Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިތުބާރު ގެއްލުވާ ނުލާ…3

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
January 3, 2016 6 Mins Read
23 Comments

“އެއްޗެއް އަހާލަންތަ؟” ނީނާ އަހާލިއެވެ. ރާއިފް ނީނާއަށް ބަލާލާފައި ބޯޖަހާލިއެވެ. “ބައްޕަ ދޫކޮށްލަންދެން އަހަރެން…” ނީނާއަށް ބުނާކަށް ނުކެރުނެވެ.

“އާނ… ކޮންމެސް ގޮތެއް ހަދަން ޖެހޭނީ ދޯ؟” ވިސްނާލަމުން ރާއިފް އަހާލިއެވެ.

“މެންދުރު ފަހުގަ ނަޔަސް ހެޔޮތަ؟ މުސާރައިން ކެނޑޭގޮތަސް ވިޔަސް ހެޔޮ” ނީނާ ބުންޏެވެ.

“އެކަމަކު އޭރުން—” ރާއިފް އެއްޗެއް ބުނަން އުޅުނެވެ.

“ބައްޕަ ހޮސްޕިޓަލުގަ ބާއްވާފަ އަހަންނަށް ދުވާލު އެކީ މިތާ ހުރެވޭނެތަ؟” ރާއިފްގެ ވާހަކަ މެދު ކަނޑާލަމުން ނީނާ ރުޅިއައިސްފައި އަހާލިއެވެ.

ނީނާ ރުޅި އައުމުން ރާއިފްވެސް އައީ ރުޅިއެވެ.

“ބުނަން އުޅޭ އެއްޗެއް އަޑުވެސް ނޭހެނީތަ؟ އަހަރެން ބުނީ އެބައިވެސް މުސާރައިން ކަނޑަންޏާ ބާކީ— ދެން ހެޔޮ… އަހަންނަށް ވަރިހަމަ. އެކަމަކު އަހަރެންގެ ސެކްރެޓަރީ މެންދުރުފަހު އެކީ ނެތީމަ އަހަންނަށް ވަރަށް އުނދަގޫ ވާނެ… ” އެހިސާބަށް ރާއިފްއަށް ބުނެވުނު އިރަށް ނީނާ އަނެއްކާވެސް ރުޅިއައިސްގެން އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެއަށް ވުރެކުރިން އެކަން މަނާ ކުރުމުގެ ގޮތުން ރާއިފް ނީނާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.

“ތިހާ އަވަހަށް ރުޅި އަންނަނީ ކީއްވެތަ؟ އަޑުއަހާ! މެންދުރުފަސް އެކީ ފްރީ ކޮށެއް ނުދެވޭނެ… މޯނިންގގަ ޓޫ އަވަރސް، ބްރޭކްގެ ފަހުން ޓޫ އަވަރސް… އެގޮތަށް ހަދާދެވިދާނެ” ރާއިފް ބުންޏެވެ.

ނީނާ އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ.

“އެގޮތް ރަނގަޅުތަ؟” ރާއިފް އަހާލިއެވެ. ނީނާ ބޯޖަހާލިއެވެ. “ނީނާގެ ނަމްބަރު އަހަރެންގެ ޑައިރީގަ ނޯޓްކޮށްލާފަ މިއަދު ދިޔަޔަސް އެންމެ ރަނގަޅު… މާދަމާ އިން ފެށިގެން މިބުނި ގޮތަށް އޮފީހަށް ނިކުމޭ” ރާއިފް ބުންޏެވެ. އަދި އިތުރު އެއްޗެއް ނުބުނެ ނިކުތެވެ.

ނީނާ ފުން ނޭވާއެއް ދުކޮށްލާފައި ރާއިފްގެ މޭޒު ކައިރިއަށް ގޮސް ރާއިފްގެ ޑައިރީ ނަގާ ފުރަތަމަ ގަނޑުގައި ނީނާގެ ނަމާ ފޯން ނަމްބަރު ޖަހާލިއެވެ. އަދި އަވަސް އަވަހަށް ނިކުތެވެ. އޭރު ރިސެޕްޝަންގައި އިތުރު އަންހެން ކުއްޖަކު އިނެވެ. ނީނާ ފެނުމުން އެ ކުއްޖާ ހީލިއެވެ. ނީނާވެސް ޖަވާބުގައި ހީލިއެވެ.

