
ެ. ޒޯހަންވެސް މީ ވަރެއްގެ އިންސާނެކެވެ. ތަނެއްގައި މީހަކު ހުރިއްޔާ އެއީ ކާކުކަން ބަލަންޖެހޭ ހެއްޔެވެ؟ ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އެންމެ ފެންނަން ބޭނުންނުވި މީހާއަށް ފެނުނީއެވެ. ވާންވީ އުފާ ކަމެއް ނުވަތަ ދެރަ ކަމެއް ޝިޔާރާއަށް ނޭނގުނެވެ. ޝިޔާރާގެ މޫނަށް ހުއްޓިފައި ހުރި ޒޯހަންގެ ވިދުންގަދަ ދެލޯ ހިޔާލަށް ފެނުމާއެކު ތުންފަތްމައްޗަށް ވެރިވީ ލުއިލުއި ހިނިތުންވުމެކެވެ.
އޭގެ ފަހުން ތިން ހަތަރު ދުވަސް ފާއިތު ވެގެން ދިޔައިރު ވެސް ޒޯހަންއަށް ޝިޔާރާ އެގެއަކުން ފެންނަ ގޮތެއް ނުވޭއެވެ. އޮފީހުގައި ހުރެފައި ވެސް އެއްވެސް ކަމަކާއި ނުލާ ތިރިއަށް ފޭބެނީ އެސޫރަ ދެކިލާ ހިތުން ހިތް މޭތެރޭގައި އޮވެ ތެޅިފޮޅޭ ވަރުންނެވެ. ޝިޔާރާއާއި ބައްދަލުވިރޭގެ ފަހުން ޒޯހަންގެ ނިދިވަނީ މުޅިން އަލްވަދާޢު ކިޔާފައެވެ. ޝިޔާރާ އާއި ވާހަކަދައްކާލާ ހިތުން އެކޮޓަރިއަށް ވެސް ވަދެ ދާނަމޭ ކިތަންމެ ފަަހަރަކު ޒޯހަންގެ ހިތަށް އަރައެވެ. ގޭތެރެއިން ޝިޔާރާ ނުފެންނާތީ ލަތާ ކައިރީގައި ވެސް ޒޯހަން އަހާލަން ނުކެރިފައި އިނެވެ. “މަންމަ ހީކުރާނީ ކީކޭ” ޒޯހަން ވާހަކަދެއްކީ އެކުވެރި ޝަޒަންއާއެވެ. “ޒޯން މަޑުކުރޭ. މަ އަހާލަފާނަން ބޮޑުބެދައްތަ ކައިރީގަ” ޒޯހަންގެ ބުރަކަށީގައި ޖަހާލަމުން ޝަޒަން ޒޯހަންގެ ކޮޓަރިން ނިކުމެގެން ގޮސް ލަތާގެ ކޮޓަރިއަށް ވަނެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. އެކުވެރި ހާލާ އާއިއެކު ޝިޔާރާ އިނީ ހާލާމެންގޭގައެވެ. ބަކުރު ރާއްޖެތެރެއަށް ދިޔަ ފަހުން މީ ހަތަރުވަނަ ރެޔެވެ. ބަކުރުގެ އެއްވެސް ހަބަރެއް ޝިޔާރާއަށް ނުވެއެވެ. ރަނގަޅީ ވެސް ނުވިއްޔާއެވެ. މުޅި އުމުރަށް ވެސް ޝިޔާރާގެ ހަޔާތުން އެ ޝައިތާން ދުރުވެއްޖިއްޔާ ޝިޔާރާއަކީ ނަސީބު ރަނގަޅު އަންހެންކުއްޖެއް ކަމުގައި ގަބޫލު ކުރާނެއެވެ. ލަތާ ކައިރީގައި ހަފްތާއެއްގެ ޗުއްޓީއަކަށް އެދިގެން ޝިޔާރާ ހާލާގެ ގެއަށް ބަދަލުވީ ޒޯހަންއާއި ކުރިމަތިލާން ބޭނުންނުވާތީއެވެ. ޝިޔާރާއާއި މެދު ޒޯހަން ދެކޭނެ ގޮތެއް ނޭނގޭތީއެވެ. އެރޭ އިރު އަރަންދެން ޝިޔާރާ ޒޯހަންއާއި މެދި ވިސްނިއެވެ. ޝިޔާރާގެ ހިތުގައި ޒޯހަންއާއި މެދު އޮތް އެއްޗެއް ބަދަލު ކުރަން ކުރެވެން ހުރި މަސައްކަތެއް ވިއްޔާ ކުރާނެއެވެ. ޝިޔާރާ ދެކޭ ގޮތުގައި އޭނާއާއި މެދު ހަމްދަރުދީ ވެގެން އެމީހެއްގެ ހަޔާތަށް ޝިޔާރާ ކަހަލަ ނުކުޅެދޭ މަންމަނެއް ގެންނަން ބޭނުންވާނެ އިންސާނަކު މިދުނިޔޭގައި ނުވޭއެވެ. ޒޯހަން ފަދަ މަތިވެރި ބޭފުޅެއްދެކެ ލޯބިވުމަކީ ޝިޔާރާގެ މޮޔަ ކަމެވެ. ބިމުގައި ހުރެގެން އުޑުގައިވާ ތަރިތަކުގައި އަތްލާކަށް ޝިޔާރާ މަސައްކަތެއް ނުކުރާނެއެވެ. “ހިނގާ ބަކުރު ކައިރިން ވަރިވާން. އަހަރެން ހެލްޕް