
ފޮހެވޭނޭ ބާއޭ… 42
ވަށައިގެން ވަނީ ކަޅު އަނދިރިކަމެވެ. ހިމޭންކަމެވެ. ވައިރޯޅިއެއް ވެސް ޖެހިލާ އަޑެއް ނީވެއެވެ. އިޒްކާން ދެލޯ ހުޅުވައިގެން އެއަނދިރިކަމުގެ ތެރެއަށް ހޭނެން މަސައްކަތް ކުރިއެވެ. ދުރުން އައްޔެއްގެ ވާހެން ވެސް ހީވިއެވެ. އިޒްކާން އަލިކޮޅާއި ދިމާއަށް ހިނގައިގަތެވެ. ހިމޭންކަން ތޮރުފާލަމުން ކުއްލިޔަކަށް އިވެން ފެށީ އަންހެންކުއްޖެއްގެ ހުނުމުގެ އަޑެވެ. ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު ވެސް އިވެއެވެ. ނަމަވެސް މަންޒަރު ސާފު ވާގޮތެއް ނުވެއެވެ. އިޒްކާންގެ ހިތުގެ ތެޅުން އަވަސް ވާން ފެށީ އިވެމުން ދިޔަ ލޮބުވެތި ހުނުމުގެ އަޑު ގިސްލުމުގެ އަޑަށް ބަދަލުވެގެން ދިޔުމުންނެވެ. އެއަޑުން ހަށިގަނޑަން ސިހުން ގެނުވާހާ ވެއެވެ. ތުއްތު ކުއްޖާގެ އަޑުވެސް ކެނޑިގެން ދިޔައެވެ. ސިކުންތަކަށްފަހު ސިކުންތަކަށް ގިސްލުމުގެ އަޑު މަޑުވަމުން ގޮސް އެއްކޮށް ހިމޭން ވެގެން ހިނގައްޖެއެވެ. އިޒްކާން އޭނަގެ ކަންފަތް ހުޅުވާލީ އަދިވެސް އަޑެއް އިވޭ ތޯ އެވެ. އޭރު މީހާ ދަލުން ފެންވެރިއްޖެއެވެ.
****
”ޖުވޭރިޔާ މިތަނަށް އައީ ކީއްކުރަން؟، އަހަރެން ބޭނުމެއް ނޫން ތިއިން އެއްވެސް މީހެއްގެ މޫނު ދެކޭކަށް ވެސް، ހަމަ މިހާރު މިތަނުން ނުކުމެގެން ދޭ!، ޖުވޭރިޔާގެ ދަރި ބޭނުންވި ގޮތަށް ކަންތައްވެ ނިމިއްޖެއެއްނު…” ވޯޑަށް ވަދެގެން އައި ޖުވޭރިޔާ ފެނި ބަލްޤީޝްއަށް ގޮނޑިން ތެދުވެވުނީ ގޮނޑީގައި ކައްޓެއް ހުރި ފަދައިންނެވެ. އޭނަ ޖުވޭރިޔާއަށް ބަލަން ހުރީ ރުޅިވެރިކަމާއެކުގައެވެ.
ޖުވޭރިޔާ އެއްޗެއް ނުބުނެ އައިސް އިޒްކާން އޮތް އެނދާއި އަރާހަމަކޮށްލިއެވެ. އޭނަގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. އެދެލޮލުން އިޒްކާންގެ ހާލަތާމެދު ހަމްދަރުދީ ވެފައިވާ މިންވަރު ފާޅުވަމުން ދިޔައެވެ. އިޒްކާން މިހުރީ ކަމަކާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ ދަރިފުޅަށް ވެގެން ދިޔަ ގޮތް ވެސް އެނގި އިޒްކާންގެ ހިތް ހަލާކުވެގެން ދާނެކަން ގައިމެވެ. ހަމައެއާއެކު މިޝްޔާ…… ޖުވޭރިޔާގެ އަޑު ބޭރުވެދާނެތީ އަނގަ މަތީގައި އަތްއަޅައި ބާރުކޮށްލެވުނެވެ.
”ބަލަ މަ ބުނި އެއްޗެއް ޖުވޭރިޔާއަށް އަޑެއް ނީވޭތަ؟…” ހަށަން ބަނދެލައިގެން ހުރެ ބަލްޤީޝް އިއްވާލައިފިއެވެ. ޖުވޭރިޔާ އިޒްކާންގެ ބޮލުގައި ފިރުމަން އުޅުމުން ޖުވޭރިޔާގެ އަތުގައި ބަލްޤީޝް ހިފެހެއްޓިއެވެ. މިއޮއް ހުރިހާ އިރު ވަންދެން ބަލްޤީޝްއާ ދިމާއަށް އެއްޗެއް ނުބުނެ ކެތްކުރަމުން ދިޔަ ޖުވޭރީޔާގެ ދޫ ނުފޮރުޅުނީ ހަމަ ކިރިޔާއެވެ. އޭނަ އެހުންނަނީ ބަލްޤީޝްއާ ދިމާއަށް އެއްޗެއް ނުބުނަން ކަމަށެވެ. ނަމަވެސް ބަލްޤީޝް އޭނަގެ ދަރިފުޅު ކުށްވެރިކޮށް އެއަޅުވާ ދޮގު އިލްޒާމުތަކުން އޭނައަށް ކެތްކުރެވޭނެ ހެއްޔެވެ؟
”މިޝްޔާ ބޭނުން ވި ގޮތަށް ހުރިހާ ކަމެއް ވެސް ވެއްޖެ އެއްނު…..”
