
ފޮހެވޭނޭ ބާއޭ… 41
މިޝްޔާގެ ހަޅޭކުގެ އަޑު އިޒްކާންގެ ކަންފަތުގައި ގުގުމާލީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. މޫނަށް ވެރިވެގެން ދިޔަ ހާސްކަމާއި އެކު އޭނައަށް ކޮޓަރިއާއި ދިމާއަށް ދުއްވައިގަނެވުނު ގޮތެއް ވެސް ނޭގެއެވެ. އޭރު މުޅި މީހާ ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ނިތުގައި ދަލުގެ އަސަރު ހުއްޓެވެ. މޭގައި އޮތް ހިތް ވެސް ދިޔައީ ރޫރޫއަޅަމުންނެވެ. އިރުކޮޅެއްގެ ތެރޭ އެތިކޮޅުތަކަށް ބުރައިގެން ހިނގައިދާނެހެން ވެސް ހީވެއެވެ. އިޒްކާން ތަޅުގައި ހިފާލުމާއެކު ލިބިގެން ދިޔައީ އިތުރު ނުތަނަވަސްކަމެކެވެ. ދޮރު ހުރީ ތަޅުލާފައެވެ. ހިތް އަވަސް ވެގެން ދިޔައީ ކުއްލިޔަކަށެވެ. ލިބުނު ހާސްކަމާއެކު ސިކުނޑި ރަގަޅަށް މަސައްކަތެއް ވެސް ނުކުރިއެވެ. އޭނައަށް ދޮރުގައި ތަޅައިގަނެވުނެވެ. ބާރަކަށެވެ. އޭނަގެ ހަވަނަ ހިއްސު ބުނަމުން ދިޔައީ މިޝްޔާއަށް ކޮންމެވެސް ކަމެއް ވެއްޖެ ކަމަށެވެ.
”މިޝޫ، މިޝޫ….. ދޮރުހުޅުވަބަލަ…” އިޒްކާންގެ އަޑު އެނދު ވަށައިގެން ފަތުރާލެވިފައިވާ ދޫލައިގެ މައްޗަށް އުއްޑުން ވެއްޓުނު މިޝްޔާއަށް އިވިގެން ދިޔައެވެ. ހެދުމުން ވީދިފައިވާ ހިސާބުގައި އަތުން ހިފަހައްޓާލަމުން އޭނަ ތެދުވަން އުޅުނެވެ.
މިޝްޔާއަށް ވަނީ ގިސްލެވިފައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއެކު އިޒްކާންގެ އަޑު އިވުމުން އުއްމީދުގެ އޮއެވަރު ދެލޮލުން ފާޅުވިއެވެ. ސަލާމަތަށް އެދި އިޒްކާންއަށް ގޮވާލެވުނެވެ. އެހެނަސް ދޮރުގައި ވިއްދާފައި ހުރި ފޮތްކަބަޑާއި އޭގެ ފަހަތުން ހުރި ސޯފާ ފެނުމާއެކު މިޝްޔާގެ އުއްމީދުގެ ހުޅުކޮޅު ނިވުމަކާ ގާތަށް ދިޔައެވެ. ހިތުގައި ބިރުވެރިކަން ވަށާލައިފިއެވެ. ރާކިންގެ ކޮޅު މޮޅު ވެދާނެތީ އޭނައަށް އިތުރަށް ރޮވުނީއެވެ.
”ނޮޓް ސޯ ފާސްޓް…” މިޝްޔާ ތެދުވަން އުޅުމުން ރާކިން އެކަމަށް ހުރަސް އަޅައިފިއެވެ. އޭނަގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ކުޅެލަމުން ދިޔައެވެ. މިޝްޔާ ރާކިންގެ އަތުގެ ތެރޭން ވީއްލިގަންނަން މަސައްކަތް ކުރިއެވެ. އޭނަ ބޭނުންވަނީ ދޮރާއި ދިމާއަށް ދާށެވެ. ނަމަވެސް ރާކިންގެ އެކަތައިގެ ބާރު އެކުލެވިގެންވާ އަތުގެ ތެރޭން ނިކުމެވޭ ގޮތެއް ނުވިއެވެ. އޭނަ މިޝްޔާގެ ގައިގައި ބާރަށް ހިފަހައްޓާލައިގެން ހުރެ އޭނަ މަސައްކަތްކުރީ މިޝްޔާގެ ހަށިގަނޑުން ހެދުން ވަކިކުރެވޭތޯއެވެ. މިޝްޔާ ސަލާމަތަށް އެދި ހަޅޭއްލަވަމުން ރާކިންގެ އަތް ފޮޅުވާލަން އުޅުނެވެ. ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު ރާކިންގެ ބޭނުން ހާސިލު ވިޔަކަ އޭނަ ނުދޭނެއެވެ.
”ޒޭން….”
މިޝްޔާއަށް ރަގަޅަށް ވެސް ރޮވިއްޖެއެވެ. އޭނަ ރާކިންގެ އަތުގައި ދަތްއަޅައިގަތެވެ. އެއާއެކު ވީތަދުން ރާކިން މިޝްޔާ ބާރަށް ކޮއްޕާލައިފިއެވެ. އެދިޔަ ބާރު މިނުގައި މިޝްޔާ ގޮސް ޖެހުނީ އަލަމާރީގަ އެވެ. ދެވަނަ ސިކުންތުގައި އޭނަ ވެއްޓުނީ ބިންމައްޗަށެވެ. ކުރުގެޅިގެން އޮވެ މިޝްޔާއަށް ފިރުމާލެވުނީ ބަނޑުގައެވެ. ވެއްޓުނު ވަގުތު ދަރިފުޅު ތޮޅެލި ކަމުގައި ވިޔަސް ފަހުން މުޅިން ހިމޭންވެގެން ދިޔައެވެ. ހަށިގަނޑުގައި އަޅަން ފެށި ގަދަ ވޭނުގެ ސަބަބުން މިޝްޔާގެ ވޭނީ ގިސްލުމުގެ އަޑުން ކޮޓަރި ގުގުމާލިއެވެ. ދަރިފުޅަށް ކަމެއްވެއްޖެކަމަށް އޭނަގެ ހިތް ބުނަން ފެށުމުން ހިއްސުތައް ވެސް ގަނޑުވެގެން ދިޔަ ފަދައެވެ.