ވެދޭނަން. ބަކުރު އަޔުމުގެ ކުރިން ފޯމު ލާފައި ބާއްވާނީ. އަހަރެން އަބަދުވެސް ޝިޔާ ކައިރީގައި މިދައްކަނީ މިވާހަކަ. ކޮބާ އޭނައާއި އިނދެގެން އޭނަގެ އަޅަކަށް ވެގެން އުޅުމުގެ ބޭނުމަކީ” ހާލާ ވާހަކަދެއްކީ ކައިރީގައި އިން ޝިޔާރާއާއެވެ. ހާލާ ކައިރީގައި ޝިޔާރާ ހުރިއްޔާ މައިގަނޑު ދައްކާ ވާހަކަ އަކީ މިއީއެވެ. އެކުވެރިޔާއަށް ރަނގަޅު މުސްތަގުބަލެއް ލިބެން ހާލާ ބޭނުންވެއެވެ. “ނޫން. އޭނަ އަހަރެން ދުލެއް ނުކުރާނެ. ވަރި ވިޔަސް އޭނަގެ ހިޔަނި އަހަރެން ފަހަތުން ނުނެއްޓޭނެ. އޭނަ އަތުގައި އަހަރެންގެ ބައިވަރު ހަޑި ފޮޓޯ އެބުހުރި. އޭނަ މަށަށް ދައްކަން ވެސް ދެއްކި. ގޭގައި އޭނަ ތަޅުލައިގެން ގެންގުޅޭ ފޮށިތެރޭގައި އޮތް ކެމެރާގަ ހުރީ. ފާހާނާ އަށް ވަނަސް އިބިލީސް ފޮށި ހިފައިގެން ވަންނަނީ. ނިދާފައި އޮންނަ ގަޑީގައި އަހަރެން އެނަގަން މަސައްކަތްކޮށްފިއްޔާ ވޭން އަޅަނީ އަހަރެންގެ ހަށިގަނޑަށް. އޭނަގެ އެދުން ފުއްދަނީ އަހަރެންގެ ހަށިގަނޑަށް އަޅާ ވޭނަށް ވެސް ބަލާލުމެއް ނެތި. އަހަރެންގެ މިނިކަމެތި ހަށިގަނޑުގައި އޭނަ ލޭކޮށާނުލާ އެންމެ ތަންފުކެއް ވެސް ނެތް. އޭނަގެ އަތް ދަށުން އަހަރެން ސަލާމަތްވާނީ މިދުނިޔެ ދޫކޮށް އެއިބިލީސް ދިޔަ ދުވަހަކުން. ނޫނީ އަހަރެން މިދުނިޔެ ދޫކޮށް……” އަތުގެ އިޝާރާތުން ވާހަކަދައްކަން ހުރި ޝިޔާރާގެ އަތުގައި ހާލާ ހިފީ ހިތަށް ކެތް ނުކުރެވިގެންނެވެ. “ދެން ހެޔޮ. އެއްކަލަ ބޭސްތައް އެބަކަންތަ ބަރާބަރަށް. އެންމެ ދުވަހެއް ވެސް ވައްޓާނުލައްޗެ. އުފާވެރި މުސްތަގުބަލަކަށްޓަކައި ތިހިތުގައި ކުޑަ ނަމަވެސް އުއްމީދެއް ވާނަމަ އެބޭސްތައް އެންމެ ދުވަހެއް ވެސް ވައްޓާނުލާ ބަރާބަރަށް ކަމުންދޭ. އެހެންނޫނީ އެސަންތިމަރުޔަނބުގެ ދަރިއެއް ޝިޔާގެ ބަނޑުން މިދުނިޔެއަށް އުފަންވެދާނެ” ހަށިފުރާ ނޭވައެއް ލުމަށްފަހު ހާލާ ޝިޔާރާއަށް ނަސޭހަތްދެމުންދިޔައެވެ. ބަކުރު އަތުގައި ހުރި ފޮޓޯތައް ހޯދުމަށް ޝިޔާރާ ކައިރީގައި އިތުރަށް އެދުމުން ދިން ޖަވާބަކުން ހާލާ އިތުރަށް ހިތުގައި ޖެހުނެވެ. ” އެނގެއެއްނު އަހަރެން ވާހަކަ ނުދެއްކޭ މަންމަނަކަށްވީ ކީއްވެގެންކަން. އަހަރެންގެ ހަތަރު އުދަރެސް ފެނު ޖެހުނު ދުވަސް އެއީ. އެ އިބިލީސްގެ އެދުމަށް އަހަރެން އެންމެ ފުރަތަމަ ދެކޮޅު ހެދި ދުވަސް އެއީ ހޫނު އަލީފާން މި އަނގއަށް އެޅި ދުވަސް. އެކަމުގެ ސަބަބުން އަހަރެންގެ މުޅި ދުނިޔެ އަނދިރިވީ. އެކަމަކު ހާލީ އަހަރެންގެ ހިތް ބުނޭ ރަނގަޅު ބޭސްފަރުވާއެއް ލިބިިގެން އަހަރެންގެ އަޑު އަލުން ލިބިދާނޭ” ޝިޔާރާގެ ދެލޮލުން ކަރުން ފައިބާއިރު ހީވަނީ އިސްކުރަކުން ފެން ދޫކޮށްލާފައި ހުރި ހެންނެވެ. އެކުވެރިޔާ އިތުރަށް ރޮށްވަން ބޭނުންނުވާތީ ހާލާ ޝިޔާރާގެ ގައިގާ ބައްދާލީއެވެ.
