮޅެއް އިނގޭ ގޮތަށް ކިޔާބަލަ.” ޖަންނަތު ހައިރާން ވެފައި އިނދެ އަހާލި އެވެ.
“ޖަންނަ އުޅެނީ މިހާރު އަބީއާ ރައްޓެހި ވެގެންނޯ އެބަ ކިޔާ” ސާރާ ބުންޏެވެ.
“ކީކޭ؟” ޖަންނަތު ހައިރާންވީވަރު ފެނުމުން ހަގީގަތް ދެނެގަންނާކަށް ސާރާއަށް އުދަގުލެއް ނުވި އެވެ.
“ހޫމް… ބަޔަކު ދައްކައިގެން އުޅޭ ވާހަކައެއް ދޯ. މަގޭ ކައިރީ ޒިޔާދާ އެވާހަކަ ދެއްކި ގޮތުން މަހީކުރީ ހަމަ ޖަންނަ މަށަށް ނުކިޔާދީ ސިއްރުން ކަމެއް ކުރަނީ ކަމަށް.” ސާރާ ބުންޏެވެ.
“ސާރާ، އަހަރެން ސާރާއަށް ސިއްރެއްނުކުރާނެނު… އަނެއްކާ ކާކު ދައްކައިގެން އުޅޭ ވާހަކައެއްބާ ތީ.” ޖަންނަތު ވިސްނާލަން ހުރެފައި ބުންޏެވެ.
” ޖަންނައާއި އަބީއާއި މާގިނައިން ވާހަކަ ދައްކާތަން ފެންނާތީ، މިރަށުގަ އުޅޭ މޮޔަ އަންހެން ކުދިން ހަދަހަދައިގެން ދައްކާ ވާހަކައެއް ކަމަށް ވާނީ،” ސާރާ ބުންޏެވެ. “އަހަރެން ދަނީ އިނގޭ، ގުޅާލާނަން ފަހުން.” ސާރާ ކުޑަ ހުޅުވާލަމުން ބޭރަށް ނުކުތެވެ. ޖަންނަތު ވިސްނުމަކަށް ގެއްލިފައި އިނެވެ.
ޒައިދާން އަވަހަށް ކިރުތައްޓެއް ގިރާލުމަށްފަހު ސާރާ ދާދި ދެންމެ އެގެއަށް ލާފައި ދިޔަ ކޮތަޅު ހުޅުވާލި އެވެ. އޭގައި ވަނީ ރޮއްޓާއި މަސްހުންޏެވެ. އެވަގުތު ޔަޒަން އައިސް ކާގެއަށް ވަނެވެ.
“ދަރިފުޅާ، މިހިރީ ކުޑާ ގެނެސްދިން ފޭވަރިޓް. އަވަހަށް ކާލައިގެން އާދޭ.” ޔަޒަންއަށް ކާން ތައްޔާރުކޮށްލަ ދީފައި ޒައިދާން ކާގެއިން ނުކުތެވެ.
ޔަޒަން ގެ ދަބަސް ހިފައިގެން އައިސް ޔަޒަން ފޮތްތައް ހަމަކޮށްލާފައި ހުރީ ރަގަޅަށްތޯ ޒައިދާން ދަބަސް ބަލައިލި އެވެ. އެވަގުތު އަޅައިގަތީ ގަނޑުކޮޅެކެވެ. އެއީ ސްކޫލުން ދީފައިވާ ލިޔުމެކެވެ. ބެލެނިވެރިޔާއާއި ބައްދަލުކޮށްލަން އެދޭ ވާހަކަ އެވެ. ޒައިދާން އެ ގަނޑުކޮޅު ނަގާ ފަޓުލޫނު ޖީބަށް ލަމުން ދަބަސް ހަމަ ކޮށްލި އެވެ.
ޔަޒަން ސްކޫލަށް ލާން ނުކުތް އިރު ވާރޭ ވެހޭތީ ޒައިދާން އަވަހަށް ކާރަށް ޔަޒަން އެރުވި އެވެ. އަދި ޒައިދާން ވެސް ކާރަށް އަރާ ހަމަ ޖެހިލާފައި ޒައިދާންއަށް ބަލައިލި އެވެ.
