Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިތުބާރު ގެއްލުވާ ނުލާ…13

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
January 11, 2016 9 Mins Read
17 Comments

ކެބިންގެ ދޮރު ހުޅުވާލާފައި ނީނާ އެތެރެއަށް ވަނީ އެވަގުތުއެވެ. ނީނާއަށާ ރާއިފްއަށް އެކަކު އަނެކަކު ފެނުނީ އެއް ފަހަރާއެވެ. ނީނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ރާއިފް ޝައުނާގެ ކޮނޑުގައި ހިފާ ދުރަށް ކޮއްޕާލިއެވެ. ޝައުނާއަށް ނީނާ ފެނުނީ އެވަގުތުއެވެ.

“ޓަކި ޖަހާލާކަށްވެސް ނޭނގޭތަ؟” ޝައުނާ ނީނާއާ ދިމާއަށް ބުންޏެވެ.

“ނިކުމޭ މިތަނުން…” އައި ރުޅީގައި ނީނާއަށް ބުނެވުނެވެ.

“އަހަރެންތަ…؟ ރާއިފް…” ޝައުނާ އެއްޗެއް ބުނަން އުޅެފައިވެސް ރާއިފްއާ ދިމާއަށް ބަލާލީ ޝައުނާގެ ދިފާއުގައި ރާއިފް އެއްޗެއް ބުނާނެ ކަމަށް ހީކޮށެވެ.

“ޝައުނާ، އައުޓް…” ރާއިފް ބުނެލީ ހަމަ އެކަނި އެހެންނެވެ.

ޝައުނާ ރުޅި އައިސްގެން ނީނާއަށް ބަލާލާފައި ނިކުތެވެ.

 

ނީނާ އޭރު ހުރީ އެއްޗެއް ބުނެވޭ ވަރަށް ވުރެ ރުޅި އައިސްފައެވެ. ކުޑަ އިރުކޮޅެއް ކުރިން ހިތުގައި އެނބުރުނު ހުރިހާ ހިޔާލެއް ފޮހެވުނެވެ. ރާއިފްއާ ޝައުނާ އެކީގައި ތިބި މަންޒަރު ސިކުނޑީގައި ހަރުލާފައި ހުއްޓެވެ.

“ނީނާ—” ރާއިފް ގޮވާލިއެވެ. ނަމަވެސް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން ނީނާ ގޮސް ރާއިފްގެ މޫނުމަތީގައި ޖެހިއެވެ. އަދި ދާން އެނބުރުނެވެ.

“ނީނާ…!” ރާއިފް ނީނާގެ އަތުގައި ހިފެހެއްޓިއެވެ. ނީނާ ރާއިފްގެ އަތުގައި ޖަހާލިއެވެ.

“މިފަހަރު ރާއިފް ބުނާނީ ކީކޭ؟ ކޯޗެކޭ ކިޔާފަ ދެން އޮޅުވާލާނީ؟” ނީނާ އަހާލިއެވެ. އަދި ޖަވާބަކަށް އިންތިޒާރު ނުކޮށް ނިކުމެގެން ދިޔައެވެ. އަތުގައި އޮތް ސިޓީއުރަ ވެއްޓުނު އިރުވެސް ނީނާއަކަށް ނޭނގުނެވެ.

 

“ޝިޓް! ޝިޓް! ޝިޓް!!!” ބުނެވުނު ކޮންމެ ބަހަކާ އެކީ ރާއިފް މޭޒުމަތިން ކޮންމެވެސް އެއްޗެއްގައި ޖަހާ ވައްޓާލިއެވެ. ތިން ހަފްތާ ވަންދެން ކުރި މަސައްކަތް ސޭވް ކޮށްފައި އިން ލެޕްޓޮޕް ވެއްޓި ބައިތައް ވަކިވިއެވެ. ނަމަވެސް އެކަން ރާއިފްއަށް ބޮޑު ކަމަކަށް ނުވެއެވެ. މިފަހަރު ނީނާ ގާތު އަމިއްލަ ދިފާއުގައި ބުނާނެ އެއްޗެއް ރާއިފްގެ ވިސްނުމަކަށް ނައެވެ. ހިތުގައި ހަރުލާފައި ހުރީ އެމަންޒަރު ފެނުނު ވަގުތު ނީނާ ބަލަން ހުރި ގޮތެވެ.

ކެބިން ތެރޭގައި އެއްޗެހިތައް ހަލާކު ވެފައި ހުރިތަން ބަލަން ނުހުރެ ރާއިފް ނިކުމެ ބޭރު ބަލާލިއެވެ. އޭރު ނީނާ ފެންނާކަށް ނެތެވެ. ރާއިފް އަނެއްކާވެސް ކެބިންއަށް ވަނެވެ. ރިސެޕްޝަން ކައިރީ ހުރި ޝައުނާ ރާއިފްގެ ފަހަތުން އެތެރެއަށް ވަނެވެ.

“އެއީ ރާއިފްގެ ސެކްރެޓަރީ ދޯ؟ އޭނަ ހާދަހާ—” ކެބިން ތެރެއަށް ބަލާލަމުން ޝައުނާއަށް ބުނެވުނީ އެވަރަށެވެ.

“އެއީ މަގޭ އަންހެނުންނޭ… ޝީ އިޒް މައި ވައިފް!” ރާއިފް ހަޅޭ ލަވައިގަތެވެ.

ޝައުނާ ބުނާނެ އެއްޗެއް ނޭނގިފައި ރާއިފްއަށް ބަލަން ހުއްޓެވެ.

ރާއިފް މޭޒުމަތީ އޮތް ފޯނު ހިފައިގެން ނިކުތެވެ.

 

ނީނާ ގެޔަށް ދިޔަ ގޮތަށް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ރޯން ފެށިއެވެ. ފަނަރަ މިނެޓް ފަހުން ރާއިފް އައި އިރުވެސް ނީނާ އޮތީ ރޯށެވެ. ރާއިފް ނީނާ ކައިރީ އިށީނެވެ.