ދެލޯ ފަދައިން އެދުނު ލޯބިވެރިޔާ ، ދިރިހުރުމަށްޓަކައި ފެން ބޭނުންވާ ފަދައިން އެދުނު ފެންފޮދު ، އެމީހަކާއި ނުލާ ދިރިނޫޅެވޭ ވަރަށް އެދުނު ހަމައެކަނި ލޯބިވެރިޔާ ލޮލަށް ނުފެންނާތީ ވީގޮތެއް ނޭނގޭތީ ޒޯހަންގެ މުޅި ދުވަސް ވެސް ވީ ހަރާބުވެފައެވެ. މަންމަ ކުރިމަތީގައި ބަދުނާމް ވިޔަސް ހެޔޮ ކަމަށް ޝިޔާރާ ކޮބާތޯ ވެސް އެހުނީވެސް ހިތަށް ކެއްނުވެގެންނެވެ. ލަތާ ދިން ޖަވާބަކުން ޒޯހަންގެ މާޔޫސްވެފައިވާ ހިތަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. އެކުވެރި ޝަޒަން ކައިރީގައި ކުޑަކުއްޖަކު ރޯހެން ރުއިން ނޫން ކަމެއް ޒޯހަންއަށް ނުކުރެވުނެވެ. ޝިޔާރާއާއި އެންމެ ފަހަރަކު ބައްދަލުވެލާ ވާހަކަ ދައްކާލަން ޒޯހަން ހުރީ އިންތިހާއަށް ބޭނުންވެފައެވެ. ޒޯހަންގެ ކޮޓަރީ ކުޑަދޮރު ކައިރީގައި މާލޭގެ ހަލަބޮލި މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުއްޓާ ސިހުނީ ފަހަތުން އިވުނު ޝިފްނީގެ އަޑުންނެވެ. ޝިފްނީ ގޭގައި ފޫހިވާތީ ބުރެއް ޖަހާލަންދާން އެދުނީ ކުޑަކުއްޖެއްހެން ކާޕެޓް މަތީގައި ދެފައި ތަޅާލަމުންނެވެ. އެއްވެސް ކަމެއް ކުރާހިއްނުވެފައި ހުރި ޒޯހަން ބަހަނާއަކަށް ބޮލުގައި ރިއްސާކަމަށް ހެދުމުން ޒޯހަންގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދުމަށްފަހު ޝިފްނީގެ ކުޑަކުޑަ އަތްތިލައިން ޒޯހަންގެ ނިއްކުރި މަސާޖް ކޮށްދޭން ފެށިއެވެ. ޝިފްނީއާއި މެދު އެހިތުގައި އެއްވެސް އެއްޗެއް ނުވާ ޒޯހަން ދެލޯ މަރާލައިގެން އިން އިރު ޝިފްނީގެ ތުންފަތްމަތީގައިވަނީ މާނަފުން ހިނިތުންވުމެކެވެ. ޒޯހަންގެ ބޯމަތިން ކުޑަކޮށް ކޮރިލާ މޫނު ބަލާލުމުން ޝިފްނީގެ ހިތަށް އިންތިހާ ދަރަޖައިގެ އުފާވެރިކަން ލިބިގެން ދިޔައެވެ. ޒޯހަންގެ މާދޮން ނޫން މޫނުން ޝިފްނީގެ ނަޒަރު ހުއްޓާލައިގެން ހުރެވުނީ ބޭއިހްތިޔާރުގައެވެ. ކުއްލިއަކަށް ދެލޯ ހުޅުވާލި ޒޯހަން ދެލޯ ބޮޑުވީ އެމޫނަށް އަމާޒުވެފައި ހުރި ޝިފްނީގެ ދެލޯ ފެނިފައެވެ. “މަގޭ މޫނުން ކޯއްޗެއް ފެންނާތީ ތިއުޅެނީ ބޮއްތަގެ ބޭބީއަށް” ޒޯހަން ބުނެލި އެއްޗަކުން ޝިފްނީ ހިތުގައި ޖެހުނެވެ. ޒޯހަންގެ ހިތުން ޖާގައެއް ދުވަހަކު ވެސް ނުލިބޭނީހެއްޔެވެ؟ ނޫނީ ޝިފްނީ ލޯބިވާކަން އެނގި މިފިރިހެނާ މާ ފޮނިވަނީ ހެއްޔެވެ؟ ނޫނީ ހުރިހާ ކަމެއް އެނގި ނޭނގޭ ކަމަށް ހެދެނީ ހެއްޔެވެ؟ އަވަސްއަވަހަށް އިންތަނުން ކޮޅަށް ތެދުވި ޒޯހަން ލޯގަނޑު ކުރިމައްޗަށް ހުއްޓި ޝިފްނީ އަތުން ބޮލުގައި ހޭވިފައި ހުރި އިސްތަށިތައް ރީތިކޮށްލިއެވެ. “ދޮންބެ ބީޓެއް ނަގައިގެން އުޅެނީ. ދޮންބެ މިހާރު ޝިނީއަކަށް ޓައިމެއް ނުދޭ” ޒޯހަން ހޭން ފެށުމުން ޝިފްނީ ދެލޯ ވަށްކޮށްލާ ޒޯހަންއަށް ކަޅި އަޅާލިއެވެ. ކުޑަކުއްޖެއްހެން ޝަކުވާ ކުރާތީ އެކަމަށް ޒޯހަން ޖޯކު ޖެހުމުން ޝިފްނީ ތުންކޮޅު އޫ ކޮށްލާފައި ކޮޓަރިން ނިކުމެގެން ދިޔުމާއެކު ޝިޔާރާގެ ހިޔާލުތައް އަނެއްކާވެސް ޒޯހަންގެ ހަތަރު ފަރާތުން ވަށާލިއެވެ. ރޭގަނޑުގެ އެރާނީ އަދި އެއްފަހަރު ފެންނާނެ ނަމައޭ ޒޯހަންގެ ހިތަށް އެރިއެވެ.
ހަފްތާއެއް ފަހެވެ. ހެނދުނު ސައި ގަޑީގައި މޭޒު ކައިރީގައި ތިބީ އިބްރާހީމް އާއި ޝަޒަން އެކަންޏެވެެ. ކައިރީގައި އަތް ގާތްކޮށްދޭން ސާރާ ހުއްޓެވެ. “މަންމާ. މިއަދު ކޮބާ ޝިނީ.” އަނގައަށް ރޮށިކޮޅު ލަމުން ޝަޒަން ބުނެލިއެވެ. “ދަރިފުޅަށްވެސް އެނގެއެއްނު. ރޯދަ ހިފައިގެން ހުރި ދުވަހެއްވިއްޔާ މެންދުރު ކުރީ ދެލޯ ހުޅުވާ ނުލާނެކަން. މާ ހެނދުނާ ހޭލީމަ ވަރުދެރަވާނެޔޯ. ރޭފަތިސް ނަމާދަށް ހޭލާފަ ރޯދަ ވީއްލާނެ ކާއެއްޗެހީގެ ބޮޑު ލިސްޓެއް ކިޔާލާފަ ނިދީ. މަންމަ ބުނިން ޝިނީއޭ މިއަދު ކައްކަންވާނީ” މޭޒު ކައިރީގައި އިން ސާރާ ހެމުން ޝިފްނީގެ ވާހަކަ ދައްކަމުންދިޔައެވެ. ބަދަލުގައި އިބްރާހީމް ބުނީ ގޭތެރޭގެ މަސައްކަތްތައް ޝިފްނީއަށް ދަސްކޮށްދިނުމަށާއި ރޯދަ ހިފައިގެން ހުއްޓަސް ހެނދުނު ހޭލަން ދަސްކޮށްދޭން ޖެހޭ ކަމުގައެވެ. “އިރާދަކުރެއްވިއްޔާ މަންމައާއި ޝިނީއަށް ދެން ކުރިއަށް އޮތްތާ ލުއި ވާނެތާ ދޯ. އަހަރެމެންގެ ޅީ ދަރިފުޅު އަންނަން އުޅޭހެން ވަރަށް ހީވޭ” ސާރާގެ ޖުމްލަ ނިމުމާއެކު ފެންތަށީގައި އަނގަ ޖަހައިގެން އިން ޝަޒަން ކޮށި އެރިއެވެ. ސާރާ އަވަސް އަވަހަށް ޝަޒަން ބުރަކަށީގައި ތަޅާލާ މަޑު ފެހިކުލައިގެ ޓައީ އަށް ފައިބާހުރި ފެންތައް ސާފުކޮށްލަ ދިނެވެ. “ދެން މީހަކު ތިވަރުވާން އެވަރުގެ އެއްޗެއްތަ މަންމައަށް މިބުނެވުނީ. މަންމައަށް ވެސް ބައްޕައަށް ވެސް އެނގޭ ކަމެއް ތިކުރަނީ. އެނގޭ އެއީ ދަރިފުޅަށް ވަރަށް މުހިއްމު ކުއްޖެއްކަން. ހާލީ އަކަށް ނިދީގައި ދަރިފުޅު ގޮވީ. ދޯ އިބޫ. އެކުއްޖާ މިގެއަށް ގެނެސްދީބަލަ މަންމަ ބަލާލަން” ޝަޒަން ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީންނަމުން ސާރާ ވާހަކަދެއްކިއެވެ. “މަންމާ އަޅުގަނޑު ދަނީ. ގަޑި ޖެހެނީ” ސާރާގެ ވާހަކަތަކަށް ޝަޒަންގެ ފަރާތުން ޖަވާބެއް ނުދީ އަވަހަށް ދިޔައީ ގަޑި ޖެހެން އަދި ތިރީހަކަށް މިިނިޓް ހުއްޓައެވެ. ޝަޒަންގެ އެހަރަކާތުން ސާރާ އަދި އިބްރާހީމް ވެސް އިނީ ހެވިފައެވެ.
