
ފޮހެވޭނޭ ބާއޭ… 39
ތުރުތުރު އަޅަމުން ދިޔަ އަތަކުން މިޝްޔާ ފުރަތަމަ ވެސް ބެލީ އޭނަގެ ހަށިގަނޑު ނިވާކުރެވޭތޯ އެވެ. ގަމީސްކޮޅުގެ ގޮށްތައް އެޅުވުނުއިރު އޭނައަށް ގިސްލެވެނީއެވެ. ލޮލަށް ޖަމާވެފައިވާ ބޮޑެތި ކަރުނަތިކިތައް ފުލުފުލުން ފައިބަމުން ދިޔައެވެ. ބިރުން ގޮސް މީހާ ހުއްޓިދާނެހެން ވެސް ހީވެއެވެ. ރާކިން އިނީ މިޝްޔާއަށް ބަލާށެވެ. ހަމަޖެހުމުގެ އަސަރު އެމޫނުމަތިން ފާޅުވެއެވެ. ތުންފަތްމަތީގައި ސިއްރުވެރި ހިނިތުންވުމެއް ވެސް ވެއެވެ.
މިޝްޔާއަށް އޭނަގެ ކަރުން ނަގަމުން ދިޔަ ދިލަ އިހުސާސްކުރެވެއެވެ. މުޅި ހަށިގަނޑުގައި ވޭން އަޅާ ކަހަލައެވެ. މިޝްޔާއަށް ކަރުގައި ފިރުމާލެވުނީ ބޭއިހްތިޔާރުގައެވެ. އަތް ދުރުކޮށްލެވުނު ހިނދު ލޭގެ ނިޝާން ވެއެވެ. މިޝްޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވީ އިތުރެވެ. މިޝްޔާ ބުރުގާ ރަގަޅުކޮށްލަމުން އެތެރެއަށް ނޭފަތް ދަމާލިއެވެ. ކަރުނަތައް އަމިއްލަ ބާރުގެ ދަށަށް ގެނެވުނުކަމަކަށް ނުވިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލީ ގިސްލުމުގެ އަޑު ބޭރުވިޔަ ނުދިނުމަށެވެ. އޭނަގެ ގިސްލުމުގެ އަޑުން ވެސް ކުރިމަތިން ފެންނަން އިން ޝައިތާނާއަށް އަސަރެއް ނުކުރާނެކަން އެނގޭތީއެވެ. މިޝްޔާގެ ސިކުނޑިވަނީ ހައިޖާނެއްގެ ތެރޭގައެވެ. އޭނަ ރާކިންގެ ޝަރުތާ އެއްބަސް ވީ ހިތާއި ދެކޮޅަށެވެ. ސަލާމަތާއެކު ކާރުން ނިކުމެވެން އޮތް ހަމައެކަނި ގޮތަކީ ވެސް އެއީއެވެ.
މިޝްޔާގެ ލޯބީގައި ދީވާނާވެފައި ހުރި ރާކިންއަށް މިޝްޔާގެ ވާހަކަތަށް ޤަބޫލު ކުރެވުނެވެ.
”މިޝްޔާ ރޯވަރުގެ ކަމެއް އަދި އަހަރެން ނުކުރަމެއްނު، އެކަމަކު މާހުޝިޔާރުވާން އުޅެފިއްޔާ ރޯން ޖެހިދާނެ…” ރާކިން މިޝްޔާގެ އަތުގައި ހިފަން އުޅުމުން މިޝްޔާ އެއަތް ފޮޅުވާލިއެވެ. އެއާއެކު ރާކިން ޖެހީ ހިނިގަނޑެކެވެ. ނަމަވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި ހުނުން ހުއްޓާލައި އޭނަގެ ހަރުކަށިކަން ދައްކާލައިފިއެވެ.
”ހަނދާން ކުރާތި އެއިޒްކާން ގާތު އެއްވެސް ވާހަކައެއް ބުނަން އުޅެފިއްޔާ އަހަންނަށް އުނދަގޫކަމެއް ނޫން އޭނަގެ ފުރާނަ ދުއްވާލުމަކީ، އަހަރެން މިޝްޔާއަށް ދޭނީ ދެހަފްތާގެ މުހުލަތު، ނޫން އެއްހަފްތާ، ނޫން ދެދުވަސް…. ދެދުވަސް ތެރޭގަ ޖެހޭނީ އޭނައާއި ވަރިވާން… އެހެންނޫންނަމަ އަހަރެންގެ ހަޤީޤީ ކުލަ ދައްކާލާނަން!…….. ކީއްވެތަ މިޝާ އަހަރެން ދެކެ ބިރުގަންނަނީ؟، އަހަރެންގެ ކޮން އުނި ސިފައެއްތަ ހުރީ… އަހަރެން ވާހަކަދައްކާއިރު އަހަރެންގެ މޫނަށް ބަލާބަލަ!، މިޝާ ހިތްފުރޭވަރަށް އަހަރެން ލޯބި ދޭނަމޭ، ހިތްހަމަނުޖެހޭ ކަމަކާ ދުވަހަކު ވެސް ކުރިމަތިލާކަށް ނުޖެހޭނެޔޭ….. އެއިޒްކާންއަށް ވުރެ ބޮޑަށް މިޝްޔާ ދެކެ ލޯބިވާނަމޭ، ބަނޑުގައި ތިއޮތް ދަރިފުޅު ދެކެވެސް ލޯބިވާނަމޭ، ބައްޕައެއްގެ ލޯބި ދޭނަމޭ… އަހަންނާއެކު އުޅެން ފެށުމުން މިޝާއަށް އެނގޭނެ އަހަރެންގެ ރަގަޅު ކަން، ލޯބި ވާވަރު…” ރާކިން ހަރުކަށިކަން އިސްކުރަމުން އައިސް ވާހަކައިގެ ރާގު ބަދަލުކޮށްލިއެވެ. އޭނަ މިޝްޔާއާއި ދެން ވާހަކަދެއްކީ ނިކަން ލޯބިންނެވެ. މިފަހަރުވެސް ރާކިން މިޝްޔާގެ އަތުގައި ހިފާލަން އުޅުމުން މިޝްޔާ އެއަތް ފޮޅުވާލިއެވެ.
”އަހަ… އަހަރެން ބޭނުންވަނީ ގެއަށް ދާން….” މިޝްޔާ ކުރެހިފައިވާ އަޑަކުން ބުންޏެވެ. އޭނަ ކާރުން ފައިބަން ދިމާކޮށްލުމުން ރާކިން އެކަމަށް ހުރަސް އެޅިއެވެ.
”އަހަރެން ގެންގޮސްދީފާނަމޭ، ބަލިއިރު ހިނގާފަ އުޅޭކަށް ނުވާނެ…” ރާކިން ހިނިތުންވުމަކާއެކު ބުންޏެވެ.
ރާކިންގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލާނަމޭ މިޝްޔާގެ ހިތަށް އެރިއެވެ. އޭނަ އެކަނި ހާލާއިގެން އިން ނަމަ މިހާރު އެކަން ކުރީހެވެ. ނަމަވެސް ބަނޑުގައިވާ ދަރިފުޅާއި މެދު ވިސްނަން އެބަޖެހެއެވެ. އެއީ އޭނައާއި އިޒްކާންގެ ލޯބީގެ ބަގީޗާގައި ފޮޅުނު ފުރަތަމަ މަލެވެ. އެލޯބީގެ ފުރިހަމަކަމުގެ ނިޝާނެވެ. އެނިޝާނަށް ކުޑަވެސް ގެއްލުމެއް ލިބުމުގެ ކުރިން އޭނަ ފުރާނަ ވެސް ޤުރުބާން ކުރާނެއެވެ.
މިޝްޔާގެ ކަންފަތުގައި އެވަގުތު ގުގުމާލީ ނަވްރަސް ދެއްކި ވާހަކަތަކެކެވެ. ބިރުން އުޅުމުން އޭނައަށް އުނދަގޫކުރަން ރާކިންއަށް އިތުރު ހިތްވަރެއް ލިބިގެން ދާނެ ކަމެވެ. އޭނަ ޖެހޭނީ އެބިރާ ކެރިގެން ކުރިމަތިލާށެވެ. އަންހެނުންނަކީ ފިނޑިބައެއް ނޫނެވެ.
މިޝްޔާ ވިސްނާލިއެވެ. ނަވްރަސް ބުނީ ތެދެކެވެ. ކުރިންވެސް އެފަދައިން ކަންތައް ކުރެވުނު ނަމައެވެ. ފުލުހަށް ރިޕޯޓްކުރެވުނު ނަމައެވެ. އެހެންނޫންނަމަ މިއަދު މިހާދިސާއާއި ކުރިމަތިލާން ވެސް ނުޖެހުނީހެވެ. އޭނަގެ ހަށިގަނޑުގައި ހާމަކަން ބޮޑުގޮތެއްގައި އެހެން ފިރިހެނަކަށް އަތްލުމުގެ ފުރުސަތު ވެސް ނުލިބުނީހެވެ. މިޝްޔާއަށް ރޮވުނީއެވެ. އިޒްކާންއަށް އަނިޔާއެއް ލިބެން އޭނަ ނޭދެއެވެ. ބަލިކަށި ވާކަށް ވެސް ބޭނުމެއް ނޫނެވެ. ހިތްވަރުކުރަން ބޭނުމެވެ. އެހެނަސް ރާކިންއަކީ ނުރައްކާތެރި މީހެކެވެ. އޭނަ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެއެވެ. ހިތްވަރު އެލެނީ އެހިސާބުންނެވެ.
