ިއިތުބާރު ގެއްލުވާ ނުލާ…10
ރާއިފް ހީލާފައި އަނެއްކާވެސް ނީނާގެ މޫނާ ކައިރިވެލިއެވެ.
“ދެން ލެޓްސް ގެޓް މެރިޑް…” ނީނާ ގައިގައި ބައްދާލަމުން ރާއިފް ބުންޏެވެ.
“ހްމްމްމް…” ނީނާ އެއްބަސް ވުމުގެ ގޮތުން އަޑެއް ލައްވާލިއެވެ.
“ސީރިއަސް ކޮށް އިނގޭ…” ރާއިފް ނީނާ ދުރުކޮށްލާފައި ނީނާގެ މޫނަށް ބަލާލާފައި ބުންޏެވެ.
“ރާއިފްގެ ބައްޕައަށް އެނގިއްޖެއްޔާ ކީކޭ ބުނާނީ؟” ނީނާ އަހާލިއެވެ.
“ބައްޕަ އޯކޭ ވާނެ، އެކަމާ ނީނާ ކީއްވެ ހާސްވަނީ؟ ދެން ބުނެބަލަ، ކޮން އިރަކުން؟” ރާއިފް އަހާލިއެވެ.
“ރާއިފް ބުނެބަލަ…” ނީނާ ބުންޏެވެ.
“އަހަރެން ހިތަށް އަރަނީ… ލަމްމެންނާ އެކީ ކުރުން ކިހިނެއް ވާނީ؟” ރާއިފް އެހިއެވެ.
“އެމީހުންނަށް އޯކޭ ވިއްޔާ އަހަންނަށްވެސް އެންމެ ރަނގަޅު” ނީނާ ބުންޏެވެ. އަދި ރާއިފްގެ އަތުގައި ހިފައިގެން އެނދުން ތެދުވިއެވެ. “ހިނގާ ލަމް ކައިރީ ބުނަން…” ނީނާ ބުންޏެވެ.
ދެމީހުން އަތުގައި ހިފައިގެން ނިކުތް އިރު ލަމްޔާއާ އާޒިމް ވާހަކަ ދައްކަން ތިއްބެވެ.
“ލަމް ހާދަ ގޯހޭ…” ގޮނޑިއެއްގައި އިށީނދެފައި ރާއިފް ބުނެލިއެވެ.
“ކީއްވެ؟ އަހަރެން ކީއް ކުރީ؟” އެއް ފަހަރު ރާއިފްއަށް، އަނެއް ފަހަރު ނީނާއަށް ބަލާލަމުން ލަމްޔާ އަހާލިއެވެ.
“މެރީ ކުރަން އުޅޭ އިރު ބުނެވެސް ނުލާ ވިއްޔަ” ރާއިފް ހަމަ ޖެހިލާފައި ބުންނެވެ.
“ހޫނ… އެހެންވެތަ؟ އަހަރެން ހިތަށް އެރި އަނެއްކާ އަހަންނަށް ކީއް ކުރެވުނީ ބާއޭ…” ހީލާފައި ލަމްޔާ ބުންޏެވެ.
“އެކަން އެކަންޏެއް ނޫނޭ…” ރާއިފް ބުންޏެވެ.
“ދެން ކޮން ކަމެއް؟” ލަމްޔާ އަހާލިއެވެ.
“ލަމް ނީނާ އެކަނި ބަހައްޓާފަ މެރީކޮށްގެން ދާނީތަ ހަމަ؟” ރާއިފް އަހާލިއެވެ.
“ތިކަން ދޯ؟ ރާއިފްއަށް ހީވޭތަ އަހަރެން ނީނާއަށް އެހެން ހަދާފާނެ ހެން؟ ނީނާ ކައިރީ ނުބުންޏަސް އަހަންނާ އާޒިމް ތިވާހަކަވެސް ދައްކައިފިން، އަހަރުމެން ބޮޑު އެޕާޓްމެންޓެއް ހިފައިގެން ނީނާވެސް ގޮވައިގެން ދާނީ” ލަމްޔާ ބުންޏެވެ.
“ތިހެންނެއް ނުވާނެ…” ރާއިފް ބުނެލިއެވެ.
“އެއީ ކީއްވެ؟” ލަމްޔާ އަހާލިއެވެ.
“ނީނާ ގެންދާނީ އަހަރެން” ރާއިފް ބުންޏެވެ.
“އެކަމަކު—” ލަމްޔާ އެއްޗެއް ބުނަން އުޅުނެވެ.
“އިހަށް އަޑު އަހާބަލަ… އަހަރެން ނީނާ ގެންދާނީ ނީނާއާ އިނދެގެންނޭ” ރާއިފް ބުންޏެވެ.
ލަމްޔާ ނީނާއަށް ބަލާލިއެވެ.
“އިންނަންތަ ތި އުޅެނީ؟” ލަމްޔާ އަހާލިއެވެ.
“އާނ…” ނީނާ ބުންޏެވެ.
“ކޮން އިރަކުން؟” ލަމްޔާ އެހެން ސުވާލެއް ކޮށްލިއެވެ.
“ލަމްމެންނަށް އޯކޭ ވިއްޔާ ލަމްމެންނާ އެކީ…” ނީނާ ބުންޏެވެ.
“ތެދެއްތަ؟” ރާއިފްއާ ދިމާއަށް ބަލާލާފައި ލަމްޔާ އަހާލިއެވެ.
ރާއިފް ބޯ ޖަހާލިއެވެ.
“ތިވީ މާ ރަނގަޅަކަށްނު… އަވަހަށް ޕްލޭނިންގ ފަށަމާ ހިނގާ” ނީނާގެ އަތުގައި ހިފާލަމުން ލަމްޔާ ބުންޏެވެ.
“އާޒިމްއަށް އެންމެ ރަނގަޅުތަ؟” ނީނާ އާޒިމްއަށް ބަލާލާފައި އެހިއެވެ.
