
ނިމިދާނެ ޖާނާ ހިތާ 6
“އަހަންނަކަށް ނޭނގެ އާސިމް ތިހެން ތިބުނީ ކީށްވެ ކަމެއް… ޕްލީޒް، ވީ ގޮތެއް ބުނެބަލަ” އާސިމްގެ އަތުގައި ހިފާލާފައި ނަޒްލާ ބުންޏެވެ.
“އަހަންނަކަށް ނަޒޫއަކާ ނީނދެވޭނެ… އިތުރު އެއްޗެއް ބުނާކަށް ނޫން މިއައީކީ” ނަޒްލާގެ އަތް ފޮޅުވާލަމުން އާސިމް ބުންޏެވެ.
ނަޒްލާއަށް ގަބޫލެއް ނުކުރެވުނެވެ. އެހުރިހާ ދުވަހު އާސިމް ނަޒްލާއަށް ގުޅާ، އެގޮތަށް ވާހަކަ ދައްކާފައި މިއަދު އާސިމް އެވަރަށް ބަދަލު ވާންވީ ސަބަބެއް ނަޒްލާއަކަށް ނުވިސްނުނެވެ.
“ކިހިނެއް ވެގެންތަ އާސިމް؟ ކޮންމެވެސް ކަމެއް ވެގެނެއްނު ތިހެން ބުނާނީ؟ ކީއްވެތަ އަހަރެން ދެކެ ކުއްލިއަކަށް ތިރުޅި އައީ؟ އަހަންނަށް ކީއްތަ ކުރެވުނީ؟” ލޮލުން ފައިބަމުން ދިޔަ ކަރުނައާ އެކު ނަޒްލާއަށް ސުވާލުތަކެއް ކޮށްލެވުނީ އާސިމް އެހެން ބުނި ސަބަބެއް އެއްގޮތަކަށްވެސް ނޭނގޭތީއެވެ.
“ނަޒޫއަށް ހަމަ ރަނގަޅަށް އެނގޭނެ ނަޒޫ ކުރި ކަންތައް. ކީށްވެތަ ނޭނގޭ ކަމަށް ތިހަދަނީ؟” އާސިމް ނަޒްލާއާ ދުރަށް ޖެހިލަމުން އަހާލިއެވެ.
“އާސިމް… ތިހެން ނުހަދާ، ޕްލީޒް. ދެން އަހަރެން ކިހިނެއް ހަދާނީ؟ ކާކު އަހަންނަށް އެހީ ވާނީ؟” އާސިމް ލައިގެން ހުރި ޓީޝާޓުގައި ހިފަހައްޓާފައި ނަޒްލާ ރޮމުން އެދުނެވެ.
“ކަންތައް ކުރުމުގެ ކުރިން ތިކަމާ ވިސްނާނީ، ކަމެއް ވީމައެއް ނޫން…” ޓީޝާޓުން ނަޒްލާގެ އަތް ނައްޓުވާފައި އާސިމް ކޮޓަރިން ނިކުންނަން އުޅުނެވެ.
“އަޅެ އާސިމް… ޕްލީޒް… ނުދޭބަލަ، މަޑު ކޮށްބަލަ… ޕްލީޒް…” ނަޒްލާ ފަހަތުން ގޮސް އާސިމް ގައިގައި ބައްދައިގަތެވެ.
ނަމަވެސް އެވަގުތު އާސިމް ހުރީ ނަޒްލާ ދައްކާ ވާހަކައެއް، ނަޒްލާގެ އާދޭހެއް ގަބޫލު ކުރާ ވަރަށް ވުރެ ރުޅި އައިސްފައެވެ. ގަދަ ކަމުން ނަޒްލާ ގަޔާ ދުރުކޮށްލާފައި އާސިމް އަނެއްކާވެސް ދާން އުޅުނެވެ.
“އާސިމް ޕްލީޒް، ވީ ގޮތެއް ބުނެބަލަ!” ނަޒްލާ އަނެއްކާވެސް އާސިމްގެ އަތުގައި ހިފެހެއްޓިއެވެ.
“ވީގޮތެއް އަހަރެން ކޮންމެހެން ކިޔާދޭން ޖެހޭތަ؟ އަހަރެން ބުނެފީމެއްނު ނަޒޫއަކާ ނީންނާނަމޭ. އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން” ނަޒްލާގެ އަތް ފޮޅުވާލާފައި އާސިމް ގޮސް ކޮޓަރި ދޮރު ހުޅުވާލާފައި ނިކުތެވެ. ނަމަވެސް އެވަގުތު ނަޒްލާ އާސިމްގެ ފައިގައި އެލިގަތެވެ.
“އާސިމް ޕްލީޒް، ތިހެން ނަހަދާ… ނުދޭ، ޕްލީޒް… މިގޮތަށް އަހަރެން ދޫކޮށްލާފަ ނުދޭ…” ނަޒްލާ ރޮމުން އާދޭސް ކުރިއެވެ.
