Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނިމިދާނެ ޖާނާ ހިތާ 5

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
February 27, 2016 7 Mins Read
12 Comments

“ޔުމް… އަހަރެން ހަމަ ޕްރެގްއޭ، ދެން ކިހިނެއްތަ ހަދާނީ؟” ނަޒްލާ ޔުމްނާގެ އަތުގައި ހިފާލާފަ ބުންޏެވެ.

“ޔަގީންތަ؟” ޔުމްނާއަށް އަހާލެވުނެވެ.

ނަޒްލާ ބޯޖަހާލިއެވެ. ޔުމްނާއަށް އެވަގުތު ބުނާނެ އެއްޗެއް ނުވިސްނުނެވެ.

“މަންމައަށް އެނގިއްޖެއްޔާ… ޔުމް، އަހަރެން ހާދަ ބިރެއް އެބަ ގަނެޔޭ. ހިތަށް އަރާ އަވަހަށް ދުވަސްތައް ދާނެ ނަމައޭ… އަދިވެސް ދެހަފްތާ އެބައޮތް” ނަޒްލާ އަށް އަނެއްކާވެސް ރޮވުނެވެ.

“ނުރޮއެ ނަޒޫ… އާސިމް ކައިރީ ބުނެފިންތަ؟” ޔުމްނާ ނަޒްލާގެ އަތަށް ފިތާލަމުން އެހިއެވެ.

“އަދި ނުބުނަން. މިއަދު ގުޅި އިރު ޓެސްޓެއް ނުކުރަން، އާސިމް ދެން ގުޅާނީ މާދަން ނޫން އަނެއް ދުވަހު ކަންނޭނގެ. އޭރުން ދެން ބުނާނީ” ނަޒްލާ ލޯ ފޮހެލާފައި ބުންޏެވެ.

“ދެން ހާސް ނުވޭ ނަޒޫ، ގިނަ ދުވަހެއް ނެތެއްނު؟ އާސިމް އައިމަ ތިކަން އެކަކަށް ވެސް ނޭނގި މެރީ ކުރެވިދާނެ. ދެން ކެތްކޮށްލާ އެހާ ދުވަހު” ޔުމްނާ ނަޒްލާއަށް ހިތްވަރު ދެވޭތޯ ބެލިއެވެ.

“ސިމީ ކައިރިއަކު ނުބުނަންތަ؟” އިރުކޮޅެއް ފަހުން ޔުމްނާ އަހާލިއެވެ.

“އަދި ނުބުނަން، ފަހުން ސިމީ ކައިރީ ބުނާނީ” ނަޒްލާ ބުންޏެވެ.

“ކީށްވެ؟” ޔުމްނާ އަހާލިއެވެ.

“ދެން… ނޭނގެ، ސިމީ ކައިރީގަ ބުނަން ވީމަ އެހެން ގޮތެއް ހީވަނީ… އެހެން ނޫނަސް ސިމީ ކައިރީގަ ނުބުނާ މީ ފުރަތަމަ ވާހަކައެއް ނޫނެއްނު؟” ނަޒްލާ އެވާހަކަ އަސްމާ ގާތު ބުނަން ބޭނުމެއް ނުވިއެވެ.

“ހްމްމް… ބައެއް ފަހަރު އަހަރެންވެސް ހިތަށް އަރާ ސިމީއަށް ވުރެ ކުރިން ޝާއިރު ނަޒޫ ކައިރީ ރައްޓެހިވާން އެހިކަން ސިމީއަށް އެނގިއްޖެއްޔާ އޭނަ ކީކޭ ބާއޭ ބުނާނީ…” ޔުމްނާ ބުންޏެވެ.

“އެއީ ދެން އެވަރުގެ ކަމެއްވެސް ނޫނެއްނު؟ އެހެން ނޫނަސް އަހަންނަކަށް ހިއެއް ނުވޭ އެކަން އެނގުނަސް އޭނަ ރުޅި އަންނާނެ ހެނެއް. އޭރުވެސް ނުބުނީ ސިމީ ދެރަ ވެދާނެތީ… ދެންވެސް އެހެން ކަންނޭނގެ ވާނީ. ދެން މިކަންތައް… އޭނަގެ ބޭބެއެއްގެ މިކަހަލަ ވާހަކައެއް އޭނައަށް ނޭނގުނިއްޔާ އެންމެ ރަނގަޅު ވާނީ” ނަޒްލާއަށް ފެންނަ ގޮތް ހާމަ ކުރިއެވެ.

އޭރު އެހުރިހާ ވާހަކައެއް އަޑު އަހަން އެކޮޓަރީގެ ކުޑަ ދޮރު ކައިރީ އިތުރު މީހަކު ހުރި ކަމެއް ނަޒްލާއަކަށްވެސް އަދި ޔުމްނާއަކަށްވެސް ނޭނގެއެވެ.