”ޒޭން، ޒޭން، ޒޭން، ބާރަށް ގޮވާ!… ގޮވާގޮވާ އޮންނަން ޖެހޭނީ، މިރޭ އަހަރެން ބޭނުން ކަމެއް މިޝްޔާއަށް ކުރާނީ، އަހަރެން ބުނި ފަދައިން މިޝާ ކަންތައް ކުރިނަމަ މިހެން ނުވީސް، އަހަރެން ބުނިން ދޯ ހުޝިޔާރީ ނުވާށޭ، އެކަމުވެސް މިޝާ ވެއްޖެ ވިއްޔަ ތިމާ ވަރުގެ މޮޅު މީހެއް ނެތްކަން ދައްކަން، އަހަންނާ ދެކޮޅަށް ބަޔާންދޭން، އެކަމުގެ ސަޒާ މިއަދު ތި ލިބެނީ… އަހަންނަށް މިއަދު މިފަދައިން ކަންތައް ކުރަން މަޖުބޫރު ކުރީވެސް މިޝާ… އަހަރެން ހާދަ ރީތިކޮށް މިޝްޔާއަށް ވިސްނައިދޭން އުޅުނީމޭ!…. ކޮޓަރީގެ ބޭރުގައި ހުރި މީހާއަށް ވެސް ކަލޭ ސަލާމަތެއް ނުކުރެވޭނެ… އަހަރެން މިދުވަހަށް އިޒްތިޒާރު ކުރާތާ ހާދަ ގިނަ ދުވަހެއް ވެއްޖެޔޭ….” ރާކިން ބަނޑުހައި ވެފައިވާ ސިންގާއެއް ފަދައިން އައިސް މިޝްޔާއާއި އަރާހަމަކޮށްލިއެވެ. އޭނަ ”ޒޭން” ކިޔާލީ އަޑު ބަދަލުކޮށްލައިގެން ރަނޑު އަޑަކުން ނެވެ. މޫނަށް ވައްތަރެއް ޖައްސާލައިގެން ހުރެ މަލާމާތުގެ ރާގަކަށެވެ.
”ރާކިން!!!…. ކަލޭ ބަދަލު ހިފަން ބޭނުންނަމަ އަހަރެން މިހުރީ، އަހަރެންގެ ކިބައިން ބަދަލު ހިފާ!، މިކަމުގެ ތެރެއަށް މިޝްޔާ ނުވައްދާ… ބާރެއް ނެތް އަންހެންކުއްޖަކަށް ކަލޭގެ ބާރު ދައްކަން ނޫޅެ އަހަންނާ ކުރިމަތިލާ… މިބުނީނު މިދޮރު ހުޅުވާށޭ!… މިޝޫއަށް ކުޑަ އަނިޔާއެއް ލިބުނަސް އަހަރެން ކަލޭގެ ފުރާނަ ދުއްވާލާނަން….” އިޒްކާންއަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑުގައި ރުޅިވެރިކަން އެކުލެވިގެން ވެއެވެ. ހަދާނެ ގޮތް ހުސްވެފައި ހުރި އިޒްކާން ދޮރުގައި ބާރަކަށް ފައިން ޖެހިއެވެ. ރާކިންއާ ދިމާއަށް ހަޅޭއްލަވަމުންނެވެ. ދޮރުވައްޓާލެވޭތޯ ވެސް އޭނަ އުޅުނެވެ. ދަލުން މީހާ ވަނީ ފެންވެރިފައެވެ. ރުޅިއާއި އެއްވަރަށް އޭނަ ހުރީ ބިރުވެސް ގެންފައެވެ. މިޝްޔާއާއި ދަރިފުޅާ މެދު ވިސްނި ހާސްވެފައެވެ.
”ކަލޭ ހުންނަން ޖެހޭނީ ތެޅިތެޅި! އަހަރެން ބޭނުން ކަމެއް އޭނައަށް ކުރާނީ! އަޑުއިވިއްޖެތަ؟….” ރާކިން ރުންކުރު ރާގަކަށް އިއްވާލިއެވެ. އެއާއެކު އިޒްކާންގެ ލޭ ކެކިގެން ދިޔައެވެ.
މިޝްޔާ ދިޔައީ އޭނަގެ ބަނޑުގައި ފިރުމާލަމުންނެވެ. ކުއްލިޔަކަށް ބަނޑަށް އަރައިގެން ދިޔަ ތޫނު ތަދާއެކު އޭނަގެ ސިކުނޑީގެ މަސައްކަތަށް ބުރޫ އަރައިފިއެވެ. ހިތްވެސް ހުއްޓުނު ކަލަހައެވެ. ހޯސްލާފައި ލޮލުން ކަރުނަ ފައިބަމުން ދިޔަ އިރު އެވޭނީ ގިސްލުމުގެ އަޑު ކޮޓަރިތެރޭ ގުގުމާލާފައި އޮތެވެ. އެގިސްލުމުގެ އަޑުން ހިލަ ހިތެއްގެ ވެރިއަކަށް ވެސް އަސަރު ކުރާހާ ވެއެވެ. ނަމަވެސް ކުރިމަތިން ފެންނަން ހުރި ޝައިތާނާއަށް އެއިން ކުޑަވެސް އަސަރެއް ނުކުރިއެވެ. އޭނަގެ ކަންފަތް ބައްވެފައިވާ ކަހަލައެވެ. ދެލޯ އަނދިރިވެފައިވާ ކަހަލައެވެ. ހިތާއި ސިކުނޑީގައި ދައުރުވަމުން ދިޔައީ އިބުލީހުގެ ވަސްވާހެވެ. އޭގައި ޖެހި ބެހިގެން ގޮސް އަތުން ފައިން ކުރެވޭ ގޯސްތަކުގެ ހިލަމެއް ވެސް ނުވެއެވެ.
