
އިތުބާރު ގެއްލުވާ ނުލާ…2
ނީނާގެ މޫނު ރަތްވެގެން ދިޔައެވެ. އެއްޗެއް ނުބުނެވެނީސް ފޮޓޯގައި އެވާ މީހާގެ އަސްލު އައިސް ނީނާމެންގެ ކުރިމައްޗަށް ހުއްޓުނެވެ.
ރާއިފް ނީނާމެންގެ ކުރިމައްޗަށް ހުއްޓިފައި އެމީހުންނަށް ބަލާލިއެވެ. ނީނާގެ މޫނަށް ބަލާލުމާއެކު ރާއިފްގެ ހަރަކާތް އިރުކޮޅަކަށް ހުއްޓުނެވެ. ނީނާގެ ރީތިކަން އެވަގުތު ރާއިފްއަށް ފާހަގަ ކުރެވުނެވެ. ނީނާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ރާއިފްއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ފެނުނު ކޮންމެ ސިފައަކާމެދު ރާއިފް ހިތްހަމަ ޖެހުނެވެ. ނީނާގެ ދިގު އިސްތަށިގަނޑެވެ. އެންމެ ދޮން ނޫން މޫނާ ބޮޑު ދެލޮލެވެ. ނީނާ ލައިގެން އިން ހަރުވާޅު ހެދުންވެސް ރާއިފްއަށް ކަމުދިޔައެވެ.
“ކަމަކުތަ ބައްޕަ ހޯދަނީ؟” އިރުކޮޅެއް ފަހުން ރާއިފް އަހާލިއެވެ.
“ނިޒާރުބެއަށް އެނގޭނެ އަހަރެންގެ ބައްޕަ. ވަރަށް ކުރިން ބައްޕައާ ނިޒާރުބެ ބައްދަލުވީ. ނިޒާރުބޭ ބުނެފަ އޮތީ ކަމަކު ޖެހިއްޖެއްޔާ އަންނާށޭ، ކޮށްދޭނަމޭ. ބައްޕަ ވަރަށް ބަލިވެގެން…” ނީނާ ނުބުނެ ހުއްޓާލިއެވެ.
“ކޮންކަހަލަ ބައްޔެއްތަ؟” އިށީންނަމުން ރާއިފް އަހާލިއެވެ.
ނީނާ އެހުރިހާ ވާހަކައެއް ރާއިފްއަށް ކިޔާދިނެވެ.
“ބައްޕަގެ ރައްޓެހިން ވަރަށް ގިނަވާނެ. އެކަމަކު ތިމީހެއް އަހަންނަކަށް ނޭނގުނު. ތީ ކޮން ކުއްޖެއްތަ؟ ބައްޕައަކީ ކޮން ރަށަކު މީހެއް؟ ކިހިނެއް އަހަރެންގެ ބައްޕައާ ދިމާވީ؟” ރާއިފް އަހާލިއެވެ.
“އަހަންނަށް ކިޔަނީ ނީނާ. މީ ލަމްޔާ. އަހަރެންގެ ބައްޕައަށް ކިޔަނީ ރަޝީދު…..” ނީނާ، ރަޝީދުއާ ނިޒާރު ދިމާވިގޮތް ރާއިފްއަށް ކިޔާދިނެވެ.
އެވާހަކަތައް އަޑު އަހަމުން ދިޔަ ވަރަކަށް ރާއިފް ދިޔައީ ރުޅި ގަދަވަމުންނެވެ. އެފަހަރު ނިޒާރު އެރަށުން އައިސް ކަންތައް ދިމާވި ގޮތް ވަނީ ރާއިފްއަށް ކިޔާދީފައެވެ. އޭގެފަހުން ރާއިފް އެރަށު މީހުންދެކެ ވަރަށް ރުޅިއާދެއެވެ. އޭރުއްސުރެ ބައްޕައާ މެދު އެގޮތަށް ކަންތައް ކުރި މީހުން ދެކެ ރާއިފް ނަފްރަތު ކުރެއެވެ. އެރަށުގެ ނަން އަޑު އިވުނަސް ރުޅި އާދެއެވެ.
“އެހެންވީމަ ތީ އަހަރެންގެ ބައްޕަ މަރުވާން ދޫކޮށްލި ރަށު މީހުންދޯ؟” ނީނާގެ ވާހަކަ ނިމުމުން ރާއިފް އަހާލިއެވެ.
