
“އޫޕްސް…. ސޮރީ…” ޝިޔާރާއާއި ދިމާލަށް އަތް ދިއެްކޮށްލި ޒޯހަން ބުނެލިއެވެ. ޝިޔާރާގެ އެއްވެސް ހަބަރެއް ނުވުމުން ޒޯހަންވެސް ގެއިން ނިކުންނަން ހިނގައިގަތް އިރު އެމޫނު ކޮންމެސް ތަނަކުން ފެނުނު ހަނދާނެއް ވިއެވެ.
“މަންމާ… ދޮންބެ މެރީ ކުރަން ބޭނުމޯ” ޝިފްނީގެ އަޑު މޭޒު ކައިރީގައި އިން ސާރާގެ ކަންފަތުގައި ޖެހުމާއެކު ތުނބުގައި ޖަހާފައި ހުރި ކޮފީތަށި ނައްޓާލަމުން ޝަޒަންއަށް ބަލާލިއެވެ. “އެދޮގެއް މަންމާ…” އަވަސް އަވަހަށް ދިފާއުގައި ޝަޒަން ބުނެލިއެވެ. “ނޫން މަންމާ އެތެދެއް. ދޮންބެގެ ގާރލްފްރެންޑެއް މިހާރު ހުރޭ… އަޅުގަނޑު ދެކުނިން ވަރަށް ލޯބިން ދޮންބެ ފޯނުން ވާހަކަދައްކަނިކޮށް” ޝިފްނީގެ ދަށްބޮލުގައި މަޑުމަޑުން ޝަޒަން ޖަހާލަމުން ސާރާއަށް ބަލާވެސް ނުލާ ދިޔައެވެ. ލޯބިވާ ދަރިފުޅު ދިޔަ މަންޒަރު ބަލަން އިން ސާރާގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. “ޝިނީ ދަރިފުޅު ކީއްކުރަން ދޮންބެ ލަދުގަންނަވާލީ… ދޮންބެ މިހާރު ބޮޑެއްނު. މަންމަ މިއުޅެނީ ދޮންބެ އެކަހަލަ ހިޔާލެއް ނުކުރާތީ އެކަމާއި ދެރަވާވަރުން. ދެން އެހެން ނުހަދައްޗެ” ސާރާ ލޯބިން ޝިފްނީއަށް ވިސްނާދިނެވެ. “މަންމާ އަޅުގަނޑު ކޮންއިރަކުން މެރީ ކުރާނީ” ވަރަށް ނޫންގޮަތަކަށް ޝިފްނީ ސާރާ ކުރެން އަހާލިއެވެ. “ދަރިފުޅުތީ މަންމަގެ ކުޑަކުޑަ ބޭބީއެއްނު. ޝިނީ މެރީކުރާ ދުވަސް އަދި އަންނާނެ. އެކަމު ވަރަށް ފަހުން” ހީލަމުން ސާރާ ބުނެލިއެވެ. “މަންމާ…. ދެން ނުބުނައްޗެ ބޭބީއެކޭ. މަންމަ ތިހެން ބުނާ އަޑު އިވޭތީ ކަންނޭނގެ ޒޯން ވެސް ބުނާނެ މީ ބޭބީއެކޭ” ޝިފްނީ ބުނެލި ގޮތުން ސާރާ ކައިރިއަށް ހިނިއައެވެ. “ދަރިފުޅުގެ ބޭބީކަން އެނގެއެއްނު އެބަ. ބަލާބާ ހުރިހާ މީހުން ކޮފީ ބޯއިރު ދަރިފުޅު ކާ ކޮންމެ ގަޑިއަކަށް ބޭނުންވަނީ ބުށްތަށި. މިހާރުވެސް ތީނީ ކިރުތަށި ހިފައިގެން. އެހެންވީމަ މަންމަ ބުނާނެއްނު ތީ މަންމަގެ ކުޑަކުޑަ ބޭބީއޭ” ޝިފްނީގެ ތުންފަތް ކައިރީގައި ހޭކިފައި ހުރި ކިރުތައް ޓިޝޫއަކުންފޮހެލަ ދެމުން ސާރާ ބުނެލިއެވެ. “އަޅެ މަންމާ.. މީ ބޭބީއެއްނޫނޭ ބުނޭ. ޒޯން އާއި ދޮންބެއަށް އަޑު އިވުނިއްޔާ ވަރަށް ބޮޑަށް ޖޯކު ޖަހާނެ” ސާރާގެ ކޮނޑުގައި ބޯއަޅާލަމުން ޝިފްނީ ބުނެލިއެވެ. “އޯކޭ…ތީ މަންމަގެ މާމަ. އެންމެ ރަނގަޅެއްނު” ސާރާ ބުނެލި އެއްޗަކުން ޝިފްނީ ކައިރިއަށް ހިނި އައިސްގެން އަނގަމަތީގައި އަތް އެޅި ގޮތުން ވެސް ސާރާއަށް ސިފަވީ ޝިފްނީ އެންމެ ތުއްތު އިރުގަވެސް ކަމަކާ މާބޮޑަށް ހިނި އައިއްޔާ ހަމަ އެގޮތަށް އަނގަ މަތީގައި އަތް އަޅާފައި ހޭ މަންޒަރެވެ.