“ދަރިފުޅާ، ސްކޫލްގެ ކަންތައްތައް ރަގަޅުތަ؟”
“އާން،”
“ބައްޕަ ކައިރީ ބުނަން ޖެހޭ ހަމަ އެއްވެސް ވާހަކައެއް ނެތްތަ؟”
“އާންއެކޭ ބައްޕާ، ކީއްވެތަ ތި އަހަނީ؟
“ޓީޗަރުން ބުނާގޮތަށްތަ ދަރިފުޅު އުޅެނީ؟”
“އާން ބައްޕާ. ބައްޕަ ކީއްވެތަ ތި އަހަނީ؟”
ޒައިދާން ފަޓުލޫނު ޖީބުން ގަނޑުކޮޅު ނަގާ ޔަޒަންގެ އުގަށް ލިއެވެ. އަދި ކާރު ދުއްވާލި އެވެ. ޔަޒަން އިރުކޮޅަކު އެއަށް ބަލަން އިނެވެ. އަދި ޒައިދާން ޔަޒަންއަށް ބަލައިލުމުން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުން ވެލި އެވެ.
“ކެން ޔޫ އެކްސްޕްލެއިން ދެޓް.” ގަނޑުކޮޅަށް އިޝާރާތް ކޮށްލަމުން ޒައިދާން ބުންޏެވެ.
“އަސްލު މީ މާ ބޮޑު ކަމެއް ނޫނޭ، މިސް ހަމަ ބޭނުންވީ ބައްޕަޔާ މީޓް ކޮށްލަން.”
“ދަރިފުޅު ކަމެއް ކުރީމަތަ؟ ކުއްޖަކާ ޒުވާބު ކުރީތަ؟”
“ނޫން،”
“ދެން ކީއްވެތަ ހަމަ ކަމެއް ނުވެ މިސްއާއި ބައްދަލުކުރަން އެ ޖެހުނީ؟”
“އެއީ މިފަހަރު މާރކްސް ތަންކޮޅެއް މަދުން ލިބުނީމަ.”
ޒައިދާން ކުއްލިއަކަށް ކާރު ހުއްޓި އެވެ. އަދި ޔަޒަންއާއި ދިމާއަށް ބަލައިލި އެވެ.
“ދަރިފުޅު ބައްޕައަށް ހުރިހާ މާރކްސް ތަކެއް ދެއްކީމެއްނު. ހުރިހާ އެއްޗަކުން ވެސް ދަރިފުޅު ވަރަށް މޮޅު.”
“ޔަޒަންގެ މެތްސް ޕޭޕަރު ބައްޕައަށް ނުދައްކަން.” ޔަޒަން މަޑުމަޑުން ބުނެލި އެވެ. ޒައިދާން ޔަޒަންއަށް ބަލައިލި އެވެ. އިތުރަށް ޔަޒަން ވާހަކަ ދައްކާތޯ އިނެވެ.
“ދަރިފުޅާ، ހިސާބުން މާދަށްވީތަ؟” ޒައިދާން އަހާލުމާއި އެކު ޔަޒަން ބޯޖަހާލި އެވެ.
“ދަރިފުޅު ކީއްވެ ބައްޕަ ކައިރީ ނުބުނީ؟”
“ބައްޕަ ރުޅިއައިސް ދާނެތީ.” ޔަޒަން މަޑުމަޑުން ބުނެލި އެވެ.
“ދަރިފުޅާ ބައްޕަ ރުޅިއެއް ނާންނަމެއްނު މިހާރަކު. މެތްސް އިން ދައްކޮން ލިބުމަކީ މައްސަލައެއް ނޫނޭ، އަލުން ކިޔަވައިގެން މޮޅުވާނީ. ސްކޫލަށް މިދަނީ ކިޔަވައި މޮޅުވާކަށްނު. ބައެއް ފަހަރު ދަށްވެސް ވާނެޔޭ.” ޔަޒަންގެ ބޮލުގައި ފިރުމާލަމުން ޒައިދާން ބުންޏެވެ.
“ޔަޒަން ބިރުގަތީ ބައްޕަ ރުޅި އައިސް ދާނެތީ.” ޔަޒަން މިފަހަރު ޒައިދާންއަށް ބަލައިލި އެވެ. ޔަޒަން އިނީ ކަންބޮޑުވެފަ އެވެ. ޒައިދާން ހިނިތުން ވެލަމުން ކާރު ދުއްވާލި އެވެ.