އަޑު އިވުނު ވާހަކައާ މެދު ޔަގީން ނުކުރެވިފައި ރީޝާ ހުއްޓެވެ.

އެ ވާހަކަތަކާ މެދު ވިސްނަމުން ރީޝާ ގޮސް ރަޝްފާގެ ކޮޓަރިއަށް ވަނެވެ.

އަސްމާމެންނާ އެކީ ނަޒްލާ އެގެއަށް އައިސް އުޅޭތީ ރީޝާއާ ނަޒްލާވެސް ރައްޓެއްސެވެ. ވާހަކަ ދައްކާ އުޅެއެވެ. ނަމަވެސް ރީޝާގެ އެދުމާ ދެކޮޅު ހަދާފައި އާސިމް ނަޒްލާއާ ރައްޓެހިވީ ފަހުން ރީޝާ ނަޒްލާ ދެކެ ރުޅި އާދެއެވެ. ރީޝާ ދެކޭ ގޮތުގައި ރީޝާއަށް އާސިމް ނުލިބުނީ ނަޒްލާގެ ސަބަބުންނެވެ. ރީޝާ އެތައް ދުވަހެއް ވަންދެން ހިތުގައި ފޮރުވައިގެން އުޅުނު ލޯބި ކާމިޔާބު ނުވީ ނަޒްލާގެ ސަބަބުންނެވެ.

އެރޭ އަޑު އިވުނު ވާހަކައިގެ އެހީގައި ރީޝާ މޮޅު ރޭވުމެއް ރާވާލިއެވެ. އަމިއްލަ ފައިދާއަށް ޓަކައި އެރޭ އެނގުނު ކަންތައް ހަތިޔާރަކަށް ބޭނުން ކުރަން ނިންމިއެވެ. އެހަގީގަތަށް ކުޑަ ބަދަލެއް ގެނައުމުން ރީޝާގެ މަގުސަދު ހާސިލް ކުރެވިދާނެއެވެ.

 

“އާދެވިއްޖެދޯ އެންމެ ފަހުން، މިހާރު ކިހާ އިރެއް އަހަރެން ގުޅިތާ” ރީޝާ ފެނުމުން ރަޝްފާ ޝަކުވާ ކޮށްލިއެވެ.

“ތުއްތާ… ވާހަކައެއް އަހަންތަ؟” ރަޝްފާގެ ވާހަކައަށް ސަމާލު ކަމެއް ނުދީ ރީޝާ އަހާލިއެވެ.

“ހޫނ… އަހާބަލަ” ނިދިފައި އޮތް ރަނާ އެނދުގައި ބާއްވަމުން ރަޝްފާ ބުންޏެވެ.

“އާސިމް ހަމަ ނަޒްލާއާ އިންނާނެތަ؟” ރީޝާ އަހާލިއެވެ.

“އަދިވެސް ތިވާހަކަތަ؟ ތުއްތަ ބުނެފީމެއްނު ދެން ތިކަން ހުއްޓާލާށޭ… އަޅާނުލާބަލަ. އާސިމްއަށް ވުރެ މާ ރަނގަޅު މީހަކުވެސް ލިބިދާނެއެއްނު ރީޝާއަށް؟” ރީޝާ އެވާހަކަ ފެށުމުން ރަޝްފާ ހިތްހަމައެއް ނުޖެހުނެވެ.

“އެކަމަކު… ތުއްތާ، ވަރަށް ބޮޑު ސިއްރެއް ބުނަންތަ؟ ނަޒްލާ ބަނޑު ބޮޑު…” ރީޝާ ބުނެލިއެވެ.

“އޭނ…؟” ރަޝްފާއަށް އަހާލެވުނެވެ.

“އާނ، އޭނަ ބަނޑު ބޮޑު…” ރީޝާ ދެވަނަ ފަހަރަށްވެސް ބުނެލިއެވެ.

“ކީކޭތަ ތި ކިޔަނީ؟ ކިހިނެއް ރީޝާއަށް އެނގުނީ؟” ރަޝްފާ އަހާލިއެވެ.

“ހަމަ ތެދެކޭ މިބުނީ، އަހަރެން އަޑު އެހިން ނަޒްލާ އަމިއްލައަށް އެހެން ބުނި އަޑު…” ރީޝާ ހުރިހާ ވާހަކައެއް ރަޝްފާއަށް ކިޔާދިނެވެ.

“އެހެން ވިޔަސް ރީޝާއަށް ކޮން ކަމެއްތަ ކުރެވޭނީ؟ އެއީ އެމީހުންގެ އަމިއްލަ ކަމެއް، އަޅާނުލާ” ރީޝާގެ ވާހަކަ އަޑު އަހާފައި ރަޝްފާ ބުންޏެވެ.