ދަރިފުޅުގެ ސަލާމަތާ މެދު ބިރުގެންފައި އޮތް މިޝްޔާއަށް އެހެން އެއްވެސް ކަމަކާ މެދު ނުވިސްނެއެވެ. ދަރިފުޅު އަދި އެއްފަހަރު ތޮޅެލާނެ ކަމުގެ އިންތިޒާރު ކުރެވުނީ ކެތްތެރިކަމެއް ނެތިއެވެ.
”މިޝޫ……” ބޮލުގައި ދެއަތުން އިޒްކާންއަށް ހިފަހައްޓާލެވުނު ހިނދު އެދެލޮލުން ކަރުނަ އައިސްފިއެވެ. އޭނަ ހުރީ ވަރުބަލި ވެސް ވެފައެވެ. ދޮރު ވައްޓާލަން ކުރި މަސައްކަތް ބޭކާރުވެ ހަށިގަނޑުން ހަކަތަ ހުސްވަން ކައިރިވިއިރުވެސް އެކަމެއް ނުވިއެވެ. އިޒްކާންއަށް ހާސްކަމާއެކު ވަށައިގެން ހޯދާލެވުނެވެ. އޭނައަށް ކޮޓަރީގެ ކުޑަދޮރު ފެނުނީ ދެނެވެ. މިހުރިހާ އިރު އޭނައަށް ކުޑަދޮރު ނުފެނުނީ ކީއްވެގެން ހެއްޔެވެ؟
”ވަރުބަލި ވީ ދޯ؟….” ރާކިން މަލާމާތުގެ ރާގަކަށް ބުންޏެވެ. އޭނަ އެހެން ބުނީ އިޒްކާންއާ ދިމާއަށެވެ. ރާކިން މިޝްޔާއާ ގާތްވެލަމުން މިޝްޔާގެ އިސްތަށިގަނޑުން ވަސް ގަނެލިއެވެ. އަދި މިޝްޔާ ލައިގެން ހުރި ހެދުން ބާލަން އުޅުނެވެ. މިޝްޔާގެ ސިކުނޑި މަސައްކަތް ކުރަން ފެށީ ދެނެވެ. ރާކިންއަށް އޭނަ ބަލާލީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއެކުގައެވެ. އޭރު ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން ވެސް އިހުސާސްނުވާ ކަހަލައެވެ. އޭނަ ރާކިންގެ ބަނޑުގައި ފައިން ޖަހައިފިއެވެ. ލިބިގެން ދިޔަ ސިހުމާއި ހަށިގަނޑުގައި އެޅި ވޭނުން ރާކިން މިޝްޔާއާއި ދުރަށް ކުޑަ ވަގުތު ކޮޅަކަށް ވެއްޓިއްޖެއެވެ. ނަމަވެސް އޭނަ ފައި މައްޗަށް ކޮޅަށް ތެދުވަމުން މިޝްޔާއަށް ބަލާލީ ރުޅިވެރިކަމާއެކުގައެވެ.
”ތިހާލުގައި ވެސް ކަލޭގެ ގަދަކަން ދައްކަން ވެއްޖެ ދޯ؟…” ރާކިންއަށް ބަލާލެވުނީ މިޝްޔާގެ ބަނޑަށެވެ. އޭނަގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މިޝްޔާ އޭނަގެ ބަނޑުގައި ޖެހި އެތިފަހަރުގެ ބަދަލު ހިފާނެ ގޮތް ވެސް ފެނިއްޖެއެވެ.
”ދެން މަ ބަލާނަން ބަނޑުގަ ތިއޮތް އެއްޗަށް ރަގަޅަށް މިދުނިޔެއަށް ނޭވާ ލެވޭތޯ…” ރާކިން މިޝްޔާގެ ބަނޑުގައި ކޮޅުފައިން ޖަހަން އުޅުނެވެ. ނަމަވެސް އޭނަގެ އެމަސައްކަތަށް ހުރަސް އެޅީ އިވިގެން ދިޔަ އަޑަކުންނެވެ. މާހައުލުގެ ތެރެއަށް އެއަޑު ވެރިވެގެން ދިޔައީ ނާމާން ގޮތަކަށެވެ.
ކުއްލިޔަކަށް އިވިގެން ދިޔައީ ބާރުގަދަ އަޑުފަށް ގަނޑެކެވެ. ހީވީ ފުރޭތައެއް ބާރަކަށް ހަޅޭއްލަވައިގަތް ހެންނެވެ. އެއާ ވިދިގެން ދެން އިވިގެން ދިޔައީ ބިއްލޫރި ކޮޅުތައް ދުރުދުރަށް ބުރުއްސައިގެން ދިޔަ އަޑެވެ. ބާރު ޕްރެޝަރާއެކު ކޮޅުކޮޅަށް އުދުހިގެން ދިޔަ ބިއްލޫރިކޮޅުތައް ބިމުގައި ޖެހުމާއެކު އެތައް ހާސް އެތިކޮޅުތަކަށް ވެ ނިމިއްޖެއެވެ. އެއަޑަށް ރާކިން އާއި މިޝްޔާ ވެސް ސިއްސައިގެން ދިޔައެވެ.
