Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 43

Muthahhar Ibrahim (Mutha/S.Hithadhoo)
December 29, 2015
7 Mins Read
53 Views
13 Comments

ބަލްޤީޝް ރުޅި މޫނެއް ހަދާލައިގެން ހުރެ ނުކުމެގެން ދިޔައެވެ. ޖުވޭރިޔާގެ ލޮލަށް ބޮޑިވެގެން ދިޔަ ކަރުނަތައް އޭގެ މަގާމް ދޫކޮށް ފައިބައިގަތެވެ. ގޭގެ މައިދޮރު ލައްޕާލަމުން އައިސް އޭނައަށް ބޮޑުކޮޓަރީގައި ހުރި ސޯފާ ގޮނޑިއަށް ތިރިވެވުނެވެ. އޭނައަށް މޫނުގައި އަތް އަޅާލެވުނެވެ. ބަލްޤީޝްގެ ޖުމްލަތައް އެހިތަށް ހެރެމުން ދިޔައީ ވިހަގަދަ ކައްޓެއް ފަދައިންނެވެ. އެފަދައިން އެއްވެސް މީހަކު މިޝްޔާއާއި ދިމާއަށް ލަފްޒެއް ވެސް ބުނުމުގެ ހުއްދަ ދޭން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. ޖުވޭރިޔާ ވިސްނާލިއެވެ. އޭނަ ޖެހޭނީ އިޒްކާންއަށް ވިސްނާދޭށެވެ. މަސްލަހަތަށް ޓަކައެވެ. ނަމަވެސް އިޒްކާން ޤަބޫލުވާނެ ހެއްޔެވެ؟

ރޭގަނޑުގެ ކެއުމަށް ފަހު ޖުވޭރިޔާ އިޒްކާންއާއި ވާހަކަ ދައްކަން ވަގުތުކޮޅެއް ހޯދިއެވެ. ދެމީހުން ވެސް ތިބީ މިޝްޔާގެ ކޮޓަރީގައެވެ. އިޒްކާން އެނދުގައި އިށީންދެލައިގެން އިންއިރު ޖުވޭރިޔާ ހުރީ އިޒްކާން ގާތު ކޮޅަށެވެ. ޖުވޭރިޔާ ވާހަކައެއް ދައްކަން ބޭނުންވެފައި ހުރިކަން އިޒްކާންއަށް ނަގައިގަނެވުމާއެކު އޭނަ ޖުވޭރިޔާއަށް ބަލާލައިފިއެވެ.

”ދަރިފުޅާ މަންމަ ކަމަކު އެދެން މިއުޅެނީ، މަންމައަށް މިކަން ކޮށްދޭނަންތަ؟…” އިޒްކާންގެ ކޮނޑުގައި އަތް ބާއްވާލަމުން ޖުވޭރިޔާ ބުނެލިއެވެ. އިޒްކާން ވިސްނާލިއެވެ. އަދި ބޯޖަހާލިއެވެ. ޖުވޭރިޔާ ބުނަން އުޅޭ އެއްޗަކަށް އޭނަގެ ފުރިހަމަ ސަމާލުކަން ދެވިފައި ވެއެވެ.

”މަންމަ ބޭނުންވަނީ ދަރިފުޅު ބަލްޤީޝްމެން ގާތަށް ދާން، މިހާރުވެސް މަސްލަހަތު މިވަނީ ގޯސްވެފަ، ދަރިފުޅު ގެދޫކޮށްލާފަ އައުމުން ބަލްޤީޝްގެ ހިތުގައި ވާ ނަފްރަތު އިތުރަށް ބޮޑުވުން ނޫންކަމެއް ނުވާނެ، މަންމައަށް ކެތްނުވާނެ އެއްވެސް މީހަކު މިޝްޔާއާ ދިމާއަށް އެއްވެސް އެއްޗެއް ބުނާ އަޑު އަހަން، މަންމައަށް އެނގޭ އިޒްކާން އެގެއަށް ދާން ބޭނުން ނުވާކަން އެކަމަކުވެސް މަންމައަށް ޓަކައި މިކަން ކޮށްދީ، އިޒްކާން ނެތް ތަނުގައި ވެސް މަންމަ މިޝްޔާ ބަލާނަން، އިޒްކާން ބޭނުން އިރަކު މިޝްޔާއާއި ބައްދަލު ކުރުމުގެ ފުރުސަތުވެސް ލިބޭނެ، މިޝްޔާއެއީ ދަރިފުޅުގެ އަންހެނުން، އިޒްކާން… ބުނެބަލަ، މަންމަ މިބުނިހެން ކަންތައްކޮށްދޭނަންތަ؟…..” އާދޭހުގެ ރާގަކަށް ޖުވޭރިޔާ ބުންޏެވެ. އޭނަގެ ނަޒަރު ހިނދުކޮޅަކަށް ވެސް އިޒްކާންގެ މޫނުން ވަކިނުވެއެވެ. އޭނަ ދިޔައީ އެމޫނު ދިރާސާ ކުރަމުންނެވެ. ހިތާހިތުން ދުޢާ ކުރެވެނުނީ އިޒްކާން އޭނަގެ ނިންމުމާ ޤަބޫލުވުމަށް އެދި އެވެ.