ނީނާއާ ލަމްޔާ އެކަކު އަނެކަކަށް ބަލާލިއެވެ.
“އަހަރެންގެ އުމުރުން ސޯޅަ އަހަރުގަ ބައްޕަ އެދަތުރުން އައިސް އަހަރެންނަށް ތިހުރިހާ ވާހަކައެއް ކިޔާދިނީއްސުރެ އަހަރެން ވަރަށް ރުޅި އާދޭ ތިރަށު މީހުންދެކެ. އެއީ އަހަރެންގެ ބައްޕަ ކުރި ކަމެއް ނޫނޭ. މީހަކު ވިހެއުމުގެ ތެރޭގަ މަރުވުން އެއީ މީހަކު ކުރާނެ ކަމެއްތަ؟ އެރަށު މީހުން ބައްޕަ ދެކެ ރުޅި އައީ ބައްޕަ ދައްތައާ އިނދެފަ ދައްތަ ބަލިވެ އިނީމަ ދޫކޮށްލާފަ ދިޔައީޔޭ ކިޔާފަ… ބައްޕަ ދިޔަ އިރަކު ނޭނގެޔޭ ދައްތަ އިނީ ބަލިވެ ކަމެއް.
އެކަމަކު އެކަމާ ތިރަށު މީހުން އަހަރެންގެ ބައްޕައަށް އެވަރަށް އަނިޔާ ވެފަ އޮތް އިރުވެސް އަޅާނުލާ ދޫކޮށްލާފަ އޮތީ. އެދުވަހު އަހަރެންގެ ބައްޕަ މަރުވި ނަމަ ކާކު ޒިންމާ ވާނީ؟
އަހަރެންގެ ބައްޕައަކީ ވަރަށް ހިތްހެޔޮ މީހެއް، ކޮންމެ މީހަކު އަޔަސް ވެވެން އޮތް އެހީއެއް ބައްޕަ ވެދޭނެ. ބައްޕަ ބުނާތީ އަހަރެންވެސް ތިހެން އަންނަ މީހުންނަށް އެހީވަން. އެކަމަކު އަހަރެންގެ ބައްޕައަށް އެހާ އިހާނެތިކޮށް ކަންތައް ކުރި ބަޔަކަށް އަހަންނެއް އެހީއެއް ނުވާނަން” ތެދުވެފައި ރާއިފް ބުންޏެވެ.
“ތިކަމާ ނީނާއާ ކޮންކަމެއް؟ ނީނާގެ ބައްޕައަކީ އެރަށު މީހެއް ނޫނޭ” ނީނާއާ އެކީ ތެދުވަމުން ލަމްޔާ ބުންޏެވެ.
“އެކަމަކު ނީނާގެ މަންމައަކީ އެރަށު މީހެއްނު؟ ނީނާއަކީ އެރަށު މީހެއްނު؟ އަހަރެން ބޭނުމެއް ނޫން އެރަށާ ގުޅުން ހުރި މީހަކާ އަނގައިންވެސް ބުނާކަށް” ރާއިފް ބުނެލިއެވެ.
ނީނާއަށް ރޮވެން ފެށިއެވެ. ލޮލުން ކަރުނަ އަންނަން ފެށިއެވެ.
“ތީ ހާދަ ހެއްވާ މީހެކޭ… ހާލެއްގަ ޖެހިގެން މީހަކު އެހީއަކަށް އެދިގެން އައިމަ ތީތަ ތިވަރުގެ މުއްސަނދިން ކަންތައް ކުރާ ގޮތަކީ؟ އެމީހެއްގެ އާއިލާއާ ރަށާ ގައުމަށް ދަންދެން ކޮށްފަ ހުރި ކަންތައް ބަލާފަތަ އެހީ ވެވެނީ؟ ތީ ހަމަ މާލޭގެ މުއްސަނދިންގެ ފާޑު… އަތުގަ ފައިސާ ހުރިއްޔާ މީހާ ހުންނާނީ ތިން ގުނައަށް ބޮޑުވެފަ. ހީވާނީ—”
“އަހަންނާ ދިމާއަށް ކިތަންމެ އެއްޗިއްސެއް ކިޔަސް އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ. އެންމެ ރަނގަޅު ވާނީ ތިދެކުދިން ދެން ދިޔައިއްޔާ” ލަމްޔާގެ ވާހަކަ މެދު ކަނޑާލަމުން ރާއިފް ބުނެލިއެވެ. އަދި ފަރުވާ ކުޑަ ގޮތަކަށް ނީނާއަށް ބަލާލާފައި ދާން އުޅުނެވެ.