ކުޑަދޮރުގެ ފޮތިގަނޑުތައް ކަހާލި އިޒްކާންއަށް ފެނިގެން ދިޔަ މަންޒަރާއެކު އޭނަގެ ހޭބުއްދި ފިލައި ދިޔައެވެ. މިޝްޔާ ކުކުރަނީއެވެ. ނޭވާނުލެވިގެންނެވެ. ހަށިގަނޑުގައި އަޅާ ވޭނަށް ކެތްނުކުރެވިގެންނެވެ. ބިރުންނެވެ. އިޒްކާންގެ ހިތުގައި ރިއްސާލި ކަމުގައި ވިޔަސް ރާކިން ފެނި އޭނަގެ ހިއްސުތަކުގެ މައްޗަށް ކުރި ހޯދީ ރުޅިވެރިކަމެވެ. މިރޭ އޭނަގެ އަތުން ރާކިން މަރުވާނެކަން ގައިމެވެ. މިޝްޔާއަށް ދިން ވޭނާއި ހިތްދަތި ކަމުގެ ބަދަލު އޭނަ ހިފާނެއެވެ. ޖަލަށް ދާން ޖެހުނަސް ހެވެވެ.
ހަލުވި ވައިރޯޅީގެ ބާރުމިނުގައި އައިސް އިޒްކާން ރާކިންގެ ގަޔަށް ވީއްލާލި އެތިފަހަރާއެކު ރާކިން ބިންމައްޗަށް ވެއްޓިއްޖެއެވެ. އަމިއްލަ ދިފާއުގައި ރާކިންއަށް ނުތެދުވެވުނީ އެހުރިހާ ކަމެއް ވެސް ހިނގައިގެން ދިޔައީ ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކަމަށް ވުމާއެކުގައެވެ.
”ދެން ކަލޭ ގައިގަ ހުރި ބާރެއް ނިކަން ދައްކަބަލަ!…” އިޒްކާން ހީވީ މޮޔައެއް ހެންނެވެ. އޭނަ ރާކިންގެ މޫނު މަތީގައި ގޮށްމުށުގެ އެތިފަހަރެއް ވީއްލާލިއެވެ. ރުޅި އައިސް ރަތްވެފައި ވާ އިޒްކާންގެ މޫނު ފެނި މިޝްޔާ ބިރު ވެސް ގަތެވެ. ރާކިން އާއި އިޒްކާން އެކަކު އަނެކަކުގެ ގައިގައި ހިފައިގަނެ ތަޅަމުން ދިޔަ އިރު ހީވަނީ ރެސްލިން މެޗެއް ހެންނެވެ. ރާކިން ވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. ހަށިގަނޑުގައި ހުރި ހަކަތެއް ވިއްޔާ އޭނަ އިޒްކާންއަށް ބޭރުކުރަމުން ދިޔައެވެ. ރާކިންގެ މޫނުމައްޗަށް އަނދިރި ވެގެން ދިޔަ ހިނދު އޭނަ ކުއްލިޔަކަށް ކަމެއް މަތިން ހަނދާން ވެއްޖެއެވެ.
”ޒޭން….” މިޝްޔާއަށް ބިރުން އޮވެ ގޮވާލެވުނެވެ. އިޒްކާންއަށް ގެއްލުމެއް ވާކަށް އޭނަ ނޭދެއެވެ. މިވަގުތު އޭނައާއި ދަރިފުޅަށް އިޒްކާންގެ އެހީ އިންތިހާއަށް ބޭނުމެވެ. އުނަގަނޑުން ތިރީގައި އުފެދިފައިވާ ރިހުމާއެކު މިޝްޔާއަށް ތެދުވަން އުނދަގޫވިނަމަ ވެސް ފާރުގެ އެހީގައި އޭނަ ތެދުވަން އުޅުނެވެ. އެއާއެކު ހަށިގަނޑުގައި އަޅަން ފެށި ވޭން ހައްތާ ގަދަވުން ނޫންކަމެއް ނުވިއެވެ. މިޝްޔާއަށް ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. އޭނަގެ މޫނުމަތިވެސް މިލައިގެން ގޮސް ހުދުވެއްޖެއެވެ. އޭރު އޮލަ އެއްޗެއް ހަލުވިކަމާއެކު ފަޔާ ހިސާބުން ދަތުރުކުރަން ފެށި ކަމުގެ އިހުސާސްކުރެވުނެވެ. ދެމެމުން ދިޔަ ލެއިން މިޝްޔާގެ ހަށިގަނޑު ތުރުތުރުއަޅަން ފެށިއެވެ. ލެއި ފައިބަން ފެށީ މީހަކު ބިރުގަންނަ ވަރަށެވެ.
”ޒޭން، ބޭބީ….” އިސްކޮޅުގެ ދިގުމިން ހުރި ބޮޑު ކުޑަދޮރުގެ ބިއްލޫރި ގަނޑުގައި އަތް ވިއްދާލައިގެން ކޮޅަށް ހުރި މިޝްޔާގެ ވޭނުން ފުރިގެންވި އަޑަށް އިޒްކާންގެ ހަރަކާތްތައް ވެސް ހުއްޓުމަކަށް ގެނުވައިފިއެވެ. އޭނަ މިޝްޔާއަށް އަވަސް ނަޒަރެއް ދެވުނު ހިނދު މީހާ ގަނޑުވެގެން ދިޔައެވެ.
”މިޝޫ…” ލެއިން ފެވެމުން ދިޔަ ޓައިލްސް އާއި މިޝްޔާގެ ހެނދުން ފެނި އިޒްކާންއަށް ރާކިންގެ ގައިން ދޫކޮށްލެވުނެވެ. ރާކިންއަށް ލިބިގެން ދިޔަ ލުޔާއެކު އޭނަ ވެއްޓިއްޖެއެވެ. ދެފަހަރަކު ކެއްސާލިއިރު އަނގައިން ލޭ ވެސް އައިސްފިއެވެ. ދެލޮލާއި މޫނުގެ އެކިތަންތަން ވަނީ ފަޅައިގެން ގޮސްފައެވެ.
އިޒްކާން ދުވެލާފައި ގޮސް މިޝްޔާ ގައިގައި ހިފެހެއްޓިއެވެ. އެއާއެކު މިޝްޔާއަށް އިޒްކާންގެ ގަމީހުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ފައިން ވާގި ދޫވެގެން ދިޔައީ ވެސް އެވަގުތުއެވެ.