“އާނ… އަސްލު ތީ މާ ރަނގަޅު ގޮތެކޭ” އާޒިމްވެސް އެ ގޮތާ އެއްބަސް ވިއެވެ.
“ހޫނ… ނީނާ، ބުނެބަލަ… ޕާޓީ ބާއްވަން ބޭނުންތަ؟” ލަމްޔާ އަހާލިއެވެ.
ނީނާ ޖަވާބެއް ނުދީ ރާއިފްއަށް ބަލާލިއެވެ.
“ނީނާ ބޭނުން ގޮތަކަށް އަހަރެން ހުރިހާ ކަމެއްވެސް ކުރާނީ… ނީނާ ބޭނުން ގޮތަކަށް ނިންމާ. އަހަންނަށް މައްސަލައެއް ނެތް” ރާއިފް ހީލާފައި ބުންޏެވެ.
“އެއީ ތެދެއް… ހުރިހާ ކަމެއް ނިންމާފަ، ދާނެ ހަރަދު ލަފާ ކޮށްލާފަ އަހަރުމެންނަށް އަންގާލާ… އެހިސާބުން އަހަރުމެން ދެކޮޅު ހަދަން ފަށާނަން…” އާޒިމް ސަމާސާ ކޮށްލިއެވެ.
ހަފްތާއެއް ފަހެވެ. ރޭގަނޑުގެ ކެއުމަށް އެންމެން ކާމޭޒު ދޮށުގައި އިށީނުމުން ރާއިފް ކަރު ކެހިލިއެވެ.
“ކިހިނެއްވީ ދޮންބޭ؟ ކަރަށް ތަދު ވަނީތަ؟” ރިފާޝާ އަހާލިއެވެ.
“އުހުނ… އަހަރެން ވާހަކައެއް ބުނަން ވެގެން…” ރާއިފް ބުނެލިއެވެ.
“ބުނެބަލަ!” ރިފާޝާ ބުންޏެވެ.
“މިއުޅެނީ މީހަކާ އިންނަން ވެގެން” ރާއިފް ބުންޏެވެ.
“ދޮންބެ ހާދަ ސިއްރުން…؟ އަހަރުމެންނަށް އަންގާވެސް ނުލާ! ނުވެސް ދައްކާނަންތަ؟” ރިއުފާ އަހާލިއެވެ.
“ނޫނޭ. ދައްކާނަން” ރާއިފް ބުންޏެވެ.
“ކޮން އިރަކުން؟” ރިއުފާ އަހާލިއެވެ.
“ރިއުގެ ވެޑިންގ ޕާޓީއަށް ދާނީ އޭނަ ގޮވައިގެން. އޭރުން ފެންނާނެއެއްނު؟” ނީނާއާ ދެމީހުން އެއްބަސް ވެފައިވާ ގޮތަށް ރާއިފް ބުންޏެވެ.
“ކާކުތަ؟ އަނެއްކާ އަހަރުމެން ދަންނަ ކުއްޖެއްތަ؟” ރިފާޝާ އަހާލިއެވެ.
“ދޮންބެ އެ ބުނީނު އެރެޔޭ ފެންނާނީ، ދެން ކެތް ކުރޭ” އެ ވަގުތާ ހަމައަށް އެއްޗެއް ނުބުނެ އިނދެފައި ނިޒާރު ބުންޏެވެ.
ނިޒާރު އެހެން ބުނުމުން އެންމެން އެކީ ނިޒާރުއަށް ބަލާލިއެވެ.
“ބައްޕައަށް އެނގޭތަ އެއީ ކާކު ކަން؟” ރިއުފާ އަހާލިއެވެ.
“ބައްޕައަށް ވަކި ކިހިނެއްތަ އެނގޭނީ؟” ނިޒާރުއަށް އެނގުނު ނަމަވެސް ނޭނގޭ ކަމަށް ހަދާފައި އަހާލިއެވެ. އަދި ތައްޓަށް ބަތް އަޅަން ފެށިއެވެ. ރާއިފް އިސް ޖަހާލާފައި އެކަކަށްވެސް ނުފެންނަ ގޮތަށް ހީލީ ނިޒާރުވެސް އެކަން ސިއްރު ކުރުމުގައި ރާއިފްއާ ބައިވެރި ވުމުންނެވެ.
ދެދުވަސް ފަހުން ނިޒާރުމެން ގޭގައި ރިއުފާގެ ކައިވެނި ކުރެވޭތީ ނީނާވެސް ހެނދުނުއްސުރެ އުޅުނީ އެގޭގައެވެ. މުޅި ދުވަހު ކަހަލަ ގޮތަކަށް ޕާޓީގެ ކަންތަކުގައި ރިއުފާގެ ވާން އުޅޭ ފިރިމީހާ ހުޝާމްއާ އެކީ ބޭރުގައި އުޅެފައި ރާއިފް ގެޔަށް އައީ ކައިވެނި ކުރެވޭ ވަގުތަށެވެ. ކައިވެނި ކުރެވުނީ ހަވީރު ހަތަރުގަޑި ބައިގައެވެ. އޭގެ ފަހުން ސައި ހަދާފައި އެންމެން އުޅުނީ އަށްގަޑި ބަޔަށް ޕާޓީއަށް ދާން ތައްޔާރު ވާށެވެ. ނީނާވެސް ދަބަސް ހިފައިގެން ގެޔަށް ދާން ތައްޔާރު ވިއެވެ.
“ނީނާވެސް އަހަރުމެންނާ އެކީ ދޯ ދާނީ؟” ނީނާ ދާން ވެގެން ނިކުންނަނިކޮށް ރިފާޝާ އަހާލިއެވެ.
“ނޫން… އަހަރެން ގެޔަށް ގޮސް ލަމްއާ އެކީ ދާނަން. ދޮންތަމެން ދޭ އިހަށް. އަހަރެން ތަންކޮޅެއް ލަސްވެސް ވެދާނެ” ނީނާ އަވަސް އަވަހަށް ބުންޏެވެ.