“ނީނާ…” ރާއިފް ނީނާގެ ބުރަކަށީގައި އަތް ޖައްސާލާފައި ގޮވާލިއެވެ.

ނީނާ ރާއިފްގެ އަތް ދުރަށް ޖައްސާލިއެވެ.

“ނީނާ… ސޮރީ…” ރާއިފް ބުންޏެވެ.

ނީނާ ތެދުވެ ލޯފޮހެލާފައި ރާއިފްއަށް ބަލާލިއެވެ.

“ތިކަން ކުރާތީ ދޯ އެހާ ފަސޭހައިން އަހަރެން ދޫކޮށްލާފަ ހުރީ؟ މީ ދޯ ބަދަލު ހިފަން ފެނުނު ގޮތަކީ؟” ނީނާ އަހާލިއެވެ.

ރާއިފް ބޯ ހަލުވާލިއެވެ.

“އަހަރެން ކޮން ކަމެއްތަ ރާއިފްއަށް ކޮށްނުދެނީ؟ ރާއިފް ނުރުހޭ ގޮތަކަށް އަހަންނަށް ކޮން ކަމެއްތަ ކުރެވުނީ؟ ރާއިފް އަހަންނަށް އެހެން ހެދި އިރުވެސް އަހަރެން އެއްވެސް އެއްޗެއް ނުބުނަން، އަހަންނަށް އެހާ ވަރަށް އޮޅުވާލީމަވެސް އަހަރެން ރާއިފްއަށް މާފު ކުރިން، އެއްވެސް މީހެއް ކައިރީ އެއްވެސް ވާހަކައެއް ނުބުނަން… ކިހާ ވަރަކަށްތަ އަހަރެން ރާއިފް ދެކެ ލޯބި ވާންވީ؟ ރާއިފް އަހަރެން ދެކެ ލޯބި ނުވާކަން އަހަންނަށް އެނގެޔޭ، އެކަމަކު ރާއިފްއަކަށް ނޭނގޭތަ އަހަރެން ލޯބި ވާވަރެއް؟” ނީނާ ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ.

ރާއިފް އިސް ޖަހާލިއެވެ. ނީނާ އެދެއްކީ މުޅިންވެސް ތެދު ވާހަކަ ކަން ރާއިފްއަށް އެނގެއެވެ. ނަމަވެސް ނީނާގެ އެއްވެސް ސުވާލަކަށް ދޭނެ ޖަވާބެއް ރާއިފް އަކަށް ނޭނގުނެވެ. ނީނާ ރާއިފް ދެކެ ލޯބި ވާކަމާ މެދު ރާއިފްގެ ހިތުގައި ޝައްކެއް އޮތް ނަމަ މިއަދު އެޝައްކުވެސް ފިލައިފިއެވެ.

 

“އަހަރެން ހީކުރީ އަހަރެން ދެކެ ލޯބި ނުވިޔަސް ރާއިފް އަހަންނާ އެކީ އުޅެން ނިންމީ ކަމަށް… އަހަންނަށް އަނތްބެއްގެ މަގާމު ދިނީ ރާއިފްވެސް އެހުރިހާ ކަމެއް ހަނދާން ނައްތާލާފަ ކަމަށް…” ރާއިފް އެއްޗެއް ނުބުނުމުން އަނެއްކާވެސް ވާހަކަ ދެއްކީ ނީނާއެވެ.

“ރާއިފް އެހެން ގޮތެއް ބޭނުން ވާއިރު ކީއް ކުރަން އަހަރެން އެހާ ގާތް ކުރީ؟ ކީއް ކުރަން އަހަރެން އަނެއްކާވެސް ރާއިފްއަށް އިތުބާރު ކުރިޔަ ދިނީ؟ އޭރު ހުރިހެން އަހަރެން ދުރުގަ ބެހެއްޓިނަމަ—” ނީނާ އިތުރަށް ނުބުނެ ހުއްޓާލިއެވެ.

“އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަން ރޭގަނޑު އަހަރެން ކައިރީ އޮވެފަ ރާއިފް ދުވާލު އެހެން މީހެއް ކައިރިއަށް ދާނެ ކަމަކަށް. މިއަށް ވުރެ ބޮޑު ދެރައެއް ދެން ރާއިފްއަށް އަހަންނަށް ދެވޭނެތަ؟” އިސް އުފުލާ ރާއިފްގެ މޫނަށް ބަލާލާފައި ނީނާ އަހާލިއެވެ.

ދެންވެސް ރާއިފް އެއްޗެއް ނުބުނެ އިނީއެވެ.

 

“އަހަރެން ދުވަހަކުވެސް ރާއިފް ކައިރިން ކަމަކު ނޭދެން… އެކަމަކު މިއަދު އަހަރެން ވަރަށް ބޮޑު ކަމަކު އެދޭނަން… އަހަރެން ވަރަށް ކެތް ކޮށްފިން… ދެން ނުވާނެ، މިހާރު ރާއިފް ހިތްހަމަ ޖެހޭ ވަރު ވެދާނެހެން އަހަންނަށް ހީވަނީ… އަހަންނަށް އެނގޭ އަހަރެން ބުނިން ކަން ރާއިފް ބޭނުން ދުވަހެއް ވަންދެން އަހަރެން އެއްޗެއް ނުބުނެ ހުންނާނަމޭ، އެކަމަކު ދެން އަހަންނަކަށް ނުވާނެ… ރާއިފްއަށް ބޮޑު ކަމެއް ނޫން މީކީ، ޕްލީޒް… އަހަރެން ވަރިކޮށްދީ” ނީނާ ބުންޏެވެ.

ރާއިފް ނީނާއަށް ބަލާލިއެވެ. ނަމަވެސް އެއްޗެއް ނުބުންޏެވެ.

“އެވަރުވެސް ކޮށެއް ނުދެވޭނެތަ؟ ނޫނީ އަދިވެސް ރާއިފް ހިތް ފުރޭ ވަރު ނުވަނީތަ؟” ނީނާ އަހާލިއެވެ.