ލަތާ ބުނި ބުނުމަކަށް ސިޓިންގްރޫމުގައި މަޑުކޮށްލައިގެން އިން ޒޯހަންއަށް ފެންތައްޓެއް ތަބަކަށް ލައިގެން އައިސް ކުރިމަތީގައި އެހުއްޓުނީ އެހިތުގެ ވެރިޔާއެވެ. ޒޯހަންއަށް ޝިޔާރާގެ މޫނު ފެނުމާއެކު އެހިތަށް ދިރުން ލިބިގެން ދިޔައެވެ. ތަބަށް ޒޯހަންއާއި ދިމާލަށް ކައިރިކޮށްލީ ތިރިއަށް ބަލަހައްޓައިގެން ހުރެއެވެ. ޝިޔާރާގެ މޫނަށް ޒޯހަން ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ. ޝިޔާރާގެ ދިގު އެސްފިޔަތައް ތިރިކޮށްލާފައި ހުރުމުން އެލޯބި ދެލޯ ވެސް ފެންނަ ގޮތެއް ނުވިއެވެ. ޝިޔާރާ ހުރީ އެންމެ ފަހުން ޒޯހަން އަށް ފެނުނު ސިފައިގައެއް ނޫނެވެ. ހަމަ އެބޮޑު ގަޔަށް ދޫ ހެދުމެވެ، ހެދުމުގެ ފަސް ބައިން ތިން ތަނަކުން ފެޅިފައި ހުރި އިރު އިތުރު ތަނަކަށް ރޮދި އަރުވާފައި ހުއްޓެވެ. ހެދުމުގެ އަތް ދިގުކަމުން އަތް ތިލައިން ބައެއް ހުރީ ފޮރުވިފައެވެ. އިސްތަށިގަނޑު ބޮލު މެދަށް ހުޅި ޖަހާ ވާންކޮށްފައި ހުރިއރު މަތިން ހުރީ އޮމާންކޮށްފައެވެ. ޝިޔާރާ ހުރި ގޮތް ފެނުމުން ޒޯހަން ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އިސާހިތަކު ޒޯހަންގެ ލޮލުގެ ކުރިމަތީގައި އެރޭ ޝިޔާރާ ހުރި ގޮތް ސިފަ ކުރެވިގެން ދިޔައެވެ. މީ ހަމަ އެރޭ ޒޯހަންއަށް ފެނުނު އަންހެންކުއްޖާ ބާއޭ ޒޯހަންގެ ހިތަށް އެރިއެވެ. އެކަމަކު މިގޮތަށް މީހުންނަށް ސިފަ ބަދަލުކޮށްގެން އުޅުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ޝިޔާރާ އަބަދު ދެރަވެފައި މިހުންނަ ސަބަބަކީ ކޮބާ ހެއްޔެވެ؟ ޒޯހަން ފެންތަށީގައި ނުހިފާ ގިނަ އިރު ވުމުން ޝިޔާރާ އެސްފިޔަތައް އުފުލާލާ ޒޯހަންއަށް ބަލާލިއެވެ. ޝިޔާރާގެ ހަތަރުކަޅި ޒޯހަން ހުއްޓުމާއެކު ޒޯހަން ހީލެވޭތޯ މަސައްކަތްކުރިއެވެ. ޒޯހަންެއަށް ރައްދު ދިނުމުގެ ގޮތުން ޝިޔާރާ ވެސް ހީލަން ބޭނުމެވެ. ޝިޔާރާ ހީލައިފިނަމަ އޭގެ މާނަ ޒޯހަން އެހެން ގޮތަކަށް ނަގާފާނޭ ހިތައް އެރުމުން ވަތަށް އިސްޖަހާލިއެވެ. ފެންތަށީގައި ޒޯހަން ނުހިފުމުން ޝިޔާރާ ފެންތަށި ބެހެއްޓީ ކައިރީގައި ހުރި ކުޑަ މޭޒުމަތީގައެވެ. ތަބަށް ހިފައިގެން އެނބުރި ދިއުމަށް ހިނަގައިގަތް ޝިޔާރާ އަށް