“އާނ، އެހެން ވިއްޔާ ދޭ ދެން. އެކަމަކު އަވަހަށް އަންނައްޗޭ” ރިފާޝާ ބުންނެވެ.
ނީނާ އަވަހަށް ތިރިއަށް ފޭބިއެވެ. އޭރު ނީނާގެ އިންތިޒާރުގައި ރާއިފް ސައިކަލުގައި އިނެވެ.
“ދެންމެވެސް ދޮންތަ ބުނީ އެމީހުންނާ އެކީ ދޯއޭ ޕާޓީއަށް ދާނީ…” ނީނާ ބުންޏެވެ.
“ދެން ނީނާ ކީކޭ ބުނީ؟” ސައިކަލު ސްޓާޓް ކޮށްލާފައި ރާއިފް އަހާލިއެވެ.
“އަހަރެން ބުނީ ލަމްއާ އެކީއޭ ދާނީ” ނީނާ ބުންޏެވެ.
ގެޔާ ހަމައަށް ދެވުމުން ނީނާ ސައިކަލުން ފޭބިއެވެ.
“އަންނާނަން ފެން ވަރާ ހަދައިގެން، ނީނާ ރެޑީ ވެގެން ހުރޭ އިނގޭ” ނީނާގެ އަތުގައި ހިފާލާފައި ރާއިފް ބުންޏެވެ.
ނީނާ ބޯ ޖަހާލާފައި އެތެރެއަށް ވަނެވެ.
އަށްގަޑި ބައިވި އިރު ރާއިފް ހުރީ ނީނާމެން ގޭ ދޮރުމަތީއެވެ. ޓަކި ޖަހާލުމުން ދޮރު ހުޅުވީ އާޒިމްއެވެ.
“ކޮބާ އެދެމީހުން؟” އެތެރެއަށް ވަންނަމުން ރާއިފް އަހާލިއެވެ.
“އަދިވެސް ފަރި ވަނީ” އާޒިމް ބުންޏެވެ. އެއާއެކު ރާއިފް ހީގަތެވެ.
ބައިގަޑިއެއްހާ އިރު ފަހުން ނީނާއާ ރާއިފްއާ ލަމްޔާއާ އާޒިމް ތާޖުއްދީން ސްކޫލް ގޯތި ތެރެއަށް ވަނީ އެކުއެކީގައެވެ. އެ ހަތަރު މީހުން ފެނުމުން ދޮރާށި ކައިރީ ތިބި އަލަތު ދެމަފިރިން ކަމަށްވާ ރިއުފާއާ ހުޝާމްގެ އިތުރުން ރިފާޝާއާ ނާޝިދުވެސް ހައިރާން ވެފައި އެމީހުންނަށް ބަލަން ތިއްބެވެ.
ނީނާއާ ރާއިފް، ލަމްޔާއާ އާޒިމްއަށް ވުރެ ކުރިން ގޮސް ރިއުފާއާ ހުޝާމްއާ ސަލާން ކޮށްލިއެވެ. އަދި ނީނާ، އަތުގައި އޮތް ހަދިޔާ ރިއުފާ އަތަށް ދިނެވެ.
“ތީތަ…؟ ނީނާއަކީތަ ދޮންބެ…؟” ރިއުފާ ހައިރާން ވީ ވަރުން ބުނަން އުޅުނު އެއްޗެއް ނުވެސް ބުނެވުނެވެ.
“އެކީ އައިމަވެސް ގަބޫލު ނުކުރެވުނީތަ؟” ހީލާފައި ރާއިފް އަހާލިއެވެ.
“ހަމަ އަސްލުވެސްތަ؟” އެންމެ ފަހުން ގަބޫލު ކުރެވުމުން ރިއުފާއަށް އަހާލެވުނެވެ.
“މިހާރު ކިޔު ދިގު ވާން ފަށައިފި، ތިވާހަކަ ފަހުން ދައްކާނީ” ނީނާގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަމުން ރާއިފް ރިއުފާއަށް ބުންޏެވެ.
“އަޅެ… އަހަންނަށް ގަބޫލުވެސް ނުކުރެވޭ…” ނީނާއާ ރާއިފްއަށް ބަލަން ހުރެ ލަމްޔާއާ ސަލާން ކޮށްލަމުން ރިއުފާ ބުންޏެވެ.
“ދެން ގަބޫލު ކުރޭ… އެއީ ހަމަ ތެދެއް. ރިއުގެ ފަހަރި އަކަށް ނީނާ ވަރަށް އަވަހަށް ވާނެ ޔަގީނުންވެސް” ލަމްޔާ ބުންޏެވެ.
“އެބަ އަންނަން އިނގޭ” ރިފާޝާ ރިއުފާއަށް ބުންޏެވެ. އަދި ލަމްޔާއާ އާޒިމްގެ ފަހަތުން ދިޔައެވެ.
ދިހަ މިނެޓް ފަހުން ރިފާޝާ އަނެއްކާވެސް އައިސް ރިއުފާ ކައިރީ ހުއްޓުނެވެ.
“ހަމަ ތެދެކޭ އެއީ… ދޮންބެ އަސްލުވެސް ހަމަ ނީނާއާ މެރީ ކުރަން އުޅެނީ” ޔަގީން ކުރަން ދިޔަ ކަންތައް ޔަގީން ކޮށްފައި އައިސް ރިފާޝާ ރިއުފާއަށް ހަބަރު ދިނެވެ.
“ގަދަ…!” ރިއުފާ ފާޑަކަށް ހަޅޭ ލަވައިގަތެވެ. އަދި ރިފާޝާއާ ދެމީހުން އެކަކު އަނެކަކުގެ އަތް ތިލައިގައި ޖަހާލިއެވެ.