ވަރުދާ ދުނިޔޭގައި އުޅުން އިރު ޒައިދާންއަކީ ހަމަ އެކަނި މަސައްކަތުގައި އުޅޭ މީހެކެވެ. ގެއަށް އަންނަނީ ރޭގަނޑު އެވެ. ޔަޒަންއާއި އެކު މާގިނަ ވަގުތެއް ހޭދައެއް ނުކުރެ އެވެ. ޔަޒަންގެ ހުރިހާ ޒިންމާއެއް އުފުލަން ވަރުދާއާއި ހަވާލުކޮށްފައި ޒައިދާން ހުންނަނީ އެވެ. އެކަމާ މިހާރު ޒައިދާން ކިތަންމެ ހިތާމައެއް ކުރިޔަސް ކުރާނެ ކަމެއް ނެތެވެ. ފާއިތުވެ ގޮސްފައިވާ ކަންތައް ތަކެއް އަނބުރައެއް ނުގެނެ ވޭނެ އެވެ. އޭރުގައި ޔަޒަންއަށް ދައްކޮން މާކްސް ލިބުމުން ވަރުދާއާއި ދިމާއަށް އެއްޗިހި ކިޔުނީ ޔަޒަންގެ ކުރިމަތީ އެވެ. އޭރު ޒައިދާންއަށް ކުޑަކޮންވެސް އެއީ ކިހާވަރެއްގެ ކަމެއް ކަމެއް ނުވިސްނެ އެވެ.
ވަރުދާ ވަކިވެ ދިއުމާއި އެކު ސާރާގެ ވެސް އެދުމުގެ މަތިން ބެލެނިވެރިންނަށް ހިންގި ވޯރކްޝޮޕެއްގައި ޒައިދާން ބައިވެރިވީ އެވެ. އެ ވޯރކްޝޮޕުން ލިބުނު މަޢުލޫމާތާއި ގުޅިގެން އިތުރަށް މައިންބަފައިންގެ ޒިންމާއާއި ބެހޭގޮތުން ހުރި ކުދި ކުދި ޓުރޭނިން ޕްރޮގްރާމް ތަކުގައި ވެސް ޒައިދާން ބައިވެރިވީ އެވެ. މިހާރު ޒައިދާންއަކީ ހަމަ އެކަނި މަސައްކަތް ކޮށް ލާރި ހޯދާ ބައްޕައެއް ނޫނެވެ. ޒިންމާދާރު ބައްޕަ އެކެވެ. ޔަޒަންއަށް މަންމައަކު ކޮށްދޭ ހުރިހާކަމަކާއި އެކު ޒައިދާން ޔަޒަން ބަލަން ނިންމީ އެހުރިހާ ޓުރޭނިން ތަކެއް ހެދުމަށް ފަހު އެވެ. ވަރުދާ ނިޔާވި ފަހުން ކޮންމެ ދުވަހަކު ޔަޒަން ގެންގޮސް ޒައީމާއާއި ހަވާލު ކޮށްފައި ހަތަރުދަމު ބަހައްޓާނީ ޒައިދާންއަށް ޒައިދާންގެ ޒިންމާ ނޭގޭތީ އެވެ. އޭރު ޔަޒަންއާއި އެކު ވަގުތު ހޭދަކުރުމަކީ މާމުހިންމު ކަމެއްކަމަކަށް ޒައިދާން ނުދެކެ އެވެ. ނަމަވެސް މިހާރު ހުރިހާކަމެއް މިވަނީ ބަދަލު ވެފަ އެވެ. ޔަޒަންގެ ހުރިހާ ކަމެއް އެންމެ ގާތުން ބެލުމުގެ ޒިންމާ އަމިއްލައަށް ބޮލުގައި އެޅީ ޒައިދާން އެވެ. ޔަޒަންއަށް ދޭންވާ ހުރިހާ އުފަލަކާއި ރަގަޅު ތަރުބިއްޔަތެއް ދިނުމަކީ އަމިއްލަ ޒިންމާ ކަމުގައި ޒައިދާން ގަބޫލު ކޮށްފި އެވެ.
މިއަދު ޔަޒަންއާއި އެކު ޒައިދާން ވެސް ކާރުން ފޭބީ ޔަޒަންގެ ޓީޗަރާއި ބައްދަލު ކުރާށެވެ. ޔަޒަން އަދިވެސް ޖެހިލުން ވެފައި ހުރިކަން އިނގުމުން އެއީ މާބޮޑުކަމެއް ނޫންކަން ޔަޒަންއަށް ވިސްނައި ދެމުން ޒައިދާން ސްކޫލަށް ވެދެގެން ދިޔަ އެވެ.
“މެންދުރު ކާން އެންމެން ދިޔަ ގަޑި އެވެ. ހުސް ކޮޓަރި ތައް ސާފުކުރުމުގައި ޖަމީލާ އުޅެ އެވެ. ހައިފާ ޖަމީލާ ސާފުކުރަމުން ދިޔައިރު ބަލަން ހުރެ އެވެ. ހަދަންވީ ގޮތް ބައެއް ފަހަރު ޖަމީލާއަށް ކިޔާލަ ދެއެވެ.