އާސިމް ގުދުވެލާފައި ނަޒްލާގެ އަތް ނައްޓުވާފައި ހިނގައިގަތެވެ. އޭރު ސިޓިންގ ރޫމްގައި ތިބި ޔުމްނާއާ ނަދީމް ތިބީ ފެންނަމުންދާ މަންޒަރަކީ ހަގީގަތެއް ކަން ގަބޫލު ކުރަން ދަތި ވެފައެވެ. އާސިމް އެމީހުންނަށް ބަލާވެސް ނުލާ ނިކުމެގެން ދިޔައެވެ.
ވީގޮތް ނަދީމްއަށް ނޭނގުނު ނަމަވެސް ޔުމްނާއަށް ކޮންމެވެސް ވަރަކަށް ވިސްނުނެވެ.
ޔުމްނާ ގޮސް ނަޒްލާ ކައިރީ އިށީނދެ ރޮއެރޮއެ އޮތް ނަޒްލާގެ ކޮނޑުގައި ހިފާ ނެގިއެވެ.
“ކީށްވެގެންތަ އާސިމް ރުޅި އައިސްގެން އެދިޔައީ؟” ޔުމްނާ އަހާލިއެވެ.
“އޭނަ ބުނީ އަހަންނަކާ ނީނދެވޭނެޔޯ… ޔުމް، އަހަރެން ދެން ކިހިނެއް ހަދާނީ؟” ނަޒްލާ ރޮމުން ޔުމްނާ ގައިގައި ބައްދައިގަތެވެ.
“ކީށްވެގެންތަ؟ ނަޒޫ ނާހަންތަ؟” ޔުމްނާ އަހާލިއެވެ.
“ނޭނގެ، އަހަރެން އެހިން… އޭނަ ބުނީ އަހަންނަށް އެނގޭނެޔޭ” ނަޒްލާ ޔުމްނާއާ ދުރަށް ޖެހިލާފައި ބުންޏެވެ.
“ހާދަ ހެއްވައޭ، އޭނަ ކީށްވެތަ އެހެން ހަދަންވީ؟ އޭނަ ބުންޏެއް ނޫންތަ އައިއްސަ އިންނާނަމޭ؟ ދެން މިހާރު ތިހެން ހަދަންވީ ކީށްވެ؟” ޔުމްނާގެ ހިތުގައި އުފެދުނު ސުވާލުތައް ނަޒްލާއާ ކޮށްލިއެވެ.
ދުރުގައި ހުރެފައި ނަދީމް އައިސް ނަޒްލާމެން ކައިރިއަށް ހުއްޓުނީ އެވަގުތުއެވެ.
“ނަޒޫ، ކިހިނެއްތަ ވީ؟” ނަދީމް އަހާލިއެވެ. ނަމަވެސް އެކަކުވެސް ނަދީމްގެ ސުވާލަށް ޖަވާބެއް ނުދިނެވެ.
ނަދީމްގެ އެސުވާލާ އެކު ނަޒްލާ ނައީމާ މަތިން ހަނދާން ވިއެވެ. ނައީމާއަށް އެނގުމުން ރުޅި އަންނާނެ ވަރާ، އެކަމުން ނައީމާ ދެރަ ވާނެ ވަރު ނަޒްލާ ހިތަށް އެރިއެވެ. އަދި މީހުންނަށް ހުރިހާ ކަމެއް އެނގުމުން އެންމެންވެސް އެސުވާލު ކުރާނެކަން ނަޒްލާއަށް އެނގެއެވެ.
އެހުރިހާ ސުވާލުތަކާ ކުރިމަތި ލާން ޖެހޭނީ ނަޒްލާ އެކަނި ހެއްޔެވެ. މީހުންގެ މަލާމާތާ ރުޅިވެރި ބަސްތައް އަމާޒު ވާން ޖެހޭނީ ނަޒްލާއަށް އެކަނި ހެއްޔެވެ. އެކަމުގައި ނަޒްލާއާ އެއްވަރަށް އާސިމްވެސް ހިއްސާ ވިއެވެ. ނަތީޖާ އުފުލަން ޖެހޭނީ ނަޒްލާ އެކަނި ހެއްޔެވެ.
އެހާ ފަސޭހައިން އާސިމްއަށް ހުރިހާ ކަމެއް ނަޒްލާގެ ބޮލަކަށް ނުޖެހޭނެއެވެ. ނަޒްލާއާ އެއްވަރަށް އާސިމްވެސް ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނެއެވެ. އެހުރިހާ ދުވަހު ނަޒްލާ ގާތު އެގޮތަށް ވާހަކަ ދައްކާފައި މިއަދު އާސިމްއަށް އެހާ ފަސޭހައިން ސަލާމަތް ވެގެން ނުދެވޭނެއެވެ. ނަޒްލާ އެހާ ފަސޭހައިން އާސިމް ދިޔަކަ ނުދޭނެއެވެ. އާސިމް އެހެން ހެދި ސަބަބެއް ނަޒްލާއަށް ބުނެދޭން ޖެހޭނެއެވެ. ނަޒްލާގެ އެއްވެސް ކުށެއް ނެތި އާސިމްއަށް އެގޮތަށް ކަންތަކެއް ނުކުރެވޭނެއެވެ. ހިތާ ހިތުން ނަޒްލާ ގޮތެއް ނިންމިއެވެ.
ނަޒްލާ ތެދުވެ ލޯފޮހެލާފައި ހިނގައިގަތެވެ.