”ހުއްޓާލާ… ބަލްޤީޝްއާ ދިމާއަށް އެއްޗެއް ނުބުނެ ކެތްކުރެވޭތޯ އަހަރެން ވަރަށް ބޮޑަށް މަސައްކަތްކޮށްފިން، އެކަމަކު ދެން މިޝްޔާއާ ދިމާއަށް އެއްޗެއް ބުނެފިއްޔާ އަހަރެން ހިމޭނުން ހުންނާނަން، ބަލްޤީޝް ތިހާ ހިތްނުބައި މީހަކަށް ވެދާނެއޭ އަހަރެން ހިޔެއްވެސް ނުކުރަން… އެކަމަކު ބަލްޤީޝްގެ ގޮތް މިރޭ އަހަންނަށް އެނގިއްޖެ… މާމަ ދަރިފުޅު މިދުނިޔެ ދޫކޮށް ދިޔައިރުވެސް ތިހުންނަނީ ދެނެހުރިކަމަށް ވެސް ހަދާނުލާ، ބަލަ އެއީ އިޒްކާންގެ ވެސް ލެޔޭ، އިޒްކާން ހޭ އެރުމުން ދޭނެ ޖަވާބަކާ މެދު ބަލްޤީޝް ވިސްނާލިންތަ؟… މިރޭ ވެދިޔަ ކަންތަކުގެ އިލްޒާމު ބަލްޤީޝް މިޝްޔާގެ ބޮލުގައި އަޅުވާ އުސޫލުން އަހަންނަށް އިޒްކާންގެ ބޮލުގައި ވެސް އެޅުވިދާނެ، އެކަމަކު އަހަރެން އެގޮތަކަށް ކަންތައް ނުކުރަން، އަހަރެން ހަޤީޤަތާ ކުރިމަތިލީ….. އަހަންނަށް އެނގޭ އިޒްކާން މިޝްޔާއަށް ދެރައެއް ނުދޭނެކަން….” ޖުވޭރިޔާގެ އަޑު ކުރެހިގެން ދިޔައެވެ.
”ނިމުނީތަ؟، އެހެންވެއްޖެޔެއްޔާ މިތަނުން ދާން ވީނު…” ބަލްޤީޝްގެ ހިތަށް ޖުވޭރިޔާގެ ޖުމްލައިން އަސަރު ކުރިހެނެއް ވެސް ހިޔެއް ނުވެއެވެ. ޖުވޭރިޔާ ގާތަށް ރުޅިއައިސް ދާނެތީ އެތަނުން ދާން އުޅުނެވެ. ނަމަވެސް ފިޔަވަޅުތަކަށް ހުއްޓުމެއް އެއީ ބަލި ގޮތަކަށް އެސްފިޔަތައް ތަޅުވަމުން ލޯހުޅުވަން މަސައްކަތް ކުރި އިޒްކާންގެ އަޑު އިވިގެން ދިޔުމުންނެވެ.
”މި..ޝްޔާ…” އިޒްކާން ލޯހުޅުވަން އުޅުނެވެ. މަންޒަރުތައް ވަނީ ފުސްވެފައެވެ. ނަމަވެސް އެސްފިޔަތައް ތަޅުވަން ފެށުމުން ވަގުތާ އެކު މަންޒަރުތައް ސާފުވާން ފެށި އެވެ. ބޮލަށް ބަރުވެފައިވާކަން ވެސް އިހުސާސްކުރެވުނީ ދެނެވެ. އިޒްކާން ކުއްލިޔަކަށް ދެލޯ ތަންމިނަށް ހުޅުވާލަމުން މުޅި ތަނަށް ނަޒަރު ހިންގަން ފެށިއެވެ. އޭނަ ހޯދަން ބޭނުންވާ ސޫރައެއް ނުފެނުނެވެ. އެއާއެކު މޭގަނޑަށް ފިނިވެގެން ދިޔައެވެ. އޭނަގެ ހަނދާނަން އެތައްހާސް ކިލޯގެ ބަރުދަނާއެކު ޖެހިގަތީ ހަށިގަނޑުން ވާގި ދޫވެ ލޯމެރެމުން ދިޔަ ވަގުތު މިޝްޔާ ކުޑަދޮރުން ބޭރަށް ވިއްސައިގެން ދިޔަ މަންޒަރެވެ. އެއީ ބިރުވެރި މަންޒަރެކެވެ. ހޭލާ ހުއްޓާ ފެނުނު ބިރުވެރި ހުވަފެނެއް ފަދައެވެ. އިޒްކާން ދަލުން ފެންވެރިގެން ދިޔަ އެވެ.
”މިޝޫ، މިޝޫ ކޮބާ، މީ ކޮންތަނެއް؟، އަހަރެން ބޭނުމީ މިޝޫއާ ބައްދަލުކުރަން…” އިޒްކާން އޭނަގެ އަތަށް ގުޅާފައިވާ އައިވީއާއި ލޭގެ އައިވީ ނައްޓަން މަސައްކަތްކުރިއެވެ. ބަލްޤީޝް އިޒްކާންގެ މަސައްކަތަށް ހުރަސް އަޅަމުން އަޑުގެ ކޮޅަށް ރަސަލްއަށް ގޮވާލައިފިއެވެ. އޭނަ ރުޅިވެރިކަމާއެކު ޖުވޭރިޔާއަށް ވެސް ބަލާލައިފިއެވެ. ޖުވޭރިޔާ ބޭނުން ވި ފަދައިން ކަންތައް ވެއްޖެހޭ ބުނާ އުސޫލުންނެވެ.