އިޒްކާން ދެލޯ މަރާލައިފިއެވެ. އަދި ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. އެނިންމުން ނިންމަން އޭނައަށް އުނދަގޫވެފައިވާ މިންވަރު އެމޫނުމަތިން ރީއްޗަށް ފާޅު ވެއެވެ. ކެތްތެރިކަމާއެކު ޖުވޭރިޔާ އިންތިޒާރު ކުރަމުން ދިޔައެވެ. ޖަވާބު ނުލިބޭނެހާ އިރުކޮށްފައި އިޒްކާން ބޯޖަހާލިއެވެ.

ޖުވެރިޔާ ދެރަވިއެވެ. އިޒްކާންއަށް މަޖުބޫރުކޮށްގެން އޭނަގެ ނިންމުމާ އެއްބަސް ކުރެވުމުންނެވެ. ނަމަވެސް އެނޫން ގޮތެއް ވެސް ނެތީއެވެ.

”މަންމަ އަބަދު ވެސް އިޒްކާންއަށް އިތުބާރުކުރާނަން…” ޖުވޭރިޔާ ބުނެލިއެވެ. އޭނަ ނިކުމެގެން ދިޔައީ އިޒްކާންއަށް ވަގުތު ދެމުންނެވެ. ކޮޓަރީގެ ދޮރުލައްޕާލިއިރަށް ލޮލުން ފޭދުނު ކަރުނަ ތިކި އޭނަ އަތުގެ ނުފުށުން ފޮހެލައިފިއެވެ.

އިޒްކާން އެތައް އިރެއް ވަންދެން މިޝްޔާއާއި ވާހަކަ ދައްކަން އިނެވެ. ފޫހި ކަމެއް ނެތިއެވެ. ލޯބި ވާވަރު އަންގައިދިނެވެ. މިހާރު އިޒްކާންގެ ހިތަށް ފިނިކަމެއް ލިބިގެން ދަނީ މިޝްޔާއާއެކު ހޭދަކޮށްލެވޭ ވަގުތުތަކުންނެވެ. ނަމަވެސް މަންމަ އެއުޅެނީ އެއުފަލުން ވެސް އޭނަ މަހްރޫމް ކުރާށެވެ.

****

ޖެހިގެން އައި ދުވަހު އިޒްކާން ”ނައިޓިންގޭލް” އަށް އައުމުން ބަލްޤީޝްއަށް އުފަލުން ގޮސް އާސްމާނަށް އުދުއްސައިގަނެވުނެވެ. އޭނަ ދުވެލާފައި ގޮސް އިޒްކާންގެ ގައިގައި ބައްދާލިއިރިއަށް ރޮވިއްޖެއެވެ.

”ދަރިފުޅު ތިއައީތަ؟، ދެން މަންމަ ދޫކޮށްފަ ނުދާނަން ދޯ؟….” އިޒްކާން ހުރި ފިޔަވަޅު މަތީ އެއްޗެއް ނުބުނެ ހުއްޓެވެ. ދުރުގައި ރަސަލް ވެސް ހުއްޓެވެ. ބަލްޤީޝް ހީވަނީ މޮޔައެއް ހެންނެވެ. މެންދުރު ގަޑިއަށް ވުމުން އޭނަ އިޒްކާން ގެންގޮސް ކާކޮޓަރީގެ ގޮނޑިއެއްގައި ބޭންދި އެވެ. އަދި ކާން ތައްޔާރުކޮށްދިނެވެ. ބަހެއް ނުބުނެ އިނދެ އިޒްކާން ކެއުމަށް އިންސާފު ކުރީ ބަނޑުހައި ވެފައި ހުރުމުންނެވެ. އެހުރިހާ އިރު ވަންދެން ބަލްޤީޝް ހުއްޓާލުމެއް ނެތި ވާހަކަ ދެއްކިއެވެ. ނަމަވެސް އިޒްކާން ބަހެއް ވެސް ބުނެނުލި ތާނގައި އިސްއުފުލާލައި ބަލްޤީޝްގެ މޫނަށް ބަލާ ވެސް ނުލިއެވެ. ކައި ނިމުމާއެކު އޭނަ ކާކޮޓަރިން ނުކުމެގެން ދިޔައީއެވެ.

ދަރިފުޅު އަނބުރާ އައުމުން ބަލްޤީޝް ހުރީ އިންތިހާއަށް އުފާވެފައެވެ.

* * * * *

”ރާކިން މިހާރު ވީ ގުރާދޫ ގައި، އޭނަގެ ހާލު ސީރިޔަސްވެ ބުއްދި ގޯސްވީ… އަދިވެސް އިޒްކާންއަށް އެހާދިސާ ހަނދާން ނައްތަލުން ވެފައިވަނީ ދަތިކަމަކަށް، ފަހުން އައިސް އިޒްކާން އަހަންނާ ވެސް ވާހަކައެއް ނުދައްކާ… އެރާކިންގެ ސަބަބުން އެތައް ދިރިއުޅުމެއް ބަރުބާދުވެގެން ދިޔައީ….” ނަވްރަސް ބުންޏެވެ.