“މިފަހަރު މީ މަގޭ ޗާންސް… އެނގިދާނެތާ އާސިމް ނަޒްލާ ދެކެ ލޯބި ވާވަރެއްވެސް…” ރީޝާ ހިތުތެރޭ ކަންތައްތަކެއް ރާވާލިއެވެ.

“ކީށްކުރަން ތި އުޅެނީ އަނެއްކާ؟” ރަޝްފާ އަހާލިއެވެ.

“މަ ނޫޅެން ކަމެއް ކުރާކަށް. އާސިމްއަށް ނޭނގި އޮތް ކަމެއް އޭނައަށް ބުނެދޭނީ… އެނޫން ކަމެއް ނުކުރާނަން” ހީލާފައި ރީޝާ ބުނެލިއެވެ.

 

ދެދުވަސް ފަހުން އާސިމް ގުޅުމުން ނަޒްލާ ޓެސްޓް ކުރިކަމާ އޭގެ ނަތީޖާ އާސިމްއަށް އެނގުނެވެ. އެކަން ޔަގީން ވުމުން ކުރެވުނު ކަންތަކާ މެދު އާސިމް ކުރިއަށް ވުރެ ބޮޑަށް ދެރަވިއެވެ. ނަޒްލާއަށް ދެވުނު ދެރަ ހިތަށް އެރުމުން އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ.

“ނަޒޫ، ބިރު ނުގަނޭ… އެންމެ ވީކެއް ދެން އޮތީ. ސަންޑޭގަ އަހަރެން ދާނަން، ގޮއްސަ ވީއެންމެ އަވަހަކަށް މެރީ ކުރާނީ. ނަޒޫ ދެރަ ނުވޭ، އަހަރެން ނަޒޫއަށް ދެރަ ގޮތެއް ނުހަދާނަން… ޓްރަސްޓް މީ އިނގޭ! އެންމެ ވީކެއް…” އާސިމް ނަޒްލާ ހިތްހަމަ ޖައްސައިދެވޭތޯ ބެލިއެވެ.

“ތިކަން ޔަގީން ވާތީ މި ހުރެވެނީ. އެހެން ނޫން ނަމަ އަހަރެން—” ނަޒްލާ ބުންޏެވެ.

“ނަޒޫ، މޮޔަ ކަމެއް ނުކުރައްޗޭ… އެނގެއެއްނު އަހަރެން ނަޒޫ ދެކެ ލޯބި ވާވަރު؟” ނަޒްލާ ކޮށްފާނެ ކަމަކާ މެދު އާސިމް ކަންބޮޑު ވިއެވެ.

“އެނގެޔޭ… މިކަމަށް ވުރެ މޮޔަ ކަމެއް ދެން އަހަރެން ކުރަން އޮންނާނެތަ؟” ނަޒްލާ އަހާލިއެވެ.

“އައި ލަވް ޔޫ… ނަޒޫ، އެކަން ހަނދާން ކުރައްޗޭ” އާސިމް ބުންޏެވެ.

“މީ ޓޫ… އާސިމް، އަވަހަށް އާދޭ ދެން ޕްލީޒް…” ނަޒްލާއަށް ރޮވުނެވެ.

“ނަޒޫ، އެންމެ ވީކެއް ވަންދެން އަދި މަޑު ކޮށްލާ… އަހަރެން ދާނަމޭ، ނުރޮއެބަލަ ޕްލީޒް…” ނަޒްލާ ރޯއަޑު އިވުމުން އާސިމްއަށް ކެތް ނުވެގެން ބުންޏެވެ.

އެތައް އިރެއް ވަންދެން ވާހަކަ ދައްކާފައި ފޯން ބޭއްވި އިރު ނަޒްލާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހިފައެވެ. އާސިމް އަންނާނެ ކަމުގެ ޔަގީންކަން ކުރިންވެސް އޮތެވެ. ނަމަވެސް އަންނާނެ ދުވަސް ވެސް އެނގުމުން ހިތުގައި އޮތް ބިރު ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ފިލިއެވެ.

 

އާސިމްއަށް އެހަފްތާ ދިޔައީ ކެތްތެރިކަމެއް ނެތި އާދީއްތަ ދުވަހުގެ އިންތިޒާރުގައި ގަޑި ގުނުމުގައެވެ. އާސިމް ކޮންމެ ދުވަހަކުހެން ނަޒްލާއަށް ގުޅައެވެ. ނަޒްލާ ހިތްހަމަ ޖައްސައިދެވޭތޯ މަސައްކަތް ކުރެއެވެ.

ދެން އައީ އާސިމްގެ މުޅި ދުނިޔެ ބަދަލުވި ދުވަހެވެ.