”ޔާ ﷲ، މިއަޅާ މިމުސީބާތުން ސަލާމަތްކޮށްދެއްވާ ފާނދޭވެ… ނުބައި ނުލަފާމީހުންގެ އަތްދަށުން މިއަޅާ ރައްކާތެރިކޮށްދެއްވާ ފާނދޭވެ…..” މިޝްޔާ މާތް ﷲއަށް ދުޢާކުރިއެވެ. އޭނަ މާތްﷲގެ ރަހުމަތުން އުއްމީދު ކަނޑާނުލާނެއެވެ. އެކަލާނގެއި އަނިޔާ ލިބިގެންވާ މީހާގެ ދުޢާ އިޖާބަ ކުރެއްވުމުގައި އަވަސްވެވޮޑިގަންނަވާ އެއްކައުވަންތަ އިލާހެވެ. ދުޢާކުރަން ފެށުމުން މިޝްޔާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބި މީހާ ހަމައަކަށް އެޅިގެން ދިޔައެވެ.
”ހާދަ ވަރަކަށް ތި ވިސްނަނީ؟….” ރާކިން މިޝްޔާއަށް ބަލަން އިނދެ ބުންޏެވެ. ”މިޝާ ތިހާވަރަށް ނުވިސްނިޔަސް އިޒްކާންއާ ވަކިވާން ސަޅި ގޮތެއް މަ ބުނެދީފާނަމޭ….” ރާކިން އިއްވާލިއެވެ. މިޝްޔާ އިނީ ހިމޭނުންނެވެ.
”އަހަރެން ބުނެފީމެއްނު ގެއަށް ދާށޭ ބޭނުމީ….” މިޝްޔާ ތަކުރާރު ކޮށްލިއެވެ.
ރާކިން މިޝްޔާ ބުނި ފަދައިން ކަންތައްކޮށްދިން ހިނދު ލިބިފައިވާ ހިތްހަމަޖެހުމެއްގެ ސަބަބުން މިޝްޔާގެ ހިމޭންކަން އޭނައަށް ރަގަޅަށް ދޭހައެއް ވެސް ނުވިއެވެ. އޭނަގެ ވިސްނުމާއި ފިކުރު މުޅިން އެހެން ކަމެއްގެ ތެރޭގައި އޮޔާބެހެނީއެވެ.
ހިމޭންކަމާއެކު މިޝްޔާ ވިސްނަމުން ދިޔައީ ރާކިންގެ ފަރާތުން އޭނަގެ ޢާއިލާ ސަލާމަތްކުރާނެ ގޮތަކާ މެދުގައެވެ. ނަވްރަސް އާއި އިޒްކާންގެ އެހީ އޭނައަށް އިންތިހާއަށް ބޭނުމެވެ.
****
ގެއަށް އާދެވުމާއެކު ފުރަތަމަ ވެސް މިޝްޔާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އޭނަގެ ފިޔަވަޅުތައް ވެސް ބާރެވެ. އޭނަގެ މޫނު އެއްވެސް މީހަކަށް ފެންނަން ބޭނުން ނުވާތީއެވެ. މިޝްޔާއަށް ކޮޓަރިއަށް ވަދެވުމުން އޭނަ ދޮރު ތަޅުލިއެވެ. އެއާއެކު އޭނައަށް ދޮރު ކައިރިއަށް ތިރިވެވުނެވެ. ދެއަތުން މޫނު ފޮރުވާލެވުނެވެ. އޭނަ އެހާ ފިނޑިވީ ކީއްވެގެން ހެއްޔެވެ؟
”ޒޭން އައީމަ ހަޤީޤަތް ހާމަކުރާނީ، ހީޒް ދި އޮންލީ ވަން ހޫ ކޭން ހެލްޕް މީ….. ޒޭންއާއި ވަކިވާން ވެއްޖެނަމަ އަހަރެން މޮޔެވެދާނެ، ޒޭން ޕްލީޒް ކަމް ސޫން، ވީ ނީޑް ޔޫ….” މިޝްޔާ އިޒްކާންއަށް ގުޅިއިރު ފޯނެއް ނުނަގައެވެ. އެއާއެކު އިޒްކާން ހުންނާނީ މީޓިންގްއެއްގައި ކަން މިޝްޔާއަށް ވިސްނިއްޖެ އެވެ.
****
އިޒްކާންގެ އިންތިޒާރުގައި ހުރި މިޝްޔާ އެނދުގައި ޖައްސާލިއިރަށް ނިދުނީއެވެ. މިޝްޔާއަށް ނިދިފައި އޮތްވާ ތަޅުގައި މީހަކު ހިފާލިހެން ހީވިއެވެ. އޭނަ ފުރަތަމަ ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މޫނަށް ވެރިވެފައި ވި މާޔޫސްކަމާއި އުދާސްކަން ފިލައިގެން ހިނގައްޖެއެވެ. އޭނައަށް އެނދުން ތެދުވެވުނު ގޮތެއް ވެސް ނޭގެއެވެ. ދުވެލާފައި ގޮސް އޭނަ ދޮރު ހުޅުވާލުމާއެކު ސިއްރުން އެތެރެއަށް ދެމިގަތީ އިޒްކާންއެއް ނޫނެވެ. އެއީ ރާކިން އެވެ. މިޝްޔާއަށް ހަޅޭއްލެވުމުގެ ފުރުސަތު ނުލިބެނީސް އޭނަ އެތެރެއަށް ވަދެ މިޝްޔާގެ އަނގައިގެ މަތީގައި އަތް އަޅައިފިއެވެ. ދެން އިވިގެން ދިޔައީ ކޮޓަރި ތަޅުލި އަޑެވެ.