ޔަޝްމް އާއި ނަވްރަސް ތިބީ ތޮށިގަނޑު މަތީ އިށީންދެލައިގެންނެވެ. ޔަޝްމް އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ކޮން ފަދަ ބޮޑު އޮޅުވާލުމެއް ހެއްޔެވެ؟ ހަޤީޤަތް އެނގުމުން އޭނަ އިންތިހާއަށް ދެރަ ވެސް ވިއެވެ. ވިސްނާލުމެއް ނެތި އިޒްކާންއާ ދިމާއަށް ބުނެވުނު ޖުމްލަތަކުން އިޒްކާންއަށް ކުރާނެ ފުން އަސަރުތަކާ މެދު ވިސްނާލެވުމުން ހިތަށް ތަދުވިއެވެ. އޭނައަށް އިޒްކާންގެ މާޒީ އެނގިފައި ވާނަމަ އެގޮތަށް ވާހަކަ ނުދެއްކީހެވެ. ނަމަވެސް ވަގުތު ވަނީ ފާއިތު ވެފައެވެ. ނޭގި ވިޔަސް އިޒްކާންގެ ހިތަށް އަނިޔާ ދެވިއްޖެއެވެ. ޔަޝްމް ގަސްދުކުރީ އިޒްކާން ގާތުން މާފަށް އެދޭށެވެ. އޭނައަށް މިހާރު އިހުސާސް ކުރެވެމުން ދިޔައީ އޭނައަކީ އިޒްކާން އާއި މިޝްޔާގެ ދެމެދަށް އެޅިފައިވާ ހިޔަންޏެއް ހެންނެވެ. އިޒްކާން އޭނަ ދެކެ ރުޅި އަންނަނީ އެކެމުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ.

”ހޭއި ޔަޝްމް…” ޔަޝްމްގެ ފަރާތުން ޖަވާބެއް ނުލިބި ގިނަ އިރުވާން ފެށުމުން ނަވްރަސް ގޮވާލިއެވެ. އަދި ފިނިވެފައިވާ ޔަޝްމްގެ އަތްތިލައަށް ފިތާލިއެވެ. ނަވްރަސްގެ އެހަރަކާތުން ޔަޝްމް ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އިސްއުފުލާލި ހިނދު އޭނައާއި ނަވްރަސްގެ ހަތަރުކަޅި ބައްދަލު ވެއްޖެއެވެ.

ޔަޝްމްގެ ދެލޮލުގައި މޫތިތަކެއް ފަދައިން ވިދަމުން ދިޔަ ކަރުނަތައް ފެނި ނަވްރަސްގެ ހިތަށް ނުބައި ގޮތެއް ވިއެވެ. އޭނަ ޔަޝްމްގެ ކޯތާފަތުން ރޮނގު ދަމާލި ކަރުނަ ފޮހެލަ ދިނެވެ. އެވަގުތު ޔަޝްމްއަށް ދެލޯ މަރާލެވުނީ ކުރެވުނު ފޮނި ޖަޒުބާތުތަކުގެ ސަބަބުންނެވެ. ނަވްރަސްގެ ހޫނު ނޭވާތައް މޫނަށް އެޅިގެން ދިޔަ އިހުސާސުން ޔަޝްމް ލޯހުޅުވާލިއެވެ. އެއާއެކު ހިތުގެ ތެޅުން އަވަސް ވިއެވެ. ނޭވާ ފުންވާން ފެށިއެވެ. ނަވްރަސްގެ މޫނު ވަނީ ދާދި ކައިރީގައެވެ. ކުރެވޭ ހަރަކާތަކުން ވެސް ދެނޭފަތް ބީހިގެން ދާނެކަން ގައިމެވެ. އެހާ ގާތުން ނަވްރަސްގެ މޫނު ފެނުމުން ޔަޝްމްގެ ހިއްސުތައް ވެސް ހޭލައްވާލައިފިއެވެ. ލޭގެ ހިނގުން އަވަސް ކުރުވައިފިއެވެ. ދެޒުވާނުންގެ ލޮލުން ވެސް ފާޅުވަނީ އެއް ޖަޒުބާތެކެވެ. ހިތުގައި ޖަހަމުން ދަނީ އެއް ވިންދެކެވެ. ލޯތްބެވެ.

ކުއްލިޔަކަށް ޔަޝްމްގެ ޒަމީރު އޭނަގެ ސިކުނޑީގައި ފުއްޓަކިއެއް ދެމުން އޭނަ ވާ މަޤާމް ވިސްނާދިން ފަދައެވެ. އެއާއެކު ގެނބެމުން ދިޔަ ޚިޔާލީ ދުނިޔެއިން އޭނަ ހޭލައްވާލައިފިއެވެ. ހަމަ އެވަގުތު އޭނަގެ ފޯނު ވެސް ރިންގް ވާން ފެށިއެވެ. ލެއްވި ރަހްމަތެކޭ ޔަޝްމްގެ ހިތަށް އެރިއެވެ. ޔަޝްމް އަވަސް އަވަހަށް އަތްދަބަސް ތެރޭން ފޯނު ނެގިއެވެ. ސްކްރީނަށް އަރާފައި އިން ނަން ފެނި ފޫހި ކަމާއެކު ދެބުމަ ކައިރިކޮށްލެވުނެވެ. ބަލްޤީޝްގެ ހަޤީޤީ ސޫރަ ހާމަވެގެން ދިޔުމުން އެހިތުގައި ވަނީ ފޫހިކަން އުފެދިފައެވެ. މިޝްޔާއާމެދު ކަންތައް ކުރި ގޮތުން ރުޅިވެސް އާދެވުނެވެ. ހަމައެއާއެކު އޭނައަށް އޮޅުވާލާފައި ވާވަރުން ފޫހިކަން އިތުރު ކުރުވައިފިއެވެ.