މާލެ ދާން ދެދުވަހަށް ވެފައި އޮއްވާ އާސިމްއަށް އީމެއިލްއެއް ލިބުނެވެ. ކާކު ފޮނުވި އެއްޗެއްކަން ނޭނގުނަސް އާސިމް އޭގައިވާ އެއްޗެއް ކިޔެވެ. އެމެއިލް ކިޔާފައި އާސިމް ކައިރިއަށް އައީ ރުޅިއެވެ. ނަޒްލާއޭ ކިޔާފައި ފާޑުފާޑުގެ އެއްޗެހި ލިޔެފައި ހުރުމުން އައި ރުޅިގައި އާސިމް އެ ޑިލީޓް ކޮށްލިއެވެ. އަދި މީހުންނަށް އެއްޗެހި ކިޔާފައި މެއިލް ނުކުރާށޭ ބުނެ އެމީހަކަށް ޖަވާބު ފޮނުވާލިއެވެ.

އެރޭ އަނެއްކާވެސް އެހެން މެއިލްއެއް ލިބުނެވެ. މިފަހަރު އެއީ ކާކު ކަންވެސް އެމީހަކު ބުނެދީފައި އޮތެވެ.

ރީޝާގެ މެއިލްގައި ވާގޮތުން ނަޒްލާ ބަނޑުބޮޑުކަން ރީޝާއަށް އެނގެއެވެ. އަދި ނަޒްލާ މަސައްކަތް ކުރަނީ އެކަން އާސިމްގެ ބޮލުގައި އަޅުވަން ކަމަށް ބުންޏެވެ. އާސިމް ކައިރިއަށް ރުޅިއައި ވަރުން އޮން ލައިންކޮށް ވާހަކަ ދައްކަން ބޭނުން ކަމަށް ބުނެ ރީޝާއަށް މެއިލްކޮށް ރީޝާ އޮންލައިން ވުމުން ފުރަތަމަވެސް ރީޝާއާ ދިމާއަށް އެއްޗެހި ކިޔަން ފެށިއެވެ.

ރީޝާ އެއްވެސް އެއްޗެއް ނުބުނެ އާސިމް ކިޔާނެ އެއްޗެއް ކިޔާ ނިމެން ދެން މަޑު ކުރިއެވެ. އެންމެ ފަހުން އެއްޗެއް ނުބުނީ ކީށްވެހޭ ސުވާލު ކުރުމުން ކޮންމެ މީހަކުވެސް އެފަދަ ވާހަކައެއް އަޑު އިވުމުން ރުޅި އަންނާނެ ކަމަށް ރީޝާ ބުންޏެވެ. ނަމަވެސް ރީޝާ ހަދަނީ ދޮގު ނޫން ކަމަށާ އެހުރިހާ ވާހަކައެއް ނަޒްލާ ޔުމްނާއާ ދައްކަނިކޮށް ރީޝާއަށް އަޑު އިވުނީ ކަމަށް ރީޝާ ބުންޏެވެ.

ދެންވެސް ރީޝާގެ އެއްވެސް ވާހަކައެއް ގަބޫލު ކުރަން އާސިމް ދެކޮޅު ހެދުމުން ރީޝާ އެދުނީ ގަބޫލު ނުކުރި ނަމަވެސް އަޑު އެހުމަށެވެ. އޭގެ ފަހުން އާސިމް ކޮންމެ ގޮތެއް ހެދިޔަސް ހެޔޮ ކަމަށް ބުންޏެވެ.

ރީޝާ ބުނި ގޮތުގައި އާސިމްއަށް ނޭނގުނު ނަމަވެސް އާސިމްއަށް ވުރެ ކުރިން ނަޒްލާ އެހެން މީހަކާ ރައްޓެހިވިއެވެ. އަދި މިހާރުވެސް ނަޒްލާ އެމީހަކާ އެގޮތަށް ވާހަކަ ދައްކައެވެ. އާސިމް ސުވާލު ކުރުމުން ވަރަށް ނުބުނަން އުޅެފަ އެންމެ ފަހުން އެއީ ޝާއިރު ކަމަށް ރީޝާ ބުންޏެވެ.