ހުއްޓުމެއް އައީ ޒޯހަން އެކްސްކިއުޒް އޭ ބުނެލުމުންނެވެ. ހުއްޓުނެއް ކަމަކު އެނބުރި ޒޯހަންއަށް ބަލާލާކަށް ޝިޔާރާ ބޭނުމެއް ނޫނެވެ. “މީ…. ވާހަކަދައްކާލަން ބޭނުން” ލަސްލަހުން ޒޯހަން ބުނެލި ޖުމްލަ އިން ޝިޔާރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަނެއްކާ ޒޯހަން މިއުޅެނީ ކީކޭ ކިޔަންބާއެވެ؟ ޝިޔާރާއާ މެދު ހިތްހަމަ ނުޖެހުނީބާއެވެ؟ ވަޒީފާއާމެދު ގޮތެއް ނިންމަނީކަން ޔަގީނެވެ. އިސާހިތަކު ޝިޔާރާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ބާރު ހިނގުމުގައި ގޮސް ބަދިގެއަށް ދެމިގަތީ ޒޯހަން ބުނެލާނެ އެއްޗަކަށް ބެލުމެއް ނެތިއެވެ. ޝިޔާރާ ހިނގާފައި ދިޔަ ފަރި ހިނގުމަށް ބަލަހައްޓައިގެން ހުރުން ނޫން ކަމެއް ޒޯހަންއަށް އެވަގުތު ނުކުރެވުނެވެ.
ބަކުރުގެ އެނބުރި އައުންވީ ޝިޔާރާ ވަރަށް ނާއުއްމީދު ކުރުވި ކަމަކަށެވެ. ބަކުރުގެ ގައިގޯޅިވުންތަކާއި އިތުރަށް ކުރިމަތިލާނެހާ ހިއްވަރެއް ޝިޔާރާއަށް ލިބިގެނެއް ނުވެއެވެ. އެކަމަކު ޝިޔާރާ ކިތަންމެ ވަރަކަށް ކިޔަސް ބަކުރު އެއަށް އިޖާބަދޭނެ ހެއްޔެވެ؟ ހަމަ އެވޭންތައް ތަކުރާރުވީއެވެ. ބަކުރަށް އަރާމު ވިޔަސް ޝިޔާރާ ކުރިމަތިލީ އިންތިހާ ދަރަޖައިގެ ވޭނާއެވެ. މިރޭ ބަކުރު ނިދަންވެސް ބޭނުން ނުވާ ރެއެކެވެ. މި ޝައިތާނާގެ ހިތް ފުރޭނީ އަހަރެން މިހެން އޮވެ ފުރާނަ ހަށިގަނޑާއި ވަކިވީމަ ބާއޭ ޝިޔާރާގެ ހިތަށް އެރިއެވެ. ބަކުރުގެ ބޭނުން ފުދުމާއެކު ޝިޔާރާއަށް ބަކުރަށް ބަލާލެވުނީ ޝަކުވާގެ ނަޒަރަކުންނެވެ. ބަދަލުގައި ބަކުރުގެ ޖަވާބަކަށްވީ މިހުރިހާ ދުވަހު ދޫނި ނެތްކަމުގެ އިހުސާސް ވަރަށް ބޮޑަށްވި ކަމަށެވެ. އެހެން އޮވެ ބަކުރު ނިދުމުން ހަށިގަނޑުގައި ވަރު ނެތިފައި އޮތް ޝިޔާރާ ތެދުވެގެން ގޮސް ފާހާނާއަށް ވަދެ ފެންވަރައިގެން ނިކުމެ މުސައްލަ ފަތުރާ ނަމާދަށް ތއެރިއެވެ. އަދި ކުޅަދުންވަންތަ ރަސްކަލާނގެއަށް ދެރަކްޢަތް ނަމާދެއް ކޮށް ދެއަތް އުފުލާ ރޮއެފާ ދުޢާ ކުރީ މިއަނިޔާ އިން ސަލާމަތްކޮށްދެއްވުން އެދިއެވެ. މިއަދު ޝިޔާރާއާއި އެކުވާ ފަރާތަކީ އެކަލާނގެއެވެ. އަޅުން ކުރާ މަސައްކަތަށް ކާމިޔާބު ދެއްވާ ފަރާތަކީ އެއީއެވެ.