“ތިބުނީ އެދުވަހު ނިޒާރުބޭ މަރުވި ނަމަ ޒިންމާ ވާނީ ކާކުހޭ… މިއަދު އަހަރެންގެ ބައްޕަ މަރުވެއްޖެއްޔާ ކާކު ޒިންމާ ވާނީ؟ އެދުވަހު އަހަރެންގެ ބައްޕަ އެހީ ނުވިނަމަ މިއަދު ނިޒާރުބޭ ދުނިޔޭގަ ހުންނާނެ ކަމެއް ކާކަށް އެނގެނީ؟” ރާއިފް ގޮސްގޮސް ހުއްޓާ ނީނާ އަހާލުމުން ރާއިފް އެނބުރިފައި ނީނާއަށް ބަލާލިއެވެ.
“ޕްލީޒް… އެދުވަހު އަހަރެންގެ ބައްޕަ ކޮށްދިން ކަންތައް ހަނދާން ކޮށްލާފަ، އެކަމުގެ ބަދަލެއްގެ ގޮތުގަ… ހެޔޮ ދަރަންޏެއް ގޮތަށް ވިޔަސް…” ރޮވިފައި ހުރެ ނީނާ ބުންޏެވެ.
ރާއިފް ނީނާއާ ދިމާއަށް ބަލަން އިރުކޮޅަކު ހުއްޓެވެ.
“އަހަރެން ދަރަންޏެއް ގޮތަށް ދީފިއްޔާ އެ ދައްކާނީ ކިހިނެއް؟” ރާއިފް އަހާލިއެވެ.
“ކޮންމެވެސް ގޮތެއް ހޯދާނަން…” ލޯ ފޮހެލާފައި ނީނާ ބުންޏެވެ.
“ކިހާ ވަރަކަށް ކިޔަވައިގެން ތިހިރީ؟” އިރުކޮޅަކު ވިސްނަން ހުރެފައި ރާއިފް އަހާލިއެވެ.
“ރަށުން އޭ ލެވެލް ހެދިން…” ރާއިފް އެކުރި ސުވާލާމެދު ހައިރާން ވެފަ ހުރެ ނީނާ ޖަވާބު ދިނެވެ.
“ރިޒަލްޓް ލިބިއްޖެތަ؟” ރާއިފް އެހިއެވެ.
“އަދި ނުލިބޭ…” ނީނާ ބުންޏެވެ.
“އަހަރެން ޖޮބެއް ދީފާނަން—”
“އެހެން ކަމެއް ނުކޮށްދިނަސް ހެޔޮ. ބައްޕައަށް ބޭސް ކުރެވޭނެ ވަރުގެ ލޯނެއް ލިބެނިކޮށް އެންމެ ރަނގަޅު… އެވަރުން ފުދޭ. ކޮންމެސް ގޮތަކުން އަލުން އަނބުރާ އެދައްކާނެ ގޮތެއް އަހަރެން ހޯދާނަން” ރާއިފް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ވިޔަ ނުދީ ނީނާ ބުނެލިއެވެ. އެއާ އެކު ރާއިފް އައީ ރުޅިއެވެ.
“ނުހޯދިއްޖެއްޔާ…؟ މަސައްކަތް ބޭކާރު ވެއްޖެއްޔާ…؟ އަހަރެން ޖޮބެއް ދޭން މިއުޅެނީ ނީނާއާ މެދު ވިސްނާފައެއް ނޫން… އަހަރެންގެ އަމިއްލަ ފައިދާއަށް. އެފައިސާ އަހަންނަށް އަނބުރާ ލިބޭނެކަން ޔަގީން ކުރަން ވެގެން” ރުޅި އައިސް ހުރެ ނީނާއާ ދިމާއަށް ފިޔަވަޅެއް އަޅާލަމުން ރާއިފް ބުންޏެވެ.
“އެއީ ކިހިނެއް؟” ލަމްޔާ އަހާލިއެވެ.
“މުސާރަ ދޭއިރު ކޮންމެ މަހަކު ވަކިވަރެއް ކަނޑާނީ… އޭރުން އަހަންނަށް ޔަގީން ވާނީ” ރާއިފް ބުނެލިއެވެ.