ޝާއިރު ނަޒްލާއާ މެދު ދެކޭ ގޮތް ރީޝާއަށް އެނގުނީ ޝާއިރުގެ ކޮއްކޮ ޝިޔާނާގެ ފަރާތުން ކަމަށް ރީޝާ ބުންޏެވެ. ނަޒްލާ ބަލިވެ އިނީ ވެސް ޝާއިރުގެ ދަރިއަކަށް ކަމަށް ރީޝާ ބުންޏެވެ. އެހެން ބުނެފައި ރީޝާ ބުނީ ދެން ރީޝާ ބުނަން އުޅޭ ވާހަކައަކީ އާސިމްއަށް ގަބޫލު ކުރަން އެންމެ ދަތިވާނެ ވާހަކަ ކަމަށެވެ. އާސިމް ސުވާލު ކުރުމުން ނަޒްލާ ބުނާ ގޮތުގައި އެރޭ އާސިމްއާ ނަޒްލާގެ މެދުގައި ވީކަމެއް ވީއިރުވެސް ނަޒްލާ އިނީ ބަލިވެ ކަމަށް ރީޝާ ބުންޏެވެ. އާސިމް އިނީ އެކަން ގަބޫލު ނުކުރެވިފައެވެ. އާސިމްއަށް އެހާ ވަރަށް ނަޒްލާ އޮޅިދާނެ ކަމަށް ހިތް އެއްބަސް ނުވެފައެވެ.

އެހިސާބުން އާސިމް ސުވާލު ކުރީ އެކަމުގެ އެއްވެސް ހެއްކެއް ރީޝާއަށް ދެއްކޭނެ ތޯއެވެ.

ރީޝާ ބުނި ގޮތުގައި ރީޝާއަށް އެކަމެއް ނުކުރެވޭނެއެވެ. ނަމަވެސް އެހުރިހާ ކަމެއް ނަޒްލާ އަސްމާއަށް ސިއްރު ކުރުން އެއީ ހެއްކަކަށް ފުދޭ ކަމަށް ރީޝާ ބުންޏެވެ. އަދި ނަޒްލާއާ ޝާއިރު ރައްޓެހި ވީކަންވެސް އާސިމްއަށާ އަސްމާއަށް ސިއްރު ކުރުމުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް ވާނެކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުންވެސް އާސިމްގެ ހިތުގައި ޝައްކު އުފެދޭނެ އެތައް ވާހަކައެއް ރީޝާ ދެއްކިއެވެ. ރީޝާގެ އެ މަގުސަދު ހާސިލްވެސް ވިއެވެ. މަޑުމަޑުން އާސިމްގެ ހިތުގައި ޝައްކު އުފެދުނެވެ. ރީޝާ ކިޔާދިން އެކިއެކި ވާހަކަ ތަކުން ނަޒްލާ އާސިމްއަށް ކަމެއް ސިއްރު ކުރާކަން އާސިމްއަށް ޔަގީން ވިއެވެ.

އޭގެ ފަހުން އާސިމް ކޮށްލީ އެންމެ ސުވާލެކެވެ.

ރީޝާގެ ވާހަކަ އާސިމް ގަބޫލު ކުރަންވީ ސަބަބެކެވެ.

“އަހަރެން ނޭދެން އާސިމް އެހާ ބޮޑު އޮޅުވާލުމެއްގެ ތެރޭ ހުންނާކަށް، އެހެންވެ ހުރިހާ އެއްޗެއް މިކިޔާދިނީ… ތީ އަހަރެންގެ ރައްޓެއްސަކަށް ވީތީ އަހަންނަށް އެނގޭ ކަމެއް އާސިމްއަށް ސިއްރު ނުކުރަން ވެގެން ހަގީގަތް ބުނެދިނުން ފިޔަވާ އެހެން އެއްވެސް ސަބަބެއް ނެތް. އަދިވެސް ގަބޫލު ނުކުރެވެންޏާ ނަޒްލާ ކައިރީ އަހާލަބަލަ އާސިމްމެން ގޭގަ ތިބެ ޔުމްނާ ކައިރީ އެވާހަކަ ދެއްކިންތޯ، އަސްމާ ކައިރީ ނުބުނީ ކީށްވެތޯ… އޭނަ ދޭ ޖަވާބަކުން އާސިމްއަށް އެނގޭނެ ކަންނޭނގެ ކާކުގެ ވާހަކައެއްތޯ ގަބޫލު ކުރަންވީ” ރީޝާ އެހެން ލިޔެލާފައި އޮފް ލައިން ވީ އާސިމްގެ ހިތުގައި ޝައްކު އުފެދިއްޖެކަމުގެ ޔަގީން ކަމާއެކީގައެވެ.

އެދުވަހުގެ ބާކީ އޮތް ބަޔާ އެރޭވެސް އާސިމް ހޭދަ ކުރީ އެކަމާ ވިސްނުމުގައެވެ. އަނެއް ދުވަހު ހެނދުނު އާސިމް ނަޒްލާއާ ގުޅިއެވެ.

“ނަޒޫ، އަހަރުމެން ގޭގަ ތިބެ ނަޒޫ އެއްވެސް ވާހަކައެއް ޔުމް ކައިރީގަ ދެއްކިންތަ؟” އާސިމް ސުވާލު ކުރިއެވެ.