މިހުރިހާ މަންޒަރެއް ސިޑިން މައްޗަށް އެރި ބަލްޤީޝްއަށް ފެނި ހުއްޓުން އެރިއެވެ. ފެނުނު މަންޒަރު އޭނައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ބަލްޤީޝްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދާން ނެގީ މަދު ސިކުންތުކޮޅެކެވެ. ބަލްޤީޝްއަށް ފެނުނީ ހަމައެކަނި އެމީހަކު ކޮޓަރިއަށް ވަންތަނެވެ. ބަލްޤީޝްއާއެކު ހުރި މާހުތާބް ހުރީ ދެލޯ ތަންމިނަށް ބޮޑުކޮށްލައިގެންނެވެ. އަނގަމަތީ އަތްއަޅާލައިގެން ހުރެ އޭނަ އިޒްކާންގެ ކޮޓަރީގެ ދޮރާ ދިމާއަށް ބަލަން ހުއްޓެވެ.
”މިފަދަ ރަނުގެ ފުރުސަތެއް އަހަންނަކަށް ނުލިބޭނެ….” މާހުތާބް ބޭނުންވީ ބަލްޤީޝްގެ ވިސްނުމާ ކުޅެލާށެވެ. އެހިތުގައި މިޝްޔާއަށް ޓަކައި ނަފްރަތު އުފައްދާށެވެ. ފެނުނު މަންޒަރުން ބަލްޤީޝް ހުންނާނީ ޝައްކެއްގެ މަތީގައި ކަން އޭނައަށް އެނގެއެވެ.
”އެ އަލަށް ގެނައި ޑްރައިވަރު ސަމީރު ދޯ؟، އޭނަ ކީއްވެ މިޝްޔާގެ ކޮޓަރިއަށް އެވަނީ؟، އިޒްކާން ގޭގަ ވެސް ނޫޅޭ ގަޑިއެއްނު މީ…. ކީއްވެގެންތަ ކޮޓަރީގެ ދޮރު ތަޅުލި އަޑު އިވުނީ…” މާހުތާބް ބުންޏެވެ. ބަލްޤީޝް ހުރީ ހުއްޓުން އެރި ގޮތަށެވެ. އޭނައަށް މާހުތާބްގެ ޖުމްލަ އަޑު އިވުނެވެ. ބިރުގަތީ ހިތުގައި އޮތް ޝައްކު ޔަޤީނަށް ބަދަލު ވެދާނެތީއެވެ.
”ސުހުބާނަﷲ!… އަނެއްކާ މިޝްޔާ…….” މާހުތާބްއަށް އޭނަގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ބަލްޤީޝް ރުޅިވެރިކަމާއެކު އޭނައަށް ބަލާލުމުންނެވެ. މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ބަލްޤީޝް މިހާ ދަގަޔަށް ރުޅިއައިސްފައި ހުއްޓާ އޭނައަށް ފެނުނު މީ ފުރަތަމަ ފަހަރެވެ.
”ހުއްޓާލާ!…” ބަލްޤީޝް ރުޅިވެރިކަމާއެކު އިއްވާލިއެވެ.
މާހުތާބްގެ ވާހަކަތައް ޤަބޫލުކުރަން ބަލްޤީޝްގެ ޒަމީރު ދެކޮޅު ހެދިއެވެ. އެއީ ދޮގެކެވެ. އެހެންވެގެން ނުވާނެއެވެ. އޭނަ މިޝްޔާއަށް ކުރާ އިތުބާރު މިޝްޔާ ފުނޑުފުނޑުކޮށްނުލާނެ އެވެ. މިޝްޔާއަކީ އެފަދަ ކުއްޖެއް ނޫނެވެ. ބަލްޤީޝް ބޭނުންވީ ފެނުނު މަންޒަރު ދޮގުކުރާށެވެ. އޭނަގެ ހިތާއި ސިކުނޑި ވަރުގަދަ ހަނގުރާމައެއް ފެށި ކަހަލައެވެ. ބަލްޤީޝް ހަޤީޤަތުގައި ހުރީ އޭނަ މިޝްޔާ ދެކެމުން އައި ނަޒަރިއްޔާތު ބަދަލުވެދާނެތީ ބިރުންނެވެ.
ބަލްޤީޝް ބާރު ފިޔަވަޅުތަކެއްގައި ދިޔައީ އިޒްކާންގެ ކޮޓަރިއާއި ދިމާއަށެވެ. ބާރުބާރަށް ދޮރުގައި ތަޅައިގަތްތަނާ އިވުނީ އެއްޗެއް ވެއްޓުނު އަޑެވެ. ބަލްޤީޝްގެ ހިތުގައި ރުޅިވެރިކަން އުފަންވެގެން ދިޔައެވެ. މާހުތާބް ހުރީ އެއަލިފާންގަނޑަށް ތެޔޮއަޅަންށެވެ.