ރައްޓެހިންނަށާ އާއިލާގެ އެހެން މީހުންނަށް ރާއިފް އެރޭ ނީނާ ތަޢާރަފް ކޮށްދިނެވެ. އަދި ނިޒާރު ގާތު ކައިވެނި ކުރަން ހަމަ ޖެއްސި ތާރީހު ވެސް ބުންޏެވެ. ނިޒާރު ނީނާއަށް އެއާއިލާއަށް މަރުހަބާ ކީ އުފަލާ އެކީއެވެ.
މަހެއްހާ ދުވަސް ފަހުން ނީނާއާ ލަމްޔާ ކައިވެންޏަށް ތައްޔާރު ވާން ފެށިއެވެ. ބާޒާރު ކުރުމާ ހެދުން ފެހުމާ، ދެން އެނޫނަސް އެފަދަ ހުރިހާ ކަމެއް ކުރުމުގައި ނީނާއާ ލަމްޔާ އުޅެން ފެށިއެވެ.
ކައިވެނި ކުރަން ހަފްތާއަކަށް ވީ އިރު ލަމްޔާގެ އާއިލާގެ އެންމެން މާލެއަށް އައިސްފިއެވެ. އެކިއެކި ކަންކަމުގައި އެމީހުން އެހީ ވެދިނީ ހަމަ އެކަނި ލަމްޔާއަކަށް ނޫނެވެ. އަދަދު ނުކުރެވޭނެހާ އެހީތެރިކަން ލަމްޔާގެ އާއިލާގެ ފަރާތުން ނީނާއަށްވެސް ލިބުނެވެ. ނީނާގެ އާއިލާގައި އެކަކުވެސް ނެތްކަން ނީނާއަށް އިހުސާސް ވިޔަކަ ނުދެއެވެ.
ހަމަ އެހެން ރިއުފާއާ ރިފާޝާވެސް ނީނާއަށް އެހީ ވެދިނެވެ. ނީނާއަށް އެއްވެސް ކަމެއްގައި ދައްޗެއް ވިޔަކަ ނުދެއެވެ.
ނަމަވެސް ނީނާ ރަޝީދު މަތިން ހަނދާން ވިއެވެ. ކުރިން ނުވާހާ ބޮޑަށެވެ. ނީނާގެ ކައިވެނި ކުރެވޭތަން ދެކެން ރަޝީދު ދުނިޔޭގައި ހުރި ނަމައޭ ނީނާ ހިތަށް އަރައެވެ. ނަމަވެސް އެއީ ވާނެ ކަމެއް ނޫން ކަންވެސް ނީނާއަށް އެނގެއެވެ.
ކައިވެނި ކުރަން ހަމަ ޖެހިފައިވާ ދުވަހުގެ ކުރީ ދުވަހެވެ. ނީނާއާ ރާއިފް އެކީ އޮފީހަށް ވަން އިރު އޮފީހުގެ ހުރިހާ މުއައްޒަފުން ވެގެން ދެމީހުންނަށް މަރުހަބާ ކިޔާފައި ބޮޑު ކާޑެއް ހަދާފައި ނޯޓިސް ބޯޑުގައި ހަރު ކޮށްފައި ހުއްޓެވެ. ނީނާއާ ރާއިފް އެންމެންނަށް ޝުކުރު އަދާކޮށްފައި ކެބިންއަށް ވަނެވެ.
ނީނާ އެތެރެއަށް ވަދެ މޭޒުމަތީ އިށީނދެ ލޯ މަރާލިއެވެ.
“ކިހިނެއްވީ؟” ނީނާގެ އަތުގައި ހިފާލަމުން ރާއިފް އަހާލިއެވެ.
“ކަމެއް ނުވޭ… ފާޑަކަށް ހިތް ބިރު ގަންނަނީ… ކުއްލިއަކަށް ހިތަށް އެރީ އަދި މާ އަވަހޭ” ނީނާ ލޯ ހުޅުވާ ރާއިފްއަށް ބަލާލާފައި ބުންޏެވެ.
ނީނާ އެހެން ބުނުމާ އެކީ ރާއިފްއަށް ނޭވާ ހިފަހައްޓާލެވުނީ ބޭއިޚްތިޔާރުގައެވެ.
“އޭއި…! ތިހެން ބުނީމަ އަހަންނަށް ވާނެ ގޮތެއް ހިތަކަށްވެސް ނާރާތަ؟” އިރުކޮޅެއް ފަހުން ހަމަ ޖެހިލާފައި ނީނާގެ ނޭފަތުގައި ހިފާލަމުން ރާއިފް އަހާލިއެވެ.
ނީނާ އެއްޗެއް ނުބުނެ ރާއިފްގެ މޭގައި ބޯ ޖައްސާލިއެވެ.
“އަސްލުވެސް ބިރު ގަނޭތަ؟” ރާއިފް އަހާލިއެވެ. ނީނާ ބޯޖަހާލިއެވެ. “ކީއްވެ؟” ރާއިފް އެހިއެވެ.
“ނޭނގެ… ވެދާނެ ރާއިފްގެ އަނތްބަކަށް ވާން އުޅޭތީ ކަމަށްވެސް” ހީލާފައި ނީނާ ބުންނެވެ.
“އަހަރެން ކިހިނެއް ހަދާދޭންވީ؟” ރާއިފް އަހާލިއެވެ.
ނީނާ އިސް އުފުލާ ރާއިފްގެ މޫނަށް ބަލާލިއެވެ.
“ރާއިފް ގޮތެއް ހަދައިގެން މިބިރު ފިލާނެތަ؟” ނީނާ އަހާލިއެވެ.
“ހިތަށް އަރާ މިއަދު ބައްޕަ ހުރި ނަމައޭ…” އަނެއްކާވެސް އިސް ޖަހާލަމުން ނީނާ ބުންޏެވެ.
ރާއިފް ނީނާ ގައިގައި ބައްދާލިއެވެ. އިރުކޮޅަކު ދެމީހުންވެސް އެއްޗެއް ނުބުނެ އެހެން ތިބެފައި ދުރަށް ޖެހިލިއެވެ.