ރާއިފްއަށް އެވަގުތު ނީނާއަށް ވިސްނާދޭނެ ގޮތެއް ނޭނގުނެވެ. ނީނާގެ އެ އެދުން ފުރިހަމަ ކޮށްދޭކަށް ރާއިފް އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ނީނާއާ ވަކިވުން އެއީ ރާއިފްއަށް ކުރެވޭނެ ކަމެއް ނޫނެވެ. ނީނާ ބުނި ހެން އެނޫނީ ނީނާ ރާއިފް ގާތުން އެއްވެސް ކަމަކު ނޭދެއެވެ. ނީނާ ފުރަތަމަ އެދުނު އެދުން ވެސް ރާއިފްއަށް ފުރިހަމަ ކޮށްދެވޭކަށް ނެތެވެ.

“ތިނޫން ކޮންމެ ކަމެއް އެދުނު ނަމަވެސް އަހަންނަށް ކޮށްދެވުނީސް ކަންނޭނގެ… އެކަމަކު ތިކަމެއް ނުވާނެ” ރާއިފް ބުންޏެވެ. އަދި ކޮޓަރިން ނިކުމެގެން ދިޔައެވެ.

އެއިން ގޮތަށް އިނދެ މޫނުގައި އަތް އަޅައިގެން ނީނާ އެތައް އިރެއް ވަންދެން ރުޔެވެ. އެންމެ ފަހުން ތެދުވެގެން ގޮސް ދެދުވަހަކަށް ބޭނުން ވާނެ އެއްޗެހި ކުޑަ ދަބަހަކަށް އަޅައިގެން އެއްވެސް މީހެއް ގާތު ނުބުނެ ލަމްޔާމެން ގެޔަށް ދިޔައެވެ.

 

ނީނާ ހުރި ގޮތް ފެނުމުން ލަމްޔާއަށް ހުރިހާ ކަމެއް ރަނގަޅު ނޫން ހެން ހީވިއެވެ. ލަމްޔާ ނީނާގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބައިންދާފައި ސުވާލު ކުރަން ފެށިއެވެ.

ލަމްޔާ ސުވާލު ކުރުމާ އެކީ ނީނާއަށް ރޮވުނެވެ. އެދުވަހު ފުރަތަމަ ފަހަރަށް ނީނާ ހުރިހާ ވާހަކައެއް އެހެން މީހަކަށް ކިޔާދިނެވެ. އެހުރިހާ ދުވަހު ހިތުގައި ފޮރުވައިގެން އުޅުނު ހުރިހާ އެއްޗެއް ލަމްޔާއަށް ކިޔާދިނެވެ. ނުބުނެ ހިތުގައި ފޮރުވީ އެންމެ ކަމެކެވެ.

ގަޑިއެއްހާ އިރު ފަހުން ނީނާގެ ފޯނަށް ރާއިފް ގުޅިއެވެ. ފޯން ބަލާލާފައި ނީނާ ފޯން ކަނޑާލިއެވެ. އަނެއްކާވެސް ރާއިފް ގުޅިއެވެ. ނީނާ ކޮންމެ ފަހަރަކުވެސް ރާއިފް ގުޅުމުން ފޯން ކަޑާލައެވެ.

 

ރާއިފް ގެޔަށް އައި އިރު ނީނާ ގޭގައި ނެތުމުން ފަނަރަ ވަރަކަށް މިނެޓް މަޑުކޮށްލާފައި ނީނާ ނައުމުން ރާއިފް ނީނާއަށް ގުޅިއެވެ. ކޮންމެ ފަހަރަކުވެސް ނީނާ ފޯން ކަޑާލާތީ ނީނާ ރާއިފްއާ ވާހަކަ ދައްކަން ބޭނުން ނުވާކަން ރާއިފްއަށް ވިސްނުނެވެ. ނީނާ އެދިޔަ ތާކަށް އެދިޔައީ ރާއިފްއާ ދުރަށް ދާން ކަންވެސް ރާއިފްއަށް ވިސްނުނެވެ.

“ލަތާ، ނީނާ ދިޔަ ތަނެއް އެނގޭތަ؟” ބަދިގެޔަށް ބޯ ދިއްކޮށްލާފައި ރާއިފް ލަތާއާ ސުވާލު ކޮށްލިއެވެ. ލަތާ ބޯ ހަލުވާލީ ނޭނގެއޭ ބުނުމުގެ ގޮތުންނެވެ. ރާއިފް ފޯން ނަގާ އަނެއްކާވެސް ނީނާއަށް ގުޅާލިއެވެ. ނަމަވެސް މިފަހަރުވެސް ނީނާ ފޯނެއް ނުނެގިއެވެ. ރާއިފް ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެފައި ނީނާ ދާނީ ކޮންތަނަކަށްތޯ ވިސްނާލިއެވެ. އިރުކޮޅެއް ފަހުން ކުއްލިއަކަށް ރާއިފް ތެދުވީ ނީނާ ދާނެ ތަނެއް ވިސްނުމުންނެވެ.

 

ނީނާ ދެއްކި ވާހަކަ އަޑު އަހާފައި ލަމްޔާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރާއިފް އުޅުނު ގޮތުން އެއީ ތެދެއް ކަމަށް ގަބޫލު ނުކުރެވިފައެވެ.

ގިނަ އިރެއް ނުވެ އާޒިމް ގެޔަށް އައެވެ. އެގޭގައި ނީނާ އިންދާ ފެނުމުން އާޒިމް ނީނާއަށް ގޮވާލިއެވެ. ނަމަވެސް އެވަގުތު ނީނާ ފެނުމުން އާޒިމްއަށްވެސް ކޮށްލެވުނީ ސުވާލެކެވެ.

“ކިހިނެއްވީ؟” އާޒިމް އަހާލިއެވެ.