ނީނާ ކައިރިއަށްވެސް ރުޅި އައެވެ.
“މިބުނީނު ކޮންމެ ގޮތަކުން ވިޔަސް އަހަރެން އެ އަނބުރާ ދައްކާނަމޭ. ތިހާ އަމިއްލަ އެދުން ބޮޑު މީހެއްގެ ދަށުން ވަޒީފާގަ އުޅޭކަށް އަހަރެން ބޭނުމެއް ނޫން. އަހަންނަށް އެހެން ވަޒީފާއެއް ލިބިދާނެ” ނީނާ ބުނެލިއެވެ.
ނީނާ އެހެން ބުނުމުން ރާއިފް ބޭނުންވީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ރާއިފްގެ ދަށުން ނީނާ މަސައްކަތް ކުރުވާށެވެ.
“އަހަރެން ނީނާ ބޭނުން ވާ ވަރަށް ފައިސާ ދީފާނަން… އެކަމަކު ޝަރުތަކީ އަހަރެންގެ އޮފީހުގަ ނީނާ އަހަރެންގެ ސެކްރެޓަރީއެއްގެ ވަޒީފާ އަދާ ކުރުން. ނީނާ ނަގާ ފައިސާގެ އަދަދު ހަމަވަންދެން. ގަބޫލު ނޫނިއްޔާ އަހަންނަށް ބުނެވޭނީ ސޮރީއޭ!” ސޯފާގައި އިށީނދެ ހަމަޖެހިލާފައި ނީނާއަށް ބަލާލަމުން ރާއިފް ބުނެލިއެވެ.
ނީނާ އެއްޗެއް ނުބުނެ ރާއިފްއާ ދިމާއަށް ބަލަން ހުއްޓެވެ.
“ބޭނުންތަ؟ ނޫނީ ނުބޭނުންތަ؟” އިރުކޮޅެއް ފަހުން ރާއިފް އަހާލިއެވެ.
“އެހެން ގޮތެއް ނެތް ކަން އެނގޭތީއެއްނު ތިހެން ތިހެދީވެސް…” ނީނާ ބުނެލިއެވެ.
“މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު އަށެއް ޖަހާ އިރަށް އޮފީހަށް އާދޭ… މާދަމާ އޮފީހަށް ގޮއްސަ އަހަރެން ފައިސާ ހަވާލު ކުރާނަން” ރާއިފް ތެދުވިއެވެ. އަދި ކުރިމަތީ ހުރި ކޮފީޓޭބަލް މަތިން ކާޑެއް ނަގާ ނީނާއަށް ދިއްކޮށްލިއެވެ. “މީ އޮފީހުގެ އެޑްރެސް. ގަޑިއަށް އަންނާތި! ގަޑިޖެހޭ ކޮންމެ ދުވަހަކަށް މުސާރައިން ކެނޑޭނެ” އެހެން ބުނެފައި ނީނާގެ ޖަވާބަކަށް އިންތިޒާރު ނުކޮށް ރާއިފް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.
ރުޅިއައިސް ރަތްވެފައި ރާއިފް ދިޔަތަން ބަލަން ނީނާ ހުއްޓެވެ. ބަލާވެސް ނުލާ ރާއިފް ދިން ކާޑު އަތުތެރެއަށްލާ ބޮނޑިކޮށްލިއެވެ.
“ނީނާ…” ލަމްޔާ ގޮވާލިއެވެ. އަދި ނީނާގެ އަތުގައި ހިފައިގެން އެގެއިން ނިކުތެވެ. މަގުމައްޗަށް ނިކުމެވުމާއެކު ނީނާ މޫނުގައި އަތް އަޅާފައި ރޯން ފެށިއެވެ.
“ނީނާ…” ލަމްޔާ އަނެއްކާވެސް ގޮވާލިއެވެ.
“އަހަރެން ކުޑަކޮށްވެސް ހިތަކަށް ނާރާ ނިޒާރުބޭގެ ދަރިއެއް އެހާ ފޮނި ވެދާނެއެކޭ… އަހަރެން ދެން ޖެހޭނީ އޭނަގެ ދަށުން މަސައްކަތް ކުރަން…! އެއަށް ވުރެ ރަނގަޅުވީސް ކަންނޭނގެ މަގުމަތި ކުނިކަހަން ޖެހުނު ނަމަވެސް…” ރުއިން ހުއްޓާލާފައި މޫނު ފޮހެލަމުން ނީނާ ބުނެލިއެވެ.