“ކިހާ އިރަކު ނީނާ ދަނީ؟” ރާއިފް އަހާލިއެވެ.
“ނުވައެއް ޖަހާ އިރަށް” ނީނާ ރާއިފްގެ ސުވާލަށް ޖަވާބު ދިނެވެ.
ނީނާ އާ ލަމްޔާއާ ދެމީހުން ކައިވެނި ޕާޓީގައި ލާ ހެދުން ފަހާ ނިމި، ހެދުން ބަލާދާން އޮތީ އެދުވަހު ހެނދުނު ނުވައެއް ޖަހާ އިރަށް ކަމަށް ވުމުން ނީނާ އަވަސް އަވަހަށް އެދުވަހު ނިންމަން ޖެހޭ މަސައްކަތް ކުރަން ފެށިއެވެ. ރާއިފްގެ ކައިވެނި އޮތީ އަނެއް ދުވަހު ކަމަށް ވުމާ އެކީ ނިޒާރު އެދުވަހުގެ މެންދުރު އޮފީސް ބަންދު ކުރަން ނިންމުމުން ހުރިހާ އެންމެން ވެސް ބެލީ އެމީހަކު ކުރަން ޖެހޭ މަސައްކަތް އަވަހަށް ނިންމޭތޯއެވެ.
ލަމްޔާ ގުޅުމުން ނީނާ މޭޒުމަތި ކުޑަކޮށް ތަރުތީބު ކޮށްލާފައި ތެދުވިއެވެ. އަދި ދަބަސް ކޮނޑުގައި އަޅުވާލައިގެން ގޮސް ރާއިފްގެ ގޮނޑީގެ ފަހަތުގައި ހުއްޓުނެވެ. ރާއިފް ލެޕްޓޮޕް ލައްޕާލާފައި ނީނާއަށް ބަލާލިއެވެ.
“މިދަނީ ދެން…” ނީނާ ބުންޏެވެ.
“އަހަރެން ދަންތަ؟” ރާއިފް އަހާލިއެވެ.
“އުހުނ… ރާއިފް ތި އުޅެނީ އަހަރެންގެ ހެދުން ބަލާ ހިތުން… ޕާޓީގެ ކުރިން ރާއިފްއަކަށް ހެދުމެއް ނުފެންނާނެ” ހީލަމުން ނީނާ ބުންޏެވެ.
ރާއިފް ތެދުވެ ނީނާ ގައިގައި ބައްދާލިއެވެ.
“އަދިވެސް ދުވަސް ދާލެއް ލަހީ…” ރާއިފް ބުންޏެވެ.
“ލަސްތަ؟ ދެން އެންމެ ރެއެއް އޮތީ” ނީނާ ބުންޏެވެ.
“މިރޭ ވާނެ އެންމެ ދިގު ރެއަށް…” ރާއިފް ބުންޏެވެ. އަދި ނީނާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އެވަގުތު ނީނާގެ ފޯން ރިންގް ވިއެވެ.
“ލަމް ކަންނޭނގެ…” ނީނާ ދަބަސް ތެރޭން ފޯން ނަގަމުން ބުންޏެވެ.
“އާނ… މި ނިކުންނަނީ” ފޯން ނަގާ ކަންފަތުގައި ޖައްސާލި ގޮތަށް ނީނާ ބުންޏެވެ. އަދީ ފޯން ކަނޑާލާފައި ރާއިފްއަށް ބަލާލާފައި ހީލިއެވެ.
“ލަމް ޓެކްސީގަ ނައްޓާލާފަ އެ ގުޅީ” ނީނާ ބުންޏެވެ.
“ދެން ހަމަ ނުފެންނާނެތަ މާދަންރޭގެ ކުރިން؟” ނީނާގެ އަތުގައި ހިފާ ރާއިފްއާ ކައިރިއަށް ދަމާލަމުން ރާއިފް އެހިއެވެ.
އެއީ ނީނާ އެދުނު ގޮތެވެ. އެދުވަހު އޮފީހުން ގެޔަށް ދާ ގޮތަށް ދެން ދެމީހުން ބައްދަލު ވާނީ ދެމަފިރިންގެ ގޮތުގައެވެ. ކުރިން އެކަމާ ރާއިފް އެއްބަސްވެސް ވިއެވެ.
“މިހާރު ތި އުޅެނީ ވައުދާ ހިލާފު ވާން…” ނީނާ ބުންޏެވެ.
“އޯކޭ… ނީނާ ބޭނުން ގޮތެއް… އެކަމަކު މިހާރު—” ރާއިފް އެވަގުތު ބޭނުންވި ގޮތަށް ކަންތައް ކުރިއެވެ. ދެމީހުން ސިހުނީ ދޮރު ހުޅުވާލި އަޑަށެވެ.
“ސާބަސް… ލަމްޔާ އެބަހުރި ކާރެއް މަޑު ކުރުވައިގެން ބޭރުގަ ނީނާ ލަސްވެގެން… އެކަމަކު މިދެމީހުން މިތާ ހަމަ ފުލް ރޮމޭންސް މޫޑްގަ” އެތެރެއަށް ވަންނަމުން ނަސްރު ބުނެލިއެވެ.
“އެކަމަށްވެސް ހުރަސް އަޅާކަށްނު ތިއައީ” ނީނާ ގައިން ދޫކޮށްލަމުން ރާއިފް ބުންޏެވެ.
“މާދަން ވަންދެން އިހަށް މެދު ކަނޑާލާ” އިށީނދެފައި ނަސްރު ބުންޏެވެ.
“ނީނާ… ގުޅާނަން” ނީނާ ދޮރު ހުޅުވާލާފައި ނިކުންނަނިކޮށް ރާއިފް ނީނާއަށް ގޮވާލާފައި ބުންޏެވެ. ނީނާ ހީލާފައި ނިކުތެވެ.
“ސާބަސް! ތިހާ ވަރު ވާކަށް ނުވާނެ…” ނީނާ ދިޔަ ތަން ބަލަން ރާއިފް ހުރުމުން ނަސްރު ބުންޏެވެ.