“ރާއިފްގެ ހަގީގަތް އެނގުނީ ނީނާއަށް…” ލަމްޔާ ބުންޏެވެ.

“ކީކޭ ތިބުނީ؟” އާޒިމް އަހާލިއެވެ.

ލަމްޔާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އާޒިމްގެ ކޮއްކޮ އައިސް ރާއިފް އައި ވާހަކަ ބުންޏެވެ.

“އާޒިމް ޕްލީޒް… އަހަރެން މިގޭގަ ހުރި ވާހަކަ ނުބުނާތި” ނީނާ އަވަސް އަވަހަށް ބުންޏެވެ.

“ކިހިނެއްތަ ވެގެން ތި އުޅެނީ؟” އާޒިމް އަހާލިއެވެ.

“ރާއިފްއަށް ނޭނގި އަހަރެން މިއައީ… އަހަރެން ބޭނުމެއް ނޫން ދެން އެގެޔަށް ދާކަށް” ނީނާ ބުންޏެވެ.

“އެކަމަކު… ރާއިފްއަށް އެނގޭނެ ނީނާ އަންނާނީ މިގެޔަށް ކަން” އާޒިމް ބުންޏެވެ.

“ޕްލީޒް…” ނީނާ އެދުނެވެ.

“އާޒިމް…؟” އެވަގުތު ދޮރުގައި ޓަކި ޖަހާލާފައި ރާއިފް ގޮވާލި އަޑު އިވުނެވެ.

“ބުނޭ އަހަރެން މިގެޔަކަށް ނާދެޔޭ…” ނީނާ ބުންޏެވެ. އަދި ލަމްޔާގެ އަތުގައި ހިފައިގެން ފާހާނާއަށް ވަނެވެ.

“ލަމް ހޯދައިފިއްޔާ ބުނޭ ފާހާނާގައޭ” ދޮރު ލައްޕާލުމުގެ ކުރިން ނީނާ ބުންޏެވެ.

 

ދެވަނަ ފަހަރަށް ރާއިފް ގޮވާލިއެވެ. އާޒިމް ގޮސް ދޮރު ހުޅުވާލިއެވެ.

“ނީނާ އައިތަ؟” އެތެރެއަށް ވަދެފައި ރާއިފް އަހާލިއެވެ.

“ނޫން…” ފާހާނާއަށް ބަލާލާފައި އާޒިމް ބުންޏެވެ.

“ލަމް ކޮބާ؟” ރާއިފް އެހިއެވެ.

“ފާހާނާގަ…” އާޒިމް ޖވާބު ދިނެވެ.

“ގޮވާފަ އަހާލަބަލަ ނީނާ ގުޅިތޯ؟” ރާއިފް ބުންޏެވެ.

“ރާއިފް…” އާޒިމް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެއަށް ވުރެ ކުރިން ރާއިފް ގޮސް ފާހާނާ ކައިރީ މަޑުކޮށްލިއެވެ.

“ލަމް؟ ނީނާ ގުޅިތަ؟” ރާއިފް އަހާލިއެވެ.

“ނުގުޅާ…” ލަމްޔާ ބުންޏެވެ.

ރާއިފް ނިކުންނަން ދިޔައެވެ. ނަމަވެސް ދޮރާ ހަމައަށް ގޮސްފައި އެނބުރި ބަލާލިއެވެ.

“އާޒިމް، ނީނާ އަޔަސް، ގުޅިޔަސް އަހަންނަށް އަންގާލައްޗޭ…” ރާއިފް ބުންޏެވެ.

“އާނ… އެކަމަކު އިހަށް ވީ ގޮތެއް ބުނެބަލަ…” އާޒިމް ބުންނެވެ.

“ފަހުން ކިޔާދޭނަން” ނިކުތުމުގެ ކުރިން ރާއިފް ބުންޏެވެ.

 

ރާއިފް ދިޔުމުން އާޒިމް ލަމްޔާއަށް ގޮވިއެވެ.

“ކިހިނެއްތަ ވެގެން މި އުޅެނީ؟ އަހަރެން ލައްވާ އެވަރުގެ ދޮގެއް ހެދީ ކީއްވެގެންތަ؟” އާޒިމް އަހާލިއެވެ.

ލަމްޔާ ހުރިހާ ވާހަކައެއް އާޒިމްއަށް ކިޔާދިނެވެ. ލަމްޔާ ދެއްކި ވާހަކަ އަޑު އަހާފައި އާޒިމްއަށް ވީ ލަމްޔާއަށްވެސް ވީގޮތެވެ.

“އެކަމަކު ތިހެން ރާއިފްއަށް ނޭނގި އައުން ރަނގަޅެއް ނުވާނެ ނީނާ… ދެމީހުން ވާހަކަ ދައްކައިގެނެއްނު ތި މައްސަލަ ހައްލު ވާނީވެސް؟” އާޒިމް ބުންޏެވެ. ނީނާ އެއްޗެއް ނުބުނެ ރޯން އިނެވެ.

“އާޒިމް ތި ބުނަނީ އަދިވެސް ނީނާ ރާއިފް ކައިރިއަށް ދާށޭތަ؟” އާޒިމް އެހެން ބުނުމުން ލަމްޔާއަށް އާދެވުނީ ރުޅިއެވެ.

“އަހަރެން ތިހެންނެއް ނުބުނަން. ދެންމެ ރާއިފް އުޅުނު ގޮތް އަހަރެން ދެކުނިން، އެގޮތަށް ސުވާލެއް ނުކުރާނެ އޭނަ ނީނާ ދެކެ ލޯބި ނުވާ ނަމަކާ” އާޒިމް ބުންޏެވެ.

“އަހަންނަކަށް ގަބޫލެއް ނުކުރެވޭނެ ދެނެއް، ކުރިން ކަންތައް ވީ ގޮތާ، މިއަދު އަހަންނަށް ފެނުނު މަންޒަރުން ތީ ތެދެއް ކަމަކަށް ގަބޫލެއް ނުކުރެވޭނެ” ނީނާ ބުންޏެވެ.