“ކިހިނެއްވީ؟” އާސިމްއަށް އެކަން އެނގުނީ ކިހިނެއް ބާއޭ ހިތަށް އެރުމުން ޖަވާބު ދިނުމުގެ ބަދަލުގައި ނަޒްލާއަށްވެސް ކޮށްލެވުނީ ސުވާލެކެވެ.

“ބުނެބަލަ…” އާސިމް ބުންޏެވެ.

“އާނ…” ނަޒްލާ ޖަވާބު ދިނެވެ.

“އެދުވަހު ނަޒޫއާ ޔުމް ދެއްކި އެއްވެސް ވާހަކައެއް ސިމީއަށް އެނގޭނެތަ؟” އާސިމް އެހިއެވެ.

އެދުވަހު ދެއްކި ވާހަކަތައް ނަޒްލާ ހަނދާން ވިއެވެ. ޝާއިރުގެ ވާހަކަވެސް އެދުވަހު ދެކެވުނެވެ. އަނެއްކާ އެދުވަހު ނަޒްލާއާ ޔުމްނާ ދެއްކި ވާހަކަ އެހެން މީހަކަށް އަޑު އިވުނީ ބާއޭ ނަޒްލާ ހިތަށް އެރިއެވެ. އެހެން ނަމަ އެމީހަކު އާސިމްއަށް ހުރިހާ އެއްޗެއް ކިޔާދީގެން ނޫނީ އެކަން އާސިމްއަކަށް ނޭނގޭނެއެވެ.

“ނޫން، ނޭނގޭނެ…” ނަޒްލާ ބުންޏެވެ.

“އެހެންތަ؟ އެންމެ ރަނގަޅު، އަހަރެން ފަހުން ގުޅާނަން” އާސިމް ފޯން ކަނޑާލުމުގެ ކުރިން ބުންޏެވެ.

އާސިމް އެ ސުވާލުތައް އެކުރީ ކީށްވެ ބާއޭ ނަޒްލާ ހިތަށް އެރިއެވެ. ހުރިހާ ކަމެއް އެނގޭ ނަމަ އާސިމް ސުވާލު ނުކުރީ ކީށްވެ ހެއްޔެވެ. އެކަމާ ވިސްނަން އެތައް އިރެއް ހޭދަ ކޮށްފައި ނަޒްލާ އެންމެ ފަހުން ނިންމީ އިތުރު ބަޔަކަށް އެކަން އެނގޭތޯ ބަލަން އާސިމް ސުވާލު ކުރީ ކަމަށެވެ. އެކަމާ ނަޒްލާ މާބޮޑަށް ހާސް ނުވީ އެއަށް ވުރެ ބޮޑު ކަމަކާ ނަޒްލާ އަބަދު ފިކުރު ބޮޑު ވެފައި ހުންނާތީއެވެ.

އާސިމްއަށް ނަޒްލާގެ އެޖަވާބުން ރީޝާގެ ވާހަކަ ގަބޫލު ކުރެވުނެވެ. އެހެން ނޫނަސް އެވާހަކަ ތަކުގައި ހަގީގަތެއް ނުވާނަމަ ރީޝާއަށް އެހުރިހާ ކަމެއް އެހާ ރަނގަޅަށް ކިޔާދޭކަށް ނޭނގުނީހެވެ. ނަޒްލާ ކުރިން ޝާއިރުއާ ރައްޓެހި ވީނަމަ އެކަން އަސްމާއަށާ އާސިމްއަށް ސިއްރު ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ. އެކަމުންވެސް އެނގެނީ އެދެމެދުގައި ކަމެއް ހިނގަމުން ދާކަމެވެ.

ވިސްނި ވަރަކަށް އާސިމްގެ ހިތުގައި ރީޝާގެ ވާހަކައާ މެދު އޮތް ޝައްކު ފިލާ ޔަގީނަށް ބަދަލު ވަމުން ދިޔައެވެ. އެންމެ ގާތް ރަހުމަތް ތެރިއެއްގެ ގޮތުގައި ހުރެ އެވަރުގެ އޮޅުވާލުމެއް އޮޅުވާލި ކެހިވެރިޔާއާމެދު ހިތުގައި ރުޅިވެރިކަން އުފެދުނެވެ. އަމިއްލަ ދިރިއުޅުމަށްވުރެ ލޯބިވާ ނަޒްލާ ދެކެވެސް އިންތިހާއަށް ރުޅިއައެވެ.