”ހެލޯ…” ނުނަގަން ހުރެފައި ވެސް ޔަޝްމް ފޯނު ނެގިއެވެ. ދެން އިވިގެން ދިޔައީ ކަންބޮޑުވެފައިވާ ބަލްޤީޝްގެ އަޑެވެ. އެއަޑު ޔަޝްމްއަށް ނަގައިގަނެވުނީ ދެއްކުންތެރިކަމުގެ ގޮތުގައެވެ. ވަކިން ބޮޑަށް އޭނަ ބަލްޤީޝް ދެކެ ފޫހިވިއެވެ.

”ކޮންތާކުތަ ތިހުރީ؟…” ބަލްޤީޝް އެހި އެވެ.

”މަންމާ، އަހަރެން މިހުރީ ކޮލެޖްގެ ރައްޓެއްސަކާއެކު ބޭރުގަ، ދަމުން އަހަރެން ބުނިން މާހުތާބް ދައްތަ ގާތު މަންމަ ގެއަށް އައުމުން އަންގާލަދޭށޭ، އަހަރެން މަންމައަށް ގުޅިން، އެކަމަކު ފޯނެއް ނުނަގާ…. އިރުކޮޅަކުން ގެއަށް ދާން މިއުޅެނީ……” ނަވްރަސްއާ ދުރަށް ގޮސް ހުއްޓެމުން ޔަޝްމް ވީހާވެސް ރީތިކޮށް ވާހަކަ އަމުނާލިއެވެ.

”ވެދާނެ މާހުތާބް ހަނދާން ނެތުނީކަމަށް، އަވަހަށް ގެއަށް އަންނައްޗޭ، މަންމަ ހިތްހަމައެއްނުޖެހޭ ދަރިފުޅު ތިހާ ގިނައިން ބޭރުތެރޭގަ އުޅޭކަށް، މާލޭގެ މަގުތަކަކީ އެހާ ރައްކާތެރި މަގުތަކެއް ނޫން…” ބަލްޤީޝް ބުންޏެވެ. އަދި ޔަޝްމްއަށް ނަސޭހަތް ދެމުން ފޯނު ކަނޑާލިއެވެ. ޔަޝްމް ފަސްއެނބުރުމާއެކު ނަވްރަސް އޭނަގެ ފަހަތުގައި ވިއްދާލަފައި ހުރިތަން ފެނި ސިއްސައިގެން ދިޔައެވެ. ކުޑަކޮށް ހަޅޭއް ވެސް ލަވައިގަނެވުނެވެ.

”ކޮލެޖް ރައްޓެއްސަކާއެކު؟، ސީރިޔަސްލީ؟… ކީއްވެ ތެދުތެދަށް ނުބުނީ، އޭރުން ޔަޝްމް މަންމައަށް ވިސްނެން ވެސް ފަސޭހަ ވާނެއެއްނު…” ފަޓްލޫނުގެ ޖީބަށް އަތްޖަހާލައިގެން ހުރި ނަވްރަސް ބުމަ އަރުވާލަމުން ބުންޏެވެ.

”މަންމައަށް އަންޑަސްޓޭންޑް ނުވާނެ… ދެން ދަނީ، އެންޑް ތޭންކްސް، ނަވްރަސް އަހަންނަށް ތިކޮށްދިނީ ވަރަށް ހޮޔެ ކަމެއް، ތޭންކްސް އެ ލޮޓް….” ނަވްރަސްގެ ސުވާލަށް ޖަވާބު ދޭން އުނގަދޫވެފައި ހުރި ޔަޝްމް ބުނެލިއެވެ.

”ތިބުނި އެއްޗެއް ސާފެއް ނުވި…”

”މިބުނީ ނަވްރަސްގެ ސަބަބުން ވަރަށް ގިނަ މިސްއަންޑަސްޓޭންޑިންގްސް ތައް ފިލައިފިއޭ… އަހަރެން ކުރަން ޖެހޭ ކަންތައް ވެސް ފަސޭހަ ވެގެން ހިނގައްޖެޔޭ…” ޔަޝްމް ބުންޏެވެ.

”ޔަޝްމް ނިކަން އަހަންނަށް ސާފުވާނެހެން ބުނެބަލަ، އަހަންނަށް އެނގޭ މިޝްޔާއޭ ކިޔައިގެން ޔަޝްމް ދެއްކި ވާހަކަ ހަމަނުޖެހޭކަން، އަހަންނަށް ކަމެއް ސިއްރުކުރަނީތަ؟ ބުނެބަލަ، އަހަންނަށް އެހީ ވެވޭނެ ވަރުގެ ކަމެއް ނަމަ އަހަރެން އެހީވެދޭނަމޭ، ޔަޝްމް އަހަންނަށް އިތުބާރުކޮށްބަލަ….” ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް ނަވްރަސް ބުނެލުމާއެކު ޔަޝްމްގެ ހިތް ތެޅިގަތެވެ.