“އަހަންނާ ދޭތެރޭ ރާއިފް ކުޑަކޮށްވެސް ވިސްނާނަމަ މިއަދު އޭނަ އޮފީސް ތެރޭ އެކަމެއް ނުކުރީސް… އެންމެންނަށް އެނގުނަސް ހެޔޮ ކަމަކަށްނު އެތާ އެހެން އެއުޅެނީ؟ އަހަންނަށް އެނގުނަސް ހެޔޮ ވީމައެއްނު؟” ނީނާ ލޯ ފޮހެމުން ބުންޏެވެ.

“ތީ ވެދާނެ ތެދަކަށްވެސް، އެކަމަކު—” އާޒިމް އެއްޗެއް ބުނަން އުޅުނެވެ.

“ދެން ހެޔޮ… ތިގޮތަށް އާޒިމް ވާހަކަ ނުދައްކާ. އާޒިމް ރާއިފްއާ އެއްކޮޅަށް ހުއްޓަސް ހެޔޮ، އެކަމަކު ނީނާ ރާއިފް ކައިރިއަށް ދާށޭ ދެން ނުބުނާތި” ލަމްޔާ ރުޅި އައިސްގެން ބުންޏެވެ.

“އަހަރެން ރާއިފްއާ އެއްކޮޅަށް ހުރީކީ ނޫނޭ، އަހަރެން މިއުޅެނީ ތިކަން ހައްލު ވާނެ ގޮތެއް ވޭތޯ ބަލަން” އާޒިމް ބުންޏެވެ.

“ގޮތެއް ނިންމާނީ ނީނާ. އޭނަ ވިސްނާފަ ގޮތެއް ނިންމަން ދެން މިގޭގަ ހުންނާނީ” އާޒިމްއާ ދިމާއަށް ބަލާލާފައި ލަމްޔާ ބުންޏެވެ.

“އެންމެ ރަނގަޅު، ނީނާއަށް މިގޭގަ ހުރެވިދާނެ ނީނާ ބޭނުން ދުވަހެއް ވަންދެން، ހެޔޮ ކިތަންމެ ދުވަހަކު ހުއްޓަސް. އެކަމަކު މިގޭގަ ހުރި ކަން ރާއިފްއަށް އަންގަން ވާނެ” އާޒިމް ބުންޏެވެ.

“އަހަރެން ބޭނުމީ ރަށަށް ދާން” ނީނާ ބުންޏެވެ.

“ނީނާ ބޭނުމިއްޔާ ރަށަށްވެސް ދެވިދާނެ. ނީނާ ބުނެފިއްޔާ އަހަރެން ހިނގައިދާނަން ނީނާ ރަށަށް ގެންގޮސް ދޭންވެސް. އެކަމަކު އަހަރެން މިބުނަނީ އިހަށް ރާއިފްއާ ވާހަކަ ދައްކާފަ ގޮތެއް ނިންމާށޭ” އާޒިމް ބުންޏެވެ.

 

ރާއިފް ގެޔަށް ދިޔަ އިރު ނިޒާރުވެސް ގޭގައި އުޅެއެވެ.

“ލަތާ ބުނި ނީނާ ދިޔަ ތަނެއް ނޭނގިގެން ރާއިފް އުޅުނު ވާހަކަ. މިހާރު އެނގިއްޖެތަ؟” ރާއިފް ފެނުމުން ނިޒާރު އަހާލިއެވެ.

ރާއިފް އެއްޗެއް ނުބުނެ ދެފަރާތަށް ބޯހަލުވާލިއެވެ.

“ލަމްޔާމެން ގެޔަކަށް ނުދޭތަ؟” ނިޒާރު އެހިއެވެ.

“އެގެޔަށް ގޮއްސަ މިއައީ، އެގެޔަކު ނެތް” ރާއިފް ބުންޏެވެ.

“ދެމީހުން ޒުވާބު ކުރީތަ؟ މައްސަލައެއް ޖެހިގެންތަ ތިއުޅެނީ؟” އިރުކޮޅަކު ރާއިފްއަށް ބަލަން ހުރެފައި ނިޒާރު އެހިއެވެ.

“އިހަށް ސުވާލު ނުކުރޭ ބައްޕާ… އަހަންނަކަށް ނޭނގެ ދޭނެ ޖަވާބެއް” ރާއިފް ބުންޏެވެ. އަދި ކޮޓަރިއަށް ވަނެވެ.

 

އެރޭ ނީނާ ނިދަން އޮށޯތް ތަނާ ނިޒާރު ނީނާއަށް ގުޅިއެވެ. ނަމްބަރު ބަލާލާފައި ނީނާ ފޯން ނެގިއެވެ.

“ނީނާ، ކޮންތާކު ތިހިރީ؟” ނީނާ ފޯން ނެގުމުން ނިޒާރު އެހިއެވެ.

“ރާއިފް ކައިރީ ނުބުނަންޏާ އަހަރެން ހުރި ތަނެއް ބައްޕަ ކައިރީވެސް ބުނާނީ” ނީނާ ބުންޏެވެ.

“ނުބުނާނަން” ނިޒާރު އެއްބަސް ވިއެވެ.

“ލަމްމެން ގޭގަ މިހިރީ” ނީނާ ބުންޏެވެ.

“އެކަމަކު ރާއިފް ބުނި ނީނާ ތިގެޔަކު ނެތޭ” ނިޒާރު ބުންޏެވެ.

“އަހަރެން ބުނެގެން އާޒިމް އެހެން ރާއިފް ކައިރީ ބުނީ” ނީނާ ބުންޏެވެ.

“ކިހިނެއްތަ ވީ ނީނާ؟ ރާއިފް ކައިރީ އެހީމަވެސް ވީ ގޮތެއް ނުބުނި” ނިޒާރު ބުންޏެވެ.