”ޒޭން… ބޭބީ… ވޫމް ނުކުރޭ… ލޭ…” މިޝްޔާއަށް ރަގަޅަށް ވާހަކައެއް ވެސް ނުދެކެވުނެވެ. މޫނުމައްޗަށް އަނދިރިވާހެން ވެސް ހީވިއެވެ. އޭނައަށް ގިސްލެވިފައި ރޮވުނީ އެވެ.
އިޒްކާންގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. މިޝްޔާއަށް ފުރަތަމަ ވެސް ސަމާލުކަން ދެވުނު ނަމައޭ އޭނަގެ ހިތަށް އެރިއެވެ. ކުށްވެރި އިހުސާސްތަކެއް ކުރެވިގެން ދިޔައެވެ.
”ޒޭން، އެމްބިއުލާ…..” މިޝްޔާއަށް ޖުމްލަ ފުރިހަމަ ނުކުރެވުނީސް މެރެމުން ދިޔަ ދެލޮލާއެކު ފެނިގެން ދިޔައީ ރާކިން އައިސް އިޒްކާންގެ ފުރަގަހުން ވަޅިއެއް ހަރާލިތަނެވެ. އެއްފަހަރަކު ނޫނެވެ. އިޒްކާން ފުންނޭވާއެއް ދޫކޮށްލައިފި އެވެ. ހަމަ އެއާއެކު ކުޑަކަކޫ މައްޗަށް އިޒްކާންއަށް ތިރިވެވެން އުޅުނެވެ. ”ޒޭން….” މިޝްޔާ ބާރު ބާރަށް ހަޅޭއްލަވައި ގަތެވެ. އޭނަގެ ދެލޯ ވަނީ ބޮޑުވެފައެވެ. ހަށިގަނޑުގައި ދުވެލި ބިރުވެރިކަމުގެ ބާނީތަކާއެކު މުޅި ހަށިގަނޑު ރޫރޫއަޅުވާލައިފިއެވެ.
****
”ނައިޓިންގޭލް” ޕޯޓިކޯއަށް މަޑުކޮށްލި ކާރުން ފޭބި އެންމެނަށް މިޝްޔާގެ ވޭނީ ހަޅޭކުގެ އަޑު އިވިގެން ދިޔައެވެ. ހައިރާންކަން އެންމެނަށް ލިބިގެން ދިޔައެވެ. އިޒްކާންގެ ކޮޓަރިއާއި ދިމާއަށް ޔޫޝައުއަށް ދުއްވައިގަނެވުނެވެ. އޭނަގެ ފަހަތުން ރަސަލް ވެސް ދިޔައެވެ.
”ނޫން، ނޫން، ޒޭން… ޒޭން… ލޯހުޅުވަބަލަ… ޒޭން!!!….” އިޒްކާންގެ ހަށިގަނޑު ޓައިލްސް ތަކުގެ މައްޗަށް ވެއްޓިގެން ދިޔަ ވަގުތު މިޝްޔާއަށް ގިސްލެވުނެވެ. އެހިތް ވަނީ ކުދިކުދިވެފައެވެ. މިހާރު އެހަށިގަނޑުގައި އަޅާ ވޭން ވެސް އިހުސާސް ނުވާ ކަހަލައެވެ. އޭނައަށް މުހިންމުވީ އިޒްކާން ސަލާމަތް ކުރުމެވެ. އިޒްކާން ވޭނުގައިވާތަން ދެކެން އެހިތަކަށް ކެތްނުކުރެވޭނެއެވެ.
އެވަރުން ވެސް ރާކިން ހިތްހަމަނުޖެހުނީ ކަން ނޭގެއެވެ. އޭނަ އިޒްކާންގެ ގަޔަށް ހަތަރުވަނަ ހަމަލާ ދޭން އުޅުމުން މިޝްޔާ އަމިއްލަ ހާލާ މެދުވެސް ވިސްނާލުމެއް ނެތި އިޒްކާންގެ ދިފާއުގައި ތެދުވުނެވެ. ރާކިންގެ ގާތަށް އައީ ރުޅިއެވެ. ހަށިގަނޑުގައި ހުރި ބާރަކާއެކު އޭނައަށް މިޝްޔާ ކޮއްޕާލެވުނެވެ. އެދެމެދުގައިވާ ދުރުމިނާ މެދު ވެސް ވިސްނާލުމެއް ނެތިއެވެ.
ދެން ވީނުވީ އެއް ނޭގުނެވެ. ބާރު އަޑުފަށްގަނޑަކާ އެކު ބޭރަށް ހުރި ބޮޑު ކުޑަދޮރުގެ ބިއްލޫރި ގަނޑު ތަޅައިގެން ދިޔަ އަޑު އިވުނެވެ. ލުއި ފަތެއް ވަޔާއެކު ވިއްސައިގެން ދާ އުސޫލުން ކުޑަދޮރުގެ ބިއްލޫރިގަނޑުގެ ތެރޭން މިޝްޔާގެ ހަށިގަނޑު ބޭރަށް ވިއްސައިގެން ހިނގައްޖެއެވެ. ހުރިހާ ކަމެއް ވެސް ހިނގައިގެން ދިޔައީ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެވަގުތުގައި އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނެތެވެ. ރާކިން ވެސް ގަނޑުވެގެން ދިޔައެވެ.
”ޒޭން…”
ވައި ކަފާލާއި މިޝްޔާގެ ހަށިގަނޑު ވެއްޓެން ދިޔައެވެ. އެހިނދު ވޭނީ ހަޅޭކެއްގެ އަޑުން ފަޒާގެ ހިމޭންކަން މުގުރާލައިފިއެވެ. އާރެއް ބާރެއް ނެތި މިޝްޔާގެ ހަށިގަނޑު ވެއްޓެމުން ދިޔައިރު އިޒްކާންގެ ނަން ކިޔާލަމުން އޭނަ ދެލޯ މަރާ ބާރުކޮށްލިއެވެ. ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލަން ތައްޔާރު ވަމުންނެވެ.