”މިކަމެއް ހިނގާކަން އިޒްކާންއަށް ފަޅާއެރީމަ ކަންނޭގެ ކުއްލި ގޮތަކަށް ބޭރަށް ބަދަލުވާ ވާހަކަ ބުނީ ވެސް، ކޮންފަދަ މަކަރުވެރި އަންހެނެއް…” މާހުތާބް އިތުރުކޮށްލިއެވެ. ލިބުނު ފުރުސަތުގައި ހިތުގައި މިޝްޔާއަށް އޮތް ރުޅިވެރިކަން މާހުތާބް ބޭރުކޮށްލަމުން ދިޔައެވެ. މިޝްޔާގެ އަގުވައްޓާލަން އޭނަ ފުރުސަތަކަށް ބަލަބަލާ ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ؟ ހީވެސް ނުކޮށް ހުއްޓާ އޭނައަށް ލިބުނު ފުރުސަތު ނިކަން ދެކިބަލާށެވެ.
”މިޝްޔާ މިދޮރުހުޅުވަބަލަ!…” ބަލްޤީޝްގެ ހަރުކަށިކަން އެކުލެވިގެންވާ އަޑު އިވިގެން ދިޔައެވެ. މާހުތާބް ދައްކަމުން ދިޔަ ވާހަކައިން ބަލްޤީޝްގެ އެތެރެހަށިން ދިލަ ހޫނުކަމެއް ބޭރުވާހެން ހީވެއެވެ. ފާއިތުވަން ފެށި ކޮންމެ މިނެޓަކާއެކު އޭނަގެ ޝައްކު ޔަޤީނަށް ބަދަލުވާން ފެށި ކަހަލައެވެ.
”މިޝްޔާ!….” ބަލްޤީޝް ހަޅޭއްލަވާ އަޑަށް ދީމް ވެސް ކޮޓަރިން ނިކުމެގެން އައިސްފިއެވެ. އޭނަގެ ފަހަތުން ޔޫޝައު ވެސް އައެވެ. ”މަންމާ ކިހިނެއް ވީތަ؟….” ޔޫޝައުއަށް އަހާލެވުނެވެ.
”ވެގެން އުޅޭ ގޮތެއް އެނގޭނެ މި ދޮރު ހުޅުވުނު އިރަކުން، މިޝްޔާ މިދޮރު ހުޅުވާށޭ، ދޮރު ތަޅުލައިގެން ކީއްތަ ތިކުރަނީ!….”
”ބަލަ އަޑެއް ނީވޭތަ؟… މިޝްޔާ!…”
ރަސަލްއާއެކު ގޭގެ މައިދޮރުން އެތެރެއަށް ވަން އިޒްކާންއަށް މަންމަގެ އަޑު އިވި މޭގަނޑަށް ފިނިވެގެން ދިޔައެވެ. އޭނައަށް ދުއްވައިގަނެވުނީ ސިޑިއާ ދިމާއަށެވެ. އިޒްކާންގެ ފަހަތުން ކަހަލަ ގޮތަކަށް ރަސަލް ވެސް ދިޔައެވެ.
”މަންމާ ކިހިނެއްތަ ވީ؟…” އިޒްކާން އެމީހުންނާ އަރާހަމަކުރަމުން ސުވާލު ކުރިއެވެ. އޭނަގެ އަޑުގައި ވަނީ ހާސްކަމެވެ. އޭނަގެ ހިތުގެ ތެޅުން ވަނީ އިންތިހާއަށް އަވަސް ވެފައެވެ. މިޝްޔާއަށް ކަމެއް ވެއްޖެކަމަށް އޭނަގެ ހަވަނަ ހިއްސު އިންޒާރު ދޭން ފަށައިފިއެވެ. ގެއަށް އައި މަގުމަތީގައި އޭނަ ގުޅުމުން މިޝްޔާ ފޯނަށް ޖަވާބު ނުދިނުމުން ވެސް އޭނަ ހުރީ ނުތަނަވަސް ވެފައެވެ.
”އިޒްކާންގެ އަންހެނުން ކުރާ މުޑުދާރު ކަންތަކުން ލަދުން ބޯހަލާކުވާވަރު އެބަވޭ، ހިލޭފިރިހެނަކު ކޮޓަރިއަށް ވައްދައިގެން އެއުޅެނީ، ހުޅުވާށެ ބުނީމަވެސް ހިތަކަށް ވެސް ނާރަޔޭ، މަގޭ ހިތަށް އަރާ ކޮންފަދަ ވިޔާ ނުދާ އުޅުމެއް ލިބިފަ ހުރި އަންހެނެކޭ އެއީ، އަދި އެވެސް މިގޭގެ ޑްރައިވަރާ އެކީ، ޗީ…” ބަލްޤީޝް އައި ރުޅީގައި ފަތިވަރު އަމުނާލިއެވެ. އެޖުމްލަ ވެގެން ދިޔައީ އެތާނގައި ގޮއްވާލެވުނު ބޮމަކަށެވެ.
”މަންމާ!”