އަނެއް ދުވަހަށް ނަގާފައި އޮތް ޓިކެޓް ކެންސަލް ކޮށްލަންވެސް އާސިމް ހިތަށް އެރިއެވެ. ނަމަވެސް އެހިޔާލު ދޫކޮށްލީ މާލެއަށް ގޮސް ނަޒްލާއާ ހިތުގައި ވާ ހުރިހާ ސުވާލެއްކޮށް، އެވަރުގެ އޮޅުވާލުމެއް އޮޅުވާލީ ކީށްވެތޯ ސުވާލު ކުރަން ބޭނުން ވާތީއެވެ. އެދެމީހުންގެ އަސްލު ސިފަ އަސްމާއަށާ އެހެން އެންމެނަށް ދައްކާށެވެ. ނަޒްލާގެ ހުރިހާ ސިއްރެއް އާސިމްއަށް ފަޅާ އަރައިފިކަން ނަޒްލާއަށް އަންގާށެވެ.

 

ޖެހިގެން އައި ދުވަހު އާސިމް މާލެ އައެވެ. މެންދުރު އައި ނަމަވެސް ރޭވީ އިރުވެސް އާސިމް ނަޒްލާއަކަށް ނުގުޅައެވެ. ދާން ނުދާން ހުރެފައި އެންމެ ފަހުން އެރޭ ނުވައެއް ޖެހި ފަހުން އާސިމް ނަޒްލާމެން ގެޔަށް ދިޔައެވެ. ނައީމާއާ ނިހާވެސް ގޭގައި ނޫޅޭތީ ޔުމްނާއާ ނަދީމް ސޯފާގައި ވާހަކަ ދައްކަން ތިއްބެވެ. އާސިމް ބައި ގަޑިއެއްހާ އިރު އެދެމީހުން ކައިރީ އިނދެފައި ގޮސް ނަޒްލާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ.

އެގެޔަށް އާސިމް އައީއްސުރެން އެކޮޓަރިއަށް އާސިމް ވަންނާނެ އިރެއްގެ އިންތިޒާރުގައި އިން ނަޒްލާ އަވަހަށް ދޮރު ހުޅުވާލިއެވެ. އާސިމް އެތެރެއަށް ވަނުމާއެކު ދޮރު ލައްޕާލާފައި ނަޒްލާ އާސިމް ގައިގައި ބައްދާލިއެވެ. އާސިމް ފެނުމުން ލިބުނު ހިތްހަމަ ޖެހުމުގެ ސަބަބުން އާސިމް ނަޒްލާ ގައިގައި އަތްވެސް ޖައްސާ ނުލާކަން ނަޒްލާއަށް ފާހަގައެއް ނުކުރެވުނެވެ.

“އާސިމް، ކޮން އިރަކުން…؟” އިސް އުފުލާ އާސިމްގެ މޫނަށް ބަލާލާފައި ފުރަތަމަވެސް ނަޒްލާ ކޮށްލީ އެސުވާލެވެ. އެކަމުގެ ސަބަބުންވެސް އާސިމްއަށް ނެގުނީ އެހެން މާނައެކެވެ.

“ކިހިނެއްވީ؟” އާސިމް ޖަވާބެއް ނުދިނުމުން ދުރަށް ޖެހިލާފައި ނަޒްލާ އަހާލިއެވެ. “އާސިމް، ކީށްވެ އެއްޗެއް ނުބުނީ؟” އާސިމް އެއްޗެއް ނުބުނުމުން ނަޒްލާ އަހާލިއެވެ.

“އަހަރެން ކީކޭތަ ބުނަންވީ ނަޒޫ؟” ނަޒްލާގެ މޫނަށް ބަލާލަމުން އާސިމްވެސް އަހާލިއެވެ.

“ކީށްވެ ތިހެން ތި ބުނީ؟ ކީކޭ އާސިމް ބުނަން ތި އުޅެނީ؟” ނަޒްލާއަށް އާސިމް ކިޔަން އުޅޭ އެއްޗެއް ނުވިސްނުނެވެ.

“ނަޒޫއަށް އެނގެއެއްނު އަހަރެން އެހެން ބުނީ ކީށްވެކަން…” އާސިމް ބުންޏެވެ.

އެވަގުތު ނަޒްލާގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވެރިވިއެވެ. އާސިމް ކޮންމެވެސް ކަމަކާ ރުޅި އައިސްފައި ހުރިހެން ނަޒްލާއަށް ހީވިއެވެ.

“އާސިމް، ކިހިނެއްތަ ވީ؟” ނަޒްލާއަށް އަނެއްކާވެސް އަހާލެވުނެވެ.

“ވީކަމެއް އަހަންނަށް ވުރެ ބޮޑަށް އެނގޭނީ ނަޒޫއަށް” އާސިމް ބުނެލިއެވެ.

އެރޭ އާސިމް ދައްކާ ވާހަކައެއް އެއްގޮތަކަށްވެސް ނަޒްލާއަކަށް ނުވިސްނުނެވެ. ކޮންމެވެސް ކަމެއް ވަރަށް ގޯސް ވެއްޖެ ކަން ނަޒްލާގެ ސިކުނޑި ނަޒްލާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ނަޒްލާއަށް އެ އިންޒާރު ނަގައެއް ނުގަނެވުނެވެ.