”މޮޔަގަނޑު، ނަވްރަސްއަށް ހަޤީޤަތް އެނގޭ ދުވަހަކުން ޔަޝްމްއާ ދިމާއަށް ބަލާވެސް ނުލާނެ، އޭނަ ދެކޭނީ ތީ އިޒްކާންގެ އަންބެއްގެ ގޮތުގަ… ބޭވަފާތެރިއެއްގެ ގޮތުގަ…. އޭނަ ވަގުތުން ދުރުވާނެ، ނަފްރަތު ކުރާނެ… މިބުނީނު ވަގުތު އޮއްވާ ނަވްރަސް އަށް ހަޤީޤަތް ހާމަ ކުރޭ، އިޒްކާންއާ ކައިވެނި ކުރަން ޖެހުނު ސަބަބު ބުނެދޭށޭ، ނަވްރަސް އަޑު އަހާނެ، ނަވްރަސްގެ ހިތުގައި ވެސް ޔަޝްމްއަށްޓަކާ ލޯބިވޭ، ބަލަ މޮޔަޔާ ނުފެނޭތަ؟ މީ ޔަޝްމް މިހުރިހާ ދުވަހު ހޯދަން އުޅުނު ބައިވެރިޔާއެއް ނޫންތަ، އެހުރިހާ ސިފަތަކެއް ނަވްރަސްގެ ވޭ… ދެން ކީއްވެތަ ފަސްޖެހެނީ؟…” ޔަޝްމްގެ ޒަމީރު އޭނައަށް ތަކުރާރުކޮށް ހަނދާންކޮށް ދިނެވެ. ނަމަވެސް އެއީ ފަސޭހަ ކަމެއް ނޫނެވެ. ނަވްރަސް އޭނަގެ ވާހަކައަށް އިތުބާރު ނުކޮށްފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ލަސްކޮށްފިއްޔާ ހަޤީޤަތް ފަޅާއަރާ ދުވަހަކުން ނަވްރަސް އޭނަ ދެކެ ވަކިން ބޮޑަށް ފޫހިވާނެއެވެ. ރުޅިއަންނާނެއެވެ. ސިއްރުތަކަކީ މުޅި އުމުރަށް ފޮރުވޭނެ އެއްޗެއްސެއް ނޫނެވެ. ރަގަޅު އެއްވެސް ގޮތެއް ނެތެވެ. ޔަޝްމްއަށް އިސްޖަހާލެވުނެވެ.

”ޔަޝްމް…” ޔަޝްމްގެ ދަތްތޮޅީގައި ޝަހާދަތް އިނގިލި އަޅުވާލަމުން އޭނަގެ މޫނަށް ބަލަން ޔަޝްމްއަށް ނަވްރަސް މަޖުބޫރު ކުރުވިއެވެ. އެދެލޮލުގައި ވަނީ ކަންބޮޑުވުމެވެ. އޭނަ މިހުރީ ޔަޝްމްއަށް އެހީވެދޭށޭ ބުނާ ފަދައެވެ. އެއްފަހަރު ވިޔަސް އޭނައަށް އިތުބާރުކޮށް ބުނެދޭށޭ ބުނާ ފަދައެވެ.

”އަހަރެން ޔަޝްމްއަށް ފޯސްއެއް ނުކުރާނަން، އެކަމަކު ޔަޝްމް ކަމަކާ މެދު ހާސްވާތަން ފެނި އަހަންނަށް އުނދަގޫވޭ، އެކަމެއްގެ ސަބަބުން ޔަޝްމްގެ އުފާވެރިކަމަށް ހުރަސް އެޅެން އަހަރެން ބޭނުމެއް ނޫން… އަބަދު ބޭނުންވަނީ ޔަޝްމް ހިނިތުންވެފައި ހުންތަން ދެކެން، ޔޫ އާރ ސްޕެޝަލް ޓު މީ، އަހަންނަށް ޔަޝްމް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް އެނގުނު… އަންހެންކުއްޖަކު ފެނި އަހަރެންގެ ހިތަށް ފުރަތަމަ ފަހަރަށް އަސަރުކުރި ދުވަހަކީ އެއީ، އެދުވަހަށް ފަހު އަހަރެން ދަން އެތަނަށް ޔަޝްމް ފެންނާނެ ކަމުގެ އުއްމީދުގަ، އަހަރެން މާޔޫސްވޭ ނުފެނުމުން، ހަމައެފަދައިން އެތަނަށް ގޮސްފަ ގެއަށް ދިޔަ ރެއެއްގަ ޔަޝްމް ކަރުގައި އިންދާ ފެނުނީ… އެކަމަކު ވާހަކަ ވެސް ނުދެއްކެނީސް ކާރު ދުއްވާލީ… ތަޤްދީރުގައި އަހަރުމެން ދެމީހުން ބައްދަލުވާން ރޭވިފައިވީ ވަރަށް ވެސް މޮޅަށް… އެނގޭ ދެމީހުން ބައްދަލު ވިތާ ގިނަ ދުވަހެއް ނުވާނެކަން…. އެކަމަކު ލޯބި ވެވުމުން އެކަން އެނގޭނެ، އިހުސާސްކުރެވޭނެ، އެއަޑު ހިތުގެ އަޑިން ގޮވާނެ… އަހަރެން…. އަހަރެން… އަހަރެން ޔަޝްމް ދެކެ…. ލޯބިވޭ…”