“އެކަމަކު އޭރުން ނީނާ ބައްޕައަށް ބޭސް ކުރާނެ ލާރިއެއް ނުލިބޭނެއެއްނު؟” ލަމްޔާ މަޑުމަޑުން ބުނެލިއެވެ.
“ހިތަށް އެރީ ނޫނެކޭ ބުނާނެ އެއްގޮތްވެސް އޮތް ނަމައޭ… ނިޒާރުބޭ މާލޭގަ ހުރިނަމަ… ނިޒާރުބޭ ހާދަ ރަނގަޅޭ، އެކަމަކު އެހެރީ ދަރިއެއް…! ލާރި ފުނިފުނި މަތީ ބޮޑުވީމަ ކަންނޭނގެ އެހާ ފޮނީ… ގެފުރާ ލާރިއާ ރީތި ސިފަޔަކާ ލިބުނަކަސް އެހާ ވަރު ވާކަށް ނުވާނެއެއްނު…؟” ނީނާ އައިސްފައި ހުރި ރުޅީގައި ހިތަށް އައިހާ އެއްޗެއް ކިޔަމުން ދިޔައެވެ.
ރާއިފް ވަދެ އެނދުގައި އިށީނެވެ. ނިޒާރުއާ މެދު އެރަށު މީހުން ކަންތައް ކުރި ގޮތް ހިތަށް އެރުމުން ރުޅިއައިސް ދަތްކުނޑި ވިކާލެވުނެވެ. އެވަގުތު އެހުރިހާ ރުޅިއެއް އަމާޒުވީ ނީނާއަށެވެ. ރާއިފް ކަންތައް ކުރި ގޮތް ނިޒާރުއަށް އެނގިއްޖެ ނަމަ ނިޒާރު ރުޅި އަންނާނެކަން ރާއިފްއަށް އެނގެއެވެ. ނަމަވެސް ރާއިފްއާ ނިޒާރުއާ ވަރަށް ތަފާތެވެ. ނިޒާރުއަކީ ރުޅި މަޑު، ވަރަށް ފަސޭހައިން ކަނތައްތައް ހަނދާން ނައްތާލާ، އެހާ ފަސޭހައިން މީހުންނަށް މާފުވެސް ކުރާ މީހެކެވެ. ރާއިފް އެއާ ތަފާތެވެ. ކުށެއް ކޮށްފި މީހަކަށް ރާއިފް އެހާ ފަސޭހައިން މާފެއް ނުކުރެއެވެ. އަދި ރާއިފް ނުރުހޭ ކަމެއް ވެއްޖެ ނަމަ އެހާ އަވަހަށް ރުޅިވެސް އާދެއެވެ.
ރާއިފްގެ ފަރާތުން ފައިސާގެ އެހީ ނޫން އެހެން އެއްވެސް އެހީއެއް ބޭނުން ނޫން ކަމަށް ނީނާ ބުނުމުން ރާއިފް ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް އެ ގޮތްދޫނުކުރާ އަންހެން ކުއްޖާއަށް ރާއިފްގެ ހުށަހެޅުން ގަބޫލު ކުރުމަށް މަޖުބޫރު ކުރާށެވެ. އެހެން ގޮތެއް ނެތުމުން ނީނާ އެވަޒީފާއަށް ނިކުންނަން އެއްބަސް ވުމުން ރާއިފްއަށް އާދަޔާޚިލާފް ހިތްހަމަ ޖެހުމެއް ލިބުނެވެ.
އެކަމާ ވިސްނަން ފެށުމުން ރާއިފް އަނެއްކާވެސް ރުޅި އަންނަން ފެށިއެވެ. އެހެންވެ ގޭން ނިކުތީ އޮފީހަށް ދާށެވެ. ގެޔާ މާ ދުރުނޫން ހިސާބެއްގައި ނިނާއާ ލަމްޔާ ތިބިތަން ރާއިފްއަށް ފެނުނެވެ. ނަމަވެސް ރާއިފް އެ މީހުން ތިބި ދިމާލަށް ދިޔައީ އެހެން ވެގެނެއް ނޫނެވެ. ރާއިފްގެ ސައިކަލް ހުރީ އެތާ ކަމަށް ވާތީއެވެ. ނީނާއާ ލަމްޔާ ތިބީ ރާއިފްއަށް ފުރަގަސް ދީގެން ކަމުން އެދެމީހުންނަކަށް ރާއިފް އަންނަ ތަނެއް ނުފެނެއެވެ.