“ޖަންނާ،” ހައިފާ މެން ތިބި ކޮޓަރި ކުރި ކަނޑާލި ޖަންނަތު ފެނުމުން ހައިފާ ގޮވާލުމުން ޖަންނަތު ކޮޓަރިއަށް ވަނެވެ. “ބްރޭކް ގަޑީގަ ނުދަންތަ ކާކަށް؟”
“މިރޭ ގެސްޓުން އަންނަ ވާހަކަ ބުނީމަ ބައެއް ކަންތައް ނިންމަން ވެފައި ހުރީމަ މަޑުކުރީ، ކާން ދާނަން އިރުކޮޅަކުން.” ޖަންނަތު ހުރީ ހަމަ ޖެހިލާފަ އެވެ.
“މަށާ އެއްކޮން ދޯ ދާނީ.” ހައިފާ ޖަންނަތުގެ އަތުގައި ހިފާލަމުން ބުންޏެވެ.
“އޯކޭ. ހައި ނިމުނީމަ އާދޭ.” ޖަންނަތު ބޭރަށް ނިކުންނަން ދަމުން ބުންޏެވެ.
ދެމީހުން ކާން ވަނީ އެތަނުގެ ބަދިގެއަށެވެ. ދެމީހުން ކާން ތިބީ މިހާރު ރަށުތެރޭ ފެތުރެމުން ދާ ވާހަކައާއި މެދު ބަހުސް ކުރާށެވެ.
“އަސްލުވެސް ޖަންނާ، މިރަށުގަ ކިރިޔާވެސް ފިރިހެން ކުއްޖަކާ އަނގައިން ބުނާތަން ފެނިލިޔަސް ހަމަ ނިމުނީ، ދެން އެއުޅެނީ އެދެމީހުން ރައްޓެހި ވެގެން.”
“މިހާރު އެވާހަކަ އޮންނާނީ ހާދަ ބަޔަކަށް އަޑު އިވިފައޭ ދޯ، ހަމަ ތެދެއް ލަދުން ބޯހަލާކުވޭ.”
“އަޅާނުލާ، ޖަންނަގެ ކްލޯސް މީހުނަށް ހަގީގަތް އިނގޭނު މީހަކު ކިޔާހައި އެއްޗަކަށް ބަލަމުން މިޒަމާނަކު ނުހިގޭނެ.” ޖަންނަ ހައިފާއާއި އެއްބަސް ވެލަމުން ބޯ ޖަހާލި އެވެ.
ހަވީރު ވަމުން އައި ގަޑީގައި ވެސް ތުނިކޮން ވާރޭ ވެހެ މުން ދިޔަ އެވެ. މޫސައާއި އަބްޔާން ތިބީ ކޮފީއެއް ބޯލަން ލީކްސް ރެސްޓޯރެންޓް ގައެވެ. އެމީހުން އާދަވެ ތިބޭ މޭޒުގަ އެވެ. ނޫރުއާއި މުޒައްފަރު ވެސް އައިސް އެމީހުނާ ބައިވެރި ވިއެވެ.
“އަބީ، ހާދަ އެހެން ކަހަލަ ވާހަކައެއް ރަށުތެރޭ ފެތުރެޔޭ އެބަ.” މުޒައްފަރު ސިނގިރޭޓެއް ނަގާ ރޯކޮށްލަމުން ބުންޏެވެ.
“ކޮން ވާހަކައެއް؟” އަބްޔާން މާ ގަޔާނުވެ އިނދެފައި އަހާލި އެވެ.
“އެއީ ތެދު ވާހަކައެއް ނޫން…” މުޒައްފަރު އިނދެފައި ބުންޏެވެ. ” އަބީއާއި އޭނައާ އެކަށީގެނެއް ނުވޭ… މިޒާޖެއްވެސް ގުޅެނީއެއްނޫން.”
“ކީކޭތަ ތިކިޔަނީ؟” އަބްޔާން އިނީ އަދިވެސް އމީހުން އެދައްކާ ސީދާ ވާހަކަ ނޭގިފަ އެވެ.
“ޖަންނައާ އަބީއާ..” މުޒައްފަރު ބުންޏެވެ.