“ކީކޭތަ އާސިމް ތިކިޔަނީ؟” ނަޒްލާއަށް ދެންވެސް ކޮށްލެވުނީ ސުވާލެކެވެ.

“ނޭނގޭތަ އަހަރެން މިކިޔާ އެއްޗެއް؟ މިބުނަނީ އަހަންނަށް ނަޒޫއަކާ ނީނދެވޭނެޔޭ” ނަޒްލާގެ ކޮނޑުގައި ހިފާ ދުރުކޮށްލާފައި އާސިމް ބުންޏެވެ.

“އާސިމް…” ނަޒްލާއަށް ގޮވާލެވުނެވެ. ނަމަވެސް ނަޒްލާއާ ދިމާއަށް ބަލަން ހުރި ގޮތަށް އާސިމް ހުރީއެވެ.

“ވީ ގޮތެއް ބުނެބަލަ…” ނުރޯން މަސައްކަތް ކުރަމުން ނަޒްލާ ބުންޏެވެ.

“ނަޒޫއަށް ނޭނގެންޏާ އަހަރެން ނޫޅެން ބުނެދޭކަށް” އާސިމް ބުންޏެވެ.

“އަހަންނަކަށް ނޭނގެ އާސިމް ތިހެން ތިބުނީ ކީށްވެ ކަމެއް… ޕްލީޒް، ވީ ގޮތެއް ބުނެބަލަ” އާސިމްގެ އަތުގައި ހިފާލާފައި ނަޒްލާ ބުންޏެވެ.

“އަހަންނަކަށް ނަޒޫއަކާ ނީނދެވޭނެ… އިތުރު އެއްޗެއް ބުނާކަށް ނޫން މިއައީކީ” ނަޒްލާގެ އަތް ފޮޅުވާލަމުން އާސިމް ބުންޏެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ކުރަމުން ތިދާހާ ގޯނާ 18..

Next

ފުންއަސަރު 05

Next
February 28, 2016

ފުންއަސަރު 05

Previews
February 27, 2016

ކުރަމުން ތިދާހާ ގޯނާ 18..

12 Comments!

  1. Mar Sha Marsha says:
    February 27, 2016 at 8:26 pm

    Hope u like thiss .. thnx for reading

  2. twnkl str says:
    February 27, 2016 at 8:33 pm

    Alhe aasim haadha goahey….btw nyc stwry

  3. shx says:
    February 27, 2016 at 8:44 pm

    V reethi vaahaka

  4. Midday says:
    February 27, 2016 at 8:50 pm

    Haadha kurukon. Ekam ves habeys

  5. Niz says:
    February 27, 2016 at 9:09 pm

    Alhey asim haadha trust nukurey naxoo ah..v foohivey reesha gadu dheke….any way vaahka hama habeyx..

  6. SIB says:
    February 27, 2016 at 9:44 pm

    awesome varah reethi mi bai ves, mi vaahaka alun kiyaalan libunyma v happy vejje, aneh bayah inthizar kuran <3 marsha blog mihaaru beynun nukurany tha? kureega blog in hurihaa vaahaka eh read kuran daily. i never get bored reading ur stories again and again. One of ur biggest fan since u started writing in araamagu <3 all the best

  7. Nixu says:
    February 27, 2016 at 9:50 pm

    Dumb ass, u didn’t know she was a vergin, she was not even touched by anyone.. Huh… Varah foohivey Asim dheke.. ???

  8. Aimsithu says:
    February 27, 2016 at 10:45 pm

    Asimooooo…. dhen varah fooohi vey mihen ulhey kurevey kanthah yageenu nuvaa meehun dheke varah rulhu aadhevey. ..

  9. naax says:
    February 28, 2016 at 12:14 am

    Hama habeys

  10. Asima says:
    February 28, 2016 at 12:31 am

    Alhefahe asim mee moyaeh tha?? Reesha dhekki hurihaa vahaka eh gaboolu kuriyas virgin eh kan egeyne ehnnu…. evarun ves neygeytha ehwnmyhehge dharieh noon kan…. moya asim visnaba

  11. ammuty says:
    February 28, 2016 at 2:27 am

    Neynge..aasim ge moyakan..virgin eh veema ehnu erey ekameh kureema bessheetga leyheykuny

  12. Nicky says:
    February 28, 2016 at 8:37 pm

    Dhn meehaku dhakkaahaa vaahaka eh gaboolu kuran vey thr….v dhera vaane dhw….v reeethi stry….?

Comments are closed.


All Right Reserved!