“ނީނާ ދޯ؟” އެ ކުއްޖާ އަހާލިއެވެ. ނީނާ ބޯ ޖަހާލިއެވެ. “އަހަރެންނަކީ ޝަހުދާ، މީ ހަޝްމާ… ދެން މީނީ ހަނާން” ޝާހުދާ ރިސެޕްޝަންގައި ތިބި ތިން ކުދިން ތަޢާރަފް ކޮށްދިނެވެ. އިރުކޮޅަކު އެކުދިންނާ ވާހަކަ ދައްކަން ހުރެފައި ނީނާ ގެޔަށް ދިޔައެވެ.

 

ކޮންމެ ދުވަހަކުވެސް އޮފީހުގައި އުޅެން ޖެހޭ ހަތަރު ގަޑިއިރު ވަނީ ނީނާ އެންމެ ރުޅިގަދަވާ، އަދި އެންމެ ދެރަވެސް ވާ ވަގުތަށެވެ. ނީނާ ކޮންމެ ކަމެއް ކުރިޔަސް ރާއިފް އަންނަނީ ރުޅިއެވެ. ނީނާ ކުރާ އެއްވެސް ކަމެއް ރާއިފްއަށް ކަމަކު ނުދެއެވެ. އެންމެން ތެރޭ ވެސް ނީނާއާ ދިމާއަށް އެއްޗެއް ބުނާކަށް ރާއިފް ފަހަކަށް ނުޖެހެއެވެ. އެކި ގޮތް ގޮތުން ނީނާއަށް އުނދަގޫ ކުރެވޭތޯ ބަލައެވެ. އެއް ސިޓީއެއް އެތައް ފަހަރަކު ޓައިޕް ކުރަން ޖައްސަފާނެއެވެ. ކެބިންއިން ބޭރަށް ނިކުންނަ އިރަށް ގުޅާފައި އަންނަން ބުނާނެއެވެ. އޮފީހުގައި ނީނާ އުޅޭ ހަތަރު ގަޑިއިރުގައި އެންމެ މިނަޓެއް ވަންދެން ވެސް ނީނާ މަޑުން އިނަ ނުދޭނެއެވެ.

 

ކޮންމެ ދުވަހަކުވެސް އޮފީހުގައި އުޅޭ ވަގުތު ނޫން ހުރިހާ ވަގުތެއްހެން ނީނާ ހޭދަ ކުރަނީ ހޮސްޕިޓަލުގައި ރަޝީދު ކައިރީގައެވެ. ހެނދުނު ދިހައެއް ޖެހުމުން އޮފީހުން ނިކުންނަ ގޮތަށް ނީނާ ދަނީ ހޮސްޕިޓަލަށެވެ. އަނެއްކާ އެކެއް ޖަހަން ވާއިރަށް އޮފީހަށް ގޮސްފައި ހަތަރެއް ޖަހާއިރު އަނެއްކާވެސް ރަޝީދު ކައިރިއަށް ގޮސްފައި ދެން ގެޔަށް ދަނީ ހަވީރު ލަމްޔާ އައުމުންނެވެ. އެވަގުތު ގެޔަށް ގޮސް ފެންވަރާ ހަދައިގެން އަށެއް ޖަހަން ވާއިރަށް ހޮސްޕިޓަލަށް ގޮސްފައި ދެން ގެޔަށް ދަނީ ހަތަރެއް ޖަހާ އެހާކަންހާ އިރުއެވެ. އެގަޑީގައި ގޮސް ނަމާދު ކޮށްލައިގެން ކުޑަކޮށް ނިދާލާފައި ނީނާ ދަނީ އޮފީހަށެވެ. ބައެއް ދުވަސް ދުވަހު ރޭގަނޑުގެ ކްލާހެއް ނެތިއްޔާ ލަމްޔާ ރޭގަނޑު ބާރަ ޖަހަންދެން ވެސް ރަޝީދު ކައިރީ މަޑު ކޮށްދެއެވެ. އެރޭރޭ ނީނާ އަންނަނީ ނިދާލާފައެވެ.

 

ނީނާ އޮފީހަށް ދާން ފެށިތާ ދިހަ ވަނައަށް ވީ ދުވަހު ރަޝީދު ވަރަށް ސީރިއަސް ވިއެވެ. އެރޭ ވަރަށް ހާލުދެރަވިއެވެ. އެހެންވެ އަނެއް ދުވަހު ނީނާ އޮފީހަކަށް ނުދެއެވެ. ގުޅާލާފައި ބުނަންވެސް ނީނާ ހަނދާން ނެތެވެ. ރަޝީދުއާ މެދު ހާސްވެފައި ހުރި ވަރުން އެހެން އެއްވެސް ކަމެއް ނީނާގެ ހިތަކަށް ނުވެސް ވަދެއެވެ.