“އެހާ ބޮޑާ މީހެއްގެ ދަށުން މަސައްކަތް ކުރަން ވެއްޖެއްޔާ އަހަރެން މޮޔަވެދާނެ… ތިމާ ވަރުގެ މީހަކު ނެތިގެން…” ނީނާމެންނާ ހަމަވި އިރަށް ނީނާ ބުނި އަޑު ރާއިފްއަށް އިވުނެވެ.
“ވަޒީފާދޭ މީހާއާ ދިމާއަށް ތިހެން އެއްޗެހި ކިޔަންޏާ ވަޒީފާ ގެއްލިދާނެ… އަހަރެންގެ ހިޔާލު ބަދަލު ވެދާނެ” އެހިސާބަށް މަޑުކޮށްލާފައި ރާއިފް ބުނެލިއެވެ.
ރާއިފްގެ އަޑަށް ނީނާއާ ލަމްޔާ ބަލާލިއެވެ. ނީނާއާ ރާއިފް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބެވެ. އެވަގުތު ވެސް ރާއިފްއަށް ނީނާގެ ރީތި ކަމާމެދު ހިތާހިތުން ތައުރީފް ކޮށްލެވުނެވެ.
ނީނާ އެއްވެސް އެއްޗެއް ނުބުނެ ލަމްޔާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
އެދުވަހު ރަޝީދު ކައިރިއަށް ގޮސްފައި ނީނާ ރަޝީދު ގާތު އެދުވަހުގެ އެއްވެސް ވާހަކައެއް ނުބުނެއެވެ. ނިޒާރުމެން ގެޔަށް ދިޔަ ވާހަކައެއްވެސް، އަދި ރާއިފްއާ ދިމާވެ، ރާއިފް ކަންތައް ކުރި ގޮތުގެ ވާހަކައެއްވެސް ނުބުނެއެވެ. ހަމައެކަނި ބުނި ވާހަކައަކީ ނީނާއަށް ވަޒީފާއެއް ލިބުނު ވާހަކައެވެ. އެވާހަކަ ބުނުމުން ރަޝީދު ވަރަށް އުފާ ވިއެވެ.
ރަޝީދު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ނީނާ ހުރީ ލަމްޔާ ކިޔަވަން ހުންނަ ގޭގައެވެ. އެރޭ ހޮސްޕިޓަލުގައި ރަޝީދު ކައިރީ ހޭލާ އިނދެފައި ފަތިހު ނީނާ ލަމްޔާމެން ގެޔަށް ގޮސް ފެންވަރާ ހަދައިގެން އޮފީހަށް ދާން ތައްޔާރު ވިއެވެ. ނީނާ ލަމްޔާއާ އެކީ ޓެކްސީއެއްގައި ރާއިފްގެ އޮފީހަށް ދިޔައީ ފުރަތަމަ ދުވަސް ވީމައެވެ. އެހިސާބަށް ނީނާ ފޭބުމުން ލަމްޔާ ދިޔައީއެވެ.
ނީނާ އެތެރެއަށް ވަން އިރު ރާއިފް ރިސެޕްޝަން ކައިރީ ހުއްޓެވެ. ނީނާ ފެނުމާ އެކު ރާއިފް އަތުކުރީ ގަޑިއަށް ބަލާލިއެވެ. ނީނާއަށްވެސް ގަޑި ބަލާލެވުނެވެ. އޭރު އަށެއް ޖަހަން ތިން މިނެޓް ހުއްޓެވެ. ރާއިފް އަތުގެ އިޝާރާތުން ނީނާ ގާތު އައުމަށް ބުންޏެވެ. ނީނާ ރާއިފް ކައިރިއަށް ދިޔައެވެ.