”މަންމާ، ކޮބާތަ މިޝޫ، އަހަރެން ބޭނުމީ މިޝޫއާ ބައްދަލު ކުރާށޭ….” އިޒްކާން އެނދުން ތެދުވަން އުޅުނެވެ. އޭނަގެ އަތަށް ގުޅާފައި ހުރި ކެނިއުލާރގައި ވެސް ހިފާ ދަމައިގަނެ ނައްޓާލައިފިއެވެ. ލޭގެ އައިވީ ވެސް މެއެވެ. އެހަށިގަނޑުގައި އަޅާ ވޭން އިހުސާސް ނުވާކަހަލައެވެ. އެއަށް ވުރެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމާއި ހާސްކަން މާ ބޮޑެވެ. އޭނަގެ ސިކުނޑި ރަގަޅަށް މަސައްކަތް ނުކުރަނީ ވެސް އެކަމާ ހެދިއެވެ. އޭނަގެ ހިތަށް ދެން ހަމަޖެހުމެއް ވެސް ލިބޭނީ މީޝްޔާގެ ސޫރަ ފެނުމުންނެވެ.
”ދަރިފުޅު ތިއޮތީ ހޮސްޕިޓަލުގައޭ، ހަމަޖެހިބަލަ، ރަސަލް…” ބަލްޤީޝްއަށް އިޒްކާން މައިތިރި ނުކުރެވުނެވެ. ދުރުގައި ނަރުސް ކުދިންވެސް ކައިރިވާން ނުކެރިފައި ބަލަން ތިބީ ޖެހިލުންވެފައެވެ. އިޒްކާން މޮޔައަކު ފަދައިން އުޅޭތީއެވެ. ހަޅޭއްލަވާވަރުންނެވެ.
އަޑުގަދަވުމާއި އެކު ރަސަލްގެ ފަހަތުން ޔޫޝައު ވެސް އައެވެ. އޭގެ އިރުކޮޅެއް ފަހުން ޔޫސުފް ވަދެގެން އަންނަތަން ފެނުނެވެ. ޖުވޭރިޔާ އަވަސްވެގަތީ ޔޫސުފް ހުއްޓުވާށެވެ. އޭނައަށް ބަލްޤީޝް އައިސްފައި ހުރި ގަދަ ރުޅިގަނޑު ފެނިއްޖެއެވެ. މިވަގުތަށް އެންމެ ރަގަޅުވާނީ ޔޫސުފްގެ ދެމަފިރިން އެތަނުން ދިއައްޔާއެވެ.
”ޔޫސުފް، މީ ރަގަޅު ވަގުތެއް ނޫން، ރަސަލްމެންނަށް އިޒްކާން މައިރިތި ކުރެވޭނެ…” ޔޫސުފްގެ އަތުގައި ހިފަމުން ޖުވޭރިޔާ ބުންޏެވެ. ޔޫސުފްއަށް އެގޮތް ކަމަކު ނުދިޔައެވެ. ”ޔޫސުފް…” އާދޭހުގެ ރާގަކަށް ޖުވޭރިޔާ ބުންޏެވެ. ޔޫސުފް ޖުވޭރިޔާގެ މޫނަށް އަދި ތެޅިފޮޅެމުން ދިޔަ އިޒްކާންއަށް ބަލާލިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އިސްޖަހާލި ޔޫސުފްގެ ފަހަތުން ރޮވިފައި ހުރެ ޖުވޭރިޔާ ހިނގައިގަތެވެ. ވޯޑުން ނިކުންނަމުން އޭނަ އިޒްކާންއަށް ބަލާލިއެވެ. އެފަކީރު އުޅެމުން ދިޔަ ހާލު ފެނި ހިތަށް ތަދުވިއެވެ. އިޒްކާންއަށް ހަޤީޤަތް އެނގޭ އިރަކުން ވާނީ ކިހިނެއް ހެއްޔެވެ؟
”ޔޫސުފް…” ޖުވޭރިޔާއަށް ޔޫސުފްގެ ގައިގައި ބައްދައިގަނެވުނެވެ. އޭނަގެ ހިތުގައި އަޅާ ވޭނުން މުޅި މީހާ ބަލިކަށިވެއްޖެއެވެ. ހުރިހާ ދިމާއަކުން ވެސް އޭނަ ފިއްތަމުން ދާ ފަދައެވެ. ޢާއިލާއަށް ލިބިގެން ދިޔަ ފުން ހިތާމައަށް ދުވަހަކު ނިމުމެއް އަންނާނެކަމެއް ނޭގެއެވެ. ވޯޑްގެ ބޭރުގައި ތިބި ޔޫސުފްއާއި ޖުވޭރިޔާގެ ސަމާލުކަން އައި.ސީ.ޔޫ އިން ނިކުތް ޑޮކްޓަރު އަތުލައިގެން ފިއެވެ. އެދިމާއަށް ދުއްވައިގަނެވުނީ އިހްތިޔާރަކާ ނުލައެވެ.
”ވީހާވެސް އަވަހަކަށް ބޭރަށް ގެންދަންވީ….” ޑޮކްޓަރު އިތުރު ތަފްސީލެއް ނުދެއްވިއެވެ. އުދުހުމުގެ ހުއްދަ ލިބިއްޖެކަން އެނގުމާއެކު ޖުވޭރިޔާގެ ދެލޮލުން އުއްމީދުގެ އޮއެވަރު ފެނިގެން ދިޔައެވެ. އޭނަ މާތް ﷲއަށް ދުޢާ ކުރިއެވެ.