އެދުވަހު ނީނާ އޮފީހަށް ނައުމުން ރާއިފް ވަރަށް ރުޅިއައެވެ. ފޯން ކޮށްލާފައި ނާދެވުނު ސަބަބުވެސް ނޭންގުމުން ރާއިފް ހައްތަހާ ރުޅި ގަދަވިއެވެ.

 

ރަޝީދުގެ ހާލު ތަންކޮޅެއްވެސް ރަނގަޅުވީ އެދުވަހު ހަވީރުއެވެ. ނަމަވެސް އޭރުވެސް ކުރިޔާ ބަލާފައި ވަރަށް ބައްޔެވެ. އަނެއް ދުވަހު ނީނާ އޮފިހަށް ދިޔައެވެ. ނަމަވެސް ނީނާ ދިޔައީ ވަރަށް ބިރުން ހުރެއެވެ. ރާއިފް ރުޅި އަންނާނެކަން އެނގޭތީއެވެ. ނަމަވެސް އެކަމުގައި ނީނާއަށް ކުރެވޭނެ ކަމެއް ނެތެވެ.

ނީނާ އޮފީހަށް ވަން އިރު ރާއިފް ހުރީ ރިސެޕްޝަން ކައިރީގައެވެ. ރާއިފް ފެނުމާއެކީ އެތެރެއަށް އަޅާލި ފިޔަވަޅާއެކު ނީނާއަށް ހުއްޓެވުނެވެ.

“އަންނަން ވެއްޖެތަ؟” ރާއިފް އަހާލިއެވެ.

“އިއްޔެ—” ނީނާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ރާއިފް އެފުރުސަތެއް ނުދިނެވެ.

“އިއްޔެ އެއީ ބަންދު ދުވަހެއްތަ؟” ރާއިފް އަހާލިއެވެ. ރާއިފް ނީނާ ދެކެ ރުޅި އައިސްފައި ހުރި ވަރުން އޮފީހުގެ މުވައްޒަފުންވެސް ތިބީ ހައިރާން ވެފައެވެ. އޮފީހުގެ އެހެން މުވައްޒަފަކު އޮފީހަށް ނައިސްގެން ރާއިފް އެހާ ރުޅި އައިސްގެން އުޅުނު ކަމެއް އެކަކަށްވެސް ފާހަގަ ކުރެވިފައެއް ނެތެވެ. އެންމެން ތިބީ ހައިރާންކަމާ އެކީ އެ މަންޒަރު ބަލާށެވެ.

“އިއްޔެ ނާދެވުނީ—” ނީނާ އަނެއްކާވެސް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް މިފަހަރުވެސް ނީނާއަށް އެއްޗެއް ބުނާނެ ވަގުތެއް ރާއިފް ނުދިނެވެ.

“ނާދެވުނީ ކަމެއް ދިމާވެގެން؟” ރާއިފް އެހިއެވެ. ނީނާ ބޯޖަހާލިއެވެ. “އެންމެ ރަނގަޅު… ކަމެއް ދިމާވެގެން ނާދެވުނީ، މީ ކީއްކުރާ އެއްޗެއް؟” ރިސެޕްޝަން ކައުންޓަރ މަތީ ހުރި ފޯނުގެ އަތްގަނޑު ހިއްލާލާފައި ރާއިފް އަހާލިއެވެ. “މީގެ ބޭނުން އެނގޭތަ؟ ކަމެއް ދިމާ ވެގެން ނާދެވުނު އިރު ފޯންކޮށްލާފަ ބުނާކަށްވެސް ނޭނގޭތަ؟” ފޯނުގެ އަތްގަނޑު ބާރަކަށް ބާއްވަމުން ރާއިފް އަހާލިއެވެ.

“ހަނދާން ނެތުނީ—” ނީނާ ރޮވިފައި ހުރެ މަޑުމަޑުން ބުނެލިއެވެ.