“ތީ ދެން ކާކު ހަދަހަދައިގެން ދެއްކި ވާހަކައެއް؟” އަބްޔާން ހިސާބަކަށް ނުރުހުނެވެ. “ޖަންނައާ ރައްޓެހިވާން އަހަރެން ވިސްނާނެތަ؟”
“ނުވިސްނިއްޔާ ރަގަޅީ ވެސް…. އަބީ ޖަންނައާ ގުޅިގެން މިއަދު އުޅެފަ މާދަމާ އެހެން ކުއްޖެއް ގެންގުޅެންނާ އަހަންނަށް ކެތެއް ނުވާނެ.” މުޒައްފަރު ބުންޏެވެ. އަބްޔާން ބޯ ހޫރާލި އެވެ.
“ތީ ދެން ކޮން ވާހަކައެއް، ޖަންނައަކީ އެހާ ޗީޕް ކުއްޖެއްނޫން، އަދި އެހެންނޫނަސް މަގޭ ދެކެ އެހާ ރުޅިއަންނަ މީހަކާ މަށަށް ރައްޓެހި ވެގެން ނުވެސް އުޅެވޭނެ، މަ ފެންނަ އިރަށް ފުއްޕާލާފަ ހުންނައިރު ހީވާނީ ކޮއްޔެއްހެން، މަ ޖަންނައާ ދުވަހަކުވެސް ރައްޓެހިވާން ހިތަކަށްވެސް ނާރާ. ޖަންނަ އެއީ އަހަރެން ޓައިޕް މީހެއްނޫން، ޖަންނައާ އެކަށީގެން ވާނީ މަޑުމައިތިރި ޑީސެންޓް މީހެއް.” އަބްޔާން ބުންޏެވެ. މީހުން ދައްކާ ފާޑުފާޑުގެ ވާހަކައަށް ކަންފަތް ދެންޏާ ލައިފް ހެޕީއެއް ނުވާނެ.”
“އަބީ ތިބުނީ ހަމަ ރަގަޅަށް. “މީހުން ދައްކާ ވާހަކަ އަޑުއަހައިގެން އުޅެންޏާ ލައިފް ވަރަށް ހިތްދަތި ވާނެ.” މޫސަ ބުންޏެވެ. އެންމެން ބޯ ޖަހާލި އެވެ.
އަހްޔާން އިނީ އެމީހުން އުޅޭ އެޕާރޓްމެންޓް ކައިރީ އޮންނަ ބޮޑު ޕާރކްއެއް ކަމުގައި ވާ ވަން-ނޯރތް ޕާރކްގެ ހިލަ ގޮނޑިއެއްގަ އެވެ. އެއީ ސިންގަޕޫރުގެ މަޝްހޫރު ޕާރކެކެވެ. އެ ޕާރކުގައި އެވަގުތު މީހުން މަދީ އުޑުމަތި ބަނަވެފައި ވާތީ ކަންނޭގެ އެވެ. އަޅާފައި އޮތް ގަޑިއަށް އިރުކޮޅަކާ ބަލައިލާތީ އަހްޔާން އިނީ މީހެއްގެ އިންތިޒާރުގައި ކަން އިނގެ އެވެ. ހެޑްސެޓް ޖަހައިގެން އިނެއް ކަމަކު އެއަކުން އެއްވެސް އަޑެއް ނާދެ އެވެ. އަހްޔާން އަބަދުވެސް ކުރާނެ ކަމެއް ނެތިފައި އެހެން އިންނަން ޖެހުމުން އިންނާނީ ހެޑްސެޓް ޖަހަގެންނެވެ. އޭގެން ލަވައެއް ނޫނީ އެހެން ވެސް އެއްޗެއް އަންނާނީކީ ނޫނެވެ. އިސްތަށިގަނޑު އާދައިގެ ވަރަކަށް ކޮށާލާފައި ވާއިރު ހިސާބަކަށް ތުބުޅި ވަނީ ފަޅަން ފަށާފަ އެވެ. ލޮލާއި މޫނުމަތީގެ ހުރިހާ ބައްޓަމެއް އަބްޔާންއާއި ތަފާތެއް ނެތެވެ.
އަހްޔާން ހިނިތުން ވެލައިގެން ތެދުވީ ތަންކޮޅެއް ދުރުން ފެނުނު އަންހެން ކުއްޖާ އެދިމާލަށް އަންނަން ފެށުމުންނެވެ. ހިނިތުން ވެލުމުން ކޮލުން އެފެންނަ އަޑި ކޮޅަކީ އަބްޔާންހެން އަންހެން ކުދިންގެ ހިތް ދަމައިގަންނަ ފަދަ ގޮތެއް އަހުޔާންގެ ވެސް އިންނަ ނިޝާނެކެވެ.