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އެނދުގައި ނުނިދިފައި އޮތް ޒޯހަން ސިހުނީ ވައިބަރ މެސެޖްޓޯން ކަންފަތުގައި ޖެހުމުންނެވެ. ޝިޔާރާގެ ހިޔާލުތަކުގެ ތެރެއަށް ގެއްލި ހުސްވެފައި އޮތް ޒޯހަން ސިހުނު ވަރުން މޭގައިވެސް ރިއްސާލިއެވެ. ފޯނު ނަގާ ބަލާލިއިރު ޝިފްނީ މެސެޖް ކޮށްލާފައި އޮތެވެ. ޒޯހަން ފޯމުގައި އިން ގަޑި ބަލާލީއިރު މެންދަމު ތިނެއް ޖަހަނީއެވެ. ބޮއްތަގެ ބޭބީގަނޑު މިދަންވަރު ނުނިދާ ކީއްކުރަނީބާއޭ ޒޯހަންގެ ހިތަށް އެރިއެވެ. ޒޯހަން ވެސް ޝިފްނީގެ މެސެޖަށް ނުނިދޭ ކަމަށް ޖަހާލާފައި މެސެޖް ކޮށްލިއެވެ. “ކާކު މަތިން ނުނިދާ އޮވެ ހަނދާންތިކުރަނީ. އަނެއްކާ ޝިނީތަ” ނޫން ކަމަށް ހަދާފައި ޝިނީ ބަޔާންކުރީ ޝިނީގެ ހިތުގެ ހާލެވެ. “ހަމަ ވެދާނެއްނު ޝިނީބޭބީ ކަމަށް ވެސް” ޒޯހަން މަޖަލަކަށް ސަމާސާކޮށްލިއެވެ. ހިތާމައަކީ ޒޯހަންގެ މިސަމާސާގެ މާން ޝިފްނީ މުޅީން އެހެން ގޮތަކަށް ނެގިކަމެވެ. “ސޯސްވީޓް. ތިހެން ވާނެނަމަ އަޅެ. ޝިނީ މިއުޅެނީ ޒޯން މިސްވާތީ ހަމަ ރަނގަޅަށް ވެސް. ބަލާބާ މޫން. މިރޭ ވަރަށް ރީތި ދޯ. ފުލްމޫން އެއް” ޝިފްނީ މެސެޖް ފޮނުވާލިއެވެ. “ހޫމް… މިރޭ ހަނދު ވަރަށް ރީތި. އެކަމު ހަނދަށް ވުރެ ޝިނީ މާރީތި” ޒޯހަން ފަރިތަ ކަމާއެކު އަވަސްއަވަހަށް މެސެޖް ޓައިޕް ކުރުމަށްފަހު ސެންޑް ކޮށްލިއެވެ. ކޮޓަރީގެ އެއްކޮޓަރި ހުޅުވައިގެން ހުރި ޝިފްނީއަށް ޒޯހަންގެ މެސެޖް ކިޔާލުމަށްފަހު ޑްރެސިންގްޓޭބަލް ކުރިމައްޗަށް ހުއްޓުނެވެ. އަމިއްލަ ސޫަރައަށް ބަލާލީ އެކަމަށް ފަހުރުވެރިވަމުންނެވެ. “ރިއެލީ. ޒޯން މިރޭ ހާދަ ލޯބިކޮށްނޭ ވާހަކަ ތިދައްކަނީ. ޒޯން ކޮންއިރަކުން ޝިނީ ގޮވައިގެން ޑޭަޓަކަށް ދާނީ. ޒޯން އާއި ވާހަކަދައްކަން ވަރަށް ބޭނުން. ޒޯން ކިހާވަރަކަށް ޝިނީ ތަޅުވަން ތިއުޅެނީ” ޝިފްނީގެ މެސެޖްތައް ކިޔާލުމާއެކު ޒޯހަންގެ ބޮލުގައި ރިއްސާލިއެވެ. އަނެއްކާ ޝިނީ ގޯސް ގޮތަކަށް ދެކުނީ ކަންނޭނގެއެވެ. އަވަސްއަވަހަށް ޖަސްޓް ކިޑިންގ ޖަހާލާފައި މެސެޖް ކޮށްލިއެވެ. އަދި ހަމައެއާއެކު ޝިފްނީ ރުޅި އަރުވާލުމުގެ ގޮތުން ބޭބީ ކުދިންނަކީ އަބަދުވެސް ވަރަށް ލޯބިކޮށް ތިބޭ ކުދިންކަމުގައި ބުނެލިއެވެ. ޒޯހަންއަށް ނޭނގުނީ ނޭނގިނަމަވެސް ޒޯހަންއަށް ޝިފްނީގެ ހިތުގައި ޖެއްސުނު ކަމެވެ. ޒޯހަންއަޓަކައި ޝިފްނީގެ ހިތް މޮޔަވެފައިވީ ކަމެވެ.