“އަހަރެން ބޭނުމެއް ނޫން އެއްވެސް ބަހަނާއެއް އަޑުއަހާކަށް. އަހަރެން ނުބުނަންތަ އަހަރެންގެ ސެކްރެޓަރީ ނެތީމަ އުނދަގޫ ވާނެ ވާހަކަ؟ އެހެން ވެގެން ނޫންތަ އަހަރެން ބުނީ މެންދުރު ކުރިން ދެގަޑިއިރު، މެންދުރުފަހުން ދެގަޑިއިރު އޮފީހަށް އަންނާށޭ؟ އެބައޮތްތަ ރަނގަޅަށް ކަމެއް ކޮށްދެވެން؟ ނީނާ ހަނދާން ކުރާތި! މީގެ ފަހުން މިހެން ވެގެން ނުވާނެ…!” އެހެން ބުނެފައި ރާއިފް ގޮސް ކެބިންއަށް ވަނެވެ. ނީނާ ރޮމުން ދުވެފައި ގޮސް ފާހާނާއަށް ވަނެވެ. އެންމެން ހައިރާން ވެފައި ބަލަން ތިއްބެވެ.

ނީނާ ރޮއެރޮއެފައި އިރުކޮޅަކުން ލޯ ފޮހެލާފައި ލޯގަނޑުން މޫނު ބަލާލިއެވެ. ލޯހުރީ ދުޅަވެ ރަތް ވެފައެވެ. ނީނާ މޫނު ދޮވެލާފައި ޓިޝޫއަކުން މޫނު ހިއްކާލިއެވެ. އެވަގުތު ކޮންމެވެސް މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. ނީނާ ދޮރާ ދިމާއަށް ބަލާލިއެވެ.

“ނީނާ…؟” ޝަހުދާ ގޮވާލިއެވެ.

ނީނާ ދޮރު ހުޅުވާލާފައި ނިކުތެވެ.

“ކީއްވެތަ ރާއިފް އެހާ ވަރަށް ރުޅި އައީ؟ އެހެންނާ ދުވަހަކުވެސް މި އޮފިހުގަ އުޅޭ އެކަކާ ދިމާއަށްވެސް އެހާ ރުޅި އައިސްގެން އެއްޗެއްސެއް ނުކިޔާ…” ޝަހުދާ އަހާލިއެވެ.

“އޭނަ އަހަރެން ދެކެ މާހާއްސަ ރުޅިއެއް އަންނަނީ” ނީނާ ބުނެލިއެވެ.

ޝަހުދާއަކީ މާލެ އައި ފަހުން ނީނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ހާއްސަކޮށް އޮފީހުގައި އުޅޭ ވަގުތު ރާއިފް ކަންތައް ކުރާ ގޮތުން ނީނާ ދެރަވެ ކަންބޮޑުވާން ފެށުމުން ޝަހުދާގެ އެހީތެރިކަން ނީނާއަށް ލިބެއެވެ. އެހެންވެ ޝަހުދާ އެ ސުވާލު ކުރުމުން ނީނާ ހުރިހާ ވާހަކައެއް ޝަހުދާއަށް ކިޔާދިނެވެ.

“އެކަމަކު އެރަށު މީހުން ދެކެ އަންނަ ރުޅި ނީނާއަށް ބާލަން ވާނެތަ؟” ނީނާ ހުރިހާ ވާހަކައެއް ކިޔާދިނުމުން ޝަހުދާ އަހާލިއެވެ.

“ރުޅި އަންނާނެއެއްނު؟ އޭނައަށް ފާޑަކަށް އަހަރެން ބަލަން ޖެހިގެން ވިއްޔަ އެއުޅެނީ” ނީނާ ބުންޏެވެ.

“ދެން ރަނގަޅު ވާނެ ކަންނޭނގެ… މިއަދު ރާއިފްގެ ބައްޕަ މާލެ އަންނާނެ. އޭނަ ހުރިހާ ކަމެއް ރަނގަޅު ކޮށްދޭނެ ކަންނޭނގެއެއްނު؟” ޝަހުދާ ބުންނެވެ.

“ތިއެއްވެސް ނޭނގެ… ޝަހުދާއަށް ކިހިނެއް އެނގުނީ މިއަދު ރާއިފްގެ ބައްޕަ އަންނަ ކަމެއް؟” ޝަހުދާއަށް ބަލާލަމުން ނީނާ އަހާލިއެވެ.

“އިއްޔެ ނީނާ ނާންނާތީ ނީނާގެ މަސައްކަތް ކުރީ އަހަރެން، މިއަދު މެންދުރު އޮތް މީޓިންގއެއް ރާއިފް ބުނެގެން ކެންސަލް ކުރީ އޭނަ ބައްޕަ ބަލާ އެއަރޕޯޓަށް ދާންވެގެން” ޝަހުދާ ނީނާގެ ސުވާލަށް ޖަވާބު ދިނެވެ.