އެއްޗެއް ބިންމައްޗަށް ވެއްޓުނު އަޑުފަށްގަނޑާއެކު ސިޑީގެ ހަރުފަތައް ގިރާކުރަމުން ދިޔަ ދީމްއަށް ފަސްއެނބުރި ބަލާލެވުނެވެ. އެއާއެކު އޭނަގެ މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ. ފައިގެ ދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ.
”މިޝްޔާ!!!…”
ދީމްއަށް ކަރު ފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ދުނިޔޭގެ އެނބުރުމަށް ހުއްޓުމެއް އައި ފަދައެވެ. ދީމްގެ ހިތުގެ ތެޅުން ވެސް މަޑު ޖެހިލައިފިއެވެ. ނޭވާ ވެސް އެތެރެހަށީގައި ތާށިވެގެން ދިޔަ އެވެ. ލޮލުން ކަރުނަ އޮހޮރޭ ހާލު އޭނައަށް ދުއްވައިގަނެ ވިއްޖެއެވެ.
”މިޝޫ……”
ލެއިން މިޝްޔާގެ ހަށިގަނޑު ކަޅިވަމުން ދިޔައިރު ބިންމަތީގައި ލޭގޭ ކޯރުތައް ދަމާލައިފިއެވެ. މިޝްޔާގެ ހަރަކާތްކެނޑި ހިމޭންކަމާއެކު މިއަނިޔާވެރި ދުނިޔެއަށް އަލްވަދާއު ކިޔުމަށް ތައްޔާރުވަމުން ދެލޯ މަރާލައިފިއެވެ. ހަމައެއާއެކު ލޮލުގެ ހިމޭންކޮޅުން ކަރުނަތިއްކެއް ފައިބައިގެން ގޮސްފިއެވެ.
”ނޫން، ނޫން… މިޝޫ، މިޝޫ ލޯ ހުޅުވަބަލަ… ޔޫޝައު!!!….”
ދީމްއަށް މިޝްޔާއާއި އަރާހަމަކުރެވުނު އިރު ފައިން ވާގި ދޫވެގެން ގޮސް އޭނަ ވެއްޓިއްޖެއެވެ. ތުރުތުރުއަޅަމުން ދިޔަ އަތަކުން މިޝްޔާގެ މޫނުގައި ފިރުމާލެވުނު ހިނދު އޭނަގެ މެޔަށް ބާރުވަމުންދާ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ދީމްގެ ދަތްދޮޅީގައި މަޑުތުރުތުރުލުމެއް ވެސް އެކުލެވިގެން ހިނގައްޖެއެވެ. އޭނަގެ ބަޑިފަޅައިގެން ދިޔައީ ދެނެވެ. ވޭނީ ގިސްލުމެއްގެ އަޑު މުޅި ހިސާބު ގަނޑުގައި ގުގުމާލައިފިއެވެ. މިވީ ކިހިނެއް ހެއްޔެވެ؟
”މިޝޫ، ލޯ ހުޅުވަބަލަ… ދޮންތައޭ މީ، އައި ބެގް ޔޫ……” ދީމްއަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. މިޝްޔާގެ ހަށިގަނޑު ފިނިވަމުން ދާ ކަމުގެ އިހުސާސް އޭނައަށް ކުރެވުނެވެ. މޮޔައެއް ފަދައިން މިޝްޔާގެ ގައިގައި ފިރުމާލަމުން ދިޔައެވެ. އެހެން އިންނަތާ އިރުކޮޅެއް ވެސް ނުވަނީސް ކަންފަތުގައި ގުގުމާލީ އެމްބިއުލާންސްގެ ސައިރެންސަރުގެ އަޑެވެ. ފަހަތުން ޔޫޝައުގެ އަޑުވެސް އިވިގެން ދިޔައެވެ.
****
ހޮސްޕިޓަލަށް ގެންދެވުނު މަގުމަތީގައި އިޒްކާން ބަލިގޮތަކަށް ލޯހުޅުވަން މަސައްކަތްކުރިއެވެ. އެއާއެކު ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން އިހުސާސްކުރެވުނެވެ. ކޮންމެވެސް މީހަކު އޭނަގެ އަތުގައި ފިރުމަމުން ދާކަން ވެސް މެއެވެ. ނަމަވެސް މޫނު ސާފުވާ ގޮތެއް ނުވިއެވެ.
”މިޝޫ؟…” އިޒްކާންގެ ދުލަކު ވާގިއެއް ނެތެވެ. ޖުމްލަ ފުރިހަމަ ކުރެވުނީ ވެސް އުނދަގުލުންނެވެ. ލޯހުޅުވަން މަސައްކަތް ކުރިކަމުގައި ވިޔަސް އެކަން ނާކާމިޔާބު ވެގެން ދިޔައީއެވެ. ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައީ އެވެ.
”ރަސަލް އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ….” ހިތް ކުދިކުދިވެފައިވާ ރާގަކަށް އިޒްކާންގެ އަތުގައި ފިރުމާލަމުން ދިޔަ ބަލްޤީޝް ބުންޏެވެ. އިޒްކާން ބުނި ޖުމްލަ ބަލްޤީޝްއަކަށް އަޑެއް ނީވެއެވެ. ކަމަކަށް ސަމާލުކަން ދެވޭ ވަރަށް ވުރެ އޭނަގެ ހާލު ދެރައެވެ. ދަރިފުޅު އޮތް ހާލު ފެނި އޭނަގެ ހިތުގައި އުފެދިފައިވާ ވޭނަށް ކެތްނުކުރެވެއެވެ. އެކަމުގެ އިލްޒާމު ވެސް އޭނަ އެޅުވީ މިޝްޔާގެ ބޮލުގައެވެ. މިހުރިހާ ކަމެއްގެ އަސްލަކީ އެމިޝްޔާ އެވެ. މިޝްޔާ އާއި ރާކިންގެ ލޯބީގެ ކުޅިގަނޑުގެ އަގު އަދާކުރަން ޖެހުނީ އޭނަގެ ދަރިފުޅަށެވެ.