ޔޫސުފް އަވަސް ވެގަތީ ފުރުމުގެ ކަންތައް ހަމަޖެއްސުމަށެވެ. އޭރު ވެސް ދީމް ގޮނޑިބަރީގައި އިން ގޮތަށް އިނެވެ. ޖެހި ބުދެއްހެން ހުއްޓުން އަރާފައެވެ. މޫނުމަތީގައި ވަނީ މޮޅިވެރިކަމެވެ. ގިނަ އިރު ވަންދެން ރުއިމުގެ ސަބަބުން ދެލޯ ދުޅަވެ ރަތްވެފައި ވެއެވެ. ދޮން މޫނުގެ ކުލަވަރު ވެސް ބަދަލުވެފައި ވެއެވެ. ޖުވޭރިޔާ ކޯފާތަށް ފޮހެލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދީމް ގާތު އިށީދެއްޖެއެވެ. އަދި ދީމްގެ އަތްތިލަގައި ހިފަހައްޓާލިއެވެ. އެއާއެކު ދީމް ދިޔައީ ސިހިގެންނެވެ. މަންމައާއި ހަތަރުކަޅި ހަމަވެގެން ދިޔުމާއެކު ދީމްގެ ތުންފަތް ހަރަކާތްކުރިއެވެ. ނަމަވެސް ބަހެއް ބޭރެއް ނުވިއެވެ. އޭނައަށް ގިސްލެވުނީއެވެ. ދީމް ގެނެސް މޭގައި ޖައްސާލަމުން ޖުވޭރިޔާ ދީމްގެ ބުރަކަށީގައި ފިރުމާލިއެވެ. ދެފަހަރަކު ގިސްލުމަށް ފަހު ދީމް މައިތިރިވެގެން ދިޔައެވެ. އެހެން އިންނަތާ ވަގުތުކޮޅެއް ފަހުން އޭނަ ވާހަކަ ދެއްކިއެވެ.
”މަންމާ…” ދީމް ބުންޏެވެ. ”މިއަދު މިހުރިހާ ކަމެއް ދިމާވީ އިޒްކާންއާ ހެދި، އޭނަ ހުރީ މިކަންތައް ސިއްރުކޮށްގެން… އޭނަ ސިއްރުނުކޮށް ފިޔަވަޅު އެޅިނަމަ މިއަދު މިހެންނުވީސް، ކަންތައްތައް ގޯހުންގޯހަށް ދިޔައީމަ އޭނަ ބުނީވެސް، އޭރު އޮތީ ވަގުތު ފާއިތު ވެފަ، އަހަރެން ދުވަހަކު އޭނައަށް މާފު ނުކުރާނަން، ދުވަހަކުވެސް….” ދީމްގެ އަޑުގައި ރިހުމާއި ރުޅިވެރިކަން ވެސް ވެއެވެ.
”ދަރިފުޅާ ތިވިސްނަނީ މުޅިން ގޯސްކޮށް….” ޖުވޭރިޔާ ވިސްނައިދޭން އުޅުނެވެ. ނަމަވެސް ދީމް އެހުރިހާ ނަސޭހަތަކަށް ދިނީ ބީރު ކަންފަތެކެވެ. އޭނަ ހުރީ އޭނަގެ ގޮތުގައެވެ. ހަޤީޤަތް ޤަބޫލުނުކޮށް އިޒްކާން ކުށްވެރި ކުރުމާއިގެން ފައިވިއްދާލާފައެވެ. އޭރު އިޒްކާން ހަޤީޤަތް ސިއްރުކުރީ މިޝްޔާގެ ސަބަބުން ކަމެއް އޭނައަކަށް ނޭގެއެވެ. އެސިއްރު އޮތީ މިޝްޔާއާއެކު ވަޅުލެވިފައެވެ.
****
އިޒްކާން މައިތިރި ނުވުމުން އެންމެ ފަހުން ރަސަލްއަށް ޖެހުނީ ހަޤީޤަތް ހާމަކުރާށެވެ. އެއާއެކު އިޒްކާންއަށް ވީ ގޮތެއް ނޭގުނެވެ. މުޅި މީހާ ހުއްޓުމަކަށް އައިސް ރަސަލް އާއި ހަތަރުހަމަކޮށްލީ އެއީ ދޮގެކޭ ބުނުމަށް އެދި އާދޭސް ކުރާ ހާލުގައެވެ. އޭނައާއި މިޝްޔާގެ ލޯބީގެ ނިޝާން ދުޅަހެޔޮ ސިއްހަތަކާއެކު ހެޔޮހާލުގައި މިދުނިޔެއަށް ނޭވާލަމުންދެޔޭ ބުނާށޭ ބުނާ ހާލުގައެވެ. މިޝްޔާ ސައްހަސަލާމަތުން ވެޔޭ ބުނާށޭ ބުނާ ހާލުގައެވެ. ރަސަލްއަށް ދަރިފުޅާ ހަތަރުކަޅި ހަމަކުރުން ވީ އުނދަގޫ ކަމަކަށެވެ. އޭނައަށް މޫނު އަނބުރާލެވުނީ އަނެއް ފަރާތަށެވެ.