އެ އަންހެން ކުއްޖާ ލައިގެން ހުރީ މަޑު ފިޔާތޮށި ކުލައިގެ ކުރު ހެދުން ކޮޅެކެވެ. ކަކުލާއި ހަމައަށް ހެދުން އަރައެވެ. އަރައިގެން ހުރީ އުސް ފައިވާނަކަށެވެ. އިސްތަށި ކޮޅު އޮތީ ނިއުޅާލާފަ އެވެ. ލިބިފައިވާ ދޮންކަމުން ހީވަނީ ޔޫރަޕް ހިސާބު ކުއްޖެއް ހެނެވެ. އިސްތަށުގަނޑުގައި ވަނީ ގަދަރަތް ކުލަ އެވެ. އެކުއްޖާއަށް އަހްޔާން ފެނުމުން ހިނިތުން ވެލަމުން ހިނގުން ތަންކޮޅެއް ބާރުކޮށްލި އެވެ. އަދި ކައިރިވުމުން ކުޑަކޮން ދުވެލާފައި އަހްޔާން ކައިރިއަށް އައިސް އަހްޔާން ގައިގައި ބައްދާލި އެވެ. ސަލާމް ކޮށްލުމުގެ ގޮތުންނެވެ.
“ހީކުރި ވަރަށް ވުރެން އަވަހަށް ތިއައީ.” އަހްޔާން ބުނެލި އެވެ.
“ލަސް ވެއްޖެ ކަމަށް ތަނާ ހީކުރީ.” ހިލަ ގޮނޑީގައި އިށީންނަމުން ތަނާ ބުންޏެވެ.
“ކޮންކަހަލަ ކަމެއް ދިމާވެގެން މާ އާރޖަންޓްކޮން މީޓް ކުރަން މިޖެހުނީ؟” އަހްޔާން ވެސް ތަނާއާއި ޖެހިގެން އިށީނެވެ.
“ތަނާގެ ޕޭރަންޓްސް އަނެއްކާ ވެސް މައްސަލަ ޖެހިގެން އުޅެނީ.” ތަނާ ގެ މޫނުމައްޗަށް އައި ބަދަލުން ތަނާ ހުރީ ވަރަށް ދެރަވެފައި ކަން އިނގެ އެވެ.
” އިނގިފަ އޮތީ ތަނާ ބައްޕަ ފިއޯނާއާ މެރީ ކުރާ ވާހަކަ…. ވަރަށް ދެރަ ދޯ…. ” ތަނާ ބޯ ޖަހާލި އެވެ. އަދި އިސްޖަހާލި އެވެ. ތަނާގެ މައިން ބަފައިންގެ ކަންތައް ހުންނަ ގޮތުން ތަނާ ހުންނަނީ ނުހަނު ދެރަ ވެފަ އެވެ. ބައްޕައާއި މަންމަ ވަހަކަ ނުދައްކާ އެދޭތެރޭގެ މުއާސަލާތަކަށް ބޭނުން ކުރަނީ ތަނާ އެވެ. އެކަމާ ވެސް ތަނާ ހުރީ ނުހަނު ހިތްހަމަ ނުޖެހިފަ އެވެ.
“ސޯ ޔޫ އާރ ނޮޓް ގޮއިން ވިތް މީ؟” ހަމަ ހިމޭން ވަގުތު ކޮޅަކަށް ފަހު އަހްޔާން އަހާލި އެވެ.
ތަނާ އަނެއްކާ ވެސް ބޯ ޖަހާލި އެވެ. އަދި ފުން ނޭވާއެއް ލުމަށްފަހު އަހްޔާންއަށް ބަލައިލި އެވެ.
“ހިޔެއް ނުވޭ މީން ދުވަހަކު ތަނާއަށް ރާއްޖެއަށް ދެވޭނެ ހެނެއް.” އަހްޔާން ތަނާއަށް ބަލައިލި އެވެ. “އެކަމަކު ފަހުން ތަނާ ރާއްޖެ ދާނަން، ތަނާގެ ހިތަކުން އަބީއެއް ފޮހެއެއް ނުލެވޭނެ، އެއީ ފަސޭހަ ކަމެއްނޫން.”