ކޮޓަރި ތެރޭގައި މެންދުރު ނަމާދު ކުރަން ހުރި ޝިޔާރާއަށް ކޮޓަރީ ދޮރުގައި މީހަކު ޓަކި ޖަހާ އަޑު އިވެމުންދިޔައެވެ. ސަލާން ދިނުމަށްފަހު ނަމާދު ދޮޅި ނުވެސް ނަގާ ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހުރީ ލަތާއެވެ. “ގޭޓު ކައިރީގައި އެބުހުރި މީހަކު ހޯދަން އައިސް. ބޭބެ ކަންނޭނގެ. ދައްތަ މިދަނީ ރައްޓެއްސަކާ ބައްދަލު ކުރަންދާން. ޝިޔާރާ އަދި ނުކަމެއްނު. ރަނގަޅަށް ކައްޗެ” ލަތާ ހިނގައި ގަތުމާއެކު ޝިޔާރާގެ ތުންފަތްމަތީގައި ހުރި ހިނިތުންވުން ފިލާ ރުޅިވެރިކަން އިހުތިޔާރު ކުރިއެވެ. ލަތާ ހީކުރަނީ ބަކުރު އެއީ އޭނާގެ ބޭބެ ކަމަށެވެ. ލަތާއަށް އެނގޭނީ އެކަނި ޝިޔާރާ މީހަކާ އިނދެގެން އުޅޭކަމެވެ. ދުވަހަކުވެސް އެއީ ކާކުތޯ ޝިޔާރާ ކައިރިން އޮޅުންފިލުވާފައެއް ނުވެއެވެ. ނަމާދު ދޮޅި އެނދު މައްޗަށް އެއްލުމަށްފަހު އަވަސްއަވަހަށް ގެއިން ނިކުމެ ގޭޓާއި ދިމަލަށް ދުއްވައިގަތީ ޝިޔާރާ ލަސްވެއްޖިއްޔާ ބަކުރު އެގެއަށް ވަންނަން ވެސް ފަސް ނުޖެހޭނެތީއެވެ. “ދޫނީ… މިގަޑީގައި ގެއަށް ނުދެވޭނެތަ؟ ރައްޓިހިންނާއެކު ރަށަކަށް ފުރަން މިއުޅެނީ. އާދެވޭނެ ދުވަހެއް އެމީހުން ނުބުނޭ. ހިނގާބާ ދޫނި ގައިގާ ކުޑަކޮށް ބައްދާލަން ބޭނުމީ” ސޭލު އަޅުވައިގެން ހުރި ބަކުރުގެ ދަތްޕިލަ ފެނުމާއެކު ޝިޔާރާގެ މޭބޮޑުވިއެވެ. ކޮންމެ ދުވަހަކު ޝިޔާރާގެ ހަށިގަނޑުގެ އެންމެ އަގުބޮޑު ހިސާބުގައި އެކާއްތަނީ އެ އަނގަ ގަނޑޭ ހިތަށް އެރުމާއެކު މާބޮޑަށް މޭބޮޑުވިއެވެ. މިނޫން ދުވަހެއް އަންނާނެ ނަމައެވެ. “އަލްހަމްދުލިއްލާހި. އެތަނަކަށް ދާގޮތަށް ނާދެވޭނެ ގޮތެއް މިންވަރު ކުރައްވާށި” ހިތާ ހިތުން ޝިޔާރާއަށް ދުޢާ ކޮށްލެވުނެވެ. “ދެން ހިނގާބަލަ” މެއާއި ހަމައިން ހުރަސް ކޮށްލައިގެން ހުރި ޝިޔާރާގެ އަތުގައި ބަކުރު ހިފާލުމާއެކު ޝިޔާރާ ވަރަށް ބާރަށް ފޮޅުވާލިއެވެ. “މާ ފެންވަރު މަތި ނުވައްޗެ. ފުރަތަމަ މިބުނީ ރީއްޗަށް އެނގޭ” ބަކުރުގެ އިންޒާރުން ޝިޔާރާގެެ ހިތުގައި ބިރުވެރިކަން ހިނގާލިއެވެ. ދެވަނަ ފަހަރަށް ވެސް ޝިޔާރާ ބަކުރުގެ އަތް ފޮޅުވާލިއެވެ. މިފަހަރު ބަކުރު ޝިޔާރާގެ އަތުގައި ހިފާލި ގޮތުން ވަރަށް ބޮޑަށް ތަދުވެ ކުޑަކޮށް ގުދުވެސް ވެވުނެވެ. “ގަދަ ދައްކަން ތީ ކާކު؟ ހަމަ މިހާރު ހިނގާ. އުރާލައިގެންދާން ދޯ ބޭނުމީ. ވަރަށް ވޭ ދޯ މަގޭ އަތްމަތީގައި އޮންނަ ހިތް” ބާރު ހިނިގަނޑަކާއެކު ބަކުރު ބުނި އެއްޗަކުން ޝިޔާރާ ކައިރިއަށް ވަރަށް ރުޅި އައެވެ. މިއަދު ޝިޔާރާއަކީ ވާހަކަދެއްކުމުގެ ކުޅަދާނަކަން ލިބިފައިވާ އިންސާނެއް ނަމަ ވަރަށް ހިތި ގޮތަކަށް ބަކުރަށް ޖަވާބު ދިނީހެވެ. އެއްފަހަރުން ބަކުރު ލަދު ގަންނާވާލީހެވެ. އެކަމަކު މިއަދު ކުރާނެ އެއްވެސް ކަމެއް ނެތެވެ. އިސް ޖަހާލުމަށްފަހު ބަކުރާއި އެއްވަރަށް ހިނގައިގަތީ ކުރެވޭނެ އެއްވެސް ކަމެއް ނެތީމައެވެ. ޗާބީ ދީފައިވާ ބުދެއްހެން ބަކުރު ކުރި ކޮންމެ އަމުރަކަށް ކިޔަމަންވުން ނޫން ގޮތެއް ނެތެވެ. ޝިޔާރާއަށް ނޭނގުނީ އޮފީސް ބެލްކަނީގައި އެމަންޒަރު ބަލަން އިތުރު ލޮލެއް ހުރި ކަމެވެ.
އެނދުމަތީގައި ނުނިދިފައި އޮތް ޒޯހަން އޮތީ ވިސްނުމަކަށް ގެއްލިފައެވެ. ޝިޔާރާގެ އަތުގައި ހިފައިގެން ގަދަކަމުން ގެންދަން މަސައްކަތް އެކުރީ ކާކުބާއޭ ހިތަށް އަރަނީއެވެ. އެމީހަކާއި އެކު ނުދަން ޝިޔާރާ މަސައްކަތްކުރި މަންޒަރު ވަރަށް ރީތިކޮށް ޒޯހަންއަށް ވަނީ ފެނިފައެވެ. އެވަގުތު ފެންޖަގު ހިފައިގެން ކޮޓަރިއަށް ވަން ލަތާ ފެނި ޒޯހަން ތެދުވެ ހެޑްބޯޑުގައި ލެގިލިއެވެ. “މަންމަ ހީކުރީ ނިދާފައި ކަމަށް އޮންނާނީ. ދޮންތަ ގެއަށް ބަދަލުވިޔަސް ދޮންބެއާއި ދޮންބެދައްތަ ވެސް އެތިބީނު. އަނެއްކާ އެތަނުގައި އެބަ އިން ޒެން ވެސް. ޝިނީ ވެސް އެބައިން. ދަރިފުޅު މާއަވަހަށް ވަނީމަ ޒެން ހިނގައްޖެ ޝިނީ ގޮވައިގެން. އަނެއް ދެމީހުން އަދިވެސް އެބަތިބި” ސައިޑް ކަބަޑުމަތީގައި ފެންޖަގު ބަހައްޓަމުން ލަތާ ވާހަކަދެއްކިއެވެ. “ނޫނޭ މަންމާ. ކުޑަކޮށް ބޮލުގައި ރިއްސަން ފެށީމަ ވަނީ. ކޮބާ ބައްޕަ. ނިދީތަ؟” ޒޯހަން އަހާލިއެވެ. “ދަރިފުޅަށްވެސް އެނގެއެއްނު އަރިދަފުސް ރޯގާ އަޅައިފިއްޔާ ބައްޕަ އުޅުއްވާނެ ހާލު. އެބައިން އާވި އަރުވަން” ސޯފާ ގޮނޑިުމަތީގައި އޮތް ޒޯހަން ބޭލި ޖިންސާއި ޓީޝާޓް އަލަމާރިން ނެގި ކޮނޑެއްގައި އަޅުވަމުން ލަތާ ވާހަކަދެއްކިއެވެ. “މަންމާ” ކޮޓަރިން ނިކުންނަން ހިނގައިގަތް ލަތާ ހުއްޓުނީ ޒޯހަން ގޮވާލުމުންނެވެ. ގޮވާލި ގޮތުން ވެސް ބޮޑު ކަމަކު ކަން ލަތާއަށް އެނގި އެނދުގައި ޒޯހަން ކައިރީގައި އިށީނެވެ. “މިގޭ އެއުޅެނީނު ކުއްޖެއް. ކޮން ނަމެކޭތަ މަންމަ ބުނީ. އާނ ޝިޔާރާ. މިއަދު ކޮންމެސް ފިރިހެން މީހެއް އެކުއްޖާ އަތުގައި ހިފައިގެން ދަމާފައި ގެންދިޔައީ. އަޅުގަނޑު ފޯނެއްގައި ބެލްކަނީގައި ހުއްޓާ ފެނުނީ” ޒޯހަން ވާހަކަދެއްކުމުން ލަތާ ވިސްނާލަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ފުން ނޭވައެއް ލިއެވެ. “މަންމަ ކުރިން ވެސް ބުނީމެއްނު އެއީ ވަރަށް ހާލުގައި އުޅޭ ކުއްޖެކޭ. އޭރު އެފެނުނީ އެކުއްޖާގެ ބޭބެެއެއެްހެން މަންމައަށް ހީވަނީ. ދެން ހުންނާނެތާާ އާއިލާތެރޭގައި ޖެހޭ މައްސަލަތައް. އަލާނުލާ. މަންމަ ފަހުން ޝިޔާރާއާއި ވާހަކަ ދައްކާލާނަން. ދަރިފުޅު ކަންތަކާ ބޯނުގޮށްވާ ނިދަން އުޅޭ” ލަތާ ހިތްހަމަ ނުޖެހުނީ ކަމަށް ހީކޮށް ޒޯހަން އެނދުގައި އޮށޯތެވެ. ތެދެކެވެ. ޝިޔާރާ އަށް ކޮންމެ ގޮތެއްވިއްޔާ ޒޯހަންއަށް ކީއްހެއްޔޭ ހިތަށް އެރިއެވެ. ކޮޓަރިން ނިކުތް ލަތާ ކަންބޮޑުވީ ޒޯހަން ޝިޔާރާއާއި ގަޔާ ވެގެން ވިސްނަނީކަމަށް ހީކޮށްފައެވެ.
“އެއީ ނަދުރެއް ބުނެވިފައި އޮތީމަ. އިރާދަކުރެއްވިިއްޔާ ދުނިޔެ ހުރިހާ ދުވަހަކު މިގޮތަށް ކަންތައް ކުރާނަން. މިވާހަކައެއް ނޫނޭ. ވަރަށް ހީވޭ އިބޫ އެއްޗެއް ބުނަން އުޅޭހެން” ނަމާދު ކުރުމަށްފަހު މުސައްލަ އޮޅާލި ސާރާ އިބްރާހީމް ކައިރީގައި އިށީންނަމުން އަހާލިއެވެ. “ތެދެއް ބުނަންތަ. އަހަރެން ވަރަށް އުފާވޭ މަށަށް ސާރާ ކަހަލަ އަންބެއް ލިބުނީމަ. މީހަކަށް ލިބޭނެ އެންމެ ރަނގަޅު އަންބަކީ ތީ” ސާރާގެ އަތް ތިލައިގެ ތެރެއަށް އިބްރާހީމްގެ އަތްތިލަ މަހާލަމުން ބުނެލިއެވެ. “ދެން ދައްކާ ވާހަކަ. ދެން ބުނެބަލަ ބުނަން އުޅުނީ ކީކޭ ކަން” އެއްފައި މައްޗަށް އަނެއް ފައި އަރުވާލަމުން ސާރާ އަހާލިއެވެ. “ހަނދާންވެއްޖެ. ޝިނީއާއި ޝިއުނީގެ އޮޕަރޭޝަން ކުރެވުނު ދުވަހު ދޯ ސާރާ ނަދުރު ބުނީ. އަދިވެސް ދޭތެރެއަކުން ޝިނީ އުޅޭ ދޯ ފައިގަ ރިއްސާތީ. ދިވެހިރާއްޖޭގައި ވަރަށް ނުވާ ކަމެއް. އެކަމަކު ސާރާގެ ފަރާތުން ލިބުނު އެއްބާރުލުން ދުވަހަކު ވެސް މިހިތަކުން ފިލާ ނުދާނެ. އެކަމަކު އޭރު މަށަށް ވެސް އުޅެވުނީ އެހާ ރަނގަޅަކަށް ނޫން. އިރާދަކުރެއްވިއްޔާ މިހާރު މިހުރީ އެކުށަށް ތަޢުބާ ވެގެން. އަސްލު ބުނަން މިއުޅެނީ ޝިނީދެކެ ތިހާ ލޯބިވާތީ އަހަރެން ވަރަށް އުފާވެޔޭ” ސާރާގެ އަތުގައި ހިފާލައިގެން އިނދެ އިބްރާހީމް ބުނެލިއެވެ. “އެހެންތަ. އަހަރެން ވަރަށް އުފާވޭ އިބުރާހީމް ޝަޒަން ދެކެ ތިހާ ވަރަށް ލޯބިވާތީ. ދެން ސާބަސް އިބޫއަށް. ބަލަ އެއީ އަހަރެމެންގެ ދަރިންނެއްނޫންތަ. އެކުދިންނަށް އެންމެ ރަނގަޅު ބެލެނިވެރިންނަށް ވެވޭތޯ އަހަރެންނަށްް ކުރެވެން ހުރި މަސައްކަތެއްވިއްޔާ ކުރާނަން. އިރާދަކުރެއްވިއްޔާ މިގޮތުގައި ދެގޮތެއް ނުވެ ދެކުދިން ދެކެވެސް ލޯބިވާނަން. އަހަރެމެންގެ މިކުޑަކުޑަ އާއިލާ އުފަލުގައި އަބަދުވެސް ދެމިހުންނާނެ. މިއާއިލާ އިން ގެއްލުނު މެންބަރު އަހަރެމެންގެ ޝިއުނީ ދުނިޔޭގައި ހުރިއްޔާ ކޮންމެސް ކޮންމެސް ގޮތަކަށް ދިމާވާނެ. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ. އެހެންނު” ކޯތާފަތް މަތިން ވެއްޓެން ތައްޔާރުވި ކަރުނަތިކި ފޮހެލަމުން ސާރާ އިބްރާހީމްގެ މޭގައި ބޯއަޅާލިއެވެ.
ގަޑިން ރޭގަނޑު ބާރަޖަހާ ބޮޑުވެއްޖެއެވެ. މެކާހިޔާގޭ ހުރިހާ މެންބަރުން ނިދާ ގޭތެރެ ހަމަހިމޭންވީއިރު ޒޯހަންގެ ކޮޓަރިން އަދިވެސް އަލި ފެންނަން ހުއްޓެވެ. މާދަމާ އަކީ ހުކުރު ދުވަސްކަމަށް ވުމުން ޝަޒަން ވެސް މިރޭ އެކުވެރިޔާއާއި އެކީ ހޭދަކޮށްލަން ބޭނުންވާތީ ސީރީޒް ބަލަން އޮތީއެވެ. “ބަލާ ބަލާ ދުވަހަކުވެސް ފޫހިވާނެ އެއްޗެއް ނޫން މީ. ހުވާ މިބުނީ. ހާދަ މަޖަލޭ ދޯ މި” ޒޯހަން އެދައްކަނީ އެމީހުން މިހާރު ބަލަމުން އެދާ އިންގްލިޝް ސީރީޒް ‘ފްރެންޑްސް’ ގެ ވާހަކައެވެ. ” މިއަންނަނީ އެނގޭ އަނގަ ފޫހި ފިލުވަން އެއްޗެއް ހިފައިގެން” ކޮޓަރިން ނިކުމެ ޒޯހަން ހިނގައިގަތީ ބަދިގެއާއި ވީ ދިމާލަށެވެ. ކާމޭޒުމަތީގައި ހުރި ފުރުޓް ބާސްކެޓް ތެރެއިން ފެހި ކުލައިގެ ދެ އާފަލު ހިފައިގެން ނިކުންނަމުން ފުރިޖު ހުޅުވާލުމަށްފަހު ފިނިފެން ފުޅިއެއް ހިފައިގެން އެނބުރި ކޮޓަރިއަށް ދަމުން ޝިޔާރާ އުޅޭ ކޮޓަރިއާއި ދިމާލަށް ތަފާތު ނަޒަރަކުން ބަލާލިއެވެ. ކުޑައިރުކޮޅަކު އެހިސާބުގައި މަޑުޖެހިލުމަށްފަހު ހިނގައިގަތްތަނާ އެކޮޓަރިއާއި ދިމާލުން ހުރި ބެލްކަނީގެ ފާރުކޮޅު މަތީގައި މީހަކު އިށީނދެއިންދާ ފެނުމުން ޒޯހަން ބޭނުންވީ އެއީ ކާކުތޯ ބަލާލުމަށެވެ. އެހާ ބިރުކުޑަވެގެން އެއުޅެނީ ކާކުބާއޭ ހިތަށް އަރާ ޒޯހަން ކުރިއަށް ހިނގައިގަތެވެ. ފާރުގައި ލެގިލައިގެން ދެކަކޫ ކުރުކޮށް ގަޔާ ކައިރިކޮށްގެން އިން އިރު ދެކަކުލުގައި ބޯޖަހާލައިގެން އިން މީހަކު އިނީ ޒޯހަންއަށް ފުރަގަހަށެވެ. ޒޯހަންގެ ފިޔަވަޅުތައް އަމިއްލަ މީހާއަށް ވެސް ނީވޭ ވަރަށް އެމީހަކާއި ކައިރިވަމުން ދިޔައެވެ. ޒޯހަން ބޭނުންވީ އެއީ ކޮންމެ މީހަކަށް ވިޔަސް އެމީހަކަށް ބަވާލާާށެވެ. މަރުވަން ބޭނުމިއްޔާ ކޮންމެސް އެހެންގޮތެއް އިހުތިޔާރު ކުރަން އެމީހަކު ކައިރީގައި ބުނާނަމޭ ޒޯހަންގެ ހިތަށް އެރިއެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތި ބޯހިއްލާލި ޝިޔާރާ ދެލޯ ބޮޑުވީ ކުރިމަތީގައި ހުރި ފާރަށް މީހެއްގެ ހިޔަނި އެޅޭހެން ހީވުމުންނެވެ. އެއީ ކާކުތޯ ބަލާވެސް ނުލާ އަވަސްއަވަހަށް އިންތަނުން ތިރިއަށް ފުންމާލިއެވެ. ފައި ޖެހުނު ގޮތަކުން ތަދުވެސް ވިއެވެ. ޒޯހަންވެސް ސިއްސައިގެން ގޮސް ފަހަތަށް ފިޔަވަޅެއް އެޅުނެވެ. ތަނަށް ވެރިވެފައިވާ އަނދިރިކަމުން އެމީހަކުގެ މޫނު ވަކިވާ ގޮތެއް ނުވިިއެވެ. ކުރިމަތީގައި ހުރީ ވަގެއް ކަމަށް ހީކޮށް ޝިޔާރާ ބިރުން ރޫރު އަޅާގަތެވެ. ކޮޓަރިއަށް ދިއުމަށް ދުއްވައިގަންނަން ތައްޔާރުވި ޝިޔާރާގެ ފައިގާ ތަޅެއް ލެވުނީ މުޅިތަން އަލިވެގެން ދިޔުމުންނެވެ. އެވަގުތު ފަހަތް ބަލާވެސްނުލާ ޝިޔާރާ ދުއްވައިގަންނަން އުޅުމުން ހުއްޓުނީ ޒޯހަން ޝިޔާރާގެ އަތުގެ މުލައްދަނޑީގައި ހިފުމުންނެވެ. ޝިޔާރާ އަށް މަޖުބޫރުވީ ފަސް އެނބުރި ބަލާލުމަށެވެ. ޝިޔާރާގެ މޫނު ޒޯހަންއަށް ފެނުމާއެކު ދެލޯ ބޮޑުވިއެވެ. އެންމެ ފުރަތަމަވެސް ބަލާލެވުނީ ޝިޔާރާގެ ހަށިގަނޑަށެވެ. ގަޔަށް ހިފާލާފައި ހުރި ކަޅު ކުލައިގެ ޓީޝާޓްކޮޅު ހުރީ ފޫކޮޅުން ތިރިއަށެވެ. ބޭއިހްތިޔާރުގައި ޒޯހަންއަށް ޓީޝާޓް މަތިން ފާޅުވާން ހުރި ޝިޔާރާގެ ފޫކޮޅުގެ ބައްޓަމަށް ވެސް ބަލާލެވުނެވެ. ތިރިންލާފައި ހުރި ހަމަ އެކުލައިގެ ޓައިޓްކޮޅު ހުރީ ކަކުލުން ތިރިއަށެވެ. ފަޔަށް ހިފާލާފައި ހުރިއިރު ފައިގެ ފާޅުވާން ހުރި ހިސާބަށް ވެސް ޒޯހަންއަށް ބަލާލެވުނެވެ. ދެފައިތިލަ ވެސް ކުޑަވެފައި ދޮންކަމުން އެދެފައިތިލައިގާ ބޮސްދޭން ޒޯހަން ހިތްއެދުނެވެ. ހިމަތޮޅިހަށިގަނޑު ގައި ބާރަށް ބައްދާލުމަށް ޒޯހަން ކެތްތެރިކަން ކޮޅުންލިއެވެ. ފޫކޮޅުން ތިރިއަށް ހުރި ބޯ އިސްތަށިގަނޑު ޖެހެމުންދާ ވަޔާ ސަމާސާ ކުރަމުން ދިޔައިރު ޒޯހަންގެ މޫނުމަތީގައި ވެސް ބައެއް އިސްތަށިތައް ބޮސްދެމުންދިޔައެވެ. އެއިސްތަށިތަކުން ދުވާ މީރުވަހުން އެތެރެއަށް ނޭފަތް ދެމުނު އަދަދެއް ޒޯހަން އަށް ވެސް ނޭނގެއެވެ. ޝިޔާރާގެ ހަތަރުކަޅި ޒޯހަންއާއި ހަމަކުރެވިފައި ވީއިރު ޝިޔާރާއަށް ގުދުރަތުން ދެއްވާފައިވާ ގަދަ ފިޔާތޮށި ކުލައިގެ ތުންފަތް ވެސް އެއްވަރަށް ތެޅިލަ ތެޅިލާ ހުރިއިރު ހީވަނީ ރަތް ފިނިފެންމަލެއްގެ ފިޔަ ތަކެއް ދެފަރާތަށް ތެޅެމުން ދިޔަ ހެންނެވެ. ޒޯހަން ހުރީ ކުރިމަތިން ފެންނަން ހުރި ތަސްވީރު ގަބޫލުކުރަން ދަތިވެފައެވެ. މީގެ ދުވަސްކޮޅެއް ކުރިން ޒޯހަންގެ ހިތް އެންމެ ފެނިލުމަކުން މިލްކު ކުރި ޕަރީ މިހުރީ ޒޯހަން ކުރިމަތީގައެވެ. ޒޯހަންގެ އަމިއްލަ ގޭގައި އެހާ ކައިރީގައި އުޅެމުން ދިޔައިރު އެހިތަށް އެކަން އިހުސާސް ނުވީ ކީއްވެ ހެއްޔެވެ؟ ޝިޔާރާ ވެސް ހުރީ ޒޯހަންގެ މޫނު އެހާ ކައިރިން ފެނުމުން ނަޒަރު ވަކި ކޮށްލަން ނޭނގިފައެވެ. ޝިޔާރާގެ އަތުގައި ހިފާލައިގެން ހުރި ޒޯހަންގެ ދެލޯ ޝިޔާރާގެ މޫނުން ނަޒަރު ވަކިކޮށްނުލައެވެ. ޝިޔާރާ ތެޅި ގަނެފައި އަތް ދަމައިގަތުމަށްފަހު ދުއްވައިގަތީ ޒޯހަންގެ ފަހަތުގައި ހުރި ޝަޒަން ފެނިފައެވެ. ޒޯހަންގެ ކޮނޑުމަތީގައި ޝަޒަންގެ އަތް ބާއްވާލުމާއެކު ސިހިފައި ބަލާލިއެވެ. “ކާކުބާ އެއީ. ވަރަށް ހޮޓް ޗިކެއް ދޯ” ސަމާސާ ރާގަކަށް ޝަޒަން ބުނި ގޮތް ޒޯހަންއަށް ކަމު ނުދިޔައެވެ. ނަމަވެސް އެކަން ހަނދާން ނައްތާލުމަށްފަހު ޝަޒަންގެ ގައިގާ ބައްދާލެވުނީއެވެ.
“ޒެން. އެއީ އޭނަ. އައި މީން މައި ޑްރީމް ގާރލް. އެރޭ ފެނުނު ގާރލް” ޒޯހަން އުފާވެފައި ހުރި މިންވަރު އަޑުން ވެސް ޝަޒަން އަށް ފާހަގަކުރެވުނެވެ. “ރިއަލީ…. ބަޓް މިގޭގަ ކީއްބާ އެކުރަނީ” ޒޯހަންގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައީ ޝިޔާރާއަކީ އެގޭ ކިހާ ފެންވަރެއްގެ ކާކުކަން ހަނދާން ވުމުންނެވެ. “އެއީ މިގޭ މަސައްކަތް ކުރާ ކުއްޖެއް. މަންމައަށް ހެލްޕް ވެދެނީ. މަންމަ ބުނާ ގޮތުން ނަމަ އެއީ ވަރަށް ނިކަމެތި ކުއްޖެއް. ކޮންމެސް ނުބައެއް އެބަ އުޅޭ. އެރޭ ވެސް ދުވަމުން އައިސް ކާރު ކުރިމައްޗަށް އެރީ. އެނގޭތަ މިރޭ ވެސް އިނީ ބެލްކަނީ ފާރުކޮޅު މަތީގަ. މަރުވާން ބޭނުންވާ މަންޖެެއެއް އެއީ. މަ ބޭނުން އޭނައާއި ވާހަކަދައްކާލަން” ޒޯހަން ވާހަކަދެއްކީ ޝިޔާރާ އުޅޭ ކޮޓަރީގެ ދޮރަށް ބަލަހައްޓައިގެން ހުރެއެވެ. “ހިނގާ ރޫމަށްދާން. މިގޭގައި އުޅޭ ކުއްޖެއްވިއްޔާ ދިމާވާނެ ދޯ” ޝަޒަންއާއި އެކީގައި ހިނގައިގަތް ޒޯހަންގެ ހިތާއި ސިކުނޑީގައި އެނބުރެމުންދަނީ ދެންމެ ފެންނަން ހުރި ޝިޔާރާގެ ނިޔަނެތި ތަސްވީރެވެ. އެލޯބިވެތި ކުޑަ ހަށިގަނޑެވެ. ފިޔާތޮށިކުލައިގެ ތުންފަތެވެ. ދޮންދޮން ކުޑަކުޑަ ފައިތިލައެވެ. ތުންފަތް ކައިރީގައި ހުރި ބޮޑު ކަޅުތިލައެވެ. އެއްވެސް ބިއްސެއް ނުވާ އޮމާން މޫނެވެ. ޒޯހަންގެ ހިތް އެންމެ ބޮޑަށް އެދުނީ އެދިގު ބޯދު އިސްތަށިގަނޑުގައި މޫނު ފޮރުވާލުމަށެވެ. ގުދުރަތުގެ އަޖައިބެކެވެ. މާތްﷲގެ ކުޅަދުންވަންތަ ކަމާއެވެ. ދުނިޔޭގައި އެހާ ފުރިހަމަ ކުދިން އުޅޭބާއެވެ؟