އިޒްކާންގެ ރީތި ދެލޯ ފެންފަޅިވެގެން ދިޔައެވެ. ތުންފަތުގައި ތުރުތުރު ލުމެއް ވެސް އުފެދިގެން ހިނގައްޖެއެވެ. އޭނައަށް އެނދުގައި ބުރަކަށި ޖައްސާލެވުނެވެ. އެހުރިހާ ވާހަކައެއް ހަޖަމުކުރަން ސިކުނޑިއަށް ތަންދެމުންނެވެ. ނިދީގެ ތެރޭން އޭނައަށް ފެނުނު ބިރުވެރި ހުވަފެން ހަޤީޤަތަކަށް ވެ ނިމިއްޖެއެވެ. މެޔާއި ހިސާބުން ތޫނު ތަދެއް އިހުސާސްވާން ފެއްޓިއެވެ. އިޒްކާން ބަހެއްވެސް ނުބުނެ އޮންނަން ފެށުމުން އެންމެން ހާސްކަމެއްގެ ތެރެއަށް ގަންބަވާލައިފި އެވެ. އިޒްކާން ނޭވާލާހެނެއް ވެސް ހިޔެއް ނުވެއެވެ.
ބަލްޤީޝް ދަރިފުޅުގެ މޫނުގައި ލޯތްބާއެކު ފިރުމާލިއެވެ. ދެން ވެސް އިޒްކާން ހަމަ އެއޮތް ގޮތަށް އޮތީއެވެ. ސީލިންގްއަށް ނަޒަރު ހުއްޓާލައިގެން އޮތް އިރު ލޮލުގެ ހިމަކޮޅުން ލާފައި ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ. އޭނަގެ ޒަމީރު ވިސްނައިދެމުން ދިޔައީ ކެތްތެރިވުމަށެވެ. މިޝްޔާއަށް ދެރަ ގޮތެއް މެދުވެރި ނުވާނެކަމަށެވެ. އިޒްކާން އެވާހަކަތައް ޤަބޫލުކުރަން ބޭނުމެވެ. ނަމަވެސް އުއްމީދުގެ ހުޅުކޮޅު ނިވިގެން ހިނގައިދާނެތީ އޭނަ ބިރުގަތެވެ.
އިޒްކާން ފުރަތަމަ ވެސް ބޭނުންވީ ދަރިފުޅާ ބައްދަލު ކުރާށެވެ. އެއީ އިޒްކާންގެ ހިތަށް އިތުރު ޒަހަމްތަކެއް ދިން ވަގުތެކެވެ. ދުނިޔޭގައިވާހާ ހިތާމައެއް އޭނަގެ ފަސްބަޔަށް އެޅިގެން ދިޔައެވެ. ނުރޯން ހުރި ކަމުގައި ވިޔަސް ރޮވުނެވެ.
ލޯބިލޯބި މައުސޫމް މޫނެކެވެ. ކަޅުކަންގަދަ އިސްތަށިކޮޅެކެވެ. މިޝްޔާގެ ހުރިހާ ސިފައެއް މިލްކޮށްފައިވާ ފަދައެވެ. ދޮންކަމުން ގޮސް އަތްލައިފިއްޔާ އެތަނެއް ރަތްވެގެން ހިނގައިދާހާ ވެއެވެ. ފުންނިންޖެއްގެ ތެރޭގައި ފީނަމުން ދާ ފަދައެވެ. ހަމައެކަނި ތަފާތަކީ ނޭވާ ނުލާކަމެވެ. ހަރަކާތެއް ނުކޮށްލާ ކަމެވެ. އެމައުސޫމް ފުރާނަ ވަނީ އެފުރާނައިގެ ވެރިފަރާތުގެ ހަޒްރަތަށް ތަދުރުކޮށްފައެވެ.
އިޒްކާންއަށް ދަރިފުޅުގެ މޫނުގައި ފިރުމާލެވުނެވެ. އެއާއެކު އަތް ދަމައިގަނެވުނެވެ. ހާދަ ފިންޏެވެ! އިޒްކާންއަށް ދަރިފުޅުގެ މޫނަށް ބަލަން ހުރެވުނީއެވެ. އެންމެ ފަހަރަކު ވިޔަސް ރޯލުމަށް އެދި އާދޭސް ކުރާ ހާލުގައެވެ. ދަރިފުޅުގެ ބައްޕަ ގާތުގައި އެބަހުއްޓޭ ބުނަމުންނެވެ. ރޯލުމާއެކު މަސަލަސް ކުރަން އެއަތުގެ ތެރެއަށް ގެންނާނަމޭ ބުނަމުންނެވެ. ނަމަވެސް އެދަރިފުޅު ވަނީ އޭނަގެ އަޑު އިވޭ ވަރަށް ވުރެ މާދުރަށް ދަތުރުކޮށްފައެވެ. އެމައުސޫމް ފުރާނަ ކޮންމެވެސް އެއް ދުވަހަކުން އޭނައާއި މިޝްޔާއާއި ބައްދަލު ވާނެއެވެ. އެދުވަހަކަށް ޖެހޭނީ އިޒްތިޒާރުކުރާށެވެ. އަބަދަށްޓަކައި ނިދާފައި ވާއިރު އެފިޔާތޮށިކުލައިގެ ތުންފަތުގައިވަނީ ހިނިތުންވުމެކެވެ. އިޒްކާންއަށް އެތާގައި އިތުރަށް އެންމެ މިނެޓެއް ވަންދެން ވެސް ހުންނާކަށް ކެތްނުކުރެވުނެވެ.