އައި ރުޅީގައި އިޒްކާންއަށް ބުނެވުނެވެ. އޭނަ ދެލޮލުގައި ވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. މަންމަ މިޝްޔާގެ ބޮލުގައި އެއަޅުވަނީ ކޮންފަދަ ނުބައި އިލްޒާމެއް ހެއްޔެވެ؟ މަންމައަށް ބުނެވުނު އެއްޗެއް ވެސް ނޭގެނީ ހެއްޔެވެ؟ މަންމަ އޭނަ ގާތު އެބުނަނީ ދުވާލުގެ ވަގުތުގައި މިއީ ރޭގަނޑުކަމަށް ޤަބޫލުކުރުމަށް ހެއްޔެވެ؟ ދުނިޔެއިން އެއްވެސް މީހަކަށް އިތުބާރު ނުކުރެވުނަސް އޭނަ މިޝްޔާއަށް އިތުބާރު ކުރާނެއެވެ. އަނބިމީހާގެ ދިފާއުގައި މައިންބަފައިނާ ވެސް ހަނގުރާމަ ކުރަން އޭނަ ހުރީ ތައްޔާރަށެވެ. އެއީ ދޮގު ތުހުމަތެކެވެ.
”މަންމައަށް ހަޤީޤަތް ނޭގި ވާހަކަ ނުދެއްކުން އެދެން، މިޝޫއަކީ ތިކަހަލަ ކުއްޖެއް ނޫން!….” ދީމް ވެސް ރުޅިއައެވެ. ފުރަތަމަ ފަހަރަށް އޭނަ ބަލްޤީޝް ދެކެ ހިތްހަމަނުޖެހުނެވެ.
”މަންމަ ދައްކާ ވާހަކަ ޤަބޫލު ނުކުރެވެންޏާ ނިކަން މިދޮރު ހުޅުވަބަލަ، ނޭގޭ މިހާރު………..”
”ބަލްޤީޝް، ހުއްޓާލާށޭ!…” ކުއްލިޔަކަށް އިވިގެން ދިޔައީ ރަސަލްގެ އަޑެވެ. އެއަޑުން ބަލްޤީޝް ސިހުނެވެ. މިވީހާތަށް ރަސަލް އޭނައާ ދިމާއަށް ރުޅިއައިސްގެން އެންމެ ލަފުޒެއް ވެސް ބުނެފަކާ ނެތެވެ. މިއަދު މިޝްޔާގެ ސަބަބުން ރަސަލް އޭނަ ދެކެ ފުރަތަމަ ފަހަރަށް ހިތްހަމަ ނުޖެހުނީއެވެ!
”ހެޔޮނުވާނެ އަހަރެން އަތުން ދޫކޮށްލާ، ރާކިން ބުނި ގޮތަށް ކަންތައް ކޮށްދޭނަމޭ އަހަރެން ބުނީމެއްނު…. އިޒްކާން ކުރިމަތީގަ އަހަރެން ބަދުނާމު ނުކުރޭ، އާދޭސްކުރަން، ޕްލީޒް…….” އިޒްކާންގެ އަޑު އިވި މިޝްޔާގެ ހިތް ދިރޭރަހަފޮދަކަށްވެ ނިމިއްޖެއެވެ.
”ބުނީމެއްނު އޭނައާއި ވަރިވާން މަގު ކޮށާދޭނެމާ، ދެން ކީއްވެތަ ޖެހިލުން ތިވަނީ، މިޝާއަށް ކުރަން އުނދަގޫވާނެ ކަންތައް އަހަރަން މިފަސޭހަ ކޮށްދެނީއެއްނު، އެދޮރު ހުޅުވޭ އިރަށް އޭނަ މިޝާ ވަރިކުރާނެ…….” ރާކިން ހިނިތުންވުމަކާއެކު ބުންޏެވެ. އޭނަ ހުރީ މިޝްޔާ ގެނެސް ގަޔާލާ ފިއްތާ ލައިގެންނެވެ. ވާހަކަވެސް ދެއްކިޔަ ދެނީ އުނދަގުލަކުންނެވެ. ފެންނަ މީހަކަށް އެމަންޒަރު ގޯސްކޮށް ސިފަވާނެއެވެ.
”ދޫކުރާށޭ ބުނެފީމެއްނު!…” ކޮންމެ ގޮތެއް ހަދާފައި ވެސް ރާކިންގެ އަތުގެ ތެރޭން ނިކުންނަން މިޝްޔާ ބޭނުންވިއެވެ. އިޒްކާން އޭނައާމެދު ބޭވަފާތެރިއެއްގެ ނަޒަރިއްޔާއިން ނެކޭތަން ބަލަން އެހިތަކަށް ކެތްނުކުރެވޭނެއެވެ. އެދުވަހަކުން އޭނަ ދިރިހުއްޓާ މަރުވާނެކަން ވެސް ގައިމެވެ. އެނާޒުކު ހިތް އެތިކޮޅުތަކަށް ބުރައިގެން ދާނެއެވެ.
އިޒްކާން ބޭނުންވީ މަންމަ އެދެއްކި ވާހަކަ ތަކަކީ ދޮގެއްކަން ހާމަކޮށް ދޭށެވެ. އޭނަ ކޮޓަރީގެ ޑަބަލް ތަޅުދަނޑި ނެގުމަށްފަހު ތަޅުދަނޑިވަޅަށް ކޮއްޕާލިއެވެ. ދެން އިވިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔަ އަޑެވެ. ފެނުނު މަންޒަރާއެކު އެންމެ ތިބީ ގަނޑު ވެފައެވެ.