“ނަޒޫ، ކޮންތާކަށް ތިދަނީ؟” ޔުމްނާ ނަޒްލާގެ އަތުގައި ހިފާފައި އަހާލިއެވެ.
“އާސިމްމެން ގެޔަށް…” ޔުމްނާގެ އަތް ފޮޅުވާލާފައި ނަޒްލާ ގޭން ނިކުތެވެ.
ޔުމްނާ ނަޒްލާ ދިޔަތަން ބަލަން ހުއްޓެވެ.
“ޔުމް، ބުނެބަލަ، ކިހިނެއްތަ ވެގެން މިއުޅެނީ؟” ނަދީމް ޔުމްނާގެ އަތުގައި ހިފާ ނަދީމްއާ ދިމާއަށް އަނބުރާލިއެވެ.
“އަހަންނަކަށްވެސް ނޭނގެ…” އިސް ޖަހައިގެން ހުރެ ޔުމްނާ ބުންޏެވެ. ނަޒްލާ ގާތު ނުބުނެ އެއްވެސް މީހެއް ގާތު އެވާހަކަ ނުބުނަން ވެގެންނެވެ.
“ޔުމްއަށް އެނގޭނެ. ކޮންމެސް ކަމެއް ވަރަށް ގޯސް ވެއްޖެ… އަހަންނަށް އެނގޭ ޔުމްއަށް އެނގޭނެކަން، ބުނެބަލަ” ޔުމްނާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ނަދީމް ބުންނެވެ.
“ނަދީމް… ރުޅި ނާންނައްޗޭ…” އެހެން ގޮތެއް ނުވިސްނުމުން ޔުމްނާ ބުންޏެވެ.
“ބުނެބަލަ…” ނަދީމްއަށް ޔުމްނާގެ ދެއަތުގައި ހިފާ ބާރު ކޮށްލެވުނީ ނަޒްލާއަށް ކޮންމެވެސް ބޮޑު ކަމެއް ވެއްޖެ ކަން ޔަގީން ވުމުންނެވެ.
“ނަޒޫ… ނަދީމް، ނަޒޫ ބަނޑުބޮޑު…” ޔުމްނާ ބުންޏެވެ.
ނަދީމް ޔުމްނާގެ އަތުން ދޫކޮށްލިއެވެ.
“ކީކޭ…؟” ނަދީމްއަށް ނަދީމްއަށް ގަބޫލު ކުރަން ދަތިވިއެވެ.
ޔުމްނާ ހުރިހާ ވާހަކައެއް ނަދީމްއަށް ކިޔާދިނެވެ.
“އަހަރެން ހިއެއް ނުކުރަން އާސިމްއަކީ އެކަހަލަ މީހެއް ކަމަކަށް. އޭނަ ނަޒޫއަށް އެހެން ހަދާފާނެ ކަމަކަށް އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަން…” ނަދީމް ބުންޏެވެ. އެއާ އެކު ނަދީމް ގޭން ނިކުންނަން އުޅުނެވެ.
“މިހާރު ނަދީމް ކޮންތާކަށް ތިދަނީ؟” ނަދީމްގެ ފަހަތުން ނިކުންނަމުން ޔުމްނާ އެހިއެވެ.
“އާސިމް މެންގެޔަށް…” މަޑުވެސް ކޮށްނުލާ ނަދީމް ބުންޏެވެ.
“މަޑުކޮށްބަލަ…” ޔުމްނާވެސް ނަދީމްގެ ފަހަތުން ދިޔައެވެ.
ނަޒްލާ އާސިމްމެން ގެޔަށް ވަން އިރު ވަސީމާއާ ޖަމީލު އަދި އާޒިމް ސިޓިންގރޫމްގައި ތިއްބެވެ. އާސިމް ގެޔަށް އައި އިރު ރުޅި އައިސްފައި ހުރި ވަރުން އެމީހުންވެސް ތިބީ ވީގޮތެއް ނޭނގި ހައިރާން ވެފައެވެ. ވީގޮތެއް އަހާލަން ވަސީމާ އާސިމް ފަހަތުން ދާން އުޅުމުން އެކަން ހުއްޓުވީ ޖަމީލުއެވެ.
ގެޔަށް ވަން ގޮތަށް ނަޒްލާ މައްޗަށް އަރާ އާސިމްގެ ކޮޓަރީ ތަޅުގައި ހިފާލިއެވެ. ތަޅުލާފައި ހުރުމުން ނަޒްލާ ދޮރުގައި ޓަކި ޖަހާލިއެވެ. ނަމަވެސް އާސިމް ދޮރެއް ނުހުޅުވިއެވެ.
“އާސިމް، ދޮރު ހުޅުވާ… ވާހަކަ ނުދައްކައެއް އަހަންނެއް ނުދާނަން” ދޮރު ނުހުޅުވުމުން ނަޒްލާ އައި ރުޅީގައި ދޮރުގައި ބާރަކަށް ތަޅައިގަތެވެ.
ނަޒްލާގެ އަޑު އިވުމުން އާސިމް ދޮރު ހުޅުވާލިއެވެ. ނަޒްލާ އެތެރެއަށް ވަދެ ދޮރު ލައްޕާފައި ތަޅުލިއެވެ.