“ބައްޕަ އަދިވެސް ރާއިފް ކައިރީ އަހާބަލަ ވީގޮތް… އޭނަ ކުރި ކަމެއްގެ ވާހަކަ ބުނާނީވެސް އޭނައެއްނު؟” ނީނާ ބުންޏެވެ.

“ރާއިފްއާ ވާހަކައެއް ނުދައްކާނަންތަ ދެން ހަމަ؟” ނިޒާރު އަހާލިއެވެ.

“ނޭނގެ… އަހަރެން ބޭނުމީ ވީ އެންމެ އަވަހަކަށް ރަށަށް ދާން” ނީނާ ބުންޏެވެ.

“ބައްޕަ ބުންޏަސް މަޑެއް ނުކުރާނަންތަ؟” ނިޒާރު އެހިއެވެ.

“އެއްގޮތަކަށްވެސް މަޑުކުރާ ހިތެއް ނެތް” ނީނާ ބުންޏެވެ.

“އެންމެ ރަނގަޅު، ހަދާނެ ގޮތެއް އެނގޭނީ ނީނާއަށް. އެކަމަކު ބައްޕައަށް އަންގަން ވާނެ އިނގޭ” ނިޒާރު ބުންޏެވެ.

ނީނާ އާނއެކޭ ބުނެފައި ފޯން ކަނޑާލިއެވެ.

 

އަނެއް ދުވަހު ހެނދުނު ހެނދުނާ އާޒިމް ރާއިފްގެ އޮފީހަށް ދިޔައީ ނީނާއާ ބެހޭ ގޮތުން ރާއިފްއާ ވާހަކަ ދައްކާށެވެ. ރާއިފް ނަސްރުއާ އެކީ އޮފީހަށް ވަން އިރު އާޒިމް މަޑުކޮށްލައިގެން އިނީ ރާއިފްގެ އިންތިޒާރުގައެވެ.

“ރާއިފް، ކިހިނެއްތަ ވެގެން މިއުޅެނީ؟” ރާއިފްއާ އެކީ ކެބިންއަށް ވަދެފައި އާޒިމް އަހާލިއެވެ.

ރާއިފް ހުރިހާ ވާހަކައެއް ކިޔާދިނެވެ.

“ނީނާއަށް ފެނުނު ގޮތުން އޭނައަށް ހީވާނީ ގޯސްކޮށް… ހަމަ ތެދެއް މިބުނީ، އަހަންނާ ޝައުނާގެ މެދުގަ އެއްވެސް ކަމެއް ނުވޭ…” ހުރިހާ ވާހަކައެއް ކިޔާދީފައި ރާއިފް ދެވަނަ ފަހަރަށްވެސް އެހެން ބުނީ އާޒިމް އެއްޗެއް ނުބުނުމުންނެވެ.

“އެކަމަކު… ކުރިން ކަންތައް ވެފަ އޮތް ގޮތުން ނީނާއަށް ގަބޫލު ކުރަން އުނދަގޫ ވާނެ ދޯ؟” ވިސްނާލާފައި އާޒިމް ބުންޏެވެ.

“އަހަރެން ނީނާއާ އިން އިރުވެސް ނީނާ ދެކެ ލޯބި ވޭ… އޭރުވެސް އަހަރެން ހުރިހާ ވާހަކައެއް ނީނާ ކައިރީ ބުނަން ބޭނުން ވި… އެކަމަކު އޭރު ބުނަން ނުކެރުނީ ނީނާ ރުޅި އަންނާނެ ކަން އެނގޭތީ… އަހަރެން ކިހިނެއްތަ މިކަން ޔަގީން ކޮށްދޭނީ؟” ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ރާއިފް ބުންޏެވެ.

“ކީކޭ އަހަރެން ބުނަންވީ؟” އާޒިމް އަހާލިއެވެ.

“ނަސްރު ކައިރީ އަހާބަލަ… ނަސްރުއަށް އެނގޭނެ މީ ތެދެއްކަން” ރާއިފް ބުންޏެވެ.

“ތެދެއް އެއީ… އިންނަން އުޅުނު އިރުވެސް ރާއިފް ބުނަން އުޅުނު… އެކަމަކު ނީނާ ރާއިފްއާ ނީނދެފާނެތީ ބުނަން ނުކެރުނީ ރާއިފްއަށް” ނަސްރު ބުންޏެވެ.

އެފަދަ ސީރިއަސް ވަގުތެއްގައިވެސް ނަސްރުގެ މިޒާޖު ހުރި ގޮތުން އެވަގުތު އާޒިމް ކައިރިއަށް ހިނި އައެވެ.

“އެކަމަކު މީނަގެ ފަރާތުން އެހީއަކަށް އެދިއްޖެއްޔާ ހައްތަހާ ގޯސް ވާނީ… ބައެއް ފަހަރު އަހަރެން ހިތަށް އަރާ މީ އަހަރެންގެ ބެސްޓް ފްރެންޑް ބާއޭ، ނޫނީ ވަރސްޓް އެނެމީ ބާއޭ” ނަސްރުއަށް ބަލާލާފައި ރާއިފް ބުނެލިއެވެ.

“އަހަރެން ކީއްތަ ކޮށްދޭންވީ؟ ޔަގީނޭ މަ ބުންޏަސް ނީނާ ގަބޫލެއް ނުކުރާނެކަން…” ކޮނޑު އަރުވާލަމުން ނަސްރު ބުންޏެވެ.

“އެއީ ތެދެއް ރާއިފް… މިހާރު ނަސްރު ބުންޏަސް ނީނާ ހީކުރާނީ އެއީ ރާއިފް ބުނެގެން ބުނި އެއްޗެއް ކަމަށް ކަންނޭނގެ” އާޒިމް ބުންޏެވެ.

“ހަމަ ތެދަށް މިބުނަނީ އާޒިމް، އަހަރެން ވަރަށް ލޯބިވޭ ނީނާ ދެކެ… ކިހިނެއްތަ ނީނާއަށް ޔަގީން ކޮށްދޭނީ؟” ރާއިފް އަހާލިއެވެ.