ލައްޕާލާފައިވާ ދޮރުގައި ލެގިލައިގެން ހުރި ޝިޔާރާ ހުރީ ދެއަތްތިލަ ގެނެސް މެއާއި ހަމައިގާ ހުރަސް ކޮށްލައިގެންނެވެ. ޝިޔާރާއަކީ ފިރިހެނުން މޮޔަވާ ފަދަ ސިފަތަކެއް ގުދުރަތުން ދެއްވާފައިވާ ކުއްޖެއްކަން ހުދު އޭނާ އަމިއްލައަށް ވެސް ގަބޫލުކުރެއެވެ. ހަމައެއާއެކު އެއީ އޭނާގެ ބަދުނަސީބުކަން ވެސް ގަބޫލުކުރެއެވެ. ގަޔަށް ބޮޑު ހެދުންތަކުގައި ދިގު އިސްތަށިގަނޑު ބޮލު މެދަށް ހުޅި ޖަހާފައި ހުންނަނީ ވެސް މޫނު މަތިން މުސްކުޅިކަން ދެއްކުމަށްޓަކައެވެ. މިރޭ ނަސީބު ޝިޔާރާއާއި އެއްބައި ނުވީއެވެ. މެކާހިޔާގޭ ހުރިހާ މީހުން ނިދި ފަހުން އެހެދުމުގައި ޝިޔާރާ ބޭރަށް ނިކުމެލީ ހިތަށް ހަމަޖެހުމެއް ހޯދުމަށްޓަކައެވެ. ބަކުރުގެ ކިބައިން މަދު ވަގަުތު ކޮޅަކަށް ނަމަވެސް ސަލާމަތްވީތީ ޖައްވުގެ ތެރޭގައި ހިފާލާފައި ހުރި ފިނިކަމުގެ ހިމާޔާތް ހޯދާލުމަށްޓަކައެވެ. ވަތަށް އިސްޖަހާލައިގެން ހުއްޓި ހުރި ޝިޔާރާގެ ބޮލުގެ އިސްތަށިގަނޑު މޫނުގެ ދެފަރާތުން މޫނު މައްޗަށް ވެއްޓިފައި ހުރިއިރު ބަލާ މީހަކަށް ހީވާނީ ކުރެހުން ތެރިއެއްގެ މޮޅު ކުރެހުމެއް ހެެންނެވެ. ޒޯހަންވެސް މީ ވަރެއްގެ އިންސާނެކެވެ. ތަނެއްގައި މީހަކު ހުރިއްޔާ އެއީ ކާކުކަން ބަލަންޖެހޭ ހެއްޔެވެ؟ ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އެންމެ ފެންނަން ބޭނުންނުވި މީހާއަށް ފެނުނީއެވެ. ވާންވީ އުފާ ކަމެއް ނުވަތަ ދެރަ ކަމެއް ޝިޔާރާއަށް ނޭނގުނެވެ. ޝިޔާރާގެ މޫނަށް ހުއްޓިފައި ހުރި ޒޯހަންގެ ވިދުންގަދަ ދެލޯ ހިޔާލަށް ފެނުމާއެކު ތުންފަތްމައްޗަށް ވެރިވީ ލުއިލުއި ހިނިތުންވުމެކެވެ.
ނުނިމޭ
8 Comments!
Comments are closed.
here is a new episode…. enjoy…
next episode tuesday ga. insha allah
Hey me frst dhow varah vvvv habays igey
Hey me first… V reethi vaahaka… Keep it up
Haadha lahey up kuraa leh konme dhuvahaku up koh ba
Asluves varah reethi.. shiunee and shifnee mee twins tha .. mashah heevany shiunee aky shiyaara hen.. dhen neynge ekam ves varah avahah nxt part up kohlachey. .. waiting waiting waiting
?????????
Alhe thankolheh avahah up khladhybaaaaa
Thedheh ushaali avahah up khlaba… N mere Tuesday nun… Up veythw miadhu chehck kuri adha dheh vex neyge… Alhe plx up khlaba avahah