“ތަނާ، އަބީ އެހެން ކަންތައް ކުރުމުން ވެސް ތަނާ އަދިވެސް އަބީ މަތިން ތި ހަދާން ކުރަނީ، ވައި؟ އަބީގެ ހިތުގައި ތަނާއަކަށް އެއްވެސް ޖާގައެއް ނެތްކަން ތަނާއަށް ވެސް އިނގެއެއްނު، އަހަރެން ހާ ބޮޑަށް އަބީގެ ގޮތް އިނގޭ މީހެއް ނުހުންނާނެ، އަބީ ދުވަހަކު ވެސް ތަނާއާއި ދެން ލައިކް ވާނެހެން ހިޔެއް ނުވޭ.”
“ޔާން، ޕްލީސް، ތިހެން ނުބުނޭ…. ތަނާ އެންމެ ފަހު ވަގުތާއި ޖެހެން ދެންވެސް އަބީއަށް އިންތިޒާރު ކުރާނަން، އަބީ ލިބޭތޯ ވެވެން އޮތް ހުރިހާ ކަމެއް ތަނާ ކުރާނަން، ތަނާއަށް އަބީ ނޫން މީހަކާއި އެކު ނޫޅެވޭނެ، އަބީ ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް ތަނާ އަބީ ދެކެ ލޯބިވޭ، އަބީ ލިބޭނެކަމުގެ އިހްސާސް ތަނާއަށް ކުރެވޭ، އުމުރަށް ވެސް އައި ވިލް ނެވަރ ލެޓް ހިމް ގޯ.”
“ތަނާ، ތީ މޮޔަ ކަމެއް، ތަނާގެ ދިރިއުޅުން ހަލާކުވުން ނޫން ކަމެއް ނުވާނެ…. ތަނާ، ލެޓް ހިމް ގޯ، އޭނަޔާ ހެދި ތިވަރަށް ނޫޅެ ބަލަ، އަބީ ތަނާއާއި ދިމާއަށް ބަލައި ވެސް ނުލާނެ، އެއްވެސް އިރަކު އަބީއެއް ތަނާދެކެ ލޯތްބެއް ނުވޭ، ތިހެން އުޅެގެން ތަދުވާނީ ހަމަ ތަނާގެ ހިތަށް.”
“ތީ ޔާންއަށް ހީވާގޮތް، އަދި އަބީގެ ހިތް ތަނާއަށް އަތުލެވޭނެ.” ތަނާ އިސް ޖަހާލި އެވެ. އުނގުމަތީ އޮތް ތަނާގެ އަތަށް ކަރުނަ ތިއްކެއް ވެއްޓުނު ތަން އަހްޔާންއަށް ފެނުނެވެ. އަހްޔާން ފުންނޭވާއެއް ލުމަށްފަހު ތަނާއަށް ބަލައިލި އެވެ.
“އޯ ކަމޯން ތަނާ.” އަހްޔާން ތަނާގެ ކޮނޑުގައި ހިފާލާ ކައިރިކޮށްލި އެވެ. އަދި ތަނާގެ އަތުގައި ހިފާލި އެވެ. “ތިހެން އިމޯޝާނަލް ވެގެން ކަމެއް ނުވާނެ، ބީ ބްރޭވް.”
ސާރާ ޕްރީ ސްކޫލުން ނުކުތީ ކުޑަ ނަގައި ގެނެވެ. ވިއްސާރަ ދުވަސް ކޮޅެއް ކަމުން ވާރޭ ނުވެހުނަސް ސާރާ ސްކޫލަށް ދަނީ ކުޑަ ހިފައިގެނެވެ. އެހެން ޓީޗަރުން ތިބީ ގެއަށް ނުދެވިފަ އެވެ. ވާރޭ ތުނި ކޮށްލަންދެން ލޮބީގައި އަނގަތަޅަން ތިއްބެވެ.
ސާރާ ގޯޅި އަޅާލިތަނުން ލައިގަތީ މުޒައްފަރުގެ ބައިސްކަލުގަ އެވެ. މުޒައްފަރު ފެންގަޑަށް ވެއްޓުނީ އެވެ. އެވަރުން ނުތެމެން ވެގެން މުޒައްފަރު ބައިސްކަލުގައި ދިޔައީ މަގުގެ ކައިރި ފަށުންނެވެ. ސާރާއަށް އަނގަ މަތީ އަތް އަޅާލެވުނެވެ. އަދި ލޯބޮޑުކޮށްލައިގެން މުޒައްފަރާއި ދިމާއަށް ބަލަން ހުރެވުނީ އެވެ.
“ސޮރީ.” ސާރާ މަޑުމަޑުން ބުނެލި އެވެ.