ދެގަޑިއެއްހާ އިރު ވާހަކަ ދައްކަން ތިބެފައި އާޒިމް ނިކުތް އިރު ރާއިފް ދެއްކީ ތެދު ވާހަކަތަކެއް ކަން އާޒިމްއަށް ޔަގީން ވިއެވެ. ހުރިހާ ކަމެއް ވީގޮތް އާޒިމްއަށް އެނގުނެވެ.

 

އާޒިމް ދިޔަތާ މާގިނަ އިރެއް ނުވެ ނަސްރުވެސް ދިޔައެވެ. ރާއިފް ގޮނޑީގައި އިށީނދެ މޭޒުގައި އުޅަނބޮށި ވިއްދާލާފައި ދެއަތުން މޫނު ފޮރުވާލައިގެން ވިސްނަން އިނެވެ. އިރުކޮޅެއް ފަހުން މޫނުން އަތް ނަގާ ހަމަ ޖެހިލި އިރަށް ރާއިފްގެ ލޮލުގައި އަޅައިގަތީ މޭޒުމަތީ ހުރި ލިޔުންތައް މަތީ އޮތް ސިޓީއުރައެވެ. އޭޑީކޭ ހޮސްޕިޓަލްގެ ލޯގޯ ޖަހާފައި އިން އެ ސިޓިއުރަ ނަގާ ރާއިފް ބަލާލިއެވެ. އޭގައި ނީނާގެ ނަން ޖަހާފައި އިނުމުން ރާއިފް އަވަސް އަވަހަށް އެ ހުޅުވާލާފައި އެތެރޭގައި ހުރި ލިޔުންތައް ނަގާ ބަލާލިއެވެ.

އޭގައި އޮތީ ނީނާ ބަނޑު ބޮޑުތޯ ބަލަން ހަދާފައި އޮތް ޓެސްޓްގެ ނަތީޖާއެވެ. ނީނާ ބަނޑު ބޮޑެވެ. އެރިޕޯޓްގައި ‘ޕޮޒިޓިވް’ ޖަހާފައި އިން ތަނަށް ބަލަން ރާއިފް އިނީ ޔަގީން ނުކުރެވިފައެވެ. އުފަލުން ގޮސް ހަދަންވީ ގޮތެއްވެސް ރާއިފްއަކަށް ނުވިސްނެއެވެ.

 

އަނެއްކާވެސް ރާއިފް ހަނދާންވީ އިއްޔެގެ ކަންތަކެވެ. އިއްޔެ ނީނާ އެރިޕޯޓްތައް ހިފައިގެން އައީ އެކަން ރާއިފްއަށް އަންގަން ކަން ރާއިފްއަށް ވިސްނުނެވެ. ނަމަވެސް އެއުފާވެރި ހަބަރު ދޭން އައި އިރު ރާއިފްގެ ފަރާތުން ނީނާއަށް ފެނުނީ ކޮން ކަހަލަ މަންޒަރެއް ހެއްޔެވެ. ނީނާ ދެރަވާނެ ވަރު ހިތަށް އެރުމުން ރާއިފްއަށް ލޯ މަރާލެވުނެވެ.

 

ނީނާ ދާނެ ތަނަކާމެދު އަނެއްކާވެސް ރާއިފްއަށް ވިސްނާލެވުނެވެ. ލަމްޔާ ނޫން މީހެއް ކައިރިއަށް ނީނާ ދާނެއެކޭ ރާއިފްގެ ހިތެއް ނުބުނެއެވެ. ނަމަވެސް އެގޭގައި ނީނާ ހުރި ނަމަ އާޒިމް ރާއިފް ގާތު ބުނާނެ ކަމުގެ ޔަގީން ކަން ރާއިފްއަށް އޮތެވެ.

 

އާޒިމްމެން ގޭގައި ނީނާ ހުރި ވާހަކަ ރާއިފް ގާތު ނުބުނެ އާޒިމް ދިޔައީ ނީނާ ގާތު އެގޮތަށް ވަޢުދު ވެވުނީތީއެވެ. އެހެން ނޫން ނަމަ ރާއިފްގެ ވާހަކަ އަޑު އަހާފައި އާޒިމް އެކަން ސިއްރެއް ނުކުރީހެވެ. އާޒިމް ގެޔަށް ދިޔައީ ނީނާއަށް ވިސްނައިދޭން ނިންމައިގެންނެވެ. އެގޭގައި ނީނާ ހުރިކަން އާޒިމް އިތުރަށް ރާއިފްއަށް ސިއްރު ނުކުރާނެ ވާހަކަ ނީނާ ގާތު ބުނާށެވެ.

 

އާޒިމް ގެޔަށް ދިޔަ އިރު ނީނާއާ ލަމްޔާ ތިބީ ވާހަކަ ދައްކާށެވެ.

“ނީނާ، ގޮތެއް ނިންމިއްޖެތަ؟” އާޒިމް އަހާލިއެވެ.

“އަހަރެން ރަށަށް ދާނީ” ނީނާ ބުންޏެވެ.

“އެންމެ ރަނގަޅު… އެކަމަކު ނީނާ ގެޔަށް ދާން ބޭނުން ނުވަންޏާ މިގޭގަ ހުރިކަން ރާއިފްއަށް އަންގަން ޖެހޭނެ. އަހަރެން މިގުޅަނީ ރާއިފްއަށް” ފޯން ނަގަމުން އާޒިމް ބުންޏެވެ.

“ނީނާ އެއްބަސް ވެއްޖެ ފުރުމުގެ ކުރިން ގެޔަށް ގޮސް ރާއިފްއާ ވާހަކަ ދައްކަން” ލަމްޔާ ބުންޏެވެ.

 

ލަމްޔާއާ އާޒިމްއާ އެކީ ނީނާ ގެޔަށް ދިޔައެވެ. އޭރު ރާއިފް ގެޔަކަށް ނާދެއެވެ. ނީނާ އައުމުން ރިއުފާ ރާއިފްއަށް ގުޅިއެވެ. ދިހަ މިނެޓް ވީއިރު ރާއިފް ހުރީ ގޭގައެވެ.