ނަޒްލާ އާސިމްގެ ކޮޓަރި ދޮރުގައި ތަޅައިގަތް އަޑަށް އަސްމާގެ ކޮޓަރީގައި ތިބި އަސްމާއާ ޝާއިރު ބޭރަށް ނިކުތީ ވީގޮތެއް ބަލާށެވެ. އާސިމްއާ ވާހަކަ ނުދައްކައެއް ނުދާނަމޭ ނަޒްލާ ބުނި އަޑު އިވުމުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ހެން އަސްމާއަށާ ޝާއިރުއަށްވެސް ހީވިއެވެ. ނަމަވެސް އެދެމީހުންނަށްވެސް ފެނުނީ ނަޒްލާ އެތެރެއަށް ވަދެފައި ދޮރު ލެއްޕި ތަނެވެ.
އަސްމާއާ ޝާއިރު ދެން ފޭބީ ތިރިއަށެވެ. ވަސީމާ އަސްމާ ފެނުމުން އާސިމްއާ ބެހޭ ގޮތުން ސުވާލު ކުރުމުން އެދެމީހުންވެސް އިށީނީ އެވާހަކަ ދައްކާށެވެ.
ކޮޓަރިއަށް ވަން ގޮތަށް ފުރަތަމަވެސް ނަޒްލާއަށް ބަލާލެވުނީ އާސިމްގެ އެނދަށެވެ. އެންމެ ފަހުން ނަޒްލާ އެކޮޓަރިއަށް އައިރޭ އެއެނދުގައި ހިނގި ކަންތައް މަތިން ނަޒްލާ ހަނދާން ވިއެވެ. އާސިމްގެ އެދުމަށް ނަޒްލާގެ މުޅި ދިރިއުޅުން އާސިމްއާ ހަވާލު ކުރީ ނަޒްލާ އާސިމްއަށް ކުރި އިތުބާރުގެ ސަބަބުންނެވެ. އާސިމްދެކެ ލޯބި ވެވުނު ވަރުންނެވެ. ނަމަވެސް އެއިތުބާރާ ލޯބީގެ ނަތީޖާ މިފެންނަނީ ނަޒްލާ ހުވަފެނުގައިވެސް ދެކެފައި ނުވާ ގޮތަކަށެވެ.
ނަޒްލާ އެނދަށް ބަލަން ހުރުމުން އާސިމްއަށްވެސް އެދިމާއަށް ބަލާލެވުނެވެ. އާސިމްވެސް އެރޭގެ ހަނދާން ވިއެވެ.
ނަޒްލާ އާސިމްއަށް ބަލާލިއެވެ.
“ސަބަބު ބުނޭ އާސިމް…” ނަޒްލާ ބުންނެވެ.
“އިތުރު އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން” ނަޒްލާއާ ދިމާއަށް ބަލާވެސް ނުލާ އާސިމް ބުންޏެވެ.
“އެއްވެސް ސަބަބެއް ނެތި އާސިމްއަކަށް ތިހެނެއް ނުހެދޭނެ. ކީށްވެތަ އާސިމް ތިހެން ތިހަދަނީ؟” ނަޒްލާ އަހާލިއެވެ.
އާސިމް ނަޒްލާއަށް ބަލާލިއެވެ. ހުރިހާ ކަމެއް ކޮށްފައި ނަޒްލާ އެހެން ބުނުމުން އާސިމް ހުރީ ގަބޫލު ނުކުރެވިފައެވެ. އާސިމް ހީކުރީ ނަޒްލާއަކީ އެހެން އަންހެން ކުދިންނާ ތަފާތު ކުއްޖެއް ކަމަށެވެ. ނަމަވެސް ނަޒްލާ އެއުޅެނީ އެހުރިހާ އެންމެންނަށް ވުރެ ކުރީގައެވެ. ހުރިހާ ކުށެއް ކޮށްފައި އާސިމްގާތު ސަބަބު އަހަނީވެސް ނަޒްލާއެވެ.
ހުރިހާ ކަމެއް އާސިމްއަށް އެނގޭ ކަން ނަޒްލާއަށް އަންގާކަށް އެވަގުތު އާސިމް ބޭނުމެއް ނުވިއެވެ. ހުރިހާ ވާހަކައެއް ނަޒްލާއާ ދިމާއަށް ބުނެ ނަޒްލާ ލަދުގަންނަވާލާކަށްވެސް އާސިމް ބޭނުމެއް ނުވިއެވެ. ނަމަވެސް ނަޒްލާ ކުރި ކުށެއް އަމިއްލަ ބޮލުގައި އަޅުވާކަށްވެސް އާސިމް ބޭނުމެއް ނޫނެވެ. ކިތަންމެ ލޯބި ވިޔަސް އެކަމެއް އާސިމްއަކަށް ނުވާނެއެވެ. ނަޒްލާ ފުރަތަމަވެސް ހުރިހާ ވާހަކައެއް ތެދަށް އާސިމްއަށް ކިޔާދިން ނަމަ ފަހަރެއްގަ އާސިމްއަށް ނަޒްލާއަށް މާފުކޮށް ދެވުނީސް ކަންނޭނގެއެވެ. ނަމަވެސް ނަޒްލާ އަދިވެސް އެއުޅެނީ އޮޅުވާލާށެވެ.