ނަވްރަސް ޔަޝްމްގެ ލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެ އަސަރާއެކު ލޯބި ވާކަން ހާމަކުރި އެވެ. އެއިން ކޮންމެ ލަފްޒެއް ޔަޝްމްގެ ކަންފަތުގެ ތެރެއަށް ވިރިގެން ދިޔައީ ލުއި މިޔުޒިކެއްގެ ސިފައިގައެވެ. ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކޮން ފަދަ ޖާދުވީ ބަސްތަކެއް ހެއްޔެވެ؟ އެހެނަސް……….

ޔަޝްމްއަށް ނަވްރަސްއާ ދުރަށް ޖެހިލެވުނީ ހިތާއި ދެކޮޅަށެވެ. އޭނަ އިސްޖަހާލި ހިނދު ލޮލުގައި ބޮނޑިވެފައިވާ ކަރުނަތައް ފައިބަން ފަށައިފިއެވެ. ހިތަކަށް ކެތްނުކުރެވުނެވެ. އޭނައަށް ނަވްރަސްގެ ލޯތްބަށް ފުރަގަސް ނުދެވޭނެއެވެ. އޭނަ ޖެހޭނީ ސަބިތުކަމާއެކު ހަޤީޤަތާ ކުރިމަތިލާށެވެ. ނަވްރަސް ބީވެގެން ހިނގައްޖެނަމަ އޭނަ އެވޭނަށް ކެތްކުރެވޭތޯ މަސައްކަތްކުރާނެއެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟

”ނަވްރަސް އަހަރެން ބުނަން މިއުޅޭ އެއްޗަކަށް ފަހު ހަމަ ތިފަދަ ނަޒަރަކުން އަހަންނާމެދު ދެކޭނަންތަ؟، ބުނެބަލަ، އަހަރެން ދެކެ ލޯބި ވާނަންތަ؟….” ޔަޝްމް ކުރެހިފައިވާ އަޑަކުން ސުވާލު ކުރިއެވެ.

”އާނ…” ވިސްނާލުމެއް ނެތި ނަވްރަސް ބުންޏެވެ. ނަވްރަސްގެ އަޑުން ޔަޝްމްއަށް ހިތްވަރު ލިބުނެވެ. އެހެނަސް ހިތަށް ފިނިކަމެއް ނުލިބުނެވެ. ކީއްވެގެން ކަމެއް ނޭގުނެވެ. ހިތުގައި ވިކާލަމުން ދިޔަ ބިރުވެރިކަމުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ.

”އަހަރެން މީ މީހެއްގެ އަންބެއް، މީހެއްގެ އެއް ނޫން އިޒްކާންގެ…..” ޔަޝްމްއަށް އެހިސާބަށް ބުނެވޭއިރަށް ނަވްރަސްގެ ބުމަގޮށްޖެހިގެން ދިޔަތަން ފެނި ޔަޝްމްގެ ހިތަށް މީހަކު ފިތާލިހެން ހީވިއެވެ. ލޯ ފެންކަޅިވެ ގިސްނުލެވުނީ ވެސް ކިރިޔާއެވެ.

”ވަޓް؟…”

ނަވްރަސްގެ އަޑު އިވިގެން ދިޔައީ ކުއްލިޔަކަށެވެ. އެވެސް ގުގުރިއެއްގެ ސިފައިގައެވެ. ”ޔަޝްމް އެހާވަރުން މިޝްޔާގެ މާޒީ ހޯދަން އުޅުނު ސަބަބަކީ ތީތަ؟….” ނަވްރަސް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. މިހާރު އެއަޑުގައި ހާސްކަން އެކުލެވިގެން ވިއެވެ.

”ކީއްވެ؟، ކީއްވެ ޔަޝްމް އަހަންނަށް އޮޅުވާލީ؟… މީހެއްގެ އަންބަކަށް ވެހުރެ…… ކީއްވެހޭ!” ނަވްރަސް ހީވަނީ ޔަޝްމް ބުނި ޖުމްލަ ހަޖަމް ނުކުރެވިގެން އުޅޭ ހެންނެވެ. ބޮލުގައި އަތްފުނާ ވެސް އަޅާލައިފިއެވެ. އެތަނަވަސް ނިތުން ދަލުގެ އަސަރު ފާޅު ވެއްޖެއެވެ.

”ނަވްރަސް ބުނީމެއްނު އަހަރެން ދައްކަން އުޅޭ ވާހަކަ އަޑު އަހާނަމޭ، އަހަރެން ދެކެ ވީ ލޯތްބަށް އުނިކަމެއް ނާންނާނެޔޭ…” ޔަޝްމްއަށް ގިސްލެވުނެވެ. އޭނައަށް މިހެން ވާނެކަން އެނގޭއިރުވެސް ހިތުގައި އަޅަން ފެށި ރިހުން ގަދަވެ ނޭވާލުމަށް ވެސް ދަތި ވެއްޖެއެވެ.