ރާއިފް މޭޒު ދޮށުގައި އިށީންތާ ބައިގަޑިއެއްހާ އިރު ފަހުން ނީނާ ވަދެ އިށީނެވެ. އަދި އެދުވަހުގެ މަސައްކަތް ފެށިއެވެ. ނީނާ އިރުއިރުކޮޅާ ރާއިފްއަށް ބަލާލައެވެ. ނަމަވެސް ރާއިފް އެއްފަހަރުވެސް ނީނާއާ ދިމާއަށް ބަލާވެސް ނުލައެވެ. ގަޑިއެއްހާއިރު ލެޕްޓޮޕްއިން ކޮންމެވެސް ކަމެއް ކުރަން އިނދެފައި ރާއިފް ގޮނޑީގައި ލެނގިލާފައި ބޯޖައްސާލައިގެން އޮވެ ލޯމަރާލިއެވެ.

 

ނީނާ ބަލާލިއިރު ރާއިފް އެހެން އޮތްތަން ފެނުމުން، ނީނާއަށް އެންމެ ފުރަތަމަ ރާއިފް ފެނުނު ފަހަރު މަތިން ހަނދާން ވިއެވެ. އެވަގުތު ނީނާއަށް ވީގޮތް މަތިންވެސް ހަނދާން ވިއެވެ. ފުރަތަމަ ފަހަރަށް ރާއިފް ފެނުމުން ކުރެވުނު އިހުސާސްތައް ކުރެވުނެވެ. ރާއިފްގެ މޫނަށް ބަލަހައްޓައިގެން ގެއްލިފައި އިނދެވުނީ ނީނާގެ ހިތުގައި ރާއިފްއާ މެދު ވާ ރުޅިވެރިކަންވެސް ހަނދާން ނެތިފައެވެ. ރާއިފް އަބަދު ނީނާއާ މެދު ކަންތައް ކުރާ ގޮތްވެސް އެވަގުތަކު ނީނާ ހަނދާނެއް ނެތެވެ.

ރާއިފްގެ މޫނަށް ބަލަން އިނދެ ނީނާގެ ހިތަށް އެކިއެކި އެއްޗެހި އަރަމުން ދިޔައެވެ. ރާއިފްގެ މޫނުގައި، އެލޮލުގައި އަތް ޖައްސާލަން ހިތް އެދުނެވެ. އޮމާންކޮށްފައި އޮތް އިސްތަށިގަނޑު ހާވާލާ ހިތް ވިއެވެ.

ހިތަށް އަރަމުންދާ ޚިޔާލުތަކާ މެދު ނީނާ ހައިރާން ވިއެވެ. އެހާ ރުޅި އަންނަ މީހަކާ މެދު އެކަހަލަ އިހުސާސްތަކެއް ކުރެވެނީ ކީއްވެބާއޭ ނީނާ ހިތަށް އެރިއެވެ. އެވަގުތު ނީނާއަށް ހީވީ ފިނިފިނި ވައި ރޯޅިއެއް ޖެހިލިހެންނެވެ. ސިކުނޑި ތާޒާވެލި ހެންނެވެ. ލޯ މަރާލެވުނެވެ. ނީނާއާ ރާއިފް އެކުގައިވާ މަންޒަރެއް ޚިޔާލަށް ފެނުނެވެ. އެއާ އެކު ހިތަށް އެރި އެއްޗަކުން ނީނާއަށް ސިއްސައިގެން ގޮސް ލޯ ހުޅުވާލެވުނެވެ. އަތުން ޖެހި ގަލަންތައް އަޅާފައި ހުރި ބިއްލޫރި ތަށި ވެއްޓި ތެޅުނެވެ. ހާސް ވެފައި ނީނާއަށް އެވަގުތު ބަލާލެވުނީ ރާއިފްއާ ދިމާއަށެވެ.

ތަށި ތެޅުނު އަޑަށް ރާއިފް ސިހިފައި ލޯ ހުޅުވާ ބަލާލިއެވެ.

“ކިހިނެއް ވީ؟” ރާއިފް އަހާލިއެވެ.