“ނަޒްލާ ލަދެއް ނުގަނޭތަ އަހަރެން ކައިރީ ސަބަބު އަހާކަށް؟ އަހަންނަށް ވުރެން ބޮޑަށް ސަބަބު އެނގޭނީވެސް ނަޒްލާއަކަށްނު؟” އާސިމް ބުންޏެވެ.
“ތިއުޅެނީ ބަހަނާ ދައްކައިގެން—”
“އަހަރެންތަ ބަހަނާ މިދައްކަނީ؟ އަހަރެން ހިއެއް ނުކުރަން ނަޒޫއަށް އަހަންނާ ދިމާލަށް ތިހެން ބުނަން ކެރޭނެ ކަމަކަށް” އާސިމް ނަޒްލާ ބުނަން އުޅުނު އެއްޗެއް މެދުކަނޑާލިއެވެ.
“އަހަރެންވެސް ހިއެއް ނުކުރަން އާސިމް އަހަންނަށް މިހެން ހަދާފާނެ ކަމަކަށް، ތީތިހާ ގޮތެއް ނެތް މީހެއް ކަމަކަށް އަހަރެން ހިއެއް ނުކުރަން” ނަޒްލާ ބުނެލިއެވެ.
“ނަޒްލާ!” އާސިމް ބުނެލިއެވެ.
ދެމީހުންވެސް ތިބީ ދުވަހަކުވެސް ރުޅި ނާންނަ ވަރަށް ރުޅި އައިސްފައެވެ. ރައްޓެހިވެގެން އުޅުނު އިރު މަދުމަދުން ނަމަވެސް ދެމީހުންގެ މެދުގައި ދެބަސްވުން ހިނގި ނަމަވެސް ދުވަހަކުވެސް އެކަކު އަނެކަކު ދެކެ ރުޅިއެއް ނާދެއެވެ.
“ތިހާ ފަސޭހައިން ސަލާމަތެއް ނުވެވޭނެ. އާސިމްއަށް ޖެހޭނީ އަހަންނާ އިންނަން” ނަޒްލާ ބުނެލިއެވެ.
ނަޒްލާ އެހެން ބުނުމުން އާސިމް ހައްތަހާ ރުޅި ގަދަވީއެވެ. އާސިމް ނަޒްލާގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުމެ ސިޑިން ފޭބިއެވެ. އޭރުވެސް ސިޓިންގރޫމްގައި ވަސީމާމެން ތިއްބެވެ.
އާސިމް ނަޒްލާގެ އަތުގައި ހިފައިގެން ދޮރާ ދިމާއަށް ދިޔައެވެ. ނަމަވެސް އެހިސާބަށް ނުދެވެނީސް ނަޒްލާ އާސިމްގެ އަތް ފޮޅުވާލިއެވެ.
“ތިހާ ފަސޭހައެއް ނުވާނެ އާސިމް…” ނަޒްލާ ބުނެލިއެވެ.
“އަހަރެން ބޭނުމެއް ނޫން ދެން އެންމެ އިރުކޮޅަކުވެސް ނަޒޫ މިގޭގަ ހުންނާކަށް” އާސިމް ބުންޏެވެ.
“އާސިމް، ކިހިނެއްތަ ވެގެން ތިއުޅެނީ؟” އާޒިމް އަހާލިއެވެ. ނަމަވެސް ދެމިހުން ކުރެ އެކަކުވެސް އާޒިމްގެ ސުވާލަށް ޖަވާބެއް ނުދެއެވެ.
އަސްމާއާ ޝާއިރުއާ ދެންވެސް އެތާ ތިބި އެންމެން ތިބީ ނަޒްލާއާ އާސިމް އެކަކު އަނެކަކު ދެކެ ރުޅި އައިސްފައި ތިބުމުން ވީގޮތެއް ނޭނގިފައެވެ.
“އަހަރެން މިއަހަނީ ކީށްވެގެންހޭ ތިހެން ތި ހަދަނީ؟” ނަޒްލާ އަހާލިއެވެ.
“އަހަރެން މިބުނީ ނަޒްލާއަކާ ނީންނާނަމޭ. އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން” އާސިމް ބުންޏެވެ.
ދެމީހުންވެސް ވާހަކަ ދެއްކީ މަޑުންނެއް ނޫނެވެ. އެތާ ތިބި އެންމެންނަށްވެސް އަޑު އިވުނެވެ. ނަމަވެސް ހައިރާން ވިވަރުން އެކަކުވެސް އެއްޗެއް ނުބުނެއެވެ.
“ކުރިން ތިހެން ބުނިނަމަ އަހަރެން ސަބަބެއް ނޭހީސް ކަންނޭނގެ… އެކަމަކު މިހާރު ތިހެން ތިހަދާ ސަބަބު އާސިމް ޖެހޭނެ އަހަންނަށް ބުނެދޭން” ނަޒްލާވެސް ރުޅި އައިސްގެން ބުންޏެވެ. އެތާ އިތުރު ބަޔަކު ތިބިކަން އެކަކަށްވެސް އެނގޭހެން ހިއެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް ދެމީހުންވެސް ތިބީ ދެރަވެ ރުޅި އައިސްފައެވެ.