”ޔޫ ލައިޑް ޓު މީ، މީހެއްގެ އަންބަކަށް ވެހުރެ އަހަންނަށް ނުބައި އިޝާރާތެއް ދިނީ، ފިރިމީހާއަށް ފެއިތްފުލް ވާކަށް ވެސް ނޭގުނު….. ވައި؟… ޔަޝްމް ބޭނުންވަނީ ކޯޗެއްތަ؟….” ނަވްރަސްގެ އަޑުގައި މިފަހަރު ރުޅިވެރިކަން އެކުލެވިފައި ވެއެވެ. ޔަޝްމްގެ ހިތްވަރު މުޅިންހެން އެލިގެން ދިޔައީ ދެނެވެ.

”ނަވްރަސް، އެއްފަހަރު ވިޔަސް އަހަރެންގެ ވާހަކަ އަޑު އަހާބަލަ، އަހަންނާ ތިހެން ވާހަކަ ނުދައްކަބަލަ… ޕްލީޒް………”

”ދެން ކޯޗެއް އަހަރެން ގާތު ބުނަން އޮތީ؟…” ނަވްރަސް ބުމަ ގޮށްޖަހާލިއެވެ. އަދި އައިސް ބާރަށް ދެއަތުން ޔަޝްމްގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ހީވީ ޔަޝްމްގެ ކޮނޑުގެ ކަށިތައް ފިސްފިސްކޮށްލަން އުޅުނު ހެންނެވެ.

”ތަދުވެޔޭ…” ނަވްރަސްގެ އަތް ދުރުކުރަން އުޅުނު ޔަޝްމްގެ އެސްފިޔަތައް ފޫއަޅުވާލާފައި ކަރުނައިގެ ސައިލެއް ދެމިގެންފިއެވެ.

”އަހަރެންގެ ހިތަށް ތަދުވާވަރު ޔަޝްމްއަށް އިހުސާސް ނުކުރެވޭތަ؟….” ނަވްރަސްގެ ރާގު މިފަހަރު ބަދަލު ވެއްޖެއެވެ.

”ނަވްރަސް ތިހީކުރާ ކަހަލަ ގުޅެމެއް އަންނާ އިޒްކާންއާ ދެމެދުގައެއް ނުވެޔޭ، އަހަރެން އިޒްކާންއާ މެރީ ކުރީ މަޖުބޫރުވެގެން، އިޓް ވޯޒް އެ އެރޭންޖް މެރިއޭޖް… މަންމަ އަހަންނަށް ފޯސް ކުރީމަ އަހަންނަށް އިޒްކާންއާ ކައިވެނި ކުރަން ޖެހުނީ… ނަވްރަސް އަހަންނަށް އިތުބާރުކޮށްބަލަ…. ކައިވެނީގެ ކުރިން ނަވްރަސްއަށް އަހަރެން ދައްކާނެ ހެއްކެއް އަތަކު ނެތް، ނަވްރަސް ޕްލީޒް ލިސިން ޓު މީ… އަހަރެން ވެސް ނަވްރަސް ދެކެ ލޯބިވާތީއެއްނު އޮޅުވާލައިގެން ގުޅެން ބޭނުން ނުވީ، ނަވްރަސް ބޭނުންވާނަމަ އަހަރެން އިޒްކާން ގާތުން ވަރިވެސް ވެދާނަން، އެގުޅުމަކީ އަހަންނަށް އެއްއިރެއްގައި ވެސް މުހިންމު ގުޅުމެއް ނޫން…. އަހަންނަށް މުހިންމީ ހަމައެކަނި ނަވްރަސް، ޕްލީޒް ޓްރަސްޓް މީ…” އާދޭހުގެ ރާގަކަށް ޔަޝްމް ބުންޏެވެ. ރުއިމުގެ އަޑު ބޭރުވެދާނެތީ އޭނަ ތުންފަތުގައި ދަތްއަޅާލިއެވެ.

ނަވްރަސް ކުއްލިޔަކަށް ޔަޝްމްގެ ކޮނޑުން ދޫކޮށްލިއެވެ. ޔަޝްމްއަށް އަނގަމަތީ އަތް އަޅާލެވުނެވެ. އޭރު މީހުންގެ ލޯތަށް ވެސް ދެޒުވާނުންނަށް ހުއްޓިފައިވާތަން ފެނިއްޖެއެވެ. ބަހެއް ވެސް ބުނުމެއް ނެތި ނަވްރަސް ގޮސް ސައިކަލަށް އަރާ ދުއްވާލިއެވެ. ޔަޝްމް އެކަނި ހާލަށް ދޫކޮށްލަމުންނެވެ. މިމަންޒަރު ބަލަން ހުރި ޔަޝްމް ވަށައިގެން ވާ މާހައުލަށް ސަމާލުކަމެއް ނުދިނެވެ. އޭނަގެ ދެފައިން ވާގި ދޫވި ހިނދު ބިންމައްޗަށް ތިރިވެވިއްޖެއެވެ. ގިސްލަ ގިސްލާފައި ރޮވެން ފެށުނީ ދެނެވެ.