“މީ އަލަށް ޖޮއިން ކުރި ކުއްޖެއް… ނީނާ، އަހަރެންގެ ސެކްރެޓަރީ” އެތާ ތިބި އެހެން މުވައްޒަފުންނަށް ރާއިފް ނީނާ ތަޢާރަފް ކޮށްދިނެވެ. ރާއިފް އެތެރެއަށް ހިނގައިގަތުމުން ހަދާނެ ގޮތެއް ނޭނގިފައި ނީނާ ހުއްޓެވެ. ވަކި ހިސާބަކަށް ގޮސްފައި ރާއިފް އެނބުރި ބަލާލިއެވެ.
“ނީނާ… އާދޭ” ރާއިފް ގޮވާލިއެވެ. އަނެއްކާވެސް ހިނގައިގަތެވެ. ނީނާ ޖެހިލުން ވެފައި ހުރެ ރާއިފްގެ ފަހަތުން ދިޔައެވެ. ރާއިފްގެ ކެބިންއަށް ރާއިފް ވަނުމުން ނީނާވެސް ވަނެވެ.
“މީ އަހަރެންގެ ކެބިން…” އެތެރެއަށް ވަދެފައި ރާއިފް ބުންޏެވެ. ނީނާ ވަށައިގެން ބަލާލިއެވެ. އެ ކެބިން ކުޑަ ނަމަވެސް ވަރަށް ރީއްޗެވެ. ދެފަރާތުގައި ދެމޭޒު، އެއްމޭޒު އަނެއް މޭޒާ ކުރިމަތި ވާ ގޮތަށް ހުއްޓެވެ. އެތަނުން އެއް މޭޒުމަތީގައި ފައިލްތަކަކާ ލެޕްޓޮޕެއް ހުއްޓެވެ. ނުބުނި ނަމަވެސް އެއީ ރާއިފްގެ މޭޒުކަން ނީނާއަށް އެނގުނެވެ.
“މީ ނީނާގެ މޭޒު” ހުސްކޮށް ހުރި މޭޒު ދައްކާލާފައި ރާއިފް ބުންޏެވެ.
“ކިހާ އިރަކު އޮފީސް ނިމެނީ؟” ނީނާ އަހާލިއެވެ.
“ގަޑިއަކީ ހެނދުނު އަށަކުން ހަވީރު ހަތަރަކަށް. އެކަމަކު މަސައްކަތް ހުރިއްޔާ ހައެއް ޖަހަންދެންވެސް އަދި އަށެއް ޖަހަންދެންވެސް މަޑުކުރަން ޖެހިދާނެ… މަޑު ކުރުން މަޖުބޫރެއް ނޫން، އޯވަރޓައިމްއަށް މަޑުކުރާނީ… ދެން މެންދުރު ބާރައިން އެކަކަށް ލަންޗް ބްރޭކް… އިތުރު ގަޑީގެ މަސައްކަތް ކުރާ ދުވަހެއް ވިއްޔާ ހަވީރުވެސް ބްރޭކްއެއް ލިބޭނެ” ރާއިފް ކިޔާ ދިނެވެ. ނީނާ އިތުރު ސުވާލެއް ނުކޮށް ހުއްޓެވެ.
“ނީނާ ކުރަންޖެހޭ މަސައްކަތް ފަހުން ބުނެދޭނަން، އެއިޓް ފޯޓީއަށް އެބައޮތް މީޓިންގއަކަށް ދާން” ރާއިފް ގެނައި ދަބަސް ހުޅުވާލަމުން ބުންޏެވެ.
“އެއްޗެއް އަހާލަންތަ؟” ނީނާ އަހާލިއެވެ. ރާއިފް ނީނާއަށް ބަލާލާފައި ބޯޖަހާލިއެވެ. “ބައްޕަ ދޫކޮށްލަންދެން އަހަރެން…” ނީނާއަށް ބުނާކަށް ނުކެރުނެވެ.
ނުނިމޭ
8 Comments!
Comments are closed.
Here s the 2nd part.. hope readers like thiss too…
wowwwwwwwwwwwww marsha i love it not like hehehe…any ways aslu v v story reethi…waitin 4 the next part
i think i am the first..yeyyyy heyyy
Mi part ves v v v reethi ?? waiting for the next part ingey swyty ?
Wow.. nice story eh… i luv it…. Waiting 4 nxt partt:) all the best Marsha….
Alhe mi vaahakaige 3 vana bai kobaatha? V kiyaalaa hithun hama v reethi mivaahaka gos oi hisaabu.
Can’t wait… wish to read soon
Haadha lhahey up kuraLhe
Mi vaahaka kyn