ދެމީހުންގެ ހިތުގަވެސް ވޭން އަޅައެވެ. ދެމީހުންވެސް ދެކޭ ގޮތުގައި އަނެކަކު ބޭވަފާތެރިވެ އޮޅުވާލީއެވެ. ދެރަވެސް ވެއެވެ. ނަމަވެސް އެވަގުތު ދެމީހުންނަށްވެސް ދެރަވެ ރުއިމަށްވުރެ ބޮޑަށް އިސްކުރެވުނީ ރުޅިއެވެ.
“ނަޒްލާއަށް ހުރިހާ ކަމެއްގެ އެކްސްޕްލެނޭޝަން ދޭކަށް އަހަންނަކަށް ނުޖެހޭ” އާސިމް ބުނެލިއެވެ.
“ކުރީގަ ނަމަ ތިގޮތްވެސް ރަނގަޅު، މިވަރަކަށް ނުވެސް އަހާނަން. އެކަމަކު އާސިމްގެ ދަރިއަކަށް އަހަރެން ބަލިވެ އިނީމަ އާސިމްއަކަށް ތިހެންނެއް ނުހެދޭނެ، މިހާރު ޖެހޭނެ ސަބަބުވެސް ބުނެދޭން” ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް ނަޒްލާ ހުރިހާ ކަމެއް ހާމަ ކޮށްލިއެވެ.
އެންމެން ހައިރާން ވެގެން ބަލަން ތިއްބެވެ. އެވާހަކަ އަޑު އިވުމުން އަސްމާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެވަރުގެ ކަމެއް ވީއިރު ނަޒްލާ އަސްމާ ގާތު ނުބުނީތީ އެކަމާ ހިތުގައި ސުވާލު އުފެދިފައެވެ.
އާސިމް ރުޅިއައިސް ހުރެ ނަޒްލާ ކައިރިއަށް އައިސް ނަޒްލާގެ ދެއަތުގައި ހިފާ ބާރު ކޮށްލިއެވެ. ވެފަ ހުރި ދެރައިންނާ އައިސްފައި ހުރި ރުޅިން ނަޒްލާއަށް އެތަދުވެސް އިހުސާސް ނުކުރެވެއެވެ.
“އަހަރެންގެ ދަރިއަކަށް ނޫނޭ ނަޒްލާ ބަލިވެ އިނީކީ…” އާސިމް ބުނެލިއެވެ.
“އާސިމް…!” ނަޒްލާއަށް ބުނެވުނެވެ. ނަޒްލާ ހުރީ އާސިމް އެހެން ބުނި އަޑު އިވުނު ނަމަވެސް ގަބޫލު ނުކުރެވިފައެވެ. އާސިމް އެގޮތަށް ކަންތައް ކޮށްފާނެ ކަން ގަބޫލު ނުކުރެވިފައެވެ. ނަޒްލާގެ ލޮލުން ކަރުނަ އޮހިގަތީ ނަޒްލާއަށް ނުވެސް އެނގިއެވެ.
“މިހާރު އެނގިއްޖެތަ؟” އާސިމް ނަޒްލާ ދުރަށް ކޮއްޕާލިއެވެ.
“އަދި ނޭނގޭ…” ބޯ ހަލުވާލަމުން ނަޒްލާ ބުންޏެވެ. “ކިހިނެއް ތިކަން އާސިމްއަށް އެނގެނީ؟ ތިހާ ޔަގީންކޮށް ކިހިނެއް ބުނަން އެނގެނީ މީއާސިމްގެ ދަރިއެއް ނޫންކަން؟” ބަނޑުގައި އަތް ޖައްސާލާފައި ނަޒްލާ އެހިއެވެ.
އާސިމް ޖަވާބެއް ނުދީ އަނެއް ފަރާތަށް އެނބުރުނެވެ. އިތުރަށް އެވާހަކަ ދައްކާކަށް އާސިމް ބޭނުމެއް ނޫނެވެ. މިހާރުވެސް އާސިމް ބުނަން ބޭނުން ވަރަށްވުރެ އިތުރަށްވެސް ބުނެވިއްޖެއެވެ. އާސިމްއަށް ހުރިހާ ކަމެއް އެނގޭކަން ނަޒްލާއަށްވެސް މިހާރު ޔަގީން ވާނެއެވެ. ނަމަވެސް އަދިވެސް ނަޒްލާ އެއްބަސް ވާކަށް ނޫޅެއެވެ.
“ކީށްވެތަ އެއްޗެއް ނުބުނީ؟” ނަޒްލާ އާސިމްގެ ކުރިމައްޗަށް އެރިއެވެ. ދެންވެސް އާސިމް އެއްޗެއް ނުބުނުމުން ނަޒްލާ ބޭނުންވީ ނަޒްލާ އެހާ ފަސޭހައިން ދޫނުކުރާނެކަން އާސިމްއަށް އަންގާށެވެ. ކޮންމެ ކަމެއް ކުރަން ޖެހުނު ނަމަވެސް ހުރިހާ ކަމަކާ އާސިމް އެއްބަސް ކުރުވާށެވެ.