ރާއިފް އެއްވެސް އެއްޗެއް ނުބުނެ އިށީނދެފައި ބޮލުގައި އަތް ހާކާލިއެވެ.
“ކިހިނެއްވީ؟ ކޮން ކަމަކާ ހާސް ވަނީ؟” ރާއިފްގެ އެހަރަކާތުން ކޮންމެވެސް ކަމަކާ ރާއިފް ކަންބޮޑުވެފައި ހުރިކަން ނަސްރުއަށް ވިސްނުނެވެ.
“ހަމަ ހިތަށް އަރަނީ ނުބުނެ ހުންނަންވީ ބާއޭ…” ދެއަތުން މޫނު ފޮހެލަމުން ރާއިފް ބުންޏެވެ.
“އަދިވެސް އެކަމާ ވިސްނަންތަ؟” ނަސްރު އަހާލިއެވެ. ރާއިފް ނަސްރުގެ ސުވާލަށް ޖަވާބެއް ނުދެއެވެ. “ދެން އެކަން ހަނދާން ނައްތާލަބަލަ! އެއީ ރާއިފް ނުކުރާ ކަމެކޭ ހީކޮށްލާ… އޭރުން ރަނގަޅު ވާނެ” ނަސްރު ބުންޏެވެ.
“އެކަމަކު… ހީވެސް ނުކުރާ ގޮތަށް ބައެއް ފަހަރު ކަންތައް ވެއެއްނު؟ އެކަހަލަ ގޮތަކަށް ނީނާއަށް އެނގިއްޖެއްޔާ…” ރާއިފް ނުބުނެ ހުއްޓާލިއެވެ.
“އެންމެ ރަނގަޅު، ބުނެބަލަ… މިސާލަކަށް ރާއިފް މިހާރު ނީނާ ކައިރީ ބުނެފިއްޔާ ނީނާ ހަދާނީ ކިހިނެއް؟” ނަސްރު އަހާލިއެވެ.
“ރުޅި އަންނާނީ… ޔަގީން ގަބޫލެއް ނުކުރާނެކަން އަހަރެން ނީނާ ދެކެ ލޯބި ވާކަމަކަށް” ރާއިފް ޖަވާބު ދިނީ އިރުކޮޅެއް ފަހުންނެވެ.
“ދެން…؟ އެހެން ވާންތަ ރާއިފް ބޭނުމީ؟ މާދަމާ އިންނަން ތިއުޅެނީ، އެކަމަކު މިއަދު ތިވާހަކަ ނީނާއަށް ކިޔާދީގެން ކައިވެނި ނުކޮށް ހުއްޓާލަންތަ ބޭނުމީ؟” ނަސްރު އެހިއެވެ.
ރާއިފް ދެފަރާތަށް ބޯހަލުވާލިއެވެ.
“އެހެން ވިއްޔާ ދެން ތިވާހަކަ ހުއްޓާލާ. އޭނައަށް ނޭނގޭ ކަމަކުން އޭނައަކަށް ދެރައެއް ނުލިބޭނެ… މިހާރު ދެން ތިވާހަކަ ދައްކައިގެން ނީނާއަށްވެސް ރާއިފްއަށްވެސް ދެރައެއް ނޫނީ ނުލިބޭނެ” ގޮނޑީގައި ރަނގަޅަށް ހަމަ ޖެހިލަމުން ނަސްރު ބުންޏެވެ.
ދެންވެސް ރާއިފް އިނީ އެކަމާ ވިސްނާށެވެ. ނަސްރުއަށް އެގޮތް ކަމަކު ނުދިޔައެވެ.
“ރާއިފް. ދެން ނުވިސްނަބަލަ ތިވަރަށް… ތީ ތިވަރުގެ އާޝިގަކަށް ވާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން…” ނަސްރު ބުންޏެވެ.
އެތައް އިރަކު ނަސްރުއާ ވާހަކަ ދައްކަން އިނުމަށް ފަހު ރާއިފް ހަމަޖެހުނެވެ. މެންދުރު އޮފީސް ބަންދު ކޮށްފައި ގެޔަށް ގޮސް ރާއިފް ނީނާއަށް ގުޅައިގެން ވާހަކަ ދައްކަން އޮވެފައި ފޯން ބޭއްވީ ނީނާމެން ބޭރަށް ދާން ވެގެންނެވެ.
އެރޭ އެކަކަށްވެސް ރަނގަޅަކަށް ނުނިދެއެވެ. މުޅި އެރޭ ހޭދަވީ އަނެއް ދުވަހުގެ އިންތިޒާރުގައެވެ.
ހެނދުނު ހޭލި ގޮތަށް އެންމެން ވެސް އެކިއެކި ކަންކަމުގައި އަވަދިނެތި އުޅެމުން ދިޔައެވެ. ދުވަސް ދިޔަ ގޮތްވެސް ނޭނގި އަށެއް ޖަހަން ފަނަރަ މިނަޓަށް ވެއްޖެ އެވެ. ނީނާއާ ލަމްޔާ ބަލާ ނިޒާރު ކާރުގައި އައި ވާހަކަ ލަމްޔާގެ މަންމަ ބުނި އިރު ދެމީހުންވެސް ކޮޓަރީގައި ތިބީ އެންމެ ފަހުގެ ތައްޔާރީ ވުމުގައެވެ.
ކައިވެނި ކުރަން ހަމަޖެހިފައި އޮތް ހޯލަށް ލަމްޔާއާ އެކީ ނީނާ ވަދެގެން އައި ތަން ފެނުމުން އެތެރޭގައި ނަސްރުއާ އާޒިމްއާ ވާހަކަ ދައްކަން ހުރި ރާއިފްއަށް ނީނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ނީނާ ރާއިފްއާ ދިމާއަށް ބަލާލާފައި ހީލިއެވެ.