ނަވްރަސް އޭނަ ބާކީ ކޮށްލާފައި ދިޔައީއެވެ. އޭނަގެ ވާހަކަތަކަށް އިތުބާރު ކުރުމެއް ނެތިއެވެ. އޭނަ ވި ލޯބިގައި ކޮޅު ފައިން ޖަހާފައެވެ. ހާދަ ދެރައެވެ. އޭނަގެ ހިތުގައި ވިކަމުން ދިޔަ ބިރު މިރޭ ހަޤީޤަތަކަށް ވެ ނިމިއްޖެއެވެ. އޭނަ ކެތްކުރާނީ ފަހެ ކިހިނެއް ހެއްޔެވެ؟ ލޯބިވީ ފަރާތް ވެސް އޭނަ ބާކީ ކޮއްލީ އެވެ. އެންމެންގެ ތެރެއަށް އޭނަ ފަޟީޙަތް ކޮށްލުމަށްފަހު ދިޔައީ އެވެ. އަބަދު ލޯބީގައި އޭނައަށް ލިބެނީ ކެއްސެވެ. ވޭނެވެ. ހިތުގައި އަނެއްކާ ވެސް ފުން ޒަހަމްތަކެއް ލައިފިއެވެ. އެޒަހަމްތަކުގެ ލައްގަނޑު މުޅި އުމުރަށް ދެމިގެން ދާނެކަން ގައިމެވެ.

”ނަވްރަސް…” ކަރުނައިގެ ތެރޭން ޔަޝްމްއަށް ބުނެވުނެވެ.

ވަށައިގެން ތިބި މީހުންތައް ޔަޝްމްއަށް ބަލަމުން ދިޔަ އެވެ. ފާޑުފާޑުގެ ވާހަކަ ދައްކަން ވެސް ފަށައިފިއެވެ. ކަންވެ ދިޔަ ގޮތް ނޭގޭ ހާލުގައި ވެސް ލިބިފައިވާ ދޫގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރަން ފަށައިފިއެވެ. ޔަޝްމްއާއި ތަންކޮޅެއް ދުރުގައި ތިބި ބަޔަކު ވެސް ޔަޝްމްއަށް މަލާމާތްކޮށްފައި ބަދު ބަސްތައް ބުނެއެވެ. މޮޔަވެގެން އުޅޭ މީހެކޭ ބުނެއެވެ. އެއްބަޔަކު މަލާމާތުގެ ހިނިގަނޑު ވެސް ޖަހާލަ އެވެ. ހަމްދަރުދީގެ ނަޒަރަކުން ދުށް އެކަކު ވެސް ނެތެވެ. މިއިން އެއްވެސް ކަމަކަށް ޔަޝްމްގެ ކަންފަތް ސަމާލުކަމެއް ނުދިނެވެ. އެއަށް ވުރެ ހިތުގައި އުފެދިފައިވާ ހައިޖާން ގަނޑު ބޮޑެވެ.

(ނުނިމޭ)

34
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Other Articles

Previous

ތީ ފުރާނައިގެ ދިރުމޭ މަގޭ (5)

Next

ލޯބިވާ ކާފާ……..

Next
December 29, 2015

ލޯބިވާ ކާފާ……..

Previews
December 29, 2015

ތީ ފުރާނައިގެ ދިރުމޭ މަގޭ (5)

13 Comments

  1. Niz says:
    December 29, 2015 at 6:38 pm

    Yeyyy.me first.. so nice this part vex….

  2. miloo says:
    December 29, 2015 at 6:49 pm

    Varah salhi.. Alhe aneh part ee Mirey up dheebala plx.. I beg u muthaa

  3. Sandy says:
    December 29, 2015 at 7:00 pm

    Alhe next part plxxxxxx

  4. Sandy says:
    December 29, 2015 at 7:01 pm

    Alhe next part plx

  5. MarSha says:
    December 29, 2015 at 7:26 pm

    Yayyyyyy.. more plz

    1. MarSha says:
      December 29, 2015 at 9:41 pm

      No more tonight??? Ok…but still waiting….

  6. Kiyuntheriyaa says:
    December 29, 2015 at 8:01 pm

    Muthaa plx one more part tonight. Want to see what happens to yashm. Plx upload one part tonight. Anyway thanks a lot for uploading the previous parts of the story. 🙂

  7. maasha says:
    December 29, 2015 at 8:02 pm

    Plx upload next part as soon as possible… Vv reeti vaahaka… V asarugadha….

  8. nasha says:
    December 29, 2015 at 8:37 pm

    Vara reethi keep it

  9. sadhaaa says:
    December 29, 2015 at 8:38 pm

    Varah reethi next part kiyan hama inthizaaruga

  10. Naash says:
    December 29, 2015 at 8:40 pm

    Wow…. V v v salhi…. Next part plx

  11. vily says:
    December 29, 2015 at 9:42 pm

    Wow… muthaa
    ure story z nice

  12. maasha says:
    December 29, 2015 at 9:58 pm

    Anehba upload kohladhee avahah… Plx…..

Comments are closed.

All Right Reserved!