“ބުނެބަލަ… އަހަރެން އާސިމްގެ ދަރިއަކަށް ބަލިވެ އިންނަ ވަރެއް އާސިމް ނުކުރަންތަ؟ އެހިސާބަށް އަހަރުމެންގެ ގުޅުމެއް ނުދޭތަ؟” ނަޒްލާ އަހާލިއެވެ. އެތާ އިތުރު ބަޔަކު ތިބިކަން ނަޒްލާ ހަނދާންވެސް ނެތީ ކަންނޭނގެއެވެ.
“ކީށްވެތަ ޖަވާބެއް ނުދިނީ؟ އަހަރެން މިއަހަނީ އަހަރުމެންގެ ގުޅުން އެހިސާބަކަސް ނުދޭހޭ؟” އާސިމް އެއްޗެއް ނުބުނެ ހުންނަން ފެށުމުން އާސިމް ލައިގެން ހުރި ޓީޝާޓުގައި ހިފާފައި ނަޒްލާ އެހިއެވެ.
“އާއެކޭ… ދިޔައޭ…!” ނަޒްލާގެ އަތުގައި ހިފާ ދުރަށް ކޮއްޕާލަމުން އާސިމް ހަޅޭލަވައިގަތެވެ.
“ދެން ކީށްވެހޭ އެއްބަސް ނުވާން ތިއުޅެނީ؟” ނަޒްލާވެސް ހަޅޭލަވައިގަތެވެ.
“އޭރުވެސް ނަޒްލާ އިނީ ބަލިވެ، އެހެން ވެގެން. މިހާރު އެނގިއްޖެތަ؟” މަޑުވެސް ކޮށްނުލާ އާސިމް ޖަވާބު ދިނެވެ.
މީހަކު މެއަށް ކޮށި ވަޅިއެއް ހަރާލި ނަމަވެސް އެވަގުތު ނަޒްލާގެ ހިތަށް ވީ ތަދެއް ނުވާނެއެވެ. ޔަގީނެވެ. އެހެން އެބުނީ ހަމަ އާސިމް ކަމާމެދު ނަޒްލާގެ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް އެއީ ހަގީގަތެވެ. އާސިމް އެހެން އެބުނީ ނަޒްލާގެ ކުރިމަތީ ހުރެއެވެ.
ނަޒްލާއަށް ދެފިޔަވަޅު ފަހަތަށް އާސިމްއާ ދުރަށް އަޅާލެވުނެވެ. އާސިމްގެ އެދުމަށް ނަޒްލާގެ މުޅި ދިރިއުޅުން އާސިމްއާ ހަވާލު ކުރުމުން އޭގެ ބަދަލުގައި އާސިމް ދިން ހަދިޔާއަކީ މީހެއްޔެވެ. އެންމެ ކުޑަ މިނުން އާސިމްއަށް ނަޒްލާ އެދިނީ ކޯޗެއް ކަންވެސް އާސިމްއަށް ނޭނގުނެވެ. އާސިމް އެބުނީ ތެދެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީވެސް އާސިމްއަށެވެ. އާސިމް އެބުނި ގޮތަށް ކަންތައް ނުވާނެ ކަން ޔަގީން ވާނީވެސް އާސިމްއަށެވެ. ނަމަވެސް ދެން ނަޒްލާ އެކަން ސާބިތު ކުރާނީވެސް ކިހިނެއް ހެއްޔެވެ. އެކަމަށް ހެއްކަކަށް ހުރި މީހާ އެކަމަށް އިންކާރު ކުރުމުން އިތުރު މީހަކަށް ނަޒްލާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ.
ނަޒްލާ ދެއަތުން މޫނު ފޮހެލިއެވެ. ނަމަވެސް އެކަރުނައަކަށް ހުއްޓުމެއް ނައެވެ. އަންނާނީވެސް ކިހިނެއް ހެއްޔެވެ. ނަޒްލާގެ ހިތުގައި އަޅާ ވޭނަށް ކެތް ނުވެގެން ކަރުނައިގެ ސިފައިގައި ބޭރު ވަނީ ކަންނޭނގެއެވެ. އެމީހެއްގެ ފަރާތުން ދުވަހަކުވެސް ދެރައެއް ނުލިބޭނެ ކަމުގެ ޔަގީންކަން އޮތް މީހާގެ ފަރާތުން ލިބުނީ ދުވަހަކު މީހެއްގެ ފަރާތުން ލިބިދާނެ ކަމަށް ހުވަފެނުގައިވެސް ދެކެފައި ނުވާވަރުގެ ދެރައެކެވެ.
ނަޒްލާ އަނެއްކާވެސް ލޯފޮހެލިއެވެ.
“އެހެން ވިއްޔާ ކާކަށް ކަންވެސް އާސިމްއަށް އެނގޭނެ” ނަޒްލާ ބުނެލިއެވެ.
“ނަޒޫއަށް އެނގެންޏާ އެނިމުނީ…” އާސިމް ބުންޏެވެ.