ރާކިންގެ އަތުގެ ތެރޭން ވީއްލިގަންނަން އުޅުނު މިޝްޔާއަށް ދޮރާދިމާއަށް ބަލާލެވުނެވެ. އޭނައާ ދިމާއަށް ގަނޑުވެފައި ބަލަން ހުރި އިޒްކާން ފެނި މިޝްޔާއަށް ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެދެލޮލުގައިވަނީ ވޭނީ ކަރުނަތަކެކެވެ. އޭނައަށް އިތުބާރު ކުރާށޭ އިޒްކާން ގާތު ބުނާ ކަހަލައެވެ. އޭނައަށް އެހީވެދޭށޭ ބުނާ ކަހަލައެވެ. ކުރިމަތިވެފައިވާ މުސީބާތުން އޭނައާއި ދަރިފުޅު ރައްކާތެރިކޮށްދޭށޭ ބުނާ ކަހަލައެވެ. އިޒްކާންއަށް މިޝްޔާގެ ދެލޮލަށް ބަލަން ހުރެވުނެވެ. އެދެލޮލުގައިވާ ވޭނާއި، ސިހުމާއި، ބިރުވެރިކަމުން އޭނައަށް ކަމެއް ހާމަކޮށްދޭން އުޅޭކަހަލައެވެ.
”ރާކިން!…”
އިޒްކާއަށް މުށްކަވާލެވުނެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނު ހިނދު ރުޅިއައިސް މީހާ ރޫޅިދާނެހެން ވެސް ހީވިއެވެ.
”ކޮބާ ފެނިއްޖެތަ؟ ލަދުން ގޮސް ބޯހަލާކު!…” ބަލްޤީޝް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. އެއަޑަށް ހޭވެރިކަން ވި އިޒްކާން ބާރުބާރަށް ހިނގާލާފައި ގޮސް ރާކިންގެ މޫނަށް ބާރު އެތިފަހަރެއް ވީއްލާލިއެވެ. ޖެހިޖެހީނުން ނޭފަތުން ލޭ އަންނަވަރު ކުރިއެވެ. ރާކިންގެ މޫނަށް އަނދިރިވިއެވެ. ދެން ވެސް އިޒްކާން ދޫކޮށްނުލިއެވެ. ހަތަރުއެތިފަހަރު ޖަހައި ރާކިން ޓައިލްސް މައްޗަށް ވައްޓާލި ގޮތަށް ފައިން ތަޅަން ފެށިއެވެ. ހީވަނީ އޭނަގެ ދެއަތުން ރާކިން މަރާލަ ފާނެހެންނެވެ.
”ކަލޭގެ ތިމިޑުދާރު ދެއަތް އަހަރެން ބިންދާލާނަން…” އިޒްކާން ހުރީ މޮޔަވެފައެވެ. އޭނަގެ ހަނދާނަށް ސިފަވަނީ މިޝްޔާގެ ދެލޮލުން އޮހުނު ކަރުނަތަކެކެވެ. އެއިން ކޮންމެ ކަރުނައެއްގެ އަގު ހޯދަން އޭނަ ބޭނުން ވެއެވެ.
”ޒޭން…” މިޝްޔާ ދުވެލާފައި ގޮސް އިޒްކާން ދުރުކުރުވަން އުޅުނެނެވެ. އޭރު ރާކިން ކުކުރަނީއެވެ. މިޝްޔާގެ ލޮލުގައިވާ ކަރުނަތައް ފެނި އިޒްކާންއަށް ވީ ގޮތެއް ނޭގުނެވެ. އޭނައަށް މިޝްޔާގެ ގައިގައި ބައްދައިގަނެވުނީއެވެ. ދެން އިވުނީ އިޒްކާންއަށް ރޮވުނު އަޑެވެ. އެވަގުތު މިޝްޔާގެ ހިތް ކުދިކުދިވެގެން ދިޔައެވެ.
”މިޝޫ އައެމް ސޮރީ… އޭނަ… އޭނަ….” އިޒްކާންއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. ހިތުގައި އަޅަން ފެށީ ގަދަ ފަދަ ވޭނެކެވެ. އޭނަ މިޝްޔާގެ ގައިގައި ބައްދާލައިގެން ހުރީ ބާރަކަށެވެ. ދުވަހަކު ދޫކުރަން ބޭނުނުވާ ފަދައިންނެވެ. ”ނޫން….” މިޝްޔާއަށް ބުނެވުނެވެ. އެޖުމްލައިން އިޒްކާންގެ ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ގެނެސް ދިނެވެ.