”އެއަންހެނާގެ ސަބަބުން އަހަރެންގެ ދަރިފުޅަށް މިހާލު ޖެހުނީ ވެސް، އަހަރެން އޭނައަށް ދުވަހަކު މާފެއް ނުކުރާނަން، ލޮލުން ފެންނަ ކޮންމެ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އެމީހުން ހެއްލުމުގެ ނަތީޖާ މިފެންނަނީ، މަގޭ ދަރިފުޅަށް ހުރިހާ ގެއްލުމެއް……” ބަލްޤީޝްގެ ޒަމީރު އޭނައަށް ވިސްނާދީފިއެވެ. އޭނަ މިރޭ ވެގެން ދިޔަ ހުރިހާ ކަމެއްގެ ޒިންމާ އެޅުވީ މިޝްޔާގެ ބޮލުގައެވެ. ރާކިންއަށް ”ދައުވަތު” ދިން މީހަކީ މިޝްޔާ އެވެ! އޭނަ މިޝްޔާގެ ހާލާ މެދު ވިސްނާލަން ވެސް ހިތަކަށް ނޭރިއެވެ. މިޝްޔާގެ ބަނޑުގައިވާ މާމަ ދަރިފުޅާ މެދު ވެސް މެއެވެ. އެއަށްވުރެ ހިތުގައި މިޝްޔާއަށް ޓަކައި އުފެދިފައިވާ ރުޅިވެރިކަމާއި ނަފްރަތު ބޮޑެވެ.
****
ޑޮކްޓަރުންނަށް ވެސް މިޝްޔާގެ ބަނޑުގައި އޮތް ދަރިފުޅު ސަލާމަތެއް ނުކުރެވުނެވެ. ދަރިފުޅު ނެގި އިރުވެސް އޮތީ ނިޔާވެފައެވެ. ޢާއިލާއަށް ލިބިފައިވާ ހިތާމަތަކަށް އެކަމުގެ ސަބަބުން އިތުރު ބޮޅެއް އިތުރު ވެގެން ދިޔައެވެ. ނުވީތާކަށް މިޝްޔާގެ ހާލަތު ސީރިޔަސްވިއެވެ. ގިނަ އަދަދެއްގެ ލޭ ވެސް ބޭނުން ވިއެވެ. އެކަން ފޫބައްދާލަ ދިނީ ނަވްރަސް އެވެ.
މިޝްޔާ ދުނިޔޭގައި އޮތީ ލައިފްސަޕޯޓިންގް މެޝިންގެ އެހީގައެވެ. ހާލު ގޯސްވެ އުދުހުމުގެ ހުއްދައެއް ވެސް ޑޮކްޓަރުން ނުދެއްވިއެވެ. އެކަމާ ޖުވޭރިޔާ ރުޅިއައިސް ޑޮކްޓަރުންނާ ދިމާއަށް ވެސް އެއްޗެހި ކިޔައިގަތެވެ.
”ޔޫސުފް، މިޝޫ ބޭރަށް ގެންދެވޭނެ ގޮތް ހަދާބަލަ، މިތާނގަ އޮތްނަމަ މިޝޫއަށް ރަގަޅު ފަރުވާއެއް ނުލިބޭނެ….” ޖުވޭރިޔާ ޔޫސުފްގެ މޭގައި މޫނު ފޮރުވާލައިގެން ގަދަޔަށް ރޮމުން ދިޔައެވެ. ޔޫސުފްއަށް ވެސް ވަނީ ރޮވިފައެވެ. ގޮނޑީގައި އިށީންދެލައިގެން އިން ދީމް ވަނީ ގަބުވެފައެވެ. ލިބުނު ފުން ހިތާމައިގެ ސަބަބުން އޭނަގެ ސިކުނޑި ވަނީ ހުއްޓުމަކަށް އައިސްފައެވެ. އޭނަގެ ގާތުގައި ޔޫޝައު އިންއިރު އެމޫނު ވެސް ވަނީ މިލައިގެން ގޮސްފައެވެ.
ރަސަލް މިޝްޔާއާއި އިޒްކާންގެ ހާލު ބަލަމުން ދިޔައެވެ. ބަލްޤީޝް އެންމެ ފަހަރަކު ވެސް މިޝްޔާގެ ހާލު ބާލާލަން ނައެވެ. އޭނަ އިނީ އިޒްކާންގެ އަތުގައި ހިފަހައްޓާލައިގެން އިޒްކާން ބާއްވާފައި އޮތް އެނދު ކައިރީގައެވެ. އިޒްކާން އޮތީ ހޭނައްތާ އިންޖަކްޝަނެއްގެ އެހީގައި ނިންދަވާފައެވެ. އޭނަގެ ބުރަކަށްޓަށް ބޮޑެތި ޒަހަމްތަކެއް ލިބިފަކާ ނެތެވެ. އިޒްކާންގެ ނަސީބު ރަގަޅު ކަމަށް ޑޮކްޓަރުން ބުންޏެވެ. އެހެނަސް ހަށިގަނޑުން ބޭރުވި ލޭގެ ސަބަބުން ލޭގެ އައިވީއެއް ގުޅާފައި ހުއްޓެވެ.