“އާސިމްއަށް ބުނެވިއްޖެ އޭރުވެސް އަހަރެން އިނީ ބަލިވެޔޭ، އެހެން ވިއްޔާ އެއީ ކާކު ކަންވެސް އާސިމް ޖެހޭނީ ބުނެދޭން…” ނަޒްލާ ބުންޏެވެ.
“އެންމެންގެ ތެރޭގަ ވީވަރު އަދިވެސް ކުޑައީތަ؟ އެހެންވެތަ މިވަރު ވީމަ އަދިވެސް ހުއްޓާ ނުލާން ތި އުޅެނީ؟ އަދިވެސް އެއްބަސް ވާކަށް ނުވޭތަ؟” އާސިމް ރުޅި އައިސްގެން ނަޒްލާއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ.
“ކޮންމެ ގޮތެއް ވިޔަސް ދެން ހެޔޮ، ދެން އަހަރެންގެ ބޮލުގަ މިއަށް ވުރެން ބޮޑު ކަމެއް އާސިމްއަކަށް ނޭޅުވޭނެ… މިއަށް ވުރެން ދެރަ ވާނެ އެއްޗެއް ދެން އާސިމްއަކަށް ނުބުނެވޭނެ…” ނަޒްލާ ބޭނުންވީ އާސިމްގެ ހިތުގަ ހުރި ހުރިހާ އެއްޗެއް ބޭރު ކުރާށެވެ.
އާސިމް އެއްޗެއް ނުބުނެ ހުއްޓެވެ.
“އާސިމް، ބުނާށޭ… ކާކުގެ ދަރިއެއްހޭ މީ؟” ނަޒްލާ ގޮތް ދުލެއް ނުކުރިއެވެ.
“އެންމެންގެ ތެރޭގަ އަހަރެންތަ ބުނަންވީ؟ ކީށްވެތަ ނަޒޫ އަމިއްލައަށް ބުނަން ނުކެރިގެން ތިއުޅެނީ؟” އާސިމް އަހާލިއެވެ.
“އަހަންނަށް ވުރެ ބޮޑަށް މިހުރިހާ ކަމެއް އެނގެނީ އާސިމްއަކަށްނު؟ އާސިމް ބުނޭ” ނަޒްލާ ފަސް ޖެހޭކަށް ގަސްތެއް ނުކުރެއެވެ.
“އަހަންނަށް ހީވަނީ ދެން އެންމެ ރަނގަޅު ވާނީ ނަޒޫ ގެޔަށް ދިޔައްޔާ ހެން…” އާސިމް ނަޒްލާގެ އަތުގައި ހިފައިގެން ދޮރާ ދިމާއަށް ދާން ފެށިއެވެ.
“މިބުނީއެއްނު އެމީހެއްގެ ނަންވެސް ބުނާށޭ!” އާސިމްގެ އަތް ފޮޅުވާލާފައި ނަޒްލާ ބުނެލިއެވެ.
“ތިހާ ވަރުން އަހަރެން ލައްވާ ބުނުވަން އުޅެންޏާ ބުނެފާނަން… ނަޒްލާ ބަލިވެ އިނީ ޝާއިރުގެ ދަރިއަކަށް” އާސިމް އެހުރިހާ އިރު ހިފަހައްޓައިގެން ހުރި ރުޅިގަނޑު އިތުރަށް ނުހިފެހެއްޓިގެން ހަޅޭލަވައިގަތެވެ.
އާސިމް އެހެން ބުނުމާ އެކީ ނަޒްލާ އަތުގައި ހުރި ބާރެއް ލާފައި އާސިމްގެ ކޯމަތީ ޖެހިއެވެ. އާސިމްއަށް އެފަދަ އެއްޗެއް ހިތަށް އަރުވަން ކެރުނީތީވެސް ނަޒްލާ ހުރީ ހައިރާން ވެފައެވެ. އެއީ އާސިމް ނަޒްލާއާ މެދު ދެކޭ ގޮތް ކަމާ މެދު ޔަގީން ނުވެފައެވެ.
ނުނިމޭ
13 Comments!
Comments are closed.
Here is part 6.. hope u like thiss. Thnx for reading
Nice . Avahah up kh dhybaa. Pls. Kiyaa hithun kei madhu vefa mihiry.v v v v v v v v v v v nice story eh.
Mashaa Kon irakun next episode up kuranyy.. vaahaka Varah Varah reethi
Heevany Aharen boluga galakun jehihen
Varah Varah reethi
Mashaa you are the best
Oh my god…
Oh my gosh… I’m just speechless???? waiting waiting for next part… Whn it ll b⁉️
V salhi..hurihaa kameh hama ehfaharun falhaa aruvaalaa..aasim ah engigen eulhenu mulhin goaskoh kanves..adhi ekan eguneema aasim baakee kihlaafa
dhera kohlaa..
V reethi…..n v kiyaa hiyy vx vejje….mi buny kuri ah vuren vx bodah kiyaa hiyy vejje…
genes dheefa in goh varah salhi..
V nice..next part konirakun
alhe nazla ei bikureh nama aasim ah ekan enguneehennu enmme furathama ekan kuri iru , dhen ehn noonas amilla dhiri ulhumah vure loabivaa kuhjjaa ah meehaku ehcheh bunelaa irah eyoh dhekolhu v . ajaibeh haaa hama nujehevey vaahaka eh