ޝިޔާރާގެ ހަށިގަނޑަށް އިތުރު ވޭންތަކެއް ދިނުމަށްފަހު އަނެއްކާ ވެސް ބަކުރު ފުރައިގެން އޭނާގެ ކުދިން ތިބޭ ރަށަށް ދިޔައީީ ބޮޑު ދަރިފުޅު މީހަކާއި އިންނަން އުޅޭތީއެވެ. ބަކުރުގެ ކޮޓަރީގައި އެންމެ ވަގުތު ކޮޅެއްވެސް މަޑުކުރަން ބޭނުންނުވާތީ ޝިޔާރާ ނިކުމެގެން ގޮސް ވަނީ ހާލާގެ ގެއަށެވެ. އެގެއަކީ މާގިނަ މީހުން އުޅޭ ގެއަކަށް ނުވާތީ އެގޭ ކޮންމެ މީހަކީ ހާލާ ފަދައިން ޝިޔާރާއަށް ކަމޭހިތާ މީހުން ކަމަށްވާތީ އެގެއަށް ވަދެ ހަދަން ޝިޔާރާ ޖެހިލުމެއް ނުވެއެވެ. ހާލާ ގޭގައި ނޫޅޭތީ ހާލާގެ މަންމަ އަރޫޝާ ކައިރީގައި އަހާލުމުން ވީ ފިހާރައަކަށް ގޮށްސަ ކަމުގައި ބުނުމުން ހާލާގެ ކޮޓަރީގައި ޝިޔާރާ މަޑުކޮށްލިއެވެ. ހާލާ ކޮޓަރިއަށް ވަންއިރު ހުރީ ފޯނުން ވާހަކަދައްކާށެވެ. ތުންފަތްމަތީގައިވި ހިނިތުންވުން އަންގައިދެނީ ވަރަށް ހާއްސަ ފަރާތަކާއި ހާލާއާއި ގުޅިފައިވާކަމެވެ. ހާލާ ފެނުމުން ޝިޔާރާ ހާލާގެ ގައިގާ ބައްދާލީ އުފަލުންނެވެ. ހާލާ އެހުމުން ޝިޔާރާ ބުނީ އަނެއްކާ ވެސް ބަކުރު ފުރީ ކަމުގައެވެ. ހާލާ އެދުނު ފަދައިން ރޭގައި ބަކުރު ނިދިފަހުން އެއްކަލަ ފޮށި ހުޅުވަން އުޅެނިކޮށް ވަރަށް އަނިޔާ ކުރިކަމުގައި ބުނިއިރު ހުރީ ރޮވިފައެވެ. އަދި އެވަރުން ނުފުދިގެން އޭނަ ހިތްފުރޭވަރަށް އެއްވެސް ރަހުމެއްނެތި ޝިޔާރާގެ ހަށިގަނޑުން އުފާ ހޯދުމަށްފަހު ދޫކޮށްލީ ފަތިސްނަމާދަށް ވެސް ގޮވި ފަހުން ކަމުގައި ބުންޏެވެ. އެކުވެރިޔާއަށްޓަކައި ހާލާގެ ހިތް ރަހުމުން ފުރުނެވެ. ހާލާގެ ދެލޯ ކަރުނަ ފައިބާގަތުމާއެކު ބައްދާލެވުނީ ޝިޔާރާގެ ގައިގައެވެ. ޝިޔާރާ ހަމަޖެއްސުމަށްފަހު އެނދުގައި ބައިންދާ ފެންތައްޓެއް ދިއްކޮށްލިއެވެ. އެއަށްފަހު ހާލާގެ ހަޔާތުގައި ދިމާވެފައިވާ ހުރިހާ ވާހަކަތަކެއް ޝިޔާރާއަށް ކިޔާދިނެވެ. އަދި ހާލާާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޝަޒަން ކިޔާ ކުއްޖަކާއި ކަމަށާއި ވަރަށް އަވަހަށް ކައިވެނިކުރާނަމޭ ވެސް ބުންޏެވެ. ކައިވެނިކޮށްގެން ދިރިއުޅުން އެހެން ގެއަކަށް ބަދަލުވީ ކަމުގައި ވިޔަސް ޝިޔާރާއާއި ގުޅުމަށް ހީނަރުކަމެއް ނާންނާނެ ކަމުގައި ބުނީ ހެވިލާފައެވެ. ހާލާ އެންމެ އުފާވީ ޝިޔާރާގެ ފަރާތުން ޝަޒަން އެއީ ކާކުކަން އެނގުނީމައެވެ. ކައިވެނިކޮށްގެން ދެވެން މިއުޅެނީ އެކުވެރިޔާ ދާދި ކައިރިއަށްކަން އެނގުމުން ޝިޔާރާގައިގާ ބައްދާލެވުނެވެ.
ނުނިމޭ
4 Comments!
Comments are closed.
haii ushaali .. stry vrh habbu inge .. nukulhedhey kuhjeh viyyaa bodu lolakaa red lips akaa obi body akaa innan waane .. alhe hurihaa kidhin e gotheh nuvaanennu .. hadi kuhjeh viyaa loabi libun haraan .. kyhkuraany dhw adhuge haalathhh ..dhuniyeyga aadha dhw .. mi xamaanuga ulhey boys ge vahtharu
yeyyy me first dhwla
Wowww ……whn next part
Varah reethi mi part ves