 

ރާއިފް ކޮޓަރިއަށް ވަން އިރު ނީނާ އެނދުގައި އިށީނދެގެން އިނެވެ. ނީނާގެ ދެފަރާތުގައި ރިއުފާއާ ލަމްޔާ ތިއްބެވެ. ސޯފާގައި އިށީނދެގެން އާޒިމް އިނެވެ. ރާއިފް އެތެރެއަށް ވަދެ ދޮރު ކައިރީ މަޑުކޮށްލިއެވެ.

“ރާއިފް… ސޮރީ! އިއްޔެ ނީނާ ހުރީ އަހަރުމެން ގޭގަ. ނީނާ އާދޭސް ކުރި ވަރުން އޭރު އަހަންނަށް ނުބުނެވުނީ” ތެދުވެފައި އާޒިމް ބުންޏެވެ.

ރާއިފް ނީނާއާ ދިމާއަށް ބަލާލިއެވެ. ނީނާ އިސް ޖަހާލައިގެން އިނެވެ.

“އެބަ އަންނަން…” ތެދުވަމުން ރިއުފާ ބުންޏެވެ.

“ނީނާ ދާން ވީމަ ގުޅާލާ އިނގޭ!” ލަމްޔާ ނީނާގެ ކަންފަތް ކައިރީ ބުންޏެވެ. އަދި ރާއިފްއަށް ބަލާލާފައި އާޒިމްގެ ފަހަތުން ނިކުތެވެ.

ރާއިފް އެތެރެއަށް ވަދެ ދޮރު ލައްޕާލާފައި އައިސް ނީނާ ކައިރީ އިށީނެވެ.

“ދިޔަ ތަނެއް ބުނެލި ނަމަ އަހަރެން ހާސް ވެގެން ނޫޅުނީހެއްނު؟” ރާއިފް ބުންޏެވެ.

“ރާއިފްއަށް ނާންގަން ވެގެނެއްނު ނުބުނެ ދިޔައީވެސް؟ އާޒިމްއާ ލަމް އެވަރަށް ނުބުނި ނަމަ ރަށަށް ދާނީވެސް ރާއިފް ކައިރީ ނުބުނެ” ނީނާ ބުންޏެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ކަނޑު ފުރޭތަ (2)

Next

ދީފާ އުފާ – 3

Next
January 11, 2016

ދީފާ އުފާ – 3

Previews
January 10, 2016

ކަނޑު ފުރޭތަ (2)

17 Comments!

  1. Mar Sha Marsha says:
    January 11, 2016 at 12:16 pm

    އައްސަލާމް ޢަލައިކުމް، މިބައިވެސް ކުދިންނަށް ކަމުދާނެ ކަމަށް ހީކުރަން… ދެން އިންނާނީ ފަހުބައި، އިރާދަ ކުރެއްވިއްޔާ މިރޭ އެބައި އަޕްކޮށްދެވޭތޯ ބަލާނަން. ޝުކުރިއްޔާ.

    1. Shifoo says:
      January 11, 2016 at 2:36 pm

      Marsha ge blog ah vadheveveynee kihinehtha… Pls bunedheebala

  2. nasy says:
    January 11, 2016 at 12:33 pm

    Haadha reehchey….avahah up kohladhyba plxx

  3. maldhu says:
    January 11, 2016 at 12:43 pm

    V.V.reethi

  4. Aisha says:
    January 11, 2016 at 12:46 pm

    Around kihaa irakun up koh dheynan next part…. Waiting ingey

  5. Kai says:
    January 11, 2016 at 12:51 pm

    Alhe fahu bayai Marsha 🙁 mioh reethi story ninmaalaneetha 🙁 story vara awesome 😛 😛 waiting waiting 😀 😀

  6. rau says:
    January 11, 2016 at 1:29 pm

    vvvvvv rythi..masha allah….bt ma avahy story nihmaalaaleh…

  7. Anonymous says:
    January 11, 2016 at 1:51 pm

    v salhi

  8. Shifoo says:
    January 11, 2016 at 2:34 pm

    This part is also v v v v v nice. I’m a huge fan of u… pls tell me how can I enter Masha blog….

  9. Mar Sha Marsha says:
    January 11, 2016 at 2:54 pm

    Thnx all.. i dunno kihaa iraky kameh up kureveyny… 12 ge kurin definitely… n shifoo.. my blog is now closed… sorry.. thnx again all..

  10. shine says:
    January 11, 2016 at 3:07 pm

    Woww… awesome…
    Nxt part v avahah up kurahchey…

  11. Anonymous says:
    January 11, 2016 at 4:03 pm

    Emme fahu part v dhigu vaanetha
    Anyway,Marsha ge ehen vaahaka eh dhen fennaany kon dhuvahakun?

  12. misty says:
    January 11, 2016 at 4:30 pm

    Varah reethi… Curiously waiting for the last part

  13. zaa says:
    January 11, 2016 at 5:35 pm

    V v salhi next adhi maa salhi vaane dhw:-)

  14. Mar Sha Marsha says:
    January 11, 2016 at 7:45 pm

    Thnx all.. last part ves mihaa kanhaa varu vaane hen hyvany.. ehen story eh start kuraane dhuvaheh adhi bunan neynge.. jan ge end ga Marsha ge 2 yr son ge medical kamehga ulhen jeheythy.. so lets see dho.. thnx for reading..

  15. Zeeniya mohamed says:
    January 11, 2016 at 8:51 pm

    Mashage story tha v reethi. Mi vaahaka v hiyaalan beynun vefa huhta mi libuny. Thanks dear. Masha ge “hiy edheny” genes dhyba pls

  16. Nish says:
    January 11, 2016 at 10:07 pm

    Mi haa avaha vaahaka up kuraa kujje nudheken.thanks v nice mi vaahaka

Comments are closed.


All Right Reserved!