އިޒްކާންއަށް މިޝްޔާއާއި ބައްދަލު ކުރަން އައި.ސީ.ޔޫއަށް ވަދެވުނީ ލައްކަ އުނދަގޫ މަސައްކަތަށް ފަހުގައެވެ. ފަހަތުން ލެއްޕިގެން ދިޔަ ދޮރާއެކު އޭނަ ހުރީ ގަނޑުވެފައެވެ. ބޭރުކޮށްލަން އުޅުނު ނޭވާވެސް ތާށިވެގެން ގޮސްފިއެވެ. ހިތަށް އެއްފަހަރާ އެތައް ހާސް ދުނިތީރުތަކެއް ހަރާލެވުނު ކަމުގައި ވިޔަސް މިހާރު އިހުސާސް ކުރެވެމުން އެދާ ތަދަށް ވުރެ ލުއިވީސްކަން ކަށަވަރެވެ. ގަދަކަމުން އޭނަ ކުރިއަށް ފިޔަވަޅުތައް އެޅިއެވެ. ތަފާތު މެޝިންތައް މިޝްޔާގެ ނާޒުކު ހަށިގަނޑަށް ގުޅާފައި ވާހިނދު އޭގެ އަޑުން މާހައުލުގެ ހިމޭންކަން ނަގާލަމުން ދިޔައެވެ. ނަރުސް ކުދިންތަކެއް އިރުއިރުކޮޅާ މިޝްޔާއަށް ސަމާލުކަން ދެއެވެ.
އިޒްކާން ކަރުނަތައް ފޮހެލަމުން މިޝްޔާގެ އަތުގައި ހިފީ ފަރުވާތެރިކަމާއެކުގައެވެ. އެވަގުތު ނަރުސް ކުއްޖަކު އިޒްކާންއަށް ގޮވާލި އަޑު އިވުނެވެ. އޭނަ އެއަޑަށް ސަމާލުކަމެއް ނުދިނެވެ. މިޝްޔާގެ މޫނަށް ބަލަން ހުރީއެވެ. އޭނަ ކިތަންމެ ވާހަކައެއް ދައްކަން ބޭނުންވި ކަމުގައި ވިޔަސް ދުލަކާ ހަމައަކަށް ނައެވެ. މިޝްޔާ ގާތު ހުރެ ރޯކަށް ވެސް ބޭނުމެއް ނުވިއެވެ. އޭނަ ބޭނުންވީ ހިތްވަރުކުރާށެވެ.
****
މިޝްޔާގެ ފުރުމުގެ ކަންތައް ހަމަޖެހިގެން ދިޔައީ އެރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ދަރިފުޅު ވަޅުލުމުގެ ކަންތައް ނިމުމާއެކު އިޒްކާން އަވަސްވެގަތީ ފުރުމުގެ ކަންތަކާއެވެ. މިކަމާހުރެ ބަލްޤީޝް ހިތްހަމަޖެހުނުކަމަކަށް ނުވިއެވެ. އޭނަ އިޒްކާން ހިފަހައްޓަން އުޅުނެވެ.
”ދަރިފުޅުގެ ސިއްހަތާމެދު ވިސްނާލަބަ، ދަރިފުޅު ނުދިޔަޔަސް އޭނަގެ މައިންބަފައިން އެބަތިއްބެއްނު އޭނަގެ ކަންތައްތައް ބަލަހައްޓަން….” ބަލްޤީޝް ބުނެލިއެވެ. އިޒްކާން އަޑެއް ނޭހިއެވެ.
”މިޝްޔާ އެއީ އަހަރެންގެ އަންހެނުން!….” ބަލްޤީޝްއާއި އިޒްކާއާއި ދެމެދު ހޫނު ޒުވާބެއް ހިނގިއެވެ. އިޒްކާންއަށް އެރޭ އައި ބަދަލާ މެދު އޭނަ ހައިރާން ވެސް ވިއެވެ. ފަހުން މަންމައާ އެފަދައިން ވާހަކަ ދެކެވުމުން ދެރަވިކަމުގައި ވިޔަސް އިޒްކާން ހުރީ މަންމަ ދެކެ އިންތިހާއަށް ރުޅިއައިސްފައެވެ. މާފަށް ވެސް ނޭދުނީ އެހެންވުމުންނެވެ. މަންމަ މިޝްޔާއާ މެދު ކަންތައް ކުރި ގޮތުން ދެރަވެ ހިތުގައި ޝަކުވާ ވެސް އުފެދުނެވެ. އެރޭ ބަލްޤީޝްއާއި އިޒްކާންގެ ގުޅުން މުޅިން ހެން ކެނޑިގެން ދިޔައެވެ.
”އިޒްކާން…” ބަލްޤީޝްއަށް ރޮވިއްޖެއެވެ. އޭނައަށް ބަލަހައްޓައިގެން ހުރެވުނީ އެމްބިއުލާންސަށް ގޮސް އެރި އިޒްކާންއަށެވެ. ފަހަތުން ގޮސް ހުއްޓުވަން ވެސް ހިތަށް އެރިއެވެ. ނަމަވެސް އިޒްކާން ބުނި ޖުމްލަތަކުގެ ސަބަބުން ނުފެންނަ އަތަކުން އޭނަގެ ފައިގައި ހިފަހައްޓާފައިވާ ކަހަލައެވެ. އޭނައަށް ރަސަލްގެ މޭގައި މޫނު ފޮރުވާލެވުނެވެ.