ނީނާއަށް އެއްޗެއް ނުބުނެވުނެވެ. ރާއިފްއަށް ބަލާލާފައި ގަލަންތައް ނަގަން ތެދުވަން އުޅެނިކޮށް މޭޒުމަތީ ހުރި ފައިލްތައް ވެއްޓުނެވެ. ނީނާ އަނެއްކާވެސް ރާއިފްއަށް ބަލާލިއެވެ. ނީނާ އުޅޭ ގޮތުން ރާއިފް ނީނާއަށް ބަލަހައްޓައިގެން އިނެވެ.

“ކިހިނެއްތަ ތިވަނީ؟” ރާއިފް އަނެއްކާވެސް އަހާލިއެވެ.

“ކަމެއް ނުވޭ…” ޖެހިލުން ވެފައި ހުރެ ނީނާ ބުންޏެވެ.

“ތީ މުޅިންވެސް ނުވާ ކަންތައްތަ؟” ވެއްޓިފައި ހުރި ފައިލްތަކާ ގަލަންތަކާ ދިމާއަށް އަތް ދިއްކޮށްލަމުން ރާއިފް އަހާލިއެވެ.

“ސޮރީ…!” ނީނާ ބުނެލިއެވެ.

ރާއިފްއަށް ހީވީ ރާއިފް ރުޅި އައިސް ދާނެތީ ނީނާ ހާސް ވަނީ ކަމަށެވެ. އެދުވަހު ރާއިފް މާބޮޑަށް ރުޅި އައުމުން ނީނާ ކަންބޮޑުވީ ކަމަށެވެ. އެހެން ހިތަށް އަރާފައި ރާއިފް އިތުރު އެއްޗެއް ނުބުނެ އަނެއްކާވެސް މަސައްކަތް ފެށިއެވެ.

ނީނާ ފައިލްތަކާ ގަލަންތައް ނަގާ މޭޒުމަތީ ބަހައްޓާފައި ތެޅިފައި ހުރި ބިއްލޫރިތައް ނަގަން ފެށިއެވެ.

“ބަލައިގެން އުޅެއްޗޭ…!” ރާއިފް ނީނާއަށް ބަލާލި އިރު ނީނާ އަވަސް ކުރަން އުޅުނު ވަރުން ރާއިފް ބުނެލިއެވެ. ރާއިފްގެ އަޑަށް ނީނާ ދިޔައީ ސިއްސައިގެންނެވެ. އެއާ އެކު ބިއްލޫރިކޮޅެއް ނީނާގެ އަތަށް ހެރުނެވެ.

“އައުޗް…” އަތަށް ބިއްލޫރިކޮޅު ވަނުމާ އެކު ނީނާއައް ބުނެވުނެވެ.

“ސާބަސް! ކުޑަކުއްޖެއްތަ ތީ؟” ނީނާގެ އަތަށް ބިއްލޫރިކޮޅު ހެރުނުތަން ފެނުމުން ރާއިފް ތެދުވަމުން ބާރަށް ބުނެލިއެވެ. އަތަށް ހެރުނު ބިއްލޫރިކޮޅު ނަގަން އުޅެނިކޮށް ރާއިފް އެހެން ބުނުމުން ނީނާ އަނެއްކާވެސް ސިއްސައިގެން ދިޔަ ވަގުތު ބިއްލޫރިކޮޅު ދަމައިގަނެވުނު ގޮތުން އަތްތިލައިން ބޮޑުތަނެއް ކަފައިގެން ދިޔައެވެ. ހޯސްލާފައި ލޭތައް ފައިބަން ފެށިއެވެ.

“ނީނާ…!” މޭޒުމަތީ ހުރި ޓިޝޫ ފޮށިން ޓިޝޫތަކެއް ނަގަމުން ރާއިފްއަށް ގޮވާލެވުނެވެ. އޭރު ނީނާ އިނީ ލޭފެނުމުން ބޮލަށް އެނބުރުން އަރާ ގޮތް ވެފައެވެ. ވައަތުން ކަނާއަތުގައި ހިފަހައްޓައިގެން އަނެއް ފަރާތަށް މޫނު އަނބުރައިގެން ނީނާ އިނީ ލެއަށް ނުބަލަން ވެގެންނެވެ. ރާއިފް ގޮސް ނީނާ ކައިރި އިށީނދެފައި ޓިޝޫތައް ނީނާގެ އަތުގައި ޖައްސާލިއެވެ. އިރުކޮޅެއް ނުވެ ޓިޝޫތައް ފޯވިއެވެ. ރާއިފް އަނެއްކާވެސް އެހެން ޓިޝޫތަކެއް ގެނެސް ނީނާގެ އަތުގައި ޖައްސާ ބާރަށް ފިއްތާލީ ލޭމަނާ ވޭތޯއެވެ.