ނުވައެއް ޖެހި އިރު ޕާޓީއަށް އަންނަ މެހެމާނުންނާ ސަލާން ކުރަން ނީނާ ރާއިފް ކައިރި ހުއްޓިގެން ހުރީ ރާއިފްގެ އަނތްބެއްގެ ގޮތުގައެވެ. އެދެ މީހުންނާ ޖެހިގެން ލަމްޔާއާ އާޒިމްވެސް ތިބީ ނީނާއާ ރާއިފް ފަދައިން އެރޭގެ ޕާޓީ ނިމި ގެޔަށް ދެވޭނެ އިރެއްގެ އިންތިޒާރުގައެވެ.
އެންމެ ފަހުން އެވަގުތުވެސް ޖެހިއްޖެއެވެ. ނިނާއާ ރާއިފް ލަމްޔާއާ އާޒިމްއާ ސަލާން ކޮށްލުމަށްފަހު ގެޔަށް ދާން ކާރަށް އެރިއެވެ.
ގެޔަށް ގޮސް ކޮޓަރިއަށް ވަދެ ހަމަޖެހިލެވުނު އިރު ބާރަ ޖަހައިފިއެވެ. ނީނާގެ ފަހަތުން ކޮޓަރިއަށް ވަދެ ރާއިފް ދޮރު ތަޅުލާފައި ނީނާ ގައިގައި ބައްދާލިއެވެ.
“ވެޑިންގ ޕްރެޒެންޓެއް ބޭނުންތަ؟” ރާއިފް އަހާލިއެވެ.
“ކޯޗެއް؟” ނީނާ ވެސް ކޮށްލީ ސުވާލެކެވެ.
“ލޯމަރާ…” ރާއިފް ނީނާގެ ލޮލުގައި އަތް ޖައްސާލާފައި ބުންޏެވެ.
ނީނާ ލޯ މަރާލިއެވެ. ރާއިފް ނީނާގެ އަތުގައި ހިފާފައި ނީނާގެ ވައަތުގެ ކަށި އިނގިލީގައި އަނގޮޓިއެއް އަޅުވާލިއެވެ.
“ދެން ލޯހުޅުވިޔަސް ހެޔޮ” ރާއިފް ބުންޏެވެ. ނީނާ ލޯ ހުޅުވާ އަތަށް ބަލާލިއެވެ.
“ނީނާގެ ބަރތް ސްޓޯން…” ރާއިފް ބުންޏެވެ. ނީނާ އަނގޮޓީގައި އިން ނޫ ކުލައިގެ ސަފަޔަރ އަށް ބަލާލާފައި ރާއިފްއަށް ބަލާލިއެވެ.
“ރާއިފްއަށް ދޭނެ އެއްޗެއް އަހަރެން ނުވެސް ގަންނަން…” ނީނާ ބުންޏެވެ.
“އަހަރެން އެންމެ ބޭނުމީ ނީނާ… މިރޭ ދެން އިތުރު އެއްޗެއް ބޭނުމެއް ނޫން…” ނީނާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ރާއިފް ބުންޏެވެ. ނީނާ ރާއިފްގެ ކަރުގައި ދެއަތް އަޅުވާލާފައި ރާއިފްއާ ކައިރި ވެލިއެވެ.
އަނެއް ދުވަހު ނީނާއަށް ހޭލެވުނު އިރު ރާއިފް އޮތީ ނީނާއާ ދިމާއަށް ބަލާށެވެ.
“ގުޑް މޯރނިންގ” ނީނާ ލޯ ހުޅުވާލުމުން ރާއިފް ބުންޏެވެ.
“ހްމްމްމް… މޯރނިންގ…” ރާއިފްގެ އަތު ތެރޭ އިތުރަށް ބޮނޑިވެލަމުން ނީނާ ބުންޏެވެ.
“ކިހާ އިރެއް ވެއްޖެ މިހާރު؟” އިރުކޮޅެއް ފަހުން ނީނާ އަހާލިއެވެ.
“ހަތެއް ޖެހީ…” ރާއިފް ބުންޏެވެ.
“އަސްލުވެސްތަ؟” ކުއްލިއަކަށް ތެދު ވަމުން ނީނާ އަހާލިއެވެ.
“ކިހިނެއްވީ؟” ނީނާގެ އަތުގައި ހިފަހައްޓާފައި ރާއިފް އެހިއެވެ.
“މާ ލަސްވެއްޖެ… ދެން ދޫކުރޭ…” ނީނާ ބުންޏެވެ.
“ލަހެއް ނުވެޔޭ އަދިއެއް” ރާއިފް ބުންޏެވެ. ނަމަވެސް ނީނާ ގަދަ ކަމުން ކަހަލަ ގޮތަކަށް ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ.
ދެމީހުން އެކީ ކޮޓަރިން ނިކުތް އިރު ބަދިގޭގައި ސައި ހަދަން ލަތާ ހުއްޓެވެ.
“ކޮބާ ދޮންތަމެން؟” ނީނާ އަހާލިއެވެ.
“އަދި ނުތެދުވޭ ހެން ހީވަނީ” ލަތާ ބުންޏެވެ.
“އެހެންތަ؟” ނީނާ ބުންޏެވެ. އަދި ރާއިފްއާ އެކީ ސައި ބޯން އިށީނެވެ.
ދެމީހުން ސައި ބޮއެ ނުނިމެނީސް ނިޒާރުއާ އެހެން އެންމެންވެސް ސައިބޯން އައެވެ.
އެދުވަހު ރާއިފް އޮފީހަށް ދިޔައީ މެންދުރު ފަހުއެވެ. ނީނާ އެދުވަހު ހަވީރު ރިފާޝާއާ ރިއުފާއާ އެކީ ދިޔައީ ބޭރަށެވެ.