”މިއަދު އެއަންހެނާ މަގޭ ދަރިފުޅު މަށާ ވަކިކޮށްލައިފި… އޭނައަށް އަހަރެންގެ މާފް ދުވަހަކު ނުލިބޭނެ، ދުވަހަކުވެސް އިޒްކާން އަހަންނާ އެފަދައިން ވަހަކަ ނުދައްކާ، އެކަމަކު މިއަދު އެއަންހެނާގެ ސަބަބުން އަދަބު ކުޑަކޮށްލައިގެން އަހަންނާ ވާހަކަ އެދެއްކީ… ހިތަށް އަރާ އެމިޝްޔާއާއި އިޒްކާން ބައްދަލުނުވިނަމައޭ، އެކައިވެންޏަށް ރުހުން ނުދެވުނުނަމައޭ….” ބަލްޤީޝް ބުންޏެވެ. އޭނަގެ އަމާޒަކަށްވީ އޭނަގެ ފޮނި ބަސްތަކުން ރަސަލްގެ ވިސްނުމާ ކުޅެލުމެވެ. އޭނަ ސިކުނޑީގައި ރާވަމުންދާ ރޭވުން ކާމިޔާބު ކުރެވޭނީ ރަސަލް އޭނަގެ ކޮޅުގައި ހިފާލުމުންނެވެ. ރަސަލް އޭނަގެ އުފަލަށްޓަކައި ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެކަން އޭނައަށް މިވީހާ ދުވަސްތަކުގެ ތެރޭގައިވަނީ ފަހުމުވެފައެވެ.
****
މިޝްޔާގެ ސިކުނޑީގެ ދެ އޮޕަރޭޝަނެއް ކުރެވުނެވެ. އޭގެ އިތުރުން މައިބަދައިގެ އޮޕަރޭޝަނެއް ވެސް ކުރެވުނެވެ. މިޝްޔާގެ ފުރާނަ ޑޮކްޓަރުންގެ ބުރަ މަސައްކަތާއެކު ސަލާމަތްކުރެވުނަސް ލިބުނު ގެއްލުންތަކުގެ ސަބަބުން މިޝްޔާ ކޯމާއަކަށް ދިޔައެވެ. ކޯމާއިން ހޭއަރައިފިކަމުގައި ވިޔަސް މައިބަދައަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ހިނގުމުގެ އެއްވެސް އުއްމީދެއް ނެތްކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.
އިޒްކާން އަޒުމު ކަނޑައެޅީ ކެތްތެރިވާށެވެ. ދިރިއުޅުމުގައި މާތް ﷲ އެކަލާނގެ އަޅުތަކުން އިމްތިހާނު ކުރައްވަނީ އެކި ގޮތްގޮތަށެވެ. މިއީވެސް އެފަދަ އިމްތިހާނެކެވެ. ކެތްތެރިވެ މާތް ﷲ އަށް ދުޢާ ކުރަންވީއެވެ. އެކަލާނގެއީ ހުރިހާކަމަކަށް ވެސް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
މާލެ ފުރުމުގެ ހުއްދަ ލިބިގެން ދިޔައީ އޭގެ ތިން މަސް ފަހުންނެވެ. ފާއިތުވެގެން ދިޔަ ދުވަސްތަކުގައި އިޒްކާންއަށް ނުނިދެއެވެ. ލޯމަރާލާއިރަށް ފެންނަނީ ބިރުވެރި ހުވަފެނެކެވެ. އޭނައަށް ހޭލެވޭއިރު މީހާ ހުންނަނީ ހާސްވެ ދަލުން ފެންވެރިފައެވެ. މިކަންތައް ބޮޑުވާން ފެށުމުން ރަށަށް އާދެވެންދެން އިޒްކާން އިންނަނީ މިޝްޔާ ގާތު ހޭލައެވެ. އެއަތުގައި ފިރުމާލަފިރުމާލައެވެ.
”މިޝޫ އަހަންނަށް މާފް ކުރޭ، މިއަދު އަހަރެންގެ ސަބަބުން މިހުރިހާ ކަމެއް މިހެން މިދިމާވީ، ބޭބީ ވެސް…. އަހަންނަށް ފުރަތަމަ ވެސް މިޝޫއަށް ސަމާލުކަން ދެވުނު ނަމަ، އަހަރެންމީ ކޮންކަހަލަ މީހެއްތަ؟… އައިމް ސޮރީ މިޝޫ، ވެ ދިޔަ ކަންތައް ބަދަލު ކުރެވޭނެ ނަމަ…. މިޝޫ އަހަރެން އިންތިޒާރުކުރާނަން، ވަރިހަމަ އެއިންތިޒާރުގައި މަރުވެގެން ދިޔަ ކަމުގައި ވިޔަސް، އަހަރެން ވަރަށް ލޯބިވޭ މިޝޫ ދެކެ، އަހަރެން އިޒްތިޒާރުކުރާނަން….” އިޒްކާން މިޝްޔާގެ އަތަށް ބޮސްދިނެވެ. އެލޮލުން ވެއްޓުނު ކަރުނަތިކި މިޝްޔާގެ ދޮން އަތްތިލާގައި ބޮސްދިނެވެ.