****
”އިޒްކާން ކީއްވެގެންތަ މިޝޫ ސަލާމަތްކުރަން ނޫޅުނީ؟، އަހަރުމެންނަށް ނުގުޅީ ކީއްވެ؟… އެއޮތް ނާޒުކު ވަގުތުގައި ވެސް އޭނަ މަސައްކަތްކުރީ ރާކިންއަށް އަނިޔާ ކުރެވޭތޯ!… އެންޑް ހީ ޖަސްޓް ލެފްޓް މިޝޫ ޓު ޑައި!… އޭނަ މިޝޫ ވެއްޓުނަ ނުދީ ސަލާމަތް ނުކުރީ ކީއްވެ؟…. ރާކިންގެ ކަންތައް އެހާ މައްޗަށް ދިޔައިރު ވެސް އޭނަ ހުރީ ސިއްރުކޮށްގެން، އެއްވެސް ކަމެއް ނުކޮށް، ފުރަތަމަ ވެސް ފުލުހަށް ރިޕޯޓް ކުރިނަމަ، ނަމަވެސް އޭނަ ބޭނުންވީ ތިމާގެ މޮޅުކަން ދައްކަން، އެންޑް މިޝޫ ހެޑް ޓު ޕޭއި ފޯރ އޯލް ދެޓް……. އެދުވަހު ވެސް ބުނީ ކޮންމެހެން ބުނަން ޖެހުނީމަ……. މިހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އިޒްކާން!…. އޭނަ ނަގަން ޖެހޭ ފިޔަވަޅު ނެގިނަމަ މިއަދު މިޝޫ ހެޔޮ ހާލުގައި ހުރީސް…….” ދީމްގެ ހިތަށް އެތައް ހާސް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. އޭނަގެ ހިތް ކުށްވެރިކުރަމުން ދިޔައީ އިޒްކާން އެވެ.
****
ފުލުހުންގެ ތަހުގީގުން ކަން ހިނގި ގޮތް އޮޅުން ފިލައިގެން ދިޔައެވެ. ރާކިން މިޝްޔާ ރޭޕް ކުރަން އުޅުނު ކަމާއި އިޒްކާން އޭނަގެ މަސައްކަތަށް ހުރަސް އެޅުމުން ހިނގައި ދިޔަ މާރާމާރީއެއްގެ ތެރޭން މިޝްޔާ ކޮއްޕާލެވުމުން އެހިތާމަވެރި ހާދިސާ ހިނގީ ކަމަށެވެ. ރާކިން ހުރިހާ ކަމަކަށް އެއްބަސް ވިއެވެ. މިކަން ޤަބޫލު ނުކުރީ ހަމައެކަނި ދީމް އެވެ.
ރާކިންއަށް ފަރުވާ ދީގެން ފުލުހުންގެ ބެލުމުގެ ދަށުން އަވަސްފަރުވާ ދޭ ކޮޓަރިން ނެރެވުނު ހިނދު ޖުވޭރިޔާ ހީވީ މޮޔަވި ހެންނެވެ. އޭނަ ދުއްވައިގަންނަން އުޅުނީ ރާކިންއާ ދިމާއަށެވެ. އޭނަ ދުވަހަކު ރާކިންއަށް މާފެއް ނުކުރާނެއެވެ. ލޯބިވާ ދަރިފުޅުގެ އުފާވެރިކަން ނަގާލި މުޖުރިމަށް މާފް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟
”ކީއްވެ؟… އަހަރެންގެ ދަރިފުޅުގެ ކުށަކީ ކޮބާ؟….” ޖުވޭރިޔާ ރާކިންއާ ދިމާއަށް ދާން އުޅުމުން ޔޫސުފް އެކަމަށް ހުރަސް އެޅިއެވެ. ޔޫސުފް ރާކިންއަށް ފުރަގަސް ދެމުން ޖުވޭރިޔާގެ ގައިގައި ބައްދާލިއެވެ. ޖުވޭރިޔާ ރޮމުން ދިޔައިރު ޔޫސުފްގެ އަތުގެ ތެރެއަށް ރޫޅިގެން ހިނގައިދާނެހެން ވެސް ހީވިއެވެ.
ދީމްއަށް މަޑަކުން ނީދެވުނެވެ. ގޮނޑުބަރި ކައިރިން ލާފައި ރާކިން ގެންދަން އުޅުމުން އޭނަ ތެދުވެއްޖެއެވެ. އަދި ބަލާކަށް ނުހުރެ ރާކިންގެ ގަޔަށް ބޮލަށް އަރައިގަތެވެ. ”ކަލެއާއި އެއިޒްކާން ބޭނުންވި ގޮތަށް ކަންތައް ވެއްޖެ ދޯ؟… ކަލޭމެން ދެމީހުން ރާވައިގެން ކުރިކަމެއް ދޯ؟… މިޝޫގެ ކޮން ކުށެއްތަ އޮތީ؟….” ދީމް ދުރުކުރަން ޔޫޝައު އުޅުމުން އޭނަގެ ރުޅިގަނޑު ހައްތާވެސް ވީ ގަދަޔެވެ. ޔޫޝައު ދީމްގެ މެދުހަށީގައި ހިފަހައްޓަމުން ގެނެސް މޭގައި ޖައްސާލިއެވެ. ދެފަހަރަކު ގަދަހަދާފައި ދީމް ހިމޭންވިއެވެ. ދެން އިވެން ފެށީ ދީމްގެ ރުއިމުގެ އަޑެވެ.
(ނުނިމޭ)
8 Comments!
Comments are closed.
v v v v reethi mi part vx…waitin 4 the next part……goodluck..
yeyyyy heyyyyyyy again i am the first
hehehehee
Me first yayyyy
v nyc…cant wait for next part
Vaaarrrrraaaaaaaaahhhhhhh ryyyyyyyttthhhhhhhiiiiiii…. come on dheem kurimathin dhimaalah hekkaa eku fennan huri kanthah balainugannany kyvve… balgys vesss dhen boduvaru dho… e raakin ibilys kuri kanthakah ebbas veemaves mishya fakyrah nafrathu kuran … one blames izkaan the other one blames mishya… very nice…
Woooowowowowoo love love love this story.. lara ge minnu ge diaryah fahu kiyey emme emme reethi eh vaahaka… dhen ekm reethi gothakah vaahaka ninmmaadheythi please
Wow the story is awesomeness 😛 😛 hehehe love it 😀 😀