”ކަލޭ ހީކުރީތަ އަހަރެން ކަލޭ ދޫކޮށްލާނެ ކަމަށް؟، ނޫން!…. ކަލޭގެ އުނދަގޫ ވަރަށް ގިނަ ދުވަހު މިޝޫއަށް ފޯރައި، ކަލޭ ހަވާލު ކުރާނީ ފުލުހުންނާ…” އުނދަގުލުން ތެދުވާން އުޅުނު ރާކިން ފެނި އިޒްކާން ބުނެލިއެވެ. ދޮރު މަތީ ހުއްޓުންއަރާފައި ތިބި މީހުން ތިބީ ވާނުވާ ނޭގިފައެވެ.
”ބަލަ އަދިވެސް އިޒްކާންއަށް ގޯސްވަނީ އެމީހާތަ؟… އިޒްކާންގެ އަންހެނުންގެ ކުށެއް ނުފެނޭތަ؟، ނޭގޭ މިކަމެއް ހިނގާތާ ވީ ދުވަހެއް ވެސް….” ބަލްޤީޝް ރުޅިވެރި ރާގަކަށް ބުނެއެވެ.
ރާކިން ގުރުގެޅިގެން ކެއްސާލިއިރު އަނގައިން އައީ ލެޔެވެ. އޭނަ މިޝްޔާއާއި އިޒްކާންއަށް ބަލަމުން ދިޔައީ އަލިފާނުގެ ނަޒަރަކުންނެވެ. އޭނަގެ ރޭވުން މިފަދަ ހިތި ގޮތަކަށް ނިމިދާނެއޭ އޭނަގެ ހިތަށް ވެސް ނުގެނެވުނެވެ.
އިޒްކާން ގާތަށް ރުޅިއައެވެ. އޭނަ ރާކިންގެ ވާހަކަ ހިއްސާކުރުމުން އެންމެނަށް ޝޮކެއް ލިބުނެވެ. އެވާހަކަ ޤަބޫލުނުކުރެވުނީ ބަލްޤީޝް އަށެވެ. އޭނަ އިތުބާރުކުރީ ފެނުނު މަންޒަރުތަކަށެވެ. އޭނަ ދުށް ގޮތުގައި ރާކިންއަށް މިޝްޔާ އިޝާރާތެއް ނުދިންނަމަ އެހެން ވެސް ނުވީހެވެ. އެންމެ ހާދިސާއަކުން އޭނަގެ ވިސްނުން މުޅިން ބަދަލު ވެގެން ދިޔަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ރާކިން ގެނެވުނެވެ. ބިރުދެއްކުމުގެ ކުށުގެ ދަށުންނެވެ. މިޝްޔާ ފުލުހުންނަށް ބަޔާން ދިނެވެ. ރާކިންގެ އަތުގައި ބިޑިއަޅުވައިގެން ނެރެވުނު ވަގުތު މިޝްޔާ ދޫކޮށްނުލާނަމޭ ހަރުއަޑުން ބުނެ ހަޅޭއްލަވައިގަތެވެ. އޭނަ އަދި އަންނާނަމޭ ވެސް ބުނެލިއެވެ. އެވަގުތު މިޝްޔާ އިޒްކާންގެ އަތުގައި ހުނިފެހެއްޓިނަމަ އޭނަ ރާކިން މެރީސްކަން ކަށަވަރެވެ.
ކޮޓަރިއަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. މިޝްޔާ ގާތު ދީމްއާއި ޔޫޝައު ތިބުމަށް ފަހު ދިޔައީ އެވެ. އިޒްކާން ކޮޓަރީގެ ދޮރު ތަޅުލަމުން މިޝްޔާއަށް ބަލާލިއެވެ. އެއާއެކު އިޒްކާންގެ ދެލޯ ފެންކަޅި ވިއެވެ. މިއަދު މިޝްޔާ ހާދަ ގިނަ ވޭނެއް ތަހައްމަލްކޮށްފިއެވެ. އޭނައަށް މިޝްޔާއަށް ރައްކާތެރިކަމެއް ވެސް ނުދެވުނެވެ. އޭނަގެ އެހީއަށް މިޝްޔާ ބޭނުންވި ހިނދު އެކަންތައް ވެސް ކޮށްނުދެވުނެވެ. އޭނަ ފިރިހެނަކަށް ވެސް ނުވިތާއެވެ.
(ނުނިމޭ)
14 Comments!
Comments are closed.
varah varh reethi mibaivex….
Vara obi thankolhe avaha anebai up kobaaaaaa
Alhe thanks mihaa avahah up kohdhineema. Next part kiyaa hithun nuves hurevey hama. E raakin gandu athu jehihjiyyaa hama hurihaa than eh kudhi kudhi kohfa dhookuraany. That jerk!! :@ Next part avahah up kohdhehchey. This is the best story ever
Alheyy varah obi mibaivxx. Lov u muthaa ??
Varah reethi
Love
Oh my my i looooooove this story.. aneh part avahah plllllxxxxxxxx
oh my god… plx upload next part sooon.
muthaa thivaruge best writer eh adhi nufeney, u r the best mutha
mi partves v v reethi keep it up!
Best story ever
Vaahakaege anehbai v avahah beynun… Vvv reethi…
Wowwwwww
nice…
can anyone answer meeee
hw izkaaan identifiesss raakin……
i cudnt understand
Salhi