ރޭގަނޑު އެންމެން ކާން އެރީ އެކީގައެވެ. ކެއުމުގެ ތެރޭ އެންމެން އެކިއެކި ވާހަކަ ދެއްކިއެވެ. އެވާހަކަ ތަކުގައި ނީނާވެސް ބައިވެރިވިއެވެ. ކައި ނިމިގެން ނީނާއާ ރިއުފާއާ ރިފާޝާ ތެދުވީ އެކީގައެވެ. އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ނާޝިދުއާ ހުޝާމްވެސް ތެދުވިއެވެ. ރާއިފްއާ ނިޒާރު ތިބީ އޮފީހުގެ ކޮންމެވެސް ކަމަކާ މަޝްވަރާ ކުރާށެވެ.
“ރާއިފް އެހެން ބުނި އިރަކު ބައްޕަ ހިއެއް ނުކުރަން ރާއިފް އަސްލުވެސް ނީނާއާ އިންނާނެ ކަމަކަށް” ވާހަކަ ދައްކަން ތިބެފައި ނިޒާރު ބުންޏެވެ.
“ބައްޕަ އަހަންނަށް އިތުބާރު ނުކުރަނީތަ؟” ރާއިފް އަހާލިއެވެ.
“ނޫނޭ… ދެން ބައްޕައަށް ހީނުވީ އޭރު ރާއިފް އެހެން ހަދާފާނެ ހެން… އެކަމަކު ވަރަށް އުފާ ވެއްޖެ ބައްޕަ ބުނެގެން ވިޔަސް ރާއިފް ނީނާ އާ އިނީތީ. އަދި ބުނި މުއްދަތުގެ ތެރޭގަ ހުރިހާ ކަމެއް ނިންމީތީ” ނިޒާރު ބުންޏެވެ.
ރާއިފް ނީނާއާ ކައިވެނި ކުރަން ނިންމީ ނިޒާރު އެހެން ބުނުމުން ކަމަށް ވިޔަސް، އެކަން ނިޒާރުއަށް ނޭނގޭތީ ރާއިފް ބޭނުންވީ ނިޒާރު އެބުނި ޖުމްލަ ރަނގަޅު ކޮށްދޭށެވެ. އަދި އެއްޗެއް ބުނުމުގެ ކުރިން ރާއިފްއަށް ބަދިގެއާ ދިމާއަށް ބަލާލެވުނީ ނިޒާރު އެހެން ބުނި އަޑު އިވޭ ހިސާބުގައި ނީނާ ނެތްކަން ޔަގީން ކުރާށެވެ.
ނަމަވެސް ފަހަތަށް ބަލާލެވުމާއެކު ރާއިފްއަށް އެހެން އިނދެވުނީއެވެ. އެވަގުތު ކުޑަ އިރުކޮޅަކަށް ރާއިފްގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލިއެވެ.
ނީނާއަށް ރާއިފްއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ އިވުނު އަޑާމެދު ޔަގީން ނުކުރެވިފައެވެ. އެނޫނީ ދުވަހަކުވެސް ނީނާ އަމިއްލަ އިވުމާ މެދު ޝައްކެއް ނުކުރެއެވެ. ފުރަތަމަ ޝައްކު ވީ ނަމަވެސް ނީނާ ފެނުމުން ރާއިފްއަށް ވީގޮތުން އަޑު އިވުނީ ރަނގަޅަށް ކަން ނީނާއަށް ޔަގީން ވިއެވެ.
ނީނާ އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ހިނގާލާފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.
“މިއަދު ހަގީގަތުގަވެސް ރާއިފް ބައްޕަގެ ދަރިއަކަށް ނީނާ ހަދާތިދިނީ…” އެތަނުގައި އެވަގުތު ވީއެއްވެސް ކަމެއް ނޭނގި ހުރެ ނިޒާރު ބުންޏެވެ.
“އެބަ އަންނަން ބައްޕާ…” ރާއިފް ނިޒާރުއަށް ބުންޏެވެ. އަދި އަވަސް އަވަހަށް ތެދުވެގެން ގޮސް އަތް ދޮވެގެން ކޮޓަރިއަށް ވަނެވެ. އޭރު ނީނާ އެނދުގައި އިށީނދެލައިގެން އިނެވެ. ރާއިފް ނީނާ ކައިރީގައި އިށީނެވެ.
“ބައްޕަ ބުނެގެންތަ އަހަންނާ އިނީ؟” ނީނާ އަހާލީ ހަމައެކަނި އެހެންނެވެ.
ނުނިމޭ
18 Comments
Comments are closed.
ޓައިމް ވީމަ ދިހަ ވަނަ ބައި އަޕްކޮށްލީ، މިބައި ދިގުވެސް ވާނެ، ހީކުރަން ކިޔުންތެރިން ލައިކް ވާނެ ކަމަށް، އެގާރަ ވަނަ ބައި މާދަމާ އަޕްކޮށްދޭނަން، ކިޔުންތެރިންގެ ކޮމެންޓްސް އަށް މަރުޙަބާ
U hav written whole story.. i want it all. I hav read this story twice. Its so awsome. U r an excellent writer
Oh varah salhi Tnx
this stry is fab!!! n u ithubaaru geluvaa nulla konme dhuhukuves eba up kurey.. 🙂 😀 😉 :-p
this stry is fab!!! n u ithubaaru geluvaa nulla konme dhuhukuves eba up kurey.. awsom! 🙂 😀 😉 😛
luv it
YEAH! thanks marsha! its a beautiful story MAASHA ALLAH! how I wish every story is as perfect as yours
V v salhi. Bunaa bahuga v ithubaaru hunna kujje ge gothuga v bodah feel kureve Marsha aky. Thi gothuga kuriah dhaathy. Mashaa Allah. Tgc
Salhi,dhen 11 vana bayah inthizaarugaa
My favourite story:).. this part vx hama v v v v nice… nxt part v avahah up kohdhehchey… plxxxx….
you said it mom (ninthu)
Nice
Woow
Nice’s story
Wowwwwwwwwwwwwwwwwwwwww.. Varah salhi
Interesting part ??
Vaahaka varah reeethi
ޝުކުރިއްޔާ ހުރިހާ ކުދިން.