“އަސްލު މީ އަހަރެންގެ ފޯލްޓެއް… އަހަންނަށް މާފް ކުރޭ.” މުޒައްފަރަށް ސާރާއާއި ދިމާއަށް ބަލަހައްޓައިގެން ސިކުންތު ކޮޅަކު ހުރެ ވުނެވެ. ސާރާ ފެނުމުން ފަހަކަށް އައިސް މުޒައްފަރަށް ވަނީ ކީއްކަމެއް މުޒައްފަރަކަށް ނޭގެ އެވެ. އެހެން އަންހެން ކުދިންނާއި ތަފާތު ގޮތެއް ސާރާގެ ހުންނަކަން މުޒައްފަރަށް ފާހަގަ ކުރެވުނެވެ.
“އިޓްސް އޯކޭ.” މުޒައްފަރު ބަލަން ހުރުމުން ސާރާ ރަކިވި އެވެ. އަދި އަވަހަށް އެތަނުން ދިއުމަށް ހިގައި ގަތެވެ. ސާރާ ދާތަން ބަލަން މުޒައްފަރު ހުއްޓިގެން ހުއްޓެވެ.
މުޒައްފަރު ގެއަށް އައިސް ކޮޓަރިއަށް ވަދެ ތެތް އެއްޗިހި ބާލާ ވަށިގަނޑަށް އެއްލި އެވެ. އަދި ތުވާލި ހިފައިގެން ފާހާނާއަށް ވަނެވެ. މާގަނޑުން ފެންތައް އޮހެން ފެށި އެވެ. މުޒައްފަރުގެ ކުރިމަތީ އެނބުރެން ފެށީ ސާރާގެ ސޫރަ އެވެ. މުޒައްފަރު ބޮލުގައި އަތް ކާތާލި އެވެ. އަދި މޫނު ފޮހެލި އެވެ.
“އާހް…. ސާރާ..” މުޒައްފަރުއަށް މަޑުމަޑުން ބުނެލެ ވުނެވެ. އެތަށް އިރަކު މާގަނޑު ދޮށުގައި މުޒައްފަރު ހުއްޓެވެ. އިހުސާސް ކުރެވެން ފެށި އާ ޖަޒުބާތާއި މެދު ވިސްނާށެވެ.
ސާރާ ގެއަށް ވަދެފައި ދޮރުލައްޕާލި އެވެ. އަދި ދޮރުގައި ލެގިލާފައި ލޯމަރާލި އެވެ. މުޒައްފަރު ބަލަން ހުރިގޮތް ސާރާއަށް ސިފަވަމުން ދިޔަ އެވެ. މުޒައްފަރަކީ ސާރާގެ ހިތުގެ ވެރިޔާ އެވެ. އެތަށް އަހަރެއް ކުރިން ފެށިގެންނެވެ. އެކަކާވެސް އެވާހަކަ ސާރާ ހިއްސާއެއް ނުކުރެ އެވެ. މުޒައްފަރުގެ އުޅުން ހުންނަ ގޮތުން ސާރާ ހިތްހަމަ ނުޖެހޭތީ އެވެ. އަހުލާޤު ފެންވަރު ދައް ނަމަވެސް ހިތް ދެވުނީ ކީއްވެ ކަމެއް ހުދު ސާރާއަށް ވެސް ނޭގެ އެވެ. މުޒައްފަރު މިއަދު ބަލަން ހުރި ގޮތުން ދުވަހަކު ނުތެޅޭހާ ބާރުމިނުގައި ސާރާގެ ހިތް ތެޅުނެވެ.
“ކުޑާ، ކިހިނެއް ވެފަ ތިހިރީ؟” ކޮޓަރިން ނުކުތް ޒިޔާދާއަށް ސާރާ ދޮރުގައި ލެގިގެން ލޯމަރާލައިގެން ހުރިތަން ފެނިފައި ހައިރާން ވި އެވެ.
“ކަ…ކަމެއް ނުވޭ.” ސާރާ ސިހިފައި އަވަހަށް ގޮސް ސާރާގެ ކޮޓަރިއަށް ވަނެވެ. ޒިޔާދާ ކޮންޑު އަރުވާލަމުން އައިސް ޓީވީ ކައިރީ ހުރި ގޮނޑި ސެޓުން ގޮނޑިއެއްގައި އިށީނެވެ.
6 Comments!
Comments are closed.
Aasi….
Aasi ge dharifulhu. Me story e eny nimifatha???? E varah rythi story eh.
‘ Dharifulhu’ is not aasi ge story.
Aasi mi vaahaka v reethi next part avaha up kohlaba plx
Thnks. It will be up soon.
aasi ur the best .. story hama habeys .. next part awahah upkohdhehchey :*
☺