****
މާލެ އާދެވުމާއެކު އިޒްކާން ބޭނުންވީ މިޝްޔާ ”ނައިޓިންގޭލް” އަށް ގެންނާށެވެ. މިކަމާ ޖުވޭރިޔާ ހިތްހަމަ ނުޖެހުނު ކަމުގައި ވިޔަސް އިޒްކާންއަކީ މިޝްޔާގެ ފިރިމީހާއަށް ވުމުން ދެކޮޅެއް ނުހެދުނެވެ. ނަމަވެސް އިޒްކާންގެ އެއެދުން ފުރިހަމަ ވެގެން ނުދިޔައެވެ. ހަފްތާއެއް ވޭތުވެގެން ދިޔަ ތަނާ ބަލްޤީޝް ޖުވޭރިޔާއަށް އެންގީ މިޝްޔާ އެގެއަށް ގެންދިއުމަށެވެ. ”ނައިޓިންގޭލް” ގައި އޭނަ މިޝްޔާ ނުބާއްވާނެ ކަމެވެ. އެސުންޕާގަނޑާއެކު އެއްފުރާޅެއްގެ ދަށުން ބަލްޤީޝްއަކަށް ނޫޅެވޭނެ ކަމެވެ.
ބަލްޤީޝްއާއި އިޒްކާންގެ ގުޅުން ކުރިއަށް ވުރެ ހީނަރުވެގެން ދިޔައެވެ. އެދުވަހު އިޒްކާން ގެދޫކޮށް މިޝްޔާއާއެކު ދާން އުޅުމުން ބަލްޤީޝްއަށް ވީ ގޮތެއް ނޭގުނެވެ. މޮޔައަކު ފަދައިން އިޒްކާންގެ ފަހަތުން ގޭޓާ ހަމައަށް ދުވަމުން އައެވެ. ރަސަލްއަށް ޖެހުނީ ގަދަ ބާރުން ބަލްޤީޝް މައިތިރިކުރުވާށެވެ.
”މިގެއިން މިޝޫއަށް ޖާގައެއް ނެތްނަމަ އަހަރެން ވެސް މިގެއަކު ނުހުންނާނަން… އަހަރެންގެ މިނިންމުން އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެ، އަހަރެން ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު މިޝޫ ދޫކޮށްނުލާނަން! މަންމައަށް މިކަން ސާފު ވެއްޖެކަމަށް އުއްމީދުކުރަން…….. މަންމައަށް އުފާވެރި ދުވަސްތަކަށް އެދެން….” އިޒްކާން ނުކުމެގެން ދަމުން ބުނި ޖުމްލަ ބަލްޤީޝްގެ ކަންފަތުގައި ގުގުމާލަމުން ދިޔައީ ހޮނު ގުގުރީގެ ސިފައިގައެވެ.
އެހާދިސާއަށް ފަހު ދެޢާއިލާގެ ގުޅުމަށް މުޅިންހެން ބުރޫ އަރައިގެން ދިޔައެވެ.
****
ތިން މަސް ފަސް….
ބަލްޤީޝްއަށް އިޒްކާން ބަލާ ”ސަމާރ ބްރީޒް” އަށް ދެވުނު އަދަދެއް ނޭގެއެވެ. ދާ ކޮންމެ ފަހަރަކު އޭނަ އިޒްކާންއަށް ނުފެންނަ ހިސާބުގައި ޖުވޭރިޔާއާއި ދިމާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވައެވެ. މިޝްޔާއާއި ދިމާއަށް ބަދުދުޢާ ވެސް ކުރެއެވެ.
”ކަލޭ ބޭނުންވި ގޮތަށް އެބަ ވޭދޯ؟، ފިރިހެން ދަރިއަކު ނެތީމަ އެނގުނީ މަގޭ ދަރި ދޯ ޖަހއިގަންނަން، ލަދެއް ވެސް ނުގަނެއޭ، ހަނދާން ކުރާތި، ކަލޭގެ އެމިޝްޔާއަށް މަގޭ ހިތް ދުވަހަކު ވެސް ހެވެއް ނުވާނެ، އޭނަގެ ސަބަބުން އަހަންނާއި އިޒްކާންގެ ގުޅުން ހީނަރުވެގެން ދިޔައީ، އޭނަ އެހެން އޮވެ މަރުވެއްޖެއްޔާ މަށަށް ރަގަޅީ!…” ޖުވޭރިޔާގެ އަތުގެ ހޫނު އެތިފަހަރުން ބަލްޤީޝްއަށް ސިހުން ގެނުވިއެވެ. ދެލޯ އަޅާލަމުން އޭނައަށް މޫނުގައި ފިރުމާލެވުނެވެ.
”ޚަބަރުދާރު!!!… އެހުރީ ވަން ދޮރު!، އަތުގައި ހިފާ ނުނެރެނީސް މިގެއިން ނުކުމޭ!!!….”
ޖުވޭރިޔާ ހަޅޭއްލަވައިގަތެވެ. އޭނަގެ ދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެއްކަމަކު ދެލޮލުން އަލިފާންކަނި ބުރައެވެ.
(ނުނިމޭ)
9 Comments!
Comments are closed.
wowww hurihaa part thah vx ehkoh tha…thanks..this part is also awsome..goodluck waitin 4 the next part..hehe
yeyyyyyy heyyyyyyyyy again me first
hehehehe
Burr horrrr
Mutha alhe please next part ves up kohdhee Bala plx ingey vvvvvvvvvvvv reethi mi part ves thank you
kury dhuvahu gothah many parts thah ehkoh upload kureytho hope kohgn irukolhaka esfiya page reload kureveny..feeling hopeful
Miadhu 2 parts up veema anekkaves balaali iru miadhuge 3rd part fenuny… this is awsummm… plz we need more of this… adhives kiyan beynun… come on mutha… dont let our hopes down ingey… u r great..
Wow..vvvvv nice..nd tnx gina part up kohdhinyma
Mashallah mi vaahaka v reethi.. me too lost our baby in 39 weeks.. i stil miss my angel baby girl.. e parts kiyaafa hama rovunu..