“ތަދުވޭ…” އަތަށް ފިއްތާލުމުން ތަދުވެގެން ނީނާއަށް ބުނެވުނެވެ.

“ދެން ގައިން ލޭހުސްވަންދެން ބަލަން ހުންނަންވީތަ؟ ކަނޑައިގެން ދިޔަ އިރަކު ތަދެއް ނުވޭތަ؟” ރާއިފް އަހާލިއެވެ.

ރާއިފް ނީނާގެ އަތުން ޓިޝޫތައް ނައްޓާލުމުން ނީނާ އަތަށް ބަލާލަން އުޅުނެވެ. ނަމަވެސް އެވަގުތު ރާއިފް ނީނާގެ ބޮލުގައި ހިފަހައްޓާލިއެވެ.

“ބޯ އަނބުރަންޏާ އިހަށް ނުބަލާތި!” ނީނާ އަނެއް ފަރާތަށް އެނބުރިގެން އެހުރިހާ އިރު އިނީ ބޯއަނބުރާތީ ކަން އެނގޭތީ ރާއިފް ބުންޏެވެ. “މަޑުކުރޭ… އެބަ އަންނަން…” ރާއިފް ބުންޏެވެ. އަދި ތެދުވެގެން ގޮސް ގިނަ އިރެއް ނުވެ ބެންޑޭޖް ރޯލެއް ހިފައިގެން އައެވެ.

ނީނާ ރާއިފްއަށް ބަލާލިއެވެ. ރާއިފް ނީނާއާ ދިމާއަށް ބަލާވެސް ނުލާ އިނދެ ނީނާގެ އަތުގައި ބެންޑޭޖް އޮޅަން ފެށިއެވެ.

“އައުޗް… ތަދުވޭ…” އަތަށް ބާރު ވުމުން ނީނާއަށް ބުނެވުނެވެ.

“ތަދުވާނެޔޭ… އެހާ އަވަސް އަރުވާލައިގެން ނޫޅުނު ނަމަ މިހެނެއް ނުވީހެއްނު؟ ބަލައިގެން މަޑުމަޑުން ކަމެއް ކުރާކަށް ނޭނގޭތަ؟ ކޮން ކަމަކާތަ އެހާ އަވަސް ކުރަން އުޅުނީ؟” ރާއިފް ސުވާލުތަކެއް ކޮށްލީ ރުޅިގަދަވެފައި އިނދެކަން ނީނާއަށް އެނގުނެވެ.

ނީނާ ޖަވާބެއް ނުދީ އިސް ޖަހާލިއެވެ. އެވަގުތު ނީނާއަށް ވީ ގޮތް ނީނާ އަމިއްލައަށް ބުނާނެ އެންމެ ފަހު މީހަކީ ރާއިފްއެވެ. ނީނާ ހާސްވެފައި އިން ވަރުން ރާއިފް ރުޅި މަޑުކުރިއެވެ. އެދުވަހު ނީނާއާ ދިމާއަށް ވަރަށް އެއްޗެހި ކިއިއްޖެއެވެ. ނީނާ އެހާ ހާސްވެފައި އެއިނީވެސް އެކަމާއޭ ހިތަށް އަރާ ރާއިފް އިތުރު އެއްޗެއް ނުބުނެ މަޑުން އިނެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އަނިޔާ.. 25 ވަނަ ބައި

Next

ހާދަ ލޯބިންނޭ… (6)

Next
January 3, 2016

ހާދަ ލޯބިންނޭ… (6)

Previews
January 3, 2016

އަނިޔާ.. 25 ވަނަ ބައި

23 Comments!

  1. Mar Sha Marsha says:
    January 3, 2016 at 10:20 am

    ހީކުރަން މިބައިވެސް ކަމުދާނެ ކަމަށް… ހަތަރު ވަނަބައި އިރާދަ ކުރެއްވިއްޔާ މާދަމާ ގެނެސްދޭނަން

  2. Naxee says:
    January 3, 2016 at 10:46 am

    Kurin genesdhinintha mi vhk

    1. Mar Sha Marsha says:
      January 3, 2016 at 3:02 pm

      Yes kurin genesdhyfa in story eh me. Thnx for reading again ☺

  3. xuha says:
    January 3, 2016 at 10:47 am

    Mee Marsha kurin liyunu vaahaka eh dhoa. Mi vaahaka mihaa hisaabah kuriyah gohsa miyoh gorah mi name tag laagen kurin ehen site ehga mi vaahaka liyefa oi. But vaki hisaabakun vaahaka medu kedunee.

    1. Mar Sha Marsha says:
      January 3, 2016 at 2:03 pm

      Marsha kurin mivaahaka muraasil adhi araamagu ga genesdhinin nimendhen… ehen site akah nulan.. dhen innaany marsha ge blog ga… xuha ah fenuny kon site akun kan handhaan eba huritha? Thnx for reading ingey..

  4. Kai says:
    January 3, 2016 at 11:01 am

    Varah reethi story yei 😛 😛 but u are uploading the story a tad slow dw 🙁 so plx upload a lil fast 😀 😀

  5. shine says:
    January 3, 2016 at 11:27 am

    Woww.. this is really nice part.. I love this story…
    Yaa. Kai bunigothah upload vaaleh thankolheh las., little fast kohliyya v rangalhu vaane.. nxt partt kiyaa hithun mihaaru indheveny ehvx noon.. so, nxt part avahah up kohdheyne kamah unmydhu kuran.. alll the best dear….

  6. misty says:
    January 3, 2016 at 12:16 pm

    Haadha kuree.. Ehaa dhuvs kohfa up uraa iru ves ehaa kuru.. ? next part dhigu koh liyedhechey.. And thankolheh avahah up kodhechey.. Plx plx plx plx… BTW story is nice ?

  7. Najudhaa says:
    January 3, 2016 at 12:41 pm

    Varah reethi mi vahaka

  8. Maalu says:
    January 3, 2016 at 1:05 pm

    Wowwwww…vrh vrh vrh reethi story eh…??????

  9. raiya says:
    January 3, 2016 at 2:05 pm

    Marsha sis it’s awesome ?

    1. Mar Sha Marsha says:
      January 3, 2016 at 2:11 pm

      Thnx raiya.. ☺

  10. Mar Sha Marsha says:
    January 3, 2016 at 2:08 pm

    Thnx kai, shine, misty, najudhaa n maalu… yes dhen try kuraanan avahah up kureveytho, daily koh. n dhiguves kohdheynan.. thnx for reading n commenting.. marsha ah hurihaa comment thakah reply nukurevunas bakan replies n varah ufaa vey kudhin vaahaka kiyaalaafa comment kollaathy.. thnx again.

  11. Inaa says:
    January 3, 2016 at 3:29 pm

    Hey maash ge blog ga innany kon name eh.? 🙂

  12. Marie ❤ says:
    January 3, 2016 at 4:23 pm

    V reethi story eh..
    Waiting for the next.
    Wish to read it soon

  13. Mar Sha Marsha says:
    January 3, 2016 at 5:06 pm

    Thnx marie n inaa… n my blog is now closed.. sorry.. ?

  14. xenn says:
    January 3, 2016 at 5:22 pm

    Mee iss pyar ko kya naam doon ge copy ehtha

  15. xenn says:
    January 3, 2016 at 5:25 pm

    Story ekam varh habeys….avahah upload kohdhybaaa…

  16. Aishaa says:
    January 3, 2016 at 9:20 pm

    Varah reethi.????

  17. Eyesh says:
    January 3, 2016 at 9:50 pm

    Alhey marsha …. Mi part ves v v v reethi ? waiting for the next part ?

  18. cute_smiley16 says:
    January 3, 2016 at 10:21 pm

    Marsha!! Can i have ur blog address

  19. Mar Sha Marsha says:
    January 3, 2016 at 10:49 pm

    ޝުކިރިއްޔާ ހުރިހާ ކުދިން… މާޝާގެ ބްލޮގް މިހާރު ކްލޯޒް ކޮށްފިން، ދެން މުރާސިލް އަދި އަރާމަގު ގެ މިހާރު މާޝާގެ ވާހަކަތއް ފެންނާކަށް ނުހުރޭ، އެހެންވީމަ ލިންކްވެސް މާޝާއަކަށް ނޭނގެ، ފަހަރެއްގަ ފޭސްބުކް ގްރޫޕްގަ ލިންކް އިނދެދާނެ..

  20. cute_smiley16 says:
    January 3, 2016 at 10:53 pm

    Alhe mi vaahaka ekkoh kiyaalaa hithun.. Pla can u searxh

Comments are closed.


All Right Reserved!